ވާހަކަ

އަންނަންދެން ހުންނާނަން ލޯބިން ތިޔަ އިންތިޒާރުގައި - 22

8

ބާވީސްވަނަ ބައި

"އަހަރެން ބުނިން ނޫނެކޭ. އަހަރެން ކިހިނެއް އެހެން ކުއްޖަކަށް އަހަރެންގެ ހަޔާތުން ޖާގައެއްދޭނީ. އުމުރު ހުސްވެގެން މިދަނީ ހަމަ އެންމެ ކުއްޖެއްގެ އިންތިޒާރުގަ" އިރާނިޔާގެ މޫނަށް ބަލަން އިނދެ އާޝިދް ބުނެލިއެވެ. ހީލަމުން އިރާނިޔާ އެސްފިޔަތައް ތިރިކޮށްލިތަން ފެނުމުން އާޝިދްގެ ތުންފަތްމަތީގައިވި ހިނިތުންވުން އިތުރަށް ފުންވެގެން ދިޔައެވެ.

މެންދުރުގެ ގަދަ އަވީގައި ގެއިންބޭރަށް ދާން ބޭނުންނުވުމުން އިރާނިޔާ ވަނީ ބަދިގެއަށެވެ. އޭނާ ބޭނުންވަނީ ދެމީހުންނަށް ވާވަރަށް ކާއެއްޗެއް ރޯފިލުވާށެވެ. ފެންވަރަށް އާޝިދް ކޮޓަރިއަށް ވަނެވެ. އިރާނިޔާ ބަދިގެތެރޭގައި އުޅުނުއިރު އިރުކޮޅަކާއި އޭނާގެ ނަޒަރު ބަދިގޭ ދޮރަށް ހުއްޓެއެވެ. އަދިވެސް އޭނާގެ ހިތުގައި ވަނީ ބިރުވެރިކަމެކެވެ. އުނޭޝްގެ އަނިޔާވެރި ވަކިތަކުން އޭނާ ސަލާމަތްވާނެ އިރެއް ނޭނގޭތީއެވެ. އަޑެއް އިވޭއިރަށް ސިހިފައި އިރާނިޔާއަށް ބަދިގޭ ދޮރާއި ދިމާލަށް ބަލައިލެވެއެވެ.

"ތަމަން...!ތަމަން...!" އިރާނިޔާ ސިހިފައި ބަލައިލީ ކައިރިން އުނޭޝްގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. އިރާނިޔާއަށް ހީވީ އޭނާގެ ނޭވާ އެތެރެހަށީގައި ތާށިވިހެންނެވެ. އަތުގައި އޮތް ދޭފަތާއެކު ބަލަހައްޓައިގެން ހުރެވުނނެވެ.

"ތަމަން އައިތަ މިތަނަށް" އުނޭޝް އަހައިލިއެވެ. އިރާނިޔާއަށް ޖަވާބެއް ނުދެވުނެވެ.

"މަންމަންވީތަ...؟ އަހަރެން މިއަހަނީ ތަމަން މިތަނަށް އައިހޭ..." އިރާނިޔާ ކައިރިއަށް އެއްފިޔަވަޅު އަޅަމުން އުނޭޝް އެހިއެވެ.

"ވާހަކަނުދައްކަންތަ ތިހުންނަނީ...؟ ވަރަށް ބަނޑުހައިވެގެން ތަމަން މިހޯދަނީ. ހެނދުނު ހޭލިގޮތަށް މިހުރީ" އުނޭޝް ބުނެލިއެވެ.

"ހަމަ އަސްލަށްވެސް އަންހެނުން ގެއްލުނީތަ...؟" ފަހަތުން އާޝިދްގެ އަޑު އިވުމާއެކު އުނޭޝް ބަލައިލިއެވެ. އާޝިދް ދިން އިންޒާރުގެ މަތިން ހަނދާންވެފައި އޭނާއަށް އިތުރަށް އިރާނިޔާއާއި ދިމާކޮށްލަން ނުކެރުނެވެ. ބަހެއްނުކިޔާ އުނޭޝް ދިޔުމުން އިރާނިޔާއަށް ހަމަޖެހުމުގެ ނޭވައެއް ލެވިއްޖެއެވެ.

"އަހަރެން ފެންވަރަށް ކޮޓަރިއަށް ވަންނަނިކޮށް ފެނުނު އެ އަންހެނާ ގެއިން ނިކުންނަނިކޮށް" އުނދުން ކައިރިއަށް ޖެހިލަމުން އާޝިދް ވާހަކަދެއްކިއެވެ.

ދެވިސްނުމެއްގައި ހުރެފައި އިރާނިޔާ އިތުރު ނޫޑްލްސް ޕެކެޓެއް ނެގިއެވެ. އޭނާގެ ހަރަކާތްތަކަށް އާޝިދް ބަލަހައްޓައިގެން ހުރިއިރު އިރާނިޔާގެ ހިމޭންކަމުން އޭނާގެ ސިކުނޑި ތެރޭގައި ކަންތައްގަނޑެއް އެނބުރެމުންދާކަން އާޝިދަށް ޔަޤީންވިއެވެ.

"ވަރަށް މީރުވަސްދުވާ އެބަ. ނިމުނީދޯ. މިއަންނަނީ ތަށި ހިފައިގެން" އާޝިދް ބުނެލިއެވެ. އާޝިދް ގެނައި ދެ ތައްޓަށް ނޫޑްލްސް އަޅާފައި އިރާނިޔާ އިތުރު ތައްޓެއް ގެނައެވެ. ނޫޑްލްސް އަޅައިގެން ގޮސް މޭޒުމަތީގައި ބެހެއްޓިއެވެ.

"އުނޭޝްއަށްތަ؟" އިރާނިޔާގެ ހަރަކާތްތަކަށް ބަލަން ހުރެފައި އާޝިދް އެހިއެވެ.

"އޭނަ ހުރީ ވަރަށް ބަނޑުހައިވެފަ. އަހަރެންނާ މެދު އޭނަ ކޮންމެ ގޮތަކަށް ކަންތައްކުރި ނަމަވެސް އެއީ އަދި އަހަރެންގެ ފިރިމީހާ. އަހަރެންގެ ދަރިފުޅުގެ ބައްޕަ" އިރާނިޔާ ބުނެލިއެވެ.

"ދެން ގުޅަންވީނުން. އަންނާނެބާ" އާޝިދް އެހިއެވެ.

"ސިޑް ގުޅަންވީނުން. އަހަރެންނަށް ނުކެރޭނެ" އިރާނިޔާ ބުނެލިއެވެ.

"ނޫން. އެންމެ ރަނގަޅުވާނީ އީރަން ގުޅިއްޔާ" ހީލަމުން އާޝިދް ބުނެލިއެވެ.

ދުވަހުގެ ބާކީ އޮތް ވަގުތުތައްވެސް އާޝިދް ހޭދަކުރީ އިރާނިޔާ ފެންނަ ހިސާބުގައެވެ. އޭނާ އިރާނިޔާއާއި ހަމައެކަނި ވަކިވި ވަގުތަކީ އެގެއަށް ގުމްރޫހް އައި ގަޑިއެވެ. އެގަޑީގައި އޭނާ މިސްކިތަށް ދިޔައީ ގުމްރޫހް ކައިރީގައި އޭނާ އަންނަންދެން މަޑުކުރުމަށް އެދިފައެވެ.

ފަތިހު ޙާއިޝާއާއި އަދްޔަން ގެއަށް އަތުވެއްޖެއެވެ. ކޮޓަރިއަށް ވަންއިރު އިރާނިޔާ ފެންނަން ނެތުމުން އޭނާ ކަންބޮޑުވިއެވެ. ހާސްވެފައި ކޮޓަރިން ނިކުތް ވަގުތު އަދްޔަން ފެނުނެވެ. ޙާއިޝާ ހުރިގޮތުން އަދްޔަން ކައިރިއަށް އައިސް ޙާއިޝާގެ އަތުގައި ހިފައިލިއެވެ.

"ރާނީ ނެތް ކޮޓަރިއަކު. ކޮންމެސްކަމެއްވެއްޖެ. ރޭގައި އަހަރެން ގުޅީމަ ފޯނަށް ޖަވާބެއްނުދޭ" ޙާއިޝާ ބުނެލިއެވެ.

"އެއްކަލަ މަންމަ. ދޮންބެދައްތަ ދެން ދާނީ ކޮންތާކަށް" އަދްޔަން ބުނެލިއެވެ.

"ނެތީމައޭ ނެތޭ މިބުނީ. ފާހާނާއިގަ ވެސް ނެތް. އަދޫ ނިކަން ގުޅައިބަލަ" ޙާއިޝާ ބުނެލިއެވެ.

"އާޝިދްބެގެ ކޮޓަރީގަ ކަންނޭނގެ. އާޝިދްބެ އެބައޮތް ސޯފާގަ ނިދާފަ. އަޅުގަނޑު ވަންއިރު ދެކުނިން. މަންމައަށް ނުފެނޭތަ...؟" އަދްޔަން ބުނެލިއެވެ. ޙާއިޝާ ބާރަށް ހިނގާފައި ގޮސް ސޯފާއާއި އަރާ ހަމަކުރިއެވެ. ތެދެކެވެ. އާޝިދް ސޯފާގައި ގަދަނިދީގައި އޮތެވެ. ކޮންމެވެސް ވަރަކަށް އާޝިދްގެ ނޭވާގެ އަޑު އިވިއިވި ހުއްޓެވެ. ދެން ޙާއިޝާ ގޮސް ހުއްޓުނީ އާޝިދްގެ ކޮަޓަރި ދޮރުމަތީގައެވެ. އެތެރެއިން ތަޅުލާފައި ހުރުމުން ހުޅުވޭގޮތް ނުވިއެވެ.

"ކީއްވެބާ ރާނީ މިކޮޓަރީގަ ނިދަނީ؟ އަނެއްކާ އެމަންޖެ ރަނގަޅުތަ؟" ޙާއިޝާ އަދްޔަންއަށް ބުނެލިއެވެ.

ދޮރުގައި ޙާއިޝާ ޖަހައިލީ އެންމެ ފަހަރަކުއެވެ. އެތެރެއަށް ދޮރު ހުޅުވިގެން ދިޔަވަގުތު ނަމާދުކުރާ ހުދު ބުރުގަލުގައި ހުރި އިރާނިޔާ ފެނުމުން ޙާއިޝާއަށް ހަމަޖެހުމުގެ ނޭވައެއް ލެވިއްޖެއެވެ. އިރާނިޔާގެ ހިނިތުންވެފައިވާ މޫނުމަތި ފެނި ޙާއިޝާއަށް ހިނިތުންވެވިއްޖެއެވެ. އިރާނިޔާގެ ގައިގައި ބައްދާލެވުނުއިރު މީގެ ކުޑައިރުކޮޅެއް ކުރިން އޭނާގެ ހިތުގައި އުފެދިފައިވި އުދާސްތައް އެކީގައި ފިލައިގެން ހިނގައްޖެއެވެ. ކައިރީގައި އަދްޔަންވެސް ހެވިފައި ހުއްޓެވެ.

"ހުރިހާކަމެއްވެސް ރަނގަޅުތަ...؟ މަންމަ ވަރަށް ބިރުން އުޅުނީ ދޮންބެދައްތަ ކޮޓަރީގަ ނެތީމަ" އަދްޔަން ބުނެލިއެވެ. އިރާނިޔާ އެތެރެއަށް ވަދެފައި އޭނާ އެކޮޓަރިއަށް ވެއްދި އެއްޗެހިތައް ހިފައިގެން ޙާއިޝާއާއެކު ނިކުތެވެ. ޙާއިޝާގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަނެފައި ފަހަތަށް ބަލައިލިއެވެ. ކޮޓަރިއަށް ވަންނަންދިޔަ އަދްޔަންއަށް ގޮވައިލިއެވެ.

"ސިޑްއަށް ގޮވާލަންވީނުން. ނަމާދުނުކޮށް އޮށްވާ ވަގުތުފާއިތުވެދާނެ" އިރާނިޔާ ބުނެލިއެވެ. އަދްޔަން ހިނިތުންވެފައި އެދިމާލަށް ހިނގައިގަތެވެ.

ކޮޓަރިއަށް ވަނުމަށްފަހު އިރާނިޔާ ބުރުގާ ނަގާ އޭގެ މަގާމުގައި ބޭއްވިއެވެ. އެނދުގައި އިން ޙާއިޝާ ކައިރީގައި އައިސް އިށީނދެއްޖެއެވެ. ޙާއިޝާގެ ކޮނޑުގައި ބޯއަޅާލާފައި ދެލޯ މަރައިލިއެވެ. ޙާއިޝާގެ އަތުން އިރާނިޔާގެ މޫނުގައި ފިރުމައިލިއެވެ. އެވަގުތު އޭނާއަށް މައިވަންތަކަމުގެ އިހުސާސް ވެގެން ދިޔައެވެ.

"މަންމާ...! އަޅުގަނޑު ދުނިޔޭގެ ކޮންމެފަދަ ހިތާމައަކާއިވެސް ކުރިމަތިލާފަނަން. ހިތްވަރުވެސް ކޮށްފާނަން. އެކަމަކު މަންމަގެ ތި ލޯބިވެތި ފިރުމުންތަކާއި ނުލާ އަޅުގަނޑަށް ކެތެއްނުކުރެވޭނެ. އަޅުގަނޑު މިގެއިން ދިޔަސް މަންމަ ތިގޮތަށް ފިރުމާލަދޭން އަންނައްޗެ" އިރާނިޔާ ވާހަކަދެއްކިއެވެ. ޙާއިޝާގެ ހިތުގައި ސުވާލު އުފެދެމުން ދިޔައެވެ.

"މަންމާ...! އަޅުގަނޑު ވަރަށް ބޮޑު ނިންމުމެއް ނިންމައިފިން. ވިހަން ބާކީ އޮތީ ހަފްތާއެއް ދުވަސް. މިރޭވެސް މާދަމާވެސް އެވަގުތު އައިސް ޖެހިދާނެ. އޭގެކުރިން އަޅުގަނޑު ބޭނުންވަނީ އުނޭޝްގެ ފަރާތުން މިނިވަންވާން. މިއީ އަޅުގަނޑުގެ ހިތުގެ އަޑިން ނިންމާ ނިންމުމެއް" އިރާނިޔާ ވާހަކަދެއްކިއެވެ.

"އޭރުވެސް އަހަރެންގެ ހިތަށް އެރި. ރާނީއަށް ކޮންމެސްކަމެއްވެއްޖެ. މަންމަ ބޭނުންވަނީ އެންމެ ސުވާލެއްކުރަން. ތެދަށް ޖަވާބުދޭތި. ރާނީ ދޮގުހެދިޔަސް މަންމައަށް އިނގޭނެ" ޙާއިޝާ ވާހަކަދެއްކިއެވެ. ޙާއިޝާގެ ކޮނޑުމަތިން ބޯހިއްލާލާފައި އިރާނިޔާ ބަލައިލިއެވެ. ސުވާލުކުރާށޭ ބުނާ ފަދަ ގޮތަކަށް ބޯޖަހައިލިއެވެ.

"މިކޮޓަރީގަ ނުނިދާ އާޝިދްގެ ކޮޓަރީގަ ނިދީ ކީއްވެތަ؟ އުނޭޝް ކަމެއްކުރީތަ؟" ޙާއިޝާ އެހިއެވެ. އިރާނިޔާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެންދިޔަ ގޮތް ޙާއިޝާއަށް ފެނުނެވެ. އިރާނިޔާ ތެދަށް ހުރިހާ ވާހަކަތަކެއް ކިޔައިދޭން ނުކެރުނެވެ. މަޔަކާއި ދަރިއަކާއި ދެމެދު މިހާރުވެސް އޭނާގެ ސަބަބުން ވަނީ އުސްމިން ނޭނގޭ ބޮޑު ފާރެއް ލެވިފައެވެ. އޭނާ ތެދު ހަދައިފިނަމަ ކަންތައްތައް އިތުރަށް ގޯސްވެދާނެއެވެ.

"ކީއްވެތަ ޖަވާބެއްނުދިނީ..؟" ޙާއިޝާ ވާހަކަދެއްކިއެވެ.

"މަންމައަށް އިނގެއެއްނު އުނޭގެ ބަހުގެ ހަމަލާތައް އަޅުގަނޑަށް އަންނާނެކަން. އަޅުގަނޑު އަޅައެއްނުލަން. އެކޮޓަރިއަށް ނިދަން ދިޔައީ މިކޮޓަރީގެ ކުޑަދޮރުގެ ތަންޑު ހަލާކުވެފަ ހުރީމަ. ސިޑް ކޮންމެސްގޮތަކަށް ހަދާފައި ހުރީ. އެކަމަކު އަޅުގަނޑު ހިތްހަމަނުޖެހުނީ" އިރާނިޔާ ވާހަކަދެއްކިއެވެ. އޭނާ ހާމަކުރީ މުޅިއަކުން ދޮގެއްވެސް ނޫނެވެ.

"އާޝިދް ރާނީއަށް ރަނގަޅުތަ...؟" ޙާއިޝާ އެހިއެވެ.

"ވަރަށް ރަނގަޅު. މަންމަ އަންނަންދެން ސިޑް ހުރީ ދެދުވަހުގެ ޗުއްޓީއެއްގަ. ހުރިހާ ވަގުތެއް ހޭދަކުރީ އަޅުގަނޑުގެ ކައިރީގަ. މާލިކްބެއާވެސް ދިމާވި" އިރާނިޔާ ވާހަކަދެއްކިއެވެ.

ޙާއިޝާގެ ތުންފަތްމަތިން ފެނުނީ ހިނިތުންވުމެކެވެ. އެހިނދުކޮޅުގައި ހިތުގެ އަޑިން އޭނާވެސް ނިންމުމެއް ނިންމައިފިއެވެ. ވީރާނާވަމުން އެދާ ނިކަމެތި އަންހެންކުއްޖާގެ ދިރިއުޅުން އަދި އެއްފަހަރު ކޮޅަށް ޖެހުމަށް އެންމެބޮޑު ރޯލް އަދާކުރަން އޭނާ ނިންމިއެވެ. މައެއްގެ ފަރާތުން ލިބެންވާ ލޯތްބާ އަޅާލުން އެންމެ ފުރިހަމައަށް އިރާނިޔާއަށް ދޭން ބޭނުންވިއެވެ. ލޯތްބާއެކު އިރާނިޔާގެ ނިތުގައި ޙާއިޝާ ބޮސްދިނެވެ.

ބޭރުން ހިއްކައިގެން ހިފައިގެން އައި ހެދުންތައް ސޯފާމަތީގައި ބެހެއްޓުމަށްފަހު އަދްޔަންގެ އެއްޗިއްސާ އާޝިދްގެ އެއްޗެހިތައް ވަކިކޮށްލިއެވެ. އެންމެ ފުރަތަމަ އިރާނިޔާ ހިނގައިގަތީ އަދްޔަންގެ ކޮޓަރިއާ ދިމާލަށެވެ. މާގިނަ އިރެއް ނުވަނީސް އޭނާ އާޝިދްގެ ހެދުންތައް ހިފައިގެން ހިނގައިގަތެވެ. ފަހަތުން އައި ތަމަންނީ އިރާނިޔާއާއި އަރާ ހަމަވެފައި ތުންފަތަށް ނުލަފާ ހިނިތުންވުމެއް ވެރިކޮށްލިއެވެ. ބާރަކަށް އިރާނިޔާގެ ކޮނޑުގައި ޖެހިގަތުމާއެކު އިރާނިޔާގެ ކަކުލުން ވާގި ދޫވިހެން ހީވިއެވެ. އަތުގައި ހުރި އެއްޗެހިތައް ފައިބައިގަތުމުން އޭނާ މަސައްކަތްކުރީ ހަށިގަނޑު ބެލެންސް ކުރުމަށެވެ. ފާރުގައި އަތް ވިދުމުގެ ކުރިން އޭނާ ތިރިއަށް ދެކަކޫ މައްޗަށް ވެއްޓިއްޖެއެވެ. އަތްތިލަ ޓައިލްސް މަތީގައި ވިދިގެން ދިޔުމާއެކު ނުބައި ތަދެއް ވެއްޖެއެވެ. ބަނޑަށްވެސް ލޮޅުމެއް އެރިއެވެ. އެމަންޒަރު ފެނުނީ އެވަގުތު އަދްޔަންއާއި ބައްދަލުކުރަން އެގެއަށް އައިސް ވަން ގުމްރޫހަށެވެ. ބޮލަށް އެނބުރުން އަރައިގެން އިރާނިޔާ ވެއްޓުނު ކަމަށް ހީކޮށް ގުމްރޫހަށް ބާރަށް އިރާނިޔާއަށް ގޮވައިލެވިއްޖެއެވެ. އެވަގުތު ކޮޓަރި ތަކުގައި ތިބި އެންމެން ނިކުތެވެ. ހަށަމަށް އަތް ނަގައިގެން ތަމަންނީ ހީގަނެގެން ހުރިތަން ފެނުމުން ގުމްރޫހަށް ދެލޯ އަޅައިލެވުނެވެ.

"މަގޭ ދަރި..." ޙާއިޝާއަށް އެދިމާލަށް އާދެވުނީ އަތުގައި އޮތް ވަޅިއާ ވެސް އެއްކޮށެވެ. ގުމްރޫހާއި ޙާއިޝާގެ މަސައްކަތުން އިރާނިޔާ ތެދުކުރުވިއިރު އޭނާގެ ދެތުންފަތް ފިއްތާލާފައި ވަނީ ހަށިގަނޑަށް އަޅަމުންދިޔަ ވޭނަށް ކެތްކުރުމުގެ ގޮތުންނެވެ. އާޝިދާއި އުނޭޝްއަށް އެވަގުތު ގެއަށް އައިސް ވަދެވުނީ އެކުއެކީގައެވެ. ސޯފާކައިރީގައި ކޮޅަށް ހުރި އިރާނިޔާގެ އުނގަނޑުމަތިން ޙާއިޝާ ފިރުމަމުން ދިޔައިރު ގުމްރޫހް ދޮވެފައި ހުރި ހެދުންތައް ކޮޓަރިތަކަށް ލުމުގައި އުޅެއެވެ.

"ކް...ކިހިނެއްވީ...؟ ރިއްސަނީތަ...؟ ދާންވީތަ ހޮސްޕިޓަލަށް" އުނޭޝް އެދެމައިން ކައިރިން އަޅާފައި ގޮސް ކޮޓަރިއަށް ވަން މަންޒަރު ބަލަން ޙާއިޝާއަށް ހުރެވުނީ ހިތުގައި ޖެހިފައެވެ. އިރާނިޔާދެކެ ތެދުވެރި ލޯބިވާ މީހާގެ ލޮލުގައި އެމަންޒަރު އަޅައިގަތުމުން ފުރަތަމަވެސް ކައިރިވީ އެތަނާއެވެ. އެފެންނަނީ ދެހިތުގައިވި ލޯބީގެ ތަފާތެވެ.

"ރާނީއްތަ ވެއްޓުނީ. އަޅުގަނޑު އައިރު ނުތެދުވެވިފަ އޮތީ" ގުމްރޫހް ބުނެލިއެވެ.

"ވެއްޓުނީކީ ނޫން. ވައްޓައިލީ. ތަމަންނީ އައިސް ފަހަތުން ޖެހިގަތީ ވަރަށް ބާރަށް. އެދެމަފިރިން އަހަރެންގެ ދަރިފުޅު މިދުނިޔެއިން ވަކިކޮށްލަން ވަރަށް މަސައްކަތްއެބަކުރޭ... " އިރާނިޔާ ވާހަކަދެއްކިއެވެ.

"ދޫކޮށްބަލަ... އެބައަންނަން އުނޭޝް ކައިރިއަށް ވަދެލާފައި" އެންމެންގެ އަތްތައް ދުރަށް ލާފައި އިރާނިޔާ ހިނގައިގަންނަން އުޅުމުން ޙާއިޝާ ހިފެހެއްޓިއެވެ.

"ރާނީ މަޑުކުރޭ..." އާޝިދާއި އިރާނިޔާ ހަވާލުކޮށްފައި ޙާއިޝާ ހިނގައިގަތެވެ.

އައިސްފައި ހުރި ރުޅީގައި ޙާއިޝާއަށް އުނޭޝްގެ ކޮޓަރި ދޮރުގައި ފައިން ޖެހުނީ ވަރަށް ބާރަށެވެ. ތަމަންނީ ދޮރުހުޅުވައިލުމުން ޙާއިޝާއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ.

"އުނޭޝް... އުނޭގެ މަންމަކޮޅު..." އަނގަ ހަދައިލަމުން ތަމަންނީ ބުނެލިއެވެ.

"މަންމާ...!!" އެއްޗެހި ބަދަލުކުރަން ހުރި އުނޭޝްއަށް ހީވީ ޙާއިޝާ އައީ އޭނާ އާއި ބައްދަލުކޮށްލުމަށް ކަމަށެވެ.

"މަންމާ އޭ ކިޔާނެކަމެއް ނެތް. އުނޭޝްގެ އަމައެއް މިގެއަކު ނޫޅޭ... ނިކަން އާދެބަލަ. އަން. ހިފާބަލަ... މަރާލާ... އަހަރެން މަރާލާ...." އުނޭޝްގެ ދެއަތުން އަމިއްލަ ކަރުގައި ހިފުވަމުން ޙާއިޝާ ބުނެލިއެވެ.

"ކިހިނެއްވެގެންތަ މަންމަ ތިއުޅެނީ...؟ އަހަރެން މިއުޅެނީ މަންމަ މަރާނުލެވިގެންތަ؟" އުނޭޝް ހަޅެއްލަވައިގަތެވެ.

"މީހުން މަރާހިތްވާތީއެއްނުން ތިމާގެ އަމިއްލަ ލެއަށް ދަހިވެތިވާނީ.. އެކުޑަކުޑަ ފުރާނައިގެ ކޮން ކުށެއް އޮތީ" ޙާއިޝާގެ އަޑުވެސް މަޑެއްނޫނެވެ.

"ކަލޭ... ހަނދާންކުރާތި. އަހަރެންގެ މާމަ ދަރިފުޅަށް ކަލޭގެ ފަރާތުން ކިތަންމެ ކުޑަ އަނިޔާއެއް ލިބުނަސް ކަލޭ ފޮނުވާލާނީ ޖަލަށް. ކިހިނެއްވެގެންތަ ފާވެގެން ނެއްޓެން ނޭނގިގެން ތިއުޅެނީ؟ މީހުން ބުނަނީ ތެދެއް. ޖިންނިއެއް ފާވެއްޖިއްޔާ ފައްސާލެވޭނެ ގޮތްގޮތް ހުރޭ. އެކަމަކު ޖަނަވާރެއް ފާވެއްޖިއްޔާ ދުވަހަކު އެކަމުން ސަލާމަތެއް ނުވާނެ... ބައެއް މީހުންނަކީ އިންސާނުންގެ ސިފައިގައި ތިއްބަސް ނުރައްކާތެރި ޖަނަވާރުން" ޙާއިޝާ ތަމަންނީގެ ކުރިމަތީގައި ހަޅޭއްލަވަމުން ދިޔައިރު އައިއްސަ ހުރި ރުޅިއެއްގެ ސަބަބުން ދެލޮލުން ކަރުނަ ނީރާލާފައި ވިއެވެ.

"ތިބުނަނީ މަށަކީ ޖަނަވާރެކޭތަ...؟ ރާނީ އަކީތަ އިންސާނަކީ..." ދެރަވެފައި ކަމަށް ހެދިލަމުން ތަމަންނީ ބުނެލިއެވެ.

"އާނ... ކަލޭ ތިއީ ވިހަގަދަ ހަރުފައެއް. ކަލޭ ތިއުޅެނީ މަގޭ މިހިރަ ދަރިގެ ސިކުނޑިއަށް ވެސް ވިހަ ލައިގެން. ތިއީ ބޮޑު....."

"މަންމާ...!!! ތަމަންއަށް ބޭނުންހާ އެއްޗެއް ކިޔުމުގެ ޙައްޤެއް އަހަރެން މަންމައަކަށް ނުދެން. ހަމަ މިހާރު މިކޮޓަރިން ނިކުމޭ..." އުނޭޝް ޙާއިޝާގެ ކޮނޑުގައި ހިފާ އަނބުރައިލަމުން ބުނެލިއެވެ.

"ލަދެއްވެސް ނުގަނޭތަ...؟ އުނޭޝްއަށް ކާކު ކޮންއިރަކު ދިން ކޮޓަރިއެއް މިއީ... ބުނަންތަ ވާހަކައެއް... ކަލޭގެ މި ޑައިނުދައިތަ ގޮވައިގެން ހަމަމިހާރުން މިހާރަށް މިގެއިން ރައްކާވެގެންދޭ. މިއަދަށްފަހު އަހަރެންނަށް އުނޭޝް މަރުވެއްޖެ" ޙާއިޝާ އުނޭޝްއަށް ބުނެލިއެވެ. ބުނާނެ އެއްޗެއް ނޭނގި އުނޭޝްއަށް އަނގަ ހުޅުވުނެވެ.

"އަހަރެންނަށް އޮޅިއްޖެ.... ބަލަން ހުންނާތި މިފަހަރު..." އުނޭޝް ކޮޓަރިން ނިކުމެގެން ހިނގައިގަތެވެ.

ގުމްރޫހް އިރާނިޔާ ކައިރީގައި ބައިންދާފައި ފޯނެއްގައި ހުރެ އާޝިދް ބޭރަށް ނިކުތެވެ. އިރާނިޔާގެ ތުނބުގައި ފެންތަށި ޖައްސައިގެން ހުރެ އަނެއް އަތުން އިރާނިޔާގެ ބޮލުގައި ފިރުމަމުން ދިޔައެވެ. ކުޅޭ ހެދުމުގައި ހުރި އަދްޔަން ކޮޓަރިއަށް އައިސް ވަނުމުން ގުމްރޫހްގެ ތުންފަތް މަތީގައި ހިނިތުންވުމެއް ދުވެލިއެވެ.

"ހުރިހާކަމެއް ރަނގަޅުތަ...؟" އަދްޔަން އަހައިލިއެވެ. ގުމްރޫހަށް ޖަވާބެއް ނުދެވިގެން އުޅެނިކޮށް ރުޅިއައިސްފައިވާ ސިއްގާއެއްހެން ވަދެގެން އައި އުނޭޝް ފުރަތަމަވެސް ހިފީ އިރާނިޔާގެ ބޮލުގެ އިސްތަށިގަނޑުގައެވެ. ފަހަތުން އައި ޙާއިޝާ ރޮއެގަތެވެ. އޭނާގެ ދުލުން މާތްﷲ ގެ އިސްމުފުޅު ނަންގަންނަމުން އައިސް އިރާނިޔާގެ ގައިގައި ބައްދައިގަތެވެ.

"މަގޭ ދަރިއަށް ތިހެން ނަހަދާ.... ހެޔޮނުވާނެ... މިބަނޑުގައި އޮތް ކަލޭގެ ދަރިއާމެދު ވިސްނަބަލަ" ޙާއިޝާ ކިޔަމުން ދިޔައެވެ.

"ދޫކޮށްލާ... ދޮންބޭ... މިގުޅަނީ ފުލުހުންނަށް..." އަދްޔަން އައި ބާރުމިނުގައި ހިފެހެއްޓީ އުނޭޝްގެ ދެއަތުގައެވެ. މަންޒަރު ބަލަންހުރި ގުމްރޫހްގެ ހިތުގައި ވަނީ ބިރުވެރިކަމެއް އުފެދިފައެވެ. އޭނާއަށް އަދި ދުވަހަކުވެސް އެފަދަ ބިރުވެރިކަމެއް ފެނިފައެއްނުވެއެވެ.

"ގޮމަ...! ދޭބަލަ އާޝިދްބެއަށް ގޮވަން" އަދްޔަން ބުނެލިއެވެ. ވަގުތުން ގުމްރޫހް ދުއްވައިގަތެވެ.

ޙާއިޝާ ރޮމުން ދިޔައިރުވެސް ދަތްކުނޑި ވިކާލައިގެން ހުރި އުނޭޝްއަށް އެއްވެސް އަސަރެއް ނުކުރެއެވެ. އޭނާގެ މޭގެތެރޭގައި ހިތެއްގެ ބަދަލުގައި ހިލަގަނޑެއް އޮތް ކަހަލައެވެ.

"ކަލޭ ހިތަށް އަރަނީތަ ލައްކައެކޭ. އަހަރެން ކަލޭވެސް ކަލޭގެ ބަނޑުގައި ތިއޮތް ސުންޕާ ދަރިވެސް ބޭނުމެއްނޫން. ކަލޭ މިގެއަށް ގެނައީވެސް އަހަރެން. ކަލޭ މިގެއިން ފޮނުވާލާނީވެސް އަހަރެން..." އުނޭޝް ވާހަކަދެއްކިއެވެ.

"މަންމާ...! ނުރޮއި. ހުއްޓާލާ... އަހަރެންގެ ބަނޑުގައި މިވާ ދަރިފުޅާއި އަހަރެންގެ މަރު ލިޔުއްވާފައިވަނީ އުނޭޝް އަތަކު ނޫން. އޭނާއަށް އަހަރެންނަށް ދެވޭނީ އަނިޔާ... މަރައެއް ނުލެވޭނެ...." އިރާނިޔާ ބުނެލިއެވެ. އޭނާގެ ދެލޮލުން އެންމެ ކަރަނައެއްވެސް ނާދެއެވެ.

"ފިރިމީހާ... !! ކީއްވެ ތިލަސްކުރަނީ... ކަލޭ ތިއީ ފިރިހެނެއްކަން ސާބިތުކޮށްދީބަލަ.. ނިކަން ހިތްވަރެއް ހުރިއްޔާ އަހަރެމެންގެ ދެމައިންގެ ވަސް މިދުނިޔެއިން ފޮހެލަބަލަ. އެއަށްފަހު ގަމީހުގެ ގިރުވާނު ކޮޅަށް ޖަހައިގެން މަގުމައްޗަށް ނިކުމެފަ ބުނޭ ތިމަންނަ މިއައީ ފިރިހެނަކަށް ކުރެވޭނެ އެންމެ މޮޅު ކަންތައް ކޮށްފައޭ..." އިރާނިޔާ ވާހަކަދެއްކިއެވެ. އުނޭޝް އޭނާގެ އިސްތަށިގަނޑުގައި ހިފާފައި ހުރި ގޮތުން އިސްތަށިތަކުގެ ބުޑުން ކެތްކުރަންދަތި ވޭނެއް އަޅަމުން ދިޔައެވެ. ޙާއިޝާ ރޮމުންދިޔަ އިރު އަދްޔަން އުނޭޝްގެ އަތް ނެއްޓުވޭތޯ މަސައްކަތްކުރަމުން ދިޔައެވެ.

"އާޙް... މަންމާ...!!" އިރާނިޔާގެ މޫނުމަތީގައި އުނޭޝް އަޅުވާލި އެތަފަހަރުން އޭނާގެ މޫނުމައްޗަށް އަނދިރިވެ އެނދުމައްޗަށް ވެއްޓުނެވެ. ޙާއިޝާގެ އަޑު ބާރުވިއެވެ. ރޮވޭވަރުން ޙާއިޝާ ހީވަނީ ނޭވާ ހުސްވާން އުޅޭހެނންނެވެ.

"އުނޭޝް...!!" އަދްޔަންއަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ކަނޑައިގެންދިޔަ ހެންނެވެ. އުނޭޝްގެ ގަމީހުގެ ކަރުވަޅުގައި ހިފާ ދުރަށް ކޮށްޕާލިއެވެ. އެވަރުންވެސް އުނޭޝް އައީ އެނދުގައި ވަރެއްނެތިފައި އޮތް އިރާނިޔާއާ ދިމާލަށެވެ.

"ހަބަރުދާރު... ކުރިއަށް އެންމެ ފިޔަވަޅެއް އެޅިޔަސް އަހަރެން ކަލޭގެ ދުވަސް ދުއްވާލާނަން...." ދުމެއްހެން އައި އާޝިދް އުނޭޝްގެ ކަރުވަޅުގައި ހިފިއެވެ. އައިސްފައި ހުރި ރުޅިއާއި އެއްވަރަށް އޭނާގެ ކަތުރު ކަށިގަނޑުވެސް ތެޅިލިއެވެ.

"އަހަރެން ކަލެއަށް ފަހުގެ އިންޒާރު ދިނީމެއްނު..." އާޝިދް ބުނެލިއެވެ. އޭނާގެ ދެލޮލުން އަލިފާން ކަނި ބުރާ ކަހަލައެވެ.

ޖެހިލުންވެފައި ހުރި ގުމްރޫހް ފަހަތަށް ފިޔަވަޅު އަޅަމުން ގޮސް އަދްޔަންގެ މުލައްދަނޑީގައި ހިފައިފިއެވެ.

"ދޫކޮށްލާ..." އުނޭޝް ބުނެލިއެވެ. އާޝިދްގެ ނަޒަރު ލަސްލަހުން އެނދުގައި ހިމޭންވެފައި އިން އިރާނިޔާއަށް ހުއްޓުނެވެ. ކައިރީގައި ރޯން އިން ޙާއިޝާއަށް އޭނާގެ ނަޒަރު ހުއްޓުނު ވަގުތު އޭނާގެ ހިތުގައި ރިއްސައިގަތެވެ. މަޑުމަޑުން އުނޭޝްގެ ގަމީހުން އަތް ދޫކޮށްލައިފިއެވެ. ބުމަރެއްހެން އުނޭޝް ގޮސް ޖެހުނީ އިރާނިޔާ ކައިރީގައެވެ. އާޝިދްދެކެ ޖެހިލުންވީ ވަރުން އޭނާއަށް އިރާނިޔާގެ ގައިގައި އިނގިލި ކުރި ޖައްސަންވެސް ނުކެރުނެވެ. ނަމަވެސް އިރާނިޔާއާއި ދިމާލަށް ކުޑަކޮށް ގުުދުވެލާފައި މޫނު ކައިރިކޮށްލިއެވެ.

"ތިއީ މިހާރުން ފެށިގެން އަހަރެންގެ އަންބެއްނޫން. ވަރިކޮށްފަ ތިހެރީ... ރައްކާވޭ އަހަރެންގެ ކުރިމަތިން" ހިމޭންވެފައިވާ ކޮޓަރި ތެރެއިން އެ އަޑު ސާފުކޮށް އެތެރޭގައި ތިބި އެންމެންނަށް އިވުނެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟