ވާހަކަ

އަންނަންދެން ހުންނާނަން ލޯބިން ތިޔަ އިންތިޒާރުގައި - 15

1

ސާދަވަނަ ބައި

"ބަލައިބަލަ. މިއީ... މިއީ އަހަރެންގެ ދަރިފުޅު އަހަރެންނަށް ދިން އަނިޔާ... މި ހައްޤު އުނޭޝް ކަނޑާނީ ކިހިނެއް؟ އަހަރެންގެ މާފް ނުލިބުނިއްޔާ އޭނައަށް ދުވަހަކުވެސް ސުވަރުގެ ވަސްލިބޭ ހިސާބަށްވެސް ނުދެވޭނެ. އަހަރެންގެ ދަރިން ނަރަކައިގެ އަލިފާނުގައި ތެޅޭ މަންޒަރުދެކެން އަހަރެންނަށް ކެތްވާނެތަ؟ އެކަމަކުވެސް މަންމަ އުނޭޝްއަށް މާފްކޮށްފިން" އުނޭޝް އެއްލި ބިއްލޫރިތަށިން ޖެހި ޙާއިޝާގެ އަތުގެ ބޮޑުވައި އިނގިލި ކައިރިން ދުޅަވެފައި ހުރިތަން ފެނުމުން އިރާނިޔާގެ ދެލޯ ބޮޑުވިއެވެ. ވަގުތުން އެތަނުގައި އޭނާ ފިރުމައިލިއެވެ.

ކާމޭޒު ކައިރީގައި އެންމެން ހަމައަށް ތިބިއިރު މަދުވަނީ ހަމައެކަނި އާޝިދެވެ. އިރާނިޔާ ވިސްނައިލިއެވެ. ދުވާލުގެ ބޮޑުބައި އެއްކޮށް އެދިޔައީ އާޝިދް ނުފެނިއެވެ. ޒަމްހާ ބުނި ފަދައިން އާޝިދް އޭނާ ކުރިމައްޗަށް އަރަން ބޭނުންނުވާކަން އޭނާއަށް އިނގުނެވެ.

"އަދޫ ދާންވީނުން ސިޑް ގޮވައިގެން އަންނަން" މޭޒުކައިރީގައި ހިމޭނުން އިން އަދްޔަންއަށް އިރާނިޔާ ބުނެލިއެވެ.

"ދޮންބެދައްތަމެން އައުމުގެ ކުޑައިރުކޮޅެއް ކުރިން އާޝިދްބެ ބަލާ ދިޔައިން. ބުނީ ބަނޑުހައެއްނުވެއޭ. ފާޑަކަށް ހުރީ. ބަލީ ކަންނޭނގެ" އަދްޔަން ބުނެލިއެވެ. އިރާނިޔާގެ ދެލޮލުން ކަންބޮޑުވުން ފެނުނެވެ.

"ރާނީ ދޭ... ދަރިފުޅު ބުނީމަ އޭނަ އަންނާނެ ކާން. ގޭގައި ތިބޭ މެހްމާނުންނަށް ކަމޭހިތަންވާނެ" ޙާއިޝާ ވާހަކަދެއްކިއެވެ. އިރާނިޔާ މަޑުމަޑުން އާޝިދްގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. އޭރުު އޭނާގެ ކަންފަތުގައި އުނޭޝް ދިން އިންޒާރު ގުގުމަމުން ދިޔައެވެ. އުނޭޝް މަނާކޮށްފައި އޮތްކަމެއް ކުރެވެން އުޅޭތީ އޭނާގެ ހިތް ނުތަނަވަސްވަމުން ދިޔައެވެ. އެހެންވިޔަސް އޭނާ ހިތްވަރުކުރިއެވެ. އުނޭޝް ހިތުހުރިހާ ގޮތަކަށް އޭނާއާ މެދު ކަންތައް ނުކުރެވޭނޭ ހިތް ބުނަމުން ދިިޔައެވެ. އެހެނީ ނިކަމެތިކަން ލިބޭނީ މީހާ އަމިއްލައަށް ނިކަމެތި ވި ވަރަކަށެވެ.

އާޝިދްގެ ކޮޓަރި ދޮރުމައްޗަށް އިރާނިޔާ ހުއްޓުނު ވަގުތު އެއީ ބޭރަށްދާ ހެދުމުގައި އާޝިދް ކޮޓަރިން ނިކުތް ވަގުތެވެ. އުނޭޝް ކޮޓަރިން ނިކުތީ ދެކުދިން ދެކުދިންނަށް ބަލަހައްޓައިގެން ތިއްބައެވެ. އުނޭޝް ބަލަހައްޓައިގެން ހުރުމުން ފުރަތަމަ ސިކުންތުގައި އިރާނިޔާގެ ހަފަރާތުން ހާސްކަން ވަށައިލިއެވެ. އަނބުރާލާފައި ދާން ހިތް ބުނަމުން ދިޔައެވެ. ދެވަނަ ސިކުންތުގައި އާޝިދަކީ ރަނގަޅު ހިތްހެޔޮ އިންސާނެކޭ އޭނާގެ ހިތް ބުނެލިއެވެ. އޭނާއާއި އޭނާގެ ބަނޑުގައިއޮތް ކުޑަދަރިފުޅުގެ ފުރާނަ ސަލާމަތްކުރަން ހެއްދެވިފަރާތުން މަދަދުވެރިއަކަށް މެދުވެރިކުރެއްވި ފަރާތަކީ އާޝިދޭ ހިތްބުނެލިއެވެ. ދުރުގައި އެއީ އޭނާގެ ފުރާނަ ސަލާމަތްކުރަން ފުރުސަތު ލިބުމުންވެސް އިންކާރުކުރި ފިރިމީހާއެވެ. ކުރިމަތީގައި ހުރީ އޭނާގެ މައްޗަށް އެއްވެސް ހައްޤެއްނެތް އިރުވެސް ދެމައިން ސަލާމަތްކުރުމަށް އަތުކުރި އޮޅާލި އޭނާގެ އެކުވެރިއެކެވެ. ހެޔޮކަމެއް ކޮށްދިިން މީހާއަށް ފުރަގަސް ދިނުން އެއީ މާތްވެގެންވާ އިސްލާމްދީން ހުއްދަކުރާކަމެއް ނޫނެވެ.

އިރާނިޔާ އިސްއުފުލާ އާޝިދަށް ބަލައިލިއެވެ. އަދި ހިނިތުންވެލިއެވެ. އެމަންޒަރު ފެނި ދުރުގައިހުރި އުނޭޝްގެ ދެއަތްތިލަ މުށްކެވިގެން ދިޔައެވެ.

"ބަލީތަ...؟؟" އިރާނިޔާ ހިނިތުންވުމުން އާޝިދަށް ހުރީ ހީލަންވެސް ނޭނގިފައެވެ. އަދި އިރާނިޔާ އެސުވާލު ކުރުމުން ހިތަށް އިންތިހާދަރަޖައިގެ ހިތްހަމަޖެހުން ލިބިގެން ހިނގައްޖެއެވެ.

"އަހަރެން ބުނީ ސިޑް ބަލީހޭ...؟" އާޝިދް ބަލަހައްޓައިގެން ހުންނަން ފެށުމުން އިރާނިޔާ ސުވާލު ތަކުރާރުކޮށްލިއެވެ.

"ނޫން... ކުޑަކޮށް ބޮލުގައިރިއްސަނީ. އެހެންނޫނަސް އީރަންއަށް އިނގެއެއްނު ތިލޯބި ނުލިބޭހާ ހިނދެއްގައި އަހަރެންގެ ހިތް ބަލިވާނެކަން" އާޝިދް ބުނެލިއެވެ. ވަގުތުން އިރާނިޔާ އާޝިދްގެ މޫނުން ނަޒަރު ވަކިކޮށްލާ އިސްޖަހައިލިއެވެ. އޭނާގެ ތުންފަތަށް ފަނޑުކޮށް ހިނިތުންވުމެއްވެސް ވެރިވެއްޖެއެވެ. އާޝިދް އިރާނިޔާގެ މޫނަށް ބަލަހައްޓައިގެން ހުރިއިރު އިރާނިޔާގެ އެސިފަ އޭނައަށް ވަރަށް ކަމުދިޔައެވެ

"ބޭރަށް ދަނީތަ...؟" އިރާނިޔާ އަހައިލިއެވެ.

"އެހެންކަމަށް. އެކަމަކު އީރަން ބުނެފިއްޔާ މަޑުކުރެވިދާނެ" ސަމާސާ އެކުލެވޭ ރާގެއްގައި އާޝިދް ބުނެލިއެވެ. އިރާނިޔާ ހީލިއެވެ.

"އެހެންވިއްޔާ ހިނގާކާން. އަހަރެން ވަރަށް މީރުކޮށް ޕާސްތާ ހަދާފައި ހުންނާނެ" އިރާނިޔާ ބުނެލިއެވެ.

"ހިނގާ. މިހާރުވެސް ބަނޑުފުރިއްޖެ" އާޝިދް އިރާނިޔާ ފަހަތުން ހިނގައިގަތެވެ. އަނެއްފަރާތަށް އެނބުރުމަށްފަހު އިރާނިޔާ މޭގައި އަތްއަޅާލާފައި ފުންނޭވައެއް ދޫކޮށްލިއެވެ. އެހުރިހާއިރު އުނޭޝް ހުރީ ބަލަހައްޓައިގެންކަން އޭނާއަށް އިނގެއެވެ. އެފަދަ ހިތްވަރެއް އޭނާއަށް ކުރަން ކެރުނީތީވެސް ހުދު އޭނާ ޚައިރާންވިއެވެ.

ރޭގަނޑު ނުވައެއް ޖަހާލިހާއިރެވެ. ފާހާނާއިން އިރާނިޔާ ނިކުތްއިރު ޙާއިޝާ އެނދުގައި އިނެވެ. އޭނާއަށް ފެނުނު މަންޒަރަކުން ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އެނދުގައި އިން އަދްޔަން ޙާއިޝާ އަތުގެ ދުޅަވެފައި ހުރި ތަނުގައި ތަދުކަނޑުވާ ބޭސްހާކަމުން ދިޔައެވެ. ޙާއިޝާ އަތުގައި އޮތް ފޯނުން ފެންނަން އިން ޔަޝްފީ ފެނި ޙާއިޝާގެ ތުންފަތަށް ވަނީ ފުޅާ ހިނިތުންވުމެއް ވެރިވެފައެވެ. އިރާނިޔާ އައިސް ޙާއިޝާގެ ފަހަތުން އިށީނދެ ޙާއިޝާގެ ކޮނޑުގައި ދަތްދޮޅި އަޅުވައިލިއެވެ. ވަގުތުން ޔަޝްފީ އިރާނިޔާއަށް ހައި އަޅައިލިއެވެ.

"ޔަޝްކޮ މިހާރު ވަރަށް ތަފާތު ދޯ މަންމާ. ބޮޑުވެއްޖެ މާބޮޑަށްވެސް" އިރާނިޔާ ބުނެލިއެވެ. އެކަމާ އެއްބައި ވެލުމުގެ ގޮޮތުން ޙާއިޝާ ބޯޖަހައިލިއެވެ.

"ދޮންބެދައްތަ ވިހާފަ ބޭބީގެ ފޮޓޯއެއް ނުފޮނުވާނަމޭ މި ހިތަށް އަރަނީ. ޔަޝްކޮ މިކޮޅަށް އައި އިރަކުންނޭ ބޭބީ ދައްކާލާނީ" ހީލަމުން އިރާނިޔާ ބުނެލިއެވެ.

"އަޅެ އެހެން ނަހަަދައްޗޭ. އެހެން ހަދައިފިއްޔާ މިތަނުގަ ނޭނގެ ހުރެވޭނެ ކަމެއްވެސް" ޔަޝްފީ ވާހަކަދެއްކި ގޮތުން އިރާނިޔާއަށް ހެވުނެވެ.

"ކޮބާތަ ދޮންބެ؟ މިހާރު ހަބަރެއްވެސް ނުވޭ. ދޮންބެ މިހާރު އަޅުގަނޑުމަތިން ހަނދާނެއްނުވޭ. އަނެއްކާ ދޮންބެދައްތައާއި ދޮންބެގެ ލައިފް ރަނގަޅުތަ؟" ޔަޝްފީ އަހައިލިއެވެ. އިރާނިޔާއާއި ޙާއިޝާގެ ތުންފަތްމަތީގައިވި ހިނިތުންވުން ފަނޑުވި މަންޒަރު ޔަޝްފީއަށް ފެނުމުން ކަމެއް ގޯސްވެއްޖެކަން އޭނާއަށް އިނގުނެވެ. އެއްވެސް މީހަކު އަނގައިން ނުބުނެ ހިނދުކޮޅެއް ވޭތުވެގެން ދިޔައެވެ. ފަހަރެއްގެ މީހެއްގެ މޫނަށް ބަލަމުން ޔަޝްފީ ދިޔައީ ކަމެއް ދިރާސާކުރާ މީހެއް ފަދައިންނެވެ

"ދޮންބެ އެބައުޅޭ. އެންމެންވެސް ރަނގަޅު. ޔަޝްކޮއަށް ފައިސާއަށް ދަތިވެއްޖިއްޔާ ނުބުނެ ނުހުންނައްޗޭ" އިރާނިޔާ ވަގުތުން ޔަޝްފީ ހިތްހަމަޖައްސައިދިނެވެ. ހިނިތުންވެލިޔަސް ޔަޝްފީއަށް ހުރިހާ ކަމެއް ވިސްނިއްޖެއެވެ.

ބޭސްދީ ޙާއިޝާ އެނދުގައި ބޭއްވުމަށްފަހު އިރާނިޔާ ބޭރަށް ނިކުތްއިރު ސޯފާގައި މީހަކު އިންތަން ފެނުނެވެ. އެއީ އަދްޔަން ކަމަށް ހީކޮށް އޭނާ ސިއްރުން ފިޔަވަޅު އަޅަމުން ގޮސް ބޮލުގައި ކޮށްޓައިލިއެވެ. ވަގުތުން އިރާނިޔާގެ ތުންފަތްމަތީގައިވި ހިނިތުންވުން ފިލައިގެންދިޔައީ އެނބުރުނު އުނޭޝްގެ މޫނު ފެނިފައެވެ. އޭނާ އިތުރަށް ލަދުގަތީ އުނޭޝްގެ އުނގުމަތީގައި ބޯއަޅައިގެން އޮތް ތަމަންނީ ފެނިފައެވެ.

"ސޮރީ... އަހަރެން ހީކުރީ..."

"ހީކުރީ އޭނާގެ ލޯބިވެރިޔާ ކަމަށް." މަލާމަތް އެކުލެވޭ ރާގެއްގައި ތަމަންނީ ބުނެލިއެވެ. އިރާނިޔާގެ ރުޅިވެރި ނަޒަރު ތަމަންނީއަށް ހުއްޓުނެވެ.

އިރާނިޔާ ރައްދުގައި އެކައްޗެއްވެސް ނުބުނެ ދޮރާއި ދިމާލަށް ހިނގައިގަތެވެ.

"އުނޭ އަދިވެސް އެކައްޗެއްވެސް ތި ސިކުނޑިއަށް ނުވިސްނޭތަ؟ ދެންމެ އެ އާޝިދް ފުރަތަމަ ނިކުތީ. މިހާރު އެނިކުންނަނީ ރާނީ" ތަމަންނީ އުނޭޝްގެ ސިކުނޑީގައި ވަސްވާސް އުފައްދަމުން ދިޔައެވެ.

"ރާނީ...!!" ދޮރުން ނިކުމެ ހުރި އިރާނިޔާ އުނޭޝްގެ އަޑަށް މަޑުޖެހުނެވެ.

"އަހަރެން ބުނާ އެއްޗެހި ހިއެއްނުވޭ ރާނީއަށް އަޑުއިވޭހެނެއް" އުނޭޝް ބުނެލިއެވެ.

"އަހަރެން ކީއްކުރަން އުނޭޝް ބުނާ އެއްޗެއް އަޑުއަހަންވީ. އަހަރެން މިއީ އުނޭޝްގެ ކާކު...؟ އެހެންނޫނަސް އަހަރެންގެ އެއްވެސް ކަމަކާ އުނޭޝް ނުބެހުނިއްޔާ ރަނގަޅީ. އަހަރެން ކަންތައްމިކުރަނީ އަހަރެން ހިތަށް ހިތްހަމަޖެހުން ލިބޭގޮތަށް" އިރާނިޔާ ބުނެލިއެވެ.

"މާނައަކީ...؟"

"އަހަރެން ބުނާ ކޮންމެ އެއްޗެއް މާނަ އުނޭޝްއަށް ކިޔައިދޭން މިތާ ހުންނާކަށް އަހަރެންނަށް ވަގުތެއްނެތް" އިރާނިޔާ ދޮރުން ނިކުމެގެން ދިޔުމުން އުނޭޝް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އިރާނިޔާގެ ނިންމުން އެގޮތަށް އަންނާނެ ކަމަކަށް އޭނާ ހީކޮށްފައެއް ނެތެވެ. އެހެންގޮތެއް އޭނާ ވިސްނަން މަޖުބޫރިވިއެވެ. އާޝިދަށް އުފަލެއް ލިބެން އޭނާ ނޭދޭއެވެ. އޭނާގެ ނަފްރަތު ލިސްޓުގެ އެންމެ ކުރީގައި މިހާރު އޮތީ އާޝިދްގެ ނަމެވެ.

ފޯނެއްގައި ހުރެފައި އާޝިދް އެނބުރުނުއިރު ޖޯލީގައި އިން އިރާނިޔާ ފެނި ޙައިރާންވިއެވެ. ޔަޤީނުންވެސް އެތަނަށް އަންނަން މިފަހަރު އޭނާ އިރާނިޔާއަށް ދައުވަތެއް ނުދެއެވެ. ލަސްފިޔަވަޅުތަކެއްގައި ހިނގާފައި އައިސް މިފަހަރު އާޝިދް އިށީނީ އިރާނިޔާއާއި އެއްޖޯލި ދޫކޮށްފައެވެ.

"ހީކުރީ ރާނީ ގެއިން ނުނިކުންނާނެ ކަމަށް" އިރުކޮޅެއްގެ ހިމޭންކަމަށްފަހު އާޝިދް ބުނެލިއެވެ.

"ނިދަން އޮށޯތަސް ނިދޭވަރު ވާނީ ވަރަށް ލަހުން. އެހެންވެ ހިތަށްއެރީ ނިކުންނާނީއޭ. ވިސްނުންތަކާ ފިކުރުތަކާއި ދުރުވެވޭނީވެސް މީހުން ފެންނަ ހިސާބަށް ނިކުމެވިގެންދޯ" އިރާނިޔާ ބުނެލިއެވެ.

ދެން ފާއިތުވެގެންދިޔަ ވަގުތުތަކުގައި އެކަކުވެސް އިތުރު ވާހަކައެއް ނުދައްކައެވެ. އިރާނިޔާއަށް ފެނުނީ އާޝިދް ތެދުވެގެން ދޮރާށި ހުޅުވާލާފައި ގޭތެރެއަށް ވަން މަންޒަރެވެ. ގޯތިތެރޭގައި ހުރި ނޫކުލައިގެ ކުޑަ ގޮނޑި ހިފައިގެން އައިސް އިރާނިޔާގެ ފައި ކައިރީގައި ބެހެއްޓިއެވެ.

"ތިގޮތަށް ފައިތިލަ އެލުވާލައިގެން އިނުން އެހާ ރަނގަޅެއްނުވާނެ. ގޮނޑި މައްޗަށް އަރުވާލައިގެން އިނދޭ" އިރާނިޔާ ހައިރާވެފައި އާޝިދްގެ މޫނަށް ބަލައިލިއެވެ. ދެ ޒުވާނުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔުމާއެކު އިރާނިޔާ ތެޅިގަތެވެ. އޭނާގެ ދެލޮލުން އާޝިދަށް ނުބައި ސިގްނަލެއް ދެވިދާނެތީ އަވަހަށް އިސްޖަހައިލިއެވެ.

"އަހަރެންނަށް އިނގޭ އަހަރެންނާ މެދު ސިޑް ވަރަށް ވިސްނާކަން. އަހަރެން ޝުކުރުއަދާކުރަންވެސް ބޭނުން. އެކަމަކު ހިތަށް އަރަނީ މިގޮތަށް އަދާކޮށްލާ ޝުކުރަކުން ފުދޭނެބާއޭ" އިރާނިޔާ ދެފައި ގޮނޑިއަށް އަރުވަމުން ބުނެލިއެވެ.

"ހެހެހެ... އަހަރެން އީރަންއަށް ކޮށްދޭ ކޮންމެކަމެއްވެސް ކޮށްދެނީ ބަދަލުގަ އެއްވެސް އެއްޗެއް ބޭނުންވެގެނެއްނޫން. އަހަރެން ލޯބިވާތީ... އަހަރެން މިހިރީ ކުށްވެރިވެފައި. އުނޭޝްއަށް އަހަރެން..."

"އަހަރެންނަށް އިނގޭ... އަހަރެން ސިޑް ކުށްވެރިނުކުރަން. އެއީ މައްސަލައެއްނޫން. ދިިރިއުުޅުމުގަ ނިންމާނެ ވަރަށް ބޮޑު ނިންމުމެއް ނިންމައިގެން އަހަރެން މިހިރީ" އިރާނިޔާ ވާހަކަދެއްކިއެވެ. އާޝިދް އިރާނިޔާއަށް ނަޒަރެއްދީފައި އެހާ އަވަހަށް ނަޒަރު ބަދަލުކޮށްލިއެވެ.

"އަހަރެން ބޭނުމެއްނޫން އެއްވެސް މީހަކު ބުނާކަށް އަހަރެންނަކީ ފިރިމީހާއަށް ކިޔަމަންނުވާ އަންހެނެކޭ. އުނޭ އަހަރެންނަށް އެންގީ ސިޑް އާ ވާހަކަނުދެއްކުމަށް. އެކަމަކު..." އިރާނިޔާއަށް ނުބުނެވުނެވެ. އޭނާ ފުން ނޭވައެއް ފަޒާގެ ތެރެއަށް ދޫކޮށްލާފައި ބަނޑުގައި ފިރުމައިލިއެވެ.

"އެކަމަކު މިފަހަރު އުނޭޝްއަށް ދުލެއްދޭން އަހަރެން ބެނުމެއްނޫން. އޭނަގެ ކުރިމަތީގައި އަހަރެންނަށް ދީފައިވާ މަޤާމަކީ ފައިދަށުގައި އޮންނަ ފައިފުހީގެ މަޤާމު. އެހެންވެ މިފަހަރު އަހަރެން އޭނަ އެދޭގޮތަށް ކަންތައްތައް ކުރަން ބޭނުމެއްނުވި" އިރާނިޔާ ވާހަކަދެއްކިއެވެ.

"ހަމައެކަނި އެއީތަ ސަބަބަކީ...؟" އާޝިދް އަހައިލިއެވެ. އިރާނިޔާގެ އަނގައިން އެހެން ޖަވާބަކަށް އޭނާ އިންތިޒާރުކުރާ ކަހަލައެވެ.

"ސިޑް ތިއީ އަހަރެންގެ އެންމެ ކުޑައިރުން ފެށިގެންވެސް އެކުވެރިއެއް. ތިއެކުވެރިކަން ގެއްލިގެންދާން އަހަރެން ބޭނުމެއްނޫން" އިރާނިޔާ ބުނެލިއެވެ.

"ހެހެހެ... އަހަރެންގެ މޮޔަކަމާއެވެ...!" ޖޯލީގައި ބުރަކަށި ދަމައިލަމުން އާޝިދް ބުނެލިއެވެ.

"އެނ...؟ ކީކޭ ތިބުނީ...؟" އާޝިދަށް ނަޒަރެއްދެމުން އިރާނިޔާ އަހައިލިއެވެ.

"ވަރަށް ތެދަށް އެއްޗެއް ބުނަންތަ؟ އަހަރެންނަށް އިނގޭ ދުވަހަކުވެސް އީރަންގެ ހިތުގައި އުނޭޝް ނޫން އެހެން މީހަކަށް ހާއްސަ ޤަދަރެއް، މަޤާމެއް ނުދެވޭނެކަން. އެކަމަކު އީރަންއަށްޓަކައި އަހަރެންގެ ހިތުގައިމިވާ ލޯބި ދުވަހަކުވެސް ފަނޑެއްނުވާނެ. އީރަން ލިބުނަސް ނުލިބުނަސް އަހަރެން ހުންނާނީ މިގޮތުގަ" އާޝިދް ވާހަކަދެއްކީ އުޑުމަތީގައި ފިޔަޖަހަމުންދާ ތަރިތަކަށް ބަލަހައްޓައިގެން އޮވެއެވެ.

އޮޔާއި ވައި ދައުރުވާ އުސޫލުން ދުނިޔެއިން ފަހަރަކު ދުވަހެއް ފާއިތުވަމުން ދިޔައެވެ. ހިތްވަރާއެކު އުނޭޝްގެ ބަހުގެ ހަމަލާތައް ކަޑައްތު ކުރަމުން އިރާނިޔާ ދިޔައެވެ. އުނޭޝްގެ ކުރިިމަތީގައިވެސް އާޝިދާ ސަކަރާތްޖަހަން ފެށިއެވެ. ތަމަންނީ އެއްޗެއް ބުނުމުން ކުރިން ރައްދުގައި އެއްޗެހި ނުބުންޏަސް މިހާރު ފާޅުގައި ތަމަންނީއަށް ރައްދުދޭންވެސް ފަށައިފިއެވެ. އަމިއްލަ މީހާގެ ދިފާއުގައި ވާހަކަދައްކަން ޒަމްހާގެ ހިތްވަރާއެކު އޭނާ ދަސްކޮށްފިއެވެ. އާޝިދާއެކު ބޭރު ޖޯލީގައި އޭނާ އިންދާ ކިތަންމެ ދުވަހަކު ތަމަންނީ އުނޭޝްއަށް ދައްކައިފިއެވެ. އުނޭޝްއަށް އެކަން ނުހުއްޓުވުނެވެ. އޭނާއަށް އިހުސާސްނުވީ އޭނާގެ އަތްދަށުން މަޑުމަޑުން އިރާނިޔާ ބީވެގެން ދާންފެށިކަމެވެ.

"ހަމަ ތެދެއް މިބުނީ. އުނޭ ތިހުންނަ ގޮތަކަށް އަހަރެން ނުހުންނާނަން. މިހާރު ވަރިކޮށްފަ ގެއިން ނެރެލާ. އޭރުން އުނޭގެ ދިރިއުޅުމުގަ ހުންނާނީ އަހަރެން އެކަނި. އުފަލެއްނުވޭތަ؟" އެއްދުވަހު ތަމަންނީ ބޭރުން އަންނަމުން އުނޭޝް ކައިރީގައި ބުނެލިއެވެ.

"އޭރުން މަންމަ ދެރަވާނެއްނު. އަހަރެން ރާނީދެކެ ލޯތްބެއްނުވެޔޭ މިހާރަކު. އަހަރެން ލޯބިވަނީ ތަމަންދެކެއެއްނު" ތަމަންނީގެ އަތްތިލައިގައި ބޮސްދެމުން އުނޭޝް ބުނެލިއެވެ.

ހަވީރުގެ ހިތްގައިމު ވަގުތެވެ. ޒަމްހާއާއި އެކުގައި އިރާނިޔާ ބަނދަރުމަތި މީހުން ތަންކޮޅެއް މަދު ހިސާބަކުން ހިނގާފައި ދިޔައެވެ. އަށްމަހުގެ ބަނޑާއެކު އިރާނިޔާ ފިޔަވަޅު ނެގެނީ ތަންކޮޅެއް ލަހުންނެވެ. ހަށިގަނޑު ހިމަވެފައި ބަނޑު ހީކުރި ވަރަށް ވުރެ ބޮޑަށް ނިކުމެފައި ހުރުމުން އޭނާއަށް މާބޮޑަށް ވަރުބަލިކަން އިހުސާސް ކުރެވެމުން ދިޔައެވެ. އެކަން ޒަމްހާއަށް އިނގޭތީ އިރާނިޔާއަށް ހިތްވަރުދެމުން ދިޔައެވެ.

"މިތަނުގައި އިރުކޮޅަކު އިށީނދެލަންވީނުން. މިހާރުވެސް ތިހުރީ ވަރުބަލިވެފަ" އިރާނިޔާގެ އުނގަނޑުމަތީގައި އަތް އަޅުވައިލަމުން ޒަމްހާ ބުނެލިއެވެ.

"ނޫނޭ ޒަމް... އިށީނީމަ ތެދުވަން ވަރަށް އުނދަގުވާނެ. ޑޮކްޓަރުވެސް ބުނެފަ އޮތީ ގިނައިން ހިނގާށޭ. ކޮންމެދުވަހަކު މިވަގުތުކޮޅު ހަމަޖެހިލައިގެން ބޭރަށް ނިކުންނަން މިލިބެނީ" އިރާނިޔާ ވާހަކަދެއްކިއެވެ.

"އެހެންވިއްޔާ ހިނގާ މަޑުމަޑުން ގެއާއި ދިމާލަށް ދާން" ޒަމްހާ ބުނެލިއެވެ.

ދެކުދިން އެކުގައި މަގުކޮޅުން ގެއާއި ދިމާލަށް އަނބުރައިލިއިރު ކޯޓުތައް ކަންމަތީގައި އާޝިދް ހުއްޓިގެން ހުއްޓެވެ. އިރާނިޔާގެ ހަށިފާރަވެރިޔާއަށް ވެގެން އަބަދުވެސް އާޝިދްގެ ހިތްއެދެނީ އިރާނިޔާގެ ހިޔަނި ފަދައިން ކައިރީގައި ހުރުމަށެވެ. ފިރިއެއްގެ ލޯބިން މަހުރޫމްވެފައިވާ އެ އަންހެންކުއްޖާއަކީ އޭނާގެ ހަށިގަނޑުގެ އެއްބައެވެ. ވިހާ ދުވަސް ގާތްވަމުން ދާއިރު އިރާނިޔާއާއި މެދު އަބަދު އޭނާއަށް ވިސްނެނީއެވެ. އޮފީހުގައި އިންނަންވެސް މިހާރު އޭނާއަށް އުނދަގުލެވެ. މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި އިރާނިޔާއާއި އޭނާގެ ގުޅުން ވަނީ ވަރަށް ބޮޑުތަން ރަނގަޅުވެފައެވެ.

ޝެނަލްއާއި ބައްދަލުނުވާތާ ދެތިންދުވަސް ވުމުން އަދްޔަންއަށް އެގޭ ކައިރިން މުގޯލި އަޅަން ފެށިއެވެ. އެގޮތުން އެއްފަހަރަކު އޭނާ އެގޭދޮރުމަތިން ހުރަސްކުރަމުން ދޮރުމައްޗަށް ސައިކަލް މަޑުކޮށްލީ ދޮރާށި ކުޑަކޮށް ހުޅުވާލާފައި ހުރުމުންނެވެ. ބައްސާމް ދޮރާށިން ނިކުތް ވަގުތު ދޮރުމަތީގައި އިން އަދްޔަންގެ ނަޒަރު ބައްސާމާއި އަމާޒުވިއެވެ. އަވަސް އަވަހަށް އަދްޔަން އޭނާގެ ނަޒަރު ބަދަލުކޮށްލިއެވެ. ބައްސާމް އަޅާނުލާ ދިޔުމުން އަދްޔަންއަށް ހަމަޖެހުމުގެ ނޭވައެއް ލެވިއްޖެއެވެ.

ޝެނަލް ފެނޭތޯ އެގޭތެރެއަށް ބަލަމުން ދަނިކޮށް ސަބްރީން އިލޮށިފަތި ހިފައިގެން ނިކުތްތަން ފެނި އަދްޔަންއަށް ތެޅިގަނެވުނެވެ. އޭނާއަށް އެތަނުން ދާންވެސް ނޭނގުނެވެ.

"ކަލޭ މިގޭ ދޮރުމަތީގައި ތިއުޅެނީ ކާކު ހޯދަން؟ އާނ.. އެހެންޏަ ގަލަކަށް މާކަނަލެއް ޖައްސާ އިންނަ އުސޫލުން މިގެއަށް ކަރު ދިއްކޮށްގެން އެބައިނދޭ ވިއްޔާ. ބުނަންތަ؟ މަގޭ ދަރި ހޯދަން މިގޭ ދޮށަށް ނާންނާތި" ސަބްރީން ހަޑިކޮށް ހަޅޭއްލަވަން ފެށުމުން އަދްޔަން އިނީ ކިޔާނެ ބަހެއްވެސް ނޭނގިފައެވެ. ވާނީވެސް އެހެންތާއެވެ. ސަބްރީން އޭނާއަށް ފެނުނު މިއީ ފުރަތަމަ ފަހަރެވެ. އަލަށް ބައްދަލުވާއިރު މީހުން އެގޮތަށް އަޑުގަދަކުރޭ ހެއްޔެވެ؟ ބަލާބެލުމަށް ޒުވާން އަންހެންކުއްޖެއްހެން ހީވިޔަސް ސަބްރީންގެ ވިސްނުމާއި އަޑުހުރީ އުމުރުން ދުވަސްވެފައިވާ މީހެއް ފަދައިންނެވެ.

"އަ...އަޅުގަނޑު...."

"ކޮން އަޅުގަނޑެއް މަޅުގަނޑެއްތަ އޮންނާނީ... ދާންއުޅޭ މިތަނުން. އަމާ ޖެއްސި ވައްތަރު މިތާ އިނދެގެން ޖައްސާނެ ކަމެއްނެތް" ސަބްރީން އެބުނި ޖުމްލަތައް އަދްޔަންގެ ކަންފަތުގެ ހިނދުރީގައި ހަރުލައިފިއެވެ. މަންމައާއި އެގޮތަށް ކިޔުމުން ހިތުގައި ސަބްރީނާމެދު ފޫހިކަމެއް އުފެދިއްޖެއެވެ. ދުވަހަކުވެސް އެފޫހިކަން ދެން ފިލައިގެން ހިނގައިދާނެ ކަމެއް ނޭނގެއެވެ. ވަގުތުން އޭނާ ސައިކަލް ކުރިއަށް ދުއްވާލައިފިއެވެ. ހިތުގައި ވަނީ އެތައް ސުވާލުތަކެއް އުފެދިފައެވެ.

"މަންމާ...! ކިހިނެއްވީ..؟ ކޮން އަޑުގަދައެއް ތިކުރަނީ؟" ދޮރުމައްޗަށް ނިކުތް ޝެނަލް ބުނެލިއެވެ. ޝެނަލްއަށް ސަބްރީން ބަލައިލީ ރުޅިވެރި ނަޒަރަކުންނެވެ.

"މިހާރު ވަދޭ އެތެރެއަށް" ސަބްރީން ބުނެލިއެވެ.

"މިހާރު އަޅުގަނޑު ކީއްކުރީ؟ މަންމަ ބުނެގެނެއްނޫންތަ އަޅުގަނޑު... އަޅުގަނޑު އަދޫއާއި ވާހަކަދެއްކުން ހުއްޓާލީ... އެއީ އަޅުގަނޑު ބޭނުންވެގެން ކުރިކަމެއް ނޫން" މައިދޮރާއި ހަމައަށް ދެވުމުން ޝެނަލް އެނބުރިިލާފައި ބުނެލިއެވެ.

"އެހެންވެގެނެއްނު މައިތިރި ނުވެވިިގެން އޭނަ މިގޭ ދޮރުމަތީގައި އައިސް މާކަނަލެއް އިންނަހެން އައިސް އިނީ. ޔަޤީނޭ ޝާނީ ބުނީމަކަން އައިސް އޭނީ" އިލޮށިފަތި ޝެނަލްއާއި ދިމާލަށް ދިއްކުރަމުން ސަބްރީން ބުނެލިއެވެ. ޝެނަލްއަށް ލިބުނީ ޚައިރާންކަމެކެވެ. އަދްޔަން އައިސްއިން ވާހަކަ ބުނުމުން ހިތަށް އަސަރުކުރިއެވެ.

"ޔަޤީން. އަދޫ އެ އައީ އަހަރެން ފޯނު ނުނަގާތީކަން" ޝެނަލް ހިތާހިތުން ކިޔައިލިއެވެ.

"ބުނަންތަ ޝާނީ ވާހަކައެއް؟ އަހަރެން މިއީ މަންމަ ކަމުގައި ދެކެންޏާ ތިކުޅޭ ކުޅިވަރު ހުއްޓާލާ. އަހަރެން އެއްގޮތަކަށްވެސް ރުހޭނެކަމެއް ނޫން ތީކީ" ސަބްރީންގެ އަޑު މިފަހަރު ތަންކޮޅެއް މަޑެވެ.

ވިސްނުމެއްގައި ހުރި އަދްޔަން ދޮރާށި ހުޅުވާލާފައި ވަންއިރު ގޯތިތެރޭގައި ހައްދާފައި ހުރި ކޮޕީފަތް ގަސްތަކަށް ފެންދޭން ޙާއިޝާ ހުއްޓެވެ. ހިޔާކޮށްފައިވާ ބައިގައި ހުރި ޖޯލިފަތީގައި އިރާނިޔާ އިނެވެ. ދޮރާށީގެ ތަޅުގައި ހިފަހައްޓާލައިގެން އަދްޔަން ހުރީ ޙާއިޝާއަށް ބަލަހައްޓައިގެންނެވެ. އޭނާ ހަނދާން ހުންނަން ފެށިއިރުން ފެށިގެންވެސް އޭނާގެ މަންމައަކީ މީހުން ގަދަރުކުރާ އަވަށްޓެރިންގެ ލޯތްބާއި ރުހުން ހޯދާފައިވާ ހިތްވަރުގަދަ މަންމައެކެވެ. އަމިއްލަ މީހާއަށް ވިސްނުމެއްނެތި އެހެން މީހުންގެ ބޭނުންތައް ފުއްދައިދޭ ހިތްހެޔޮ މީހެކެވެ. ދަރިންދެކެ އިންތިހާއަށް ލޯބިވާ މަޑުމައިތިރި މީހެކެވެ. ދުވަހަކުވެސް މީހަކު ހިތްހަމަނުޖެހިގެންވެސް އެމަންމައާއި ދިމާލަށް އެއްޗެކޭ ބުނި އަޑު އަހާފައެއް ނެތެވެ. އެކަމަކު މިއަދު އޭނާއަށް އިވުނީ ދުވަހަކުވެސް މީހަކު ޙާއިޝާއާއި ދިމާލަށް ބުނެފާނެކަމަށް އުންމީދުވެސް ކުރި ބަސްތަކެއް ނޫނެވެ.

"ދަރިފުޅާ އަދޫ..." އަދްޔައަށް ސިހުން ލިބުނީ ޙާއިޝާގެ އަޑަށެވެ. އެދިމާލަށް އެއްފަހަރު އިރާނިޔާވެސް ބަލައިލިއެވެ.

"ދަރިފުޅު ހެނދުނު ރަނގަޅަށް ސައިވެސް ނުބޮއެ ކޮންތާކަށް ދިޔައީ؟ ވަރަށް ހައިވެފަ ދޯ ތިހިރީ.." ޙާއިޝާ ބުނެލިއެވެ. އޭނާ އަލުން އައިސް ހޮޅި ނަގާފައި ފެންކުރައަށް ފެންއަޅަން ފެށިއެވެ. އަދްޔަން ވަކި ޖަވާބެއްނުދީ ހިނގާލާފައި އައިސް އިށީނީ އިރާނިޔާ ކައިރީގައެވެ.

"ކަމެއްވެފަތަ ތިއިންނަނީ؟ ހާދަ ބަސްމަދުވެފަ" އަދްޔަން އިންގޮތުން އިރާނިޔާ ބުނެލިއެވެ.

"ދޮންބެދައްތައަށް ހީވޭތަ މަންމައަކީ ވަރަށް ގޯސްމީހެއްހެން" އަދްޔަން ބުނެލިއެވެ. އިރާނިޔާގެ މޫނުމަތިން ޚާއިރާންކަން ފާޅުވިއެވެ. ކުއްލިއަކަށް އަދްޔަން ފެށި ވާހަކައަކުން އޭނާގެ ހުރިހާ ސަމާލުކަމެއް އަދްޔަންއަށް ހުއްޓައިލިއެވެ.

"ކް...ކިހިނެއްވީ؟ ކީއްވެ ތިހެން ތިއެހީ...؟" އިރާނިޔާ ބުނެލިއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟