އަށާރަވަނަ ބައި
ހިތަށް ކެތްނުކުރެވި އާޝިދްގެ އަތް އިރާނިޔާގެ ބޮލާއި ހަމައަށް އުފުލާލެވިއްޖެއެވެ. އިސްތަށިގަނޑުގައި ފިރުމައިލިތަނާ އާޝިދްގެ ނަޒަރު ދޮރުމަތީގައި ހުރި އުނޭޝްއަށް ހުއްޓިއްޖެއެވެ. އޭނާ ފަސްނުޖެހުނެވެ. އިރާނިޔާ ދުރުކޮށްލާފައި ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލައިދީފިއެވެ. އިރާނިޔާގެ އަތުގައި ހިފައިގެން އުނޭޝްގެ ކުރިމަތިން ހުރަސްކޮށް ބޭރަށް ނިކުމެއްޖެއެވެ.
"ފެނޭތަ؟ އުނޭ ކުރިމަތިން އެދިޔައީ... ކީއްވެގެންތަ އުނޭއަށް އެ އަންހެނާ އުނޭގެ ދިރިއުޅުމުން ދުރަށް ނުލެވިގެން ތިއުޅެނީ؟" ތަމަންނީ ވާހަކަދައްކަމުން ދިޔައެވެ. އުނޭޝް ހުރިތަނުގައި ގުޑައިނުލާ ހުރިއިރު އޭނާގެ ސިކުނޑި ތެރޭގައި އެނބުރެމުން ދަނީ ކޮންކަންތައްގަނޑެއް ކަމެއް ނޭނގެއެވެ.
"އުނޭ...!! ކިހިނެއްވީ...؟ އެ އާޝިދް އުނޭގެ ކުރިމަތިން ރާނީ އަތުގައި ހިފައިގެން ދިިޔައިމަ ހިތަށް ތަދުވަނީތަ؟" ތަމަންނީ އެހިއެވެ. އުނޭޝްގެ އެހިމޭންކަން އޭނާއަށް ނުބައި މެސެޖެއްދޭ ކަހަލައެވެ. އެންމެފަހުން އެތަނުން އުނޭޝް ނިކުމެގެން ދިޔައީވެސް ތަމަންނީގެ އެއްވެސް ސުވާލަކަށް ޖަވާބުނުދީއެވެ.
"ކަލޭ ކޯޗެއް އަނގަ ނަގައިގެން ހުރެ ތިބަލަނީ؟" ތަމަންނީގެ ރުޅިވެރި ނަޒަރު ބަދިގެތެރޭގައި ހުރި ކަމްލާއަށް އަމާޒުވިއެވެ.
ސަބްރީން އުނގުގައި ބޯއަޅައިގެން އޮތް ޝެނަލްގެ ރުއިމަށް ހުއްޓުމެއް ނާދޭއެވެ. އަދިވެސް އޭނާގެ ލޯ ކުރިމަތިން އަދްޔަންއާއި އިރާނިޔާގެ މަންޒަރުތައް ފެންނަ ކަހަލައެވެ. ހިނދަކަށްފަހު ހިނދެއް އޭނާގެ ރުއިމުގެ އަޑު ދިޔައީ ގަދަވަމުންނެވެ. މެންދުރުގެ ކެއުމަށް ބައްސާމް އަންނަ ވަގުތު ޖެހެމުންދާތީ ސަބްރީން އިނީ އެކަމާވެސް ކަންބޮޑުވެފައެވެ. އެއްވެސް ކަމަކާއި ޝެނަލް ހިތާމަކުރުމަކީ ބައްސާމް ދެކެން ބޭނުންވާ މަންޒަރެއްނޫނެވެ.
"ޝާނީ...!! ދަރިފުޅުގެ މަންމަވެސް ބައްޕަވެސް އަދި ދުނިޔޭގަ އެބަހުރި. ދެން ކޮން ބޭކާރު ރުއިމެއް ތިއީ" ޝެނަލްގެ އިސްތަށިގަނޑުގައި ފިރުމަމުން ދިޔަ ސަބްރީން ވާހަކަދައްކަމުން ދިޔައެވެ.
"އެކަމަމު އަދޫ... އަދޫ ކިހާ ގޯސް... އަޅުގަނޑު ވަރަށް ލޯބިވިން" ޝެނަލް ވާހަކަދެއްކޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.
"އެއީ އެމީހުންގެ ވައްތަރު. އޭނާގެ އަމަޔަކީވެސް ރަނގަޅު މީހެއްނޫން. ދަރިފުޅަށް އަދި އެމީހުންގެ ގޮތެއް ނޭނގޭނެ" ސަބްރީން ބުނެލިއެވެ.
"އަޅުގަނޑު ބޭނުމެއްނޫން ދެން ރޯކަށް. އަޅުގަނޑު އަދްޔަންއަށް ނަފްރަތުކުރަން... ދުވަހަކުވެސް މަޢާފެއް ނުކުރާނަން" ސަބްރީން އުނގުން ބޯހިއްލައިލަމުން ޝެނަލް ބުނެލިއެވެ.
"ވަރަށް ރަނގަޅު. ހިތްވަރުކުރަންވާނެ. ދަރިފުޅުގެ ކައިވެނި ކުރެވޭނީ އެއަށްވުރެ މާ ރަނގަޅު ކުއްޖަކާ. މަންމަ ވަރަށް އުފާކޮށްފިން އެ ނުލަފާ އާއިލާގެ ކިބައިން ޝާނީ ސަލާމަތްވީމަ" ޝެނަލްގެ އިސްތަށިގަނޑު ރީތިކުރަމުން ސަބްރީން ބުނެލިއެވެ.
"ދެން ދޭ އަވަހަށް މޫނު ދޮވެލައިގެން އަންނަން. މިހާރު ބައްޕަ އަންނަން އުޅޭނެ. ދަރިފުޅަށްވެސް އިނގެއެއްނު ތިގޮތަށް ޝާނީ ހުންނަތަން ފެނިއްޖިއްޔާ ބައްޕަ ވަރަށް ސުވާލުކުރައްވާނެކަން" ސަބްރީން ބުނެލިއެވެ.
އޮފީހުގައި މަޑުކުރާހިތެއް އުނޭޝް ނުވިއެވެ. އޭނާ ސައިކަލުގައި ނިކުމެ ދުއްވައިލިއެވެ. އިރާނިޔާއަށް މިހާރު އައިސްފައިވާ ބަދަލާއި ދޭތެރޭ އޭނާ ވިސްނަން މަޖުބޫރު ވެއްޖެއެވެ. ކުރިން އިރާނިޔާއަކީ މަޑުމައިތިރި އޭނާއަށް ކިޔަމަންވާ އަންބެކެވެ. މިހާރު އިރާނިޔާގެ ކުރިމަތީގައި އޭނާ އެއީ އެކައްޗެއްވެސް ނޫނެވެ. ދެވިސްނުމެއް ދުއްވަމުން ގޮސް އޭނާގެ ސައިކަލް މަޑުޖެއްސީ ގޭ ދޮރުމައްޗަށެވެ. ދޮރާށިން ވަންއިރު ދިމާލަށް ޖޯލީގައި އިން ޙާއިޝާ އޭނާއަށް ފެނުނެވެ. މަންމަ ކުރިމަތިން އެތެރެއަށް ވަންނަން އޭނާއަށް ނުކެރުމުން ލަސް ހިނގުމެއްގައި ގޮސް ޙާއިޝާ ކައިރީގައި އިށީނދެއްޖެއެވެ.
"މަންމާ...!" ޙާއިޝާގެ އަތުގައި ހިފައިލަމުން އުނޭޝް ގޮވައިލިއެވެ. ޙާއިޝާ އުނޭޝްގެ އަތް ފޮޮޅޫވާލާފައި ތެދުވެގެން ހިނގައިގަތެވެ. ޙާއިޝާގެ އެ އަމަލުން އުނޭޝް ހިތުގައި ޖެހުނެވެ. މުޅިންވެސް ވިސްނަންޖެހޭ ކަންތައްތަކެވެ. ކޮޓަރިއާއި ދިމާލަށް ދިޔައިރު އޭނާގެ ބޮޮލުގައި ރިހުމެއް ހުއްޓެވެ. ނިތްކުރިމަތި ހީވަނީ ފަޅައިގެންދާން އުޅޭހެންނެވެ. އާޝިދްގެ ކޮޓަރިން އިރާނިޔާއާއި ދެކުދިން ހެވިފައި ނިކުތްތަން ފެނުމުން އޭނާގެ ބޮލުގެ ރިހުން ވީ ގަދައެވެ.
"ކީކޭ...؟ އީޝް ލިބުނީ އޭނައަށްތަ...؟ މަންމަ ނުވިސްނާ. ބޮލަށް ފަސޭހައެއްނު" ފޯނެއްގައި ހުރެ ކޮޓަރީގައި ދެކޮޅަށް ހިގަން ހުރި ތަމަންނީ ސިހުނީ ދޮރުހުޅުވައިގެން ބަލަހައްޓައިގެން ހުރި އުނޭޝް ފެނިފައެވެ. ކަރުގައި އޮތް ޓައީއަށް ދޫކުރަމުން އުނޭޝް އެތެރެއަށް ވަންއިރު ތަމަންނީ ދެއްކި ވާހަކަތައް އޭނާގެ ސިކުނޑީގައި ހަރުލާފައި ހުއްޓެވެ. ބަހެއްވެސް ނުކިޔާ އެނދުމައްޗަށް އޭނާ ވެއްޓިގަތެވެ. ދެލޯ މަރައިލީ ބޮލުގެ ރިހުމެއް ލުޔެއް ލިބިދާނެކަމަށް ކުރެވުނު އުންމީދެއްގެ ސަބަބުންނެވެ.
ފިނިފިނި އަތްތިލައެއް މޫނުމަތީގައި ޖެހުނުހެން ހީވުމުން އުނޭޝް ދެލޯ ހުޅުވައިލިއެވެ. އޭނާގެ މަގަތުން އިށީނދެގެން އިން ތަމަންނީ ހީލިއެވެ.
"ބޮލުގައި ރިއްސަނީތަ؟ އެހެންވީމަތަ މިގަޑީގަ ގެއަށް ތިއައީ؟" ތަމަންނީ އެހިއެވެ. އުނޭޝް ބޯޖަހައިލިއެވެ.
"ބޭނުމީ ނިދާލަން. ހޭލާއިރު ހުންނާނީ ލުއިވެފަ ކަންނޭނގެ" އުނޭޝް ބުނެލިއެވެ.
"އަހަރެން މަސާޖެއް ދީފާނަން. ވަރަށް އަރާމުވާނެ. ޔަޤީން" ދެފައި ވަށްކޮށްގެން ތަމަންނީ އިށީނީ އުނޭޝްގެ ބޮލާއި ދިމާލުންނެވެ.
"އަސްލު ތެދެއް ބުނަންތަ؟ އަހަރެންގެ ބޮލުގެ ރިހުން ފިލާވަރަށް އަރާމު މަސާޖެއްދެވޭނެ ހަމައެކަނި މީހަކީ ރާނީ. ވަރަށް އަވަހަށް ރަނގަޅުވާނެ. މިހެން ބުންޏަސް ތަމަން ދެރަނުވާތި. މިއަދު އިނގޭނެއްނު ކާކުގެ އަތުގަކަން ޖާދޫ ވަނީ" ދެލޯމަރައިގެން އޮވެ އުނޭޝް ވާހަކަދެއްކިއެވެ. ވަކި ޖަވާބެއް ތަމަންނީގެ ފަރާތުން ނަޔަސް އުނޭޝްގެ އެ ޖުމްލައިން އޭނާ އިނީ ހިތްހަމަނުޖެހިފައެވެ.
ބަދިގޭގައި އުޅުނު ސަބްރީން ކައިރީގައި ޝެނަލް ގޮސް ހުއްޓުނެވެ. ސަބްރީން ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ.
"ކަމެއް ބޭނުންވީތަ؟ ދަރިފުޅު ބޭރުގަ އުޅުނަސް މަންމަގެ މައްސަލައެއްނެތް" ހީލަމުން ސަބްރީން ބުނެލިއެވެ.
"މަންމައަށް ރަނގަޅަށް ތި ހީވީ..... ކޮންއިރަކުން އަޅުގަނޑުގެ ފޯނު ދޭނީ" ޝެނަލް ބުނެލިއެވެ.
"އޮންނާނެ މަންމަ އަލަމާރީގަ. ނުދޭކަށްނޫން. މަންމައަށް އަދިވެސް ހީވަނީ ޝާނީ އެކުއްޖާއަށް ގުޅާފާނޭ" ފިޔާތަށި ހިފައިގެން މޭޒުކައިރިން ގޮނޑިއެއް ދަމާލާފައި އިށީންނަމުން ސަބްރީން ބުނެލިއެވެ.
"މަންމައަށް ތިހީވީ ރަނގަޅަށް. އަޅުގަނޑު ބޭނުން އަދްޔަންއަށް ގުޅަން" ޝެނަލް ބުނެލިއެވެ. ޤަބޫލުނުކުރެވިފައި ސަބްރީން ޝެނަލްއަށް ބަލައިލިއެވެ.
"އަޅުގަނޑު ބޭނުމެއްނޫން އެކަހަލަ މީހަކާ އެއްވެސް ގުޅުމެއް ބާއްވަން. ބޭނުންވަނީ މިގުޅުން ކަނޑާލަން. އެންމެފަހަރަކު އޭނައާ ބައްދަލުކޮށް އެއްޗެހި ކިޔާލަން ބޭނުންވަނީ. އަހަރެންނަކީވެސް އަންހެނެއްކަން އަންގާލަން ބޭނުންވަނީ" ސަބްރީންގެ ކައިރީގައި އިށިންނަމުން ޝެނަލް ބުނެލިއެވެ. ސަބްރީން ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވެގެން ދިިޔައެވެ.
ރޭގަނޑުގެ ކެއުމަށްފަހު އާޝިދް ނިކުތީ މަގުމައްޗަށެވެ. އިރާނިޔާ އަދްޔަންގެ ކޮޓަރި ދޮރުމަތިން ހުރަސްކުރި ވަގުތު ފޭވެފައިހުރި ދޮރު ދޭތެރެއިން އަދްޔަން އިސްތިރިިކުރަން ހުއްޓާ ފެނުނެވެ. ބޭރަށް ނިކުންނަން އުޅެފައިވެސް އިރާނިޔާ ވަނީ އަދްޔަންގެ ކޮޓަރިއަށެވެ. އިސްތިރިކުރަން ހުރި އަދްޔަން ހިނިތުންވުމެއް ދީފައި މަސައްކަތައިގެން ކުރިއަށް ދިޔައެވެ.
"ގެނޭ.." އިރާނިޔާ އަދްޔަން އަތުން އަތުލިއެވެ. އެނދުމަތީގައި އޭނާއަށް އަރާމުވާނެ ގޮތަކަށް އިށީނުމަށްފަހު އިސްތިރިކުރަން ފެށިއެވެ. ލޯގަނޑު ކުރިމަތީގައި ތައްޔާރުވާން ހުރި އަދްޔަންއަށް ދެފަހަރަކު ބަލައިލާފައިވެސް އިރާނިޔާ ބަހެއް ނުކިޔައެވެ. އިސްތިރިކޮށް ނިމުމުން އިރާނިޔާ ހިފައިގެން ހުރި ޓީޝާޓް ބޮލުން ވައްޓައިލުމަށްފަހު މުޅި ގަޔަށް ސެންޓް ބުރުވައިލިއެވެ.
"އަހަރެންނަށް އަހައިލެވިދާނެތަ ކޮންތަނަކަށްތޯ ވެރިޔާ ދުރުވަން ތިއުޅެނީ...؟" އަދްޔަންއާއި ދިމާކުރާ ކަހަލަ ގޮތަކަށް އިރާނިޔާ އެހިއެވެ.
"ވަރަށް މުހިންމު ތަނަކަށް. ވަރަށް ލަސްވެސްވެއްޖެ" އަވަސް އަރުވާލާފައި ހުރި އަދްޔަން ބުނެލިއެވެ.
"އަނެއްކާ ގޮމަ...."
"ސާބަސް... ގޮމަ ކައިރިއަށް ނުދަން... ދެން ދަނީ އިނގޭ... ގެއަށް އައިސްފަ ވަރަށް އުފާވެރި ހަބަރެއްދޭނަން" މަޑުމަޑުން އިރާނިޔާގެ ދެކޮލުގައި ހިފައިލަމުން އަދްޔަން ބުނެލިއެވެ. ކޮޓަރިން ނިކުންނަމުން އަދްޔަން އޭނާ ލައިގެން ހުރި ޖީންސުގެ ޖީބުން ނަގާފައި މުށުތެރެއަށްލި ރިހިކުލައިގެ އަނގޮޓި އިރާނިޔާއަށް ފެނުނެވެ. އިރާނިޔާއަށް ހެވުނެވެ.
ދަނޑަށް ނިކުންނަ މަގު ކަންމަތީގައި ސައިކަލްގައި މަޑުކޮށްލައިގެން އިން އަދްޔަންއަށް ގަސްގަނޑު ކައިރިން މަޑުހިނގުމެއްގައި ހިނގާފައި އަންނަ އަންހެންކުއްޖާ ފެނި ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ކުރިމަތީގައި އައިސް ހުއްޓުނު ޝެނަލްގެ ފައިން ފެށިގެން ބޮލާއި ހަމައަށް އަދްޔަން ބަލައިލިއެވެ. ރޭގަނޑުގެ އަނދިރީގައި ހުދު މިޑީގައި ހުރި ޝެނަލްގެ ތަފާތު ރީތިކަން އަދްޔަންއަށް ވަރަށް ކަމުދިޔައެވެ.
"ތިހާ ދުރުގަތަ ހުންނާނީ. ތަންކޮޅެއް ކައިރިއަށް އާދެބަލަ" އަދްޔަން ބުނެލިއެވެ. އޭނާ ޝެނަލްގެ އަތުގައި ހިފައިލުމަށް އަތް އުފުލައިލިއެވެ. ޝެނަލް ދުރަށް ޖެހިލިއެވެ.
"އަހަރެން މިއައީ އަދްޔަންއާއި ކައިރިވާކަށްނޫން. އަހަރެންނަށް އަދްޔަންގެ ހަގީގަތް އިނގުނު ވާހަކަ ބުނަންވެގެން" ޝެނަލް ބުނެލިއެވެ. ސައިކަލް މަޑިމަތީގައި އިން އަދްޔަންއަށް އިންތަނުން ކޮޅަށް ތެދުވެވުނީ ކުއްލިއަކަށެވެ.
"ނޭނގުނު. އަހަރެންނަށް ނޭނގުނު ޝާނީ ތިދައްކާ ވާހަކައެއް" އަދްޔަން ބުނެލިއެވެ.
"ނޭނގޭނެ. އަދްޔަންއަށް ނޭނގޭނެ. އަހަރެން މިބުނީ އަހަރެން ހައްދައިގެން އަދްޔަން ކުޅުނު ކުޅިގަނޑު މިހާހިސާބުން ނިމުނީއޭ" ޝެނަލް ބުނެލިއެވެ.
"ޝާނީ!! ކާކު ކީކޭ ކިޔައިގެން ތިއުޅެނީ؟ އަހަރެން ބަދުނާމްކުރަން ތިނޫން ވާހަކައެއް ދައްކަން ޝާނީއަށް ނޭނގެނީތަ؟ ކޮންމެހެން ތިކަހަލަ ބަހަނާއެއް ނުދެއްކިޔަސް ޝާނީ އަހަރެން ދޫކޮށްލާފައި ދިޔަސް އަހަރެންގެ އެއްވެސް މައްސަލައެއްނެތް" އަދްޔަން ބުނެލިއެވެ. ޝެނަލް އަދްޔަންއަށް ބަލައިވެސްނުލާ ހުއްޓެވެ.
"އަހަރެން ޝާނީގެ މަންމައާއި ދިމާވެއްޖެ. ވަރަށް ހަޑިއެއްޗެހި ކިއި. އަހަރެންނަށް އިނގޭ ޝާނީގެ ތިނިންމުން ތިއީ ޝާނީ މަންމަ ބުނެގެން ނިންމި ނިންމުމެއްކަން" އަދްޔަން ބުނެލިއެވެ.
"އަހަރެންގެ މަންމައޭ ކިޔައިގެން އެއްވެސް އެއްޗެއް ބުނެގެން ނުވާނެ. އަހަރެން ބުނި އެއްޗެއް ބުނީ ލޮލުން ދެކިގެން. އަދްޔަން ތިއީ މީހެއްގެ ފިރިއެއްކަމާއި ވަރަށް އަވަހަށް އަދްޔަންއަށް ބައްޕަ ކިޔާނެކަން އަހަރެންނަށް އިނގޭ. އަންބެއް ބަހައްޓައިގެން އެހެން މާތަކުން ފޮނިބޮމުން ދުވާ މާބުރެއް ތިއީ. އެކަމަކު އަހަރެން މިހިރީ އަދްޔަންގެ އަތްދަށުން ސަލާމަތްވެފަ"
"ޝާނީ...!!" އަދްޔަންގެ އަޑުހަރުކޮށް ޝެނަލްއަށް ގޮވައިލިއެވެ. އޭނައާއި ބެހޭގޮތުން އެފަދަ ވާހަކައެއް ޝެނަލް ދެއްކީތީ އަދްޔަން އިންތިހާއަށް ދެރަވިއެވެ. އޭނާއަށް ޤަބޫލުކުރަންވެސް ދަތިވިއެވެ.
"ބުނަން ރަނގަޅު ވާހަކައެއް. ހިތަށް ނާރުވާތި އެއްވެސް އަންހެނެއް ފަހަތުން މި އަދްޔަން އާދޭސްކުރަމުންދާނޭ. ކިތަންމެ ލޯބިވިޔަސް އަހަރެން ދުވަހަކުވެސް ނުކުރާނެ ކަމެއް އެއީ. މިގުޅުން ކަނޑާލަން ޝާނީ ތިއީ ކާކު؟ އަހަރެން އަމިއްލައަށް މިހާރުން ފެށިގެން މިގުޅުން ކަނޑާލައިފިން. ދުވަހަކުވެސް، ދުވަހަކުވެސް ޝާނީ އަހަރެންގެ ހަޔާތަށް ނުގެންނާނަން. އަޑުއިވިއްޖެތަ...؟" ޝެނަލްއާއި ގާތަށް ޖެހިލުމަށްފަހު އަދްޔަން ބުނެލިއެވެ. "ވަރަށް ތާހިރެއްނު. މާބަނޑު އަންހެނެއް ގޮވައިގެން މަގުމަތީގައި ޖެހި ސަކަރާތް އަހަރެން ދުށިން. ރަނގަޅަށް ވެއްޖިއްޔާ އެއީވެސް އަދްޔަންގެ މަންމައަކީވެސް ހަމަ ކޫޑިން އުޅޭހެން އުޅޭ މީހުން...."
"ޝެނަލް...." ޝެނަލްގެ މޫނުމަތީގައި ޖަހަން އަދްޔަންއަށް އަތްނެގުނެވެ. އެހެންނަމަވެސް އޭނާ އަމިއްލަ ނަފްސު ކޮންޓްރޯލް ކޮށްފިއެވެ.
"ދުވަހަކުވެސް އަހަރެން އަންހެނެއް ގައިގައި ޖަހާފައިވާނަމަ މިއަދު ޝެނަލްގެ އަނގަމަތި ފަޅާލީމުސް. އައި ރެސްޕެކްޓް ވުމަން. އަހަރެން ކުރިމަތީގައި ޝެނަލް ތިއީ މިހާރު ސުމެއްގެ މީހެއް. ޗި... އަހަރެންނަށް ލޯބިވެވުނީ ތިކަހަލަ އަންހެނެއްދެކެތަ...؟" އަދްޔަން ރުޅިދަގަވެފައިވާ މިންވަރު ފެނި ޝެނަލް ހުރީ ޖެހިލުންވެފައެވެ.
"އަހަރެން ތިއަންހެނާއަށް ނަފްރަތުކުރަން.... ތިކަހަލަ އަންހެނުންގެ ސަބަބުން ޤަދަރުވެރި އާއިލާތައް ރޫޅި ހަމަޖެހިގެން ދެމަފިރިއަށް ނޫޅެވެނީ" އަދްޔަން ސައިކަލަށް އަރައިގެން ނައްޓާލިއިރުވެސް ޝެނަލްއަށް އެއްޗެއް ނުބުނެވުނެވެ. އޭނާ ރޯކަށްވެސް ނޭނގުނެވެ. އަދްޔަން ދެއްކި ވާހަކަތައް ކަންފަތުގެ ހިނދުރީގައި ހަރުލާފައިވާ ކަހަލައެވެ.
އީސައާއި ރުޒާނާ ފިހާރައަކަށްދާން ނިކުތް ވަގުތު އެއީ އަދްޔަން އެގޭ ކައިރިއަށް ސައިކަލް މަޑުކޮށްލި ވަގުތެވެ. ނުފެންނަ ގަޑިއެއްގައި އަދްޔަން ފެނުމުން އީސައަށް ޚައިރާންކަމެއް ލިބުނެވެ.
"އަދްޔަން...!! ދަރިފުޅު ކަމަކުތަ...؟" އީސަ އަހައިލިއެވެ. އަދްޔަންގެ ރުއްދަނޑު ބަލަހައްޓަން ފެށުމުގެ މާކުރިންވެސް އީސަ ދެކެނީ އަދްޔަންއަކީ އަމިއްލަ ދަރިއެއް ފަދައިންނެވެ.
"އަޅުގަނޑު... ގޮ...ގޮމައާއި ބައްދަލުކޮށްލަން ބޭނުން. އިސަބެމެން ތަނަކަށް ދަނީތަ...؟" ސައިކަލުން ފައިބައިގެން އައިސް އަދްޔަން އީސަ ކައިރީގައި މަޑުކޮށްލަމުން ބުނެލިއެވެ.
"އެބައުޅޭ. ރުޒާ ގޮވާލަބަލަ ގޮމައަށް..." ރުޒާނާ އެތެރެއަށް ވަދެގެން ދިޔުމުން އީސަ އަދްޔަންއަށް ގޭތެރެއަށް ވަންނަން ދަޢުވަތު ދިނެވެ.
"އިސަބެމެންނަށް ލަސްނުވާނަމަ އިރުކޮޅަކު މަޑުކޮށްލަދޭންވީނުން. ގޮމައާއި ވާހަކަދައްކަން އަޅުގަނޑު ބޭނުންވަނީ އީސަބެމެންގެ ހާޟިރުގަ" އަދްޔަން ބުނެލިއެވެ.
ނިދާ ހެދުން ބަދަލުކޮށްގެން ގުމްރޫހް ކޮޓަރިން ނިކުތްއިރު ސޯފާގައި މަންމައާއި ބައްޕަ އިންތަން ފެނުނެވެ. ފުރަގަހަށް އިން ފިރިހެން މީހާއަކީ ކާކުކަން އޭނާއަށް އިނގުނީ އަދްޔަންގެ ކުރިމަތީގައި އިން ސޯފާގައި އިށީނުމުންނެވެ. އެވަގުތު ގުމްރޫހްގެ މޫނުމަތިން ޚައިރާންކަމާއި އެއްވަރަށް ލަދުވެތިކަމެއްވެސް ފެނިގެން ދިޔައެވެ. ތުންފަތަށް ވެރިވި ފަނޑު ހިނިތުންވުން ރުޒާނާއާއި އީސައަށް ސިއްރެއްނުވިއެވެ.
"އީސަބޭ...! އަ..އަޅުގަނޑު ގޮމައާއި ކައިވެނިކުރަން ބޭނުން... އެއީ އީސަބެއާއި ރުޒާނައްތަ އަދި ގޮމަ ރުހޭ ކަމަކަށްވަންޏާ..." އަދްޔަން ބުނެލިއެވެ. އީސައާއި ރުޒާނާ އެކަކު އަނެކަކާއި ނަޒަރު ބަދަލުކޮށްލިއިރު ދެމަފިރިންގެ މޫނުމަތިން އެއީ އެމީހުން ރުހޭ ކަމެއްކަން އިނގުނެވެ. ގުމްރޫހް އިސްޖަހާލައިގެން އިންއިރު އޭނައަށް ދޭނެ ޖަވާބެއް ނޭނގުނެވެ. މަންމައާއި ބައްޕަ ބަލާކަން އިނގުމުން ގުމްރޫހް އިސްއުފުލާ މަންމައަށް ނަޒަރެއްދިނެވެ.
"ދަރިފުޅު ޖަވާބެއް ނުދިނަސް މަންމައަށް އިނގޭ ދަރިފުޅު އަދްޔަންދެކެ ލޯބިވާކަން" ރުޒާނާ ތެދުވެގެން ގޮސް ގުމްރޫހްގެ ބޮލުގައި ފިރުމައިލިއެވެ.
"ތިކައިވެންޏާ އިސަބެމެން ވަރަށް ޤަބޫލު. އެކަމަކު ދަރިފުޅާ! ވިސްނާތި. ގުމްރޫހަކީ އިސަބެ މުސްކުޅި ދުވަހު ލިބިފައި ހުރި ހަމައެކަނި ދަރިފުޅު" އީސަ ވާހަކަދެއްކިއެވެ.
"އަޅުގަނޑު ވިސްނާނަން. ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑު ގޮމަދެކެ ވަރަށް ލޯބިވާނަން. ތެދުވެރިވެ ރަނގަޅު ފިރިއަކަށްވާނަން. ގޮމަ...! އަހަރެންނާ އިންނާނަންތަ؟" އަދްޔަން ތެދުވެގެން ގޮސް ގުމްރޫހް ކުރިމަތީގައި ކުރުފައި މައްޗަށް އިށީނދެއްޖެއެވެ. ގުމްރޫހް ބޯޖަހައިލީ އަދްޔަންއަށް ބެލުމެއް ނެތިއެވެ. އަދްޔަންއާއި ހަތަރުކަޅި ހަމަކުރަން އޭނާއަށް ނުކެރުނީއެވެ. ޖީބުން ނެގި ރިހި އަނގޮޓި ގުމްރޫހްގެ އިނގިލީގައި އަދްޔަން އެޅުވީ މައިންބަފައިންގެ ކުރިމަތީގައެވެ.
އެނދުމަތީގައި އިށީނދެގެން އިން އިރާނިޔާގެ މޫނުމަތިން އަދިވެސް ފެންނަން ހުރީ ކަންބޮޑުވުމެވެ. ފާއިތުވެދިޔަ މަދުވަގުތުކޮޅުގެ ތެރޭގައި ބަނޑުގައިވާ ދަރިފުޅަ މެދު އޭނާއަށް އެތައް ފިކުރެއް ކުރެވިއްޖެއެވެ. އާޝިދް އެތައް ގޮތަކަށް އިރާނިޔާއަށް ވިސްނައިދެމުން ދިޔައެވެ.
"އީރަން...!! އަހަރެން ބުނާ ކަމެއް ކުރަންޏާ މީހަކު އެއްޗެއް ބުނީމަ ތިގޮތަށް ފިނޑިނުވެބަލަ. ފާޅުގައި އަމިއްލަ ޙައްޤުގަ ތެދުވެބަލަ. ނިކަން ތިއީ އަންހެނެއްކަން ސާބިތުކޮށްދީބަލަ" އިރާނިޔާގެ ކުރިމަތީގައި ކުރުފައި މައްޗަށް އިށީނދެގެން އިން އާޝިދް އިރާނިޔާގެ ދެއަތުގައި ހިފައިގެން އިނދެ ވާހަކަދެއްކިއެވެ.
"ތި ދަރިފުޅުގެ އެއްވެސް ކަމަކާ އުނޭޝް އުޅުނުތަ؟ ދަރިފުޅުގެ ހާލު ބަލައިލިތަ؟ ނޫނީ އެދަރިފުޅުގެ މަންމަ ހުރީ ކައިގެންތޯ ބަލައިލިތަ؟ ނޫނެއްނު. ވީއިރު ކޮން ހައިސިއްޔަތަކުން އޭނާ ދަރިފުޅު އަތުލަންވީ...؟" އިރާނިޔާގެ ލޯކައިރި ފޮހެލަމުން އާޝިދް ބުނެލިއެވެ.
"އަހަރެން ލޯބިވާ އީރަންއަކީ އެއްވެސް އިރެއްގައި ފިނޑި ކުއްޖެއްނޫން. އެއީ ބަސްބުނަންކެރޭ ހިތްވަރުގަދަ ކުއްޖެއް. އީރަން ހަނދާންވޭތަ؟ އަހަރެމެން ރަށުގަ އުޅުނުއިރު އީރަންގެ އެކުވެރިއަކަށް ދިވެހި ޓީޗަރުގެ އުނދަގުތަކެއް ކުރިމަތިވެގެން އެކަން ޙައްދުފަހަނައަޅާ ދިޔައިމަ އެކުވެރިޔާގެ ދިފާއުގައި އީރަން ނިކުތް ގޮތް. އަހަރެން ބޭނުންވަނީ މިގޭތެރެއިން އެ އީރަން ފެންނަން" އާޝިދްގެ މޫނަށް އިރާނިޔާ ބަލައިލިއެވެ. އާޝިދް ހީލުމުން އިރާނިޔާގެ ތުންފަތަށް ވަރަށް ފަނޑުކޮށް ހިނިތުންވުމެއް ވެރިވެއްޖެއެވެ.
"ވަޢުދުވޭ... ދަރިފުޅުގެ ދިފާއުގައި އުނޭޝްއާއި އަދި ތަމަންނީއާ ފައިޓް ކުރާނެކަމަށް. އަހަރެން އަބަދުވެސް ހުންނާނީ އީރަން އަތް ދިއްކޮށްލީމަ އަތްޖެހޭ ހިސާބުގައި" އާޝިދް ބުނެލިއެވެ. އިރާނިޔާ އާޝިދްގެ އަތްމަތީގައި އަތް ބޭއްވިއެވެ. ވަޢުދުވިއެވެ. އާހިތްވަރަކާއި އާ އަޒުމަކާއި އެކުގައެވެ. އާޝިދް އިރާނިޔާގެ އަތުގައި ހިފާ ބާރުކޮށްލިއެވެ. އެދެއަތުގައި ބޮސްދިނެވެ. ހަތަރުކަޅި ހަމަކޮށްލިއިރު އާޝިދްގެ ދެލޮލުގެ ތެރެއިން އިރާނިޔާއަށް ފެނުނީ ނިމުމެއްނެތް ލޯތްބެވެ. އަބަދުވެސް އޭނާއާއި އެންމެ ކައިރީގައި އާޝިދް ހުންނާނެކަމުގެ ޔަޤީންކަން އާޝިދްގެ އެ ތަފާތު ބެލުމުން އޭނާއަށް ލިބިއްޖެއެވެ.
އިރާނިޔާއަށް ބަދިގެއަށް ވަދެވުނީ އުނޭޝް ޙާއިޝާއާއި ވާހަކަދައްކަން މަސައްކަތް ކުރަމުން ދަނިކޮށެވެ. ބަދިގޭ ދޮރަށް އުނޭޝް ފުރަގަހަށް ހުރީތީ ދޮރުމައްޗަށް އެރި އިރާނިޔާ އުނޭޝްއަށް ނުފެނެއެވެ. އޭނާ ސިހުން ލިބި ދެލޯ ބޮޑުވީ ޙާއިޝާ ކައިރީގައި އުނޭޝް ބުނެލި ޖުމްލައަކުންނެވެ. ވަގުތުން އުނޭޝްއަށް ރައްދު ދިނުމަށް އޭނާއަށް ދޫހަރަކާތްކުރިއެވެ. ކައިރީގައި އައިސް ހުއްޓުނު އާޝިދް ފެނި އޭނާއަށް އިތުރު ހިތްވަރެއް ލިބުނު ކަހަލައެވެ.
"ކަލޭ ތިއީ ކާކު މަގޭ ދަރި އަތުލަން. ކަލެއަށް ކޮން ޙައްޤެއް އޮތީ...؟ ބުނަން އުނޭޝް ރަނގަޅު ވާހަކައެއް. ތިހާ ދަރިން ބޭނުންވަންޏާ ތިގެންގުޅޭ އަންހެނާގެ ބަނޑަށް ދަރިއެއް ލާންވީނުން" އުނޭޝް ސިހުނީ އިރާނިޔާ ވާހަކަދެއްކި އަޑަށެވެ. އޭނާ ފަހަތް ބަލައިލިއެވެ. އިރާނިޔާގެ ވާހަކަތައް ހުރިގޮތުން އެތަނުގައި ހުންނަން ޙާއިޝާ ބޭނުންނުވިއެވެ. އޭނާ ބަދިގެއިން ނިކުތެވެ.
"ހަނދާންނެތުނީތަ؟ ރާނީގެ ބަނޑުގައި ތިވަނީ އަހަރެންގެ ދަރިއެއް" އުނޭޝް ބުނެލިއެވެ.
"އޯ.. އެހެންތަ! އަހަރެން ހަނދާންނެތުނީ. އެހެންވިއްޔާ ބުނެބަލަ އުނޭޝްއަށް މިފަހަރު ލިބެން އުޅެނީ ކޮން ޖިންސެއްގެ ދަރިއެއްތަ؟" އިރާނިޔާ އުނޭޝްގެ ކުމރިމަތީގައި ހުއްޓުނެވެ. ބުނާނެ އެއްޗެއް އުނޭޝްއަށް ނޭނގުނެވެ. އޭނާއަށް އިރާނިޔާގެ މޫނަށް ބަލަހައްޓައިގެން ހުރެވުނެވެ.
"މިއީ އަހަރެންގެ ދަރިއެއް. ހަމައެކަނި އަހަރެންގެ ދަރިއެއް. މިދަރިފުޅު އަހަރެންނާއި ވަކިކުރެވޭނެ އެއްވެސް ބާރެއް އެއްވެސް މީހަކަށް ނޯންނާނެ. ވީއިރު އުނޭޝް ތިއީ ކާކު؟ ހަނދާންކުރާތި! އަހަރެންނާ މިދަރިފުޅު ދުރުކުރަން ކަލޭގެ ހީލަތްތެރި އަނބިމީހާއާއި ބައިވެރިވެގެން އެންމެ ކަމެއް ކުރިޔަސް އެކަން އަންގާނީ ފުލުހުންނަށް. މިހާރުވެސް ކަލޭ ތިހުރީ ކުށްވެރިވެފަ. ޝުކުރުކޮށްބަލަ އަހަރެން މަޑުންހުރީތީ..." އިރާނިޔާ ހުރިހާ އެއްޗެއް ކިޔާލިއިރުވެސް އުނޭޝްއަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. ބަސްހުއްޓި އިރާނިޔާގެ މޫނުން ނަޒަރު ވަކިކޮށްލަން ނޭނގިފައި އޭނާއަށް ހުރެވުނީއެވެ.
"ސިޑް...!! ހިނގާ ދާން. އަހަރެން މަންމަ ކައިރިން މަޢާފަށްއެދެން ބޭނުން. އަހަރެންގެ ބަހުރުވަ މަންމައަށް ކަމުނުދާނެކަން ޔަޤީން" އިރާނިޔާއާއި އާޝިދް ހިނގައިގަތުމުން އުނޭޝް އެނބުރި ބަލައިލިއެވެ.
(ނުނިމޭ)