ވާހަކަ

ދެކިލަން އެދޭތީ - 22

2

ޑޭވިޑްގެ ވާހަކަތަކުން އީވާއަށް ލިބުނީ ސިހުމެވެ. ހައިރާންކަން ވެސް ލިބުނެވެ. ދެލޯބޮޑުކޮށްލަމުން ޑޭވިޑްއަށް ބަލަހައްޓައިގެން އީވާއަށް ހުރެވުނެވެ. ކަންފަތަށް އަޑު އިވުނު ހަޤީޤަތާ ކުރިމަތިލާން އީވާ ބޭނުމެއް ނުވިއެވެ. ލަސްލަހުން ދެފަރާތަށް ބޯހޫރާލެވުނީ ވެސް އެހެންވެއެވެ. އަންގާލުމެއް ވެސް ނެތި މާކިން ވަކިވެގެން ގޮސްފާނެ ކަމަކަށް އީވާގެ ނަފުސު ޤަބޫލެއް ނުކުރިއެވެ. މޭގެތެރޭގައި ރިހުމެއް ވެސް އުފެދިގެން ދިޔައެވެ. އެތޫނު ރިހުމުގެ އަސަރުން މީހާގެ ވުޖޫދަށް ވެސް ލޮޅުން ގެނުވައިފިއެވެ.

''ވަޓް؟...'' އީވާއަށް އަޑަށް ބާރުލާފައި ބުނެވުނެވެ. އޭނަ ޑޭވިންޑައަށް ބަލައިލީ ކަންފަތަށް އަޑުއިވުނު ވާހަކަތައް ދޮގަކަށްވުމަށް އެދޭ ހާލުގައެވެ. އެހިތިކަމާ ކުރިމަތިލުމުގެ ޤާބިލުކުރަން ބަލިކަށި ހިތަށް ލިބިފައެއް ނުވެއެވެ.

އީވާގެ މޫނަށް އަރާފައިވި ކުލަވަރުތަކަށް ޑޭވިޑް ފަރުވާތެރިކަމާއެކު ނަޒަރު ހިންގާލިއެވެ. އެއާއެކު ހިތުގައި ސުވާލު އުފެދިގެން ދިޔައެވެ. ކުރިމަތިން ފެންނަމުން ދިޔަ އަންހެންކުއްޖާއާއި މާކިންއާ ދެމެދުގައި އޮތީ ކޮންކަހަލަ ގުޅުމެއްބާއޭ ވެސް ހިތާ ސުވާލުކޮށްލެވުނެވެ. މާކިންގެ އެކުވެރިން ތިބޭ ކަމެއް ވެސް އޭނައަށް އެނގިފައެއް ނެތެވެ. އަމުދުން ލޯބި ވެރިޔަކު ނުހުންނާނެކަން އޭނައަށް ޔަޤީންކުރެވުނެވެ. އެފަދަ ރުންކުރު ފިރިހެނަކު ދެކެ ގަޔާވާނީ ވެސް ކޮން އަންހެއްކުއްޖެއް ހެއްޔެވެ؟ ހަމަ ޔަޤީނުން ވެސް ބުއްދި ސަލާމަތުން ހުރި އެކަކު ވެސް މާކިންއާއި ވައި ވެސް ނޭޅޭނެއެވެ.

''ހޫ އާރ ޔޫ؟... ވައި އާރ ޔޫ ލުކިންގް ފޯރ މާކިން؟...'' ޑޭވިޑްއަށް ހައިރާންކަމާއެކު އަހާލެވުނެވެ. އޭނަގެ ހިތުގައި ކުރިމަތިން ފެންނަމުން ދިޔަ އަންހެންކުއްޖާއާއި މެދުގައި ޝައުޤުވެރިކަން އުފެދިއްޖެއެވެ.

''އައިމް... އައިމް...'' ޑޭވިޑްގެ ސުވާލަށް ދޭނެ ޖަވާބަކާ މެދު އީވާއަށް ވިސްނާލެވުނެވެ. އޭނައާއި މާކިންއާއި ދެމެދު އޮތީ ކޮންކަހަލަ ގުޅުމެއްތޯ ވެސް ހިތާ ސުވާލުކުރެވުނެވެ. އެސުވާލުގެ ޖަވާބެއް އޭނައަކަށް ވެސް ނޭނގުނެވެ. އެދެމެދުގައި ވަނީ އެކުވެރިކަން ހެއްޔެވެ؟ ރުޅިވެރިކަން ހެއްޔެވެ؟ ނޫނީ ހާއްސަ ގުޅުމެއް ހެއްޔެވެ؟

އީވާއަށް ހުރެވުނީއެވެ. ފުން ޚިޔާލަކަށް ގެއްލިފައެވެ. ޑޭވިންގެ ތޫނު ނަޒަރު އޭނައަށް ހުއްޓިފައިވާކަން ވެސް ފާހަގަ ކުރެވުނެވެ. ޑޭވިޑްގެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގި ހާސްކަން ވެސް ހިތަށް ވެރިވާން ފަށައިފިއެވެ.

''އައިމް ހިސް ފްރެންޑް... އީވާ...'' އަވަސް ނޭވާތަކަކާއެކު އީވާއަށް ބުނެވުނެވެ. ''ވަޓް ޑޫ ޔޫ މީން ހީ ލެފްޓް؟...''

ޑޭވިޑްއަށް އެއް ބުމަ އަރުވާލެވުނެވެ. އީވާގެ ޖަވާބުން އޭނަ ލިބުނީ އިތުރު ހައިރާންކަމެކެވެ. ދަތްދޮޅީގައި އަތްތިލަ ހިންގާލަމުން އީވާއަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ. އީވާގެ މޫނުމަތިން އޭނައަށް ވާހަކަތަކެއް ކިޔައިދިނެވެ. އެހިނދު ތުންފަތަށް ލާނެއް ހިނިތުންވުމެއް ވެސް ވެރިވިއެވެ. މާކިން ކަހަލަ ޒުވާނަކަށް ވެސް ލޯބީގެ ނަސީބު ލައްވާލީބާއޭ ހިތަށް އެރުމުން ހެވުނެވެ.

''އައި ޑޯންޓް ރިމެމްބާރ މަޗް، ބަޓް ބިފޯ ހީ ލެފްޓް ހީ ގޮޓް އެ ފޯންކޯލް، އާފްޓާރ ދެޓް ހީ ލެފްޓް އިން އެ ހަރީ، ހީ އޮންލީ ޓުކް ހިސް ބެކްޕެކް ވިތް ހިމް، އައި ޑޯންޓް ތިންކް ހީ ލެފްޓް ފޯރ ގުޑް، ހީ ޑިޑް ޕޭއި ދިސް މަންތް ރެންޓް ބިފޯ ހީ ލެފްޓް... މޭއިބީ ސަމްތިންގް އާރޖެންޓް ކޭމް އަޕް...'' ޖިންސްގެ ޖީބަށް އަތް ޖަހާލަމުން ޑޭވިޑް ބުނެދިނެވެ. އެވަގުތު ޑޭވިޑް ބަލާ އޭނަގެ އެކުވެރިޔަކު އައުމުން، ކާރުގައި އިން އެކުވެރިޔާއަށް އޭނަ އަތް ހޫރާލިއެވެ. އަދި ދިއުމުގެ ކުރިން އީވާއަށް ބަލައިލިއެވެ.

''ވެލް އީވާ... ޑޯންޓް ވޮރީ... އިޓް ސީމްސް ދެޓް ހީ ވިލް ކަމް ބެކް، މޭއި ބީ ޔޫ ކޭން ޓްރައި ޓު ރީޗް ހިމް އޮން ހިޒް ވަޓްސްއެޕް އޯރ ސަމްތިންގް؟...'' އީވާގެ ފަރާތުން ފެންނަމުން ދިޔަ ނުތަނަވަސްކަމަށް ސަމާލުކަން ދެމުން ޑޭވިޑް ބުނެލިއެވެ. އެއަށްފަހު އޭނަ މިސްރާބުޖެހީ ކާރާއި ދިމާއަށެވެ. ދަމުން ފަސްއެނބުރި އީވާއަށް ބަލައިލަމުން ވަދާއީ ސަލާމެއްގެ ގޮތުން އަތް ހޫރާލައިފިއެވެ. އީވާ ވެސް ރައްދުގައި ހިނިތުންވެލިއެވެ.

އީވާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ޑޭވިޑްގެ ވާހަކަތަކުން ހިތަށް ކުޑަ ނަމަވެސް ހިތްހަމަޖެހުމެއް ލިބުނެވެ. ނަމަވެސް އެހިތުގައި ޝަކުވާތަކެއް ވިއެވެ. އޭނައަށް ޚަބަރުވުމެއް ނެތި މާކިން ފުރައިގެން ދިއުމުންނެވެ. އޭނަ ކަންބޮޑުވާނެ މިންވަރާ މެދުގައި ވެސް މާކިން ވިސްނައެއް ނުލިއެވެ. އެފަދައިން ކަންތައް ކުރުމުން އޭނަ ދެރަވާނެ ކަމެއް ވެސް ނޭނގެނީ ހެއްޔެވެ؟ ހިތުގައި ޖެހޭނެކަން ވެސް ނޭނގެނީ ހެއްޔެވެ؟

''ހާދަ ވަރަކަށް ދުރުކޮށްލީ؟، އަހަރެން ހީކުރީ މާކިންއާއި އޮތް ގުޅުން ބަދަހިވަމުން ދިޔަ ކަމަށް، އެކަމަކު ތިކުރި ކަމަކުން އެނގިއްޖެ މާކިން އަހަރެން ދެކެނީ ބީރައްޓެއްސެ ގޮތުގައި ކަން، އެކަމަކު އެކަމާ އަހަންނަށް އެއްބަސް ވެވޭކަށް ނެތް، ތި ދުރުކަމުން އަހަރެންގެ ހިތަށް ތަދުވޭ، މާކިން!، ކީއްވެގެންތަ އަހަންނަށް އެންގުމެއް ނެތި ފުރައިގެން ދިޔައީ؟... ދިޔަ ތަނެއް ވެސް އެނގެނީކީ ނޫން، ގުޅަން މަސައްކަތްކުރާނެ ނަންބަރެއް ހާ މިންވަރެއް ވެސް އަހަރެންގެ އަތަކު ނެތް... މާކިން ހެޔޮ ހާލުގައި ވާކަމެއް ވެސް އެނގެނީކީ ނޫން... އަހަރެން ދެރަކޮށްލާފަ ގޮސް ތިހުރީ... ކަންތައް ކުރި ގޮތުން ރުޅި އަންނަން ވެސް ބޭނުންވޭ، އެކަމަކު އެފަދައިން ކަންތަކެއް ނުކުރެވޭ... ހިތުގައި އަޅާ ވޭން މާ ބޮޑު...'' އުދާސްކަމުގެ ދުލުން އީވާއަށް ވާހަކަ ދެކެވުނެވެ. ފިކުރުތަކުގައި ހުރެ އީވާ ގެއަށް ދިއުމަށް މިސްރާބު ޖެހިއެވެ. މާޔޫސްވެފައި ހުރެއެވެ.

''ދެން ބައްދަލުވުމުން ވާހަކަ ވެސް ނުދައްކާނަން، ވަރަށް ފޫހިވޭ... ކީއްވެތަ މާކިން އެފަދައިން ކަންތައް ކުރާ އިރުގައި ވެސް އަހަންނަށް މާކިން ނޫން މީހަކާ މެދު ނުވިސްނެނީ؟...'' އީވާއަށް ކުދިކިޔާލެވުނެވެ. ތުންފަތް ފިއްތާލަމުން މާކިންއާއި ބައްދަލުވުމުން ކަންތައް ކުރާނެ ގޮތް ވެސް ރާވާލިއެވެ. އެކަމުން ހިތަށް ކުޑަ ނަމަވެސް ލުޔެއް ލިބުނެވެ.

******

ދެހަފްތާ ފާއިތުވެގެން ގޮސް ފިއެވެ. މާކިންގެ ޚަބަރެއް ނުވިއެވެ. އެކަމުގެ ސަބަބުން އީވާ ހުންނަނީ މޮޅިވެރިކަމެއްގެ ތެރޭގައެވެ. އެއްވެސްކަމަކަށް ސަމާލުކަން ދޭކަށް ބޭނުމެއް ނުވެއެވެ. ހުރިހާ ކަމަކުން ވެސް ޝައުޤުވެރިކަން ގެއްލެން ފެށިއެވެ. ފޫހިކަން ނޫން އިތުރު އިހުސާސެއް ނުވާ ކަހަލައެވެ. އެކަނިވާ ކޮންމެ ވަގުތަކު ޚިޔާލުތަކުގެ ދުނިޔެއަށް ގެނބިގެން ދެއެވެ. އުދާސްކަމުގެ ތެރޭގައި ދުވަސް ހޭދަކުރެވެމުން ދިޔައެވެ. އާވާރާއެއް ފަދައެވެ. ކެއުން ބުއިމަށް ސަމާލުކަން ދޭކަށް ބޭނުމެއް ނުވެއެވެ. މާކިންއަށް ސިއްރުސިއްރުން ފޯނުން ނެގި ފޮޓޯއަށް ބަލަހައްޓައިގެން އޮތްނަނީ ހިތާމައިގެ ސިލްސިލާގެ ތެރޭގައެވެ.

އީވާ ނެގިމަޑުވެފައިވާތަން ފެނި ރައުހާގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔައެވެ. އީވާއަށް އައިސްފައިވި ބަދަލުތާ ހެދި އީވާއާއި ކުރިމަތިލާން އޭނަ ގަސްދުކުރިއެވެ. އީވާ ހިތާމަކުރާހެން ހީވާތީއެވެ. އެކަމުގެ ފަހަތުގައިވާ ސަބަބު އެނގެން އޭނަ ނުހަނު ބޭނުން ވިއެވެ.

އީވާ އޮތީ ބޮޑުކޮޓަރީގެ ސޯފާގައި އޮށޯވެލައިގެންނެވެ. ޓީވީން ދައްކަމުން ދިޔަ ޕްރޮގްރާމަށް ނަޒަރު ސީދާވެފައި ވިޔަސް އެކަމަށް ޝައުޤުވެރިކަމެއް ނުވެއެވެ. އޭރު ވެސް ސިކުނޑީގައި ދައުރުވަމުން ދިޔައީ މާކިންގެ ޚިޔާލުތަކެވެ. މާކިން ކަންތައް ކުރި ގޮތުން އެހިތަށް ފުން އަސަރުތަކެއް ކޮށްފައި ވިއެވެ. ހަމައެއާއެކު މާކިންގެ ހާލު އެނގެން އެހިތް ވަނީ ބޭޤަރާރުވެފައެވެ. ކެތްތެރިކަން ކުޑަވެފައެވެ. ހިތް ވަނީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ.

''އީވްއަށް ކިހިނެއް ވެފަތަ މިދުވަކޮޅު ތިހުންނަނީ؟، އެއްވެސް ކަމަކަށް ސަމާލުކަން ނުދެވޭ، ކެއުންބުއިމަށް ވެސް ޝައުޤުވެރިކަމެއް ނުހުރޭ، އަބަދު ވިސްނުމަކަށް ގެއްލިފަ، ނިކަން އަހަރެން ގާތު ވެސް ބުނެބަލަ، އޭރުންދޯ އެހީވެވޭނީ ވެސް، ތިހެން ދުވަސް ހޭދަކޮށްލީމަ ވަކި ހައްލެއް ލިބޭނެތަ؟...'' ވަކިން ހުރި ސޯފާ ގޮނޑީގައި އޮތް ކުޑަ ބާލީހުން އީވާގެ ގައިގައި ޖަހަމުން ރައުހާ ވާހަކަދެއްކިއެވެ. ރައުހާގެ އެއަމަލުން އީވާ ދިޔައީ ސިއްސައިގެންނެވެ. ހަޅޭއްލަވައިގަންނަމުން ހަށިގަނޑު ސީދާކޮށްލަމުން ސޯފާގައި އިށީނެވެ.

''ދެން ބުނެބަލަ، ކިހިނެއްވީތަ؟... އާއިލީ ކަމެއްތަ؟ ނޫނީ ޖާދިންގެ ކަމެއްތަ؟...'' އީވާގެ ގާތުގައި ސޯފާގައި އިށީންނަމުން ރައުހާ އެހިއެވެ. އަދި ޓީވީ ރިމޯޓް ނަގައި ޓީވީގެ އަޑު ކަނޑާލީ ދައްކަން އުޅޭ ވާހަކައަށް ސަމާލުވެލުމަށެވެ.

''ޖާދިން!...'' އީވާއަށް ހިތާހިތާ ބުނެވުނެވެ. ޖާދިންގެ ޚަބަރެއް ބަލާނުލެވޭތާ ވެސް ވީ ދުވަހެއް ނޭނގެއެވެ. ކުށްވެރިކަމުގެ އިހުސާސާއެކު އީވާއަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. ޖާދިންއާއި މެދު ވިސްނި ހިތަށް އުނދަގޫވާން ފެށިއެވެ. ހަދަންވީ ގޮތެއް އޭނަގެ ވިސްނުމަކަށް ނައެވެ. ދިރިއުޅުމުގައި އެފަދަ ތަޖުރިބާއެއް ލިބިފައި ނެތުމުންނެވެ. ސިކުނޑިއަށް ވެރިވެގެން އައި ޚިޔާލުތަކުގެ ތޫފާނުގެ ތެރޭގައި ނަފުސު ގައިދު ވިއެވެ.

އީވާއަށް އެދަނޑިވަޅުގައި މުހިންމުވީ ހަމައެކަނި މާކިން އެވެ. އެކަމާ ހުރެ ކުށްވެރިކަމުގެ އިހުސާސްތައް ވެސް ހިތަށް ވެރިވިއެވެ. ޖާދިންއަށް ވެފައި އޮތް ވަޢުދު މަތިން ވެސް ހަނދާން ވިއެވެ. ނަމަވެސް އެކަމާ ފިކުރުބޮޑުވާން އޭނަގެ ޒަމީރު ދެކޮޅު ހެދިއެވެ. ހިތް އެދި ގޮވަމުން ދިޔައީ އެހިތުގެ އިހުސާސްތަކަށް އިޖާބަ ދިނުމަށެވެ. އިތުރު ކަމަކާ މެދު ވިސްނާކަށް ވެސް ބޭނުމެއް ނުވިއެވެ. އެހިނދު އަމިއްލަ އެދުން އިސްކުރެވުނެވެ. މާކިންގެ ހާލު އެނގުން އެހެން ހުރިހާ ކަމަކަށް ވުރެން ވެސް މުހިންމުކަމަށް ވެއްޖެއެވެ. މާޔޫސްކަން ހިތަށް ވެރިވަނީ މާކިންގެ ޚަބަރު އޮޅުން ފިލުވަން ހަދަންވީ ގޮތެއް ނޭނގުމުންނެވެ.

''އީވް...'' އީވާގެ އަތުގައި ހިފަމުން ރައުހާ ގޮވާލިއެވެ. އޭނަގެ މޫނުމަތިން ކަންބޮޑުވުން ފެނެއެވެ. މަޑުމަޑުން އީވާގެ އަތަށް ރައުހާ ފިތާލެވުނެވެ. އޭނައާއި ހުރިހާ ކަމެއް ހިއްސާކުރުމުގެ އިޝާރާތެއް ގޮތުންނެވެ.

''އަހަރެން ސުވާލެއް ކޮށްފިނަމަ ޖަވާބު ދޭނަންތަ؟...'' ވިސްނުމަކަށް ގެއްލިފައި އިން އީވާ އެހިއެވެ. އަދި އިސްއުފުލައި ރައުހާގެ މޫނަށް ބަލައިލިއެވެ.

''އާނ، އަހަންނަށް ޖަވާބު ދެވޭ ކަހަލަ ސުވާލެއް ނަމަ ޖަވާބު ދޭނަން...'' ރައުހާ ބޯޖަހާލިއެވެ.

އީވާއަށް ފުން ނޭވާތަކެއް ދޫކޮށްލެވުނެވެ. ހިތުގެ ހައިޖާންގަނޑާ މެދު އުފެދިފައިވި ސުވާލުތަކުގެ ޖަވާބު އީވާ ބޭނުން ވިއެވެ. މާކިންގެ ހަނދާނުގައި ދުވަސްތައް ހޭދަކުރެވެމުންދާ ސަބަބު ވެސް އެނގެން ބޭނުން ވިއެވެ. އެހިތުގައި އަޅާ ވޭންތަކުގެ ހަޤީޤަތް ވެސް އެނގެން ބޭނުން ވިއެވެ. ރައުހާއަށް ޝައްކެއް ނުވާނެ ފަދައަކުން ވާހަކަ ކުރިއަށް ގެންދަން އީވާ ގަސްދުކުރިއެވެ. އެހެންނޫންނަމަ އިތުރު ހައިޖާނަކާ ކުރިމަތިލާން ޖެހިދާނެއެވެ. މިހާރު އޭނަ ވިސްނަން ބޭނުންވަނީ ހަމަ އެންމެ ކަމަކާއި މެދުގައެވެ. އެއީ މާކިން އެވެ. އެހިތަށް އައިސްފައިވާ ގޮތް ނޭނގޭ ބަދަލުތަކުގެ ހަޤީޤަތް ހޯދުން މުހިންމު ކަމަކަށް ވެފައި ވަނީ ވެސް މާކިންއާއި ހެދިއެވެ.

''ކިހިނެއްތަ ރެއިން ދެކެ ގަޔާވާކަން އެނގުނީ؟...'' އީވާއަށް ސުވާލުކޮށްލެވުނެވެ. އެފަދަ ސުވާލެއް އީވާ ކުއްލިޔަކަށް ފެންމަތިކޮށްލުމުން ރައުހާ ހައިރާން ވިއެވެ. ދެވަނަ ސިކުންތުގައި ހިނިތުންވެވުނީ ލޯބީގެ މައުޟޫއަށް އީވާގެ ޝައުޤުވެރިކަން ދެވިފައިވާތަން ފެނިފައެވެ. ޖާދިންއާއި މެދުގައި އީވާ ދެކެމުން އަންނަ ނަޒަރިއްޔާތު ބަދަލުވީބާވައޭ ވެސް ރައުހާގެ ހިތަށް އެރިއެވެ.

''ހެހެހެ...'' ރައުހާއަށް ހިނިގަނޑެއް ޖަހާލެވުނެވެ. ކެތްތެރިކަން ކުޑަވެފައި އިން އީވާ އަނެއްކާ ވެސް ސުވާލު ތަކުރާރުކޮށްލިއެވެ.

''ފުރަތަމަ ހަނދާންވާން ފެށީ... ދެމީހުން އެއް ޑިއުޓީއަކަށް ނާރަންޏާ އަބަދު ހަނދާންވަން ފެށީ، ދެން އެކުގައި ވަގުތު ހޭދަކުރަން ބޭނުންވީ، އެކުގައި ހޭދަކުރެވޭ ވަގުތުތައް ހާއްސަވާން ފެށީ، ވަކިވުމުން މާޔޫސްވާން ފެށީ، އަބަދު ރެއިންގެ ސޫރަ ފެންނަހެން ވެސް ހީވި... ހެހެހެ، އީވްއަށް އެނގޭތަ؟، އަހަރެން ހީކުރީ އަހަރެން މޮޔަވަނީ ކަމަށް، ހިތަށް އެރި ނަފުސާނީ ޑޮކްޓަރަކަށް ދައްކާނީއޭ ވެސް، އަލަށް އިހުސާސްކުރެވުނު ކަންތަކެއް ވިއްޔާ، ކުރިން ރައްޓެހިވި އެއްވެސް މީހަކާ މެދު އެގޮތަކަށް ނުދެކެވުނު، އެކަމުން އެނގުނު ރެއިން އަކީ ހާއްސަ މީހެއްކަން... އެގޮތުގެ މަތީން ދުވަސް ފާއިތުވަމުން ދަނިކޮށް އެއްދުވަހަކު ރެއިން އެދުނީ ޑިނާ އަކަށް ދާން... އެރޭ ފުރަތަމަ ލޯބިވާކަން ހާމަ ކުރީ ރެއިން، އަހަންނަށް ހީވީ ދެންމެދެންމެ ހޭނެތިދާނެޔޭ ވެސް... އޯހް... ހާދަ އުފާވި ދުވަހެކޭ އެއީ...'' ލުއި ހިނިތުންވުމަކާއެކު ރައުހާ ކިޔައިދިނެވެ. އެއަޑުގައި ވަނީ އުފާވެރިކަމުގެ ޖޯޝެވެ.

ރައުހާގެ ވާހަކަތަކާ މެދުގައި އީވާއަށް ފުންކޮށް ވިސްނާލެވުނެވެ. ރައުހާ އެބުނި ފަދަ ގޮތްތަކެއް އޭނައަށް ވެސް އެދަނީ ވަމުންނެވެ. މާކިން ނޫން އިތުރު ސޫރައެއް ލޯކުރިމަތިން ސިފަ ނުކުރެވެއެވެ. މާކިންގެ ޚަބަރެއް ނުވުމުން އެހިތަށް ވަނީ އުދާސްކަން ވެރިވެފައެވެ. އެދެލޯ ދުށުމަށް އެދެމުން އެދާ ހަމައެކަނި ސޫރައަކީ ވެސް މާކިން އެވެ. ޚިޔާލުތަކުގެ ސަބަބުން އީވާގެ ހިތް ތެޅިލިއެވެ. އަދި އޭނަގެ ޒަމީރާއި ސުވާލުކޮށްލެވުނެވެ. އޭނަގެ ހިތުގައި އެވާ އިހުސާސްތަކަކީ ލޯބި ހެއްޔެވެ؟ އޭނައަށް މާކިން ދެކެ ލޯބި ވެވުނީ ހެއްޔެވެ؟ އެހާ މަދު ދުވަސް ކޮޅެއްގެ ތެރޭގައި ލޯބި ވެވިދާނެ ހެއްޔެވެ؟ އޭނަގެ ހިތުގެ ބައިވެރިޔާ ފެނުނީ ހެއްޔެވެ؟

''މާކިން!...'' އީވާގެ ހިތުގެ އެންމެ ފުންމިނުން އިލްހާމެއް ވެގެން ދިޔަ ކަހަލައެވެ. ލަގޮނޑިއަށް ލޮޅުން ގެނުވާފައެވެ.

''ދެން ބުނެބަލަ!، ކީއްވެ އެކަހަލަ ސުވާލެއް ކުއްލިޔަކަށް ތިކުރީ؟...'' ހުވަފެނީ ދުނިޔެއަކަށް ގެއްލިފައި އިން އީވާ ސިއްސައިގެން ދިޔައީ ރައުހާގެ އަޑަށެވެ. ފިކުރު ތަކާ ދުރުވެލަމުން ރައުހާގެ މޫނަށް އީވާ ބަލައިލިއެވެ. އޭރު އީވާއަށް ބަލަމުން ދިޔަ ރައުހާ ނިތް އަރުވާލަނީއެވެ.

''ކަމެއް ނުވޭ!... ދެން ހަމަ އަހާލީ...'' އީވާ އުޅުނީ ވާހަކައިގެ މިސްރާބު ބަދަލުކޮށްލަން ވެގެންނެނެވެ. އެކަން ރައުހާއަށް ނަގައިގަނެވުނެވެ. އޭނަ ގާތަށް އައީ ނުލަފާ ހިންޏެކެވެ.

''ހޫނނނ، ސިއްރުވެރިވާން ވެސް ފެށީއޭދޯ...'' އީވާއާ ދިމާކޮށްލަމުން ރައުހާ ބުންޏެވެ. ''ޖާދިން އުފަލުން ގޮސް ހިތްހުއްޓިދާނެހެން އަހަންނަށް ހީވަނީ، އީވްގެ އިހުސާސްތައް އެންމެފަހުން ބަދަލުވަނީދޯ؟، ދުރުގައި އުޅެން ފެށުމުން އަންނަން ފެށި ބަދަލެއްދޯ؟......''

ރައުހާގެ ޖުމްލައިން އީވާއަށް އުނދަގޫވިއެވެ. އިށީނދެގެން އިންނަން ދަތިކަމަކަށްވުމުން ކޮޅަށް ތެދުވެވިއްޖެއެވެ. ރައުހާއަށް އަރާފައިވި އޮޅުން އިސްލާހުކުރާކަށް އީވާ ބޭނުމެއް ނުވިއެވެ. އެކަމުން އިތުރު މައްސަލަގަނޑެއް ހިލިގެން ހިނގައިދާނެތީއެވެ. ކަންތައް ކުރަންވީ ގޮތަކާ މެދު ވެސް ވިސްނައިގަންނަން އީވާގެ ސިކުނޑިއަށް ނުކުޅަދާނެ ވިއެވެ. އޭނަގެ އަމިއްލަ އިހުސާސްތަކާއި މެދުގައި ވެސް ވަނީ ސުވާލު އުފެދިފައެވެ.

''ކާންތަ ތިދަނީ؟...'' ބަދިގެއާ ދިމާއަށް އީވާ ހިނގައިގަތުމުން ރައުހާ އަހާލިއެވެ. ފަސްއެނބުރި ބެލުމެއް ނެތި އީވާ ''ހޫމްމްމް'' ލައްވާލިއެވެ. އެވަގުތު ފަރުހާންގެ ފޯނުކޯލެއް އައުމުން އީވާގެ ފަހަތުން ދާން އުޅެފައި ވެސް ރައުހާ ޚިޔާލު ބަދަލުކޮށްލިއެވެ. އޭނަ ގޮސް ނިކުތީ ބެލްކަނިއަށެވެ.

އީވާއަށް ކާ މޭޒު ދޮށުގައި އިށީނދެވުނެވެ. އަދި ރައުހާ ދެއްކި ވާހަކަތަކާ މެދުގައި އަނެއްކާ ވެސް ވިސްނާލެވުނެވެ. އެހުރިހާ ބަދަލުތަކެއް އޭނައަށް ވެސް އަންނަމުން އެބަ ދެއެވެ. އެހިތުގައި އެފަދަ ތަޖުބާތުތަކެއް ވެސް އުފަންވެފައި ވެއެވެ. އެހުރިހާ ކަމަކާ ގުޅިގައިވަނީ މާކިން އެވެ. އެހިތުގެ ވެރިޔާއަކީ މާކިން ހެއްޔެވެ؟

އީވާއަށް އޭނަގެ މޭގައި ފިރުމާލެވުނެވެ.

*****

ކޮޓަރީގެ ތެރޭގައި ވަނީ އަނދިރިކަމެވެ. އެއަނދިރިކަމަށް ލޯ ހޭނިފައިވުމުން ބޮކި ދިއްލުމުގެ ޚިޔާލެއް އީވާގެ ނެތެވެ. ކޮޓަރީގައި ރަސްކަން ކުރަމުން ދިޔަ ހިމޭންކަމުގެ ތެރޭން ތަފާތު އެކި ދިމަދިމާއަށް އީވާގެ ޚިޔާލުތަކުގެ ކުރި ފަޅައި ފޯދެމުން ދިޔައެވެ. އީވާއަށް އޭނަގެ ނަފުސު އެއްބަސްވުމަކަށް ގެންނަން އުނދަގޫވެފައިވާ ކަހަލައެވެ. އަތުގައި އޮތް އަނގޮޓިއަށް ވެސް އީވާއަށް އިރުއިރުކޮޅާ ބަލައިލެވެއެވެ. ހިތަށް ބަރުވެފައިވާ ކަހަލައެވެ. އުދާސްކަން އެދެލޮލުގައި ވެއެވެ. ތަޤުދީރާ މެދު ޝަކުވާ ކުރެވެމުން ދިޔައެވެ. ސިކުނޑިއަށް ބުރަވެފައިވި ފިކުރުތަކުގެ ތެރޭން އީވާއަށް ފިނި ނޭވާއެއް ދޫކޮށްލެވުނެވެ.

''ޖާދިން!... އަހަންނަށް މަޢާފް ކުރޭ، އަހަންނަށް އެނގޭ ޖާދިން އަހަރެންދެކެ އިންތިހާއަށް ލޯބިވާކަން، އެކަމަކު އަހަންނަށް ޖާދިން ދެކެ ލޯތްބެއް ނުވެވުނު... ވަރަށް މަސައްކަތްކޮށްފިން، އެކަމަކު މިހުތުގައި ވަނީ ހަމައެކަނި އެކުވެރިކަމުގެ އިހުސާސްތައް... ލޯބި ނުވާއިރު ދެން ކިހިނެއްތަ އެކުގައި އުޅެވޭނީ؟... އަހަންނަށް މިކުރެވުނީ ކޮންކަހަލަ ކަމެއްތަ؟... ކީއްވެތަ ކައިވެންޏަށް އެއްބަސް ވެވުނީ؟... މި ހިތަށް ކުރިން ވިސްނައިދިނީ ލޯބި ނުވިޔަސް އެކީގައި އުޅެން މަސައްކަތްކުރާނީއޭ، އެކަމަކު... އެކަމަކު އެފަދައިން ކަންތައް ނުވާނެކަން މިއަދު އިހުސާސް ކުރެވިއްޖެ... ޖާދިން... އަހަންނަށް މަޢާފުކުރޭ، ޖާދިންއަށް ވި ވިޢުދު އަހަންނަށް ފުއްދައެއް ނުދެވޭނެ... އަހަރެން ލޯބި ވަނީ އެހެން މީހަކު ދެކެ، މިހިތް އެދެނީ ހަމަ އެންމެ ފަހަރަކު ވިޔަސް އެލޯތްބަށް އިސްކަން ދިނުމަށް، އެލޯބީގެ ރާހަތު ލިބިގަތުމަށް، މިހިތުގެ ހާލު ލޯބިވާ ފަރާތަށް އަންގަދޭން.. މާކިން!... އަހަންނަށް މިވަނީ މާކިން ދެކެ ލޯބިވެވިފައި... މިހިތުގެ ކެކުޅުންތަކުގެ ސިއްރަކީ އެއީ... އަހަރެން އެންމެ ރުޅި އައި މީހާ ދެކެ އަހަންނަށް ލޯބި ވެވުނީވެސް... ކޮންކަހަލަ އިއްތިފާޤެއްތަ މިއީ!... މާކިން... އަހަރެން ބޭނުން އަހަރެންގެ ހިތުގެ ހާލު މާކިންއަށް އަންގައިދޭން... ކީއްވެގެންތަ އަހަރެން އެކަނިކޮށްލާފަ ދިޔައީ... މިހިތަށް ކުރާ އަސަރެއް ނޭނގޭތަ؟...''

އީވާގެ ދެލޮލަށް ކަރުނަ ޖަމާވެގެން ދިޔައެވެ. މޭގެ ތެރޭގައި އުފެދިފައި އޮތް ތޫފާން ކަރުނައިގެ ސިފައިގައި ބޭރުވާން ފެށިއެވެ. އީވާއަށް އޭނަގެ އަތުގައި އޮތް އަނގޮޓިން ދޫކޮށްލެވުނެވެ. އެހިނދު އެނދުމަތިން ފުރޮޅިލާފައި ގޮސް އަނގޮޓި ވެއްޓުނީ ބިންމައްޗަށެވެ. އެކަމަށް އީވާ ސަމާލުކަމެއް ނުދިނެވެ. އޭނައަށް އިޖާބަ ދެވުނީ އެހިތުގެ ގޮވާލުމަށެވެ. ދުނިޔޭގެ އެއްވެސް ކަމަކާ މެދު ވިސްނަން ބޭނުން ނުވާ ކަހަލައެވެ. ހިތުގެ މުހުތާދުތައް ހާސިލުކުރަން ބޭނުން ވިއެވެ. ފުރަތަމަ ފަހަރަށް އަމިއްލަ ހިތުގެ އެދުން އިސްކުރެވިއްޖެއެވެ. ފަހުން ވެދާނެ ގޮތަކާ މެދު ވިސްނާލުމެއްނެތިއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟