ވާހަކަ

ދެކިލަން އެދޭތީ - 14

1

''ކޮންމެ ކަމެއް ހަމަޖެހޭ ނަމަ ދިރިއުޅުން ހާދަ ފޫއްސެއް ވާނެޔޭ، ބައެއްފަހަރު ޖެހޭނެ ލައިފް އެކްސްޕީރިއެންސަށް ވެސް މިކަހަލަ ތަފާތުކަމެއް ކޮށްލަން، ކަމު ނުގޮސްފިއްޔާ ވަކިވެވިދާނެދޯ، އޭރަށް ރައުގެ ހުށަހެޅުންތައް އަހަރެން ޤަބޫލުކޮށްފާނަމޭ...'' އޭނަގެ ކޮނޑުގައި ހިފަހައްޓައިގެން ހުރި ރައުހާގެ އަތް ނައްޓުވާލަމުން މަޢަނަވީ ހިނިތުންވުމެއް އީވާ ދިނެވެ.

އީވާގެ މޫނަށް ފަރުވާތެރިކަމާއެކު ބަލައިލި ރައުހާއަށް ލިބުނީ އިތުރު ހައިރާންކަމެކެވެ. އީވާގެ ވިސްނުން ދެން ބަދަލުނުވާނެކަން އޭނައަށް ޔަޤީންކުރެވުނެވެ. އީވާ އެހުރީ އެކަމަކާއިގެން ކުރިއަށް ދާން ގަސްދުކޮށްގެންނެވެ.

''ޔޫ އާރ ކްރޭޒީ، ތި ވިސްނުން މިހާރަކަށް އައިސް ބަދަލުވާނީ ކުއްލިޔަކަށް، އީވްއަށް އަންނަ ބަދަލުތައް ދަސްކުރުން މިހާރު އަހަންނަށް އުނދަގޫކަމަކަށް ވެއްޖެ... ދެން އެންމެ ރަނގަޅު، ތިހާ ވަރުން ކުރަން ބޭނުން ވަންޏާ އަހަންނަކަށް ނުހުއްޓުވޭނެކަން ޔަޤީން... މިހާރު ވެސް ތިހިރީ މީހަކު ދޭ ނަސޭހަތެއްގައި ހިފާ ކަހަލަ މޫޑެއްގައެއް ނޫން ވިއްޔާ... އެހެންވީމަ ބުނެލާނީ ގުޑް ލަކް އޭ، އަހަރެން ބޭނުން ތި ކަމެއްގެ އަޖުމަ ބަލައިލަން ވެސް!...'' ރައުހާއަށް އޭނަގެ އެކުވެރިޔާ ނުހުއްޓުވޭނެކަން ޔަޤީންކުރެވުމުން ބުންޏެވެ.

''މާމަ ގާތު ނުބުނައްޗޭ!...'' ރައުހާއާ ހިނިތުންވުމެއް ބަދަލުކޮށްލަމުން ފައިވާން ހަރުގަނޑު ކައިރިއަށް ހިނގައިގަންނަން އުޅުނު އީވާ ބުނެލިއެވެ. އެފަދަ ވަޒީފާއަކަށް ދާން އޭނަ ގަސްދުކުރިކަން މާމައަށް އެނގިއްޖެ ނަމަ ނުރުހޭނެވަރު އަންދާޒާކޮށްލެވުނެވެ. މިހާރު ވެސް މާމަގެ ހަޅޭކުގެ އަޑު އޭނަގެ ކަންފަތާ ހަމައަށް ފޯރާ ކަހަލައެވެ. އެކުވެރިޔާގެ މަދަދުވެރިކަމަށް އެދެވުނީ އެހެންވެއެވެ.

''މާމައަށް އެނގިއްޖެއްޔާ ވަރަށް އަޑުލާނެ، އެހެންވީމަ ސިއްރުކޮށްދެއްޗޭ...'' ފައިވާން ހަރުގަނޑު ކައިރިއަށް ހުއްޓި ބޫޓަށް އަރަމުން އީވާ ބުނެލިއެވެ. އޭރު ގޭތެރެ ފޮޅުމުގެ މަސައްކަތަށް ރައުހާ އެނބުރިއްޖެއެވެ. ޓީވީ ސާފުކުރަން އުޅުނު ފޮތިގަނޑާއެކު ލޮލުގެ ހިމަކޮޅުން އީވާއަށް އޭނަ ބަލައިލިއެވެ.

''ނޫޅޭމޭ ބުނާކަށް، އެހެންނޫނަސް އީވްގެ މާމަ އަހަންނަށް އެހާވަރަކުން ނުވެސް ގުޅާނެ، އެކަމަކު ލައިލާ އާންޓީ ގުޅާފާނެ...'' ޓީވީގެ ސްކްރީނަށް އަތުގައި އޮތް ބިއްލޫރި ސާފުކުރާ ފުޅި ބުރުއްސާލަމުން ރައުހާ ބުނެލިއެވެ. ސާފުތާހިރުކަމާއި ގޭތެރޭގެ ތަރުތީބުކަމަށް ރައުހާއަކީ މަރުދޭ މީހެކެވެ. ސާފުކުރަމުން ދިޔަ އިރު ބަހައްޓަމުން ދިޔަ ފަރުވާތެރިކަމުން އެކަން ނޭނގޭނެ މީހަކު ނުހުންނާނެއެވެ. ރައުހާއަށް ބަލަން ހުރި އީވާއަށް ހިނިތުންވެވުނެވެ.

''މަންމައަށް ވެސް ނާންގާތި، އެކަކަށް ވެސް... މީ ހަމަ ކުޑަ ދުވަސްކޮޅެއްގެ ކަމެކޭ.. ހިތްހަމަޖެހޭވަރުވުމުން ވަކިވާނަމޭ...'' މައިދޮރުގެ ތަޅުގައި ހިފާ އަނބުރާލަމުން އީވާ ބުނެލިއެވެ.

''ހޫމްމްމް، ނޫޅެމޭ އެކަކު ކައިރީ ވެސް ބުނާކަށް، އެހެންނޫނީ އީވްގެ މޮޔަ ޚިޔާލަށް އެއްބަރުލުން ދިން ކަމުގެ ތުހުމަތު އެޅިގެން ދާނެ، ދެން އަވަހަށް ދޭބަލަ، ތިހެން ހޭކިހޭކި ހުއްޓާ ގަޑި ޖެހިދާނެ، ފުރަތަމަ ދުވަހު ޖެހޭނެ ދޯ ގަޑި ނުޖެހިދާން...'' އީވާގެ މޫނުން ފެންނަމުން ދިޔަ ޖޯޝުން ރައުހާއަށް ހެވުނެވެ. އަދިވެސް އީވާގެ ވިސްނުން ހަރުދަނާ ނުވެޔޭ ހިތަށް އެރުމުން ހިނިތުންވުން އިތުރަށް ފުންވެގެން ދިޔައެވެ. ދެފަރާތަށް ބޯހޫރާލެވިއްޖެއެވެ.

*****

އުޑުމަތި ސާފު ދުވަހެކެވެ. ރަބީޢު މޫސުމުގެ ދަޅަތަކުން ގަސްތަކަށް އާރޯކަން ލިބެމުންދާ މަންޒަރު ފެނެއެވެ. ބަހާރުގެ ކުލަތައް ވެސް ޖެހެން ފަށައިފިކަމުގެ އަލާމާތްތަށް ފެންނަން ފަށައިފިއެވެ. ފިނި މޫސުމަށް ހިޖުރަކުރި ދޫނިތައް ވެސް އޭގެ މަންޒިލްތަކަށް އަނބުރާ ވާސިލުވަމުން ދިޔަ މަންޒަރުތައް ފެނެއެވެ. ހިނދުކޮޅަކަށް ވެސް ދޫނިތަކުގެ އަޑު ފަޒާގެ ތެރެއިން ކެނޑިގެން ނުދެއެވެ. ޖައްވުގެ ވައި ވެސް އެހެނިހެން ދުވަސްތަކާ ޚިލާފަށް ސާފުކަމަށް ދައްކައެވެ. މަގުތަކުގައި ހޭލަމޭލަވަމުން ދިޔަ މީހުންތަކަށް ބަލަމުން އީވާ މިސްރާބު ޖެހީ އޭނައަށް ވަޒީފާ ހަމަޖެހުނު ކެފޭއަށް ދިޔުމަށެވެ. ފައިމަގުން ވިއްސަކަށް މިނެޓްގެ ތެރޭގައި ދެވޭނެތީ ޓެކްސީއެއް ނެގުމުގެ ޚިޔާލެއް ނެތެވެ. ކެފޭ ހުންނަނީ ވެސް ސިޓީގެ ހަލަބޮލި މާހައުލާ ދުރު ހިސާބެއްގައެވެ. ކެފޭއާ ކުރިމައްޗަށް ވާހެން އޮތްނަ ޤުދުރަތީ ޕާކުގެ ސަބަބުން އެތަނުގެ ހިތްގައިމުކަން އިތުރުކޮށްދެއެވެ. ބޮޑުތި ބާރޗް، އޯކް އަދި ވިލޯ ގަސްތަކާއި ތަފާތު މާގަސްތަކުގެ ހިތްގައިމުކަން ވެސް ފެނެއެވެ. ކެފޭއާ މެދު އީވާ ގަޔާވި މައިގަނޑު ސަބަބަކީ ވެސް އެއީއެވެ. މިހާރަކަށް އައިސް ސިކުނޑި ބުރަހެލިވެފައިވާ ސްޓްރެސްތަކުން ދުރުވެލަން ލިބޭ ފުރުސަތަކަށް ވެދާނެކަމަށް ފެނުނީތީއެވެ. އަބަދުވެސް ތަފާތު ކަންތައް ކުރުމަށް އީވާގެ ޝައުޤުވެރިކަން ހުރެއެވެ.

''ޑްރީމް'' ކެފޭއަކީ ޖާގައިގެ ގޮތުން ބޮޑު ތަނެކެވެ. ދެ ބުރިއަށް އިމާރާތް ނަގާފައި ހުންނައިރު މާހައުލު ޒީނަތްތެރިކުރުމަށް ތަފާތު އެކި ކުރެހުންތެރިންގެ މޮޅު ކުރެހުންތައް ބޭނުން ކުރެވިފައި ވެއެވެ. މާނަ ފުން އެކުރެހުންތަކާ މެދު ކޮފީއާއި ތަފާތު އެކި ބުއިންތަކަށް އިންސާފުކުރާ ހިނދު ވިސްނުން ހިންގާލެވޭނެއެވެ. ފާރުތަކުގައި ލާފައި ހުރި ހުދުކުލައިން ފެށިގެން ގޮސް ކަޅާއި ހުދުން ފަރުމާކުރެވިފައިވާ ފަރުނީޗަރުތަކުން ވެސް މާހައުލަށް އިތުރު ހިތްގައިމުކަމެއް ގެނެސްދެއެވެ. ދަށުފަންގިފިލާގައި ހަރުކުރެވިފައިވާ ލައިޓުތަކާއި މަންދީލައިން ވެސް ތަނުގެ ހައިބަތު އަންގައިދެއެވެ. އެތަނުގައި މަސައްކަތްކުރާ އެންމެންނަކީ ވަޒީފާއަށްދާ ކިޔަވާކުދިންނެވެ. ގިނައީ ޑޮކްޓަރީކަން ކިޔަވަމުން ގޭގެ ކުއްޔާއި، ކިޔެވުމުގެ ޚަރަދުތައް ދެކޮޅު ޖައްސަން ބޭނުންވާ ކުދިންނެވެ. އެހުރިހާ އެންމެންނާ އީވާ ތަފާތެވެ. އައިސްފައި ހުރީ މުއްސަނދި އާއިލާ އަކުންނެވެ. މަސައްކަތެއް ނުކޮށް ވެސް ކިޔެވުމާއި ގޭގެ ޚަރަދުތައް ބެލެހެއްޓުމުގެ ޤާބިލުކަން ލިބިފައި ވެއެވެ. ނަމަވެސް އޭނަ އެވަޒީފާ ޚިޔާރުކުރީ ތަފާތުކަމެއް ތަޒުރިބާކޮށްލަން ބޭނުން ވާތީއެވެ. ދިރިއުޅުން ބަދަލުވެގެން ދިޔުމުގެ ކުރިން ކުދިކުދި ކަންތަކުން އުފާވެރިކަން ހާސިލުކުރާށެވެ.

އީވާއަށް އާދެވުނު އިރު ތަނުގެ ބޮޑު މީހާ އޭނައާ ބައްދަލުކުރަން އިންތިޒާރުގައި ހުއްޓެވެ. އެސްޓާ އަކީ އޯގާތެރި ހިތްހެޔޮ މީހެކެވެ. މެދު އުމުރަށް ގޮސްފައި ވިޔަސް އަދިވެސް އެމޫނުމަތިން ތާޒާކަން ފެނެއެވެ. ތުންފަތުގައި އަބަދުމެ ވަނީ އުފާވެރި ހިނިތުންވުމެކެވެ. އީވާ އެވަޒީފާއަށް ކުރިމަތިލުމުން އެސްޓާގެ ހިތުގައި ސުވާލު އުފެދުނެވެ. ހައިރާންކަން ލިބުނެވެ. ނަމަވެސް އީވާގެ ފަރާތުން ފެނުނު ޝައުޤުވެރިކަމުގެ ސަބަބުން ވަޒީފާ ދޭން ގަސްދުކުރީއެވެ. އެފަދަ އެތައް ޒުވާނުންނެއް އެތަނުގައި މަސައްކަތްކޮށްފައި ވާތީއެވެ.

''ދިސް އިސް ޖެނިފާ، ޝީ ވިލް ހެލްޕް ޔޫ...'' ކައުންޓަރު ދޮށުގައި ހުރި އިސްކޮޅުން ކުރު އަދި ހަށިގަނޑުން ވަރުގަދަ އަންހެންކުއްޖާ ދައްކާލަމުން އެސްޓާ ބުންޏެވެ. ''އިފް ޔޫ ނީޑް އެނީ އެލްޕް، ޖަސްޓް އާސްކް...''

ޖެނިފާގެ އަތްމައްޗަށް އީވާ ދޫކޮށްލުމަށްފަހު ދުވަހުގެ ކުރު ތަފްސީލެއް ދީފައި އެސްޓާ ގޮސް ވަނީ ތިރީގައި ހުންނަ އޮފީސް ބަޔަށެވެ. އެސްޓާ ގޮސް އޭނަގެ އޮފީހަށް ވަންނަން ދެން ބަލަން ހުރެފައި އީވާ އެނބުރިލީ ޖެނިފާއާ ދިމާއަށެވެ. ޖެނިފާ ވެސް ހުރީ ބަލަހައްޓައިގެންނެވެ. ދެފަރާތަށް އައްސާލެވިފައި އޮތް އޭނަގެ ދިގު އިސްތަށިގަނޑު ޝަހާދަތްއިނގިލީގެ ތެރެއަށް އޮޅާލަމުން އަނގައިގައި އޮތް ޗުވިންގަމުން ބޮއްކެއް ފަޅާލިއެވެ.

ޖެނިފާގެ ހަރަކާތްތަކަށް ބަލަން ހުރި އީވާ ހިނިތުންވެލިއެވެ.

''ޖެނިފާ!...'' އީވާގެ ބޮލުން ފެށިގެން ގޮސް ފަޔާ ހަމައަށް ފަރުވާތެރިކަމާއެކު ބަލައިލަމުން ސަލާމަތް އަތްދިއްކޮށްލުމަށްފަހު ޖެނިފާ ބުނެލިއެވެ. އީވާއާ މެދު އޭނަގެ ހިތުގައި ޝައުޤުވެރިކަން އުފެދިފައިވާކަން އެދެލޮލުން ހާމަވެއެވެ. އީވާ އިންޓަވިއުއަށް އައި ދުވަހު އޭނައަށް އީވާ ވަނީ ފެނިފައެވެ. އެދުވަހު އީވާ ލައިގެން ހުރި ހެދުމާއި ސްޓައިލުން އެއީ އާދައިގެ އާއިލާއަކުން އައިސްފައި ހުރި އަންހެންކުއްޖެއް ނޫންކަން އެންމެ ނަޒަރަކުން ވެސް އޭނައަށް ނަގައިގަނެވުނެވެ. އެހެންވުމުން އެހާ އާދައިގެ ވަޒީފާއަކަށް އީވާ އަންނަން ޖެހުނު ސަބަބަކާ މެދު އޭނަގެ ހިތުގައި ސުވާލު އުފެދިފައި ވިއެވެ. ހަމައެއާއެކު ކަންފަތާ ހަމައަށް މިއަދު ފޯރި ޚަބަރެއްގެ ސަބަބުން އިތުރަށް އެހިތުގައި ޝައުޤުވެރިކަން އުފެދިފައި ވިއެވެ. މީހުންގެ ދިރިއުޅުމުގެ ޒާތީ މައުލޫމާތު އޮޅުންފިލުވަން ޖެނިފާ ނިކަން ފޯރި ހުރެއެވެ. އިވޭ އަޑުތައް ރައްކާކޮށް އެއްތަނުން އަނެއްތަނަށް އުފުލުމަކީ ޖެނިފާ ދެވިހިފާފައި ހުންނަ އާދައެކެވެ.

''އީވާ...'' ޖެނިފާގެ އަތުގައި ހިފާލަމުން އީވާ ތައާރަފްވެލިއެވެ. ޖެނިފާގެ ތޫނު ބެލުމުން އީވާއަށް އުނދަގޫވިއެވެ. އަޅައިގެން ހުރި ބުރުގާގައި އަތްޖައްސާލެވުނީ މާވަރަކަށް ޖެނިފާ ބަލަނީ އޭގެ ސަބަބުންނޭ ހިތަށް އެރުމުންނެވެ.

''ނޯ!، ނޯ!، އައިމް ޓޯޓަލީ ކޫލް ވިތް ހިޖާބް، އިޓްސް ޖަސްޓް ދެޓް އައިމް ކިއުރިއަސް އެބައުޓް ޔޫ، އައި ހާރޑް ޔޫ އާރ އެ ޑޮކްޓާރ، އިސް ދެޓް ޓްރޫ؟...'' ކައުންޓަރުގައި އެއް އަތް ވިއްދާލަމުން ޖެނިފާ ބުނެލިއެވެ. ވަގުތުގެ ގޮތުން އެއްވެސް މީހަކު ކެފޭގައި ނޫޅެއެވެ. ވާހަކަދެއްވުމުގެ ފުރުސަތު އޮތީ ފަހިވެފައެވެ.

''ޔެސް ދެޓްސް ޓްރޫ، ނައު އައިމް ސްޓަޑީންގް ޓު ބީ އެ ސްޕެޝެލިންޓް...'' ޖެނިފާގެ މިޒާޖު ދަސްވުމުން ހިއްސާކުރެވޭ މައުލޫމާތުތަކާ މެދު ސަމާލުވުމަށް އީވާގެ ޒަމީރު އޭނައަށް އިރުޝާދުދިނެވެ. ހިނިތުންވުމަކުން ފުއްދާލީ ވެސް އެހެންވެއެވެ.

''އިސް އިޓް؟، މިސްޓަރ ގްރަމްޕީ އިސް އޯލް ސޯ ސްޓަޑީންގް ޓު ބީ އެ ސްޕެޝެލިސްޓް، ހީ ވިލް ކަމް އިން އެ ވައިލް... ސްޓޭއި އަވޭ ފްރޮމް ހިމް...'' ހަށަން ބަނދެލަމުން ޖެނިފާ ބުނެލިއެވެ. އެމޫނަށް ފޫހިކަމުގެ އަސަރު ވެރިވެގެން ދިޔައީ ކުއްލިޔަކަށެވެ. ޖެނިފާއަށް ބަލައިލި އީވާއަށް ހައިރާންކަން ލިބުނެވެ.

''މިސްޓަރ ގްރަމްޕީ؟...'' އީވާއަށް އަހާލެވުނެވެ. އެއާއެކު ތުންދިގުވެފައި ހުރި ޖެނިފާގެ ނަޒަރު އީވާއަށް ހުއްޓުނެވެ. އެމީހެއްގެ ކުރު ތައާރަފެއް ޖެނިފާ ދިނެވެ. ޖެނިފާގެ ވާހަކަތައް އަޑުއަހަން ހުރި އީވާއަށް އެއީ ދަންނަ މީހަކުހެން ހީވާން ފެށިއެވެ. ހިތުގައި އުފެދިގެން ދިޔަ ޝައްކާއެކު އޭނައަށް ބުމަ އަރުވާލެވުނެވެ. ވިސްނިވަރަކަށް އެމީހަކު ސިފަކުރެވެން ފެށުނީ ހަމަ އެންމެ ގޮތަކަށެވެ. އެއާއެކު އޭނައަށް ދެފަރާތަށް ބޯ ހޫރާލެވުނީ ހިތަށް ވެރިވި މޮޔަ ޚިޔާލެއްގެ ސަބަބުންނެވެ. އެޚިޔާލުތަކާ ދުރުވެލަންވެގެން އެމީހެއްގެ ނަން އަހަން އުޅުނު ވަގުތު މުވައްޒަފުން ވަދެނިކުތުމަށް ހާއްސަ ދޮރު ހުޅުވުނު އަޑު އީވާއަށް އިވުނެވެ. އަދި ޖެނިފާގެ މޫނު ފުސްވެގެން ދިޔަ މަންޒަރު ވެސް ފެނުނެވެ. ހިތުގައި އުފެދުނު ސުވާލާއެކު ފަސްއެނބުރި ބަލައިލެވުނެވެ.

އީވާއަށް ހީވީ އޭނަގެ މޭގަނޑު އަނގަޔަށް އައި ހެންނެވެ. ދެލޯ ބޮޑުކޮށްލަމުން މާކިންއަށް ބަލަން އޭނައަށް ހުރެވުނެވެ. ތަންމިނަށް ހުޅުވާލެވުނު އަނގަމަތީގައި އަތް އަޅާލެވުނީ ލިބުނު ހައިރާންކަމެއްގެ ސަބަބުންނެވެ. ހިތުގައި އޮތް ޝައްކު ޔަޤީނަށް ބަދަލުވެ ލޯކުރިމަތިން ފާޅުވެގެން ދިއުމުން އީވާގެ މޫނުގެ ކުލަވަރު ބަދަލުވާން ނެގީ ފަޅި ސިކުންތުކޮޅެކެވެ. އަނގަމަތީ އަޅާލެވުނު އަތްތިލަ ތިރިކޮށްލަމުން މުށްކަވާލެވުނެވެ. މާކިންގެ މުސީބާތުން އޭނައަށް ސަލާމަތެއް ވުމެއް ނެތީ ހެއްޔެވެ؟ އޭނަގެ ހިޔަނިހެން ފާރަލަމުން އެބަ އާދެއެވެ. އައި ރުޅީގައި ބުމަގޮށްޖަހާލެވުނެވެ.

ހައިރާންކަމާއެކު އީވާއަށް ބަލަން ހުރި މާކިންގެ ދެލޯ ހަނިވެގެން ދިޔައެވެ. ހަށަން ބަނދެލަމުން އީވާއަށް އޭނަ ބަލައިލިއެވެ. އީވާ ލައިގެން ހުރި ޔުނިފޯމުގެ ސަބަބުން ހިތުގައި ސުވާލުތައް ވެސް އުފެދުނެވެ.

މާހައުލަށް ވެރިވެފައި އޮތް ނުތަނަވަސްކަން އިހުސާސްވެ ޖެނިފާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ކައުންޓަރާއި ދުރަށް ޖެހިލުމަށްފަހު ދެލޯ ބޮޑުކޮށްލެވުނެވެ. މާކިންއާއި އީވާ އެކަކު އަނެކަކަށް ދެމުން ދިޔަ ރުޅިވެރިކަމުގެ ބެލުންތަކުން އޭނައަށް ސިފަކުރެވެނީ ފިލްމެއްގެ މަންޒަރެއް ލޯކުރިމަތިން ފެންނަ ހެންނެވެ. ފިލްމުގެ ފަހު ތަޅާލުންގަނޑަށް ''ވިލަން'' އާއި ''ހީރޯ'' ކުރިމަތިލާ ހިނދު ބައްދަލުކުރެވޭ އިންޒާރުގެ ބެލުންތަކެވެ. ހަމައެކަނި ފަހަތުން އިވޭ މިޔުޒިކުގެ އަޑު ނީވޭ ކަމެވެ. ޝައުޤުވެރިކަމާއެކު ދެން ނިއުޅިގެންދާނެ މަންޒަރަކަށް ޖެނިފާ ސަމާލުވެލިއެވެ. އީވާއާއި މާކިންގެ ދެމެދުގައި އަނދަމުން ދިޔަ ނަފުރަތާއި ރުޅިވެރިކަމުގެ އަލިފާންގަނޑުގެ ހޫނުކަން އޭނައަށް އިހުސާސްކުރެވެން ފެށުނެވެ. ލާނެއް ހިންޏެއް ވެސް އަތުވެއްޖެއެވެ.

''މިތާ ކީއްތިކުރަނީ؟...'' ފަޓުލޫނުގެ ޖީބަށް އަތް ޖަހާލަމުން މާކިން ބުނެލިއެވެ. އަތްކުރު ޔުނިފޯމުގެ ގަމީސް އެބާރުގަދަ މުލައްދަނޑިއަށް އޮތީ ހިފާލާފައެވެ. ޒަމާނާއި ހަލާތާ ނުބައްދަލު ހެދުން އެޅުމުގެ ވައްޓަފާޅިއާ ދުރުން މާކިން ފެނުނު ފުރަތަމަ ފަހަރުކަމުން އީވާއަށް ބަލަން ހުރެވުނެވެ. މާކިންގެ ދިގު އިސްތަށިގަނޑު އޮތީ މައްޗަށް ނަގައި ރީތިކޮށްފައެވެ. ތެތްކަން އެކުލެވިގެންވި އިސްތަށިގަނޑުން ބައެއް އެތަނަވަސް ނިތު މައްޗަށް ފައިބާފައި ވިއެވެ. ތަރުތީބެއް ނެތީ ހަމައެކަނި އެތުނބުޅީގައެވެ. ފެންނަމުން ދިޔަ މަންޒަރު ޤަބޫލުކުރަން ދަތިވެފައި އީވާއަށް ބަލަން ހުރެވުނެވެ. ބޭނުން ނުވިޔަސް މާކިންގެ ދިގު އިސްކޮޅާއި އެކަސްރަތީ ހަށިގަނޑަށް ފުރަތަމަ ފަހަރަށް އީވާގެ ސަމާލުކަން ހުއްޓިއްޖެއެވެ. އެއާއެކު އަވަސްއަވަހަށް ނަޒަރު އެހެން ދިމާއަކަށް އަނބުރާލެވުނެވެ. ހިތަށް ވެރިވެގެން ދިޔަ ޚިޔާލަކުން މީހާއަށް ނުތަނަވަސްކަން ލިބުނެވެ.

''ތި ސުވާލު އަހަންނަށް ވެސް ކުރެވިދާނެ...'' ފަރުވާކުޑަ ރާގެއްގައި އީވާ ބުންޏެވެ. އޭނަގެ ނަސީބު ދެރަކަމާ މެދު އީވާއަށް ވިސްނާލެވުނެވެ. ސިކުނޑީގެ ހާސްކަމާއި ދުރުވެލަން ޚިޔާރުކުރި މަސައްކަތުން މުސީބާތް އެދައްކާލީ އޭނަގެ ލޯކުރިމަތިންނެވެ. ބޭނުން ނުވިޔަސް މާކިން އޭނައަށް ފާރަލަނީއޭ ހީވަނީ މިފަދަ ކަންތައްތަކުންނެވެ. އެނުލަފާ މީހާ ކޮށްފާނެކަމެއް ވިސްނައިގަތުމަކީ ވެސް އުނދަގޫކަމެއް ވިއްޔާއެވެ.

''ޑޫ ޔޫ ނޯ އީޗް އަދާރ؟...'' ކުއްލިޔަކަށް އިވުނީ ޖެނިފާގެ އަޑެވެ. އީވާއާއި މާކިންގެ ނަޒަރު ވެސް ޖެނިފާއަށް ހުއްޓުނެވެ. މަސްރަހުގު ނުބައިކަން އޭނައަށް ރޭކާލީ ދެނެވެ. ޝައުޤުވެރިކަމާއެކު ޖެނިފާއަށް އެއްބުމަ އަރުވާލެވުނެވެ.

''އިޓް ސީމްސް ޓު މީ ދެޓް ޔޫ ނޯ އީޗް އަދާރ، އެންޑް ޑޯންޓް ލައިކް އީޗް އަދާރ... އިންޓްރެސްޓިންގް!...'' ޖެނިފާ ވިސްނަމުން ބުންޏެވެ. ޖެނިފާގެ ވާހަކަތަކަށް ހުއްޓުމެއް އައީ ކެފޭއަށް ކަސްޓަމަރަކު ވަނުމުންނެވެ. އެހާ ހިސާބުން މާހައުލުގެ ނުތަނަވަސްކަން ރޫޅިގެން ދިޔައެވެ. އީވާއަށް ސަމާލުކަމެއް ދިނުމެއް ނެތި މާކިން ގޮސް ހުއްޓުނީ ކޮފީ މެޝިން ކައިރިއަށެވެ. މާކިންއާ ދިމާއަށް ކަޅިއަޅާލަމުން އީވާ ޖެހިލީ ޖެނިފާގެ ގާތަށެވެ.

''އިޓްސް ޓޯޓަލީ އޯކޭ އިފް ޔޫ ހޭޓް ހިމް، ހީ އިސް އެ ޓޯޓަލް ޖާރކް، އެވްރީވަން ކޮމްޕްލެއިންސް އެބައުޓް ހިސް އެޓިޓިއުޑް، ވަންސް ހީ ވޯސް ވެރީ ރޫޑް ޓު އަ ކަސްޓަމާރ ހޫ ވޯސް ފްލާރޓިންގް ވިތް ހިމް، އިޓް ބިކޭމް އަ ހިއުޖް މެސް އެންޑް ހީ ގޮޓް އަ ވޯރނިންގް ފްރޮމް އެސްޓާ... ހިސް ރެޕިއުޓޭޝަން އިސް ވެރީ ބޭޑް، ހީ އީވެން ގޯސް ޓު އެ ކްލިނިކް އޮން ވީކެންޑް، ދޯސް އާރ ދަ ބެސްޓް ޑެއިސް އޭސް ހީ ވޯންޓް ކަމް ޓު ވޯރކް އޮން ދޯސް ޑެއިސް... އައި ވޮންޑާރ ވައި ހީ ކަމްސް ޓު ދިސް ކެފޭ ވެން ހީ ކޭން ވޯކް އެޓް ދި ކްލިނިކް، މޭއި ބީ ހީ އިސް އިން ނީޑް އޮފް މަނީ!...''

ކަސްޓަމަރަކަށް އެހީވަމުން ސިއްރުސިއްރުން ޖެނިފާ ކިޔައިދިނެވެ. މާކިންގެ ދިރިއުޅުމާ މެދު އޭނައަށް އެނގޭ ހުރިހާ ވާހަކައެއް ޖެނިފާ ކިޔައިދިނެވެ. އެވާހަކަތައް އޭނައާއި ހިއްސާކުރަން ޖެނިފާ ބޭނުންވި ސަބަބެއް ވެސް އީވާއަކަށް ނޭނގުނެވެ. ސަމާލުކަން ދޭން ބޭނުން ނުވިޔަސް އެވާހަކަތަކާ މެދު އީވާއަށް ވިސްނާލެވުނެވެ. އެއާއެކު ހިތުގައި އޮތް ފޫހިކަން އިތުރުވެގެން ދިޔައެވެ.

''މިނަށް ވުރެން ފޮނި ބޮޑުވެގެން އުޅޭ މީހެއް، އެކަމަކު ކާކުތަ މޮޔަ ވެގެން އޭނައާ ފްލާޓްކުރަން އުޅުނީ؟، އެސިފަ އަންހެންކުދިންނަށް ކަމުދޭތަ؟... އެޔުނިފޯމާ ނުލާ އާދައިގެ ހެދުމެއްގައި ފެނިއްޖެއްޔާ ހޮޑުވެސް ލެވޭނެ، ދެން ހާދަ ފޫއްސެއްވެޔޭ، ލަންޑަންގެ ހުރިހާ ކެފޭ ތަކުން ހަމަ މިތަނުގަ އޭނަ މަސައްކަތްކުރަނީ ކީއްވެތަ؟، ދެން ހުންނާކަށް ވެސް ބޭނުމެއް ނޫން... އާރގް!...'' ހިތާހިތުން އީވާއަށް އަޑުލައިގަނެވުނެވެ. މާކިން ފެންނަން ފެށުމުން އޭނަގެ މޫނު ބަނަވާން ފެށިއެވެ.

*****

އީވާ ނެތް ގަޑިއެއް ބަލާފައި އީވާގެ ވާހަކަ ވެސް މާކިންގެ ގާތުގައި ޖެނިފާ ދެއްކިއެވެ. މާކިންދެކެ ކިތަންމެ ފޫހިވިޔަސް ވާހަކަ ފެތުރުމަކީ ޖެނިފާ ވަރަށް ކުރާ ހިތްވާ ކަމެކެވެ. މުނިފޫހިފިލުވަން އޭނަ އެންމެ ގަޔާވާކަމަކީ އެއީއެވެ. މާކިންއާއި އީވާއާ ދެމެދު އޮތް ނުތަނަވަސްކަން ފެނި އެކަމުގެ ހަޤީޤަތް ވެސް ހޯދަން އޭނަ ބޭނުން ވިއެވެ. ތަފާތު ވާހަކަތަކުގެ ތެރޭން އީވާ އިންޓަވިއުއަށް އައި ދުވަހު އީވާގެ ފަރާތުން ފެނުނު މުއްސަނދިކަމުގެ ކުލަވަރުތަކުގެ ވާހަކަ ވެސް ހިއްސާކުރިއެވެ. އީވާ ކެފޭއަށް އައި ސަބަބާ މެދުގައި ވެސް ސުވާލު އުފެދޭ ކަމަށް ޖެނިފާ ބުނެލިއެވެ. ޖެނިފާގެ އެއްވެސް ވާހަކައެއް އަޑު އިވުނުކަމަކަށް މާކިން ނުހެދިއެވެ. ޖެނިފާނެ ފިތުނަވެރިކަން އޭނައަށް އެނގޭތީއެވެ. ނަމަވެސް ފަހުން ބުނި ޖުމްލައާ މެދު ވިސްނި އީވާއާ މެދު ހިތުގައި ހިތްހަމަނުޖެހުން އުފެދުނެވެ.

މާކިން ވާހަކަ ނުދެއްކުމުން ޖެނިފާއަށް މޫނު ހަދާލެވުނެވެ. ދުރަށް ޖެހިލަމުން ކައުންޓަރު މަތީ އޮތް އޭނަގެ ފޯނު ނަގައި ކުޅެން ފެށިއެވެ.

*****

ފާޚަނާއަށް ދާން ވުމުން ޖެނިފާ އަވަސްއަވަހަށް ފާޚަނާ ބަރިއާ ދިމާއަށް މިސްރާބު ޖެހިއެވެ. ފުރުސަތު ބަލާފައި އީވާއާ ކައިރިއަށް މާކިން ޖެހިލިއެވެ. ކަސްޓަމަރުން ތިބުމުން ބުނަންވާ އެއްޗެއް އަޑު ހަރުކޮށް ބުނެވެން ނެތީތީއެވެ. މާކިން އޭނަ ގާތަށް ޖެހިލަމުން އީވާއަށް ތެޅިގަނެވުނެވެ. މާކިންގެ އުޅޮނބޮށިން އީވާގެ ހިކަނދިމަސްގަނޑުގައި ޖެހިލުމުން ދެލޯބޮޑުކޮށްލަމުން ބަލައިލިއެވެ.

''މިތަނަށް އައީ ކީއްކުރަން؟، އަހަރެން މަސައްކަތްކުރާ ތަން ހޯދައިގެން ޖެއްސުންކުރަންތަ ތިއައީ؟... ބުނަންތަ ރަނގަޅު ވާހަކައެއް!، ހުރިހާ އެންމެންނަކީ ތިކުއްޖާހެން ފުދުންތެރި ބައެއް ނޫން، ވަގުތު ދުއްވާލަން ތިކުއްޖާ މިތަނަށް އަޔަސް އެހެން މީހުން އަންނަނީ މުސާރަ ހޯދަން...'' ޖެނިފާގެ ވާހަކަތަކުގެ މައްޗަށް ބުރަވެހުރެ މާކިން ބުންޏެވެ. އޭނަގެ ރާގުން އީވާ ދެކެ ރުޅި އައިސްފައި ހުރި މިންވަރު ހާމަކޮށްދިނެވެ.

''އަހަރެން ކީއްވެގެންތަ މާކިން މަސައްކަތްކުރާ ތަނެއް ހޯދައިގެން އެތަނަކަށް އަންނަންވީ، އަހަންނަށް ވާނެނަމަ މާކިން ފެންނަ ހިސާބަކަށް ވެސް ނާންނާނަން... ކުރިން އެނގުނުނަމަ މިތަނަކަށް ވެސް ނާންނާނަން... އެހެންނޫނަސް އަހަރެން ކުރާ ކަންތަކަށް ފާޑު ކިޔަން ތީ ކާކުތަ؟، އަހަރެންގެ ދިރިއުޅުމާ މެދު އެއްޗެއް ބުނުމުގެ ހައިސިއްޔަތެއް މާކިންއަކަށް ލިބިފައެއް ނުވޭ...'' ހިތްހަމަނުޖެހުމާއެކު އީވާއަށް ތުންއަނބުރާލެވުނެވެ.

''މިއަދުން މިއަދަށް މިތަނުން ކެނޑޭތި!...'' މާކިން ހަރުކަށިކަމާއެކު ބުނެލިއެވެ. ''މިތަނުން ތިކުއްޖާ ފެންނާކަށް އަހަރެން ބޭނުމެއް ނޫން!... އަޑު އިވިއްޖެތަ؟...''

''ކީއްވެ؟...'' ރުންކުރު ރާގަކަށް އީވާ ރައްދުދިނެވެ. މާކިން އެހާ ގާތުގައި ހުރުމުން އީވާއަށް އުނދަގޫ ވެއްޖެއެވެ. އޭނަ މާކިންއާ ދުރަށް ޖެހިލަން އުޅުނު ވަގުތު މާކިން ހިފެހެއްޓީ އޭނަގެ ހިކަނދިމަސްގަނޑުގައެވެ. ލިބުނު ހައިރާންކަމާއި ސިހުމާއެކު އީވާއަށް އިސްއުފުލާ ބަލއިލެވުނެވެ. އެހާ ގާތުން މާކިންގެ ތޫނުފިލި ދެލޯ ފެނުމުން މޭގެތެރޭގައި އޮތް ހިތް ތެޅިލައިފިއެވެ. އެތޫނު ބެލުމުން ހިތުގައި ޖެހިލުންވުން އުފެދުނެވެ. ސިކުންތުކޮޅަކަށް ވިޔަސް ރުޅިވެރިކަން ހިތުގެ ތެރެއަށް ގެނބިގެން ދިޔައެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟