ރައުހާގެ ސުވާލުން އީވާ ހުއްޓުން އެރިއެވެ. ހާސްކަން ވެސް ހިތަށް ވެރިވިއެވެ. ދޭނެ ޖަވާބަކާ މެދުގައި އަވަސްއަވަހަށް ވިސްނުން ހިންގާލެވުނެވެ. މާކިންއާއެކު ބޭރަށް ދާން އުޅޭ ވާހަކަ ރައުހާއަށް ސިއްރުކުރަން ބޭނުން ވީތީއެވެ. ހަޤީޤަތް އެނގިއްޖެނަމަ އެކަމަށް ފާޅުގައި ރައުހާ އިންކާރު ކުރާނެތީއެވެ. އޭނަގެ ހާލަތު ރައުހާއަށް ނުވިސްނިދާނެ ކަމުގެ ބިރު ވެސް އެހިތުގައި އޮތެވެ. އެހެންވުމުން އެވަގުތަށް އޭނައާއި މާކިންއާއި ދެމެދު ބަދަހިވަމުން އައި ގުޅުން ސިއްރުކުރަން އޭނަގެ ޒަމީރު ލަފާ ދިނެވެ.
''މީ... ކެފޭގެ އުޅޭ މީހުންނާއެކު ބޭރަށް ދާން މިދަނީ...'' މޫނުމަތީގައިވި ނުތަނަވަސްކަމަށް ނިމުމެއް ގެންނަމުން އީވާ ހިނިތުންވެލިއެވެ. ދޮގު ހަދަން ޖެހުމުން ހިތަށް އުނދަގޫ ވެސް ވިއެވެ. ނަމަވެސް އެނޫން އިތުރު ގޮތެއް އޭނައަކަށް ނެތެވެ. ކަންކަން ހަމައަކަށް ނޭޅެނީސް ހަޤީޤަތް ހާމަކުރުމުން ނިކުމެދާނެ ނަތީޖާއަކާ މެދު އެހިތްވަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ.
''އެހެންތަ؟... އެކަމަކު ވެސް ހާދަ ވަރަކަށް ރީތިވެގެންނޭ ތިދަނީ... ހެހެހެ...'' ހުނުމަކާއެކު ރައުހާ ބުންޏެވެ. ''ލަސްނުވެ އަންނައްޗޭ......''
''އާނ، ދެން ދަނީ...'' މައިދޮރުގެ ތަޅުގައި ހިފަމުން، ފަސްއެނބުރުނު އީވާ ބުނެލިއެވެ. އަދި އަތުގެ އިޝާރާތުން ރައުހާއާއި ވަދާއުގެ ސަލާން ބަދަލުކޮށްލަމުން ބޭރަށް ނިކުތެވެ.
'' ދެޓް ވޯސް ކްލޯސް... ރަނގަޅު ވަގުތެއް ބަލާފައި ރައުއަށް ކިޔައިދޭނީ...'' ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ލިފްޓް ކައިރިއަށް ހުއްޓުނު އީވާ، ފާރުގައި ހުރި ބަޓަންތަކަށް ފިތާލިއެވެ. ފަސްވަރަކަށް މިނެޓް ފަހުން ލިފްޓްގެ ދޮރު ހުޅުވިގެން ދިޔަ އެވެ. އޭރު ލިފްޓްގައި ހުރި އުމުރުން ދުވަސްވީ މީހާ ނިކުންނަން އުޅުމުން، އެމީހާއަށް ތަން ދެއްކުމުގެ ގޮތުން އީވާ އެއްފަރާތަކަށް ޖެހިލިއެވެ.
''ރައު ބުނިހެން މާ ބޮޑަށްތަ ރީތިވެގެން މިއާދެވުނީ؟... މާކިންއަށް ވެސް އެކަން ފާހަގަ ވާނެބާ...'' ލިފްޓަށް އަރަމުން އޭގައި ހުރި ލޯގަނޑުން އަމިއްލަ ސޫރައަށް ނަޒަރު ހިންގާލަމުން އީވާ ވާހަކަދެއްކިއެވެ. އޭނަ ފަރާތްފަރާތަށް ވެސް އެނބުރިލިއެވެ. ހިތްހަމަޖެހޭ ވަރަށް ފަރިކަން ބަލައިލި ހިނދު އީވާގެ ތުންފަތަށް ރަކި ހިނިތުންވުމެއް ވެރިވެއްޖެއެވެ. ހެނދުނުގެ ހާދިސާ މަތިން ހަނދާންވެ ކޯތާފަތަށް ޖަންބުކުލަ ވެރިވާން ފެށިއެވެ. އެކަނި ހުރެވެސް ހީލެވުނެވެ.
ހިތުގެ މުރާދު ހާސިލުވުމުން އީވާ ހުރީ ނުހަނު އުފާވެފައެވެ. މާކިންގެ ފަރާތުން ލިބުނު އޯގާތެރިކަމުން އީވާއަށް ހީވަނީ އުފާވެރިކަމުގެ އާލަމުގައި އުދިހިލެވޭ ހެންނެވެ. ހުވަފެނެއްގައި އުޅޭވޭ ކަހަލައެވެ. އެތުންފަތަށް ވެރިވާ ރީތި ހިނިތުންވުންތަކުން ހިތުގެ ހާލު ބަޔާންކޮށްދެއެވެ. ހިތަށް ލިބިފައިވާ ފިނިކަމާއި އުފާވެރިކަން ހާމަކޮށްދެއެވެ.
''އަހަރެން ހިޔެއް ވެސް ނުކުރަން މިހާ އަވަހަށް އަހަރެންގެ ހުވަފެންތައް ހަޤީޤަތަކަށް ވެދާނެޔޭ... މާކިން...'' ޖޯޑުކޮށްލެވުނު ދެއަތްތިލަ ގެނެސް މޭގައި ޖައްސާލަމުން އީވާއަށް ބުނެލެވުނެވެ. އުފަލުން ގޮސް ނަށަން ވެސް އޭނަ ބޭނުން ވިއެވެ. އުމުރު ދުވަހުގައި ވެސް މިފަދަ އުފާވެރިކަމެއް އިހުސާސެއް ނުކުރެވެއެވެ. މުޅި ނަފުސަށް ވެސް ވެރިވެފައިވަނީ ބަޔާންކުރަން ދަތި ފިނިކަމެކެވެ. ސިކުނޑިއަށް ވެސް ލުޔެއް ލިބިފައި ވިއެވެ. ފިކުރުތަކާ ދުރުވެފައިވާ ކަހަލައެވެ. މާކިން ނޫން އިތުރު ފަރާތެއް އެޚިޔާލުތަކުގައި ނުވެއެވެ. ހިތުގެ ހާލު މާކިންއަށް އަނގައިދޭން އީވާ ހުރީ ކެތްތެރިކަން ކުޑަވެފައެވެ. މާކިންގެ ފަރާތުން ފެނުނު އިސްނެގުމުގެ ހަރަކާތްތަކުން، މީހާއަށް އިތުރު ހިތްވަރެއް ލިބިފައިވާ ކަހަލައެވެ. އައު ޖޯޝެއް ލިބިފައިވާ ކަހަލައެވެ. ފާއިތުވި ދުވަސްތަކުގައި ހޭދަކުރި އުދާސީ އަދި އެކަނިވެރި ދުވަސްތައް ހަނދާނުން ފޮހެވި، އުފާވެރިކަމުގެ ކުލަތަކުން މީހާގެ މުޅި ވުޖޫދު ރަންގުވެފައިވާ ކަހަލައެވެ. ބަހާރުގެ ހިތްގައިމުކަމުން ދިރިއުޅުން ފޯދިފައިވާ ކަހަލައެވެ. ބަލައިލާ ކޮންމެ ދިމާއަކުން ވެސް އީވާއަށް ސިފަކުރެވެނީ އުފާވެރިކަމެވެ.
*****
އީވާ ބޭރަށް ނިކުންނަމުން، އަތުގައި އޮތް ފޯނުން ގަޑި ބަލައިލިއެވެ. އޭރު އަށެއްޖަހައި ބޮޑު ވެއްޖެއެވެ. މާކިން އޭނަ ބަލާ އަންނާނަމޭ ބުނި ގަޑި ފަހަނައަޅައި ދިޔަތާ ފަސް މިނެޓްވުމުން މާކިންއަށް ގުޅަން އީވާ އުޅުނެވެ. ހަމަ އެދަނޑިވަޅުގައި ފަހަތުން ފިޔަވަޅުތަކެއްގެ އަޑު އިވި އީވާއަށް ފަސްއެނބުރި ބަލައިލެވުނެވެ. ކުރިމަތިން ފެނިގެން ދިޔަ ޒުވާނާއަށް އީވާ ބަލައިލީ ދެލޯ ބޮޑުކޮށްލަމުންނެވެ. މާކިންއަށް އައިސްފައިވި ބަދަލުތައް ޤަބޫލުކުރަން ދަތިވެ އަނގަމަތީގައި އަތް އަޅާލެވުނެވެ.
މާކިންގެ ދިގު ތުނބުޅި މިހާރު ވަނީ ތުނިކޮށްލެވިފައެވެ. އެދިގު އިސްތަށިގަނޑު ވެސް ވަނީ ކޮށާލެވިފައެވެ. ހަތަރެސްކަން މޫނުގެ ބަށްޓަމާއި ކަތުރުކަށިކަނޑު ފުރިހަމަކަން ރީއްޗަށް ފާޅުވަމުން ދިޔަ އިރު، ތުނިކޮށްލެވިފައިވި ތުނބުޅީގެ ސަބަބުން ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ. މައްޗަށް ގެންގޮސް ޖެލްގެ އެހީގައި ތަތްކޮށްލެވިފައިވި އިސްތަށިގަނޑުން ބައެއް އެނިތު މައްޗަށް ފައިބާފައި އޮތެވެ. އެދެލޮލުގެ ފުރިހަމަކަމުން އީވާގެ ހިތުގެ ވިންދު އަވަސް ކުރެވިއެވެ. ކަސްރަތީ ހަށިގަނޑަށް، ލައިގެން ހުރި ހުދުކުލައިގެ އަތްކުރު ގަމީސް ހިފާލާފައި އޮތް އިރު މުލައްދަނޑިން ފެށިގެން ގޮސް އަތާ ހަމައަށް ފުއްޕާފައިވި ނާރުތަކަށް ވެސް އީވާއަށް ނަޒަރު ހިންގާލެވުނެވެ. މާކިންގެ ފިރިހެންވަންތަކާއި ރީތިކަމަށް ހިތާހިތުން ތަޢުރީފުކުރެވުނެވެ. މަޢުނަވީ ހިނިތުންވުމެއް ތުންފަތްމައްޗަށް ވެރިވެގެން ދިޔަ އެވެ.
''ކަމުނުދަނީ؟...'' އީވާ މާވަރަކަށް ބަލަން ފެށުމުން މާކިންއަށްއަށް އޭނަގެ ތުނބުޅީގައި އަތް ހިންގާލެވުނެވެ. ''އަބަދު ތުނބުޅި ދިގުވެގެން އެވާހަކަ ދައްކާތީ ހިތަށް އެރީ ތުނިކޮށްލާނީއޭ... ކަމުނުދަނީތަ؟...''
މާކިންގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން އީވާއަށް ދެފަރާތަށް ބޯހޫރާލެވުނެވެ. ދުލުން ބަސްހުއްޓިފައިވުމުން އޭނައަށް ވާހަކައެއް ނުދެކެވުނެވެ. ފިރިހެނަކު ފެނި އޭނައަށް ދުވަހަކު ވެސް އެފަދަ ބަދަލެއް ނާދެއެވެ. ނަމަވެސް މާކިންއަކީ ހުރިހާ ފިރިހެނުންނަށް ވުރެން ހާއްސަ ފަރާތެކެވެ. މާކިންގެ ކޮންމެ ސިފައަކަށް ހިތް ލެނބިގެންދަނީ އެލޯބީގައި އެހިތް ދީވާނާ ކުރުވާފައެވެ. ލޯބީ ހިތުގައި އާލާކޮށްދެމުންނެވެ.
މާކިންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ޖިންސުގެ ޖީބަށް އަތް ޖަހާލަމުން އީވާއަށް އޭނަ ބަލައިލިއެވެ. ރަތްކުލައާ އީވާ ވަރަށް ގުޅެޔޭ މާކިންގެ ހިތަށް އެރިއެވެ.
އީވާގެ ރީތިކަމަށް މާކިން ތައުރީފުކުރުމުން އީވާގެ ތުންފަތަށް ވެރިވީ ރަކި ހިނިތުންވުމެކެވެ. ލަދުން ގޮސް މީހާ ވިރިގެން ހިނގައިދާނެހެން ވެސް ހީވިއެވެ. މާކިންގެ ތޫނުފިލި ދެލޯ އަމާޒުވެފައިވާތަން ފެނި، ކަކުލުހުޅުން ވާގީ ދޫވެދާހެން ވެސް ހީވިއެވެ. އޭރު މޭގެ ތެރޭގައި ހިތް ތެޅިފޮޅެނީއެވެ.
''ކޮންތަނަކަށްތަ ދަނީ؟...'' ޖަޒުބާތުތަކުގެ މައްޗަށް ކުރި ހޯދަމުން އީވާ ވާހަކަދެއްކިއެވެ. ރޭގަނޑު ތާވަލުކުރެވިފައި އޮތީ ކިހިނެއްކަން ސާފުކުރަން އީވާ ބޭނުންވިއެވެ. އެއާއެކު މާކިންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.
''ބުނެފިނަމަ ހާއްސަކަން ގެއްލިދާނެދޯ؟...'' މާކިންގެ އަޑުގައި ސިއްރުވެރި ގޮތެއް ހުއްޓެވެ.
''އެނގޭތަ، އަހަރެން އަބަދު ވެސް ބޭނުންވޭ ލޯބިވާ މީހަކާއެކު ރޭގަނޑު ހިނގާލަންދާން، ވަކިން ޚާއްސަކޮށް މިކަހަލަ ރީތި ރެއެއްގައި..... މިރޭ ހަނދުވަރު ވެސް ވަރަށް ފުރިހަމަ...'' މަގުގައި ހުރި ގަސްތަކުގެ އޮފިތަކުގެ ތެރޭން ފުރޭނިގެން ގޮސް ފެންނަމުން ދިޔަ ސާދަވިލޭރޭގެ ހަނދަށް ބަލަހައްޓައިގެން ހުރެ އީވާ ވާހަކަދެއްކިއެވެ. ލޯބީގެ ނަސީބު ލިބިއްޖެނަމަ ކުރަން އެތައް ކަމެއް އޭނަގެ ހިތުގައި ކުރީއްސުރެން ވެސް ރޭވިފައި ވެއެވެ. އެހިތުގެ ބައިވެރިޔާއާއި ބައްދަލުނުވުމުން އެއިން އެއްވެސްކަމެއް އޮތީ ނުކުރެވިފައެވެ. ނަމަވެސް، އެމަންޒަރު ބަދުލުވާން ފަށައިފިއެވެ. ހިތާއި ނަފުސުގެ ފިނިކަމާ ގުޅިފައިވާ ހިތުގެވެރިޔާ އެހުރީ އޭނަގެ ގާތުގައެވެ. އެތައް ދުވަހެއްގެ ދިގު އިންތިޒާރަށް ވަނީ ނިމުން އައިސްފައެވެ. އެއީ ފުރާނައިގެ ބައިވެރިޔާ ކަމާމެދުގައި އެހިތުގައި އެއްވެސް ޝައްކެއް ނެތެވެ. ބައްދަލުވިތާ ކިތަންމެ މަދު ދުވަހެއް ވިޔަސް އެޔަޤީންކަން ލިބުމުން އީވާއަށް ހައިރާންކަން ވެސް ލިބުނެވެ.
''އެހެންވީމަ ފުރަތަމަ ވެސް އީވްގެ ތިއެދުން ފުރިހަމަކޮށްދޭނީ...'' ޖިންސުގެ ޖީބުން ނެގި ކަނާއަތް އީވާއަށް ދިއްކޮށްލަމުން މާކިން ހިނިތުންވެލިއެވެ. އެތުންފަތުގައި ވަނީ ފުރިހަމަ ހިނިތުންވުމެކެވެ. މާކިން ވެސް އެހިތުގެ ގޮވުމަށް އެންމެފަހުން އިޖާބަ ދީފިއެވެ. އީވާއާއި ދުރުގައި އުޅެން ކުރި ހުރިހާ މަސައްކަތެއް ދިޔައީ ފެނަށެވެ. ހެނދުނު އީވާއާ ބައްދަލުވެ އެދެ ލޮލުން އޮހޮރުނު ކަރުނައިގެ ބާރުން އެހިތުގެ ރާސްތާ ބަދަލުކޮށްލައިފިއެވެ. އެކަނިވެރިކަމުގެ ކިއްލާއިން މިންޖު ވެވިދާނެކަމުގެ އުއްމީދު ހިތުގައި އާލާވެގެން ހިނގައްޖެއެވެ. މާޒީ ހަނދާން ނައްތާލާފައި މުސްތަޤުބަލާ މެދު ފޮނި ހުވަފެންތަކެއް ވެސް ދެކެވެން ފެށުނެވެ. އީވާއަށް އެހިތުގައި އުފެދުނު އިތުބާރެއްގެ ސަބަބުންނެވެ.
މާކިން ދިއްކޮށްލި އަތުގައި އީވާ ހިފިއެވެ. އުފަލުން ހުރެއެވެ. އީވާގެ ދެލޮލުން އުފާވެރިކަން ވިދާ ބަބުޅަމުން ދިޔަ އެވެ.
ދެޒުވާނުން ވެސް އެކުއެކީގައި ހިނގަމުން ދިޔަ އިރު، މަގުން ދާ އަންހެންކުދިންގެ ނަޒަރު މާކިންއަށް ހުއްޓެމުން ދިޔަ މަންޒަރު އީވާއަށް ފާހަގަ ކުރެވުނެވެ. އެއާއެކު ކުރިއަށްވުރެން މާކިންއާއި ގާތަށް ޖެހިލަމުން، އެމުލައްދަނޑީގައި ހިފަހައްޓާލިއެވެ. މާކިންއަކީ އޭނަގެ މިލްކެއްކަން އަންގައިދޭން އުޅުނު ކަހަލައެވެ. އީވާގެ މޫނަށް ބަލައިލި މާކިން ހިނިތުންވުމެއް ދިނެވެ. މާކިންގެ މޫނުން އުފާވެރިކަން އީވާ ދުށްޓެވެ. ކުރިން ފެންނަ ހިތާމަޔާއި އެކަނިވެރިކަމުގެ އިހުސާސްތަކަށް ނިމުމެއް އައިސްފައިވުމުން އީވާ ނުހަނު އުފާ ވިއެވެ. ހިތަށް ފިނިކަމެއް ލިބުނެވެ.
*****
ފުރަތަމަ ދެޒުވާނުން ދިޔައީ ރޭގަނޑުގެ ކެއުމަށް އިންސާފުކުރުމަށް ރެސްޓޯރެންޓަކަށެވެ. އެއީ ސިޓީގެ ހަލަބޮލި މާހައުލާ ދުރުގައި ހުރި ރެސްޓޯރެންޓެކެވެ. ޖާގައިގެ ގޮތުން ކުޑަ ކަމުގައި ވިޔަސް ހިތްގައިމު މާހައުލެކެވެ. އީވާއާއި މާކިންއަށް ލިބުނީ ހާމަފެންޑާގައި ހުރި މޭޒުތަކުން މޭޒެކެވެ. ހާމައަށް އޮތް އުޑާއި ފަލަކުގައި ރަނިކަން ކުރަމުން އައި ހަނދުގެ ޝާއްބަކަން ފުރިހަމައަށް ފެންނަމުން ދިޔަ އެވެ. މަޑިކިލަނބުގައި ވިދާބަބުޅަމުން ދިޔަ ތަރިތަކަށް ބަލަން އިނދެފައި މާކިންގެ މޫނަށް އީވާ ނަޒަރު ހުއްޓާލިއެވެ. އޭރު މާކިން ވެސް އިނީ އީވާއަށް ބަލަހައްޓައިގެންނެވެ. ދެޒުވާނުންގެ ހަތަރުކަޅި ގުޅިލާމެހިގެން ދިޔަ ހިނދު، ދެ ހިތުގައި ވެސް ވަނީ އެއް ވިންދެކެވެ. އެއް އިހުސާސެކެވެ. އިސްނަގާނެ މީހަކާ މެދުގައި ވިސްނާލެވުނެވެ. އެއާއެކު އީވާގެ ތުންފަތަށް ލަދުރަކި ހިނިތުންވުމެއް ވެރިވެގެން ދިޔަ އެވެ.
ވާހަކައިގައި ތިބެ ރޭގަނޑުގެ ކެއުމަށް އިންސާފުކުރެވުނެވެ. އޭރު އީވާއާއި މާކިންގެ ގުޅުން ކުރިއަށް ވުރެން ބޮޑަށް ބަދަހިވެގެން ދިޔަ އެވެ. ދިރިއުޅުމާ މެދު ދެކެމުން އަންނަ ހުވަފެންތަކާއި މިހާތަނަށް ހާސިލުވެފައިވާ ވާހަކަތައް ވެސް ހިއްސާކުރެވުނެވެ. މާކިންގެ ވާހަކަތަކުން މާކިންއަކީ ދެކުނުގެ ރަށަކަށް ނިސްބަތްވާ ޒުވާނެއްކަން އެނގުނެވެ. މިހާރު އުޅެމުން ދަނީ ހުޅުމާލޭގައި ކަން ވެސް އެނގުނެވެ. ކުރިން މާކިން މަސައްކަތްކުރީ ހުޅުމާލެ ހޮސްޕިޓަލުގައި ކަން ވެސް ހާމަވިއެވެ.
ތަފާތު ސެމިނާތަކަށް ހުޅުމާލެ ހޮސްޕިޓަލަށް އީވާ ދިޔަ އިރުގައި ވެސް މާކިންއާއި ބައްދަލުވެފައި ނުވުމުން އެކަން ވެސް މަޖާކަމަށް ވިއެވެ. ދެޒުވާނުން ބައްދަލުވުމަށް ތަޤުދީރުގެ ރޭވުންތެރިކަމަށް ވިސްނުން ހިންގާލެވުނެވެ.
''ހިތަށް އަރާ މާކިން އެދުވަހު އަހަރެންގެ ޓެކްސީ ވަގަށް ނުނެގިނަމަ ދެމީހުންގެ ބައްދަލުވުން ދާނީ ކިހިނެއް ބާއޭ، ރުޅިވެރިކަމާއި ނަފުރަތުބާއޭ އޮއްނާނީ، އެހެން ނޫނީ ތާފާތު ގުޅުމެއް ބާވައޭ...'' ފެންތަށިން ކޯވަރެއް ބޯލަމުން އީވާ ބުނެލިއެވެ.
''އަދިވެސް އެޓެކްސީގެ ވާހަކަދޯ... ހެހެހެ... ތެދު ހާމަކުރާނަމަ ފުރަތަމަ އަތް ނެގީ އަހަރެން، އޭގެ ފަހުން އީވް އައީ...'' މޭޒުގައި އުޅަނބޮށި ވިއްދާލަމުން މާކިން ބުނެލިއެވެ. އަދި އަތްތިލައިގައި ދަތްދޮޅި އަޅުވާލިއެވެ.
''ފުރަތަމަ އަތްނެގީ ހަމަ އަހަރެން...'' ފެންތަށި މޭޒުމަތީ ބަހައްޓަމުން އީވާ ތުން ދިގުކޮށްލިއެވެ. އީވާއަށް ބަލަން އިން މާކިންއަށް ހެވުނެވެ. އެލުއި ފިރިހެންވަންތަ ހުނުމުގެ ތެރެއަށް އީވާ ގެއްލުނެވެ.
''އޯކޭ... އޯކޭ... އެހެންވިއްޔާމު މަޢާފަށް އެދެން...'' މާކިން ބުނެލިއެވެ.
''މިހާރު ކޮން ދުވަހެއް!، ޤަރުނެއް ފާއިތުވެ ދިޔަ ފަހުން މަޢާފަށް ތިއެދުނީ...'' އީވާ ބުނެލިއެވެ. ދެޒުވާނުންގެ މެދުގައި ވެސް މާޒީވެ ގޮސްފައިވި ދުވަސްތަކުގެ ވާހަކަތައް ބަދަލުކުރެވުނެވެ. މިހާރު އެއީ ކޮން ފަދަ މޮޔަކަމެއްކަން ވިސްނި ހިނި އާދެވެއެވެ. އޭރު ރުޅިން ގޮސް ޒުވާބުކުރުން ނޫން ނިޔަތެއް ނެތެވެ. އެހެނަސް މިހާރު މަންޒަރާއި ހާލަތު އެވަނީ ބަދަލުވެފައެވެ. ދެހިތުގައި ވެސް އުފެދުނު ނަފުރަތު އާޚިރުގައި ބަދަލުވީ ލޯތްބަށެވެ.
''އަހަރެންގެ ވާހަކަތައް މިކިޔައިދެވެނީ... އީވްގެ ވާހަކަ ކިޔައި ނުދެމެއްނު، އާއިލާއާ ބެހޭ ގޮތުން ވެސް ބުނެނުދެމެއްނު...'' އީވާއާ މެދު ޝައުޤުވެރިކަން ފާޅުކުރަމުން މާކިން ބުންޏެވެ.
މާކިންގެ ޖުމްލައިން އީވާއަށް ހާސްކަން ލިބުނެވެ. އުނގުތެރޭގައި އޮތް ދެއަތް މޮޑެލެވުނެވެ. ހިތަށް ނުތަނަވަސްކަން ވެރިވާން ފެށީ ކުއްލިޔަކަށެވެ. ހިނިގަނޑެއް ޖަހާލެވުނީ އެ އިހުސާސްތަކާ ދުރުވުމުގެ ބޭނުމުގައެވެ. ހަޤީޤަތް ހާމަކުރަން އީވާ ފަސްޖެހުނެވެ. އެހެންވުމުން ކިޔައިދޭން ފެށީ މާކިންގެ ހިތުގައި ޝައްކެއް ނުއުފެދޭނެ ގޮތަކަށެވެ. ދޮގުހަދަން ބޭނުން ނުވިޔަސް އިތުރު މަގެއް އީވާއަކަށް ނުފެނުނެވެ. މޮޅިވެރިކަން ވެސް ހިތަށް ވެރިވިއެވެ. އެއާއެކު އޭނަ ގަސްދުކުރީ ހުރިހާ ކަމެއް ހަމައަކަށް އެޅުމުން މާކިންއަށް ހުރިހާ ވާހަކައެއް ކިޔައިދޭށެވެ. ހަޤީޤަތް ހާމަކުރުމަށެވެ. އެއީ ކިހާ އުނދަގޫ ގޮންޖެހުން ބޮޑު ކަމަކަށް ވެދާނެޔޭ އޭރު އީވާއަށް ވިސްނައެއް ނުލެވުނެވެ. އޭގެ ސަބަބުން ނިކުމެދާނެ ނަތީޖާއާއެކު އިތުބާރުގެ ބިންގަލަށް ލޮޅުން އަރައިގެން ހިނގައިދާނެކަމެއް ވެސް ރޭކާނުލިއެވެ.
''ފެމިލީ ދޯ...'' އީވާ ވިސްނާލަމުން ބުނެލިއެވެ. މާކިންއަށް ޝައްކެއް ނުވާނެހެން ވާހަކަތައް އަތުރާލުމަށް އީވާ އިސްކަން ދިނެވެ. އޭރު އެހިތަށް އުނދަގޫވަމުން ދިޔަ އެވެ. މާކިންއަށް އޮޅުވާލެވެނީއޭ ހިތަށް އަރާވަރުން ހިތަށް ތަކުލީފު ލިބުނެވެ.
''އަހަންނަކީ މަންމައާއި ބައްޕަގެ ހުރި ހަމައެކަނި ކުއްޖާ... ތިން މީހުންގެ އިތުރުން ދެން އުޅޭނީ މާމަ...'' އީވާ ބުންޏެވެ. އާއިލާގެ މުއްސަނދިކަމާއި ނުފޫޒު ގަދަކަން އީވާ ސިއްރުކުރިއެވެ. އެއީ އެދެމެދަށް ހުރަހަކަށް ވެދާނެކަމުގެ ބިރު ހިތުގައި އޮތުމުންނެވެ. ވަކިން ހާއްސަ ގޮތެއްގައި ޖާދިންގެ ވާހަކަ ދުލާ ހަމައަށް ނުގެނެވޭތޯ އީވާ ބެލިއެވެ.
އުދާސްކަން އީވާގެ ހިތުގައި ވިއެވެ. އެހެނަސް، ރަނގަޅު ދަނޑިވަޅެއް ބަލާފައި މާކިންއަށް ހަޤީޤަތް ކިޔައިދިނުމުގެ ގަސްދާއެކު ހިތަށް ވިސްނައި ދިނެވެ.
*****
ރޭގަނޑުގެ ކެއުމަށްފަހު ދެން ދިޔައީ ފެސްޓިވަލަކަށެވެ. ހިނގާލަން ނިކުމެ އުޅެނިކޮށް ފެސްޓިވަލް ފެނިގެން އެތަނަށް ޒިޔާރަތްކޮށްލަން އީވާ ބޭނުންވީ އެވެ. މީހުން ގިނަ ތަންތަނަށް ދާން މާކިން ފޫހިވިއެއްކަމަކު އީވާގެ ހައްޤުގައި އޭނަ އެކަމާ ވެސް ކުރިމަތިލިއެވެ. ހީހީފައި ދެޒުވާނުން އެކުގައި ވަގުތު ހޭދަކުރިއެވެ. އެދެމެދުގައި އޮތް ލޯބި އިތުރުވަމުން ދިޔަ އެވެ. އެންމެ ހިނދުކޮޅަކަށްވެސް މާކިންގެ އަތުން އީވާ ދޫކޮށްނުލައެވެ. އާރޓް ފެސްޓިވަލްއަކަށް ވުމުން އީވާ ވަރަށް ގިނަ ކަންތައް ކުރަން ބޭނުން ވިއެވެ. އީވާގެ މައުސޫމްކަމާއި ޖޯޝު ފެނި މާކިންގެ ތުންފަތުގައި ނުފިލާ ހިނިތުންވުމެއް ކުޅެލަމުން ދިޔަ އެވެ.
*****
''ރޭގަނޑު ނިމުމަކަށް އަންނަނީދޯ؟...'' މާކިންއާއި އީވާ އިށީނދެލައިގެން ތިބީ ފެސްޓިވަލް ބާއްވަމުން ދިޔަ ސަރަހައްދާއި ކައިރީގައި އޮތް ޤުދުރަތީ ޕާކުގެ ވިނަގަނޑު މަތީގަ އެވެ. ވިނަގަނޑާއި ހަށިގަނޑު ހަވާލުކުރަމުން އުޑަށް އީވާ ނަޒަރު ހިންގާލިއެވެ. ތަރިތަކުގެ ދަރުބާރުގައި ރަނިކަން ކުރަމުން އައި ހަނދުގެ ދޯދިތަކުން އުޑު ވަނީ ހުޅުދާން ވެފައެވެ. ތުންފަތާއި ކުޅެލި ހިނިތުންވުމާއެކު އީވާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.
އީވާގެ ގާތުގައި މާކިން ވެސް އޮށޯވެލިއެވެ. އަދި އީވާގެ އަތުގައި ހިފައިލިއެވެ. ހިމޭންކަމުގެ ސުކޫތެއް ފާއިތުވެގެން ދިޔަ އެވެ. ދެޒުވާނުންގެ މޫނުމަތިން ވެސް އުފާވެރިކަން ފެނެއެވެ.
''އީވް...'' އީވާގެ މޫނަށް ނަޒަރު ހުއްޓާލަމުން މާކިން ގޮވާލިއެވެ. ލުއި ހިނިތުންވުމަކާއެކު މާކިންގެ މޫނަށް އީވާ ބަލައިލިއެވެ.
''އަހަރެން ބޭނުން ވާހަކައެއް ބުނަން...'' ފުން ނޭވާއެއް ދޫކޮށްލަމުން މާކިން ބުނެލިއެވެ. އިތުރު ފިޔަވަޅެއް އެޅުމުގެ ކުރިން އޭނަގެ މާޒީ ހިއްސާކުރަން މާކިން ބޭނުން ވިއެވެ. އޭރުން އަތުގައި އެޅިފައިވާ ކަސްތަޅު ތަކުން ދާއިމަށް މިންޖުވެވިދާނެއެވެ. ހިތަށް ލުޔެއް ވެސް ލިބިދާނެއެވެ.
''ކޮންކަހަލަ ވާހަކައެއްތަ؟...'' އީވާގެ ދެލޮލުން ޝައުޤުވެރިކަން ފެނުނެވެ. ހަށިފުރާ ދޫކޮށްލި ނޭވާއަށް ފަހު މާކިން އޭނަގެ ހަށިގަނޑު ސީދާކޮށްލިއެވެ. އިރުކޮޅެއް ވަންދެން ވިސްނުމަކަށް ގެއްލިފައި މާކިން އިނެވެ.
''މާކިން...'' މާކިންއަށް އައި ބަދަލުތަކުން އީވާއަށް ހައިރާންކަން ލިބުނެވެ. އޭނަ ވެސް ހަށިގަނޑު ސީދާކޮށްލިއެވެ. ދެފައި ވަށްކޮށްލަމުން، ވިނަގަނޑު މަތީ އިށީންނަމުން މާކިންގެ ބުރަކަށީގައި އޯގާތެރިކަމާއެކު ފިރުމާލިއެވެ. މާކިންގެ ހިމޭންކަމުން އީވާގެ ހިތަށް ނުތަނަވަސްކަން ވެރިވާން ފެށިއެވެ. މެޔަށް ފިނިވާން ފެށިއެވެ. ހިތުގައި އިތުރިއަރައިގެން އައި ސުވާލުތަކާއެކު ނޭވާ ކުރުވާން ފެށިއެވެ.
''އަހަރެން ބޭނުން މިވާހަކަތައް އީވްއަށް އެނގެން... ފަހަރެއްގައި ދެރަވެދާނެ... އެކަމަކު އިތުރަށް މިގުޅުން ކުރިއަށް ގެންދިއުމުގެ ކުރިން ހުރިހާ ވާހަކައެއް ހިއްސާކުރަން ބޭނުން، މާޒީގެ ސަބަބުން މުސްތަޤުބަލަށް ހިޔަނި އެޅެން ބޭނުން ނުވާތީ...'' އީވާގެ އަތްތިލައަށް ފިތާލަމުން މާކިން ބުނެލިއެވެ.
މާކިން އިސްއުފުލައިލި ހިނދު، އެލޮލުގައިވި އަސަރުތަކުން އީވާގެ ހިތް ގެނބިގެން ދިޔަ އެވެ. އިރުކޮޅެއް ވަންދެން ބަލަން އިނދެވުނެވެ. މާކިންގެ މޫނުން މޮޅިވެރިކަން އޭނައަށް ފެނުނެވެ. ދައްކަން ބޭނުންވާ ވާހަކަތައް ދުލާ ހަމައަށް ގެންނަން އުނދަގޫވެފައިވާތަން ވެސް ފެނުނެވެ.
އީވާއަށް ހިންދިރުވާލެވުނެވެ. މާކިން ހިއްސާކުރަން އުޅޭ ވާހަކައަށް ނަފުސު ތައްޔާރުކޮށްލެވުނެވެ. އޭރު އެހިތުގެ ތެޅުން އިންތިހާއަށް އަވަސްވާން ފެށިއެވެ.
''ކޮންމެ ވާހަކައެއް ހިސާކުރިޔަސް އަހަރެން އަޑު އަހާނަން...'' މާކިންގެ ގައިގައި ބައްދާލަމުން އީވާ ވާހަކަދެއްކިއެވެ.
(ނުނިމޭ)