ވާހަކަ

އަންނަންދެން ހުންނާނަން ލޯބިން ތިޔަ އިންތިޒާރުގައި - 19

4

ނަވާރަވަނަ ބައި

"ސިޑް ހިނގާދާން. އަހަރެން މަންމަ ކައިރިން މަޢާފަށް އެދެން ބޭނުން. އަހަރެންގެ ބަހުރުވަ މަންމައަށް ކަމުނުދާނެކަން ޔަޤީން" އިރާނިޔާއާއި އާޝިދް ހިނގައިގަތުމުން އުނޭޝް އެނބުރި ބަލައިލިއެވެ.

ކޮޓަރި ދޮރުހުޅުވާލާފައި އެތެރެއަށް ވަން އުނޭޝް ފެނި އެނދުގައި ފޯނުގައި އިން ތަމަންނީ އަވަސް ހަރަކާތަކާއެކު ފޯނު ކަނޑައިލިއެވެ. ކުއްލިއަކަށް ތަމަންނީއަށް އައި ބަދަލު އުނޭޝްއަށް ފާހަގަވިއެވެ. އެހެންނަމަވެސް ވަގުތުގެ ގޮތުން އުނޭޝް އެއްވެސް ސުވާލެއް ކުރާހިތެއްނުވިއެވެ. އުނޭޝް އެނދުގައި އިށީނުމުން ތަމަންނީ އިނީ ބަލަހައްޓައިގެންނެވެ.

"އަހަރެންނަކަށް ހިއެއްނުވޭ ތަމަންއަށް ކަންނެލި ދޯޏްޏެއް ދެވިދާނެހެނެއް. އެހެންވިޔަސް އަހަރެން މަސައްކަތްކުރާނަން" އުނޭޝް ބުނެލިއެވެ.

"ނެވަރ މައިންޑް. އުނޭ ލިބުނީމަ އޯކޭ..." އެއީ ތަމަންނީ ދޭން ބޭނުންވި ޖަވާބެއްނޫނެވެ. ނަމަވެސް އޭނާއާއިމެދު އުނޭޝް އެއްޗެއް ހީކޮށްފާނެކަމަށް ދިން ޖަވާބެކެވެ. ހާސިލް ކުރަން ބޭނުންވާ އެއްޗެއް ހާސިލްކުރެވޭނީ ތެޅިގަނެގެން ނޫންކަން އޭނާއަށް އިނގެއެވެ.

"ތަމަން އަހަރެންނަށް ކޮންކަމެއް ސިއްރުތިިކުރަނީ؟" އުނޭޝް އަހައިލިއެވެެ. ތަމަންނީއަށް ތެޅިގަނެވުނެވެ. އޭނާގެ މޫނުމައްޗަށް ވެރިވި ސިހުމުގެ ކުލަވަރު އުނޭޝްއަށް ނުފެނެއެވެ.

"ނުކުރަން އެއްވެސް ކަމެއް ސިއްރެއް" ތަމަންނީއަށް ދެވުނީ ކުރު ޖަވާބެކެވެ.

"އެހެންވިއްޔާ އެދުވަހު އެދެއްކީ ކޮން އީޝްއެއްގެ ވާހަކަ؟ މިއަދުވެސް ފޯނުގަ އިނދެފަ އަހަރެން ވަނީމަ ކީއްވެ ސިހުނީ..؟" އުނޭޝް އެހިއެވެ.

ތަމަންނީ ވިސްނައިލިއެވެ. އުނޭޝްއަށް އެދުވަހު އޭނާ ދެއްކި ވާހަކަތައް އިވުނީތާއެވެ. އެދުވަހު އެވާހަތައް އުނޭޝް ނޭހީތީވެ ތަމަންނީ ހީކޮށްގެން ހުރީ އުނޭޝްއަށް ރަނގަޅަށް އެވާހަކަތައް ނީވޭ ކަމަށެވެ.

"އެއީ ރައްޓިއްސެއްގެ ދަރިފުޅުގެ ވާހަކަ. އެކުއްޖާގެ ބައްޕަ ފައިޓްކޮށްގެން ދަރިފުޅު ހޯދައިފިޔޯ. ދެންމެ ވާހަކަދެއްކީ ކުރިން ހުރި ގޭ ދައްތަ އާ. އެގެއަށް އައިސްބަލާށޯ. އަސްލު ސިހުނީ މާ ބާރަށް އުނޭ ދޮރުހުޅުވީމަ" ފަހަތުން އުނޭޝްގެ ބުރަކަށީގައި މޫނު ޖައްސައިގެން އިނދެ ތަމަންނީ ވާހަކަދެއްކިއެވެ.

އަދްޔަންގެ ވަކިވުމަށްފަހު ޝެނަލްގެ ދިރިއުޅުމަށް ބަދަލުތަކެއް އަތުވެއްޖެއެވެ. އޭނާގެ ކަންފަތުގެ ހިނދުރީގައި އަބަދުހެން ހުންނަނީ ފަހު ރޭގައި އަދްޔަން ދެއްކި ވާހަކަތައް ހަރުލާފައެވެ. އެކަމުގެ ސަބަބުން އޭނާގެ ނަފްސަށް ހިމޭންކަމެއް ވެރިވެއްޖެއެވެ. މައްސަލަގަނޑުގެ ކޮންމެސް ހިސާބަކުން އޭނާއަށް އަމިއްލަ ނަފްސުު ކުށްވެރިކުރެވެން ފަށައިފިއެވެ. އެކަން ސަބްރީނަށް ފާހަގަވާން ފެށީ ޝެނަލް ބަސްމަދުވެފައި އަބަދުވެސް ވިސްނުމެއްގައި އިންނަތަން ފެންނަން ފެށުމުންނެވެ. އެކަމާއި ބެހޭގޮތުން ޝެނަލްއާއި ސުވާލެއްކުރަން އޭނާ ބޭނުމެއްނުވިއެވެ. ކުރިމަތީގައި އަމިއްލަ ދަރިފުޅު ހިތާމަކޮށް ނިމިދާން ކައިރިވިޔަސް އަދްޔަންއާއި ޝެނަލް ގުޅެން އޭނާއަށް އެއްބަހެއް ނުވެވޭނެއެވެ. އެވާހަކަތައް އޭނާ ހިއްސާކުރީ ބައްސާމާއެވެ. ނަމަވެސް ޝެނަލްއަށް ދިމާވި ކަންތައްތައް ކިޔާދޭން އޭނާ ބޭނުމެއްނުވިއެވެ.

"ރީން ފުރަންވީނުން. އޭގެކުރިން އަހަރެން ބޭނުން އަހަރެންގެ ދަރިފުޅާ ވާހަކަދައްކަން. އޭނާ ކިޔަވަން ބޭނުން ހިސާބަކަށް ކިޔަވައިދޭން އަހަރެން މިހުރީ ތައްޔާރަށް" ބައްސާމް ބުނެލިއެވެ. ސަބްރީންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. އެކަމާއި ބައްސާމް އެހާ އަވަހަށް ރުހިދާނެކަމަށް އޭނާ ހީކޮށްފައެއްނެތެވެ. ޝެނަލްއަށް އަދްޔަންގެ ކުށެއްނެތްކަން އިނގުމުގެ ކުރިން އޭނާ ބޭނުންވަނީ ޝެނަލް ގޮވައިގެން ފުރާށެވެ. ޝެނަލްވެސް އެކަމާއި ދެކޮޅަށް ވާހަކަނުދައްކާނެކަމުގެ ޔަޤީންކަން އޭނާއަށް އެބައޮތެވެ.

ނަމާދުން ފައިބައިގެން އައިސް އެނދުގައި އިށިން ޙާއިޝާ އިނގިލި މަޅަމުން ދިިޔައީ ހަވީރުގެ ޒިކުރުތައް ކިޔަމުންނެވެ. ކުއްލިއަކަށް އޭނާ ބަލައިލީ ކައިރީގައި އައިސް އިށިން އިރާނިޔާ އޭނާގެ ކޮނޑުގައި ބޯއަޅައިލުމުންނެވެ. ޙާއިޝާ އިރާނިޔާއަށް ބަލައިލާފައި ހިނިތުންވެލިއެވެ.

"މަންމާ! އަޅުގަނޑު ވަރުބަލިވެއްޖެ. އުނޭ އަޅުގަނޑުގެ ދިރިއުޅުން ބަދަލުކޮށްލައިފި. ސޮރީ... އެއީ އަޅުގަނޑު އުނޭ އާ ވާހަކަދައްކަން ބޭނުންވި ގޮތެއްނޫން" އިރާނިޔާ ވާހަކަދެއްކިއެވެ. ޙާއިޝާ ޖަވާބެއްނުދިނަސް އޭނާ ޒިކުރުތައް ކިޔުމައިގެން ކުރިއަށް ދިޔައެވެ. އިރާނިޔާ ދައްކަމުންދިޔަ ވާހަކަތަކާއި އޭނާ ދެކޮޅުނޫންކަން އޭނާ އަންގައިދެމުން ދިޔައީ އެއް އަތުން އިރާނިޔާގެ ބުރަކަށީގައި ފިރުމަމުން ކުރަމުން ދިޔަ ހަރަކާތުންނެވެ.

"އެކަމަކު... އެކަމަކު އުނޭއަށް ކޮން ޙައްޤެއް އޮތީ މިދަރިފުޅު އަހަރެންނާ ވަކިކުރުމުގެ. އެއީ ރަނގަޅު ގޮތެއްވެސް ނޫނެއްނު" އިރާނިޔާ ވާހަކަދެއްކިއެވެ.

"އަޅުގަނޑު މިހާރު ނުވިސްނަން މި ދިރިއުޅުން ދަމަހައްޓަން. އަޅުގަނޑު އުނޭޝް ބޭނުމެއްނޫން. ދަރިފުޅު އުފަންވިހާ އަވަހަކަށް އަޅުގަނޑު އުނޭ ކައިރިން މިނިވަންވާނަން. އުނޭޝް އަޅުގަނޑު ނިކަމެތިކޮށްލުމުގެ ކުރިން އަޅުގަނޑު ބޭނުންވަނީ ފިޔަވަޅު އަޅަން" އިރާނިޔާ ވާހަކަދައްކަމުން ދިޔައެވެ. އޭނާ ޙާއިޝާއަށް ބަލައިލިއިރު ޙާއިޝާގެ ދެލޮލުން ކަރުނައެއް ފައިބައިގެން ދިޔަތަން ފެނުނެވެ.

"އަޅުގަނޑު ކުޑަމީހާ ގޮވައިގެން ދިޔަސް މަންމަ ދެރަނުވައްޗޭ. އަޅުގަނޑު ދުރަށްދާން މިއުޅެނީ އުނޭޝްގެ ހަޔާތުން. މަންމަގެ ހިތަކުންނޫން. ދުވަހަކުވެސް މަންމަ އާ މަންމަގެ މާމަ ދަރިފުޅު ވަކިކުރަން މަސައްކަތެއް ނުކުރާނަން" އިރާނިޔާ ވާހަކަދެއްކިއެވެ.

"މަންމައަށް އިނގޭ ވަރަށް އަވަހަށް ތިޔަ ބުނާ ދުވަސް މަންމަގެ ލޮލަށް ދައްކަވާނެކަން. މަންމަ ދަރިފުޅުދެކެ ރުޅިއެއް ނާންނާނެ ދުވަހަކުވެސް. އުނޭޝްއަކީ މަންމަގެ ދަރިއަކަސް އޭނާ ދަރިފުޅާ މެދު ކަންތައްކުރާ އިހާނެތިގޮތް މަންމައަށް ފެނޭ. ދަރިފުޅުގެ ގޮތް ނިންމާ އަވަހަށް. ދަރިފުޅުދެކެ ލޯބިވާ މީހާ ކައިރިއަށްދޭ" ޙާއިޝާ ވާހަކަދެއްކިއެވެ. ޙާއިޝާގެ ހިތަށް ކޮށްފައިވާ އަސަރު ހުސްއެކަނި އޭނާގެ އަޑުންވެސް އިރާނިޔާއަށް އިހުސާސްވިއެވެ. އިރާނިޔާ ހިތުގައި ޖެހުނެވެ. އޭނާ ހިތާހިތުން ޝުކުރުކުރިއެވެ. ކޮންމެ އިންސާނަކަށްވެސް އެކަލާނގެ މިންވަރު ކުރައްވާނީ އެންމެ ރަނގަޅު ގޮތެވެ.

ޝެނަލްގެ ކޮޓަރިއަށް ޒީކް ވަންއިރު އެނދުމަތީގައި ދަބަސް ތައްޔާރުކޮށްފައި ހުއްޓާ ފެނުނެވެ. އޭނާ ކޮޓަރިތެރެ ދެކޮޅު ހޯދާ ބަލައިލީ ޝެނަލް ފެންނަން ނެތުމުންނެވެ. ޝެނަލް ފާހާނައިން ނިކުތީ ޒީކް އެނދުގައި އިންދައެވެ.

"ކިތައް ދުވަހަށް ތިދަނީ..." ލޯގަނޑު ކުރިމަތީގައި ހުއްޓުނު ޝެނަލްއަށް ބަލައިލަމުން ޒީކް އެހިއެވެ.

"ވަކި ދުވަހެއް ހަމަޖައްސާފައެއްނޫން. ކޯސް ނިންމަން މިފަހަރު ވިސްނައިގެން މިހިރީ. މަންމަވެސް މިފަހަރުދޭ އަހަރެން ގޮވައިގެން. އަހަރެން އެކޮޅަށް އެއްކޮށް ފިޓްވީމަ މަންމަ އަންނާނީ" ޝެނަލް ވާހަކަދެއްކިއެވެ.

"އަދޫ ކައިރީ ބުނެފިންތަ މިހާރު. ޔަޤީން ވަރަށް ދެރަވެފަކަން މިހާރު ހުންނާނީ" ޒީކް ބުނެލިއެވެ. އިސްތަށިގަނޑުގައި ފުނާ އަޅަމުން ދިޔަ ޝެނަލްގެ ހަރަކާތްތަކަށް ލަސްކަމެއް ވެރިވިއެވެ. އަދްޔަންގެ ނަން ކިޔައިލި އަޑު އިވުމުން އޭނާގެ ހިތުގެ ކަނެއްގައި ރިއްސައިގަތެވެ. ޒީކަށް ބަލައިލިރު އޭނާގެ ދެލޮލުން ހިތާމައެއް ފެންނަން ހުއްޓެވެ.

"އަދްޔަންއާއި އަހަރެންގެ ސްޓޯރީ ނިމިއްޖެ. އޭނަ އަހަރެންނަށް ބިޓްރޭ ކުރީ. އޭނަ އެއީ އަހަރެން ހީކުރި ކަހަލަ ކުއްޖެއްނޫން" އަލުން ލޯގަނޑާއި ދިިމާލަށް އެނބުރިލަމުން ޝެނަލް ވާހަކަދެއްކިއެވެ.

"ވަޓް...؟ އަހަރެން ޤަބޫލެއްނުކުރާނަން. ޝާނީ ހަމަ އެހާ އަވަހަށް އަދޫގެ މައްޗަށް އޮތް އިތުބާރު ގެއްލުވާލީތަ؟ ޝާނީއެއް ނޫންތަ އަހަރެން ކައިރީގައި ބުނީ ތިމަންނަ އަދޫ ދެކެ ވަރަށް ލޯބިވެޔޭ. ތިއީތަ ޝާނީ ލޯބިވާ ގޮތަކީ" އެނދުން ފުންމައިގެން ޒީކް އައިސް ޖެހުނީ ޝެނަލްގެ ފައިބުޑުގައެވެ.

"ޒީކަށް އެކައްޗެއްވެސް ނޭނގޭނެ. އަހަރެންގެ ލޮލުން ދެކި އަތުން ހިފާފަ އަހަރެން ގުޅުންކަނޑާލީ. މަންމަވެސް ބުނި އެމީހުން އެއީ އެވައްތަރަށް އުޅޭ ބަޔެކޭ. ރިޗް ބަޔަކަސް އެއީ އެއްވެސް ގޮތެއްނެތް ބަޔެކޭ" ޝެނަލް ވާހަކަދެއްކިއެވެ.

"ތިއީ ކާކު ޝާނީ ކައިރީގައި ދެއްކި ވާހަކަތަކެއް؟" ޒީކް އެހިއެވެ.

"އެއީ... ތަ...." ބުނަން އުޅެފައި ޝެނަލް ހުއްޓައިލިއެވެ. އެދުވަހު ފަހުން ތަމަންނީ އޭނާއާ ބައްދަލުކޮށް އެކަކު ކައިރީގައިވެސް އޭނާގެ ވާހަކައެއް ނުދައްކަން ވަޢުދުކުރުވިއެެވެ. އޭނައަކީ އެރަށަށް ބީރައްޓިއްސަކަށް ވެފައި ރަށު މީހުންގެ ނަފްރަތު އޭނާއަށް ލިބެން ބޭނުންނުވާ ކަމަށް ބުންޏެވެ.

"ސޮރީ ޒީކް... އެވާހަކަ ދެން ނުދައްކަމާ. އަހަރެންގެ ހަޔާތުގައި އަދްޔަންއެއް ނެތް" ފަރުވާކުޑަ ގޮތަކަށް ޝެނަލް ބުނެލިއެވެ.

"އެގޭ ދޯނިން މަހަށްދާ މީހެއް އަހަރެންގެ ބައްޕައަކީ. އެއީ ކިތަންމެ ފޯރާ ބަޔަކަސް އެގޭ ހަތަރުފާރުން އެތެރޭގެ ދިރިއުޅުމެއް އަހަރެންނަކަށް ނޭނގޭ. އެކަމަކު ބައްޕަ މެދުވެރިކޮށް އަހަރެން ބެލިދާނެ. އަހަރެންގެ ހިތެއް ނުބުނޭ އަދްޔަންއަކީ ގޯސް ކުއްޖެކޭ. އަހަރެންނަށް ހީވަނީ ތިއީ ވަރަށްބޮޑު އޮޅުމެއްހެން" ޒީކް ވާހަކަދެއްކިއެވެ.

"އަހަރެން ބޭނުމެއްނޫން ބަލާކަށް ޒީކް. އެގޭ މީހުންނަކީ ގޯސް ބައެކޭ އަހަރެން ކައިރީގައި ބުނީ މީހަކީ އަހަރެންގެ މަންމަ. މަންމަ އަހަރެންނަށް އޮޅުވާލާނެތަ؟ ޒީކް! ބޭކާރު ކަންތައްތައް ނުކުރޭ" ޝެނަލް ބުނެލިއެވެ. ޒީކް ބަލަހައްޓައިގެން ހުރީ ދޮރުމައްޗަށް އެރި ސަބްރީނަށެވެ. އޭނާގެ ތުންފަތް މަތީގައި ހިނިތުންވުމެއް ވިޔަސް އެދެކުދިިން ދެއްކި ވާހަކަތައް އޭނާއަށް އިވުނެވެ.

"އެންމެރަނގަޅު. ޒީކަށް ތިހާ ޔަޤީންވަންޏާ ނިކަން އެކަމުގެ ހަޤީޤަތް ހޯދަބަލަ. އަހަރެންނަށް އިނގެނީ ތިބުނާ ސޮރަކީ ރަނގަޅު ސޮރަކަސް ޝާނީ ދެން ނުދާނެކަން. އެއީ މިހާރު އެކަމަށް ޝާނީގެ ބައްޕަވެސް ނުރުހޭތީ" އެތެރެއަށް ވަންނަމުން ސަބްރީން ވާހަކަދެއްކިއެވެ. ސަބްރީނާއި ދިމާލަށް ޝެނަލް ބަލައިލިއެވެ. އޭނާގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވެފައި ވިޔަސް މަންމަ އެދެއްކި ވާހަކަތަކާއި ހިތުގެ ކަނަކުން އޭނާއަށް ނުރުހެވިއްޖެއެވެ.

އާދައިގެމަތިން ރޭގަނޑުގެ ކެއުމަށްފަހު އިރާނިޔާއާއި އާޝިދް ބޭރު ޖޯއްޔަށް ނިކުތެވެ. އުނޭޝްގެ ކުރިމަތިން ހުރަސްކޮށްފައެވެ. އެއްވެސް ކަމެއް އުނޭޝްއަށް ނުކުރެވުނެވެ. އޭނާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ތަމަންނީ އައިސް އަތުގައި ހިފި އިރުވެސް އޭނާއަށް ނޭނގުނެވެ.

"މިހާރު ރާނީ ކައިރީގައި ބުނެފިންތަ ވިހެއިމަ ދަރިފުޅު އަތުލާނެ ވާހަކަ" ތަމަންނީ އެހިއެވެ.

"ބުނެފިން. އެކަމު އޭނާ ހުރީ ވަރަށް ހިފާލާފަ. އަހަރެން ބަލާނަން ދަރިފުޅު ހޯދޭތޯ. ކޯޓަށްވެސް ދާނަން. ތަމަން ތިހިރީނު ދޯ އަހަރެމެންގެ ދަރިފުޅަށް މަންމައެއްގެ ލޯބިދޭން" ތަމަންނީގެ ކޮލުގައި ހިފައިލަމުން އުނޭޝް ބުނެލިއެވެ.

"ހޫމް... ވަރަށް ރަނގަޅަށް މަންމައެއްގެ ލޯބިދޭނަން" ތަމަންނީ ބުނެލި ދެމާނަ އެކުލެވޭ ޖުމްލަ އުނޭޝްއަށް މާބޮޑަށް ނަގައެއް ނުގަނެވުނެވެ.

ރުޒާނާ ޙާއިޝާއާއި ބައްދަލުކުރީ ބަށިކޯޓުން ނިކުމެ ގެއާއި ދިމާލަށް އައި ވަގުތުގައެވެ. އެހާ ދުވަސްފަހުން ރުޒާނާ ފެނުމުން ޙާއިޝާގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވެއްޖެއެވެ. ރުޒާނާ އިތުރު އެއްޗެއް ބުނުމުގެ ކުރިން ޙާއިޝާއަށް އަހައިލެވުނީ ގުމްރޫހާއި ބެހޭގޮތުންނެވެ.

"އެމަންޖެ ރަނގަޅު. ޙާއިޝާއާއި ކޮންމެހެން މި ބައްދަލުކޮށްލީވެސް ގޮމައާއި ބެހޭ ވާހަކައެއް ދައްކަންވެގެން" ރުޒާނާ ބުންޏެވެ. ދެއެކުވެރިން އެއްވަރަށް ހިނގަމުން އައިރު މަގު ކަންމަތީގައި ހުރި ފިހާރައަށް ވަންނަން އައި ސަބްރީނަށް އެމަންޒަރު ފެނިއްޖެއެވެ. އޭނާ ޙާއިޝާއަށް ދެލޯ އަޅައިގެން ހުރިއިރު ޙާއިޝާއާއި ވާހަކަދެއްކީތީ ރުޒާނާއަށް ކުދިކިޔަމުން ދިޔައެވެ. އޭނާ ބޭނުންވަނީ އޭނާ ފަދައިން ރަށު ރައްޔިތުން ޙާއިޝާއަށް ނަފްރަތު ކުރާށެވެ.

"އަދްޔަން އަހަރެމެންނާ ބައްދަލުކޮށް ގޮމަގެ ކައިވެންޏަށް އެދިއްޖެ. ތިއިން އެއްވެސް މީހަކު އެކަން ދެނަހުރިންތަ؟ ދެދުވަހު ގެއަށް އައިސް ގޮމައާއި ވާހަކަވެސް ދައްކައިފި" ރުޒާނާ ވާހަކަދެއްކިއެވެ. އިވިގެންދިޔަ ހަބަރަކުން ޙާއިޝާއަށް ހުއްޓެވިިއްޖެއެވެ. އެއިވުނީ އޭނާ ހާދަ ދުވަހަކު އިވިދާނެކަމަށް އިންތިޒާރުކޮށްގެން ހުރި ވާހަކައެކެވެ. ޖަވާބެއްދިނުމުގެ ކުރިން އޭނާއަށް ހިނިތުންވެވިއްޖެއެވެ. ގުމްރޫހަކީ މާކުރިންވެސް ޙާއިޝާ ގަޔާވާ ކުއްޖެއްކަން ރުޒާނާއަށް އިނގެއެވެ.

"އަހަރެން ހިއެއްވެސް ނުކުރަން. އަދޫ އަކަށް ނުކެރޭނެ ކުރިން އަހަރެން ކައިރީގައި ތިވާހަކަތައް ބުނާކަށް. އަހަރެން އަހައިފިއްޔާ ތެދަށް ވާހަކަދައްކާނީ" ޙާއިޝާ ވާހަކަދެއްކިއެވެ. ޙާއިޝާއަށް އެއްފަރާތުގައި ބަލަހައްޓައިގެން ހުރި ސަބްރީން ފެނުނެވެ. އެހެންނަމަވެސް އޭނާ ނުފެންކަމަށް ހެދިއެވެ.

"ރުޒާމެން މިހާރު ހާދަ ފަންޏޭ ދޯ... އާ އެކުވެރިން ލިބުނީމަ ކަނޑިކިބުރި މަތިން ހަނދާން ނައްތާލީއޭ ދޯ. އާ އެކުވެރިއެއް ހޯދިޔަސް ފަހުން ތިމާގެ ކަރުގައި ނުހިފާ ކަހަލަ އެކުވެރިއެއް ހޯދިނަމައެއްނު" ސަބްރީނަށް އެއްޗެއް ނުބުނެ ނުހުރެވުނީއެވެ.

"ފަހުން އަހަރެން ރީންއާއި ބައްދަލުކުރާނަން. އަބަދުވެސް އެންމެފުރަތަމަ އިސްވާނީ އާއިލާ މީހުން. ޙާއިޝާއަކީ މިހާރު އަހަރެންގެ އާއިލާ" ސަބްރީނާއި ވީ ދިމާލަށް އެނބުރިލަމުން ރުޒާނާ ޖަވާބުދިިނެވެ.

"އަހަރެންނަށް ނޭނގުނު. ތިބުނީ އަހަރެންނަކީ އާއިލާ މީހެއް ނޫނޭތަ؟ ބައްސާމަކީ އީސަގެ ދެބެންގެދެދަރި ކޮއްކޮއެއް ނޫންތަ؟" އަނގައަށް ގޮތެއް ހަދައިލަމުން ސަބްރީން ބުނެލިއެވެ.

"ނޫނޭ... ތިއީ މިގަރުުނުގަ ރީންއަށް ހެދޭނެ އެންމެބޮޑު ތެދު. އެކަމަކު އާއިލާ މީހުން ގާތްވަން ވަކި ތަރުތީބެއް އޮންނާނެ" ސަބްރީންގެ މޫނުމައްޗަށް ވެރިވި ކުލަވަރު ޙާއިޝާއަށް ފެނުމުން ހެވެން އުޅޭކަހަލަ ގޮތެއް ވިއެވެ. އޭނާ އަވަހަށް ނޭނގޭކަމަށް ހަދާފައި ރުޒާނާއާއި ވާހަކަދައްކަން ފެށިއެވެ. އެމަންޒަރު ފެނުމުން ސަބްރީނަށް ދަތްކުނޑި ވިކައިލެވުނެވެ. ޙާއިޝާއަށްޓަކައި އޭނާގެ ހިތުގައި އޮތް ނަފްރަތާއި ރުޅިވެރިކަން އިންތިހާއަށް ބޮޑުވިއެވެ.

ލޯންޗަށް އަރަންދިޔަ ސަބްރީން އަތުގައި އޮތް ޝެނަލްގެ ފޯނު ވައިބްރޭޓްވާން ފެށުމުން ބަލައިލިއެވެ. އަރާފައި އިން ޒީކްގެ ނަން ފެނުމުން ސަބްރީންގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. ޒީކް އެގުޅަނީ ރަނގަޅު ހަބަރެއްދޭން ނޫންކަން ސަބްރީނަށް އިނގުނެވެ. ގޭގައި އެއްޗެއް ބާއްވާފައި އާދެވުމުން އެ ބަލާ ޝެނަލް ދިޔައީ އޭނާގެ ދަބަހާއި ފޯނު ސަބްރީން އަތަށް ދީފައެވެ. ދެވަނަ ފަހަރަށް އޭނާ ބަލައިލީ ކޯލް މިސްވެފައި އަނެއްކާ ރިންގުވާން ފެށުމުންނެވެ. ގެއާއި ވީ ދިމާލަށް ބަލައިލާފައި ފޯނަށް ބަލައިލިއެވެ. ފޯނަށް ޖަވާބުނުދީ ނުވާނެކަން އިނގޭތީ އޭނާ ފޯނު ނަގާފައި ކަންފަތުގައި ޖެހިއެވެ.

"ޝާނީ... ނައްޓާލީތަ؟ ތޭންކްގޯޑް ފޯނު ނެގިކަން. އިނގޭތަ! ބައްޕަ ބުނީ އެގޭގަ ތިބެނީ ތިން ކުދިން ކަމަށް. ދެފިރިހެން ކުދިންނާ އެންމެ އަންހެންކުއްޖެއް. އަދި އިނގޭތަ އެންމެ ޝޮކިން ނިއުސްއަކީ ކޮބާކަން. ތިގޭގަ ހުރި ތަމަންނީ މެރީކޮށްގެން އުޅެނީ އެގޭ އުނޭޝް އާ އޯ. އެވެސް ދެއަންބަށް. އޭނަގެ ދޮށީ އަނބި ބަނޑުބޮޑުކަމަށް ވެސް ބުނި. ބައްޕަ ބުނި ބައްޕައަށް ވަރަށް ހީވެޔޯ މިހާރު އެގޭތެރޭގަ ވަރަށް މައްސަލަ އުޅޭހެން. ޝާނީއަކަށް ހިއެއްނުވޭތަ މިކަމުގެ ތެރޭގަ އަޑި ނޭނގޭ ބޮޑު ކަންތައްގަނޑެއް އުޅެޔޭ...." ޒީކް ދައްކަމުން ދިޔަ ވާހަކަތައް އަހާފައި ސަބްރީނަށް ފުން ނޭވައެއް ދޫކޮށްލެވިއްޖެއެވެ. ޝެނަލް އަތުގައި އެވަގުތު ފޯނު ނެތީތީ އޭނާ ހާސްފަށުން ޝުކުރުކުރިއެވެ.

"ޝާނީ ރުޅިނާންނައްޗެ. އަހަރެންނަކަށް ހިއެއްނުވޭ އެ ތަމަންނީ އެއީ އެހާ ރަނގަޅު މީހެއް ހެނެއް..." އިރުކޮޅެއްގެ ހިމޭންކަމަށްފަހު ޒީކް ބުނެލިއެވެ.

"ނާހަމަ ތެދެއްތަ މަންޖެ ތިބުނީ... ޔާރައްބީ... އެެދެކުދިންގެ ދެމެދަށް އެވަނީ ކާކުތަ؟" ސަބްރީން ބުނެލިއެވެ. ވާހަކަދައްކަނީ ކާކުކަން އިނގުމުން ޝެނަލް ކުޑަކޮށް ޖެހިލުންވިއެވެ.

"ރީންދައްތަ ތަ؟ ކޮބާ ޝާނީ...؟" ޒީކް އެހިއެވެ. ސަބްރީން ފަހަތް ބަލައިލިއިރު ޝެނަލް ބައްސާމާ އެކީގައި ހިނގާފައި އާދެއެވެ.

"ލޯންޗަށް އެރިގޮތަށް ހޮޑުލަވާތީއޭ ކިޔާފަ އެބައިން. ލޯވެސް ހުޅުވަން ބޭނުންނުވެޔޯ މާލެ ނުދެވެނީސް. އެކަމަކު ރީންދައްތަ ތިވާހަކަތައް ކިޔައިދޭނަން ޝާނީއަށް. މިދަތުރުގަ ދެން ދާނީ" ސަބްރީން ވާހަކަދެއްކިއެވެ. ސަބްރީން ފޯނު ކަނޑައިލުމުން ޒީކް ހިތްހަމަނުޖެހުނެވެ. ޝެނަލްއާއި ވާހަކަނުދެއްކުނީތީ އޭނާ ފޫހިވިއެވެ.

ލޯންޗުގައި އިން ސަބްރީން އިރުކޮޅަކާ ޝެނަލްއަށް ބަލައިލައެވެ. މަކަރާއި ހީލަތުން އޭނާއަށް އަދްޔަންއާއި ޝެނަލް ދުރުކުރެވިއްޖެއެވެ. އެދެމެދުގައި ރުޅިވެރިިކަމާއި ފޫހިކަން އުފައްދައިފިއެވެ. އާ ކަންތައްގަނޑެއް ކުރިމަތިވުމުން އެކަމާއި އޭނާ ބޮލުގައި ރިއްސަން ފަށައިފިއެވެ. ކޮންމެގޮތެއް ހަދާފައިވެސް ޒީކާއި ޝެނަލް ފޯނުން ބައްދަލުވިޔަ ނުދޭން އޭނާ މަސައްކަތް ކުރާނެއެވެ. ސިކުނޑިއަށް ބާރު ލައިގެން އޭނާ އެތައް ގޮތަކަށް ވިސްނަމުން ދިޔައެވެ. ޒީކްއަކީ ޝެނަލްގެ އެންމެ ގާތް އެކުވެރިޔާއަށް ވީތީ ދެކުދިން ދުރުކުރަން އޭނާ ކުރަންޖެހޭ މަސައްކަތް ބޮޑުކަން އޭނައަށް އިނގެއެވެ. ވިސްނުމުގެ ތެރެއިން އޭނާ އެއްފަހަރު ޝެނަލްގެ މޫނަށް ބަލައިލިއެވެ. ކަންފަތަށް ހެޑްސެޓް ޖަހައިގެން ޝީޓުގައި ހަށިގަނޑު ދަމާލައިގެން އިން ޝެނަލްއަށް ކަމެއްވާހެންވެސް ހިއެއް ނުވެއެވެ. އިވެމުންދިޔަ މިޔުޒިކީ އަޑުތަކުގެ ދުނިޔެއަށް އޭނާ އިނީ ގެއްލި ހުސްވެފައެވެ.

ދޮވެފައި ހުރި އެއްޗެހިތައް ހިފައިގެން އިރާނިޔާ ބޭރަށް ނިކުތީ ބޭރުގައި ފަތުރަން ދާށެވެ. ވަކި ހިސާބަކަށް ދެވުނުތަނާ އޭނާ ހިފައިގެން ހުރި އަންނައުނުތަކުގެ ތެރެއިން އޭނާގެ ހެދުމެއް ތިރިއަށް ވެއްޓިއްޖެއެވެ. އޭނާ ނަގަން ގުދުވެފައި ހަށިގަނޑު ދަމައިލީ އެކަން އޭނާއަށް ކާމިޔާބު ނުވުމުންނެވެ. ބަނޑާއި ހެދި އޭނާއަށް ގުދުުވެވޭ ގޮތް ނުވިއެވެ. ކޮޓަރިން ނިކުތް ތަމަންނީއަށް އެމަންޒަރު ފެނުމުން މަލާމާތުގެ ފާޑަކަށް ހީލިއެވެ. އެ އަޑަށް އިރާނިޔާ އެދިމާލަށް ބަލައިލިއެވެ. ހީގަނެގެން ހުރި ތަމަންނީ ފެނުމުން އިރާނިޔާ ފޫހިވިއެވެ. އެހެދުން އެތަނުގައި ބާއްވާފައި ދާންޖެހުނަސް އޭނާ އެހީއަކަށް އެދެން ބޭނުންނުވިއެވެ. އެހެންނަމަވެސް އެވަގުތުކޮޅުގެ ތެރޭގައި ތަމަންނީގެ ފުރަގަހުގައި ހުރި ފިރިމީހާއަށް އޭނާ ބަލައިލިއިރު ދެލޮލުން އުނޭޝް ކައިރީގައި އެހީއަށް އެދުނު ކަހަލައެވެ. އުނޭޝް މޫނު އަނބުރައިލީ އެއީ ނުފެންމަ މަންޒަރަކަށް ހަދައިގެންނެވެ. ހެދުން އޮތް ތަނުގައި ބާއްވާފައި އަތުގައި ހުރި އެއްޗެހިތައް ހިފައިގެން އިރާނިޔާ ހިނގައިގަތްތަނާ ކޮޓަރިން ފޯނެއްގައި ހުރެ އާޝިދް ނިކުތެވެ.

"އީރަން..!" ދޮރުމަތީގައި ތިބި އުނޭޝް އަދި ތަމަންނީއަށް ބަލައިލުމަށްފަހު އާޝިދް އިރާނިޔާއަށް ގޮވައިލިއެވެ. ފަސްއެނބުރި ބަލައިލާފައި އިރާނިޔާ އާޝިދަށް ހީލިއެވެ.

"ގެނޭ އަހަރެން އަތަށް" ތިރީގައި އޮތް ހެދުން ނަގައިގެން ގޮސް އިރާނިޔާ އަތުގައި ހުރި ހެދުންތައްވެސް އާޝިދް އަތުލިއެވެ.

"އެކަހަލަ މީހަކަށް ފިރިމީހާ ކިޔުމަށް ވުރެ ގަމީހަކަށް ފިރިމީހާ ކިޔުން މާ ރަނގަޅުވާނެ" އިރާނިޔާއާއި އެކު ހިނގައިގަންނަމުން އާޝިދް ބުނެލިއެވެ. އިރާނިޔާ ހީލި މަންޒަރު ފެނުމުން އުނޭޝްއަށް އުނދަގުވިއެވެ. އޭނާ އަނބުރާ ކޮޓަރިއަށް ވަން މަންޒަރު ބަލަން ހުރެފައި ތަމަންނީ ހިނގައިގަތެވެ.

އިރާނިޔާގެ އަމަލުތައް ހުންނަގޮތުން ހިތްހަމަނުޖެހިފައި ހުރި އުނޭޝްއަށް ބޭނުންވާ ފުރުސަތު ލިބުނީ ހަދަންޖެހޭ ޓެސްޓްތަކެއް ހެދުމަށް ޙާއިޝާ އަދްޔަންއާއެކު ދެދުވަހަށް މާލެ ފުރުމުންނެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟