ސޯޅަވަނަ ބައި
"ދޮންބެދައްތަ ނުބުނާނަން މަންމައަކީ ގޯސްމީހެކޭ. ކިހިނެއްވީ؟ މިރަށުގަ އުޅޭނެ މަންމަދެކެ ވަރަށް ރުޅިއަންނަ މީހެއް. އެކަމަކު އެއީ މި ހިސާބުގަ އުޅޭ މީހެއްނޫން" އިރާނިޔާ ބުނެލިއެވެ. ވާހަކަދެއްކިއިރު އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ދުރުގައި ގަސްތަކަށް ފެންދޭން ހުރި ޙާއިޝާއަށެވެ.
"އެއީ ކާކުކަން އިނގޭތަ؟ މިބުނީ އެއީ އަންހެނެއްތަ؟ ދޮންބެދައްތައަށް އިނގޭތަ އެމީހާ މަންމަދެކެ އެހާ ރުޅިއަންނަނީ ކީއްވެގެންކަން" އަދްޔަން އަހައިލިއެވެ. އޭނާ ހުރީ ހުރިހާ ސަބަބެއް އިނގެން ބޭނުންވެފައެވެ.
"ނަމެއް ނޭނގޭ. އަންހެނެއް. އަދޫއަށް އިނގޭތަ ޝެނަލް. އޭނަ މަންމަ އެއީ. ދޮންބެދައްތަ އެއްދުވަހު މަންމައާއިއެކު ބޭރުގަ އުޅެނިކޮށް މަގުމަތިން އެމީހާއާއި ދިމާވެގެން ކައިރީގައި ހުރި އެހެން އަންހެނެއް ކައިރީގައި ހުރެގެން މަންމައަށް ފާޑުފާޑުގެ ބަސްއުކަނީ. މަންމަ ހަމަ އަޅާވެސްނުލާ. އަހަރެން ގެއަށް އަންނަމުން މަންމަ ކައިރީގައި އަހާލީމަ މަންމަ ބުނީ އެމީހާ އަބަދުވެސް ވަރަށް ރުޅިއަންނާނެ މަންމަދެކެ" އިރާނިޔާ ކިޔައިދިނެވެ. އަދްޔަން ވިސްނަން އިނެވެ.
"ދޮންބެދައްތައަށް އިނގޭތަ އެމީހާ އެހާ ރުޅިއަންނަނީ ކީއްވެގެންކަން" އަދްޔަން އެހިއެވެ.
"މަންމަ އެކަހަލަ ވާހަކައެއް ނުބުނޭ. އަހަން އުޅެފައިވެސް މަންމަ ނުބުނާތީ ދޮންބެދައްތަ އަހަން ބޭނުންނުވީ. އެހެންނޫނަސް މިއަދު އަދޫ ތިވާހަކަތައް ތިދައްކަނީ ކީއްވެގެންތަ؟ އެމީހާ އެއްޗެއް ބުނީތަ؟" އިރާނިޔާ އަހައިލިއެވެ.
"އާނ.. މަގުމަތިން ދިމާވެގެން. ވަރަށް އިސްކޮޅުން ކުރުކޮށް ހިކިކޮށް ދޮންކޮށް ހުންނަ މީހެއް. ވަރަށް ރުޅިގަދަވެފަ ހުރީ" އަދްޔަން ބުނެލިއެވެ.
"އަޅާނުލާ.. އެންމެ މީހަކު ރުޅިއައިސްގެން އަހަރެމެންގެ މަންމައަށް ވާނެ ގެއްލުމެއް އޮންނާނެތަ؟ އެކަމާ ދެން މާބޮޑަށް ނުވިސްނާ. މަންމަ ކައިރީގައި ތިވާހަކަތައް ނުދައްކާތި. މިހާރުވެސް އުނޭގެ ކަންތަކާއި ހެދި މަންމަ އެހުންނަނީ ކިރިޔަކިރިޔާ" އިރާނިޔާ ބުނެލިއެވެ.
އަދްޔަން ވަދެގެން ދިޔައިރު އޭނާގެ ހިތްވަނީ މާޔޫސްވެފައެވެ. އޭނާގެ ހިތުގައި ވަނީ ސުވާލު އުފެދިފައެވެ. އުމުރުން ފަންސަވީސް އަހަރަށް ވުރެ މައްޗަށް ދިޔަފަހުން ހިތްކިޔައިގެން ލޯބިވި އަންހެންކުއްޖަކީ ޝެނަލްއެވެ. އެކަން އޭނާއަށް ކާމިޔާބުނުވާނެކަން މިހާރު ޔަޤީންވެއްޖެއެވެ. ޝެނަލްއަށް ނުގުޅެނީވެސް އެކަން އެ އަންހެންމީހާ މަނާކޮށްގެނެވެ. ޝެނަލްވެސް ލޯބިނުވަނީތާއެވެ. އަދްޔަންގެ މޭގައި ރިހުމެއް އުފެދިއްޖެއެވެ. ކޮޓަރިއަށް ވަންނަން ދަނިކޮށް އުނޭޝް ގޮވައިލި އަޑު އިވުނެވެ. އަދްޔަން ބަލައިލިރު އޮފީސް ހެދުމުގައި ހުރި އުނޭޝްގެ މޫނުމަތިން ފެންނަނީ މިހާރަަށް އައިސް އަބަދުވެސް ފެންނަ ރުޅިވެރިކަމެވެ.
"އަދޫ ކިހިނެއް ތިއުޅެނީ؟ ތިހާ އަންހެންކުދިން ކަމުދަންޏާ މިގޭގަ ތިކޮޓަރީގަ ގެނެސް ބާއްވަންވީނުން" އުނޭޝް ބުނެލިއެވެ. އަދްޔަންގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. އުނޭޝް އެދައްކާ ވާހަކައެއް އެއްގޮތަކަށްވެސް އޭނާއަށް ނޭނގުނެވެ.
"ދޮންބެ ޕްލީޒް! މިގަޑީގަ ވަރަށް ބޮލުގަ އެބަރިއްސާ. ފަހުން ވާހަކަދައްކަންވީނުން" އަދްޔަން ކޮޓަރިއަށް ވަންނަން ތަޅުގައި ހިފައިލިއެވެ. އެވަގުު އުނޭޝް އެދިޔަ ގޮތަށް ގޮސް އަދްޔަންގެ އަތުގައި ހިފާ ބާރަށް އޭނާއާއި ދިމާލަށް އަނބުރައިލިއެވެ.
"ދޮންބޭ...!!" އަތަށް އަރައިގެން ދިޔަ ތަދުން އަދްޔަންއަށް އެހެން ބުނެވުނީ ތަންކޮޅެއް ބާރަށެވެ. ހުޅުވާފައި ހުރިކުޑަދޮރާއި ދިމާލަށް އިރާނިޔާ ބަލައިލީ އަދްޔަންގެ އަޑު އިވުނުހެން ހީވެގެންނެވެ. އެވަގުތު ފެނުނު މަންޒަރަކުން އޭނާއަށް އިންތަނުން ފުންމައިގެން ތެދުވެވިއްޖެއެވެ. އަށްމަހުގެ ބޮޑު ބަނޑާއެކު ދުރުދުރުގައި ފިޔަވަޅު އަޅަމުން ގޭތެރެއަށް ވަން އިރާނިޔާ ފެނި ޙާއިޝާ ފެންކުރާ ބަހައްޓާފައި އިރާނިޔާ ފަހަތުން ހިނގައިގަތެވެ.
"ދޮންބެއަށް ކިއްތަ އަހަރެން ކޮންމެ ގޮތަކަށް އުޅުނިއްޔާ. ދޮންބެގެ ދިރިއުޅުމަށް އަހަރެން ފާޑުއެބަކިޔާތަ؟ އެހެންނޫނަސް މިހާރު ދޮންބެ ތިއުޅެނީ ބިންމަތީގައެއްނޫން. އެންމެ ފުރަތަމަ ހަމަ ބިމަށް އާދެބަލަ. އެއަށްފަހު އެހެން މީހަކާ ހަމަޖެހިގެން ވާހަކަދައްކަބަލަ" އަދްޔަން ބުނެލިއެވެ. އިރާނިޔާ އައިސް ހުއްޓުނީ އަދްޔަންގެ ފަހަތުންނެވެ. ކޮަޓަރި ދޮރުމަތީގައި ނުބައި ޒާތަކަށް ހީލައިގެން ހުރި ތަމަންނީ ފެނި މިއީ އޭނާގެ ރޭވުމެއްކަން އިރާނިޔާއަށް އިނގުނެވެ.
"އަދޫ ދޭ ކޮޓަރިއަށް..." އިރާނިޔާ އަދްޔަންގެ އަތުގައި ހިފައިލިއެވެ.
"ތެދެއް ދޭ. އެއީ ކަލޭމެންގެ ރާނީއެއްނުން. އޭނަ ބުނާނީ އެންމެ ރަނގަޅަށް" ތަމަންނީ ބުނެލިއެވެ.
"ކަލޭ މިކަމުގެ ތެރެއަށް ވަންނަންޖެހޭތަ؟ ހުރިހާވެސް ނުބަޔަކީ ކަލޭ" އަދްޔަންގެ ރުޅިވެރި އިނގިލި އަމާޒުވީ ތަމަންނީއަށެވެ.
"އަދްޔަން...!! އެއީ ކަލޭގެ ފަހަރި. އެކަން ހަނދާންނައްތާނުލާ..." އުނޭޝް ހިފީ އަދްޔަން ލައިގެން ހުރި ޓީޝާޓްގެ ކަރުވަޅުގައެވެ. ދުރުގައި މަންޒަރު ބަލަންހުރި ޙާއިޝާއަށް އެއްވެސް ކަމެއް ނުކުރެވުނެވެ. އޭނާގެ ހަށިގަނޑަށް އެއްވެސް ހަރަކާތެއް ނުގެނެވުނެވެ. ނޭވާލާންވެސް ހަނދާންނެތް ކަހަލައެވެ. ފެންނަމުން އެދަނީ ދުވަހަކުވެސް ފެނދާނެކަމަށް އޭނާ އުންމީދުކުރި މަންޒަރެއްނޫނެވެ. އޭނާއަށް މީގެކުރިން ފެނިފައިވަނީ ދެފިރިހެންދަރިން އެކަކު އަނެކަކުދެކެވާ ލޯތްބެވެ. އެކުވެރިކަމާއި އެއްބައިވަންތަކަމެވެ.
"ދޫކޮށްލާ... ތަދުއެބަވެޔޭ... ކޮންކަމެއްވެގެންތަ ދޮންބެ ތިހާ ރުޅިގަދަވެގެން ތިއުޅެނީ. އަހަރެން ދޮންބެ އުޅޭ ގޮތަށް އެބައުޅެންތަ؟ އެއް އަންހެނަކާއި އިނދެގެން ގެއަށް ގެނެސް އެ އަންހެންކުއްޖާ ބަނޑުބޮޑު ކޮށްލާފަ އަނެއް އަންހެނަކާ އިނދެގެން ގެނެސް ގެއަށް ވައްދައިފިންތަ؟" އަދްޔަން ކިޔަމުން ދިޔައެވެ. އޭނާ ކެތްކުރަން މަސައްކަތްކުރި ނަމަވެސް އޭނާގެ އެތެރެހަށީގައިވާ ލޭތައްކެކެމުން ދިޔައެވެ. ކެތްކުރެވޭނީ ވަކިވަރަކަށެވެ. އުނޭޝް އެވަނީ ޙައްދުން ނެއްޓިފައެވެ.
"ކަލޭ ނުޖެހޭނެ ތިފާޑަށް މަށާ ވާހަކަދައްކާކަށް" އަދްޔަންގެ ކަންފަތް މަތީގައި އުނޭޝް އަޅުވާލި އެތިފަހަރު ޙާއިޝާއަށް ހީވީ އޭނާގެ މޫނުމައްޗަށް އަރައިގެން ދިޔަހެންނެވެ. ބޮލަށް އަރައިގެންދިޔަ އެނބުރުމާއެކު ދެފައިގައި ތުރުތުރު އަޅަން ފަށައިފިއެވެ.
"ދޮންބޭ..." ވީތަދާއެކު އަދްޔަން ހަމައިން ނެއްޓުނެވެ. އުނޭޝްގެ ބުޅި އިސްތަށިގަނޑު އަތަށް އޮޅާލެވުނު ވަގުތު ނޭނގި ކޮށްލެވުނު ހަރަކާތެއްގެ ތެރެއިން ދުރުގައިހުރި ޙާއިޝާ ފެނިއްޖެއެވެ. ޙާއިޝާ ހަށިގަނޑު ތެޅެމުންދިޔަ ގޮތުން އެ މަންމަގެ ހާލު މިވަގުތު ރަނގަޅު ނޫންކަން އަދްޔަން ވިސްނުނެވެ. ދެމީހުން ދުރުކުރަން މަސައްކަތްކުރަމުން ދިޔަ އިރާނިޔާގެ އަތުގައި ހިފާ ދުރަށް ކޮށްޕައިލީ ތަމަންނީއެވެ. އެމަންޒަރުން ޙާއިޝާގެ ހިތުގައި އަޅަމުންދިޔަ ވޭންވަރުވީ ގަދައެވެ. ބިމުން ކަނޑާ ވައްޓައިލި ރުކެއްހެން ޙާއިޝާ ތިރިއަށް ވެއްޓުނުތަން ފެނި އަދްޔަން އުނޭޝްއަށް ދޫދިނެވެ. މަންމާއޭ ކިޔާ އެދިިމާލަށް އަދްޔަންއަށް ދުއްވައިގަނެވިއްޖެއެވެ. އިރާނިޔާވެސް އެދިމާލަށް ދިޔައީ ދުވެފައި ކަހަލަ ގޮތަކަށެވެ.
"މަންމާ...!!" އުނޭޝްވެސް ޙާއިޝާ ކައިރީގައި އުޑުފައިން އިށީނެވެ.
"ދުރަށްދޭ... ދުރަށްދޭ... މިހުރިހާ ކަމެއް މިވީ އުނޭޝްގެ ސަބަބުން..." އުނޭޝްގެ ކޮނޑުގައި ހިފާ ދުރަށް ކޮށްޕާލީ އިރާނިޔާއެވެ. އުނޭޝް ހިމޭނުން ދުރުގައި ކުރުކަކޫ މައްޗަށް އިނެވެ.
"އަޅާނުލާ... ހިނގާދާން..." އުނޭޝްގެ އަތުގައި ހިފާ މައްޗަށް އުފުލައިލަމުން ތަމަންނީ ބުނެލިއެވެ.
އިރާނިޔާ ދުވެފައި ގޮސް އާޝިދްގެ ކޮޓަރީގައި ޓަކިޖަހަން ފެށިއެވެ. މާގިނަ އިރެއް ނުވަނީސް ހުސްގަޔާ ހުރި އާޝިދް ދޮރުހުޅުވާލައިފިއެވެ.
"ސިޑް... މަންމަ..." ރޮވިފައި ހުރި އިރާނިޔާ އަތުން އިޝާރާތްކޮށްލި ދިމާ އާޝިދް ބަލައިލިއެވެ. އޭނާ ދުވެފައި އެދިމާލަށް ގޮސް އަދްޔަންއާއި އެކު ޙާއިޝާ ނަގައިގެން ގޮސް ކޮޓަރިއަށް ވެއްދިއެވެ. އެނދުގައި ބޭއްވުމަށްފަހު އިރާނިޔާ ލޯތްބާއެކު ޙާއިޝާގެ މޫނުގައި ފެންހާކަމުން ދިޔައެވެ. މާގިނަ އިރެއްނުވެ ޙާއިޝާ އެސްފިޔަތައް ތަޅުވަން ފެށިއެވެ.
"މަންމާ...!!" އިރާނިޔާ ގޮވައިލިއެވެ. ދެލޯ ރަނގަޅަށް ހުޅުވި ސިކުނޑި މަސައްކަތްކުރަން ފެށުމާއެކު ޙާއިޝާ ރޮއެގަނެއްޖެއެވެ. އިރާނިޔާ ރޮވިފައި ޙާއިޝާއަށް ބަލަހައްޓައިގެން އިނެވެ. މިފަހަރު ޙާއިޝާ ހުއްޓުވާނެ ހިތްވަރެއް އިރާނިޔާއަށް ނުލިބުނެވެ. ހުއްޓުވަން އޭނާ ދައްކާނެ ވާހަކައެއްވެސް އިނގެނީއެއްނޫނެވެ. ހުރިހާކަމެއް ހިނގައިގެން ދިޔައީ ޙާއިޝާގެ ކުރިމަތީގައެވެ.
"މަންމާ!! އަހަރެންނަށް މާފްކުރޭ. ދެން ދުވަހަކުވެސް އަހަރެން އެހެން ނޫޅޭނަން. މަންމަ އަހަރެންނަށް ދިން ހެޔޮތަރުބިއްޔަތު އަޅުގަނޑު ހަނދާން ނުނެތޭ" ޙާއިޝާގެ ބަނޑުމަތީގައި ބޯއަޅައިގެން އޮވެ އަދްޔަން ވާހަކަދައްކަމުން ދިޔައެވެ. ރޮވޭވަރުން ވާހަކަނުދެއްކުނަސް ޙާއިޝާ އެއްއަތުން އަދްޔަންގެ އިސްތަށިގަނޑުގައި ފިރުމައިލިއެވެ.
ހަވީރު ޒަމްހާއާއިއެކު ބޭރަށްދާން ތައްޔާރުވާންހުރި އިރާނިޔާ ފަހަތް ބަލައިލިއިރު މުސައްލަ މަތީގައި އިން ޙާއިޝާ ރޯން އިންތަން ފެނި ހިމޭންވިއެވެ. މިއަދު ހަތަރުދަމު އޭނާއަށް ފެންނަ މަންޒަރަކީ ޙައިޝާ ރޯމަންޒަރެވެ. އެކަމާއި ހެދި އޭނާގެ އުފާވެރިކަން ވަނީ ގެއްލިފައެވެ. ހިތްހަމަޖެހެން މަސައްކަތްކުރި ނަމަވެސް އޭނާގެ ނަފްސަށް ހަމަޖެހުމެއް ނުލިބެއެވެ.
"މަންމާ!! ދެން އަބަދުއަބަދު ތިހެން ނޫޅެބަލަ. މަންމައެއް ނޫންތަ އަޅުގަނޑަށް ވިސްނައިދިނީ" މުސައްލަ އޮޅާލާފައި އައިސް އެނދުގައި އިށިން ޙާއިޝާ ކައިރީގައި ހުއްޓިލަމުން އިރާނިޔާ ބުނެލިއެވެ.
"އަހަރެމެން އިންސާނުންނަކީ އަބަދުވެސް ކަންކަމަށް ބޭނުންވެފަ ތިބޭ މީހުން. އެހެންވީމަ ހެއްދެވިފަރާތަށް ދެންނެވުން ހުއްޓާލައިގެންނުވާނެއްނު. މަންމަ މިހާރު އުނޭޝްގެ ހިތާމައެއް ނުކުރަމޭ" ޙާއިޝާ އިރާނިޔާގެ އަތުގައި ހިފަހައްޓައިލަމުން ބުނެލިއެވެ.
"މަންމަ ބުނީމެއްނު މިއަދު ނިއުމާއްތަ މެންނާއެކު ބަށި ކުޅެން އަރާ ވާހަކަ. އަވަހަށް ހިނގާ ދާން. އަޅުގަނޑާ ޒަމްވެސް އެދިމާލަށް މިދަނީ" އިރާނިޔާ ބުނެލިއެވެ.
އެމެޖެންސީއަކަށް ހޮސްޕިޓަލަށް ދާން ޖެހުމުން ޒަމްހާއަށް އިރާނިޔާ ކައިިރިއަށް ނާދެވުނެވެ. އެހެންކަމުން އެކަނި މާދުރަށް ހިނގަން ނުކެރުމުން އިރާނިޔާ ބޭރު ޖޯލިފަތީގައި އިށީނދެލިއެވެ. ހަވީރުގެ ވަގުތުކަމުން މަގުތަކަށްވަނީ ކޮންމެވެސް ވަރަކަށް މީހުން ނިކުމެފައެވެ. ބަނދަރާއިވީ ދިމާލަށް ބަލަން ގެއްލިފައި އިން ވަގުތު އަވަށްޓެރިއެއް އައިސް ކައިރީގައި އިށީނދެއްޖެއެވެ.
"މިއަދު ހާދަ ދުވަހެއް ކޮށްފައޭ ދޯ ޙާއިޝާ ކުޅެން އެދިޔައީ" ޖެހިގެން ހުރި ގޭ މޫމިނާ ވާހަކަދެއްކިއެވެ.
"އާނ... މަންމަ ކުޅުން މެދުކަނޑައިލީ ކަކުލުގަ ރިއްސާތީއޭ. މިހާރުވެސް އަތުގެ ހުޅަށް ކޮންމެސް ވަރަކަށް އަނިޔާވެފަ ހުރީ. އެކަމުވެސް މިއަދު އެދިޔައީ ނިއުމާއްތަމެން ކިޔާވަރުން" ހިނިތުންވެލައިގެން އިނދެ އިރާނިޔާ ބުނެލިއެވެ.
"ރާނީގެ ފިރިމީހާ ދެވަނަ ކައިވެނި ކުރިފަހުން ވަރަށް ތިދެކުދިން އެކުގަ ނުފެނޭ. އެސޮރު ރަނގަޅުތަ ރާނީއަށް" މޫމިނާ އަހައިލިއެވެ. ރާނީއަށް ވިސްނިއްޖެއެވެ. މޫމިނާ އެއުޅެނީ ވާހަކަ ހޯދަންވެގެންނެވެ.
"އަހަރެމެންގެ ގުޅުން ރަނގަޅު. ދެން މިހާލުގަ އިންނައިރު އުނޭއާއެކު ތަންތަނަށް ނުދެވޭނެއްނު" އިރާނިޔާ ބުނެލިއެވެ.
މޫމިނާއަށް އިތުރު ވާހަކައެއް ނުދެއްކި އުޅެނިކޮށް އަދްޔަން ނިކުމެއްޖެއެވެ. އިރާނިޔާ އަދްޔަންއަށް ބަލައިލާފައި ދެބުމަ ގޮށްޖަހައިލިއެވެ. އެވަގުތު އަދްޔަން ގެއިން ފެނުމަކީ ވަރަށް ނުވާ ކަމެކެވެ.
"އަދޫ މިއަދު ނުދަންތަ؟" އިރާނިޔާ އަހައިލިއެވެ.
"މިއަދު ބޮލުގަ ރިއްސާތީ ނުދެވޭނެ ވާހަކަ ބުނީމަ ކުޅުން ކެންސަލްކުރީ. އެކަމު ކޮޓަރީގަ އޮވެއޮވެ ފޫހިވެގެން މިނިކުތީ" އަދްޔަން އިރާނިޔާ ކައިރީގައި އިށީނދެލަމުން ބުނެލިއެވެ.
"މަންމަ މިއަދު ކުޅެން ގޮށްސި. ހިނގާ އެދިމާލަށް ދާން" އިރާނިޔާއާއި އަދްޔަން އެކީގައި އެދިމާލަށް ހިނގައިގަތެވެ.
ހީނާމާގޯޅި ކަންމަތީގައި ޖަހާފައިހުރި ލައިޓް އަނދާފައި ހުރިކަން އެއީ އަދްޔަންގެ ނަސީބެވެ. ސައިކަލުގައި އޭނާ އެތަނުގައި މަޑުކޮށްލައިގެން އިނީ އެހިސާބާއި ޝެނަލް އަރާ ހަމަވަންދެނެވެ. ޒީކްއާއި އެކުގައި އެދިމާލަށް އަންނަ ޝެނަލް ކައިރިވާން ފެށުމުން އޭނާ ސައިކަލްގެ ލައިޓް ނިއްވާލާފައި އިންޖީނުވެސް އޮފް ކޮށްލިއެވެ. ކުއްލިއަކަށް ދެކުދިންގެ ކުރިމައްޗަށް އަދްޔަން އެރުމާއެކު ދެކުދިންނަށްވެސް ލިބުނީ ސިހުމެކެވެ.
"ޒީކް ދެން ދިޔަސް އެންމެ ރަނގަޅު. ޝާނީގެ ފާރަވެރިއަކަށްވެގެން އަހަރެން ހުންނާނަން" ޒީކަށް އަދްޔަން ބުނެލިއެވެ. ޝެނަލްގެ މޫނަށް ބަލައިލާފައި ޒީކް ހިނގައިގަތެވެ.
"ނޫން ޒީކް! މަޑުކުރޭ..." ސަބްރީންގެ ގޮތް ރަނގަޅަށް އިނގޭތީ ޝެނަލް ވަގުތުން ދެކޮޅު ހެދިއެވެ. ޒީކް ތަންކޮޅެއް ދުރުގައި މަޑުކޮށްލިއެވެ.
"ޝާނީ...!! އަހަރެންނަށް އިނގޭ ޝާނީގެ މަންމަގެ ގޮތް ވަރަށް ރަނގަޅަށް. އެކަމަކު ޝާނީ ބޭނުންވަނީ މިގުޅުން އެއްކޮށް ކަނޑާލަންތަ؟" އަދްޔަން ވާހަކަދެއްކިއެވެ.
"މަންމަ ޤަބޫލެއްނޫން. އަހަރެން އަދި ވަރަށް ވަގުތު ބޭނުން އަދޫ" ޝެނަލް ބުނެލިއެވެ.
"ކިހާ ވަގުތެއް ބޭނުންވަނީ. މިހެން އުޅެން އަހަރެންނަށް ހާދަ އުނދަގުލޭ. އަހަރެން ކިހިނެއް ޝާނީ ނުފެންނަ ހިސާބުގަ ހުންނާނީ؟ ފޯނަށްވެސް ނުގުޅޭ. ޝާނީއަށް ކެތްވޭތަ؟" އަދްޔަންގެ އަޑުގައިވަނީ ޝަކުވާއެވެ.
"އަދޫ...! މި ހާލަތު އަދޫއަށް އަންޑަސްޓޭންޑް ވާނެކަމަށް އަހަރެން އުންމީދުކުރަން. މަންމައާއި ބައްޕަގެ ހުރި ހަމައެކަނި ދަރިއަކީ އަހަރެން. މިވަގުތު މަންމައާއި ދެކޮޅަށް އަހަރެންތެދުވެއްޖިއްޔާ މަންމަގެ ހިތް ފަޅައިގެން ހިނގައިދާނެ. އަހަރެންނަށް މާދަމާވެސް އަދޫ ކަހަލަ ލޯބިވެރިއެއް ލިބިދާނެ . އެކަމަކު މަންމަ ހޯދާނީ ކިހިނެއް؟" ޝެނަލް ވާހަކަދެއްކީ އަދްޔަންއަށް ފުރަގަސްދެމުންނެވެ.
"ތިއީ ކޮންކަހަލަ ވާހަކައެއް؟ މާނައަކީ ޝާނީ އަހަރެންނާ ގުޅުން ކަނޑާލާނީއޭތަ؟" އަދްޔަން ބުނެލިއެވެ.
"އަދޫ...! އަހަރެން ތިހެން ނުބުނަމެއްނު. މިވަގުތު އަހަރެން ބޭރަށް ނިކުންނަންވެސް ހުއްދަ އޮތީ ހަމައެކަނި ޒީކްއާއެކު. ފޯނުވެސް އޮތީ މަންމަ އަތުގަ... އަދޫ އަހަރެންދެކެ ލޯބިވަންޏާ އިންތިޒާރުކުރޭ..." އަދްޔަންގެ މޫނުގައި ފިރުމައިލަމުން ޝެނަލް ބުނެލިއެވެ.
"އެހެންވިއްޔާ އަހަރެންގެ އެންމެ ސުވާލަށް ޖަވާބުދީފަދޭ" ހިނގައިގަތް ޝެނަލްގެ އަތުގައި ހިފާ ހުއްޓުވަމުން އަދްޔަން ބުނެލިއެވެ.
"ޝާނީ އަހަރެންދެކެ ލޯބިވޭތަ؟" ޝެނަލް ބަލައިލުމުން އަދްޔަން އަހައިލިއެވެ.
"އަހަރެން އަދޫއަކަށް އަދި ދޮގެއް ނަހަދަން. ކުރިންވެސް އަހަރެން ލޯބިވެޔޭ ބުނީ ލޯބިވާތީ. މިހާރުވެސް މިބުނަނީ އަދޫ ދެކެ ވަރަށް ލޯބިވޭ" ޝެނަލް ބުނެލިއެވެ. އަދްޔަންގެ ހިތަށް ހިތްހަމަޖެހުމެއް ލިބުނީ އެއަށްފަހުގައެވެ.
ދަންވަރުގެ ހަމަހިމޭން ވަގުތުގައި ފުން ނިދީގެ ތެރެއަށް ޣަރަޤުވެފައި އޮތް ޙާއިޝާއަށް ބަލައިލުމަށްފަހު އިރާނިޔާ ތެދުވެ ހެޑްބޯޑުގައި ލެގިލިއެވެ. އެއްއަތުން ބަނޑުގައި ފިރުމައިލީ އާދަޔާޚިލާފް އުނދަގުތަކެއް ވަމުން ދާތީއެވެ. މިހާރަކަށް އައިސް އަބަދުވެސް ދަށްބަނޑުގައި ރިހުމެއް ހުރެއެވެ. ދެފައިތިލައިގެ ދުޅަ ކުރިއަށްވުރެ ކުޑަވިޔަސް ބުރަކަށީގައި ރިއްސަމުން ދާތީ އެގޮތުގައި އިންނަންވެސް އޭނާއަށް އުނދަގުވަމުން ދިޔައެވެ. ބުރަކަށި ދަށަށް ދެ ބާލީސް ލެއްވުމަށްފަހު ސައިޑްކަބަޑް މަތީގައި ބަހައްޓާފައި ހުރި ލެޕްޓޮޕް ނަގާ އުނގުމަތީގައި އޮތް ބާލީސް މަތީގައި ބެހެއްޓިއެވެ. ވިހަން ގާތްވަމުން އަންނަ ދުވަސްވަރު މާބަނޑު މީހުންނަށް ދިމާވާ އުނދަގުތަކާއި އަދި އެކަންކަމުގެ ހައްލުތަކާއި ބެހޭގޮތުން މައުލޫމާތު ހޯދަމުން ދިޔައެވެ. ގަޑިން ދޭއް ޖަހަން ކައިރިވިއިރު އޭނާގެ ދެލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ.
ބޭރުން އެއްޗެއް ވެއްޓުނުއަޑު ކަހަލަ އަޑެއް އިވުމުން ދޮރާއި ދިމާލަށް އިރާނިޔާ ބަލައިލިއެވެ. ކޮޓަރި ތެރެއަށް ވެރިވެފައިވާ ރަތްކުލައިގެ ފަނޑު އަލިކަމުގެ ތެރޭގައި ލެޕްޓޮޕް ދުރުގައި ބެހެއްޓުމަށްފަހު އޭނާ ތެދުވިއެވެ. ކޮޓަރިން ނިކުންނަން ދިޔުމުގެ ކުރިން އަދިއެއްފަހަރު ޙާއިޝާއަށް ބަލައިލިއެވެ. އޭނާއަށް ކުރެވޭ ކަމަކުން ޙާއިޝާގެ ނިންޖަށް ހުރަހެއް އެޅިދާނެތީ ދޮރާއި ދިމާލަށް ދިޔައީ ސިއްރު ފިޔަވަޅުތަކެއް އަޅަމުންނެވެ.
ދޮރުހުޅުވާލާފައި ނިކުތް އިރާނިޔާއަށް ބަދިގެ ދޮރުމަތީގައި ގުދަށް އޮތް މީހަކު ފެނުމުން ހިތްތެޅިލިއެވެ. މުޅި ސިޓިންރޫމް ވަނީ އަނދިރިކަން ވެރިވެފައެވެ. ބަދިގޭ ކުޑަދޮރުތަކާއި ދިިމާލުން ބޭރުގައި ދިއްލާފައިހުރި ހޮޅިބުރީގެ ހުދުއަލިން ކޮންމެވެސް ވަރަކަށް ސިޓިންރޫމަށް އަލި އެޅިފައިވާތީ މީހަކު ގުދަށް އޮތްތަން ފެނެއެވެ. ނަމަވެސް ކާކުކަން އިނގޭ ވަރެއް ނުވެއެވެ. އެދިމާލަށް ދާން ނުކެރިފައި ހުރި އިރާނިޔާ ދުރުގައިހުރެ އެމީހާގެ ހަރަކާތްތަކަށް ބަލަމުން ދިޔައެވެ. ކޮޅަށް ތެދުވި ވަގުތު އެމީހާ ލައިގެން ހުރި ކަޅު ކުލައިގެ ޓީޝާޓަކާއި ހަމަ އެކުލައިގެ ގޮޅިޖެހި ހަރުވާޅެއްކަން އިނގުނެވެ. ފަހަތުން ފެނުނު މީހާގެ ސޫރަ އޭނާ އާޝިދްގެ ސޫރައާއި އަޅައިކިޔައިލިއެވެ. އެއީ އާޝިދްކަން އޭނާއަށް ޔަޤީންވީ އާޝިދްގެ ހިނގުމުންނެވެ.
"ސިޑް...!" ބަދިގެއާއި ދިމާލު ފާރުގައި ހުރި ސްވިޗް ޖައްސައިލަމުން އިރާނިޔާ ގޮވައިލިއެވެ. އާޝިދް ފަހަތް ބަލައިލިއިރު އޭނާއާއި ދިމާލަށް ހިނގާފައި އައި އިރާނިޔާ ފެނި ބަލަހައްޓައިގެން ހުރެވުނެވެ. އިރާނިޔާ ނިދަންލާ ގަޔަށް ދޫ ތުނި ކަކުލާއި ހަމައަށް އަންނަ ހެދުމުގައި ހަށިގަނޑު ކުރިއަށް ވުރެ ފަލަކަމަށް ދައްކައެވެ.
"ކޮން ވަޑާމެއް...؟" އާޝިދް ހިފައިގެން ހުރި ކުނިނަގާ ފިހިނގަނޑަށް ބަލައިލަމުން ހީލުމަކާއެކު އިރާނިޔާ އަހައިލިއެވެ.
"ބީކެއަރފުލް... ފެންއެޅިފަ ހުރީ. އާދޭ މިކޮޅަށް.." އާޝިދް ހިފީ އިރާނިޔާގެ އަތުގައެވެ. މަޑުމަޑުން އެތަނާއި އިރާނިޔާ ދުރުކޮށްލިއެވެ.
"ޖައްސާލާ މިތާ... ނަސީބެއްނު އީރަން އައިކަން" ގޮނޑިއެއް ދުރުކޮށްލާފައި އިރާނިޔާ ބޭންދުމަށްފަހު އާޝިދްގެ ހަރަކާތްތައް އަވަސްކޮށްލިއެވެ.
"ސިޑް މިދަންވަރު ކީއްތިކުރަނީ. އަހަރެންނަށް އެއްޗެއް ވެއްޓުނު އަޑު އިވުނީމައޭ ނިކުތީ. ތައްޓެއް ތަޅައިގެން ދިޔައީތަ...؟" އިރާނިޔާ އަހައިލިއެވެ.
"ރަނގަޅަށް ތި ހީވީ. ނުނިދިގެން ކަޅެއް ހަދާލަން އައިސް އުޅެނިކޮށް މިކަމެއް މި ހިނގީ... ސޮރީ އިނގޭ. އީރަންގެ ނިދި ހަރާބުކޮށްލެވުނީ ދޯ" މޮޕް އަޅަމުން ދިޔަ އާޝިދް ވާހަކަދެއްކިއެވެ.
"ނޫނޭ. އަހަރެންވެސް ނުނިދިފަ އޮތީ. މިއަދު ތަންތަނުގަ ރިއްސާވަރުން ނުނިދޭ" އިރާނިޔާ ބުނެލިއެވެ. އާޝިދްގެ ސީރިޔަސް ނަޒަރު އިރާނިޔާގެ މޫނަށް ހުއްޓިއްޖެއެވެ.
"ބަނޑުގަ ރިއްސަނީތަ...؟ ކޮންދުވަހަކަށް ޑިޔު ވަނީ...؟" އާޝިދް އަހައިލިއެވެ.
"މި މަހު ފަހުކޮޅަށް އިނީ. އެކަމަކު ހީވަނީ ވަރަށް އަވަހަށް ބޭބީ ނިކުމެދާނެހެން" ބަނޑުގައި ފިރުމައިލަމުން ހީލުމަކާއެކު އިރާނިޔާ ބުނެލިއެވެ.
"އަހަރެން ސައިތަށި ބޮންދެން އީރަން މަޑުކޮށްލާނަން ދޯ... އީރަންއަށް ކޯޗެއް ހަދައިދޭންވީ؟" އާޝިދް އަހައިލިއެވެ.
"މިގަޑީގަ ފެން ނޫން އެހެން އެއްވެސް އެއްޗެއް ބޭނުމެއްނޫން. ގެނޭ އަހަރެން އަތަށް. ތިކަން ކޮށްލާނަން" އިރާނިޔާ ގޮނޑިން ތެދުވަން އުޅުނެވެ.
"އީރަން އިނދޭ. އަހަރެން އަމިއްލައަށް ކަމެއް ކޮށްލާނެ ފުރުސަތެއްދީބަލަ" އާޝިދް ބުނެލިއެވެ. އިރާނިޔާ އާޝިދްގެ ހަރަކާތްތަކަށް ބަލަހައްޓައިގެން އިނެވެ. ސައިތަށި މޭޒުމަތީގައި ބަހައްޓާފައި އީރަންއަށް ގެނައި ފެންތަށިވެސް މޭޒުމަތީގައި ބެހެއްޓިއެވެ. އާޝިދް އިށީނީ އީރަންއާއި ޖެހިގެން އިން ގޮނޑީގައެވެ. އާޝިދް އެހާ ކައިރީގައި އިށީނުމުން އިރާނިޔާއަށް އުނދަގު ގޮތެއް އިހުސާސްވިއެވެ. އެހެންނަމަވެސް އޭނާ އެއްޗެއް ނުބުނެއެވެ.
"އީރަންއަށް އިނގޭތަ..؟ މިވަގުތު އަހަރެން މީނީ ވަރަށް ވަރަށް ހިތްހަމަޖެހިފަ" އާޝިދް ބުނެލިއެވެ.
"އެއީ...؟ ކީއްވެ އެހާ ހިތްހަމަޖެހިފަ" އިރާނިޔާ އަހައިލިއެވެ.
"މިކަހަލަ ހަމަހިމޭން މާހައުލެއްގަ އެއްވެސް މީހެއްގެ އުނދަގުލެއްނެތި އަހަރެން އެންމެ ލޯބިވާ އަންހެންކުއްޖާއާއި މިހާ ކައިރީގައި އިނދެލަން ފުރުސަތެއް ލިބުނީމަ... އީރަންގެ ހިތަށް އިހުސާސްވެސް ނުވާނެ މިވަގުތު އަހަރެން އުފާވެފައިވާ މިންވަރު" އިރާނިޔާގެ ނަޒަރު ފެންތައްޓަށް ހުއްޓިފައި ވިޔަސް އާޝިދްގެ އަޑު އިވެމުންދަނީ އޭނާގެ ކަންފަތާއި ނުހަނު ކައިރިންނެވެ. ދެއަތުން ހީބިހި ނަގައިގެން ދިޔުމާއެކު އީރަންއަށް އާޝިދަށް ބަލައިލެވިއްޖެއެވެ. އެހިނދު އާޝިދްގެ މޫނު އޭނާއަށް ފެނުނީ އިންތިހާދަރަޖައަށް ކައިރިވެފައި ވަނިކޮށެވެ. ދެ ޒުވާނުންގެ ހަތަރުކަޅި ހަމަވެގެން ދިޔުމާއެކު ބަސްހުއްޓި އެކަކު އަނެކަކުގެ ލޮލުގެ ޖާދޫގައި ޖެހި ބަނދެވިއްޖެއެވެ.
(ނުނިމޭ)