ތޭރަވަނަ ބައި
އުނޭޝް ދިޔަކަން ޔަޤީންވުމާއެކު އާޝިދު ވިސްނައިލިއެވެ. އޭނާ އެކުރި ކަންތަކުގެ ސަބަބުން އިރާނިޔާ ހިތްހަމަނުޖެހި އެއްޗެއް ބުނެދާނެތީ ކަންބަޮޑުވިއެވެ. އުނޭޝްގެ ބަހުގެ ހަމަލާތައް އިރާނިޔާއަށް އަމާޒުވުމުގެ ކުރިން އާޝިދު ފިޔަވަޅު އަޅަން ބޭނުންވިއެވެ. އެހެންކަމުން ފޯނު ނަގާފައި އޭނާ ގުޅީ މީގެ ދެތިންދުވަސް ކުރިން އޭނާ އެކުވެރިކަން އުފެއްދި ޒަމްހާގެ ނަންބަރަށެވެ.
ގެސްޓްހައުސް އިން ނިކުތްގޮތަށް އާޝިދް ސައިކަލަށް އަރައިގެން ދުއްވާފައި ދިޔައީ ރަށުގައި ހުރި އެންމެބޮޑު ސުޕަރމާކެޓް ކައިރިއަށެވެ. ފިހާރައާއި މާދުރުނޫން ހިސާބެއްގައި އޭނާ މަޑުކޮށްލައިގެން އިންދާ ދެއަތުގައި ކޮތަޅުތަކެއް އެލުވާލައިގެން ޒަމްހާ އެދިމާލަށް އަންނަތަން ފެނުނެވެ. އާޝިދާއި އަރާހަމަވެފައި ޒަމްހާ ހީލިއެވެ.
"ހާދަ ވިޔަފާރިއެއް ކޮށްލައިގެން" އަވިއައިނު ނަގަމުން އާޝިދް ބުނެލިއެވެ.
"އާނ. މިއަދު ކުޑަކަމެއް ގޭގައި އޮތީމަ. ކޮންވާހަކައެއްތަ ބުނަން އުޅުނީ" ޒަމްހާ އަހައިލިއެވެ.
"މިތާ ތިބެތަ އެވާހަކަ ދައްކާނީ. ސައިކަލަށް އަރަންވީނުން. އަހަރެން ޒަމް ގެއާއި ހަމައަށް ގެންގޮސްދޭނަން. އޭރުން ސައިކަލް މަތީގައި އެވާހަކަވެސް ދެއްކޭނެއްނު" އާޝިދް ބުނެލިއެވެ.
ޒަމްހާ އެގޮތާއި އެއްބަސްވެ ސައިކަލް ފަހަތަށް އެރިއެވެ. އާޝިދް ދައްކަން ބޭނުންވާ ހުރިހާ ވާހަކަތަކެއް ޒަމްހާއާއި ދައްކަމުން ދިޔައެވެ. ޒަމްހާގެ ފަރާތުން އޭނާއަށް ބޮޑު އެއްބާރުލުމެއް ލިބޭނެކަން އޭނާއަށް އިނގެއެވެ.
"އެހެންވީމަ ކޮންއިރަކުން ޒަމް އީރަން އާ ބައްދަލުކުރާނީ" ޒަމްހާގެ ގޭ ކައިރީގައި ސައިކަލް މަޑުކޮށްލަމުން އާޝިދް އަހައިލިއެވެ.
"ދާނަން ހަވީރު. އެކަމު އޭގެކުރިން ގުޅާފަ ބުނާނަން މުހިންމު ވާހަކައެއް ދައްކަންވެފަ އޮތް ވާހަކަ" ޒަމްހާ ބުނެލިއެވެ.
އޮފީސް ނިންމާފައި ގެއަށް ވަން އުނޭޝް ކުޅޭ ހެދުމުގައި ބޭރަށް ނިކުންނަން ދިޔަ އަދްޔަންއަށް ގޮވައިލިއެވެ. ބިންމަތީގައި ތަޅަމުން ދިޔަ ބާސްކެޓް ބޯޅަ މަތަކޮށްލަމުން އަދްޔަން އުނޭޝްއަށް ބަލައިލިއެވެ.
"އާޝިދް ގެއަށް އަތުވެއްޖެތަ؟" އުނޭޝް އަހައިލިއެވެ.
"ހިއެއްނުވޭ." އަދްޔަން ބުނެލިއެވެ.
ކޮޓަރިއަށް ވަނުމުގެ ބަދަލުގައި އުނޭޝް ބަދިގެއާއި ދިމާލަށް ދިޔައީ އިރާނިޔާ ހޯދަމުންނެވެ. ޙާއިޝާގެ ކޮޓަރީގައި ޓަކި ޖަހަންް ނުކެރި ބަދިގެއާއި ދިމާލަށް ދިޔައީ އެތަނުގައި އިރާނިޔާ ހުރެދާނެ ކަމަށެވެ. ވީވެސް އެހެންނެވެ. ފެންފުޅިއެއް ކުރިމަތީގައި ބަހައްޓައިގެން މޭޒު ކައިރީގައި އިރާނިޔާ އިނީ ވިސްނުމަކަށް ގެއްލިފައެވެ. އިރުކޮޅަކާ އެއް އަތުން ބަނޑުގައި ފިރުމާލައެވެ. އުނޭޝް އަންނަތަން ފެނުމާއެކު އިރާނިޔާއަށް ވިސްނުމުގެ ދުނިޔެއިން ބޭރުވެވިއްޖެއެވެ.
"ކް...ކިހިނެއްވީ؟ އެއްޗެއް ބޭނުންވީތަ...؟" އުނޭޝް އަރާ ހަމަވުމާއެކު އިރާނިޔާ އަހައިލިއެވެ.
"އަހަރެން އެދޭކަމެއް ކޮށްދޭނަންތަ؟" އުނޭޝް ބުނެލިއެވެ.
"ޕްލީޒް... އަހަރެންނަށް ވާވަރުގެ ކަމެއްގެ ވާހަކަ ބުނާތި. މިއަދު މިއުޅެނީ އަހަރެންގެ ބަނޑަށް ފާޑެއްގެ ތަދެއް އަރާވަރުން. އުނޭ އެންމެ ފަހަރަކު ކީއްވާނީ އަހަރެން ކައިރީގައި ހާލު އަހައިލިއްޔާ." އިރާނިޔާ ވާހަކަދެއްކިއެވެ.
"ބޭކާރު ވާހަކަ އަހާކަށް އަހަރެންނަށް ވަގުތެއްނެތް. ރާނީއަކީ އަހަރެން ހީކުރި ކަހަލަ އަންހެނެއްނޫން. ތި ހިތްހެޔޮކަމާއި ހިތްތިރިކަމުގެ ފަހަތުގައި ފޮރުވިފައިވާ ނުބައި ނުލަފާކަން މިއަދު އަހަރެންނަށް އިނގިއްޖެ" އުނޭޝް އިރާނިޔާއާއި ދިމާލަށް ގޮވައިގަތެވެ.
"ހެޔޮނުވާނެ އުނޭ. އަހަރެންގެ ކުށަކީ ކޮބާ؟ އަހަރެންނަށް އިނގިގެން ދުވަހަކުވެސް ނުބައިކަމެއް ނުކުރަން. ނުވެސް ކުރާނަން" އިރާނިޔާއަށް ރޮވިއްޖެއެވެ.
"އުނޭގެ ހިތުގައި އަހަރެންގެ މައްޗަށް އޮތް ލޯބި ފިލައިގެން ދިޔަސް އިތުބާރު ފިލައިގެން ހިނގައިދާނެކަމަށް ހިއެއް ނުކުރަން" އިރާނިޔާއަށް ރޮވެމުން ދިޔައެވެ.
"އަހަރެންގެ ދިރިއުޅުމުގައި ތަމަން ގެނެއްސަ އެހުރި މަގާމަށް ދުވަހަކުވެސް ދެން ރާނީ ނުގެންނާނަން. އަހަރެންގެ ހިތުގައި މިހާރު ރާނީއަށް އެއްވެސް އިހުސާސެއްނެތް. އަހަރެންގެ އަންބެއްގެ ގޮތުގައި ރާނީ ތިހުރީ ހަމައެކަނި މަންމައަށްޓަކައި. އެކަން ހަނދާންނައްތާނުލާތި. އަހަރެންގެ އަނގައިން މި އެއްޗެހި ކިޔާ އަޑު އަހަން ބޭނުންނުވަންޏާ މީގެފަހުން އާޝިދާ ރާނީ އެއްވެސް ގުޅުމެއް ބާއްވައިގެން ނުވާނެ" އުނޭޝް އިރާނިޔާއަށް ފުރަގަސްދީ ހިނގައިގަތުމާއެކު އިރާނިޔާއަށް އަޑުންއަޑު ނަގާފައި ރޮއެގަނެވިއްޖެއެވެ. އުނޭޝްއާއި ދިމާލަށް އަތްވެސް ދިއްކޮށްލެވުނެވެ. ގޮނޑީގައި އިށީނދެވުނު ގޮތަކުން ބަނޑަށް ތޫނު ތަދެއްވެސް އަރައިގެން ދިޔައެވެ. މޭޒުމަތީގައި ބޯއަޅާލެވުނުއިރު އޭނާއަށް ގަދައަށް ރޮވެމުން ދިޔައެވެ. ކޮންފަދަ އަނިޔާވެރި ބަސްތަކެއް ހެއްޔެވެ؟
ސާޅީސްމިނިޓް ފަހެވެ. ޙާއިޝާ ބޭރަށްދާން ހުރެ ތައްޔާރުވެގެން ސިޓީންގރޫމާއި ބޭރުުގޯތި ހޯދަންފެށީ އިރާނިޔާ ފެންނަން ނެތުމުންނެވެ. އެންމެފަހު ތަނަކަށް ބަދިގޭ ދޮރަށް އެރިއިރު އިރާނިޔާ މޭޒުގައި ބޯއަޅާއިގެން އޮތްގޮތަށް އޮތެވެ. ބަދިގެތެރޭގައި މަސައްކަތެއްގައި ހުރި ކަމްލާ ފެނުމުން ޙާއިޝާ ހީލިއެވެ.
"އަހަރެން މިވަރަށް ރާނީ ހޯދާއިރު ކަމްލާ ތިހުންނަނީ އަނގައިންވެސް ނުބުނެ... ދަރިފުޅާ... ރާނީ..." އިރާނިޔާގެ އިސްތަށިގަނޑުގައި ފިރުމައިލަމުން ޙާއިޝާ ގޮވައިލިއެވެ. އިރާނިޔާގެ ހަބަރެއް ނުވުމުން ޙާއިޝާ ކަންބޮޑުވިއެވެ. ގުދުވެފައި އިރާނިޔާގެ މޫނުގައި ހިފާ އަނބުރާލައިލިއެވެ. ހަބަރު ހުސްވެފައި އޮތް އިރާނިޔާ ފެނުމުން ޙާއިޝާއަށް ހީވީ އޭނާގެ ނޭވާ ހިނދުކޮޅަކަށް ހުއްޓުނުހެންނެވެ.
"ދަރިފުޅާ... ރާނީ... މާތްކަލާކޮ މަގޭ ދަރިވެސް މަރުވީތަ..؟؟ ރާނީ.." ޙާއިޝާ ރޮއެގަތެވެ. އޭނާގެ ހިތް ރޯމަހެއް ތެޅޭ އުސޫލުން ތެޅެމުން ދިޔައެވެ.
"ކަމްލާ... ފެންތައްޓެއް ގެނެސްބަލަ" ޙާއިޝާ ބުނެލިއެވެ. ކަމްލާގެ ހަރަކާތްތައް އަވަހެވެ. ޙާއިޝާ ޖުމްލަ ފުރިހަމަ ކުރިއިރު ކަމްލާ ހުރީ ފެންތަށި ހިފައިގެން އައިސް ޖައްސާފައެވެ.
"ރާނީ... މަގޭ ދަރިފުޅާ... ލޯ ހުޅުވަބަލަ.. ކަމްލާ ދޭބަލަ އުނޭޝްއަށް ގޮވަން" ޙާއިޝާ ބުނެލިއެވެ.
ހިތްއަވަސްވެފައި ހުރިވަރުން ކަމްލާއަށް ކޮޓަރީ ދޮރުގައި ޓަކިޖެހުނީ ތަންކޮޅެއް ބާރަށެވެ. ރަޖައިން ތަމަންގެ ހަށިގަނޑު ފޮރުވުމަށްފަހު ހުސްގަޔާ ހުރި އުނޭޝް އައިސް ދޮރު ހުޅުވައިފިއެވެ.
"ރާނީމެޑަމް ބަލިވަނީ. ދައްތަ ގޮވަނީ.." ކަމްލާ ބުނެލިއެވެ.
"ކަމްލާ މަންމަ ކައިރީގައި ބުނޭ ރާނީގެ އެއްވެސް ކަމަކު އަހަރެންނަށް ގޮވައިގެން ނުވާނޭ" އުނޭޝް ބުނެލިއެވެ.
"އެކަމަކު ރާނީމެޑަމް ވަރަށްބޮޑަށް ބަލިވަނީ" ކަމްލާ ބުނެލިއެވެ.
"އޭނަ އެބުނީނު ނުދާނަމޭ. ދެން ކަމްލާ ކޮން ބޭކާރު ވާހަކައެއްތަ ތިދައްކަނީ" އެނދުގައި އޮތް ތަމަންނީގެ އަޑުު އިވުމާއެކު ކަލްމާ އަވަހަށް ހިނގައިގަތެވެ.
ގޭތެރެއަށް މީހަކު ވަންކަން އިނގުމުން ކަމްލާ ބަލައިލިއިރު ލަސްފިޔަވަޅު ތަކެއްގައި އާޝިދް އަންނަތަން ފެނުމުން ކަމްލާ އެދިމާލަށް ދުއްވައިގަތެވެ. ކަމްލާ ދުވެފައި ގޮސް އާޝިދް ކައިރީގައި ހުއްޓުމާއެކު އޭނާ ސިހިގެން ދިޔައެވެ.
"ރާނީމެޑަމް...." އެހިސާބަށް ކަމްލާއަށް ބުނެވުމާއެކު އާޝިދްގެ ކަންފަތުގައި ޙާއިޝާގެ ރުއިމުގެ އަޑު ޖެހުނެވެ. އަތުގައި އޮތް ފޯނު ލައިގެންހުރި ފަޓްލޫމުގެ ޖީބަށް ކޮށްޕާލަމުން އާޝިދް އަޑުއައި ދިމާލަށް ދުއްވައިގަތެވެ.
"ދަރިފުޅާ... މަގޭ ދަރި ނޭވައެއްވެސް ނުލާ ކަންނޭނގެ" އާޝިދް ފެނުމާއެކު ޙާއިޝާ ރޮއެގަތެވެ. ޙާއިޝާގެ ބަނޑުގައި މޫނު ލައްވެފައި އިން އިރާނިޔާގެ ދެއަތް ތިރިއަށް އެލިފައި އޮތް މަންޒަރުފެނި އާޝިދަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ކެހިގެން ދިޔަހެންނެވެ. އެއްވެސް މީހަކަށް ބެލުމެއްނެތި އިރާނިޔާ މޫނުގައި ހިފާ އެމޫނާއި ހަމައަށް އޭނާ ތިރިވެއްޖެއެވެ. އާޝިދްގެ ދެލޮލުން ހިފެހެއްޓުމެއްނެތި ފައިބަމުންދިޔަ ކަރުނަތަކާމެދު ޙާއިޝާގެ ހިތުގައި އެއްވެސް ސުވާލެއް ނުއުފެދުނެވެ. އާޝިދްގެ އަތްމައްޗަށް އިރާނިޔާ އުފުލައިލިއިރު ހީވީ ލުއި ފަތެއްހެންނެވެ. ދުވަމުން ކަހަލަ ގޮތަކަށް ގޭދޮރު މައްޗަށް ނިކުމެވުނު ވަގުތު އެއީ ގޭދޮރުމައްޗަށް ކަމްލާ ގުޅައިގެންހުރި ޓެކްސީ މަޑުކޮށްލި ވަގުތެވެ. ޓެކްސީއަށް ޙާއިޝާ އެރުމުން އާޝިދް އިރާނިޔާ ފަހަތުގައި ބާއްވައިލީ ޙާއިޝާގެ އުނގުމަތީގައި އިރާނިޔާގެ ބޯއަޅާލައިގެން އޮވެވޭ ގޮތަށެވެ. ޓެކްސީ ނައްޓައިލުމާއެކު އާޝިދް ދުވެފައި ދިޔައީ އޭނާގެ ސައިކަލާއި ދިމާލަށެވެ. ދުއްވާލުމުގެ ކުރިން އޭނާ ގުޅާފައި އެހަބަރު ޒަމްހާއަށް ދިނެވެ.
ހޮސްޕިޓަލުގައި އިރާނިޔާއަށް ފަރުވާދޭން ފެށިތާ މާގިނައިރު ނުވަނީސް އޭނާ ހޭއަރައިފިއެވެ. ބޭރު ގޮނޑީގައި އިން ޙާއިޝާ އިސްއުފުލާ ބަލައިލީ އަވަސްފަރުވާ ދޭ ބައިން ނިކުތް ޒަމްހާ ފެނުމުންނެވެ. ޙާއިޝާއާއި ދިމާލަށް ހިނގައިގަނެފައި ޒަމްހާގެ ނަޒަރު ހުއްޓައިލީ ކުޑަދޮރުގެ ކަނީގައި އަތްއަޅައިގެން ފުރަގަހަށް ހުރި އާޝިދަށެވެ.
"ޙާއިޝާއްތާ... އަލްޙަމްދުﷲ... ރާނީގެ ދަރިފުޅުގެ ހާލު ރަނގަޅުކަމަށް އަންހެނުންގެ ޑޮކްޓަރ ބުނީ. އެކަމަކު ރާނީ އެހާ ރަނގަޅެއްނޫން" ޙާއިޝާ ކައިރީގައި އިށީންނަމުން ޒަމްހާ ބުނެލިއެވެ.
"ﷲ އަށް ހަމްދުހުރި. ރާނީއަށް ކިހިނެއްވީ...؟ ހޭއަރައިފިތަ؟" ޙާއިޝާ އަހައިލިއެވެ. އާޝީދް ބަލައިލާފައި އެދިމާލުގައި އައިސް ހުއްޓުނެވެ.
"ރާނީ ހޭއަރައިފި މިތަނަށް ގެނައިތާ ފަސްވަރަކަށް މިނިޓް ތެރޭގައި. މަށަށް ހީވަނީ ރާނީ ރަނގަޅަށް ނުކަނީހެން. ބީޕީ ވަރަށް ލޯކޮށް ހުރީ. ޑޮކްޓަރ ވެސް ބުނި މާބަނޑު އިރުގަ މިގޮތަށް ދިމާވުމަކީ ދެމައިންނަށްވެސް ނުރައްކާވެދާނެ ކަމެކޭ. ހިނގާ އެތެރެއަށް" ގޮނޑީގައި އިން ޙާއިޝާ އަތުގައި ހިފާ ނަގަމުން ޒަމްހާ ބުނެލިއެވެ.
"ޒަމް...!!" ޙާއިޝާ އެތެރެއަށް ވައްދާފައި ޒަމްހާ މަޑުކޮށްލީ އާޝިދް ގޮވައިލުމުންނެވެ.
"އަހަރެން މިދަނީ ދާން. ރަނގަޅު ވަގުތަކުން އީރަންއާއި ވާހަކަދައްކާފައި ވީގޮތް އަހަރެން ކައިރީގައި ބުނައްޗެ އިނގޭ. އަހަރެން ކޮންމެތަނެއްގަ ހުއްޓަސް އީރަންގެ ހާލު ބަލާނަން" އާޝިދް ވާހަކަދެއްކިއެވެ. ޒަމްހާ ބޯޖަހައިލާފައި އެތެރެއަށް ވަނެވެ.
ޒީކްއާއިއެކު ސަކަރާތް ޖަހަމުން ގޭތެރެއަށް ވަން ޝެނަލްއަށް ޙައިރާންކަމެއް ލިބުނީ ސަބްރީންއާއި އެކު ސޯފާގައި އިން ތަމަންނީ ފެނިފައެވެ. ކައިވެނި ކޮށްގެން ދިޔަފަހުން ޝެނަލްއަށް ތަމަންނީ ފެނުނު މިއީ ފުރަތަމަ ފަހަރެވެ.
"ތަމަން...!! އަހަރެން ހީކުރީ އަހަރެމެން މަތިން ހަނދާންނެތުނީ ކަމަށް. ކޮން ދަތުރެއް؟ ކޮބާ ފިރިކަލުން؟" ތަމަންނީ ކައިރީގައި އިށިންނަމުން ޝެނަލް އަހައިލިއެވެ. ޒީކް އިށީނީ ވަކިން ހުރި ސޯފާގައެވެ.
"ޒީކް..! ގޭ މީހުން ރަނގަޅުތަ؟" ސަބްރީން އަހައިލިއެވެ.
"މަންމަ ކޮފީ ހަދާލާފައި ގޮވާލީމަ އާދޭ އިނގޭ ކޮފީބޯން ތިން ކުދިން" ޒީކް ބޯޖަހައިލުމުން ތެދުވެ ބަދިގެއާއި ދިމާލަށް ހިނގައިގަންނަމުން ސަބްރީން ބުނެލިއެވެ.
"ކިހިނެއްވެގެން މާދެރަވެފަ ތިއިންނަނީ؟ ލައިފް ރަނގަޅުތަ؟" ތަމަންނީއާއި ދިިމާލަށް އެނބުރި ސޯފާ މައްޗަށް އެއްފައި އަރުވަމުން ޝެނަލް އަހައިލިއެވެ.
"ކިހިނެއްވާނީ. ފާޑެއްގެ އަންހެނެއް އަހަރެންގެ ފިރިމީހާއާއި ފާވެގެން ނެއްޓެން ނޭނގިގެން މިއުޅެނީ. ހުވާ މިބުނީ އަހަރެން މޮޔަވެދާނެ އެ އަންހެނާއާއި އެއް ގެއެއްގަ އުޅެން ވެއްޖިއްޔާ" ތުންފަތް އެއް އަރިއަކަށް ދަމައިލަމުން ތަމަންނީ ބުނެލިއެވެ.
"ވަޓް...؟ އެގޭގަތަ އެ އަންހެނާ އުޅެނީވެސް. ތަމަން ކެތްގަދައެއްނު އެހެންވީމަ. އަހަރެންނަމަ ނޫޅޭނަން" ޝެނަލް ބުނެލިއެވެ.
"ޝާނީ ނަމަނު. އެއީ ފިރިމީހާ މަންމަގެ ވަރަށް ގާތް އަންހެނެއް. އެހެންވެ އެއްޗެއް ނުބުނަން ހުންނަނީ. އަހަރެން ކަންބޮޑުވަނީ އުނޭގެ ހިތް އެ އަންހެނާއަށް ލެނބިދާނެތީ" ތަމަންނީ ބުނެލިއެވެ.
"އަހަރެން ބުނަންތަ ވާހަކައެއް. ތަމަންއަށް ވުރެ އަހަރެން އުމުރުން ހަގަސް ރަނގަޅު އެއްޗެއް އަހަރެންނަށްވެސް ބުނެވިދާނެ ދޯ. ތިބުނާ ކަހަލަ އަންހެނުންދެކެ އަހަރެން ވަރަށް ވަރަށް ރުޅިއާދޭ. އެއްގޮތަކަށްވެސް ދެރަނުވޭ. ޖެއްސުންކޮށްގެންވެސް އޭނަ ތިގެއިން ފައްސާލާ. ނޫންތަ ޒީކް...؟" ޝެނަލްގެ ވާހަކަތައް ނިންމައިލީ ޒީކަށް ބަލަހައްޓައިގެން އިނދެއެވެ.
"އާނ... އަންހެނަކަށްވެ ހުރެ އަންހެނެއްގެ ދިރިއުޅުން ހަލާކުކުރާނީ ވަރަށް ގޮތެއްނެތް އަންހެނުން" ޒީކް ބުނެލިއެވެ.
"އެހެންވީމަ ތިއެންމެން އަހަރެންނާ އެއްބައި ދޯ މިކަމުގަ" ހީލަމުން ތަމަންނީ ބުނެލިއެވެ.
"އާނ. ޔަޤީނެއްނު. އަހަރެންނަށް ތިބުނާ މީހާ މަގުމަތިން ދައްކާލައްޗެ އިނގޭ. ލަދުގަންނަވަރު ކުރާނަން ދޯ ޒީކް" ޒީކް ބޯޖަހައިލިއެވެ.
ބާލީހުގައި ލެގިގެން އިން އިރާނިޔާއަށް ކާއެއްޗެއް ދެވޭތޯ ޙާއިޝާ މަސައްކަތް ކުރަމުން ދިޔައެވެ. ގަޑިިން އިޝާނަމާދު ފަހަނައަޅާ ގޮށްސިއެވެ.
"މަންމާ! ދެން ބަހައްޓާލާ. އަޅުގަނޑު ފަހުން ތިި ކާލާނަން" އިރާނިޔާ ބުނެލިއެވެ. ޙާއިޝާ ތަށި ބަހައްޓާފައި މަތިޖެހިއެވެ. އެއަށްފަހު ފެންތަށި އިރާނިޔާގެ ތުނބުގައި ޖެއްސިއެވެ.
"މަންމާ!! ކިހާ އިރެއް މިތަނުގައި ތިހެން އުޅޭތާ. ދެން ގެއަށްދާންވީނުން. އަދި ނަމާދުވެސް ނުކުރަމެއްނު" އިރާނިޔާ ވާހަކަދެއްކިއެވެ.
"މަންމަ ގެއަށްދާނީ ރާނީ ދޫކޮށްލީމަ. ދަރިފުޅު ތިހެން އިންދަ މަންމަ ކިހިނެއް ގޭގައި ހުންނާނީ؟" ގޮނޑީގައި އިށީނދެ އިރާނިޔާގެ އަތްތިލައިގައި ހިފައިލަމުން ޙާއިޝާ ވާހަކަދެއްކިއެވެ.
"އަހަރެން މިހިރީނު. ޙާއިޝާއްތަ ދޭ ގެއަށް ގޮސް ފެންވަރާލައިގެން ނަމާދުކުރަން. ޑޮކްޓަރ ދުރުވިހާ އަވަހަށް ރާނީ ޑިސްޗާޖް ކުރާނެ" ނަރުހުންގެ ޔުނީފޯމުގައި އެތެރެއަށް ވަދެގެން އައި ޒަމްހާ ވާހަކަދެއްކިއެވެ.
"ތެދެއް މަންމަ ދޭ. އަދޫއާ އުނޭއަށް ކާންހަދައިވެސް ދޭންޖެހެއެއްނު. އަޅުގަނޑު ގުޅާނަން މަންމައަށް. ޒަމް! ގުޅާބަލަ އަދޫއަށް މަންމަ ބަލާ އަންނަން" އިރާނިޔާ ވާހަކަދެއްކިއެވެ.
އަދްޔަން އައިސް އިރާނިޔާ އޮތް ވޯޑަށް ވަނެވެ. ހުދުކުލައިގެ ބެޑްޝީޓް މަތިން އިރާނިޔާގެ ފައިގައި ފިރުމައިލިއެވެ. އިރާނިޔާއާއި މެދު ކަންބޮޑުވެފައިވާ މިންވަރު އަދްޔަންގެ މޫނުމަތިން ހާމަވާން ހުއްޓެވެ.
"އަދޫގެ ބޭބީ ބަރާބަރު. އަވަހަށްދޭ މަންމަ ގޮވައިގެން. މަޑުން ދުއްވައްޗެ އިނގޭ" ހީލަމުން އިރާނިޔާ ބުނެލިއެވެ. އަދްޔަންއަށް ވެސް ހެވިއްޖެއެވެ.
ޙާއިޝާާއާއި އަދްޔަން ދިޔަތާ ކުޑައިރުކޮޅެއް ފަހެވެ. އިރާނިޔާ ކައިރީގައި ޒަމްހާ އިށީނދެގެން އިނެވެ. އިރުކޮޅަކާއި އިރާނިޔާގެ މޫނަށް ޒަމްހާ ބަލައިލިއެވެ.
"ޒަމް ކީއްވެތަ މާ ވިއަރޑްކޮށް ތިބަލަނީ" އެންމެފަހުން އިރާނިޔާ އަހައިލިއެވެ.
"ދެން ބުނެބަލަ. ކިހިނެއްވީތަ އަސްލު" ޒަމްހާ އަހައިލިއެވެ.
"އުނޭ އަހަރެންނަށް ސިޑް އާ ވާހަކަދެއްކުން މަނާކޮށްފި. މިއަދު ފުރަތަމަ ފަހަރަށް ބުނެފި ދުވަހަކުވެސް ތަމަން ހުރި ހިސާބަށް އަހަރެން ނުގެންނާނެ ވާހަކަ. ޒަމް! ހަމަ ރަނގަޅަށްވެސް އުނޭ މިހާރު އަހަރެންދެކެ ލޯތްބެއްނުވޭ" ދެކަކުލުގައި ދެއަތް އަޅުވާލައިގެން ފާރުގައި ބޯޖައްސާލައިގެން އިން އިރާނިޔާގެ ދެލޮލުގެ އަރިމަތިން ކަރުނައެއް ފައިބައިގެން ދިޔައެވެ.
"ރާނީ...!! ތިކަމަށް ދެން ހޭނެން ވެއްޖެއްނު. އުނޭ ދެން އެއީ ރާނީއަށް ލިބޭނެ މީހެއްނޫނޭ. މީހަކަށްޓަކައި އަމިއްލަ މީހާގެ ދުވަސްދުއްވާނުލާ. ރާނީގެ ބަނޑުގައި ތިވާ ކުޑަދަރިފުޅާ މެދު ވިސްނަބަލަ. ތިދަރިގެ ބަފަޔަކީ އުނޭޝް ކަމުގައި ވިޔަސް ތިބުރަ ތި އުފުލަނީ ރާނީ އެކަންޏެއްނު. ހިތްވަރުކޮށްފަ ތިދެލޯ ރަނގަޅަށް ހުޅުވަބަލަ. ރާނީ ވިސްނަބަލަ ރާނީއަށް އުފާވެރިކަން ލިބޭނީ ކިހިނެއްތޯ" ޒަމްހާ އިރާނިޔާއަށް ވިސްނައިދެމުން ދިޔައެވެ.
"ނޫން. އަހަރެންގެ ހިތްބުނޭ އަދިވެސް އުނޭ އަހަރެންނާ މެދު ވިސްނައޭ. އެހެންނޫންނަމަ މިތަނަށް އަހަރެން ނުގެންނާނެއްނު. މިތަނަށް ނުވަނަސް އޭނަ އަހަރެންނަށް އަވަސްފަރުވާ ދިނުމަށް މަސައްކަތް ކޮށްފިއެއްނު" އިރާނިޔާ ބުނެލިއެވެ.
"ތެދެއް ބުނަންތަ. އުނޭޝް ރާނީދެކެ ވީ ވަގުތީ ލޯތްބެއް. އެކަން ރާނީ ޤަބޫލުނުކުރިޔަސް ބާކީ ތިބި އެންމެން ޤަބޫލުކުރާނެ. ސިޑް ރާނީދެކެ ހާދަ މާތް ލޯތްބެކޭ އެވަނީ. ރާނީ މިތަނަށް ގެނައީ އުނޭޝްއެއް ނޫން. އާޝިދް. ރާނީ ފެއިންޓްވެފަ އޮތް ވާހަކަ ބުނުމުން އުނޭޝް ކުރީ އިންކާރު. ރާނީދެކެ ވާ ތެދުވެރި ލޯތްބަށްޓަކައި ރާނީ މިތަނަށް ގެނައީ އާޝިދް" ޒަމްހާ ވާހަކަދެއްކިއެވެ. ޚައިރާންވެފައި އިރާނިޔާއަށް ޒަމްހާގެ މޫނަށް ބަލައިލެވިއްޖެއެވެ.
"އާނ... ރާނީ... އަހަރެންނަށް ސިޑް ގުޅި. ރާނީ އާ ބެހޭގޮތުން ވަރަށް ވާހަކަދެއްކި. އަހަރެން ކިޔާވެސްދިނިން. އަދި ސިޑް އުނޭޝްއަށް ހުރިހާވާހަކައެއް ކިޔައިދީފި. މިބުނީ ރާނީއާ ބެހޭގޮތުން. އުނޭޝް ކައިރިއަށް އެހާ ރުޅި އެއައީ އެހެންވެ. ރާނީއަށްވެސް އިނގެއެއްނު ސިޑްއަކީ ވަރަށް ސްޓްރެއިޓް ފޯވަރޑް މީހެއްކަން. އޭނަ ފަހެއް ނުޖެހޭނެކަން" ޒަމްހާ ވާހަކަދެއްކިއެވެ.
"ސިޑް ވަރަށް ގޯސް. އެގޮތަށް ކަންތައްކުރީމަ އުނޭ ހައްތަހާ ބޮޑަށް އަހަރެންދެކެ ފޫހިވާނީ. ސިޑް އެކުރީ އަލިފާނަށް ތެޔޮ އެޅުން ކަހަލަ ކަމެއް" އިރާނިޔާ ބުނެލިއެވެ.
"އަދިވެސް ސިޑް ތަ ގޯހީ.... ރާނީ ތިވިސްނަނީ ކިހިނެއް؟ އެހެން އަންހެނެއް ބަނޑުދަށަށް ލައިގެން އޮވެ ނިދާއިރު އޭނަ ކީއްވެތަ ރާނީއަށް އުފަލެއް ލިބުމަށް ނޭދެނީ. ރާނީ ވީ ފިޔަކޮށާލާފައި އިން ދޫންޏެއްހެން ގޭތެރޭގައި އިންނަންތަ؟ ރާނީ ބޭނުންވަނީ އުނޭޝްގެ ފައިބުޑަށް ވެއްޓި އާދޭސް ކުރަންތަ؟ ނޫނީ ތަމަންނީ އާ އުނޭޝްގެ ލޯބީގެ ކުޅިގަނޑު ބަލަން އެކަމަށް ހިތްވަރުދޭން އަތްޖަހަން އިންނަންތަ؟ އެހެންވިއްޔާ ރާނީ ތިގޮތަށް ކުރިއަށްދޭ. އަހަރެންގެ ސަޕޯޓެއް ނުލިބޭނެ" ޒަމްހާ ވާހަކަދެއްކިއެވެ.
"ނޫން. ތިހެންނުބުނޭ. ޒަމް! އަހަރެން ދެން ކިހިނެއް ހަދަންވީ؟ އަހަރެންނަށް ނުކެރޭނެ ސިޑް ކުރިމައްޗަށް އަރާކަށް. ސިޑް ވާހަކަދައްކައިފިއްޔާ ނުދައްކާ ހުންނަންވެސް ނުކެރޭނެ. ދެއްކިކަން އިނގިއްޖިއްޔާ އުނޭ އަހަރެން ވަރިވެސް ކޮށްފާނެ" ޒަމްހާގެ އަތުގައި ހިފަމުން އިރާނިޔާ ބުނެލިއެވެ.
"އަހަރެން އެއްކަމެއްގެ ޔަޤީންކަން ދީފާނަން. ރާނީ ނުދައްކަނިސް ސިޑް އަނގައިން ނުބުނާނެ. ދެން އަނެއް ވާހަކައަކީ އުނޭޝްދެކެ ތިހާ ބިރުން ނޫޅޭ. ތިބުނާ ދުވަސް ވަރަށް ގާތްވެއްޖެހެން މަށަށް ހީވަނީ. އުނޭޝް ދިރިއުޅުން ވިސްނަނީ ރާނީއާއެކު ނޫން" ޒަމްހާ ބުނެލިއެވެ. އިރާނިޔާ ބަހެއްނުކިޔާ ވިސްނުމަކަށް ގެއްލިފައި އިންކަހަލަ ގޮތަކަށް ބުނެލިއެވެ.
"އަހަރެން ދުވަހަކުވެސް ރާނީއަށް ދެރައެއް ލިބެން ނޭދޭނަން. އަހަރެން ވަރަށް ލޯބިވޭ ރާނީދެކެ. އަހަރެންގެ ބަސްޤަބޫލުކުރަންޏާ ގޭތެރޭގަ ތަންކޮޅެއް ގަދަވެލައިގެން އުޅޭ. އަންހެނަކަށް ވީތީ އަމިއްލައަށް ނިކަމެތިނުވޭ. އުނޭޝް ހިތު ހުރިހާ ގޮތެއް ހަދަންދެން ނުހުރޭ" އިރާނިޔާގެ މޫނުގެ ދެފަރާތުގައި ހިފައިލަމުން ޒަމްހާ ބުނެލިއެވެ.
"ދެން އަވަހަށް ދެލޯ ކައިރި ފޮހެލަމުން ފްރެޝްވެލާ. ޑޮކްޓަރ ދުރުވެއްޖެހެން ހީވަނީ" ޒަމްހާ ވޯޑުން ނިކުންނަން ދިޔައެވެ.
"ޒަމް! އަހަރެން ބުނީ އަހަރެން ސިޑް އާ ވާހަކަދައްކަންވީތަ؟" އިރާނިޔާ އަހައިލިއެވެ. ޒަމްހާ ހީލިއެވެ. ވޯޑުގެ ދޮރާއި ހަމައަށް ގޮސްފައި ފަރުވާތެރިކަމާއެކު އިރާނިޔާގެ މޫނަށް އޭނާ ބަލައިލިއެވެ.
"ރާނީ ވިސްނަބަލަ ރާނީއަށް ހިތްހަމަޖެހުން ލިބެނީ ކިހިނެއްތޯ. ސިޑް އާ ވާހަކަދައްކައިގެންތޯ ނޫނީ އުނޭޝް ބުނިހެން ސިޑް އާ ދެމެދުގަ އޮތް އެކުވެރިކަންވެސް ކަނޑާލައިގެންތޯ. ރާނީ ގޮތްނިންމާ" ޒަމްހާ ވާހަކަދެއްކިއެވެ.
އިރާނިޔާ ގޮވައިގެން ޒަމްހާ ގޭތެރެއަށް ވަންއިރު އުނޭޝްއާއި ތަމަންނީ ސޯފާގައި ސަކަރާތްޖަހަން ތިއްބެވެ. ތަމަންނީ އިރާނިޔާއަށް ރުޅިވެރި ނަޒަރަކުން ބަލައިލިރު އުނޭޝްގެ ބެލުމުގައި ފޫހިކަމެއް ހުއްޓެވެ. ޒަމްހާ އިރާނިޔާގެ އަތުގައި ހިފައިގެން ހުރިއިރު އަނެއް އަތުގައި އިރާނިޔާގެ މެޑިކަލް ޑޮކިޔުމަންޓްތައް ހުއްޓެވެ.
"މީނަ ބޭނުންހާ ތަނަކަށް ތުއިދެއްކެން ދެވޭ ދޯ" ތަމަންނީ ބުނެލިއެވެ. އެއްޗެއް ބުނަން ޒަމްހާ އުޅުކުވަގުތު އިރާނިޔާ ހިފެހެއްޓިއެވެ.
"ރާނީ ހުރޭ. ކަލެއަށް ކީތް ރާނީ ކޮންމެ ތަނަކަށް ތުއި ދެއްކެން ދިޔައިއްޔާ. ލަދެއްވެސް ނުގަނެއެއްނު ރާނީގެ ދިރިއުޅުމަށް ވެއްޓި ބޭކާރު އަނގަ ތަޅުވަން" ޒަމްހާ ބުނެލިއެވެ.
"ޒަމްހާ...!!" އުނޭޝް އަޑުހަރުކޮށް ގޮވައިލިއެވެ. އިރާނިޔާ ދިޔައީ ސިހިގެންނެވެ. ޒަމްހާގެ ތުންފަތަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ.
"ކިހިނެއްވީ؟ އަހަރެން ތެދަށް އެއްޗެއް ބުނީމަ ހަޖަމެއްނުވިދޯ. ރާނީ އެ އައީ ހޮސްޕިޓަލް އެނދުގަ ޑޮކްޓަރުންނާ ނަރުހުންނަށް ތުއިދެއްކިފަ. އިނގިއްޖެއްނު" ޒަމްހާ އުނޭޝްއަށް ވެސް ދޫނުކުރިއެވެ.
(ނުނިމޭ)