އީވާގެ ހިތުގައި ޖާދިންއާއި މެދުގައި ހަމްދަރުދީ އުފެދިގެން ދިޔަ އެވެ. އެހިތުގައި ޖާދިންއަށް ފުރުސަތެއް ނެތްކަން ޔަޤީން ކުރެވެމުންނެވެ. އެހިތް އެވަނީ މާކިންގެ މިލްކަކަށް ވެފައެވެ. މާކިންއަށް އެކަން ނޭނގުނު ކަމުގައި ވިޔަސް އެހިތުގެ ވެރިޔާއަށް މާކިން ވެއްޖެއެވެ. އިތުރު ފަރާތަކަށް އެހިތުގައި ޖާގައެއް ނެތެވެ.
''ޖާދިން... އަހަންނަށް އިތުރު ގޮތެއް ނެތް... ކުރެވޭ ކަމަކުން ޖާދިންގެ ހިތް ހަލާކުވެގެން ހިނގައިދާނެކަން އެނގޭ، އެކަމަކު ވެސް އަހަރެންގެ ނުކިޔަމަންތެރި ހިތް ބޭނުންވަނީ ލޯބީގެ އުފާ ހާސިލުކުރަން......'' ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން އީވާއަށް ބުނެވުނެވެ. ''އަހަންނަށް ޖާދިން ދެކެ ލޯތްބެއް ނުވެވޭނެ... އެކަން ޔަޤީން ކުރެވިއްޖެ... ލޯބި ނުވާއިރު ކިހިނެއްތަ އެކުގައި އުޅޭނީ؟... އަހަންނަށް ހެދުނު ގޯސް އިސްލާހުކުރަން ބޭނުން، އެކަމަކު ކިހިނެއްތަ؟... މާމައަށް އަހަރެން ޖަވާބުދާރީ ވާނީ ކިހިނެއްތަ؟... ހުރިހާކަމެއް ހަމައަކަށް އަޅުވާނީ ކިހިނެއްތަ؟...''
ކޮޓަރީގައި ދެކޮޅަށް ހިނގަމުން ދިޔަ އީވާ ވަނީ ފުން ޚިޔާލުތަކެއްގެ ތެރެއަށް ގެއްލިފައެވެ. ވިސްނުމަކާ ނުލާ ކުރެވުނު ކަންތަކުން ނިކުންނަން އުޅޭ ނަތީޖާއާ މެދު އީވާ ހާސްވާން ފެށިއެވެ. އޭނަގެ ސަބަބުން ޖާދިންއަށް ހިތްދަތިކަމެއް ލިބެން ބޭނުމެއް ނުވެއެވެ. ނަމަވެސް އިތުރު ގޮތެއް އޭނައަކަށް ނެތެވެ. އީވާއަށް އުދާސްކަމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އޭނަގެ އުފާތައް ޤުރުބާން ކުރަންވީ ހެއްޔެވެ؟ އާއިލާގެ އުފަލަށް އިސްކަން ދޭންވީ ހެއްޔެވެ؟ އޭރުން އޭނަގެ ނާޒުކު ހިތަށް ވާނީ ކިހިނެއް ހެއްޔެވެ؟ އެހިތުގައި އަޅާނެ ވޭނާއި ކެކުޅުންތައް ބަރުދާސްތުކުރާނީ ކިހިނެއް ހެއްޔެވެ؟ ޖާދިންއާއެކުގައި ހަޔާތެއް ފެށިއަސް އެހިތް އެދި އާދޭސްކުރާނީ މާކިން އަށެވެ. އެލޯތްބަށެވެ. އެއިހުސާސްތައް ހިތުގައި ވާނަމަ އެއީ ޖާދިންއަށް ދެވޭ އަނިޔާއެކެވެ. ބޭއިންސާފެކެވެ.
ހަދާނެ ގޮތް ހުސްވުމުން އީވާއަށް އެނދަށް ވެއްޓިގަނެވުނެވެ. އަދި މޭގައި ދެއަތް ހުރަސްކޮށްލެވުނެވެ.
މެންދަމުން އަލިވެ ތިނެއް ޖަހައިފިއެވެ. ހިތުގެ ހައިޖާންގަނޑަށް ނިމުމެއް ނުވާކަހަލައެވެ. ބުރަހެލިކަމެއް ނެތި ސިކުނޑި ދިޔައީ ހުރިހާ ކަމަކާ މެދު ފިކުރު ހިންގަމުންނެވެ. އޭގެ ސަބަބުން ލޮލުގައި ނިންޖެއް އަދި ވަރުބަލިކަމެއް ވެސް ނެތެވެ. އެގޮތުގެ މަތީން އެތައް އިރެއް ފާއިތުވެގެން ދިޔަ ތަނާ، ކުއްލިޔަކަށް އީވާ އެނދުން ތެދުވުނެވެ. އަދި ފުން ނޭވާއެއް ދޫކޮށްލިއެވެ. އެނޭވާއާއެކު ހިތުގެ އާހްތައް ވެސް ބޭރުވެގެން ދިޔަ އެވެ.
''މާކިންއަށް އަހަރެންގެ ހިތުގެ ހާލު އަންގާނަން، އެއަށްފަހު އިތުރު ކަމަކާ މެދު ވިސްނާނީ... އަހަންނަށް މި އިހުސާސްތަކަށް އިންކާރެއް ނުކުރެވޭނެ...'' އީވާއަށް ބުނެވުނެވެ. އޭނަގެ ފަހުގެ ނިންމުމާއެކު ނަފުސަށް ވިސްނައިދިނެވެ. ދަތުރުކުރަން ޚިޔާރުކުރި ރާސްތާ ދިގެވެ. އަޑިގުޑަންތައް ވެސް އެހާމެ ގިނައެވެ. ނަމަވެސް އެރާސްތާ ދޫކޮށްލެވޭކަށް ނެތެވެ. އޭރުން ފަހުން ހިތާމަކުރަންޖެހޭ ހާލަތެއް ކުރިމަތިވެދާނެއެވެ. ހިތުގެ ހާލު އަންގައި ނުދެވެނީސް ދިރިއުޅުން ބަދަލުވެގެން ހިނގައިދާނެއެވެ. ހުރިހާ ކަމެއްގައި ކުރިމަތިވާން އޮތް ނުރައްކަލާއި ތޫފާން އީވާއަށް ލޯކުރިމަތިން ސިފަވިއެވެ. ނަމަވެސް އެހުރިހާ ކަމެއް ބަރުދާސްތުކުރަން އޭނަ ބޭނުން ވިއެވެ. ލޯތްބަކީ ބާރުގަދަ އިހުސާސެކޭ މީހުން ބުނާ އަޑު އީވާއަށް އޮތީ އިވިފައެވެ. މުޅި ދުނިޔެ ހަތުރަކަށް ވިޔަސް، ލޯތްބަށްޓަކައި ހަނގުރާމަ ކުރުމުގެ ޤާބިލުކަން ލިބޭ ވާހަކަ ވެސް އޮތީ ކަންފަތާ ހަމައަށް ފޯރާފައެވެ. ކުރިން އީވާއަށް ހީވެފައި އޮތީ އެއީ ވާހަތަކުން ދައްކައިދޭ ފުލޯކެއް ކަމަށެވެ. ހަޤީޤަތެއް ނޫން ކަމަށެވެ. އެހެނަސް، އެއިހުސާސްތައް އޭނަގެ ހިތުގެ އެންމެ ހިމަ ނާރުގެ ތެރެއަށް ފޭދިގެން ދިއުމާއެކު ފެންނަމުން ދިޔަ މަންޒަރު މުޅިންހެން ބަދަލުވެއްޖެއެވެ. މުޅިން އައު ޖޯޝެއް ލިބިފައިވާ ކަހަލައެވެ. ހިތް އެދެނީ އޭގެ މަންޒިލާ ހަމައަށް ވާސިލު ވުމަށެވެ. ލޯބި ހާސިލުކުރާށެވެ. ފަހުން ދިމާވެދާނެ ކަންތަކާ މެދު ވިސްނަން ބޭނުމެއް ނުވެއެވެ.
*****
ބަހާރުގެ ކުލަތަކުން މޫސުމަށް އިތުރު ހިތްގައިމުކަމެއް ގެނެސް ދީފިއެވެ. ގަސްތަކަށް އާރޯކަން ލިބި ފޯދުމުގެ އިތުރުން، މާމެލާމެލީގެ ފަރިކަން ވެސް ފެންނަން ފަށައިފިއެވެ. ދޫނިސޫފާސޫފިތައް ވެސް މިނިވަންކަމާއެކު ޖައްވުގެ ތެރޭގައި އުދުހިލާ މަންޒަރު ފެނެއެވެ. ވާރޭ ނުވެހޭތާ ވެސް ދުވަސްކޮޅެއް ވެއްޖެއެވެ. އޭގެ ސަބަބުން މޫސުން އިތުރަށް ފުރިހަމަކޮށްދެއެވެ. އިރުގެ އަވިން ދުނިޔެ ވަނީ ދޮން ކޮށްލެވިފައެވެ. ޖެހެމުން ދާ ރޯޅިތަކުގައި އެކުލެވިގެންވި ފިނިކަމުން ހަށިގަނޑަށް ލުޔެއް ގެނެސްދެއެވެ.
ހެނދުނުހެނދުނާ ދުވަން ނިކުމެ އުޅުނު އީވާ އެހެނިހެން ދުވަސް ތަކެކޭ ވެސް އެއްފަދައިން އުޅުނީ އިއްތިފާޤަކުން މާކިންއާއި ބައްދަލުވި ހިސާބުގަނޑުގައެވެ. މާކިން ފެނޭތޯ އެގެއާ ކައިރިން އޭނަ ނުދުވާ އެންމެ ދުވަހެއް ވެސް ނުދެޔޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެއިން ކޮންމެ ދުވަހަކު ހިތަށް މޮޅިވެރިކަން ލިބެއެވެ. ދެރަވެއެވެ. އެވަރުން ވެސް ބަލި ޤަބޫލުކުރުމުގެ ވިސްނުމެއް އީވާގެ ނެތެވެ. އޭނަގެ ދެލޯ ކޮންމެ ދިމާއަކުން ވެސް މާކިންގެ ސޫރަ ހޯދައެވެ. ތުނބުޅި ދިގުކޮށްފައި ހުރި މީހަކު ފެނިއްޖެއްޔާ މާކިން ކަމަށް ހިތާ ހިތް ތެޅިލައެވެ. އުއްމީދުގެ ހުޅުކޮޅު ހިތުގައި ރޯވެގެން ދެއެވެ. ނަމަވެސް، ގާތަށް ގޮސް ބަލައިލުމުން އެއީ މާކިން ނޫންކަން ޔަޤީންވުމުން އުދާސްކަން ހިތަށް ލިބެއެވެ. ތުންފިއްތާލެވެއެވެ. މޭގައި ރިއްސާލައެވެ. އެފަދަ ވޭނެއްގައި ދުވަސްތައް ހޭދަކުރަމުން ގޮސް ނަފުސު ހަނާ ވެދާނެއޭ ވެސް ހީވަން ފަށައިފިއެވެ.
ވަރުބަލިވެގެން ގޮސް އީވާއަށް ހިލައިގެ ގޮނޑިއެއްގައި އިށީނދެވުނެވެ. ގޮނޑީގައި ހަމަޖެހިލަމުން، ދުވަން ނިކުމެ އުޅުނު މީހުނަށް ސަމާލުވެލިއެވެ. އެގޮތުގެ މަތިން އިރުކޮޅެއް ފާއިތުވެގެން ދިޔަ އެވެ. އީވާގެ ދެލޮލުގައިވި އުއްމީދުގެ އޮއެވަރު ނާއުއްމީދަށް ބަދަލުވާން ފެށިއެވެ. އެއާއެކު ހަށި ފުރާ ނޭވާއެއް ދޫކޮށްލެވުނެވެ. ނާކާމިޔާބީގެ ހިތި ރަހައާއެކު ދާން ގަސްދުކުރި ވަގުތު، ތަންކޮޅެއް ދުރުގައި ހުއްޓި ހުރެ އޭނައަށް ބަލަން ހުރި ޒުވާނާ ފެނުމާއެކު ފުންމައިގެން ގޮސްފައި އީވާއަށް ތެދުވެވިއްޖެއެވެ. މޮޅިވެރިކަން ފިލައި ހިތަށް ފިނިކަމެއް ލިބުނެވެ. އުއްމީދު އާލާވުމާއެކު ކުރިއަށް ވެސް ފިޔަވަޅެއް އަޅާލެވުނެވެ. ޖަޒުބާތުތަކުގެ ތެރޭގައި ޤައިދުވެގެން ދިޔަ ތަނާ، އޭނައަށް މާކިން ފަސްދިނުމުން އީވާގެ ހިތަށް ތަދުވެލިއެވެ. ފާއިތުވި ދުވަސްތަކުގައި އޭނަ ހޭދަކުރި އެކަނިވެރި އަދި ހިތްދަތި ދުވަސްތައް ހަނދާންވެ ތުން ދިގުކޮށްލެވުނެވެ. މާކިން ދެކެ ރުޅި އަންނަން ވެސް ބޭނުން ވިއެވެ.
''ހީވީތަ ފަހަތުން ދާނެހެން، ހުއް... ނުދާނަން... އަހަރެން ދެރަކޮށްލާފަ ޚަބަރެއް ވެސް ނުވި... ވަރަށް ފޫހިވޭ...'' ހަށަންބަނދެލަމުން އީވާ ކުސްތަޅައިގަތެވެ. އެގޮތުގައި ހިފަހައްޓާލުން އޭނައަށް އުނދަގޫ ވިއެވެ. މާކިންގެ ގާތަށް ދާން ހިތް ގޮވާލައިފިއެވެ. އެސޫރަ ގާތުން ދެކިލަން ބޭޤަރާރު ވެއްޖެއެވެ. ހިތަށް ވެރިވެގެން އައި އިހުސާސްތަކާ މެދު އީވާއަށް ވިސްނުން ހިންގާލެވުނެވެ.
ލަސް ދުވުމެއްގައި އީވާއަށް ފަސްދެމުން ކުރިއަށް ދާން ފެށި މާކިން ފެނި، އީވާއަށް ތެޅިގަނެވުނެވެ. އަވަސްއަވަހަށް މާކިންގެ ފަހަތުން ދުއްވައިގަނެވިއްޖެއެވެ. ލިބިފައިވި ފުރުސަތު ގެއްލުވާލަން އޭނަ ބޭނުމެއް ނުވިއެވެ.
ދެފަޔަށް ލެވުނުހާ ބާރެއް ލާފައި، އީވާ ގޮސް އެރީ މާކިންގެ ކުރިމައްޗަށެވެ. ލިބުނު ހައިރާންކަމުން މާކިންއަށް އޭނަގެ ފިޔަވަޅުތައް މަޑުޖައްސާލެވުނެވެ.
''މާ...ކިން!...'' މައިނޭވާލެވެމުން ދިޔަ އީވާއަށް އޭނަގެ މޭގައި ފިރުމާލެވުނެވެ. ނޭވާއުފުރެން ކައިރިވެފައިވާ ކަހަލައެވެ. ކުޑަކޮށް ގުދުވެލަމުން ނޭވާ ހަމައަކަށް އަޅުވޭތޯ އީވާ މަސައްކަތްކުރިއެވެ.
އީވާގެ މޫނު ހުދުވެފައިވާތަން ފެނި މާކިން ކަންބޮޑުވިއެވެ. އިހްތިޔާރަކާ ނުލާ ކުރިއަށް ޖެހިލެވެން އުޅުނެވެ. ހަމަ އެވަގުތު ހިތަށް ވިސްނައިދެމުން ޚިޔާލު ބަދަލުކޮށްލިއެވެ. އިތުރަށް އެދެމެދުގައި ގުޅުން ބަދަހިކުރުމުގެ ވިސްނުމެއް އޭނަގެ ނެތެވެ. އީވާއަށް އެކަން އަންގައިދޭން އޭނަ ގަސްދުކުރިއެވެ.
''ކީއްކުރަން މިތަނަށް އައިސްގެން ތިއުޅެނީ؟... ގައިމު ބުނީމެއްނު މިތަނަށް ނާންނާނަމޭ... ދެން ކީއްކުރަން އައިސްގެން ތިއުޅެނީ؟...'' ހަރުކަށިކަމާއެކު މާކިން ވާހަކަދެއްކިއެވެ. އެއަޑަށް މާކިންގެ މޫނަށް ސަމާލުވެ އީވާ ބަލައިލިއެވެ. ތުންފަތުގައި ދަތް އަޅާލެވުނީ ނިކަން ބާރަށެވެ. ލޭ ހިލޭވަރު ވިއެވެ.
''މާކިން ހޯދަން ވެގެން!...'' ބޭއިހްތިޔާރުގައި އީވާއަށް ބުނެވުނެވެ. ދުލުން ބޭރުވި ބަސްތަކާ މެދު ފިކުރު ހިންގާލެވުމާއެކު އީވާއަށް އަނގަމަތީ އަތް އަޅާލެވުނެވެ. މާކިންގެ ތޫނު ނަޒަރު ހުއްޓިފައިވާތަން ފެނި ލަދުގަންނަ ގޮތް ވެސް ވިއެވެ.
''ކީއްކުރަން؟...'' ސޯޓުގެ ޖީބަށް އަތް ޖަހައިލަމުން މާކިން އެހިއެވެ. އޭނަގެ ރާގު ކުއްލިޔަކަށް ބަދަލުވެއްޖެއެވެ. އެކަމާ އީވާ ހައިރާން ވިއެވެ. މާކިންގެ އިހުސާސްތައް ހައްލުކުރަން އުނދަގޫ އަރަތަކަށް ވެއްޖެއެވެ. ބައެއްފަހަރު ރުޅިވެރިކަން ފެނެއެވެ. ނަފުރަތު ފެނެއެވެ. އަނެއްބައިފަހަރު އޯގާތެރިކަން ފެނެއެވެ. އެހުރިހާ ކުލަވަރުތަކެއްގެ ތެރެއިން މާކިންގެ ހަޤީޤީ ސޫރަ ދުށުން އުނދަގޫކަމަކަށް ވެއްޖެއެވެ.
އިރުކޮޅެއް ވަންދެން މާކިންއަށް ބަލަހައްޓައިގެން އީވާއަށް ހުރެވުނެވެ. ދުވަސްތަކެއް ފަހުން ބައްދަލުވި ހިނދުގައި ވެސް މާކިންގެ ފަރާތުން ފެންނަނީ ރުޅިވެރިކަމެވެ. ރުންކުރުކަމެވެ. އޭގެ ސަބަބުން އީވާގެ ހިތުގައި ތޫނު ރިހުމެއް އުފެދުނެވެ.
''އެއްވެސް އެއްޗެއް ބުނުމެއް ނެތި ދިޔައީ ކޮންތާކަށްތަ؟، އަހަރެން މާކިން ނުފެނިގެން ހާދަ ވަރަކަށް ހޯދައިފީމޭ... އެއްވެސް މީހަކަށް މާކިން ދިޔަ ތަނެއް ނޭނގޭ، މާކިންއަށް ކަމެއް ވެއްޖެޔޭ ހިތާ އަހަރެން ހާދަ ކަންބޮޑެއް ވިޔޭ!......'' ޖަޒުބާތުގައި ޖެހުމުން އީވާގެ އަޑު ކުރެހިއްޖެއެވެ. ނޭނގި ހުއްޓާ ލޮލުން ކަރުނައިގެ ދިލަކަން ފާޅުވާން ފެށިއެވެ. މާކިންގެ ކުރިމަތީގައި ކަރުނަ އޮއްސަން ބޭނުން ނުވާތީ އަވަސްއަވަހަށް އެސްފިޔަތައް ތަޅުވާލެވުނެވެ. ފުންނޭވާތަކެއް ދޫކޮށްލެވުނީ ހިތުގެ އާހްތައް ދިރުވާލުމުގެ ބޭނުމުގައެވެ.
އީވާއަށް ބަލައިލި މާކިންއަށް އެދެލޮލުގައިވި ހިތްދަތިކަން ފެނުނެވެ. އެހިތްދަތިކަމުގެ ހިއްސާދާރަކީ އޭނަކަން ވެސް ވިސްނައިގަނެވުނެވެ. އެވަގުތު ހިތަށް ނުބައި ގޮތެއް ވެގެން ދިޔަ އެވެ. ފިނި ނޭވާއެއް ދޫކޮށްލެވިއްޖެއެވެ.
''އަހަރެން ދާތަނެއް އީވާއަށް އަންގަން ޖެހޭތަ؟ އެފަދަ ގާތް ގުޅުމެއް އަހަރުމެންގެ ދެމެދުގައި އެބައޮތްތަ؟...'' އީވާގެ މޮޅިވެރިކަން އިހުސާސް ކުރެވުނަސް، ހަރުކަށިކަން އަޑަށް ގެންނަމުން މާކިން ބުނެލިއެވެ. ދެވަނަ ފަހަރަށް ކެހިވެރިކަމުގެ ދަލެއްގައި ހައްޔަރުވާން އޭނަ ބޭނުމެއް ނުވެއެވެ. އޭނަ ހީކުރީ ގިނަ ދުވަސްތަކެއްވުމުން އޭނަގެ ބަސްނާހާ ހިތަށް ވިސްނައިދެވިދާނެ ކަމަށެވެ. ނަމަވެސް އީވާ ފެނުމާއެކު އެއީ މުސްތަހީލުކަމެއްކަން ޔަޤީން ކުރެވުނެވެ. ހަމައެއާއެކު އީވާގެ ދެލޮލުގައިވި އުދާސްކަމުން އެހިތުގައި ވެސް ރިއްސާލައިފިއެވެ.
''ކީއްވެތަ އަހަރެން ދެރަވާނެ ފަދައިން މާކިން ވާހަކަދައްކަނީ؟، އެއްފަހަރު ވެސް ތި ނޫން ގޮތަކަށް އަހަންނާ ވާހަކަދައްކަފާނަންތަ؟، ތިހެން ކަންތައް ކުރީމަ އަހަރެން ދެރަވޭ، މާކިން ނުފެނި ހުރެ ފެނުމުން އަހަރެން އުފާވި، އެކަމަކު މިހާރު މިހިތަށް ވޭން ލިބެން ފަށައިފި... ކީއްވެތަ އަހަރެން ދެރަކޮށްލަން ބޭނުންވަނީ؟... އެއްފަހަރު ވެސް އޯގާތެރިކަމާއެކު އަހަންނާ ވާހަކަދައްކަބަލަ... އަހަރެން ދެރަނުކޮށްބަލަ...'' ރޮވިދާނެހެން ހީވުމުން އީވާއަށް ފުރަގަސް ދެވުނެވެ. އޭރު އެދެލޮލަށް ކަރުނަ ޖަމާވެފައި ވިއެވެ. ދެލޯ ފުރިބާރުވެގެން އައި ކަރުނަތައް ހޯސްލާފައި ފައިބައިގަތުމުން އީވާ ބޭނުންވީ އެތަނުން ދާށެވެ. އެކަރުނަތައް މާކިންއަށް ދައްކަން ބޭނުން ނުވާތީއެވެ. މާކިންއާއި ބައްދަލުވުމުން ހިއްސާކުރަން ބޭނުންވި އެތައް ވާހަކައެއް ހުއްޓެވެ. ނަމަވެސް އެފުރުސަތު ނުލިބޭނެކަން އެނގުމުން ހިތްދަތި ވިއެވެ.
ކުރިއަށް ހިނގައިގަންނަން އުޅުނު އީވާއަށް ހުއްޓެވުނީ މާކިން އޭނަގެ އަތުގައި ހިފުމުންނެވެ.
''ދޫކުރޭ... އަހަންނަކީ މާކިން ބޭނުންހާ ގޮތަކަށް ކަންތައް ކުރަން ހުރި މީހެއް ނޫނޭ!...'' ކުރެހިފައިވާ އަޑަކުން އީވާ ބުންޏެވެ. އަދި މާކިންގެ އަތް ފޮޅުވާލަން އުޅުނެވެ. އީވާގެ އެހަރަކާތާއެކު ކުރިއަށްވުރެ ބާރަށް އީވާގެ އަތުގައި މާކިން ހިފަހައްޓާލިއެވެ.
އީވާއަށް ހަމަ ރަނގަޅަށް ވެސް ރޮވުނެވެ. ހިތުގައި އުފެދިގެން އައި ގިލަންވެރިކަމުގެ ތޫފާނާއެކު އޭނަ މާކިންއާ ކުރިމަތިލިއެވެ. އަދި އެހިތުގެ އިހުސާސްތައް ބަންޑުންކޮށްލެވުނީ ޖަޒުބާތުގައި ބެހިގެން ދިއުމުންނެވެ.
''ކީއްވެތަ މާކިން ތިހާ ހިތްހަރު މީހަކަށްވީ؟... އަހަރެން އެކުވެރިކަމަށް ދިއްކުރި އަތުގައި ވެސް ހިފުމުގެ ބަދަލުގައި ދެރަކޮށްލީ، އޭގެ ފަހުން ކުއްލިޔަކަށް ގެއްލުނީ... އަހަރެން ހާދަ ވަރަކަށް އުޅުނީމޭ މާކިންގެ ޚަބަރު އޮޅުންފިލުވަން... ގުޅާލެވޭނެ ގޮތެއް ނެތުމުން އަހަރެން ހާސްވި ވަރު މާކިންއަށް ނޭނގޭތަ؟... ލޮލު ފިޔަޖަހަން ވެސް އަހަންނަށް އުނދަގޫވި، ހައްތާހާ ވެސް ހީވީ މާކިންއަށް ދެރަކަމެއް ވީއޭ، އޭގެ ސަބަބުންނޭ މާކިންއަށް ނާދެވިގެން އުޅެނީ... މާކިންއާ މެދު ވިސްނާ މީހަކު ހުރިކަން އެއްފަހަރު ވެސް ހަނދާންކޮށްލިންތަ؟...''
ފެންކަޅިވެފައިވި ދެލޮލުން މާކިންއަށް އީވާ ބަލައިލިއެވެ. އެހިތުގެ ހާލު މާކިންއަށް އިހުސާސްކުރެވޭނެ ބާވައޭ ހިތާއި ސުވާލުކޮށްލެވުނެވެ.
މާކިންއަށް ހީވީ އޭނަގެ މޭގަނޑަށް ލޮޅުން އަރައިގެން ދިޔަ ހެންނެވެ. އީވާގެ ކަރުނަތަކާއި އުދާސްތަކުން ހިތަށް ފުން އަސަރުތަކެއް ކުރުވިއެވެ. ހިތުގެ އެންމެ ހިމަ ނާރާ ހަމައަށް ވެސް އަސަރުކުރުވައިފިއެވެ. އޭނަ ލަންޑަނަށް އައި ދުވަހު ޑޭވިޑްއާއި ދެކެވުނު ވާހަކަތައް ހަނދާން ވިއެވެ. ޑޭވިޑްގެ ފަރާތުން އޭނަ ހޯދަން އީވާ އައިކަން އޭނައަށް އޮތީ އެނގިފައެވެ. އެކަމާ ހިތުގައި ސުވާލު ވެސް އުފެދުނެވެ. ނަމަވެސް މިހާރު އޭނަ ކުރިމަތިން ފެންނަމުންދާ މަންޒަރުތަކުން އެސުވާލުތަކަށް ޖަވާބު ލިބިގެން ދިޔަ އެވެ.
''އީވާގެ ހިތުގައި ޖެހޭ ފަދަ ކަމެއް ކުރެވިފައިވާ ނަމަ އަހަންނަށް މަޢާފްކުރޭ... އަހަރެން ދިޔައީ މަންމަ ބަލިވެގެން މަންމަ ގާތަށް ރާއްޖެއަށް...'' މާކިން ތެދު ހާމަކުރިއެވެ. އީވާ މަސަލަސްކުރަން އޭނަ ބޭނުން ވީތީއެވެ. އެހިތަށް ވަމުން ދިޔަ ގޮތެއް މާކިންއަކަށް ނޭނގުނެވެ. ޔަޤީނުން ވެސް އީވާގެ ކަރުނަތަކުން ހިތަށް ބަދަލުތަކެއް އައިސްފިއެވެ.
ކަރުނަތައް އަމިއްލަ އިހްތިޔާރުގެ ދަށަށް ގެންނަން މަސައްކަތްކުރުމުން މާކިންއަށް އީވާ ބަލައިލިއެވެ. އެވަގުތު އެއަތުން މާކިން ދޫކޮށްލައިފިއެވެ. އަދި ކުރިއަށް އަޅާލި ފިޔަވަޅާއެކު އީވާއާއި ނިކަން ގާތަށް ޖެހިލައިފިއެވެ.
''އަހަރެންގެ މަޢުލޫމާތު ނޭނގޭ އިރުގައި ވެސް ކީއްވެތަ އަހަންނާ މެދުގައި ތިހާ ބޮޑަށް ވިސްނަނީ؟.......... ކީއްވެތަ؟...'' އީވާގެ ކަރުނަތައް ފޮހެލަދެމުން މާކިންއަށް އަހާލެވުނެވެ. އެއަޑުގައިވަނީ މަޑުމައިތިރިކަމެވެ.
އަސަރުން ފުރިގެންވި ދެލޮލުން މާކިންއަށް އީވާ ބަލައިލިއެވެ.
''އަހަރެން ބޭނުން މާކިންގެ ހުރިހާކަމެއް އެނގެން... މާކިންއާ އެކުވެރިކަން ބަދަހިކުރަން، އަހަރުމެން ދެމެދުގައި އޮތް ގުޅުން ބަދަހިވެގެން ދާން... ދުރުގައި ހުންނަން އަހަންނަށް ދަތިވެއްޖެ...'' އީވާގެ އަރުބެދުނެވެ. ކުއްލިޔަކަށް ވާހަކަދެއްކުން އުނދަގޫކަމަކަށް ވެއްޖެއެވެ. އެދެމުގައި އޮތް ގާތްކަމާއި ސީރިޔަސްކަމުން ހިތުގެ ވިންދު އަވަސްވާން ފެށިއެވެ.
''އެއީ ކީއްވެކަން ބުނެދެވިދާނެތަ؟...'' މާކިންއަށް އަހާލެވުނެވެ. އެސުވާލުގެ ޖަވާބު އެނގޭއިރުގައި ވެސް ޔަޤީންކުރުވަން އޭނަ ބޭނުން ވިއެވެ.
''އަހަންނަށް ނޭނގޭ އަހަރެންގެ މި ހިތަށް ވާ ގޮތެއް ބުނެދޭން... މާކިން ދުށުމަށް ބޭނުންވޭ، ގާތުގައި ހުރުމަށް ބޭނުންވޭ، އެކުގައި ވަގުތު ހޭދަކުރަން ބޭނުންވޭ، މާކިންގެ ދިރިއުޅުމުގެ ހުރިހާކަމެއް އެނގެން ބޭނުންވޭ... މާކިން!، އަހަންނަށް މިކުރެވެނީ މުޅިން ތަފާތު އިހުސާސްތަކެއް... އަހަންނަށް... އަހަންނަށް...''
އީވާއަށް އޭނަގެ ޖުމްލަ ފުރިހަމަކުރަން އުނދަގޫވިއެވެ. އެވަގުތު މާކިން ގެނައި އަވަސް ހަރަކާތާއެކު އީވާ ގެނެސް މޭގެތެރޭގައި ފޮރުވާލިއެވެ. އީވާއަށް ވެސް މާކިންގެ ބައިމަތިފުޅާ ހަށިގަނޑުގައި ބައްދާލެވުނެވެ. އަދި ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ހުރިހާ ހިތާމައެއް ވެސް ފިލާ ދިޔަ ކަހަލައެވެ. މާކިންގެ އަތު ތެރެއަށް އާދެވުމުން ހިތުގެ ޒަހަމްތަކަށް ޝިފާއެއް ލިބިއްޖެއެވެ.
މާކިންއަށް އެންމެފަހުން އިޖާބަ ދެވުނީ އޭނަގެ ޖަތުބާތުތަކަށެވެ. ހިތުގެ ގޮވާލުމަށެވެ. އެޖަޒުބާތުތަކަށް ފިލަން އޭނަ ނުހަނު މަސައްކަތްކޮށްފިއެވެ. ހިތުގެ މަންޒިލް ބަދަލުކުރަން ވެސް މެއެވެ. ނަމަވެސް އޭނައަށް ޖެހުނީ ނާކާމިޔާބީއާ ކުރިމަތިލާށެވެ. ޒީލަ ގަދަ އެހިތް އެދެމުން ދިޔައީ އީވާ އަށެވެ. އެލޯތްބަށެވެ. އެއޯގާތެރިކަމަށެވެ. ހިތުގެ ޒަހަމްތަކަށް ޝިފާއެއް ލިބިދާނެ ކަމުގެ އުއްމީދު ވެސް އާލާވެގެން ދިއައީ ކުއްލިޔަކަށެވެ. އުއްމީދީ ހުވަފެންތައް ދައްކައިދެމުންނެވެ. މުސްތަޤުބަލެއް ލިބިދާނެކަމުގެ ޔަޤީންކަން ވެސް ހިތަށް ލިބުނެވެ.
މާޒީގެ ހުރިހާ ވާހަކައެއް އީވާއަށް ކިޔައިދޭން މާކިން ގަސްދުކުރިއެވެ. ވަގުތާއި ހާލަތު އެނދަޑިވަޅުގައި އެކަމަށް ތަންނުދިންކަމުގައި ވިޔަސް ފަހުން އީވާއަށް އޭނަގެ މާޒީ ހިއްސާކުރަން އަޒުމު ކަނޑައެޅިއެވެ. ހަޤީޤަތް ހާމަކުރުމަށްފަހުގައި މެނުވީ އިތުރު ފިޔަވަޅެއް އޭނަ ނާޅާނެއެވެ.
މާކިންއާއި އީވާ ވެސް ނިންމީ ރޭގަނޑު ބައްދަލުކުރުމަށެވެ. ތަނާއި ވަގުތު ކަނޑައެޅީ މާކިން އެވެ. އީވާ ބަލާ އަންނާނެ ވާހަކަ ވެސް އޭނަ ބުންޏެވެ. ވަކިވެގެން ދިޔަ އިރު ފޯނު ނަންބަރު ވެސް ބަދަލުކުރެވިއްޖެއެވެ. އީވާގެ ތުންފަތާ ކުޅެލަމުން ދިޔައީ އުފާވެރި ހިނިތުންވުމެކެވެ.
މާކިން ވެސް އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. ކުރެވުނީ ރަނގަޅުކަމެއް ބާވައޭ ވެސް ހިތަށް އެރިއެވެ.
*****
ރޭގަނޑުގެ ވަގުތެވެ. ފެންވަރަން ފާޚަނާއަށް ވަދެފައި ހުރި މާކިންއަށް އޭނަގެ ދިގުވެފައި ހުރި ތުނބުޅީގައި އަތް ހިންގާލެވުނެވެ. މޫނުބަލާ ލޯގަނޑު ކައިރިއަށް ޖެހިލަމުން ފަރާތްފަރާތަށް މޫނު އަނބުރާލިއެވެ. އެވަގުތު އީވާ ކުރިން ދައްކާފައިވި ވާހަކަތައް ކަންފަތުގެ ތެރޭގައި ގުގުމާލިއެވެ. އަމިއްލަ ސޫރައަށް ސަމާލުކަން ނުދެވި، ތުނބުޅީގެ ތަރުތީބު ގެއްލިފައިވާކަން އޭނައަށް ފާހަގަވީ ދެނެވެ. ދިގުވެފައި އޮތް އިސްތަށިގަނޑުގައި ވެސް އަތުގެ އިނގިލިތައް ހިނގާލެވުނެވެ. ދެވަނަ ވިސްނުމަކާއި ނުލައި ޓްރިމަރު ނެގިއެވެ. އެއަށްފަހު ތުނބުޅީގައި ޖައްސާލިއެވެ. އެއާއެކު ތުނބުޅިއާ ވަކިވެގެން ދިޔަ އިސްތަށިތައް މޫނުދޮންނަ ތަށިގަނޑުގެ ތެރެއަށް ފައިބައިގަތެވެ.
*****
މާވަރަކަށް ނަލަހެދިގެން ބޭރަށް ދާން އުޅުނު އީވާ ފެނި ކާމޭޒުދޮށުގައި އިން ރައުހާ ހުއްޓުންއެރިއެވެ. ހައިރާންކަމާއެކު އީވާއަށް އޭނަ ބަލައިލިއެވެ. ރަތްކުލައިގެ މެކްސީއެއްގައި އީވާ ހުރިއިރު އެހިމަތޮޅި ހަށިގަނޑުގެ ވަނާތަކުގެ ރީތިކަން ފައުޅުވެއެވެ. އަޅާފައިވި ހުދުކުލައިގެ ބުރުގާގެ ތެރެއިން ދޮންމޫނު ފެންނައިރު، މޫނުގެ ސާދާކަމާއި ޗާލުކަން އިތުރުކޮށްދެއެވެ. ތުންފަތުގައި ޖައްސާފައިވި ރަތްކުލައިން ހިނިތުންވުން ފުރިހަމަކޮށްދެއެވެ.
''ފިނިފެންމަލެއް ހެން ޗާލުވެގެން ތިދަނީ ކޮންތާކަށްތަ؟...'' އުސްކަށީގެ ފައިވާނަށް އަރަން އުޅުނު އީވާ، ރައުހާގެ އަޑަށް ހުއްޓުންއެރިއެވެ.
(ނުނިމޭ)