ވާހަކަ

ދެކިލަން އެދޭތީ - 18

ހިތުގައި އުފެދިގެން އައި ގޮތް ނޭނގޭ ޖަޒުބާތުތަކުން އީވާގެ ހިތުގައި ރިހުމެއް އުފެދެން ފެށިއެވެ. އެރިހުމުގެ އަސަރު މޭތެރެއަށް ފޭދިގެން ދިޔުމާއެކު އީވާއަށް މޭގައި ފިރުމާލެވުނެވެ. ސުވާލު އުފެދިފައިވާ ހާލު ލޮލުގެ ކޮޅަށް ގޮސް ގެއްލުނު މާކިންއަށް ބަލަން ހުރެވުނެވެ. ފުރަތަމަ ފަހަރަށް މާކިންގެ ފަރުވާ ކުޑަކަމުން ހިތުގައި ވޭން އަޅަން ފަށައިފިއެވެ. މާކިންގެ ދެލޮލުން ފެނުނު ނަފުރަތުން މޮޅިވެރިކަން ހިތަށް ވެރިވެއްޖެއެވެ. އިހުސާސްތަކުގެ ތެރޭގައި ޤައިދުވަމުން ދިޔަ ވަގުތު ހަމަހޭވެރިކަންވީ އޭނަގެ އަތުގައި ރައުހާ ހިފައި ތަޅުވައިގަތުމުންނެވެ. ސިހިފައި ރައުހާގެ މޫނަށް އީވާ ބަލައިލިއެވެ. އެމޫނުމަތިން ފެންނަމުން ދިޔަ ހައިރާންކަން އީވާއަށް ފާހަގަ ކުރެވުނެވެ. ނަމަވެސް ބުނާނެ އެއްޗެއް ސިކުނޑިއަކަށް ނައެވެ. އޭނަގެ އަމިއްލަ ހިތުގެ ހާލާއިމެދުގައި ވެސް ވަނީ ސުވާލު އުފެދިފައެވެ. މާކިން ފެނުމުން ހިތުގައި ވިންދު ޖަހަން ފެށި އިހުސާސްތަކަށް އޭނަ ދޭން ވީ ކޮން ނަމެއް ހެއްޔެވެ؟ އޭނަގެ ހިތަށް މިވަނީ ކިހިނެއް ހެއްޔެވެ؟ މާޔޫސްކަން ހިތަށް ވެރިވީ ކީއްވެގެން ހެއްޔެވެ؟ މާކިންގެ ރުހުން އޭނައަށް ކުއްލިޔަކަށް މުހިންމުވީ ކީއްވެގެން ހެއްޔެވެ؟ އެރުޅިވެރިކަމާ ކުރިމަތިލާންވުމުން ހިތުގައި ތަކުލީފު އުފެދުނީ ކީއްވެގެން ހެއްޔެވެ؟

''ކިހިނެއް ވެފަތަ ތިހުންނަނީ؟...'' ހިތުގެ ގޮވުންތަކުގެ ތެރޭން ރައުހާގެ އަޑު އީވާގެ ކަންފަތާ ހަމައަށް ފޯރިއެވެ. އެއާއެކު އީވާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ހިތުގެ ހައިޖާންގަނޑުގެ ހޫނުކަން އާވިތަކެއްގެ ސިފައިގައި ބޭރުވެގެން ދިޔައެވެ. ނަމަވެސް އެހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ.

''ކަމެއް ނުވޭ!، ހިނގާ އަވަހަށް ދަމާ!، އެހެން ނޫނީ ގަޑި ޖެހިދާނެ...'' ހިނިތުންވާން މަސައްކަތްކުރަމުން އީވާ ބުނެލިއެވެ.

''އާނ!، އަވަހަށް ދަމާ...'' އަތުކުރީ އޮތް ހިމަ ގަޑިއަށް ބަލައިލަމުން ރައުހާ ވެސް ކުރިއަށް ހިނގައިގަތެވެ. އީވާއަށް އައިސްފައިވި ކުއްލި ބަދަލުތަކާ މެދު އޭނައަށް ވިސްނުން ހިންގާލެވުނެވެ. ޔަޤީނުން ވެސް އެބަދަލެއް އައީ މާކިން ފެނުނު ހިސާބުންނެވެ. މާކިންއާއި ކުރިމަތިލާން އީވާ ފަސްޖެހެމުންދާކަމުގެ އަސަރު އެމޫނުން އޭނައަށް ފާހަގަ ކުރެވުނެވެ.

*****

ކްލާހަށް ވަދެވުމާއެކު އީވާގެ ނަޒަރު ފުރަތަމަ ވެސް ހޯދީ މާކިންއެވެ. އެއީ މީގެ ކުރިން ދުވަހަކު ކުރެވުނު ކަމެއް ނޫނެވެ. ހައިރާންކަން ވެސް ލިބުނެވެ. އޭނަ މިހުރިހާ ދުވަހު މަސައްކަތްކުރީ މާކިންގެ ސޫރައަށް ނުބެލުމަށެވެ. އެސޫރައިން ހިތުގައި އުތުރިއަރައިގެންދާ ނަފުރަތުގެ ގިނި އަލިފާނުގެ ސަބަބުންނެވެ. ފޫހިކަމުގެ ސަބަބުންނެވެ. އެހެނަސް، މިއަދު އެމަންޒަރު ބަދަލުވެއްޖެއެވެ. މިހާރު އެހިތުގައި ރުޅިވެރިކަމެއް ނުވެއެވެ. މާކިންގެ ސޫރައަށް ސަމާލުކަން ދެވެން ފަށައިފިއެވެ. އެއިން ކޮންމެ ފަހަރަކު ހިތުގެ ވިންދު އަވަސްވެގެން ދެއެވެ. ނޭވާތައް ކުރު ވެއެވެ. މާކިންގެ ގާތުގައި ވުމަށް ހިތް އެދެން ފަށައިފިއެވެ. އެތޫނުފިލި ދެލޮލުގެ ތެރެއަށް ނަފުސު ދޫކޮށްލަން ވެސް ބޭނުން ވިއެވެ.

''އީވް، އަހަންނަށް ހީވަނީ މާކިންއާއި ކުރިމަތިލާން ނުކެރިގެންހެން ތިއުޅެނީ!، ހިތްވަރުކޮށްލާފައި ގޮސް ހިތުގެ ހާލު ބުނެދީބަލަ...'' ރައުހާގެ ޖުމްލައިން އީވާއަށް ތެޅިގަނެވުނެވެ. ދެލޯ ބޮޑުކޮށްލެވުނެވެ. ނޭވާ ވެސް ހިނދުރީގެ ތެރޭގައި ތާށިވެއްޖެއެވެ. ރައުހާގެ ޖުމުލަ މާނަ ކުރެވުނު ގޮތުން މީހާ ހާސްވެއްޖެއެވެ.

''ހިތުގެ ހާލޭ؟... ތިބުނީ...'' އީވާއަށް އަހާލެވުނެވެ. އޭނަގެ ހިތުގައި އުފެދެމުން ދިޔަ ހައިޖާންގަނޑުގެ ހިލަން ރައުހާއަށް ކުރެވުނީ ހެއްޔެވެ؟

''ސާބަސް!... މަޢާފަށް އެދޭ ވާހަކައޭ މިބުނަނީ، އީވް މިހާރު އިންނަނީ މާކިން އިންނަ ގޮނޑިބަރީގަ އެއްނު، އަވަހަށް ދޭ، އޭނަ ރުޅިއަޔަސް އީވް ބުނަން ބޭނުންވާ އެއްޗެއް ބުނާތި...'' އީވާގެ ބުރަށީގައި އަތް ޖައްސާލަމުން ކުރިއަށް ދިއުމަށް ހިތްވަރު ދެމުން ރައުހާ ވާހަކަދެއްކިއެވެ. އެއަށްފަހު ރައުހާ ގޮސް އޭނަ އިންނަ ގޮނޑިބަރީގައި އިށީނެވެ.

ލޮލުގެ އިޝާރާތުން ކުރިއަށް ދިޔުމަށް އިވާ ގާތު ރައުހާ ބުނެލިއެވެ.

ހިނގައިގަންނަމުން ރައުހާއަށް އީވާ ބަލައިލިއެވެ. އަތުގެ އިޝާރާތުން މާކިންގެ ގާތަށް ދިޔުމަށް ރައުހާ އަމުރުކޮށްލިއެވެ. އަދި ލޮލަށް ގެނައި ހަރަކާތުން އަވަސް ކުރުމަށް ވެސް ބުނެލިއެވެ.

ރައުހާއާއި ވަކިވެގެން ދިޔަ އީވާގެ ނަޒަރު ގޮސް ހުއްޓުނީ މާކިން އަށެވެ. މާކިން އިނީ އޭނަގެ ފޯނާ ކުޅޭށެވެ. އިސްތިރިކޮށްލައިގެން އިނުމުން އެމޫނުގެ ކުލަވަރުތައް ދޭހަކުރެވޭ ގޮތެއް ނުވިއެވެ. އީވާއަށް ހިންދިރުވާލެވުނެވެ. ފަސްޖެހެވެމުން ދިޔައީތީ އެކަމާ ވެސް އޭނަ ހައިރާން ވިއެވެ. މީގެ ކުރިން މާކިންއާ ކުރިމަތިލާން ވެއްޖެނަމަ އެހިތުގައި ޖެހިލުންވުމެއް ނުވެއެވެ. ރުޅިވެރިކަމުގެ ފޯރީގައި ކޮންމެ އެއްޗެއް ބުނަން ވެސް ފަހެއްނުޖެހެއެވެ. ނަމަވެސް މިއަދު ހާލަތާއި މަންޒަރު އެވަނީ ބަދަލުވެފައެވެ.

ދެފަޔަށް ހީވަނީ ބަރުވެފައިވާހެންނެވެ. ހިތްވަރުކޮށްލަމުން އީވަ ކުރިއަށް ހިނގައިގަތެވެ. ކުރިއަށް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކާއެކު މީހާ ހާސްވަމުން ދިޔައެވެ. ދެއަތްތިލަ ފިނިވެ ދާހިތްލަން ވެސް ފަށައިފިއެވެ.

މާކިން އިން ގޮނޑިބަރި ކައިރިއަށް ހުއްޓެމުން އިށީންނަންވީ ތަނަކާއި މެދުގައި އީވާއަށް އޭނަގެ ސިކުނޑިއާއި މަޝްވަރާކޮށްލެވުނެވެ. މަޝްވަރާތަކުގެ ތެރޭގައި ވަނިކޮށް އީވާގެ ހިލަން ވެގެން މާކިން އިސްއުފުލާލައިފިއެވެ. ދެޒުވާނުންގެ ހަތަރުކަޅި ގުޅިލާމެހިގެން ދިޔައެވެ. އެދެލޮލުގެ ފުރިހަމަކަމާއި ރީތިކަމާ މެދުގައި އީވާއަށް ފުންކޮށް ވިސްނާލެވުނެވެ. މޭގެތެރޭގައި އޮތް ހިތް ތެޅިފޮޅެން ފެށީ ކުއްލިޔަކަށެވެ. ހަމަހޭވެރިކަންވީ ޕުރޮފެސަރު ކްލާހަށް ވަނުމުން ކަލާސްތެރެ ހަމަހިމޭންވެގެން ދިޔަ އަޑަށެވެ. އަވަސްއަވަހަށް އީވާއަށް އެންމެ ކައިރީގައި ހުރި ގޮނޑީގައި އިށީނދެވުނެވެ. ނޭނގި ނަމަވެސް އިށީނދެވުނީ މާކިންއާއި ޖެހިގެން ހުރި ގޮނޑީގައެވެ. އަވަސްވަހަށް އިށީންނަން ހަދައިގެން އޭނަގެ އުޅަނބޮށީގެ ކުރިން މާކިންގެ މުލައްދަނޑީގައި ވެސް ޖެހުނެވެ. އެއާއެކު އީވާގެ މޭގަނޑު އަނގަޔަށް އަންނަވަރު ވެއްޖެއެވެ. ތެޅިފޮޅެމުން ދިޔަ ހިތުގެ މައްޗަށް ކުރި ހޯދަން އުޅޭ ހާލު ސިއްރުސިއްރުން މާކިންއަށް ބަލައިލެވުނެވެ. އެމޫނުން އޭނައަށް ފެނުނީ ހިތްހަމަނުޖެހުމުގެ ކުލަވަރުތަކެވެ. ފަޅިސިކުންތުކޮޅެއްގެ ތެރޭގައި މާޔޫސްކަން ހިތަށް ވެރިވެއްޖެއެވެ. ހިތުގައި ރިއްސާލައިފިއެވެ.

އީވާގެ ސަބަބުން މާކިންއަށް އުނދަގޫވިއެވެ. އެހާ ގާތުގައި އިނުމުން އޭނަގެ ހިތަށް ތަކުލީފަކަށް ވެއްޖެއެވެ. އީވާގެ ސަބަބުން ހަނދާންކުރަން ބޭނުންނުވާ މާޒީގެ ސޮފުހާތައް ނިއުޅިގެން ދާތީ އެކަމާ މެދު މާކިން ހިތްހަމަނުޖެހުނެވެ. އެއިހުސާސްތަކާ ދުރުވާން އޭނަ މަސައްކަތްކުރިއެވެ. ކެހިވެރި ދުނިޔޭގެ ހަޤީޤަތަށް ފިލަން އޭނަ ބޭނުން ވިއެވެ. އީވާއާއި ދުރަށް ދިޔުމުގެ ނިޔަތުގައި ވަށައިގެން ހޯދާލެވުނެވެ. އެގޮނޑިބަރި ފިޔަވައި އިތުރު ތަނަކުން ހުސްޖާގައެއް ލިބޭ ކަމަކަށް ނުވިއެވެ. މާކިންގެ ގާތަށް ރުޅިއަންނަ ގޮތް ވިއެވެ. މުށްކަވާލެވުނު އަތާއެކު ކޮޅަށް ތެދުވެވިއްޖެއެވެ. އެންމެންގެ ސަމާލުކަން އޭނައަށް ހުއްޓުނުތަން ވެސް ފެނުނެވެ. އެކަމަށް ސަމާލުކަން ދިނުމެއް ނެތި އޭނަ ގޮސް އިށީނީ އީވާއާއި އެންމެ ދުރުން ހުރި ގޮނޑީގައެވެ. އެއަށްފަހު އޭނައަށް ބަލަން ހުރި ޕުރޮފެސަރު ގާތުން މަޢާފަށް އެދުނެވެ. އީވާއާއި މާކިންއަށް ބަލައިލި ޕުރޮފެސަރު ވެސް ދެފަރާތަށް ބޯހޫރާލިއެވެ. ނަސޭހަތް ދީގެން ވެސް ރަނގަޅު ނުވާނެ ދެޒުވާނުންކަން ޔަޤީންކުރެވުމުންނެވެ.

ދުރުގައި އިން މާކިންއަށް އީވާ ބަލައިލީ މޮޅިވެރިކަމާއެކުގައެވެ. އެދެމެދުގައި އޮތް ދުރުކަމުން ހިތުގައި އުދާސްކަން އުފަން ވިއެވެ. މާޔޫސްކަމުގެ ސައިލަކުން މީހާ ވަށައިލި ހިނދު، ހިތްދަތިކަން އިހުސާސްވިއެވެ.

''މިވަނީ ކިހިނެއްތަ؟، ކީއްވެތަ އަހަރެންގެ ހިތަށް ތަދުވަނީ؟... މީގެ ކުރިން ދުވަހަކު މިހެނެއް ނުވޭ، ދެން ކީއްވެގެންތަ މާކިންގެ ރުޅިވެރިކަމުން އަހަންނަށް އުނދަގޫ ވަނީ؟... މިއަދު އަހަރެންގެ ހިތަށް މިވަނީ ކިހިނެއްތަ؟... އަހަންނަށް މިވަނީ ކިހިނެއްތަ؟... މާކިން!...'' ހިތުގެ މޮޅިވެރިކަން އިތުރުވެގެން ދިޔަ ހިނދު މާކިންގެ ނަން ހިމޭންކަމުގެ ދުލާ ހަމައަށް އައިސްފިއެވެ. ތުންފިއްތާލެވުނީ މޭގައި ފުރިބާރުވަމުން ދިޔަ ކެކުޅުންތަކުގެ ސަބަބުންނެވެ. ލޮލުގެ ހިމަކޮޅުން މާކިންއަށް އީވާ ބަލައިލިއެވެ. އެއްމެފަހަރަކު ވިޔަސް ރުޅިވެރިކަން ހަނދާން ނައްތާލުމަށްފަހު، އޯގާތެރިކަމާއެކު އޭނައާ ދިމާއަށް މާކިން ބަލައިލުމަށް ހިތް އެދެން ފެށިއެވެ.

ދުވަސް ނިމިގެން ދިޔަ އިރުގައި ވެސް އީވާއަށް ވާހަކަދެއްކުމުގެ ފުރުސަތެއް މާކިން ނުދިނެވެ. ކްލާސް ނިމުމާއެކު ވައިސޫރީގެ ބާރުމިނުގައި ނިމުގެން ދިޔައީއެވެ. ހީވީ އީވާއާއި ދުރަށް ދާން ބޭނުންވެފައި ހުރިހެންނެވެ. އެކަން ފާހަގަ ކުރެވި އީވާ އިތުރަށް މާޔޫސް ވިއެވެ. ހިތްވަރުއެލިގެން ދިޔައެވެ.

*****

ހަވީރެވެ. އެދުވަހު ކެފޭއިން ވެސް މާކިންއާއި ބައްދަލުވާ ގޮތެއް ނުވިއެވެ. ދުވަހަކީ ހޮނިހިރުދުވަސް ކަމުން އެއީ މާކިން ކްލިނިކުގައި މަސައްކަތްކުރާ ދުވަހެވެ. ފުރަތަމަ ފަހަރަށް އެކަމާ މެދުގައި ވެސް އީވާއަށް ވިސްނުން ހިންގާލެވުނެވެ. މާކިންގެ ދިރިއުޅުމާ މެދު ޝައުޤުވެރިވާން އޭނަ ފެށިއެވެ. ކިޔަވަމުން، ކެފޭއަށް ދަމުން، ކްލިނިކްގައި ވެސް މާކިން މަސައްކަތްކުރާ ސަބަބާ މެދު ފިކުރު ހިންގާލެވުނެވެ. އެފަދަ ބުރަހެލި އަދި އެކަނިވެރި ދިރިއުޅުމަކަށް މާކިން ލޯބި ކުރަނީ ކީއްވެގެން ހެއްޔެވެ؟ އަމިއްލަ ނަފުސަށް ވަގުތު ދީ އުފަލާއި ހިތްހަމަޖެހުން ހާސިލުކުރަން މަސައްކަތް ނުކުރަނީ ކީއްވެގެން ހެއްޔެވެ؟ އަބަދު ރުޅިއައިސްފައި ހުންނަނީ ކީއްވެގެން ހެއްޔެވެ؟

*****

ހަފްތާއެއް ފަސް...

ވިއްސާރަ ދުވަހެކެވެ. ގަދަވަޔާއެކު ވެހެމުން ދިޔަ ވާރެއިން މަގުތަކުގައި ފެންބޮޑުވާން ފަށައިފިއެވެ. ހީވަނީ ބޮޑެތި ކޯރުތަކެއް ހެދިފައިވާހެންނެވެ. އެކޯރުތަކުގައި ބާނީތައް އުފައްދާލާފައި ވަނީ، ބޫން އަޑުފަށްގަނޑާއެކު ޖެހެމުން ދިޔަ ވައިރޯޅި ތަކުންނެވެ. އުޑުމަތި ބަނަކޮށްލާފައި ވާއިރު މިއިން ޒަމާނެއްގައި ވެސް ވިއްސާރައަލިކޮށްފާނެކަމުގެ ކޮޅުމައްޗެއް ނުފެނެއެވެ. ހިނދަށްހިނދަކަށް ތޫފާން ދިޔައީ ބާރުގަދަވަމުންނެވެ.

''މީތަ އީވް މަސައްކަތްކުރާ ކެފޭއަކީ؟...'' ކާރުގައި އީވާ ގޮވައިގެން އައި ރައުހާ، ދުވާރު ކައިރިއަށް ކާރު މަޑުކުރަމުން ބުނެލިއެވެ. އަދި އަރިމަތިން ފެންނަމުން ދިޔަ އިމާރާތަށް ބަލައިލިއެވެ. އޭނަ އެތަނަށް އެއައީ ފުރަތަމަ ފަހަރެވެ. ޝައުޤުވެރިކަން ރައުހާގެ މޫނުމަތިން ފެނެއެވެ.

''ހޫމްމްމް، ދެން އަވަހަށް ދާން އުޅެބަލަ!...'' އީވާ ބޭނުންވީ އެތަނުން ވީހާ ވެސް އަވަހަކަށް ރައުހާ ފޮނުވާލާށެވެ. ރައުހާއާއެކު އަންނަން ޖެހުނީ ވެސް މަޖުބޫރުވެގެންނެވެ. ރައުހާއާއެކު ކާރުގައި ނާންނަންވެގެން އެތައް ބަހަނާއެއް ދައްކަމުން ދަނިކޮށް ވެސް ގަދަކަމުން ކާރަށް އެރެވުމުން އިތުރަށް ދެކޮޅު ހަދަން ނުކެރުނީއެވެ. އެހާ ވަރަށް ދެކޮޅު ހެދުމުން ރައުހާގެ ހިތުގައި ސުވާލު އުފެދިދާނެތީ އެކަމާއި މެދުގައި ވެސް ވިސްނާލަން ޖެހުނެވެ.

ހަޤީޤަތުގައި ކެފޭއަށް ރައުހާ ގެންނަން އީވާ ބޭނުންނުވީ މާކިން ފެނިދާނެތީއެވެ. ރައުހާ އެކަމާ މެދު ދެކެ ފާނެ ގޮތެއް ވިސްނައިގަންނަން އުނދަގޫ ވީތީއެވެ. މާކިން ފަދައިން ރައުހާއަށް ވެސް ކުށްހީއެއް ކުރެވިދާނެތީއެވެ. އޭނަ އެތަނަށް ވަޒީފާއަށް އައުމަށް ޚިޔާރުކުރީ މާކިންއަށް ޖެއްސުންކުރުމުގެ ނިޔަތުގައޭ ހީވެދާނެތީއެވެ. އޭރުން ރައުހާގެ އިތުރު ސުވާލުތަކާ ކުރިމަތިލާން ޖެހިދާނެއެވެ. މިހާރު މީހާ އެހުރި ހާލަތުގެ ސަބަބުން އެކަމާ ކުރިމަތިލާން އިވާ ބޭނުމެއް ނުވިއެވެ.

''ކީއްވެ އަހަރެން ފޮނުވާލަން ތިއުޅެނީ؟، މިހާ ހިސާބަށް އައިސްފައި ހޫނު ބުއިމަކަށް ފަހު ދެން ދެވޭނީ... ވަރަށް ހިތްގައިމު ލޮކޭޝަނެއް...'' ރައުހާ ބޭނުންވީ ކެފޭއަށް ވަންނާށެވެ. އެވަގުތު ރައުހާއާއެކު އާދެވުނު ކަމުގެ މޮޔަ އީވާއަށް ހީވެއްޖެއެވެ. ކިތަންމެ ސުވާލެއް ކުރިމަތި ވިޔަސް އިންކާރުކުރެވުނު ނަމައޭ ހިތަށް އެރިއެވެ.

''އޭރު ބުނީމެއްނު ރެއިންއާ ބައްދަލުކުރަން ދާން ޖެހޭ ވާހަކަ، ރެއިންއަށް ލަހެއް ނުވާނެތަ؟...'' އީވާ ހަނދާންކޮށްލިއެވެ. އެއާއެކު ކާރުގެ ހުންގާނުން ދޫކޮށްލަމުން ރައުހާ ބުމަ އަރުވާލިއެވެ. އަދި ސަމާލުވެ އީވާއަށް ބަލައިލިއެވެ. އީވާގެ ވާހަކަދެއްކުމުގެ ރާގުން ކޮންމެވެސް ކަމެއް އޭނައަށް ފާހަގަ ކުރެވުނެވެ.

''ކޮންމެވެސް ކަމެއް ފޮރުވަން އުޅޭހެން ހީވަނީ، މިހާ ދުވަސް ވީއިރުވެސް މިތަނަން އަންނަން އަހަންނަށް ދަޢުވަތެއް ނުދޭ، އެއް ހިސާބަކަށް ދެމީހުން ދާއިރުގައި ކާރުގައި ދާން ދަޢުވަތު ދިނީމަ ވެސް އުޅުނީ އިންކާރު ކުރަން، އަހަރެން ގޮތް ދޫނުކުރީމަ ކާރުގަ އަންނަން އެއްބަސްވީ..... މިހާ ހިސާބަށް އާދެވުމަށްފަހު އެތެރެއަށް ނުވަދެވެނީސް މިހާރު ތިއުޅެނީ ފޮނުވާލަން... ކޯޗެއް ފޮރުވަން ތިއުޅެނީ...'' ޝައްކުގެ ނަޒަރަކުން އީވާއަށް ބަލައިލަމުން ރައުހާ ބުންޏެވެ. އެއަށްފަހު ކެފޭއަށް އޭނަ އަވަސް ނަޒަރެއް ދިނެވެ.

''އެއީ މާކިން ތަ؟...'' ކެފޭގެ ބިއްލޫރި ފާރުތަކަށް ހިސާބަކަށް ތެތްފިނިކަން ސަވާރުވެފައި ވިއެއްކަމަކު އެތެރެއިން ފެނިގެން ދިޔަ ސޫރައާ މެދު ދެބަސްވުމަކަށް ނާދެވުނެވެ. ފަރުވާތެރިވެ އަނެއްކާވެސް ރައުހާ ބަލައިލިއެވެ. އެއީ ހަމަ މާކިންއެވެ. ކެފޭގެ ޔުނިފޯމުގައި ހުރިއިރު ތަފާތުކަމަށް ވެސް ދައްކައެވެ.

''މައި ގޯޑް!، މިހެންވެތަ އަހަރެން ނުގެންނަން އުޅުނީ...'' ދެލޯބޮޑުކޮށްލަމުން ރައުހާ ބުންޏެވެ. ރައުހާގެ ޖުމުލައިން އީވާ އިނީ ހާސްވެފައެވެ.

''މިހާރު އެނގިއްޖެ!، ފުރަތަމަ ޑިއުޓީ ނިންމާލާފައި ގެއަށް ދިޔަ ރޭ މޫނު ބަނަވެފައި ހުރީ މިހެންވެގެން ދޯ؟، ދެމީހުން އެއްތަނެއްގައި މަސައްކަތްކުރުން މީ ހާދަ ބޮޑު އިއްތިފާޤެކޭ...ހެހެހެ... ދެމީހުން ވަރަކަށް ތޮޅެލައިފިންދޯ؟... ހެހެހެ... އެކަމަކު މާކިން ކީއްވެތަ މިތަނަށް އަންނަނީ؟، އީވް ވެއްޖެއްޔާ އެނގޭ މޮޔަ ޚިޔާލުތަކެއްގެ ސަބަބުންކަން، އެކަމަކު ކީއްވެތަ މާކިން މިތާނގަ އުޅެންވީ؟... އައިމް ކިރުއަސް... އަދިވެސް އީވް ތިއުޅެނީ މަޢާފަށް އެދޭނެ ފުރުސަތެއް ނުލިބިގެންދޯ... މިއަދު ޖެހޭނެ ތިކަމެއް ކުރަން، އަހަރެން އެހީވެދެންތަ؟...'' ރައުހާ ހެވިފައި ބުނެލިއެވެ.

އީވާގެ ސިކުނޑި ކިލަނބުކުރަމުން ދިޔަ ފަދަ މޭރުމަކުން ރައުހާ ވާހަކަނުދެއްކުމުން އީވާއަށް ހަމަޖެހުމެއް ލިބުނެވެ. ފުންނޭވާއެއް ދޫކޮށްލެވުނީ އެހެންވެއެވެ. މިހާރަކަށް އައިސް ކަންތަކާ މެދު މާބޮޑަށް ހާސްވަނީއޭ ވެސް ހިތަށް އެރިއެވެ.

''ނޫން، އަހަރެން އެކަނި ކޮންމެވެސް ގޮތެއް ހޯދައިގެން މަޢާފަށް އެދޭނީ...... ދެން ރައު ދޭބަލަ!، ރެއިން ލަސްވެގެން އުޅޭނެ މިހާރު......'' އީވާ ބުނެލިއެވެ.

''އައި ހޭވް ޓު އެޑްމިޓް!، މާކިން އިސް ކިއުޓް!... ގަމީހާއި ފަޓްލޫނުގައި ބެގީކޮށްފައި ހުންނައިރު ވަރަށް ރީތި... އެތުނބުޅި ރީތިކޮށްފިއްޔާމު އަހަރެން ވެސް ހޭނެތިދޭނެހެން ހީވަނީ... ހީ އިސް ހޮޓް... ޝާޓްލެސްކޮށް ހުންނައިރު ހާދަ ރީއްޗެއް ވާނެޔޭ، ހަށިގަނޑަށް ގަމީސް ހިފާލާފައި އޮތް ގޮތުން ވެސް އެނގޭ ކަސްރަތީ ހަށިގަނޑެއް ލިބިފައިވާކަން!...'' ކާރުގެ ލޫވާގައި ދެލޯ ޖައްސަމުން މާކިންއަށް ބަލަމުން ރައުހާ ބުންޏެވެ. އެމަންޒަރު ފެނި އީވާއަށް ތުންއަނބުރާލެވިއްޖެއެވެ. ހިތަށް ހަސަދަވެރިކަން ވެރިވިކަން ގައިމެވެ. ރައުހާގެ ކޮނޑުގައި ބޮނޑިއެއް ވެސް އަޅާލެވުނެވެ.

''ސާބަސް!، މީހަކާ ރައްޓެހިވެގެން އުޅޭކަންވެސް ހަނދާނެއް ނެތްދޯ؟...'' އީވާ ކުދިކިޔާލިއެވެ.

''އައްދޯއި، ތަދުވެއްޖެޔޭ!...'' ބުރަކަށީގައި ދިލަ ނަގަމުން ދިޔަ ހިސާބުގައި ފިރުމާލަމުން ރައުހާ ބުނެލިއެވެ. ''މީހަކާ ރައްޓެހިވެގެން އުޅުނަސް ރީތި މީހަކު ފެނިއްޖެއްޔާ ބެލުމުން ކޮބާތަ މައްސަލައަކީ؟... ހިތަށް އަރާ މާކިން ގްރޫމިންގްއަށް އިސްކަން ދީފިއްޔާ ހާދަ ރީތި ވަނެޔޭ...''

''ހޫނ، އަވަހަށް ދާން އުޅޭ...'' ކާރުގެ ފަހަތު ސީޓުގައި އޮތް ކުޑަ ނަގަމުން އީވާ ބުނެލިއެވެ. މާކިންގެ ރީތިކަމަށް ރައުހާގެ ސަމާލުކަން ހުއްޓުމުން ހިތަށް އުނދަގޫވާން ފެށިއެވެ. ހަސަދަވެރިކަން އުފެދެން ފެށިއެވެ. އޭނަ ނޫން އިތުރު އަންހެންކުއްޖަކު މާކިންއަށް ބަލަން ހިތް ނޭދޭ ކަހަލައެވެ.

''މިދަނިއޭ، މިއަދު ހަނދާންކޮށް މަޢާފަށް އެދޭތި، މިހާރު ވެސް މާލަސްވެއްޖެ...'' ކާރުގެ ދޮރުފަތް ހުޅުވާލި އީވާއަށް ބަލައިލަމުން ރައުހާ ބުނެލިއެވެ. ކާރުގެ ބޭރަށް ދިއްކޮށްލި ކުޑަ ހުޅުވާލަމުން، އެކުޑައިގެ ހިޔަލުގެ ދަށަށް އީވާ ދިޔައެވެ. އެއަށްފަހު ކާރުގެ ދޮރުލެއްޕުމުގެ ކުރިން ރައުހާއަށް ބަލައިލަމުން ބޯޖަހައިލިއެވެ.

*****

ދުވަސް ކޮޅަކަށް ފަހު މާކިންއާއި އީވާގެ އިތުރުން ޖެނިފާ ވެސް ޑިއުޓީގައި އުޅޭ ދުވަހެކެވެ. މާކިންއަށް ސިއްރުސިއްރުން ބަލަމުން ދިޔަ އީވާ ސިހުނީ ދާދި ގާތުން ޖެނިފާގެ އަޑު އިވުމުންނެވެ. އޭނަ ބަލައިލިއިރު އަތުގައި އޮތް ތަބައް ކައުންޓަރު މަތީ ބަހައްޓަމުން ޖެނިފާ ނިތްއަރުވާލަނީއެވެ.

''ވައި އާރ ޔޫ ޑްރޫލިންގް އޮން ހިމް؟، ޔޫ ސީމް ޑިފަރެންޓް ދީސް ޑެއިސް!... ޔޫ ޑޯންޓް ފައިޓް ވިތް ހިމް އެނީ މޯރ، ބަޓް އޮންދި އަދާރ ހޭންޑް އިޓް ލުކްސް ލައިކް ހީ ސްޓިލް ހޭޓްސް ޔޫ!، ވަޓްސް ހެޕެނިންގް ބިޓްވީން ޔޫ ޓޫ؟...'' ޝައުޤުވެރިކަމާއެކު ޖެނިފާ ވާހަކަދެއްކިއެވެ. އީވާ އެކަމަށް ސަމާލުކަން ނުދިނެވެ. އީވާގެ ހަރަކާތްތަކަށް ބަލަން ހުރި ޖެނިފާ ތުންއަނބުރާލިއެވެ. އީވާގެ ސަމާލުކަން ނުލިބުމުން އެހިތަށް ފޫހިކަން ވެރިވެއްޖެއެވެ. ނަމަވެސް ދޫދިނުމުގެ ވިސްނުމެއް އޭނަގެ ނެތެވެ. ދުރުގައި ހުރި މާކިންއަށް ބަލައިލަމުން ޖެނިފާ ހިނިތުންވެލިއެވެ. އަދި ކައުންޓަރުގެ ފަހަތަށް ދަމުން އީވާގެ ގާތަށް ޖެހިލައިފިއެވެ.

''ޔޫ ނޯ ވަޓް!، ޓުޑޭ ހީ ސަބްމިޓެޑް ހިސް ރެޒިގްނޭޝަން ލެޓާރ، ސަންޑޭ ވިލް ބީ ހިސް ލާސްޓް ވޯކިން ޑޭއި...'' އީވާގެ މޫނަށް ފަރުވާތެރިކަމާއެކު ބަލައިލަމުން ޖެނިފާ ބުނެލިއެވެ. އޭނަގެ މަޤުސަދަކަށްވީ އީވާގެ މޫނުގެ ކުލަވަރުތައް ދިރާސާކުރުމެވެ. އީވާ ސިއްރުކުރަން އުޅޭ ހަޤީޤަތް ހޯދައިގަތުމެވެ.

ޖެނިފާނެ ޖުމްލައިން އީވާއަށް ސިހުން ލިބުނެވެ. ކުރަން ހުރި މަސައްކަތް ހުއްޓާލަމުން އޭނައަށް ބަލައިލެވުނީ ދުރުގައި ހުރި މާކިން އަށެވެ. އޭނަގެ ދެލޮލުން މާޔޫސްކަން ވިދާލައިފިއެވެ. މާކިން ކެނޑިގެން ދާން އެއުޅެނީ އޭނަގެ ސަބަބުންނޭ ހިތަށް އެރުމުން ހިތުގެ އުދާސްކަން އިތުރުވެގެން ދިޔައެވެ. އޭނައަށް ކުރާ ނަފުރަތާ ހެދި މާކިން ދުރަށް ދާން ބޭނުން ވަނީ ބާވައޭ ވެސް ހިތަށް އެރިއެވެ. އޭނައާއި އެއް ގުރޫޕެއްގައި ވާން ބޭނުން ނުވެގެން އަނެއްކާ ވެސް ޕުރޮފެސަރުގެ ގާތަށް މާކިން ވަނީ ގޮސްފައެވެ. އެންމެފަހުން ހައްލެއް ނުލިބިދާނެތީ ދެމީހުން މިހާރު ލާފައި ވަނީ ވެސް ދެ ގްރޫޕަކަށެވެ. މާކިންއާއި އީވާގެ ކޯޅުންގަނޑު އިތުރަށް ތަހައްމަލުކުރަން ޕުރޮފެސަރު ބޭނުމެއް ނުވިއެވެ. އެކަމުގެ ސަބަބުން މުޅި ކްލާހުގެ މަސްރަހު ގެއްލިގެން ހިނގައިދާނެތީއެވެ.

ހުއްޓުން އަރާފައި އީވާއަށް ހުރެވުނެވެ. މޭގެތެރޭގައި ހިތް ފިތެމުން ދާކަމުގެ އިހުސާސް އޭނައަށް ކުރެވުނެވެ. އެއާއެކު ކުރުނޭވާތަކެއް ދޫކޮށްލެވުނެވެ.

''ޔޫ ލުކް ސޭޑް!...'' ޖެނިފާގެ އަޑު އިވުނެވެ. ''ވައި އިސް ދެޓް؟...''

''އައި ނީޑް ޓު ގޯ ޓު ދި ވޮޝްރޫމް، އެކްސްކިއުޒް މީ!...'' އީވާއަށް ބުނެވުނެވެ. އަދި ދެފަޔަށް ލެވުނުހާ ބާރެއް ލާފައި ހިނގައިގެންފިއެވެ. ޖެނިފާގެ ވާހަކަތަކަށް އިތުރު ސަމާލުކަމެއް ދިނުމެއް ނެތިއެވެ.

''ސްޓްރޭންޖް!... ބަޓް ހޫ ކެއާރސް؟، ދެޓް ގާރލް އިސް އެނޯޔިންގް!...'' ފަރުވާކުޑަކަމާއެކު ކޮނޑު އަރުވާލަމުން ޖެނިފާ ބުނެލިއެވެ.

*****

ފާޚަނާއަށް ވަން އީވާ ދޮރުތަޅުލަމުން، ދޮރަށް ލެނގިލިއެވެ. ހިތުގައި އުތުރިއަރަމުން ދިޔަ އުދާސްތައް ކަރުނައިގެ ސިފައިގައި ބޭރުވެގެން ދިޔުމުން ކޯތާފަތުގައި އަތްޖައްސާލެވުނެވެ.

(ނުނިމޭ)