ވާހަކަ

ދެކިލަން އެދޭތީ - 06

1

އަށާރަ ގަޑިއިރުގެ ދިގު ދަތުރަކަށްފަހު ހީތްރޯ އެއާޕޯޓަށް ބޯޓު ޖެއްސުމަށް ތައްޔާރުވަމުންދާ ކަމުގެ އިއުލާން އިވިގެން ދިޔަ އެވެ. އޭރު އީވާ އިނީ ކުޑަދޮރުން ބޭރު ބަލަންށެވެ. ނިންޖާއި ވަރުބަލިކަމުގެ އަސަރު އޭނަގެ މޫނުމަތިން ފެނެއެވެ. ކަރުގެ ވަށައިގެން ލައްވާފައި އޮތް ''ނެކް ޕިލޯ'' ރަނގަޅުކޮށްލިއެވެ. އަދި އޮއްސެމުން ދިޔަ އިރުގެ ދަޅަތަކުން ޖަރީވަމުން ދިޔަ ލަންޑަންގެ ހިތްގައިމު މަލަމައްޗަށް ބަލައިލީ ހިނިތުންވުމަކާއެކުގައެވެ. ފިނި މޫސުން ނިމި ރަބީޢު މޫސުމުގެ ފެށޭ ދުވަސްކޮޅަށް ވުމުން ގަނޑުފެންތައް ވިރި ގަސްތަކާއި އިމާރާތްތަކަށް ނޭވާލުމުގެ ފުރުސަތު ލިބިފައިވާ ކަހަލައެވެ. އެމަންޒަރަށް ގެއްލިފައި އިންދާ ބޯޓު ތިރިކުރަމުން ގޮސް ރަންވޭއާއި އަރާހަމަކޮށްފިއެވެ. އެއީ ދަތުރުގެ ހުރިހާ ބައިވެރިންނަށް ވެސް ހަމަޖެހިލުމުގެ ފުރުސަތު ލިބުނު ވަގުތުކޮޅެކެވެ. ދިގު ދަތުރަކަށްފަހު މަންޒިލާ ހަމައަށް އާދެވިއްޖެކަމުގެ އުފާވެރިކަން އެންމެންގެ މޫނުމައްޗަށް ވެރިވިއެވެ.

އީވާ އިނީ ސީޓުގައި މަޑުކޮށްލައިގެނެވެ. މީހުންނާއި މަސްހުނިވެގެން ބޯޓުން ފައިބަން ބޭނުން ނުވާތީއެވެ. ފުރުސަތު ލިބުމުން އަތްދަބަސް ހިފައިގެން ބޯޓުން ފައިބަން އޭނަ ހިނގައިގަތެވެ. ގިނަ އިރު އިށީނދެގެން އިނުމުން ހަށިގަނޑުގެ މަސްތަކުގައި ވެސް ރިއްސައެވެ. ފަރާތްފަރާތަށް ހަރަކާތްކޮށްލީ މަސްތަކުގެ ވާންކަން ކަނޑުވާލުމަށެވެ.

ކަސްޓަމްސް އާއި ވިސާގެ ހުރިހާ ކަމެއް ފުރިހަމަކުރުމަށް ފަހު އީވާއަށް ބޭރަށް ނިކުމެވޭ ވަރުވީ ގަޑިއެއްހާ އިރު ފަހުންނެވެ. ދިގު ކިއު ލައިނެއްގެ ފުލުގައި ލައްވާލުމާއި، މާބަނޑު މީހަކަށް އޭނަގެ ޖާގަ ދީގެން އިތުރަށް މަޑުކުރަން ޖެހުނީއެވެ. އެވަގުތުކޮޅުގައި މާމައާއި މަންމައަށް ގުޅާ ލަންޑަނަށް އާދެވިއްޖެކަން ހާމަކުރިއެވެ.

*****

ވަރުބަލިކަން އެކުލެވިގެންވި ހިނގުމެއްގައި ޓްރޯލީ ދުއްވަމުން އީވާ ބޭރަށް ނިކުތެވެ. އޭނައަށް ވަށައިގެން އޮތް ހަލަބޮލި މާހައުލަށް ބަލައިލެވުނެވެ. ހޭލަމޭލަވަމުން ދިޔަ މީހުންތަކުގެ ތެރޭން ފުރޭނިގެން ގޮސް ތަންކޮޅެއް ދުރުގައި ހުރި ރައުހާއަށް އޭނަގެ ނަޒަރު ހުއްޓުނެވެ. ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ރައުހާއާއި ނަޒަރު ބައްދަލުވުމާއެކު އޭނަގެ ވަރުބަލިކަން ފިލައި ދިޔަކަމުގެ އިހުސާސްކުރެވުނެވެ. ދެލޮލުން އުފާވެރިކަން ފާޅުވެއްޖެއެވެ. ހިތްހަމަޖެހުމުގެ އަސަރު މޫނަށް ވެރިވެއްޖެއެވެ.

އީވާ ފެންނަ އިރަށް ކަރު ބުޑުން ހަޅޭއްލަވަމުން ރައުހާ ދުއްވައިގަތީ އީވާގެ ގާތަށެވެ. އީވާއަށް ވެސް ލިބުނު ޖޯޝުގައި ހަޅޭއްލަވައިގަނެވިއްޖެއެވެ. އެފަދަ އުފާވެރިކަމެއް އިހުސާސްކޮށްނުލެވޭތާ ލައްކަ ދުވަސް ވެއްޖެޔޭ އީވާގެ ހިތަށް އެރިއެވެ. ނަފުސަށް ހަމަޖެހިލުމުގެ ފުރުސަތު ލިބިފައިވާ ކަހަލައެވެ. ވަށައިގެން ތިބި މީހުންގެ ހައިރާންކަމުގެ ނަޒަރު ހުއްޓެމުން ދިޔަކަން ފާހަގަ ކުރެވުނެވެ. ނަމަވެސް އެކަމަށް އެކަކުވެސް ސަމާލުކަމެއް ނުދިނެވެ. އޮޅުލައިގަންނަމުން ވެސް ހަޅޭއްލަވަމުން ދިޔަ އެވެ.

''އޯ މައި ގޯޑް، ފައިނަލީ ޔޫ އާރ ހިއާރ...'' ލިބިފައިވި އުފާވެރިކަމާ ހުރެ ރައުހާއަށް ރަނގަޅަށް ވާހަކެއް ވެސް ނުދެކެވެއެވެ. ހަޅޭއްލެވެނީއެވެ. އޭނައަށް އީވާ އެފެނުނީ އަހަރެއްހާ ދުވަސް ފަހުން ވިއްޔާ އެވެ.

ރައުހާގެ ވާހަކަދެއްކުމުގެ ރާގު ފާހަގަ ކުރެވިގެން ރައުހާއާ ދިމާއަށް އީވާ ބަލައިލިއެވެ. އެއާއެކު އަނގަމަތީގައި ރައުހާ އަތް އަޅައިފިއެވެ. އީވާއަށް ހިނިގަނޑު ކޮންޓްރޯލެއް ނުކުރެވުނެވެ.

''ފޭކް ބްރިޓިޝް އެކްސެންޓެއް ވެސް ގެންގުޅެން ފެށީއޭދޯ، ދުވަސްކޮޅަކުން ދިވެހި ޕާސްޕޯޓް ވެސް ބަދަލުކުރާނަން ދޯ؟'' ހުނުމުގެ ތެރޭން އީވާ ބުނެލިއެވެ. ''ކޮބާތަ ރައްޓެހިވެގެން އުޅޭ ސޮރު، ނާދޭތަ އަހަރެން ބަލާ؟''

''ރެއިން ދޯ!، ރެއިން ވީ އެމެރިކާގަ، ކޮންމެ ވެސް ސެމިނާ އަކަށް ގޮސް، އީވްއާ ބައްދަލުކޮށްލަން ބޭނުންވެފައި ހުރީ ވެސް، އެކަމަކު ކުއްލިޔަކަށް ފުރަން ޖެހުނީމަ މަޑެއް ނުކުރެވޭނެތާ، މަސް ދުވަސް ފަހުން އަންނާނެ... އަން، މި ދޭން ވެސް ހަނދާނެއް ނެތޭ... އީވްއަށް އެންމެ ކަމުދާ މާތައް ހިފައިގެން މިއައީ، އަހަރުމެން ކުރިން ޕާޓްޓައިމް ޖޮބަށް ދިޔަ މާވިއްކާ ފިހާރައިން ގެނައި އެއްޗެހި މީ...'' އޭނަގެ އަތުގައި އޮތް ރަތް ފިނިފެންމަލާއި ލިލީގެ ޤުލްދަސްތާ އީވާއަށް ދިއްކޮށްލަމުން ރައުހާ ބުނެލިއެވެ. މާޒީގެ ދުވަސްތަކެއް ހަނދާންކޮށްލަމުންނެވެ.

''އޯހ!، މޭރީ އަދިވެސް އުޅޭތަ؟'' ރައުހާއަށް ޝުކުރު އަދާކުރަމުން އީވާ ބުންޏެވެ. އަދި މާބޮނޑީގައި ހިފަމުން އޭގެ ވަސްބަލައިލިއެވެ. މަލުގެ ހުވަނދުން ސިކުނޑި ތާޒާކޮށްދިނެވެ.

''އާނ، މިހާރު ކުއްޖަކު ވެސް ލިބިއްޖެ، ދެމީހުން ވާނެ ބައްދަލުކޮށްލަން ދާން، މިހާރު މޭރީ އެކަނި މާފިހާރަ ހިންގަނީ......'' ރައުހާ އޮޅުންފިލުވައި ދިނެވެ.

ރައުހާއަކީ އިސްކޮޅުން ކުރު އަންހެންކުއްޖެކެވެ. ހަމުގެ ކުލަ އަލި ނޫންކަމުގައި ވިޔަސް ރައުހާއަށް ތަފާތު ރީތިކަމެއް ލިބިފައި ވެއެވެ. ރައުހާގެ އެންމެ އަޅައިގަންނަ ސިފައަކީ ކަޅުކަންގަދަ ބުޅި އިސްތަށިގަނޑެވެ. ހިމަތޮޅި ހަށިގަނޑެއް ލިބިފައި ވާއިރު މޫނުމަތިން އޯގާތެރިން ފެނެއެވެ. ތުންފަތުގައި އަބަދުމެ ކުޅެލަނީ ރީތި ހިނިތުންވުމެކެވެ. ފެޝަނަށް ލޯބި ކުރާކަން ހެދުން އެޅުމުގެ ވައްޓަފާޅިން ހާމަކޮށްދެއެވެ.

''މިހާރު އިސްތަށިގަނޑު ބުޅިކޮށްތަ ބާއްވަނީ؟، ކުރިން އަބަދު އުޅޭނީ ފަންކޮށްގެން...'' ރައުހާއަށް އައިސްފައިވި ބަދަލު ފާހަގަ ކުރެވުމުން އީވާ ދިމާކޮށްލިއެވެ. އިސްތަށިގަނޑާ މެދު ރައުހާ ކުރާ ޝަކުވާތައް ހަނދާންވެ ހިނިއާދެވުނެވެ.

''ރެއިންއަށް ރީތި މިހެން ހުރީމައޭ، އެހެންވެ ފަންކުރާ ޚިޔާލެއް ނުކުރަން...'' ފުއްޕާފައި އޮތް ބުޅި އިސްތަށިގަނޑުގައި އަތް ހިންގާލަމުން ރައުހާ ބުންޏެވެ.

''ލޯބި ވެވުނީމަ މީހާ ބަދަލުވެއްޖެދޯ...'' އީވާ ބުންޏެވެ.

''އާނ، ލޯބި ވެވުނީމަ ކޮންމެ މީހަކު ވެސް ބަދަލުވާނެ، އީވްއަށް ލޯބި ވެވުނީމަ އެނގޭނީ އެއީ ކޮންކަހަލަ އިހުސާސެއްކަން، އާހ!، ޔޫ ވިލް މީ މެސްމެރައިސްޑް...'' ދެއަތް ޖޯޑުކޮށްލަމުން ހުވަފެނީ ރާގަކަށް ރައުހާ ބުންޏެވެ. ރައުހާއަކީ އަބަދު ވެސް ހުވަފެނީ ކުއްޖެކެވެ. ވާހަކަތަކާއި ފިލްމުތަކުން ފެންނަ ކަހަލަ ލޯތްބަކަށް އިންތިޒާރުކުރަމުން ދަނިކޮށް އެނަސީބު ލިބިފައިވާ ކުއްޖެކެވެ. ލޯބީގެ މައިދާނުގައި ނާކާމިޔާބާ ކުރިމަތިލާން ޖެހިފައިވަނީ ހަމައެކަނި އީވާ އަށެވެ.

''ހޭއި، ކިހިނެއް ވީ؟...'' ރައުހާގެ ޖުމްލައިން މޮޅިވެރިކަން އީވާގެ ހިތަށް ވެރިވިއެވެ. ލޯބީގެ ޖަޒުބާތުތައް އިހުސާސްކުރަން އޭނަ ވެސް ބޭނުމެވެ. ލޯބިވާ ފަރާތަކާއެކު ހަޔާތުގެ ދުވަސްތައް އެކުގައި ހޭދަކުރަން އޭނަގެ ހިތް އެދެއެވެ. ނަމަވެސް މިދުނިޔެއިން އެނަސީބު އޭނައަށް ލިބިދާނެ ކަމާ މެދު ހިތުގައި ޝައްކު އުފެދިފައި ވެއެވެ. އަތުގައި އެޅިފައިވި މަޖުބޫރީގެ ކަސްތަޅުތަކުގެ ސަބަބުންނެވެ.

''ކަމެއް ނުވޭ...'' މާޔޫސްކަން ސިއްރުކުރަން އީވާ މަސައްކަތްކުރިއެވެ. ''ކީއްވެ ޓެކްސީ ކިއުއާ ދިމާއަށް ތި ދަނީ؟، ކާރުގައެއް ނޫންތަ އައީ؟...''

''އޫޕްސް!، ބުނަން ހަނދާން ނެތުނީއޭ... ވީ ގޮތަކީ އެއާރޕޯޓަށް އަންނަން އުޅެނިކޮށް ކާރުގެ ޓަޔަރު ފަޅައިގެން ދިޔައީ... ދެން ކާރު ގަރާޖަކަށް ލާފަ ޓެކްސީގަ އަންނަން ޖެހުނީ...'' ހުއްޓެމުން އީވާއަށް ކަންތައް ވެދިޔަ ގޮތުގެ ތަފްސީލީ ރިޕޯޓެއް ރައުހާ ދިނެވެ. އީވާއަށް ތުން ފިއްތާލެވުނެވެ. ޓެކްސީގައި ދާންވުމުން އިތުރަށް މަޑުކުރަން ޖެހޭނެތީއެވެ.

*****

ދެއެކުވެރިން ޓެކްސީ ކިއު ލައިނާ ދިމާއަށް ގޮސް އެތާ އޮތް އެންމެ ފަހު ޓެކްސީއަށް އަތް ނަގައިފިއެވެ. އަދި ޓެކްސީ އައިސް ކައިރިކޮށްލުމާއެކު އަރަން އުޅުނެވެ. ނަމަވެސް އީވާމެނަށް ވުރެ ކުރިން ޓެކްސީގެ ދޮރުގައި ހިފާ ހުޅުވާލީ އެހެން މީހެކެވެ. ލިބުނު ހައިރާންކަމާއެކު އީވާއާއި ރައުހާ އެމީހަކަށް ބަލައިލިއެވެ.

އިސްކޮޅުން ދިގު ހަމުގެ ކުލަ އަލި ޒުވާނެކެވެ. ބައިމަތި ފުޅާ ހަށިގަނޑެއްގެ ވެރިއެވެ. ދިގުކޮށްލެވިފައިވި ފަން އިސްތަށިގަނޑުގެ ބައެއް މޫނަށް ފައިބާފައި އޮތް އިރު ތުނބުޅި ވެސް އެހާމެ ދިގެވެ. އޭގެ ސަބަބުން ޒުވާނާގެ ސިފަ އޮޅެހާ ވެއެވެ. ލައިގެން ހުރި ޓީޝާޓުގެ ކުލައާއި ފައިކުރު އޮޅާފައިވި ޖިންސާއި އެއްވެސް ކަހަލަ ގުޅުމެއް ނެތެވެ. ''ފެޝަން ޓެރަރިސްޓް'' އެކޭ ބުންޏަސް ދޮގަކަށް ނުވާނެޔޭ އީވާގެ ހިތަށް އެރިއެވެ. ފޫހިކަން ހިތަށް ވެރިވުމުން އީވާއަށް މޫނަށް ގޮތެއް ހަދާލެވުނެވެ.

''އެކްސްކިއުޒް މީ!...'' ޓެކްސީއަށް އަރަން އުޅުނު ޒުވާނާއަށް މުހާތަބުކޮށް އީވާ ބުންޏެވެ. ''ދިސް އިސް އަވާރ ޓެކްސީ...''

ޓެކްސީއަށް ފުރަތަމަ އަތް ނެގީ އެމީހުންކަން ހަނދާންކޮށްދެމުން އީވާ ބުންޏެވެ. އެޒުވާނާ އީވާއާއި ރައުހާއަށް ބަލައިލީ ފަރުވާކުޑަކަމައެކުގައެވެ. އީވާ ދެއްކި ވާހަކައަށް އެއްވެސް ސަމާލުކަމެއް ދިނުމެއް ނެތި، އޭނަގެ ކޮނޑުގައި އޮތް ބޮޑު ދަބަސް ޓެކްސީގެ ފަހަތު ސީޓަށް ލައިފިއެވެ. އެއަށްފަހު ޑްރައިވާރާ ޖެހިގެން ހުރި ދޮރު ހުޅުވާލަމުން އަރަން ދިމާކޮށްލިއެވެ.

''އެކްސްކިއުޒް މީ!، އައިމް ސްޕީކިންގް ޓު ޔޫ!'' އީވާގެ ދުލުގައި ވާހަކައިގެ އެއްބައި އޮތްވާ އެޒުވާނާ ކަންފަތަށް ހެޑްސެޓް ޖަހައިފިއެވެ. އަދި ސީޓުގައި ހަމަޖެހިލަމުން ޓެކްސީ ޑްރައިވަރު ގާތު ދުއްވާލުމަށް އެދުނެވެ. ޑްރައިވަރު ވެސް އޭނައަށް ދަތުރެއް ލިބުމުން އީވާއަށް ސަމާލުކަން ދިނުމެއް ނެތި ޓެކްސީ ދުއްވާލިއެވެ. އޭރު ރުޅިގަދަވެގެން ގޮސް އީވާގެ ދޮން މޫނު ރަތް ވެއްޖެއެވެ. ގާތުގައި ހުރި ރައުހާއަށް އެމަންޒަރު ފެނި އީވާ ހަމައަކަށް އަޅުވަން ގާތަށް ޖެހިލެވުނެވެ.

''ދެޓް އެރޮގެންޓް ޖާރކް!!!'' އީވާ ހަޅޭއްލަވައިގަތެވެ. އޭނަ ހުރީ އަވަހަށް ގެއަށް ދާން ބޭނުން ވެފައެވެ. އެފުރުސަތު އަތުން ގެއްލިގެން ދިއުމުން އޭނަ ހުރީ ރުޅިގަދަވެފައެވެ. ''އަހަރުމެންނޭ ފުރަތަމަ އަތް ނެގީ!''

''އީވް! ހަމަޖެހިބަލަ، ވެދާނައެއްނު އަހަރުމެނަށް ވުރެ ކުރިން އޭނަ ކަމަށް އަތް ނެގީ... އިތުރު ޓެކްސީއެއް ލިބިދާނެޔޭ... ހަމަޖެހިބަލަ، ޓެކްސީ ހުސްވުމުގެ ކޮޅުމައްޗެއް ނޫން ވިއްޔާ މިއީ......'' އީވާއަށް ބަލައިލަމުން ރައުހާ ބުނެލިއެވެ.

''ޓެކްސީއެއް ނުލިބުމެއް ނޫނޭ މައްސަލައަކީ، ފުރަތަމަ އަތް ނެގީ ހަމަ އަހަރުމެން!، އެއްވެސް ކަހަލަ ޑިސިޕްލީންއެއް ހުރި މީހާގަނޑެއް ނޫން، އަނެއްކޮޅުން މިހާ ބިޒީކޮށް އޮތްވާ ފަސޭހައިން ޓެކްސީއެއް ވެސް ނުލިބޭނެ، މިހާރު ވެސް ހީވަނީ ބޯމަތިން މީހުން ގޮސްފާނެހެން...'' މީހުންތަކުން ފުރިބާރުވެފައި އޮތް މާހައުލަށް އިޝާރާތްކުރަމުން އީވާ ބުންޏެވެ. ދަތުރުގެ ވަރުބައްޔާއި، ބަނޑުހައިހޫނުކަމާއެކުވެ އޭނަ އިތުރަށް ރުޅިގަދަވާން ފެށިއެވެ. ރުޅިއަކީ އީވާއާއި ވަރަށް ބީރައްޓެހި އިހުސާސެކެވެ. ނަމަވެސް އެޒުވާނާ ކުރި ކަންތަކުން އޭނަގެ މުޅި ތަބީއަތު ހަރާބު ވެއްޖެއެވެ. ބުމަކައިރިކޮށްލަމުން މޫނަށް ގޮތެއް ހަދާލެވުނީ ވެސް އެހެންވެއެވެ.

*****

ފަސްވަރަކަށް މިނެޓް ފަހުން ޓެކްސީއެއް ލިބުނެވެ. އޭރު ކުރިއަށް ވުރެން އީވާ ހުރީ ވަރުބަލި ވެފައެވެ. ޓެކްސީއަށް އަރަމުން އޭނަ ފުން ނޭވާއެއް ދޫކޮށްލިއެވެ.

''އަދި ވެސް ހިތްހަމަނުޖެހިފަތަ؟، އަހަންނަށް ހީވަނީ އީވް ބަނޑުހައިވެފަ ހުރީމަހެން ތިހާ ރުޅިގަދައީ، ކޯޗެއް ކާން ބޭނުންވަނީ، މިހާރު އޯޑަރު ދިނީމަ ގެއަށް ދެވޭއިރަށް ޑެލިވަރީ އަންނާނެ...'' ޑްރައިވަރު ގާތު ދާންވީ މަންޒިލް ބުނެލަމުން އީވާއަށް ރައުހާ ބަލައިލިއެވެ. އީވާ އިނީ ބޭރުބަލަންށެވެ. ހިތްހަމަނުޖެހުމުގެ އަސަރު އަދިވެސް އެމޫނުމަތިން ފެނެއެވެ.

''އެންމެ ރަނގަޅު، އަހަރެން އޯޑަރު ދޭނީ ޕިއްޒާއަކަށް... ދެން އީވް، ތިހެން ނީނދެބަލަ، އެއީ ދެން އެވަރު ކަމެއް ވެސް ނޫނެއްނު، މިތާ އުޅޭ އިރު އެކަހަލަ ރުންކުރު އަދަބެއްސަދަބެއް ނުހުންނަ މީހުންނާ ދިމާވާނެކަން އީވް ހަނދާން ނެތުނީތަ؟ އެކަހަލަ ތާކުންތާކުނުޖެހޭ މީހުންނާ މެދު ވިސްނާ ރުޅިގަދަ ވަނީ ކީއްކުރަން؟ ނައު ސްމައިލް، ޑޯންޓް ބީ ގްލޫމީ...'' ރައުހާ އެތައް ވާހަކައެއް ދައްކައިގެން އީވާ ހަމައަކަށް އެޅުނެވެ.

''ޕެޕަރޯނީ ޕިއްޒާއަކަށް އޯޑަރު ދޭނީ، ލާރޖް...'' ހަށިފުރާ ދޫކޮށްލި ނޭވާއަށްފަހު އީވާ ބުންޏެވެ. އީވާގެ ޖުމްލައިން ރައުހާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނަ ފޯނު ނަގައި ނަންބަރަކަށް ޑައިލްކޮށްލިއެވެ.

''ސޯ މިހާރު ތިހިރީ ޖޮބްލެސް ވެފަ، އިންޑިޕެންޑެންޓްކޮށް އުޅުމުގެ ފުރުސަތު ވެސް ލިބިފަ... އީވް ތީ ވަޒީފާއަކަށް ނުދާނަމަ މަޑުން ހުރެވޭ މީހެއް ނޫން... ދެން ކިހިނެއް ހަދަން ޕްލޭންކޮށްފަ އޮތީ؟...'' އޯޑަރުދީ ނިމުމުން ކަންފަތާ ފޯނު ވަކިކޮށްލަމުން ރައުހާ ބުނެލިއެވެ. އީވާ ކުރިއަށް ރާވާފައި އޮތް ގޮތެއް އެނގެން އޭނަ ބޭނުން ވިއެވެ.

''ހެހެހެ، ނެތް ވަކި ގޮތެއް ވިސްނާފައެއް އަދި، ކިޔެވުން ފެށުނީމަ ގޮތެއް ނިންމާނީ... އެކަމަކު ޕާޓްޓައިމް ޖޮބަކަށް ދާނަން...'' އަމިއްލަ ބުރަ މަސައްކަތުން ހޯދާ އާމްދަނީން މެނުވީ ޚަރަދުކުރާކަށް އީވާ ބޭނުމެއް ނުވެއެވެ. ކިތަންމެ މުއްސަނދި އާއިލާއަކުން އައިސްފައި ވިޔަސް އެކަމުގެ މުހުތާދުގައި ދިރިއުޅުން ބިނާކުރުމުގެ ވިސްނުމެއް އެއްވެސް އިރެއްގައި ނެތެވެ. އަމިއްލަ ދެފައި މައްޗަށް ކޮޅަށް ތެދުވުން އެއީ އީވާގެ މަޤުސަދެވެ. މަންމައާއި ބައްޕަ އެމިނިވަންކަން އޭނައަށް ދޭން ފަހެއް ނުޖެހެއެވެ. ނަމަވެސް މާމައަކީ އޭނަގެ ވިސްނުމާ މެދު ރުހޭ ފަރާތެއް ނޫނެވެ. ދިރިއުޅުމުގައި ދާން ބޭނުންވާ މަންޒިލްތަކަށް ދިއުމަށް ހުރަސް އެޅެނީ އެކަމުގެ ސަބަބުންނެވެ.

ކިޔެވުމަށް ފަހު އޮތްނަ ހުސް ވަގުތުގައި ކޮންމެ ވެސް މަސައްކަތެއްކުރަން އީވާ ބޭނުން ވެއެވެ. މާމަ ނެތުމުން އޭނަ ކުރާ ކަމަކަށް ފާޑު ކިޔާނެ މީހަކު ވެސް ނުހުންނާނެއެވެ. އެހެންވުމުން އޭނަގެ ޝައުޤުވެރިކަން ހުންނަ ދާއިރާއަކުން ކުރިއަށް ދިއުމުގެ ފުރުސަތު އޮތްނާނެއެވެ.

''އައި ނޯ ދެޓް ލުކް، ވަޓް އިސް އޮން ޔޯރ މައިންޑް... ކުރިން ފަހަރު އަހަރެން ވެސް މޮޔަ ހައްދައިގެން ގެންދިޔައީ ފްލާވާރ ޝޮޕަކަށް، މިހާރު ކޯޗެއް ތި ވިސްނަނީ... ޔޫ ނޯ ވަޓް؟، އަހަރެން ޑިޕާރޓްމެންޓްގެ ބޮޑު މީހާއާއި ވާހަކަދައްކަންތަ، ހޮސްޕިޓަލުގައި އީވްއަށް އޭރުން ޕާޓްޓައިމްކޮށް މަސައްކަތް ކުރެވިދާނެ އެއްނު...'' ރައުހާ ބުނެލިއެވެ. އެކުވެރިޔާއަށް މަދަދުވެރިކަމުގެ އަތެއް ދިކޮށްލަން އޭނަ ބޭނުން ވިއެވެ.

''ނޫން، ދުވަސްކޮޅަކަށް ހޮސްޕިޓަލުގެ މާހައުލާ ދުރުގަ އުޅެން ބޭނުމީ، ދެން ކިޔެވުން ފެށުނީމަ ޖެހޭނެތާ ޓްރެއިނިންގްއަށް ދާން ވެސް ޖެހޭނީ އެތަނަށް، އަބަދު ހޮސްޕިޓަލުގެ މާހައުލުގަ ނޫޅެވޭނެ، ބޭނުމީ އެހެން ކަމެއް ތަޖުރިބާކޮށްލަން، ދުވަހަކު ނުކުރާ ކަމެއް...'' މިނިވަންކަމުގެ ޖޯޝުގައި އީވާ ބުނެލިއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ކޮއްޓެއްގައި ބަންދު ކުރެވިފައި އިން ދޫންޏަކަށް މިނިވަންކަން ލިބުމުން ޖައްވުގާ އުދުހިލާހެން އީވާއަށް ވެސް މިނިވަންކަމުގެ އުފާވެރިކަން ލިބިފައި ވިއެވެ. މާމަގެ ނުފޫޒާ ދުރުން ބޭނުންކަމެއް ކުރުމުގެ ފުރުސަތު އެބަ އޮތެވެ. ފާޑު ކިޔާނެ މީހަކު ނެތެވެ. ހުއްޓުވާނެ މީހަކު ވެސް ނެތެވެ. ލަންޑަންގެ ހަލަބޮލި މާހައުލުން އޭނަގެ މުއްސަނދިކަމަށް ސަމާލުކަން ދޭނެ މީހަކު ވެސް ނުހުންނާނެއެވެ. މީހުން ދެކެފާނެ ގޮތަކާ މެދު ސަމާލުކަން ދޭކަށް ވެސް ނުޖެހޭނެއެވެ.

''ދެން ކޮންކަމެއްތަ ކުރަން ބޭނުމީ؟، ޔޫ އާރ ލައިކް އެ ލޫސް ކެނޮން!...'' ހުނުމަކާއެކު ރައުހާ ބުނެލިއެވެ. ''އީވް އުފާވެފައިވާތަން ފެނި އަހަރެން ވެސް ހިތްހަމަޖެހިއްޖެ، މިފުރުސަތުގެ ބޭނުން ހިފައި ދިރިއުޅުމާ މެދު ވިސްނާލާ، އޭރުން ޖާދިންއާ އެކު ދިރިއުޅުމެއް ފަށަން ޔަޤީންކަން ލިބިދާނެހެން ހީވަނީ، އީވްއަށް އެއްވެސްކަމެއްގައި އެހީ ބޭނުން ވާނަމަ އަހަރެން އެކަމެއް ކޮށްދޭނަން...'' ރައުހާ ބުންޏެވެ.

ޖާދިންއާއި އީވާގެ ކައިވެންޏަށް އިންކާރު ނުކުރެވުނު ކަމުގައި ވިޔަސް ވެވެން އޮތް ގޮތަކުން އެކުވެރިޔާއަށް އެހީވާން އޭނަ ބޭނުމެވެ. އެކައިވެނިން އީވާއަށް އުފަލެއް ލިބުމެއް ނުވާކަން އޭނައަށް އެނގެއެވެ. ނަމަވެސް އާއިލާގެ ހުރިހާ އެންމެން ބޭނުންވާކަމަކަށް ދެކޮޅު ހެދުމަށް އީވާއަށް އޭނަ ހިތްވަރުދޭނީ ވެސް ކިހިނެއް ހެއްޔެވެ؟ އެކަމުން ނިކުމެދާނެ ނަތީޖާއެއް ވެސް އެނގެނީކީ ނޫން ވިއްޔާއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟