ފަސްވަނަ ބައި
"ހިނގާ އެތަނުގައި އިށީންނަން" ތަންކޮޅެއް ދުރުގައި ހުރި އަށްޓެއް ދައްކައިލަމުން އަދްޔަން ބުނެލިއެވެ. ދެކުދިން އެކުގައި އެދިމާލަށް ހިނގައިގަތްއިރު އެއީ އަދްޔަން ބޭނުންވި ގޮތެއް ނޫނެވެ. އޭނާ ބޭނުންވީ ޝެނަލް ގޮވައިގެން ސައިކަލުގައި ދާށެވެ. އެއްވެސް މީހަކު ނުފެންނަ ހިސާބުގައި ޝެނަލްއަށް އޭނާގެ ހިތުގެ އެދުން އިއްވާ ދޭށޭވެ. އެހެންވިޔަސް އަދި އެކަމަށް އޭނާ ފަސްޖެހުނީއެވެ.
"އަހަރެމެން ދެމީހުންގެ މެދުގައި އެކުވެރިކަމެއްތަ މިއުފެދުނީ..؟" އިރުކޮޅެއްގެ ހިމޭންކަމަށްފަހު އަދްޔަން އަހައިލިއެވެ.
"ނޭނގެ" ޝެނަލް ބުނެލިއެވެ.
"ހީވަނީ…؟" އަދްޔަން ބުނެލިއެވެ.
"ވެދާނެ…" ޝެނަލް ބުނެލިއެވެ.
"އަދްޔަން… އެންމެންވެސް ލޯބިން ކިޔަނީ އަދޫ.." އަދްޔަން ބުނެލިއެވެ.
"ޝެނަލް. މަންމަވެސް ބައްޕަވެސް ލޯބިން ކިޔަނީ ޝެނީ" ސަލާންކޮށްލަމުން ޝެނަލް ބުނެލިއެވެ.
"އަހަރެން ކީކޭތަ ކިޔަންވީ؟" އަދްޔަން އަހައިލިއެވެ.
"ބޭނުން ނަމަކުން" ޝެނަލް ބުނެލިއެވެ.
"އަހަރެން ވަރަށް ފަހުން ކިޔަވައިގެން އައީ. އަދި އެއްވެސް ތަނަކަށް ވަޒީފާއަކަށް ނުދަން. އެކަމަކު އަމިއްލަ ވިޔަފާރިއެއް އޮވޭ. ބޭނުންއިރަކުން ޖޮއިން ކުރެވިދާނެ. އަސްލު ކުރިން ޝެނީ ނުފެނުނީ ރަށުގަ ނޫޅެތީ ކަންނޭނގެ" އެދެމެދުގައި އޮތް ދުރުކަން ކަނޑުވާލަން މަސައްކަތް ކުރަމުން އަދްޔަން ވާހަކަދައްކަމުން ދިޔައެވެ. ޝެނަލް ހިނިތުންވެލައިގެން އިނެވެ.
"ޝެނީ އެއްވެސް ތަނަކަށް ޖޮބަކަށް ދަންތަ؟" އަދްޔަން އަހައިލިއެވެ.
"އަދި ނުދަން. ވަރަށް ދާން ބޭނުން. ބައްޕަ ހުއްދަ ނުދެއްވައިގެން. ހީވޭ ވަރަށް އަވަހަށް ދާނެހެން. ވަރަށް ޝައުޤުވެރިވޭ އިމިގްރޭޝަނަށް" ޝެނަލް ވާހަކަދެއްކިއެވެ.
ފިހާރައިން ފޮތި ގަނެގެން ނިކުތް ތަމަންނީ މަގުގެ ދެކޮޅު ބަލައިލީ ޝެނަލް ފެންނަން ނެތުމުންނެވެ. ގުޅަން އުޅުނު ވަގުތު ތަންކޮޅެއްދުރު އަށިގަނޑެއް މަތީގައި އިން އަންހެންކުއްޖާ ޝެނަލްއާ ވައްތަރުވިއެވެ. އެދިމާލަށް ހިނގައިގަތް ވަގުތު ޝެނަލްއަށް ތަމަންނީ އެދިމާލަށް އަންނަ މަންޒަރު ފެނިއްޖެއެވެ.
"އަހަރެން ދެން ދަނީ… ފޯން ދީބަލަ. ވަރަށް އަވަސް…" ކުއްލިއަކަށް ކޮޅަށް ތެދުވެ ޝެނަލް ބުނެލިއެވެ. ވާނުވާ ނޭނގިފައި އިން އަދްޔަން އަވަސް އަވަހަށް އޭނާގެ ފޯނު ޝެނަލް އަތަށް ދިނެވެ. އެދިމާލަށް އަންނަ ތަމަންނީ އޭނާއަށް ނުފެނެއެވެ.
ޝެނަލް ބޭނުންވީ ތަމަންނީއަށް އަދްޔަން ފެނުމުގެ ކުރިން އެތަނުން ދާށެވެ. އޭނާއާއި ހަމައަށް ތަމަންނީއަށް ނާދެވެނީސް ޝެނަލް ތަމަންނީ ހިފަހައްޓައިފިއެވެ.
"އެއީ ކޮން ކުއްޖެއް. ހާދަ ރީތި ކުއްޖެއް. ޝާނީވެސް ބިޓެއް ނެގީތަ..؟" ޝެނަލްގެ އަތުގައި ހިފާ ގާތަށް ދަމައިލަމުން ސަމާސާ އެކުލެވޭ ރާގެއްގައި ތަމަންނީ ވާހަކަދެއްކިއެވެ.
"ސާބަހޭ. ކައިވެންޏެއް ކުރަން އުޅޭއިރު އެހެން ކުދިންނަށް ތިގޮތަށް ބަލާކަށް ނުވާނެ" ޝެނަލް ބުނެލިއެވެ.
"އެ މައްސަލައެއްތަ؟ މީހަކާ އިނީމަ ހިތް އެއްކޮށް ފިރިމީހާއަށް ދީގެން ކިހިނެއް އުޅޭނީ. އޭރުންވެސް ބުނެވޭނެ ދޯ ރީތި އެއްޗެއް ފެނުނީމަ ރީއްޗޭ. އެއީ އިންސާނީ ޠަބީޢަތް" ތަމަންނީ ވާހަކަދެއްކިއެވެ.
ދެކުދިން އެކުގައި ހިނގާފައި ދިޔައިރު ޝެނަލް އިތުރަށް ވާހަކަދައްކަން ބޭނުންނުވާ ކަހަލައެވެ. ބައެއް ވަގުތުތަކުގައި ތަމަންނީގެ ވާހަކަތަކާއި ޝެނަލް އެހާ ގަޔައެއް ނުވެއެވެ.
"ބުނެބަލަ އެއީ ކޮންކުއްޖެއްތަ؟ ކުރިން ނުފެނޭ ވިއްޔާ އެކުއްޖާއާއެކު" ޝެނަލްގެ ކޮނޑުގައި ކޮނޑުން ޖަހައިލަމުން ތަމަންނީ ބުނެލިއެވެ.
"އެއީ ފްރެންޑެއް. ވަރަށް ގިނަދުވަސްފަހުން ފިހާރަ ކައިރިން ފެނުނީމަ އެތަނުގައި މަޑުކޮށްލީ" އަދްޔަންއާއި ބެހޭގޮތުން އިތުރަށް މައުލޫމާތު ދޭން ޝެނަލް ބޭނުމެއްނުވިއެވެ.
ގޭދޮރަށް އަރާފައި ޒަމްހާ ސަލާމް ގޮވައިލިއެވެ. ބަދިގެތެރޭގައި ހުރި ޙާއިޝާ ސަލާމް ބަލައިގަންނަމުން ބޭރަށް ބޯދިއްކޮށްލިއެވެ. ދޮރުމަތީގައި ހުރި ޒަމްޙާ ފެނުމުން ޙާއިޝާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. ބޭރު ރޯނު ކައިރީގައި ހުރެފައި ވަން ކަމްލާވެސް ޒަމްހާއަށް ހިނިތުންވުމެއް ދީފައި އެތެރެއަށް ވަދެގެން ހިނގައްޖެއެވެ. ވަގުތަކީ އަސުރު ވަގުތަށް ވުމުން ގޭތެރޭގައި ހިފާލާފައިވަނީ ހަވީރު ސަޔަށް ތައްޔާރުކުރަމުން ދިޔަ ތާޒާ ހެދިކާތަކުގެ ވަހެވެ.
"އަނހަ… ޒަމް…! މަގު އޮޅުނީތަ؟" ބަދިގެއިން ބޯ ދިއްކޮށްގެން އޮތް ޙާއިޝާ ބުނެލިއެވެ.
"ނޫނޭ.. މިއަދު އޮފް ދުވަސްވީމަ ހަމަ މިގެއަށް މިއައީ… ކޯޗެއް ތި ތައްޔާރުކޮށްލަނީ" އެތެރެއަށް ވަދެގެން އައިސް ޒަމްހާ އިށީނީ ބަދިގެ ތެރޭގައި ހުރި ގޮނޑިއެއްގައެވެ.
"މިއަދު ހަވީރު ސައެއް ހަދާލަނީ މި. ޒަމް ދެން ދާންވާނީ ސައި ބޮއެގެން" އުނދުން ކައިރީގައި ހުރި ޙާއިޝާ ވާހަކަދެއްކިއެވެ.
"ކާލަބަލަ ތިތަނުން ގުޅައެއް" މޭޒުމަތީގައި ކަމްލާ ބެހެއްޓި ގުޅަ ތައްޓަށް އިޝާރަތް ކުރަމުން ޙާއިޝާ ބުނެލިއެވެ. ވަގުތުން ހަނޑުލު ގުޅައެއް ނަގައިގެން ޒަމްހާ ހަފަން ފެށިއެވެ. އެއް އަތުން ކޮލުގައި އަތް އަޅައިގެން ހަފަން އިންތަން ފެނުމުން ޙާއިޝާ ކައިރިއަށް ހިނިއައެވެ.
"ޙާއިޝާއްތަ ހަދާ ހަނޑުލު ގުޅަ ކައިކައި އަހަރެންގެ ދަތްތައް ގުޑާއިފި މިހާރު. ހާދަ ހަރޭ…" ޒަމްހާ ބުނެލިއެވެ.
"ގޭގަ އެއްވެސް ކުއްޖެއް ނެތީތަ؟ ރާނީވެސް ނުފެނޭ" ޒަމްހާ ބުނެލިއެވެ.
"ދެފިރިހެން ދަރިން ނެތް ގެޔަކު. ރާނީ ނަމާދުކުރަން ދިޔައީ" ޙާއިޝާ ބުންޏެވެ.
"މިހާރު ނިމިދާނެ ދޯ. އެބައަންނަން ރާނީ ކައިރިއަށް ވަދެލާފައި" ޒަމްހާ ހިނގައިގަތެވެ.
"ޙާއިޝާއްތަގެ ކޮޓަރީގަ އިނގޭ" ޒަމްހާ ހިނގައިގަތުމުން ޙާއިޝާ ބުނެލިއެވެ. ޒަމްހާއަށް ޚައިރާންކަމެއް ލިބުނެވެ. އޭނާއަށް ނޭނގޭ ކަންތައްގަނޑެއް ގޭތެރޭގައި އުޅޭކަން މިހާރު އޭނާއަށް ޔަޤީންވެއްޖެއެވެ.
އެތެރެއަށް ހުޅުވިގެން ދިޔަ ދޮރާއެކު އެނދުމަތީގައި ޚިޔާލަކަށް ގެއްލިފައި އިން އިރާނިޔާ ޒަމްހާއަށް ފެނުނެވެ. ވަދެގެން ގޮސް ކައިރީގައި ހުއްޓުނުއިރުވެސް އިރާނިޔާއަށް ކައިރީގައި މީހަކު ހުރިކަމެއް ނޭނގެއެވެ. އޭނާގެ ކޮނޑުގައި ޒަމްހާ އަތްޖައްސައިލުމާއެކު ދިޔައީ ސިހިގެންނެވެ. ހިޔާލުގެ ފުން ކަނޑުން ކުއްލި ގޮތަކަށް ނިކުންނަން ޖެހުމުން ބޮލުގައި ރިހުމެއްވެސް އުފެދުނެވެ.
"ޒަމް…!! ހިއެއްވެސް ނުކުރަން މިކަހަލަ ގަޑިއެއްގަ ޒަމް ފެނިދާނެ ކަމަކަށް" ޒަމްހާ އަތުގައި ހިފާ ގެނެސް ކައިރީގައި ބައިންދަމުން އިރާނިޔާ ބުނެލިއެވެ.
"މިއަދު އޮފް ދުވަސް. މިއައީ މިގެއަށް. ރާނީ ކައިރިއަށް" ޒަމްހާ ބުނެލިއެވެ.
"ކޮބާ ފިރިކަލުން..؟" އިރާނިޔާގެ މޫނަށް ބަލަހައްޓައިގެން އިނދެ ޒަމްހާ ސުވާލުކުރިއެވެ.
"ނެތް ކަންނޭނގެ" އިރާނިޔާ ބުނެލިއެވެ. އުނޭޝްއާއި ބެހޭގޮތުން ވާހަކަދެއްކުމަކީ އޭނާއަށް ފަސޭހަކަމެއް ނޫނެވެ.
"ހިނގާ ސައިބޯން. ޒަމް ނަމާދުކުރަން ބޭނުންތަ؟" އިރާނިޔާ އަހައިލިއެވެ.
"ނޫން… ރާނީ…! އަހަރެން ވާހަކައެއް އަހައިފިއްޔާ ތެދަށް ޖަވާބުދޭނަންތަ؟" ޒަމްހާ އަހައިލިއެވެ.
"އާނ.. އަހާބަލަ" އިރާނިޔާ ބުނެލިއެވެ. ޒަމްހާ ދައްކަން އުޅޭ ވާހަކައެއް ނޭނގޭތީ އިރާނިޔާގެ ހިތުގައި ނުތަނަވަސްކަމުގެ ރާޅު ބާންޏެއް ދުވެލިއެވެ. އެހެންނަމަވެސް އެނުތަނަވަސްކަން މޫނުމަތިން ފާޅުވިޔަ ނުދިނުމަށް އޭނާ ގަދަކަމުން ހިނިތުންވެލައިގެން އިނެވެ.
"ރާނީ ކީއްވެ މިކޮޓަރީގަ ތިއުޅެނީ؟ ރާނީއާއި އުނޭޝްގެ ގުޅުން ރަނގަޅެއްނޫންދޯ. އަހަރެން ކައިރީގައި ނުބުނެވޭވަރުގެ ކަމެއްތަ؟ އަހަރެން މިއީ ދުރު މީހަކީތަ؟" ހިތުގައި އުފެދިފައިވާ ހުރިހާ ސުވާލުތަކެއް އެއްފަހަރާ ބޭރުކޮށްލިއެވެ. އިރާނިޔާއަށް ޖަވާބެއް ނުދެވުނެވެ. އެކުވެރިޔާއަށް ހުރިހާ ކަމެއް ފަޅާއަރައިފިކަން އޭނާއަށް ޔަޤީންވެއްޖެއެވެ. ދޮގުހަދަން ބޭނުންނުވާތީ ހިނދުކޮޅަކަށް އޭނާ ޚިޔާރުކުރީ ހިމޭންކަމެވެ.
"ރާނީ…! ކީއްވެ ޖަވާބެއްނުދިނީ… ބުނަން ބޭނުންނުވިއްޔާ ހެޔޮ ނުބުންޏަސް" އެއްދިމާލަކަށް ބަލަހައްޓައިގެން އިން އިރާނިޔާގެ ސަމާލުކަން ހޯދަމުން ޒަމްހާ ބުނެލިއެވެ.
"ޒަމް! އަހަރެން ނުބުނާކަށްނޫން. ފިރިމީހާގެ ވާހަކަތައް ވީމަ… އަހަރެން ނުބުންޏަސް މިހާރު ޒަމްއަށް އިނގޭނެ ކަންނޭނގެ" އިރާނިޔާގެ ދެލޯ ކަރުނުން ފުރިއްޖެއެވެ. އެމަންޒަރު ފެނުމުން ޒަމްހާގެ ހިތް އިރާނިޔާއަށްޓަކައި ހަމްދަރުދީން ފުރިއްޖެއެވެ.
"ރާނީ ދެރަނުވޭ… ﷲ ރާނީގެ ތިހާލަތު މޮޅަށް ދެނެވޮޑިގެންވޭ. ކެތްތެރިވޭ… އަހަރެންނަށް ހަމަ ޔަޤީން މިގޭ އެއްވެސް މީހަކު ރާނީ ބިކަވިޔަ ނުދޭނެކަން" އިރާނިޔާގެ ދެލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލަމުން ޒަމްހާ ވާހަކަދެއްކިއެވެ. އެކުވެރިޔާގެ އެގާތްކަމުން އިތުރަށް އިރާނިޔާ ހިތުގައި ޖެހިއްޖެއެވެ. ޒަމްހާގެ ކޮނޑުގައި ބޯއަޅާލެވުނުއިރު ރަނގަޅަށް އޭނާއަށް ރޮވިއްޖެއެވެ.
"ޒަމް…!! އަހަރެން މުޅިން ގޮތްހުސްވެއްޖެ. ކުއްލިއަކަށް އުނޭއަށް ވީގޮތެއް ނޭނގުނު. އަހަރެމެން ދެމީހުން އުޅުނީ ކިހާ ލޯބިން. މިހާރު އުނޭއަށް ހިއެއްނުވޭ އަހަރެން މިގޭގަ އުޅޭ މީހެއްހެންވެސް. އަހަރެން ހާދަ ދެރަވެޔޭ…. މިދަރިފުޅަކީ އުނޭ ހާދަ އުންމީދެއްކުރި ދަރިއެކޭ…" ގިސްލާފައި ރޮމުންދިޔަ އިރާނިޔާގެ ވޭނުން ފުރިގެންވި އަޑުން ޒަމްހާއަށް އަސަރުކުރިއެވެ. އިސާހިތަކު އޭނާގެ ދެލޯވެސް ކަރުނުން ފުރިއްޖެއެވެ.
"އަހަރެންނަށް އުނޭއާއި ވަކިން ނޫޅެވޭނެ. އަދިވެސް އަހަރެންގެ ހިތުން އުނޭ ފަނޑެއްނުވޭ. ދުވަހަކުވެސް ފަނޑެއްނުވާނެ. ހާދަ ލޯބިވެޔޭ އުނޭދެކެ" އިރާނިޔާ ކިޔަމުން ދިޔައެވެ.
"ރާނީ… ދެން ހުއްޓާލާ… ﷲ ވޮޑިގެންވަނީ ކެތްތެރިންނާއެކު. އެ ތަމަންނީއަށް ދުވަހަކުވެސް ރާނީ ތިއިން މަގާމަކަށް ނާދެވޭނެ. އޭނައަށް މިލްކު ކުރެވުނީ ހަމައެކަނި އުނޭޝް ގެ ހިތް. އާއިލާގެ ލޯތްބެއް އޭނައަށް ދުވަހަކުވެސް ނުލިބޭނެ" އިރާނިޔާގެ ބުރަކަށީގައި ފިރުމަމުން ޒަމްހާ ވާހަކަދައްކަމުން ދިޔައެވެ.
ޒަމްހާގެ އޯގާތެރި ވާހަކަތަކުން އިރާނިޔާގެ ހިތަށް ތަސައްލީއެއް ލިބިއްޖެއެވެ. ހަމަޖެހުން ލިބި ސިކުނޑިއަށް ކުރަމުންދިޔަ ބާރު ކުޑަވެއްޖެއެވެ. ސައިޑްކަބަޑް މަތީގައި ހުރި ޓިޝޫފޮށިން ޓިޝޫއެއް ނަގައިގެން ދެލޯ ކައިރި ފޮހެލައިފިއެވެ.
"މިހާރު އެދެމީހުން މެރީކުރީތަ؟" ޒަމްހާ އަހައިލިއެވެ.
"ތިން ރޭ ފަހުން. މިގެއަށް ގެންނަނީ…" މަޑުމަޑުން އިރާނިޔާ ބުނެލިއެވެ.
"ތިހެންވީމަ އަހަރެން މިގެއަށް އައުން ގިނަކުރަންވީ. އަހަރެންނަކީ އެހާ މަޑުން ހުންނަހިތްވާ މީހެއްނޫން" ޒަމްހާ ބުނެލިއެވެ. ޒަމްހާގެ އެ ޖުމްލައިން އިރާނިޔާގެ ހިކިފައިވާ ދެތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ.
ދެކުދިންގެ ވާހަކަތައް އަޑުއަހަން ދޮރު ކައިރީގައި ހުރި ޙާއިޝާގެ ހިތަށް ވަރަށް ފުން އަސަރުތަކެއް ކުރިއެވެ. ހުރިހާކަމެއް މަތިން ހަނދާންނައްތާލައިގެން އޭނާ ހުރީ އިރާނިޔާގެ ސިކުނޑިން އެކަންތައްތައް ފިލައިގެން ހިނގައިދާނެކަމަށް އުންމީދު ކޮށްގެނެވެ. އޯގާތެރިކަމާއި ލޯބިދީގެން އެދަރިފުޅުގެ ހިތާމަތަކަށް ލުޔެއް ހޯދައިދެވިދާނެކަމުގެ އުންމީދެއް ހިތުގައި އޮތީއީއެވެ. އެހެންނަމަވެސް އަދިވެސް އެހިތާމަތައް އިރާނިޔާއަށް ކުރަމުންދާކަން އޭނާއަށް އިނގުމުން މާބޮޑަށް ހިތުގައި ޖެހިއްޖެއެވެ. ދެލޮލުން ކަރުނަ ފާއްދާލިއިރު ފައުޒީ މަތިންވެސް ހިތަށް އަރައިފިއެވެ.
ކޮޓަރިން ނިކުތް ޝެނަލްއަށް ސިޓިންރޫމުގައި އިން އަންހެނެއް ފެނި ހުއްޓުން އެރިއެވެ. އެއީ އޭނާ ދުވަހަކުވެސް ދެކުނު އަންހެނެއް ނޫނެވެ. ބަދިގެއިން ތަބަކަކަށް ޖޫސް ތައްޓެއް ލައިގެން އައި ސަބްރީންގެ ތުންފަތް މަތީގައިވި ހިނިތުންވުން ފެނި އެއީ އޭނާއަށް ވަރަށް ހާއްސަ ފަރާތެއްކަން ޝެނަލްއަށް އިނގުނެވެ.
"ޝެނީ.. !! އާދެބަލަ ދަރިފުޅާ… ބަލައިލަބަލަ. މީނީ ކާކުތަ؟" ސަބްރީން ވާހަކަދެއްކި އަޑަށް އެމީހާ ފަހަތަށް އެނބުރި ބަލައިލިއެވެ. ކޮނޑާހަމައަށް އަންނަ ބުޅި އިސްތަށިގަނޑެއްގެ ވެރި އަންހެންމީހާގެ މޫނު މަތިން ޝެނަލްއަށް ފެނުނީ ހިތްހެޔޮ ހިނިތުންވުމެކެވެ. އިސްކޮޅުން ދިގު އެ އަންހެންމީހާގެ ކަންފަތުގައި ލާފައިވާ އެތި ދެފަރާތުން ކޮނޑުމަތީގައި އޮތީ ޖެހިފައެވެ.
"އެއީތަ ޝާނީ…" ސަބްރީންއަށް ބަލައިލަމުން އެމީހާ އަހައިލިއެވެ.
"އާނ… ޝާނީ އާދެބަލަ މިކޮޅަށް" ޝެނަލްގެ އަތުގައި ހިފާ ގެނެސް އެ އަންހެންމީހާގެ ކުރިމަތީގައި ބެހެއްޓިއެވެ.
"މިއީ ސޯއިމާއްތަ. ދަރިފުޅު ހަނދާންވޭތަ؟ ތަމަންގެ މަންމަ" ސަބްރީން ބުނެލިއެވެ.
ޝެނަލް ދެފަރާތަށް ބޯހޫރާލުމުން ސޯއިމާ ހީލިއެވެ.
"ނުހުންނާނެ ހަނދާނެއް. އަހަރެންނަށް މި މަންޖެ ފެނުނީ ހާދަ ކުޑައިރުއޭ. ފަހުން ރީން މާލެ އަންނައިރުވެސް ޝާނީއެއް ނުގެންނާނެ" ޝެނަލްގެ ބުރަކަށީގައި ފިރުމަމުން ސޯއިމާ ވާހަކަދައްކަމުން ދިޔައެވެ.
"ދަރިފުޅާ… ތަމަން ކޮންއިރަކުން އަންނަން ބުނީ؟ އެސޮރާއެކު ދޯ ދިޔައީ" ސަބްރީން އަހައިލިއެވެ.
އެވަގުތުން ދޮރުން ވަދެގެން އައި ތަމަންނީ ސޯއިމާގެ ގައިގައި ބައްދައިގަތެވެ. ދުވަސްތަކަކަށްފަހު ލޯބިވާ މަންމަ ކުރިމަތިން ފެނުމުން އޭނާގެ ހިތަށް ލިބިފައިވާ ހިތްހަމަޖެހުން އިންތިހާއެވެ.
"މިހާރު އަހަރެންގެ ދަރިފުޅު ވަރަށް ރީތިހެން ހީވޭ.. މިއީ ހަމަ އެސޮރުގެ ކަންތައް ދޯ. ކޮންއިރަކުންތަ މަންމައަށް އެސޮރު ދައްކާލަން ގެންނާނީ" ސޯއިމާ އަހައިލިއެވެ.
"މަންމަމެން ރެޑީވެފަ ބުނޭ. އޭރުން ގެންނާނަން" ތަމަންނީ ބުނެލިއެވެ.
"ތަމަން ދޭ މަންމަ ގޮވައިގެން ކޮޓަރިއަށް އަރާމުކޮށްލަން. ޝާނީ ހިނގާ މަންމައާއެކު ބަދިގެއަށް މެންދުރަށް ކައްކާލަން" ސަބްރީން ބުނެލިއެވެ.
ހަވީރު ފަހެއް ޖަހާލީހާއިރެވެ. ރަށުގެ ފުށްޓަރު ފަރާތު އަތިރިމަތީގައި ހުރި އުނދޯލިތަކުން އުނދޯޔެއްގައި އަދްޔަން އޮތެވެ. ފޫހިކަމެއްނެތި އޭނާ އިންތިޒާރު ކުރަމުން އެދަނީ ޝެނަލްއަށެވެ. އެތަނުގައި ބައްދަލުކުރަން މިއަދު ގަޑި ދިނީ ޝެނަލްއެވެ. އެއްވެސް މީހެއްގެ ހިލަމެއްނުވާ އެހިސާބުގަނޑުން އަދްޔަން އޮތީ އަތުގައި އޮތް ފޯނަށް ނަޒަރު ހުއްޓާލައިގެންނެވެ. ދުރަށް ދުރަށް ދާންދެން މޫދުން ހިކިފައިވާ ފަރުމައްޗަށް ނަޒަރު ހުއްޓާލީ ފޯނަށް ބަލަން އޮވެއޮވެ ފޫހިވެގެންނެވެ. ޝެނަލްއާއި ބައްދަލުކުރާހިތުން އޭނާއަށް އެތަނަށް ތިރީސް މިނިޓް ކުރިން އާދެވިއްޖެއެވެ. ގަޑި ބަލައިލިއިރު އަދިވެސް އިތުރަށް ދިހަ މިނިޓް ހުއްޓެވެ.
ދިމާލަށް އޮތް ފަރުމަތީގައި އައިސް ޖެއްސި މާކަނަލަކަށް ބަލަން އަދްޔަން އިނެވެ. ފަހަތް ބަލައިލީ ކޮންމެހެން ޝެނަލް އަންނަކަން އިނގިގެނެއްނޫނެވެ. އެހެންނަމަވެސް އިތުރު އަންހެންކުއްޖަކާއެކު ޝެނަލް އަންނަ މަންޒަރު ފެނުމުން އަދްޔަންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ.
"މިއީތަ…؟ ދެން ތިބެބަލަ. ދެން އަހަރެންވެސް އެކޮޅަށް ޖެހިލާނަން ބައިވެރިއެއް ހޯދަން" އަދްޔަންއާއި އަރާ ހަމަވެފައި ޒީކް ބުނެލިއެވެ. ހެވުނީ އަދްޔަންއާއި ޝެނަލްއަށް އެކުގައެވެ.
"މިއީ ޒީކް. މައި ބެސްޓްފްރެންޑް" ޝެނަލް އަދްޔަންއަށް ޒީކް ތަޢާރަފްކޮށްދިނެވެ.
އޮފީހުން އައިސް އުނޭޝް ކޮޓަރިއަށް ވަންތަން ފެނުމުން ސޯފާގައި އިން އިރާނިޔާވެސް އުނޭޝްގެ ފަހަތުން ހިނގައިގަތެވެ. އުނޭޝް ފަހަތް ބަލައިލީ އޭނާގެ ފަހަތުން އިތުރު މީހަކު ވަންކަން އިނގުމުންނެވެ. ފަހަތުގައި ހުރި އިރާނިޔާ ފެނުމުން އުނޭޝްގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ.
"ކިހިނެއްވީ.." އަލަމާރި ކައިރީގައި ހުރެ ލައިގެން ހުރި ފަޓްލޫނުގެ ޖީބުގައި ހުރި މުހިންމު އެއްޗެހިތަކެއް ނަގަމުން އުނޭޝް ބުނެލިއެވެ.
"ޔަޝްކޮ ގުޅި. ބުނި އުނޭއަށް ނުގުޅިގެން އުޅުނު ވާހަކަ" އިރާނިޔާ ބުނެލިއެވެ.
"އެއީ އަހަރެން މާލިކްބެއާއި އެކު މުހިންމު ބައްދަލުވުމެއްގަ އިން ގަޑިއެއްގަ ގުޅީމަ. އެކަމަކު މިހާރު އަހަރެން ޔަޝްކޮއަށް ގުޅައިފިން" ބެގީ ނައްޓަމުން އުނޭޝް ބުނެލިއެވެ. އިރާނިޔާ ފިޔަވަޅަކަށް ފަހު އުނޭޝްއާއި ގާތަށް އަޅަމުން ދިޔައެވެ. އެކަން އުނޭޝްއަށް އިނގޭއިރު ހިމޭނުން ހުއްޓެވެ. ކައިރިއަށް އައިސް އުނޭޝް ގެ ގަމީހުގެ ގޮށްތައް ނައްޓުވަން ފެށުމުން ސިކުންތަކަށް އުނޭޝްއަށް އިރާނިޔާގެ މޫނަށް ބަލައިލެވިއްޖެއެވެ. އެއްވެސް އިޚުތިޔާރަކާއިނުލާ ކުރީގެ ހަނދާންތަކެއް އޭނާގެ ހިތާއި ކުޅެލައިފިއެވެ.
"ރާނީ ރަނގަޅުތަ؟ މިބުނީ ފިޓު ތަ؟" އުނޭޝް އަހައިލިއެވެ.
"ކަމެއް ބޭނުންވީތަ؟ އަހަރެން ތައްޔާރު… އުނޭ ބުނި ކޮންމެ ކަމެއް ކޮށްދޭނަން. ޔަޤީނުންވެސް އަހަރެންނާ ގާތްވުމަކީ އުނޭ ކުރާނެ ފާފައެއް ނޫން…" އުނޭޝްގެ މޫނުގެ ދެފަރާތުގައި ހިފައިލަމުން އިރާނިޔާ ބުނެލިއެވެ. އިހުސާސްތައް އަމިއްލަ ނަފްސުގެ އިހުތިޔާރުން ބޭރުވާކަން އިނގި އުނޭޝްގެ ދެލޯ އިރާނިޔާގެ ދެލޮލާއި ބައްދަލުކޮށްލިއެވެ.
"އުނޭ މިހާރު އަހަރެންނަށް ބޭނުންނުވޭތަ؟ މި ދަރިފުޅު ބޭނުންނުވޭތަ؟ މިއީ އަހަރެމެން ދެމީހުންގެ ލޯބީގެ ނިޝާނެއްނޫންތަ؟" އުނޭޝްގެ އަތް ގެނެސް ބަނޑުގައި ޖައްސައިލަމުން އިރާނިޔާ ބުނެލިއެވެ.
"މިވަގުތު އަހަރެން ރާނީގެ ފަރާތުން އުފަލެއް ހޯދިއްޔާ އަހަރެން ވާނީ ވަރަށް އަމިއްލަ އެދުން ބޮޑު މީހަކަށް. އެކަން އިންސާފަކަށް ނުވާނެ" އަތް ދުރަށް ލަމުން އުނޭޝް ބުނެލިއެވެ.
"ނޫން… ލަވް… ތިހެން ނުބުނޭ" ފަހަތުން އުނޭޝްގެ ހަށިގަނޑުގައި ބައްދައިލަމުން އިރާނިޔާ ބުނެލިއެވެ.
"އަހަރެން ތަމަންއަށް ވައުދުވިން. އަހަރެންނާ ރާނީ އެކުގައި ފެނުން އެއީ ތަމަން ޤަބޫލުކަމެއްނޫން. އަދި ތަމަން ދެރަކޮށްލެވެން އަހަރެންނަށް ނެތް. އަހަރެން ވަރަށް ލޯބިވޭ ތަމަންދެކެ" އުނޭޝްގެ ވާހަކަތަކުން އިރާނިޔާއަށް ހީވީ އޭނާގެ ހިތުގައި މީހަކު ތޫނު ވަޅިއަކުން ޅިޔަ އަޅުވާޅި ހެންނެވެ.
"އުނޭ…! ކޮބާތަ އަހަރެންގެ ކުށަކީ؟ އަހަރެން ހުތުރީތަ؟ ނޫނީ އުނޭގެ ބޭނުންވެގެން ބުނި ކަމެއް އަހަރެންނަށް ނުފުދި އޮތީތަ؟ އުނޭ ހަނދާންކޮށްބަލަ އަހަރެން ކާމިޔާބުކުރަން އުނޭ އަހަރެންގެ ބަލަދުވެރިންނާ ކުރި ހަނގުރާމަ. މިއިން އެއްވެސް ކަމެއް މިހާރު ހަނދާނެއްނެތްތަ؟" އިރާނިޔާއަށް ރޮވެން ފެށިއްޖެއެވެ.
"ތިމާދެކެ ހަޤީޤީ ލޯބިވާ އަންބެއްގެ ކުރިމަތީގައި ކުރެ ހިލޭ އަންހެނެއްދެކެ ލޯބިވެޔޭ ތިބުނަނީ… އަހަރެންނަށް ކެތްވާނެތަ؟ ތިމާގެ ފިރިމީހާ އެހެން އަންހެނެއްގެ އުނގުން އުފާ ހޯދާ މަންޒަރު ބަލަން ބުއްދި ސަލާމަތުން ހުރެ ފިރިމީހާދެކެ ޙަޤީޤީ ލޯބިވާ އެއްވެސް އަންހެނަކަށް ކެތެއްނުކުރެވޭނެ" އިރާނިޔާގެ ރުއިމުގައި އެކުލެވިގެންވި ޝަކުވާއިން އުނޭޝްއަށް ދިފާއުގައި ދައްކާނެ ވާހަކައެއް ނޭނގުނެވެ.
"އަހަރެން ކޮންކަމެއް ކޮށްދިނިއްޔާ އުނޭ ގެ ތިވިސްނުން ބަދަލުވާނީ… ބުނެބަލަ… ނޫނީ އަހަރެން މޮޔަވެދާނެ. އަހަރެން ހިތްފަޅައިގެންގޮސް މަރުވެދާނެ. މާބަނޑު އަންހެނަކު ތިވަރަށް ހިތުގައި ޖައްސާ ރޮށްވަން ވެދާނެތަ؟" އިރާނިޔާ ވާހަކަދައްކަމުން ދިޔައެވެ. އުނޭޝް އެނބުރި އިރާނޔާއަށް ބަލައިލިއެވެ. އިރާނިޔާ އަތުގައި ހިފާ ކައިރިއަށް ގެނެސް ދެލޯ ކައިރި ފޮހެލައިފިއެވެ. ދެއަތުން އިރާނިޔާގެ އިސްތަށިގަނޑު ރީތިކޮށްލައިފިއެވެ.
"އަހަރެން ރާނީއަށް ގޮތެއް ހަދައިފިންތަ؟ ވަރިކޮށްފަ މިގެއިން ބޭރުކުރަން އުޅުނިންތަ؟ ނޫނެއްނު…" އޯގާތެރިކަމާއެކު އުނޭޝް ބުނެލިއެވެ. އުނޭޝްގެ އެ އޯގާތެރިކަމުން މިފަހަރު އިރާނިޔާގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ.
(ނުނިމޭ)