ހަވަނަ ބައި
"އަހަރެން ރާނީއަށް ގޮތެއް ހަދައިފިންތަ؟ ވަރިކޮށްފަ މިގެއިން ބޭރުކުރަން އުޅުނިންތަ؟ ނޫނެއްނު…" އޯގާތެރިކަމާއެކު އުނޭޝް ބުނެލިއެވެ. އުނޭޝްގެ އެ އޯގާތެރިކަމުން މިފަހަރު އިރާނިޔާގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ.
ގޭތެރެއިން އިރާނިޔާ ފެންނަން ނެތުމުން ޙާއިޝާ ހުރިހާ ކޮޓަރިތަކެއް ބެލިއެވެ. އުނޭޝްގެ ކޮޓަރި ދޮރު ހުޅުވައިލީ އެތެރޭގައި އިރާނިޔާ ހުރި ކަމަކަށް ނޫނެވެ. އެހެންވިޔަސް ފެނުނު މަންޒަރަކުން އޭނާއަށް އެހެން ދިމާލަކަށް ނަޒަރު ބަދަލުކޮށްލަން މަޖުބޫރުވިއެވެ. އިރާނިޔާގެ ދެކޮނޑުގައި ހިފަހައްޓާލައިގެން ހުރި އުނޭޝްއަށް ފެނުމުގެ ކުރިން ޙާއިޝާ ދޮރުލައްޕާލާފައި ދުރަށް ޖެހުނެވެ. ދޮރު ކައިރީގައި އިރުކޮޅަކު މަޑުކޮށްލައިގެން ހުރުމަށްފަހު ހިތުން ދުޢާ ކޮށްލިއެވެ. ދުވަހަކުވެސް އެ ފުރިހަމަ ޖޯޑު ދެތަން ނުކުރެއްވުމަށް ހިތާހިތުން އެދުނެވެ.
ރާޅުޖަހާ ފަށުގައި އަދްޔަންއާއި ޝެނަލް ހިނގަމުން ދިޔައެވެ. ދެކުދިންގެ މަދު ބައްދަލުވުމުން ދެކުދިންގެ ދިރިއުޅުމުން ބޮޑު ބައެއް މެދުގައި ހިއްސާކޮށްފިއެވެ. ހާމަނުކުރެވުނު ކަމަކީ ހަމައެކަނި އެކަކު އަނެކަކުގެ ހާލަތެވެ. ހިނގަމުން ދިޔަ ވަގުތު އެކަކު އަނެކަކު އަތުގެ ނުފުށުގައި ދެއަތްތިލަ ކޭތިގެން ދިޔައެވެ. މަޑު ހީލުމަކާއެކު ޝެނަލް އަދްޔަންއަށް ބަލައިލި ވަގުތު އެއީ އަދްޔަން ވެސް ޝެނަލްއަށް ބަލައިލި ވަގުތެވެ.
"ޝާނީ ހީލީމާ ހާދަ ރީއްޗޭ" އަދްޔަން ބުނެލިއެވެ.
"އަހަރެންނަށް ހީވަނީ ތިއީ އަހަރެން ބުނަންޖެހޭ އެއްޗެއްހެން" ޝެނަލް ބުނެލިއެވެ. އަދްޔަން ކައިރިއަށް ހިނިއައެވެ. ޝެނަލްއަކީ އޭނާ ކައިރީގައި އެހެންބުނި ފުރަތަމަ އަންހެންކުއްޖާއެއް ނޫނެވެ.
"ދެން ކޮންއިރަކުން ބައްދަލުވާނީ" އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން އަދްޔަން އަހައިލިއެވެ.
"ނޭނގެ އަދޫ ބުނީމައެއްނު" ޝެނަލް ބުނެލިއެވެ.
"އޭތް… އަދިވެސް މާފޮޅުވާ ނުނިމެނީތަ؟ އަހަރެންނަށް ދެން ނުހުރެވޭނެ… ދެން ހިނގާ ދަމާ…." ދުރުގައި ހުރި ޒީކް ހަޅޭއްލަވައިގަތް އަޑަށް ދެކުދިން އެކު ބަލައިލިއެވެ.
"ގުޅާނަން އިނގޭ މިރޭ… މިހާރު ޝާނީ ތިއީ މިރަށުގަ ހުރި އަހަރެންގެ ހަމައެކަނި އަންހެން ފްރެންޑަކީ" އަދްޔަން ބުނެލިއެވެ.
"ވަރަށް ދެރަ. އަހަރެންގެ އަދޫ ނޫނަސް ފިރިހެން ފްރެންޑެއް އެބަހުރި. މިތާ ކައިރީގައި ރިސޯޓްގަ ހުންނަނީ. ބަންދެއް ލިބުނިއްޔާ އަންނާނެ. އައިއްޔާ އަހަރެންނާ ބައްދަލުކުރާނެ. އެއްދުވަހަކުން ބައްދަލުކޮށްދޭނަން އިނގޭ" ޒީކް ހުރި ދިމާލަށް ދެކުދިން އަނބުރައިލިއެވެ.
ސޯފާގައި އިން އިރާނިޔާ މާޔޫސްކަމާއެކު އިރުކޮޅަކާ ގޭ ދޮރާއި ދިމާލަށް ބަލައިލައެވެ. ކުރިމަތީގައި ހުރި ޓީވީ އިން ހަބަރު އަޅުވާފައި ހުއްޓަސް އޭނާގެ ސަމާލުކަމެއް ޓީވީއަކަށް ނެތެވެ. ފުރާނަ ފަދަ ލޯބިވާ ފިރިމީހާ އެހެން މީހެއްގެ ހައްގަކަށް ވެއްޖެއެވެ. އެކަން އޭނާއަށް ޔަޤީންކޮށްދިނީ ޒަމްހާއެވެ. އެހާއިރުން ފެށިގެން އޭނާގެ ހިތް ރޮނީއެވެ. އެތައް ފަހަރަކު ވިސްނައިދިނަސް ބަސްނާހާ ހިތް އޭނާގެ އަމުރަށް ކިޔަމަންނުވިއެވެ.
"ރާނީ.. ދަރިފުޅާ އާދޭ ކާން. އަދޫ ގޮވައިގެން އަންނައްޗޭ" ކޮޓަރިން ނިކުތް ގޮތަށް ޙާއިޝާ މިސްރާބުޖެހީ ބަދިގެއާއި ދިމާލަށެވެ.
އިރުކޮޅަކު ހިމޭނުން އިނުމަށްފަހު އިރާނިޔާ ތެދުވެގެން އަދްޔަންގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. އެއްފަހަރު ޓަކި ޖަހާލާފައި މަޑުކޮށްލިތަނާ އަދްޔަން ދޮރު ހުޅުވައިފިއެވެ.
"މަންމަ ބުނި ކާން އަންނާށޭ" އިރާނިޔާ ބުނެލިއެވެ.
އަލުން އެތެރެއަށް ވަދެފައި އަދްޔަން ނިކުތީ ޓީޝާޓް ލައިގެންނެވެ.
ދެންވެސް އިރާނިޔާ ކާންދާ ހިޔާލެއް ނުކުރިއެވެ. އަލުން ގޮސް ސޯފާގައި އިށީނެވެ. ފޯނު ނަގާފައި އުނޭޝްގެ ނަންބަރަށް ގުޅަން ހިތަށް އެރިއެވެ. އެހެންނަމަވެސް އެއީ ރަނގަޅު ގޮތެއް ނޫންކަން އޭނާއަށް ވިސްނުމުން އަލުން ފޯނު ބޭއްވިއެވެ. ކެތްތެރިކަން ކުޑަވެފައިވާ ހާލު ދޮރާއި ދިމާލަށް ބަލަހައްޓައިގެން އިންދާ ދެވަނަ ފަހަރަށް ޙާއިޝާ ގޮވައިލި އަޑު އިވުނެވެ. ގޮނޑިން ތެދުވެގެން ބަދިގެއާއި ދިމާލަށް ހިނގައިގަތެވެ. ކާހިތްނުވެފައި ހުއްޓަސް ނުކައެއް ނުވާނެކަން އޭނާއަށް އިނގެއެވެ. ނުކަނީސް ޙާއިޝާ އޭނާ ދޫކޮށްވެސް ނުލާނެއެވެ.
"އަދޫ ރުއް ދަނޑަށް ދިޔައިންތަ؟ ދަރިފުޅަށް ހިސާބު ބެލެހެއްޓޭތަ؟" އަދްޔަންގެ ތައްޓަށް ބަތް އަޅައިދެމުން ޙާއިޝާ އަހައިލިއެވެ.
"އަޅުގަނޑު ހަވާލުކޮށްފަ އޮންނާނީ އީސަބެ އާ. އެކަމަކު އަޅުގަނޑުވެސް ޖައްސައިލިން. އީސަބެ ވަރަށް ރަނގަޅު" އަދްޔަން ވާހަކަދެއްކިއެވެ.
"ރާނީ…!! ދަރިފުޅު ގަޔާނުވަނީތަ މިރޭ ހުރި އެއްޗިއްސާ. މަންމަ މީރު އެއްޗެއް ތައްޔާރުކޮށްދޭންވީތަ؟" އެއްވެސް އެއްޗެއްގައި އަތްނުލާ އިން އިރާނީޔާގެ ބޮލުގައި ފިރުމައިލަމުން ޙާއިޝާ ބުނެލިއެވެ.
"ކާހިތެއްނުވޭ މަންމާ. ވަރަށް ހިތަށް އުނދަގުއެބަވޭ" އިރާނިޔާ ބުނެލިއެވެ. ޙާއިޝާއަށް ވިސްނިއްޖެއެވެ. އިރާނިޔާ އަދިވެސް އެވިސްނަނީ އުނޭޝްގެ ކައިވެންޏާ މެދުގައެވެ.
"ދަރިފުޅާ! މަންމަ ބުނަންތަ ވާހަކައެއް؟ ދަރިފުޅު ކިތަންމެ ވަރަކަށް ވިސްނިޔަސް އެއީ ނުވާ ކަމަކަށް ނުވާނެ. ދަރިފުޅު ދެން ޖެހޭނީ މަޑުމަޑުން ހޭނެން. މަންމައަށް އިނގޭ މިހެން ބުނާއިރުވެސް ދަރިފުޅަށް އުނދަގޫވާނެކަން. އެކަމަކު މަސައްކަތްކުރީމަ ކާމިޔާބުވާނީ. ކުޑަ ދަރިފުޅު ލިބުނީމަ ފަހަރެއްގަ އުނޭޝްގެ ވިސްނުން ބަދަލުވެސްވެދާނެއްނު" ކައިރީގައި އިނދެ ޙާއިޝާ އިރާނިޔާގެ ބުރަކަށީގައި ފިރުމަމުން ދިޔައެވެ. ދެލޮލުން ކަރުނަ ތިއްކެއް ވެއްޓިގެން ދިޔުމާއެކު އެއް އަތުން ފޮހެލައެވެ. އިރާނިޔާގެ ފަރާތުން އެއްވެސް ޖަވާބެއް ނައެވެ. އެހެން އިނދެ އޭނާ ދިޔައީ ފުން ވިސްނުމެއް ވިސްނަމުންނެވެ.
"ދައްތާ…! ޔަޝްކޮއްކޮ ގުޅަނީ.." ފުރިޖުމަތީގައި ޗާޖަރަށް ޖަހާފައި އޮތް ފޯނު ދައްކައިލަމުން ކަމްލާ ބުންޏެވެ. ޙާއިޝާ ތެދުވެގެން އެދިމާލަށް ހިނގައިގަތެވެ.
ކައި ނިމިގެން މޭޒުމަތީގައި ހުރި ތަށިން އާފަލެއް ނަގަމުން އަދްޔަންގެ ނަޒަރު އިރާނިޔާއަށް ހުއްޓައިލިއެވެ. އޭރު އިރާނިޔާ ދިޔައީ ތައްޓަށް ބަތް އަޅަމުންނެވެ.
"އެމީހުން މިރޭ ލަހުން އަންނާނީ. ދޮންބެ އިން މެސެޖްކޮށްފަ. އަހަރެން ރިޕްލައިއެއް ނުދެން" އަދްޔަން ބުނެލިއެވެ. އަދްޔަންއަށް ބަލައިލާފައިވެސް އިރާނިޔާ ބަހެއް ނުކިޔައެވެ.
"އަހަރެން ދީފާނަން ހިޔާލެއް" އަދްޔަން ބުނެލިއެވެ. އިރާނިޔާ ދެވަނަ ފަހަރަށް އަދްޔަންއަށް ބަލައިލިއެވެ.
"ހަމައެކަނި ހިޔާލެއް. ހަމައެކަނި ޓްރައި ކޮށްލާނީ… ނުވިއްޔާ ދޫކޮށްލާނީ…" އަދްޔަން ބުނެލިއެވެ.
"ބުނެބަލަ." އިރާނިޔާ ބުނެލިއެވެ.
"އެ އަންނަނީ ދޮންބެގެ ދެވަނަ ވައިފް. ކޮންމެގޮތެއް ވިޔަސް އޭނައަށް ބާރުދެއްކޭނީ ދޮންބެގެ ހިތަށް. މިގެއަކަށްނޫން. ދޮންބެދައްތަ ތަންކޮޅެއް ގަދަކޮށްލަންވީ. މިބުނީ ތިހާ ވަރަށް ދޮންބެ ކުރިމަތީގައި ރޮއެ އާދޭސްކުރަންޏާ ދޮންބެ ހައްތަހާ ފޮނިވާނީ. އެ އަންހެނާވެސް ގަދަބަސް ބުނަން ފަށާނެ" އަދްޔަން ވާހަކަދެއްކިއެވެ.
އިރާނިޔާ ފުން ނޭވައެއްލިއެވެ. އަދްޔަން ބުނަން އެއުޅެނީ ކީކޭކަން އޭނާއަށް ވިސްނިއްޖެއެވެ.
"އަދޫ!! އެއީވެސް ހަމަ ފަހަރިއެއް. ރެސްޕެކްޓް ކުރަންވާނެ" އިރާނިޔާ ބުނެލިއެވެ.
"އަހަރެންނަކީ މީހުންނާ ދިމާލަށް އެއްޗެއް ބުނާނެ މީހެއްނޫން. އެކަމަކު ގުޅުން ބަދަހިކުރަން އަހަރެންނަށް ފަސޭހައެއްނުވާނެ. ހާއްސަކޮށް ދޮންބެދައްތަގެ ދިރިއުޅުން ބަރުބާދުކޮށްލި އެ އަންހެނާއަށް އަހަރެންގެ ހިތް ހެވެއްނުވާނެ. އެކައިވެނިކުރަން އޭނައަށް ބާރުއެޅި މީހަކަށްވެސް އަހަރެން މަޢާފެއް ނުކުރާނަން" އަދްޔަން ވާހަކަދެއްކިއެވެ.
"ޔަޤީނުންވެސް އަހަރެން ޒުވާބެއް ނުކުރާނަން. އެކަމަކު ފަހަރެއްގަ ވާހަކަދައްކަން އުނދަގުވެދާނެ. ކިތަންމެ މަސައްކަތެއް ކުރިޔަސް އުނޭ ނުފެންނަ ހިސާބުގައި ހުންނަން އަހަރެންނަށް ވަރަށް އުނދަގުވާނެ" އިރާނިޔާ ވާހަކަދެއްކިއެވެ.
"ތިއޭ މައްސަލައަކީ… މީހުންނަށް އޯގާތެރިވިޔަސް އެހާ ބޮޑަށް އޯގާތެރިނުވޭ… ފަހުން ތިމާ ހަމަ ހިތާމަކުރަންޖެހޭނީ" ފެންތަށިން ކޯވަރެއް ބޯލަމުން އަދްޔަން ބުނެލިއެވެ.
"އަހަރެން އެހެން މީހުންނާ ތަފާތުކަން އިނގޭ. އަހަރެން މިހާރު މި ހިތަށް އަރަނީ މަންމަ ކިހިނެއްބާއޭ ކަންތައްކުރާނީ" އިރާނިޔާ ބުނެލިއެވެ.
ޙާއިޝާ ނިދިކަން ޔަޤީންވުމުން އިރާނިޔާ އެނދުން ތެދުވިއެވެ. ލޯގަނޑު ކުރިމަތީގައި ހުރެ ލައިގެން ހުރި އަތްދިގު ޓީޝާޓަށް ދެއަތުން ދަމައިލިއެވެ. އިސްތަށިގަނޑު އެއްކޮށްލާފައި ދޫ ހުޅިއެއް ޖަހާލާފައި ބޭރަށް ނިކުންނަން ހިނގައިގަތެވެ. އޭރު ގަޑިން ބާރަޖަހަން ގާތްވެއްޖެއެވެ. ކޮޓަރިން ނިކުމެވުމާއެކު އޭނާއަށް އެންމެ ފުރަތަމަވެސް ބަލައިލެވުނީ އުނޭޝްގެ ކޮޓަރިއާއި ދިމާލަށެވެ. ދޮރުދަށުން އަދިވެސް ފެންނަން އޮތީ އަނދިރިކަމެވެ. އުނޭޝް ގެއަށް ނާންނަކަން އޭނާއަށް އިނގުނެވެ.
ދެވިސްނުމެއްގައި ހުރެފައި ގޮސް އޭނާ އިށީނީ ސޯފާގައެވެ. ޓީވީ ޖައްސާފައި އަޑުކަނޑާލާފައި ބެހެއްޓިއެވެ. ކުއްލިއަކަށް އޭނާ ސިހުނީ ދޮރު ހުޅުވާލާފައި ވަން ދެމީހުން ފެނިފައެވެ. އުނޭޝް ކައިރީގައި ހުރި ހިމަތޮޅި އަންހެންކުއްޖާ ފެނި އިރާނިޔާއަށް އިންތަނުން ކޮޅަށް ތެދުވެވިއްޖެއެވެ. ސިޓިންގރޫމަށް ވެރިވެފައިވާ އަނދިރިކަމުގެ ތެރެއިންވެސް އިރާނިޔާއަށް ގުޅާލެވެފައިވާ ދެއަތްތިލަ ފެނިއްޖެއެވެ. ހިތަށްވީ ތަދާއެކު ހިންދިރުވާލެވުނެވެ. އިރާނިޔާގެ މޫނަށް އުނޭޝްގެ ނަޒަރު ހުއްޓުމާއެކު ލަސްލަހުން އޭނާ ނަޒަރު ބަދަލުކޮށްލައިފިއެވެ. އުނޭޝްގެ އެ ރަހުމުކުޑަ އަމަލުން އިރާނިޔާ ހިތުގައި ޖެހުނެވެ. އުނޭޝްގެ މޫނަށް ބަލައިލާފައި ތަމަންނީ ހިނިތުންވެލިއެވެ. އޭގެ ބަދަލުގައި އުނޭޝް ހީލިތަން ފެނުމުން އިރާނިޔާއަށް ސިފަވެގެން ދިޔައީ އޭނާގެ ކައިވެނީގެ ފުރަތަމަ ރެއެވެ.
އިރާނިޔާ ފަޅައިގެން ދިޔައީ ކޮޓަރީ ދޮރުލެއްޕުނު ހިސާބުންނެވެ. ސޯފާގައި އިނދެ ރޮވެމުން ދިޔައިރު އިރުކޮޅަކާ އޭނާގެ ނަޒަރު ކޮޓަރިއާއި ދިމާލަށް ހުއްޓެމުން ދިޔައެވެ. އެކޮޓަރި ތެރޭގައި އޭނާގެ ފިރިމީހާ އެހެން އަންހެނެއްގެ ފަރާތުން އުފާތަކެއް ހޯދަމުން އެބަދެއެވެ. އިންސާނަކަށްވީތީ ކެތްކުރެވޭނެ އެންމެ މަތީ ދަރަޖައަކަށް އޭނާ ކެތްކުރަން ބޭނުންވިޔަސް މިއަދު އޭނާގެ ޒަޙަމްވެފައިވާ ހިތް އެދަނީ ލެއިން ކަޅިވަމުންނެވެ. އުނޭޝްގެ އަންބަކަށް އޭނާ ވީ ދުވަހަކުވެސް މިކަހަލަ ދުވަހެއް ދެކެންޖެހޭނެ ކަމަށް އުންމީދު ކޮށްފައެއްނޫނެވެ. ނަމަވެސް ދުނިޔެ ބަދަލުވިލެއް ހާދަ އަވަހެވެ. ދުނިޔެ އުމުރު އޭނާ ޖެހޭނީ މި ހިތާމަކުރަން ހެއްޔެވެ؟
ރޮވެމުން ގޮސް މީހާގެ ނޭވާ ހުއްޓެން އުޅޭ ކަހަލަ އިހުސާސެއް ވުމުން އިރާނިޔާ އަމިއްލަ ހިތަށް ވިސްނާދޭން ފެށިއެވެ. ޙާއިޝާ ބުނިހެން އޭނާ ހޭނެން މަސައްކަތްކުރަން ޖެހޭކަން އަމިއްލަ ހިތަށް ހަނދާންކޮށްދީފިއެވެ. ފުން ނޭވައެއް ބޭރުކޮށްލުމަށްފަހު ދެއަތުން މޫނުމަތި ފޮހެލައިފިއެވެ. ބަނޑުން ތޮޅެން ފެށުމާއެކު ދެއަތުން ބަނޑުގައި ހިފަހައްޓައިލިއެވެ. އެއާއެކު އަނެއްކާވެސް އޭނާގެ ދެލޯ ކަރުނުން ފުރިއްޖެއެވެ.
އާންމުކޮށް ހޭލާ ގަޑިއަށް ވުރެ އަވަހަށް ތަމަންނީއަށް ހޭލެވިއްޖެއެވެ. ކަންނެތް ގޮތަކަށް އުޅާހަކަށް ދެމިލުމަށްފަހު ސައިޑްކަބަޑް މަތީގައި ޗާޖަރަށް ޖަހާފައި އޮތް ފޯނު ނަގާފައި ބަލައިލިއެވެ. ހެނދުނު އަށެއް އަދި ނުޖަހާކަން އިނގުމުން އަނގައަށް ގޮތެއް ހަދައިލިއެވެ. އެހާ އަވަހަށް ހޭލެވުމުން އަމިއްލަ ނަފްސުދެކެ ރުޅި އާދެވިއްޖެއެވެ. އަނެއް ފަރާތަށް އެނބުރިލިރު ފެނުނު މަންޒަރަކުން މާބޮޑަށް ޚައިރާންވެއްޖެއެވެ. ހެޑްބޯޑުގައި ލެގިލައިގެން އެއްދިމާލަކަށް ބަލަހައްޓައިގެން އިން އުނޭޝް ފެނިފައި ދެލޯ ބޮޑުވެއްޖެއެވެ. އޭނާ ހޭލާއޮތްކަން އިނގުމުންވެސް އުނޭޝް ބަލައިނުލުމުން އިތުރަށް އުނޭޝްއާއި ގާތަށް ޖެހިލިއެވެ. އުނޭޝްގެ މޭގައި ބޯއަޅާލާފައި ބައްދައިލިއެވެ. އެވަރުންވެސް އުނޭޝްގެ ސަމާލުކަން އޭނާއަށް ނުލިބުނެވެ.
"ރޭގަ ވަރަށް ވަރަށް އުފާވި. މިހާރު ވަކިން ބޮޑަށް އުނޭދެކެ ލޯބިވެވިއްޖެ" ތަމަންނީ ބުނެލިއެވެ.
"ތަމަން…!!" އުނޭޝް ތަމަންނީއަށް ގޮވައިލިއެވެ. ތަމަންނީ ބަލައިނުލިޔަސް 'ހޫނ' އެއް ލައްވައިލިއެވެ.
"އަހަރެން ވާހަކައެއް އަހާލަންތަ؟" އުނޭޝް ބުނެލިއެވެ. އަދިވެސް އޭނާގެ ނަޒަރު ހުއްޓިފައިވަނީ އެއް ދިމާލަކަށެވެ.
"އަހާބަލަ. އުނޭ ކޮންމެ ވާހަކައެއް އެހިޔަސް ޖަވާބުދޭނަން" ތަމަންނީ ބުނެލިއެވެ. އުނޭޝް ދައްކަން އެއުޅެނީ ކޮންވާހަކައެއްކަން އޭނާއަށް އިނގޭ ކަހަލައެވެ.
"އަހަރެންނަށް އެއްވެސް ކަމެއް އޮޅުވާލިންތަ؟" އުނޭޝް ބުނެލިއެވެ. ވަގުތުން ތަމަންނީގެ މޫނުމަތީގައި ސީރިޔަސްކަން ވަށާލައިފިއެވެ. ބޯހިއްލާލާފައި އުނޭޝްގެ މޫނަށް ބަލައިލެވިއްޖެއެވެ.
"ބުނެބަލަ…؟؟" އުނޭޝް ބުނެލިއެވެ.
"އަހަ…އަހަރެން ކޮންކަމެއް އުނޭއަށް އޮޅުވާލީ…" ތަމަންނީ ބުނެލިއެވެ.
"ރޭގަ އެއީ ތަމަންގެ ފުރަތަމަ ފަހަރު ނޫންކަން އިނގޭތީ މިހެން މިބުނީ…" އުނޭޝް ބުނެލިއެވެ. ތަމަންނީއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ތުންފަތުގައި ދަތްއަޅާލެވުނީ އެއަށް ދޭނެ ޖަވާބެއް ނޭނގުމުންނެވެ.
"ކައިވެނީގެ ކުރިން އަހަރެން އެހިން. ކީއްވެ ތެދަށް ނުބުނެވުނީ. ތަމަން އަހަރެން ކައިރީގައި ބުނި ހަމައެކަނި ތެދަކީ ކުރިން ކައިވެންޏެއް ނުކުރާ ވާހަކަ. އެހެންނު…" އުނޭޝް ބުނެލިއެވެ.
"އަހަރެން އޮޅުވައެއްނުލަން. އަހަރެންނަށް އިނގޭ އުނޭއަށް ކޮންމެސްދުވަހަކުން އިނގޭނެކަން. އުނޭ އަހަރެންގެ ހަޔާތަށް އައުމުގެ ކުރިން އަހަރެންގެ ވަރަށް ސީރިޔަސް ބިޓެއް ހުރި. އަހަރެން ވަރަށް ލޯބިވިން އޭނަދެކެ. އެކަމަކު އޭނަ އަހަރެންގެ ފަރާތުން ބޭނުންވީ އެހެންކަމެއް. އަހަރެންނަށް ލޯބީގެ ދަޅަ ދައްކައިގެން އަހަރެންގެ އިއްފަތްތެރިކަން ފޭރިގަތީ. ބޭނުންވި ކަންތައްވުމުން އޭނަ އަހަރެން ދޫކޮށްލީ. އެކަމުގެ ހިތާމައިގައި އަހަރެން ބޯގޮވަމުން ދަނިކޮށް މިރަށަށް އަންނަން ފުރުސަތު ލިބުނީ. ހަޤީޤީ ލޯތްބަކީ ކޯޗެއްކަން އަހަރެންނަށް އިނގުނީ އަހަރެންގެ ހަޔާތަށް އުނޭ އައި ފަހުން.." ތަމަންނީ ވާހަކަދައްކަމުން ދިޔައެވެ. އުނޭޝް ތަމަންނީއަށް ބަލައިލިއެވެ.
"އަހަރެންނަށް މިހާރު ކިހިނެއް އިނގޭނީ ތަމަން ތިހަދަނީ ތެދެއްކަން" އުނޭޝް ބުނެލިއެވެ.
"އުނޭ އަހަރެންނަށް އިތުބާރެއް ނުކުރަންތަ؟ އަހަރެން ހީކުރީ އެކަކު ނުކުރިޔަސް އުނޭ އިތުބާރު ކުރާނެކަމަށް. އަހަރެންނަކީ އުނޭ ތިހީކުރާހާ ވިޔާނުދާ އުޅުމެއް އުޅޭ ކުއްޖެއްނޫން" ތަމަންނީއަށް ރޮވިއްޖެއެވެ. ކަކުލުގައި ބޯއަޅާލުމާއެކު އުނޭޝް ތަމަންނީ ދެކޮނޑުގައި ހިފާ ގަޔާ ކައިރިކޮށްލިއެވެ.
"މިއަދު އަހަރެން މިހިރީ މަގާމުގައި ކޮންމެ ފިރިހެނަކު ހުރި ނަމަވެސް ހަމަ މިސުވާލުތައް ކުރާނެ. އަހަރެން ތަމަންދެކެ ލޯބިވޭ. ކައިވެންޏެއްކޮށް އަންބަކު ހުއްޓާ އެހެން އަންހެނަކު ހަޔާތަށް ގެންނާނީ އެމީހަކަށްޓަކައި ކޮންމެސް ކަހަލަ އިހުސާސެއް ހިތުގައި އޮވެގެންދޯ" އުނޭޝް ވާހަކަދެއްކިއެވެ.
"އައިމް ސޮރީ…" އުނޭޝްގެ މޫނުގައި އަތްޖައްސައިލަމުން ތަމަންނީ ބުނެލިއެވެ.
"އަހަރެން ތަމަން އާ މެދުގައި ވަރަށް ފޮނި އުންމީދުތަކެއް ކުރިން. ހީކޮށްގެން ހުރީ ތިމަލުގަ އެންމެ ފުރަތަމަ އަތްޖައްސާ މީހާއަށް ވާނީ އަހަރެންނޭ. ކުރެވުނު އުންމީދު އެކަހަލަ ގޮތަކަށް ފެނަށްވީމަ އަސްލު ވަރަށް ދެރަވި" އުނޭޝް ބުނެލިއެވެ.
"އެކަން ދެން ހަނދާންނައްތާލާ. އަހަރެމެން ދެމީހުން ދެން ވަރަށް ލޯބިން އުޅޭނީއޭ" ތަމަންނީ ބުނެލިއެވެ. އުނޭޝް ހީލަމުން ތަމަންނީގެ ނިތުގައި ބޮސްދިނެވެ.
ހެނދުނުގެ ނާޝްތާއަށް ހުރިހާ މީހުން މޭޒު ކައިރީގައި ތިއްބެވެ. އެންމެން ނުފަށާ ތިބީ ހަމައެކަނި އިރާނިޔާ ބުނި ބުނުމަކަށެވެ. އޭނާ ބޭނުންވީ އުނޭޝްއާއި ތަމަންނީވެސް ބައިވެރިވާށެވެ. ތަނަށް ވެރިވެފައިވާ ހިމޭންކަމުގެ ތެރެއިން ފިޔަވަޅުތަކެއްގެ އަޑު ކައިރިން އިވުމުން އިރާނިޔާ ބަލައިލިއެވެ. އުނޭޝްގެ އަތުގައި ބާރަށް ބައްދައިގަނެގެން ތަމަންނީ ހުއްޓެވެ. ގަޔަށް ބާރު ޓީޝާޓްކޮޅަކާއި ޓައިޓެއް ލައިގެން ހުރުމުން ޙާއިޝާއަށް ކަމުނުދިޔައެވެ. އެތަނުން ދާން ޙާއިޝާ އުޅުނު ވަގުތު އިރާނިޔާ އަތުގައި ހިފުމުން އޭނާއަށް ޖެހުނީ މަޑުކުރާށެވެ.
އިރާނިޔާއަށް ދެލޯ އަޅާލައިގެން ހުރި ތަމަންނީ އުނޭޝް ކައިރީގައި އިށީނެވެ. ތަނަށް ވެރިވެފައިވާ ހިމޭންކަމުގެ ތެރޭގައި ހުރިހާ އެންމެން ކަމުން ދިޔައެވެ. އެގޮތް އަދްޔަންއަށް ކަމުނުދިޔައެވެ.
"ދޮންބޭ!" އަދްޔަން ގޮވައިލިއެވެ. އަދްޔަންއަށް ބަލައިލީ އުނޭޝްއާއި ތަމަންނީ އެކީގައެވެ.
"ޔަޝްކޮ އުޅުނު ވަރަށް ދޮންބެގެ ހަބަރެއްނުވާތީ. ރޭގަވެސް ވަރަށް ވާހަކަދެއްކި" އަދްޔަން ބުނެލިއެވެ.
"ރޭގައި ނުވާނެކަން އަދޫއަށް އިނގެއެއްނު. އަހަރެން މިއަދު ކޮންމެސް ވަގުތެއް ހޯދާލައިގެން ގުޅާނަން" އުނޭޝް ބުނެލިއެވެ.
"ޔަޝްކޮ ވަރަށް ދަތިވެގެން އުޅެނީ. ޑޮލަރުކޮޅެއް ހޯދަންވެގެން އެވަރަށް ގުޅީ. ދޮންބެ އަތުގައެއްނު އޭނަގެ ޑޮލަރު އެކައުންޓުގެ ލިޔުންތައްވީ" އަދްޔަން ބުނެލިއެވެ.
"އަހަރެން މިއަދު ތިކަމާ އުޅޭނަން" އުނޭޝް ބުނެލިއެވެ.
"ޔަޝްކޮ އެއީ ކާކުތަ؟" ތަމަންނީ އަހައިލިއެވެ. ހުރިހާ މީހުން އެކުގައި ތަމަންނީއަށް ބަލައިލިއެވެ.
"އަހަރެން ބުނީމެއްނު…." އުނޭޝްއަށް ޖުމްލަ ފުރިހަމަ ނުކުރެވުނެވެ.
"އެއީ އަހަރެންގެ އަންހެންދަރިއެއް. އުނޭޝް އެވަރު އޭނައަށް ބުނެނުދީތަ މިގެއަށް ގެނައީ…" އެއްޗެއް ނުބުނެ އިންނަން ޙާއިޝާއަށް ކެތްނުވީއެވެ. ތަމަންނީއަށް އިތުރަށް އެއްޗެއް ބުނަން ނުކެރުނެވެ. ޙާއިޝާގެ ފުރަތަމަ ނަޒަރުން އޭނާ ފިތްކަނޑުވާލި ކަހަލައެވެ.
"ރާނީމެން ކައި ނިމުނީމަ މަންމައަށް ގޮވާލާ އިނގޭ…" ޙާއިޝާ ބޭނުންވީ އެތަނުން ދާށެވެ.
"މަންމާ… މަޑުކޮށްބަލަ…" ޙާއިޝާ ފަހަތުން އިރާނިޔާ ހިނގައިގަތް މަންޒަރު ފެނުމުން ތަމަންނީއަށް ކަމުނުދިޔައެވެ.
"އަހަރެން ބަނޑުހައެއްނުވޭ. އުނޭ ބަނޑުހައިވިއްޔާ ކާލާ.. އަހަރެން ދަނީ" ތަމަންނީ ހިތްހަމަނުޖެހުނެވެ. އޭނާ ކޮޓަރިއާއި ދިމާލަށް ހިނގައިގަތުމުން އުނޭޝްވެސް ހިނގައިގަތެވެ.
"ޑްރާމާ ވަރަށް ސަޅި" އެކަނި މޭޒު ކައިރީގައި އިން އަދްޔަން ހީލަމުން އަމިއްލަ ނަފްސަށް ބުނެލިއެވެ.
އުނޭޝް ކޮޓަރިއަށް ވަންއިރު ތަމަންނީ އެނދުގައި އިށީނދެގެން އިނެވެ. ކައިރީގައި އުނޭޝް އިށީނުމުންވެސް ބަލައިނުލިއެވެ.
"އަހަރެންނަށް ކުށްވެރި ކުރެވެނީ ތަމަން" އުނޭޝް ބުނެލިއެވެ.
"އަހަރެން ނުބުނަންތަ ޔަޝްފީ ކިޔާ އަހަރެންގެ ކޮއްކޮއެއް ހުރެއޭ ޑޮކްޓަރުކަން ކިޔަވަން ބޭރުގަ. އެވަރަށް ބުނެފައި އޮށްވަ ތަމަން އެގޮތަށް ސުވާލުކުރީމަ މަންމަ ހިތްހަމަނުޖެހޭނެއްނު. އަހަރެން އަބަދުވެސް ބުނަމެއްނު ގޭތެރޭގެ ކަންތަކުގަ ތަމަންވެސް އުޅުނީމައޭ މަންމަ ސެޓުވާނީ" އުނޭޝް ވާހަކަދައްކަމުން ދިޔައެވެ.
"އަހަރެން ހިތްހަމަނުޖެހުނީ މަންމަ ދެކެއެއްނޫން. އަހަރެންނަށްވެސް އިނގޭ މަންމަ ވާނީ މަންމައަށްކަން" ތަމަންނީ ބުނެލިއެވެ.
"ދެން…؟ އެތަނުން މީހަކު އެއްޗެއް ނުބުނޭ މަންމަ ނޫނީ" އުނޭޝް ބުނެލިއެވެ.
"އުނޭގެ ރާނީއެއްނު. ހީވަނީ މަންމަ ފަހަތުން ދިޔައިރު އަހަރެންނަށް އެއްޗެއް ދައްކަން އުޅުނުހެން. ހާދަ ފޫއްސެއްވެޔޭ އެ އަންހެނާދެކެ. ހުވާ މިބުނީ އޭނާ އާ އެއް ގެއެއްގަ ހުންނަންވެސް އަހަރެން ވަރަށް ފޫހިވޭ" ތަމަންނީ އިރާނިޔާއަށް އެއްޗެހި ކިޔަމުން ދިޔައެވެ. އެއާއި ގުޅުވައިގެން އުނޭޝް އެއްޗެއް ނުބުނާތީ ތަމަންނީ އުނޭޝްގެ މޫނަށް ބަލައިލިއެވެ.
"އަހަރެން އުނޭދެކެ ރުޅިއެއް ނާންނަމޭ… ހިނގާ އަލުން ދާން ސައިބޯން. އަހަރެން މަންމަ ކައިރީގައި ސޮރީ ބުނާނަން" ތަމަންނީ ހީކުރީ އުނޭޝް ބަހެއް ނުބުނެ އިނީ އެ ހިތްހަމަނުޖެހުމުގައި އޭނާ އުނޭޝްވެސް ބައިވެރިކުރަނީ ކަމަށް ހީކޮށްފަ ކަމަށެވެ. އެހެންވިޔަސް ހަޤީޤަގަތަކީ އެއީއެއް ނޫނެވެ. ތަމަންނީ އެގޮތަށް އިރާނިޔާއަށް އެއްޗެހި ގޮވުމުން އެކަމަށް އެއްބާރުލުން އުނޭޝްއަށް ނުދެވުނީއެވެ.
ކިރު ކޮފީތައްޓެއް ހިފައިގެން ތަމަންނީ ބަދިގެއިން ނިކުތް ވަގުތު އިރާނިޔާއާއި މުޑި އަރައިފިއެވެ. ތަމަންނީ އަތުގައި ހުރި ކޮފީތަށިން އެއްބައި ވެރިއްޖެއެވެ. އަލިފާން ކަހަލަ ބެލުމަކުން އިރާނިޔާއަށް ތަމަންނީ ބަލައިލިއެވެ.
"ސޮރީ" އިރާނިޔާ ބުނެލައިފިއެވެ.
(ނުނިމޭ)