ދެތުންފަތް ޖައްސާ ބާރުކޮށްލަމުން ހިތުގެ އުދާސްގަނޑު ދިރުވާލަން އީވާ މަސައްކަތްކުރިއެވެ. ހަލުވިކަމާއެކު ފޭބި ކަރުނަތަކުން ކޯތާފަތުގައި ރޮނގު ދަމާލަމުން އީވާއަށް ހައިރާންކަން ލިބުނެވެ. އޭނައަށް ރޮވެނީ ކީއްވެގެން ހެއްޔެވެ؟ މާކިން އޭނައާ މެދު އަމަލުކުރާ ގޮތުން ހިތަށް އަސަރުކުރަނީ ކީއްވެގެން ހެއްޔެވެ؟ އެދެމެދުގައިވާ ދުރުކަމުން ނަފުސަށް ސަޒާ ލިބެނީ ކީއްވެގެން ހެއްޔެވެ؟ ހިތްދަތިވަނީ ކީއްވެގެން ހެއްޔެވެ؟
އީވާއަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. ލޯގަނޑު ކުރިމައްޗަށް ހުއްޓިލަމުން ކަރުނުން ފުސްވަމުން ދިޔަ ދެލޮލުން އަމިއްލަ ސޫރައަށް ބަލައިލެވުނެވެ. ލޯގަނޑުން މިހާރު ފެންނަމުން އެދަނީ އޭނައާއި މުޅިން ބީރައްޓެހި ސޫރައެކެވެ. ހައިރާންކަމާއެކު ބަލަން ހުރެވުނެވެ. ކުރީގެ އީވާއަށް ވީ ކިހިނެއް ހެއްޔެވެ؟ އޭނަގެ ހިތް މިހާ ބަލިކަށިވީ ކޮން ދުވަހަކު ހެއްޔެވެ؟ ހިތުގައި މިއަޅާ ވޭނުގެ ސިއްރަކީ ކޮބައި ހެއްޔެވެ؟ ލޮލުން ފައިބާ ކަރުނަތަކުގެ ހިއްސާދާރަކީ ކާކު ހެއްޔެވެ؟
މޫނު ދޮންނަ ތަށިގަނޑު ކައިރިން ފާރުގައި ހަރުކުރެވިފައިވި ޓިޝޫ ހޯލްޑަރުން އީވާއަށް ޓިޝޫއެއް ދަމައިގަނެވުނެވެ. އަތުގެ ތެރެއަށް ޓިޝޫ ބޮޑިކޮށްލަމުން މޫނު ފޮހެލިއެވެ. އެއަށްފަހު ލޮލުގައި ޓިޝޫ ޖައްސާލަމާއެކު، ޓިޝޫ ތެމިގެން ދިޔައީ ކަރުނައިގެ ތެތްކަމުންނެވެ. ދެތިން ޓީޝޫގެ އެހީގައި ކަރުނަތައް ފޮހެލެވުނެވެ. ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނީ ނަފުސު ހަމައަކަށް އެޅުވުމުގެ ބޭނުމުގައެވެ.
''މާކިން...'' އީވާއަށް މަޑުމަޑުން ބުނެވުނެވެ. އަނެއްކާ ވެސް ހިތުގައި ރިއްސާލިއެވެ. އިރުކޮޅެއް ވަންދެން އެސަކަރާތެއްގެ ތެރޭގައި އުޅުމަށްފަހު އީވާ ފާޚަނާއިން ބޭރަށް ނިކުތެވެ. އޭރު ވެސް މޮޅިވެރިކަމުގެ އަސަރު މޫނުން ފާޅުވެއެވެ. ނަމަވެސް ކަރުނައިގެ އަސަރެއް ދެލޮލަކު ނެތެވެ. އޭނަގެ ނަޒަރު ވަށައިގެން އޮތް މާހައުލުގެ ތެރެއަށް ދަތުރުކުރިއެވެ. ކައުންޓަރު ކައިރީގައި ހުރި މާކިން ފެނުމާއެކު އޭނައަށް ތިރީ ތުންފަތުގައި ދަތް އަޅާލެވުނެވެ.
*****
އީވާއަށް އެއްވެސް ކަމަކަށް ސަމާލުކަން ދެވޭ ގޮތެއް ނުވިއެވެ. ހިތުގައި ވިކަމުން ދިޔަ ޚިޔާލުތަކުން އިރުއިރުކޮޅާ މާކިންއަށް ބަލައިލެވެއެވެ. އެއިން ކޮންމެ ފަހަރަކު ހިތަށް ތޫނު ކަށްޓެއް ހެރިގެންދާހެން ވެސް ހީވެއެވެ. ވާހަކަދައްކަން ތުންފަތް ހަރަކާތްކޮށްލައެވެ. ނަމަވެސް ދުލުން އެންމެ ލަފުޒެއް ވެސް ބޭރުކޮށްލެވޭ ގޮތެއް ނުވިއެވެ.
ވިއްސާރަ ބޯކޮށްލި ވަގުތެވެ. އަލިގަދަ ވިދުވަރުތަކާއެކު ގުގުރީގެ އަޑު މެދުކެނޑުމެއް ނެތި އިވެމުން ދިޔައެވެ. ވަގުތުގެ ގޮތުން ކެފޭގައި އިނީ އެންމެ މީހެކެވެ. ޒުވާން އުމުރުފުރައިގެ އަންހެނެކެވެ. އޭނަ ވެސް މަޑުކޮށްލައިގެން އިނީ ވާރެއަށް ބަދަލެއް އަންނަންދެނެވެ. އެހެން އިންނަތާ އެތައް އިރެއް ފާއިތުވެ ދިޔަ ފަހުން އަވަސް މުސްތަޤުބަލެއްގައި ވާރޭ ހުއްޓާނުލާނެކަން ޔަޤީންވުމުން ތެމިގެން ވިޔަސް ހެޔޮކަމަށް އޭނަ ނިކުމެގެން ގޮސްފިއެވެ. ދަނޑިވަޅުބަލާފައި ޖެނިފާ ވެސް ދިޔައީ ފާޚަނާއަށެވެ. މަސައްކަތެއް ނުކުރަންޏާ ޖެނިފާ އަބަދުމެ ހުންނާނީ ފާޚަނާގައެވެ. އެއީ އޭނަގެ ޖަގަހައެވެ. ފޯނުން ރައްޓެހިންނަށް ގުޅައި، މީސްމީޑިޔާއަށް ވަދެ ޚަބަރުދަބަރު އޮޅުން ފިލުވަން އޭނައަށް އެންމެ ކަމުދާ މަންޒިލެވެ.
ޖެނިފާ ދިޔުމުން މާކިންއާއި އީވާ އެކަނި ވިއެވެ. މާކިން ހުރީ ކޭޝް ރެޖިސްޓާ ކައިރީގައެވެ. އީވާ ހުރީ ކޮފީމެޝިން ކައިރީގައެވެ. އެދެމެދުގައި ދުރުމިން ވިއެވެ. މާކިން ބަލަމުން ދިޔައީ އީވާއާއި ވީހާ ވެސް ދުރުން އުޅެވޭތޯއެވެ. ވާހަކަ ނުދައްކައި ވޭތޯއެވެ. މާކިންގެ ހަރަކާތްތަކަށް ސިއްރުސިއްރުން ބަލަމުން އައި އީވާއަށް މާކިންގެ ހަކަރާކްތައް ފާހަގަ ވިއެވެ. މާހައުލަށް ވެރިވެފައި އޮތް ހިމޭންކަމުން އެހިތަށް އުދާސްކަން ލިބިފައި ވިއެވެ. ކައިރީގައި ވިޔަސް، އެދެމެދުގައި އޮތް އެތައް ހާސް މޭލުގެ ދުރުމިން ތަސައްވަރުކުރެވެމުން ދިޔައެވެ. އީވާއަށް ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނީ ސިކުނޑީގައި ވިކަމުން ދިޔަ ޚިޔާލުތަކާ ދުރުވެލުމަށެވެ. ނަފުސު ހަމަޔަކަށް އެޅުވުމަށެވެ. ނަމަވެސް ކާމިޔާބުވާ ގޮތެއް ނުވިއެވެ.
މާހައުލުގެ ފިނިކަމުގެ ސަބަބުންނާއި ހިތަށް ވެރިވެފައި އޮތް މޮޅިވެރިކަމުން ކޯފީއެއް ބޯލަން އީވާ ބޭނުން ވިއެވެ. ކޮފީގެ ވަހުން އެކަނި ވެސް އޭނަގެ ސިކުނޑިއަށް ލުޔެއް ގެނެސްދިނެވެ. ފުން ވިސްނުމެއްގެ ތެރޭގައި ހުރުމުން މަސައްކަތަށް ދޭންވާވަރަށް ސަމާލުކަން ނުދެވުނެވެ. ޖޯޑު ފުރިގެން ގޮސް ބަންޑުން ވިއިރުގައި ވެސް ރޭކާ ނުލިއެވެ. އަތަށް ހޫނު ކޮފީ ބަންޑުންވުމާއެކު އީވާގެ ދުލުން ވޭނީ ހަޅޭކެއްގެ އަޑު ބޭރުވެގެން ދިޔައެވެ. ސިހިފައި އަތުގައި އޮތް މަގުން ދޫކޮށްލެވުމުން، މަގު ވެސް ކައުންޓަރު މައްޗަށް ވެއްޓިއްޖެއެވެ. ނަސީބަކުން ތަޅައިގެން ނުދެއެވެ.
އަތުން ނަގަން ފެށި ދިލައިގެ ސަބަބުން އީވާއަށް ރޮވުނެވެ. ސިކުނޑީގައި ފުނިޖެހިފައިވި ޚިޔާލުތަކުގެ ސަބަބުން ހަދާނެ ގޮތެއް ނޭނގިފައި އިރުކޮޅެއް ވަންދެން ހުރެވުނެވެ. އަތުގައި ފިރުމާލުމުން އިތުރަށް ވޭން ގަދަވި ކަހަލައެވެ. އޭރު އެދެލޮލަށް ބޮޑިވެފައިވި ކަރުނަތައް ކޯތާފަތުން ތިރިއަށް ފައިބަމުން ދިޔައެވެ. އަތުގައި އަޅަމުން ދިޔަ ވޭން އީވާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަކުން ހާމަކޮށްދެއެވެ.
ދުރުގައި މަންޒަރު ބަލަން ހުރި މާކިންއަށް ވަރަށް ބާރަށް ކޭޝް ރެޖިސްޓާރ ލައްޕާލެވުނެވެ. ނުފެންނަ ކަމަށް ހަދަން ބޭނުން ވިޔަސް ވޭނުގައި ރޮމުން ދިޔަ އީވާ ފެނުމުން އޭނައަށް ދުރުގައި ހުރެވޭ ގޮތެއް ނުވިއެވެ. ސިކުނޑި އެކަމަށް ދެކޮޅު ހެދިކަމުގައި ވިޔަސް އޭނައަށް އީވާ ގާތަށް ދިއުމަށް ހިތްވަރުދިނީ އޭނަގެ ހިތެވެ. އެއާއެކު މާކިންއަށް ކުރިއަށް ފިޔަވަޅުތަކެއް އަޅާލެވުނެވެ. ހީވީ ނުފެންނަ ބާރަކުން އޭނަ ގެންދިޔަ ހެންނެވެ. ދިގު ފިޔަވަޅުތަކެއްގައި ގޮސް އީވާ ކައިރިއަށް ހުއްޓެވުނެވެ. އެއަށްފަހު އީވާގެ އަތުގައި ހިފައި ދަމައިގަތުމަށް ފަހު ގެންގޮސް ސިންކު ކައިރިއަށް ހުއްޓުނެވެ. މާކިން ހުރީ އީވާގެ ފުރަގަހުގައެވެ. އީވާގެ އަތުން ދޫކޮށްލުމެއް ނެތި ސިންކުގެ އިސްކުރަށް ދޫކޮށްލިއެވެ. އަދި އިސްކުރުން އޮހޮރެން ފެށި ފެނުގެ ދަށަށް އީވާގެ އަތްތިލަ ގެންދިޔައެވެ.
މާކިން އޭނަގެ އަތުގައި ހިފެހެއްޓި ވަގުތުކޮޅުން ފެށިގެން އީވާއަށް ތަދުގެ އިހުސާސެއް ނުކުރެވުނެވެ. އީވާއަށް ބެލެމުން ދިޔައީ އޭނަގެ އަތްތިލައަށެވެ. މާކިން އޭނަގެ އަތުގައި ހިހަފައްޓައިގެން ހުރުމުން ހިތް އަވަސްވާން ފެށިއެވެ. ފުރަގަހުން އިހުސާސްކުރެވެމުން ދިޔަ އެބައިމަތި ފުޅާ ހަށިގަނޑު ހޫނުކަމުން ނޭވާ ކުރުވާން ފެށިއެވެ. މީހާއަށް އަންނަމުން ދިޔައީ އިންޤިލާބީ ބަދެލެކެވެ. ހިތުގެ އުދާސްކަން ފިލައި ވިންދުޖަހަން ފެށީ މުޅިން ތަފާތު އިހުސާސެކެވެ. އެއިހުސާސަށް ދޭނެ ނަމެއް އީވާއަކަށް ނޭނގުނެވެ. ނަމަވެސް ހިތަށް ރާހަތެއް ގެނެސްދިންކަން ގައިމެވެ. މާކިންގެ ގާތްކަމުން ނަފުސަށް ލުޔެއް ލިބުނެވެ. އެވަގުތުކޮޅު ދިގުވުމަށް ހިތް އެދެން ފެށިއެވެ.
މާކިންއަށް އީވާގެ މޫނަށް ބަލައިލެވުނެވެ. އެމައުސޫމުކަމުން ހިތް ތެޅިލިކަން ގައިމެވެ. އެލޮލުގައިވި ކަރުނައިގެ އަސަރުން މެޔަށް ތަދުވިކަން ވެސް ގައިމެވެ. އެއާއެކު ވަގުތުން އީވާގެ އަތުން މާކިންއަށް ދޫކޮށްލެވިއްޖެއެވެ. ސިހިގެން ދިޔަ އީވާއަށް ފަސްއެނބުރި މާކިންގެ މޫނަށް ބަލައިލެވުނެވެ. މާކިންގެ މޫނުމަތިން އޭނައަށް ފެނުނު ޝުއޫރުތައް ދޭހަކުރަން އުނދަގޫވިއެވެ.
މާކިން އިސްއޮބާލިތަން އީވާއަށް ފެނުނެވެ. އީވާގެ ހިތުގައި އަނެއްކާ ވެސް ރިހުމެއް އުފެދިގެން ދިޔައެވެ. މާކިންގެ މޫނުމަތިން ވޭނުގެ އަސަރު ފެނުނުހެން ހީވެ ކަޅިޖަހާލުމެއްނެތި ބަލަން ހުރެވުނެވެ. އެގޮތުގެ މަތީން އިރުކޮޅެއް ފާއިތުވެގެން ދިޔައެވެ.
''ބަލައިގެން މަސައްކަތް ނުކުރެވެންޏާ މަޑުން ހުރެބަލަ!!!...'' މާކިން ހަރުކަށިކަމާއެކު ބުނެލިއެވެ. މޭގައި ވިންދުޖަހަން ފެށި އިހުސާސްތައް އޮއްބާލުމުގެ ނިޔަތުގައި މާކިންއަށް ޚިޔާރުކުރެވުނީ ރުޅިވެރިކަމެވެ. އިތުރަށް އަޑުލާންވެގެން އިސްއުފުލައި އީވާއަށް ބަލައިލުމާއެކު ހުއްޓުން އަރައިފިއެވެ. ދުލުގައި ތަޅެއް ލެވުނެވެ. އީވާގެ ދެލޮލުން ފެނުނު ހިތްދަތިކަމުން މާކިންގެ މެޔަށް ފިނިވެގެން ދިޔައެވެ. ރުޅިވެރިކަމުގެ އިހުސާސްތައް ފިލައި ދިޔައީ ކުއްލިޔަކަށެވެ. ނަފުސަށް ސިހުން ގެނުވަމުންނެވެ. ކުރިއަށް ފިޔަވަޅެއް އަޅައިލެވެން އުޅުނެވެ. ނަމަވެސް އޭގެ ކުރިން ހިއްސުތަކުގެ މައްޗަށް ބާރު ފޯރުވަމުން މާކިންއަށް ދުރަށް ހިނގައިގަނެވުނެވެ.
ބާރުބާރަށް ހިނގާފައި ދިޔަ މާކިން ގޮސް ވަނީ އެސްތާގެ އޮފީހަށެވެ. އެމަންޒަރު ބަލަން އީވާއަށް ހުރެވުނީ ރޮވިފައެވެ.
''ކީއްވެތަ އަހަންނަށް މި ރޮވެނީ؟... މާކިންގެ ގާތްކަމަށް އަހަރެން ބޭނުންވަނީ ކީއްވެތަ؟... އެރުޅިވެރިކަމުން ހިތަށް އަސަރުކުރަނީ ކީއްވެތަ؟...'' އީވާއަށް އޭނަގެ ހިތާ ޝަކުވާ ކުރެވުނެވެ. ޓިޝޫ ކޮޅަކުން އަތް ފޮހެލަމުން ތުންފިއްތާލެވުނެވެ. ޚިޔާލުތަކުގެ ތެރޭގައި ވަނިކޮށް ސިއްސައިގެން ދިޔައީ މާކިން އައިސް އޭނަގެ އަތުގައި ހިފުމުންނެވެ. އޭރު މާކިންގެ އަތުގައި ފަސްޓްއެއިޑް ފޮށްޓެއް އޮތެވެ. މާކިންގެ މޫނަށް ބަލަން އީވާއަށް ހުރެވުނެވެ.
ފުރަތަމަ މާކިން އުޅުނީ އީވާގެ ޒަހަމްތަކަށް އަމިއްލައަށް ފަރުވާ ދޭށެވެ. ނަމަވެސް ކުއްލިޔަކަށް އެޚިޔާލު ދޫކޮށްލަމުން އީވާގެ އަތަށް ފަސްޓްއެއިޑް ފޮށި ލައިދިނެވެ. އަދި އީވާއާއި ދުރަށް ޖެހިލިއެވެ.
''މީގައި ހުންނާނެ ބޭސް، އަހަރެން ކިޔައި ނުދިނަސް ކަންތައް ކުރަންވީ ކިހިނެއްކަން އީވާއަށް އެނގޭނެ...'' ހަރުކަށިކަން އަޑަށް ގެންނަން ބޭނުން ވިޔަސް މާކިންއަށް އެކަމެއް ނުކުރެވުނެވެ. އޭނައަށް ފިނި ނޭވާއެއް ދޫކޮށްލެވުނެވެ.
''އީވާ؟...'' މާކިން އޭނައާއި މުހާތަބުކުރި ގޮތް ތަފާތުކަން އީވާއަށް ރޭކާލިއެވެ. ހައިރާންކަން ލިބުނީ އެހެންވެއެވެ. އަބަދުމެ އޭނައާއި މާކިން ވާހަކަދެއްކީ ''ތިކުއްޖާ'' ކިޔައިގެންނެވެ. އިތުރު ނަމަކުން އޭނައަށް ގޮވާފައި ނެތެވެ. ނަމަވެސް އެކަން ބަދަލުވެގެން ދިއުމުން ނޭނގޭ ރާހަތެއް ހިތަށް ލިބިއްޖެއެވެ. މޮޔަ ވިސްނުމަކާއެކު އެދެމެދުގައި އޮތް ބީރައްޓެހިކަމުގެ ރާސްތާ ކަނޑައްތު ކުރެވިއްޖެޔޭ ވެސް ހިތަށް އަރައިފިއެވެ.
މާކިންއަށް ހިމޭންކަމާއެކު ވިސްނާލެވުނެވެ. އޭނަގެ އަމަލުތައް ކުއްލިޔަކަށް ބަދަލުވެގެން ދިޔައީ ކީއްވެގެން ހެއްޔެވެ؟ އީވާގެ ކަރުނަތަކުން އޭނަގެ ހިތަށް އަސަރުކުރީ ކީއްވެގެން ހެއްޔެވެ؟ މަންޒަރު ބަލަން ދުރުގައި ނުހުރެވުނީ ކީއްވެގެން ހެއްޔެވެ؟ އީވާ ވޭނުގައިވާ ތަން ދުށުމަށް ކެތްނުކުރެވުނީ ކީއްވެގެން ހެއްޔެވެ؟
ހިތުގައި އުތުރިއަރައިގެން ދިޔަ ސުވާލުތަކާއެކު މާކިންއަށް މުށްކަވާލެވުނެވެ. އަދި މަޑުމަޑުން ކައުންޓަރުގައި ޖަހާލެވުނެވެ. ހިތަށް ވިސްނައިދިނުން އުނދަގޫ ކަމަކަށް ވެއްޖެއެވެ. އީވާއާއި ދުރުގައި ވާން ބޭނުން ވިޔަސް އެކަން ހަޤީޤަތަކަށް ހެދުން އުނދަގޫކަމަށް ވާން ފަށައިފިއެވެ. އަޑިއަޅައި އޮއްބަން ބޭނުންވެފައިވި އިހުސާސްތަކަށް ދިރުން ލިބެން ވަނީ ފަށާފައެވެ. ނަމަވެސް ކީއްވެގެން ހެއްޔެވެ؟
*****
ހިމޭންކަމާއެކު ވަގުތު ފާއިތުވަމުން ދިޔައެވެ. އިރުއިރުކޮޅާ އީވާގެ ނަޒަރު މާކިންއަށް ހުއްޓެއެވެ. ފުން ވިސްނުމެއްގައި ހުރި މާކިންގެ މޫނުމަތިން އީވާއަށް ވާހަކަތަކެއް ކިޔައިދެމުން ދިޔައެވެ. މާކިންގެ އެކަނިވެރިކަމެވެ. އެދެލޮލުގައިވާ އުދާސްކަމެވެ. ސިއްރުކުރަން ބޭނުންވާ ހަޤީޤަތެއް ވާކަމެވެ. މީހުންނާ މެދު ކުރާ ނަފުރަތު ގުޅިފައިވަނީ އެސަބަބާއި ކަމެވެ. އެހުރިހާ ކަމަކާ މެދު ވިސްނަމުން މާކިން ދަސްކުރަން އީވާ ބޭނުންވިއެވެ. ހިތުގައި އިތުރު ޝައުޤުވެރިކަމެއް އުފެދިއްޖެއެވެ. ހަމައެއާއެކު މާކިންގެ ހަރުކަށިކަމުގެ ފަހަތުގައި އޯގާތެރި ހިތެއްގެ ވެރިޔެއް ފޮރުވިފައިވާކަން ވެސް މިއަދު ސާބިތުވެގެން ހިނގައްޖެއެވެ. ރުޅިއާއި ނަފުރަތުގެ ހިޔަނީގެ ތެރޭގައި ވަންހަނާ ކުރަން މަސައްކަތްކުރަމުން ދިޔަ މާކިންގެ ހިތްހެޔޮކަން އީވާއަށް އިހުސާސް ކުރެވިއްޖެއެވެ. ފިކުރު ހިންގާލެވުނީ މާކިން ބަދަލުވާން ޖެހުނު ސަބަބާއި މެދުގައެވެ.
''ކީއްވެގެންތަ މާކިން އެއްވެސް މީހަކަށް އެހިތުގައިވާ ކަންތައް ހިއްސާ ނުކުރަނީ؟، ކިޔައި ނުދެނީ؟... ކީއްވެގެންތަ އެކަނިވެރިކަމަށް ލޯބި ކުރަނީ؟... ކޮންކަހަލަ ކަމެއްތަ މާކިންއަށް ކުރިމަތިވެފައިވަނީ؟.... އެހުރިހާ ކަމެއް އެނގެން އަހަރެން ބޭނުން، މާކިން ހިތްހަމަޖެހިގެން އުޅޭތަން ދެކެން ވެސް އަހަރެން ބޭނުން، ހިނިތުންވެލާތަން ދެކެން ބޭނުން... އެކަމަކު ކީއްވެ؟...'' އީވާއަށް އޭނަގެ ހިތާ ސުވާލުކޮށްލެވުނެވެ. ވަގުތު ހޭދަވެގެން ދިޔައީ އެފަދަ ވިސްނުންތަކެއްގައި ހުއްޓާއެވެ.
*****
ޑިއުޓީ ނިންމާލުމަށްފަހު އަވަސް އަރުވާލައިގެން އެންމެ ފުރަތަމަ ވެސް ދިޔައީ ޖެނިފާއެވެ. އޭނަ ދިޔުމުން އީވާ ވެސް ދާން ނިކުތެވެ. އޭރު ވާރޭގެ ތޫފާނަށް ހުއްޓުމެއް އަތުވެއްޖެއެވެ. މަގަށް ނިކުތް އީވާއަށް ހާމައަށް އޮތް އުޑަށް އަވަސް ނަޒަރެއް ދެވުނެވެ. ވިއްސާރަ ވިލާތަކުގެ ހިލަން އުޑުމަތިން ވިޔަސް ތަރިތަކުގެ ބެބުޅުންތައް ފެނެއެވެ. މިލަހަނދުވަރެއް ވެސް ދީފައި އޮތެވެ. އީވާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ކިތަންމެ ބަނަ ވިއްސާރަ ރެޔެއް ވެސް އަލިވެގެން ގޮސްފާނެކަމުގެ ކޮޅުމަތި އެދަނީ ފެންނަމުންނެވެ.
އީވާ ހުރީ މާކިން ނިކުންނަން ދެން މަޑުކޮށްގެނެވެ. އީވާ ހުރީ އަޒުމެއްގެ މަތީގައެވެ. މިރޭ މާކިންއާއި އޭނަ ކޮންމެވެހެން ވެސް ވާހަކަދައްކާނެއެވެ. މަޢާފަށް އެދޭނެއެވެ. އޭނަ ދެރަކޮށްލަން މާކިން ކޮންމެ އެއްޗެއް ބުންޏަސް ފަރުވާލެއްނެތް ކަމަށް ހިތަށް ވިސްނައިދެމުން ދިޔައެވެ.
ބޭރަށް ނިކުތް މާކިންއަށް އީވާ ފެނުމުން ހުއްޓުން އެރިއެވެ. ހައިރާންކަމާއެކު ދޮރު ކައިރީ ހުރި އީވާއަށް ބަލައިލިއެވެ.
މާކިން ހުރީ އޭނަގެ ވިއްސާރަ ކޯޓު ލައިގެންނެވެ. އެދިގު އިސްކޮޅާއި ބައިމަތިފުޅާ ހަށިގަނޑާއި ވިއްސާރަކޯޓު ނުހަނު ގުޅެއެވެ. ރޭގަނޑުގެ އަނދިރިކަމުގެ ތެރޭން ފެނުމުން ސިއްރުވެރި ގޮތެއް ވެސް ހުއްޓެވެ. އެސިފަ އީވާއަށް ނިކަން ކަމު ދިޔައެވެ. ތެދު ހާމަކުރަންޏާ މާކިންގެ ކޮންމެ ސިފައެއް ވެސް މިހާރު އީވާއަށް ކަމުދެއެވެ. ރަނގަޅަށް ވެސް މާކިންގެ ސިހުރުގައި ޖެހިފައިވާ ކަހަލައެވެ.
ރުޅި މޫނު ހަދަމުން މާކިން ކުރިއަށް ހިނގައިގަތީ އީވާގެ ކައިރިން ލާފައެވެ. އެމަންޒަރު ބަލަން ހުރި އީވާ އަވަސްއަވަހަށް މާކިންއަށް ގޮވަމުން މާކިންގެ ފަހަތުން ދާން ފެށިއެވެ.
''މާކިން!... މަޑުކޮށްބަލަ......'' އީވާ ބުންޏެވެ.
އީވާގެ އަޑު އިވޭކަމަކަށް ވެސް ހެދުމެއް ނެތި މާކިން ކުރިއަށް ދިޔައެވެ. އަދި ފިޔަވަޅުތައް އިހުނަށް ވުރެން ބާރުކޮށްލިއެވެ. ނަމަވެސް ހުއްޓެވުނީ ދުވެފައި އައި އީވާ އޭނަގެ ކުރިމައްޗަށް އެރުމުންނެވެ. ހައިރާންކަން އެކުލެވިގެންވި މާކިންގެ ނަޒަރު އީވާއަށް ހުއްޓުނެވެ.
މާނޭވާލަމުން ދިޔަ އީވާއަށް ކަނާއަތުން އޭނަގެ މޭގައި ފިރުމާލެވުނެވެ. މީހާ ހަމައަކަށް އަޅުވަން އުޅޭ ހާލު، ވާއަތް މާކިންއާއި ދިމާއަށް ހުރަސްކޮށްލެވުނީ މަޑުކޮށްދިނުމުގެ އިޝާރާތެއްގެ ގޮތުންނެވެ.
''އަހަރެން... ބޭނުން... ވާހަކައެއް ދައްކަން...'' ފުންނޭވާތަކެއް ދޫކޮށްލަމުން އީވާ ބުނެލިއެވެ. މާކިންގެ ފަހަތުން ދުވަން ހަދައިގެން އޭނަގެ ނޭވާ އުފުރިއްޖެއެވެ. އުމުރު ދުވަހު ވެސް ފިރިހެނެއްގެ ފަހަތުން ދުވަން ޖެހިދާނެކަމަކަށް އީވާ ހިޔެއް ނުކުރެއެވެ.
''އަހަރުމެން ދައްކަންޖެހޭ ވާހަކައެއް ނޯންނާނެ...'' ބުމަކައިރިކޮށްލަމުން މާކިން ބުނެލިއެވެ. އެއަޑުގައި ވަނީ ފަރުވާކުޑަ ކަމެވެ.
މާކިން ކުރިއަށް އަޅަން އުޅުނު ފިޔަވަޅުތައް މަޑުޖައްސާލެވުނީ، މާކިންގެ ކުރިމައްޗަށް އީވާ އަރައި ކުރި ބެއްދުމުންނެވެ.
''ޕްލީޒް... ހަމަ އެންމެ ފަސް މިނެޓް!...'' އަތުގެ ފަސް އިނގިލި ދައްކާލަމުން އީވާ ބުނެލިއެވެ. ''އެއޮތް ޕާކަށް ހިނގާބަލަ... ޕްލީޒް...''
ކައިރީގައި އޮތް ކުޑަކުދިންގެ ޕާކާ ދިމާއަށް އިޝާރާތްކުރަމުން އީވާ ބުނެލިއެވެ. މާކިން ހިނގައިގަންނަން ދެން މަޑުކޮށްގެން އީވާ ހުއްޓެވެ. ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވީ މާކިން އޭނަ ބުނި ފަދައިން ކަންތައް ކޮށްދިނުމުންނެވެ. މާކިންގެ ފަހަތުން ދަމުން އެފިރިހެންވަންތަ ހިނގުމަށް އީވާ ބަލަން ފެށިއެވެ.
*****
ވާރޭގެ ސަބަބުން ހުރިހާ ތަނެއް ވަނީ ތެމިފައެވެ. އިށީންނާނެ ތަނެއް ނެތުމުން ތިބެން ޖެހުނީ ކޮޅަށެވެ. އެތާނގައި މާކިންއާއި އީވާ ފިޔަވާ އިތުރު މީހަކު ނެތެވެ. ވަށައިގެން ވަނީ ހަމަހިމޭންކަމެވެ. ތެތްފިނިކަމެވެ. ދެޒުވާނުން ހުއްޓިލައިގެން ތިބި ސަރަހައްދަށް ދުރުގައި ހުރި އޮރެންޖްކުލައިގެ ބޮއްކެއްގެ ފަނޑު އަލިކަން ފެތުރިފައި އޮތެވެ.
އަތުގައި އޮތް ކުޑައިގެ އަތްގަނޑުގައި ބާރަށް ހިފާލަމުން އީވާ އިސްއުފުލާލިއެވެ. އޭރު މާކިން ހުރީ ވާރޭކޯޓުގެ އަރިމަތީ ޖީބަށް ދެއަތްތިލަ ކޮށްޕާލައިގެންނެވެ. މާހައުލުގެ ފަނޑުއަލިކަމުގެ ތެރޭން އެތޫނު ދެލޯ ފެންނަނީ ސިހުރެއްގެ ސިފައިގައެވެ. އީވާގެ ހިތް ތެޅިލިއެވެ. އެގޮތުގެ މަތިން ވަގުތު ފާއިތުވެގެން ދިޔައެވެ. ހިމޭންކަމާއެކުގައެވެ.
''ފަސް މިނެޓް ހަމަވެއްޖެ، ދައްކަން އުޅުނު ވާހަކައެއް ނުދެއްކުނެއްނު... އަހަރެން ދާން ވެއްޖެ...'' މާކިން ބުނެލިއެވެ. އެއަށްފަހު އޭނަ އަވަސްވެގަތީ އެތަނުން ދިޔުމަށެވެ. މާކިންގެ ޖުމްލައިން އީވާއަށް ތެޅިގަނެވުނެވެ. މާކިން ހިފަހައްޓަން އޭނަ ބޭނުންވިއެވެ. ވިސްނުމަކާއި ނުލާ އީވާއަށް މާކިންގެ އަތުގައި ހިފާލެވުނެވެ. ދެވަނަ ސިކުންތުގައި މާކިންގެ އަތުން ދޫކޮށްލަން ޖެހުނީ މާކިން އޭނައަށް ބަލައިލި ގޮތުންނެވެ. އެބެލުމުން އީވާގެ ހިތަށް ވެރިވި ސިހުމާއެކު ދެތިން ފިޔަވަޅު ފަހަތަށް އަޅާލެވުނެވެ.
''ސޮރީ...'' ފިނިވެފައިވި އަޑަކުން އީވާ މަޢާފަށް އެދުނެވެ. ''ޕްލީޒް، ކުޑަ އިރުކޮޅަކަށް މަޑުކޮށްލެވިދާނެތަ؟...''
''މިތާނގައި އަހަންނާއެކު އެކަނި ހުންނަން އީވާ ބިރެއް ނުގަނޭތަ؟، ފިރިހެނަކާއެކު މިފަނޑު އަލިކަމުގައި ހުންނަން ހާސްނުވޭތަ؟... އަހަރެން އީވާއަށް ކޮށްފާނެކަމަކާމެދު ބިރެއް ނުގަނޭތަ؟...'' ކުރިއަށް ފިޔަވަޅުތަކެއް އަޅަމުން އެދެމެދުގައި އޮތް ދާއިރާ ހަނިކުރަމުން މާކިން ބުނެލިއެވެ. އޭނަ އެވަގުތު ބޭނުންވީ އީވާ ބިރުގަންނަވާލާށެވެ. އޭނައާ މެދުގައި އެހިތުގައި ނުތަނަވަސްކަން އުފައްދާށެވެ. އޭރުން އީވާއަށް އެއްޗެއް ވިސްނިދާނެތީއެވެ. އޭނައަށް އެކުރާ އުނދަގޫތައް ހުއްޓާލަފާނެތީއެވެ.
އީވާއަށް ފަހަތަށް ޖެހިލެވުނެވެ. އެގޮތުގެ މަތީން ގޮސް ހުއްޓެވުނީ އެތާ ހުރި ގަހެއްގައި އޭނަގެ ބުރަކަށި ޖެހުމުންނެވެ. އިތުރަށް ފަހަތަށް ޖެހޭނެ ޖާގައެއް ނެތުމުން ގަހާއި މާކިންއާ ދެމެދު އީވާ ހައްޔަރު ވިއެވެ. މާކިން އައިސް ހުއްޓުނީ އީވާއާއި ނުހަނު ގާތުގައެވެ. އީވާގެ ހިތުގެ ތެޅުން އަވަސްވީ ބިރުވެރިކަމުގެ ސަބަބުންނެއް ނޫނެވެ. މާކިންއާއި އެހާ ގާތުގައި ހުރެވުމުން ހިތަށް ވެރިވި އަސަރުތަކުންނެވެ. އެހޫނު ނޭވާގެ ބީހިލުމުން ހަށިގަނޑުގައި ކަރަންޓުގެ ބާނީތަކެއް އުފަންކުރުވައިފިއެވެ. ވަގުތުން ހިންދިރުވާލެވިއްޖެއެވެ.
''ތިހާ ފަސޭހައިން ކޮންމެ މީހަކަށް ވެސް އިތުބާރުކުރަންތަ؟، މިވަގުތުގެ ފައިދާ އަހަރެން ނަގާފާނެކަމުގެ ހާސްކަމެއް ތިހިރުގައި ނުވޭތަ؟...'' މާކިން ބުންޏެވެ.
އީވާއަށް މާކިންގެ ތޫނުފިލި ދެލޮލަށް ބަލައިލެވުނެވެ.
''ކޮންމެކޮންމެ މީހަކަށް އިތުބާރު ނުކުރެވުނަސް އަހަރެން މާކިންއަށް އިތުބާރުކުރަން!...'' ހިތުގެ މައްޗަށް ބާރުފޯރުވަން މަސައްކަތްކުރާ ހާލު އީވާ ބުނެލިއެވެ. އޭނަ ނުތަނަސްވަނީ އެހިތުގެ ތެޅުން މާކިންއަށް އަޑުއިވިދާނެތީއެވެ. އޭރުން ކުރިމަތިވެދާނެ ކަންތަކާ މެދުގައި އޭނަ ހާސްވާންފެށިއެވެ.
(ނުނިމޭ)