ސިއްހަތު

ހަށިގަނޑުގެ ތަންތަން ކަހައި ހިރުވާނަމަ ގޭތެރެއިން ހޯދިދާނެ ބައެއް ފަރުވާތައް

އީމާ މުހައްމަދު ވަހީދު

އަތާއި ފަޔާއި އަދި ހަށިގަނޑުގެ އެހެން ތަންތަން ކެހުމަކީ އާއްމުގޮތެއްގައި މީހުން ކުރިމަތިލާން ޖެހޭ ކަމެކެވެ. އެގޮތުން މަދިރި ހެފެމުން ނުވަތަ ހޫނު ގަދަ ވެގެން ވެސް ހަންގަނޑު ހިރުވައި ކަހަން މެދުވެރި ވެއެވެ. ހަމަގައިމުވެސް މިފަދަ އާދައިގެ ކުދި ކަންކަމަށް ގެއިން ފަރުވާ ލިބުމަކީ ކޮންމެ މީހަކުވެސް ބޭނުންވާނެ ކަމެކެވެ. އެގޮތުން މަދިރި ހަފައިގެން ނުވަތަ އެހެނިހެން ސަބަބުތަކާ ހެދި ގައިގެ ތަންތަން ހިރުވައި ކަހާނަމަ ހޯދިދާނެ ބައެއް ފަރުވާތަކަށް ބަލައިލަމާ ހިނގާށެވެ.

މާމުޔަކީ އޭގައި އެންޓި ފްލެމެޓްރީގެ މާއްދާއާއި އަދި އެންޓި ބެކްޓީރަލްގެ މާއްދާތައް ހިމެނޭ އެއްޗެކެވެ. އެހެންކަމުން މާމުޔަކީ އާއްމު ގޮތެއްގައި ހަންގަނޑަށް ދިމާވާ ސިއްހީ މައްސަލަތަކަށް ފަރުވާ ދިނުމަށްވެސް ބޭނުން ކުރެވިދާނެ އެއްޗެކެވެ. އެގޮތުން އަތުގައި މަދިިރި ހަފައިގެން ކަހައި ހިރުވާނަމަ އެތަންކޮޅެއްގައި މާމުއި ހާކައިލުމުން ކެހުން މަަޑުވާނެއެވެ. އަދި މާމުއި ހާކާފައި 10 ވަރަކަށް މިނެޓް ބެހެއްޓުމަށްފަހު ފިނިފެންފޮދަކުން ދޮވެލާށެވެ.

އެލޯވެރާއަކީ އާއްމުގޮތެއްގައި ގިނަ ގެތަކުގައި ހައްދާފައި ހުންނަ ގަހެކެވެ. އެގޮތުން އެލޯވެރާއަކީ ހަންގަނޑު ރީތިކޮށް އޮމާން ކުރުމަށްވެސް ވަރަށް ގިނަ ބަޔަކު ބޭނުން ކުރާ އެއްޗެކެވެ. އެލޯވެރާ ގަހުގައި ހުންނަ ފަތުގައި ހުންނަ ޖެލްގައި އެންޓި ފްލެމްޓްރީގެ މާއްދާ ހިމެނެއެވެ. އެހެންކަމުން އެލޯވެރާ ފަތުގެ ޖެލް އަކީ ގައިގެ ތަންތަން ހަލާކުވުމުންނާއި، ކަހާ ހިރުވާނަމަވެސް އެކަމަށް ފަރުވާ ކުރަން ބޭނުން ކުރެވިދާނެ އެއްޗެކެވެ. އެހެން ކަމުން އެލޯވެރާ ފަތަކުން އެތިކޮޅެއް ބުރިކޮށްލައި، އެތަންކޮޅު ފަޅައިލުމުން ފެންނަން އެ ހުންނަ ޖެލްގަނޑު ކަހާތަނުގައި 15 ވަރަކަށް މިނެޓު ވާންދެން ހާކައިލާށެވެ. މި ގޮތަށް ދެތިން ފަހަރަކު ހާކައިލުމުން ކެހުން ކެނޑޭނެ އެވެ. މި ފަރުވާއަކީ ހޫނު ތެއްޔެއް ތަވައެއް ފަދަ އެއްޗެއްގައި ޖެހިގެން ނުވަތަ ހޫނުފެން ފަދަ އެއްޗެއް އެޅިގެން ކުޑަ ކުޑަތަންކޮޅެއް ފިހިގެން އެ ނަގާ ދިލަ ކަނޑައިލަންވެސް ބޭނުންކުރެވޭނެ ފަރުވާއެކެވެ.

ފިޔާ ކޮށައި ހެދުމުން ލޮލުން ފެން އަންނަ ނަމަވެސް ފިޔައަކީ ހަންގަނޑަށް ބޭނުންވާ ބައެއް މާއްދާތައް ހިމެނޭ ބާވަތެކެވެ. އެގޮތުން، ފިޔައިން ދިޔަ ފެލުމަށްފަހު އެ ދިޔަ މަދިިރި ހަފާފައި ހުރި ތަނުގައި ނުވަތަ ހިރުވާ ތަނުގައި ހޭކުމުން ކެހުން މަޑުވާނެއެވެ. މީގެ އިތުރުން ފިޔައިގައި ހިމެނޭ އެންޓި ފަންގަލް މާއްދާގެ ސަބަބުން މަދިރި ފަދަ އެއްޗެހި ހެފުމުން އެވާ އިންފެކްޓް ވުމުންވެސް ރައްކާތެރިކޮށްދެއެވެ.

މަތީގައި ބުނެފައިވާ ތަކެތި ބޭނުން ކޮށްގެންވެސް ރަނގަޅުނުވެ ކެހުން ބޮޑުވާނަމަ ވީހާވެސް އަވަހަކަށް ޑޮކްޑަރަކަށް ދެއްކުމަކީ ވަރަށް މުހިންމު ކަމެކެވެ. މީގެ އިތުރުން ގައިގެ ތަންތަން އަބަދު ކަހައި، ފާރު ވުމަކީ ހަމުގެ މައްސަލައެއް ހުންނަ ކަމުގެ އަލާމާތަކެވެ. އެހެންކަމުން ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ.