ވެލިދޫ ދާއިރާގެ މެންބަރު، ޔާމީން ރަޝީދު މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ)އަށް ސޮއި ކުރައްވައިފިއެވެ.
އޭނާ ސޮއިކުރައްވާފައި ވަނީ މިހާރު އެޕާޓީން ކުރިއަށް ގެންދާ ރަސްމިއްޔާތެއްގައެވެ. ޔާމީން ރަޝީދު މަޖިލީހަށް އިންތިޚާބުވެފައި ވަނީ އެމްޑީޕީގެ ޓިކެޓްގައެވެ.
ނަމަވެސް އޭގެ ފަހަުން ޔާމީން ވަނީ ޕީޕީއެމްއަށް ސޮއިކުރައްވައި އެޕާޓީގެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފަ އެވެ.
ޕީޕީއެމްއިން ޕްރައިމަރީއަކައި ނުލައި ވެލިދޫ ދާއިރާގެ ޓިކެޓް ޔާމީން ރަޝީދަށް ދީފައި ވަނިކޮށް އޭނާ އެޓިކެޓް ދޫކޮށްލައްވައި އެމްޓީޑީއަށް ސޮއިކުރެއްވި އިރު، ޔާމީން މިއަދު ވިދާޅުވެފައި ވަނީ އެމްޓީޑީގެ ޓިކެޓްގައި މަޖިލިސް އިންތިޚާބުގައި ވާދަކުރަން ގަސްދު ކުރައްވާ ކަމަށެވެ. ނަމަވެސް ވަކި ދާއިރާއެއް އޭނާ ހާމައެއް ނުކުރައްވައެވެ.
އެމްޓީޑީ އުފެއްދުމަށް އެންމެ ފުރަތަމަ ސޮއިކުރެއްވީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުއެވެ. ޔާމީން ރަޝީދުއަކީ އަދީބުއާ ގާތްގުޅުމެއް އޮންނަ ބޭފުޅެކެވެ.