ކަންފަތުގައި ހުނުމެއްގެ އަޑު ގުގުމާލިހެން މާކިންއަށް ހީވިއެވެ. އެއީ މަލާމާތުގެ ހުނުމެކެވެ. ފަޅިސިކުންތުކޮޅެއްގެ ތެރޭގައި މާކިންގެ މޫނަށް ރުޅިވެރިކަން ވެރިވެގެން ދިޔައެވެ. މުށްކަވާލެވިފައިވި އަތުން އަނެއްކާ ވެސް ފާރުގައި ޖަހާލެވުނެވެ. ނިކަން ބާރަށެވެ. ހީލަތްތެރިޔާގެ މަތިން ހަނދާން ކުރަން އޭނަގެ ނަފުސު ދެކޮޅު ހަދަން ފެށިއެވެ. އަދިވެސް އެވިހައިގެ އަސަރު ހިތުން ފޮހެވިގެން ނުދެއެވެ. ނިމުމެއް ނުވާ ސަޒާއެއް ކަހަލައެވެ. ލޯތްބާއި މެދު ކުރެވުނު ހުރިހާ އިތުބާރެއް ވަނީ ފުނޑުފުނޑުވެގެން ގޮސްފައެވެ. އަންހެނުންނާއި މެދުގައި ވެސް މާކިންގެ ހިތުގައި ރުޅިވެރިކަން އުފެދުނީ އެކެހިވެރިޔާގެ މަކަރުވެރިކަމުންނެވެ. ނުބައިކަމުންނެވެ. އެކަނިވެރިކަމުގެ ތެރެއަށް ނަފުސު ދޫކޮށްލެވުނީ ހިތްދަތިކަމާ ދުރުވުމުގެ ނިޔަތުގައެވެ. ކިތަންމެ ވަރަކަށް ފުރަގަސްދޭން ބޭނުން ވިޔަސް އެހިތުގެ ކަނެއްގައި އަދިވެސް އެއިހުސާސްތައް ފޮރވިފައި ވެއެވެ. އަމިއްލަ ނަފުސު ދެކެ ރުޅިއާދެވެނީ ވެސް އެހެންވެއެވެ. ވެދިޔަ ކަންތަކަށްފަހުގައި ވެސް އޭނަގެ ނުކިޔަމަންތެރި ހިތަށް ވިސްނައިނުދެވޭތީއެވެ.
މާކިންގެ ސިކުނޑީގައި އުފެދިގެން އައި ހައިޖާންގަނޑު ރުޅިވެރިކަން ޚިޔާރުކޮށް ހިއްސުތަކުގެ މައްޗަށް އަތްގަދަކޮށްފިއެވެ. ރުޅި ކޮންޓްރޯލްކުރުން އޭނައަށް އުނދަގޫކަމަކަށް ވިއެވެ. އެއިހުސާސްތަކުގެ ތެރޭން ހިތުގައި ވޭނުގެ ސިލްސިލާއެއް ވެސް އުފަންވެގެން ދިޔައެވެ. ކުއްލިޔަކަށް އެހަނދާންތައް އާލާވާން ފެށީ ކީއްވެގެން ހެއްޔެވެ؟ ހިތުގެ މޮޅިވެރިކަމަށް ދުވަހަކު ނިމުމެއް އަންނާނެ ހެއްޔެވެ؟ ބޭވަފާތެރިޔާގެ މަތިން ދުވަހަކު ހަނދާން ނައްތާލެވިދާނެ ހެއްޔެވެ؟
ފެންވަރައިގެން ނިކުތް މާކިން އުނަގަނޑުގައި އަނދެފައިވި ތުވާލިއާއެކުގައި ގޮސް އެނދުމައްޗަށް ވެއްޓިގަތެވެ. އަދިވެސް ޚިޔާލުތަކާ ދުރުވުން ދަތިކަމަކަށް ވެފައިވާކަން އެމޫނަށް އަރާފައިބަމުން ދިޔަ ކުލަވަރުތަކުން ހާމަކޮށްދެއެވެ. އެނބުރެމުން ދިޔަ ފަންކާއަށް އޭނަ ނަޒަރު ހިންގާލިއެވެ. އެދެލޮލުގައި ރިހުމެއް ވިއެވެ. އެކަނިވެރިކަން ވިއެވެ. މާޔޫސްކަން ވިއެވެ. އެއިހުސާސްތައް ހިތުގައި ހޭލާފައިވަނީ ލައްކަ ދުވަސްތަކަށް ފަހުގައެވެ. މޭތެރޭގައި ގައިދުކުރަން މަސައްކަތްކުރި ހުރިހާ ޖަޒުބާތެއް މިނިވަންވެގެން ދިޔައީ ހަމަ ކުއްލިޔަކަށެވެ. އެއިހުސާސްތަކުގެ ތެރޭގައި ވަނިކޮށް އީވާގެ ސޫރަ ލޯކުރިމަތިން ސިފަވާން ފެށުމުން މާކިންގެ ދެލޮލުން ގިނިރުޅީގެ ކަނިތައް ބުރައިފިއެވެ.
''އޭނަގެ ސަބަބުން މިކަމެއް މިވީ... މިހުރިހާ ދުވަހު ދިޔައީ ރަނގަޅަށް، އެކަމަކު އޭނައާ ހެދި މިއަދު މިމުސީބާތަކާ ކުރިމަތިލާން ޖެހުނީ...'' ހިތުގެ ގިލަންވެރިކަމާއެކު މާކިންއަށް ރުޅިއާދެވުނީ އީވާ ދެކެއެވެ. އެއަންހެންކުއްޖާގެ ކުށެއް ނެތްކަން އަންގައިދޭން ޒަމީރު މަސައްކަތްކުރިޔަސް ޖަޒުބާތުތަކުގައި ހަނާވަމުން ދިޔަ ނަފުސު ކުށްވެރިކުރަން ބޭނުންވީ އީވާ އެވެ. އެއިހުސާސްތައް ހޭލަން މެދުވެރިވީ އީވާގެ ސަބަބުން ކަމުގައި ވާތީއެވެ. މިއަދުގެ ހާދިސާގައި އީވާއަށް މަދުވެރިވާން ހަދައިގެން ހިތަށް އިތުރު ތަކުލީފެއް މެނުވީ ނުލިބުނެވެ.
*****
ނިދީގައި އޮތް އީވާއަށް އެސްފިޔަތައް ތަޅުވާލެވުނެވެ. ބޮލަށް އެނބުރުން އަރާފައިވާ ކަހަލައެވެ. ލޯހުޅުވާލަން ކުރި މަސައްކަތާއެކު ފުސްވެފައިވި މަންޒަރުތަކަށް ސަމާލުކަން ދޭން ފުރަތަމަ އުނދަގޫވިއެވެ. އެތައް ފަހަރަކު އެސްފިޔަތައް ތަޅުވާލުމުން މަންޒަރުތައް ސާފުވާން ފެށިއެވެ. އޭނައާއި ބައްދަލުކުރީ މުޅިން ތަފާތު މާހައުލެކެވެ. ސަމާލުވެލަމުން އެކިދިމަދިމާއަށް ނަޒަރު ހިންގަން ފެށިއެވެ. އަތަށް ގުޅާފައިވި އައިވީއާއި ގާތުގައި އިން ރައުހާ އޭނައަށް ފެނުނީ އިރުކޮޅެއް ފަހުންނެވެ. ހޭނެތުމުގެ ކުރިން ފެނުނު ބިރުވެރި މަންޒަރު ލޯކުރިމަތިން ސިފަވެގެން ދިޔައީ ދެނެވެ. ކާރުގެ ބާރު ސްޕީޑެވެ. ވައިކަފާލާފައި އޭނަގެ ގާތުން ދިޔަ ބިރުވެރި މަންޒަރެވެ. ކޮންމެވެސް މީހަކު އޭނަގެ އަތުގައި ހިފައި ދަމައިގަތްކަމުގެ އިހުސާސެވެ. އީވާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެއާއެކު ހަށިގަނޑު ރޫރޫއަޅައިގަތެވެ. ވަގުތުން އޭނައަށް ތެޅިގަނެވުނެވެ. ފުންމައިގެންފައި ތެދުވެ އެނދުގައި އިށީނދެވިއްޖެއެވެ.
''އީވް...'' އީވާގެ ގެނައި އަވަސް ހަރަކާތްތަކުން ފޯނަށް ގެއްލިފައި އިން ރައުހާ ދިޔައީ ސިއްސައިގެންނެވެ. އަވަސްއަވަހަށް އީވާގެ އަތުގައި ހިފާލެވުނެވެ. ''ހަމަޖެހިބަލަ، ހޮސްޕިޓަލުގައޭ ތިއޮތީ...''
''މިތަނަށް، އަހަރެން... ކިހިނެއް؟...'' ހާސްކަމާއެކު އީވާއަށް އަހާލެވުނެވެ. ހިތުގައި ވިންދު ޖަހަމުން ދިޔަ ބިރުވެރިކަމާއެކު އޭނައަށް ރަނގަޅަށް ވާހަކައެއް ވެސް ނުދެކެވުނެވެ. މީހާގެ ވުޖޫދަށް ވެސް އިންޤިލާބެއް އައިސްފައިވާ ކަހަލައެވެ. ނަފުސު ބިރުވެރިކަމުން ރޫރޫއަޅަނީއެވެ. އެހާދިސާ ސިފަކުރެވޭ ކޮންމެ ފަހަރަކު ހިތުގެ ވިންދު އަވަސްވެއެވެ. ނޭވާ ކުރުވެގެން ދެއެވެ. ހެޔަށް ގޮތްތަކަށް ވެއެވެ. މުޅި ހަޔާތުގައި ވެސް އެފަދަ ބިރުވެރި ވަގުތަކާ ކުރިމަތިލާން ޖެހުނު އެއީ ފުރަތަމަ ފަހަރެވެ. އޭނަ ހީކުރީ އެއީ މިފަނާވަނިވީ ދުނިޔެއަށް އޭނަ އަލްވަދާއު ކިޔަން ތަޤުދީރުގައި ކަނޑައެޅިފައި އޮތް ހިތްދަތި ވަގުތު ކަމަށެވެ. އެކަމުގެ ސިހުން އަދިވެސް ހިތުގައި ބިންވަޅު ނެގިފައި ވިއެވެ. މަންޒަރުތައް އަދިވެސް ލޯކުރިމަތިން ސިފަވަމުން ދެއެވެ.
''ހޮސްޕިޓަލުގަ ތިއޮތީ... އިރާދަކުރެއްވިއްޔާ ހުރިހާކަމެއް ވެސް ރަނގަޅު...'' ގޮނޑިން ތެދުވުނު ރައުހާ، އީވާގެ މަގަތުގައި އިށީންނަމުން ބުނެލިއެވެ. އަދި އީވާ ގާތު އެދުނީ އެނދުގައި އޮށޯވެލުމަށެވެ. އަރާމުކުރުމަށެވެ. ރައުހާ އެދުނު ފަދައިން އީވާ އޮށޯތެވެ. ބޮލަށް އެނބުރުން އަރާފައިވުމުންނެވެ. އޮށޯންނަން އުޅުނު ވަގުތު އިތުރު މަންޒަރެއް އޭނަގެ އޭނަގެ ލޯކުރިމަތިން ސިފަވާން ފެށިއެވެ. ޚަބަރުހުސްވުމުގެ ކުރިން މާކިންގެ ސޫރަ އޭނައަށް ފެނުނުކަން ގައިމެވެ. އޭނަ ސަލާމަތްކުރި ޒުވާނާއަކީ މާކިން ހެއްޔެވެ؟ ހިތުގައި އުފެދުނު ސުވާލު އީވާގެ ދުލުން ވައި އަޑެއްގެ ގޮތުގައި ބޭރުވެގެން ދިޔައެވެ.
''މާކިން؟...'' އީވާއަށް އޭނަގެ ހިތާ ސުވާލުކޮށްލެވުނެވެ. ހަޤީޤަތުގައި ވެސް އޭނަގެ މަދަދުވެރިޔަކަށް އައީ މާކިން ހެއްޔެވެ؟
''ކާކުތަ އަހަރެން ސަލާމަތްކުރީ، ކުއްލިޔަކަށް ކާރު އަންނަތަން ފެނުމުން އަހަރެން ހުއްޓުނީ... ހިތަށް ވެރިވި ބިރާ އެކު ފައި ހަރަކާތެއް ނުކުރި... އެބިރުވެރި ވަގުތު ކޮޅު އަހަރެންގެ ހިތަށް އެރީ ކާރު އައިސް ގައިގައި ޖެހެނެޔޭ، މިއީ ފަހު ވަގުތު ކޮޅޭ، ސަލާމަތެއް ނުވެވޭނެޔޭ... އެކަމަކު ކާރު ވަރަށް ކައިރިއަށް އައި ތަނާ ކޮންމެވެސް މީހަކު އަހަރެންގެ އަތުގައި ހިފާ ވަރަށް ބާރަށް ލުއްކިއެއް ޖެހިކަން ހަނދާން އެބަހުރި... އެއީ ފިރިހިނެއް... އެއީ ކާކުތަ؟... އަހަރެން ހޮސްޕިޓަލަށް ގެނައީ އޭނަތަ؟، އެއީ ކާކުބާ؟...'' އީވާއަށް ބަލައިލެވުނީ ރައުހާ އަށެވެ. ޖަވާބު ބޭނުންވެފައިވާކަން އެމޫނުން ހާމަކޮށްދެއެވެ.
''މާކިން!...'' ފުންނޭވާއެއް ދޫކޮށްލަމުން ރައުހާ ބުނެލިއެވެ. ރައުހާގެ އަޑަށް އީވާގެ މެޔަށް ފިނިވެގެން ދިޔައެވެ. ހިތުގެ ތެޅުން އަވަސް ވެއްޖެއެވެ.
''މާކިންއަށް ނާދެވުނުނަމަ ވާނެ ގޮތެއްވެސް ހިތަށް ގެންނަން ދަތި، ކީއްވެތަ މަގަށް ސަމާލުކަން ނުދީ ކަފިހުރަސް މަތިން ހިނގަން އުޅުނީ؟، އީވްއަށް ކަމެއް ދިމާވި ނަމަ އަހަރެން އީވްގެ އާއިލާއަށް ދައްކާނީ ކޮން މޫނެއްތަ؟، ކާރީމްބެ ގާތު ބުނާނީ ކީކޭތަ؟، ހާޖަރާމާމައަށް އެވާހަކަ އަންގާނީ ކިހިނެއްތަ؟...... މާކިންއަށް އެތަނަށް އާދެވުނީ އީވްގެ ނަސީބު ގަދަކަމުން، އިއްތިފާޤުގެ ސަބަބުން ދެރަގޮތެއް ނުވެ ސަލާމަތް ވީ... ދެންވެސް ރުޅި އިސްނުކޮށް މާކިންއަށް ޝުކުރުވެރިވެބަލަ، ފުރާނަ ސަލާމަތްކޮށްދިން މީހާއަކީ އޭނައޭ... އަހަންނަށް އާދެވެން ދެން އީވްގެ ގާތު މަޑުކޮށް ގެން ހުރީ ވެސް އޭނަ، އެމްބިއުލާންސަށް ގުޅާ ފަރުވާދީ ނިމެންދެން ވެސް ހުރީ އޭނަ، މާކިންއާ މެދު އީވް ދެކެމުން އަންނަ ނަޒަރިއްޔާތު ގޯސް، އަހަންނަށް ވެސް ކުރިން ހީވީ އެއީ ކިބުރުވެރި ފޮނި މީހެކޭ، ނުބައި ނިޔަތެއްގެ ވެރިއެކޭ... އެކަމަކު މިއަދު އެއީ ކުށްހީތަކެއްކަން ޔަޤީންވެއްޖެ، މާކިންގެ ދެލޮލުން މިއަދު އަހަންނަށް ފެނުނު ޖަޒުބާތުތައް ހެކިދިނީ މުޅިން އެހެންކަމަކަށް... މިއީ ލިބުނު ފުރުސަތެއް ކަން ނޭނގެ، ތިދެމެދުގައި އޮތް ރުޅިވެރިކަމަށް ނިމުމެއް ގެންނަން ދިމާވި ހާދިސާއަކަށް ވެސް ވެދާނެ، ކޮންމެ ގޮތަކަށް ވިޔަސް މިހާރު ތިކަން ނިންމަން ވެއްޖެއެއްނު...'' ރައުހާގެ ވާހަކަތަކުން އީވާގެ ހިތް ތެޅިލިއެވެ. ނޭވާ ހިފަހައްޓާލެވުނެވެ. މާކިންއާއި މެދުގައި މިހުރިހާ ދުވަހު އޭނައަށް ދެކެވުނީ ގޯސްކޮށް ހެއްޔެވެ؟ ސިއްރުތަކުން ފުރިފައިވާ އެޒުވާނާގެ ހިތުގެ މުރާދަކީ ކޮބައި ހެއްޔެވެ؟ އޭނައާ މެދު ކަންބޮޑުވެ އޯގާތެރިކަން ބެހެއްޓީ ކީއްވެގެން ހެއްޔެވެ؟ ރުޅިވެރިކަމާ މެދު ވިސްނުމެއް ނެތި އޭނައަށް މަދަދުވެރިވީ ކީއްވެގެން ހެއްޔެވެ؟ އެއީ އިންސާނިއްޔަތުގެ އަމަލެއް ހެއްޔެވެ؟ މާކިން ފަދަ ހަރުކަށި ޒުވާނެއްގެ ފަރާތުން އެފަދަ ބަދަލެއް ފެނިދާނެ ހެއްޔެވެ؟
ހިމޭންކަމާއެކު އީވާއަށް ވިސްނަމުން ދިޔައެވެ. އެހާދިސާގެ ތަންތަންކޮޅު ލޯކުރިމަތިން ނިއުޅެން ފެށިއެވެ. މާކިންގެ މޭގައި ލައްވެލުމުން ލިބުނު ރައްކާތެރިކަމެވެ. އެމޭގައި މޫނު ފޮރުވާލެވުމުން ލިބުނު ހިތްހަމަޖެހުމެވެ. އެއީ އީވާއާއި ބީރައްޓެހި އިހުސާސްތަކެކެވެ. މީހާ ފިނިވާން ފެށިއެވެ. މާކިންގެ ސޫރަ ލޯކުރިމަތިން ސިފަވާން ފެށިއެވެ. އެއާއެކު އެހިތުގެ ވިންދު އަވަސްވާން ފެށިއެވެ. ނޭނގޭ އޮއެވަރަކުން ހިތުގައި ބާނީތަކެއް އުފައްދާލައިފިއެވެ. ރުޅިވެރިކަމުގެ އާރުތަކުގައި ދައުރުވާން ފެށީ މުޅިން ތަފާތު ޖަޒުބާތެއްކަން ގައިމެވެ. އެހިނދު މެޔަށް ފިނިވެގެން ދިޔައެވެ.
''އީވް...'' ހިމޭންކަމުގެ ސުކޫތަކަށް ފަހު ރައުހާ ގޮވާލިއެވެ. ''އައި ވޯސް ސޯ ސްކެއާރޑް... އަހަރެން ހުރީ ހަދާނެ ގޮތް ހުސްވެފައި، އެކަމަކު ހުރިހާ ކަމެއް ރަނގަޅަށް ދިޔުމުން އުފާވެއްޖެ...''
''އެއްވެސް މީހަކަށް ނާންގަންދޯ؟...'' ޚިޔާލުތަކުގެ ތެރެއިން ނިކުމެވުނު އީވާއަށް ކަންބޮޑުވުމާއެކު ރައުހާގެ މޫނަށް ބަލައިލެވުނެވެ. އީވާ ސާފުކުރަން ބެނުންވަނީ ކޮންކަމެއްކަން ރައުހާއަށް ނަގައިގަނެވުނެވެ.
''ހާސްނުވޭ، އެކަކަށް ވެސް ނާންގަން... އީވް ދެން އަރަމުކޮށްލާ، އައިވީ ހުސްވީމަ ފޮނުވާލާނެޔޭ ބުނީ، ރޭގަނޑު ކާން ކޯޗެއްތަ ގެންނަންވީ؟...'' ރައުހާގެ ޖުމްލައިން ހަމަޖެހުމުގެ ނޭވާއެއް އީވާއަށް ދޫކޮށްލެވުނެވެ.
''ކޮންމެ އެއްޗެއް ގެނަޔަސް ރަނގަޅުވާނެ...'' ލުއި ހިނިތުންވުމެއް ދެމުން އީވާ ބުނެލިއެވެ. ރައުހާވެސް ހިނިތުންވެލަމުން ނިކުންނަން ހިނގައިގަތީ ރޭގަނޑުގެ ކޮއްތު ބަލާ ދިޔުމަށެވެ. ރައުހާ ނިކުމެގެން ދިޔަ މަންޒަރު ބަލަން އޮވެފައި އީވާއަށް ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނެވެ.
''މާކިން...'' އީވާއަށް މަޑުމަޑުން ބުނެވުނެވެ. އެވަގުތު ހިތަށް ގޮތްތަކެއް ވެގެން ދިޔަކަން ގައިމެވެ. ފާއިތުވި ދުވަސްތަކުގެ މަންޒަރުތައް ފިލްމެއްގެ ސިފައިގައި ފެންނަން ފެށިއެވެ. ހިތަށް އުނދަގޫތަކެއް ވާން ފެށީ ދެނެވެ. މާކިންއާއި މެދުގައި އަމަލުތައް ބެހެއްޓުނު ގޮތްތައް އީވާއަށް ތަސައްވަރު ކުރެވުނެވެ. ކުރިމަތިވި ހާދިސާއަކީ އީވާގެ ހިތަށް އިލްހާމެއްކަމުގައި ވެއްޖެއެވެ. ކުރެވިފައިވި ކަންތަކާ މެދުގައި ހިތުގައި މޮޅިވެރިކަން އުފެދެން ފެށިއެވެ. އެއިހުސާސްތަކުގެ ތެރެއަށް ގެނބެން ފެށުމުން އެހިތަށް އުދާސްކަން ލިބުނެވެ.
''އަޅެ ކިހިނެއްތަ މިވަނީ، އަހަންނަށް ކުރެވުނީ ގޯސްކަމެއްތަ؟، މާކިންއާ މެދު މިހުރިހާ ދުވަހު ދެކެވުނީ ގޯސްކޮށްތަ؟، އެކަމަކު އެބޮޑާކަމާއި ފޮނިކަން މާނަ ކުރާނެ އިތުރު އެހެން ގޮތެއް ވެސް އޭރު ނުފެނުނު!... އަހަރެންގެ ހިތަށް މިވަނީ ކިހިނެއްތަ؟...'' އީވާއަށް އޭނަގެ ނަފުސާ ޝަކުވާ ކުރެވުނެވެ. އެތަކުލީފުގައި ވަނިކޮށް ކާއެއްޗެހި ހިފައިގެން ރައުހާ އައިސްފިއެވެ. ސިކުނޑިއަށް ލިބިފައިވި ބުރަހެލިކަމާ ހުރެ ރަނގަޅަށް ކެވޭ ކަމަކަށް ވެސް ނުވިއެވެ. ކުޑަ ގޮތެއް ހަދާލަމުން ކެއުމުން މަނާ ވެގަތެވެ. އެއަށްފަހު އެނދުގައި އޮށޯންނަމުން ވިސްނަން ފެށީ މާކިންއާއި މެދުގައެވެ. އެޚިޔާލުތަކާ އީވާއަށް ދުރެއް ނުވެވުނެވެ. ރޭގަނޑުގެ ނިދިވެސް އެކަމާ ހުރެ ގެއްލުނެވެ.
*****
ޖެހިގެން އައި ދުވަހުގެ ހެނދުނު އީވާ ހޮސްޕިޓަލުން ދޫކޮށްލިއެވެ. އަރާމުކޮށްލުމުން ހަށިގަނޑުގެ ލޮޑުކަން ފިލައިގެން ދިޔައެވެ. ނަމަވެސް ސިކުނޑީގައި ފުނިޖެހިފައިވި ޚިޔާލުތަކުން ހިތުގެ ހަމަޖެހުން ގެއްލިގެން ގޮސްފިއެވެ. މާކިންއާ މެދު ވިސްނެނީ މާ ވަރަކަށެވެ. އެކަމާ ހުރެ އުނދަގޫވާ ހިސާބަށް ކަންތައް ހިނގައްޖެއެވެ. ކުއްލިޔަކަށް ވަމުން ދިޔަ ގޮތުން މީހާ ވަނީ ހައިރާންކަމެއްގެ ތެރޭގައެވެ. އެބަދަލުތަކާ މެދު އިތުރު ސުވާލުތަކެއް ހިތުގައި އުފަންވެގެން ދިޔައެވެ.
*****
ކޮލެޖަށް ދާން އީވާ ފެށީ ދެ ދުވަސް ފަހުންނެވެ. ކުރީގެ ހާލަތަށް ރުޖޫޢަ ނުވެވުމުންނެވެ. މާކިންއާއި ކުރިމަތިލާން ކުއްލިޔަކަށް ފަސްޖެހެން ފެށީއެވެ. އެކަމާ ހުރެވެސް ނަފުސަށް ލިބުނީ ހައިރާންކަމެވެ. ކުރިން މާކިންއާއި ޖަދަލުކޮށް ޒުވާބުކުރަން އޭނަ ނިކަން ފޯރި ހުރެއެވެ. ނަމަވެސް މިހާރު މާކިންއާއި ކުރިމަތިލާން އޭނަ ފަސްޖެހެން ފަށައިފިއެވެ. ލަދުވެތިކަން ހިތަށް ވެރިވާން ފަށައިފިއެވެ. ހިތް އޭގެ ރާސްތާ ކުއްލިޔަކަށް ބަދަލުކޮށްލި ކަހަލައެވެ. ރުޅިވެރިކަން ފިލާ ގޮސް ވަންތަނެއް ވެސް ނޭނގެއެވެ. މިހާރު އެހިތުގައި ވަނީ ޝުކުރުވެރިކަމެވެ. މާކިންއާއި މެދުގައި ދެކެވެން ފެށުނީ އޭނަގެ ފުރާނަ ސަލާމަތްކޮށް ދިން ހީރޯގެ ގޮތުގައެވެ. ގޮތް ނޭނގޭ ޖަޒުބާތެއްގެ ތެރެއަށް އީވާގެ ނަފުސު ދޫވެފައިވިއެވެ.
''ކިހިނެއްވެފަ ތިއިންނަނީ؟، ނުފައިބަނީތަ؟...'' ކާރު ޕާކުކުރަމުން، ޖެހިގެން އިން ސީޓުގައި ގަނޑުވެފައި އިން އީވާއަށް ރައުހާ ބަލައިލިއެވެ. ފަހަކަށް އައިސް އީވާ އިންނަނީ އަބަދުމެ ފުން ޚިޔާލުތަކަށް ގެއްލިފައެވެ. ވާހަކަދެއްކުން މަދުވެއްޖެއެވެ. އެބަދަލުތަކާ މެދު ރައުހާ ބިރުވެސް ގަންނަން ފަށައިފިއެވެ. ދިމާވި ހާދިސާއަށް ފަހު އީވާއަށް ނަފުސާނީ ގޮތުން އަސަރުކުރީބާވައޭ ވެސް ހިތަށް އެރިއެވެ. އެކަމާ ގުޅުވައިގެން ވާހަކަދެއްކުމުން އީވާ ބުނަނީ ނަފުސާނީ ގޮތުން ދުޅަހެޔޮކަމަށެވެ. އެހީއެއް ބޭނުން ނުވާ ކަމަށެވެ. ނަމަވެސް އެމޫނުމަތިން ފެންނަ މޮޅިވެރިކަމުން ކިޔައިދެނީ މުޅިން ތަފާތު ވާހަކައެކޭ ރައުހާގެ ހިތަށް އަރައެވެ. އީވާއާއި މެދުގައި ރައުހާ ކަންބޮޑުވަނީވެސް އެސަބަބުތަކާ ހުރެއެވެ.
''އީވް!...'' ފުން ނޭވާއެއް ދޫކޮށްލަމުން ރައުހާ ގޮވާލިއެވެ. ''އާރ ޔޫ އޯކޭ؟...''
''އަބަދު ކީއްވެގެންތަ ތި ސުވާލު ކުރަނީ؟...'' ހިކިފައިވި ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިކުރުވަމުން އީވާ ބުނެލިއެވެ.
''އީވްއަށް އައިސްފައިވާ ބަދަލުތަކުން، ހީވަނީ މީހާ ފުން ވިސްނުމެއްގެ ތެރޭގައި ވާހެން، އަބަދު ހިމޭންވެފަ ތިހުންނަނީ!، މިހާރު ކަންބޮޑުވާ ހިސާބަށް ގޮސްފި، ދޮގު ނަހަދާ ބުނަންޏާ ކުރީގެ ރުޅިވެރި އީވް މަތިން ހަނދާންވަނީ...'' ރައުހާގެ އަޑުގައި ސީރިޔަސްކަން އެކުލެވިފައި ވިއެވެ.
''ހެހެހެ، އެ އީވްއަށް ބަދަލުވާން ވީތަ؟...'' ހުނުމަކާއެކު އީވާ ބުނެލިއެވެ. ''އެކަމަކު ރައު ބުނީ އެހެން އުޅުނީމަ އަހަންނާ ނުގުޅެޔޭ...... އެކަމަކު ބަދަލުވީމަ ތިބުނަނީ ހިމޭންވެފަޔޭ ތިހުންނަނީ...''
''ނޫން!، ބަދަލުވާނެ ކަމެއް ނެތް!، އީވްގެ ވާހަކަތަކަށް އަހަރެން މި އިތުބާރު ކުރަނީ، އެކަމަކު ވެސް އެހީއެއް ބޭނުން ވެއްޖެނަމަ ސިއްރުނުކުރައްޗޭ، އެދިމާވި ހާދިސާއަކީ ކުޑަކަމެއް ނޫން...'' ރައުހާ ވިސްނައިދިނެވެ.
''އައިމް ފައިން!...... ޓޯޓަލީ ފައިން!...'' ރައުހާއަށް ހިނިތުންވެލަމުން އީވާ ބުންޏެވެ.
''އޯކޭ، އެހެންވީމަ ދެން މާކިންއާއި ޒުވާބެއް ނުކުރާނަން ދޯ...'' ބުމަ އަރުވާލަމުން ރައުހާ ސުވާލުކޮށްލިއެވެ.
''އާނ!...'' އީވާއަށް ބުނެވުނެވެ. ލުއި ހިނިތުންވުމެއް ރައުހާގެ ތުންފަތަށް ވެރިވިއެވެ. އެޖަވާބާ މެދު ރައުހާ ހިތްހަމަޖެހުނެވެ.
''ރަނގަޅު، ދެން އަވަހަށް ދެ މީހުން ސުލްހަ ވާންވީ، އޭރަށް ކިޔެވުމުގައި ކާމިޔާބު ލިބެނީވެސް...'' ކާރުގެ ދޮރު ހުޅުވާލަމުން ރައުހާ ބުނެލިއެވެ. ރައުހާގެ ވާހަކަތަކާ މެދުގައި ފިކުރު ހިންގަމުން އީވާވެސް ކާރުން ފޭބިއެވެ.
''ރައު...'' ކުރިއަށް ހިނގައިގަމުން ދިޔަ ރައުހާއަށް އީވާ ގޮވާލިއެވެ.
ފިޔަވަޅުތައް މަޑު ޖައްސާލަމުން ފަސްއެނބުރި އީވާއަށް ރައުހާ ބަލައިލިއެވެ. އަދި ބުމަ އަރުވާލިއެވެ.
''ކިހިނެއްތަ އަހަރެން މަޢާފަށް އެދޭނީ؟...'' ދެއަތްތިލަ މޮޑެލަމުން އީވާއަށް ސުވާލުކުރިއެވެ. ރައުހާއަށް ވިސްނާލެވުނެވެ.
''ފުރަތަމަ އީވްގެ ލައިފް ސޭވް ކުރީތީ ޝުކުރުއަދާކުރޭ، އެއަށްފަހު ދެން މަޢާފަށް އެދޭ، މާކިންއަކީ ވަރަށް ކޮމްޕްލެކްސް ޒުވާނެއް، އެދައްކާ ރުޅިން އީވް އަނެއްކާވެސް ޒުވާބުކުރަން ނަހަދާތި، ކެތްތެރިވެގެން އެކަމެއް ކުރެވޭނީ، ހިތަށް އަރާ މާކިންއަކީ އަބަދު ވެސް އެކަހަލަ ޒުވާނެއް ބާއޭ، ނޫނީ އެފަދަ ޒުވާނަކަށް ވުމަށް ޚިޔާލުކުރީބާއޭ، ކޮންކަހަލަ ކަމެއް ބާއޭ ކުރިމަތިވީ... މާކިންގެ ސިއްރުވެރި ގޮތެއް ހުންނަކަން އީވްއަށް ފާހަގަ ނުކުރެވޭތަ؟......'' ވާހަކައިގައި ގޮސް އެތެރެއަށް ވަންނަން ދެއެކުވެރިން ދިމާކޮށްލިއެވެ. ގޭޓުން އެތެރެއަށް ވަދެގެން އައި މާކިން އީވާގެ ލޮލުގައި އަޅައިގަތީ އެވަގުތުއެވެ. އެހެންޏާ މާކިން ފެނުމުން ހިތަށް ވެރިވާ ފޫހިކަމުގެ ބަދަލުގައި ޝައުޤުވެރިކަމުގެ ލޮލަލުން ބަލަން ހުރެވުނެވެ. ލައިގެން ހުރި އަތްދިގު ގަމީހާއި ޖިންސާއި އެއްވެސް ގުޅުމެއް ނެތަސް އެކަމަށް މިފަހަރު ސަމާލުކަމެއް ނުދެވުނެވެ. ތުނބުޅި ދިގުވެފައި ތަރުތީބެއް ނެތަސް އެމޫނުގެ ބައްޓަމާ މެދު ވިސްނާލެވުނެވެ. އެހަތަރެސްކަން މޫނާއި، ތޫނުފިލި ދެލޮލާއި، ކަޅުކަންގަދަ ބުމައަށް އީވާގެ ސަމާލުކަން ހުއްޓުނެވެ. މީގެ ކުރިން މާކިންގެ އެއްވެސް ސިފައަކަށް ސަމާލުކަން ނުދެވުނެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ ނަފުރަތުގެ ދިލަ ހޫނުގެ ސަބަބުން ހެއްޔެވެ؟
ރުޅިވެރިކަމުގެ ތޫފާން ހިނދިގެން ދިޔަ ހިނދު މާކިންގެ ރީތި މޫނަށް އީވާގެ ހިތް ދީލާލައިފިކަން ޔަޤީނެވެ. ހިތުގައި ތަފާތު އޮއެވަރެއް އުފެދިގެން ދިޔަކަން ވެސް ގައިމެވެ. އީވާއަށް އަތްތިލަ ގެނެސް މޭގައި ޖައްސާލެވުނެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟
އީވާ ފެނުމުން މާކިންއަށް ބަލައިލެވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އިސް އޮބާލަމުން ކުރިއަށް ހިނގައިގެންފިއެވެ. އަދި ފިޔަވަޅުތައް ބާރުކޮށްލިއެވެ. އީވާއަށް ސަމާލުކަން ދޭން ބޭނުންނުވި ކަހަލައެވެ.
ކުރިއަށް ދިޔަ މާކިންއަށް ބަލަން ހުރި އީވާގެ ހިތުގައި ރިހުމެއް އުފެދުނެވެ. މާކިންއަށް ބަލަން، އީވާއަށް ހުރެވީ އުދާސްކަން ކަމާއެކުގައެވެ. މިވީ ކިހިނެއް ހެއްޔެވެ؟
(ނުނިމޭ)