ބާރަވަނަ ބައި
"މިބުނީ ޖޯލީގަ. އަވަސްކުރައްޗޭ" އިރާނިޔާ ފަހަތް ބަލައިލުމާއެކު ހީލަމުން އާޝިދް ބުނެލިއެވެ. އިރާނިޔާ ހިނގައިގަތުމާއެކު އިސްތަށިގަނޑުތެރޭގައި އަތް ހިންގައިލަމުން އާޝިދްވެސް ހިނގައިގަތެވެ.
އިރާނިޔާ ކޮޓަރިން ބޭރަށް ނިކުތްއިރު އަދްޔަން ސޯފާގައި ޓީވީން ދައްކަމުންދިޔަ ޕްރޮގްރާމެއް ބަލަން އޮތެވެ.
"މިރޭ އަދޫގެ ރެއެއްތަ..؟" އެހިސާބާ އަރާހަމަވެފައި އިރާނިޔާ އަހައިލިއެވެ.
"ކަމެއްނެތް ރެއެއްވީމަ. ބޭރަށް ދާހިތެއްވެސްނެތް" އަދްޔަން ބުނެލިއެވެ. އިރާނިޔާ ހީލަމުން ބޭރަށް ނިކުތްތާ މާގިނައިރެއް ނުވަނީސް ކޮޓަރި ދޮރުހުޅުވާލާފައި ތަމަންނީ ނިކުތެވެ. ހުޅުވާފައި ހުރިި ޓީވީއަށް ބަލަހައްޓައިގެން ހުރުމަށްފަހު އޭނާގެ ނަޒަރު ސޯފާއަށް ހުއްޓުނެވެ. ސޯފާގައި އޮތް އަދްޔަންގެ ދެފައިތިލަ ނޫން އެހެން އެއްވެސް ތަނެއް ކޮޓަރި ދޮރުމަތީގައި ހުރުމުން ތަމަންނީއަށް ނުފެނެއެވެ.
"އަދޫ ދޯ... އަހަރެން ހީކުރީ އަނެއްކާ މިގޭގަ އުޅޭ އަނެއްމީހާ ބާއޭ މިއޮތީ" ސޯފާގައި އޮތީ އަދްޔަންކަން ޔަޤީންވުމުން ތަމަންނީ އައިސް ވަކިން ހުރި ސޯފާގައި އިށީނެވެ. އަދްޔަން އަޅާވެސްނުލާ އޮތީ ތަމަންނީއާއި އެއްވެސް ގުޅުމެއް އުފައްދަން ބޭނުންނުވާތީއެވެ. އެތަނުގައި ތަމަންނީ އިންކަން އިނގުމުން އަދްޔަންއަށް އޮތީ އުނދަގޫވެފައެވެ.
"އަދޫ ބަލަނީ މިކަހަލަ އެއްޗެހިތަ؟ އެ ގާރލްގެ ހަޒްބެންޑްތަ އެއީ؟ ހާދަ ވަރަކަށޭ އޭނަ އެ ރޮނީ" ތަމަންނީ އެއްފަހަރު ޓީވީއަށް އަނެއްފަހަރު އަދްޔަންއަށް ބަލައިލަމުން ވާހަކަދެއްކިއެވެ. އަދްޔަން އަޅާވެސްނުލާ އޮތެވެ. އެންމެފަހުން ތަމަންނީ އަނގަ ހުއްޓާނުލުމުން އަދްޔަން އެތަނުގައި އޮންނަންވެސް ފޫހިވެއްޖެއެވެ. އަދްޔަން ފުންމައިގެން ތެދުވުމުން ތަމަންނީ ސިހިފައި ބަލައިލިއެވެ. ޓީވީ ނިއްވާލާފައި ރިމޯޓް ސޯފާމައްޗަށް އެއްލުމަށްފަހު އަދްޔަން ކޮޓަރިއާއި ދިމާލަށް ހިނގައިގަތުމުން ތަަމަންނީ ރަކިވެއްޖެއެވެ. ތުންއަނބުރާލެވުނުއިރު އޭނާ ދެރަވެސް ވެއްޖެއެވެ.
މަގުމައްޗަށް ވެރިވެފައިވަނީ އަނދިރިކަމެވެ. ގޭދޮރުމަތީގައި ދިއްލާފައިވާ ހޮޅިބުރިން ހަމައެކަނި އަލިވެފައިވަނީ ގޭދޮރު މައްޗަށް އެކަންޏެވެ. އެހެން ހިސާބުތައް ފެންނަނީ އަނދިރިކޮށެވެ. މަގުމަތިން މާގިނަ ބަޔަކު ފެންނަން ނެތަސް ފަޅެއްނޫނެވެ. އިރާނިޔާ އިށީނީ އާޝިދާއި އެއްޖޯލި ދޫކޮށްފައެވެ. އެގޮތް އާޝިދަށް ކަމަކުނުދިޔައެވެ. ތެދުވެގެން އައިސް އިރާނިޔާއާއި ޖެހިގެން ހުރި ޖޯލީގައި އިށީނެވެ.
"ޔަޤީން ނުދުވާނެކަން ނުބައި ވަހެއް" އިރާނިޔާ ބަލައިލުމާއެކު އާޝިދް ބުނެލިއެވެ. އިރާނިޔާ އިތުރަށް އެއްޗެއް ނުބުނީ އޭނާއަށް އާޝިދްގެ ގޮތް ރަނގަޅަށް އިނގޭތީއެވެ.
"ދެން ބުނެބަލަ ތިބުނަން އުޅުނު ވާހަކަ" އިރާނިޔާ ބުނެލިއެވެ.
"އަހަރެން މިގޭގަ އެންމެފަހު ދުވަސް މާދަމާ މިއީ. އޭގެފަހުން އަހަރެން މާލިކްބެމެންގެއަށް ބަދަލުވާން ޖެހޭނެ. އަހަރެންނަށް ހީވަނީ މިހާރު އީރަންއަށް އިނގޭނެހެން" އާޝިދް ވާހަކަދެއްކިއެވެ. އެއްޗެއް ނުބުނެ އިރާނިޔާ ދެއަތްތިލަ މޮޑެމުން ދިޔައެވެ. އޭނާއަށް އާޝިދްގެ ބޭނުން ވިސްނިއްޖެއެވެ. ނޫނެކޭ ބުނެ އާޝިދް މާޔޫސްކޮށްލަން ބޭނުންނުވާތީ އެކަމަށް އޭނާ އެއްބަސްވިއެވެ.
"އަހަރެންނަށް އިނގޭ ކީއްވެގެކަން ނޭހީ އީރަންއަށް ސަބަބު އިނގޭތީކަން" އާޝިދް ބުނެލިއެވެ.
"ދެން އަހަރެން ދާންވީތަ؟ ނިމުނީތަ؟" އިރާނިޔާ ބުނެލިއެވެ.
"އަހަރެންް ފެނުނީމަ އީރަން މިހާރު ފޫހިވަނީތަ؟ ނޫނީ އަހަރެންނަށް އީރަންއަށް ވަރަށް އުނދަގޫ ކުރެވެނީތަ؟ ކީއްވެތަ އަބަދު އަހަރެން ކައިރިއަށް އައިއްސަ ދާން ތިއުޅެނީ؟" އާޝިދް ވާހަކަދެއްކިއެވެ. އޭނާގެ އަޑުގައިވި ހިތްދަތި އަސަރު އީރަންއަށް ސިއްރެއްނުވިއެވެ.
"އަހަރެން މިއީ މީހެއްގެ..."
"މީހެއްގެ އަންބެއް. ނަމެއްގަ. އެހެއްނު. ހެހެހެ... އަހަރެން ނޫޅެމޭ ތިކަން ނޭނގިގެނެއް. އަހަރެން އީރަންދެކެ ލޯބިވީ އީރަން އެހެން މީހެއްގެ އަންބަކަށް ނުވަނީސް" އާޝިދް ވާހަކަދެއްކިއެވެ.
"އީރަން... މަޑުކޮށްބަލަ. ރުޅިއައީތަ؟ ނުދޭބަަލަ ޕްލީޒް" ތެދުވާން އުޅުނު އިރާނިޔާގެ އަތުގައި އާޝިދަށް ހިފަހައްޓައިލެވުނީ ބޭއިހްތިތާރުގައެވެ. އިރާނިޔާ ސިހިފައި ބަލައިލަން އުޅުނު ވަގުތު ދެލޯ ބޮޑުކޮށްލެވުނީ އެދެމީހުން ދާދި ކައިރީގައި އައިސް ހުއްޓުނު އުނޭޝް ފެނިފައެވެ. އުނޭޝްގެ ނަޒަރު ހުއްޓުނީ އިރާނިޔާގެ އަތުގައި ހިފާލައިގެންއިން އާޝިދްގެ އަތަށެވެ.
އިރާނިޔާ އާޝިދްގެ އަތްތެރެއިން އޭނާގެ އަތް ދަމައިގަތެވެ. އުނޭޝްއަށް ބަލައިލުމެއްނެތި ގޭތެރެއަށް ވަދެގެން ދިޔައެވެ. އާޝިދް ތެދުވެގެން އައިސް ހުއްޓުނީ އުނޭޝް ކުރިމަތީގައެވެ.
"ރާނީ އެއީ އަހަރެންގެ އަންބެއް" އުނޭޝް ބުނެލިއެވެ.
"ހެހެހެ... ތިވާހަކައެއްނޫން. އަހަރެން..." އާޝިދް ބުނަން އުޅުނެވެ.
"މާދަމާ ހެނދުނު އޮފީސް ނިންމާފައި ދާނީ މާލިކްބެގެ ގެއަށް" އުނޭޝް އެތެރެއަށް ވަދެގެން ދިޔައެވެ. އޭނާ ހުރީ އާޝިދްދެކެ ހިތްހަމަނުޖެހިފައެވެ.
"އަންހެނުންނޭ.... ހުނ... ބައެއް ފިރިހެނުންގެ ވައްތަރު. ފިރިހެނަކަށްވީތީވެސް ލަދުގަނޭ..." އާޝިދް އަމިއްލަ ނަފްސަށް އިވޭވަރަށް ބުނެލިއެވެ.
ހެނދުނުގެ ވަގުތެވެ. ސައިބޮއެ ނިމިގެން ބައްސާމް ފިހާރައަށް ދިޔަތާ ކުޑައިރުކޮޅެއްވީތަނާ ދޮރާށި ހުޅުވައިލާފައި މީހަކު ވަނެވެ. ބަލައިލީ މޭޒު ކައިރީގައި ތިބި ޝެނަލްއާއި ސަބްރީން އެކީގައެވެ. ވަދެގެން އައި ހުޝާމްގެ މޫނުމަތިން އޭނާ މާޔޫސްވެފައިވާ މިންވަރު ހާމަވާން ހުއްޓެވެ. ޝެނަލް ދިޔަގޮތަށް ގޮސް ހިފީ ހުޝާމްގެ އަތުގައެވެ.
"ޝާމް...!!" ޝެނަލް ގޮވައިލިއެވެ. ހިތަށް ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުން ހުޝާމްއަށް އެއްވެސް ޖަވާބެއް ނުދެވުނެވެ. ސޯފާގައި އިށީނުމަށްފަހު އޭނާއަށް ދެކަކުލުގައި ބޯ އެޅިއްޖެއެެވެ.
"ޝާމް...! ކިހިނެއްވީ...؟ މަންމާ!!" ކަންބޮޑުވެފައި ހުރި ޝެނަލް ސަބްރީންއަށް ގޮވައިލިއެވެ.
"އަނެއްކާ ކިހިނެއްވީ؟ އަލިފުޅުގެ ދެމަފިރިން ރަނގަޅުބާ؟" ސަބްރީން އައިސް އިށީނޭ ހުޝާމްގެ އަނެއް ފަރާތުންނެވެ. ހުޝާމްގެ ބޮލުގައި ސަބްރީން ފިރުމާލި ވަގުތު އޭނާ ބޯހިއްލާލިއެވެ. ކިތަންމެ ހިތްދަތިވިޔަސް ފިރިހެނަކަށް ވީތީ އޭނާ ކެތްކުރަމުން ދިޔައެވެ. ކުޑަކޮށް ހީލަމުން ދެލޮލުން ފޭދިފައިވާ ކަރުނަތައް ފޮހެލިއެވެ.
"މަންމަވެސް ބައްޕަވެސް ރަނގަޅު" ހުޝާމް ބުނެލިއެވެ.
"ކިހިނެއްވެގެން މާދެރަވެފަ ތިއިންނަނީ ރީންދައްތައަށް އިނގޭ ހުޝާމް ރޮއެފަ ހުރިކަން. ކުޑަމީހާއާއި ބައްދަލުވިތަ؟" ސަބްރީން އެހިއެވެ.
"ވަރަށް ދެރަކޮށް ދިމާވީ. ދަރިފުޅުގެ މާމަ އެކުއްޖާ ރަށަކަށް ފޮނުވާލައިފި. ދަރިފުޅު މިހާރު ހުންނަނީ ރާއްޖޭގެ ދެކުނުގެ ރަށެއްގަ އެކުއްޖާގެ ތިމާގެ މީހެއް ކައިރީގަ ކަމަށްވަނީ" ހުޝާމް ބުނެލިއެވެ. އޭނާގެ އަޑުން އެކަނިވެސް އޭނާ ހިތްދަތިވެފައިވާ މިންވަރު ހާމަވެއެވެ.
"ޔާރައްބީ... އެތުއްތު ދަރިފުޅު ފޮނުވާލީޔޭ... ކޮބާ ދަރިފުޅުގެ މަންމަ؟" ސަބްރީން އެހިއެވެ.
"ވަރަށް ފަހުން ކައިވެންޏެއް ކޮށްގެން ފިރިހެންމީހާގެ ރަށުގައޯ އުޅެނީ. އަހަރެންނަށް މިހުރިހާ މައުލޫމާތެއް ދިނީ އެގޭގަ އުޅޭ ދަރިފުޅުގެ މަންމަމެންގެ ކަންތައްތައް އިނގޭ މީހެއް. މަސައްކަތްކުރިން އޭނަގެ މަންމައާއި ބައްދަލުކުރެވޭތޯވެސް. މިދުވަސްކޮޅު ރާއްޖެއިން ބޭރުގަޔޯ ވަނީ" ހުޝާމް ވާހަކަދެއްކިއެވެ.
"ހާދަ ރަހުމެއްނެތް ބަޔެކޭ ދޯ. އެކަމަކު އެހާ ތުއްތު ދަރިއަކު ދުރުކޮށްގެން މަޔަކަށް ކެތްވޭތަ؟ ކީއްކުރާނީ އަދުގެ ހާލަތު" ސަބްރީން ބުނެލިއެވެ.
"އަހަރެން މިކޮޅުގަ ކުޑަ ދުވަސްކޮޅަކު މަޑުކުރަން ބޭނުމީ. މި މައްސަލަ ކޯޓަށް ވައްދަން މިހާރު ބޭނުމީ. ކޮންމެ ހާލެއްގަވެސް އަހަރެން ދަރިފުޅު ބޭނުން" ހުޝާމް ބުނެލިއެވެ.
"ތިއީ ރަނގަޅު ގޮތަކީ އަހަރެންނަށް އިނގޭ ވަރަށް ބެސްޓް ވަކީލެއް. ޒީކް ކައިރީގައި ބުނެގެން ނަމްބަރ ހޯދާލާނަން އިނގޭ" ޝެނަލް ބުނެލިއެވެ. އޭނާ ބޭނުންވަނީ އެކުވެރިޔާއަށް ދިމާވެފައިވާ ހިތާމަވެރި ވަގުތުގައި އެހީތެރިކަމުގެ އަތެއް ފޯރުކޮށްދޭށެވެ.
ހެދުން ބަދަލުކޮށްގެން ކޮޓަރިން ނިކުންނަން އުޅުނު އުނޭޝްއަށް ތަމަންނީ ގޮވައިލިއެވެ. ދޮރާއި ހަމައަށް ގޮސްފައި އުނޭޝް ބަލައިލިއެވެ.
"އުނޭއަށް އިނގެއެއްނު އަހަރެންގެ ރައްޓިއްސެއް މިރަށުގަ ނެތްކަން. އަހަރެން އޯކޭތަ ޝާނީ ކައިރިއަށް އެގެއަށް ދިޔަސް" ތަމަންނީ އެހިއެވެ.
"އަހަރެންނަށް މައްސަލައެއްނެތް" އުނޭޝް ބުނެލިއެވެ.
"އުނޭ މާ އަވަސް އަރުވާލާފައި ކޮންތާކަށް ތިދަނީ" ތަމަންނީ އެހިއެވެ.
"ރާނީ ކައިރިއަށް" އުނޭޝް ބުނެލިއެވެ. އެނދުގައި ރަޖާ އޮޅައިގެން އިން ތަމަންނީ ކުއްލިއަކަށް އައިސްޖެހުނީ އުނޭޝްގެ ފައި ބުޑުގައެވެ.
"ކީކޭ...؟ ކީއްކުރަން އޭނަ ކައިރިއަށް. އަހަރެންނަށް އުނޭ ހިތްހަމަޖައްސައި ނުދެވެނީތަ؟" ތަމަންނީ އަހައިލިއެވެ.
"ތިކަހަލަ ކަމަކުނޫން. އޭނަ އެހެރީ އަހަރެން ވަރަށް ހިތްހަމަނުޖެހޭ ކަމެއްކޮށްފަ. މިގޭތެރޭގަ ކަންތައްތައް އޭނައަށް ނިންމޭނީ އަހަރެން ކައިރީގައި އަހާފަ" އުނޭޝް ވާހަކަދެއްކިއެވެ. ތަމަންނީގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ އުނޭޝް އިރާނިޔާދެކެ ފޫހިވެފައިވާ މިންވަރު ފެނުމުންނެވެ.
"ރަނގަޅު. މާ މަތީގަ އުޅޭ އަންހެނެއް. އެހެއްނުވާނީ މިގޭ ބައެއްމީހުން އުޅެނީ އޭނަ ބޮލަށް ލައިގެން ވިއްޔާ. އަހަރެން ހާދަ ފޫއްސެއްވެޔޭ އޭނަދެކެ" ހަށަން ބަނދެލަމުން ތަމަންނީ ބުނެލިއެވެ.
"ތަމަން ތިދާ ތަނަކަށް ދާން ތައްޔާރުވާން އުޅޭ. ގެއަށް އަންނަންވީމަ ގުޅާ. އޭރުން ދާނަން ބަލާ" ތަމަންނީގެ ކޮލުގައި ފިރުމައިލަމުން އުނޭޝް ބުނެލިއެވެ.
ހޫނުފެން ތައްޓެއް ހިފައިގެން ބަދިގެއިން ނިކުތް އިރާނިޔާ ސިހުނީ ކުއްލިއަކަށް އޭނާގެ ކުރިމައްޗަށް އެރި އުނޭޝް ފެނުމުންނެވެ. ސިހުނުވަރުން ފެންތަށި އޭނާ އަތަށް ނުވެރުނީ ކިރިޔާއެވެ.
"ކިހިނެއްވީ...؟" އިރާނިޔާ އަހައިލިއެވެ.
"ރާނީ ތިއީ މިގޭ ކާކު؟ ކީއްވެތަ ރާނީ އަހަރެން ކައިރީގައި ނުބުނެ ގޮތް ނިންމަނީ؟" އުނޭޝް ވާހަކަދެއްކިއެވެ. އެހެންފަހަރުތަކާއި ޚިލާފަށް އުނޭޝްގެ އަޑު މިފަހަރު ބާރުވެފައި ހަރުކަށި ކަމެއް ހުއްޓެވެ.
"ކަމްލާ!! ދޭބަލް ސިޑް ރޫމަށް މި ފެންތަށި ލާފަ އަންނަން" ދުރުގައި ހުރި ކަމްލާއަށް ގޮވާލާފައި އިރާނިޔާ ބުނެލިއެވެ.
"އަހަރެން ކޮންގޮތަކަށް ކޮންކަމެއްތަ ނިންމީ. އަހަރެންނަށް އިނގޭ އުނޭ ނުބުންޏަސް އުނޭގެ ހަޔާތުގަ އަހަރެންގެ މަގާމަކީ ކޮބާކަން" އިރާނިޔާ ބުނެލިއެވެ. އިރާނިޔާގެ އަޑުގައިވަނީ އޮމާންކަމާއި މަޑުމައިތިރިކަމެވެ.
"މާ ރަނގަޅު މީހަކަށްވެގެން އުޅުނަސް އަހަރެންނަށް އިނގޭ މިގޭތެރޭގަ މިހާރު ތިކުޅޭ ކުޅިވަރު" އުނޭޝް ބުނެލިއެވެ. ޙާއިޝާއަށް ކޮޓަރިން ނިކުމެވުނީ ހަމަ އެވަގުތުގައެވެ. އުނޭޝްއަށް އަށް ނަޒަރެއްދީފައި ޙާއިޝާގެ ދެވަނަ ނަޒަރު ފެންކަޅިވެފައި ހުރި އިރާނިޔާއަށް ހުއްޓުނެވެ.
"ކިހިނެއްވެގެން މިއުޅެނީ؟ ރާނީ...! ދަރިފުޅާ ކިހިނެއްވީ"؟ ޙާއިޝާ ހުއްޓުނީ އިރާނިޔާ ކުރިމަތީގައެވެ.
"އަހާބަލަ މަންމަގެ ރަން ދަރިފުޅު ކައިރީގައި ރޭގައި މަގުމަތިން އަހަރެންނަށް ފެނުނީ ކޮންކަހަލަ މަންޒަރެއްތޯ؟ އަހާބަލަ ނިކަން" އުނޭޝް ޙާއިޝާއަށް ބަލައިލިއެވެ. ޙާއިޝާ ބަލައިލީ އިރާނިޔާގެ މޫނަށެވެ. އިސްޖަހާލައިގެން ހުރިއިރު އިރާނިޔާގެ ދެލޯވަނީ ކަރުނަތަކުން ބަރާވެފައެވެ.
"ރާނީ!! އުނޭޝް މިކިޔަނީ ކީކޭ؟ ދަރިފުޅު އެއްޗެއް ބުނެބަލަ؟" އިރާނިޔާގެ އަތުގައި ހިފާ ތަޅުވައިލަމުން ޙާއިޝާ ބުނެލިއެވެ.
"މަންމާ! ރޭގަ އަޅުގަނޑާ ސިޑްއާ ދެމީހުން ޖޯލީގަ ތިބި ވަގުތު ހިނގި ކަންތައް އަޅުގަނޑު މަންމަ ކައިރީގައި ބުނީމެއްނު" އިރާނިޔާ ބުނެލިއެވެ.
"އާނ... އެހެންނޫނަސް އުނޭޝް ކޮންއިރަކު ރާނީގެ ކަންތަކަށް އެހާ ސަމާލުކަން ދޭންފެށީ؟" ޙާއިޝާގެ ނަޒަރު އުނޭޝްއަށް ހުއްޓުނެވެ.
"މަންމައަށް އަދިވެސް ވާނުވާ ނޭނގޭތަ؟ ނޫނީ ނޭނގޭކަމަށް ހެދެނީތަ؟ އުނޭޝް ބުނެލިއެވެ.
"ހުއްޓާލާ. އުނޭޝް ތިއީ އަހަރެންގެ އުފަން ދަރިއަކަށް ވިޔަސް އަހަރެން ރާނީއަށް މާ އިތުބާރު ކުރަން. އަހަރެންނަށް ރަނގަޅީ ތިކަހަލަ މުޑުދާރު ވާހަކަ މިގޭތެރޭގަ ނުދެއްކިއްޔާ. އުނޭޝް ހީކުރީ ބާކީ ތިބި މީހުންވެސް އުޅެނީ އުނޭޝް އުޅޭ ވައްތަރަށް ކަމަށްތަ؟" ޙާއިޝާ ހަޅޭއްލަވައިގަތެވެ.
"މަންމާ!! މަންމައަށް އެކައްޗެއްވެސް ނޭނގޭ. މާލިކްބޭ ކައިރީގައި ބުނެގެން އެ އާޝިދު މިގޭގަ މަޑުކުރާގޮތަށް ހަމަޖެއްސީ މީނަ. އަހަރެން ކައިރީގަ މާލިކްބޭ ބުނި ރާނީ ގުޅިއޭ. ކޮބާ އޭގެ މާނައަކީ؟ ރާނީ ކީއްވެތަ އާޝިދް މިގޭގަ ބަހައްޓަން ބޭނުންވަނީ؟" އުނޭޝް ވާހަކަދެއްކިއެވެ.
"ރާނީ ދޭ ކޮޓަރިއަށް" އިރާނިޔާގެ ބުރަކަށީގައި ފިރުމައިލަމުން ޙާއިޝާ ބުނެލިއެވެ. އިރާނިޔާ ހިނގައިގަތެވެ. އޭނާ ކޮޓަރިއަށް ވަދެ ދޮރުލައްޕާލަންދެން ޙާއިޝާ ބަލަހައްޓައިގެން ހުއްޓެވެ.
"މަންމާ...!"
"ހުއްޓާލާ... އުނޭޝްއަށް މިހާރު ރާނީގެ ހާދަ މައްސަލަތަކެކޭ ތިފެންނަނީ. މާލިކު ކައިރީގަ ރާނީ އެވާހަކަދެއްކީ އަހަރެން ކައިރީގައި އިންދަ. އޭގެ މާނައަކީ ރާނީ އާޝިދާ ހިތާވީއޭތަ؟ ލަދުން ބޯފަޅާއިގެންދާވަރުވޭ... ތިނޫނީ ވާހަކައެއް ދައްކަން ނޭނގެނީތަ؟" ޙާއިޝާ ވާހަކަދައްކަމުން ދިޔައިރު އުނޭޝް ހުރީ ދުރަށް ބަލަހައްޓައިގެންނެވެ.
"އުނޭޝް ހުއްޓާލާނީ އަހަރެން މަރުވީމަތަ؟" ޙާއިޝާ ބުނެލިއެވެ. އޭނާގެ އަޑު ކުރެހިގެން ދިޔައެވެ. އުނޭޝް ދުރުދުރުގައި ފިޔަވަޅު އަޅަމުން ކޮޓަރިއަށް ވަދެ ބާރަށް ދޮރުލައްޕައިލިއެވެ.
ބާލީސްމަތީގައި ބޯއަޅާލައިގެން އޮތް އިރާނިޔާ ސިހުނީ އޭނާގެ ފޯނަށް މެސެޖެއް އައި އަޑުންނެވެ. ބަލައިލިރު ސޭވް ނުކުރާ ނަންބަރަކުންނެވެ. ހަމައެކަނި 'ސޮރީ' ޖަހާލާފައިވާ ތަން ފެނުމުން އިރާނިޔާ ވިސްނައިލިއެވެ. ތިރީގައި ޖަހާފައި އިން ނަން އޭނާއަށް ފެނުނީ އިރުކޮޅެއްފަހުންނެވެ.
"ސިޑް...! ސިޑްއަށް ކިހިނެއް މި ނަންބަރު ލިބުނީ. އަހަރެން ނުދެން. އަހަރެން ކައިރީގައި ނުވެސްއަހާ" އިރާނިޔާ ހިތަށް އެރިއެވެ. އިރާނިޔާގެ ހިތުގައިވާ އެއްޗެއް އާޝިދަށް އިނގުނު ކަހަލައެވެ. އެ ނަންބަރުން އާޝިދް ގުޅަން ފެށުމާއެކު އިރާނިޔާއަށް އިނދެވުނީ ބަލަހައްޓައިގެންނެވެ. އެންމެފަހުން އޭނާގެ ހިތް ނިންމީ އެފޯނު ނުނެގުމަށެވެ. އޭނާ އޮތީ އެއްވެސް މީހަކާ ވާހަކަދައްކާ މޫޑެއްގަ ނޫންވީމައެވެ.
ހުޝާމާއި އެކުގައި މަގުމަތީގައި ހިނގާފައިދިޔަ ޝެނަލް ހުއްޓުނީ ބަނދަރުމަތީ ވޮލީކޯޓާއި މާދުރުނޫން ހިސާބެއްގައެވެ. މުޅި ބަނދަރު މައްޗަށް ވަނީ ހަލަބޮލިކަން ގެނުވާފައެވެ. ވަގުތަކީ ހަވީރުގެ ހިތްގައިމު ވަގުތަށް ވުމާއެކު އެކި އުމުރުފުރާގެ މީހުންގެ ތަކުން ވަނީ ފުރިފައެވެ. ތަނުގައި ހިފާލާފައިވަނީ ކުޅުމުގެ އަޑާއި ކުޑަކުދިންގެ ސަކަރާތުގެ އަޑެވެ.
"އަހަރެން އަދޫއާއެކު ރިލޭޝަނަކަށް ގޮސްފިން" ޝެނަލް ބުނެލިއެވެ.
"އަސްލު. ކޮންގްރާ... މަށަށް މާކުރިން އިނގޭ ތިއީ ވާނެކަމެއްކަން" ހުޝާމް ބުނެލިއެވެ.
"އެކަމަކު... ހިތަށް އަރަނީ ކިހިނެއްބާއޭ މިކަންކަން ވާނީ. ވަރެއްގެ މަންމައެއް ހުރީ. އަދޫ ބޭނުންވަނީ މެރީކުރަން" ޝެނަލް ބުނެލިއެވެ.
"އަހަރެން ވާހަކަދައްކަފާނަން ރީންދައްތައާ" ހުޝާމް ބުނެލިއެވެ.
"ހީވޭތަ މަންމަ އެއްބަސްވެދާނެހެން. މަންމަ ނުގަބޫލުވެއްޖިއްޔާ އަހަރެން ބޭނުމެއްނޫން މިކަން ކުރާކަށް" ޝެނަލް ބުނެލިއެވެ.
"ވާނެ. ދަރިފުޅުގެ ކަންތަކުގަ މިފަހަރު މާލެގޮށްސަ އައިސް ތިކަމާ އުޅޭނަން އިނގޭ" ހުޝާމް ބުނެލިއެވެ.
ކޯޓުގައި ކުޅެންހުރި އަދްޔަންއަށް ބްރޭކެއް ލިބުމުން ފެންފުޅިއެއް ހިފައިގެން އެއްކައިރިއަކަށް ޖެހިލި ވަގުތު ކޯޓާއި ކައިރިން ރުކެއްގެ ފަންވަތެއްގައި ހިފަހައްޓާލައިގެން ހުރި ޝެނަލް ފެނުމުން ހީލައިފިއެވެ. އަތުން ހަނާއަޅާލުމާއެކު ޝެނަލްގެ އަތް އުފުލާލިއެވެ.
"މިއީ ދޯ މިތަނަށް އަންނަން އެވަރަށް ހިފާލި ސަބަބަކީ..." ހުޝާން ދިމާކޮށްލިއެވެ. ވަގުތުން ޝެނަލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ.
ގެސްޓްހައުސްއަށް ވަދެގެން ދިޔަ އާޝިދް ފެނުމުން ކައުންޓަރުގައި ތިބި ދެއަންހެންކުދިން އެކުއްޖަކު އަނެއްކުއްޖަކު ކަންފަތް ކައިރީގައި ސިއްރުން އެއްޗެއް ބުނެލިއެވެ. އެކަން އާޝިދަށް އިނގުނަސް އޭނާ މާބޮޑު ސަމާލުކަމެއް ނުދިނެވެ. ދެކުދިންނާ އަރާ ހަމަވެފައި ރީތި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.
"ރާޔާ ނޫޅެންތަ އެކަމާ" ކައިރީގައި އިން ޒީނާ ރާޔާގެ ކޮނޑުގައި ކޮނޑުން ޖަހައިލަމުން ބުނެލިއެވެ.
"އަހަރެން ބިރުގަނޭ. އޭނައަށް ވުރެ ބޮޑަށް މި ވަޒީފާ މިވަގުތު އަހަރެންނަށް މުހިންމު" ހީލަމުން ރާޔާ ބުނެލިއެވެ.
ކެބިންއަށް ވަންގޮތަށް އާޝިދް އޭނާގެ ލެޕްޓޮޕް ނަގާފައި ހުޅުވައިލިއެވެ. އާދައިގެ މަތިން މިފަހަރުވެސް އޭނާގެ ތުންފަތަށް ވެރިވި ހިނިތުންވުމުގެ ފަހަތުގައިވީ ފެންނަން އިން އިރާނިޔާގެ ހިތްގައިމު ތަސްވީރެވެ. މުހިންމު ފޯނުކޯލެއް ކުރަންޖެހޭކަން އޭނާ ހަނދާންވުމާއެކު ޖީބުގައި އޮތް ފޯނު ނެގިއެވެ.
ކުއްލިއަކަށް އޭނާގެ ނަޒަރު ހުއްޓުނީ ކުރިމަތީގައި އައިސް ހުއްޓުނު އުނޭޝްއަށެވެ. އުނޭޝް އެތަނަށް އައި ސަބަބު އާޝިދަށް އިނގުނަސް އޭނާ ނޭނގޭކަމަށް ހަދާފައި ހިނިތުންވެލިއެވެ.
"އުނޭޝް... ކަމަކުތަ؟ އަހަރެންނަށް ގުޅާލިނަމަ؟" ގޮނޑި ތެދުވަމުން އާޝިދް ވާހަކަދެއްކިއެވެ.
"އަހަރެން މިއައީ ވަރަށް މުހިންމު ވާހަކައެއް ދައްކަންވެގެން" އުނޭޝް ބުނެލިއެވެ.
"އަވަހަށް ހިނގާ. ކެފޭއަށްތަ އަރާނީ" އާޝިދް ބުނެލިއެވެ.
"ނޫން. މިތަންވެސް ހަމަ ރަނގަޅު" އުނޭޝް ބުނެލިއެވެ.
"އަހަރެންނަށް ހީވަނީ އަހަރެން ދައްކަން މިއުޅޭ ވާހަކަ މިހާރު އާޝިދަށް އިނގޭނެހެން" އުނޭޝް ބުނެލިއެވެ.
"ހެހެހެ.... އަޖައިބެއްނު. އަހަރެންނަކީ ވަހީ އަންނަ މީހެއްނޫން" މަލާމާތުގެ ބެލުމަކުން އުނޭޝްއަށް ނަޒަރެއް ދިނުމަށްފަހު އާޝިދް ހީލުމުން އުނޭޝްއަށް އެގޮތް ކަމަކުނުދިޔައެވެ.
"އާޝިދް ކީއްވެތަ މާލިކްބެގެ ގެއަށް ބަދަލުނުވީ؟ ކޮބާތަ އަހަރެންގެ ގޭގަ މަޑުކުރަން ބުނުމުގެ ބޭނުމަކީ؟" އުނޭޝް އަހައިލިއެވެ.
"ހެހެހެ... ތިވާހަކަ ދޯ... ބުނެފާނަން. އެކަމަކު ހިތަށް އަރަނީ އުނޭޝްއަށް އަޑުއަހަން ކެތްވާނެބާއޭ..." އާޝިދް އުނޭޝްގެ ކުރިމަތިން މަޑުމަޑުން ހިނގާލާފައި ގޮސް އޭނާގެ ގޮނޑީގައި އިށީނެވެ.
"އަސްލު ސަބަބަކީ މިއީ.." އާޝިދް އޭނާގެ ލެޕްޓޮޕް އުނޭޝްއާއި ދިމާލަށް އަނބުރައިލަމުން ބުނެލިއެވެ. ފިޔާތޮށި ކުލައިގެ ލޭސްފޮތީގެ އަތްދިގު ކުރުތާގައި ހިނިތުންވެލައިގެން އިން އިރާނިޔާގެ ތަސްވީރަށް ނަޒަރު ހުއްޓުމާއެކު އުނޭޝްއަށް ކުރިއަށް ފިޔަވަޅެއް އަޅައިލެވިއްޖެއެވެ.
"އަހަރެންގެ ހިތުގެ މަލިކާ... މިދުނިޔެއިން އަހަރެންނަށް ފެނުނު އެންމެ ފުރިހަމަ އަންހެނާ. އަހަރެންގެ އީރަން..." އުނޭޝް ބަލައިލީ އާޝިދް ވާހަކަދެއްކި އަޑަށެވެ.
"މާނައަކީ ކަލޭމެން ދެމީހުން..." އުނޭޝް ބުނަން އުޅުނެވެ.
"ނޯ..ނޯ.. އަހަރެންނަށް އިނގޭ ތިކަހަލަ ކުޑަކުޑަ ސިކުނޑިއަކަށް ރަނގަޅު އެއްޗެއް ނުވިސްނޭނެކަން. އެހެންނަމަ އަތުތެރޭގަ އަގުބޮޑު ޖަވާހިރެއް އޮތްއިރު އޭގެއަށް އިހުމާލު ނުވީހެއްނު. އީރަންއަކީ އުނޭޝް ތިހީކުރާކަހަލަ އަންހެނެއްނޫން. އެއީ ވަރަށް މާތް އަހްލާގެއްގެ ވެރި އަންހެންކުއްޖެއް" އާޝިދް ވާހަކަދައްކަމުންދިޔައެވެ.
"ކުރިން އަހަރެންނަށް ޝައްކުވީ. މިހާރު ޔަޤީންވެއްޖެ" އުނޭޝް ބުނެލިއެވެ.
"ވާހަކައެއް ބުނަންތަ؟ އަދި ލޯބިވަނީ ހަމައެކަނި އަހަރެން. އެވެސް އުނޭޝްއަށް ވުރެ ކުރިން. އީރަންގެ ހިތުގައި އަހަރެންނަށް ދީފައިވާ މަގާމަކީ ހަމައެކަނި އެކުވެރިއެއްގެ މަގާމު" އާޝިދު ވާހަކަދެއްކިއެވެ.
"އިތުރުވާހަކައެއް ބޭނުމެއްނޫން. އަހަރެން ދެން ކަންތައްކުރަންވާ ގޮތް އިނގޭނީ އަހަރެންނަށް" އާޝިދަށް ފުުރަގަސްދެމުން އުނޭޝް ބުނެލިއެވެ.
"ވަރަށް އަވަހަށް ކަލޭ ކުރިމަތިން އީރަންގެ އަތުގައި ހިފައިގެން އަހަރެން ނިކުންނާނަން. އަހަރެން މިރަށުން ދާނީ އަހަރެންގެ ލޯބި ކާމިޔާބުކޮށްގެން" އާޝިދް ބުނެލިއެވެ. އުނޭޝް އާޝިދަށް ބަލަހައްޓައިގެން ހުރުމަށްފަހު ނިކުމެގެން ދިޔައީ ހިތުގައި ވަރުގަދަ ރޭވުމެއް ރާވަމުންނެވެ.
އުނޭޝް ދިޔަކަން ޔަޤީންވުމާއެކު އާޝިދު ވިސްނައިލިއެވެ. އޭނާ އެކުރި ކަންތަކުގެ ސަބަބުން އިރާނިޔާ ހިތްހަމަނުޖެހި އެއްޗެއް ބުނެދާނެތީ ކަންބަޮޑުވިއެވެ. އުނޭޝްގެ ބަހުގެ ހަމަލާތައް އިރާނިޔާއަށް އަމާޒުވުމުގެ ކުރިން އާޝިދު ފިޔަވަޅު އަޅަން ބޭނުންވިއެވެ. އެހެންކަމުން ފޯނު ނަގާފައި އޭނާ ގުޅީ މީގެ ދެތިންދުވަސް ކުރިން އޭނާ އެކުވެރިކަން އުފެއްދި ޒަމްހާގެ ނަންބަރަށެވެ.
(ނުނިމޭ)