(އެއްވަނަ ބައި)
"އަޅުގަނޑުމެންގެ އަމާޒަކީ ޕެރެމައުންޓް ހޮޓެލްތައް ބައިނަލްއަޤްވާމީ ދުނިޔޭގައި ވެސް ފާހަގަ ކޮށްލެވޭ ފަދަ ފަސް ތަރީގެ ހޮޓަލްތަކެއްގެ ގޮތުގައި ދެމެހެއްޓުން. ޕެރެމައުންޓް ހޮޓެލްސްގެ ކުރީގެ ސީއީއޯ ޔަޒްދާން ޚަލީލް އަޅުގަނޑުމެންނާއި ވަކިވެ ގޮސްފައި ވިޔަސް ޔަޒްދާން ސަރގެ ހަނދާނުގައި އަޅުގަނޑުމެންގެ ޚިދުމަތްތަކުގެ ފެންވަރު ދަމަހައްޓަމާ ހިނގާ ދެއްތޯ. ހަމަ ޔަޤީނުންވެސް ޔަޒްދާން ސަރގެ ނަން އަޅުގަނޑުމެންގެ ހިތްތަކުން ނުފޮހެވޭނެ. ސަރގެ މަޤާމު ފުރުމަށްޓަކައި އަޅުގަނޑު، ޢައިޝަތު ޔުނާ ޚަލީލް ތިބޭފުޅުން ޚިޔާރު ކުރެއްވި ކަމަށްޓަކައި ޝުކުރު ދަންނަވަން. ތި ހުރިހާ ބޭފުޅުންނާއެކީ ހޮޓެލްގެ ކުރިއެރުމަށް މަސައްކަތް ކުރުމުގެ އުއްމީދުގަ އަޅުގަނޑު ވަކިވެލަން. ޝުކުރިއްޔާ!"
ސްޓޭޖްގެ އެއްފަރާތެއްގައި ބެހެއްޓިފައި ހުރި ޕޯޑިއަމްގައި ވާހަކަ ދައްކަން ހުރި ޔުނާ އިނގިރޭސިން ދެއްކި ވާހަކަ ނިމުމަކަށް އައިތަނާހެން މުޅި ހޯލުގައި އަތްތިލަ ބަޑީގެ އަޑުތައް ގުގުމަން ފެށިއެވެ. ހޯލުގައި އިށީނދެގެން ތިބި އެންމެން އޭނަގެ އިސްތިޤްބާލުގައި ކޮޅަށް ތެދުވުނު ހިނދު ކެމެރާތަކުގެ އަލި ވެސް ޔުނާއަށް އަމާޒުވަމުން ދިޔައެވެ. އެހެނަސް ޔުނާ އެންމެންނަށް ލުއި ހިނިތުންވުމެއް ދައްކާލުމަށްފަހު އިތުރަށް މަޑުނުކޮށް ޕޯޑިއަމާއި ދުރަށް ހިނގައިގަތެވެ. އޭނަ ލައިގެން ހުރީ އެތާ ދެން ތިބި މީހުންނާއި އަޅާ ބަލާއިރު ނުހަނު އާދައިގެ ހެދުމެކެވެ. ކަކުލަށްވުރެ ތިރިއަށް އޮތް ގަދަ ނޫކުލައިގެ އަތްދިގު ހެދުމަކާއެކީ ކަޅުކުލައިގެ ޖިންސެއް ލައިގެން ހުރިއިރު މުށިކުލައިގެ ޝޯލްއެއް ރީތި ގޮތަކަށް ބޮލުގައި އަޅައިފައިވެއެވެ.
ސްޓޭޖުން ފޭބުމަށްފަހު ވެސް ޔުނާ އެތާތިބި މީހުންނާއި މުޢާމަލާތް ކުރިއެވެ. ހޮޓެލްގެ ޝެއާރ ހޯލްޑަރުންނާއި މުވައްޒަފުންނާއި ވެސް ސަލާމްކޮށް ޔުނާ ވާހަކަ ދައްކަމުން ދިޔައީ ހިނިތުންވުންތަކާއި އެކީގައެވެ. އެހެނަސް އެ ހިނިތުންވުންތައް އޭނަގެ ލޮލާއި ހަމައަށް ނުފޯރައެވެ. އެ ދިގު އެސްފިޔަތަކެއްގެ ވެރި ރީތި ލޯމަތިން ފެންނަމުން ދިޔައީ ވަރުބަލިކަމެވެ. ކޮންމެވެސް ކަމަކާއިމެދު ވަރަށް ބޮޑަށް ރޮއި ހިތާމަކޮށްފައިވިހެން ހީވެއެވެ. އެހެނަސް އެކަމާއިމެދު އެތަނުގައި ތިބި އެއްވެސް ބަޔަކު އޭނައާއި ސުވާލެއް ނުކުރެއެވެ. އޭނަގެ މަޤާމުގެ ސަބަބުން އެ މާޙައުލުގައި އޭނައާއި ޒާތީ ސުވާލެއް ނުކުރެވެއެވެ. އޭގެ ބަދަލުގައި އެންމެންވެސް އޭނައަށް އިޙްތިރާމް ކުރުމުގެ ގޮތުން ވާހަކަ ކުރުކޮށްލަމުން އޭނަ ދިޔަދިނެވެ. އެހެންކަމުން ޔުނާ މާ ގިނައިރު ވަންދެން ހޯލުގައި މަޑުކުރާކަށް ނުޖެހުނެވެ. އެންމެ ފަހުން އޭނަ ވާހަކަ ދެއްކި މުވައްޒަފު ހިނިތުންވުމަކާއެކީ ދޫކޮށްލަމުން ޔުނާ އެ ހޯލުން ނިކުމެގެން ދާން މިޞްރާބު ޖެހިއެވެ. އޭނަ ހޯލުގެ ދޮރާއި ހަމަވަމުން ދަނިކޮށް މީހަކު ގޮވާލި އަޑަށް އޭނަގެ ފިޔަވަޅުތައް މަޑުޖެހުނެވެ.
"ޔުނާ މޭމް! އެސްކިއުޒް..." އަންހެނެއްގެ އަޑަށް ޔުނާއަށް ކަނާތް ފަރާތަށް ނަޒަރު ހިންގާލެވުނެވެ. އެއާއެކު އޭނައަށް ފެނިގެން ދިޔައީ ހޮޓެލްގެ ކަޅާއި ހުދުގެ ޔުނިފޯމުގައި ހުރި އަންހެން ކުއްޖެކެވެ. އެއީ ކާކުކަން ނަގައިގަނެވުމުން ޔުނާއަށް ވާހަކަ ދެކެވުނެވެ.
"މަރީ.... ކީކޭތަ؟ މުހިއްމު ކަމެއް އޮތީތަ؟" ޔުނާއަށް އަހާލެވުނެވެ. މަރީއަކީ ހޮޓެލްގެ އެސިސްޓެންޓް މެނޭޖަރެވެ. ހޮޓެލްގައި ހިނގާ މުހިއްމު ހުރިހާ ކަމެއް އޭނައަށާއި ހޮޓެލްގެ މެނޭޖަރު ޔޫސުފްއަށް އެނގޭނެއެވެ.
"އާދެ! މިރޭ އެބައޮތް ހޮޓެލް ޕްރޮމޯޓް ކުރުމުގެ ގޮތުން ހޮޓެލަށް ނިސްބަތްވާ ޔޮޓުގައި ކުޑަ ޕް...ޕާޓީއެއް. މް...މޭމް ދުރު...ވާނަންތޯ؟" މަރީ އަހާލިއެވެ. އޭނަ އެހެން އެހިއިރު އެ މޫނުމަތިންނާއި އަޑުން ނުތަނަވަސްކަމެއް ފާހަގަވީ ކީއްވެކަމެއް ޔުނާއަށް ދޭހައެއް ނުކުރެވުނެވެ. އާ ވެރިއެއްގެ ކުރިމަތީގައި މަރީ ޖެހިލުންވަނީތޯ ހިތަށްއެރިއެވެ. ހަމަ އެހިނދު އޭނައަށް ވަރުބަލިކަމެއްވެސް އިޙްސާސް ކުރެވުނެވެ. ފާއިތުވި ހަފްތާތަކުގެ ތެރޭގައި ހިތުގައި އުފެދިފައިވި ހައިޖާނެއްގެ ސަބަބުން ޔުނާވަނީ އެއްވެސްކަމެއް ކުރާ ހިތްނުވެފައެވެ. މިރޭގެ މި ޙަފްލާއަށް ވެސް އޭނައަށް އާދެވުނީ ކިހާ ހިތްވަރެއް ކޮށްގެންކަން އެނގޭނީ އޭނައަށް އެކަންޏެވެ.
"މަރީ.....މޭމް މިއުޅެނީ ކުޑަކޮށް ބަލިވެ. މޭމްއަށް މިރޭ ޕާޓީގައި ބައިވެރިއެއް ނުވެވޭނެ. މުހިއްމު ކަމެއް ދިމާވިއްޔާ އެކަމެއް އެޑްރެސް ކުރަން ދެން އަންނަ ހަފްތާއަށް ޝެޑިއުލް ކޮށްލައްޗޭ!" ޔުނާ ހިނިތުންވުމަކާއެކީ އެހެން ބުނެ ހިނގައިގަންނަން އުޅުނީ މަރީ އޭނައާއި ދެކޮޅު ނަހަދާނެކަމަށް އުއްމީދުކުރަމުންނެވެ.
"އެކަމަކު މޭމް! މޭމް ދުރުވަންވާނެ މިރޭ...." މަރީ އެހެން ބުނެލި ގޮތުން ޔުނާއަށް އޭނައާއި ދިމާލަށް ބަލައިލެވުނީ ޙައިރާންކަމާއި އެކީގައެވެ. ހަމަ އެހިނދު އަނެއްކާވެސް މަރީގެ މޫނުމަތިން ނުތަނަވަސްކަމެއް ފާޅުވެގެން ދިޔައެވެ. އޭނައަށް މިރޭ ލިބިގެން ދިޔަ ފަދަ މަތީ މަޤާމެއް ލިބުމުގެ ކުރިން ވެސް ޔުނާއަށް ވަނީ ހޮޓެލްގެ ތެރެއިން މަރީ މަސައްކަތްކުރާ ވައްޓަފާޅި ފެނިފައެވެ. މަރީއަށްވުރެ މަތީ މީހަކު ވާހަކައެއް ބުނުމުން މަރީ އުފަލާއެކީ އެކަމެއް ކުރާނެއެވެ. މިރޭ މި ވަނީ ކިހިނެއްތޯ ޔުނާގެ ހިތަށްއެރިއެވެ.
"އަ....އަޅުގަނޑު މި ބުނީ.... މިރޭގެ ޕާޓީއަށް ވަރަށް މުހިއްމު ކްލައިންޓުން ދުރުވާނެ ކަމަށްވަނީ. އެއީ ޔަޒްދާން ސަރ ވެސް ވަރަށް ބައްދަލުކުރައްވަން އެދިލައްވައިގެން ހުރި ކްލައިންޓުންތަކެއް. އެހެންވީމަ މޭމް ދުރުވުން ވަރަށް މުހިއްމު..." މަރީ ޔުނާއަށް ބަލަމުން ނުބަލަމުން ބުނެލި ހިނދު ޔުނާއަށް ވިސްނުމެއްގައި ހުރެވުނެވެ. ކޮންމެވެސް ގޯހެއް އެބައުޅޭހެން އޭނައަށް ހީވަނީ ވަހުމެއްގެ ގޮތުގައިތޯ ހިތާހިތުން ސުވާލުކޮށްލެވުނެވެ. ހަމައެއާއެކު ފުން ނޭވައެއް ދޫކޮށްލެވުނީ އޭނައަށް މިދުވަސްކޮޅު އެއްވެސް ކަމަކާމެދު ރަނގަޅަށް ނުވިސްނޭކަން ހަނދާން ކުރަމުންނެވެ.
"އެންމެ ރަނގަޅު. އެކަމަކު ތަންކޮޅެއް ލަހުން މޭމްއަށް އާދެވޭނީ. ގަޑިއިރެއްހާއިރު ފަހުން އެރައުންޑް......9:30 ހާއިރު މޭމް އަންނާނަން. ޔޮޓަށް ދާން ފަހިމަގު ލޯންޗު ބުކްކޮށްފަ ބާއްވައްޗޭ އެގަޑިއަށް." ޔުނާ އެދުނެވެ. އެއާއެކު މަރީ ހިނިތުންވުމަކާއެކީ އެންމެ ރަނގަޅޭ ބުނެލުމުން ޔުނާވެސް އާދައިގެ މަތިން ހިނިތުންވުމެއް ހަދިޔާކޮށްލަމުން ދާން ހިނގައިގަތެވެ. ޔުނާ ލޯމައްޗަށް ގެއްލުނު ވަގުތު މަރީގެ އެއްފަރާތުން މީހަކު އައިސް އޭނައަށް 100 ޑޮލަރުގެ ނޫޓެއް ދިއްކޮށްލިއެވެ. މަރީ އެމީހާއަށް ބަލާލަމުން ޖެހިލުންވުމަކާއެކީ އޭތި ހޯދިއެވެ.
**
ޔުނާ ހޮޓެލުން ނިކުތީ 9:15 އަށް އޭނަގެ ފޯނު އެލާމް ކޮށްގެނެވެ. ގެއަށް ގޮސް އޭނަގެ ޖަޒުބާތުތަކާއެކީ އޭނަ އެކަނިވުމުން ޢިޝާރާތެއް ނުލިބިއްޖެނަމަ އެ ޕާޓީއަށް ނުދާންވެސް އޭނައަށް ނިންމިދާނެތީވެއެވެ. މަޤާމާއި ޙަވާލުވުމުގެ ތައްޔާރީތައް ވޭތުވެ ދިޔަ ހަފްތާތަކުގައި ކުރެވެމުން ދިޔައިރު އޭނައަށް އެސިސްޓެންޓެއް ހޯދުމުގެ ވާހަކަ ދެކެވުނެވެ. އެހެނަސް އަދި މިވަގުތަށް ޔުނާ ބަލަމުން ދިޔައީ ހުރިހާ ކަމެއް އޭނަ އަމިއްލައަށް ކުރެވޭތޯއެވެ. ހޮޓެލްގެ ކައިރީގައި ޕާކް ކުރެވިފައިވި ނޫކުލައިގެ ރޯލްސް ރޮއިސް ކާރަށް އަރައި ސްޓާޓްކޮށްލަމުން ގެއަށް ދާން މިޞްރާބުޖެހީ ވެސް އަމިއްލައަށެވެ. އޭނަގެ ދޮންބެގެ ގޮތުގައި ހިފަހައްޓަން އޭނަވެސް ބޭނުންވީތީވެއެވެ.
ޔުނާގެ ދޮންބެ ޔަޒްދާން އަކީ މުޅި ދުނިޔެއިންވެސް ޔުނާއަށް ލިބުނު ހަމައެކަނި ޢާއިލާއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ޔުނާއަށް އެންމެ 8 އަހަރުގައި އެމީހުންގެ ބައްޕަ ޚަލީލް ދެ އަންބަށް މެލޭޝިޔާގައި އުޅޭ ދިވެހި އަންހެނަކާއި ކައިވެނިކުރިއެވެ. ކައިވެނި ކުރީ ދެ އަންބަށް ކަމުގައި ވިޔަސް އެމީހުންގެ ބައްޕައަށް އެ ފަހުން އެމީހުންގެ މަންމަ ނުވެސް ފެންނަ ފަދައެވެ. ކުރެވުނު އެ ކައިވެންޏަށްފަހު ބައްޕަ މުޅިން މެލޭޝިޔާއަށް ބަދަލުވިއެވެ. ބައްޕަ އެމީހުންގެ ޙާލު ބަލާނުލި ތާނގައި ޚަރަދެއްވެސް ކުރާކަށް ޚިޔާލެއް ނުކުރިއެވެ. އަހަރެއްހާ ދުވަސް ފާއިތުވެގެން ދިޔައީ ޔުނާމެންގެ މަންމަ އަފީފާ އެކި ގޭގައަށް ގޮސް ކޮށްދިން މަސައްކަތުން ހޯދި ލާރިންނާއި ދޮންބެ އެކި ފިހާރަތަކުގައާއި ގަރާޖުތަކުގައި ކުރި މަސައްކަތުން ލިބުނު ލާރިންނެވެ. އޭގެ ދުވަސްކޮޅެއްފަހުން މަންމަ ވަރަށް ބޮޑަށް ބަލިވެ މަންމަ ނިޔާވެގެން ދިޔައެވެ. އެ ފަހުންވެސް އޭރު އެންމެ 17 އަހަރުވީ އޭނަގެ ދޮންބެ ކެނޑިނޭޅި އެކިއެކި މަސައްކަތްތައް ކުރަމުން ދިޔައީ އޭނައަށްޓަކައެވެ. އެމީހުންގެ މަންމަ އެމީހުންނަށްޓަކައި ކޮށްދިންހާ ދުޢާތަކެއްގެ ސަބަބުން ކަންނޭނގެއެވެ. ދެބެއިން އެކަނި އުޅެން ފެށިތާ މާ ގިނަ ދުވަހެއްނުވެ ބައްޕަގެ ވާރުތަ މުދަލުން ބައެއް އެމީހުންނަށް ލިބޭ ވާހަކަ އެމީހުންނަށް އެނގިގެން ދިޔައީ ކޯޓު އަމުރަކުންނެވެ. ބައްޕަގެ މިލްކުވެރިކަމުގެ ދަށުގައިވާ މާލޭގެ ދެ ޢިމާރާތެއް އެމީހުންނަށް ލިބިގެން ދިޔައީ އެތާނގައި އުޅޭ މީހުންގެ ކުލިވެސް އެމީހުންނަށް ލިބޭނެ ފަދައަކުންނެވެ. ކަންތައް މިހެން ވެގެން ދިޔުމުން ޔުނާއާއި ޔަޒްދާންގެ ޙަޔާތް އުޖާލާވެގެން ދިޔައެވެ. ކަރަންޓު ބިލު ނުދެއްކިގެން ބައްތިއެއްގެ އަލީގެ ދަށުން ކިޔަވަން ޖެހުނު ދުވަސްތަކަށް ނިމުމެއް އައިސް އެމީހުންގެ ގޭގެ ތެރެ އުޖާލާވެގެން ދިޔައެވެ. އެކި ޒާތްޒާތުގެ މަސައްކަތް ކުރުމުގެ ބަދަލުގައި ޔަޒްދާންއަށް ވެސް ސިފައިންގެއަށް ވަނުމުގެ ހުވަފެން ޙަޤީޤަތަކަށް ހެދުމުގެ ފުރުޞަތު ލިބުނެވެ. ސިފައިންގެއަށް ވަދެވުމާއެކީ ޔަޒްދާންއަށް ވެސް މުސާރަ ލިބެން ފެށުމުން އޭނަ އިތުރަށް އެމީހުންގެ ގޭގެ ޙާލަތު ރަނގަޅުކުރަން ފެށީވެސް ޔުނާއަށްޓަކައެވެ. ޔުނާ ބަލިވުމުން ބަލައި، ކާންދީ، ހެދުން ގަނެދީ ކިޔަވާތޯ ޔަޤީންކޮށް ހެދީވެސް ޔަޒްދާންއެވެ. މިހުރިހާ ކަމެއްގެ ތެރެއިން ޔަޒްދާން އެމީހުންނަށް ލިބިފައިވާ ޢިމާރާތްތަކުގެ ތެރެއިން އެއްޢިމާރާތެއް ހޮޓަލަކަށް ހެދުމުގެ މަސައްކަތް ފެށީ އެމީހުންގެ އާމްދަނީ އިތުރު ކުރުމަށެވެ. ޔަޒްދާންއަކީ ކުރާ ކޮންމެ ކަމެއް އެންމެ ފުރިހަމައަށް ކުރަން އަމާޒުކުރާ މީހަކަށްވާތީ ދެއަހަރެއްހާ ދުވަހުގެ ތެރޭގައި އޭނަގެ އެ ހުވަފެނުގައި ވެސް ކުލަޖެހިގެން ދިޔައެވެ. އަދި ފާއިތުވަމުން ދިޔަ އަހަރުތަކާއެކީ އެ ވިޔަފާރި ފުޅާކުރަމުން ގޮސް ޕެރެމައުންޓް ހޮޓެލްގެ ނަން މަޝްހޫރު ވެގެންދިޔައީ ވެސް އޭނަގެ ބުރަ މަސައްކަތުންނެވެ.
ދޮންބެގެ އެ މިޒާޖުން ހިތްވަރު ލިބިގެން ޔުނާވެސް އޭނަގެ ކިޔެވުމާއިގެން ކުރިއަށް ދިޔައީ ނުހަނު ޖޯޝާއި އެކީގައެވެ. ނަތީޖާއެއްގެ ގޮތުން އޭނަ ކިޔެވުމުގެ ކޮންމެ މަރުޙަލާއެއްވެސް ނިންމަމުން ދިޔައީ ރަންވަނަ ތަކާއި އެކީގައެވެ. މަތީ ސާނަވީ ނިމިގެން އެޕްލައި ކުރި ސްކޮލާރޝިޕެއްގެ ދަށުން އެމްސްޓަޑަމްއަށް ކިޔަވަން ދިޔުމުގެ ފުރުޞަތު އޭނައަށް ލިބުނެވެ. ޔުނާ މަތީ ތަޢުލީމު ޙާޞިލުކުރަން ބޭނުންވީ ސައިކޮލޮޖީ އެންޑް ކައުންސެލިންގްގެ ދާއިރާއިންނެވެ. ކިތަންމެ ދަތި ޙާލަތްތަކުގައި ވެސް ހެޔޮކޮށް ވިސްނުމަށް އޭނަ އެހެން މީހުންނަށް އެހީވެދޭން ބޭނުންވީތީވެއެވެ. އޭނަވެސް އެފަދަ ދަތި ޙާލަތްތަކެއްގައި ވީތީވެއެވެ. އަދި ހެޔޮކޮށް ވިސްނަން ދޮންބެ ދަސްކޮށްނުދިން ނަމަ ލިބުނުހާ ކާމިޔާބީއެއް ނުލިބުނީސްކަން އޭނައަށް ޔަޤީނާއި ގާތްކުރެވުނީތީވެއެވެ. މިގޮތުން އޭނަ މިހާތަނަށް އައިއިރު ވަނީ ޝައުޤުވެރިވާ ދާއިރާއިން ޑިގްރީއާއި މާސްޓާސްވެސް ޙާޞިލުކޮށް ޕީއެޗްޑީ ޙާޞިލުކުރުމުގެ މަސައްކަތް ވެސް ފަށާފައެވެ. ކިޔެވުމުގެ ތެރެއިން ވެސް އެ ދާއިރާއާއި ގުޅޭ ކްލިނިކްތަކުގައި މަސައްކަތް ކޮށްފައިވުމުން ޒުވާން ޢުމުރުގައި އޭނައަށްވަނީ އެ މަސައްކަތުގެ ތަޖުރިބާވެސް ލިބިފައެވެ.
އޭނައަކީ ކިހާ ބޮޑު ނަސީބުވެރިއެއްތާއޭ މީހުންގެ ހިތަށްއަރާނެއޭ ޔުނާގެ ހިތް ބުނެއެވެ. އެރޭވެސް އޭނަގެ ގޭގެ ބެލްކަނީގައި ރެއިލިންގްގައި އަތް އަޅުވައިގެން އަތުގައި ހުރި އާފަލު ޖޫސްތަށިން ކޯވަރެއް ދަމާލި ހިނދު އެ ޚިޔާލުން އޭނައަށް އަސަރެއްނެތް ގޮތަކަށް ހީލެވުނެވެ. އޭރުވެސް އޭނަ ލައިގެން ހުރީ ޖަލްސާގައި އޭނަ ލައިގެން ހުރި ހެދުމެވެ. ގެއަށް އައިސް އޭނަ އެންމެ ފުރަތަމަ ކަމަކަށް ސަމާލުކަން ދިނީ ކެއުމަށެވެ. ހެނދުނު ސައި ތަށްޓެއް ބުއި ގޮތަށް ކާ ހިތްނުވެފައި ހުރުމުން އެވަގުތު ވީއިރު ހުރީ މޫނަށް އަނދިރިވާ ގޮތްވެފައިވިއެވެ. އެރޭވެސް ގަދަކަމުން ޕިއްޒާ ފޮއްޗެއް ކެއީ 45 މިނެޓް ތެރޭގައި ދާންޖެހޭ ޕާޓީއެއް އޮތުމުންނެވެ. މި 'ނަސީބުވެރި' އަންހެން ކުއްޖާ މި ޙާލުގައި އުޅޭތާ މިވަނީ ހަފްތާތަކެވެ. އެންމެ ފަހުން ހަމައަށް ނިދުނު ރެއެއް ހަނދާނެއްނެތެވެ. ނިދެންޏާ ނިދެނީ ކިޔަވާ މޭޒުދޮށުގައި ކޮންމެވެސް މަސައްކަތެއްގައި ވަނިކޮށެވެ. އެހެންނޫނީ ސޯފާގައި ޓީވީ ބަލަން އިންދައެވެ. އެގޮތަށް ނިދުނަސް ނިދެނީ މަދު އިރުކޮޅަކަށެވެ. ކިޔެވިހާ ކަންތައްތަކުގެ ބޭނުން ހިފަން ކިތަންމެ މަސައްކަތް ކުރިއެއްކަމަކު އަމިއްލަ ނަފްސަކަށް އެހީއެއް ނުވެވެއެވެ. އަބަދުހެން ސިކުނޑިއަށް ހާސްކަން ވެރިވެ ހިތުގެ ހަމަޖެހުން ގެއްލިފައިވެއެވެ. ދޮންބެގެ މަޤާމް ފުރުމަށްޓަކައި މީގެ ދެ މަސް ކުރިން މިކޮޅަށް ބަދަލުވީ ކިޔެވުމުގެ ބޮޑުބައި އަމިއްލަ ޤައުމުގައި އުޅެމުން ވެސް ކުރިއަށް ގެންދެވޭނެ ފަދަ ގޮތަކަށެވެ. އެހެނަސް ވޭތުވި ދެ މަސް ތެރޭގައި ކިޔެވުމާއިގެން ވެސް މާ ބޮޑަކަށް ނުއުޅެވެއެވެ. މިއީ ހައްތަހާވެސް ހޮޓެލްގެ އިތުރު ޒިންމާތަކެއް ލިބުމުން ވާގޮތޭ ބަލާ މީހަކު ބުނެފާނެއެވެ. އެހެންނޫނީ އޭނައަށް އެސްފީނާއެއް ޖެހުނީއޭ ބަޔަކު މީހުން ބުނެފާނެއެވެ. އެހެނަސް މިހެން މެދުވެރިވާން ދިމާވީ ކޮންކަމެއްކަން ޔުނާއަށް ރަނގަޅަށް އެނގެއެވެ.
"އަހަރެން ބޭނުން ޔުނާއާއި އިންނަން.... އެކަމަކު ޔުނާ އަހަންނާއި އިންނަން ބޭނުންވަންޏާ ޔުނާ ޖެހޭނީ ބުރުގާ ނަގާލަން."
ޔުނާގެ ޙަޔާތް އެ ފުށްމިފުށަށް ޖެހެން ފެށީ އެ ބަސްތަކުންނެވެ. އެ ބަސްތައް ބުނެލި ދުލުގެ ވެރިޔާގެ އަޑު ކަންފަތުގައި ގުގުމާލިހެން ހީވުމުން ވެސް ޔުނާގެ ދެބުމަ ކައިރިވެ މޫނުމަތި މިލައިގެން ދިޔައެވެ. އެ ބަސްތައް އިވުމުގެ ކުރިން އޭނައަކީ މުޅި ދުނިޔޭގައިވެސް ހުރި އެންމެ ނަސީބުގަދަ އަންހެން ކުއްޖާ ކަމަށް ޔުނާ ހީކުރިއެވެ. އެހެނަސް އެ ބަސްތަކުން އޭނަގެ ހިތުގައި ހައިޖާނެއް އުފެދިގެން ދިޔައެވެ. ފުރަތަމަ ފަހަރަށް އޭނަ ލޯބިވާ ދެމީހުންކުރެ އެކަކު ޚިޔާރުކުރަން ޖެހުނު ކަހަލަ އިޙްސާސެއް ކުރެވުމުންނެވެ. އޭނަ ބުރުގާ އެޅީ އޭނަގެ ދޮންބެގެ އެދުމަށެވެ. އެހެނަސް އެ ބުރުގާއާއި ދެކޮޅު ހެދީ އޭނަ ދޮންބެއަށް ސިއްރުން ގެންގުޅުނު އޭނަގެ ލޯބިވެރިޔާއެވެ. އޭނައާއެކީ ހަތަރު އަހަރު ހޭދަކުރި އަދި އިންނަން ވެސް ރާވައިގެން ހުރި އޭނަގެ ހުވަފެންތަކުގެ ވެރިޔާއެވެ.
ޔުނާ މަސައްކަތް ކުރީ ދެމީހުންގެ ވެސް ރުހުން ހޯދޭތޯއެވެ. އެހެނަސް ނޭނގިނަމަވެސް އޭނަގެ ހިތް ބޮޑަށް ލެނބިފައިވީ އޭނަގެ ލޯބިވެރިޔާ އެދޭ ގޮތަށް ކަންތައް ކުރުމަށެވެ. ބުރުގާ އެޅުމަކީ ޚުދު އޭނަވެސް އެހާ ރުހިގެންކުރި ކަމަކަށްނުވާތީވެއެވެ. ހަމައެކަނި ބުރުގާއެއް ނޫނެވެ. ދޮންބެ އެހާވަރުން އޭނަގެ ހިތުގައި އަށަގަންނުވަން މަސައްކަތް ކުރާ އެއްވެސް ދީނީ ޝިޢާރަކީ އޭނަ ޝައުޤުވެރިވާ ކަންތައްތަކެއްނޫނެވެ. ލޯބިވެރިޔާ ވެސް ހުންނަނީ އެފަދަ ޚިޔާލެއް ކަމަށްވުމުން އެއީ ރަނގަޅު ގޮތް ކަމަށް ޔުނާއަށް ނިންމިފައިވިއެވެ.
އެހެންކަމުން ޔުނާ އެހާ ދުރުގައި ހުރެވެސް ދޮންބެއާއި ފޯނުން ވާހަކަ ދެއްކިއެވެ. ލޯބިވެރިއެއް ހުންނަ ވާހަކަ ބުނަން ޖެހިލުންވިއެއްކަމަކު ދޮންބެ އެއްގޮތަކަށް ވެސް ބުރުގާ ބޭލުމާއި އެއްބަސް ނުވުމުން އެ ވާހަކަ ވެސް އޭނައަށް ބުނެވުނެވެ. އެރޭ އޭނައާއި ދޮންބެއާއި ދެމެދު ފުރަތަމަ ފަހަރަށް ހޫނު ޒުވާބެއް ހިނގިއެވެ.
"ޔުނާ..... ކޮއްކޮއަށް ހާދަ އިތުބާރު ކޮށްފައޭ ދޮންބެ ތިތަނަށް ކޮއްކޮ ފޮނުވީ. ވަރަށް ބޮޑަށް ދެރަވެއްޖެ ދޮންބެ ކައިރި ނުވެސް ބުނެ ޔުނާ ތިކަހަލަ ކަމެއް ކުރީތީ..."
"ފޯރ ހެވެންސް ސޭކް ދޮންބޭ! ދޮންބެ ތިހީކުރާ ކަހަލަ ކަމެއް އަހަރެން ނުކުރަން.."
"ނުކުރިޔަސް އޭނައާއި އަތުގުޅުވާލައިގެން ތި ޤައުމުގެ މަގުތަކުގަ ހިނގީމަ އެއީ މާ ރީތިކަމަކީތަ ޔުނާ؟ ދޮންބެއަށް އިތުބާރުކުރޭ ޔުނާ.... ތީ ރަނގަޅު މީހެއްވެއްޖެއްޔާ އެހެން ނަހަދާނެ. އަދި އަމުދުން ބުރުގާ ނަގާލާށެކޭ ނުބުނާނެ."
"ދޮންބެ ޕްލީޒް! ދޮންބެ ތަންކޮޅެއް ޢުމުރުން ދުވަސްވީމަ އަންޑަސްޓޭންޑް ނުވަނީ ކަންނޭނގެ އަހަރެންގެ އިޙްސާސްތައް. އަހަރެން ވަރަށް ލޯބިވެއޭ އޭނަދެކެ ދޮންބޭ. އޭނަވެސް އަހަރެންދެކެ ލޯބިވޭ. އެ ވާ ލޯބީގެ ބަދަލުގަ އަހަންނަށް މިހާވަރު ކަމެއް އޭނައަށް ކޮށްދެވެން ވާނެ ދޯ ދޮންބޭ؟"
"ދޮންބެއަށް ތިކަމެއް ނޭނގޭ ޔުނާ. އެނގޭހާ ވެސް ކަމަކީ ދޮންބެކަން ޔުނާއަށް އެންމެ ރަނގަޅުގޮތް މި ބުނެދެނީ. އެއްވެސް މީހަކަށްޓަކައި ﷲ ގެ އަމުރުފުޅަކަށް ފުރަގަސް ދޭކަށް ނުވާނެ. އޭރުން ދެދުނިޔެއިން އަބާއްޖަވެރިވުން ނޫންކަމެއް ނުވާނެ. ދޮންބެ ވެސް ވަރަށް ލޯބިވޭ ޔުނާދެކެ. ދެން ޔުނާ ނިންމާނީ ދޮންބެ މި ވާ ލޯބީގެ ބަދަލު ޔުނާ ދޭނީ ކިހިނެއްތޯ..."
"އަހަރެން..... ވެސް ލޯބިވޭ ދޮންބެދެކެ. އެކަމަކު މިފަހަރު އަހަންނަށް ދޮންބެގެ ބަސް އެހޭކަށް ނެތް. މިރޭ އަހަރެން ވަނީ އޭނައާއެކީ ޑިނާ އަކަށްދާން ނިންމާފަ. އޭނައަށް ވަޢުދުވީ ގޮތަށް އަހަރެން ދާނީ ބުރުގާ ނަގާލާފަ. ހޯޕް ޔޫ އަންޑަސްޓޭންޑް، ދޮންބެ...."
"ދޮންބެ ވަރަށް ދެރަވެއްޖެ، ޔުނާ...."
ދޮންބެގެ ފަރާތުން އޭނައަށް އިވުނު ފަހު ބަސްތަކަކީ އެއީއެވެ. އައިސްފައިވި ރުޅީގައި އިތުރު އެއްޗެކޭ ނުބުނެ ފޯނު ކަނޑާލިއިރު އެއީ އޭނައަށް އޭނަގެ ދޮންބެގެ އަޑު އިވޭނެ ފަހު ފަހަރު ކަމަށް ޔުނާ ހިއެއްނުކުރިއެވެ. ފޯނު ބޭއްވުމަށްފަހު އޭނަ ދެއްކި ވާހަކައިގެ ތެރެއިން ބުނި ފަދައިން އޭނަ ލޯބިވެރިޔާއަކީ ކެއުމަކަށް ދާން ތައްޔާރުވީ އޭނަ ބުރުގާ އެޅުމުގެ ކުރިން ލައި އުޅުނު ކަހަލަ އަތްކުރު ހެދުމެކެވެ. އިސްތަށިގަނޑު ރީތި ގޮތަކަށް ހަދައި ނަލަ ހެދިލައިގެން އޭނަ އުޅޭ އެޕާޓްމެންޓުން ނިކުންނަން އުޅުނު ވަގުތު އޭނަގެ ފޯނު ރިންގުވާން ފެށިއެވެ. ފޯނު ނަގައި ކަންފަތުގައި ޖައްސާލުމުން އިވުނު ޚަބަރު އޭނަ އަތުން ހިފަހައްޓައިގެން ހުރި އަތް ދަބަސް ބިންމައްޗަށް ވެއްޓުނެވެ. ފޯނުގައި ހިފަހައްޓައިގެން ހުރި އަތް ތުރުތުރު އަޅައި އޭނަގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. ފޯނުގެ އަނެއްކޮޅުން އިވިގެން ދިޔައީ އޭނަގެ ދޮންބެ އެމްއެންޑީއެފްގެ ވެހިކަލެއް ދުއްވާފައި ދަނިކޮށް ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނިޔާވި ވާހަކައެވެ.
ސިކުންތުކޮޅެއްގެ ތެރޭގައި ޔުނާއަށް ބާރަށް ރޮއިގަންނަމުން ބިމަށް ތިރިވެވުނެވެ. އޭގެ އިރުކޮޅެއް ފަހުން ކަރުނަތައް ފޮހެ އެކި މީހުންނަށް ގުޅައި އެ ޚަބަރު ޔަޤީންކުރީ އޭނައަށް ޤަބޫލުކުރަން ވެސް ދަތިވުމުންނެވެ. އޭނަ ވަގުތުން ދޮންބެގެ މޫނު ބަލަން ދާން ފުރަން އުޅުނެވެ. އެހެނަސް ހޮސްޕިޓަލުގެ އައިސީޔޫގައި ނިޔާވުމުގެ ކުރިން ވީހާވެސް އަވަހަކަށް ވަޅުލުމަށް ދޮންބެ އެދިފައިވާކަމަސް މާލޭގައި ތިބި ރައްޓެހިން އޭނާގާތު ބުނިއެވެ.
ކުޑައިރުއްސުރެ މުޅި ޢުމުރު އޭނައަށްޓަކައި ހޭދަކުރި ދޮންބެއާއި އޭނަ ވަކިވެގެން ދިޔައީ އެފަދައިންނެވެ. 35 އަހަރުގެ ޢުމުރަށް ދިޔައިރު ވެސް މީހަކާއި ނުއިނދެ ދޮންބެގެ ހުރިހާ މުދަލެއް ދޫކޮށްދިޔައީ އޭނައަށްޓަކައެވެ. ދޮންބެ މުޅި ޢުމުރު ދުވަހު ފިކުރުކުރީ އޭނައާއި މެދުގައެވެ. އޭގެ ބަދަލުގައި ކަންތައް ކުރެވުނު ގޮތަށްޓަކައި ޔުނާއަށް އަދި އަދަށްދާން ދެންވެސް އަމިއްލަ ނަފްސު ކުށްވެރި ކުރެވެއެވެ. އެދުވަހުން ފެށިގެން ވެސް އޭނަގެ ލޯބިވެރިޔާއާއި ގުޅުން ކަނޑައި އަލުން ބުރުގާ އެޅީ އިޙްސާސުގެ ސަބަބުންނެވެ. އެހެނަސް އެއިން ހިތުގެ ގިލަންވެރިކަމަށް ކުޑަވެސް ބަދަލެއް ނާދެއެވެ.
ޔުނާ އޭނަގެ ޚިޔާލުތަކުގެ ފުންކަނޑުގެ ތެރޭގައި ގެނބެމުން ދަނިކޮށް ބެލްކަނީގެ ފަހަތުން ފެންނަމުން ދިޔަ ކޮޓަރީގެ ތެރެއިން އޭނަގެ ފޯނު އެލާމްވާން ފެށި އަޑުއިވުނެވެ. އެއަޑަށް ޔުނާ ފަހަތް ބަލައިލަމުން އެ ވަގުތުކޮޅަށް ޚިޔާލުތައް އަނބުރާ ގެނައެވެ. އަދި އަތުގައި ހުރި ޖޫސްތަށި ހުސްކޮށްލަމުން ކޮޓަރިއަށް ވަންނަން ދިޔައީ ޔޮޓުގައި އޮތް ޕާޓީއަށް ދިޔުމުގެ ކުރިން ކުޑަކޮށް ތާޒާ ވެލުމަށެވެ.
މިނެޓްތަކެއްގެ ތެރޭގައި ޔުނާ ހުޅުމާލޭގައި އުޅޭ ޢިމާރާތުން ނިކުމެގެން އައީ ރަތްކުލައިގެ ކުޑައަކާއި އެކީގައެވެ. އެވަގުތު ހިމަފޮދު ވާރޭ ވެހެމުން ދިޔައީތީ ކާރަށް އެރެންދެން ވެސް ހިޔާ ވެލުމަށެވެ. ޔުނާ ކުޑަ ހިފައިގެން ޢިމާރާތުގެ ބޭރަށް ނިކުތީ ޢިމާރާތުގެ ކައިރީގައި އޮތް ޕާކިންގް އޭރިއާގައި ޕާކްކޮށްފައި އޮތް އޭނަގެ ކާރަށް އެރުމަށެވެ. އެހެނަސް އޭނައަށް އާދެވުނީ ފޯނު ބާއްވާފައިކަން އެނގުނީ ކާރު ކައިރިއަށް ގޮސް ކުޑަ ބިންމަތީގައި ބާއްވަމުން ދޮރު ހުޅުވަން އުޅުނު ވަގުތެވެ. ފަހަކަށް އައިސް އެފަދަ ކަންތައް ހަނދާން ނެތޭ ކަމަށްޓަކައި އެވަގުތުވެސް އަމިއްލަ ނަފްސާއި މެދު ހިތްހަމަނުޖެހުނެވެ. ލަސްވެސް ވަމުން ދާކަން ހަނދާން ކުރަމުން ޔުނާ ޢިމާރާތަށް އަނބުރާ ދާން ދުއްވައިގަތީ އެ ކުޑަ މަގާއި ދިމާލަށް ވާ ފަރާތުގައި ބާއްވާފައެވެ. ޔުނާ ދިޔަތާ މާ ގިނައިރެއްނުވެ ޖެހުނު ވަޔާއި އެކީ އެ ކުޑަ އެނބުރެމުން ގޮސް މަގުގެ މެދުގައި މަޑުކޮށްލިއެވެ. ހަމަ އެ ވަގުތު އެ މަގުގެ ތަންކޮޅެއް އެކޮޅުން އެމްއެންޑީއެފްގެ ކުޑަ ޕިކަޕެއް ދުއްވަމުން އައެވެ.
"އާނ މަންމާ މިރޭ ތަންކޮޅެއް ބިޒީ. ސީ ރެސްކިއު ޓްރެއިނިންގްއެއް މިރޭ އޮތީ." ފެހި ޔުނިފޯމުގައި އެ ޕިކަޕް ދުއްވަން އިން ޒުވާނާ އެ ވާހަކަ ބުނެލީ ކަންފަތުގައި ބްލޫޓޫތް އަޅުވައިގެން ހުރެއެވެ. އެ ވެހިކަލް ދުއްވަމުން ދަނިކޮށް އޭނަ އޭތި މަޑުކޮށްލަން މަޖުބޫރުކުރުވީ މަގުގެ މެދުން އޭނައަށް ފެނުނު ކުޑައެވެ.
(ނުނިމޭ)