ވާހަކަ

އަންނަންދެން ހުންނާނަން ލޯބިން ތިޔަ އިންތިޒާރުގައި - 14

6

ސާދަވަނަ ބައި

ނޫޑްލްސްކޮޅެއް ހިފައިގެން ވަން ޙާއިޝާއަށް އެނދުގެ ހެޑްބޯޑުގައި ލެގިލައިގެން ވިސްނުމަކަށް ގެއްލިފައި އިން އިރާނިޔާ ފެނި ޚައިރާންވިއެވެ. އޭނާ ކޮޓަރިން ނިކުތްއިރުވެސް އިރާނިޔާ އިނީ ހަމަ އެހެންނެވެ.

"ދަރިފުޅާ...!!" އިރާނިޔާ ކައިރީގައި އިށިންނަމުން ޙާއިޝާ ގޮވައިލިއެވެ. އިރާނިޔާ ޙާއިޝާއަށް ބަލައިލަމުން އަނގަ ހަދައިލީ ޙާއިޝާގެ އަތުގައި ހުރި ނޫޑްލްސްތަށީގެ ވަސް ޖެހުމުންނެވެ. އެވަހަކީ އޭނާ ގަޔާނުވާ ވަހެއް ކަމުގައި ވިޔަސް އެހިފައިގެން އައީ މަންމަ ކަމަށް ވީތީ ގަޔާވިކަމަށް ހެދިލިއެވެ.

"އަނގަ ހެދިޔަސް ރާނީ ޖެހޭނެ މިހުސްކުރަން. ރަނގަޅަށް ނުކެވޭތީއޭ ރާނީ ތިހާ ބަލިވަނީ" ޙާއިޝާ ބުނެލިއެވެ. އިރާނިޔާ ހީލުމަށްފަހު ޙާއިޝާ އަތުން ތަށި ނެގިއެވެ. އަދި ލަސްލަހުން ކާން ފެށިއެވެ.

"ދަރިފުޅާ މަންމަ ވާހަކައެއް އަހާލަންތަ؟" އިރާނިޔާ ކައިރީގައި އިށީނދެފައި ޙާއިޝާ އަހައިލިއެވެ.

"މަންމަ ތިހެން އަހަންވެސް ނުޖެހެއެއްނު" އިރާނިޔާ ބުނެލިއެވެ.

"އެހެންވިއްޔާ ބުނެބަލަ. އާޝިދް ދަރިފުޅާ މެދު ދެކެނީ ކިހިނެއް؟ މަންމަ އެހެން މިބުނީ ރާނީ ހޮސްޕިޓަލަށް ގެންދިޔަ ވަގުތު އެސޮރު އުޅުނުގޮތުން" ޙާއިޝާ ވާހަކަދެއްކިއެވެ.

"އަޅުގަނޑުމެން ދެމީހުން މެދުގައި އޮތީ އެކުވެރިކަމެއް. އެނޫން އެއްވެސް ގުޅުމެއްނެތް. ހަމަ ހުވާކޮށްފަ މިބުނީ. އެކަމަކު އާޝިދް...." އިރާނިޔާއަށް އެވާހަކަ ދައްކަން އުނދަގުވިއެވެ.

"މަންމައަށް ވިސްނިއްޖެ. އެއީ މައްސަލައެއްނޫން. ދަރިފުޅުގެ ދިރިއުޅުން މިހާރު ތިވަނީ ގޮތްނިންމަންޖެހޭ ހިސާބަށް އައިސްފަ. އެހެންވީމަ މަންމަ ނުބެހޭނަން. އެކަމަކު އަބަދުވެސް ރާނީ ވާނީ މަންމަގެ ދަރިއަކަށް" އިރާނިޔާގެ އިސްތަށިގަނޑުގައި ފިރުމައިލަމުން ޙާއިޝާ ވާހަކަދެއްކިއެވެ.

އަދްޔަންގެ އަތުގައި ހިފައިގެން ރުއްދަނޑަށް ދާން އޮންނަ މަގު ކަންމަތީ އަނދިރި ހިސާބުގައި ހުރި ޝެނަލް ފެނުމުން ތަމަންނީއަށް ޚައިރާންކަމެއް ލިބުނެވެ. އަދްޔަން ރައްޓިހިވެގެން އުޅޭ ކުއްޖަކީ ޝެނަލްކަން އިނގުމުން އޭނާއަށް ހެވުނެވެ.

"އަހަރެން ނުދޭނަން ތިގުޅުން ކުރިއަށްދިޔަ. އުނޭޝްގެ އާއިލާއަށް އެއްވެސް ކަމެއް ރަނގަޅަށް ވިޔަކަ ނުދޭނަން. އަހަރެން ސަބްރީންދައްތައަށް ވައުދުވިން" ތަމަންނީ ހިތާހިތުން ކިޔައިލިއެވެ. އޭނާ އެތަނަށް އައީވެސް ޝެނަލްއަށް ފާރަލަމުންނެވެ.

ސައިކަލުގައި އަދްޔަންއާއި ޝެނަލް ދުއްވައިލިފަހުން ސައިކަލުގައި އެތަނަށް އުނޭޝް ކައިރިކޮށްލިއެވެ. ތަމަންނީއަށް ހިނިތުންވުމެއް ދީފައި އަވަހަށް ސައިކަލަށް އަރަން ބުނެލިއެވެ.

"ތަމަން ކީއްކުރަން މިހިސާބަށް އައީ؟ މިހާރު ހިނގަން ދަސްވީތަ؟" އުނޭޝް އަހައިލިއެވެ.

"ޝާނީއާ އެކު އައީ. އެކަމަކު އިނގޭތަ މިތަނުން އަހަރެންނަށް ފެނުނީ ކޮންކަހަލަ މަންޒަރެއްކަން. އުނޭ ހިއެއްނުވޭ ޤަބޫލުކުރާނެހެންވެސް" އުނޭޝް ސައިކަލް ދުއްވައިލުމުން ތަމަންނީ ވާހަކަދެއްކިއެވެ.

"އަނެއްކާ ކޮންކަހަލަ މަންޒަރެއް އަހަރެންނުލާ ތިބެލީ" ހީލަމުން އުނޭޝް އަހައިލިއެވެ.

"އަދްޔަން އަންހެނެއް ގައިގަ ބައްދައިގަނެގެން ހުރީ. އެމީހުންނަށް އަހަރެން ނުފެންނާނެ. އެކަމަކު އެދެމެދުގަ ހިނގި ކަންތައް ވަރަށް ރަނގަޅަށް އަހަރެންނަށް ފެނުނު. މަގުމަތިން ދިޔަ މީހުންވެސް ހާދަ ފާޑުފާޑުގެ ވާހަކައެއް ދައްކާނޭ. އަދޫއަށް އެވަރުވަންޏާ ބޭނުން މީހަކު ކޮޓަރިއަށް ވައްދައިގެން އުޅެންވީނުން" ތަމަންނީ ވާހަކަދެއްކިއެވެ. އުނޭޝްއަށް ސައިކަލްގެ ބުރަކި ޖެއްސުނީ ކުއްލިއަކަށެވެ.

"ވަޓް...؟؟ އަދޫ އޭ. ހަމަ ތެދެއްތަ ތިބުނީ؟ ތަމަން ހަމަ ރަނގަޅު ވާހަކައެއްތަ ތިދައްކަނީ؟" އުނޭޝް އެހިއެވެ.

"އާއެނކޭ. އުނޭއަށް ޤަބޫލެއްނުކުރެވޭތަ؟ އަހަރެން ދޮގުހަދަނީއޭތަ ތިބުނީ. މީގެކުރިން އަހަރެން މިކަހަލަ ވާހަކައެއް ދެއްކިންތަ؟" ތަމަންނީ ވާހަކަދެއްކިއެވެ.

"ނޫން އެހެން ނުބުނަން. ދެން މޫޑްއޮފް ވާނީކީނޫން. ހިނގާބަލަ މިތަނުން ކާލައިގެން ގެއަށްދާން. އަހަރެން ތިކަންތައް ހަމަޔަކަށް އަޅުވާނަން" އުނޭޝް ވާހަކަދެއްކިއެވެ.

ޖެހިގެން އައި ދުވަހަކީ ހުކުރު ދުވަހަށް ވުމާއެކު ހުރިހާމީހުން އަވަހަށް ހޭލައިގެންއުޅުނެވެ. ޖޮގިން ނިންމާފައި އުނޭޝް ކޮޓަރިއަށް ވަންއިރު ތަމަންނީ އޮތީ އެނދުގައެވެ. ފާހާނާއަށް ވަނުމުގެ ކުރިން ތަމަންނީއަށް ގޮވާފައި ކޮފީއެއް ގެންނަން ބުންޏެވެ.

ތަމަންނީ ބަދިގެއަށް ވަންއިރު އަދްޔަން ނޫން ހުރިހާ މީހުން ތިބީ ބަދިގެތެރޭގައެވެ. މޭޒުކައިރީގައި ތަރުކާރީ ކޮށަން އިރާނިޔާ އިންއިރު ހުނިގާނަން ޙާއިޝާ އިނެވެ. އުނދުންމަތި ސާފުކުރަން ކަމްލާ ހުރިއިރު އެއިން އެއްވެސް މީހަކު ތަމަންނީއަށް ސަމާލުކަން ނުދިނެވެ.

"މަންމައަށް ހަމަ ޔަޤީންތަ ތަރުކާރީ ގަންނަން މިފަހަރު ނުޖެހޭނެކަން. އަޅުގަނޑަށް ހަމަ ހީނުވާތީ" އިރާނިޔާ ވާހަކަދެއްކިއެވެ. ތަމަންނީ އިރާނިޔާއަށް ބަލައިލާފައި މޫނު ހަދައިލިއެވެ.

"ރާނީ ނުވިސްނަބަލަ. ނުވެއްޖިއްޔާ ގަންނާނީ. މާދުރަށް ހިނގަންވެސް ނުޖެހެއެއްނު ތަރުކާރީ ގަންނާކަށް. ކަންމަތީގައި މިހިރަ ފިހާރައިން މިހާރު ހުރިހާ އެއްޗެއް ލިބޭ" ޙާއިޝާ ވާހަކަދެއްކިއެވެ.

"ކަމްލާ އަތަށް ތި ދީފައި ރާނީދޭ ކޮޓަރިއަށް އަރާމުކުރަން. ތިހެން ފައި އެލުވާލައިގެން އިންނަން ވެއްޖިއްޔާ މާބޮޑަށް ދެފައި ދުޅަވެދާނެ" ޙާއިޝާ ވާހަކަދެއްކިއެވެ.

ލޯގަނޑު ކުރިމަތީގައި ހުރި އުނޭޝް ތަމަންނީއަށް ބަލައިލީ ތަންކޮޅެއް ބާރަށް ސައިޑްކަބަޑް މަތީގައި އޭނާ ކޮފީތަށި ބެހެއްޓި އަޑަށެވެ. އޭނާއަށް ފުރަގަހަށް ހަށަން ބަނދެގެން ހުރި ތަމަންނީއަށް ބަލައިލާފައި އައިސް ކޮފީތަށި ނަގާފައި ބަލައިލިއެވެ.

"މި މިހިރީ ރަނގަޅަށް ނުވެސް ގިރައެއްނު. ހާދަ ވަރެއްވެފަ ތިހިރީ" އުނޭޝް ބުނެލިއެވެ.

"އާނ އެހެންޏަ. އުނޭޝްގެ މަންމައަށް ހެޔޮ އެ ރާނީ ނޫން އެހެން މީހަކު މިގޭގަ ނޫޅުނަސް. އަހަރެން ވާހަކައެއް އަހާލަންތަ؟ ރާނީ އުނޭގެ މަންމައަށް ކާންދިނީ ކޮންކަހަލަ ފަންޑިތައެއްތަ؟" ތަމަންނީ ވާހަކަދެއްކިއެވެ. އުނޭޝް ކައިރިއަށް ހިނިއައެވެ. ކޮފީތަށި ބަހައްޓާފައި ތަމަންނީއަށް ކުރިމަތިލައިގެން ހުއްޓުނެވެ.

"ހޫމްމމ... ހާދަ ވަސް އެބަހުއްޓޭ.... މޫނުމަތިން ވެސް އެބަކެކޭ..." އުނޭޝް ބުނެލިއެވެ.

"އުނޭ ކޮންވާހަކައެއްތަ ތިދައްކަނީ. އަހަރެން ގައިން ކޮންވަހެއްތަ ދުވަނީ؟" ތަމަންނީ އަމިއްލަ އަތުން ވަސްބަލައިލަމުން ބުނެލިއެވެ.

"ބައެއްމީހުން ޖެލަސްވާވަރުން އެހެން މިބުނީ. ތަމަންގެ މޫނުމަތިން ހަސަދައިގެ އަލިފާން އެބަކެކޭ" އުނޭޝް ބުނެލިއެވެ.

"އުނޭޝްއަށް މަޖާވަނީތަ؟ އަހަރެން ޖެލަސްއެއްނުވޭ. އަހަރެން ހަސަދަވެރިއެއްވެސް ނުވޭ. އެކަމަކު ތަފާތުކުރުން ގެންގުޅޭތީ ދެރަވޭ. އެހެންވެ މިވާހަކަ އަބަދު ދެއްކެނީ. އެކަމަކު ދެން ނުދައްކާނަން. މިއަދު މިއެނގުނީ މިކަންކަން އުނޭ ސީރިޔަސްކޮށް ނުނަގާކަން" ތަމަންނީ ވާހަކަދެއްކިއެވެ. އުނޭޝް އެނދުގައި އިށީނެވެ. ތަމަންނީގެ އަތުގައި ހިފައިގެން ކައިރިއަށް ގެނެސް ބޭންދީ އޭނާގެ އުނގުގައެވެ. ތަމަންނީގެ ކޮލުގައި ބޮސްދީފައި އިސްތަށިގަނޑު ރީތިކޮށްލިއެވެ.

"ތަމަންގެ ކަންތަކުގަ އަހަރެން ސީރިޔަސް ނުވަންޏާ ދެން ކާކުގެ ކަންތަކުގަ އަހަރެން ސީރިޔަސްވާނީ. ތަމަންއަށް އިނގޭތަ އަހަރެން ތަމަންދެކެ ލޯބިވާވަރު. ތަމަންއަށްޓަކައި އަހަރެން ކޮންމެކަމެއްވެސް ކޮށްފާނަން" އުނޭޝް ވާހަކަދެއްކިއެވެ.

"ދެން ކީއްވެތަ އުނޭޝްއަށް ވާ ބައިން އަހަރެންނަށް ނުދޭން ހިފަނީ. މާދަމާވެސް އުނޭ އަހަރެން ދޫކޮށްލައިފިއްޔާ އަހަރެންނަށް ހާދަ ހާލެއްޖެހޭނޭ" ތަމަންނީ ބުނެލިއެވެ.

"ތިއީ އަހަރެން ހުވަފެނުންވެސް ދެކެން ބޭނުންވާ ދުވަހެއްނޫން. ތަމަން ކޮންކަހަލަ ވާހަކައެއް ތިދައްކަނީ؟ އަހަރެންނަށް މިގެއިން ހައްޤުވާ ކޮންމެ އެއްޗަކީ ތަމަންގެވެސް އެއްޗެއް. ކޮންމެސްކަމެއް ވެގެނެއްނު އަހަރެން ތަމަން ކައިރީގައި ބުނާނީ ތަމަންގެ ފަރާތުން އަހަރެން ދަރިއެއް ބޭނުންވާ ވާހަކަ. ތަމަންއެއްނު އިންކާރުކުރީ" އުނޭޝް ވާހަކަދެއްކިއެވެ.

"އަހަރެން ކުޑަކުދިންނާ އެހާ ލައިކްނުވޭ. އަހަރެން އަދި ބޭނުންވަނީ ލައިފް އެންޖޯއި ކުރަން. އަބަދު ކުޑަކުދިންގެ ވާހަކަނުދައްކަބަލަ" ފޫހިކަމާއެކު ތަމަންނީ ބުނެލިއެވެ.

"ތަމަން ބޭނުންގޮތެއް. އަހަރެން ބުނާ ގޮތަކަށް ކަންތައް ކޮށްފާނަންތަ؟" އުނޭޝް ބުނެލިއެވެ.

"އާނ.. ބުނޭ.. ފިރިމީހާ އުފާކޮށްދެން އަހަރެންނަށް މިހާރުއިނގޭ" ތަމަންނީ ބުނެލިއެވެ.

"ކޮންމެ ހުކުރެއްގަ މެންދުރަށް މިގޭގަ ވަރަށް ގަދައަށް ކައްކާނެ. ނިކަން ތަމަން ދޭބަލަ ކައްކާލަން. ތަމަން ގޮސް ކަންތައް ކުރަން ފަށައިފިއްޔާ ޔަޤީން އެއްވެސް މީހަކު ނުހުއްޓުވާނެކަން. މަންމަވެސް ވަރަށް އުފާވާނެކަން ޔަޤީން. ތަމަންއަށް ފެންނަ އެއްޗެއް ހަދާނީ. އަހަރެންގެ އަނބިމީހާއަށް ހައްޤު އޮންނާނީ ހަމައެކަނި މިކޮޓަރީގެ ހަތަރުފާރުން އެތެރެޔަކުނޫން" ތަމަންނީގެ ގައިގައި ބައްދާލައިގެން އިނދެ އުނޭޝް ކިޔަމުން ދިޔައެވެ.

"އޯކޭ އުނޭ ބުނީތީ އަހަރެން ތިގޮތަށް ކަންތައްކުރާނަން. އެކަމަކު އަބަދު ބަދިގޭގަ އަހަރެންނަށް ނޫޅެވޭނެ އިނގޭ. އަހަރެން އަބަދު ބޭނުމީ އުނޭގެ ހިތުތެރޭގަ އޮންނަން. އެހެންނޫނަސް އެހާ ބައިވަރު އެއްޗެހި ކައްކަން އަހަރެންނަށް ނުވެސް އިނގޭ" ތަމަންނީ ބުނެލިއެވެ.

"އެކަން އިނގޭ މިހާރު. ތަމަން މިހާރު ހާދަ ތަފާތޭ ކޮންމެރެޔަކު. ހުވާ މިބުނީ އަހަރެން މޮޔަކޮށްލައިފި. ތަމަންގެ ފޮރުވިފައިވާ ހުނަރުތައް މިހާރު އަހަރެންނަށް ފެންނަން ފަށައިފި.... ކޮންތާކުން ދަސްކުރީ..." އުނޭޝް ތަމަންނީގެ ކަންފަތާއި އިސްތަށިތައް ދުރުކޮށްލާފައި ކަންދަތާއި އަނގަ ކައިރިކޮށްލާފައި ބުނެލިއެވެ.

"ހޫމް.. ހެވޭ މަލާމާތް ނުކުރިޔަކަސް. އިނގޭ ތިއުޅެނީ މޮޅު އެއްޗެއް ކިޔައިގެން މިގަޑީގަ ކަމެއް ބޭނުންވެގެންކަން. އެކަމަކު މިހާރަކު ނުވާނެ. ރެއަށް އިންތިޒާރުކުރޭ... ދެން ދޫކޮށްލާ އަހަރެން މިދަނީ ކައްކަންދާން" ތަމަންނީ ބުނެލިއެވެ. އުނޭޝް ގަދަހާދާލާފައި ތަމަންނީ ގޮވައިގެން އެނދުމައްޗަށް ވެއްޓިގަތެވެ. ދެމީހުންގެ ހުނުމުގެ އަޑުން ކޮޓަރިތެރެ ގުގުމައިލިއެވެ.

ހުކުރުން އައިސް އުނޭޝް ބަދިގެއަށް ވަންއިރު މޭޒު ކައިރީގައި އިނީ ތަމަންނީ އެކަންޏެވެ. ގޭތެރެއިން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އަދްޔަން އައިސް ވަނީ އޭގެ އިރުކޮޅެއް ފަހުންނެވެ. މަޑުމަޑުން އެންމެން އައިސް ހަމަވެއްޖެެވެ. ރާނީ ވަނީ ޙާއިޝާގެ ފަހަތުންނެވެ.

"ރާނީ...! މަންމަގެ ބަތްކޮޅު ގެނެސްދީ" ޙާއިޝާ ބުނެލިއެވެ.

"މަންމާ! މިއަދު ހުރިހާ މީހުންނަށް އަހަރެން ކެއްކީ. އެއްވެސް އެއްޗެއް ގެންނަން ނުޖެހޭނެ. އާދޭ ކާން" އިރާނިޔާ އެތެރެއަށް ވަދެފައިވެސް މަޑުޖެހުނީ ތަމަންނީ ވާހަކަދެއްކި އަޑަށެވެ.

"ރާނީ...!! މަންމަގެ ލޮނުމަޑުކޮށް ކެއްކި ބަތްކޮޅު ގެނޭ" ތަމަންނީ ދެއްކި ވާހަކައަށް ޙާއިޝާ މާބޮޑު ސަމާލުކަމެއް ނުދިނެވެ.

"އަދޫ...!! އާދޭ އަވަހަށް ބައިވެރިވާން" ގޮނޑީގައި އިށީންނަމުން އުނޭޝް ބުނެލިއެވެ.

"ދޮންބެ ކާލާ. އަހަރެން މިއައީ އާޝިދްބެ އާއެކު ކޮފީއެއް ބޮއެގެން" އަދްޔަން ބުނެލިއެވެ. އޭނާ ފުރިޖު ކައިރިއަށް ގޮސް ފިނިފެން ފުޅިއެއް ނެގިއެވެ. ތައްޓަކަށް ބަތް އަޅައިގެން އައިސް އިރާނިޔާ ޙާއިޝާގެ ކުރިމަތީގައި ބެހެއްޓިއެވެ.

"ބޮޑުވަރެއްނު. މިގޭ އެންމެން ތަމަންދެކެ ހާދަ ރުޅިއެކޭ ތިއަންނަނީ. ބަލަ އެއީވެސް މަންމަގެ ދަރިއެއް ނޫންތަ؟" އުނޭޝްގެ ސުވާލު އަމާޒުވީ ޙާއިޝާއަށެވެ.

"ރާނީ އެއްޗެއް ނުކައި ތިހުންނަނީ ކިހިނެއްވެފަ. އާދޭ ކާން" އުނޭޝް ދެއްކި ވާހަކަތަކަށްވެސް ޙާއިޝާ ސަމާލުކަން ނުދިނެވެ.

"މަންމައަށް އިނގެއެއްނު އަޅުގަނޑަށް ކެވޭނީ ތިރީސްމިނިޓް ފަހުންކަން. ބޭސްކައިގެން މިހުރީ. މިހާރު ކައިފިއްޔާ ހޮޑުލެވޭނީ" އިރާނިޔާ ބުނެލިއެވެ.

"އެހެންވިއްޔާ މަންމަވެސް ކާނީ ފަހުން" ޙާއިޝާ ގޮނޑިން ތެދުވިއެވެ.

އުނޭޝްގެ ރުޅިގަނޑު ފަޅައިގެން ދިޔައީ އެހިސާބުންނެވެ. އޭނާއާއި ތަމަންނީ އެއީ އެތަނުގައި ތިބި ބައެއްކަމަށްވެސް އެކަކުވެސް ނެހެދިއެވެ. ތަމަންނީ ރަކިވެފައި ހުރިތަން ފެނުމުން އޭނާ ރުޅިވީ ހައްތަހާ ގަދައެވެ.

"މިގޭގަ ތަމަން ކައްކާފައި ހުރީ ޒަހަރެއްނޫނޭ. މަންމަވެސް ތިއުޅޭ ވައްތަރެއްދޯ. ރާނީ ނޫން އެހެންމީހަކު މަންމައަށް ނުފެނޭތަ؟ ބޮޑު އުނދަގުލެއް ކަހަލަ އަންހެނެއްނު އެއީ. މިއަދު އެކަކުވެސް ކާނެ ކަމެއްނެތް" މޭޒުމަތީގައި ހުރި ކާއެއްޗެހި ތަށިތައް އަތުންޖަހާ ބުރުވައިލިއެވެ. މުޅިތަނަށް ހީވީ ބާރުގަދަ ނަގޫ ރޯޅިއެއް އެރި ހެންނެވެ. އެކި އެއްޗެހި އެކިތަނަށް ބުރައިގެންދިޔަ އަޑު ފަށްގަނޑުން އިރާނިޔާ ދެކަންފަތުގައި އަތް އެޅިއެވެ. ބުރައިގެން ދިޔަ ބިއްލޫރިތަށި ޙާއިޝާގެ އަތުގެ ކުޑަހުޅުގައި ޖެހުމުން އޭނާއަށް އަނގައިން އަޑެއް ލެއްވުނެވެ. އެކަކު ލޮލުގައިވެސް އެމަންޒަރު އަޅައެއް ނުގަތެވެ.

"ދޮންބޭ..!!" އަދްޔަން ހިތްހަމަނުޖެހިފައި އުނޭޝްއަށް ގޮވައިލިއެވެ.

"އަދްޔަން ހިމޭނުންހުރޭ. ގޮސް މަގުމަތީގައި އަންހެނުން ގޮވައިގެން ވަރަށް ރީތި ކުޅިވަރެއްނު ތިކުޅެނީ" ރުޅިގަދަވެފައި ހުރި އުނޭޝް އެއްވެސް މީހަކުގެ މޫނަށް ބެލުމެއްނެތި އެންމެންނާ ދިމާލަށް ހަޅޭއްލަވަމުން ދިޔައެވެ. ކިޔާނެ ބަހެއް ނޭނގިފައި އަދްޔަންއަށް އުނޭޝްގެ މޫނަށް ބަލަން ހުރެވުނެވެ.

"އުނޭޝް...!! ކަލޭ ތިހިރީ ހަމައިގަތަ؟ ކޮންކަމަކަށްވެސް ހައްދެއް އޮންނަންވާނެ" ޙާއިޝާ އެއްޗެއް ބުނީ ވަރަށް ކެތްކޮށްފައެވެ. ޙާއިޝާގެ ހިތްހަމަނުޖެހިފައިވާ އަޑު ކަންފަތުގައި ޖެހުމުން އުނޭޝް ކޮންމެސް ވަރަކަށް މައިތިރިވިއެވެ.

"ބަލަ މިގޭ ބަދިގެއަށް ވަދެ ކައްކާކަށް އޭނާ އާ ނުޖެހެއޭ. އޭނައަށް ޖާގަ ދިނީ އުނޭޝްގެ ދިރިއުޅުމުންނާ ތިކޮޓަރިން. މިގެއަކީ އަހަރެންގެ ފިރިމީހާގެ ގެއެއް. މިގެއަށް ހޯދާފައި ހުރި އެއްޗެހި އެއީ އަހަރެން ހޯދި އެއްޗެހި. ލަދެއް ހަޔާތެއް ނެތިގެން އައިސް ވަންނާކަށް ނުޖެހޭ. އޭނާގެ އަތުން ރޯފިލުވާފައިދޭ ސައިފޮދެއްވެސް އަހަރެންނަށް ހަރާން" ޙާއިޝާ ހަޅޭއްލަވަމުން ދިޔައެވެ.

"ތަނެއްގަ ހުރި ކޫޑި އަންހެނެއް ފެނިގެން އުނޭޝް ހޭބަލިވިޔަސް އެހެން މީހުން ތިބީ ހަމައިގަ. އުނޭޝް ހީނުކުރާތި އަހަރެންގެ ހިތް ދުވަހަކުވެސް އޭނައަށް ހޯދިދާނޭ" އަތުގެ ތަދުވާ ތަނުގައި އަތްއަޅައިގެން ހުރެ ޙާއިޝާ ވާހަކަދައްކަމުން ދިޔައެވެ. އުނޭޝް ދެއުކުޅުގައި އަތް އަޅުވާލައިގެން ހުރެ ފުންކޮށް ނޭވާތަކެއް ލަމުން ދިޔައެވެ.

"ހަމަ މިހާރު އެ ސުންޕާ އަންހެނާ ގޮވައިގެން އަހަރެންގެ ކުރިމަތިން ދުރަށްދޭ" ޙާއިޝާ ބުނެލިއެވެ. ފަހަރަކަށް ވުރެ ފަހަރެއް ޙާއިޝާގެ އަޑުވެސް ދިޔައީ ބާރުވަމުންނެވެ.

"އަމުދަކުން މަ އެބައުޅެންތަ މިތަނުގަ ހުރެގެން ކަލޭމެންނަށް ކާންދޭހިތުން. އަހަރެން މިތަނަށް އައީ އުނޭޝް ބުނި ބުނުމަކަށް. ވަރަށް ތާހިރެއްނު. އުނޭޝްއަށް ފެނިއްޖެއްނު ރީތި މަންޒަރެއް. ދެން އަހަރެން ކައިރީގައި ނުބުނާތި މިގޭގަ ކަމެއްކުރަން" ތަމަންނީ އަވަސް ފިޔަވަޅުތަކެއް އަޅަމުން ބަދިގެއިން ނިކުތެވެ.

"މަންމަ ތަމަންނީދެކެ ކިތަންމެ ހިތްހަމަނުޖެހުނަސް އަހަރެންގެ ހިތް ދެން ރާނީއަކަށް ނުލިބޭނެ. އޭނަ މިގޭގަ އެހެރީ ހަމައެކަނި މަންމަގެ ސަބަބުން ބަހައްޓާފަ. އަހަރެންގެ ދިރިއުޅުމަށް މިހާރު އޭނައެއް ބޭނުމެއްނުވޭ. މީގެފަހުން މަންމަ ނުވާނެ އަހަރެން ކުރާ އެއްވެސް ކަމަކާ ބެހިގެން" ޙާއިޝާއަށް އިންޒާރެއް ދީފައި އުނޭޝް ބަދިގެއިން ނިކުމެގެން ދިޔައެވެ. ތަނަށް ވެރިވެގެންދިޔަ ހިމޭންކަމުގެ ތެރެއިން އެއްވެސް މީހަކު ބަހެއްނުކިޔައެވެ. ޖެހި ބުދެއްހެން ޙާއިޝާ ބަދިގެ މެދުގައި ހުއްޓިގެން ހުއްޓެވެ. މީގެކުރިން އުނޭޝްއަކީ އޭނާ ބަހެއް ހިތްހަމަނުޖެހިގެން ބަހެއް ކިޔައިފިނަމަ ހިމޭނުން ހުންނަ ކުއްޖެކެވެ. މިހާރު ކިތަންމެ ތަނެއް ބަދަލުވެއްޖެއެވެ. އަނިޔާވެރިވެސްވީ އިންތިހާއަށެވެ.

"އަދޫ! ދޭ ކޮޓަރިއަށް. ދޮންބެދައްތަ ވަރަށް އަވަހަށް ޕާސްތާ ހަދާފައި ގޮވާލާނަން. އިނގޭ ސިޑް އާ ދެމީހުން ކޮފީ ނުބޮއެކަން. ސިޑްއަކީ ކޮފީ ބޯ މީހެއްނޫން" އިރާނިޔާ ބުނެލިއެވެ. އަދްޔަންގެ ދެލޮލުންވެސް އިރާނިޔާއަށް ފެނުނީ ކަންބޮޑުވުމާއި މާޔޫސްކަމެވެ.

"ކަމްލާ...!! މިތަން ސާފުކުރަން ފަށާ. އަހަރެން މިއަންނަނީ މަންމަ ކޮޓަރިއަށް ލާފަ" އިރާނިޔާ ބުނެލިއެވެ.

"ނޫން. ދޮންބެދައްތަ މަޑުކުރޭ. އަހަރެން މަންމަ ގެންދާނަން" އަދްޔަން ޙާއިޝާގެ ދެކޮނޑުގައި ހިފަހައްޓާލައިގެން ހިނގައިގަތެވެ.

އިރާނިޔާ ޙާއިޝާ ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރިއިރު މިވަގުތު ޙާއިޝާގެ ހިތުގައި އަޅާނެ ވޭން އޭނާއަށް އިހުސާސްވަމުން ދިޔައެވެ. އުނޭޝްއަށްޓަކައި ޙާއިޝާގެ ހިތުގައިވާ ލޯބި ވަރަށް ރަނގަޅަށް އޭނާއަށް އިނގެއެވެ. މިއަދު އުނޭސް ކިއި އެއްޗެހިން އޭނާގެ ހިތަށް އަސަރުނުކުރިއެވެ. އޭނާ ފިކުރުބޮޑުވީ ޙާއިޝާއާއި މެދުގައެވެ.

ކަމްލާއާއި ބައިވެރިވެގެން އިރާނިޔާއަށް ކުޑަވަގުތުކޮޅެއްގެ ތެރޭގައި އަލުން ކައްކައިލިއެވެ. މޭޒުމައްޗަށް ކާއެއްޗެހިތަށި އަރުވާފައި އަދްޔަންއަށް ގުޅިއެވެ. ޙާއިޝާގެ ބަތްކޮޅު ކެކުމުން އޭނާ ދިޔައީ ޙާއިޝާ ބަލައި ކޮޓަރިއަށެވެ.

ކޮޓަރީ ދޮރުހުޅުވައިލުމާއެކު އިރާނިޔާއަށް ފެނުނު މަންޒަރަކުން ހިތްފަޅައިގެން ނުދިޔައީ ކިރިޔާއެވެ. އެނދުގައި އިން ޙާއިޝާ ގިސްލާފައި ރޮނީއެވެ. މީގެކުރިން ދުވަހަކުވެސް ޙާއިޝާ އެހާލަތުގައި އިންދާ އޭނާއަށް ފެނިފައެއްނެތެވެ. މޭގައި އަތްއަޅައިލެވުނީ ހިތުގައިޖެހުނު ވަރުންނެވެ. އުނޭޝްއާއި މެދު ހިތުގައި ޝަކުވާ އުފެދުނެވެ. އިރާނިޔާ މަޑުމަޑުން ހިނގާފައި ގޮސް ޙާއިޝާ ކައިރީގައި އިށީނެވެ.

"މަންމާ...!" ޙާއިޝާގެ ކޮނޑުގައި އަތްއަޅައިލަމުން އިރާނިޔާ ގޮވައިލިއެވެ. ރޮވޭވަރުން ޙާއިޝާއަށް ވާހަކަނުދެއްކުނެވެ. އިރާނިޔާގެ މޫނަށް ބަލައިލާފައިވެސް އެނާގެ ރުއިން ވީ އިތުރެވެ. ޙާއިޝާގެ މުޅި މޫނުމަތީގައިވަނީ ކަރުނަތަކުން ފުރިފައެވެ. އިރާނިޔާގެ ދެލޮލުންވެސް ކަރުނަ އައެވެ.

"މަންމާ! ހުއްޓާލާ... މަންމަ ތިގޮތަށް ރޯމަންޒަރު ބަލަން އަހަރެންނަށް ކެތެއްނުވާނެ" ޙާއިޝާގެ ދެލޯ ކައިރި ފޮހެލަމުން އިރާނިޔާ ބުނެލިއެވެ.

"ތިންދަރިން އެއީ މި މަންމަގެ މުޅި ދުނިޔެ. އުނޭޝް... ދަރިފުޅަށް އިނގޭތަ؟ ބިންމަތީގައި އެންމެފުރަތަމަ އުނޭޝް ފިޔަވިހި އެޅީ ކަތިކޮށް. މަންމަ އެ ފިޔަވިހި ތެދުކުރުވާފައި ހިންގުވީ. އެކަމަކު މިއަދު އެނގިއްޖެ މަންމައަށް އެދުވަހު އެފިޔަވިހި ތެދުކުރެވުނީ ނުބައިކޮށްކަން. މަންމަ ގޯހީ" ރޮވޭވަރުން ޙާއިޝާއަށް ރަނގަޅަށް ވާހަކަވެސް ނުދެއްކެއެވެ. އޭނާގެ ހިތަށް ވަނީ ލައްކަ އަސަރުކޮށްފައެވެ.

"މަންމާ! ތިކަހަލަ ވާހަކަ ނުދައްކާ. މިރަށު އެއްވެސް މީހަކު ނުބުނާނެ މަންމަ ގޯހެކޭ. މަންމަ ދަރިން ބޮޑެތިކުރީ އެގޮތްމިގޮތަށޭ" އިރާނިޔާ ޙާއިޝާގެ ބުރަކަށީގައި ފިރުމަމުން ދިޔައެވެ.

"މަންމަގެ ހިތް މިއަދު ފަޅައިގެންގޮއްސި. އުނޭޝްއަށް ހާދަ ބޮޑު ބަދަލެކޭ އެއައީ. މަންމަގެ ދަރިފުޅު މަންމައަށް ގެއްލިއްޖެ. މިއަދު ފައުޒީ މަތިން ވަރަށް ހަނދާންވެއްޖެ. ހިތަށްއަރާ މިދުވަސް ދެކެން އަހަރެން ދުނިޔޭގައި ހުރީ ކީއްވެގެންބާއޭ... ފައުޒީ ދިޔައިރު އަހަރެންވެސް މިދުނިޔެއިން ގެންދެވިނަމަ....." ޙާއިޝާ ވާހަކަދައްކަމުން ދިޔައެވެ.

"މަންމާ! ހެޔޮނުވާނެ. ތިކަހަލަ މޮޔަވާހަކަ ނުދައްކާ. މަންމަ ތިހާ ހިތްބަލިވީ ކޮންއިރަކު؟ މަންމަ ތިގޮތަށް ހިތްވަރުދެރަކުރަންޏާ އަހަރެންނަށް ވިސްނައިދޭނީ ކާކު...؟ ހުއްޓާލާ. ހިނގާ އެފަރާތަށް އެއްޗެއް ކާލަން" އިރާނިޔާ ޙާއިޝާގެ ދެލޯކައިރި ސާފުކޮށްލިއެވެ.

"ބަލައިބަލަ. މިއީ... މިއީ އަހަރެންގެ ދަރިފުޅު އަހަރެންނަށް ދިން އަނިޔާ... މި ހައްޤު އުނޭޝް ކަނޑާނީ ކިހިނެއް؟ އަހަރެންގެ މާފް ނުލިބުނިއްޔާ އޭނައަށް ދުވަހަކުވެސް ސުވަރުގެ ވަސްލިބޭ ހިސާބަށްވެސް ނުދެވޭނެ. އަހަރެންގެ ދަރިން ނަރަކައިގެ އަލިފާނުގައި ތެޅޭ މަންޒަރުދެކެން އަހަރެންނަށް ކެތްވާނެތަ؟ އެކަމަކުވެސް މަންމަ އުނޭޝްއަށް މާފްކޮށްފިން" އުނޭޝް އެއްލި ބިއްލޫރިތަށިން ޖެހި ޙާއިޝާގެ އަތުގެ ބޮޑުވައި އިނގިލި ކައިރިން ދުޅަވެފައި ހުރިތަން ފެނުމުން އިރާނިޔާގެ ދެލޯ ބޮޑުވިއެވެ. ވަގުތުން އެތަނުގައި އޭނާ ފިރުމައިލިއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟