ނަފުސަށް ހިމޭންކަން ވެރިވުމަށްފަހު އީވާއަށް ތެޅިގަނެވުނީ ކުއްލިޔަކަށެވެ. މާކިންގެ މޭގައި އަތްއަޅާ ދުރަށް ކޮއްޕާލެވުނެވެ. އީވާ ގެނައި ކުއްލި ހަރަކާތުން، އީވާގެ ހިކަނދިމަސްގަނޑުން މާކިންއަށް ދޫކޮށްލެވުނެވެ. އޭރު އީވާގެ މޫނުމައްޗަށް ރުޅިވެރިކަން ވެރިވެފައި ވިއެވެ. ހުއްދަ ހޯދުމެއް ނެތި އޭނަގެ ހަށިގަނޑުގައި މާކިން ބީހިލުމުން އެކަމާ އޭނަގެ މޭގަނޑު ކެކެން ފެށިއެވެ. އުފެދިގެން އައި ރުޅިވެރިކަމުގެ ތޫފާނާއެކު މާކިންއާ ދިމާއަށް ލޯއަޅާލެވުނެވެ.
''ގައިގަ އަތް ނުލާތި، ވާހަކަދައްކަންޏާ ހުންނަން ޖެހޭނީ ދުރުގަ!... އަހަރެން ނުޖެހޭނެ މިތަނުން ކެނޑިގެން ދާކަށް، ދަންޏާ މާކިން ދޭ، މަށެއް ނުދާނަން، ނިކަން ބަލާބަލަ އަހަރެން ދޭތޯ، މާކިން ގޮތް ދޫނުކުރަންޏާ އަހަރެން ވެސް ގޮތް ދުލެއް ނުކުރާނަން، މާކިންއާ ބެހޭކަމެއް ނޫން އަހަރެން މިތަނަށް ވަގުތު ދުއްވާލުން އަޔަސް، ނުވަތަ އާމްދަނީ ހޯދަން އަޔަސް... ތިމާއަށް ތިމާ ފެނިފަ ހުއްޓަސް ތީ ބޮޑުވަރު އެނގޭ، އަހަރެން ނުޖެހޭނެ މާކިން ބުނާ ގޮތަކަށް ކަންތައް ކުރާކަށް، އަދި މާކިންއަށް އެއްވެސް އެއްޗެއް ސާބިތުކޮށްދޭކަށް ވެސް، ތި ކާކުތަ އަހަރެންގެ މައްޗަށް އަމުރުކުރަން؟، ތިމާގެ ހައިސިއްޔަތު ދެނެގެން ވާހަކަދައްކާނީ!، މީގެ ފަހުން އަހަރެންގެ ގައިގައި އިނގިލި ކުރިން ބީހިލިޔަސް ޖިންސީ ފުރައްސާރަ ކުރިކަމަށް ބަލާނީ، އަޑު އިވިއްޖެތަ؟...'' ރުޅިވެރިކަމާއެކު އީވާ ބުނެލިއެވެ. އޭނަގެ އަޑު ތުރުތުރު އަޅައެވެ. ޒުވާބެއްގެ ކޮޅުމަތި ފެނިގެން ދިޔަ ވަގުތު އެތަނަށް ޖެނިފާ އައިސްފިއެވެ. އީވާއާއި މާކިން އެކަކު އަނެކަކަށް ދެމުން ދިޔަ ރުޅިވެރިކަމުގެ ބެލުންތަކަށް ފަރުވާތެރިވެގެން ޖެނިފާ ހުއްޓެވެ. ޒާތެއްގެ ހިންޏެއް ވެސް އަތުވެއްޖެއެވެ. އެފަދަ މަންޒަރެއް ދެކިލަން އޭނަ ބޭނުންވެފައި ހުރި ކަހަލައެވެ.
ޑިއުޓީ ނިމިގެން ދިޔަ އިރު ވެސް މާކިންއާއި އީވާއާ ދެމެދު ބަދަލުކުރެވެމުން ދިޔާ ރުޅިވެރިކަމުން ފުރިގެންވި ބެލުންތަކެވެ. ހީވަނީ ދެންމެދެންމެ ހޫނު ޒުވާބެއް ފަށައިފާނެހެންނެވެ. އެކަން ޖެނިފާއަށް ނިކަން މަޖާވިއެވެ. އޭނަ އެވާހަކަ ވެސް ދެއްކިއެވެ.
އެދުވަހު ޖެނިފާ ދެކެ އީވާ ފޫހިވިއެވެ. ޖެނިފާގެ މިޒާޖު ވިސްނައިގަނެވުނީތީއެވެ. މަސްރަހު ގަޑުބަޑުކުރަން ޖެނިފާ ދެމުން ދިޔަ ފޯރިއެއްގެ ސަބަބުން ދުރުގައި ހުންނަން އޭނަ ގަސްދުކުރިއެވެ. ހަމައެއާއެކު އޭނައާއި މާކިންއަށް ދެމުން ދިޔަ ޝައުޤުވެރިކަމާ މެދު ވެސް ހިތްހަމަނުޖެހުނެވެ.
*****
ޑިއުޓީ ނިންމާފައި އީވާއަށް ގެއަށް އާދެވުނު އިރު ބޮޑުކޮޓަރީގެ ސޯފާގައި ދެފައި ވަށްކޮށްލައިގެން ރައުހާ އިނެވެ. އަތުގައި އޮތް ބޯތަށީގައިވި އަލުވިފޮތިތައް ކަމުން ދިޔަ އިރު ދެލޯ ތަތްވެފައިވަނީ ޓީވީ ސްކްރީނާއެވެ. ދައްކަމުން ދިޔައީ ލޯބީގެ ފިލްމެކެވެ. ލޯބިވެރިން ވަދާއުގެ ސަލާންގަލާން ބަދަލުކުރަންމުދާ މަންޒަރުގެ ހިތްދަތިކަމާއި އަސަރު ރައުހާގެ ދެލޮލުގައި ވިދާބަބުޅަމުން ދިޔަ ކަރުނަތަކުން ރަމްޒުކޮށްދެއެވެ. ޖަޒުބާތުގެ ތެރޭގައި ގެނބެމުން ދިޔަ ވަގުތު ސިއްސައިގެން ދިޔައީ ބާރުބާރަށް ދޮރު ލެއްޕުނު އަޑު ކަންފަތާ ހަމައަށް ފޯރުމުންނެވެ. ސިހުނު ވަރުން އަތުގައި އޮތް ބޯތަށީގައި ހުރި އަލުވިފޮތިތައް ސޯފާ ކުރިމަތީ އޮތް ކާޕެޓު މައްޗަށް ވެސް ފައިބައިފިއެވެ.
ދެލޯބޮޑުކޮށްލަމުން ދޮރާއި ދިމާއަށް ރައުހާ ބަލައިލިއެވެ. ރުޅިއައިސް ރަތްވެފައި ހުރި އީވާ ފެނުމުން ޖަޒުބާތުގެ އަސަރު މޫނުމަތިން ފިލައި ހައިރާންކަން ވެރިވެއްޖެއެވެ. ހަވީރު ގެއިން ނިކުމެގެން ދިޔަ އީވާއާއި މިހާރު އޭނަގެ ކުރިމަތިން ފެންނަމުން ދިޔަ އީވާއާއި ދުވާލާއި ރޭގަނޑުގެ ތަފާތު އެބަހުއްޓެވެ. ކުރިން އެމޫނުމަތިން ފެނުނު ޖޯޝެއް އެމޫނުމަތިން ނުފެއެވެ. ތުންފަތުގައި ހިނިތުންވުމެއް ވެސް ނެތެވެ. އެއާ ޚިލާފަށް ބުމަ ވަނީ ގޮށް ޖެހިފައެވެ. މޫނުމަތިން ފެންނަނީ ރުޅިވެރިކަމެވެ.
ރައުހާއަށް ސޯފާއިން ތެދުވެވިއްޖެއެވެ. އީވާއަށް އައިސްފައި ހުރި ބަދަލުތަކަށް ފަރުވާތެރިވެލިއެވެ.
''ފުރަތަމަ ދުވަސް ހަމަ އެހާ ގޯސްކޮށްތަ ދިޔައީ؟...'' ރައުހާއަށް އަހާލެވުނެވެ. ''ކަމުދާ ގޮތެއް ނުވީތަ؟...''
ޖަވާބުދިނުމެއް ނެތި، ފަޔާ ވަކިކޮށްލި ބޫޓު ފައިވާން ހަރުގަނޑުގައި ބަހައްޓަމުން ބާރުބާރަށް ހިނގާފައި ގޮސް އީވާ ކޮޓަރިއަށް ވަނެވެ. އެމަންޒަރު ބަލަން ހުރި ރައުހާއަށް ކޮނޑު އަރުވާލެވުނެވެ. ފަހަތުން ދާން އުޅެފައި ވެސް ޚިޔާލު ދޫކޮށްލީ އީވާއަށް ވަގުތު ދިނުމަށެވެ. އެހާ ގަޔާވެގެން ކުރަން އުޅުނު މަސައްކަތް ކަމުނުދިޔުމުން އެކަމުގެ އުދާސްކަން ހިތުގައި ވާނެއެވެ. ފަހުން އީވާއާއި ވާހަކަދައްކަން ގަސްދުކުރަމުން ކާޕެޓު މައްޗަށް ފައިބާފައި ހުރި އަލުވިފޮތިތައް ނަގަން ފެއްޓިއެވެ.
*****
ޔުނިފޯމު ބަދަލުކުރުމެއް ވެސް ނެތި އީވާ ގޮސް ވެއްޓިގަތީ އެނދަށެވެ. އޭނަގެ މޭގައި އުފެދިފައިވި ރުޅިވެރިކަމުގެ ހައިޖާންގަނޑު ހަޅޭކެއްގެ ސިފައިގައި އަރުތެރޭން ބޭރުވެގެން ދިޔައެވެ. އެދުނުގައި އޮތް ބާލީހަށް ހުރިހާ ސަޒާއެއް ދެވުނީ އެއީ މާކިންއަށް ވުމަށް އެދޭ ހާލުގައެވެ. ހިތަށް ފިނިކަމެއް ނުލިބުމުން ބާލީސް ވެސް ހޫރާލެވުނެވެ.
''އޭނަ ހީކުރީތަ އަހަންނަށް ބިރުދެއްކުމުން ފަސްޖެހޭނެ ކަމަށް؟، ހުރެބަލަ މިފަހަރު ކުޅި ދައްކާލާނަން، ޖެއްސުންކުރުމުގެ ނިޔަތުގައެއް ނޫން އެތަނަށް ދާން ފެށީ، އެކަމު ދެން ދާނީ ހަމަ ޖެއްސުންކުރަން، ނުވެސް ކެނޑޭނަން!، ފޮނި މީހާގަނޑު... އަދި ބުނެފިއެއްނު އޭނަ މަސައްކަތްކުރާތަން ހޯދައިގެން ފަހަތުން ދިޔައީއޭ، ހުއް، އެވަރު މީހަކު ނެތިގެންތަ އަހަރެން މިއުޅެނީ؟... މުޑުދާރު މީހާގަނޑު!... އަހަރެންގެ އަތުގައި ހިފިކަމުގެ ބަދަލުވެސް ހިފާނަން، އިޑިއަޓް!...''
އީވާ ކުދިކިޔަން ފެށިއެވެ. އެނދުމަތީ ހުރި ބާލީސްތައް ބިންމައްޗަށް އުކަމުން އޭނަ އެއްޗެހި ކިޔަން ފެށިއެވެ. މޫނަށް ގެންނަ ހަރަކާތްތަކުން އޭނަ އިނީ ހިތްހަމަނުޖެހިފައިކަން އަންގައިދެއެވެ. އެތައް އިރެއް ވަންދެން މާކިންއަށް ލަނޑެއް ދޭނެ ގޮތަކާ މެދު އޭނަ ވިސްނިއެވެ. މާކިންއަށް ފިލާވަޅެއް ދީގެން މެނުވީ ދެން އޭނައަށް ހަމަޖެހުމެއް ނުލިބޭނެއެވެ.
''ޑެވިލް!، ބަލައިގެން ހުންނާތި!...'' އީވާ ތުންއަނބުރާލިއެވެ.
*****
ޖެހިގެން އައި ދުވަހު އީވާ ކެފޭއަކަށް ނުދެއެވެ. އެސްޓާއަށް ގުޅާފައި ބުނީ ކުޑަކޮށް ބޮލުގައި ރިއްސަނީ ކަމަށެވެ. މާކިންއަށް އޭނަ ކެނޑެން އުޅޭ ކަމުގެ ދޮގު ތަސައްލީ ދީފައި ޖެހިގެން އަންނަ ދުވަހު ޑިއުޓީއަށް ދާން އޭނަ ގަސްދުކުރިއެވެ. އެމޮޔަ ޚިޔާލުން ވެސް އެކަނި ހުރެ އީވާއަށް ހެވުނެވެ. ބަދިގޭގައި ތަރުކާރީ ކޮށަން އުޅުނު ރައުހާއަށް ސިންކު ދޮށުގައި ހުރި އީވާއަށް ބަލައިލެވުނީ ހައިރާންކަމާއެކީގައެވެ. މުޅި ދުވަހު އީވާ ޒާތަކަށް ހޭތަން އޭނައަށް ވަނީ ފާހަގަ ކުރެވިފައެވެ. ކުރީ ރޭ ގެއަށް އައިއިރު މޫނުމަތި އަނދިރިކަމުން ގޮސް ހީވީ ކަޅުފޮއި އަނދިރި ރެޔެއް ހެންނެވެ. ނަމަވެސް ހެނދުނު ފެނުނުއިރު މޫނުމަތި ވަނީ އުޖާލާވެފައެވެ. މައުލޫމާތު ސާފުކުރަން އުޅުމުން ވެސް އެދެވޭ ފަދަ ޖަވާބެއް އީވާގެ ފަރާތުން ނުލިބުނެވެ. މާކިންގެ ވާހަކަތައް ރައުހާއާއި ހިއްސަކުރަން ބޭނުން ނުވާތީ ކެފޭއިން ބައްދަލުވިކަން އީވާ ސިއްރުކުރިއެވެ.
''ކީއްވެ ތިހެނީ؟، މަޖާކަމެއް ވީތަ؟، ނިކަން އަހަންނާ ވެސް ހިއްސާކޮށްބަލަ...'' ރައުހާގެ އަޑަށް އީވާ ސިހުނެވެ. ސިކުނޑީގައި ރާވަމުން ދިޔަ ޚިޔާލުތަކުގެ ތެރޭން ނިކުމެވުނީ ދެނެވެ.
''ނަތިންގް...'' އަތްދޮވެ ނިމުމުން އިސްކުރަށް ބާރުކޮށްލަމުން އީވާ ބުނެލިއެވެ.
*****
އީވާ އުއްމީދު ކުރި ފަދައިން ޖެހިގެން އައި ދުވަހު ޑިއުޓީއަށް ދިޔުމުން މާކިންގެ މޫނުމަތިން ހައިރާންކަން ފެނުނެވެ. ފަތަހައިގެ ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވަމުން އީވާ ހިތްހަމަޖައްސާލިއެވެ. މާކިންގެ މޫނަށް ވެރިވި ކުލަވަރުތަކުން އޭނަ ގާތަށް އައީ ނުލަފާ ހިންޏެކެވެ.
''ކިހިނެއްވެފަ ތިހުރީ؟... އަހަރެން އައީމަ ރުޅިގަދަވެފަދޯ؟... ހެހެހެ، އަހަންނަކީ މީހަކު ބުނާ އެއްޗަކަށް އެހާ ފަސޭހައިން ސިހޭނެ މީހެއް ނޫން...'' މިކުޅެވެނީ އަލިފާނާއިކަން އެނގޭއިރު ވެސް އީވާ ބުނެލިއެވެ. އީވާއަށް ދިން އަވަސް ނަޒަރަށް ފަހު މާކިން ޚިޔާރުކުރީ ހިމޭންކަމެވެ.
އެދުވަހު ކަންދިމާކުރި ގޮތުން ޖެނިފާއަށް އާދެވޭ ގޮތެއް ނުވިއެވެ. ގިނަ ކަންތައް ދަސްވެފައި ނެތުމުން އީވާއަށް އުނދަގޫތަކާއި ކުރިމަތިލާން ޖެހުނެވެ. ކަސްޓަމަރުންގެ އޯޑަރު ސިސްޓަމަށް ލުމުގައި އުނދަގޫވިއެވެ. އިރުއިރުކޮޅާ އޭނައަށް ޖެއްސުންކުރަން މާކިން ކައުންޓަރު ދޫކޮށް ދާތީ ވެސް ހާސްކަން ލިބެން ފެށިއެވެ. ކޮފީ މެޝިން ވެސް ރަނގަޅަށް ބޭނުންކުރަން ނޭނގުނެވެ. ކަސްޓަމަރުން ރުޅިގަދަވެގެން އުޅުނު އިރުގައި ވެސް މާކިންގެ ފަރާތުން އެހީތެރިކަމުގެ އަތެއް ނުލިބުނެވެ. މާކިން ހުންނަނީ ހެވިފައެވެ. އެތުންފަތުގައިވި މަލާމާތުގެ ހިނިތުންވުމުން އީވާ ރުޅިގަދަވާން ފެށިއެވެ. މީހާގެ ހަމަޖެހުން ގެއްލިގެން ދިޔައެވެ.
ހާލެއްގައި ގަނަތެޅުމަށްފަހު ދުވަސް ނިމުމަކާ ހަމައަށް އައިސްފިއެވެ. ގިނަ މައްސަލަތަކާއެކުގައި ވެސް މަސައްކަތްކުރަން ޖެހުމުން ވަރުބަލިކަން ވެސް އިހުސާސްވަމުން ދިޔައެވެ. ދުވަސް ނިންމާފައި ދާން އުޅުނު މާކިން ހެވިފައި އީވާއަށް ބަލައިލިއެވެ. ނުބައިކޮށް ކޮފީ މެޝިން ބޭނުންކުރަން ހަދައިގެން މުޅި ޔުނިފޯމަށް ބުރައިގެން ދިޔަ ކޮފީގެ އަސަރު އަދިވެސް ހަރުލާފައި ހުއްޓެވެ. ދަތްކުނޑި ވިކައިގަންނަމުން އީވާއަށް ކުޑަކޮށް ހަޅޭއްލަވައިގަނެވުނެވެ.
''ހާދަ ރަނގަޅަށް ދިޔަ ދުވަހެކޭ...'' ކައުންޓަރުގައި ބުޑު ޖައްސާލަމަށްފަހު ހަށަން ބަނދެލަމުން މާކިން ބުނެލިއެވެ. އޭނަގެ ތުންފަތުގައި ވަނީ މަލާމާތުގެ ހިނިތުންވުމެކެވެ. އީވާ ލޯއަޅާލުމުން އެހިނިތުންވުން ފުންވެގެން ގޮސް އަނގައިގެ ދަތްތައް ވެސް ފެންނަ ވަރު ވިއެވެ.
''އެއްވެސް މަޖަލެއް ނޫން، މިހުރިހާ ކަމެއް ވީ މާކިންގެ ސަބަބުން!...'' ޝަހާދަތް އިނގިލި ދިއްކޮށްލަމުން އީވާ ބުނެލިއެވެ.
''އަމިއްލައަށް ކުރި ކަންތައްދޯ ތީ!...'' ބުމަ ކައިރިކޮށްލަމުން މާކިން ބުނެލިއެވެ. ''ދާންވެއްޖެ، ފަހުން ބައްދަލު ނުވާނެކަމަށް ހީކުރަން...''
ނިކުމެގެން ދިޔަ މާކިންއަށް ބަލަން ހުރެފައި އަތުގައި އޮތް ތުވާލިކޮޅު އީވާއަށް ހޫރާލެވުނީ މާކިން ނިކުތް ދޮރާއި ދިމާއަށެވެ.
*****
ޖެސުންކުރުމުގެ ސިލްސިލާއަށް ނިމުމެއް ނެތް ކަހަލައެވެ. ރުޅިއާއި ނަފުރަތު އެކުވެގެން ގޮސް މާކިންއަށް ކުރިއެރުމެއް ލިބެން އީވާ ބޭނުންނުވާ ހާލަތަށް ކަންތައް ގޮސްފިއެވެ. ނާކާމިޔާބުވާ ކޮންމެ ފަހަރަކު މާކިންގެ ތުންފަތަށް ވެރިވާ ހިނިތުންވުމުން ގައިގައި ހުޅުފަޅައިގެންދާހެން ވެސް ހީވާން ފަށައިފިއެވެ. ކިޔެވުމުގެ މަރުހަލާގައި ވެސް ވާދަވެރިކަން ދޫކޮށްލާކަށް ބޭނުމެއް ނުވިއެވެ. ސާރޖިކަލް ޑެމޯއެއްގައި ވެސް ޒުވާބުކުރަން ފެށީ މާކިންގެ އެސިސްޓެންޓަކަށް ނުވާން ވެގެންނެވެ.
''އަހަރެން ބޭނުމީ މެއިން ސާރޖަންއަށް ވާން...'' ޒީލާގަދަ ރާގެއްގައި އީވާ ބުނެލިއެވެ. އޭރު އެހެން ހުރިހާ ގުރޫޕެއް އެއްބަސްވުމަކަށް އައިސްފިއެވެ. އީވާއާއި މާކިން އަރައިރުންވަމުން ދިޔައެވެ. ހަމަހިލާ މާކިން އެދޭ ގޮތަށް ކަންތައް ކުރަން އީވާގެ ޒަމީރު އެއްބަހެއް ނުވިއެވެ.
''ނޫން!...'' މާކިން ވެސް ދުލެއް ނުދިނެވެ. އެންމެފަހުން ހޫނު ޒުވާބަކަށް އެކަން ވެގެން ދިޔައެވެ. އެންމެފަހުން ޕުރޮފެސަރު ވެސް ރުޅިގަދަ ވެގެން ގޮސް ދެޒުވާނުން ކްލާހުން ބޭރުކޮށްލައިފިއެވެ. އަދި ހަފްތާއެއް ވަންދެން ތަމްރީނުތަކުގައި ބައިވެރި ނުވެވޭނެ ވާހަކަ ވެސް ބުންޏެވެ. ޑެމޯ ނިމުމުން ޕުރޮފެސަރާ ވަކިން ބައްދަލުކުރުމަށް ބުނަމުން އަމުރު ކުރީ ބޭރުގައި މަޑުކުރުމަށެވެ.
ބޭރުގައި ހުރި ގޮނޑިބަރީގެ ދެކޮޅުގައި މާކިންއާއި އީވާ އިށީނދެގެން ތިއްބެވެ. ހަށަން ބަނދެލައިގެން ތިބިއިރު ރުޅިވެރިކަން ދެޒުވާނުންގެ މޫނުމަތީގައި ވެސް ވެއެވެ.
''މާކިންއާ ހެދި ވާހާ ކަންތަކޭ!... ފުރަތަމަ ވެސް އަހަރެން ބުނިހެން ކަންތައް ކުރިނަމަ މިހެން ނުވީސް، ކޮބާތަ މާކިންގެ މައްސަލައަކީ؟، ކޮންމެ ކަމެއްގައި ވެސް ތިމާގެ އަމިއްލަ އެދުން އިސްކުރަން ޖެހޭތަ؟...'' އެއްފައި މައްޗަށް އަނެއް ފައި ލަމުން އީވާ ބުނެލިއެވެ. ކްލާހުން ބޭރުކޮށްލެވުމުން އީވާގެ ދެލޮލުން މާޔޫސްކަން ފާޅުވިއެވެ. އޭނަ ހުރީ ހިސާބަކަށް ލަދު ވެސް ގަނެފައެވެ. އެހުރިހާކަމެއްގައި އޭނައަށް ކުށްވެރިކުރެވުނީ މާކިންއެވެ. އަމިއްލަ ކުށް އީވާއަކަށް ނުފެނުނެވެ.
''ހަމަ ތި ސުވާލު އަހަންނަށް ވެސް ކުރެވިދާނެދޯ؟، ތިކުއްޖާގެ މައްސަލައަކީ ކޮބާތަ؟...'' މާކިންގެ އަޑުގައި ހަރުކަށިކަން ވެއެވެ. ''އަހަރެން ބޭނުމެއް ނޫން ތިކުއްޖާގެ ސަބަބުން ނާކާމިޔާބީއާ ކުރިމަތިލާކަށް!...''
''އަހަރެންގެ މައްސަލައަކީ ކޮބައިހޭ؟، ހާދަ ހެއްވާ ސުވާލެކޭދޯ ތިކުރަނީ؟... ފުރަތަމަ ވެސް ރުޅިއަންނަ ފާޑުގެ ކަންތައް ކުރީ މާކިން!، އެއާރޕޯޓުން އަހަރެންގެ ޓެކްސީ ވަގަށް ނެގުން އަދި ކިތައް ކަންތައް، މިހާރު ގިނަ ކަންތައް ހަނދާނެއް ވެސް ނެތް!...'' މާކިންއަށް ބަލައިލަމުން އީވާ ބުނެލިއެވެ. ''އަހަރެން ވެސް ބޭނުމެއް ނޫން ތިފޮނިބޮޑު މީހާގެ ސަބަބުން ނާކާމިޔާބީއާ ކުރިމަތިލާކަށް...''
''އިރުއިރުކޮޅާ ކޮން ޓެކްސީއެކޭތަ ތިކިޔަނީ؟، އަހަރެން ހަނދާންވާ ގޮތުގަ އެދުވަހު ތިކުއްޖާ އައިސް އަހަރެން ހުއްޓުވީ ޓެކްސީއަށް އަރަން އުޅުނީ!...'' މާކިން ބުނެދިނެވެ. މޫނުއަނބުރާލި އީވާ އެވާހަކަތައް ޤަބޫލެއް ނުކުރިއެވެ.
''ތިކުއްޖާއޭ ކިޔައި އަހަންނާ ވާހަކަދައްކަންޏާ އެންމެ ރަނގަޅީ އަހަންނާ އިތުރަށް ވާހަކަ ނުދެއްކިޔާ، ގަސްދުގަ ރުޅިއަރުވަންވެގެން ކުރާކަމެކޭ...'' އީވާ ކުދިކިޔާލިއެވެ.
ހިމޭންކަމުގެ ސުކޫތެއް ފާއިތުވެގެން ދިޔައެވެ. ހިތު ތެރޭގައި އަނދަމުން ދިޔަ ރުޅިވެރިކަމުގެ އަލިފާނުގެ ހޫނުކަން ދުލާހަމައަށް ވާސިލުވެދާނެތީ އީވާ އިނީ ތުންފިއްތައިގެންނެވެ. މާކިންއާއި އިތުރަށް ވާހަކަދައްކަން އީވާ ބޭނުމެއް ނުވިއެވެ. ގޮނޑީގެ އަނެއް ފަރާތަށް އެނބުރިގެން ހުރީ ވެސް މާކިންގެ ސޫރަ ދެކެން ބޭނުންނުވާތީއެވެ. އީވާގެ އެހަރަކާތަށް ބަލައިލި މާކިން ވެސް އަނެއް ފަރާތަށް މޫނު އަނބުރާލިއެވެ. އޭނަ އީވާ ދެކެ ހިތްހަމަނުޖެހޭ ބައިވަރު ސިފަތައް ފެންނަމުން ދިޔައެވެ. ފުރަތަމަ ކަމަކަށް ވެސް ވިސްނުމެއް ނެތި ޚިޔާލުތަކަށް ފުންމައިގަތުމެވެ. ހަޤީޤަތެއް ނެތް ފުލޯކު ކަންތަކުގެ މައްޗަށް ބަރޯސާވުމެވެ. ކުޑަކުދިން ގެންގުޅޭ ބޯހަމަނުޖެހޭ މިޒާޖެވެ. ޖެއްސުންކުރުމުގެ ރޫހެވެ. އޭނަގެ ހަމަޖެހުމަށް އެކަންތަކުން އުނދަގޫވާ ހިސާބަށް ގޮސްފިއެވެ. ލިސްޓެއް ހަދައިފިއްޔާ ގަނޑު ފުރޭ އިރުވެސް އެކަންތަކަށް ނިމުމެއް ނާންނާނެއެވެ. ރުޅިވެރިކަން ނަފުސުގެ މައްޗަށް ގަދަވެގެންނަނީ އޭގެ ސަބަބުންނެވެ.
*****
ޕުރޮފެސަރުގެ އޮފީހަށް ގެންދެވުމުން ދެޒުވާނުންގެ ފަރާތުން ވެސް ފެނުނީ ހިމޭންކަމެވެ. އެކަކުއަނެކަކު ކުށްވެރިކުރަން ހަދައިގެން އާޚިރުގައި ޕުރޮފެސަރު ރުޅި އައީ ވެސް ދެޒުވާނުން ދެކެއެވެ. އެތައް ނަސޭހަތެއް ދިނުމަށްފަހު އިސްލާހު ނުވެއްޖަނަމަ ފެއިލްވެދާނެކަމުގެ އިންޒާރު ވެސް ދިނެވެ. މިއީ ލިބޭނެ ފަހުގެ ފުރުސަތޭ ޕުރޮފެސަރު ބުނެލުމުން ހިތްހަމަނުޖެހުމާއެކު އެކަކު އަނެކަކަށް ބަލައިލެވުނެވެ.
''ޔޫ އާރ ނޮޓް ޗިލްޑްރެން އެނީ މޯ، އެކްޓް އެންޑް ބިހޭވް ލައިކް އެޑަލްޓްސް... އެބަވް އޯލް ޔޫ އާރ ޑޮކްޓާރސް، އައި ޑޯންޓް ނޯ ހައު ޔޫ ވިލް ޓްރީޓް ޔޯރ ޕޭޝަންޓްސް ވިތް ދެޓް އެޓިޓިއުޑް...'' ދައްކަން ބޭނުންވާ ވާހަކަ ނިންމާލަމުން އީވާއާއި މާކިން ގާތު އޮފީހުން ދިޔުމަށް ޕުރޮފެސަރު ބުންޏެވެ. ހިތްހަމަނުޖެހިފައިވުމުގެ ސަބަބުން އިތުރަށް ވާހަކަދައްކަން ވެސް ބެނުން ނުވާ ކަހަލައެވެ.
ދިޔުމުގެ ކުރިން ފުރަތަމަ މަޢާފަށް އެދުނީ މާކިންއެވެ. ލިބުނު ހައިރާންކަމާއެކު ދުލުން ބަސްހުއްޓިފައި އީވާއަށް ހުރެވުނެވެ. މާކިން މަޢާފަށް އެދުނު ތަން ފެނުނު ފުރަތަމަ ފަހަރަށްވުމުން އީވާ ހުރީ ހައިރާންވެ އަންތަރީސްވެފައެވެ. އެމޫނުމަތިން މޮޅިވެރިކަން ވެސް ފެނުނުހެން ހީވެއެވެ. ސަމާލުވެ އެމޫނަށް އީވާއަށް ބަލަން ހުރެވުނެވެ. ނިކުމެގެން ދިޔުމުގެ ކުރިން އީވާއާއި ބައްދަލުކޮށްލި ނަޒަރުން އީވާއަށް ނޭވާ ހިފަހައްޓާލެވުނެވެ. އެއީ މީގެ ކުރިން މާކިންގެ ފަރާތުން އޭނައަށް ފެނުނު ސިފަތަކެއް ނޫނެވެ. ނަމަވެސް ހިތުގައި އޮތް ފޫހިކަމުގެ އިހުސާސާއެކު ތުން އަނބުރާލިއެވެ.
*****
ދުވަހުގެ ދެން އޮތް ކްލާހަށް ވެސް ވަނުމުގެ ހުއްދައެއް ނެތުމުން އީވާ މިސްރާބު ޖެހީ ގެއަށް ދިޔުމަށެވެ. ދިޔުމުގެ ކުރިން ރައުހާއަށް މެސެޖެއްކޮށްލިއެވެ. އޭނަ ގެއަށް ދަނީ ކަމަށާއި މަޑުނުކުރުމަށް ބުނެއެވެ.
''އާރ ޔޫ އޯކޭ؟...'' އިރުކޮޅެއް ފަހުން ރައުހާ މެސެޖަށް ރައްދުދިނެވެ. މެސެޖް ކިޔާލަމުން އީވާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އޭނައަށް އެސުވާލު ހިތާއި ކޮށްލެވުނެވެ.
''ދެން ގޯހެއް ނޫން، ހަފްތާއަކަށް ކްލާސްތަކަށް ނުދެވޭނެޔޯ ބުނީ...'' އީވާ އޮޅުންފިލުވައިދިނެވެ.
''ހާދަ ދެރައޭ... އޭރުވެސް ހީވިޔޭ މިކަހަލަ ކަމެއް ވެދާނެހެން، އަހަރެން ބުނީމެއްނު އޭރު ވެސް ރުޅިގަދަ ނުވާށޭ، ބަލާބަ ކަންތައް މިވީ ގޮތް، މިފަހަރު މިއީ އީވްގެ މިސްޓޭކެއް، އެކަން އީވް ޤަބޫލުކުރަން ދޯ؟... އޭނަ އެދުނު ފަދައިން ކަންތައް ކުރިނަމަ މިހެން ނުވީސްކަން ނޭނގެ... ދެންވެސް މަސްލަހަތު ގޯސް ނުވަނީސް މަޢާފަށް އެދެންވީ، އިތުރަށް ކޯޅުންގަނޑު ބޮޑުވެ ހޫނު ނުވަނީސް ތިމައްސަލައެއް ހައްލުކުރަން ވެއްޖެއެއްނު، މިހާރު ކޮންހާ ދުވަހެއްތަ؟، އިވް ޕްލީޒް، މިކަމާ ވިސްނާލަބަލަ، އަހަރުމެންގެ ޓެކްސީ އޭނަ ވަގަށް ނެގީއޭ ކިޔާފަ ތިހާ ރުޅިގަދަވާކަށް ނުވާނެއެއްނު، އެއީ ލޮޖިކަލް ކަމެއް ވެސް ނޫނެއްނު، ދެން މާކިންއަށް ކުރެވޭ ކަންތައް ޤަބޫލުނުކުރެވި މަޢާފަށް ނޭދުން އެއީ އޭނަގެ މައްސަލައެއްނު، އީވް އެއްފަހަރު ވެސް ގޮތްދޫކޮށްބަލަ... ތިކަމަކާ ހެދި އީވް ހުންނަނީ އަބަދު ރުޅިގަދަވެފަ، ލޭމައްޗަށް ގޮސްފަ، ދެން ހިތްހަމަޖެހުމެއް ލިބޭނެތަ؟... ވިސްނައި ދީދީ އަހަރެން މިހާރު ވަރުބަލިވާ ހިސާބަށް ކަންތައް ގޮސްފި...''
ރައުހާގެ މެސެޖާ މެދު އީވާއަށް ވިސްނުން ހިންގާލެވުނެވެ. އެކަމާ އެއްބަސްވުމަކަށް އާދެވޭ ގޮތެއް ނުވިއެވެ. ފުންނޭވާއެއް ދޫކޮށްލަމުން ހިތުގެ އުދާސްތައް ވެސް އާހެއްގެ ގޮތުގައި ބޭރުވެގެން ދިޔައެވެ. އަދިވެސް އޭނަގެ ޒަމީރު ކުށްވެރިކުރަމުން ދިޔައީ މާކިންއެވެ. ހުރިހާކަމެއްގެ ތުހުމަތު އެޅުވުނީ މާކިންގެ ބޮލުގައެވެ. އެކަންތަކާ ވިސްނަމުން ގޮސް ބޮލުގެ ނާރުތަކަށް ވާންކަން ވެރިވެ ބޮލުގައި ރިއްސަން ވެސް ފަށައިފިއެވެ.
ފުން ވިސްނުމެއް ގައި ހުރި އީވާއަށް މަގަށް ދޭންވާ ވަރަށް ސަމާލުކަމެއް ނުދެވުނެވެ. ހަތަރުއަނގޮޅި ކަންމަތީގައި އޮތް ކަފިހުރަސް މަތިން ހުރަސްކުރުމުގެ ކުރިން ލައިޓުތަކަށް ވެސް ފުރިހަމަ ސަމާލުކަމެއް ނުދެވުނެވެ. އޭނައަށް ވިސްނެމުން ދިޔައީ ރައުހާ ދެއްކި ވާހަކައާ މެދުގައެވެ. އޭނަގެ ހިތުގެ ހަމަޖެހުން ގެއްލިފައިވާތާ ލައްކަ ގިނަ ދުވަސް ވެއްޖެއެވެ. އެހުރިހާ ކަމެއް ގުޅިފައިވަނީ މާކިންއާއެވެ. އެފިރިހެނާގެ ކިބުރުވެރިކަމާއެވެ. ރުޅިވެސް އާދެވެނީ ވަކި އިމެއް ނެތިއެވެ.
ޚިޔާލުތަކުގެ ވާފަށް ކަނޑައިގެން ދިޔައީ ކުއްލިޔަކަށް އިވުނު ބަރުގޮނުގެ ސަބަބުންނެވެ. މަގަށް ސަމާލުކަން ދެވުނީ ދެނެވެ. އޭރު ލައިޓް ފެހި ނުވަނީސް ކަފިހުރަސް މަތިން ހިނގައިގަނެވިއްޖެއެވެ. ކުރިމަތިން އަންނަމުން ދިޔަ ކާރު ފެނި އީވާގެ މޭގަނޑު އަނގަޔަށް އަންނަވަރުވިއެވެ. މީހާއަށް ލިބުނު ހައިރާންކަމާއި ސިހުމުގެ ސަބަބުން ސިކުނޑީގެ މަސައްކަތަށް ބުރޫ އަރައިފިއެވެ. ދުވާރު މައްޗަށް އަރަން އޭނަ ބޭނުންވިއެވެ. ނަމަވެސް ފައި ހަރަކާތެއް ނުކުރެވުނެވެ. ކުރެވުނުހާ ވެސް ކަމަކީ ދެލޯ މަރައިލުމެވެ.
އީވާއަށް ނޭވާ ހިފަހައްޓާލެވުނެވެ. އޭނައަށް ހީވީ މިއީ އޭނަގެ ފަހު ވަގުތު ކޮޅު ހެންނެވެ. އާއިލާއާއި ލޯބިވާ ފާރާތްތައް ހަނދުމަވެ ލޮލުން ކަރުނަ ނީރާލައިފިއެވެ. ހިތް ތެޅިލިއެވެ. ޖަޒުބާތުގެ އޮއެވަރުގެ ތެރޭގައި ބެހިގެން ދިޔަ އިރު ފިނި ނޭވާއެއް ވެސް ދޫކޮށްލެވިއްޖެއެވެ.
(ނުނިމޭ)