ސިހުނުވަރުން އަތުގައި އޮތް ކުޑަ ވެސް ދޫވެގެން ގޮސް ބިން މައްޗަށް ވެއްޓިއްޖެއެވެ. ދެލޯބޮޑުކޮށްލަމުން އީވާއަށް ބަލަން ހުރެވުނެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރުތަކަކީ ހުވަފެނަކަށް ވެދާނެއޭ ހިތާ ހަލުވިކަމާއެކު އެސްފިޔަތައް ވެސް ތަޅުވާލެވުނެވެ.
''މާކިން؟...'' އީވާއަށް ބުނެވުނެވެ. އެސްފިޔަތައް ކިތަންގެ އަވަހަށް ތަޅުވާލިޔަސް ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ބަދަލެއް ނުވިއެވެ.
ނޭފަތާއި އަނގައިގައި ހިފަހައްޓައިގެން ހުރި މާކިންއަށް ދެލޯމަރާ ބާރުކޮށްލެވުނީ ވީ ތަދެއްގެ ބޮޑުކަމުންނެވެ. އީވާ ދިން ހަމަލާގެ ސަބަބުން މީހާ ހުރީ ބުރާންތިވާ ވަރުވެފައެވެ. މޫނުމަތިން ކުދި ކޮކާތައް ވެސް އުދުހިގެން ދިޔަ ކަހަލައެވެ. އަތުގެ އިނގިލިތަކުގެ ތެރޭން އޮލައެއްޗެއް ދައުރުވާހެން ހީވެގެން، ލޯހުޅުވައި ބަލައިލިއިރު ނޭފަތް ފަޅައިގެން ގޮސް ލޭ އަންނަން ފަށައިފިއެވެ.
''ސޮރީ، އަހަރެން ހީކުރީ...'' އީވާ ބުނަން އުޅުނެވެ. އޭނައަށް މާކިންގެ އިނގިލިތަކުގެ ތެރޭން ފޭދެމުން އައި ލޭފެނުމުން ބިރުން ގޮސް ކުރިއަށް ޖެހިލެވުނެވެ. އީވާ ހުރީ ދެރަވެފައެވެ. މާކިންއަށް އަނިޔާ ވުމުންނެވެ. އޭނަ އެހާ ބާރަށް ޖެހީ ވެސް އޭނަގެ ފަހަތުން އަންނަނީ ނުލަފާ މީހެކޭ ހިތާއެވެ. އެމީހެއްގެ މަޤުސަދާ މެދު ހިތުގައި އުފެދުނު ބިރުވެރިކަމާއެކު އަމިއްލަ ނަފުސުގެ ދިފާއުގައި ތެދުވެވުނީއެވެ. ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަން އެވަގުތު އޭނަގެ އަތުގައި އޮތީ ހަމައެކަނި ކުޑައެވެ. އަތުގައި ހުރި ބާރެއް ލާފައި ފަހަތުގައި ހުރި މީހާއަށް ހަމަލާދެވުނީ ވިސްނާލުމެއް ނެތިއެވެ.
މާކިންއަށް ދެލޯހަނިކޮށްލެވުނެވެ. އަޅަމުން ދިޔަ ވޭނާއެކުގައި ފަސްއެނބުރިލިއެވެ. އޭރު ތަންކޮޅެއް ދުރުގައި އޭނައާއި އީވާއަށް ބަލަހައްޓައިގެން ތިބި ދެފިރިހެނުން ޚިޔާލު ބަދަލުކޮށްލަމުން އެމީހުންގެ މިސްރާބު ބަދަލުކުރަނީއެވެ. އީވާއަށް ވެސް އެމަންޒަރު ފާހަގަ ވިއެވެ. އެއީ މަސްތުގެ ހާލަތުގައި ތިބެ ބާއިން ނިކުތްތަން ފެނުނު ދެމީހުންނެވެ. އީވާއަށް ކަންތައް ވެދިޔަ ގޮތް ވިސްނައިގަނެވުނެވެ. އެމީހުން އޭނަގެ ފަހަތު އަޅުވާލުމުން މަދަދުވެރިކަމަށް އައީ މާކިންއެވެ. އެނުބައި މީހުންގެ ގޯސް ނިޔަތް ދެނަގެނެ އޭނަގެ ހަށިފާރަވެރިޔާއަށް އައި ފަރާތަށް ހަމަލާދެވުމުން އީވާއަށް ތިރީ ތުންފަތުގައި ދަތް އަޅާލެވުނެވެ. މާކިން އޭނައާ ދިމާއަށް ލޯއަޅާއިލުމުން ކަންތައް ކުރާނެ ގޮތަކާ މެދު އީވާއަށް ވިސްނާލެވުނެވެ.
އީވާއަށް މާކިންގެ މޫނަށް ބަލައިލެވުނެވެ. ނޭފަތުން އަންނަ ލޭފޮހެލަމުން ހިނދުރީވެ އެއްފަޅީގައި ހިފަހައްޓާލައިގެން މާކިން ހުއްޓެވެ. ތުންފަތް ވެސް ވަނީ ފަޅައިގެން ގޮސްފައެވެ. ކުޑައިގެ މުށްގަނޑުން ބާރަށް ޖެހުމުގެ ނަތީޖާއެވެ.
''ސޮރީ، އެގޮތަށް ފަހަތުން އައީމަ ބިރުން ގޮސް ކުޑަ އިން ޖެހުނީ، ސޮރީ... މާކިން...'' އީވާ މަޢާފަށް އެދުނެވެ. އަވަސްއަވަހަށް ކޮނޑުގައި އޮތް އަތްދަބަސް ހުޅުވާލަމުން ޓިޝޫ ޕެކެޓެއް ނެގިއެވެ. ވަށައިގެން އޮތް މާހައުލު ހޯދާލިއިރު އެތާ ކައިރީގައި ހުރި ބާރޗް ގަހެއްގެ ހިޔަލުގައި ހުރި ހިލައިގެ ގޮނޑި ލޮލުގައި އަޅައިގަތެވެ.
''އިށީންނަންވީނު...'' ހިލައިގެ ގޮނޑިއަށް އިޝާރާތްކުރަމުން އީވާ އެދުނެވެ. އިރުކޮޅެއް ފާއިތުވެގެން ދިޔަ އިރުގައި ވެސް މާކިން އީވާ ބުނިފަދައިން ކަންތައް ނުކުރުމުން މާކިންގެ އަތުގައި އީވާ ހިފިއެވެ. އަދި ގެންގޮސް ހިލައިގެ ގޮނޑީގައި ބޭން ދިއެވެ. އެއަށްފަހު މާކިން ކުރިމައްޗަށް ހުއްޓިލަމުން ނޭފަތުން އަތް ނެގުމަށް އީވާ އެދުނެވެ.
''މާކިން!...'' އީވާ އެދުނު ފަދައިން މާކިން ކަންތައް ދޫނުކުރުމުން އީވާއަށް ގޮވާލެވުނެވެ. ގޮތްދޫނުކުރަން އުޅުނު މާކިންގެ އަތުގައި އީވާ ހިފެހެއްޓިއެވެ. އަދި ނޭފަތާއި އަތް ދުރުކޮށްލިއެވެ.
''އަހަރެން ހީކުރީ އަހަރެން އެކަނިކޮށްލާފަ މާކިން ދިޔައީ ކަމަށް، އެހެން ހިތަށް އަރާ ބިރުން ހުރެ ގެއަށް ދަނިކޮށް ފާޑެއްގެ ދެމީހުން ފަހަތުން އަންނަން ފެށީ، ފިޔަވަޅުތައް ކައިރިވީމަ ކުޑަ އިން ޖެހުނީ، ކިހިނެއް އެނގޭނީ އަހަރެންގެ ފަހަތުގައި ހުރީ މާކިން ކަމެއް، ދަންވަރު ގަޑީގައި އެކަނި ދޫކޮށްލާފަ ދިޔަ މީހާ އައިސްދާނެކަމަށް ހިޔެއް ނުކުރަން... އައިމް ރިއަލީ ސޮރީ... ތަދުވޭތަ؟...'' އަތުގައި އޮތް ޓިޝޫ ޕެކެޓުން ނެގި ޓިޝޫން މާކިންގެ މޫނުގައި ހުރި ލޭ ފޮހެލަމުން އީވާ ބުންޏެވެ. ތުނބުޅީގެ ތެރެއަށް ފޭދިފައި ހުރި ލޭތައް ފޮހެން އީވާއަށް އުނދަގޫ ވިއެވެ. ތުންފަތް އަރިއަކަށް ދަމާލެވުނީ އެހެންވެއެވެ. ނަސީބަކުން އޭރު މާކިންގެ ނޭފަތުން އަންނަމުން ދިޔަ ލޭ މަނާވެއްޖެއެވެ.
''ތި ތުނބުޅިއެއް ވެސް ދޯ...'' އީވާއަށް ބުނެވުނެވެ. މާކިން މޫނުހަދައިގެން އިނުމުން އީވާ ލަދުގަންނަ ގޮތް ވެސް ވިއެވެ. ކުރެވުނު ކަންތައް ހަނދާންވުމުންނެވެ.
ހިމޭންކަމުގެ ސުކޫތެއް ފާއިތުވެގެން ދިޔައެވެ.
''އަހަރެން ހީކުރި ކަހަލަ މޮޔައެއް ތީ...'' އިރުކޮޅެއް ފަހުން މާކިން ބުނެލިއެވެ. އަތްދަބަސް ތެރޭން އޭނަ ގެންގުޅޭ މެޑިކަލް ކިޓް ނަގަން އުޅުނު އީވާއަށް އޭނަގެ ހަރަކާތްތައް މަޑު ޖައްސާލަމުން މާކިންއަށް ބަލައިލެވުނެވެ. އެބުނި އެއްޗެއް ޤަބޫލުކުރަން ދަތިވެފައެވެ.
''މޮޔައެކޭ؟...'' އަތުގައި އޮތް މެޑިކަލް ކިޓާއެކު އީވާއަށް އުކުޅުގައި އަތް ވިއްދާލެވުނެވެ. ހިސާބެއްގެ ނުރުހުންތެރިކަން އެމޫނުގައި ވިއެވެ.
''ދަންވަރު ގަޑީގައި އަންހެންކުއްޖަކު އެކަނި ގެޔަށް ދާނެތަ؟، ކީއްވެ ޓެކްސީއެއް ނުނަގާ ފައިމަގުގަ ދާން އުޅުނީ...'' އީވާ ބަލަން ހުރި ގޮތުން މާކިންއަށް ބުނެވުނެވެ. އޭނަ ބުނި ޖުމުލަ އިތުރަށް ތަފުސީލުކޮށްދިނެވެ.
''އަހަރެން އެތަނަށް ދޫކޮށްފަ ދިޔަ މީހަކީ ވެސް ތިއެއްނު!...'' ބުމަގޮށްޖަހާލަމުން އީވާ ހަނދާންކޮށްދިނެވެ. ''އެކުވެރިކަމަށް ފުރުސަތު ދިނީމަ ވެސް ރުޅި މޫނު ހަދާފަ ދިޔައީ މާކިން!، އަހަރެން އެކަނިކޮށްފަ ދިޔައީ ވެސް ހަމަ މާކިން އެއްނު!...''
ޖަދަލުކުރަން އުޅެފައި ވެސް މާކިން ހިމޭން ވިއެވެ. އީވާ ދޮގެއް ނަހަދައެވެ. އެހާމަކުރަނީ ތެދެވެ. ދަންވަރުގެ ހަމަހިމޭން މާހައުލުގެ ތެރެއަށް އީވާ އެކަނިކޮށްފައި ދިޔައީ އޭނަ އެވެ. ދެވަނަ ވިސްނުމަކާ ނުލައެވެ. އޭރު އޭނަ ބޭނުންވީ އީވާއާއި ދުރަށް ދާށެވެ. ހިތުގެ އިހުސާސްތަކަށް ފިލަންށެވެ. ނަމަވެސް މިހާރު އޭނަ އެހުރީ އީވާގެ ގާތުގައެވެ. ރުޅި މޫނު ހަދާފައި ދިއުމުގެ ފުރުސަތު އޭނައަށް ލިބިފައި އެބައޮތެވެ. އީވާއަށް ކުރެވުނު ކަންތަކުން ރުޅިއައިސް ހަޅޭއްލަވައި ދެރަކޮށްލުމުގެ ފުރުސަތު ވެސް މެއެވެ. އެހެނަސް އެފަދައިން ކަންތައް ކުރުމުގެ ހިތްވަރެއް ނުލިބުނެވެ. އީވާއާއި ދުރަކަށް ވެސް ނުދެވުނެވެ. އަމިއްލަ އިހުތިޔާރުގައި އޭނަ އިށީނދެގެން އެއިނީ ދުރަށް ދާން ބޭނުން ނުވެފައެވެ. އެކަމާ މެދު ވެސް އޭނަ އަޖައިބު ވިއެވެ. މިހުރިހާ ދުވަހު އަމިއްލަ ނަފުސަށް ނަގައިދެމުން ދިޔަ ފިލާވަޅުތަކުން ރަނގަޅު ނަތީޖާއެއް ނުނެރެވުނީތީއެވެ. އެހިތް ޒަހަމްވެފައި ވިޔަސް އަދިވެސް އެއިހުސާސްތަކަށް އެދެވޭތީއެވެ. ކޮންފަދަ ނުސިޔާނު ހިތެކެވެ. އަނިޔާވެފައިވާ ހާލުގައި ވެސް އިތުރު އަންހެންކުޖަކަށް އިތުބާރުކުރަން އެދަނީ ގޮވަމުންނެވެ. އީވާއާއި އެހެނިހެން އަންހެންކުދިންނާ ހުރި ތަފާތުތައް ވިސްނައިދީ އިތުރަށް އެގުޅުން ބަދަހިކުރުމާސް ވެސް އެދަނީ ހިތްވަރު ދެމުންނެވެ. ނަމަވެސް ސިކުނޑީގެ ލޯގަނޑަށް ފާޅުވެގެން ދިޔަ ހަނދާންތަކާއެކު މޭގައި ރިއްސާލައިފިއެވެ. ހިތްދަތިކަމާއި އަނެއްކާ ވެސް ކުރިމަތިލާން ވެއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ އޭނައަށް އީވާގެ ދިރިއުޅުމުގެ މަޢުލޫމާތެއް ލިބިފައި ވެސް ނެތެވެ. އެހުރިހާ ސަބަބުތަކާއެކުގައި ވެސް އެހިތް އީވާއަށް ލެނބެމުން ދިޔައީ ކީއްވެގެން ހެއްޔެވެ؟
''ސޮރީ!...'' ހިމޭނުން އިނދެފައި މާކިން ބުނެލިއެވެ. އީވާއަށް ލިބުނީ ހައިރާންކަމެވެ. ސިހުނުވަރުން ދެލޯ ބޮޑުކޮށްލެވުނެވެ. އެއީ ހަމަ މާކިން ބާވައޭ އޭނަގެ ހިތަށް އެރިއެވެ.
''ރަނގަޅަށްތަ އަހަންނަށް މިއަޑުއިވެނީ؟... އަހަރެންގެ ގާތު މާކިންތަ މަޢާފަށް ތިއެދެނީ؟...'' އީވާގެ އަނގަ ތަންމިނަށް ހުޅުވިގެން ދިޔައެވެ. އެކަން ރޭކާލީ އޭނައަށް މާކިން މާ ވަރަކަށް ބަލަން ފެށުމުންނެވެ. އީވާއަށް އަވަސް އަވަހަށް އަނގަލައްޕާލެވުނެވެ.
''ހޫމްމްމް...'' މާކިން ރާގެއްލައްވާލިއެވެ. އެއާއެކު އީވާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
''މަޢާފްކޮށްފިން، ދުވަހަކު ހިޔެއް ނުކުރަން މާކިން މަޢާފަށް އެދިފާނެޔޭ....... އެހެންވީމަ އަހަރުމެން ދެމެދުގަ ޖެހުނު ހުރިހާ މައްސަލައެއް މިހިސާބުން ނިމުނީ ކަމަށް މި ކަނޑައެޅީ...'' އުފާވެރިކަން އީވާގެ އަޑުގައި ވިއެވެ. ތުންފަތުގައި ކުޅެމުން ދިޔައީ ލުއި ހިނިތުންވުމެކެވެ.
މާކިންގެ ތުންފަތުން ފަޅައިގެން ދިޔަ ހިސާބު ވެސް އީވާ ސާފުކޮށްލަ ދިނެވެ. އަދި ބޭސް ވެސް ހާކާލަ ދިނެވެ. އެހުރިހާ އިރު ވަންދެން އީވާއަށް ބަލަން މާކިން އިނެވެ. އީވާގެ ކޮންމެ ހަރަކާތަކުން މާކިންގެ ހިތަށް ފުން އަސަރުތައް ކުރުވަމުން ދިޔައެވެ. ނޭނގޭ ދަމާބާރެއް އެދެމެދުގައިވާ ކަހަލައެވެ. ދުރުވާން ބޭނުން ވިޔަސް ހިތުގެ އިހުސާސްތަކުގެ ސަބަބުން އެކަމަށް ހުރަސް އެޅިގެން ދެއެވެ.
''ފްރެންޑްސް؟...'' މާކިންގެ ޒަހަމްތަކަށް ފަރުވާ ދީ ނިމުމުން އީވާއަށް ބުންޏެވެ. އަދި ސަލާމްކޮށްލަން އަތް ދިއްކޮށްލިއެވެ. އެއަތުގައި ހިފުމުގެ ބަދަލުގައި މާކިން އޭނަގެ ފުރިހަމަ އިސްކޮޅަށް ތެދުވުނެވެ. މާކިންގެ އެހަރަކާތުން އީވާގެ ހިތް އަވަސްވެގެން ދިޔައެވެ. އެދެމެދުގައި އޮތް ހަނި ދާއިރާގެ ސަބަބުން މީހާ ފިނިވާން ފެށީ ކުއްލިޔަކަށެވެ.
''ޓެކްސީއެއް ލިބޭތޯ ބަލަމާ...'' މަގަށް ނަޒަރު ދެމުން މާކިން ބުނެލިއެވެ. އަދި ދުރަށް ހިނގައިގަތެވެ. އީވާގެ ވާހަކަތަކަށް ސަމާލުކަން ދޭން މާކިން ބޭނުމެއް ނުވިއެވެ. އެކަން އީވާއަށް ނަގައިގަނެވުނެވެ. އޭނަ ހިމޭންކަން ޚިޔާރުކުރީ މާކިންއަށް ވަގުތު ދޭން ބޭނުން ވީތީއެވެ. ލަސްލަހުން ވިޔަސް އެމެދުގައި އޮތް ގުޅުން ބަދަހިކުރަން އީވާ ނިޔަތް ގަތެވެ. މާކިންއާއި ދުރުގައި ހުރުން ދަތިކަމަކަށް ވެފައި ވީތީއެވެ. ހަމައެއާއެކު މިރޭގެ ހާދިސާ ހިތުގައި ބިންވަޅު ނެގިގެން ދިޔައެވެ. އެއީ ޚާއްސަ ރެޔެކަށް ވެސް ވެއްޖެއެވެ.
*****
ވިއްސަކަށް މިނެޓް ވަންދެން މަޑުކުރަން ޖެހުނެވެ. ޓެކްސީއެއް ލިބުމުން މާކިން އީވާއަށް ބަލައިލިއެވެ. އީވާ ބޭނުންވީ މާކިންއާއެކު ހިނގާފައި ގެއަށް ދާށެވެ. ނަމަވެސް އެއުއްމީދު ވިއްސިވިހާލިވެގެން ދިއުމުން ތުންފަތުގައި ދަތް އަޅާލެވުނެވެ. އަދި ފުން ނޭވާއެއް ދޫކޮށްލެވުނެވެ.
''އަހަރެން އެކަނި ފޮނުވާލަންތަ މާކިން ތިއުޅެނީ؟...'' ހިނގާފައި ނުދެވުނަސް މާކިންއާއެކު ޓެކްސީގައި ދާން އީވާ ބޭނުންވިއެވެ. އިތުރަށް މާކިންއާއެކު ވަގުތު ހޭދަކުރުމުގެ ނިޔަތުގައެވެ.
މާކިން ވިސްނާލިއެވެ. އީވާގެ މޫނުގެ ކުލަވަރު ބަދަލުވެފައިވާތަން ފެނި އޭނައަށް ބޮލުގެ ފުއްކިބައިގައި ފިރުމާލެވުނެވެ. ފުން ވިސްނުމަކަށް ގެއްލުނު ކަހަލައެވެ. ޓެކްސީއަށް ދިން ނަޒަރަށް ފަހު އޭނަ އީވާއަށް ވެސް ބަލައިލިއެވެ.
''ދަންވަރު ގަޑީގަ އެކަނި ދާން އަހަރެން ބިރުގަނޭ، އަހަންނާއެކު ނުދާނަންތަ؟...'' ޓެކްސީގައި ދާން ޖެހިލުން ނުވިޔަސް މާކިން އޭނައާއެކު ގެންދަން ވެގެން އީވާ ބުންޏެވެ. އަޑަށް ނުތަނަވަސްކަން ގެންނަމުންނެވެ.
އީވާގެ ޖުމްލައާ މެދު އިރުކޮޅެއް ވަންދެން ވިސްނަން މާކިން ހުއްޓެވެ.
''އެންމެ ރަނގަޅު...'' މާކިން އެއްބަސްވުމާއެކު އީވާގެ މޫނު އުޖާލާވެގެން ދިޔައެވެ. އެތުންފަތަށް ރީތި ހިނިތުންވުމެއް ވެރިވިއެވެ.
''ކީއްވެތަ ކުރީ ސީޓަށް ތިއަރަނީ؟، އަހަންނާއެކު ފަހަތު ސީޓުގަ އިށީންނަން ވީނު؟...'' މާކިން ޓެކްސީގެ ކުރީ ސީޓަށް އަރަން ދިމާކޮށްލުމާއެކު އީވާއަށް ބުނެވުނެވެ. ދޮރުގެ އަތްގަނޑުގައި ހިފާލި މާކިންއަށް އީވާގެ މޫނަށް އަވަސް ނަޒަރެއް ދެވުނެވެ. ހައިރާންކަމާއެކުގައެވެ.
''ޕްލީސް... ފަހަތުގަ އިށީންނަން ވީނު، އަދިވެސް ބިރުގަނެޔޭ...'' އީވާގެ އަޑުގައި ވަނީ އާދޭހެވެ. މާކިން އެންމެފަހުން ޚިޔާލު ބަދަލުކޮށްލަމުން އެރީ ފަހަތު ސީޓަށެވެ. އަނގައިގެ ދަތްތައް ފެންނަވަރަށް ހިނިތުންވެލަމުން އީވާ ވެސް މާކިންގެ ފަހަތުން ޓެކްސީއަށް އެރިއެވެ.
ޑްރައިވަރު ގާތު ދާންވީ މަންޒިލް ފުރަތަމަ ބުނީ އީވާ އެވެ. އެއަށްފަހު މާކިން އެވެ. އެވަގުތު އީވާއަށް ހިނިތުންވެވުނެވެ. ދުވަން ގޮސްފައި ދިމާވި ހާދިސާ ހަނދާންވުމުންނެވެ. އެދުވަހަށް ފަހު އެމަގުން އޭނަ ނުދެއެވެ. މާކިން ދެކެ ވީ ފޫއްސެއްގެ ސަބަބުންނެވެ. މިހާރު އެދުވަސްތައް މާޒީވެ ގޮސް ފިއެވެ. އެކަމާ ވިސްނާލެވުނުން ހިނި އާދެވެނީ ވެސް އެހެންވެއެވެ.
*****
ޓެކްސީ ގޮސް އެޕާރޓްމެންޓް ކުރިމައްޗަށް މަޑުކޮށްލުމާއެކު އީވާއަށް ތުން ދިގުކޮށްލެވުނެވެ. އޭނައާއި މާކިންގެ ރެޔަށް ނިމުމެއް އައުމުންނެވެ. އުދާސްކަމުގެ ނޭވާއެއް ދޫކޮށްލުމަށްފަހު ޓެކްސީއަށް ކުލި ދައްކަން އުޅުމުން އެކަން މާކިން މަނާ ކުރިއެވެ. އަދި ހަރަދުގައި އޭނަ ހިފާނެ ކަމަށް ބުނެލިއެވެ. ވެދިޔަ ކަންތަކުގެ ބަދަލެއްގެ ގޮތުގައެވެ. މާކިންއަށް ބަލައިލަމުން އީވާ ބޯޖަހާލިއެވެ.
ކާރުން ފޭބުމުގެ ކުރިން މާކިންއަށް ބަލައިލިއެވެ. އަދި ބާއްޖަވެރި ރޭގަނޑަކަށް އެދެމުން ކާރުން ފޭބިއެވެ. އޭރު އީވާގެ މޫނުމަތިން މޮޅިވެރިކަން ފާޅުވަމުން ދިޔައެވެ.
އީވާއަށް އެތެރެއަށް ވަދެވެންދެން ޑްރައިވަރު ގާތު މަޑުކުރުމަށް މާކިން އެދުނެވެ. އެކަމަށް ވެސް އީވާގެ ސަމާލުކަން ހުއްޓުނެވެ. އޭގެ ސަބަބުން ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.
''ހީ ކެއާރސް އެބައުޓް މީ...'' އީވާއަށް ހިތާ ހިތާ ބުނެވުނެވެ.
*****
އެރޭ އީވާއަށް ލޮލުފިޔަ ޖަހާ ނުލެވެއެވެ. މާކިން އޭނަގެ މޫނުގައި ހިހެފެއްޓި މަންޒަރު ސިފަކުރެވުނު އަދަދެއް ނޭނގެއެވެ. ތުންފަތުގައި ހިނިތުންވުމެއް ކުޅެލަނީ ހިތަށް ލިބިފައިވި އުފާވެރިކަމުގެ ސަބަބުންނެވެ. މާކިންގެ ހަނދާންތަކާއެކު ޚިޔާލީ ގަނޑުވަރެއް ބިނާ ކުރެވުނެވެ. އުއްމީދުގެ ހުޅުކޮޅުން ހިތަށް ތަސައްލީއެއް ގެނެސްދިނެވެ. ފިނިކަން ގެނެސްދިނެވެ.
''ހީ މޭ ބީ އެރޮގެންޓް އެޓް ފަސްޓް، ބަޓް ހީ އިސް ކައިންޑް... މާކިންގެ ދިރިއުޅުމުގެ ހުރިހާކަމެއް އެނގެން އަހަރެން ބޭނުން، އެކަނިވެރިކަމަށް ނިމުން ގެންނަން ބޭނުން... މާކިން!........... މާކިން!... އަހަންނަށް ކީއްތަ ތިކުރަނީ... ވިސްނާވިސްނާ މޮޔަވާ ހިސާބަށް ގޮސްފި...'' އީވާއަށް އެއްގޮތަކަށް ވެސް ނުނިދުނެވެ. ލޯމަރާލިޔަސް ފެންނަނީ މާކިންގެ ސޫރައެވެ. އެއަތުގެ ބީހުން އަދިވެސް އިހުސާސްކުރެވެއެވެ. ނޭވާގެ ހޫނުކަން ވެސް މެއެވެ.
''އަހަރެން މޮޔަ ވަނީތަ؟...'' އީވާއަށް އެނދުން ތެދުވެވުނެވެ. ލޯގަނޑު ކުރިމައްޗަށް ހުއްޓެވުނެވެ. ނިދާބޮކީގެ ފަނޑު އަލިކަމުގެ ތެރޭން ލޯގަނޑުން ފެންނަމުން ދިޔަ ސޫރައަށް ބަލައިލެވުނެވެ. އަދި ކޯތާފަތުގައި އަތް ޖައްސާލެވުނެވެ. އޭރު ސިފަކުރެވުނީ މާކިން އޭނަގެ ކޯތާފަތުގައިވި ކަރުނަތައް ފޮހެލަ ދިން އިންޤިލާބީ މަންޒަރެވެ.
''މިވަނީ ކިހިނެއްތަ؟... އަހަރެންގެ ހިތް...'' އީވާއަށް މޭގައި ވެސް އަތް ޖައްސާލެވުނެވެ. މިއީ ދުވަހަކު ވެސް އޭނައަށް އިހުސާސްކުރެވުނު ކަމެއް ނޫނެވެ. އެޖަޒުބާތުތަކާ މެދު ފުންކޮށް ވިސްނާލެވުނެވެ. މިއީ ކޮންކަހަލަ ޖަޒުބާތެއް ހެއްޔެވެ؟ މިއީ އެބުނާ ލޯބި ހެއްޔެވެ؟
މޮޔައެއްހެން ހިނިތުންވަމުން ގޮސް އީވާއަށް އެނދުމައްޗަށް ވެއްޓިގަނެވުނެވެ. އަދި ފުން ނޭވާތަކެއް ދޫކޮށްލެވުނެވެ. އިޝްޤުގައި ޖެހިފައިވާ ޕަރުވާނާއެއް ފަދައެވެ. އިރުއިރުކޮޅާ ރަކި ހިނިތުންވުމެއް އެތުންފަތަށް ވެރިވެއެވެ.
*****
ފާހަނާގައި ހުރި މާކިންއަށް ކުރިމަތީ ހުރި ލޯގަނޑުން އޭނަގެ ސޫރައަށް ބަލައިލެވުނެވެ. އަދި ތުންފަތުން ފަޅައިގެން ގޮސްފައި ހުރި ހިސާބުގައި ޝަހާދަތްއިނގިލި ޖައްސާލެވުނެވެ. ތަދުގެ އިހުސާސާއެކު ދެވަނަ ސިކުންތުގައި އިނގިލި ދުރުކޮށްލެވުނެވެ. އޭރު ސިކުނޑީގައި ދައުރުވަމުން ދިޔަ ޚިޔާލުތަކުން އެމޫނަށް މައުނަވީ އަސަރެއް ވެރިވެފައި ވިއެވެ. އެގޮތުގެ މަތީން އިރުކޮޅެއް ފާއިތުވެގެން ދިޔަ ތަނާ ކުއްލިޔަކަށް މާކިންގެ މޫނުގެ ކުލަވަރު ބަދަލުވެ މޫނުދޮންނަ ތަށިގަނޑުގައި ބާރަށް ދެއަތް ވިއްދާލެވިއްޖެއެވެ. އެރީތި ހަށިގަނޑުގެ މަސްތަކަށް އޭރު ވާންކަން އަރާފައިވިއެވެ.
''ކިހިނެއްތަ މިވީ؟...'' މާކިންއަށް އޭނަގެ ޒަމީރާ ސުވާލުކުރެވުނެވެ. ''ކޮން ކަހަލަ މޮޔަކަމެއްތަ އަހަންނަށް މިކުރެވުނީ... ކީއްވެތަ މިހިތަށް އަދިވެސް އެއްވެސް އެއްޗެއް ނުވިސްނިގެން މިއުޅެނީ؟... އަދިވެސް އެހަނދާންތައް އަހަންނާއެކު ވޭ، ވަކިވާން ބޭނުން ވިޔަސް އުނދަގޫކަމަކަށް ވެއްޖެ، އަދިވެސް އަހަރެންގެ މިހިތް އެކެހިވެރިޔާއަށް ބޭނުންވޭ، އެކަމަކު... އެކަމު ކީއްވެގެންތަ އެއްޗެއް ނުވިސްނިގެން މިއުޅެނީ؟... ކީއްވެތަ އީވާއާ މެދު އަހަރެންގެ އަމަލުތައް ތަފާތުވީ؟، ރުޅިއަންނަން ބޭނުން ވިޔަސް އެކަން އުނދަގޫ ކަމަކަށް ވެފައި ވަނީ ކީއްވެ؟... ކީއްވެ؟...'' މާކިންގެ ލޮލުގެ ހިމަކޮޅުން ލާފައި ފޭބި ކަރުނަ ގޮސް ތުންބުޅީގެ ތެރެއަށް ހިނދިގެން ދިޔައެވެ. މާކިންއަށް ރުޅި އާދެވުނެވެ. ގެނައި އަވަސް ހަރަކާތާއެކު ކަރުނަތައް ފޮހެލިއެވެ. އަދި ލޯހަނިކޮށްލެވުނެވެ.
''އެ ނުލަފާ އަންހެނާ އުފަލުގައި ވާއިރު ކީއްވެތަ އަހަރެން މިހެން އުޅެން ޖެހިފައި މިވަނީ؟...'' މާކިންއަށް އޭނަގެ ހިތާ ޝަކުވާ ކުރެވުނެވެ. ހިތުގެ އުދާސްތައް ބޭރުވާން މަސައްކަތްކުރާ ކަހަލައެވެ. އެހިތްދަތިކަމުގައި އުޅޭތާ އަހަރަކަށްވުރެން ގިނަ ދުވަސް ވެއްޖެއެވެ. އޭނަގެ މުޅި ދިރިއުޅުން އެވަނީ އަނދަވަޅަކަށް ވެއްޓިފައެވެ. ދިރިއުޅުމާ މެދު ދެކުނު ހުރިހާ އުއްމީދެއް ވަނީ ވިއްސިވިހާލިވެފައެވެ. އޭނަގެ އަލަތު ލޯތްބެއް ހާސިލެއް ނުކުރެވުނެވެ. ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާއެވެ. އެހިތްދަތިކަން އަދިވެސް އެހިތުގައި ވެއެވެ.
މުށްކަވާލެވުނު އަތުން މާކިންއަށް އޭނަގެ މޭގައި ޖަހާލެވުނެވެ. ހިތުގެ ގިލަންވެރިކަމަށް ނިމުމެއް ނެތް ކަހަލައެވެ. ކެކުޅުންތަކަށް ވެސް މެއެވެ.
ފެންވަރާލުމުން ކޮންމެވެސް ވަރެއްގެ ލުޔެއް ސިކުނޑިއަށް ލިބުނެވެ. ގައިން ރަނގަޅަށް ފެން ހިންކުމެއް ވެސް ނެތި ބޮކްސާކޮޅުގައި މާކިން ގޮސް އެނދަށް ވެއްޓިގަތެވެ. އަދި ކަނދުރާގައި އަޅުވާފައި އޮތް ތުވާލި ދަމައިގަންނަންމުން ބިންމައްޗަށް ހޫރާލިއެވެ. އުއްޑުން އޮވެފައި އަތް ދިއްކޮށްލަމުން އެނދުގެ އަރިމަތީ މޭޒުމަތީ އޮތް ފޯނު ނެގިއެވެ. ފޯނު ހުޅުވާލަމުން ގެލެރީއަށް ވަނެވެ. ހިތުގައި އަޅަމުން ދިޔަ ދިލަ ވޭނާއެކު އޭގައި ރައްކާކޮށްފައި ހުރި ފޮޓޯތައް ފޮހެމުން ދިޔައެވެ. މިހުރިހާ ދުވަހު އެފޮޓޯތައް ފޯނުން ފޮހެލުމުގެ ޤާބިލުކަން ހިތަށް ލިބިފައި ނެތުމުން އެކަން އޮތީ ނުކުރެވިފައެވެ. ރުޅި އަޔަސް އަލަތު ލޯބީގެ ހަނދާންތައް އަދިވެސް ސިކުނޑީގެ ކަނެއްގައި ރައްކާކުރެވިފައި ވެއެވެ. ރުޅިއާދެވެނީ އެހެންވެއެވެ. ވެދިޔަކަންތަކަށް ފަހުގައި ވެސް އެހަނދާންތަކާއި ދުރުނުވެވޭތީއެވެ. އެހަނދާންތަކާއި ވަކިވުން ތަކުލީފަކަށް ވެއްޖެއެވެ.
*****
ހަފްތާއެއް ފަސް...
ކުއްލިޔަކަށް މާކިންގެ ޚަބަރެއް ނުވުމުން އީވާ ފިކުރުބޮޑުވާން ފެށިއެވެ. މާކިން ކެފޭއިން ކެނޑުނުތާ ވެސް އޭރު ދުވަސްކޮޅެއް ވެއްޖެއެވެ. އީވާ ވެސް މިހާރު ކެފޭއަށް ދާކަށް ބޭނުމެއް ނުވެއެވެ. ނަމަވެސް ކުއްލި ގޮތަކަށް ވަކިވުމުން ސުވާލު އުފެދިދާނެތީ މަޑުކޮށްލައިގެން ހުރީއެވެ.
މާކިން މިހާރު ކްލާހަކަށް ވެސް ނާދެއެވެ. އެކަމާ ހިތުގައި އުފެދިގެން އައި ސުވާލުތަކާއެކު މީހާގެ ހަމަޖެހުން ވެސް ގެއްލިގެން ދިޔައެވެ. އެރޭގެ ހާދިސާއަށް ފަހު މާކިން އުޅުނީ ވެސް އީވާއާއި ދުރުދުރުންނެވެ. ވާހަކަ ދެއްކިޔަސް ސަމާލުކަމެއް ނުދެއެވެ. ކުރީގެ މާކިންއަށް ބަދަލުވެ ރުޅިވެރިކަން ނޫން ސިފައެއް ނުފެނުނެވެ. މާކިންއަށް އެއަންނަ ކުއްލި ބަދަލުތަކާ މެދު ވެސް އީވާއަށް ވިސްނެމުން ދިޔައެވެ. ބޮޑު ވޭނެއް ތަހައްމަލުކުރަމުންދާ ކަހަލައެވެ. ހިތް ނުތަނަވަސްވަނީ އެކަމުގެ ތަފުސީލެއް ނުލިބޭތީއެވެ.
ތިން ދުވަސް އެފަދަ އުދާސްކަމެއްގެ ތެރޭގައި ފާއިތުވެގެން ގޮސް ފިއެވެ. ކެތްނުވާ ހިސާބަށް ދިއުމަށް މާކިންގެ ޚަބަރު އޮޅުންފިލުވަން މާކިން މަސައްކަތްކުރާ ކްލިނިކް ހޯދައިގެން އެތަނަށް ވެސް އީވާ ދިޔައެވެ. ލިބުނީ އިތުރު ހިތްދަތިކަމެކެވެ. މާކިން ވަޒީފާއަށް ނާންނަތާ ވެސް ހަފްތާއެއް ވެއްޖެއެވެ. ގުޅުމުން ފޯނަށް ޖަވާބު ނުދޭކަމަށް ވެސް އެތަނުގެ ރިސެޕްޝަނުގައި އިން އަންހެންކުއްޖާ ބުންޏެވެ. ލިބުނު ހާސްކަމުގައި މާކިން އުޅޭ އެޕާޓެމެންޓަށް ވެސް އީވާ ދިޔައެވެ. ނަމަވެސް މާކިން އުޅެނީ ކޮން ފަންގިފިލާއެއްގައި ކަން ނޭނގޭތީ ބޭރުގައި މަޑުކޮށްލައިގެން ހުރެވުނެވެ. އިމާރާތަށް ބަލަހައްޓައިގެންނެވެ.
އެހެން ހުންނަތާ އިރުކޮޅެއް ފާއިތުވެ ދިޔަ ފަހުން ޒުވާން އުމުރުފުރައިގެ ފިރިހެނަކު ނިކުމެގެން އައިތަން އީވާއަށް ފެނުނެވެ. ދެފިކުރެއްގައި ހުރި އީވާ އެޒުވާނާއަށް ގޮވާލަމުން ގާތަށް ޖެހިލިއެވެ. އެނޫން އިތުރު މަގެއް އޭނައަކަށް ނުފެނުނެވެ. މީހުން ކައިރިން އަހައިގެން ވިޔަސް މާކިންގެ މަޢުލޫމާތެއް ލިބޭތޯ ބަލަން އޭނަ ބޭނުން ވިއެވެ.
އެޒުވާނާއަށް އީވާ ކިޔައިދޭން ފެށީ މާކިންގެ ސިފައެވެ. އެބޮޑު އިމާރާތުގައި އެތައް މީހުނެއް ދިރިއުޅޭ އިރު މާކިންގެ ނަން ބުނުމުން ނޭނގިދާނެތީއެވެ. އަނެއްކޮޅުން މާކިންގެ މިޒާޖު ހުންނަ ގޮތުން އެއްވެސް މީހަކާ އެކުވެރިކަން ބަދަހިކުރިމަތީ ވެސް ނާދިރުކަމެއް ވިއްޔާއެވެ. އެހެންވުމުން އެއްވެސް މީހަކަށް މާކިންގެ ނަން ނޭނގިދާނެތީ އެކަމާ މެދުގައި ވެސް ވިސްނާލަން ޖެހުނެވެ. އެހެންވުމުން އީވާ ބޮޑަށް ބަރާސޯވީ މާކިންގެ ސިފަ ކިޔައިދިނުމަށެވެ. އެސިފަ ހުރި މީހަކު މިފަހުން ފެނުނުތޯ ވެސް އަހާލެވުނެވެ.
ތުނިކޮށްލެވިފައިވި ތުނބުޅީގައި ޑޭވިޑްއަށް އަތް ހިންގާލެވުނެވެ. އީވާއަށް އޭނަ ފަރުވާތެރިކަމާއެކު ބަލައިލިއެވެ. އެފަދަ ރީތި ކުއްޖަކު މާކިން ހޯދަން އައުމުން އޭނަ ހުރީ އަޖައިބުވެ އަންތަރީސް ވެފައެވެ. އީވާ ކިޔައިދެމުން ދިޔަ ސިފަތައް ހުރި ޒުވާނަކަށް އެއިމާރާތުގައި ދިރިއުޅެނީ ވެސް ހަމައެކަނި މާކިންއެވެ. އިތުރު މީހަކާ ގުޅުވާލުމުގެ ފުރުސަތެއް ނެތީ ވެސް އެހެންވެއެވެ.
''އާރ ޔޫ ލުކިންގް ފޯރ މާކިން؟...'' ޑޭވިޑް ޔަޤީންކޮށްލަން އެހިއެވެ. އީވާއަށް އަވަސްއަވަހަށް ބޯ ޖަހާލެވުނެވެ.
''ޔެސް... ޑޫ ޔޫ ނޯ ހިމް؟... ހޭވް ޔޫ ސީން ހިމް ރީސެންޓްލީ؟...'' އީވާގެ ދެލޮލުން އުއްމީދު ވިދާލިއެވެ. ޑޭވިޑްގެ ޖަވާބަކަށް އިންތިޒާރު ކުރެވުނެވެ.
''ހީ ލެފްޓް!...'' ޑޭވިންޑް ބުނެލިއެވެ.
(ނުނިމޭ)