ވިހިވަނަ ބައި
ރޭގަނޑުގެ ކެއުމުގައި ބަދިގެ ތެރޭގައި އުޅުނީ އާޝިދްއާއި އިރާނިޔާ އެކަންޏެވެ. ކަމްލާއާއެކު ރޭގަނޑުގެ ކެއުން އިރާނިޔާ ތައްޔާރުކުރީ ތަމަންނީއާއި އުނޭޝްއަށްވެސް ވާވަރަށެވެ. އެހެންނަމަވެސް އެއިން އެކަކުވެސް ކެއުމުގައި ބައިވެރިނުވިއެވެ. އާޝިދް މޭޒުކައިރީގައި އިންއިރު އިރާނިޔާ ތައްޓަށް ނޫޑްލްސް އަޅަން ހުއްޓެވެ. އާޝިދް ގޮނޑިން ތެދުވިއެވެ. އިރާނިޔާއަށް އެހީވެދިނުމުގެ ގޮތުން ތަށިތައް މޭޒުމައްޗަށް އެރުވިއެވެ. އަނބުޖޫސް ދެތައްޓަށް އެޅިއެވެ. ދެމީހުންނަށް ބޭނުންވާވަރަށް މޭޒުމަތި ތައްޔާރު ކުރެވުުމުން އާޝިދް އިށީނީ އިރާނިޔާ ކައިރީގައެވެ. ދެމީހުންވެސް ތިބީ ބަދިގޭ ދޮރަށް މީހަކު އަރައިފިނަމަ ފެންނާނެ ގޮތަށެވެ.
"ކެޗަޕް ބޭނުންތަ؟" އާޝިދް އެހިއެވެ.
"ބަނޑުބޮޑުވި ފަހުން ތި މީރެއްނޫން" އިރާނިޔާ ބުނެލިއެވެ. ދެމީހުންގެ ނޫޑްލްސް ތަށިން އާވި އަރަމުން ދިޔައެވެ.
"އީރަންއަށް ކެވޭނެތަ؟ ފުދޭ ވަރަކަށް ކުޅި" އާޝިދް ބުނެލިއެވެ.
"ކުޅިވީމަ މީރީ.... ސިޑްގެ ތަށި ތިހުރީ ހާދަ މީރު ވައްތަރަކަށޭ" އާޝިދްގެ ތައްޓަށް ނަޒަރެއް ދެމުން އިރާނިޔާ ބުނެލިއެވެ. އެއްފަހަރު ކަމުންދިޔަ އިރާނިޔާގެ މޫނަށް އާޝިދް ބަލައިލިއެވެ. ހިމޭންކަމާއެކު ކަމުން ދަނިކޮށް އިރާނިޔާ އާޝިދަށް ބަލައިލި ވަގުތު ހުއްޓުންއެރީ އާޝިދް އޭނައަށް ބަލަން އިންތަން ފެނުމުންނެވެ. އޭނާ ލަދުގަތެވެ. އާޝިދްގެ ދެލޮލުން އޭނާއަށް ބުނެދިން އެއްޗެއް އޭނާއަށް އިހުސާސްވިއެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވަމުން އިރާނިޔާއަށް އިސްޖަހާލެވިއްޖެއެވެ. ދެވަނަ ފަހަރަށް އިރާނިޔާ ބަލައިލީ އޭނާގެ އަނގައާއި އާޝިދް އޫ ކައިރިކޮށްލުމުންނެވެ. އާޝިދްގެ އަތުން އިރާނިޔާގެ އަނގައަށް ނޫޑްލްސް ލަވައިދިނެވެ. ކުޅިވެގެން އިރާނިޔާ އަނގަ އޫ ކޮށްލުމުން ކައިރީގައި ހުރި ފެންތަށި ނަގާފައި އާޝިދްގެ އަތުން އިރާނިޔާގެ ތުނބުގައި ޖެއްސިއެވެ. ތަށީގައި އިރާނިޔާ ހިފެހެއްޓީ އާޝިދް ހިފައިގެން ހުރި ތަނުގައެވެ. އާޝިދްގެ އަތް މަތީގައި އިރާނިޔާ އަތް ބޭއްވުމުން އާޝިދް އެ އަތަށް ބަލައިލިއެވެ.
"ދެން އޯކޭ..." އިރާނިޔާ ބުނެލިއެވެ. އާޝިދް މަޑުމަޑުން ފެންތަށި އޭނާއާއި ކައިރިކޮށް އިރާނިޔާ އަނގަ ޖެހި ތަނުގައި އަނގަ ޖަހާފައި ކޯވަރެއް ބޯލިއެވެ. އާޝިދްގެ އެ އަމަލުން އިރާނިޔާ އިތުރަށް ލަދުގަތެވެ.
"ސިޑް...!" އިރާނިޔާއަށް ގޮވައިލެވުނެވެ.
"އަޑުއަހަން މީނީ. އަހަރެންނަށް ކޮށްގެންނުވާނެ ކަމެއްތަ މިކުރެވުނީ. އެހެންވިއްޔާ މަޢާފަށްއެދެން" އާޝިދް ބުނެލިއެވެ.
"ނޫން. އެހެނެއްނޫން. އަހަރެން ބިރުގަންނަނީ. އަދިވެސް އަހަރެންނަކީ އުނޭޝްގެ އަންބެއް" އިސްޖަހައިލަމުން އިރާނިޔާ ބުނެލިއެވެ.
"ބިރުގަންނާނީ ބިރުގަންނަންޖެހޭ ފަދަ ގޮތަކަށް ތިމާއަށް އުޅެވޭނަމަނު. އީރަން އުޅެނީ އެހެންތަ؟ ބުނެބަލަ އީރަން ދުވަހަކުވެސް އުނޭޝް ނޫން މީހަކު ދެކެ ލޯބިވިންތަ؟ މިބުނީ ކައިވެނީގެ ފަހުން. އުނޭޝްއަށް ބޭވަފާތެރިވިންތަ؟ އަދިވެސް ތި ހިތުން އުނޭޝް ނޫން އެހެން މީހަކަށް އެދެވޭތަ؟ ނޫނެއްނު. ދެން ކީއްކުރަން ބިރު ގަންނަންވީ... އެހެންނޫނަސް ފިހާރަތަކުން ފެންނަންނެތް އެފަދަ އެއްޗެހި ގަންނާނީ ވަރަށް ލާރި ގިނަ މީހުން..." އާޝިދް ބުނެލިއެވެ. އިރާނިޔާ އާޝިދަށް ބަލައިލާފައި ލޯ ހަނިކޮށްލިއެވެ. އާޝިދް ފަހުން ބުނި ޖުމްލަ ނަގައިގަނެވުމުން އިރާނިޔާއަށް ހެވުނެވެ. އެ ހިނިތުންވުމަށް ބަލަން އާޝިދް އިނީ ގެއްލިފައެވެ.
"ޙަޤީޤަތުގަ ބިރުގަންނަންޖެހޭ މީހަކީ އަހަރެންނެއްނު. މީހެއްގެ އަންބެއް ހޯދަން އަހަރެންނަށް މަސައްކަތް ކުރެވެނީ. ނޫންތަ...؟ ބައެއް މީހުން ބުނެފާނެ ތި ދިރިއުޅުން ހަލާކުއެވަނީ އަހަރެންގެ ސަބަބުންނޭވެސް" އާޝިދް ބުނެލިއެވެ.
"އަހަރެން ދުވަހަކުވެސް އެހެން ނުބުނާނަން. އަހަރެންނަށް އިނގޭ އުނޭޝް އަހަރެންގެ ހަޔާތަށް އައުމުގެ މާކުރިން ސިޑް އަހަރެންދެކެ ލޯބިވާކަން. އަހަރެން ސިޑްގެ ލޯތްބަށް އޭރު ފުރަގަސްދިނީ ސިޑްގެ ބޮޑުދައިތަ ގޮތް ރަނގަޅަށް އިނގޭތީ. އަދި އަހަރެންނަށް އަހަރެންގެ ފެންވަރު އިނގޭތީ" އިރާނިޔާ ވާހަކަދެއްކިއެވެ.
"އޭރުގެ ވާހަކަ ދައްކާނެކަމެއްނެތް. އޭރުގެ އެ ހަނދާންތަކަކީ އަހަރެންގެ އެންމެ ފޮނި ހަނދާންތައް. އީރަންއާއެކު އަހަރެންނަށް އެންމެ ގިނައިން ވަގުތު ހޭދަކުރެވުނު ދުވަސްތައް. އެކުވެރިއެއްގެ ގޮތުގައިވެސް އަހަރެން އީރަންއާއި އެންމެ ކައިރީގައި ބެހެއްޓި ދުވަސްތަކެއް..... އަހަރެން ވާހަކައެއް އަހާލަންތަ؟ ތެދަށް ޖަވާބުދޭނަންތަ؟" އާޝިދް ވާހަކަދެއްކިއެވެ. އިރާނިޔާ ބޯޖަހައިލިއެވެ.
"އުނޭޝް އީރަން މިނިވަންކުރާ ދުވަހަކުން އަހަރެންގެ އަތުގައި ހިފާނަންތަ؟ އަހަރެންގެ ލޯބި ޤަބޫލުކުރާނަންތަ؟ ތިހިތުން ކުޑަކުޑަ ޖާގައެއް އަހަރެންނަށް ދޭނަންތަ؟" އާޝިދް ހުރިހަ ސުވާލުތަކެއް ކުރިއެވެ. އިރާނިޔާ ދޭނެ ޖަވާބެއް ނޭނގޭތީ އޭނާގެ ހިތުގައި ނުތަނަވަސްކަމެއް އުފެދުނެވެ. އެހެންނަމަވެސް އޭނާގެ ހިތުގައި ޔަޤީންކަމެއް އޮތެވެ.
"ޔަޤީން.... ސިޑްއަށް ޝައްކުތަ؟ އަހަރެން ހިފާނީ އަހަރެންދެކެ ލޯބިވާ މީހާގެ އަތުގަ. އެމީހަކީ ސިޑްއެއްނު" ހީލުމަކާއެކު އިރާނިޔާ ބުނެލިއެވެ.
"އަދި އެއްސުވާލު....." ހިތަށް ލިބުނު އިންތިހާދަރަޖައިގެ ހިތްހަމަޖެހުމުގައި އާޝިދް ބުނެލިއެވެ.
"އަދި ކިތައް ސުވާލު އަންނާނެބާ... ހޫމް... އަހައިބަލަ. މިރޭ ސިޑް ކުރާ ކޮންމެ ސުވާލަކަށް ޖަވާބުދޭނަން" އިރާނިޔާ ބުނެލިއެވެ. އާޝިދް ހީލިއެވެ.
"އެފަދަ ދުވަހެއް އައިސްފިނަމަ އީރަން އަހަރެންދެކެ ލޯބިވާން މަސައްކަތް ކުރާނަންތަ...؟ އުނދަގުވިޔަސް އުނޭޝް މަތިން ހަނދާން ނައްތާލަން މަސައްކަތް ކުރާނަންތަ...؟" އާޝިދް އެހިއެވެ.
"އުނޭ އާ މެދު މިހާރުވެސް އަހަރެންގެ ހިތުގައި ފޫހިކަމެއް އުފެދިއްޖެ. ކިތަންމެ ލޯބިވާ މީހަކަސް ހިތުގައި ޖައްސަންޏާ ހިތް ބަދަލުވެދާނެ. އިންސާނާގެ ހިތުގައި އަނެއް އިންސާނާ އާ މެދު ލޯބިޖައްސަވަނީވެސް ވަކި ފަރާތަކުން. ހަމަ އެފަރާތުން އެލޯބި ފޫހިކަމަށް ބަދަލުކުރަންވެސް ކުޅަދާނަވެގެންވޭ. އެހެންވެ އަހަރެން ބުނާނީ އުނޭޝްގެ އެ ރަހުމެއްނެތްކަން އަހަރެން ހިތުގައި ފޫހިކަމެއް އުފައްދައިފިއޭ" އިރާނިޔާ އިސްޖަހައިގެން އިނދެ ވާހަކަދެއްކިއިރު އަތުގައި އޮތް އުލުން ނޫޑްލްސް ތަށީގައި މަޑުމަޑުން ހަރަކާތް ކުރަމުން ދިޔައެވެ.
"އޯކޭ... ދެން އަނެއް ސުވާލުގެ ޖަވާބުގަ ބުނާނީ ކީކޭ...؟" އާޝިދް އެހިއެވެ. އިރާނިޔާ އާޝިދަށް ބަލައިލާފައި ދިނީ ލޯބިން ފުރިގެންވީ ހިނިތުންވުމެކެވެ. އޭނާ އެއްޗެއް ބުނަން މަސައްކަތްކުރިއެވެ. އެހެންނަމަވެސް އަދި މަޑުކުރަން ބޭނުންވިއެވެ. އާޝިދްގެ އަތްމަތީގައި އޭނާ އަތް ބާއްވައިލިއެވެ. އިރާނިޔާގެ ދެލޮލަށް ބަލަހައްޓައިގެން އާޝިދް އިނީ އޭނާ ބޭނުންވާ ސުވާލުތަކުގެ ޖަވާބު ހޯދުމަށެވެ. އޭނާއަށް އެކަން ކާމިޔާބުނުވީ އިރާނިޔާ އެސްފިޔަތައް ތިރިކޮށްލުމުންނެވެ.
"ސިޑްގެ ތިސުވާލުގެ ޖަވާބު އަހަރެން ދޭނަން. އެކަމަކު ފަހަރެއްގަ އެއީ ތަންކޮޅެއް ފަހުން ކަމަށް ވެދާނެ. އަހަރެން ވަރަށް ބޮޑު ހަޤީޤަތެއް ބުނެފާނަން. އަޅާލުމާ އޯގާތެރިކަމަކީ އިންސާނާގެ ހިތުގައި އަނެއް މީހާއާއި މެދު ލޯބިއުފެދެން މެދުވެރިވެދާނެ ސަބަބެއް. ބައެއް މީހުން ލޯބި ސިފަކުރާ ގޮތަކީވެސް އެއީ" އިރާނިޔާގެ ޖަވާބުން އާޝިދްގެ ދެލޯ ވިދައިގަތެވެ. އިރާނިޔާގެ ފަރާތުން ލިބުނީ އޭނާ އުންމީދުކުރި ފަދަ ޖަވާބެކެވެ. ކޮންމެސް ދުވަހަކުން އެލޯބި ކާމިޔާބުވާނެ ކަމުގެ ފެހި ސިގްނަލެއް އޭނާއަށް ލިބިއްޖެއެވެ.
ތަކެތި އިރާނިޔާ ހޫނުނުކުރީ އުނޭޝްއައި ތަމަންނީ ފަހުން ކާން ނިކުމެދާނެ ކަމަށް ވިސްނާފައެވެ. އެހެންނަމަވެސް އެގޮތް އޭނާއަށް ކަމުނުދިޔައެވެ. އާޝިދްގެ އެދުމުގެ މަތިން އޭނާ އެދެމީހުން ކައިރިން އަހައި އޮޅުންފިލުވަން ބޭނުންވިއެވެ.
ކޮޓަރީގައި އިރާނިޔާ ޓަކި ޖަހައިލިއިރު ތަންކޮޅެއް ފަހަތުގައި އާޝިދް ހުއްޓެވެ. އޭނާގެ ކަންފަތުގައި ފޯނު ޖަހައިގެން ހުއްޓަސް އިރާނިޔާގެ ހަރަކާތްތަކަށް ބަލަމުން ދިޔައެވެ.
"ކަލޭ...؟؟؟ ކާކު ހޯދަން މިތަނުގަ ޓަކި ތިޖަހަނީ...؟؟ އުނޭޝް ނޫޅޭ ކަލޭ ދެކިލާހިތަކުން" ދޮރުހުޅުވާލި ތަމަންނީ ދޮރުމަތީގައި ހުރި އިރާނިޔާއަށް އަޑުލައިގަތެވެ. ކޮޓަރި ތެރެއިން އުނޭޝް ބޯދިއްކޮށް ބަލައިލިތަން އިރާނިޔާއަށް ފެނުނެވެ.
"އަހަރެންނަށް ހީވަނީ އުނޭޝްއަށް ވުރެ ބޮޑަށް މިހާރު އަހަރެންނަށް ކަލޭދެކެ ލޯބިވެވިއްޖެހެން... އާނ އެހެންޏަ... ކަލޭ އަތުގަ އެކަނިތަ އަނގަ އޮންނަނީ. ކަލެއަށް އުނޭޝް ހިބައިން ދީފަ އެހުރީ. އަހަރެން ބޭނުމެއްނޫން. މާދަމާ ކަލެއަށް އުނޭޝް ހަދާލާނީ ހަމަ އަހަރެންނަށް ހެދިހެން... ބައިދަ ވޭ.... ކަލޭމެން ކައިފަ ކާއެއްޗެހި ހޫނުކުރާތި. އަހަރެން ދެން މިރޭ ބަދިގެއަށް ނުވަންނާނަން.... ކަންނެތްކަމުން އަމިއްލައަށް ކައްކައިގެން ތިމާގެ ލޯބިވާ ފިރިކަލުންނަށް ކާންދޭން ނުކެރޭ އަންހެނެއް މީހުންގެ ތެރޭގަ އަނގަ މިހުޅުވަނީ" އިރާނިޔާ ދެއްކި ވާހަކަތައް އެތެރޭގަ ހުރި އުނޭޝްއަށް ރަނގަޅަށް އަޑު އިވުނެވެ. ތަމަންނީ ބާރަށް ދޮރުލައްޕަން އުޅުމުން ދޮރުފަތުގައި އިރާނިޔާ ހިފެހެއްޓިއެވެ.
"ހިތުން އަހަރެން މޫނުމަތީގަތަ ދޮރުން ތިޖަހަނީ...؟ މަޑުންޖަހާތި... ކަލޭ ހޯދާފަ ހުރި މުދަލެއްނޫން. މަރުހޫމް ބައްޕަގެ މުދާ" އިރާނިޔާ ބުނެލިއެވެ. އަދި ދޮރުން އަތްދޫކޮށްލާފައި އާޝިދް ހުރި ދިމާލަށް ހިނގައިގަތެވެ.
ދެކުދިން އެކީގައި ބޭރު ޖޯލިފަތީގައި އިށިންއިރު މަގުމަތި ވަނީ ހިމޭންވެފައެވެ. މަދު މީހެއް ނޫން އެހެން އެއްވެސް މީހެއް ފެންނަން ނެތެވެ. ޖޯލީގައި ބުރަކަށި ދަމާލާފައި އިރާނިޔާ ހަށީފުރާ ނޭވައެއްލިއެވެ. ކުރިމަތީގައި ހުރި ގޮނޑިއަށް ދެފައި ނަގާފައި އޭނާގެ ނަޒަރު ސީދާކޮށްލީ ހާމައަށް އޮތް އުޑަށެވެ. އޭނާއާއި ޖެހިގެން އެއްޖޯލި ދޫކޮށް އޮތް އާޝިދަށް ވެސް އޭނާގެ އިރުކޮޅަކާއި ބަލައިލައެވެ. އޭނާ ފަދައިން އާޝިދްވެސް އޮތީ އުޑަށް ނަޒަރު ހުއްޓާލައިގެންނެވެ.
"ކޯޗެއް ތިވިސްނަނީ...؟" ހިމޭންކަމުގައި އިރުކޮޅެއް ފާއިތުވެދިޔުމުން އިރާނިޔާ އާޝިދަށް ބަލައިލާފައި އަހައިލިއެވެ.
"ނުވިސްނަން. ހިތަށް އެރީ މާލިކްބެ މީ ހާދަ ރަނގަޅު މީހެކޭ" އާޝިދް ބުނެލިއެވެ.
"އާނ.. އެއީ ވަރަށް ރަނގަޅު މީހެއް. ހަމަ ބައްޕަފަދަ. އަހަރެންދެކެ ވަރަށް ލޯބިވާނެ. އިނގޭތަ! މާލިކްބެ ދުވަހަކުވެސް މެރީއެއްނުކުރޭ. މިގޭ ބައްޕަ މާލިކްބެއާ އެއްކޮށް ނިޔާވެގެން ދަންދެން މަސައްކަތްކުރީ" އިރާނިޔާ އޮޅުންފިލުވައިދިނެވެ.
"އާނ... އަހަރެން ދެދުވަހުގެ ޗުއްޓީއަކަށް އެދުނީމަ ވަރަށް އަވަހަށް ހަމަޖައްސައިދީފި. އަހަރެން ޗުއްޓީ ނެގި ސަބަބު ބުނީމަ އިތުރު ސުވާލެއްވެސް ނުކުރޭ. ހީލާފަ އަހަރެންގެ ބުރަކަށީގައި ޖަހާލީ" އާޝިދް ބުނެލިއެވެ.
"ޗުއްޓީއޭ... ނުވެސް ބުނަމެއްނު. ކީއްވެ ނެގި ޗުއްޓީއެއް...؟" އިރާނިޔާ އެހިއެވެ.
"ހެހެހެ... އަމިއްލަ ކަމަކު. އަދި އިނގޭނެ" ހީލަމުން އާޝިދް ބުނެލިއެވެ. އިރާނިޔާ ފަހުން ބަހެއް ނުކިޔައެވެ.
"ހިނގާބަލަ ކުޑަކޮށް އެކޮޅަށް ހިނގާލަން...." އާޝިދް ބުނެލިއެވެ.
"ދެވިދާނެ... އެކަމަކު ތެދުވަން ކުރަންޖެހޭ މަސައްކަތް މާބުރަ..." ތެދުވަން މަސައްކަތް ކުރަމުން އިރާނިޔާ ބުނެލިއެވެ. އިރާނިޔާގެ އަތުގައި ހިފާ އާޝިދް އެހީތެރިވެދިނެވެ. ތެދުވަން އުޅުމުގެ ތެރޭގައި އިރާނިޔާގެ އެއްފައިވާންކިބަ ދުރަށް ބުރައިގެން ދިޔުމުން ފައިވާން ކައިރިކޮށްދީ ފަޔަށް ލައްވައިދިނީވެސް އާޝިދެވެ. އެހުރިހާއިރު އިރާނިޔާގެ ނަޒަރު ހުއްޓިފައިހުރީ އާޝިދްގެ މޫނެވެ. އޭނާއަށް ނޭނގުނީ އޭނާގެ ތުންފަތްމަތީގައިވި ހިނިތުންވުން އޭނާގެ ހިތާއި ހަމައަށް ފޯރާފައިވާ ކަމެވެ. އާ އިހުސާސްތަކެއް އޭނާގެ ހިތުގައި ޖާގަހަދަމުން ދާކަމެވެ. އުނޭޝްއަށްޓަކައި ހިތުގައި އުފެދުނު އިހުސާސްތައް ފޮހެވެމުންދާން ފެށިކަމެވެ.
ނިދަން ތައްޔާރުވެގެން އިރާނިޔާ އެނދަށް އެރިއިރު ގަޑިން އެގާރަގަޑި ބައިވާން ކައިރިވެއްޖެއެވެ. ގޭ ބިތްދޮށަށް ވީފަޅިއާއި ދިމާލަށް ހުރި ކުޑަދޮރު ރަނގަޅަށް ނުލެއްޕި ހުރިކަން އިރާނިޔާ އިނގުނީ އެދިމާލަށް ބަލައިލި ވަގުތު އެދޮރު ނުލެއްޕި ހުރިތަން ފެނުމުންނެވެ. ވަގުތުން އޭނާ ތެދުވެގެން އެދިމާލަށް ހިނގައިގަތެވެ. މޫނުމައްޗަށް ފޫހިކަން ވެރިވެގެން ދިޔައީ ދޮރުގެ ތަންޑު ހަލާކުވެފައި ހުރިތަން ފެނުމުންނެވެ. ހަދާނެގޮތެއް ނޭނގި އޭނާ ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގަންފެށިއެވެ. ދޮރު އެގޮތަށް ބަހައްޓައިގެން ނިދަންވެސް އޭނާއަށް ނުކެރުނެވެ. ވިސްނަން ހުރެފައި ގޮސް އެނދުމަތީގައި އޮތް ފޯނު ނަގާފައި އާޝިދްގެ ނަންބަރަށް ގުޅިއެވެ. ވީގޮތް ކިޔައިދީފައި ރަނގަޅަށް ފޯނު ނުބޭއްވެނިސް އާޝިދް ދޮރުގައި ޓަކިދިން އަޑު އިވިއްޖެއެވެ.
"ހާދަ ފާސްޓޭ..." ދޮރު ހުޅުވާލާފައި އިރާނިޔާ ބުނެލިއެވެ.
"އީރަންގެ ކަމެއްވިއްޔާ އަހަރެންނަށް އެއްވެސް ކަމެއް ލަހެއްނުކުރެވޭނެ. އެކަން އިނގެއެއްނު" ޖަވާބުދީފައި އާޝިދް ގޮސް ހުއްޓުނީ ހަލާކުވެފައި ހުރި ކުޑަދޮރު ކައިރީގައެވެ. ތަންޑަށް ރަނގަޅަށް ބަލައިލުމަށްފަހު އާޝިދް ތަންކޮޅެއް ދުރަށް ޖެހިލިއެވެ. އެނދުގައި އިށީނދެފައި ވަގުތީގޮތުން އެޅޭނެ ފިޔަވަޅަކާމެދު ވިސްނައިލިއެވެ.
"މަރުތޭލެއް ކަހަލަ އެއްޗެއް ލިބިދާނެތަ؟" އާޝިދް އެހިއެވެ.
"ލިބިދާނެ. އަދޫ ގެންގުޅޭނެ. މިއަންނަނީ..." އިރާނިޔާ ކޮޓަރިން ނިކުމެގެން ހިނގައިގަތެވެ. އިރާނިޔާ ފަސްފަހަތުން ކަހަލަ ގޮތަކަށް އާޝިދްވެސް ނިކުތެވެ. މަރުތެޔޮ ހިފައިގެން އިރާނިޔާ ކޮޓަރިއަށް ވަންއިރު އާޝިދް ފެންނާކަށް ނެތެވެ. އާޝިދް ކޮޓަރިއަށް އައިސް ވަނީ އިރާނިޔާ ބޭރުބަލަން ނިކުންނަން އުޅުނު ވަގުތުގައެވެ.
"ކޮންތާކަށް ދިޔައީ...؟" އިރާނިޔާ އަހައިލިއެވެ.
"ތަންޑު ބަލާ... ދީ ދިހަވަރަކަށް މިނިޓް..." އިރާނިޔާ އަތުގައި އޮތް މަރުތެޔޮ ހިފައިގެން އާޝިދް އުޅުނީ ކުޑަދޮރު ކައިރީގައެވެ. އެނދުގެ ހެޑްބޯޑުގައި ލެގިލައިގެން އިރާނިޔާ އިނީ އާޝިދްގެ ހަރަކާތްތަކަށް ބަލަހައްޓައިގެންނެވެ.
ދިހަމިނިޓް ނުވަނީސް އާޝިދް ކުރަމުންދިޔަ މަސައްކަތް ނިންމައިފިއެވެ. އިރާނިޔާއަށް އެނބުރި ބަލައިލާފައި އާޝިދް ހީލިއެވެ.
"މިހާރު އުނޭޝްގެ ދެމަފިރިންކަނބަލުން ތިބޭނީ ހޭލާ ކަންނޭނގެ ދޯ. އެހާ ބާރަށް ވިއްޔާ މަރުތޭލުން ޖެހުނީ" ހީލަމުން އާޝިދް ބުނެލިއެވެ.
"ރަނގަޅީވެސް ނުނިދުނިއްޔާ... ސިޑް ކޮންތާކުން މިގަޑީގަ ތަންޑެއް ހޯދީ" އިރާނިޔާ އަހައިލިއެވެ.
"ހެހެހެ... މެޖިކްއެއް ހެދީ..." ހީލަމުން އާޝިދް ބުނެލިއެވެ.
"ދެން ބުނެބަލަ. އެކަހަލަ އެއްޗެހިވެސް ސިޑް ގެންގުޅެންތަ؟" އިރާނިޔާ އެހިއެވެ.
"ނުގެންގުޅުނަސް ލިބިދާނެއްނު. މިކޮޓަރީގެ ކުޑަދޮރު ހުރިތަނުގަ ހަމަ އަހަރެންގެ ކޮޓަރީގަވެސް ކުޑަދޮރެއް އެބަހުރި. ދެން އީރަން ވިސްނާލާ. އަހަރެން ނުނިދާ އޮވެފާނަން. އެކަމަކު ނިންޖަކީ އީރަންއަށް ކިހާ މުހިންމު އެއްޗެއްކަން އަހަރެންނަށް އިނގޭ. ދެން އަވަހަށް ނިދާލާ އިނގޭ. ގުޑްނައިޓް...." އިރާނިޔާގެ ދެއަތްތިލައިގައި ހިފައިލަމުން އާޝިދް ބުނެލިއެވެ.
ގަޑިން ދަންވަރު ދެގަޑި ބައިވީއިރުވެސް އިރާނިޔާ އޮތީ އެނދުގައި ނުނިދިފައެވެ. ޙާއިޝާ ކައިރީގައި ނެތުމުން މާބޮޑަށް އޭނާއަށް އެކަނިވެރިކަން އިހުސާސްވަމުން ދިޔައެވެ. އާޝިދާމެދުވެސް އޭނާއަށް އެހެންޏާ ނުވިސްނޭ މިންވަރަށް ވިސްނެމުން ދިޔައެވެ. އޭނާގެ ދިރިއުޅުމުގައި ދެން ކުރިމަތިވެދާނެ ކަންތަކާއިމެދުވެސް އޭނާ ވިސްނަމުން ދިޔައެވެ. ކުއްލިއަކަށް ކޮޓަރި ތަންޑު ހުޅުވިގެން ދިޔައީ އޭނާ އެއްފަރާތުން އަނެއް ފަރާތަށް ފޮރޮޅިލި ވަގުތުގައެވެ.
"ކާކު...؟" ސިހިފައި ފުންމައިގެން ތެދުވެވުނު ގޮތަކުން ބަނޑަށް ތަދުވެސް ވިއެވެ. ކައިރިވަމުން އެދާ ފިރިހެނާއަކީ އުނޭޝްކަން އޭނާއަށް މާދުރުންވެސް އިނގިއްޖެއެވެ.
"އުނޭޝް..." އެނދުގެ ހެޑްބޯޑާއި ދިމާލުން މަތީގައި ހުރި ސްވިޗްތައް އެއްފަހަރާ ޖައްސައިލަމުން އިރާނިޔާ އުނޭޝްގެ ނަން ކިޔައިލިއެވެ. ސީލިންގެ ދެރަތުން ވަރުގަދަ ހުދު ދެލައިޓް ދިއްލިގެން ދިޔަވަގުތު އިރާނިޔާއަށް ހުސްގަޔާ ހުރި އުނޭޝް ފެނުމުން ހިތް ތެޅިގަތެވެ. އުނޭޝް ހުރިގޮތުން އޭނާގެ މުޅި ހަށިގަނޑު ފިނިވެގެން ދިޔައެވެ.
"ކް...ކީއްކުރަން މިތަނަށް ތިއައީ...؟" މޫނުމަތިން ހަމަޖެހިފަ ހުރިކަން ދައްކަން ބޭނުންވިޔަސް އޭނާގެ ހިތްވަނީ ބިރުގަނެފައެވެ.
"އަހަރެން މީ ރާނީގެ ފިރިމީހާއެއްނު. އެވަރު ނޭނގޭތަ...؟ މިކަހަލަ ގަޑިއެއްގަ އަހަރެން އައިމަ ރާނީ އުފަލެއްނުވޭތަ؟" އިރާނިޔާގެ މަގަތުން އިށީނދެ މޫނުގައި ފިރުމައިލަމުން އުނޭޝް ބުނެލިއެވެ. ވަގުތުން އުނޭޝްގެ އަތް ފޮޅުވައިލަމުން އިރާނިޔާ ފަހަތަށް ޖެހިލިއެވެ.
"އަހަރެން އުފަލެއްނުވޭ. މީގެކުރިން ކީއްވެ ނައީ. މިރޭ މަންމަ ނެތްކަން އިނގުނީމަ ތިއައީ ޔަޤީން ހިތުގައި ކޮންމެސް ނުބައި ކަމެއް އޮތީމަކަން" އިރާނިޔާ ބުނެލިއެވެ.
"ހެހެހެ... ވަރަށް މޮޅު. އަހަރެން މިއައީ ކަލޭ ސައިޒަށް ތިރިކުރަން. ކަލެއަށް ކަލޭގެ ފެންވަރު އަންގައިދޭން" އިރާނިޔާގެ މޫނުން ފެށިގެން ބޮލުގެ އިސްތަށިގަނޑާއި ހަމައަށް އަތް ގެންގޮސް އިސްތަށިގަނޑު އަތަށް އޮޅާލަމުން އުނޭޝް ބުނެލިއެވެ.
"އަށްދޯއި... މަންމާ....!! ތަދުވޭ އެބަ. ދޫކޮށްލާ... " ބޮލަށް ވަމުންދިޔަ ތަދުން އިރާނިޔާގެ ދެލޮލުން ކަރުނަ ނީރާލައިފިއެވެ.
"ކޮން ހިތްވަރެއް ލިބިގެންތަ ހިތަށް އައިހާ އެއްޗެއް އަހަރެންނާ ދިމާލަށް ތިގޮވަނީ...؟ ރާނީ ތިއުޅެނީ ވަކި ރަނގަޅަށްތަ؟ ކިތައް ރޭ އެ އާޝިދް ތި ހަށިގަނޑުން އުފާ ހޯދައިފި. އަދި އަހަރެން ވަރިއެއް ނުކުރަމޭ" އިރާނިޔާގެ އިސްތަށިގަނޑުން އަތް ދޫކޮށްލާފައި އިރާނިޔާގެ އެއް އަތުން އިރާނިޔާގެ ދެކޯތާފަތުގައި ހިފާ އަނގަ ފިއްތާލިއެވެ.
"އައްޗީޑި.. ފިނޑި ފިރިހެނާ... ތިއީ ފިރިހެނެއްވެސް ނޫން. ކަލޭ ހީކުރީ ބާކީ ތިބި މީހުންވެސް އުޅެނީ ކަލޭ އުޅޭގޮތަށް ކަމަށްތަ...؟" އުނޭޝްގެ މޭގައި އަތްއަޅާ ދުރަށް ކޮށްޕާލާފައި އިރާނިޔާ ފުންމައިގެން ތެދުވެ ދުރަށް ޖެހުނެވެ.
އިރާނިޔާގެ ހަށިފާރަވެރިޔާއަށް ވެގެން ސޯފާގައި ހޭލާއޮތް އާޝިދަށް ނިދިޖެހުނު ގޮތެއްވެސް ނޭނގުނެވެ. ނުބައި ހުވަފެނެއްގައި އޮވެފައި ހޭލެވޭ ފަދައިން އޭނާއަށް ހޭލެވުނުއިރު އޭނާގެ ހިތް އާދަޔާޚިލާފު ބާރުމިނެއްގައި ތެޅެމުން ދިޔައެވެ. ސިއްހީ މައްސަލައެއް ދިމާވިކަމަށް ހީކޮށް އަމިއްލައަށް ވިންދުވެސް ޗެކްކޮށްލިއެވެ. ލައިގެން އޮތް ޓްރެކްޝޫޓްގެ ޖީބުގައި އޮތް ފޯނު ނަގާފައި އެފްބީއަށް ލޮގިންވެލީ ނިދި ފިލުވައިލުމަށެވެ. އިރާނިޔާގެ ކޮޓަރީ ދޮރާއި ދިމާލަށް ބަލައިލާފައި ތަފާތު އެއްވެސް ކަމެއް ފާހަގަނުވުމުން އޭނާގެ ހިތަށް ހަމަޖެހުން ލިބުނެވެ. ހިތުގެ ތެޅުންވެސް މަޑުމަޑުން ހަމަޔަކަށް އެޅެމުން ދިޔައެވެ. އިސާހިތަކު އޭނާގެ ދެލޮލުން ނިދި ފިލައިގެން ދިޔައެވެ. އެވަގުތު އޮންލައިންގައި އިން ތިމާގެ ފިރިހެންކުއްޖަކާ ޗެޓްކުރަމުން ދިޔައިރު އަނދިރިކަން ވެރިވެފައިވާ ސިޓިންރޫމުން ފެންނަމުންދާ ހަމައެކަނި އައްޔަކީ ފޯނުގެ ޑިސްޕްލޭއިން އޭނާގެ މޫނަށް އެޅިފައިވާ އައްޔެވެ.
"އައްދެ... ކީއްވެ މިހާރު ދުރަށްތިދަނީ. އަހަރެން އަތްލީމަ ކަމުނުދަނީތަ...؟ އެންމެފަހަރަކުވެސް ވިސްނަބަލަ އަހަރެން މިރޭ ރާނީ ބޭނުންވެފައިވާ މިންވަރު" އިރާނިޔާއާއި ގާތަށް ފިޔަވަޅު އަޅަމުން އުނޭޝް ވާހަކަދެއްކިއެވެ.
"ﷲ އަށްޓަކައި. އަހަރެން މިހުންނަނީ ކަލޭ އަހަރެން ބެހެއްޓި ހިސާބުގައި. ތިދެމީހުން ދުރުކުރަން އެއްވެސް މަސައްކަތެއް ނުކުރަން. އަހަރެން ސަލާމަތުން ބަހައްޓާ. މިތަނުންދޭ. އެހެންނޫނީ..." އުނޭޝް ކައިރިވަމުން ދިޔަވަރަކަށް އިރާނިޔާ ދިޔައީ ފަހަތަށް ފިޔަވަޅު އަޅަމުންނެވެ.
"ހެހެހެ... އެހެންނޫނީ....." އުނޭޝް ބުނެލިއެވެ.
"އަހަރެން އަޑުގަދަކުރާނީ. ކަލޭގެ އަންހެނުން މިތަނަށް އައިމަ ތެދުވެރި ވަފާތެރި ފިރިމީހާގެ އަސްލު ކުލަ ފެންނާނެއްނު" އިރާނިޔާ ބުނެލިއެވެ.
"އަވަހަށް ފަށާ... ބާރަށް އަޑުގަދަކުރޭ. ބަނޑުގައި ތިއޮތް ދަރިވެސް ނަގައިގެން އޭނަ ލައްވާވެސް އަޑުގަދަކުރޭ. މިތަނަށް މިރޭ ރައްޔިތުން އަޔަސް އަހަރެން ކުރަން އައި ކަންތައް ކޮށްފައި ނޫނީ ހުއްޓައެއް ނުލާނަން" އުނޭޝް ބުނެލިއެވެ.
"ސިޑް..." އެނދުމަތީގައި އޮތް ފޯނު ފެނުމާއެކު އޭނާ އާޝިދް މަތިން ހަނދާންވެއްޖެއެވެ. އަވަސް ފިޔަވަޅުތަކެއް އަޅަމުން ގޮސް ފޯނު ނެގުމާއެކު އުނޭޝް ކިރިޔާޖެހޭ ނުޖެހޭ ހިސާބުގައި ހުއްޓިއްޖެއެވެ. އިރާނިޔާ އަތުގައި އޮތް ފޯނު އަތުލާފައި ރަހުމެއްނެތި އެނދުމައްޗަށް އިރާނިޔާ ވައްޓައިލިއެވެ.
"މަންމާ....!!" ބަނޑަށް އެރި ތަދު އޭނާގެ މުޅި ހަށިގަނޑަށް އިހުސާސްވެގެން ދިޔައެވެ.
(ނުނިމޭ)