ސަތާރަވަނަ ބައި
"އީރަން....!!" އެހިމޭންކަމުގެ ތެރޭގައި އާޝިދްގެ އަޑު ކަންފަތުގައި ޖެހުމާއެކު އިރާނިޔާގެ މަޑުފިޔާތޮށިކުލައެއް ވެރިވެފައިވާ ދެތުުންފަތް ތެޅިލައިފިއެވެ. އާޝިދްގެ ނަޒަރު އިރާނިޔާގެ ތުންފަތަށް ހުއްޓުމާއެކު އޭނާގެ ހަތަރެސްފައި ފިނިވެގެން ދިޔަ ކަހަލައެވެ. ހިނދަކަށްފަހު ހިނދެއް އިރާނިޔާއާއި ކައިރިވަމުން ދިޔައެވެ. ހެދެން އުޅެނީ ގޯހެއްކަން އިނގި އިރާނިޔާ އިސްޖަހައިލިއެވެ.
"ސިޑް...." އިރާނިޔާ ގޮވައިލިއެވެ. އާޝިދްގެ ހަރަކާތްތަކަށް ހުއްޓުމެއް ނައެވެ. އޭނާއަށް އެއްވެސް އެއްޗެއް ނީވޭ ކަހަލައެވެ.
"ސިޑް... ސައިތަށި ހިހޫވެއްޖެ" އާޝިދްގެ އަތްމަތީގައި އަތް އަޅައިލަމުން އިރާނިޔާ ބުނެލިއެވެ. އަތަށް އިހުސާސްވެގެންދިޔަ އިރާނިޔާ އަތްތިލައިގެ ފިނިކަން އިހުސާސްވުމާއެކު އާޝިދަށް ހަމަ ދުނިޔެއަށް އާދެވިއްޖެއެވެ. ލަސްލަހުން އިރާނިޔާއާއި ދުރުވެލަމުން އޭނާގެ ނަފްސު ހަމަޖައްސައިލިއެވެ.
"ސޮރީ... އީރަން...!! އައިމް ރިއަލީ ވެރީ ސޮރީ.... އެއީ އަހަރެން ބޭނުންވިގޮތެއްނޫން. އީރަން ފެނުމުން އަހަރެންގެ ހިތާއި ނަފްސު ކޮންޓްރޯލްކުރަން ވަރަށް އުނދަގޫ..." އާޝިދް ވަގުތުން މަޢާފަށް އެދުނެވެ. ޙަޤީޤަތުގައިވެސް އިރާނިޔާގެ އިތުބާރުގެއްލޭ އެއްވެސް ކަމެއް ކުރާކަށް އާޝިދް ބޭނުމެއްނުވެއެވެ. އޭނާ އަލުން އިރާނިޔާއަށް ބަލައިލީ އޭނާގެ އަތްތިލައިގައި އިރާނިޔާ ހިފާލުމުންނެވެ. އާޝިދް އިރާނިޔާއަށް ބަލައިލިއެވެ.
"އަހަރެން ސިޑްއަށް ވަރަށް އިތުބާރުކުރަން. އަހަރެންގެ ފިރިމީހާއަށް ވުރެވެސް ބޮޑަށް" އާޝިދްގެ މޫނަށް ނަޒަރު ހުއްޓައިލަމުން އިރާނިޔާ ބުނެލިއެވެ.
އާޝިދްގެ ތުންފަތްމައްޗަށް ވެރިވި ފަނޑު ހިނިތުންވުން އިރާނިޔާއަށް ފެނުނެވެ. އާޝިދްގެ އޭނާދެކެވާ ތެދުވެރި ލޯތްބާ ދޭތެރޭ އަބަދުވެސް އޭނާ ވިސްނައެވެ. އޭނާގެ ވިސްނުން މަޑުމަޑުން އާޝިދާއި ދިމާލަށް ދަތުރުކުރަން ފަށައިފިކަން އަދި އޭނާއަށް ނޭނގޭއެވެ. އުނޭޝްގެ ފަރާތުން ހިތްހެޔޮބަހެއް އަދި ލޯތްބެއް ލިބިދާނެކަމަށް އޭނާ ކުރަމުންއައި އުންމީދުތައް މިހާރު ވަނީ އެއްކޮށް ކެނޑިފައެވެ.
"ސިޑް...!! ބަލައިބަލަ... ބޭބީ މޫވްކުރަނީ..." ކުއްލިއަކަށް އިރާނިޔާ ހީލައިފައި ބުނެލިއެވެ. އާޝިދް އިރާނިޔާ ބަނޑަށް ބަލައިލިއެވެ. ދަރިފުޅު މޫވްކުރަމުން ދިޔަ މަންޒަރު އާޝިދަށް ވަރަށް ރީތިކޮށް ފެނުނެވެ. އޭނާއަށްވެސް ހެވިއްޖެއެވެ.
"ބޭބީވެސް ނުނިދާ އެ އުޅެނީ...." އިރާނިޔާ ބުނެލިއެވެ.
"އަހަރެން އަތްޖައްސައިލަންތަ؟" އާޝިދް އަހައިލިއެވެ. އިރާނިޔާ އާޝިިދަށް ބަލައިލިއެވެ. އަދި ބޯޖަހައިލިއެވެ. އާޝިދްގެ އަތްތިލަ މަޑުމަޑުން އިރާނިޔާގެ ބަނޑުގައި ޖައްސައިލިއެވެ. ދަރިފުޅު ހަރަކާތްކޮށްލިކަން އޭނާއަށް އިހުސާސްވުމާއެކު ހިނިތުންވެފައި އިރާނިޔާގެ މޫނަށް ނަޒަރެއްދިނެވެ.
ރޭގަނޑުގެ ކެއުމަށް ޝެނަލް އިންކާރުކުރަމުން އެދާ ސަބަބު ބައްސާމަށް ނޭނގުނަސް ސަބްރީނަށް އިނގެއެވެ. އެވަގުތު އެގޭ މޭޒު ކައިރީގައި ތަމަންނީވެސް އިނެވެ. މިހާރަކަށް އައިސް ތަމަންނީ އެގެއަށް އަންނަވަރު ގިނައެވެ.
"ކޮބާ ޝާނީ...؟" މޭޒު ކައިރީގައި އިށީންނަމުން ބައްސާމް އަހައިލިއެވެ.
"މިރޭ ކާހިތްނެތޭ ކިޔާފަ އެބައޮތް ކޮޓަރީގަ. ބައްސާމަށްވެސް އިނގެއެއްނު އޭނާ ނުކާނަމޭ ބުނާ ރެއެއްވިއްޔާ ނުކާނެކަން. ބައްސާމް ކާންފަށަންވީނުން" ތަށިތައް ކައިރިކުރަން ހުރި ސަބްރީން ބުނެލިއެވެ.
"އުނހު... މަޑުކުރޭ. އަހަރެން އެބައަންނަން" ބައްސާމް ތެދުވަން އުޅުނެވެ.
"ބައްސާމްބޭ މަޑުކޮށްލާ. އަހަރެން މިއަންނަނީ ޝާނީ ގޮވައިގެން" ތަމަންނީ ތެދުވެގެން ހިނގައިގަތެވެ. ޝެނަލްގެ ކޮޓަރިއާއި ދިމާލަށް ދިޔައިރު އޭނާގެ ތުންފަތުގައިވީ މަކަރުވެރި ހިނިތުންވުމެކެވެ. ޓަކިވެސް ނުޖަހާ ތަމަންނީ ދޮރުހުޅުވާލިއިރު ޝެނަލް އެނދުގައި އޮތެވެ. އުއްޑުން އޮތްއިރު އޭނާގެ ނަޒަރު އަމާޒުވެފައިވަނީ ސީލިންގައަށެވެ. ކަޅިޖަހާނުލާ އޮތްއިރު އޭނާގެ ޚިޔާލުތަކާއި ފިކުރުތައް ގުޅިފައިވަނީ އަދްޔަންއާއެވެ. އޭނާގެ ދިރިުއުޅުން މިހާރު މިސްރާބު ޖަހާފައިވާ ދިމާލެއް ހުދު އޭނާއަށް ނޭނގޭއެވެ.
ޝާނީ..!!" އެތެރެއަށް ވަންނަމުން ތަމަންނީ ގޮވައިލިއެވެ. ޝެނަލްއަށް އަޑެއް ނީވުނެވެ. ޚިޔާލީ ދުނިޔެއިން އޭނާއަށް ނިކުމެވުނީ ކައިރީގައި އިށިން ތަމަންނީ އޭނާގެ ފައިގައި ކޮށްޓާލުމުންނެވެ.
"ބައްސާމްބެ އެބައިން ކާންނުފަށާ. ޝާނީ ބަލާ މިއައީ" ތަމަންނީ ބުނެލިއެވެ.
"އަހަރެން ނުކާނަން. ކާހިތްވެސްނުވޭ. ކާއެއްޗަކާ ދިމާލަށް ބަލައިލާނީވެސް ބަނޑުހައިވާނަމައެއްނު" ފަރުވާކުޑާ ގޮތަކަށް ޝެނަލް ބުނެލިއެވެ.
"ތިއީ މޮޔަވިސްނުމެއް. އަހަރެންނަށް ހުރިހާ އެއްޗެއް އިނގޭ. އަހަރެން ވަރަށް ބޮޑު ހަޤީޤަތެއް ބުނެފާނަން. ޝާނީ ޤަބޫލުކުރާނަންތަ؟" ތަމަންނީ ބުނެލިއެވެ. ޝެނަލްގެ ކަޅި ތަމަންނީއާއި ހަމައަށް ދަތުރުކޮށްލާފައި ކުރިންހުރިި ދިމާލަށް ބަދަލުކޮށްލިއެވެ.
"އަދްޔަންއަކީ ރަނގަޅު ކުއްޖެއްނޫން. އެއީ ވަރަށް ބިޓިން ފިރިހެނެއް. އަހަރެންނަށް އެކަން ރަނގަޅަށް އިނގޭތީ މިބުނީ. އޭނަގެ ހަޤީޤަތް އަހަރެން ކައިރީގައި ކިޔައިދިނީ އަހަރެންގެ ފިރިމީހާ. އެއީ ވަރަށް ގުޅޭ ބައެއް" ތަމަންނީ ހިތުހުރި ގޮތަކަށް ވާހަކަދައްކަމުން ދިޔައިރު އޮށޯވެގެން އޮތް ޝެނަލް ތެދުވެ އުނގަށް ބާލީސް އަރުވައިފިއެވެ. އޭނާގެ މޫނުމަތިން ފެންނަނީ ޚައިރާންކަމެވެ.
"ތަމަން...! ތިކަހަލަ ވާހަކަނުދައްކަފާނަންތަ؟ އަދޫ އަހަރެންނަށް ވަރަށް ރަނގަޅަށް އިނގޭ" ޝެނަލް ޤަބޫލުކުރަން ބޭނުންނުވިއެވެ.
"ހެހެހެ... އިނގޭ ޝާނީއަށް ވާނީ ތިހެންކަން. ހުދު އަހަރެން ނަމަވެސް ޖަވާބުދެވޭނީ ތިހެން... އެކަމަކު މަޑުކުރޭ... އަހަރެން ޝާނީއަށް ޕްރޫފްކޮށްދޭނަން" ޔަޤީންކަމާއެކު ތަމަންނީ ބުނެލިއެވެ. ޝެނަލް ތަމަންނީގެ މޫނަށް ބަލައިލިއިރު އޭނާގެ ހިތް ތެޅެމުން ދިޔައެވެ. އެއީ ހަޤީޤަތަކަށް ނުވުމަށް އެދި ހިތާހިތުން ދުޢާ ކޮށްލައިފިއެވެ.
އިލޮށިފަތި ހިފައިގެން މަގުމަތި ކުނިކަހަން ނިކުންނަން އުޅުނު ޙާއިޝާ ހުއްޓުނީ ދޮރާށި ހުޅުވާލާފައި ޒުވާން އަންހެންކުއްޖަކު ވަނުމުންނެވެ. ހަމަ އެހާ އަވަހަށް ޙާއިޝާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ.
"އަނހަ... ގޮމަ... އަވަހަށް އާދޭ.. ޙާއިޝާއްތަ ހަމަ ޚާއިރާންވެއްޖެ ގޮމަ މިގެއިން ފެނުނީމަ" ދޮރާށި ލައްޕާލި ގުމްރޫހަށް ޙާއިޝާ ބުނެލިއެވެ.
"މަންމަ ދެއްވި އެއްޗެއް ހިފައިގެން މިއައީ. ޙާއިޝާއްތައަށް އިނގޭތަ! ބައްޕަ ވަރަށް ޝަކުވާ ކުރާނެ މިގެއަށް ނާންނާތީ އަޅުގަނޑު" ގުމްރޫހް އަތުގައި ހުރި ތަށިބަރި ޙާއިޝާ އަތަށް ދެމުން ގުމްރޫހް ބުނެލިއެވެ.
"ކޮބާ ރާނީއްތަ. ނުވެސްފެނޭ. އަސްލު މިގެއަށް ނާދެވެނީ އަބަދު ސްކޫލުގަ އުޅެންޖެހޭތީ. ކުޑަކުޑަ ކުދިންތަކެއް ގޮވައިގެން އުޅޭއިރު ހާދަ ހިތްހަމަޖެހެއޭ" ގުމްރޫހް ވާހަކަދެއްކިއެވެ.
"ޙާއިޝާއްތަ ހީކުރީ މީހުން ގޮމައާއި އަދޫ އާ ދެކުދިން އަޅުވައި ކިޔާތީ އަންނަން ނުކެރެނީ ކަމަށް" ޙާއިޝާ ބުނެލިއެވެ. ރަކި ހިނިތުންވުމެއް ގުމްރޫހްގެ ތުންފަތަށް ވެރިވެގެން ދިޔުމާއެކު އޭނާއަށް އިސްޖަހައިލެވިއްޖެއެވެ. މީހަކު އަދްޔަންގެ ނަން ކިޔައިލި އަޑު އިވުނަސް އޭނާގެ ހުރިިހާ ހިއްސުތަކެއް ކޮޅަށް ޖެހިގެންދެއެވެ.
ކުޑައިރު އެކުގައި އުޅުނު ދެކުދިން ބޮޑުވަމުން އައިރު އެތައް ބައެއްގެ ލޯތައް ދެކުދިންނަށް އަމާޒުވިއެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ގުމްރޫހް އަދްޔަންދެކެ ލަދުގަންނަން ފެށުމެވެ. ފަހަކަށް އައިސް އޭނާއަށް އަދްޔަން ފެންނަ ހިސާބަށް އަންނަންވެސް ލަދުގަންނަނީއެވެ. އަދްޔަން ކިޔަވަން ރާއްޖެއިން ބޭރަށް ދިޔަފަހުން އޭނާއަށް އޭނާގެ ހިތްއެދި ގޮވަމުންދިޔަ ގޮވުން އިހުސާސްވިއެވެ. ނަމަވެސް އޭރު އަދްޔަން ހުރީ މާދުރުގައެވެ. އޭނާގެ ހިތް އުފަލުން ނަށަންފެށީ ކިޔެވުން ނިންމާ އެނބުރި އަދްޔަން އައި ހިސާބުންނެވެ. ބައްޕަ އީސަ އަދްޔަންގެ ދަށުން މަސައްކަތްކުރަން ފެށުން އޭނާއަށް އިތުރު ހިތްހަމަޖެހުމެއް ލިބުނެވެ. އީސަގެ މުސާރަ ހިފައިގެން އަދްޔަން އެގެއަށް އައުމުންވެސް ގުމްރޫން ހުންނަނީ ކޮޓަރީގައި ފިލައެވެ. އޭނާ ހިތްހަމަޖެހުން ހޯދަނީ ދުރުދުރުން އަދްޔަންގެ މޫނަށް ބަލައިގެންނެވެ.
"ޙާއިޝާއްތަ އަބަދުވެސް ބުނަމެއްނު ގޮމައާއި އަދޫ ވަރަށް ގުޅެއޭ... އޭރުގަވެސް ޙާއިޝާއްތަ އެހެން ކިޔަނީ ސަމާސާއަކަށް ނޫނޭ" ޙާއިޝާ ބުނެލިއެވެ.
"އެއްކަލަ ޙާއިޝާއްތަ... ހަމަ މަންމަ ކަހަލަ.... މަގުމަތި ކުނިކަހަންތަ ތި ނިކުންނަނީ... ގެނޭ އަޅުގަނޑު ކަހާލާނަން. މިއަދު ހޮނިހިރު ދުވަސްވީމަ ސްކޫލަށްވެސް ދާންނުޖެހޭތީ ވަރަށް ފޫހިވެގެން ހުއްޓަ މަންމަ މިގެއަށް ފޮނުވީ" ޙާއިޝާ އަތުން އިލޮށިފަތި ހިފައިގެން ގުމްރޫހް ބޭރަށް ނިކުތެެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިވި ޙާއިޝާ ގުމްރޫހް ފަހަތުން ނިކުންނަން ދަނިކޮށް އިރާނިޔާ ގޮވައިލިއެވެ.
"މަންމާ.. ތިއީ ކޯޗެއް...؟ ހާދަ ހިނިއައިއްސަ" އިރާނިޔާ ބުނެލިއެވެ.
"މިއީ... އަންޖުމަން ފޮނުވި އެއްޗެއް. މިއީ އަސްލު ބަށިކުޅެގެން މަންމަމެންގެ ޓީމް މޮޅުވީމަ އަންޖުމަން މަންމައަށް ދޭން ބުނި އެއްޗެއް" ޙާއިޝާ ބުނެލިއެވެ.
"ގޮމަތަ އައީ ހިފައިގެން" އިރާނިޔާ އެހިއެވެ. ޙާއިޝާ ބޯޖަހައިލިއެވެ.
"ކޮބާ މިހާރު؟" އިރާނިޔާ އަހައިލިއެވެ.
"ވެއްޖެ މަންމަ އަތުން އިލޮށިފަތި އަތުލައިގެން ބޭރަށް ނިކުމެ" ޙާއިޝާ ބުނެލިއެވެ.
ދޮރާށި ހުޅުވާލާފައި އިރާނިޔާ ބޭރު ބަލައިލިއެވެ. އޭރު ފަރިިތަކަމާއެކު ގުމްރޫހް ކުނިކަހަމުން ދިޔައެވެ. ދޮރާށި ކުރިމަތީގައި ހުރި އިރާނިޔާ އަނެއް ފަޅިއަށް އެރީ ޖޯލިފަތި ހުރި ދިމާލަށް އަވި އަރާފައި އޮތުމުންނެވެ. މާދުރުން ހިނގާފައި އައި އަދްޔަން ފެނި އިރާނިޔާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ގުމްރޫހަށް އެކަން ނޭނގޭތީ އިރާނިޔާއަށް މަޖާވިއެވެ. ތަށިބަރި ބަދިގެއަށް ލާފައި ބޭރަށް ނިކުތް ޙާއިޝާއަށްވެސް އެތަން ފެނުމުން ހީލިއެވެ.
ކުނިކަހަން އޮތް އަދްޔަންއަށް ގުމްރޫހް ލޮލުގައި އަޅައިނުގަތީ އޭނާ އިސްޖަހާލައިގެން ހުރެ ހިނގާފައި އައުމުންނެވެ. ދެތިން ފިޔަވަޅު ކުރިއަށް އަޅައިލުމަށްފަހު އަދްޔަން ހުއްޓުނެވެ. ފަހަތް ބަަލައިލިރު ގުމްރޫހް އިސްޖަހައިގެން ހުރި މަންޒަރު ފެނުމުން އަދްޔަން ހިނިއައެވެ. އޭނާ ފެނުމުން ގުމްރޫހް ލަދުން އުޅޭތީ އޭނާއަށް ވެސް ވާހަކަދައްކަން ނުކެރެއެވެ. އިލޮށިފަތި ހިފައިގެން އެއްއަތުން އަނެއް އަތުގައި ހިފާލައިގެން ހުރި ގުމްރޫހް ހަރުވާޅު ހެދުމެއް ލައިގެން ހުއްޓަސް އޭނާގެ ހަށިގަނޑާއި އެހެދުން ނުލާހިކު ގުޅެއެވެ. ދިގު އިސްތަށިގަނޑު ދޫކޮށް ހުޅިއެއް ޖަހާލާފައި ވާއިރު ދޮން މޫނުމައްޗަށް ވަނީ ޖަންބުކުލަ ވެރިވެފައެވެ. އަދްޔަން ފެނުމުން ގުމްރޫހަށް އަންނަމުންދާ ބަދަލާމެދު އޭނާއަށް ފުރަތަމަ ފަހަރަށް ވިސްނާލެވިއްޖެއެވެ. އިސްކޮޅާ ރޫފައާއި އެއްވަރުގެ ރީތި އަންހެންކުއްޖެކެވެ. މުރާލިކަމާއި ހިތްހެޔޮަކަމުގެ ނަމޫނާއެކެވެ. ތަޢުލީމީ އަންހެންކުއްޖެކެވެ.
"ގޮމަ...!!" އެތައް އަހަރަކަށްފަހު އަދްޔަމް ގުމްރޫހަށް ގޮވައިލިއެވެ. ގުމްރޫހަށް ހީވީ އޭނާގެ ކަންފަތް ދަށުން އަރާމު މިޔުޒިކެއްގެ އަޑު އިވުނުހެންނެވެ. އޭނާ އިސްއުފުލާ އަދްޔަންއަށް ބަލައިލިއެވެ.
"ކިހިނެއްތަ...؟" އަދްޔަން އަހައިލިއެވެ.
"ރަނގަޅު..." ގުމްރޫހް މަޑުމަޑުން ބުނެލިއެވެ.
ކައިރިއަށް އައިސް ހުއްޓުނު އިރާނިޔާ ކަރުކެހިލުމާއެކު އަދްޔަން ބަލައިލިއެވެ. ގުމްރޫހަށް ތުންފަތުގައި ދަތްއަޅައިލެވުނީ އެފަދަ ގޮތަކަށް އިރާނިޔާ ސަމާސާ ކޮށްލުމުންނެވެ.
"ގޮމަ...!! އަހަރެމެންގެ އަދޫ ހުރީ އަދި ހުސްކޮށް... ފުރުސަތު އަދި އެބައޮތް" އަދްޔަންގެ ކޮނޑުގައި އަތް އަޅުވައިލަމުން އިރާނިޔާ ބުނެލިއެވެ.
"ސާބަހޭ... ގޮމައަކީ އަހަރެންގެ ކުޑައިރުގެ އެކުވެރިއެއް. މިރަށު މީހުންގެ އަނގައާއި ހެދި ގޮމަ އަހަރެންނަށް ފިލީ... ދޯ" ގުމްރޫހަށް ދޯ ދެމުން އަދްޔަން ބުނެލިއެވެ. ގުމްރޫހް ބޯޖަހައިލިއެވެ.
"ދޮންބެދައްތައަށް ހީވަނީ ތިއެކުވެރިކަން އަލުން ފަށަންވީ ވަގުތު ޖެހިއްޖެހެން... ގޮމަ ވާނެ ދެން މިގެއަށް ގިނަގިނައިން އަންނަން އިނގޭ. ހަމައެކަނި މަންމައަށް ފަސޭހަ ކޮށްދިނަސް ނުވާނެއްނު" އިރާނިޔާ ހީލުމަކާއެކު ބުނި އެޖުމްލައިގައި ތަފާތު މާނައެއްވާކަން އަދްޔަންއަށް ނަގައިގަނެވުނެވެ.
ދުރުގައި އެމަންޒަރު ބަލަންހުރި ޙާއިޝާގެ ތުންފަތްމަތީގައިވަނީ ހިނިތުންވުމެކެވެ. އޭނާގެ އަދްޔަންގެ ހަޔާތަށް ގުމްރޫހް އައުމަކީ ހަމައެކަނި މިއަދު އޭނާ ކުރާ އުންމީދެއް ނޫނެވެ. އޭނާ މާކުރިން އެހުވަފެން ބަލަން ފަށައިފިއެވެ. ގުމްރޫހް ފަދަ ގެވެހި އަންހެންކުއްޖެއް އެރަށުގައި މަދުވާނެއެވެ.
އުނޭޝްއާއި އަދްޔަންއާއި ދެމެދު ހިނގި ދެބަސްވުމަށްފަހު ދެކުދިން އެއްތަނަށް ގެނައީ މާލިކެވެ. މާލިކު ކައިރީގައި އެވާހަކަތައް ޙާއިޝާ ކިޔައިދިނީ ރޮވިފައެވެ. މާލިކްގެ ނަޞޭޙަތްތަކަށްފަހު އަދްޔަން އޭނާގެ ބޭބެގެ ފަރާތުން މަޢާފަށް އެދުނެވެ. އެތަނުގައިވެސް އުނޭޝް ދެއްކީ ހަރުކަށިކަމެވެ. މާލިކްގެ ކުރިމަތީގައި އަދްޔަން ލަދުގަންނާނެފަދަ ގޮތަކަށް ވާހަކަތައް ބެހެއްޓިއެވެ. އުނޭޝްގެ އަނގަ މައިތިރިކުރީ މާލިކެވެ.
"ކުދި ސޯބު އެނބުރޭނީ ބޮޑެތި ސޯބު އެނބުރޭ އުސޫލުން. އަހަރެން އެހެން މިބުނީ އަދްޔަން ގޮތަކަށް އުޅޭތީކީ ނޫން. އުނޭޝްގެ ކަންތައް މިހާރު ވަރަށްބޮޑު. ރަށު ރައްޔިތުން ޤަބޫލުކުރޭ އުނޭޝްގެ ވިޔާނުދާ އުޅުން" މާލިކް ވާހަކަދެއްކުމުން އިތުރަށް އެއްޗެއް ބުނަން އުނޭޝްއަށް ނުކެރުނެވެ. ދެވަނަ ފަހަރަށް އަދްޔަން މަޢާފަށްއެދުމުން އުނޭޝް ފުއްދާލީ ހަމައެކަނި ބޯޖަހާލުމަކުންނެވެ.
މިއަދުވެސް އަދްޔަން ކުޅޭން ނުދާތީ އެކަމާއި އިރާނިޔާ ސުވާލުކުރިއެވެ. ފަހަކަށް އައިސް އަދްޔަންގެ އުޅުމަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. އޭނާގެ ސިކުނޑިތެރޭގައި އުނޭޝްގެ ކަންތަކާއި ޝެނަލްގެ ޚިޔާލުތައް އަބަދު ދަނީ އެނބުރެމުންނެވެ. ޝެނަލްގެ ދުރުކަން އޭނާގެ މުޅި މޫޑު ޚަރާބުކޮށްފިއެވެ. އޭނާ ކިތަންމެ ގުޅުން ބަދަހިކުރަން ބޭނުންވިޔަސް ފާޅުގައި ޝެނަލް ދެކޮޅު ހަދަމުން ދިޔައެވެ. އޭނާއަށް މުހިންމުވަނީ މަންމަ ކަމުގައި އެތައް ފަހަރަކު ބުނެފިއެވެ. މޮޔައެއް ފަދައިން ޝެނަލް ފަހަތުން މުގޯލި އެޅުން އާންމު ކަމަކަށް ވެއްޖެއެވެ.
"ދޮންބެދައްތާ ޕްލީޒް... އަބަދު އަބަދު ގޮމަގެ ވާހަކަ ނުދައްކަބަލަ. އެއީ ހަމައެކަނި ރައްޓިއްސެއް" އިރާނިޔާއާއި އެކު މަގުމަތީގައި ހިނގަމުންދިޔަ އަދްޔަން ބުނެލިއެވެ. އިރާނިޔާ އިތުރަށް ގުމްރޫހްގެ ވާހަކަނުދެއްކިއެވެ. އަދްޔަންގެ އުޅުމަށް އައިސްގެންއުޅޭ ބަދަލު އޭނާއަށް ހޯދޭނީ އަދްޔަންއާއި ގިނައިރު ވާހަކަދެއްކައިގެންކަން އޭނާއަށް އިނގެއެވެ.
"ހިނގާބަލަ މިދިމާލަށް. ހޮސްޕިޓަލް ކައިރިއަށް ގޮށްސަ ޒަމްއަށް ގުޅާނީ. ޒަމް ބިޒީ ނޫނިއްޔާ ތިންމީހުުން އެއްކޮށް އައިސްކޯނަށް އަރާނީ. އޭރުން މަންމަ ކުޅެގެން އަންނަންވާއިރަށް ގެއަށް ދެވޭވަރުވާނެ" އިރާނިޔާ ދިިން ޚިޔާލަށް އަދްޔަން ދެކޮޅެއް އެއްބަސްވިއެވެ.
ގޭތެރޭގައި އޮތް ޝެނަލް އަތުގައި ހިފާ ދަމަމުން ކަހަލަ ގޮތަކަށް ތަމަންނީ ބޭރަށް ނިކުތެވެ. އެމަންޒަރު ސަބްރީނަށް ފެނުނަސް ޝެނަލް ކައިރީގައި ތަމަންނީ ހުރުމުން އަޅައެއްނުލިއެވެ.
"އަހަރެން ބުނީމެއްނު ކަމެއް ޕްރޫފްކޮށްދޭނަމޭ... އާދެބަލަ... އަވަސްކުރޭ..." މަގުމައްޗަށް ނިކުމެފައި ތަމަންނީ ބުނެލިއެވެ.
ތަމަންނީ ބޭނުންވި ހިސާބަށް ޝެނަލްއަށް ދެވުނުއިރު އޭނާއަށް މާނޭވާ އެޅެމުން ދިޔައެވެ. އޭނާ އެހިސާބަށް އެއައީ ދުވަހަކުވެސް ނުހިނގާހާ ބާރަށް ހިނގާފައެވެ.
"އަދޫ ހުރީ ކޮންތާކު...؟ ތަމަން ރަނގަޅު ކަމެއްތަ ތިކުރަނީ؟ " ހޮސްޕިޓަލަށް އަންނަ މަގުގެ އެއްފަރާުގައި ހުރި ވަރުގަދަ ހިރުނދު ގަހެއްގެ ނިވަމުގައި ހުރި ތަމަންނީއަށް ޝެނަލް ބުނެލިއެވެ.
"ޝާނީ ބުނަންތަ! ވަރަށް ހިތްވަރުކުރައްޗޭ. މިއަދު އަހަރެން މިދައްކާ މަންޒަރަށްފަހު ޝާނީގެ ދިރިއުޅުން ދެން ކުރިއަށްގެންދާނެ ގޮތް އިނގޭނީ ޝާނީއަށް. މިއަށްވުރެ ބޮޑުވަރު އަހަރެންނަށް ކޮށެއް ނުދެވޭނެ" ތަމަންނީ ބުނެލިއެވެ. ޝެނަލްއަށް ހުރެވުނީ ތަމަންނީގެ މޫނަށް ބަލަހައްޓައިގެންނެވެ. އޭނާގެ ހިތް ބާރަށް ތެޅެމުން ދިޔައިރު ހިތުގައި އަދްޔަންގެ މައްޗަށް އޮތް ލޯތްބާއި އިތުބާރު ގެއްލޭފަދަ ކަމެއް ނުދެއްކެވުމަށް އެދި ދުޢާކޮށްލިއެވެ.
"ބަލައިބަލަ... ފެނޭތަ...؟ ކައިރީގައި އެހުރީ އޭނާގެ އަންހެނުން. ޤަބޫލުކުރެވޭތަ؟ ޑޮކްޓަރަށް ދައްކަން އައިސް އެހުރީ. ކިހާ ލޯބިން އެދެމީހުން ސަމާސާ އެކުރަނީ. މާދަމާ ކަންނޭނގެ އޭނައަށް ބައްޕަ ކިޔާނީ. ޝާނީ ކަހަލަ ރީތި އަންހެންކުދިން ދަލުގައި ޖެއްސުމަކީ އޭނާއަށް ފެންފޮދެއް ބޯލުންހާ ފަސޭހަކަމެއް" އަދްޔަން ކައިރީގައި ހުރި އިރާނިޔާއަށް ބަލަހައްޓައިގެން ހުރި ޝެނަލްގެ ހިތުގައި އިންތިހާއަށް ރިއްސައިގަތެވެ. އަދްޔަންގެ ބޭވަފާތެރިކަން ދުވަހަކުވެސް ހަނދާންނެތޭނެ ކަމެއް ނޭނގެއެވެ. ތަމަންނީގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ ޝެނަލްއަށް ބަލައިލި ވަގުތު ޝެނަލްގެ ދެލޮލުން ކަރުނައެއް ވެއްޓުނުތަން ފެނިފައެވެ.
"ޝާނީއަށް ހީވޭތަ އެއީ ދެމަފިރިން ނޫންނަމަ އެގޮތަށް މީހުން ކުރިމަތީގައި ބަނޑުގައި އަތްލާ އެހާ ގާތްކޮށް ސަމާސާ ކުރާނެހެން. ބަލާ އެދަނީ ރެސްޓޯރެންޓާ ދިމާލަށް. އަހަރެން މިހުރިހާ ހަޤީޤަތެއް ޝާނީއަށް މިދެއްކީ އަހަރެންގެ ފިރިމީހާގެ އެހީތެރިކަމާއެކު" ތަމަންނީގެ ވާހަތަކުން އިތުރަށް ޝެނަލްގެ ހިތް ތޮރުފަމުން ދިޔައެވެ ހިނދަކަށްފަހު ހިނދެއް އޭނާގެ ދެލޮލުން އޮހޮރެމުންދާ ކަރުނަތައް ގިނަވަމުން ދިޔައެވެ.
"ޝާނީ... މަޑުކޮށްބަލަ...." ތަމަންނީ ބާރަށް ގޮވައިލިއެވެ. ޝެނަލްއަށް އެއްވެސް އަޑެއް ނިވޭ ކަހަލައެވެ. އޭނާ އައިކޮޅަށް ދުވަމުން ދިޔައިރު އެމަންޒަރު ބަލަން ތަމަންނީގެ ތުންފަތަށް ވިހަގަދަ ހިނިތުންވުމެއް ވެރިކޮށްލައިގެން ހުއްޓެވެ. ކުރެވުނު ކަންތަކާއި އޭނާ ފަޚްރުވެރިވާ ކަހަލައެވެ.
"އެ ރާނީއަށް އެއްވެސް އުފަލެއް ލިބެން އަހަރެން ނޭދެން. މުޅި އާއިލާ ރޫޅާލާނަން. ސަބްރީންދައްތަވެސް މަންމަވެސް އެދުނުގޮތަށް އަހަރެން ކަންތައްކުރާނީ. އުނޭޝްގެ ހިތް އަހަރެން މިލްކުކޮށް މުޅި ގޭތެރޭގައި ރަނިކަން ކުރާނަން. އަދްޔަން.... ދެންޖެހޭނީ ރޯން. ވަރަށް ތާހިރުވެއްޖެއްނު... ދުވަހަކުވެސް ކަލެއަށް އުފަލެއް ލިބުނަކަ ނުދޭނަން" ތަމަންނީ ހިތާހިތުން ކިޔަމުން ދިޔައެވެ. ކުރެވުނު ކަންތަކާއި އޭނާގެ ހިތް އުފާކުރަމުން ދިޔައިރު ޤުދުރަތުގެނިޔާ އެއީ އޮންނަ އެއްޗެއް ކަމެއްވެސް އޭނާއަށް ނޭނގޭ ކަހަލައެވެ.
ކަމްލާއާއި އެކީގައި ބަދިގޭގައި އުޅުނު އިރާނިޔާގެ ނަޒަރު ބަދިގެއަށް ވަން ތަމަންނީއަށް ހުއްޓުނެވެ. އިރާނިޔާ އަޅާއިވެސްނުލާ ކުރަންހުރި މަސައްކަތައިގެން ކުރިއަށް ދިޔައެވެ.
"ކަލެއަށް ނުޖެހޭނެ އުނޭއަށް އެންމެ މީރު ކެއުން ކައްކާކަށް" ތަމަންނީ އިރާނިޔާ ކައިރީގައި ހުއްޓިލަމުން ބުނެލިއެވެ.
"އަނެއްކާ ޖޭބޮކި ފަޅައިގެން ދިޔައީތަ؟ ކަލޭ ކިތަންމެ ވަރެއް އެރިޔަސް އުނޭޝްގެ އަންބަކަށް ކުރިން ވީ އަހަރެން. އަހަރެން ނުކުރާ އާކަމެއް ކަލެއަށް އުނޭޝްއާއެކު ނުކުރެވޭނެ" އިރާނިޔާ ބުނެލިއެވެ.
"ވަރަށް އަވަހަށް ކަލޭ މިގެއިން ބޭރުކުރާނަން. މިގޭގަ ހުންނާނެ ފަހު ދުވަސްތައް މިހާރު ކަލޭ ތިގުނަނީ. އުނޭޝްގެ މަންމަ ދެކޮޅު ހަދައިފިއްޔާ މަންމައާއެކު ކަލެއާއެކު އޭނަވެސް ބޭރުކުރާނަން" ތަމަންނީ ފާޅުގައި ބުނެލިއެވެ.
"ކަލޭ ހާދަ ލަދުކުޑައޭ ދޯ. ތިކަހަލަ އަންހެނުންނަށް އަންހެނެކޭ ކިޔާނެތަ؟ ކިތަންވެ ވަރެއް އެރިޔަސް އަހަރެންގެ ބަނޑުގައި މިއޮތް ދަރިފުޅު ދުނިޔޭގައި އޮތްހާ ދުވަހަކު އަހަރެންނާ އުނޭޝްގެ ގުޅުން ނުކެނޑޭނެ. ކަލޭ ޖެހޭނީ ތިހެން ހުންނަން" އިރާނިޔާ އެންމެ ތަންކޮޅެއްވެސް ދޫކުރަން ބޭނުންނުވިއެވެ.
"ހެހެހެ.... އެހެންވިއްޔާ ކަލޭ ނެރޭނީ އެކަނި. އުނޭ ކައިރީގައި ބުނެގެން ދަރިފުޅުވެސް އަތުލާނަން. އެދަރިފުޅު ހާލުގަ ބޮޑުކުރާނީ އަހަރެން. ކަލެއަށް އެކައްޗެއްވެސް ނުލިބޭނެ. ކަލޭ ދާންޖެހޭނީ ހުސްއަތާ" ތަމަންނީ މަލާމާތުގެ ރާގެއްގައި ބުނެލިއެވެ.
އިރާނިޔާއަށް މިފަހަރު އެއްޗެއް ނުބުނެވުނެވެ. ތަމަންނީ އެބުނި ފަދައިން އުނޭޝް ކަންތައްކުރާނެކަން އޭނާއަށް ޔަޤީނެވެ. ބަނޑުގައި ފިރުމާލެވުނުއިރު އޭނާގެ ދެލޮލުން ކަރުނަ ފޭދިއްޖެއެވެ. އިސްޖަހާލައިގެން ހުރިއިރު ކައިރީގައި އާޝިދް އައިސް ހުއްޓުނުކަން ވެސް އޭނާއަށް ނޭނގެއެވެ. އިރާނިޔާގެ ދަތްދޮޅީ ކޮޅުގައި އިނގިލި ޖައްސައިލުމަށްފަހު މައްޗަށް އުފުލައިލިއެވެ. ހަތަރުކަޅި ހަމަވި ވަގުތު އާޝިދްގެ ހިތުގައި ރިއްސައިލިއެވެ. އިރާނިޔާގެ ލޮލުން ފައިބާ ކަރުނައަކީ އޭނާްގެ ބަލިފައެވެ.
"ސިޑް... އަހަރެން ގެންދޭ... އަހަރެން ވީއެންމެ އަވަހަށް މިގެއިން ގެންދޭ... އަހަރެން އެކައްޗެއްވެސް ބޭނުމެއްނޫން. މިދަރިފުޅަކީ އަހަރެންގެ މުޅި ދުނިޔެ...." އާޝިދްގެ މޭގައި ލައްވެލައިގެން ހުރެ އިރާނިޔާ ވާހަކަދައްކަމުން ދިޔައެވެ. އެވީ ވަގުތުކޮޅުގައި ހިނގި ކަންތައް އުނޭޝްގެ އަތުގައި ހިފައިގެން އައިސް ތަމަންނީ ދައްކައިފިއެވެ.
(ނުނިމޭ)