ދިހަވަނަ ބައި
"އީރަން…!!" އާޝިދްގެ ދެތުންފަތް ދޭތެރެއިން އޭނާގެ ހިތުގެ މަލިކާގެ ނަން ބޭރުވެގެން ދިޔައެވެ.
ގޭދޮރު މައްޗަށް ސައިކަލް މަޑުކޮށްލުމާއެކު އާޝިދް ފޭބިއެވެ. ކުރިމަތިން ހުރި އަޅިކުލައިގެ ދޮރާށްޓަށް ބަލައިލާފައި ހިނިތުންވެލިއެވެ. އެގޭ ދޮރާށިމަތިން މަގުމައްޗަށް ފެތުރިފައިވާ ބޯގަންވިލާ މާތަކުން އޭނާއަށް ހިތްހަމަޖެހުން ލިބިއްޖެއެވެ. އެ މާ މަތިން އޭނާ ހަނދާންނެތޭނީ ކިހިނެއް ހެއްޔެވެ؟ އެ މާ އޭނާއަށްކަމުދިޔައީ އޭނާގެ އީރަންއަށް އެ މާ ކަމުދިޔަ ހިސާބުންނެވެ.
"ވާއު... މިގޭގަ ބޯގަންވިލާ މަލަށް ލޯބިކުރަ މީހުން ވަރަށް އުޅޭހެން ހީވޭ" ސައިކަލް ޕާކްކޮށްފައި އުނޭޝް އައުމުން އާޝިދް ބުނެލިއެވެ.
"ހެހެހެ... އަހަރެންވެސް ވަރަށް ގަޔާވާ މަލެއް. އެކަމަކު އަހަރެންގެ އަންހެނުންނަށް މާބޮޑަށް ކަމުދާ މަލެއް ތިއީ" އުނޭޝް ބުނެލިއެވެ.
ގޭތެރެއަށް ފުރަތަމަ އެޅި ފިޔަވަޅާއެކު އާޝިދްގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައިއްސިއެވެ. ކޮޓަރިން ނިކުމެގެން ދުރަށް ހިނގާފައި ދިޔަ އަންހެންކުއްޖާ އޭނާގެ ހިތަށް އަދިވެސް ފެންނަ ކަހަލައެވެ. އެކަމަކު އެހެން ވެދާނެހެއްޔެވެ؟ އެހެންވެއްޖިއްޔާ އެއީ ވަރަށް ބޮޑު އިއްތިފާގެކެވެ.
"ތަމަން..." ސިޓިންރޫމުގައި މަޑުކޮށްލުމަށްފަހު އުނޭޝް ތަންކޮޅެއް ބާރަށް ގޮވައިލިއެވެ. މާގިނަ އިރެއް ނުވަނީސް ކޮޓަރިން ތަމަންނީ ނިކުމެގެން އައެވެ.
"މިއީ އާޝިދް. ރޭގަ މާލިކްބެ ދެއްކިއެއްނު. ދޭބަލަ އާޝިދަށް ކޮޓަރި ދައްކަން" ތަމަންނީއަށް އުނޭޝް ބުނެލިއެވެ.
"މިއީ އަހަރެންގެ އަންހެނުން ތަމަން. މަންމަމެންވެސް އުޅޭނެ. ކާގަޑީގަ ބައްދަލުވާނެ އެންމެންނާ. ފްރެޝް ވެލައިގެން އާދޭ" އުނޭޝް ބުނެލިއެވެ.
"ކަމްލާ! އާޝިދްގެ ކޮޓަރި އޭނައަށް ދައްކަބަލަ" ކަލްމާ ފެންނަން ނެތް އިރުގައިވެސް ތަމަންނީ ގޮވައިލިއެވެ. އުނޭޝްއަށް އެގޮތް ކަމުނުދިޔައެވެ. އާޝިދުވެސް ތަމަންނީއަށް ބަލައިލި ގޮތުން އެކަން އޭނާއަށް ފާހަގަވިކަން އުނޭޝްއަށް އިނގުނެވެ. ތަމަންނީދެކެ ހިތްހަމަނުޖެހިފައި ހުރިވަރުން ތަމަންނީގެ އަތް ނައްޓުވާލާފައި ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ.
ތަމަންނީ ކޮޓަރިއަށް ވަންއިރު އުނޭޝް ފެންނާކަށް ނެތެވެ. އެނދުގައި އިށީނދެގެން އިނީ ފާހާނާއިން އުނޭޝް ނިކުންނަންދެނެވެ.
"ކާން ހިނގާ" އުނޭޝް ފާހާނައިން ނިކުތުމުން ތަމަންނީ ބުނެލިއެވެ.
"ކޯޗެއް ކާންހުރީ" ހަރުގައި ތުވާލި އަޅުވައިލަމުން އުނޭޝް އެހިއެވެ.
"ނޭނގެ. މިގޭގަ ކެއްކި އެއްޗެއް ކާކަށްނު ޖެހޭނީ" ތަމަންނީ ބުނެލިއެވެ.
"އަހަރެން ކިތައްފަހަރު ތަމަން ކައިރީގަ ބުނާނީ ގޭތެރޭގަ މަސައްކަތްކުރާށޭ. އަހަރެންގެ ކަންތަކަށް ފަރުވާކުޑަ ނުކުރާށޭ. މަންމަގެ ރުހުމެއް ތިގޮތަށް އަބަދު ކޮޓަރީގަ އޮވެގެނެއް ނުލިބޭނެ" އުނޭޝް ހިތްހަމަނުޖެހިފައި ވާހަކަދެއްކިއެވެ.
"އަހަރެން މިދަނީ އޮފީހަށް ކާން" އުނޭޝް ހިނގައިގަތުމުން ތަމަންނީ ދެރަވިއެވެ. ވަގުތުން އުނޭޝް ރުއްސަން ބޭނުންވިއެވެ.
"ސޮރީ ލަވް. ބަލާނަމޭ ތިގޮތަށް ކަންތައްތައް ކުރެވޭތޯ. އުނޭ ބޭރުން ކެއިމަ އެ އައި ގެސްޓްވެސް ކީކޭ ހިތަށް އަރާނީ" ތަމަންނީ ބުނެލިއެވެ.
ކާމޭޒު ކައިރީގައި އެންމެން ހަމަވުމާއެކު އުނޭޝްގެ އެންގުމަށް ކަމްލާ އާޝިދް ބަލާ ކޮޓަރިއަށް ދިޔައެވެ. އުނޭޝް ކައިރީގައި ތަމަންނީ އިންއިރު އިރާނިޔާ ހުރީ ކަމްލާއާއެކު ތަށި ކައިރިކުރާށެވެ.
މޭޒާއި ދިމާލަށް އެޅި ފުރަތަމަ ފިޔަވަޅާއެކު ތައްޓެއް ހިފައިގެން ހުރި އިރާނިޔާ ފެނި މުށިގަނޑު މަތީގައި އާޝިދުގެ ދެފައިތިލަ ތަތްލި ކަހަލައެވެ. އޭނާއަށް ވައިއަޑުން އިރާނިޔާގެ ނަން ކިޔައި ލެވިއްޖެއެވެ. އިރާނިޔާގެ ފައިން ފެށިގެން ބޮލާއި ހަމައަށް ބަލައިލާފައި ނަޒަރު ހުއްޓުނީ އިރާނިޔާގެ ބޮޑު ބަނޑަށެވެ. އޭނާގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވެއްޖެއެވެ.
"އަވަހަށް ދުރުވޭ" ޙާއިޝާ ވާހަކަދެއްކި އަޑަށް އާޝިދް ދިޔައީ ސިހިގެންނެވެ. އިރާނިޔާވެސް ޙާއިޝާގެ އަޑަށް ބަލައިލިއެވެ. ޙާއިޝާގެ މޫނުން ލަސްލަހުން އިރާނިޔާގެ ނަޒަރު އާޝިދަށް ދަތުރުކޮށްލިއެވެ.
"ސިޑް..." އިރާނިޔާއަށް ވެސް ވީ އާޝިދަށް ވީވަރެވެ. އޭނާގެ ޒަމާންވީ އެކުވެރިޔާ އެހުރީ އޭނާގެ ކުރިމަތީގައެވެ. އާޝިދަށް ގޮނޑިއާއި ހަމައަށް އާދެވުނުނުއިރުވެސް އޭނާގެ ނަޒަރު ހުއްޓިފައި ހުރީ އިރާނިޔާއަށެވެ. އެމަންޒަރު އުނޭޝްއަށް ފެނުމުން މޫނުމަތިން ޚައިރާންކަން ފާޅުވަމުން ދިޔައެވެ. އިރާނިޔާގެ މޫނަށް ބަލައިލާފައި އޭނާއަށް ބަލައިލެވެނީ އާޝިދްގެ މޫނަށެވެ.
"ދައްތަ!! އެހާ މާތްބަހުން ވާހަކަ ނުދެއްކިޔަސް އެންމެ ރަނގަޅުވާނެ. އަޅުގަނޑަކީ ހަމަ ވަރަށް އާދައިގެ އިންސާނެއް" ގޮނޑި ދަމާލާފައި އިށީންނަމުން އާޝިދް ބުނެލިއެވެ. ޙާއިޝާ ހިނިތުންވެލިއެވެ.
"ރާނީ...! ދަރިފުޅު ދާންވީނުން އަދޫ ބަލާ. މަންމަ އެއްފަހަރު ގޮވާލިން" އިރާނިޔާއަށް ޙާއިޝާ ބުނެލިއެވެ. އިރާނިޔާ ހިނގައިގަތުމުންވެސް އާޝިދަށް އިނދެވުނީ ބަލަހައްޓައިގެންނެވެ.
"މިގޭތެރޭގަ އާޝިދަށްވެސް މަނާކަމެއް ނޯންނާނެ. ތިއީ ހަމަ އަހަރެންގެ ދަރިއެއް ފަދައިން ދެކޭނަން" ޙާއިޝާ ވާހަކަދެއްކިއެވެ.
އިރާނިޔާއާއި އެކު އައި އަދްޔަން ފެނުމުން އާޝިދް ބަލައިލީ ތަފާތު ގޮތަކަށެވެ. އެހެންނަމަވެސް އާޝިދަށް އަދްޔަން ދިނީ ހިނިތުންވުމެކެވެ.
"މިއީ އަހަރެންގެ ދެވަނަ ފިރިހެން ދަރިފުޅު. މިހާރު އުނޭޝް ދިމާވެއްޖެއްނު" ޙާއިޝާ ވާހަކަދެއްކިއެވެ. ގޮނޑީގައި އިށީނުމުގެ ކުރިން އަދްޔަން އާޝިދާ ސަލާމްކުރިއެވެ.
"ދަރިފުޅުވެސް ބައިވެރިވާންވީނުން" އިރާނިޔާއަށް ޙާއިޝާ ބުނެލިއެވެ.
"އަޅުގަނޑު ފަހުން ކަމްލާއާއެކު ކާނީ" އިރާނިޔާގެ އަޑު ޖެހުމުން އާޝިދަށް ހީވީ އޭނާގެ ކަންފަތް ދަށުގައި ހިތްގައިމު މިޔުޒިކެއްގެ އަޑު އިވުނުހެންނެވެ.
"ޖޫސްތޯ ނުވަތަ ކޮފީ ތޯ" ރައްޓިހި ރާގަކަށް އަދްޔަން އަހައިލިއެވެ.
"ސިޑް ތިއިން އެއްވެސް އެއްޗެއް ނުބޯނެ. އޭނާ ކާގަޑިތަކަށް ބޭނުންވާނީ ކަޅުސައި" އިރާނިޔާ އާޝިދަށް ބަލައިލަމުން ބުނެލިއެވެ. ހުރިހާ އެންމެންނަށް ލިބިގެން ދިޔައީ ޚައިރާންކަމެވެ. އިރާނިޔާގެ މޫނަށް ބަލަހައްޓައިގެން ތިބީ ސުވާލުގެ ނަޒަރަކުންނެވެ.
"ރާނީމެން ރަށްތަ؟" ޙާއިޝާ އަހައިލިއެވެ.
"ލައްބަ. އަޅުގަނޑުގެ މަންމައަކީ އީރާންގެ ރަށު މީހެއް. ބައްޕަ މާލެ. އަޅުގަނޑު އަބަދުވެސް އުޅުނީ މަންމަ ފަރާތު ބޮޑުދައިތަ ކައިރީގަ. އީރާނަކީ އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިއެއް" އާޝިދް ވާހަކަދެއްކިއެވެ. އާޝިދާމެދު ބުނެދޭން ނޭނގޭ ފޫހިކަމެއް ހިތުގައި އުފެދިފައި އިނީ އުނޭޝްއެވެ. އިރާނިޔާއާއި އެހެން ފިރިހެނަކު ސަމާސާކުރާ މަންޒަރު ފެނުމަކީ އޭނާ ރުހޭކަމެއް ނޫނެވެ.
"އެއީ ތެދެއް މަންމާ..." އިރާނިޔާ ބުނެލިއެވެ.
"ތިވީ މާ ރަނގަޅަކަށްނު. އާޝިދަށް ބީރައްޓެހިކަމެއް މިގެއިން އިހުސާސެއްނުވާނެއްނު" ޙާއިޝާ ވާހަކަދެއްކިއެވެ.
ފުރަތަމަ ދުވަސްކަމަށްވުމާއެކު ގޭތެރޭގައި ހުރިހާ ވަގުތެއް ހޭދަކުރަމުން އާޝިދް ދިޔައެވެ. އިރާނިޔާއާއި އެކަނި ބައްދަލުވާނެ އިރަކަށް އޭނާ ދިޔައީ ބަލަމުންނެވެ. އޭނާގެ ހިތުގައި އެތައް ސުވާލުތަކެއް ވަނީ އުފެދިފައެވެ. އެނދުގައި ނޯވެވިގެން އާޝިދް ތެދުވީ ބޭރަށް ނިކުމެލުމަށެވެ. ސައިޑްކަބަޑު މަތީގައި ހުރި ޖަގު ހިފައިގެން ނިކުތް ވަގުތު އެއީ އަދްޔަންއާއި އިރާނިޔާ ކޮޓަރިން ނިކުތް ވަގުތެވެ.
"މަންމަ ހޯދައިފިއްޔާ ބުނައްޗެ އިނގޭ އީސަބެއާ ލާރި ހަވާލުކުރަންށޭ ދިޔައީ" އިރާނިޔާގެ ކޮނޑުގައި ޖަހައިލަމުން އަދްޔަން ބުނެލިއެވެ. އަދްޔަންއަށް ހިނިތުންވުމެއް ދިނުމަށްފަހު އިރާނިޔާ ބަލައިލީ އޭނާއާއި މާދުރުނޫން ހިސާބެއްގައި ހުރި އާޝިދަށެވެ.
އާޝިދާއި ގާތަށް ފިޔަވަޅު އަޅަމުންދިޔަ އިރާނިޔާ ހުއްޓުނީ އާޝިދްގެ ކުރިމަތީގައެވެ. އެހާ ގާތުން އިރާނިޔާ ފެނުމުން ހިނދުކޮޅަކަށް އާޝިދްގެ އަތް އުފުލައިލެވުނީ އިރާނިޔާގެ މޫނުގައި ފިރުމާލުމަށެވެ.
"ކަމެއް ބޭނުންވީތަ؟ ފެން ހުސްވީތަ؟" އާޝިދްގެ އަތުގައި އޮތް ޖަގަށް ނަޒަރެއްދެމުން އިރާނިޔާ އަހައިލިއެވެ.
"އާނ..." އާޝިދް ބުނެލިއެވެ.
"ގެނޭ. މިއަންނަނީ" އިރާނިޔާ ޖަގުގައި ހިފަމުން ބުނެލިއެވެ.
"އަހަރެން އީރަންއާއެކު ދަންތަ؟" އާޝިދް އަހައިލިއެވެ.
"އެންމެރަނގަޅު" އިރާނިޔާ ބުނެލިއެވެ.
ދެކުދިން އެކުގައި ބަދިގެއަށް ވަދެގެން ދިޔައެވެ. އެމަންޒަރު ކޮޓަރިއަށް ވަންނަން އައި އުނޭޝްއަށް ފެނުނެވެ. ފިޔަވަޅުތަކަށް ބާރުލާފައި އެދިމާލަށް ދާން އުޅުނު ވަގުތު މަޑުޖެހުނީ ޖީބުގައި އޮތް ފޯނު ރިންގުވާން ފެށުމުންނެވެ.
"އެކުވެރިއެއްގެ ގޮތުގައި މިހާރު އަހަރެން ގަބޫލުނުކުރަނީތަ؟" އާޝިދް އަތަށް ފެންޖަގު ދީފައި ހިނގައިގަންނަން އުޅުނު ވަގުތު އިރާނިޔާ މަޑުޖެހުނީ އާޝިދް ވާހަކަދެއްކި އަޑަށެވެ.
"އަހަރެން ސުވާލެއް ކޮށްލަންތަ؟" ފުރަގަހަށް ހުރި އިރާނިޔާ އަހައިލިއެވެ.
"އަހަންވީ. އެކަމަކު އޭގެކުރިން ކުޑައިރުކޮޅަކު ވާހަކަދައްކާލަން މިތަނުގައި އިށީންނަންވީނުން" އާޝިދް ބުނެލިއެވެ.
އިރާނިޔާ އިށީނުމުން އާޝިދްގެ ނަޒަރު އިރާނިޔާގެ މޫނަށް ހުއްޓުނެވެ.
"ސިޑް ރަނގަޅުތަ؟ ކޮބާ މިހާރު ވަދީ...! ދެކުދިން އަދިވެސް އެކީގަތަ ތިއުޅެނީ؟" އިރާނިޔާ އަހައިލިއެވެ.
"ހެހެހެ... އަދިވެސް ހަނދާން އެބަހުރި. ވަދީގެ ކަންތައް ހަމަ އެހަފްތާގައި ނިމިއްޖެ" އާޝިދް ބުނެލިއެވެ.
"ތިބުނީ...؟"
"މިބުނީ އަހަރެންގެ ކައިވެނި ބޮޑުދައިތަ ވަދީއާއި ހަމަޖެއްސިއިރުވެސް އީރަންއަށް އިނގޭނެ އަހަރެން ވަދީއަށް އެއްވެސް ވަރަކަށްޝައުގެއްނެތްކަން. އަހަރެން އެއްވެސް މީހަކަށް ދޮގެއް ނަހަދަން. އޮޅުވާލުމެއްގެ ތެރޭގަ ވަދީ ބަހައްޓަން ބޭނުންނުވާތީ އަހަރެން ބުނީ އަހަރެން ވަދީދެކެ ލޯބިނުވެޔޭ.... އަހަރެން ލޯބިވަނީ...." އިރާނިޔާގެ ނަޒަރު އާޝިދަށް ހުއްޓުނު ވަގުތު އެއީ އާޝިދުވެސް އިރާނިޔާއަށް ބަލައިލި ވަގުތެވެ.
"ސޮރީ... އަހަރެންނަށް އިނގޭ އަދިވެސް އީރަންއަށް އަހަރެންގެ ހިތްއެދޭގޮތް އިނގޭކަށް. އެކަމަކު އަހަރެން އީރަންއަށް މަޖުބޫރެއް ނުކުރާނަން. އުންމީދުނުކޮށް ހުއްޓާ މިގެއިން އީރަން ފެނުމުން އަހަރެންނަށް ވީގޮތް ހެއްދެވިފަރާތް ދެނެވޮޑިގެންވާނީ" އާޝިދް ވާހަކަދެއްކިއެވެ.
"އަހަރެންނަށް ރަނގަޅީ ތިވާހަކަ ނުދެއްކިއްޔާ. އަހަރެން މިއީ މީހެއްގެ އަންބެއް. އަދި ވަރަށް އަވަހަށް ދަރިއަކު ލިބެން އެއުޅެނީ" އިރާނިޔާ ބުނެލިއެވެ.
"އިނގޭ.. އަހަރެން އިންތިޒާރުކުރާނަން އަބަދުވެސް...." އާޝިދް ބުނެލިއެވެ.
"ދެން ހިނގާ ދާން. މިހާރު ޒަމް އަންނާނެ" އެ މައުޟޫއަށް ވާހަކަދައްކަން އިރާނިޔާއަށް ފަސޭހައެއްނުވިއެވެ.
ދޮރާށި ހުޅުވާލާފައި ބޭރަށް ނިކުތް ޝެނަލް ފަހުފަހަރަށް ގޯތިތެރެއަށް ބަލައިލިއެވެ. މީހެއްގެ ހިލަން ނުވުމުން ނިކުމެފައި މަޑުމަޑުން ދޮރު ލައްޕައިލިއެވެ. އެމަންޒަރު ބަލަންހުރި ބައްސާމަށް ޚައިރާންކަން ލިބުނެވެ. ދުވަހަކުވެސް އެހާ ސިއްރުން ޝެނަލް އުޅެނިކޮށް އޭނައަށް ފެނިފައެއްނެތެވެ. ސަބްރީން ގޭގައި ހުރިނަމަ ބޮޑު މައްސަލަގަނޑެއް ޖެހޭނެކަން އޭނާއަށް ޔަޤީނެވެ. ސިޓިންރޫމު ޓީވީ ރެކްމަތީގައި ޗާޖަރަށް ޖަހާފައި އޮތް ފޯނު ނަގާފައި އޭނާ ޝެނަލްގެ ނަންބަރަށް ގުޅައިލިއެވެ.
"ދަރިފުޅު ގޭގަ ނެތީމަ" ޝެނަލް ފޯނު ނެގިކަން އިނގުމުން ބައްސާމް ވާހަކަދެއްކިއެވެ.
ގެއާއި ދިމާލު އަތިރިމަތީގައި އެލުވާފައި ހުރި އުނދޯލިތަކާއި ދިމާލާއި ތަންކޮޅެއް ދުރުގައި ދިއްލާފައި ހުރި އެންމެ ލައިޓެކެވެ. އެހެންކަމުން އެސަރަހައްދުގައި މާބޮޑު އަލިކަމެއް ނެތެވެ. ޝެނަލް އައިކަން އިނގުމުން އުނދޯލީގައި އިން އަދްޔަން ހީލިއެވެ. ޝެނަލްއަށް އަތްދިއްކޮށްލުމާއެކު ލަދުން ހުރެފައިވެސް އަދްޔަންގެ އަތުގައި ޝެނަލް ހިފައިފިއެވެ.
"މިތަން... އެހާ އައްޔެއްނޫން. އަހަރެން ބިރުގަނޭ" ޝެނަލް ބުނެލިއެވެ.
"ހިނގާ މިދިމާލުން އަތިރިއަށް ފައިބަމާ. ޔަޤީނުންވެސް މިތަނަށްވުރެ އަލިވާނެ. އަމާންވެސް ވާނެ" އަދްޔަން ބުނެލިއެވެ.
ހަނދުވަރުގެ ރިހި ދޮންވެލިފަސްގަނޑަށް އެޅިފައިވާއިރު ފެންނަނީ އަޖައިބެއްކަހަލަ ރީތިކަމެކެވެ. ގޮނޑުދޮށަށް ބީއްސާލާ ރާޅުގެ އަޑު ނޫން އެހެން އެއްވެސް އަޑެއް ނީވެއެވެ. ފަސްގަނޑު މަތީގައި އިށީންނަމުން އަދްޔަން ޝެނަލްއަށް ދަޢުވަތު ދިނެވެ.
"އަހަރެންނަށް ކީއްވެތަ ހީވަނީ މިރޭ އަދޫ ވަރަށް ތަފާތޭ" އަދްޔަން ކައިރީގައި އިށީންނަމުން ޝެނަލް ބުނެލިއެވެ.
"ތިހީވީ ހަމަ ރަނގަޅަށް. އަހަރެންނަށް މިރޭ ވަރަށް ތަފާތު. އަހަރެން މިއުޅެނީ ޝާނީ ކައިރީގައި ވާހަކައެއްބުނަން. އަޑުއަހާނަންތަ؟" އަދްޔަން ބުނެލިއެވެ.
"އަދޫ ކޮންމެ އެއްޗެއް ކިޔަސް އަޑުއަހާނަން. ބުނޭ..." އަދްޔަންގެ ނަޒަރުން ސަލާމަތްވެ އިސްއޮބައިލަމުން ޝެނަލް ބުނެލިއެވެ. އަދްޔަން އިންތަނުން ތެދުވިއެވެ. އޭނާ އަލުން ކުރުފައި މައްޗަކަށް އިށީނީ ޝެނަލް ކުރިމަތީގައެވެ.
"ޝާނީ!! އަހަރެން ހަޔާތަށް އަދި ދުވަހަކުވެސް މިފަދަ ދުވަހެއް ނާދޭ. ﷲ އަށްޓަކައި ތެދެއް މިބުނީ ދުވަހަކުވެސް އަހަރެންނަށް ކަމުދާ އަންހެންކުއްޖަކު ފެނިފައެއްނުވޭ. ޝާނީ ފެނުމާ ހަމައަށް. ޝާނީ ފެނުނު އެންމެފުރަތަމަ ދުވަހުވެސް އަހަރެންގެ ހިތް އަހަރެން ކައިރީގައި ބުނި އަހަރެންގެ ހަޔާތުގެ ބައިވެރިޔާގެ ހުރިހާ ޝަރުތެއް ހަމަވާ އަންހެންކުއްޖާއަކީ ޝާނީއޭ. ދުވަހަކަށްފަހު ދުވަހެއް ޝާނީއަށްޓަކައި އަހަރެންގެ ހިތް މޮޔަވަމުން އައީ. ޝާނީއަށް އިހުސާސްވޭތަ؟ އަހަރެންނަށް ބަލައިލަބަލަ" ޝެނަލްއަށް އަދްޔަންއަށް ބަލައިލަން ނުކެރި އިސްޖަހައިގެން އިނުމުން ޝެނަލްގެ ދަތްދޮޅީކޮޅުގައި އިނގިލި ޖައްސައިލުމަށްފަހު އުފުލައިލިއެވެ.
"އަހަރެން ޝާނީއާއި މެރީކުރަން ބޭނުން. ވިލް ޔޫ؟" އަދްޔަން އަހައިލިއެވެ. ޝާނީ ލަދުވެތިކަމާއެކު އެސްފިޔަތައް ތިރިކޮށްލަމުން ބޯޖަހައިލިއެވެ. ވަގުތުން އަދްޔަންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ.
"ވަރަށް އުފާވެއްޖެ. އަހަރެންގެ ހިތަށް އެންމެ ކަމުދިޔަ އަންހެންކުއްޖާގެ ލޯބި އަހަރެންނަށް ލިބޭނެ. ޝާނީއަށް ވުރެ މާބޮޑަށް އަހަރެން ޝާނީދެކެ ލޯބިވޭ" ޝެނަލް ދެއަތުގައި ހިފާ އުފުލާލުމަށްފަހު އަދްޔަންގެ ތުންފަތް ޝެނަލްގެ ނިތްކުރީގައި ޖައްސައިލިއެވެ.
މޭޒުކައިރީގައި ފައިލެއް ޗެކްކުރަމުން ދިޔަ އުނޭޝް ކައިރީގައި އޮތް ފޯނަށް ބަލައިލީ ރިންގުވާން ފެށުމުންނެވެ. އިރާނިޔާގެ ނަން އަރާފައި އިނުމުން އޭނާއަށް އިނދެވުނީ ބަލަހައްޓައިގެންނެވެ. ފޯނަށް ޖަވާބުދޭންވީތޯ ނުވަތަ ނޫންތޯ އޭނާ ހިތަށް އަރަމުން ދިޔައެވެ. އޭނާގެ ހިތް ގޮތެއް ނުނިންމާ އުޅެނިކޮށް ކޯލް މިސްވެއްޖެއެވެ. ފޯނު ބާއްވާފައި މަސައްކަތަށް ސަމާލުކަން ދިންތަނާ ދެވަނަ ފަހަރަށް އިރާނިޔާ ގުޅަން ފެށިއެވެ. މިފަހަރު ލަސްނުކޮށް އޭނާ ފޯނު ނަގާފައި ކަންފަތުގައި ޖައްސައިލިއެވެ.
"އުނދަގުކުރެވުނީތީ ސޮރީ" އުނޭޝް ފޯނު ނެގިކަން އިނގުމާއެކު ފުރަތަމަވެސް އިރާނިޔާ ބުނެލިއެވެ.
"އުނދަގުލެއްނުވޭ... ކަމަކުތަ ގުޅީ؟" އުނޭޝް ބުނެލިއެވެ.
"ހަވީރު އެބައިން ސްކޭން. އުނޭ ދާނަން ދޯ މަށާއެކު" އިރާނިޔާ އަހައިލިއެވެ.
އުނޭޝްއަށް ދޭނެ ޖަވާބެއް ނޭނގުނެވެ. ތަމަންނީ އޭނައާއެކު ދުއްވަންދާން ބުނެފައިވެސް އިނީ ހަވީރުއެވެ. ވީއިރު އިރާނިޔާއަށް އާބަސް ބުނާނީ ކިހިނެއް ހެއްޔެވެ؟
"އެހެން ގަޑިއަކަށް ލަސްނުކޮށްދޭނެތަ؟" އުނޭޝް އެހިއެވެ.
"އަހަރެން މަސައްކަތްކުރިން. އެކަމަކު މިއަދު ދިޔުން ވަރަށް މުހިންމު. އަހަރެން ބޭނުމީ ޖަވާބެއް. އުނޭއަށް ދެވޭނެތަ ނޫނީ ނުދެވޭނެތަ؟" އިރާނިޔާ އެހިއެވެ.
"އަހަރެން މަސައްކަތްކުރާނަން ދާން. ތައްޔާރުވެގެން ހުރޭ" އުނޭޝް ބުނެލިއެވެ.
އިރާނިޔާ ފޯނު ބޭއްވުމާއެކު އުނޭޝް ވިސްނައިލިއެވެ. އޭނާގެ ހަޔާތަށް ކުއްލިއަކަށް އެއައީ ކޮން ބަދަލެއް ހެއްޔެވެ؟ އިރާނިޔާއާއި އިނީ ލޯބިންނެވެ. ކައިވެންޏަށްފަހު އެކުގައި ދުވަސްތައް ހޭދަކުރީ އެހާ ލޯބިންނެވެ. ދަރިއަކު ބޭނުންވެގެން ފުރަތަމަ ބުނީވެސް އޭނާއެވެ. ވީއިރު ކުއްލިއަކަށް ތަމަންނީ ފެނުނީ ކީއްވެގެން ހެއްޔެވެ؟
"ދެ އަނބިން ތިބުމަކީ މައްސަލައެއްނޫން. މައްސައަކީ ބައެއް މީހުން މިކަން މައްސަލައަކަށް ހަދާތީ" އޭނާގެ ހިތުގައި އުފެދުނު ސުވާލުތަކަށް ހުދު އޭނާ އަމިއްލައަށް ޖަވާބުދިނެވެ.
ދުވަހުގެ ހަވީރު ވަގުތެވެ. ކޮޓަރިން ތައްޔާރުވެގެން ނިކުތް އިރާނިޔާއަށް ސޯފާގައި ފޯނާ ކުޅެން އިން އާޝިދު ފެނިއްޖެއެވެ. އާޝިދު ބަލައިލީ އިރާނިޔާ ކައިރީގައި ހުއްޓުނު ވަގުތުގައެވެ.
"ސައިބުއީތަ؟" އިރާނިޔާ އަހައިލިއެވެ.
"ކޮންމެސްގޮތެއް ހަދައިފިން. އެކަނިވީމަ އެހާ ކަމަކުނުދިޔަ" އާޝިދް ބުނެލިއެވެ.
"ސޮރީ އިނގޭ. ހޮސްޕިޓަލަށްދާން ތައްޔާރުވާން ޖެހޭތީ ސިޑް ކައިރީގައި މަޑުކޮށްނުލެވުނީ. މިގޭގަ އާންމުކޮށް ހަވީރު ސައެއް ނުބޯނެ. އުނޭވެސް އަދޫވެސް ގޭގަ އެގަޑިތަކުގަ ނުތިބޭނެ" އިރާނިޔާ ބުނެލިއެވެ.
"ދާންވަންދެން މިތަނުގައި އިށީނދެބަލަ. އީރަން ކައިރީގައި އިނަސް އަހަރެން ހާދަ ހިތްހަމަޖެހެއޭ" އާޝިދް ބުނެލިއެވެ. އިރާނިޔާގެ ތުންފަތްމަތީގައިވި ހިނިތުންވުން ފަނޑުވެއްޖެއެވެ.
"ދޮންބެދައްތާ...!! ތަނަކަށްދާން ދޯ ތިއުޅެނީ؟ މަންމަ ކޮބާ؟ އެބައުޅޭތަ؟" އަވަސް ފިޔަވަޅުތަކެއް އަޅަމުން ގޭތެރެއަށް ވަދެގެން އައި އަދްޔަންއަށް ސިޓިންރޫމުގައި ހުރި އިރާނިޔާ ފެނުމުން ވާހަކަދެއްކިއެވެ. އޭނާގެ އަޑުގައިވެސް ވަނީ އަވަސް ކަމެވެ.
"މަންމައެއްނެތް. ކޮންކަމެއް ކޮށްދޭންވީ؟ އަދި ވަގުތުކޮޅެއް އެބައޮތް" އިރާނިޔާ ބުނެލިއެވެ.
"މިއަދު ގެނައި ޖަރޒީ އިސްތިރިކޮށްލަދޭންވެގެން. އިރުކޮޅަކުން މެޗަށް އަރަންޖެހޭ" އަދްޔަން ބުނެލިއެވެ.
"ތިކަހަލަ އެއްޗެއް ކުރިން ހީވެގެން ތިކަންތައް ކޮށްލިން. އިންނާނެ އަލަމާރީގަ އަޅުވާފަ" އިރާނިޔާ ހިނިތުންވުމަކާއެކު ބުނެލިއެވެ.
"އޯ ތޭންކްޔޫ.... " އަދްޔަން ކޮޓަރިއާއި ދިމާލަށް ދުއްވައިގަތެވެ.
ފަހަރަކު މީހެއްގެ މޫނަށް ބަލަހައްޓައިގެން ސުވާލު އުފެދިފައި އިނީ އާޝިދެވެ. މިވީ ކިހިނެއް ހެއްޔެވެ؟ އަދްޔަން އީރަންއަށް ދޮންބެދައްތަ ކިއީ ކީއްވެ ހެއްޔެވެ؟ އިރާނިޔާ ބަލައިލިއިރު އާޝިދުގެ ނަޒަރު ހުއްޓިފައިހުރީ އިރާނިޔާއަށެވެ.
"ކިހިނެއްވީ؟" އިރާނިޔާ އަހައިލިއެވެ.
"އަދްޔަން އެއީ..."
"އެއީ އުނޭގެ ކޮއްކޮއެއްނު. ވަރަށް ލޯބިވާނެ އަހަރެންދެކެ" އިރާނިޔާ ބުނެލިއެވެ.
"އެހެންވިއްޔާ އުނޭޝް އެއީ...؟"
"އެއީ އަހަރެންގެ ފިރިމީހާ... ސާބަސް. ސިޑް މިގޭގަ ފުރަތަމަ ދުވަސްތަ؟" ހީލުމަކާއެކު އިރާނިޔާ އަހައިލިއެވެ. ލިބުނު ޖަވާބުން އާޝިދްގެ މޫނުމަތީގައި ޚައިރާންކަން ވަށައިލިއެވެ. އެއްޗެއް ދެނެގަންނަން އުޅޭ އުސޫލުން އިރާނިޔާގެ މޫނަށް އޭނާ ބަލަމުން ދިޔައެވެ. ހިތުގައިވެސް ޖެހިއްޖެއެވެ. ބަތްތަށީގެ އެއްފަޅިންކާން އީރަންއަށް ދަސްވީ ކޮންއިރަކު ހެއްޔެވެ؟
އުނޭޝްގެ މެސެޖް އިރާނިޔާއަށް ލިބުނު ވަގުތު ކަރުއެލުވައިލިއެވެ. ފަހުވަގުތު އޭނާއާއެކު ހޮސްޕިޓަލަށް ނުދެވޭނެ ކަމުގައި ބުނުމުން އިރާނިޔާ ވަރަށް ބޮޑަށް ހިތުގައި ޖެހިއްޖެއެވެ. އެކަން މޫނުމަތިންވެސް ހާމަވާން ފެށިއެވެ.
"އީރަން...!!" އިރާނިޔާ ބަލައިލީ އާޝިދްގެ އަޑަށެވެ.
"އީރަން ތިހުންނަނީ އުފަލުންތަ؟" އެސުވާލު ކުރިއިރުވެސް އިރާނިޔާގެ ދެލޮލުން ފުންމިން ނޭނގޭ ހިތާމައެއް އޭނާއަށް ފެނުނު ކަހަލައެވެ.
"އޮފްކޯޒް އައިމް ހެޕީ... ކީއްވެ އަހަރެން އުފާނުވާންވީ. އަހަރެން ލޯބިވި މީހާއާއި ކައިވެނި ކުރެވިއްޖެ. ﷲ ގެ އިރާދަފުޅުން އޭނަގެ ދަރިއެއް ވަރަށް އަވަހަށް މިދުނިޔެއަށް އުފަންވާނެ" ޚިޔާލީ ގޮތަކަށް އިރާނިޔާ ވާހަކަދެއްކިއެވެ.
"އެހެންވިއްޔާ ކީއްވެ އުނޭޝް އެހެންމީހަކާ ޝެއަރކުރީ. އެގޮތް އީރަންއަށް އޯކޭތަ؟" އާޝިދް އަހައިލިއެވެ.
އިރާނިޔާއަށް ދޭނެ ޖަވާބެއް ނޭނގުނެވެ. ފިރިމީހާގެ ވާހަކަ އެއްވެސް މީހެއް ކައިރީގައި ދެއްކުމަކީ އޭނާ ކުރާހިތްވާ ކަމެއް ނޫނެވެ.
"ވަރަށް ލަސްވެއްޖެ. އަހަރެން ދިޔައީ..." އިރާނިޔާ ހިނގައިގަތުމާއެކު އާޝިދް ފުންމައިގެން ތެދުވެއްޖެއެވެ.
"އީރަން...!!" ގޮވައިލުމާއެކު އިރާނިޔާ ހުއްޓިއްޖެއެވެ.
"އަހަރެންނަށް ހީވަނީ އީރަން އަހަރެންނަށް ކަންތައްތަކެއް ސިއްރުކުރާހެން. އަހަރެން އެކަންތައްތައް ހޯދާނަން. އީރަން ނުބުނާނެކަން އިނގޭ. އެހެންވިޔަސް އަހަރެންގެ ވަޒީފާއަށް ވުރެ ބޮޑަށް އިސްކަމެއް ދީގެން އަހަރެން ކުރާނެކަމަކީ އީރަންގެ ދިރިއުޅުމާ ބެހޭގޮތުން ކަންތައްތައް ހޯދުން" އާޝިދް ބުނެލިއެވެ.
"ކޮބާ ބޭނުމަކީ...؟" އާޝިދަށް ކުރިމަތިލަމުން އިރާނިޔާ އެހިއެވެ.
"ލޯބިވާތީ... އަމިއްލަ ނަފްސަށް ވުރެވެސް ބޮޑަށް އީރަންދެކެ ލޯބިވާތީ. މާތްﷲ ގަންދީ ހުވާކޮށްފަ މިބުނީ ތިއަށްވުރެ ފުރިހަމަ އެއްވެސް އަންހެނެއް، ތިއަށްވުރެ ލޯބި އެއްވެސް އަންހެނެއް އަހަރެން މިދުނިޔެއިން ނުދެކެން" އާޝިދް ޖެހިލުންކުޑަ ކަމާއެކު ވާހަކަދެއްކިއެވެ. އާޝިދްގެ ދެލޮލުން އިރާނިޔާއަށް އެބަސްތަކުގެ ތެދުކަން އިނގިއްޖެއެވެ އެއްވެސް އިރެއްގައި އާޝިދަކީ ބުނަން ބޭނުންވާ އެއްޗެއް ނުބުނެ ފޮރުވައިގެން އުޅޭ މީހެއް ނޫނެވެ.
"އީރަން ރުހުނަސް ނުރުހުނަސް ތި ލޯބި ހާސިލްކުރަން ފަހު ނޭވައަށް ދަންދެން އަހަރެން މަސައްކަތްކުރާނަން" ފަސްއެނބުރި ހިނގައިގަތް އިރާނިޔާގެ ފިޔަވަޅުތަކަށް މިފަހަރުވެސް ލަސްކަމެއް އައީ އާޝިދްގެ ދުލުން ބޭރުވި ބަސްތަކެއްގެ ސަބަބުންނެވެ. ނަމަވެސް މިފަހަރު އޭނާ ބަލައެއްނުލިއެވެ. ދިޔަގޮތަށް ދިޔައީއެވެ.
(ނުނިމޭ)