ވާހަކަ

ދެކިލަން އެދޭތީ - 25

2

ހަމަހިމޭންކަން ވެރިވެފައި އޮތް މާހައުލުގެ ތެރޭން ވައިރޯޅީގެ އަޑު އިވެމުން ދިޔަ އެވެ. އީވާއަށް ފުން ނޭވާތަކެއް ދޫކޮށްލެވުނެވެ. އޭނަ އިނީ ފަރުވާތެރިކަމާއެކު މާކިންގެ މޫނަށް ބަލަހައްޓައިގެންނެވެ. ހިތަށް ތަދުވަމުން ދިޔައީ އެމޫނުމަތިން ފެންނަމުން ދިޔަ މޮޅިވެރިކަމުގެ އަސަރުތަކުންނެވެ. ދެކެވެން އުޅުނީ މާކިންގެ ހިތްދަތިކަމާއި ގުޅިފައިވާ ވާހަކަތަކެއްކަން ވިސްނައިގަނެވުމުން ހިންދިރުވާލެވުނެވެ. އެވާހަކަ އަޑުއެހުމުގެ ކުޅާދާނަކަން އެހިތަށް ލިބޭނެ ބާވައޭ ވެސް ނަފުސާއި ސުވާލުކޮށްލެވުނެވެ. ހިތް ބިރުގަންނަން ފެށީ މާކިންގެ ވޭނީ ފަސާނާ ގުޅިފައިވަނީ އަންހެންކުއްޖަކާއި ކަން ޔަޤީންކުރެވުމުންނެވެ. އެހިނދު ހިތް ގެނބިގެން ދިޔަ ހެން ވެސް ހީވިއެވެ.

އީވާއަށް މާކިންގެ އަތުގައި ހިފަހައްޓާލެވުނެވެ. ހިތަށް އުނދަގޫވިޔަސް އެވާހަކަތައް އަޑު އަހަން އޭނަ ގަސްދުކުރިއެވެ. މާކިންގެ ހިތަށް ވެސް ލުޔެއް ލިބޭނީ އޭރުންނެވެ. މާކިންއާއި ބައްދަލުކޮށްލި ނަޒަރާއެކު ހިނިތުންވާން އީވާ މަސައްކަތްކުރިއެވެ.

''ފަހަރެއްގައި ވެސް އަހަރެންގެ ވާހަކަތަކުން އީވްގެ ހިތުގައި ޖެހޭކަށް ބޭނުމެއް ނޫން... އެއީ އަހަރެންގެ މާޒީ، އެވާހަކަތައް ހިއްސާކުރުމުން އަހަރެންގެ ހިތަށް ލުޔެއް ލިބޭނީ، ވަރަށް ގިނަ ދުވަސްވެއްޖެ އެމާޒީގެ ސަބަބުން ވޭނުގައި އުޅޭތާ، އެއީ ހަނދާނުން ފޮހެލަން ފަސޭހަ ދުވަސްތަކެއް ނޫން، އެކަމަކު ދިރިއުޅުން ގޮސްފައި އޮތް ރާސްތާ ބަދަލުކުރަން އަހަރެން ބޭނުން، މާޒީ ހަނދާން ނައްތާލައި މުސްތަޤުބަލާ ކުރިމަތިލާން ބޭނުން، އެއްވެސް ސިއްރެއް ނެތި މިގުޅުން ފެށިގެން ދާން އަހަރެން ބޭނުންވަނީ...'' އީވާއާއި ހަތަރުކަޅި ހަމަކުރަމުން މާކިން ވާހަކަދެއްކިއެވެ. ކަންފަތް ހުޅުވާލައިގެން ހުރި އީވާގެ ހިތް މަޑުޖެހިލިހެން ވެސް ހީވީ އެވެ. އެއާއެކު ނަފުސަށް ލުޔެއް ދޭން ފުން ނޭވާއެއް ދޫކޮށްލެވުނެވެ.

''އެއީ އަހަރެންގެ ފުރަތަމަ ލޯބި...... ވަރަށް ބޮޑަށް ލޯބި ވާތީ ކައިވެނި ކުރީ، އޭރު އަހަންނަށް ހީވީ އެއީ ދެފަރާތުން ވެސް ވެވުނު ލޯތްބެއް ކަމަށް... އެކަމަކު ކައިވެންޏަށް ހަމަހުގައި އަހަންނަށް އެނގުނީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއާއި އޭނަ ގުޅުން ބާއްވަމުން އައިކަން، ޤަބޫލުކުރަން ވެސް ދަތިވި... އެކަމަކު ޖެހުނީ ހަޤީޤަތާ ކުރިމަތިލާން، ވަރަށް ބޮޑަށް ރުޅިއާދެވުނު، އަމިއްލަ ނަފުސަށް ވުރެން ބޮޑަށް އިތުބާރުކުރި މީހުންގެ ފަރާތުން ލިބުނު ކެހީގެ ސަބަބުން ދިރިއުޅުން މަތިން ވެސް ފޫހިވި... ވަރިވުމަށްފަހު އިއްދައިގެ މުއްދަނޑު ކެނޑުނުތާ ދުވަސްކޮޅެއް ފަހުން އޭނަ އަހަރެންގެ އެކުވެރިޔާއާ ކައިވެނިކުރީ، ކައިވެނީގެ ދަޢުވަތު ވެސް ފޮނުވި... ލޯތްބަށް އަހަރެން ކުރި އިތުބާރު ގެއްލިގެން ދިޔައީ އެދުވަހަށް ފަހު... މީހުންނަށް ވެސް އިތުބާރުކުރަން އުނދަގޫވި، އެކަނިވެރިކަމަށް ލޯބިކުރެވެން ފެށުނު، އަހަރެންގެ ހިތާމަތަކާ ކުރިމަތިލާން ވެސް ބޭނުމެއް ނުވި... އަބަދު ވެސް ހުރެވުނީ ރުޅިއާދެވިފައި... އަހަރެން ހިތާމައިގައި އުޅޭ އިރު އެމީހުން އުފަލުގައިވާތަން ފެނި ނަފުސު ކޮންޓްރޯލްކުރަން އުނދަގޫވި... އެލޯބި މަތިން ހަނދާން ނައްތާނުލެވޭތީ އަމިއްލަ ނަފުސުދެކެ ނަފުރަތުކުރެވެން ފެށުނު... އެފަދަ އުދާސްކަމެއްގައި ވަނިކޮށް އަހަންނާ އީވް ބައްދަލުވީ، ކޮންކަހަލަ އިއްތިފާޤެއްކަމެއް ވެސް ނޭނގޭ... އަހަރެން ބޭނުންވީ އީވާއާއި ދުރުން އުޅެން... އިތުބާރުކުރަން އުނދަގޫވީތީ... އެކަމަކު އަހަރެންގެ މިހިތަށް ވިސްނައެއް ނުދެވުނު... ދުރުގައި ވާން މަސައްކަތްކުރިޔަސް އެކުމުގައި ކާމިޔާބެއް ނުލިބުނު...''

މާކިން އޭނަގެ މާޒީ އީވާއާއި ހިއްސާކުރިއެވެ. އޭރު އެދެލޮލުގައި ހިތްދަތިކަން ވިއެވެ. އެއަސަރުތައް ފެނި އީވާގެ ހިތުގައި ރިއްސާލިއެވެ. އަދިވެސް އެލޯބީގެ ހަނދާންތައް މާކިންގެ ހިތުގައި ވެޔޭ އީވާގެ ހިތަށް އެރިއެވެ. އެއާއެކު، މޭގައި ރިހުމެއް އުފެދިގެން ދިޔަ އެވެ. ރިހުންގަނޑު ގަދަވެގެން ދިއުމާއެކު އީވާގެ ލޮލުން ކަރުނައިގެ ދިލަކަން ފާޅުވާން ފެށިއެވެ. އެސްފިޔަތައް އަވަހަށް ތަޅުވާލެވުނީ ރޯން ބޭނުން ނުވާތީއެވެ. އުތުރި އަރައިގެން ދިޔަ އިހުސާސްތަކުގެ ތެރެއަށް ނަފުސު ގެނބިގެން ދިއުމުގެ ފުރުސަތު ދެވެން ނެތެވެ. އޭރުން ހިތް ބަލިކަށި ވެދާނެއެވެ. ވަހުމުތައް އުފެދެން ފަށާފާނެއެވެ.

އީވާ އަޒުމު ކަނޑައެޅިއެވެ. ޒަހަމްވެފައިވި މާކިންގެ ހިތަށް ޝިފާއަކަށް ވުމަށެވެ. ލޯބި ދިނުމަށެވެ. ހިތާމަތަކާ ދުރުވެ ދިރިއުޅުމާ ކުރިމަތިލުމަށް ހިތްވަރު ދިނުމަށެވެ. އެލޯބީގެ ބާރުގައި މާކިންގެ ހިތް އޭނަ ފަތަހަ ކުރާނެއެވެ. ވޭންދެނިވި ހަނދާންތަކުން އެނަފުސަށް ލުޔެއް ހޯދައިދޭނެއެވެ.

''އިތުރަށް އެއިން ކަމަކާ މެދު ވިސްނަން އަހަރެން ބޭނުމެއް ނޫން، ތަޤުދީރުގެ ނިންމުންތައް ބަދަލެއް ނުކުރެވޭނެ، އަހަރެން ކިތަންމެ ބޭނުން ވިޔަސް މާޒީއަށް ފިލަން ނުދުވޭނެކަން މިހާރު އެނގިއްޖެ... ދިރިއުޅުމަށް ވެރިވެފައިވި އެކަނިވެރިކަމަށް ނިމުމެއް ގެންނަން އަހަރެން ބޭނުން، އައު އުއްމީދަކާއެކު ކުރިއަށް ދާން ވެސް ބޭނުން... އީވް... އަހަރެންގެ ހިތުގައި އީވް އަށްޓަކައި އިހުސާސްތައްވޭ... އެއިހުސާސްތަކުގެ ބާރުން އަހަރެންގެ ނިންމުން ބަދަލުވެގެން ދިޔައީ، ދިރިއުޅުމާ މެދު ތަފާތު ނަޒަރަކުން ދެކެވެން ފެށުނީ... އަހަރެން ބޭނުން އީވްއާއެކު ވަގުތު ހޭދަކުރަން... އަނެއްކާ ވެސް ލޯބި ދަސްކުރަން... ލޯބި ދޭން... އަހަންނަށް އެފުރުސަތު ދޭނަންތަ؟...'' އީވާގެ މޫނުގައި ދެއަތުން ހިފާލަމުން މާކިން ވާހަކަދެއްކިއެވެ. އެއަޑުގައިވި ފުން އަސަރުތަކުން އީވާ ރޮއްވާލައިފިއެވެ. ލޮލަށްޖަމާވެގެން ދިޔަ ކަރުނަތަކުން މަންޒަރުތައް ފުސްވެގެން ދިޔަ އެވެ.

އީވާގެ ލޮލުން ނީރާލި ކަރުނަތައް ހަލުވިކަމާއެކު ކޯތާފަތުން ރޮނގުދަމާލިއެވެ. މަންޒަރު ބަލަން އިން މާކިންއަށް ތެޅިގަނެވުނެވެ. އޭނައަށް ހީވީ ދެއްކި ވާހަކަތަކުން އީވާގެ ހިތުގައި ޖެހުނީ ކަމަށެވެ. ކަންބޮޑުވުމާއެކު އީވާގެ ލޮލުން ފައިބަމުން އައި ކަރުނަތައް ފޮހެލިއެވެ.

''އީވް...'' މާކިންއަށް ގޮވާލެވުނެވެ. އޭރު އެހިތުގެ ތެޅުން އަވަސްވެއްޖެއެވެ. މީހާ ހާސްވާން ފެށިއެވެ. އީވާ މަސަލަސްކުރަން ބޭނުން ވިއެވެ.

''އަހަރެން ބޭނުމެއް ނޫން އެވާހަކަތަކުން އީވް ދެރަވާން، އެއީ މާޒީވެ ގޮސްފައިވާ ދުވަސްތަކެއް، އަހަރެންގެ ހިތް މިހާރު ވަނީ ބަދަލުވެފައި، އެހަނދާންތަކާއި ދުރުވެވިއްޖެ... މިހިތުން ފުރުސަތު ދޭން ބޭނުންވަނީ ހަމައެކަނި އީވްއަށް...'' އީވާ ގެނެސް މޭގައި ޖައްސާލަމުން ލޯތްބާއެކު މާކިން ބުނެލިއެވެ.

މާކިންގެ މޭގައި ލައްވެލަމުން އީވާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. މާކިންގެ ޖުމްލައިން އެހިތަށް ފިނިކަމެއް ގެނެސްދިނެވެ. ނަމަވެސް ކަރުނަތައް އަމިއްލަ އިހުތިޔާރުގެ ދަށަށް ގެންނަން އުނދަގޫ ވިއެވެ. އޭނައަށް ރޮވެނީ ހިތުގައި ޖެހި ދެރަވެގެންނެއް ނޫނެވެ. އެއީ އުފާވެރިކަމުގެ ކަރުނައެވެ. މާކިންގެ ދުލުން ލޯބިވާކަމަށް އިޤުރާރުވުމުން، އެކަމުގެ އުފާވެރިކަމުން އޭނައަށް ހަމަ ރޮވެނީއެވެ. ޖަޒުބާތުތަށް ކޮންޓްރޯލްކުރަން ދަތިވީއެވެ.

މާކިންގެ ދުލުން އެޖާދުވީ އެލަޒުފުތައް އަޑުއިވޭނެ ދުވަހަކަށް އޭނަގެ ހިތް ބޭޤަރާރުވެފައިވާތާ ކޮން ދުވަހެއް ހެއްޔެވެ؟ އެލޯތްބަށް އޭނަ ވަނީ ބޭޤަރާރުވެފައެވެ. އެއަތުގެ ފިރުމުންތަކަށް ޖިސްމު ވަނީ ބޭނުންވެފައެވެ. މާކިންގެ އަތުގެ ތެރެއަށް ވަދެވުމުން އީވާގެ ހިތަށް ހަމަޖެހުމެއް ގެނެސްދީފިއެވެ. ދުނިޔޭގެ ހުރިހާ އުފާވެރިކަމެއް އޭނަގެ ފަސްބަޔަށް އެޅިފައިވާހެން ވެސް ހީވިއެވެ.

''އީވް...'' އީވާއަށް މާކިންގެ އަޑު އިވުނެވެ.

ފުން ނޭވާތަކެއް ދޫކޮށްލަމުން މާކިންއާއި ދުރަށް އީވާ ޖެހިލިއެވެ.

''މާކިންގެ މާޒީ އެނގުމުން އަހަރެން މާޔޫސްވި، އެކަމަކު މިހާރު މިރޮވެނީ ހިތުގައި ޖެހިގެނެއް ނޫން... ތިހިތުގައި އަހަންނަށް ދެވިފައި އޮތް މަޤާމު އެނގުމުން... މާކިން... އަހަރެން ވެސް މާކިން ދެކެ ލޯބިވޭ... ލޯބީގެ އިހުސާސްތައް މިހިތުގައި ފުރަތަމަ ފަހަރަށް އުފެދުނީ މާކިންއަށްޓަކައި... އެލޯބި ހާސިލުވުމުން އަހަންނަށް މި ރޮވެނީ....'' ކަރުނައިގެ ތެރޭން ހިނިތުންވެލަމުން އީވާ ބުނެލިއެވެ.

''މާކިން!... އަހަރެން މާކިންއަށް ފުރުސަތު ދޭނަން... ލޯތްބާއެކު މާކިންއަށް މިހިތް ދޭނަން...'' މޭގައި އަތްޖައްސާލަމުން އީވާ ބުނެލިއެވެ. އަދިވެސް ކަރުނައިގެ ތެތްކަން އެސްފިޔަތަކުގައި ވެއެވެ. އެހެނަސް، މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. ތުންފަތުގައި ވަނީ މަޢުނަވީ ހިނިތުންވުމެކެވެ.

މާކިންއަށް ވެސް ހިނިތުންވެވުނެވެ. ހިތަށް ހަމަޖެހުމެއް ލިބުނެވެ. އަނެއްކާ ވެސް އީވާ ގެނެސް މޭގައި ޖައްސާލެވުނެވެ. އަދި އެބާރުގަ ދެއަތުން އެހަށިގަނޑު ވަށާލިއެވެ. މާކިންގެ ތަނަވަސް މޭގައި ފިރުމާލަމުން އީވާ އިހުނަށް ވުރެން ބޮޑަށް ހިނިތުންވެލިއެވެ. އެހިތުގެ މުރާދު ހާސިލުވެއްޖެއެވެ. އަލަތު ލޯބީގެ ފޮނިކަމާއި ރާހަތު އިހުސާސް ކުރެވިއްޖެއެވެ.

''އައި ލަވް ޔޫ...'' އެޖާދުނީ ލަފުޒުތައް ކަންފަތުގައި ޖެހުމުން އީވާގެ ގައިން ހީބިވި ނަގައިގެން ދިޔަ އެވެ. ހިތުގެ ތެޅުން ހިނދުކޮޅަކަށް މަޑު ޖެހިލި ކަހަލައެވެ. ދެވަނަ ސިކުންތުގައި ހިތުގެ ވިންދުތައް އަވަސްވެގެން ދިޔައީނުން ހީވީ މޭކަށިގަނޑު ފަޅާލާފައި ބޭރަށް ނިކުމެދާނެހެންނެވެ.

ލޯތްބަށް އިޤުރާރުވަމުން މާކިންގެ މޭގައި އީވާއަށް އިތުރަށް ލައްވެލެވުނެވެ. ރަކި ހިނިތުންވުމެއް އެތުންފަތުގައި ވިއެވެ.

*****

ގެއާ ހަމައަށް އާދެވުނުއިރު މާކިންއާއި ވަކިވާން އީވާ ބޭނުމެއް ނުވިއެވެ. އިތުރަށް އެރޭގަނޑު ދިގުވެގެން ދިއުމަށް އެދެވުނެވެ. މުޅި ރޭގަނޑު މާކިންއާއެކު ހޭދަކުރަން ބޭނުން ވިއެވެ. ނަމަވެސް އެއީ މުސްތަހީލުކަމެއްކަން ވިސްނުމުން އީވާއަށް ޖެހުނީ މާކިންގެ އަތުން ދޫކޮށްލާށެވެ. ވަދާއުގެ ސަލާން ބަދަލުކޮށްލަމުން އެތެރެއަށް ވަންނަން އީވާ ހިނގައިގަތެވެ. ވަކި ހިސާބަކަށް ގޮސްފައި އޭނަ ހުއްޓުނެވެ. އަދި ފަސްއެނބުރި މާކިންއަށް ބަލައިލިއެވެ.

''މެސެޖް ކުރާނަން އިނގޭ...'' އީވާ ބުނެލިއެވެ. މާކިންއަކީ މީސްމީޑިޔާގެ އަހުލުވެރިޔަކަށް ނުވިޔަސް އީވާ ވަނީ މާކިންގެ ފޯނަށް ''ވަޓްސްއެޕް'' އަޅާފައެވެ. މާކިންއާ ވާހަކަދެއްކުމުގެ ގޮތުންނެވެ. އެކަންތައް މާކިންއަށް ހަނދާން ކޮށްދެމުން، އީވާ އެތެރެއަށް ވަންނަން ހިނގައިގަތެވެ.

ރައްކާތެރިކަމާއެކު އީވާއަށް އެތެރެއަށް ވަދެވުމާއެކު ޖިންސްގެ ޖީބަށް އަތްޖަހާލަމުން، މާކިން ކުރިއަށް ހިނގައިގަތެވެ. އޭރު މާކިންގެ ތުންފަތުގައި ރީތި ހިނިތުންވުމެއް ކުޅެލަމުން ދިޔަ އެވެ. އުފާވެރިކަން އެމޫނުމަތިން ފާޅުވެއެވެ.

*****

ނިދަން އެނދަށް އަރާ އޮށޯންނަމުން، ފުލުފުލުގައި މާކިންއަށް އީވާ މެސެޖްކުރިއެވެ. އީވާ މެސެޖްކުރާހާ ހަލުވިކަމާއެކު މާކިންގެ މެޖެސްތައް ވެސް ލިބިއެވެ. އީވާގެ ތުންފަތުގައި ކުޅެލަމުން ދިޔައީ ލުއި ހިނިތުންވުމެކެވެ. ދުނިޔޭގެ އެއްވެސް ކަމަކަށް އޭނައަށް ފިކުރު ހިންގާނުލެވުނެވެ. ލޯބީގެ ރާހަތުގައި ނަފުސަށް ލިބިފައި ވަނީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ.

ދަންވަންދެން ވާހަކަދައްކަން ތިބެފައި މާކިން ނިދަން ދިޔައީ މާދަން ހެނދުނާ ކޮލެޖަށް ދާން ޖެހޭތީއެވެ. އީވާ ވެސް ރޭގަނޑުގެ ތަހުނިޔާ އަރިސްކުރަމުން ނިދަން އޮށޯތެވެ. އޭރު އޭނަގެ ލޯކުރިމަތިން ރޭގެ ޖާދުވީ މަންޒަރުތައް ސިފަވަމުން ދިޔަ އެވެ. އެގޮތުގެ މަތީން އިރުކޮޅެއް ފާއިތުވެގެން ދިޔަތަނާ އީވާގެ ހިތަށް ނަމެއް ވެރިވެއްޖެއެވެ. އެއާއެކު ފޫހިކަމާއެކު ތުންފަތް ދަމާލެވުނެވެ.

"ނަސްމާ!...'' އީވާއަށް ބުނެލެވުނެވެ. ''ފޫހި ނަމެއް... އެހަނދާންތަކާ ދުރުވާން މާކިންއަށް އަހަރެން މަދަދުވެރިވާނަން...''

ހިތުގައި އޮތް އަޒުމު ވަރުގަދަ ކުރަމުން، ނިދީގެ އާލަމަށް އީވާ ދަތުރު ފެށިއެވެ.

*****

ޖެހިގެން އައި ދުވަހު ކޮލެޖުން މާކިން ފެނުމުން އީވާއަށް ރަކި ހިނިތުންވުމެއް ދެވުނެވެ. މާކިން ވެސް ހިނިތުންވެލިއެވެ. މާކިންއަށް އައިސްފައިވި ބަދަލުތަކާއެކު ކްލާހުގެ އެންމެނަށް ޝޮކެއް ލިބުނެވެ. ހައިރާންވެ އަންތަރީސްވެފައި މާކިންއަށް ބަލަމުން ދިޔަ އެވެ. އަންހެންވެރިން ވެސް ހީވަނީ އެހެން ފަދަ ކަމެއް ހެންނެވެ. ކުރިން މާކިންއާ މެދު ދެކެމުން އައި ނަޒަރިއްޔާތު ބަދަލުވެގެން ދިޔައީ ކުއްލިޔަކަށެވެ. އެކަމާ އީވާ އިންނަނީ ތުންފިއްތައިގެންނެވެ. މާކިންއަށް ލިބެމުން ދިޔަ ސަމާލުކަމުން ހިތުގައި ހަސަދަވެރިކަން ވެސް އުފެދެން ފެށިއެވެ. މާކިންއަކީ އޭނަގެ ހައްޤެއްކަން ދުނިޔެއަށް އިއުލާންކުރަން ވެސް ބޭނުން ވިއެވެ. ނަމަވެސް، އީވާއަށް ފަސްޖެހެވުނެވެ. ގާތުގައި އިން ރައުހާ ފެނި ހިތަށް ނުތަނަވަސްކަން ވެރިވެއްޖެއެވެ. ހަޤީޤަތާ ކުރިމަތިލާން ޖެހުނީ ދެނެވެ.

''އަޅޭ، މިހާރު ހާދަ ރީއްޗޭ ދޯ!... ތުނބުޅި ރީތިކޮށްލީމަ މިހާރު މީހާގެ ސިފަ ވަކިކުރެވޭ ވަރުވެއްޖެ... އަގަމަވާވަރު އެބަވެޔޭ...'' ރައުހާ ބުނެލި އަޑު އިވުނެވެ. އެއާއެކު އީވާއަށް ރައުހާގެ އަތުގައި ވިކާލެވުނެވެ.

''އައްދޯއި!...'' އަތުގައި ފިރުމަމުން ރައުހާއަށް ކުޑަކޮށް ހަޅޭއްލަވައިގަނެވުނެވެ. ''ކީއްވެތަ ވިކައިގަތީ؟......''

''ކިޔެވުމަށް ސަމާލުކަން ދީބަލަ... އެހެންނޫނަސް ރައު ތިއުޅެނީ މީހަކާ ރައްޓެހިވެގެނެއް ނޫންތަ...'' އީވާ އަވަސްއަވަހަށް ބުނެލިއެވެ. ރައުހާ ލޯއަޅާލިއެވެ.

''ހޫނ!...'' ރައުހާ ތުންއަނބުރާލާފައި އަނެއްކާ ވެސް ބަލަން ފެށީ މާކިން އަށެވެ. ރައުހާ ފަދައިން ހުރިހާ އަންހެންވެރިންގެ ތޫނު ނަޒަރު ހުއްޓިފައިވަނީ މާކިންއަށެވެ. މާކިންގެ ސިފައަށް ގެނެވުނު ބަދަލާއެކު އެންމެންގެ ހިތުގެ ރާޖާއަށް މާކިން ބަދަލުވެފައިވާ ކަހަލައެވެ. އެފަދަ ކުޑަ ބަދަލަކުން ވެސް މީހުންގެ ހިތްތައް ބަދަލުވެގެން ދާތީ، އެކަން މާކިންއަށް މަޖާ ކަމަކަށް ވިއެވެ.

*****

ކޮލެޖް ނިމުމުން އީވާއާއި މާކިންއަށް ސިއްރުން ބައްދަލުކޮށްލުމުގެ ފުރުސަތު ލިބުނެވެ. ނަސީބު އަތުގައި ހިފާލުމުން ކޮލެޖް ނިމުނުތަނާ ކޮންމެވެސް ކަމެއް ދިމާވުމުން ރައުހާ ހޮސްޕިޓަލަށް ދާން ޖެހުނެވެ. ގެއަށް ދިއުމުގެ ބަދަލުގައި ސީދާ ހޮސްޕިޓަލަށް ދާން ޖެހުމުން އީވާ ގެއަށް ގެންގޮސްދިނުމުގެ ފުރުސަތެއް ވެސް ރައުހާއަކަށް ނުލިބުނެވެ. އެއީ އީވާ ބޭނުން ވި ގޮތް ވެސް މެއެވެ. އޭނަ ހުރީ މާކިންއާއެކު އެކަނި ވަގުތު ކޮޅެއް ހޭދަކޮށްލަން ކެތްތެރިކަން ކުޑަވެފައެވެ.

ދެޒުވާނުން ވެސް ތިބީ ކޮފީ ޝޮޕެއްގައެވެ. ކޮފީގެ މީރު ވަހުން މުޅި މާހައުލު ވަނީ އެއްވަސްކޮށްލެވިފައެވެ. އޭރު ތުނިކޮށް ވާރޭ ވެހެމުންދާ މަންޒަރު ވެސް ފެނެއެވެ. ހިތްފަސޭހަ މާހައުލަކެވެ.

''އަހަރެން ސުވާލެއްކޮށްލަންތަ؟...'' ކޮފީގެ ރަހަ ބަލައިލަމުން އީވާ އެހިއެވެ. މޭގައި ދެއަތް ހުރަސްކޮށްލައިގެން އިން މާކިން ކުރިއަށް ޖެހިލަމުން، މޭޒުގައި އުޅަނބޮށީގެ ކުރި ވިއްދާލުމަށްފަހު އަތްތިލައިގައި ދަތްދޮޅި އަޅުވާލިއެވެ.

''އާނ...'' ކަޅުކަންގަދަ ބުމަ މައްޗަށް އަރުވާލަމުން މާކިން ހިނިތުންވެލިއެވެ.

''ކީއްވެގެންތަ މާކިން އެހާ ގިނަ ތަންތަނަށް ޖޮބަށް ދަނީ؟...'' އީވާއަށް އަހާލެވުނެވެ. އެސުވާލުން މާކިން ފެށީ ހޭށެވެ.

''ހެހެހެ... އޭރު ދިރިއުޅުން ގޮސްފައި އޮތް މިސްރާބުގެ ގޮތުން ބޭނުންވީ ބުރަކޮށް އުޅެލަން... ކަންކަމާ ވިސްނަން ވަގުތެއް ނޯންނާނެތާ އޭރުން...'' މާކިން ބުނެލިއެވެ. އެޖަވާބުން އީވާ ދެރަވިއެވެ. މާކިންގެ އެކަނިވެރިކަން އިހުސާސްވުމުންނެވެ. އެކަން ފާހަގަ ކުރެވުމާއެކު މޭޒުމަތީ އޮތް އީވާގެ އަތުގައި މާކިން ހިފައިލިއެވެ.

''މިހާރު އެދުވަސްތައް ބަދަލުވެއްޖެ... ތެދަށް ބުނަންޏާ މިހާރު ބެނުންވަނީ އީވްއާއެކު ހުރިހާ ވަގުތެއް ހޭދަކުރަން...'' މާކިންގެ ޖަވާބުން އީވާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އެއަށްފަހު އެދެމެދުގައި ތަފާތު އެކިއެކި ވާހަކަތައް ދެކެވުނެވެ. ދެމެދުގައި ބަދަހިވަމުން ދިޔަ ގުޅުމާއި، ފުންވަމުން ދިޔަ ލޯބީގެ ސަބަބުން މުޅިން ތަފާތު ބާބެއް ލިޔެވެން ފެށުނެވެ.

ގެއަށް ދިޔަ އިރުގައި ވެސް ދެޒުވާނުން ދިޔައީ އެއް ކުޑައެއްގެ ހިޔަލުގައެވެ. ބައްދަލުކުރެވެމުން ދިޔަ ނަޒަރުތަކުންނާއި ދެކެވެމުން ދިޔަ ވާހަކަތަކުން އެދެމެދުގައި އޮތް ލޯބްބަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނެވެ. ހިތަށް ފިނިކަން ގެނެސްދެމުންނެވެ.

*****

ކަޅުކުލައިގެ ބޮޑު ލެދާރ ގޮނޑީގައި އިން ޖާދިންއަށް ގޮނޑީގެ ތެރެއަށް އޭނަގެ ހަށިގަނޑު ދޫކޮށްލެވުނެވެ. އަދި ލޮލުގެ ކަރުނަވަޅުގައި ބޮނޑުވާއިނގިލި ޖައްސާ ބާރުކޮށްލެވުނެވެ. ސިކުނޑިއަށް ލިބިފައިވި ހާސްކަން އެމޫނުގައިވި ކުލަވަރުތަކުން ހާމަކޮށްދެއެވެ. ގޮނޑީގައި އިންނަން އުނދަގޫ ކަމަށް ވުމުން އޭނަ ކޮޅަށް ތެދުވުނެވެ. އަދި ފަޓުލޫގެ ޖީބަށް އަތް ޖަހާލަމުން ގޮސް އޭނަ ހުއްޓުނީ އިސްކޮޅު ދިގުމިން ހުރި ކުޑަދޮރު ކައިރިއަށެވެ. އެދިމާއަށް ހުއްޓި ހުންނައިރު ކިލަނބުވެފައިވާ މާލޭގެ މަލަމަތި ފެނެއެވެ. އެއީ ހާސްކަން ވެރިވެފައިވާ ސިކުނޑިއަކަށް އެއްވެސް މުނާސަބަތެއްގައި ރަނގަޅު މަންޒަރެއް ނޫނެވެ. ފޫހިކަމާއެކު ޖާދިންއަށް ޗޮކެއް ކަނޑާލެވުނެވެ. ފަޓުލޫނުގެ ޖީބުގައި އޮތް ފޯނު ނަގައި އީވާއަށް ގުޅަން އޭނަ މަސައްކަތްކުރިއެވެ. ރިންގް ކެނޑިގެން ދިޔަ އިރު ވެސް ފޯނަށް ޖަވާބެއް ނުލިބުނެވެ.

''ކީއްވެގެންތަ ފޯނަށް ޖަވާބު ނުދެނީ... މިހާރު އީވްގެ ޚަބަރެއް ވެސް ވަނީ މަދު ފަހަރަކު... ވާހަކަ ދެކެވޭ ފަހަރެއްގައި އީވް ބޭނުން ވަނީ އަވަހަށް ފޯނު ބާއްވަން... އަނެއްކާ އީވްއަށް ކަމެއް ވީބާ؟، ނޫނީ ކިޔެވުމުގައި ބިޒީ ވަނީބާ؟... އެކަމަކު ވެސް އަހަންނަށް ހާލު އަންގާލުން މުހިންމެއް ނޫންތަ؟... ކީއްވެތަ އިސްވެ އަހަންނަށް އީވް ނުގުޅަނީ؟... އަހަރެން މިކަންތަކާ މެދު ވިސްނާ ސިކުނޑި ހާސްވާން ފަށައިފި......'' ކަންފަތާ ވަކިކޮށްލެވުނު ފޯނަށް ބަލަހައްޓައިގެން ހުރެފައި ޖާދިން ބުނެލިއެވެ. އޭނަ އީވާއަށް މެސެޖެއް ވެސް ލިޔުނެވެ. އިރުގަނޑެއް ފާއިތުވެގެން ދިޔަ އިރުގައި ވެސް މެސެޖަށް ޖަވާބެއް ނުލިބުނެވެ. ޖާދިންގެ މޭގައި ރިހުމެއް އުފެދެން ފެށިއެވެ. އެދެމެދަށް ވެރިވެފައި އޮތް ދުރުކަމުން ހިތަށް ވޭނީ ސަޒާތަކެއް ލިބެއެވެ. ހާސްކަން ލިބެއެވެ. ވިސްނަމުން ގޮސް ސިކުނޑީގެ ނާރުތަކަށް އެންމެފަހުން ވާން ވެއްޖެއެވެ. އެއާއެކު ބޮލުގައި ވެސް ރިއްސަން ފެށިއެވެ.

މެންދުރުގެ ވަގުތަށް ވިޔަސް މަސައްކަތް ކުރުމަށް ޝައުޤުވެރިކަން ނެތުމުން ޕީ.އޭއަށް އެންގުމަށް ފަހު، ޖާދިން މިސްރާބު ޖެހީ ގެއަށް ދިއުމަށެވެ. ސިކުނޑީގެ ހާސްކަމާ ހުރެ އެއްވެސް ކަމަކަށް ސަމާލުކަން ދެވޭ ގޮތެއް ނުވިއެވެ. ޖާދިންއަށް އައި އާދަޔާ ޚިލާފު ބަދަލާއެކު، ދާޖިންގެ ޕީ.އޭ ޔަލްވީއަށް ލިބުނީ ހައިރާންކަމެވެ. ދުވަހުގެ ހުރިހާ މީޓިންގްއެއްވެސް ޖާދިން ކެންސަލް ކުރުމުން، ޔަލްވީ ހުރީ އަޖައިބުވެ އަންތަރީސް ވެފައެވެ. އެއީ މީގެ ކުރިން ދުވަހަކު ޖާދިންގެ ފަރާތުން ފެނުނު ބަދަލެއް ނޫނެވެ. ސުވާލު އުފެދިފައިވާ ހާލުގައި ވެސް ހުރިހާ އެންމެނަށް ދުވަހުގެ ތާވަލް ބަދަލުއްޖެކަން ޔަލްވީ އެންގިއެވެ.

*****

''ޖާދު؟...'' ބޮޑުކޮޓަރީގައި އިން ބަސްމާއަށް ޖާދިން ފެނުމާއެކު ހައިރާންކަން ލިބުނެވެ. އޭނައަށް ވަގުތުން ބަލައިލެވުނީ ބޮޑޮކޮޓަރީގެ ފާރުގައި ހަރުކުރެވިފައިވި ބޮޑު ގަޑިއަށެވެ. އޭރު ގަޑިން މެންދުރު ދޭއް ޖަހަނީއެވެ. އެއީ މީގެ ކުރިން ދުވަހަކު ވެސް ޖާދިން ގެއަށް އައި ގަޑިއެއް ނޫނެވެ. ބަސްމާއަށް ހައިރާންކަން ލިބުނީ އެހެންވެއެވެ.

ބަސްމާ ގޮވާލުމުން ވެސް ޖާދިންއަށް އަޑެއް އިވުނު ހެނެއް ހިޔެއް ނުވެއެވެ. ހަލުވިކޮށް ދިޔަ ޖާދިންގެ މިސްރާބު ހުރީ ސިޑިއާ ދިމާއަށެވެ.

''ދަރިފުޅާ...'' ސޯފާއިން ތެދުވެލަމުން ބަސްމާ އަނެއްކާވެސް ގޮވާލިއެވެ. މިފަހަރު ތަންކޮޅެއް ބާރަށެވެ. އެއަޑަށް ސިޑީގެ ހަރުފަތުގައި ފައި އަޅާލި ޖާދިންއަށް ފަސްއެނބުރި ބަލައިލެވުނެވެ. ކަންބޮޑުވެފައި ހުރި މަންމަގެ މޫނު އޭނައަށް ފެނުނީ ދެނެވެ. މަންމައާއި ނަޒަރު ބައްދަލުވުމުން ޖާދިން ހިނިތުންވެލިއެވެ. އަދި އޭނަގެ ހާސްކަން ސިއްރުކުރަން މަސައްކަތްކުރިއެވެ.

''ބޮލުގަ ރިއްސާތީ އަރާމުކޮށްލަން މިއައީ...'' މަންމަގެ މޫނުމަތިން ފެނުނު ސުވާލުތަކަށް ޖާދިން ޖަވާބުދާރީވިއެވެ.

ބަސްމާ އިތުރަށް ނުތަނަވަސް ވިއެވެ. އަވަސްއަވަހަށް އައިސް ޖާދިންގެ ގާތަށް ހުއްޓިލަމުން، އަތުގެ ނުފުށް ޖައްސާލީ ޖާދިންގެ ނިތުގައެވެ.

''ހުމެއް ނެތޭ މަންމާ، މިދުވަސްކޮޅު ތަންކޮޅެއް ބުރަކޮށް އުޅޭތީ ހެން ހީވަނީ ބޮލުގައި ރިއްސަން ފެށީ... އަރާމުކޮށްލީމަ ރަނގަޅުވާނެޔޭ...'' ލުއި ހިނިތުންވުމެއް މަންމައަށް ދެމުން ޖާދިން ބުންޏެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟