ހަތްވަނަ ބައި
ކިރު ކޮފީތައްޓެއް ހިފައިގެން ތަމަންނީ ބަދިގެއިން ނިކުތް ވަގުތު އިރާނިޔާއާއި މުޑި އަރައިފިއެވެ. ތަމަންނީ އަތުގައި ހުރި ކޮފީތަށިން އެއްބައި ވެރިއްޖެއެވެ. އަލިފާން ކަހަލަ ބެލުމަކުން އިރާނިޔާއަށް ތަމަންނީ ބަލައިލިއެވެ.
"ސޮރީ" އިރާނިޔާ ބުނެލައިފިއެވެ.
"ބަލައިގެން ނުހިނގެނީތަ؟ އިޑިއަޓް!" ތަމަންނީގެ ރުޅިވެރި ނަޒަރު އިރާނިޔާއަށް އަމާޒުވިއެވެ. ބަހެއް ނުބުނެ އިރާނިޔާ އެތެރެއަށް ވަންނަން ހިނގައިގަތުމުން ތަމަންނީ ދަތްކުނޑި ވިކައިގަތެވެ.
"އަދިވެސް ދަނީތަ؟ ކަލެއަށް ނޭނގޭތަ މަޢާފަށް އެދެންވެސް" ތަމަންނީ ބުނެލިއެވެ. އިރާނިޔާ އެތެރެއަށް ވަދެފައި ފަހަތް ބަލައިލިއެވެ.
"އަހަރެން ބުނީމެއްނު ސޮރީއޭ… ބީރުތަ؟" އިރާނިޔާ ބުނެލިއެވެ. އިރާނިޔާ ޖަވާބު ދިންގޮތުން ތަމަންނީގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ.
"ދެން މިތަން ސާފުކުރަންވީ މަތަ؟" ތަމަންނީ ބުނެލިއެވެ.
"މިގޭގަ އެމީހަކު ކުރި ހަޑިއެއް އެމީހަކު ސާފުކުރަންޖެހޭނީ. ހަޅޭއްލަވާ ޒުވާބުކުރުމަކީ މިގޭ މީހުން ކުރާ ކަމެއްނޫން" ވަދެގެން އައި ޙާއިޝާ ވާހަކަދެއްކިއެވެ.
"މިއީ އަހަރެން ކުރި ކަމެއްނޫން. އަހަރެން ހަމަ ނިކުންނަން އުޅެނިކޮށް މިހިރަ އަންހެނާ ގަދަކަމުން ޖެހިގަތީ. އެހެންވީމަ އޭނައެއްނު ސާފުކުރަންޖެހޭނީ" ތަމަންނީއަށް ވާހަކަދެއްކުނީ ކާކާއި ކަންވެސް އޭނާ ހަނދާނެއްނެތެވެ. ވާހަކަދެއްކުމުގެ ރާގާއި ބަހުރުވަ އެއްގޮތަކަށްވެސް ޙާއިޝާއަށް ކަމުނުދިޔައެވެ.
"ރާނީ ކިހިނެއް ބޮނޑު ބަނޑާއެކު ތިތަނުގައި އިށީނދެގެން އިނދެ ސާފުކުރަނީ. ކޮންމެސް ވަރެއްގެ ރަހުމެއް ހުންނަންވާނެހެން އަހަރެންނަށް ހީވަނީ" ޙާއިޝާ ބުނެލިއެވެ. ތަމަންނީ އިތުރަށް ޖަވާބުދޭން ނުވިސްނިއެވެ. ކޮފީތަށި ހިފައިގެން ކުރިއަށް ހިނގައިގަތެވެ. އޭނާ ހުރީ އިރާނިޔާދެކެ އިންތިހާއަށް ފޫހިވެފައެވެ.
"މަންމާ! ތަމަންނީ ނިކުންނަނިކޮށް އަޅުގަނޑު މުޑިއެރީ އޭ. ހަމަ އަސްލަށްވެސް އަޅުގަނޑުގެ ސަބަބުން ވީކަމެއް އެއީ. އަޅުގަނޑު ސާފުކޮށްލާނަން. އެއީ އެވަރުގެ ކަމެއްނޫން" އައިސްއަލަމާރި ކައިރީގައި ހުރި ޙާއިޝާގެ ކޮނޑުގައި އަތް އަޅުވައިލަމުން އިރާނިޔާ ބުނެލިއެވެ.
"މަންމައަށް ވަރަށް ރަނގަޅަށް ރާނީގެ ގޮތް އިނގޭ. ކަމްލާ ގެނެސްގެން އެތަން މަންމަ ސާފުކޮށްލާނަން" ޙާއިޝާ ބުނެލިއެވެ.
"މަންމަ ކީއްވެތަ ތިހާ ރުޅިގަދަވާނީ. އަޅުގަނޑު ހީކުރީ އެންމެ ރުޅިގަދަވާނީ އަޅުގަނޑުކަމަށް" އިރާނިޔާ ބުނެލިއެވެ.
"ނޭނގެ. އެ އަންހެނާ ފެނުނީމަ މަންމައަށް ވާގޮތެއް. މިވަރުން މިގޭތެރޭގަ އުޅޭނެގޮތެއްވެސް ނޭނގޭ" ޙާއިޝާ ވާހަކަދެއްކިއެވެ.
"މަންމައެއްނު ބުނީ ހޭނޭށޭ ޖެހޭނީ. އަޅުގަނޑު މަސައްކަތް މިކުރަނީ އެގޮތަށް އުޅެން. މަންމަވެސް ހޭނެންޖެހޭނީ. ކޮންމެގޮތެއްވިޔަސް އެއީވެސް އުނޭގެ އަންބެއް. އަޅުގަނޑަށް މިގޭތެރޭގަ އޮތް ހައްޤެއްވިއްޔާ އޭނައަށްވެސް އޮންނަންޖެހޭނެއްނު" އިރާނިޔާ ވާހަކަދެއްކިއެވެ.
"ދުވަހަކުވެސް މަންމައަށް ރާނީ އާ އޭނައާ އެއްފަދަ ނުކުރެވޭނެ" ޙާއިޝާ ބުނެލިއެވެ.
"މަންމަ ކަންތައްތަކާ މާބޮޑަށް ނުވިސްނާ. އެހެންނޫނީ މަންމަ ބަލިވެދާނެ" އިރާނިޔާ ބުނެލިއެވެ.
ދޮރާށި ހުޅުވާލާފައި ގޭތެރެއަށް ވަދެގެން ދިޔަ ސަބްރީން އެދިޔަ ބާރުމިނުގައި ގޮސް ޝެނަލްގެ ކޮޓަރި ދޮރުހުޅުވައިލިއެވެ. ކޮޓަރި ތެރެއިން ޝެނަލް ފެންނަން ނެތުމުން ފާހާނާވެސް ބެލިއެވެ. ކޮޓަރި ދޮރުލައްޕާލާފައި ނިކުތް ވަގުތު ދެމީހަކު ވާހަކަދައްކާ އަޑު އިވުމުން ބަލައިލިއެވެ. ބަދިގެއާއި ދިމާލުން ނިކުމެވޭނީ ސަބްރީން ގަސްހައްދާފައިވާ ދިމާލަށެވެ. އެތަނުގައި ޖޯލިފައްޗެއް ހުރިއިރު އެދިމާލުން ކައިރިކައިރީގައި ތިބި ދެމީހެއްގެ ހިޔަނި ފެނުމުން ސަބްރީން އެދިމާލަށް ހިނގައިގަތެވެ. ވަގުތަކީ މެންދުރުގެ ގަދަ އަވި ދިއްލާފައި އޮތް ވަގުތަށް ވިޔަސް ވައިބާރު ދުވަސްކޮޅެއްކަމުން ވައިޖެހެމުން ދިޔައެވެ.
"ޝާނީ…!! ސަބްރީން ގޮވައިލި އަޑަށް ޖޯލީގައި އިން ޝެނަލް ދިޔައީ ސިހިގެންނެވެ. ކުރިމަތީގައި ހުރި މޭޒުމަތީގައި ކޮފީބޮއެ ހުސްކޮށްފައި ހުރި ޖޯޑު ފެނުމުން ސަބްރީން އިތުރަށް ރުޅިގަދަވިއެވެ.
"ކޮބާ އޭނަ؟ ކޮބާހޭ އޭނަ؟ އަހަރެން އަންނަކަން އިނގުނީމަ ފޮރުވީތަ؟" ސަބްރީން ހަޅޭއްލަވަން ފެށިއެވެ. ވާނުވާ ނޭނގި ނިތަށް ރޫއަރައިގެންދިޔަ ޝެނަލް ހުރިހާ ދިމާ ހޯދަންފެށިއެވެ.
"މަންމާ! ކާކުތަ؟ ކާކުގެ ވާހަކަތަ ތިދައްކަނީ؟" ޝެނަލް އަހައިލިއެވެ.
"މިދައްކަނީ ދެންމެ މިތާ ޝާނީ ކައިރީގައި ކޮފީބޯން އިން ފިރިހެނާގެ ވާހަކަ. އަދި ނޭނގޭކަމަށްވެސް އެބަ ހަދައެއްނު" ސަބްރީން ބުނެލިއެވެ. އޭނާގެ ވާހަކަދެއްކުމުގައިވާ ހަރުކަށިކަމަކުން އޭނާ ހުރީ ވަރަށް ރުޅިގަދަވެފައިކަން ޝެނަލްއަށް އިނގުނެވެ.
"މިތާ.. ބައްޕަތަ؟ މަންމަ ފުރަތަމަވެސް ތިހެން ބުނިނަމަ.." ޝެނަލް ހީލަމުން ބުނެލިއެވެ.
"މިތާ އިނީ ބައްސާމޭތަ ތިބުނީ…؟
"ކޮން ހަޅޭކެއް…؟" ސަބްރީން ބަލައިލީ ކުރިމަތީގައި ހުރި ކޮޓަރިއެއް ކަހަލަ ތަނަކުން ނިކުތް ބައްސާމް ވާހަކަދެއްކި އަޑަށެވެ. އެކޮޓަރިއަކީ ސަބްރީން ގަސްހައްދާ ސާމާނު ބެހެއްޓުމަށް ބައްސާމް ތައްޔާރުކޮށްދީފައި ހުންނަ ކޮޓަރިއެވެ.
"ބައްސާމް. މިތާ ދެންމެ އިނީ ބައްސާމްތަ؟ މިގަޑީގަ ފިހާރަ ބަންދުކުރީތަ؟" ބައްސާމް ފެނުމާއެކު ސަބްރީންގެ ރުޅިގަނޑު މަޑުވެއްޖެއެވެ.
"މަންމާ ވާނުވާ ނުބަލާ ކިހިނެއްވެގެންތަ މާ ރުޅިގަދަވެގެން ތިއުޅެނީ؟ މިތަނުގަ ކާކު އިންކަމަށްތަ ހީކުރީ؟" ޝެނަލް ވާހަކަދެއްކިއެވެ.
"އެއީ ތެދެއް. އަހަރެންވެސް މިތަނުގަ އަޑުގަދަކަމުން މިނިކުތީ. ރީންގެ ގަސްކާނާކޮޅު ހިފައިގެން މިގަޑީގަ ގެއަށް މިއައީ. އެހެންނޫނަސް އަހަރެންގެ ދަރިފުޅު އެދުނުގޮތަށް އެތަނަށް ދިވެހި މުވައްޒަފެއް ހޯދައިފިން" ބައްސާމް ވާހަކަދެއްކިއެވެ.
"ޝާނީގެ ބައްޕަ ހުއްޓަސް އަހަރެން ބުނަން ބޭނުންވާ އެއްޗެއް ބުނާނަން އިނގޭ. އަހަރެން ކައިރީ ދޮގުނަހަދާ ތެދަށް ބުނާތި" ސަބްރީންގެ ވާހަކަދެއްކުމުގެ ރާގު އަނެއްކާވެސް ބަދަލުވެއްޖެއެވެ. ރުޅިވެރި ނަޒަރު ހުރީ ޝެނަލްއަށް އަމާޒުވެފައެވެ.
"އެ ހަވޭލީޝާމް ޙާއިޝާގެ ދަރިއާ ޝާނީ އާ އޮތީ ކޮން ގުޅުމެއް؟" ސަބްރީން އަހައިލިއެވެ.
"ހަވޭލީޝާމް؟ އެއީ ކޮން ގެއެއް؟ އަޅުގަނޑު ނުދަންނަން" ޝެނަލް ބުނެލިއެވެ.
"އެއީ ފައުޒީގެ ގެއެއް ނޫންތަ؟" ބައްސާމް އަހައިލިއެވެ.
"އާނ… އެގޭ ޙާއިޝާގެ މެދަށް ހުންނަ ސޮރާ މި ޝާނީ ގުޅުންއޮވޭ. ކުރިން ދުވަހު މިދެމީހުން މާއޮލަ ވާހަކައެއްގައި ތިއްބާ ޒުބޭރުސޭޓު ވީޑިޔޯކޮށްފަ އެބައިން. އަހަރެން މިއައީ ބަލާފަ" ސަބްރީން ވާހަކަދެއްކިއެވެ.
"މަންމާ…! އެއީ އެވަރުކަމެއްތަ؟ އަޅުގަނޑުހުރީ މަގުމަތީގަ. އެއީ އަދްޔަން. އަޅުގަނޑުގެ ރައްޓިއްސެއް" ޝެނަލް ބުނެލިއެވެ.
"އެގޭ އެއްވެސް މީހަކާ މިގޭ މީހަކު ގުޅުމެއް ބާއްވަން އަހަރެން ބޭނުމެއްނޫން. މީގެފަހުން ޝާނީ ނުވާނެ އޭނަ އާ ވާހަކަދައްކައިގެނެއް" ސަބްރީން ފަހުގެ އިއްވުން އިއްވާލިއެވެ.
"އަޅެ މަންމާ! ކޮބާތަ މައްސަލައަކީ؟ އަޅުގަނޑު މިއީ ބައިވަރު އެކުވެރިން ގޮވައިގެން ބޭރުގަ އުޅޭ ކުއްޖެއްތަ؟" ޝެނަލް ދެރަވެއްޖެއެވެ. އަދްޔަންއާއި ދުރުން އޭނާ ހުންނާނީ ކިހިނެއް ހެއްޔެވެ؟ އަދްޔަންއަކީ އޭނާގެ ހިތުގެ ހަމަޖެހުމެވެ.
"ރީން…! އެއީ އެވަރުކަމެއްތަ؟ އެކަމުގަ މައްސަލައެއް އަހަރެންނަށް ނުފެނޭ" ބައްސާމް ބުނެލިއެވެ.
"އަހަރެން މިބުނީނު. މިގޭތެރޭގަ އަހަރެން ބުނާ ހަމަ އެންމެކަމެއްވެސް ކޮށްގެންނުވޭތަ؟ އަހަރެންނަކީ ޝާނީގެ މަންމައެއް ނޫންތަ؟ އަހަރެން އޭނައަށް ދެރަވާގޮތަށް ކަމެއް ކުރާނެތަ؟" ސަބްރީން ބުނެލިއެވެ. އިތުރަށް މީހަކު އަނގައިން ބުނުމުގެ ކުރިން ސަބްރީން އެތަނުން ހިނގައިގަތެވެ. ބައްސާމް ބަލައިލީ އިސްޖަހާލައިގެން ރޮވިފައި ހުރި ޝެނަލްއަށެވެ. ބައްސާމް އޭނާގެ ދަރިފުޅާ ގާތަށް ޖެހިލިއެވެ. ޝެނަލްގެ އަތުގައި ހިފައިގެން ގޮސް ޖޯލީގައި ބައިންދާފައި ކައިރީގައި އޭނާ އިށީނެވެ. އިސްތަށިގަނޑުގައި ފިރުމާލި ވަގުތު ކަރުނަތަކާއެކު ޝެނަލް ބައްޕައަށް ބަލައިލިއެވެ.
"އެއީ ހަމައެކަނި އެކުވެރިއެއް. އިތުރު އެއްވެސް ގުޅުމެއްނެތް" ޝެނަލް ބުނެލިއެވެ.
"ބައްޕައަށް އިނގޭ. ދަރިފުޅު އަޅާނުލާ. އެކަމާ މާބޮޑާށް ނުވިސްނާ" ބައްސާމް ބުނެލިއެވެ.
"އެކަމަކު ބައްޕާ! އަދްޔަން ވީމަ ކީއްވެ؟ އެގޭ މީހުންދެކެ މަންމަ އެހާ ރުޅިއަންނަނީ ކީއްވެ؟ ޝާމްއަކީވެސް އަޅުގަނޑުގެ އެކުވެރިއެއް. މަންމަ ޝާމްދެކެ ރުޅިއެއްނާދޭ" ޝެނަލް ވާހަކަދެއްކިއެވެ.
"ބައްޕަ މަންމައާ ދިމާވެ ކައިވެނިކުރި އިރުވެސް ރީން އެގޭ މީހުންދެކެ ރުޅިއާދޭ. ބައްޕަ އެހިން. މަންމަ ސަބަބެއް ނުބުނި. ދެން ފަހުން އެކަން މާބޮޑު ކަމަކަށް ބައްޕަ ނަހަދަން. އެކަމަކު މިވީގޮތުން އެބަޖެހޭ ހުރިހާކަމެއް ބަލަން" ޝެނަލްގެ ދެލޯ ކައިރިން ފައިބަމުންދިޔަ ކަރުނަތިކި ފޮހެލަމުން ބައްސާމް ވާހަކަދެއްކިއެވެ.
ބުރުގާ ރީތިކުރަމުން ކޮޓަރިން ނިކުތް ޙާއިޝާ ސޯފާގައި އިން އިރާނިޔާއަށް ބަލައިލާފައި ހީލިއެވެ. އިރާނިޔާ ކައިރީގައި ފަހަތުން ހުއްޓިލާފައި އިސްތަށިގަނޑުގައި ފިރުމައިލިއެވެ. އިރާނިޔާ ބަލައިލުމާއެކު ޙާއިޝާ އައިސް އިރާނިޔާ ކުރިމަތީގައި ހުއްޓިއްޖެއެވެ.
"މަންމަ މިދަނީ ނިއުމާމެންނާ އެއްކޮށް އެކޮޅުތަންގަނޑަށް ދާންވެގެން. ރާނީ ދާނަންތަ؟" ޙާއިޝާ އަހައިލިއެވެ.
"ނޫން. އަޅުގަނޑު މިއުޅެނީ މިއަދު ބުރަކަށީގައި ރިއްސާތީ. ނިއުމާއްތަ މެންނާއެއްކޮށް. ކަމެއް އޮތީތަ؟" އިރާނިޔާ އަހައިލިއެވެ.
"އާނ. އަލަށް ހުޅުވި ރަންހަދާ ތަނަށް މަންމަ އިންނާނެ އެއްޗެއް ހަދަންދީފަ. އަސްލު އެބަލާ މިދަނީ. ރާނީ އަރާމުކޮށްލާ އިނގޭ. ބޭރު ޖޯއްޔަށް ނިކުންނަންޏާ ފައިދަށް އެއްޗެއް ލައިގެން އިންނާތި އިނގޭ. ޒަމްއަށް ގުޅަންވީނުން" ޙާއިޝާ ވާހަކަދެއްކިއެވެ.
"ޒަމް އެބައާދޭ. މަންމަދޭ. އެހެންނޫނީ ނިއުމާއްތަމެންނަށް ލަސްވެދާނެ" އިރާނިޔާ ބުނެލިއެވެ.
ކޮޓަރި ދޮރުމަތީގައި ދެމައިންގެ ވާހަކަތައް އަޑުއަހަން ހުރި ތަމަންނީ ތުން އަނބުރާލާފައި ކޮޓަރިއަށް ވަދެ ބާރަށް ދޮރު ލައްޕައިފިއެވެ. އެއަޑަށް ދޮރުން ނިކުންނަން ދިޔަ ޙާއިޝާ ފަސްއެނބުރި ބަލައިލިއެވެ. އިރާނިޔާ އަޅާނުލާ އިނުމުން އެއްޗެއް ބުނަން ޙާއިޝާ ބޭނުންނުވިއެވެ.
ބޯހިއްކަމުން ފާހާނާއިން ނިކުތް އުނޭޝްއަށް ބާރަށް ހިނގާފައި އައިސް އެނދުގައި އިށިން ތަމަންނީ ފެނި ކަމެއް ގޯސްވެއްޖެކަން އިނގުނެވެ. އުނުގައި އައްސާފައި އޮތް ތުވާލި ނައްޓުވާލާ އެއްޗެހި ލަމުން އައިސް ތަމަންނީ ކުރިމަތީގައި ހުއްޓުނެވެ.
"ގައިމުން ދެންމެ ހީވީ ފަހެއް ނުޖަހައިގެން އުޅުނުހެން. ފަހެއްޖަހާ ބޮޑުވެއްޖެ. އަހަރެން ފެންވަރާވެސް ނިމިއްޖެ. އެކަމަކު ތަމަން ތިއިންނަނީ. މިހާރު ލަސްނުވަނީތަ؟ ނޫނީ ގަޑީގެ ކަށިތަކުގަ މީހަކު ހިފަހައްޓައިގެން ހުރީތަ؟" އުނޭޝް ވާހަކަދެއްކިއެވެ.
ތަމަންނީ ޖަވާބެއް ނުދިނެވެ. އެއްފައި މައްޗަށް އަނެއް ފައި އަރުވައިގެން އިންއިރު އަދިވެސް އޭނާގެ މޫނުމަތިން ހުރީ ބާރަޖަހާފައެވެ.
"ތަމަން…! އަނެއްކާ މިއަދު ކިހިނެއްވީ؟ އަހަރެންނަށް ނުބައިކޮށް ކަމެއް ކުރެވުނީތަ؟" ލޯގަނޑު ކައިރީގައި ހުއްޓެމުން އުނޭޝް އަހައިލިއެވެ.
"އުނޭ ބުނެނަލަ. އަހަރެންނަކީ ވަރަށް ގޯސްމީހެއްތަ؟" ތަމަންނީ އަހައިލިއެވެ.
"އުނހު. އަހަރެން އެހެން ބުނިންތަ؟" އިސްތަށިގަނޑުގައި ޖެލް ހާކަމުން އުނޭޝް ބުނެލިއެވެ.
"އުނޭގެ ވާހަކައެއްނޫން. އުނޭގެ މަންމައަށް ކީއްވެތަ އަހަރެން ކަމުނުދަނީ. އެ އިރާނިޔާއަށް ވުރެ އަހަރެން ކަޅުތަ؟ ނޫނީ ހަޑިތަ؟ ނޫނީ އަހަރެން ފަލަތަ؟" ތަމަންނީ ވާހަކަދެއްކިއެވެ. އުނޭޝް ތަމަންނީއަށް ބަލައިލާފައި ޓިޝޫއަކުން އަތް ފޮހެމުން އައިސް ތަމަންނީ ކައިރީގައި އިށީނެވެ.
"ރާނީދެކެ މަންމަ އަބަދުވެސް ވަރަށް ލޯބިވާނެ. އެއީ ކޮންމެހެން ރާނީގެ ރީތިކަމަކުން ނޫން. އަހަރެން ރާނީއާއި ކައިވެނިކޮށްގެން މިގެއަށް ގެނައި ފުރަތަމަ ދުވަހުން ފެށިގެންވެސް މަންމަ ރާނީ ގެންގުޅެނީ ހަމަ ޔަޝްކޮ ފަދައިން. އެދެމީހުން އެއްވެސް ތަފާތެއްނުކުރާނެ. އަންހެން ދަރިއަކަށް ބޭނުންވާ އެއްޗެއް ގަތަސް ދެކުދިންނަށް ހަމަހަމައަށް ދޭނީ. އަދި މިހާރު ރާނީ އޭނީ ޕްރެގްވެފައެއްނު. މަންމަގެ ފުރަތަމަ މާމަ ދަރިފުޅު ވީމަ ކިހާ ލޯބިވާނެ" އުނޭޝް ވާހަކަދައްކަމުން ދިޔައެވެ.
"ދެންހެޔޮ. އަހަރެން ނޫޅެން ރާނީއެއްގެ ވާހަކަދައްކާކަށް. މިހާރު އަހަރެންވެސް ވާނީ މަންމަގެ ދަރިއަކަށްނޫންތަ؟ އަހަރެންވެސް މިއީ އުނޭގެ އަންބެއްނު" ތަމަންނީ ބުނެލިއެވެ.
"އިނގޭ ތިކަން. އެކަމަކު އަހަރެމެންގެ ކައިވެނި ކުރެވުނުގޮތް ތަފާތެއްނު. ދެރަނުވޭ ހާލަތު ބަދަލުވާވަރަކަށް މަންމަގެ ހިތްވެސް ދާނީ ބަދަލުވަމުން. މަންމަ އަދި ތަމަންނީ ދަރިއެއްގެ ގޮތުގައި ބަލައިގަންނާނެ. އެކަމަކު އެއީ އެގޮތަށް ތަމަން މަސައްކަތްކުރީމަ" އުނޭޝް ވާހަކަދެއްކިއެވެ. ތަމަންނީ ވިސްނަމުން ދިޔައީ ކޯޗެއްކަމެއް ނޭނގެއެވެ.
"ދެން ތެދުވޭ. މިހާރުވެސް މާލަސްވެއްޖެ" ތަމަންނީގެ އަތުގައި ހިފާ އެނދުން ނަގަމުން އުނޭޝް ބުނެލިއެވެ.
ގަޑިން ރޭގަނޑު އެގާރަ ޖަހަން ފަސްމިނިޓް ހުއްޓެވެ. ނިދަންލާ ހެދުން ބަދަލުކޮށްގެން އިރާނިޔާ އެނދުގައި އިށީނދެ ހެޑްބޯޑުގައި ލެގިލިއެވެ. އަތުގައި އޮތް ކޮލޯންފުޅިން އަތަށް އެތިކޮޅެއް އަޅައިގެން ދެފައިގައި ހާކަމުން ދިޔައެވެ. ދޮރުގައި ޓަކި ޖަހައިލި އަޑު އިވުނީ ކުއްލިއަކަށެވެ. ދޮރާއި ދިމާލަށް ބަލައިލާފައި ދެން ބަލައިލީ ފާހާނާއިގެ ދޮރާއި ދިމާލަށެވެ. ޙާއިޝާ އަދިވެސް ފާހާނައިން ނުނިކުމެއެވެ. ކޮންމެހެންވެސް ދޮރުހުޅުވަން ދާންޖެހޭނީ އޭނާއެވެ.
"ޔަޤީން އަދޫ އެ އައީ ޕެންޑްރައިވް ބަލާކަން" އެނދުން ތެދުވެގެން ގޮސް އަލަމާރި ކައިރީގައި ހުއްޓިފައި އޭނާގެ އަތްދަބަސް ހުޅުވައިލިއެވެ. އޭގެތެރޭގައި އޮތް ކަޅު ކުލައިގެ ޕެންޑްރައިވް ނަގައިގެން ދޮރާއި ދިމާލަށް ދިޔައެވެ.
"ކާކު…"؟ ފާހާނާއިން ނިކުތް ޙާއިޝާ ބުނެލިއެވެ.
"އަދޫހެން ހީވަނީ" އިރާނިޔާ ޖަވާބުދީފައި ދޮރުހުޅުވާލިއެވެ.
ދޮރުމަތީގައި ހުރި އުނޭޝްއަށް އަތްކުރު ގަޔަށް ދޫ އަޅިކުލައިގެ ޓީޝާޓުގައި ހުރި އިރާނިޔާ ފެނުމުން ހިނދުކޮޅަކަށް ބަލަހައްޓައިގެން ހުރެވުނެވެ. އިސްތަށިގަނޑު ފަހަތަށް ދޫކޮށްލާފައި ވާއިރު އަދިވެސް އެރީތިކަމެވެ. ބަނޑުބޮޑުވެފައި ހުންނައިރު އެރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. އިރާނިޔާގެ ދޮން ދެއަތަށް އުނޭޝްގެ ނަޒަރު ހުއްޓުނެވެ.
"އުނޭ…!!" އުނޭޝްއަށް ހަމަބިމަށް އާދެވުނީ އިރާނިޔާގެ އަޑުންނެވެ.
"އަދޫ…!! އާދެބަލަ ދަރިފުޅާ…" އެނދުގައި އިން ޙާއިޝާ ގޮވައިލި އަޑު އިވުނެވެ.
"އަދޫއެއްނޫން… މަންމާ އަޅުގަނޑު" އުނޭޝް ޖަވާބުދިނެވެ. ޙާއިޝާ ދޮރާއި ދިމާލަށް ބަލައިލިއެވެ. ޖަވާބެއް ނުލިބެނީސް އުނޭޝްއަށް އެތެރެއަށް ވަންނަން ނުކެރުނެވެ. މަންމައާއި އޭނާއާމެދު ނުފެންނަ ފާރެއް ލެވިފައިވާ ކަހަލައެވެ.
"އުނޭޝް… ! ކަމަކުތަ؟ ވަދެބަލަ އެތެރެއަށް" ޙާއިޝާ ބުންޏެވެ
އެތެރެއަށް ވަދެގެން ގޮސް އުނޭޝް ހުއްޓުނީ އެނދު ކައިރީގައެވެ. އުނޭޝްއަށް ބަލަމުން އިރާނިޔާ ގޮސް އިށީނީ އެނދުގައެވެ. ލައިގެން ހުރި ހަރުވާޅު ކުޑަކޮށް މައްޗަށް ހިއްލާލުމަށްފަހު އަލުން ކޮލޯން ހާކަން ފެށުމުން އެއްފަހަރު އުނޭޝްގެ ނަޒަރު އިރާނިޔާއަށް ހުއްޓުނެވެ. އޭނާ ހަނދާންވެއްޖެއެވެ. ލޯޝަންތަކުން އަދިވެސް އިރާނިޔާއަށް ކަމުދާ ވަހެއް ނުދުވަނީ ކަންނޭނގެއެވެ.
"ހޫނ ކިހިނެކޭވީ… މިތަނަށް ތިއައީ ކޮންކަމަކު؟" ޙާއިޝާއަށް އަހާލެވުނީ ތަންކޮޅެއް ރުންކުރު ގޮތަކަށެވެ. އެއީ އޭނާ ބޭނުންވާގޮތް ނޫން ނަމަވެސް އުނޭޝް ވަނީ އޭނާގެ ހިތުގައި އިންތިހާއަށް ޖައްސައިފައެވެ. ޙާއިޝާ މަސައްކަތްކުރީ އުނޭޝްގެ މޫނަށް ނުބެލުމަށެވެ. އެންމެފަހަރަކު ނަމަވެސް އުނޭޝްގެ މޫނަށް އޭނާގެ ނަޒަރު ހުއްޓިއްޖެނަމަ ވާހަކަދެއްކޭނީ ލޯބިންނެވެ.
"މާލިކުބެ ބުނި މަންމަ މިއަދު އޮފީހަށް އައި ވާހަކަ. އެގަޑީގަ އަޅުގަނޑު ނުހުންނާނެ އޮފީހުގަ" އުނޭޝް ވާހަކަދެއްކިއެވެ.
"އެހެން އެކަނިތަ މާލިކް ބުނީ. އިތުރު އެއްޗެއް ނުބުނޭތަ؟" ޙާއިޝާ ބުނެލިއެވެ.
"ބުނި. ޔަޝްކޮގެ…." އުނޭޝްގެ ޖުމްލަ ފުރިހަމަ ނުކުރެވުނެވެ.
"އާނ. އަހަރެން އެލިޔުންތައް ނަގައިފިން. އުނޭޝްއަކީ އަހަރެންގެ ދަރިއަކަށް ވިޔަސް ކުރިން އަހަރެން އުނޭޝްއަށް ކުރި އިތުބާރު މިހާރު ނުކުރަން. ޔަޝްފީއަކީ އަހަރެންގެ ދަރިއެއް. އެހެންވީމަ އޭނައާ ގުޅުންހުރި ކޮންމެ އެއްޗެއް ހުންނަންޖެހޭނީ އަހަރެންގެ އަތުގަ" ޙާއިޝާ އުނޭޝްއަށް ފުރަގަސްދެމުން ވާހަކަދެއްކިއެވެ.
"އެކަމަކު…." އުނޭޝް ހިތުގައި ޖެހިއްޖެއެވެ. ޙާއިޝާ އޭނަ އާ ދުރުވީ އޭނަ އުންމީދު ކުރި ވަރަށް ވުރެވެސް ބޮޑަށެވެ.
އިތުރު ވާހަކައެއް ޙާއިޝާ ނުދެއްކުމުން އުނޭޝް އަނބުރާ ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. އުނޭޝްގެ މޫނުމަތި މިލާފައިވާ ތަން ފެނި އިރާނިޔާ ކަރު އެލުވައިލިއެވެ. އޭނާ ޙާއިޝާއަށް ނަޒަރެއް ދިންއިރު މަޑުމަޑުން ޙާޢިޝާ އިންތަން ފެނުނެވެ.
"މަންމާ…!" އިރާނިޔާ ގޮވައިލިއެވެ.
ޙާއިޝާގެ ހަބަރެއް ނުވުމުން އިރާނިޔާ އެނދުމަތިން ލާފައި ޙާއިޝާ އޮންނަ ފަޅިއަށް ޖެހިލިއެވެ.
"މަންމާ…!" ޙާއިޝާގެ ކޮނޑުގައި އިރާނިޔާގެ އަތް ޖެހުމާއެކު އޭނާއަށް ރޮއެގަނެވިއްޖެއެވެ.
"އެއީ މަންމަގެ ލޯބިވާ ދަރިފުޅު. ދުވަހަކުވެސް އެއިން ކުއްޖަކު ހިތުގަޖެހޭ ގޮތަކަށް އެއްޗެއް ނުބުނަން. އެކަމަކު މިއަދު… އުނޭ އެދިޔައީ ހާދަ ދެރަވެގެންނޭ…" ޙާއިޝާ ވާހަކަދައްކަމުން ދިޔައެވެ.
"މަންމާ… ދެރަނުވޭ… ހުއްޓާލާ.. މަންމަ ތިގޮތަށް ރޯތަން ފެނުމުން އަހަރެން ވަރަށް ވަރަށް ދެރަވޭ.." އިރާނިޔާ ޙާއިޝާގެ ގައިގައި ބައްދައިލިއެވެ. އިސާހިތަކު ޙާއިޝާގެ ރުއިން ހުއްޓިއްޖެއެވެ.
"އެކަމަކު މަންމަ އަޅުގަނޑު ކައިރީގަވެސް ނުބުނަމެއްނު ޔަޝްކޮގެ ޑޮލަރު އެކައުންޓްގެ ލިޔުންތައް ގެނައި ވާހަކަ. އަސްލު އުނޭ ދެރަވާނެއްނު. އަޅުގަނޑަށް އިނގޭ އުނޭ ޔަޝްކޮ ދެކެ ލޯބިވާވަރު" އިރާނިޔާ ވާހަކަދެއްކިއެވެ.
"މަންމައަކަށް އެ ތަމަންނީއަކަށް އެއްވެސް އިތުބާރެއްނުކުރެވޭ. އަހަރެންގެ މުޅި އާއިލާ ބަނގުރޫޓް ކޮށްލަން އައި އަންހެނެއް އެއީ. އަހަރެން އެލިޔުންތައް ގެނައީ އުނޭއަށް އިތުބާރު ނުކުރާތީއެއްނޫން. އެ އަންހެނާގެ ނުފޫޒު އުނޭޝްގެ މައްޗަށް ފޯރާފާނެތީ" ޙާއިޝާ ވާހަކަދެއްކިއެވެ.
"ދެން އެކަމާ ނުވިސްނާ. ހިނގާ ނިދަމާ. ﷲ ގެ އިރާދަފުޅުން މިއާއިލާއަށް އެއްވެސް ގެއްލުމެއް ނުލިބޭނެ" ޙާއިޝާ އެނދުގައި ބާއްވަމުން އިރާނިޔާ ވާހަކަދެއްކިއެވެ.
މަގުގެ ދެފަރާތް ބަލައިލި ގޮތަށް ރެސްޓޯރެންޓް ތެރެއަށް ޝެނަލް ވަނެވެ. މާދުރަށް ނުދެވެނީސް ވަކިން ހުރި މޭޒެއްގައި އިން އަދްޔަން އޭނާއަށް ފެނިއްޖެއެވެ. ރެސްޓޯރެންޓް ތެރެއަށް ނަޒަރު ހިންގާލީ އޭނާ ދަންނަ މީހަކު އެތެރޭގައި ހުރިތޯ ޗެކް ކޮށްލުމަށެވެ. ނެތްކަން ޔަޤީންކުރުމަށްފަހު އޭނާ ގޮސް އަދްޔަން ކުރިމަތީގައި ހުރި ގޮނޑީގައި އިށީނދެއްޖެއެވެ.
"ހާދަ ސިއްރުން. އަހަރެން ވަރަށް ގިނައިރު ވެއްޖެ ޝާނީ އުޅުނުގޮތް ބަލަން ހުންނަތާ" އަދްޔަން ބުނެލިއެވެ.
(ނުނިމޭ)