ވާހަކަ

އަންނަންދެން ހުންނާނަން ލޯބިން ތިޔަ އިންތިޒާރުގައި - 21

4

އެކާވީސްވަނަ ބައި

"ސިޑް..." އެނދުމަތީގައި އޮތް ފޯނު ފެނުމާއެކު އޭނާ އާޝިދް މަތިން ހަނދާންވެއްޖެއެވެ. އަވަސް ފިޔަވަޅުތަކެއް އަޅަމުން ގޮސް ފޯނު ނެގުމާއެކު އުނޭޝް ކިރިޔާޖެހޭ ނުޖެހޭ ހިސާބުގައި ހުއްޓިއްޖެއެވެ. އިރާނިޔާ އަތުގައި އޮތް ފޯނު އަތުލާފައި ރަހުމެއްނެތި އެނދުމައްޗަށް އިރާނިޔާ ވައްޓައިލިއެވެ.

"މަންމާ....!!" ބަނޑަށް އެރި ތަދު އޭނާގެ މުޅި ހަށިގަނޑަށް އިހުސާސްވެގެން ދިޔައެވެ.

އުނޭޝްއަށް އޭނާ ބޭނުންވާ ގޮތަށް އިރާނިޔާގެ ހަށިގަނޑު މައްޗަކަށް ނޭރުނެވެ. އިރާނިޔާގެ ބަނޑަށް އޭނާ ބަލައިލީ ފޫހި ނަޒަރަކުންނެވެ.

"މިބަނޑުގައި އޮތީ އަހަރެންގެ ދަރިއެއް ކަމާމެދުވެސް މިހާރު އަހަންނަށް ޝައްކު" ރޮއެރޮއެ އޮތް އިރާނިޔާގެ ހަރަކާތްތަކަށް ހުއްޓުމެއް އައީ އުނޭޝް އަނގައިން ބޭރުވެގެންދިޔަ ލަފްޒުތަކުގެ ސަބަބުންނެވެ. އޭނާއަށް އުނޭޝްއާއި ހަތަރުކަޅި ހަމަކުރެވިއްޖެއެވެ. އެދަފަ ބަހެއް ބުނިއިރު އެންމެފަހަރަކު ވިސްނާލިނަމައެވެ.

"ކީކޭތަ ތިކިޔަނީ؟ އިނގޭތަ ތިބުނެވުނީ ކީކޭކަން...." އިރާނިޔާ އެހިއެވެ.

"އަހަރެން ބަލަންހުއްޓައޭ ދާދި ދެންމެއަކު ކަހަލަ ގޮތަކަށް ކަމަނާގެ ލޯބިވެރިޔާ މިތަނުން ނިކުތީ... އަހަރެންނަށް ކަމެއް ކޮށްނުދެން ތިއުޅެނީ މިރެއަށް ވާވަރަށް އޭނަގެ ފަރާތުން ލިބުނީމަތަ؟" އުނޭޝް އެހިއެވެ. އޭނާގެ ދެއަތުން އިރާނިޔާގެ ދެއަތުގައި ގުޑިނުލެވޭ ވަރަށް ހިފާލާފައި އޮތްއިރު ސަލާމަތްވުމަށް އިރާނިޔާ ގަދަހަދަމުން ދިޔައެވެ.

"ތިއީ ވަރަށް ހަޔާތްކުޑަ ވަރަށް މުޑުދާރު އިންސާނެއް. ކަލެއާ އެއްވަރަށް ކަލޭގެ ވިސްނުންވެސް އެހާ މުޑުދާރު.. ދޫކޮށްލާ..." އިރާނިޔާ ދެދަތްޕިލަ ޖައްސައިގެން ރުޅިވެރިކަމާއެކު އުނޭޝްއަށް ބުނެލިއެވެ. އޭނާގެ އަޑުގައިވި ހަރުކަށިކަމެއްގެ ސަބަބުން އުނޭޝް ކައިރިއަށް އައީ ހިންޏެވެ. އޭނާ ނުވިސްނާ އޮތް ވަގުތު އިރާނިޔާ ކޮށްލި ކަމަކުން ކުއްލި ޝޮކެއް ލިބިނުކަހަލައެވެ. ހަޅޭއްލަވައިގަނެފައި އިރާނިޔާގެ ދެއަތުން ދޫކޮށްލިއެވެ. ކަންފަތުގައި އަތް އަޅައިގެން ހުރެ އިރާނިޔާއަށް ބަލައިލީ ރުޅިވެރިކަމާއެކުގައެވެ. ކަނފަތުގެ މަސްގަނޑުން ލޭ އައިކަން އިނގުމުން އިތުރަށް އޭނާ ރުޅިގަދަވިއެވެ. އިރާނިޔާގެ އަނގަ ކައިރީގައިވެސް ވަނީ ކޮންމެވެސް ވަރަކަށް ލޭ ހޭކިފައެވެ. ތަންވަޅު ބަލާފައި އިރާނިޔާ އަވަސް އަވަހަށް އެނދުގައި އޮތް އޭނާގެ ފޯނު ނަގާފައި އާޝިދްގެ ނަންބަރު ޖަހާފައި ގުޅައިލިއެވެ. އެކޯލު އާޝިދަށް ލިބުނުކަމެއް ނުވަތަ ނުލިބޭކަމެއްވެސް އޭނާއަށް ނޭނގުނެވެ. އުނޭޝް އައިސް ފޯނު ޖަހައިގަނެފައި ތިރީގައި އަޅާފައި އޮތް ރަގް މައްޗަށް ވައްޓައިލިއެވެ.

"އަހަރެންނާ ކައިރިނުވާތި. ކަލެ އާ ހެދި ކިހާ ބޮޑު ކަމެއް...؟" އުނޭޝް ކައިރިވަމުން ދިޔަ ވަރަކަށް އިރާނިޔާ ފަހަތަށް ޖެހެމުން ދިޔައެވެ. އިރާނިޔާ ކިޔާ އެއްޗަކަށް ބެލުމެއްނެތި އުނޭޝް ގޮސް ހިފީ އިރާނިޔާގެ ދެއަތުގައެވެ. ދަމާފައި ކަހަލަ ގޮތަކަށް ގެނެސް އެނދަށް ކޮށްޕާލާފައި އޭނާގެ އަރިއަކަށް އޮށޯތީ އިރާނިޔާގެ ކަނާއަތް މަތީގައެވެ. އަނެއް އަތުން ވާއަތުގައި ހިފައިގެން އޮތްއިރު އޭނާގެ ދެފައިން ވަނީ އިރާނިޔާގެ ދެފައި ހައްޔަރުކޮށްލާފައެވެ. ހަށިގަނޑަށް ވަމުންދިޔަ ވަރުބަލިކަމުގެ އިހުސާސާއެކު އިރާނިޔާ ގޮތް ހުސްވަމުން ދިޔައެވެ. އޭނާގެ ފަހުވަގުތުކޮޅޭ އެތައް ފަހަރަކު ހިތަށް އަރައިފިއެވެ. އެދަންވަރު އޭނާގެ ދެމައިންގެ ހިމާޔަތަށް އަންނާނެ އެއްވެސް އިންސާނަކު ނެތީބާވައޭ ހިތަށް އެރިއެވެ. އިރާނިޔާ ލައިގެން އޮތް ހެދުމުގެ ކަރުވަޅުގައި ހިފާ ދަމައިގަތުމުންވެސް އުނޭޝް ބޭނުންވާގޮތަށް އިރައިގެން ނުދިޔައެވެ. ނަމަވެސް ތިރިއަށް ވަރަށް ބޮޑަށް ދެމިގެން ދިޔައެވެ. އިރާނިޔާ ދެލޯމަރާ ބާރުކޮށްލިއެވެ.

"ތިއީތަ އުނޭޝް ފިރިހެންވަންތަކަން ސާބިތުކޮށްދޭން ބޭނުންވާ ގޮތަކީ. ތިމާގެ ހަލާލު އަނބިމީހާގެ ހަށިގަނޑުގެ ބޭނުން ގަދަބާރުން ހިފާލައިފައިވެސް މޭގައި އަތް ޖަހާލާފައި ބުނާނަންތަ ތިމަންނަ މިއީ ފިރިހެނެކޭ... ޗި... ތިކަހަލަ މީހުންނަށް އަހަރެން ކިޔާހިތްވަނީ ރަނޑުން. ރަނޑު އަންހެނުން..." އިރާނިޔާ ދޫކުރަން ބޭނުމެއް ނުވިއެވެ. އިރާނޔާގެ ދުލުން ބޭރުވެގެން ދިޔަ ބަސްތައް އުނޭޝްއަށް ކަމުނުދިޔައެވެ. އޭނާގެ އަތުގެ ހޫނު ހަމަލާއެއް އިރާނިޔާގެ މޫނުމައްޗަށް އަރައިގެންދިޔަ ވަގުތު މަންމާއޭ ކިޔާ ރޮއެގަނެވިއްޖެއެވެ. މީގެ ދެތިން ދުވަސްކުރިން އޭނާ ކައިރީގައި އާޝިދް ދެއްކި ވާހަކަތަކެއް އޭނާ ހަނދާންވެއްޖެއެވެ. އަންހެނަކަށްވެ ހުރެ ނިކަމެތިވާން އަމިއްލަ ނަފްސު ދޫކޮށްނުލުމަށް އާޝިދް ބުނި ބުނުމެވެ. އަމިއްލަ ނަފްސުގެ ދިފާއުގައި ހަނގުރާމަކުރުމަށް ބުނި ބުނުމެވެ. ފިރިހެނަކު ހަދާނެގޮތެއް ހަދަންދެން ނުހުރުމަށް ބުނި ބުނުމެވެ. އިރާނިޔާގެ ތޫނު ދަތްތަކުގެ ހަމަލާ މިފަހަރު އަމާޒުވީ އުނޭޝްގެ އަތްތިލައަށެވެ. ކުއްލި ސިހުމަކާއެކު އުނޭޝް ތެޅިގަތެވެ. އިރާނިޔާ އެނދުން ތެދުވެގެން ދޮރާއި ދިމާލަށް ގޮސް ތަންޑު ހުޅުވަން މަސައްކަތްކުރިއެވެ. އަތަށް ވަމުންދިޔަ ތަދާއެކު އަތް ތަޅުވަމުންދިޔަ އުނޭޝް އިރާނިޔާގެ މަސައްކަތަށް ހުރަސް އަޅަމުން ދިޔައެވެ.

"ތިއީ އިންސާނެއްނޫން. ވައިލްޑް އެނިމަލްއެއް... ކިތަންމެ ވަރަކަށް ތެޅުނަސް މިފަހަރު ކަލޭ ދޫކޮށްލާނީ ކަލޭގެ ލޯބިވެރިޔާއަށް ކަލޭގެ ފަރާތުން އިތުރު އުފަލެއް ނުދެވޭވަރު ކޮށްލާފަ" އިރާނިޔާގެ ގައިގައި ހިފައިގަންނަމުން އުނޭޝް ބުނެލިއެވެ. ނަމަވެސް ދޮރާއި ހަމައަށް އައިސްފައި އިރާނިޔާ ދޫދޭން ބޭނުމެއްނުވިއެވެ. އުނޭޝްގެ އަތްދަށުން ސަލާމަތްވުމަށް އޭނާ މަސައްކަތްކުރަމުން ދިޔައެވެ. ވަރުބަލިވަމުން ދިޔަ ވަރުންނާއި ހިތުގައި އަޅަމުންދިޔަ ވޭނެއްގެ ސަބަބުން އޭނާއަށް ރޮވެމުން ދިޔައެވެ. އެންމެފަހުން ތަންޑު ނެއްޓުމާއެކު ބޭރުގައި ހުރި އާޝިދް އެތެރެއަށް ދޮރުހުޅުވާލައިފިއެވެ. އޭނާގެ ރުޅިވެރި ނަޒަރު އެތެރޭގައި ހުސްގަޔާ ހުރި އުނޭޝްއަށް އަމާޒުވެފައި ހުއްޓާ އިރާނިޔާ ގޮސް އާޝިދްގެ ގައިގައި ބައްދައިގަނެއްޖެއެވެ. ބިރުގަނެފައި ހުރި އިރާނިޔާގެ ހިތުގެ ތެޅުމުގެ އިހުސާސް އާޝިދަށް ކުރެވުނެވެ. އިރާނިޔާ ބާރަށް ރޮމުން ދިޔައިރު އާޝިދް ހުރީ ދެއަތް މުށްކެވިފައެވެ.

"ހެހެހެ... ކަލޭތަ...؟ އެންމެ ނުބައި ގަޑީގަތަ އަންނަން ފެނުނީ..." މަލާމާތުގެ ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވަމުން އުނޭޝް ބުނެލިއެވެ.

"އަދި އަހަރެންގެ އަންހެނުން. ދޫކޮށްލާ... އަހަރެންނާ އޭނާ ހަވާލުކުރޭ... އެންމެ ރަނގަޅުވާނީ ކަލޭ މިތަނުން ދިޔައިއްޔާ" އާޝިދްގެ މޫނާއި ދިމާލުން ފުށްޓަތްކެއް ޖަހައިލަމުން އުނޭޝް ބުނެލިއެވެ.

"އީރަން...! ސްޓޮޕް ކްރައިންގ... ދޭ އަހަރެންގެ ކޮޓަރިއަށް. އަހަރެން އެބަދަން..." އިރާނިޔާގެ މޫނުގައި ދެފަރާތުގައި ހިފާ ކުޑަކޮށް އުފުލައިލަމުން އާޝިދް ބުނެލިއެވެ. ބޯޖަހާލާފައި އިރާނިޔާ ހިނގައިގަތެވެ.

"ހެހެހެ... ބުނަން ކަލޭމެންގެ ލޯބީގެ ޑްރާމާ އަހަރެންނަކަށް ރީއްޗެއްނޫން.... އޭނަ ހުރި ކޮންމެ ތަނަކަށް މިގޭތެރޭގަ އަހަރެންނަށް ދެވޭނެ" އާޝިދްގެ ކުރިމަތިން ހުރަސްކޮށް އުނޭޝް މަސައްކަތްކުރީ އިރާނިޔާގެ ފަހަތުން ދިޔުމަށެވެ. ނަމަވެސް އާޝިދް އުނޭޝްގެ ކޮނޑުގައި އަތްއަޅާ ހިފެހެއްޓިއެވެ. ރުޅިވެރިކަމާއެކު އުނޭޝް އާޝިދްގެ އަތް ފޮޅުވައިލިއެވެ.

"ކަލޭގެ ވަފާތެރި އަނބިމީހާއަށްވެސް ތެދުވެރިއެއް ނުވެވުނު ދޯ... އެހެންނުވާނީ ލަނޑަޔާ ވާނީ ލަނޑަޔާ ވިއްޔާ..." އާޝިދް ހީލާފައި ލައިގެން ހުރި ޓްރެކްޝޫޓްގެ ޖީބަށް ދެއަތް ޖަހައިލިއެވެ.

"މިދޭތެރެއަށް ތަމަން ނުވައްދާ... ރާނީ އަކީ އަދިވެސް އަހަރެންގެ އަނބިމީހާ... ކަލޭ އައި ތަނަކަށް ރައްކާވޭ. އަހަރެން އޭނައަށް ހަދާނީ ހަދާނެގޮތެއް" އުނޭޝް ބުނެލިއެވެ. އާޝިދް އުނޭޝްއަށް ދިން ޖެހިލުންކުޑަ ނަޒަރުން އުނޭޝް ހިމޭންވިއެވެ. ދައްކަމުންދިޔަ ވާހަކަތައް ވަގުތުން ހުއްޓާލުމަށް އަންގާ އާޝިދް އުނޭޝްގެ މޫނުމައްޗަށް ހުރަސްކޮށްލާފައި އޮތް އަތްތިލައަށް އުނޭޝް ބަލައިލާފައި ހިންދިރުވައިލިއެވެ.

"އީރަންއަކީ ކަލޭގެ އަނބިމީހާއަށް ވިޔަސް އެއީ އަހަރެންގެ މީހެއް. ހަނދާންކުރާތި...! މިފަހަރު ކަލޭ ފުލުހުންނާ ހަވާލުނުކޮށް މިދޫކޮށްލަނީ ތިއީ އީރަންގެ މަކަރުވެރި ފިރިމީހާއަށް ވީތީއެއް ނޫން. އީރަންގެ ބަނޑުގައި އޮތް އޭނާގެ ތުއްތު ދަރިފުޅުގެ ބަފަޔަކީ ކަލެއަށް ވީތީ. އެހެންނޫނީ..." އާޝިދް ދައްކަމުން ދިޔަ ވާހަކަތައް އުނޭޝް މެދުކަނޑައިލީ ނުލަފާ ޒާތެއްގެ ހިނިގަނޑަކުންނެވެ.

"އެހެންނޫނީ... ކަލެއަށް ކީއްކުރެވޭނީ....." އުނޭޝް ބުނެލިއެވެ. އާޝިދް ދައްކައިލީ އޭނާގެ ފޯނެވެ. އަދި އެންމެފަހުން އޭނާގެ ފޯނަށް އައި އީރަންގެ ކޯލު ރިކޯޑިންގ ޕްލޭކޮށްލާފައި އުނޭޝްއާއި ކައިރިކޮށްލިއެވެ.

"މި ރިކޯޑިންގް ކަލޭގެ ފޮޓޯއާއެކު ވައިރަލް ކޮށްލާނަން. އީރަންގެ ހަށިގަނޑުގައި އޭނާއަށް އަނިޔާވެރިވުމުގެ ނިޔަތުގައި އިނގިލީ ކުރި ޖައްސާލިޔަސް ކަލޭގެ ކޮންމެ އިނގިއްޔެއް ވަކިވަކިން ބިންދާލަންވެސް އަހަރެންވެސް ފަހެއް ނުޖެހޭނަން. އަދި އެއްވާހަކަ. އީރަންއަށްޓަކައި އަހަރެން މީހެއްގެ ފުރާނަވެސް ދުއްވާލަފާނަން..." އާޝިދް ހިނގައިގަތް މަންޒަރު ބަލަން އުނޭޝް ހުރީ ބަސްހުއްޓި ހައިއިރާންވެފައެވެ. އޭނާއަށް ވުރެ އާޝިދް ގަދަވީތީ ރުޅިއައީ އަމިއްލަ ނަފްސުދެކެއެވެ.

ހެޑްބޯޑުގައި ލެގިލައިގެން އިން އިރާނިޔާ ހުއްޓުމެއްނެތި ރޮމުން ދިޔައެވެ. އެމަންޒަރު ބަލަން އުނޭޝްއަށް ވީ އުނދަގު ކަމަކަށެވެ. އިރާނިޔާގެ މަގަތުން އިށިން ވަގުތު އަނގަ ކައިރިން ހިކިފައިހުރި ލޭތައް ފެނި ލޯތްބާއެކު ފޮހެލިއެވެ. އިރާނިޔާ ކަރުނަވީ ދެލޮލުން އާޝިދަށް ބަލައިލާފައި ދެލޯ މަރާ ބާރުކޮށްލައިފިއެވެ. އެއްފަރާތުން ސޮހިފައި އޮތް ހެދުމުގެ ކޮނޑަށް އާޝިދް ބަލައިލާފައި އަވަސް އަވަހަށް އެހެން ދިމާލަށް ނަޒަރު ބަދަލުކޮށްލިއެވެ.

"އެއީ އަހަރެން ލޯބިވި އުނޭޝްއެއްނޫން. އެއީ އެހެން މީހެއް. އޭނާ ހުރީ ހަމަޔަކު ނޫން. ސިޑް...!! އޭނަ އުޅުނީ.. އަހަ...އަހަރެން..." އިރާނިޔާ ވާހަކަދައްކަން މަސައްކަތް ކުރަމުން ދިޔައެވެ.

"ޝްޝް... ވާހަކަދައްކާނީ ފަހުން. އީރަން ނިދާލެވޭތޯ ބަލާ" އެނދުގައި ބާއްވާފައި އިރާނިޔާގެ ގައިމަތީގައި ރަޖާ އަޅައިދެމުން އާޝިދް ބުނެލިއެވެ. އިރާނިޔާގެ އިސްތަށިގަނޑުގައި ފިރުމާލާފައި އޭނާ ބޭރަށް ނިކުންނަން ހިނގައިގަތްވަގުތު ހުއްޓެންޖެހުނީ އޭނާގެ އަތަށް ވާންވުމުންނެވެ. އިރާނިޔާ އޭނާގެ އަތުން ދުލެއް ނުކުރިއެވެ.

"އަހަރެން އެކަނި ބާއްވާފައި ނުދޭ. އޭނަ ހުންނާނީ ސިޑް ނިކުންނާނެ އިރަކަށް ބަލަން. އަހަރެން ބިރުގަނޭ... އަހަރެންނާ އަހަރެންގެ ދަރިފުޅަށް މިގޭ ތެރޭގައި ރައްކާތެރިކަމެއްނެތް" އިރާނިޔާ ވާހަކަދެއްކިއެވެ.

"ތިކަހަލަ ވާހަކަނުދައްކާ. އަހަރެން މިހިރީނު. އީރަން ނިދާލާ. އަހަރެން މަޑުކުރާނަން" ކައިރީގައި އޯގާތެރިޔަކު ހުރިކަމުގެ އިހުސާސް އިރާނިޔާގެ ހިތަށް ވާން ފެށުމާއެކު އޭނާ ދެލޯ މަރައިލީ ނިދާލުމަށެވެ. ނަމަވެސް އޭނާއަށް ނިދޭގޮތެއް ނުވިއެވެ. އުނޭޝްގެ ރަހުމެއްނެތް ބަސްތަކާއި އަނިޔާވެރި އަމަލުތައް އޭނާގެ ހިތާއި ނަފްސަށް ގޯނާކުރަމުން ދިޔައެވެ. އިރުކޮޅަކާއި އާޝިދްގެ ނަޒަރު އިރާނިޔާއަށް ހުއްޓާލައެވެ. ނިދީގެ ތެރެއިންވެސް މަޑު ގިސްލުމެއްގެ އަޑު އިވިއިވި ހުއްޓެވެ. ދެލޮލުގެ އަރިމަތިން ކަރުނައަކަށްފަހު ކަރުނައެއް ވެއްޓެމުން ދިޔައެވެ.

އެތައް ބައެއްގެ ހަޔާތަށް އާ އުންމީދުތަކެއް ގެނެސްދެމުން އިރު އާ ދުވަހަކަށް މަރުހަބާ ކިޔައިފިއެވެ. އިރުގެ އަލި ކޮޓަރިއަށް ފޯރުމުން ވަރުބަލިކަމާއެކު އިރާނިޔާގެ ދެލޯ ހުޅުވައިލިއެވެ. އާ ދުވަހެއްކަން އިނގުމުން އޭނާ ތެދުވަން މަސައްކަތް ކުރިއެވެ. ނަމަވެސް އެއް އަތް ހަރަކާތް ނުކުރުމުން އޭނާ ބަލައިލިއެވެ. އޭނާގެ އަތް މަތީގައި ބޯއަޅާލައިގެން ޓައިލްސްތަކުގެ މަތީގައި އާޝިދް އިނީ ނިދިޖެހިފައެވެ. ވަގުތުން ރޭގައި ހިނގާދިޔަ ކަންތައްތައް ފިލްމެއްގެ ސިފައިގައި އޭނާގެ ލޯ ކުރިމަތީގައި ރޯލްވާން ފެށިއެވެ. އޭނާގެ ދެލޮލުން ކަރުނަ ނައެއްކަމަކު އެހިތްދަތި ހަނދާންތަކުގެ ތެރެއަށް ހިނދުކޮޅަކަށް ހިތް ގެނބިގެން ދިޔައެވެ. ނަމަވެސް ހަމަ އެހިނދުކޮޅުގެ ތެރޭގައި އޭނާގެ ސަލާމަތަށް އެދި އައި އިންސާނާ ހިތަށް ސިފަވުމާއެކު އޭނާގެ ތުންފަތަށް ވެރިވި ފަނޑު ހިނިތުންވުމެކެވެ. އޭނާގެ ނަޒަރު ލަސްލަހުން އާޝިދްގެ މޫނަށް ދަތުރުކޮށްލިއެވެ. އާޝިދްގެ އިސްތަށިގަނޑުގައި އޭނާ ފިރުމައިލިއެވެ. ދެބަނިދީގެ ތެރޭގައި އޮތް އާޝިދް ބޯހިއްލައިލިއެވެ. ރަނގަޅަށް ނިދި ނުލިބުމުގެ ސަބަބުން ބޮލުގައި ރިހުމެއް ހުއްޓެވެ.

"އާރ ޔޫ އޯކޭ..." އެހާލުގައިވެސް އޭނާ އެންމެފުރަތަމަ ބޭނުންވީ އިރާނިޔާގެ ހާލު ބަލާށެވެ.

"އައިމް ފައިން... ނަމާދަށް ހޭނުލެވުނީމަ ދެރަވެއްޖެ. ސިޑް އާދޭ އިނގޭ ފްރެޝްވެލައިގެން ސައިބޯން. އެހާއިރަށް އަހަރެން ނިކުންނާނަން" އިރާނިޔާ އެނދުން ތެދުވަން އުޅުމުން އާޝިދް އެހީވެދިނެވެ. އޭނާގެ އަޑުންނާއި މޫނުމައްޗަށް ވެރިވެފައިވާ ތާޒާކަމެއްގެ ސަބަބުން ރޭގައި ކަމެއް ހިނގާދިޔަހެންވެސް ހިއެއް ނުވެއެވެ. އަމިއްލަ ނަފްސު ހިތްހަމަޖައްސައިދިނުމަށްޓަކައި އިރާނިޔާ ކުރަމުންދިޔަ ހިތްވަރަށް ހިތާހިތުން އާޝިދް ސާބަސްދިނެވެ.

ދުރުގައި ބައްސާމްގެ ފޯނެއްގައި ހުރި ސަބްރީން އިރުކޮޅަކާއި އެނދުގައި އިން ޝެނަލްގެ މޫނަށް ބަލައިލައެވެ. އަދިވެސް ޝެނަލްގެ މޫނުމަތިން ފެންނަން ހުރީ މޮޅިވެރިކަމެވެ.

"ދެދުވަހެއްވަރު ވާނެހެން ހީވަނީ. އާނ... ޝާނީ ވަރަށް އުފަލުން ހުރީ...." ސަބްރީން ފޯނު ކުރުކޮށްލާފައި ގޮސް ޝެނަލް ކައިރިއަށް އެނދަށް އެރިއެވެ.

"ހަމަ ތިހެން އިންނާނީތަ...؟" ސަބްރީން އެހިއެވެ.

"ދެން ކީއްކުރާނީ؟ ޒީކް އެއްގޮތަކަށްވެސް ފޯނެއް ނުނަގާ. މަންމަ ވަރަށްބޮޑު ކުންހީއެއް ވެގެން ތިއުޅެނީ...؟" ޝެނަލް ބުނެލިއެވެ.

"ޝާނީއަށް މިހާރު މަންމަ މިދައްކާ ވާހަކަތައް ޤަބޫލެއްނުކުރެވޭ ދޯ. މަންމަ ދުވަހަކުވެސް ޒީކްއޭ ކިޔައިގެން ޝާނީ ކައިރީގައި ވާހަކައެއް ދެއްކިންތަ...؟ މަންމަ ވަރަށް ރަނގަޅަށް ބަލާފައި އެވާހަކަ ދަރިފުޅު ކައިރީގައި ދެއްކީ. ކުރިން މަންމައަށްވީ ޝައްކު. މިހާރު ޔަޤީންކުރެވިއްޖެ" ސަބްރީން ވާހަކަދެއްކިއެވެ.

"ޔަޤީން ނުކުރެވެނީއެއްނޫން. އެކަމުގެ ތެދުދޮގު ބަލަން ބޭނުންވަނީ. ކާކަށްތަ ގުޅަންވީ...؟" ޝެނަލް ބުނެލިއެވެ.

"ޒީކް އާއެކު އުޅޭ އެގޯތީ މައިނާއަށް ގުޅަންވީނުން. މައިނާގެ މަންމަ ނަންބަރު އެބައިން މަންމަ އަތުގަ. ބުނަންތަ ގުޅާފަ މައިނާއަތަށް ފޯނު ދޭށޭ..." ސަބްރީން ބުނެލިއެވެ. ޝެނަލް ބޯޖަހައިލިއެވެ.

"މަންމަ އަސްލު ގުޅަންވެސް ބޭނުމެއްނޫން. މަންމަ ދެއްކި ވާހަކަތަކުގެ ހަގީގަތް ޝާނީއަށް އަންގައިދޭން ބޭނުންވާވަރުން މިގުޅަނީ... ހަ...ހަލޯ..." ސަބްރީން ވާހަކަދެއްކިއެވެ.

"މައިނާ ނަސީބަކުން ފޯނު ނެގީ. އަނ... އަހާބަލަ... ފޯނު ނިންމާފަ އަންނާތި އެއްޗެއް ކާން..." ޝެނަލް އަތަށް ފޯނު ދީފައި ސަބްރީން ހިނގައިގަތެވެ. އޭނާ މަޑުކޮށްލައިގެން ހުރީ ދޮރު ކައިރީގައި ޝެނަލްއަށް ނުފެންނާނެ ހެންނެވެ. އޭނާގެ ބޭނުމަކަށްވީ ޝެނަލް ދައްކަމުންދިޔަ ވާހަކަތައް އަޑުއެހުމެވެ. އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ ފޯނު ކަންފަތާއި ވަކިކޮށްލާފައި ދެކަކުލުގައި ޝެނަލް ބޯއަޅައިލި މަންޒަރު ފެނުމުންނެވެ. އުފާވެފައިވާ ހިތަކައިގެން އޭނާ ހިނގައިގަތެވެ.

"ސޮރީ މަންމަގެ ދަރިފުޅާ.. މަންމަގެ މަގްސަދަކީ ދަރިފުޅު ހިތުގައި ޖެއްސުމެއްނޫން. ޙާއިޝާގެ ދަރިންނާ ދުރުކުރުން. ޒީކްއަށް ގުޅާފައި އެގޮތަށް ވާހަކަދައްކަން މަންމައަށް މަޖުބޫރުވީ. އެއީ ހަމަ ދަރިފުޅަށް ރަނގަޅަކަށް. ދަރިފުޅުގެ ހަޔާތަށް އަންނަން ޖެހޭނީ ހުޝާމް ފަދަ ރަނގަޅު ކުއްޖެއް. ކުރިއަށް އޮތީ ދަރިފުޅަށްޓަކައި ވަރަށް އުފާވެރި ދުވަސްތަކެއް. ދަރިފުޅުގެ ހަޔާތުން އަދްޔަންއާއި ޒީކްގެ ބާބު ނިމުނީ..." އަމިއްލަ ހިތާ ވާހަކަދައްކަމުން ސަބްރީން ދިޔައިރު އެއީ ވަގުތީ ހިތްހަމަޖެހުމެއްކަން އޭނާއަށް ނޭނގޭ ކަހަލައެވެ.

ތައްޔާރުވެގެން އާޝިދާއެކު ހެނދުނުގެ ސަޔަށް އިރާނިޔާ ދިޔައީ ބޭރަށެވެ. އެއްވެސް މަސައްކަތެއް އިރާނިޔާ ލައްވަން ކުރުވަން ބޭނުންނުވާތީ އެޚިޔާލު ދިނީ އާޝިދެވެ. އިރާނިޔާ ދަމުން ދިޔައީ ކަލްމާއަށްވެސް މިއަދު ޗުއްޓީކަމަށް ބުނެފައެވެ. އަދި ބޭރުން ކަމްލާގެ އެކުވެރިންނާ ބައްދަލުކުރަން ޙުއްދަ ދީފައެވެ.

ދެކުދިން އެއްވަރަށް ހިނގާފައި ގެއާއި އެންމެ ކައިރި ބީޗް ރެސްޓޯރަންޓަށް ވަނުމުން ގިނަބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ. އެކުވެރިޔަކާއެކު ކޮފީއެއްގައި އިނދެފައި ނިކުންނަން ދިޔަ މާލިކަށް އިރާނިޔާއާއި އާޝިދް ފެނުމުން އެކުވެރިޔާއާއި ވަކިވުމުގެ ސަލާން ކޮށްލާފައި އައިސް ކައިރީގައި ހުއްޓިއްޖެއެވެ.

"ވަރަށް އުފާވެރި މަންޒަރެއް. މިހާރު މާލިކުބެއަށް އިނގިއްޖެ މި މަންޖެގެ ޒިންމާ އެންމެ ފުރިހަމައަށް އާޝިދް ނަގާނެކަން. ދެދުވަހުގެ ޗުއްޓީ ދިނީވެސް މިކަން އާޝިދް ކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން ލިބުމުން" މާލިކް ބުނެލިއެވެ. ވަގުތުން އިރާނިޔާގެ ނަޒަރު އާޝިދްގެ މޫނަށް ހުއްޓިއްޖެއެވެ.

"އެކަމަކު އަދި އެބައޮތް އެއް ވާހަކަ. ވާނެ ފަހުން ކޯފީއަކުން ބައްދަލުކޮށްލަން. އެއީ ވަޒީފާގެ ވާހަކައެއްނޫން. އާޝިދްގެ ބައްޕަގެ ވާހަކައެއް" މާލިކް ބުނެލިއެވެ. އާޝިދް ހިނިތުންވުމަކާއެކު ބޯޖަހައިލާފައި އިށީންނަން ދިމާކޮށްލިތަނާ މާލިކް އިރާނިޔާއަށް ގޮވާލައިފިއެވެ.

"މިއަދު އުނޭޝް އޮފީހަކަށް ނާދޭ. ވީގޮތެއްވެސް ނޭނގޭ. ފޯނަށް ނުވެސްގުޅޭ. ވީގޮތެއް ބަލައިލާން ތިގެއަށް ދާން އުޅެނިކޮށް ތިދެކުދިންނާ މިދިމާވީ. ގޭތެރެއިން ފެނުނުތަ...؟" މާލިކް ވާހަކަދެއްކިއެވެ.

"ނު...ނޫން... އަޅުގަނޑު ނުދެކެން. ހަބަރެއްނުވޭ.." އިރާނިޔާ ބުނެލިއެވެ.

މާލިކު ހިނގައިގަތުމުން ދެކުދިން އިށީނދެފައި ބޭނުންވާ އެއްޗިއްސަށް އޯޑަރ ދިނެވެ. ވިސްނުމަކަށް ގެއްލިފައި އިންކަހަލަ ގޮތަކަށް އާޝިދް އިންނަން ފެށުމުން އިރާނިޔާގެ ސަމާލުކަން އާޝިދަށް ހުއްޓުނެވެ.

"ކޯޗެއް ތިވިސްނަނީ؟ މިތަން ކަމުނުދަންޏާ ހިނގާ އެހެން ތަނަކަށް" އިރާނިޔާ ބުނެލިއެވެ.

"ވަރަށްބޮޑު ނުބައެއް އެބައުޅޭ. ބައްޕަގެ ވާހަކައެއްވީމަ. އިނގޭތަ! އަސްލު މިރަށަށް އަންނަން ބައްޕަ އެހާ އެހާ ޤަބޫލެއްނޫން. އަހަރެން މަންމަ ރަށު ކުއްޖެއްދެކެ ވަރަށް ލޯބިވާކަން ބައްޕަ ކައިރީގައި ބުނީމަ ވަރަށް ރުޅިދުރުވެފައި ހުރީ. އެއްގޮތަކަށްވެސް އަހަރެން އަތޮޅުތެރެއަށް އަންނަން ބޭނުމެއްނުވޭ. ފާޅުގަ އަހަރެން ކައިރީގައި ބުނި އެކުއްޖާއާއި ބައްދަލުކޮށްގެން ނުވާނޭ" އާޝިދް ވާހަކަދައްކަމުން ދިޔައެވެ.

"އެއްގޮތަކަށްވެސް ބައްޕަ ރުހޭކަމެއް ނޫނޭ ބުނީ. މިރަށަށް އައި ފަހުން އަހަރެން ބައްޕަގެ އެއްވެސް ކޯލަކަށް ޖަވާބެއްނުދެން. މިހާރު ހުންނާނީ ވަރަށް ރުޅިދުރުވެފަ" ހަށީފުރާ ނޭވައެއްލަމުން އާޝިދް ބުނެލިއެވެ.

"އެހެން ކަންތައްކުރާކަށް ނުވާނެއްނު. ސިޑްގެ މިހާރު ދުނިޔޭގަ ހުރި މީހަކީވެސް އެއީއެއްނު" އިރާނިޔާ ބުނެލިއެވެ.

"އިނގޭ ތިކަން. އަހަރެން ދުރުގައި ހުއްޓަސް އަހަރެން ބައްޕައަށް ވަރަށް ރެސްޕެކްޓް ކުރަން. އަބަދުވެސް ކުރާނަން. ފޯނަށް ޖަވާބުނުދެނީ އަބަދު އެއްޝަކުވާ ބައްޕަ ކުރާތީ" އާޝިދް ބުނެލިއެވެ.

"އީރަންއަށް އަދި ކިޔާނުދޭ ވާހަކައެއް މިކިޔައިދެނީ. އެކޮޅުގަ ބައްޕަގެ ބިޒްނަސް ޕާޓްނަރަކަށް ހުންނަނީ އަންހެނެއް. ވަރަށް ޒީލަގަދަ އަންހެނެއް. އޭނަގެ ތިބެނީ ދެ އަންހެންދަރިން. އެއް ދަރި ރާއްޖެއިން ބޭރުގަ މީހަކާ އިނދެގެން އުޅެނީ. އޭނަ ބޭނުންވަނީ ހަގުދަރި އަހަރެންގެ ބޮލުގަ އަޅުވަން. ބައްޕަ އެއްދުވަހު އެވާހަކަ ދައްކައިވެސްފި" އާޝިދް ވާހަކަދެއްކިއެވެ.

"ދެން...؟ ދެން ކް...ކިހިނެއްވީ...؟ ވަރަށް ރީތި ކުއްޖެއްތަ...؟ ކީކޭ ސިޑް ބުނީ...؟" އާޝިދްގެ ވާހަކަތަކުން އިރާނިޔާގެ ހިތުގައި ނުތަނަވަސްކަމެއް އުފެދުނެވެ. އެކަން އޭނާގެ އަޑުންވެސް އާޝިދް ނަގައިގަތެވެ. އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

"އަހަރެން ބުނިން ނޫނެކޭ.. އަހަރެން ކިހިނެއް އަހަރެންގެ ހަޔާތުން އެހެން ކުއްޖަކަށް ޖާގައެއްދޭނީ. އުމުރު ހުސްވެގެން މިދަނީ ހަމަ އެންމެކުއްޖެއްގެ އިންތިޒާރުގަ" އިރާނިޔާގެ މޫނަށް ބަލައިން އިނދެ އާޝިދް ބުނެލިއެވެ. ހީލަމުން އިރާނިޔާ އެސްފިޔަތައް ތިރިކޮށްލިތަން ފެނުމުން އާޝިދްގެ ތުންފަތްމަތީގައިވި މާނަފުން ހިނިތުންވުން އިތުރަށް ފުންވިއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟