އީވާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އޭނަގެ ނަޒަރު ސީދާވެފައިވަނީ މާކިންގެ މޫނަށެވެ. ހިމޭންކަމުގެ ސުކޫތެއް އެގޮތުގެ މަތީން ފާއިތުވެގެން ދިޔައެވެ. މާކިންގެ ތޫނު ބެލުމުން އީވާގެ ހިތް ތެޅި ފޮޅެމުން ދިޔައެވެ. އެބާރު މިނުގައި ހިތް ހީވަނީ މޭކަށިގަނޑު ފަޅާލާފައި ބޭރަށް ނިކުމެދާނެ ހެންނެވެ. އެހާ ކައިރިން މާކިންގެ ތޫނުފިލި ދެލޯ ފެނުމުން މީހާ ފިނިވާ ގޮތް ވެސް ވެއްޖެއެވެ. މާކިންގެ ނޭވާތަކުގެ ހޫނުކަން އިހުސާސްކުރެވޭ ކޮންމެ ފަހަރަކު ހީބިހި ނަގައިގެންދެއެވެ. މާކިންގެ ބެލުމުގައި ތަފާތުކަމެއް ވާހެން އީވާއަށް ހީވިއެވެ. މިހާރު އެދެލޮލުގައި ރުޅިވެރިކަމެއް ނުވެއެވެ. މަޑުމޮޅިކަން ފެންނަމުން ދިޔަ ކަހަލައެވެ. އެޝުއޫރުތައް ދޭހަކުރަން ނުކުޅެދިފައިވާ ހާލު މާކިންގެ ދެލޮލުގެ ތެރެއަށް އީވާއަށް ގެއްލިފައި ހުރެވުނެވެ.
އީވާގެ އަޑުގައިވި ޔަޤީންކަމުން މާކިންއަށް ހައިރާންކަން ލިބުނެވެ. ދެލޮލުން ފެންނަމުން ދިޔަ އަސަރުތަކަށް ވެސް ސަމާލުވެލެވުނެވެ. އެރީތި މޫނަށް ވެސް ފުން ނަޒަރެއް ދެވުނެވެ. އީވާ ދޫކުރަމުން ދިޔަ ލަސް ނޭވާތަކަށް ވެސް ފަރުވާތެރިވެވުނެވެ. ހިތުގެ މައްޗަށް އޮތް އިތުބާރު އެވަގުތުކޮޅު ގެއްލިގެން ދިޔައެވެ. އީވާގެ ރީތިކަމަށް ހިތް ދީލައިލިކަން ގައިމެވެ. އެސޫރަ ހިތުގެ އަޑީގައި ބިންވަޅު ނެގުނެވެ. ނަފުސަށް އިންޤިލާބެއް ގެނުވަމުންނެވެ.
އީވާއާއި އޭނައާ ދެމެދު އޮތް ދާއިރާގެ ހަނިކަން ރޭކާލާން މާކިންއަށް އިރުކޮޅެއް ނެގިއެވެ. އެއާއެކު އޭނައަށް އަވަސްއަވަހަށް ފަހަތަށް ޖެހިލެވުނެވެ. ސިހުމުގެ އަސަރު މާކިންގެ މޫނަށް ވެރިވިއެވެ. ހިތުގައި ވިންދު ޖަހާލި ޝުއޫރުތަކުގެ މައްޗަށް ބާރުފޯރުވަމުން ނަފުސަށް ހަރުކަށިކަން ގެނައެވެ. ކެހިވެރި ޖަޒުބާތުތަކަށް ދެވަނަ ފުރުސަތެއް ދޭން އޭނަ ބޭނުމެއް ނުވިއެވެ. ހިތުގައި ވިންދުޖަހާލި އިހުސާސްތަކަށް އިތުބާރުކުރާކަށް ވެސް މެއެވެ. އޭނަ ބޭނުންވީ އެހުރިހާ ކަމެއް ޤައިދުކުރާށެވެ. ފާޅުވުމުގެ ފުރުސަތު ނުދޭށެވެ. އެއިން ކަމަކަށް ވަގުތު ނެތްކަމަށް ސިކުނޑިއަށް ވިސްނައިދޭށެވެ. ސާބިތުކޮށްދޭށެވެ. ނަމަވެސް ހިތުގެ އެކަނިވެރިކަމުން މީހާއަށް ސަޒާ ލިބެން ފެށިއެވެ. އެހިތް ހުޅުވާލުމަށް އާދޭސްކުރަމުންދާ ހާލުގައެވެ. އެހެނަސް އެފުރުސަތު ދޭން މާކިން ބޭނުމެއް ނުވިއެވެ. މާޒީގެ ކަޅު ހިޔަނިތަކުން އޭނަގެ ވިސްނުމަށް ކިލަނބުކަން ވެރިކުރުވިއެވެ. ހިތުގެ ގޮވާލުންތަކަށް އިޖާބަދޭން ބޭނުން ނުވަނީ އެސަބަބާ ހުރެއެވެ. ހުރިހާ އަންހެނުންނަކީ ވެސް މަކަރުވެރި ބަޔަކޭ ހީވާތީ އެވެ. އީވާއާއި މެދުގައި ތަފާތު ނަޒަރަކުން ދެކެން ފަސްޖެހެވެނީ ވެސް އެހެންވެއެވެ.
''ހެހެހެ... ނުދަންނަ މީހަކަށް އިތުބާރުކުރަން އެހާ ފަސޭހަތަ؟، ކިހިނެއް އެނގެނީ އަހަރެން އީވާއަށް ކަމެއް ނުކުރާނެކަން، އެޔަޤީންކަން ލިބުނީ ކިހިނެއް؟... މައުސޫމްކަމުން ކޮންމެކޮންމެ މީހަކަށް ތިހާ ޔަޤީންކަން އޮތްނަނަމަ ފަހުން ދިމާވެދާނެ ކަމަކާ މެދު ހިތާމަކުރަން ޖެހިދާނެ!...'' ބުމަކައިރިކޮށްލަމުން މާކިން ބުނެލިއެވެ. އޭނަގެ އަޑުގައިވަނީ ހަރުކަށިކަމެވެ.
ކުއްލިޔަކަށް މާކިންއަށް އައި ބަދަލުތަކުން އީވާ ހައިރާން ވިއެވެ. ކަޅި ޖަހާލުމެއް ނެތި ބަލަން ހުރެވުނެވެ.
''މާކިންގެ ފަރާތުން އަހަންނަށް ގެއްލުމެއް ނުލިބޭނެކަން އަހަންނަށް އެނގޭ، އެކަން ބަދަލެއް ނުވާނެ...'' ސާބިތުކަމާއެކުގައި އީވާ ބުންޏެވެ. އެޔަޤީންކަން އޭނަގެ ހިތަށް ލިބުނީ ކިހިނެއް ކޮން އިރަކު ކަމެއް ނޭނގެއެވެ. އެނގޭހާ ވެސް އެއްޗަކީ މާކިންއަށް އެހިތް އިތުބާރުކުރާކަމެވެ. މާކިންގެ ފަރާތުން ގެއްލުމެއް ލިބިދާނެ ކަމަށް ބެލުމުގެ ފުރުސަތެއް އެހިތުގައި ނުތެވެ.
''އަހަންނާ ބެހޭ ގޮތުން އީވާއަށް އެނގެނީ ކޯޗެއްތަ؟... މީހަކަށް ތިހާ އިތުބާރު ކުރާއިރު އެއްޗެއް އެނގެން ޖެހޭނެދޯ!...'' މާކިން ބޭނުންވީ އެދެމެދުގައި އޮތް ބީރައްޓެހިކަން އީވާއަށް ސާބިތުކޮށްދޭށެވެ. އެކުވެރިކަމެއް ނެތް އިރުގައި އޭނައަށް އީވާ އިތުބާރުކުރަންވީ ކީއްވެހޭ ވެސް އަހާލެވުނެވެ.
''މޮޔަ ވިޔަސް ތީ ދެން ބޮޑު ވަރުހެން އަހަންނަށް ހީވަނީ!، އީވާގެ މައުސޫމްކަމުގެ ފައިދާ އަހަރެން ނަގަން އުޅެފިއްޔާ ކިހިނެއްތަ ކަންތައް ކުރާނީ؟، ސަލާމަތް ކޮށްދޭން މިތަނުގަ އިތުރު މީހަކު ވެސް ނެތް!، އެކަމާއި މެދުގައި ނުވިސްނަންދޯ؟...'' މަލާމާތުގެ އަޑަކުން މާކިން ވާހަކަދެއްކިއެވެ. އޭނަގެ މަޤުސަދަކަށްވީ އީވާގެ މޮޔަ ވިސްނުމަށް ފާޑުކިޔުމެވެ. ދެރަކޮށްލުމެވެ.
މާކިންގެ ހަރުކަށިކަމުން އީވާގެ ހިތަށް އަސަރުކުރަމުން ދިޔައެވެ. އެރުޅިވެރިކަން ބަރުދާސްތުކުރުން އެނާޒުކު ހިތަށް ދަތިކަމަކަށް ވެއްޖެއެވެ. ދެލޯފެންކަޅިވެގެން ދިޔައީ ހިތަށް ލިބުނު ވޭނާ ހެދިއެވެ. މާކިންގެ ނަފުރަތުގެ ބަސްތަކުން އެހިތަށް ނުހަނު އަސަރުކުރިއެވެ. އެދެމެދުގައި އޮތް ބީރައްޓެހިކަން ސަޒާއަކަށް ވެއްޖެއެވެ. ހިތް އެދެމުން ދިޔައީ އެހުރިހާ ކަމަކަށް ނިމުން އަތުވުމަށެވެ. އެދެމެދުގައި އައު ބާބެއް ފެށިގެން ދިއުމަށެވެ.
''އަހަންނަށް އެނގޭ މާކިން އަކީ ހެޔޮ ހިތެއްގެ ވެރިއެއްކަން!، ކިތަންމެ ވަރަކަށް އެކަން ސިއްރުކުރަން އުޅުނަސް އެދުވަހު އަހަންނަށް ވެދިން މަދަދުވެރިކަމުން އެކަން ވަނީ ސާބިތުވެފައި، އަހަރެންގެ ސަލާމަތަށް އެދުވަހު އައީ މާކިން، އަހަރެން އެންމެ ނާޒުކު ހާލުގައިވީ ހިނދު އަހަންނަށް މަދުވެރިވެދިނީ މާކިން، ރައުހާއަށް އާދެވެންދެން އަހަރެންގެ ގާތުގައި ހޮސްޕިޓަލުގައި މަޑުކުރީ ވެސް ހަމަ މާކިން، ތިއީ ނުބައި މީހެއް ނަމަ އެފަދަ އިހުސާންތެރިކަމެއް ނުވާނެ... ތި ހިތުގައި ގޯސް ނިޔަތެއް ވާނަމަ އަހަރެން އެދުވަހު މަރުވާން ދޫކޮށްލީސް.......... މާކިންގެ އެކަނިވެރިކަން އަހަންނަށް ފެނޭ، ކުރިން އެކަން ފާހަގަ ނުކުރެވުނީ ދެމެދުގައި އުފެދިގައި އޮތް ހަމަނުޖެހުމުގެ ސަބަބުން، އެކަމަކު މިހާރު ސާފުކޮށް ހުރިހާ ކަމެއް އެބަފެނޭ.... ރުޅިވެރިކަން އިސްކުރަން ބޭނުންވަނީ މާކިންގެ ހިތުގެ ހާލު އެހެން މީހަކަށް ފެނިދާނޭތީ، މާކިންއާ މެދު އެހެން މީހުން ދެކޭ ނަޒަރިއްޔާތު ބަދަލުކުރަން ބޭނުން ނުވަނީ އެކަނިވެރިކަމަށް އެކަމުން ފުރުސަތު ލިބޭތީ، މިހާރު އެހުރިހާކަމެއް އަހަންނަށް އެބަފެނޭ، އަހަންނާ ތިހެން ވާހަކަދެއްކިޔަސް އަހަންނަށް އެނގޭ މާކިން ތީ ހިތްހެޔޮ މީހެއްކަން...'' އަރުތެރެ ބެދުމުގެ ސަބަބުން އީވާއަށް އިތުރަށް ވާހަކައެއް ނުދެކެވުނެވެ. ދެލޮލަށް ޖަމާވަމުން ދިޔަ ކަރުނަތަކުން މަންޒަރުތައް ވަނީ ފުސްވެފައެވެ. އެސްފިޔަތައް ތަޅުވާލުމާއެކު ހޯސްލާފައި ކަރުނަތައް ފައިބައިގެން ދިޔައެވެ. އެހިނދު އުދާސްކަން އެކުލެވިގެންވި ނޭވާއެއް އީވާއަށް ދޫކޮށްލެވުނެވެ.
މާކިންގެ ހިތަށް އީވާގެ ވާހަކަތަކުންނާއި ކަރުނަތަކުން ގޮތެއް ވެގެން ދިޔައެވެ. މެޔަށް ލޮޅުންއަރައި މީހާ ހުއްޓުން އަރައިފިއެވެ. ފިނި ނޭވާއެއް ދޫކޮށްލެވުނެވެ. އީވާގެ ހިތާމަތަކުން އެހިތަށް އަސަރުކުރިއެވެ. ހިތުގެ ވަށައިގެން ހެލިފައިވި ހިލައިގެ ފަށަލަތައް ފުނޑުފުނޑުވެގެން ދިޔަ ކަހަލައެވެ. ރަހުމާއި ހަމްދަރުދީގެ އަސަރުތައް މުޅި ނަފުސުގެ މައްޗަށް އަތްގަދަކޮށްލައިފިއެވެ. ސިކުނޑި އެކަމަށް ދެކޮޅު ހަދަމުން ދިޔަ ކަމުގައި ވިޔަސް މާކިންއަށް އޭނަގެ އަތް އުފުއްލާލެވުނެވެ. ހިތުގެ ގޮވާލުމަށް އިޖާބަ ދެވުނެވެ. ބޭނުން ނުވިޔަސް ކުރިއަށް ޖެހިލެވުނެވެ. އޭނަގެ މުޅި ހަށިގަނޑު ކޮންޓްރޯލް ކުރަމުން ދިޔައީ ތަފާތު އިހުސާސަކުންނެވެ. އިންކާރުކުރަން ބޭނުން ވިޔަސް އީވާއަށް އޭނަގެ ހިތުން ސަމާލުކަން ދެވިއްޖެއެވެ. ހިތް ހުޅުވާލެވިއްޖެއެވެ. އެއަންހެންކުއްޖާއަށް އެފަދަ ބާރެއް ލިބުނީ ކީއްވެގެންކަމެއް ނޭނގެއެވެ. ނަމަވެސް އޭނަގެ އެކަނިވެރި ހިތުގެ މައްޗަށް އަތްގަދަކޮށްފިއެވެ. ޒަހަމްތަކަށް ޝިފާއެއް ލިބިދާނެކަމަށް ފުރަތަމަ ފަހަރަށް ހީވާން ފެށިއެވެ. ނަމަވެސް އެއީ ވެދާނެ ކަމެއް ހެއްޔެވެ؟ މާޒީ ހަނދާން ނައްތާލައި ދިރިއުޅުމާއި އޭނައަށް ކުރިމަތިލެވިދާނެ ހެއްޔެވެ؟ އީވާ ދަސްވެފައި ނުވާ ހާލުގައި ވެސް އިތުބާރުކުރެވެނީ ކީއްވެގެން ހެއްޔެވެ؟ އެއީ ކޮންފަދަ މޮޔަ ކަމެއްކަން ހިތަށް ވިސްނައިދޭނީ ކިހިނެއް ހެއްޔެވެ؟
މާކިންއަށް އީވާގެ މޫނުގައި ދެއަތުން ހިފަހައްޓާލެވުނެވެ. އަދި ބޮނޑުވާ އިނގިލި އީވާގެ ކޯތާފަތުގައި ހިންގާލަމުން، ކޯތާފަތުން ފިރުކެމުން ދިޔަ ކަރުނަތައް ފޮހެލިއެވެ. އީވާގެ ކަރުނަތަކުން މާކިންގެ ހިލަ ހިތް މަޑު ފުށްކޮޅަކަށް ބަދަލުވެގެން ހިނގައްޖެއެވެ. ހިތުގެ ތެޅުން ވެސް އަވަސްވެފައި ވިއެވެ.
މާކިންގެ އަތުގެ ހޫނުކަމާއި އެދެލޮލުގައިވި ޝުޢޫރުތަކުން އީވާއަށް ނޭވާ ހިފަހައްޓާލެވުނެވެ. ހިތުގެ ތެޅުން ވެސް ހިނދުކޮޅަކަށް މަޑުޖެހިލައިފިއެވެ. ބަސްމޮށުންތެރިކަމަކަށް ބޭނުންނުވާ ޖަޒުބާތުތަކެއް ދެޒުވާނުންގެ ދެމެދުގައި ބަދަލުކުރެވުނެވެ. އެހިނދު އީވާގެ ހިތަށް ފިނިކަމެއް ލިބިގެން ދިޔައެވެ. މާކިންގެ ދެލޮލުގައިވި އޯގާތެރިކަމުން ހިތަށް ރާހަތެއް ގެނެސްދިނެވެ. އުއްމީދުގެ ހުޅުކޮޅެއް ރޯކޮށްލަ ދިނެވެ. އެއާއެކު މީހާއަށް ހަމަޖެހިލެވުނެވެ. މާކިންގެ މަޑުމައިތިރި އަދި ލޮބުވެތި ފަރާތެއް ވާކަން ވެސް ސާބިތުވެގެން ދިޔައެވެ. މާކިންގެ އެސިފަޔަށް އީވާގެ ހިތުން ޖާގައެއް ދެވުނެވެ. ނޭގި ހުއްޓާ މާކިން ދެކެ އޭނައަށް ލޯބި ވެވިއްޖެކަން ވެސް އިލްހާމުވެގެން ދިޔައެވެ. ހިތުގައި ވިންދު ޖަހަމުން އެދާ އިހުސާސްތަކުން އެކަން ސާބިތުކޮށްދޭން ކުރަމުން ދިޔަ މަސައްކަތުގެ ސަބަބުންނެވެ.
ލަދުވެތިކަމުގެ އިހުސާސްތައް އީވާގެ މޫނަށް ވެރިވާން ފެށިއެވެ. ކޯތާފަތަށް ޖަންބުކުލަ ވެރިވެ އެސްފިޔަތައް ތިރިކޮށްލެވުނެވެ. ހަށިފުރާ ދޫކޮށްލެވުނު ފިނި ނޭވާއާއެކު ހިތުގެ ތެޅުން އަވަސްވެގެން ދިޔައީ މީހާ ބިރުގަންނުވާލާފައެވެ. މޭގައި ފިރުމާލަން ވެސް ބޭނުން ވިއެވެ. ނަމަވެސް އަތް ހަރަކާތެއް ނުކުރެވުނެވެ. މާކިންގެ އަތުގެ ހޫނުކަމުން މީހާ ވަނީ ގަނޑުވެފައެވެ. ގައިން ހީބިހި ނަގުވާލައިފިއެވެ.
އީވާގެ މޫނަށް ސަމާލުވެ މާކިން ބަލައިލިއެވެ. ރީތިރީތި ސޫރައެކެވެ. ތަފާތު ހިތްގައިމުކަމެއް އެކުލެވިގެން ވިއެވެ. އެމޫނުމަތިން ފާޅުވަމުން ދިޔަ ޝުޢޫރުތަކުގައި ވަނީ ސާދާކަމެވެ. ދެއްކުންތެރިކަމެއް ނެތެވެ. އީވާއާއި އެހެނިހެން އަންހެންކުދިންނާ ހުރި ތަފާތު އެމަދު ވަގުތު ކޮޅުގައި އޭނަގެ ހިތުގައި ބިންވަޅު ނެގިގެން ދިޔައެވެ. އޭނަގެ ޚިޔާލުގައި އެވަގުތު ކޮޅު ކުރެހުނެވެ. ފަނޑުވުމެއް ނާންނާނެ ފަދައަކުންނެވެ. ހިތުގެ އުދާސްތަކުގެ މަތިން ވެސް ހަނދާން ނެތުނު ކަހަލައެވެ. ނަމަވެސް ގިނައިރަކު އެގޮތުގެ މަތީ ސާބިތެއް ނުވެވުނެވެ. ފީނެމުން ދިޔަ ހުވަފެނުން ހޭލެވި، ހަޤީޤަތާ ކުރިމަތިލާން ޖެހުނެވެ. ހިއްސުތަކުގެ މައްޗަށް ބާރުފޯރުވުނު ހިސާބުން މީހާއަށް ލިބިގެން ދިޔައީ ސިހުމެވެ.
ކުއްލިޔަކަށް އީވާގެ ކޯތާފަތުން މާކިންއަށް ދޫކޮށްލެވުނެވެ. ކުރެވުނު ކަންތައް ހަނދާންވުމުން މާކިންއަށް ބަލައިލެވުނީ އޭނަގެ އަތްތިލައަށެވެ. އައި ރުޅީގައި އަތްމުށްކަވާލެވުނެވެ. ނަފުސުގެ މައްޗަށް އޮތް ކޮންޓްރޯލް ދޫވުމުން މާކިންއަށް އޭނަގެ ނަފުސު ދެކެ ރުޅިއާދެވުނެވެ. އިހުސާސްތައް ގައިދުކުރުމުގައި އޭނަ ނާކާމިޔާބުވީ ކީއްވެގެން ހެއްޔެވެ؟ އެފަދަ މޮޔަ ކަމެއް ކުރުމަށް ޚިޔާލު ވެސް އައީ ކީއްވެގެން ހެއްޔެވެ؟ އީވާގެ ގާތަށް އޭނައަށް ދެވުނީ ކީއްވެގެން ހެއްޔެވެ؟ އޭނަގެ ހިތަށް ދެންމެ ވެރިވި އިހުސާސްތަކުގެ މާނައަކީ ކޮބާ ހެއްޔެވެ؟
އީވާއާއި ކުރިމަތިލުމުގެ ހިތްވަރު ގެއްލިގެން ދިއުމުން މާކިންއަށް ފުރަގަސްދެވުނެވެ. އެއަށްފަހު ދޫކޮށްލި އަވަސްނޭވާތަކާއެކު މާކިން ކުރިއަށް ހިނގައިގަތެވެ.
ހައިރާންކަމާއެކު މާކިންއަށް ބަލަން ހުރި އީވާއަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. މާކިންއަށް އައި ބަދަލުތަކުން ހިތަށް ނުބައި ގޮތެއް ވެސް ވިއެވެ. ނަމަވެސް އެހިސާބުން އެކަންތައް ނިންމާލުމުގެ ފުރުސަތު ދޭން އީވާގެ ހިތް ދެކޮޅު ހެދިއެވެ. އޭނަ ބުނަން ބޭނުންވާ ވާހަކަތައް އަދިވެސް ނުބުނެވެއެވެ. ހަމައެއާއެކު މާކިންގެ އޯގާތެރިކަން އިހުސާސްކުރެވުމުން ދައްކަން އުޅޭ ވާހަކައާއިގެން ކުރިއަށް ދާން އިތުރު ހިތްވަރެއް ވެސް ލިބުނެވެ.
ދުވެފައި ގޮސް މާކިންގެ އަތުގައި އީވާ ހިފެހެއްޓިއެވެ. އީވާގެ އެހަރަކާތުން މާކިންއަށް ފިޔަވަޅުތައް މަޑުޖައްސާލެވުނެވެ. ފަސްއެނބުރިލަމުން އެއް ފަހަރު އީވާގެ މޫނަށް އަދި އަނެއް ފަހަރު އީވާ ހިފަހައްޓައިގެން ހުރި އަތަށް ބަލައިލެވުނެވެ. އެއަށްފަހު ގެނައި ކުއްލި ހަރަކަތާއެކު އީވާގެ އަތް ފޮޅުވާލިއެވެ. އެއާއެކު އީވާ ދިޔައީ ސިއްސައިގެންނެވެ. ދެލޯބޮޑުކޮށްލަމުން މާކިންއަށް ބަލައިލިއެވެ. ރުޅިވެރިކަން އެމޫނުމަތިން ފެނުނުކަމުގައި ވިޔަސް ފަހަތަށް ޖެހިލުމުގެ ވިސްނުމެއް އީވާގެ ނެތެވެ. ކުއްލިޔަކަށް އެފަދަ ހިތްވަރެއް ލިބުމުން ހައިރާން ވެސް ވިއެވެ.
''އަހަންނަށް އެދުވަހު އެހީވެދިނީތީ ޝުކުރިއްޔާ... އަހަރުމެންގެ ދެމެދުގައި އޮތް ރުޅިވެރިކަމަށް ނިމުމެއް ގެންނަން އަހަރެން ބޭނުން، މާކިންގެ އެކުވެރިޔަކަށް ވާން ވެސް އަހަރެން ބޭނުން...'' މާކިންއަށް ބަލައިލަމުން އީވާ ބުނެލިއެވެ.
ޖެހިލުންވުމުގެ އަސަރެއް އީވާގެ ފަރާތުން މާކިންއަކަށް ނުފެނުނެވެ. ހައިރާންކަން ލިބުނީ އެހެންވެއެވެ. އެހެނިހެން އަންހެންކުދިންނާ އީވާއާ ހުރި ތަފާތު އޭނައަށް އަންދާޒާކޮށްލެވުނެވެ. ފަސޭހައިން ބަލި ޤަބޫލުކުރުމުގެ ވިސްނުން އީވާގެ ނެތްކަން އެމޫނުމަތިން ފެންނަމުން ދިޔަ ސާބިތުކަމުން އަންގައިދިނެވެ.
އިރުކޮޅެއް ވަންދެން އީވާއަށް ބަލަހައްޓައިގެން މާކިންއަށް ހުރެވުނެވެ. އެއަށްފަހު އޭނަގެ ނަޒަރު އީވާއާއި ވަކިކޮށްލަމުން ކުރިއަށް ހިނގައިގަތެވެ.
''މާކިންގެ ޖަވާބަކަށް އަހަރެން އިންތިޒާރުކުރާނަން، އަހަރެން ބޭނުން މާކިންގެ އެކުވެރިޔަކަށް ވާން...'' އީވާ ވެސް މާކިންގެ ފަހަތުން ހިނގައިގަތެވެ. އެކަމާ ރުޅިއާދެވުނު މާކިން އީވާއާ ދިމާއަށް އެނބުރިލަމުން ހަޅޭއްލަވައިގަތެވެ. ސިއްސައިގެން ދިޔަ އީވާއަށް ތުން ފިއްތާލެވުނެވެ.
''ކީއްކުރަން ފަހަތުން ތިއަންނަނީ؟، ދުރުގައި ހުރެބަލަ... ބޮލަށް އުނދަގޫ އެބަވެޔޭ!... އަހަރެން ބޭނުމެއް ނޫން އީވާއާއި އެކުވެރިކަން ބަދަހިކުރާކަށް!...'' ދެލޯހަނިކޮށްލަމުން މާކިން ބުނެލިއެވެ. އެއަށްފަހު ދެފަޔަށް ލެވުނުހާ ބާރެއް ލާފައި ގޮސް ޕާކުން ނިކުމެއްޖެއެވެ. އީވާ އެކަނި ހާލަށް ދޫކޮށްލަމުންނެވެ.
''ހޫނނނ، ފޮނި ފިރިހެނެކޭ، އަންހެންކުއްޖަކު އެކުވެރިކަމަށް އަތް ދިއްކުރުމުން ވެސް އެދިޔައީއެއްނު، ހުއް، ބަލަން ހުރޭ، އުނދަގޫކޮށްގެން ވިޔަސް މާކިންގެ ޖަވާބެއް ހޯދާނަން...'' އީވާއަށް ބުނެވުނެވެ. ހިތުގެ އުދާސްތަކުގެ ތެރޭގައި ހަނާވެގެން ދާން އީވާ ބޭނުމެއް ނުވިއެވެ. މާކިންގެ ފަރާތުން މިރޭ ފެނުނު އޯގާތެރިކަމުން އެހިތާ ހަމައަށް ވާސިލުވާން އީވާ އަޒުމު ކަނޑައަޅައިފިއެވެ. އުއްމީދުގެ ހުޅުކޮޅު ރޯވެގެން ދިޔައީތީއެވެ. އެހަރުކަށިކަމުގެ ފަހަތުގައި ފޮރުވިފައިވަނީ ކޮންފަދަ ހިތްހެޔޮހިތެއްގެ ވެރިޔެއްކަން މިއަދު ސާބިތުވެގެން ގޮސް ފިއެވެ.
މާކިންއާއި އެކު ހޭދަކުރެވުނު ވަގުތު ކޮޅު ހަނދާންވުމުން އީވާގެ ތުންފަތަށް ރަކި ހިނިތުންވުމެއް ވެސް ވެރިވެގެން ދިޔައެވެ. ކޯތާފަތުގައި ވެސް ފިރުމާލެވިއްޖެއެވެ.
ހަށިގަނޑުގައި ބީހިލި ތެތްފިނި ރޯޅިއާއެކު އީވާއަށް އޭނަގެ ހުވަފެނީ އާލަމުގެ ތެރޭން ނިކުމެވިއްޖެއެވެ. ހުރެވުނު މާހައުލާ މެދުގައި ވިސްނާލެވުނީ ދެނެވެ. ދަންވަރުގެ ވަގުތުކަން ވެސް އޭނައަށް ރޭލާކީ ދެނެވެ. މާހައުލުގެ ހިމޭންކަމާއި ފަނޑު އަލިކަމުގެ ތެރޭން އީވާ ބިރުގަންނަން ފެށިއެވެ. މާކިން އޭނަގެ ގާތުގައި ހުރިއިރު އެއިހުސާސެއް ނުކުރުވެނުނެވެ. ނަމަވެސް އެކަނިވުމުން އޭނަ ބިރުގަންނަން ފެށިއެވެ.
''އަހަރެން މިތަނަށް އެކަނި ދޫކޮށްލާފަ ދާން ކެރުނުކަމާ މެދު ވެސް ހައިރާން ވެއްޖެ...'' ތުންއަނބުރާލަމުން އީވާއަށް ބުނެވުނެވެ. ފިނި ރޯޅިތަކުން ހަށިގަނޑަށް ގޯނާކުރަން ފެށުމުން ދެ އަތްތިލަ ގެނެސް ހަށިގަނޑު ވަށާލެވުނެވެ.
''މާކިންއަށް ކޮންމެވެސް ހިތްދަތިކަމެއް ލިބިފައިވާހެން ހީވަނީ، އެކަމުގެ ސަބަބުން އެއްވެސް މީހަކަށް އެހިތްހުޅުވާލަން ބޭނުން ނުވަނީ، އަނެއްކާ ކޮންހަކަލަ ކަމެއްބާ ދިމާވީ؟، އަހަންނަށް ކިޔައިދިން ނަމަތާ އެހީވެވޭނީވެސް، ކިޔައިދޭން ނޫޅުނަސް ވަރިހަމަ، އެކަމެއް ހޯދާފަ ދެން ހުއްޓާލާނީ...'' ވަށައިގެން ހޯދަމުން ކުރިއަށް ހިނގައިގަންނަމުން އީވާ އަމިއްލަ ނަފުސާ ވާހަކަދެއްކިއެވެ.
*****
ބާރުބާރަށް ހިނގަމުން ދިޔަ މާކިންއަށް ކުއްލިޔަކަށް އޭނަގެ ފިޔަވަޅުތައް މަޑުޖައްސާލެވުނެވެ. ކުރިއަށް ދާން ކިތަންމެ ބޭނުން ވިޔަސް އިތުރު ފިޔަވަޅެއް އަޅާލެވޭ ގޮތެއް ނުވިއެވެ. ފިކުރެއްގައި ހުރި މާކިންއަށް އަތުކުރީ އޮތް ގަޑިއަށް އަވަސް ނަޒަރެއް ދެވުނެވެ. މެންދަމުން އަނބުރާ އެކެއްޖެހުމާ ގާތަށް ދަނީއެވެ. ދަންވަރުގެ އެވަގުތުގައި އީވާ އެކަނިކޮށްލާފައި ދާން އޭނަގެ ޒަމީރު ދެކޮޅުހެދިއެވެ. އީވާއަށް ކުރިމަތިވެދާނެ ކަމަކާ މެދުގައި ވިސްނި މީހާއަށް ހާސްކަން ލިބުނެވެ. ކުރީ ރެޔަކު ވެސް ދަންވަރު ވަގުތު އެކަނި ދިޔަ އަންހެންކުއްޖަކަށް ގުރޫޕަކުން ގޯނާ ކުރި ޚަބަރު ޖެނިފާގެ ފަރާތުން އޭނަގެ ކަންފަތާ ހަމައަށް ވަނީ ފޯރާފައެވެ. ސިކުނޑިއަށް ވެރިވާން ފެށި ތަފާތު ޚިޔާލުތަކާއެކު މާކިންގެ ހިތް ބިރުގަންނަން ފެށިއެވެ. ފިޔަވަޅުތަކުގެ މިސްރާބު އޭނައަށް ބަދަލުކޮށްލެވުނެވެ.
*****
''އަސްލުކޮށް ވެސް ދިޔައީއެދޯ... މިގަޑީގަ ޓެކްސީއެއް ވެސް ނުލިބޭނެ... މިވީ ގޮތުން ހިނގާފަ ދާން މިޖެހުނީ، ރައު ވެސް މިގަޑީގަ އުޅޭނީ ޑިއުޓީގަ...'' ޕާކުން ބޭރަށް ނިކުމެ ވަށައިގެން ހޯދާލި އީވާއަށް ތުން ދިގުކޮށްލެވުނެވެ. އޭނަ އުއްމީދުކޮށްގެން ހުރީ ޕާކުން ނިކުންނަ އިރު އޭނަގެ އިންތިޒާރުގައި މާކިން ހުންނާނެކަމަށެވެ. ފިލްމުތަކުން އަބަދު އެގޮތަށް ކަންތައް ވާތީ އޭނަ ވެސް ދިޔައީ އެކަމުގެ ފޮނި ހުވަފެން ދެކެމުންނެވެ ނަމަވެސް އޭނައަށް ޖެހުނީ ދުނިޔޭގެ ހިތި ހަޤީޤަތާ ކުރިމަތިލާށެވެ. ފޫހިކަން ހިތަށް ވެރިވީ އޭގެ ސަބަބުންނެވެ.
މަގަށް ސަމާލުކަން ދެމުން އީވާ ކުރިއަށް ހިނގައިގެންފިއެވެ. އަތުގައި އޮތް ކުޑަ ގެނެސް މޭގައި ޖައްސާ ބާރުކޮށްލައިގެންނެވެ. ކުރިއަށް ހިނގަމުން ދިޔަ ވަގުތު ކައިރި ހިސާބެއްގައި ހުރި ބާރ އަކުން ޒުވާން އުމުރު ފުރައިގެ ދެ ފިރިހެނަކު ނިކުތްތަން ފެނުނެވެ. ދެމީހުން ވެސް ހަށިގަނޑުން ބިޔަ ވެފައި، ރަންކުލައަރާ ބޮލުގެ އިސްތަށިގަނޑާއި ދިގުކޮށްފައިވި ތުންބުޅިގޮސް މޭމަތީގައި ޖެހެއެވެ. ހާމައަށް ފެންނަމުން ދިޔަ މުލައްދަނޑިތަކުގައި ޓެޓޫ ކުރަހާފައި ވެއެވެ.
އެމީހުން ފެނުމާއެކު އީވާގެ ހިތަށް ފޫހިކަން ވެރިވިއެވެ. މޫނަށް ގޮތެއް ވެސް ހަދާލެވުނެވެ. ހޫރެމުން ދިޔަ އެމީހުންގެ ނަޒަރު އޭނައަށް ހުއްޓުމުން އީވާ ބިރުގަންނަން ފެށިއެވެ. ހާސްވާން ފެށިއެވެ. އެމީހުންތައް މަސްތުވެފައިވާ ހާލު ބާރުބާރަށް އޭނައަށް ގޮވަން ފެށުމާއެކު އީވާއަށް ފިޔަވަޅުތައް ބާރުކޮށްލެވުނެވެ. ވަގުތުގެ ގޮތުން މަގަށް ވެރިވެފައިވަނީ ފަޅުކަމެވެ. ހިމޭންކަމެވެ. ދިރޭ ފުރާނައެއްގެ ހިލަން އެމީހުން ފިޔަވައި ފެންނާކަށް ވެސް ނެތެވެ.
ފިޔަވަޅުތައް ބާރުކޮށްލުމުން އީވާގެ ފަހަތުން އެމީހުން ވެސް ހިނގައިގަތެވެ. ބިރުން ގޮސް އީވާގެ ނިތްކުރިން ފިނި ދަލެއް ހިއްލައިފިއެވެ. ހިތުގެ ތެޅުން ވެސް އަވަސްވާން ފެށިއެވެ. ފަހަތުން އިވެމުން ދިޔަ ފިޔަވަޅުތަކުގެ އަޑު އޭނައާއި ނުހަނު ގާތުން އިވޭހެން ވެސް ހީވިއެވެ. ފަސްބެލުމުގެ ވިސްނުމެއް އީވާގެ ނެތެވެ. ގެންފައި ހުރި ބިރާއެކު އީވާއަށް އަތުގައި އޮތް ކުޑައިގައި ހިފާ ބާރުކޮށްލެވުނެވެ. އެންމެފަހުން ފިޔަވަޅުތަކުގެ އަޑު އައިސް އޭނައާއި އަރާހަމަކޮށްފިކަމުގެ އިހުސާސުން، ގެންފައި ހުރި ބިރެއްގެ ބޮޑު ކަމުން އަތުގައި އޮތް ކުޑަ މަޅައިލުމަށްފަހު ފަސްއެނބުރި ފަހަތުގައި ހުރި މީހާއަށް ހަމަލާ ދެވުނެވެ. އޭރު އީވާގެ ދެލޯ ވަނީ ތަގުޅިކޮށްލެވިފައެވެ.
''އާހް!!!...'' އީވާގެ ކަންފަތުގައި ޖެހުނު ބަރު ފިރިހެންވަންތަ އަޑާއެކު ސިހިފައި އީވާއަށް ލޯހުޅުވާ ލެވުނެވެ. އެއާއެކު އޭނައަށް އަނގަމަތީ އަތްއަޅާލެވުނެވެ.
(ނުނިމޭ)