ސިއްހަތު

ކުޑަކުދިންނަށް ދިމާވާ ނަފުސާނީ މައްސަލަތައް ކުޑަކުރުމަށް ގުރުއާން ކިޔެވުމާއި ނަމާދުކުރުން މުހިންމު: ޑރ. ފައިސަލް

އަލީ ޔާމިން

ކޮވިޑް 19ގެ ސަބަބުން ކުޑަކުދިންނަށް ދިމާވާ ނަފްސާނީ މައްސަލަތަކުން އަރައިގަތުމަށް އެކުދިން ގުރުއާނަށް އަހުލުވެރިކޮށް، އެކުދިން ލައްވައި ގަވައިދުން ނަމާދު ކުރުވުމަކީ މުހިންމު ކަމެއް ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކަޓަރު އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ޑރ. ފައިސަލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑުގެ ދުވަސްވަރު ކުޑަކުދިންނަށް ނަފްސާނީ ގޮތުން ގިނަ އަސަރުތަކެއް ކުރަމުންދާ ކަމަށް ޗައިނާގެ ދިރާސާއަކުން ދައްކާ ކަމަށެވެ.

ޑރ. ފައިސަލް ވިދާޅުވީ، ކުޑަކުދިންނަށް ނަފްސާނީ ގޮތުން ކުރަމުންދާ އަސަރުތައް ކުޑަކުރުމަށް ހެލިފެލިވެ އުޅޭ ކަހަލަ ކުޅިވަރުތަކާ އަވަހަށް ނިދުމުގެ އިތުރުން އެކުދިން ލައްވައި އާ ކަންކަން ކުރުވުމަކީ މުހިންމު ކަމެއް ކަމަށެވެ.

މީގެ އިތުރުން ގުރުއާން ކިޔެވުމާއި ނަމާދުކުރުމުގެ ސަބަބުންވެސް ނަފްސާނީ ގޮތުން ކުރާ އަސަރުތައް ކުޑަވާ ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.

"ހައްލެއްގެ ގޮތުގައި، ހެލިފެލިވެއުޅޭ ކަހަލަ ކުޅިވަރުތައް ކުޅުމާއި އަވަހަށް ނިދުމާއި އަވަހަށް ހޭލުން. އާ ކަންތައްތައް ދަސްކުރުން. ގުރުއާން ކިޔަވައި ނަމާދުކުރުން އަހަރެމެން ހިމަނަމާ!" ޑރ. އަފްޒަލް ވިދާޅުވިއެވެ.

ކޮވިޑުގެ ސަބަބުން ރާއްޖޭގައިވެސް ގިނަ ބަޔަކަށް ނަފްސާނީ ގޮތުން އަސަރުކޮށްފައިވާއިރު، މޯލްޑިވްސް ރެޑްކްރެސެންޓާއި ހޮސްޕިޓަލުތައް ގުޅިގެން އަންނީ އެފަދަ ފަރާތްތަކަށް ނަފްސާނީ އެހީތެރިން ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ.