ހަތަރުވަނަ ބައި
ހަތްމަހުގެ ބަނޑާއެކު ބާރު ހިނގުމުގައި ގެއިން ބޭރަށް ނިކުންނަންދިޔަ އިރާނިޔާ ފެނި ދޮރުން އެތެރެއަށް ވަދެގެން އައި އަދްޔަން މަޑުޖެހިލިއެވެ. އިރާނިޔާ އަތުގައި އޮތް އަތްދަބަސް އޭނައަށް ފެނުނީ މާލަހުންނެވެ. އިރާނިޔާއަށް ރޮވިފައި ހުރިކަންވެސް އޭނާއަށް ފާހަގިވިއެވެ.
ފަހަތުން ދާން ހިނގައިގަނެފައިވެސް އޭނާ ދުވެފައި އައިސް ހުއްޓުނީ ޙާއިޝާގެ ކޮޓަރި ދޮރުމަތީގައެވެ. އެއްފަހަރު ޓަކި ޖަހާލުމާއެކު ޙާއިޝާ ދޮރުހުޅުވައިފިއެވެ.
"މަންމާ! ދޮންބެދައްތަ… ހިނގައްޖެ ގެއިން" އަދްޔަންއަށް ރަނގަޅަށް ނުބުނެވެނީސް އަތުގައި އޮތް ތުވާލި ކޮޓަރިން އެތެރެއަށް އެއްލާލުމަށްފަހު ދުއްވައިގަތެވެ. ޙާއިޝާއަށް ވުރެ އަދްޔަންގެ ދުވުން ބާރުވިއެވެ. ބޭނުމަކަށްވީ މާދުރަށް ނުދެވެނީސް އިރާނިޔާ އަތުލައިގަތުމެވެ.
ބަނޑާއެކު ފޮށި ދަމަމުން އިރާނިޔާއަށް މާދުރަށް ނުދެވެނީސް އަދްޔަން އިރާނިޔާގެ އަތުގައި ހިފައިފިއެވެ. އިތުރަށް ކުރިއަށް ނުދެވޭނެކަން އިނގުމުން އިރާނިޔާއަށް މަޖުބޫރުވީ ހުއްޓޭށެވެ. ޙާއިޝާއަށް އާދެވުނުއިރު އަދްޔަން އިރާނިޔާ އަތުން ފޮށި އަތުލައިފިއެވެ.
"އަދޫ މި ފޮށި ހިފައިގެން ގެއާ ދިމާލަށް ދޭ" ޙާއިޝާ އަދްޔަންއަށް ބުނެލިއެވެ.
"މަންމައަށް ރާނީ ހިތްހަމަނުޖެހޭވަރުގެ އެއްޗެއް ބުނެވުނީތަ؟ ނޫނީ ދުވަހަކުވެސް މަންމަ ރާނީ ރޮށްވާ ހެދިންތަ؟" ޙާއިޝާގެ ހިތްދަތި ނަޒަރު އިރާނިޔާއަށް އަމާޒުކޮށްލިއެވެ. އިރާނިޔާ އިސްޖަހާލައިގެން ހުރިއިރު ދެލޯ ކައިރިން ކަރުނައިގެ ކޯރެއް ހެދެމުން ދިޔައެވެ.
"މީހަކަށް ފެނި ސުވާލު ފައްޗެއް އަމުނާނުލަނީސް ހިނގާ މަންމައާއެކު ގެއަށް ދާން. އެހެންނޫނީ މަންމަ ވަރަށް ލަދުގަންނާނެ" ޙާއިޝާ އަސަރާއެކު ބުނެލިއެވެ. ޙާއިޝާ ހިފީ އިރާނިޔާގެ އަތްތިލައިގައެވެ. އިތުރަށް ގަދަހެދުމެއްނެތި ބަސްއަހާ ކުޑަކުއްޖެއް ފަދައިން އިރާނިޔާ ހިނގައިގަތެވެ.
ގެއަށް ވަދެވުމާއެކު އިރާނިޔާ ސޯފާގައި ބައިންދާފައި ޙާއިޝާ ކަމްލާއަށް ގޮވައިލިއެވެ. އިރާނިޔާއަށް ފެން ގެނެސްދޭން ބުނުމަށްފަހު ޙާއިޝާ ބަލައިލީ އުނޭޝްގެ ކޮޓަރިން ނިކުމެގެން އައި އަދްޔަންއަށެވެ.
"އުނޭޝް އެބައޮތް ކޮޓަރީގަ. ގޮވައިބަލަ. ބުނޭ އަހަރެން ބުންޏޭ ހަމަ މިހާރު އަންނާށޭ" ޙާއިޝާ އަދްޔަންއަށް ބުންޏެވެ. ވަގުތުން އަދްޔަން ހިނގައިގަތެވެ. އަމިއްލަ ދަރިފުޅުގެ ރަހުމެއްނެތްކަމާއި ހިތަށް ލިބިފައިވާ ހިތްދަތިކަމެއްގެ ސަބަބުން އޭނާގެ ދެލޮލުން ކަރުނަ ފައިބައިފިއެވެ. ދެ އިހުސާސް މަސްހުނިވެފައި ވިޔަސް ކުރި ހޯދާފައިވަނީ ހިތްދަތިކަމެވެ.
"މަންމާ!! އުނޭ އަޅުގަނޑާ ދިމާލަށް އެއްވެސް އެއްޗެއް ނުބުނޭ. އަޅުގަނޑު އުޅުނީ ރަށަށް ފުރަން. މިގޭގައި އިތުރަށް އަޅުގަނޑު ހުރުމުގެ ބޭނުމެއް ނުފެންނާތީ" އިރާނިޔާ ވާހަކަދެއްކިއެވެ.
"ރާނީ ތިގޮތަށް ވިސްނީ ކީއްވެ؟ އުނޭޝް އެއްޗެއް ނުބުނާއިރު ތިކަހަލަ ނިންމުމެއް ރާނީ ވިސްނީތީ އަހަރެން ވަރަށް ދެރަވެއްޖެ" ޙާއިޝާ ވާހަކަދެއްކިއެވެ. އޭރު އަދްޔަންއާއި އުނޭޝް އައިސް ހުއްޓިއްޖެއެވެ. އިރާނިޔާގެ ނަޒަރު އުނޭޝްއަށް ހުއްޓުމާއެކު އޭނާއަށް ތުންފިއްތައިގަނެވިއްޖެއެވެ.
"އުނޭޝް ކީއްވެ އިރާނިޔާ މިގެއިން ދިޔަ ދިނީ" ޙާއިޝާ އުނޭޝްއަށް ބަލައިލިއިރު ދެލޯ ކަރުނަތަކުން ވަނީ ފުރި ބާރުވެފައެވެ.
"އަޅުގަނޑު ނުބުނަން އޭނަ ކައިރީގަ… އަދޫ އައިސް ފޮށި ވެއްދީމަ އަޅުގަނޑަށްވެސް އިނގުނީ" އުނޭޝް ވާހަކަދެއްކިއެވެ.
"މަންމާ!! އުނޭ އެއްވެސް ކަމެއް ނުކުރޭ. އެ އަންހެންކުއްޖާ މިގެއަށް ގެނެސް އުނޭގެ ކޮޓަރީގަ ގެންގުޅޭ ވާހަކަ އުނޭ ބުނީމަ އަޅުގަނޑުގެ ހިތަށް ކެތްނުވީ. އަޅުގަނޑަކީ ބޭކާރު މީހެއްގެ ގޮތުގައި އިހުސާސް ކުރެވުނީ" އިރާނިޔާ ވާހަކަދެއްކިއެވެ.
"އުނޭޝްއަށް އިރާނިޔާ މުހިންމު ނުވެދާނެ. އެކަމަކު އަހަރެންނަށް ރާނީ މުހިންމު" ޙާއިޝާ ބުނެލިއެވެ. އުނޭޝް އެނބުރި ކޮޓަރިއަށް ދާން ހިނގައިގަތްތަނާ ޙާއިޝާ ގޮވައިލުމުން މަޑުޖެހިލިއެވެ.
"ހަނދާންކުރާތި. ކަލޭމެންތީ އަހަރެންގެ ދަރިން. ކަލޭމެން ބޭނުންހާ ގޮތެއް އަހަރެންނަށް ނުހެދޭނެ. އަހަރެންގެ ބާރު އަދިވެސް މިގެއަށް ހިނގާނެ. ރާނީ ހުންނާނީ މިގޭގަ. އުނޭޝްގެ ދިރިއުޅުމަށް ކިތަންމެ އަންހެނެއް އަޔަސް ރާނީ ވާނީ ހަމަ އަހަރެންގެ އަންހެން ދަރިފުޅަށް" ޙާއިޝާ ވާހަކަދެއްކިއެވެ. މަންމަގެ އެވާހަކަތަކުން އަދްޔަންގެ ހިތަށް އަސަރުކުރިއެވެ. އުނޭޝް އިސްޖަހާލައިގެން ހުރިއިރު އޭނާ ހުރީ މަންމައަށް ހަތަރުކަޅި ހަމަކޮށް ބަލައިލަން ނުކެރިފައެވެ.
"އަދި އެއްވާހަކަ. އުނޭޝް ތިކުރަން އުޅޭ ކައިވެނި ކުރިޔަސް ނުކުރިޔަސް އަހަންނަށް ހެޔޮ. އަހަރެންނަށް އިނގެނީ މިގޭ ތެރޭގައި ރާނީ ބޭނުން ކޮންމެ ކަމެއް ކުރެވެންޖެހޭނެކަން. އަބަދުވެސް ރާނީ އަކީ އަހަރެންގެ ބަނޑުން އުފަން ނުވި ނަމަވެސް އަހަރެންގެ އުފަން ދަރިއެއް ފަދައިން ދެކޭ ކުއްޖެއް. އެކަން ހަނދާންނައްތާނުލާތި. އަދި މިގެއަށް ތިގެންނަން އުޅޭ އަންހެނާއަށްވެސް އެކަން ހަނދާންކޮށްދޭތި" ޙާއިޝާ ވާހަކަދެއްކިއެވެ.
ބަހެއްނުކިޔާ އުނޭޝް ހިނގައިގަތުމުން ޙާއިޝާ ހިތުގައި ޖެހިއްޖެއެވެ. ދަރިންކުރާ ކަންތަކުން ހިތްހަމަނުޖެހި އެއްޗެއް ބުނެވުނަސް ފަހުން އޭނާ އެކަމާ ދެރަވެ ހިތާމަކުރެއެވެ. އެދަރިންނަށް އެއްޗެހި ގޮވާ ހިތުގައިޖެއްސުމަކީ އޭނާ އެއް އިރެއްގައިވެސް ކުރާހިތްވާ ކަމެއް ނޫނެވެ.
"އަދޫ…! ރާނީގެ ފޮށި ގެންގޮސް މަންމަ ކޮޓަރިއަށް ވައްދާ. މީގެފަހުން ރާނީ ހުންނާނީ މަންމަ ކޮޓަރީގަ" އިރާނިޔާ ބޮލުގައި ފިރުމާލަމުން ޙާއިޝާ ބުނެލިއެވެ.
ގޭ މައިދޮރާއި ދޮރާއްޓާއި ދެމެދުގައި ދޮންވެލި ލާފައި ހުންނަ ހިސާބުގައި ހުރި ޖޯލިފައްޗަށް މިހާރު އެ އަންނަނީ ހިޔާ އަރަމުންނެވެ. އިސްތަށިގަނޑުގައި ފުނާ އަޅަމުން އައި ޝެނަލް ޖޯލީގައި އިށީނދެފައި އިސްތަށިގަނޑު އެއްކޮށްލާފައި އެއްފަރާތުން ގެނެސް ކުރިމައްޗަށް ވައްޓައިލިއެވެ. އަތުގައި އޮތް ފޯނަށް ބަލައިލާފައި ހިނިތުންވެލާފައި އެކުވެރިޔާއަށް ގުޅައިލިއެވެ.
"ޒީކް ކަމަކުއޭ. ހަވީރު އެއްވެސް ކަމެއް އެބޮތްތަ؟" ޒީކް ފޯނު ނެގުމާއެކު ޝެނަލް އަހައިލިއެވެ.
"އަޅެ… ފަހުން ބުނާނަން. ޒީކް ގެންދަން ބޭނުމީ… ތަމަން ގޮވައިގެންދަން ވަރަށް ފޫހި" ދެފަރާތް ބަލައިލާފައި ސިއްރުން ޝެނަލް ބުނެލިއެވެ.
ފޯނު ބޭއްވުމާއެކު އޭނާގެ ތުންފަތްމަތީގައިވި ހިނިތުންވުން އިތުރަށް ފުޅާވިއެވެ. ހިތަށް ސިފަވެގެންދިޔަ އަދްޔަންގެ ހިތްގައިމު ތަސްވީރު އޭނާ މޮޔަކޮށްލައިފިއެވެ. ތުންފަތުގައި ދަތްއަޅާލާފައި ޖޯލީގައި ޖައްސައިލިއެވެ. ހަވީރު ކޮންމެހެންވެސް އޭނާ ބަނދަރަށް ނިކުންނަން ބޭނުންވެއެވެ. ކުޅޭ ކޯޓްތައް ވަށައިގެން ހިނގާލުމުން އޭނާގެ ހިތުގެ ރަސްގެފާނު ފެނިދާނެކަމުގައި ހިތް ބުނަމުންދާތީއެވެ.
"އަނހަ މީނީ. ދަރިފުޅު އެބަހޯދާ ތަމަން…" ދެ ފިޔާ ތައްޓަކަށް ލައިގެން ނިކުތް ސަބްރީން ބުނެލިއެވެ.
"ކޯޗެއް ހަދަން ތިއުޅެނީ. ގެނޭ އަޅުގަނޑު އަތަށް ކޮށާލާނަން. މަންމަ ދަމުން ތަމަން ކައިރީގައި ބުނެދޭތި އަޅުގަނޑު މިތާ އިން ވާހަކަ" ޝެނަލް ބުނެލިއެވެ. ބޯޖަހާލާފައި ސްބަރީން އެތެރެއަށް ވަންތަނާ ތަމަންނީ ނިކުމެއްޖެއެވެ.
"މިރަށު ފޮތިފިހާރައެއް ހުންނަނީ ވަރަށް ދުރުގައިތަ؟" ތަމަން އަހައިލިއެވެ.
"މި ހިސާބުގަ ނުހުންނާނެ. ރަށުގެ އެސަރަހައްދުން ލިބިދާނެ" ޝެނަލް ބުނެލިއެވެ.
"ޝެނީ ދާނަންތަ މަށާއެކު. އެކޮޅު ތަންގަނޑުގަ ހިނގަން އަދި ނޭނގޭނެ" ތަމަންނީ ބުނެލިއެވެ.
"ދެވިދާނެ. އެކަމަކު ރޭގަނޑު ދޯ…" ޝެނަލް ބުނެލިއެވެ.
"ނާހާނަންތަ ކީއްކުރަންތޯ ފޮތި ގަންނަނީ" ތަމަންނީ އަހައިލިއެވެ. އޭނާގެ އަޑުގައިވި ތަފާތު ޝެނަލްއަށް ފާހަގަވިއެވެ. ޝެނަލް ބަލައިލުމުން ތަމަންނީ ހީލިއެވެ.
"ޑޭޓަކަށް ދާންތަ؟ ބިޓެއް ނެގީތަ؟" ޝެނަލް އަހައިލިއެވެ.
"އައިމް ގެޓިންގ މެރީޑް. ނެކްސްޓް ސަންޑޭގަ. ރީންދައްތަ ބުނި ރައްޓެއްސަކު ލައްވާ ވަރަށް ރީތި ހެދުމެއް ފަހައިދޭނަމޭ" ތަމަންނީގެ ވާހަކަތައް ޝެނަލް ހުރީ ޤަބޫލުނުކުރެވިފައެވެ. ތަމަންނީއާއި އެކުގައި އެތައް ވަގުތެއް ހޭދަކުރިއިރުވެސް އެކަހަލަ ނިޝާނެއްވެސް އޭނައަށް ފެނިފައެއްނެތެވެ.
"ތަމަން ވަރަށް ފަނި. އެންމެންނަށް އިނގޭ. މަށަށް އެކަނި ނޭނގެނީ. ނޮޓް ފެއަރ…" ޝެނަލް އަނގަ ހަދައިލިއެވެ.
"ސިއްރެއް ބުނަންތަ؟ މިއީ ވަރަށް އެހެންކަހަލަ ކައިވެންޏެއް. ފަހުން ކިޔައިދޭނަން އިނގޭ…" ޝެނަލްގެ ކޮލުގައި ފިރުމާލާފައި ތަމަންނީ އެތެރެއަށް ވަދެގެން ދިޔައެވެ. ހިތުގައި އުފެދުނު ސުވާލުތަކާއެކު ޝެނަލްއަށް މަޑުޖެހިގެން ހުރެވުނީއެވެ.
ވޮލީ ކޯޓު ފުރަގަހުން ރުއްތައް ހުރި ދިމާލުގައި އައިސް ހުއްޓުނު ޝެނަލް ތަންކޮޅެއް ދުރުގައި ހުރި ޒީކްއަށް ފެނުމާއެކު އަތުން ހަނާ އަޅައިލިއެވެ. މާގިނަ އިރެއް ނުވަނީސް ދެ އެކުވެރިން އެއްތަން ވެއްޖެއެވެ. ކައިރީގައި ޒީކް ހުއްޓެއްކަމަކު ސިކުންތެއްގެ ތެރޭގައި ޝެނަލްގެ ކަޅި މުޅި ސަރަހައްދަށް ހިންގާލައިފިއެވެ. އެތައް ބަޔަކު ކުޅެމުން ދިޔައިރު އަދްޔަން އޭނާގެ ލޮލުގައި އަޅައެއް ނުގަތެވެ. ސަރަހައްދު އެއްކޮށް ވަނީ އެކި އުމުރުފުރާގެ މީހުންތަކުން ފުރިފައެވެ.
"މަންޖެ ކާކު ހޯދަން އެހާވަރަކުން މިތަނަށް އަންނަން އުޅުނީ" ޒީކް އަހައިލިއެވެ.
"މީހަކު ހޯދަންތަ… ކިހާ އަރާމު ވައެއް މިތަނަށް މިޖެހެނީ… މިކަހަލަ ފިނިފިނި ވައިރޯޅީގެ މަސްތުގައި ކިތަން މީހުން ޖެހިފަ މިތިބީ…" ޚިޔާލީ ގޮތަކަށް ޝެނަލް ވާހަކަދައްކަމުން ޒީކްގެ އަތުގައި ހިފައިގެން ކުރިއަށް ހިނގަމުން ދިޔައެވެ. އޭރުވެސް އޭނާގެ ދެލޯ ހޯދަމުން ދިޔައީ އެންމެ މީހެކެވެ.
"އެކަމަކު މަށަށް ހީވަނީ ޝެނީ ތިހެރީ މި ވައިރޯޅީގެ މަސްތުގަ ޖެހިފައެއް ނޫންހެން. މިތަނުން ކޮންމެސް މީހެއްގެ މަސްތުގަ ޖެހިފަ ތިއިނީ… ދެން ބުނެބަލަ. އޭރުން ތިބުނާ މީހަކު ހަމަ މިހާރު ހޯދައިގެން ގެނެސް ޝެނީ ކުރިމަތީގަ ބަހައްޓާނަން" ޒީކް ވާހަކަދައްކަމުން ދިޔައެވެ.
"އޯކޭ އޯކޭ… މިތާ އިށީނދެގެން އިނދޭ. މިއަންނަނީ އޭނދަ ފިހާރައިން ކިއްލިއެއް ގަނެގެން. ނުތެދުވާތި. އެހެންނޫނީ މިތަންވެސް ގެއްލޭނީ" ޒީކް ބެންޗެއްގައި ބައިންދާފައި ޝެނަލް ފިހާރައާއި ދިމާލަށް ހިނގައިގަތެވެ. ހިތުގެވެރިޔާ ނުފެނުމުން އޭނާގެ ހިތަށް އުދާސްވެރިކަމެއް ވެރިވެއްޖެއެވެ.
ފިހާރައަށް ވަންނަން ދިޔަ ޝެނަލްއަށް ބޭރު އަށިގަނޑު މަތީގައި އިން އަދްޔަން ފެނުނީ ވަރަށް ކައިރިއަށް ދެވުނު ފަހުންނެވެ. ކުޅެން އުޅުމުގެ ތެރޭގައި ފަޔަށް ލިބުނު އަނިޔާއަކާއި ގުޅިގެން އަދްޔަން އިނީ އެކުވެރިއަކު ތަދުކަނޑުވާ ބޭހެއް ބަލާ ގެއަށް ވަދެފައި އަންނަންދެނެވެ. ފަޔަށް ނަޒަރު ހުއްޓާލައިގެން އިނދެފައި އަދްޔަން ކުރިމައްޗަށް ބަލައިލީ މީހަކު ކައިރީގައި ހުރިހެން ހީވެގެންނެވެ.
އޭނާއާއި ދާދި ކައިރީގައި ޝެނަލް ހުރިތަން ފެނުމުން ހިތުގެހިނގުމަށްވެސް ބަދަލު އައިހެން ހީވިއެވެ. ކޮޅަށް ތެދުވިއިރު ފައިގައި ހުރި ރިހުން ހަނދާނެއްވެސް ނެތެވެ. އަދްޔަންގެ މޫނަށް ބަލަހައްޓައިގެން ޝެނަލް ހުރީ ކަޅިޖަހައިލަންވެސް ހަނދާން ނެތިފައެވެ. އުންމީދު ނުކުރާ ގޮތަކަށް އަދްޔަން ފެނުމުން އޭނާގެ ހިތަށް ވަނީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ލިބިފައެވެ.
"ހެލޯ… އަނެއްކާވެސް އަހަރެން އަތުން އަނިޔާއެއް ވީތަ…؟" ޝެނަލްގެ މޫނުމަތީގައި އަތް ހިންގައިލަމުން އަދްޔަން އަހައިލިއެވެ. ޝެނަލް ހިނިތުންވެލި ގޮތް އަދްޔަންއަށް ވަރަށް ކަމުދިޔައެވެ.
"ނޫން… މިތަނުގަ ކީއްކުރަނީ..؟ ކޯޓުތެރެ ވަރަށް ހޯދާފައި…." ޖުމްލަ ފުރިހަމަ ނުކުރެވެނީސް ޝެނަލް މެދުކަނޑާލައިފިއެވެ.
"ކީކޭ… އަހަރެންތަ ހޯދީ… ތެދެއްތަ ތިބުނީ…" އަދްޔަން ކައިރިއަށް ހިނިއައެވެ. ބުނެވުނު އެއްޗަކުން ޝެނަލް ހުރީ އިސްއޮބާލައިގެނެވެ. ލަދުގަތްވަރުން މޫނު ރަތްވެގެން ދިޔައެވެ.
"ނޫން… އެހެން ބުނާކަށް ނޫން އުޅުނީ…" ޝެނަލް އަވަސް އަވަހަށް ބުނެލިއެވެ.
"އޯވް.. އެހެންވަނީ… އެކަމަކު މިފަހަރު ތިއޮތީ ބުޅާ ގޯނިން ބޭރުވެފަ…" ޝެނަލްއާއި ގާތަށް ޖެހިލަމުން އަދްޔަން ސިއްރުން ބުނެލިއެވެ. ޝެނަލްއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އަދްޔަންގެ ނަޒަރުން ސަލާމަތްވެވެން ވެސް ނެތެވެ.
"އޭތް ބްރޯ… މިހާރު އޯކޭތަ… މިއޮތީ ބޭސްގުޅަ… މަށަށް ފެންނަނީ މިއަދު ދެން ރެސްޓްކުރަން. އޭރުން މާދަން މެޗަށް އެރޭވަރުވާނީ" ގެއަކުން ނިކުތް އަދްޔަންގެ ޓީމް ކުއްޖަކު ވާހަކަދެއްކި އަޑު އިވުނެވެ. އެހިނދު ޝެނަލް ކުޑަކޮށް އަދްޔަންއާއި ދުރަށް ޖެހިލިއެވެ.
"ނައްޓާލާ. މަ ދާނީ ގެއަށް" އަދްޔަން އެހެން ބުނުމުން އޭނާގެ އެކުވެރިޔާ ކޯޓާއި ދިމާލަށް ދުއްވައިގަތެވެ.
އަނެއްކާވެސް އަދްޔަން ބަލައިލީ ޝެނަލް ހުރި ދިމާލަށެވެ. ޝެނަލް ފެންނަން ނެތުމުން އޭނާ މުޅި މަގަށް ނަޒަރު ހިންގައިލިއެވެ. ފިހާރައިން ނިކުންނަން އުޅުނު ޝެނަލްއަށް އެމަންޒަރު ފެނުމުން ހިނިއައެވެ. އަދްޔަންވެސް ހުރީ އޭނާ ހުރި ހާލަތުގައޭ ހިތް ބުނެލިއެވެ.
"އަހަރެންތަ ތިހޯދަނީ" ފުރަގަހަށް އެނބުރި ހުރި އަދްޔަން އެނބުރިލީ ޝެނަލްގެ އަޑު އިވުމުންނެވެ.
"ހާދަ މޮޅޭ… ހަމަ ތިކުއްޖާ މިހޯދަނީ…" އަދްޔަން ހީލި މަންޒަރު ފެނުމުން ޝެނަލް ހުރީ އެހެން ދިމާލަކަށް ނަޒަރު ބަދަލުކޮށްލަންވެސް ނުކެރިފައެވެ. ދެކޮލަށް އެޅިގެންދިޔަ އަޑިކޮޅު ޝެނަލްގެ ހިތުގައި ބިންވަޅުނެގިއްޖެއެވެ. ތަފާތު ރީތިކަމެކެވެ.
"ދަނީތަ…؟ މަޑުކޮށްބަލަ. އަހަރެން ވާހަކަދައްކާލަން ބޭނުން" ޝެނަލް ހިނގައިގަތުމުން އަދްޔަން ބުނެލިއެވެ. ޝެނަލް ހުއްޓުނެވެ. އެއީ އޭނާވެސް ބޭނުންވާ ގޮތެވެ. އެހެން ބުނެލީ ހަމައެކަނި އޭނާގެ ހިތެވެ. ހިތުގެ ރަސްގެފާނަށް އެ އަޑު އިއްވާލަން އޭނާ ނުކުޅެދުނެވެ.
"މިރޭ.. އާދެވޭނެތަ އަހަރެން ބުނާ ތަނަކަށް" އަދްޔަން އަހައިލިއެވެ. ޝެނަލްގެ ހަމަހިމޭންކަން އެކަމާ އޭނާ ދެކޮޅުނޫންކަން އަދްޔަންއަށް އަންގައިދިނެވެ.
"މިރޭ އެބަޖެހޭ ތަނަކަށް ދާން. އާދޭ ފޮތިފިހާރަތައް ކައިރިއަށް އޭރުން އަހަރެން ނިކުމެލާނަން" ޝެނަލް ބުނެލިއެވެ.
"ގަޑިބުނޭ… ހިތްއެދުނަސް އެހާ އަވަހަށް ފޯނު ނަންބަރ ދޭށޭ ބުނާކަށް ނުކެރޭނެއްނު…" ސަމާސާ ރާގަކަށް އަދްޔަން ބުނެލިއެވެ. އެހިނދު އަދްޔަންއަށް ނަޒަރެއް ޝެނަލްއަށް ދެވިއްޖެއެވެ.
"ދާނަން ނުވައެއް ޖަހަންވާއިރަށް…ދެން ދަނީ އިނގޭ…" ޝެނަލް ހިނގައިގަތެވެ. ފިހާރައިގެ ސޭޓު އެތެރޭގައި އިނދެ މަގުމަތީގައި ޝެނަލްއާއި އަދްޔަން ވާހަކަދައްކަން ތިބި މަންޒަރު ވީޑިޔޯ ކުރިއެވެ. އެކަން ދެކުދިންނަށްވެސް ނޭނގެއެވެ.
ކޮޓަރި ދޮރުމަތިން ހުރަސްކުރި ސަބްރީން މަޑުޖެހިލީ އަލަމާރި ކައިރީގައި ހުރި ޝެނަލް ފަހަރަކު ހެދުމެއް ނަގާފައި އެނދުމައްޗަށް އެއްލާތަން ފެނިފައެވެ. ޝެނަލްގެ ހަރަކާތްތަކަށް އިރުކޮޅަކު ބަލަން ހުރެފައި ސަބްރީން އެތެރެއަށް ވަދެއްޖެއެވެ.
"ޝާނީ… ތީ ކޮންކަމެއް…؟" ސަބްރީން ވާހަކަދެއްކި އަޑަށް ޝެނަލް ބަލައިލިއެވެ.
"މިއުޅެނީ މިރޭ ލާން ހެދުމެއް ހޯދަންވެގެން. މަންމާ! ކޮބާތަ އަޅުގަނޑުގެ އޮރެންޖް މިޑީ…" އެނދުމަތީގައި ހުރި ހެދުންތައް ހާވަމުން ދިޔަ ޝެނަލް ވާހަކަދެއްކިއެވެ.
"އެކަމަކު ދަރިފުޅާ. މިއޮތީނު. ކޮންތާކަށްދާން ތިއުޅެނީ..؟" ހެދުންތަކުގެ ތެރޭގައި އޮތް އޮރެންޖް ކުލައިގެ ހެދުން ނަގާ ދައްކައިލަމުން ސަބްރީން އަހައިލިއެވެ.
"ތޭންކް ގޯޑް… މިއުޅެނީ އޭނަ މިރޭ ތަނަކަށް ދާން ބުނީމަ" ހެދުން ފެނުމުން ހިތަށް ލިބިފައިވާ ހިތްހަމަޖެހުމާއެކު ޝެނަލް ބުނެލިއެވެ.
"އޭނަ އޭ… ފިރިހެން ކުއްޖެއްތަ؟" ސަބްރީން އެނދުގައި އިށިންނަމުން އަހައިލިއެވެ.
"އާނ މަންމާ… ނޫން… ސާބަސް މަންމައަށް. ތަމަން ބުނެގެން…" އަމިއްލައަށް ބޭޒާރުވުގެ ކުރިން ޝެނަލް ވާހަކައިގެ ރާގު ބަދަލުކޮށްލިއެވެ.
"ދެން މަންމަ ދޭބަލަ. މިހާރުވެސް ވަގުތު ވަރަށް ކުޑަތަންވެއްޖެ. އަޅުގަނޑު އަދި ނަމާދުވެސް ނުކޮށް މިހިރީ…" ސަބްރީންގެ އަތުގައި ހިފައިގެން ދޮރާއި ދިމާލަށް ދަމުން ޝެނަލް ވާހަކަދެއްކިއެވެ. އަދްޔަންއާއި ބައްދަލުކުރަންދާން ބުނި ހިސާބުން ފެށިގެން އޭނާގެ ހިތް ވަނީ އަވަސްވެފައެވެ. އެސޫރަ ދެކިލާހިތުން އޭނާއަށް ކެތްވަނީއެއް ނޫނެވެ. އަދްޔަން ދައްކަން އެއުޅޭ ވާހަކަތައް އަހާހިތުން އޭނާ ހުރީ މޮޔަވާވަރު ވެފައެވެ.
ތަމަންނީ އާއިއެކު ފޮތި ފިހާރައަށް ވަން ވަގުތު ސައިކަލެއްގެ ބަރުގޮނު އަޅާލި އަޑަށް ޝެނަލް ފަހަތް ބަލައިލިއެވެ. އޭނާ ބަލައިލިއިރު ދޮރުމަތީގައި ސައިކަލް މަޑުކޮށްލައިގެން އަދްޔަން އިނެވެ. އޭނާގެ ހިތް މޮޔަކޮށްލި ހިނިތުންވުން އިޝްތިހާރު ކޮށްލައިގެންނެވެ. ޝެނަލް ބަލައިލުމާއެކު އެއްލޯ މަރާލާފައި އެއްކައިރީގައި ސައިކަލް މަޑުކޮށްލާފައި އޭގެ މަތީގައި އިށީނދެއްޖެއެވެ. ޝެނަލްއަށް އެނޫން އެހެން ދިމާލަކަށް ބަލައިލަން ހަނދާންނެތިފައި ހުރި ކަހަލައެވެ. ހިތްއެދި ގޮވާގޮވުން އެއްވެސް ފަރާތަކަށް ހިއްސާނުކުރެވެނީސް އޭނާގެ ހިތް އެޒުވާނާ މިލްކު ކޮށްލައިފިއެވެ.
"ކޮން ހިޔާލެއްގަ..؟" އަތުގައި ހިފައި ދަމައިގަންނަމުން ތަމަންނީ އަހައިލިއެވެ. ކުރިއަށް ހިނގައިގަންނަން ޝެނަލް ހަނދާންވީ އެހިސާބުންނެވެ. ޝެނަލް އެންމެ ހައިރާންވީ އޭނާ ލައިގެން ހުރި ކުލައިގެ ޓީޝާޓެއްގައި އަދްޔަން އިނުމުންނެވެ.
އެފިހާރައިން ތަމަންނީ ހިތްހަމަޖެހޭކަހަލަ ފޮތިގަނޑެއް ނުފެނުނެވެ. އެހެންކަމުން ޖެހިގެން ހުރި ފިހާރައަށް ވަންނަން ދިޔައެވެ. ކުރީގައި ތަމަންނީ ހުރިއިރު އެއްފަރާތު ފާރު ކައިރީގައި އިން އަދްޔަންއަށް ބަލަމުން ޝެނަލްއަށް ދެވުނީ ލަސް ލަހުންނެވެ. ދެފަރާތުންވެސް ބަސްމޮށުންތެރިކަމާއިނުލާ ވާހަކަތަކެއް ދައްކައިފިއެވެ. ދެހިތުގައި އެކަކު އަނެކަކަށްޓަކައި ތެދުވެރި ލޯތްބެއްވާނަމަ ޔަޤީނުންވެސް އެދެމެދުގައި ބަދަލުވެގެންދިޔަ ވާހަކަތައް އެކަކު އަނެކަކުގެ ހިތާއި ހަމައަށް އެ އިހުސާސްތައް ގެންގޮސްދޭނެއެވެ.
ކަންދިމާކުރި ގޮތުން އެފިހާރައިން ތަމަންނީއަށް އޭނަ ވަރަށް ގަޔާވާ ފޮތިތަކެއް ފެނިއްޖެއެވެ. ފިހާރަ ތެރޭގައި ތިބި ކުދިންނާ އެކި ވާހަކަދައްކަމުން އޭނާ ޝެނަލް މަތިން ހަނދާންނެތިއްޖެއެވެ. ފަހަތް ބަލައިލިއިރު ފާރުގައި ލެގިލައިގެން ހުރި އަދްޔަން އޭނާއަށް ފެނިއްޖެއެވެ. އެތަނަށް ދާހިތުން އޭނާއަށް ހުރެވެނީއެއްވެސް ނޫނެވެ. އޭނާގެ އިންތިޒާރުގައި އެތަނުގައި އަދްޔަން އިންނަތާ ތިރީސް މިނިޓް ވެއްޖެއެވެ.
"މިއަންނަނީ އިނގޭ. ބޭރުގަ އެބުހުރި ރައްޓެހިކުއްޖެއް" ފޮތިކަނޑާ ތަނުގައި ހުރި ތަމަންނީ ކައިރީގައި ބުނެލާފައި ޝެނަލް ބޭރަށް ނިކުތެވެ. މަގު ހުރަސްކޮށްލާފައި ޝޭނަލް ގޮސް ހުއްޓުނީ އަދްޔަން ކުރިމަތީގައެވެ.
"ޔޫ ލުކް ބިއުޓިފުލް… އަހަރެމެން ދެމީހުން ހާދަ މެޗުވެޔޭ…" ޝެނަލް ހުއްޓުމުން އަދްޔަން ބުނެލިއެވެ. ޖަވާބުގައި ޝެނަލްއަށް ދެވުނީ ހިނިތުންވުމެކެވެ.
"އެހާ ވަގުތެއް ނެތް ކަންނޭނގެ. އޭނަ ނިކުތީމަ ދާންޖެހޭނީ" ޝެނަލް ބުނެލިއެވެ.
"އެއީ ކާކުތަ؟ ދައްތަ ތަ"؟ އަދްޔަން އަހައިލިއެވެ.
"ނޫން. ފްރެންޑެއް." ޝެނަލް އަވަސް އަވަހަށް ބުނެލިއެވެ.
"ހިނގާ އެތަނުގައި އިށީންނަން" ތަންކޮޅެއް ދުރުގައި ހުރި އަށްޓެއް ދައްކައިލަމުން އަދްޔަން ބުނެލިއެވެ. ދެކުދިން އެކުގައި އެދިމާލަށް ހިނގައިގަތްއިރު އެއީ އަދްޔަން ބޭނުންވި ގޮތެއް ނޫނެވެ. އޭނާ ބޭނުންވީ ޝެނަލް ގޮވައިގެން ސައިކަލުގައި ދާށެވެ. އެއްވެސް މީހަކު ނުފެންނަ ހިސާބުގައި ޝެނަލްއަށް އޭނާގެ ހިތުގެ އެދުން އިއްވާ ދޭށޭވެ. އެހެންވިޔަސް އަދި އެކަމަށް އޭނާ ފަސްޖެހުނީއެވެ.
(ނުނިމޭ)