ތޭވީސްވަނަ ބައި
"ތިއީ މިހާރުން ފެށިގެން އަހަރެންގެ އަންބެއްނޫން. ވަރިކޮށްފަ ތިހުރީ... ރައްކާވޭ އަހަރެންގެ ކުރިމަތިން" ހިމޭންވެފައިވާ ކޮޓަރި ތެރެއިން އެ އަޑު ސާފުކޮށް އެތެރޭގައި ތިބި އެންމެންނަށް އިވުނެވެ.
ދޮރާށި ހުޅުވާލާފައި ވަން ތިންމައިން ފެނި ސަބްރީންގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވެއްޖެއެވެ. އަލިފުޅުގެ އަތްމަތީގައި އިން ފުށްގަނޑެއްފަދަ ތުއްތު ކުއްޖާ ފެނި ސަބްރީނަށް ހުރިހާ ސުވާލުތަކެއްގެ ޖަވާބު ލިބިއްޖެއެވެ.
"އާދޭ އާދޭ... އަހަރެން ހީކުރީ އެތައް ޒަމާނެއްކޮށްފަ ރަށަށް އައިމަ މިގޭގަ އަޅައިގަތަސް ނޭނގޭނެކަމަށް" ސަބްރީން ބުނެލިއެވެ.
"އަސްލު މަންމަމެންނަށް ނޭނގުނޭ... އަޅުގަނޑު މަގުތައް ކިޔައިދިނީ... މިގެއަށް މިއައީވެސް މަންމަ ކިޔާވަރުން" ކުރީގައި ހުރި ހުޝާމް ވާހަކަދެއްކިއެވެ.
"ބައްސާމް ނޫޅެނީތަ؟ އޭނަވެސް ނުފެންނަތާ ހާދަ ދުވަހެކޭ މިވީ..." ސަބްރީން ދެއްކި ގޮނޑީގައި އިށީންނަމުން އަލިފުޅު ވާހަކަދެއްކިއެވެ.
"މަޣްރިބަށް ފިހާރަ ބަންދުކުރާނެ. އެގަޑީގަ ގެއަށް އަންނާނީ" ސަބްރީން ބުނެލިއެވެ. އަދި އަލިފުޅު އުނގުގައި އިން ކުޑަދިރިފުޅު އުރާލާފައި ލޯބިކޮށްލިއެވެ.
"އަހަރެންނަށް މި މަންޖެ ވައްތަރީ ހުޝާމް އާ.. މިއީ ހަމަ ބައްޕަ... ދޯ.. ހާދަ ރައްޓިއްސޭ ދޯ..." އީޝް އާ ވާހަކަދައްކަމުން ދިޔަ ވަރަކަށް އެކުޑަކުޑަ ދަރިފުޅު ދެއަތް ތަޅުވާ ސަކަރާތް ޖަހަމުން ދިޔައެވެ.
"ރީންދައްތަ އެކަނި ތިހެން ބުނީ" ޙުޝާމް ބުނެލިއެވެ.
"އަސްލު ކަމަކުވެސް ކިޔަންވެފަ އޮތީމައޭ މިއައީ..." އަލިފުޅު ވާހަކަދެއްކިއެވެ. އަނބިމީހާ އަށް ނަޒަރެއް ދީފައި އަލިފުޅު ދެން ބަލައިލީ ސަބްރީނަށެވެ.
"އަހަރެމެން އެހާ ދުވަސްކޮށްފަ އައިރު ގޭ ބައެއް ތަންތަން ހުރީ މަރާމާތުކުރަން ޖެހިފަ. އެހާ ގިނަ އަހަރުތަކެއް ވީމަ ވަރަށް ބޮޑަށް ސާފުކުރަންވެސް ޖެހިފަ ހުރީ. ބައްސާމް ނޫނީ އަހަރެންގެ އެހާ ގާތް އެކުވެރިއެއް ހުރީއެއްނޫން. ހަފްތާއެއްހާ ދުވަހު މިގޭގަ މަޑުކޮށްލަން ކަމަށް" އަލިފުޅު ވާހަކަދެއްކިއެވެ.
"ތިއީ އެވަރުކަމެއް ނޫނެއްނު. ޝާނީވެސް ހުރީއެއްނޫން. ބައްސާމް ގިނަ ވަގުތު އެއުޅެނީ ފިހާރައިގަ. ގިނަ ވަގުތު އަހަރެން އެކަނިމާއެކަނި އުޅެނީ" ސަބްރީން ވާހަކަދެއްކިއެވެ.
"ބައްސާމަށް އިނގޭނެ އަހަރެމެން މިއަދު ރަށަށް އައިކަން. މިރަށުގަ ފަސްގަނޑުގަ ފައިޖެހުމާއެކު އަހަރެން ގުޅީ ބައްސާމަށް" އަލިފުޅު ބުނެލިއެވެ.
"އެހެންވީމަ ކޮންއިރަކުން ބަދަލުވާނީ...؟ އަވަހަށް ފޮށި ހިފައިގެން އާދޭ.. މިކަހަލަ ކުޑަކުޑަ ފުށްގަނޑެއް ހުރީމަ ގޭތެރެ ފަޅުވެސް ފިލާނެއްނު" އީޝްގެ ކޮލުގައި އިނގިލިން ކޮށްޓައިލަމުން ސަބްރީން ބުނެލިއެވެ.
"އެހެންވީމަ ޝިރޫ އީޝް ގޮވައިގެން މިގޭގަ މަޑުކުރޭ. އަހަރެން ދާނަން ގެއަށް ޝާމް ގޮވައިގެން. ބޭނުންވާ ބައެއް ސާމާނުތައް ހުންނާނެއްނު" އަލިފުޅު އޭނާގެ އަންހެނުންނަށް ބުނެލިއެވެ.
ކަރުނަވީ ދެލޮލުން އިރާނިޔާ އުނޭޝްއަށް ނަޒަރު ބަދަލުކޮށްލިއެވެ. އުނޭޝް އެންމެ ޚައިރާންވީ އިރާނިޔާގެ ތުންފަތް މަތީގައިވި ފަނޑު ހިނިތުންވުން ފެނިފައެވެ. އެއަށްފަހު ލަސްލަހުން އޭނާގެ ނަޒަރު ސީދާކޮށްލީ ކައިރީގައި އިން ޙާއިޝާއަށެވެ. އޭނާ ޙާއިޝާ ގާތަށް ޖެހިލިއެވެ. ލޯތްބާއެކު ޙާއިޝާގެ ނިތުގައި ތުންފަތް ޖެއްސިއެވެ. ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެދިނެވެ. ޙާއިޝާއަށް އެއްވެސް ބަހެއް ނުކިޔުނެވެ. ހުރިހާ ކަމެއް ވެގެންދިޔައީ އޭނާގެ ލޯ ކުރިމަތީގައެވެ. ގުމްރޫހްގެ ލޮލުންވެސް ވަނީ ކަރުނަ ނީރާލާފައެވެ. އުނޭޝްގެ ފަރާތުން މިނިވަންވި ކަމުގެ އިހުސާސް ވުމާއެކު އިރާނިޔާގެ ނަފްސަށް ހަމަޖެހުމެއް ލިބިއްޖެއެވެ.
"މަންމާ...!! މިއީ މަންމަ ވަރަށް ހިތްވަރުގަދަކުރަންޖެހޭ ވަގުތެއް. ހުއްޓާލާ... ހެއްދެވިފަރާތް މަތިން ހަނދާންކޮށްލާ. މަންމާ...!! ހުރިހާ ހިތާމައެއް ލިބި ބީރައްޓެހި ރަށަކަށް އަހަރެންނޫންތަ މި ބިކަވީ... އެކަމަކު ބަލައިބަލަ.. އަހަރެންގެ ތުންފަތްމަތިން ފެންނަނީ ހިނިތުންވުމެއްނޫންތަ...؟ އަހަރެން ހިތާމައެއްނުކުރަން މަންމާ...." އިރާނިޔާ ޙާއިޝާ ގެނެސް އޭނާގެ މޭގައި ޖައްސައިލިއެވެ. އިރާނިޔާގެ އެހިތްވަރުގަދަކަން ފެނި އާޝިދްގެ ނަފްސު ބަލިކަށިވެއްޖެއެވެ. އެހެން ބުންޏަސް އެހިތުގައި މިވަގުތު އަޅަމުންދާނެ ވޭން އާޝިދަށް އިހުސާސް ކުރެވެއެވެ.
"އަދޫ...!! ނުރޮއްޗެ. ތިއިން އެއްވެސް ކުއްޖަކާ ދުރަކަށް ދޮންބެދައްތަ ނުދާނަން. ގޮމައާއި ދެކުދިން މަންމަ ވަރަށް ރަނގަޅަށް ބަލާތި. ތަމަންނީގެ ދެވަނަ ޓާގެޓަކީ މަންމަކަން ހަނދާންކުރާތި. މަންމަ ނިކަމެތިވިޔަ ނުދޭތި. އަދޫ! ދޮންބެ މަންމައަށް އެއްވެސް ގޮތެއް ހަދަންދެން ނުހުންނާތި" އިރާނިޔާ އަދްޔަންއާ ވާހަކަދެއްކިއެވެ. އިރާނިޔާ ދެއްކި ވާހަކަތަކާއި ގުޅުވައިގެން ދެތިން ފަހަރަކު ވާހަކަދެއްކޭތޯ ޙާއިޝާ މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އޭނާގެ ދޫ ހަރަކާތް ނުކުރިއެވެ. އޭނާގެ ހިތުގައިޖެހިފައި ވަނީ މާބޮޑުކޮށެވެ.
"ސިޑް... އަހަރެން ގެންދޭ... ކޮންމެ ތަނަކަށް ގެންދިޔަސް އަހަރެންގެ މައްސަލައެއްނެތް'" އިރާނިޔާގެ ވާހަކަތައް ދެން އަމާޒުުވީ އޭނާއަށް ފުރަގަސްދީގެން ހުރި އާޝިދްއަށެވެ. އޭނާގެ ކަރުނަތައް އިރާނިޔާއަށް ސިއްރުކުރަން ބޭނުންވެފައިވާކަން އިރާނިޔައަށް އިނގުނެވެ.
"އަހަރެން އެބައަންނަން ފޯނެއް ކޮށްލާފަ..." އަދްޔަން ކައިރީގައި ގުމްރޫހް ބުނެލިއެވެ. އަދްޔަން ބޯޖަހައިލުމުން ގުމްރޫހް ކޮޓަރިން ނިކުތެވެ.
"އަހަރެން ދަނީ މަންމާ...!! އަހަރެންނަށް ހިތްހެޔޮކުރާތި މަންމާ... އަހަރެންގެ ހިތް އަބަދުވެސް މަންމައަށްޓަކައި އަދޫއަށްޓަކައި ޔަޝްކޮއަށްޓަކައި ހެޔޮވާނެ... އަހަރެން ދާން މިއުޅޭ ތަނެއް ހުދު އަހަރެންނަށްވެސް ނޭނގޭ. ތަގުދީރު އަހަރެން ގެންދިޔަ ދިމާލަކަށް" އިރާނިޔާގެ އަޑު ކުރެހިގެން ދިޔައެވެ. ނަމަވެސް އޭނާ ހިންދިރުވާލާފައި ހިތްވަރުކުރިއެވެ.
އިރާނިޔާ ތެދުވެގެން ގޮސް އަލަމާރި ހުޅުވާލާފައި އޭނާގެ ހެދުންތައް ނަގަން ފެށިއެވެ. އަލަމާރިއާއި ފާރާއި ދެމެދުގައި ހުރި ބްރީފްކޭސް ދަމައި ގެނެސް އުނދަގުލާއެކު އެނދުމަތީގައި ބެހެއްޓިއެވެ. އޭނާގެ އަންނައުނުތަކުގެ އިތުރުން ބޭނުންވާނެ އެހެނިހެން ސާމާނާއި ޙާއިޝާއާއެކު އޭނާ ގަތް ކުޑަދަރިފުޅަށް ބޭނުންވާނެ ބައެއް ސާމާނުވެސް ފޮށްޓަށް އަޅަމުން ދިޔައެވެ. އެނދުގައި އިން ޙާއިޝާގެ ކައިރީގައި އަދްޔަން އިށީނުމާއެކު އަދްޔަންގެ މޭގައި ޙާއިޝާ ބޯއަޅާއިލިއެވެ. އަދިވެސް އޭނާގެ ރުއިމަކަށް ހުއްޓުމެއް ނާދޭއެވެ. ދަރިން ކުޑައިރު ފިރިމީހާ މިދުނިޔެ ދޫކޮށް ދިޔަ ދުވަހުވެސް އެހާވަރަށް އޭނާ ކަރުނަ އަޅާފައެއް ނެތެވެ. މިއަދު އޭނާގެ ހިތްހީވަނީ ވިރިގެން ފައިބާހެންނެވެ. އޭނާގެ ދެލޮލުގެ ނޫރު ފަދަ ލޯބިވާ ދަރިފުޅު މާބަނޑު ނިކަމެތި އަންހެނަކަށް އެކުރި އަނިޔާ ދުވަހަކުވެސް އޭނާގެ ހިތަކުން ފިލައިގެން ނުދާނެއެވެ. އިރާނިޔާގެ މޫނުމަތީގައި އުނޭޝް ޖެހިތަނުގައި އަތްތިލަ ހުރިގޮތަށް ނިޝާން ފެންނަން ހުއްޓެވެ. އަދިވެސް އެ އަންހެންކުއްޖާގެ ލޮލުން އެންމެ ކަރުނައެއްވެސް ވައްޓައެއްނުލައެވެ. އިންސާނަކަށް ހިތްވަރު ކުރެވޭނީ އެހާކަންވަރަށެވެ.
"ރާނީއްތަ ދާނީ އަޅުގަނޑާއެކު އަޅުގަނޑުގެ ގެއަށް. ޙާއިޝާއްތަ ބޭނުން ގަޑިއަކު އެގެއަށް އާދެވޭނެ" ވަދެގެން އައި ގުމްރޫހް ބުނެލިއެވެ. އާޝިދް ގުމްރޫހަށް ބަލައިލީ ޝުކުރުވެރި ލޮލަކުންނެވެ. މިވަގުތު އިރާނިޔާގެ އަތުގައި ހިފައިގެން ނިކުމެއްޖެނަމަ އޭނާގެ ފަރާތުންވެސް އެ އަންހެންކުއްޖާއަށް ލިބޭނީ އިތުރު ނިކަމެތި ކަމެކެވެ.
"ހިނގާ ދާން. މިހާރު ބައްޕަ ޕިކަޕުގައި އަންނާނެ" އިރާނިޔާގެ އަތުގައި ހިފައިލަމުން ގުމްރޫހް ބުނެލިއެވެ.
"ގޮމަ...!! ރާނީއްތައަށް އިނގޭ ގޮމަވެސް އަދި ތިއާއިލާގެ އެހެން މީހުންވެސް ރާނީއްތަދެކެ ވަރަށް ލޯބިވާކަން. އެކަމަކު ރާނީއްތަ ބޭނުމެއްނޫން ރާނީއްތަގެ ސަބަބުން އެހެން މީހުންނަކަށް އެއްވެސް އުނދަގުލެއްވާކަށް..." އިރާނިޔާ ބުނެލިއެވެ.
"ތިކަހަލަ ވާހަކަނުދައްކާ.. މަރުނުވާހާ ހިނދަކު އެއްވެސް އިންސާނަކަށް ގޮތް ހުހެއް ނުވާނެ" ގުމްރޫހް ބުނެލިއެވެ. އިރާނިޔާ ފޮށި ދަމަމުން ހިނގައިގަތުމާއެކު އާޝިދް އިރާނިޔާގެ އަތުގައި ހިފެހެއްޓިއެވެ. އިރާނިޔާ ބަލައިލުމުން އާޝިދްގެ ދެލޮލަށް ވެރިވެފައިވި ރަތްކަން ފެނި އިސްޖަހައިލިއެވެ.
"އަހަރެން ފޮށި ނެރޭނަން" އިރާނިޔާ ބަލައިލުމާއެކު އާޝިދް ބުނެލިއެވެ. ގުމްރޫހާއެކު އިރާނިޔާ ހިނގައިގަތެވެ. އޭނާ އެންމެ ފަހަރަކުވެސް ފަސްއެނބުރި ބަލައެއް ނުލައެވެ. ޙާއިޝާ އިން ހާލު އިތުރަށް ދެކޭނެ ހިތްވަރެއް އޭނާގެ ނެތެވެ.
އީޝް ނިންދަވަން ޝިރޫ ކޮޓަރިއަށް ވަންއިރު ހަތެއްޖަހަން ކައިރިވެއްޖެއެވެ. ގޭތެރެއިން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ދެނަމާދު ދޭތެރެއަށް ވުމާއެކު ސަބްރީން ވީ ކޮޓަރީގައެވެ. ހުޝާމް މިސްކިތަށް ދިޔައީ ބައްސާމާއި އަލިފުޅާއެކުގައެވެ. އީޝް ނިދިކަން ޔަޤީންވުމާއެކު ޝިރޫ މަޑުމަޑުން އެނދުން ތެދުވިއެވެ. ފާހާނާއަށް ވަދެ ވުޟޫކޮށްލައިގެން ނިކުމެ ނަމާދަށް އެރިއިރު އޭނާގެ ނަޒަރު އިރުކޮޅަކާއި އީޝްއަށް ހުއްޓެއެވެ.
ސަލާންދިންތަނާ ދޮރުގައި ޓަކި ޖަހައިލި އަޑު އިވިނުވެ. އޭނާ ނަމާދު ދޮޅިއާއެކު ދޮރުހުޅުވާލިއިރު ހެވިފައި ދޮރުމަތީގައި ހުރީ ސަބްރީނެވެ.
"އެއްވެސް ފިރިހެނެއް އަދި މިސްކިތުން ނާދޭ. ކާންހަދަން ދިޔުމުގެ ކުރިން ހިތަށްއެރީ ޝިރޫ އާ އަނގަ ތަޅާލަން އަންނަންވީއޭ" އެތެރެއަށް ވަންނަމުން ސަބްރީން ބުނެލިއެވެ.
"އަހަރެން އުޅުނީ ރީން އާ އެހީވެލަން އެފަރާތަށް ދާން. މި މަންޖެވެސް ބައްޕި ނެތީމަ ވަރަށް ނުނިދަން އުޅެފަ ހަމަ ދެންމެ އެނިދީ" ނަމާދު ދޮޅި ބާލައި މުސައްލައަށް ލާފައި އޮޅައިލަމުން ޝިރޫ ބުނެލިއެވެ.
"އަހަރެން ހިތަށްއަރާ މި މަންޖެގެ މަންމައަށް މިހާ ތުއްތު ކުއްޖަކަށް އިހުމާލުވާން ކެރުނުބާއޭ. އަހަރެން މިއުޅެނީ ޝާނީ އެހާ ބޮޑުވެފައި ހުރިއިރުވެސް އެތަނުގައި އަހަރެންނާ ދުރުގައި ބަހައްޓަން ކެތްނުވެގެން" އެނދުގައި އިށީނދެ އީޝްގެ މައުސޫމް މޫނަށް ބަލައިލަމުން ސަބްރީން ބުނެލިއެވެ.
"ބައެއް މައިންނަށް ނުވިސްނެނީ. އަޅާއިނުލައިފިއްޔާ ރަނގަޅުވާނީ. މީހުންގެ ވާހަކަ ދައްކަން އަހަރެން ނެތިން..." އެއީ ޝިރޫގެ އާދައެވެ. އޭނާއަކީ ހުލްޤުހެޔޮ އަޚްލާގެއްގެ ވެރިއެކެވެ. މީހުން ނެތް ތަންތަނުގައި ނެތިމޮށުމާއި ބޭކާރު އަނގަ ތެޅުވުމަކީ އޭނާގެ މިޒާޖުގައިވާ ކަމެއް ނޫނެވެ.
"ރީންދައްތަ މީނީ މިތަނުގަ ދޯ. ބައްސާމްބެ އެބަހޯދާ. އެބަތިބި ކާމޭޒު ކައިރީގަ" އެތެރެއަށް ވަން ހުޝާމް ބުނެލިއެވެ. ހީލަމުން ސަބްރީން ނިކުންނަން ދިޔައެވެ.
"ކާން ހަދައި ނިމުނީމަ މަންމަ ގޮވާލާނަން އިނގޭ. އީޝް ވަރަށް ބޮޑާހާކާފަ ނިދީ. ޝާމް މަޑުކޮށްލާ މިތާ އިނގޭ" ކޮޓަރިން ނިކުންނަމުން ޝިރޫ ބުނެލިއެވެ.
ހުޝާމް އީޝްގެ މަގަތުން އޮށޯވެލިއެވެ. ފުށްޖަހާލާފައިވާ އީޝްގެ ދޮން މޫނުގައި ބޮސްދިނެވެ. އެކުޑަކުޑަ އަތްތިލައިގެ ތެރެއަށް އޭނާގެ އެއް އިނގިލި ލައްވައިލިއެވެ. ވޭތުވެދިޔަ ދުވަސްތަކުގައި އީޝްއަށްޓަކައި އޭނާ ކުރިި ބުރަ މަސައްކަތްތައް ހަނދާންވެފައި ދެލޮލުން ކަރުނަ ނީރާލިއެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް އޭނާ މީހަކާއި ޒުވާބުކުރީވެސް އެދަރިފުޅަށްޓަކައެވެ. އީޝްގެ މާމައަކީ އޭނާ ހީކުރި ވަރަށްވުރެވެސް ބޮޑަށް ޒީލަގަދަ މީހެކެވެ. ކޯޓުން ބޭރުގައި މަގުމަތީގައި އޭނާއަށް ހަޑިއެއްޗެހި ގޮވީ އޭނާގެ ކޮޅަށް މައްސަލަ ނުނިންމުމުންނެވެ. ނިދީ ތެރޭގައި އޮތް އީޝްގެ ސްޓޯބެރީކޮޅެއް ކަހަލަ ކުޑަ ތުންފަތަށް ވެރިވި ހިނިތުންވުން ފެނި ހުޝާމްއަށް އެދަރިފުޅުގެ މަންމަގެ ހަނދާން އާކޮށްދިނެވެ. ޖީބުގައި އޮތް ވޮލެޓް ނަގާފައި އޭނާގެ އައިޑީކާޑް އޮތް ޕޮކެޓްގެ ދަށަށް އަތް ލައްވާލާފައި ނެގީ ކުޑަ ފޮޓޯކޮޅެކެވެ. ކައިވެނީގެ ހެދުމުގެ އޭނާގެ އަތުތެރޭގައި އޭނީ އެދަރިފުޅުގެ މަންމައެވެ. ކައިވެނި ކުރިއިރު އެއީ އެހާ ރަހުމެއްނެތް އަންހެނެއް ކަމަށް އޭނާ ހީކުރެވިފައެއް ނެތެވެ. އޭނާ ވީ ތެދުވެރި ލޯތްބެވެ. ދަރިފުޅުގެ މަންމަ ބޭނުންވީ ކޯޗެއް ކަމެއް އަދި އަދަށް ދާންދެންވެސް ހުޝާމްއަށް ނޭނގެއެވެ. ބަހަނާއަކަށް ދެއްކީ ހަމައެކަނި އާއިލާއެވެ. ރިސޯޓުގައި މަސައްކަތްކުރަން ނުގަބޫލުކަންވެސް އިނގުނީ ވަރިވާން ކޯޓުގެ ހަތަރުފާރުން އެތެރެއަށް ފޯމް ވަން ފަހުންނެވެ. ކައިވެނި ސަލާމަތްކުރެވޭތޯ އޭނާ އެތައް މަސައްކަތެއް ކުރިއެވެ. ދަރިފުޅަށްޓަކައި އޭނާއަށް އިތުރު ފުރުސަތެއް ދިނުމަށް އެތައް ފަހަރަކު އެދުނެވެ. ނަމަވެސް އެހުރިހާ ކަމަކަށް އޭނާ ދިނީ ބީރު ކަންފަތެކެވެ.
"ތިއީ ބޭކާރުކަމެއް ދަރިފުޅާ... ތިހަނދާންތަކާ ދުރުވެވޭތޯ ބަލާ" ހުޝާމް ސިހުނީ އޭނާއާއި ދާދި ކައިރީގައި ހުއްޓުނު ޝިރޫގެ އަޑުންނެވެ. އެއީ އަބަދުވެސް ޝިރޫ އޭނާއަށް ދޭ ނަޞޭޙަތެކެވެ. މަންމައަށް ހިނިތުންވުމެއް ދީފައި ފޮޓޯ އަލުން ވޮލެޓަށް ލިއެވެ.
އީސައާއި އާޝިދްގެ އެހީތެރިކަމާއެކު ޕިކަޕުގެ ކުރީ ޝީޓަށް އެރި އިރާނިޔާ ފަހު ފަހަރަށް ފަހަތަށް ބަލައިލިއެވެ. އޭނާގެ ހުރިހާ ހަނދާންތަކެއް ގުޅިފައިވި ގެއަށް ވީތީއެވެ. ނަމަވެސް އޭނާއަށް ފެނުނީ އޭނާ ބަލަން ބޭނުންވި މަންޒަރެއް ނޫނެވެ. އޭނާގެ ފަހަތުން ރޮމުން ނިކުތް ޙާއިޝާ މަގުމައްޗަށް އަރިއަޅައިލި މަންޒަރުން އޭނާގެ ހިތް ފަޅައިގެންދިޔަ ކަހަލައެވެ. އޭނާއަށް މަންމާއޭ ކިޔާ ގޮވާލެވުނެވެ. ފައިބަންވެސް މަސައްކަތެއް ނުކުރެވުނެވެ. އޭރު ޕިކަޕް ދުއްވާލައިފިއެވެ. އާޝިދް އެދިމާލަށް ދުވެފައި ދިޔަތަން ފެނުނެވެ. މަގުމަތީގެ ތަންތަންކޮޅަށް އެއްވެފައި މަންޒަރު ބަލަން ތިބި މީހުންވެސް އޭނާއަށް ފެނުނެވެ. ޙާއިޝާއަށް ވީގޮތް ފެނި ހިތްދަތިވީވަރުން އޭނާގެ ލޯމައްޗަށް ފުސްވާން ފެށިއެވެ. ދުއްވަން އިން އީސަ ބަލައިލީ އިރާނިޔާގެ ބޯ އޭނާގެ ކޮނޑުގައި ތަތްވުމުންނެވެ. އެއް އަތުން އިރާނިޔާގެ ކޮނޑުގައި ވަށާއިލާފައި އޭނާ ޕިކަޕުގެ ދުވެލި ބާރުކޮށްލިއެވެ.
އެނދުގައި އޮތް އިރާނިޔާ އެސްފިޔަތައް ތަޅުވާލާފައި ދެލޯ ހުޅުވައިލިތަނާ އެންމެ ފުރަތަމަވެސް އޭނައަށް ފެނުނީ އޭނާގެ އަތުގައި ހިފައިގެން އިން ޒަމްހާއެވެ. އަނެއް ފަރާތުގައި އިން ރުޒާނާ އޭނާގެ ބަނޑުގައި އަތް ޖައްސަމުން ދިޔައީ އެއްްޗެއް ދެނެގަންނަން މަސައްކަތްކުރާ ފަދައިންނެވެ. ރުޒާނާއަކީ ފޫޅުމަޔަކަށް ވީތީ އިރާނިޔާ ފެނުމާއެކު ވިހަން މާގިނަ ވަގުތެއްނެތްކަން އޭނާއަށް އިނގިއްޖެއެވެ.
"ޒަމް...!! އުނޭޝް އަހަރެން ވަރިކޮށް ގެއިން ނެރެގެން އަހަރެން ކުޑަކޮށްވެސް ދެރައެއްނުވޭ. އެކަމަކު މަންމަ... އަހަރެން ވަރަށް ހިތުގައެބަޖެހޭ. މަންމަ ރަނގަޅުތަ...؟ ޒަމް ބަލައިލާތި މަންމަގެ ހާލު. މިވަގުތު މަންމައަށް ބޭނުންވަނީ ހިތްވަރު" އިރާނިޔާ ވާހަކަދެއްކިއެވެ. މިހުރިހާއިރު ލޮލުން އެންމެ ކަރުނައެއްވެސް ވައްޓާލާފައި ނުވާ އެ އަންހެންކުއްޖާގެ ދެލޮލުގެ އަރިމަތިން ރޮނގަކަށް ކަރުނައެއް ދެމިގެން ދިޔައެވެ.
"ދެރަނުވޭ.. ޙާއިޝާއްތަ ރަނގަޅު. ރާނީ އެއްވެސް ކަމަކާ ނުވިސްނާތި. ރާނީ ދެން އުފާކުރޭ... ތިސަލާމަތްވެވުނީ އަނިޔާވެރިއެއްގެ ކިބައިން" އިރާނިޔާގެ އަތުގައި ހިފައިގެން އިނދެ ޒަމްހާ ވާހަކަދެއްކިއެވެ. ހިމޭންކަމާއެކު އެއްފަރާތަށް ބަލަހައްޓައިގެން އިރާނިޔާ އޮތެވެ.
"އަހަރެން ބުނީތީވެސް ރާނީ ބަލާތި. މާގިނަ ދުވަހެއްނުވާނެ. އުނޭޝް ތިލޯތްބަށް އެދިގެން ރާނީގެ ފައި ބުޑަށް އަންނާނެ. އަހަރެން މިއީ އެކުވެރިކަމަށް ޤަބޫލުކުރަންޏާ އެލޯބީގައި ކޮޅުފައިނަޖާހަފަ ދުރަށްދޭ... އެއީކީ މީހުން ލޯބިވާގޮތެއްނޫން. އުނޭޝް ކުރި ކަމެއްކުރީ ހަމަ ހޭގައި ހުރެ. މީހަކު މަޖުބޫރު ކޮށްގެނެއްނޫން. ޖަވާހިރަކާއި ނަޖިސްގަނޑެއް އެއްތަނަކުން ފެނުނީމަ އޭނާއަށް އެހޮވީ ނަޖިސްގަނޑު. އެއީވެސް ޖަވާހިރު އޭނާގެ މުށުތެރޭގަ އޮށްވަ. ރާނީ އެއްވެސް ކަމަކާ ހިތާމަކުރާނެ ކަމެއްނެތް" ޒަމްހާ ވާހަކަދެއްކިއެވެ. އެކުވެރިޔާއަށްޓަކައި އޭނާގެ ހިތްވަނީ ރަހުމާއި ޙާމްދަރުދީން ފުރިފައެވެ.
އެގެއަށް އައިފަހުން އިރާނިޔާއަށް އާޝިދްވެސް އަދި ގުމްރޫހްވެސް ނުފެނެއެވެ. ބަނޑަށް އުނދަގޫތަކެއް ވަމުންދާތީ އޭނާ އިނީ އެނދުން ތެދުވަންވެސް ނުކެރިިފައެވެ. އުނގަނޑުގެ ވަށައިގެން ރިހުމެއްވެސް އުފެދިއްޖެއެވެ. އިރުކޮޅަކާއި އެތަދު ބޮޑުވާހެންވެސް ހީވާން ފަށައިފިއެވެ. ކާއެއްޗެހި ތައްޓެއް ހިފައިގެން ވަން ރުޒާނާ އެނދުގައި އިން އިރާނިޔާ ފެނި ހުއްޓުން އެރިއެވެ. ދެއަތް ގެންގޮސް ފަހަތުން އެނދުގެ ގޮދަޑީގައި ވިއްދައިގެން އިންގޮތުން އޭނާ އިނީ ވޭނެއްގައި ކަން ރުޒާނާ ދެނެގަތެވެ. ފުންކޮށް ނޭވާލަމުން ދިޔަ އިރާނިޔާ ރުޒާނާއަށް ބަލައިލާފައި ހިނިތުންވެލިއެވެ. އޭނާގެ މޫނުމަތި މިލާފައިވާކަން އިރާނިޔާއަށް އިނގުނެވެ.
"ރިއްސަނީތަ...؟ ދައްކަބަލަ ދައްތަ ފިރުމާލަދޭނަން" ސައިޑްކަބަޑް މަތީގައި ގެނައި ކާއެއްޗެހިތަށި ބަހައްޓާފައި ރުޒާނާ އިށީނީ އިރާނިޔާ ކައިރިންނެވެ. އުނގަނޑުމަތިން ފިރުމަމުން ދިޔައިރު އިރާނިޔާއަށް ކުޑަކޮށް ލުއިވިހެން ހީވިއެވެ.
"ކޮބާތަ ގޮމަ... މިގެއަށް އައިފަހުން އަދި ނުދެކެން" އިރާނިޔާ އަހައިލިއެވެ.
"މިހިސާބު ދެތިން ގެއަކަށް ކުޑަކުދިންނަށް ޓިއުޝަންދޭން ދާނެ. އަދި ގެއަށް ނާދޭ. ނިދުމުގެ ކުރިން ރާނީއާ ބައްދަލުކުރާނެ" ރުޒާނާ ވާހަކަދެއްކިއެވެ. ހަގީގަތް ހާމަކުރަން އޭނާއަށް ނުކެރުނެވެ. އެހާލުގައި އިން އަންހެންކުއްޖަކު އިތުރަށް ތަޅުވަން އޭނާ ބޭނުންވެސް ނުވީއެވެ. ކަންތައްތައް ރަނގަޅުނޫންކަން އޭނާއަށް ބުނެދޭނީ ކިހިނެއް ހެއްޔެވެ؟
މުޅީން އާ ދުވަހަކަށް ދުނިޔެ މަރުހަބާ ކިޔައިފިއެވެ. އެތައް ބަޔަކަށް އާދުވަހުގެ އުފާވެރިކަން އިހުސާސް ކުރެވެމުން ދާއިރު އެކަނިވެރިކަމާއި މާޔޫސްކަން ވަށާލާފައިވަނީ ހަމައެކަނި އިރާނިޔާ އޭ އޭނާގެ ހިތް ބުނަމުން ދިޔައެވެ. ފަތިސް ނަމާދަށްފަހު ގޯތި ތެރެއަށް ނިކުމެލީ ގެނބެމުންދާ އޭނާގެ ހިތަށް ހަމަޖެހުމެއް ހޯދައިދިނުމަށެވެ. އުނަގަނޑާއި ހަމައަށް އަންނަ އެގޭ ވަށާފާރު މަތިން ރަށުތެރޭގެ ބައެއް މަގުތައް ފެންނަމުން ދިޔައެވެ. ފަތިހުގެ އެ ހިތްގައިމު ވަގުތުގައި މަގުމަތިން އުމުރުން ދުވަސްވީ ދެތިން މީހުން ނޫނީ އިތުރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ގޭގެ ދޮރުމަތި ކުނިކަހަމުން ދިޔަ އަންހެންކުއްޖަކަށް ބަލަހައްޓައިގެން އޭނާ މާގަސްތައް ކައިރީގައި މަޑުކޮށްލައިގެން ހުއްޓެވެ. އަތުގައި އޮތް ފޯނަށް ބަލައިލީ އާޝިދްގެ ހަބަރެއް ނުވާތީއެވެ. އެތައް ފަހަރަކު އާޝިދްގެ ނަންބަރަށް ގުޅިއެވެ. އަދިވެސް ހަމަ އެޖަވާބެވެ. ފޯނު އޮފްކޮށްފައެވެ. ގުމްރޫހާއިވެސް ބައްދަލުވީއެއް ނޫނެވެ. ކޮންމެސް ކަމެއް ގޯސްވެއްޖެއެވެ. ހިތަށް ވަން ބިރުވެރިކަމެއްގެ ސަބަބުން މޭގައި އަތް އެޅިއްޖެއެވެ. ކުޑަކަމުދެވޭ ކަހަލަ އިހުސާސެއް ކުރެވުމާއެކު އިރާނިޔާ ބޯތިރިކޮށްލާފައި ބަލައިލިއެވެ. ކަށިމައްޗަށް އަރާ ހެދުމުގެ ތިރިން އޭނާގެ ދޮން ދެފައިތިލައާއި ހަމައަށް ފެންގަނޑު ފޯރައިފިއެވެ. މަޑުމަޑުން އިހުސާސްވަމުން ދިޔަ ރިހުމެއް ބޮޑުވަމުން ގޮސް އޭނާގެ މުޅި ބަނޑުގައި ވަށާލައިފިއެވެ. އޭނާގެ އަނގައިގެ ތެރެއިން ވޭނީ އާޙެއްގެ އަޑު އިވިގެން ދިިޔައެވެ. ހުރިހާކަމެއް ވެގެން ދިިޔައީ ދާދި ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ހިތްވަރުކޮށްފައި މައިދޮރާއި ހަމައަށް ދެވޭތޯ އޭނާ މަސައްކަތް ކުރިއެވެ. ރުއްދަނޑަށް ދާން އީސަ އެވަގުތު ގެއިން ނިކުތްކަން އެއީ އެދެމައިންނަށް ހެއްދެވި ފަރާތުން ލެއްވި ރަހުމަތެކެވެ.
"ރުޒާ...." އަތުގައި އޮތް ޅާނބާއި ކަތިވަޅި ދޫކޮށްލާފައި އީސަ އިރާނިޔާއާއި ދިމާލަށް ދުއްވައިގަތެވެ. އީސަގެ ވަޑާންގެއިން ކުނިއަޅާ ބަރޯ ހިފައިގެން ނިކުތް ރުޒާނާ އީސަގެ އަޑު އައި ދިމާލަށް ދުއްވައިގަތެވެ. އީސަ އިރާނިޔާގެ ގައިގައި ހިފަހައްޓައިގެން ހުރިތަން ފެނުމުން ރުޒާނާއަށް ވަގުތު އައިސް ޖެހިއްޖެކަން އިނގިއްޖެއެވެ.
(ނުނިމޭ)