ވާހަކަ

އަންނަންދެން ހުންނާނަން ލޯބިން ތިޔަ އިންތިޒާރުގައި - 03

1

ތިންވަނަ ބައި

މިފަދަ ވަގުތެއްގައި ތަމަންނީގެ ކޮޓަރީގައި މަންމަ އޭނީ ކޮން އޮލަ ވާހަކައެއްގައި ހެއްޔެވެ؟ މިހާރަކަށް އައިސް އޭނާއަށް ސަބްރީންގެ އެކަހަލަ މަންޒަރުތައް ވަރަށް ގިނައިން ފެނެއެވެ. އޭނާއަށް ވުރެ ބޮޑަށް ތަމަންނީއާއި މަންމައާއި ދެމެދު އޮތް ގުޅުން ރަނގަޅުހެން ހީވެއެވެ. ޔަޤީނެވެ. މަންމަ ކޮންމެސް ކަމެއް ސިއްރު އެބަކުރެއެވެ. ވިސްނުމެއްގައި ހުރެފައި ޝެނަލް ދޮރު ބޮޑަށް ހުޅުވާލާފައި އެތެރެއަށް ވަނެވެ.

"ޝެނީ…!!" ސަބްރީން ފަހަތް ބަލައިލީ ތަމަންނީ ޝެނަލްގެ ނަން ކިޔައިލުމުންނެވެ. އޭރު ޝެނަލް ވަދެގެން އަންނަނީއެވެ.

"ދަރިފުޅު. ނުނިދަންތަ؟ މަންމަ ހީކުރީ ކައިގެން ވަންގޮތަށް ނުނިކުތީމަ ނިދީކަމަށް" ސަބްރީން ވާހަކަދެއްކިއެވެ. މޫނު މައްޗަށް ވެރިވި ކުލަވަރު އޭނާ ވަގުތުން ޝެނަލްއަށް ސިއްރުކުރިއެވެ.

"ނިދިނަމަ މިތާކު ނުހުންނާނެއްނު. މަންމަ މިގަޑީގަ މިތާ ކީއްކުރަނީ. ދެމީހުން ހާދަ އޮލަ ވާހަކައެއްގަ" ޝެނަލް ފަހަރަކު މީހެއްގެ މޫނަށް ބަލައިލަމުން އަހައިލިއެވެ.

"ތަމަންނީ ބަނޑެއްގަ ރިއްސާ ވާހަކަ ބުނުމުން މަންމަ އައީ. އެކަމަކު މިދަނީ ދާން. ދަރިފުޅުވެސް އަވަހަށްދޭ ނިދަން" ސަބްރީން އެހެން ބުނުމުން ތަމަންނީގެ މޫނުމަތިން ޚައިރާންކަން ފާޅުވިއެވެ. އެހެންނަމަވެސް އެޚައިރާންކަން ޝެނަލްއަށް ނުފެނެއެވެ. ސަބްރީން ނިކުމެގެން ދިޔުމުން ޝެނަލް ނަޒަރު ބަދަލުކޮށްލީ ތަމަންނީ އަށެވެ.

"ވަރަށް ބޮޑަށް ރިއްސާތަ؟ ވީތަ؟" ޝެނަލް އަހައިލިއެވެ.

"މިހާރު ރަނގަޅުވެއްޖެ. ޝެނީ ކީއްކުރަންށޯ އަސްލު ތިއައީ" ތަމަންނީ އެހިއެވެ.

"އަހަރެން ބަދިގެއަށް ދިޔައީ ފެންބޯންވެގެން. މިތަނުން މަންމަ ފެނުނީމަ ވަނީ… ދެން ނިދާ އިނގޭ. ގުޑްނައިޓް" ޝެނަލް ނިކުމެގެން ދިޔުމުން ތަމަންނީ އެނދުން ތެދުވެގެން ގޮސް ކޮޓަރި ލޮކްކުރިއެވެ. އޭނާގެ މުށިކުލައިގެ ދިގު އިސްތަށިގަނޑު ރީތިކޮށްލުމަށްފަހު ފޯނު ހިފައިގެން ގޮސް އެނދުގައި އިށީނެވެ. މަންމަގެ ނަމުން ސޭވްކޮށްފައިވާ ނަންބަރަށް ޑަޔަލް ކޮށްލާފައި ކަންފަތުގައި ޖެހިއެވެ.

"މަންމާ…"

"ތަމަން ރީންދައްތަ ބުނާ ކަންތައް ކޮށްދެއްޗެ. އެކަމުން ފައިދާވާނީ ތަމަންއަށް. މިވަގުތު ތިތަނުގައި ތަމަންގެ މައެއްގެ މަގާމުގައި ހުރީ ރީންދައްތަ" ހިތަށް އުނދަގުކުރަމުން ދިޔަ ވާހަކަތައް މަންމައާއި ޙިއްސާކުރުމުގެ ކުރިން އެވާހަކަތައް މިވަނީ މަންމައަށް އެނގިފައެވެ. އެހެންވީމަ އެކަމަކީ މަންމައާއި ރީންދައްތަ ގުޅިގެން ކުރާކަމެއްތާއެވެ.

ޝެނަލް އަކީ ދީނަށް ލޯބިކުރާ އަޙްލާގް ރަނގަޅު ކުއްޖެއްކަމުން އާދައިގެ މަތިން ފަތިސް ނަމާދަށް ހޭލާފައި އޭނާ ނުނިދައެވެ. ހެނދުނުގެ ޒިކުރުތަކާއި ޤުރުއާން ކިޔެވުމުގައި އިރުއަރަންދެން އިނދެފައި އޭނާ ފެންވަރައިގެން ތިރިއަށް ފޭބީ ބަދިގެއަށް ދިޔުމަށެވެ. މަސައްކަތުގައި މަންމައަށް އެހީވެދިނުމަކީ އޭނާ ވަރަށް ގަޔާވެގެން ކުރާ ކަމެކެވެ.

ޝެނަލްއަށް ބަދިގެއަށް ވަދެވުނީ ސަބްރީންއާއި ދާދި އެކުއެކީގައެވެ. ދެމައިން ދެމައިންނަށް ހީލަމުން ބަދިގެއަށް ވަނެވެ. ފުރިޖުން ނެގި ޖޫސް ޕެކެޓަކުން ޖޫސް ތައްޓެއް އަޅައިގެން ގޮސް ޝެނަލް މޭޒު ކައިރީގައި އިށީނެވެ. ކޮފީ ތައްޓެއް ހިފައިގެން ސަބްރީން ނިކުތީއެވެ. އޭނާ އެދިޔައީ ބައްސާމަށް ކޮފީ ހިފައިގެން ކަން ޝެނަލްއަށް އިނގުނެވެ.

"ބައްޕަ މިއަދު ތަންކޮޅެއް އަވަހަށް ފިހާރަ ހުޅުވަންދާން ބޭނުމޯ.. އެހެންވީމަ މިއަދު އަތްމަތި ތަންކޮޅެއް އަވަސްކޮށްލަން މަންމައަށް ފެންނަނީ" ލައިގެން ހުރި އަތްދިގު ހެދުމުގެ އަތުކުރި އޮޅައިލަމުން ސަބްރީން ވާހަކަދެއްކިއެވެ.

"ރޭގައި އެއްކޮށް ބައްޕަ ނުފެނޭ. މިހާރު ބައްޕަ މިފެންނަނީ ސައުވީސް ގަޑިއިރު ތެރެއިން އެންމެ ފަހަރަކު. އެވެސް ދެތިން މިނިޓަށް" ޝެނަލް ބުނެލިއެވެ.

"ބައްޕަވެސް ތި ޝަކުވާއެއްނު އެކުރަނީ. ދެން ދެބަފައިން ވާހަކަދައްކައިގެން ވެއްޖެއްނު ފިހާރައިގައި އިންނާނެ ދިވެހި ކުއްޖެއް ހޯދަން. އޭރުން ބައްޕައަށް ތަންކޮޅެއް ގިނަ ވަގުތު ގޭގައި މަޑުކުރެވޭނެއްނު" ސަބްރީން ވާހަކަދެއްކިއެވެ.

ހެނދުނުގެ ސައި މޭޒު މައްޗަށް އަރުވައި ނިމުނުތާ މާގިނަ އިރެއް ނުވަނީސް ބައްސާމް އައިސް އިށީނދެއްޖެއެވެ. އެހާ ގިނަ ވަގުތަށްފަހު ބައްޕަ ފެނުމުން ޝެނަލްގެ ތުންފަތްމައްޗަށް ވެރިވީ ހިނިތުންވުމެކެވެ. ހުދު އަތްދިގު ގަމީހާ ކަޅު ފަޓްލޫނާއެކު ދަށަށް ޖަހާފައި ހުންނައިރު އަދިވެސް ބައްސާމް ދައްކަނީ ވަރަށް އުމުރުން ޅަ މީހެއްގެ ގޮތުގައެވެ.

"އަނހަ.. ދަރިފުޅު. ރަނގަޅުތަ؟" ޝެނަލްގެ ބޮލުގައި ފިރުމައިލަމުން ބައްސާމް އިށީނީ ޝެނަލްއާއި ޖެހިގެން އިން ގޮނޑީގައެވެ.

"ރަނގަޅު. ބައްޕަ ހިއެއްނުވޭ މިގޭގަ އުޅޭ މީހެއްހެން ވެސް. ހީވަނީ ތަދުމަޑު ބޭހެއްހެން" ޝެނަލް ޝަކުވާކޮށްލިއެވެ.

"ކީއްކުރާނީ ދަރިފުޅާ. ފިހާރަ ބޮޑުކޮށް ވިޔަފާރި ފުޅާކުރީމަ ހުސް ބޭރު މީހުން އެތަނުގައި ބައިތިއްބައިގެން ކިހިނެއް އުޅޭނީ؟ ކިތަންމެ ގާތްކޮށް އުޅުނަސް އެއްވެސް މީހަކަށް ސަތޭކަ ޕަސެންޓް އިތުބާރެއް ނުކުރެވޭ" ޕާން ފޮއްޗެއްގައި ޖޭމް ހާކަމުންދިޔަ ބައްސާމް ވާހަކަދެއްކިއެވެ.

"ސީސީޓީވީ ކެމެރާ ސިސްޓަމް ހަރުކޮށްފަ ހުންނައިރު ބައްޕަ އެއްވެސް ކަމަކާ ހާސްވާކަށް ނުޖެހޭނެ. އެހެންނޫނަސް ކޭޝިޔަރެއް ހޯދަން އިއުލާން ކުރަންވީނުން" ޝެނަލް ޚިޔާލެއް ދިނެވެ.

"ބައްޕަވެސް އެބަވިސްނަން ތިކަމާ. މިއަދު އުޅޭނަން ފިހާރައަށް ގޮށްސަ. ވަރަށް އަވަހަށް ފުރަންވެސް އެބަޖެހޭ މުދާ ބަލާ. ދަރިފުޅު ދާނަންތަ؟" ބައްސާމް އަހައިލިއެވެ.

"އަޅުގަނޑު އެހެން ފަހަރަކުން ދާނީ. މަންމަވެސް ދާ ފަހަރެއްގަ" ޝެނަލް ބުނެލިއެވެ.

"ފިހާރައިގެ ކަންކަން ފަސޭހަވީމަ އެނިމުނީތަ؟ ބައްސާމް ކައިރީގަ ކިތައްފަހަރު ބުނެފިން މިގެއަށް ނޯކަރު ކުއްޖެއް ހޯދައިދޭށޭ. ކީއްތަވާނީ އެކަން ކޮށްދީފިއްޔާ" ފުރުސަތުގެ ބޭނުންހިފާ ސަބްރީންވެސް އޭނާ ބޭނުންވެފައި ހުރި ކަމެއްގެ ވާހަކަ ހާމަކޮށްލިއެވެ.

"ރީން…! ކިތައްފަހަރު ބުނާނީ އަހަރެންނަކީ ރީން ތި ވިސްނާވަރުގެ ބޮޑު ފައިސާވެރިއެއްނޫނޭ. އަތުގައި ބޭނުންކޮށްފަ ބާކީވާވަރަށް ހުއްޓަސް ބޮލުގައި ހުންނަ ކޮންމެ އިސްތައްޓަކަށް ނޯކަރުން ބަހައްޓަން ބޭނުމެއްނޫން. އެހެންނޫނަސް އަހަރެންގެ ކަންތައްތައް ކުރަން ރީންއަށް ބޮޑުކަމަކަށް ވަނީތަ؟" ބައްސާމް ވާހަކަދެއްކިއެވެ. ޝެނަލް ބައްޕަގެ ވާހަކަތަކަށް ތާޢީދު ކުރިއެވެ.

"އެހެންނޫނަސް މިގެއަކީ ބައިވަރު މީހުން އުޅޭ ގެއެއްތަ؟ ބައިވަރު މަސައްކަތްތަކެއް އޮތް ގެއެއްތަ؟ ސަބްރީން ބަދިގޭގައި މަސައްކަތެއް ކުރަން ހުރިއްޔާ އެކަމެއްގެ އެއްފަރާތުގަ ޝެނީ ނުހުރޭތަ؟" ބައްސާމް އިތުރަށް ވާހަކަދެއްކިއެވެ. އޭނާގެ ރާގުގައި ހަރުކަށި ކަމެއް ނެތެވެ. އެހެންނަމަވެސް އޭނާގެ ބޭނުމަކީ އަނބިމީހާއަށް އެއްޗެއް ވިސްނައިދިނުމެވެ.

"އެއީ ތެދެއް މަންމާ… އެބަވެއެއްނު ކަންތައްތައް. ނުވެގެން ފުނިޖެހިފައެއް ނެތެއްނު" ޝެނަލް ބުނެލިއެވެ.

"އެއީ ދެން ހަމަ މަންމަގެ ހިޔާލެއް" އެންމެފަހުން ސަބްރީން ބުނެލިއެވެ. ގޭގައި މަސައްކަތްކުރާނެ ކުއްޖަކު ބަހައްޓައިގެން ރައްޓެހިން ކައިރީގައި ފޮނިކަނޑާލަން ވިސްނައިގެން ހުއްޓާ ހީކުރި ގޮތަށް ކަންތައް ނުވުމުން އެތެރެއިން އިނީ ހިތްހަމަނުޖެހިފައެވެ. އޭނައަކީ އަބަދުވެސް ނެތް ފެންވަރު ދައްކައިގެން އުޅޭހިތްވާ މީހެކެވެ. ބޭރަށް ނިކުތުމުން ބައެއް މީހުން ބައްސާމްގެ ޒުވާންކަމުގެ ވާހަކަދެއްކުމުންވެސް އޭނާ ހުންނަނީ އެކަމާއި ބޮޑާވެފައެވެ. ބަރުދަން ލުއިކުރުމަށް ބައްސާމް ހޯދައިދީފައި ހުންނަ އެއްޗެހި ބޭނުންކޮށްގެން ހަށިގަނޑު ޒުވާންކަމަތީގައި ބަހައްޓަނީވެސް އޭނާއަށް ބައްސާމް ގެއްލެން ނޭދޭތީއެވެ.

"ދަރިފުޅާ! ބައްޕަ މި ދިޔައީ އިނގޭ. މެންދުރަށް މަންމައާ ދެކުދިންވެގެން ރަނގަޅު އެއްޗެއް ތައްޔާރުކޮށްލައްޗެ. އެގަޑީގަ އަނެއްކާ ދިމާވާނެއްނު ދޯ" ބައްސާމް ދިޔައީ ޝެނަލްގެ މޫނުގައި ފިރުމާލާފައެވެ.

"މިގޭގަ އަޅެ އަތް ގާތްކޮށްދޭނެ ކުއްޖަކު ހުރުން މައްސަލައެއްތަ؟" ތަށިތައް ނަގަމުން ސަބްރީން ބުނެލިއެވެ. އޭނާ ދެވަނަ ފަހަރަށް އެވާހަކަ ފެށީ ބައްސާމް ދިޔުމުންނެވެ.ް

"މަންމާ…!! ބައްޕަ އެހާ ބުރަކޮށް އުޅުއްވާއިރު މަންމަ ތިކަހަލަ ވާހަކަދެއްކީމަ ބައްޕަ އެހާ ހިތްހަމައެއްނުޖެހޭނެ. މިއީ ގިނައިން އަންހެނުން ތިބި ގެއެއްނު… ކޮބާތަ ތަމަން މިއަދު…؟ އަދިވެސް ނުހޭލަނީތަ؟ އެބަ އަންނަން ގޮވާފަ" ޝެނަލް ހިނގައިގަތްތަނާ ސަބްރީން ގޮވައިލިއެވެ.

"ނޫން. އެމަންޖެ ބާއްވާ.. އެކަހަލަ ކުދިން ހެނދުނު ހޭލައެއް ނޫޅޭނެ. އޭނަ ހޭލާނެ އިރަކުން ހޭލިޔަސް މަންމަގެ މައްސަލައެއްނެތް" ސަބްރީން ބުނެލިއެވެ.

"މަންމާ… މީހުން ފާޑުފާޑުގެ އެއްޗެހި ކިޔާނެ. އެވެސް އަންހެނެއް. އަންހެނެއް ވިއްޔާ އަންހެންވަންތަ ސިފަތައް ހުންނަންވާނެ. މާދަމާ މީހަކާ އިނދެގެން މައިދައިތަ ކައިރިއަށް ގޮސް އެހެން އުޅެންވެއްޖިއްޔާ އާއިލާ ތެރޭގައި ފިތުނަވެރިކަން އުފެދި އޭނައަށް ތަރުބިއްޔަތުދިން ބެލެނިވެރިންނަށް މީހުން އިނގިލި ދިއްކުރާނީ. މަންމަ ކައިރީގައި ހުންނައިރު ރީތި ސިފަތައް ދަސްކޮށްދިނުމަކީ މަންމަގެ ޒިންމާއެއް. އަޅުގަނޑު އަންނާނަން ތަމަން ގޮވައިގެން" ޝެނަލް ދިޔަ ދިމާލަށް ބަލަހައްޓައިގެން ސަބްރީން ހުރީ ކިޔާނެ ބަހެއް ނޭނގިފައެވެ. އެއީ ޝެނަލްއަށް އޭނަ ދަސްކޮށްދިން އެއްޗިއްސެއް ނޫނެވެ. ޝެނަލްގެ ކިބައިގައި އެވަނީ އޭނާގެ ފުށުން ވާރުތަވެފައިވާ ސިފައެއްވެސް ނޫނެވެ. ވީއިރު އެއީ ކާކުގެ ތަރުބިއްޔަތެއް ހެއްޔެވެ؟ އެއީ އޭނައަށް ކާކު ކިޔައިދިން އެއްޗެހިތަކެއް ހެއްޔެވެ؟

"އަހަރެންގެ ދަރިފުޅުގެ އެހުންނަ ބޯދާ ވިސްނުންތަކެއް…" ދެއަތަކަށް ބޯ ހޫރާލަމުން ސަބްރީން ބުނެލިއެވެ.

ރަށު ތެރެއަށް ފެތުރިފައިވާ ރަތްދަކަ އަވީގައި އޮފީހުން ނިކުތް އުނޭޝް ލޮލަށް އަވި އައިނު ހެޔޮވަރުކޮށްލިއެވެ. ލައިގެން ހުރި އަޅި ކުލައިގެ ފަޓްލޫނުގެ ޖީބަށް އަތް ކޮށްޕާލުމަށްފަހު ސައިކަލު ތަޅުދަނޑިފަތި ނެގިއެވެ. މާދުރުގައި ހުރި ސައިކަލަށް އަރަންދާން ހިގައިގަތްތަނާ އޮފީހަށް ވަންނަން އައި މާލިކު އުނޭޝްއަށް ގޮވައިލިއެވެ.

"ވަރަށް ހޫނުގަދަ… ކޮންތާކަށްދާން ތި ނިކުންނަނީ. ބުނީމެއްނު ބޮލުގައި ރިއްސާ ވާހަކަ" މާލިކު ވާހަކަދެއްކިއެވެ. އުނޭޝް ހުއްޓި މާލިކަށް ބަލައިލާފައި ހިނިތުންވެލިއެވެ.

"މިދަނީ ވަރަށް އަވަހަށް ތަނަކަށް ދާންވެގެން. އަންނާނަން. އަލަށް ވަޒީފާއަށްވަން މުވައްޒަފުންގެ މުސާރަ ކަންތައް އައިމަންއާއި ހަވާލުކޮށްލާފައި މިދަނީ. މާލިކްބޭ ވަދެލާފައި ބަލާލައްޗެ އިނގޭ" އުނޭޝް ވާހަކަދެއްކިއެވެ.

މާލިކް އެތެރެއަށް ވަނުމުން އުނޭޝް ސައިކަލަށް އަރައިގެން ކުރިއަށް ދުއްވައިލިއެވެ.

ނޫކޮކާގެއާއި ތަންކޮޅެއް ދުރުގައި ސައިކަލް މަޑުކޮށްލާފައި އުނޭޝް ލޮލުގައި އަޅާފައި އޮން އައިނު ބޮލާއި ހަމައަށް މައްޗަށް އުފުލައިލިއެވެ. ފޯނު ނަގާފައި ނަންބަރަކަށް ގުޅައިލިއެވެ. ކައިރި ފިހާރައަކުން އެއްޗެއް ގަނެގެން ގެއަށް ވަންނަން އައި ސަބްރީންއަށް އުނޭޝް ފެނުމުން ވަރަށް ރަނގަޅަށް ބަލައިލިއެވެ. އިރުކޮޅަކުން ގެއިން ނިކުތް ތަމަންނީ މަގުގެ ދެކޮޅު ބަލައިލާފައި ސައިކަލް މަތީގައި އިން އުނޭޝް ފެނުމުން އެދިމާލަށް ހިނގައިގަތެވެ.

"މިއަދު ހާދަ ރީއްޗޭ…" ގަޔަށްބާރު ހުދުކުލައިގެ ޓީޝާޓްކޮޅެއްގެ މަތިން އައިސްބްލޫ ކުލައިގެ ޖެކެޓެއް ލާފައި ހުރި ތަމަން ކައިރިވުމުން އުނޭޝް ބުނެލިއެވެ. އޭނާގެ އިސްތަށިގަނޑު ހުރީ އެއްކޮށް މައްޗަށް ހިއްލާލައިފައި ވޫލްކޮޅަކުން އައްސާލާފައެވެ. ލޮލުގައި އަވި އައިނެއް އޮތެވެ.

"ތިފައިވާނަށް އަރާފައި ހުންނައިރު މަށަށް ވުރެ ދިގުހެން ހީވާނީ. ނަސީބެއްނު ސައިކުގައި ދާން އުޅޭކަން" ތަމަންނީ ސައިކަލަށް އަރާ އުނޭޝްގެ ބަނޑުގައި އަތް ވަށާލުމުން އުނޭޝް ބުނެލިއެވެ.

"ތި ހީވާގޮތް. މިރަށުން އަހަރެން ދެކުނު އެންމެ އިސްކޮޅުން ދިގު ކުއްޖާ އުނޭއަކީ" ތަމަންނީ ބުނެލިއެވެ.

"ކޮންތާކަށް ދާނީ… އޮފީހުގައި ވަރަށް ބިޒީކޮށް އުޅެފައި ތަމަންއާއި އެކު ލަންޗް ނަގާހިތްވެގެން މިއައީ" އުނޭޝް ބުނެލިއެވެ.

"އައިސްކޯނަށް ދާނީ" ތަމަން ބުނެލިއެވެ.

"އައިސްކޯނޭ. މިރަށު ހުރޭތަ އައިސްކޯނެއް" އުނޭޝް އަހައިލިއެވެ.

"މިރަށުގަ އުޅޭ މީހާއަށް ނޭނގުނެއްނު. ވަރަށް ފަހުން ހުޅުވި ތަނެއް. ހޮސްޕިޓަލް ކައިރީގަ ހުރި ތަނެއް. ކުރިން ދުވަހު ޝެނީއާ ދެމީހުން އެރީ އެތަނަށް. ވަރަށް ސަޅި އެތަން" ތަމަންނީ ބުނެލިއެވެ.

ހޮސްޕިޓަލުގައި މަސައްކަތްކުރާ ޓީމަކާއެކު އައިސްކޯނަށް ވަދެގެންދިޔަ ޒަމްހާއަށް އުނޭޝްގެ އަތުގައި ބައްދައިގަނެގެން އެތެރެއަށް ވަން އަންހެންކުއްޖާ ފެނި ޚައިރާންކަމެއް ލިބުނެވެ. އެއީ އިރާނިޔާ އޭ ހިތާ ތަންކޮޅެއް ކައިރިވެލާފައިވެސް ބަލައިލިއެވެ. އޭނާ ބަލަމުންދާކަން ތަމަންނީއަށް ފާހަގަވުމުން ޒަމްހާއަށް ދެލޯ އަޅައިލިއެވެ.

"އަތޮޅުތެރޭގަ އުޅޭ ކުދިންގެ އެންމެބޮޑު މައްސަލަ އެއީ" މޭޒެއް ކައިރީގައި އިށީންނަމުން ތަމަންނީ ބުނެލިއެވެ. އުނޭޝް ބަހެއްވެސް ނުކިޔައެވެ. އޭނާއަށް ޒަމްހާއަކީ ކާކުކަން އިނގޭތީ އެއްޗެއް ބުނަން ބޭނުންނުވީއެވެ.

"ވަރަށް ފޫހިވޭ. އުނޭ ދަންނަންތަ އޭނަ" ތަމަންނީ އަހައިލިއެވެ.

"އެއީ ވައިފްގެ ބެސްޓްފްރެންޑް. އެހެންވެ އެވަރަށް އެބަލަނީ" ފެންތަށިން ކޯވަރެއް ބޯލަމުން އުނޭޝް ބުނެލިއެވެ. އުނޭޝްގެ ދުލުން ވައިފްއޭ ބުނުމުން ތަމަންނީގެ މޫޑު ޚަރާބުވިއެވެ.

"އެހެންވެ ބިރުން ދޯ ތީނީ. އޭނަ ގޮސް ބުނާނެއްނު" ތަމަންނީ ފޫހިވެފައި ބުނެލިއެވެ.

"އަހަރެންނަށް ކޮންކަމެއް؟… ތަމަން މޫޑްއޮފް ނުވެބަލަ. ތީކީ އަހަރެން ސިއްރުންކުރާ ކަމެއް ނޫނޭ. ވަރަށް އަވަހަށް ތަމަން އަހަރެންގެ ވައިފްއަކަށް ވާނެ" މޭޒުމަތީގައި އޮތް ތަމަންނީގެ އަތްތިލައިގައި ހިފައިލަމުން އުނޭޝް ވާހަކަދެއްކިއެވެ.

"ބުނަންވީ ދޯ މަންމަ ކައިރީގަ މިރަށަށް އަންނާށޭ. އަހަރެންގެ ހުރީ ހަމައެކަނި މަންމަ. މެރީކުރާއިރު މަންމަ ހުންނަންވާނެއްނު" ތަމަންނީ ބުނެލިއެވެ.

"އަވަހަށް ބުނޭ…" އުނޭޝް ބުނެލިއެވެ.

އެހިސާބުން ދެކުދިންގެ ވާހަކަތައް މެދުކަނޑައިލީ އޯޑަރ ދިން ކާއެއްޗެހި ވެއިޓަރަކު ހިފައިގެން އައުމުންނެވެ.

"އުނޭގެ މަންމައާއި އަހަރެން ބައްދަލުނުކޮށްދޭނަންތަ؟" ވެއިޓާރ ދިޔުމުން ތަމަންނީ އަހައިލިއެވެ. ހިނދުކޮޅަކަށް އުނޭޝް ހިމޭންވިއެވެ. ޙާއިޝާ ނުގަބޫލުކަން އަންގައިގެން ތަމަންނީގެ ތުންފަތްމަތީގައި މިހާރު ހުރި ހިނިތުންވުން ފިލުވާލަން އޭނާ ބޭނުމެއްނުވިއެވެ. ދޮގެއްގެ މަތީގައި ތަމަންނީއަށް އުފާވެރިކަމެއްދޭން ވެސް އޭނާ ބޭނުމެއް ނުވިއެވެ.

"އަސްލު ވަރަށް ބޮޑު ތެދެއް އިނގޭ މިބުނަނީ. މަންމަ އެހާ ޤަބޫލެއްނޫން އަދި. އެކަމަކު އަހަރެންގެ މަންމައަކީ ގޯސްމީހެއްނޫން. އެއީ ދަރިންދެކެ ވަރަށް ލޯބިވާ މީހެއް. ހާއްސަކޮށް އަހަރެންދެކެ. އަހަރެންގެ އަންބެއްގެ ގޮތުގައި ތަމަން ގެއަށް ދިޔައިމަ ފުރަތަމަކޮޅުގައި މަންމަ ޤަބޫލުނުވިޔަސް ފަހުން ޤަބޫލުވާނެ" އުނޭޝް ވާހަކަދެއްކިއެވެ. އެވާހަކަތަކާއި ތަމަންނީ ހިތްހަމައެއްނުޖެހުނެވެ. އެހެންވިޔަސް އޭނާ އެކަމެއް އުނޭޝްއަށް ނުދެއްކިއެވެ.

"އަންހެނަކަށްވެ ހުރެ އަންހެނެއްގެ ދިރިއުޅުން ހަލާކުކުރަން ނިކުތް އަންހެނަކަށް އަންހެނެކޭ ކިޔާނެތަ؟" ނިކުންނަން ދިޔަ ތަމަންނީ އެނބުރި ޒަމްހާއަށް ބަލައިލީ އޭނާއަށް ރައްދުކޮށް ޒަމްހާ އެއްލި ގާބުރި ގައިގަ ނުޖެހުނު ނަމަވެސް ތަދުވީމައެވެ. ހުއްޓި ޒަމްހާއަށް އެއްޗެއް ބުނަން އުޅުނު ވަގުތު އުނޭޝް އެދުނީ އެތަނުން އެވަގުތު ދިޔުމަށެވެ.

ތަރުކާރީ ގަނެގެން ފިހާރައިން ނިކުތް ޙާއިޝާ ކައިރީގައި ކަމްލާވެސް ހުއްޓެވެ. ކަމްލާ ގެނައީ އޭނާއަށް ބޭނުންވާ ބައެއް ރީތިވާ ސާމާނު ގަނެދިނުމަށެވެ. އެދިމާލު އަތިރިމަތީގައި ހުރި ޖޯއްޔެއްގައި އިން ސަބްރީންއަށް ޙާއިޝާއާއި ކައިރީގައި ހުރި ކަމްލާ ފެނުމުން ފޫހިކަން އެކުލެވިފައިވި ބެލުމަކުން ބަލައިލިއެވެ. ޙާއިޝާ އެދިމާލަށް ހިނގައިގަތީ ޒަމާންވީ އޭނާގެ އެކުވެރިޔަކު އަތުން ހަނާއަޅާލަމުންނެވެ.

"ޙާއިޝާ… މިރަށު ތެރޭގަ ކޮން ވާހަކައެއްތަ މިދެކެވެނީ… އުނޭޝް މީހަކާ އިންނަނީޔޯ…" ޙާއިޝާ އަރާ ހަމަވުމާއެކު ޖޯލީގައި އިން ޝާހިދާ ބުނެލިއެވެ.

"ކީއްކުރާނީ. ދަރިން އެތިބީ ބޮޑެތިވެފަ. މައިންބަފައިންގެ ނިންމުން މިހާރު އެކުދިން ބޭނުންވާނެތަ. އެހެންނޫނަސް އެއީކީ ގޯސްކަމެއް ނޫނެއްނު" ޙާއިޝާ ވާހަކަދެއްކިއެވެ. އޭނާ އިށީނީ ޝާހިދާއާއި ޖެހިގެން ހުހަށް ހުރި ޖޯލީގައެވެ.

"ތެދެއް ތިބުނީ… ޙާއިޝާ ކަހަލަ މަޔަކު މަދުވާނެ…. ގެންގުޅޭ ބޭރުމީހާއަށްވެސް އެހާ ހެޔޮ… ހިތްވަރުކުރޭ… ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށް" ޝާހިދާ ވާހަކަދެއްކިއެވެ.

"އެކަމަކު އަހަރެންނަށް އިނގެނީ ކައިރީގައި މަސައްކަތް ކޮށްދޭނެ މީހުން ގެންގުޅެނީ ތިމާ ހިސާބަށް ވުރެ ކަންނެތްވީމަކަން" އެއްފައި މައްޗަށް އަނެއް ފައި އަރުވާލަމުން ސަބްރީން ބުނެލިއެވެ. ވަގުތުން ޙާއިޝާގެ ނަޒަރު ސަބްރީންއަށް ހުއްޓުނެވެ.

"ޝާހިދާ އަހަރެން ދަނީ އިނގޭ. ރާނީ އެކަނި ގޭގައި ބައިންދާފައި ނިކުމެ މިއުޅެނީ މި މަންޖެއަށް ކޮންމެހެން ބޭނުންވާނެ ބައެއް އެއްޗެހި ގަނެލަންވެގެން… ދިޔައީ އިނގޭ… " ޖޯލިން ތެދުވަމުން ޙާއިޝާ ބުނެލިއެވެ.

"އަދި ދިޔުމުގެ ކުރިން ސަބްރީނަށް އެއްޗެއް ބުނެލާނަން" އަހަރެންނަށް ސަބްރީން ތިވަރުގެ ނަފްރަތެއް ތިކުރާ ސަބަބު މިތާ މިތިބަ އެހެން މީހުންނަށް ނޭނގުނަސް އަހަރެމެން ދެމީހުންނަށް އިނގޭ. އަހަރެން ނެތިން މި އެންމެން ކުރިމަތީގައި ސަބްރީން ބޭޒާރު ކުރާކަށް. މިހާރު ތިނަފްރަތު ކުރުމުގެ ބޭނުމެއްވެސްނެތް. އަހަރެން ކިތަންމެ ކަންނެތް ވިޔަސް ފިރިމީހާ ނިޔާވުމާއެކު ކުޑަ ތިންދަރިން ގެންގުޅުނީ އެކަނިމާއެކަނި. އެކުދިން މިހާރު އެތިބީ މިހުންނަށް ހަދާފަ" ޙާއިޝާ ވާހަކަދެއްކިއެވެ. އެހުރިހާއިރު ސަބްރީން އެއްޗެއް ނުބުނެއެވެ.

"އެ ކޮންކަމެއްގެ ވާހަކަތަ ޙާއިޝާ އެބުނީ… ކޮންކަމަކާތަ ސަބްރީން ޙާއިޝާއަށް ތިހާ ނަފްރަތު ކުރަނީ" ޙާއިޝާ ދިޔުމުން ޝާހިދާ ސަބްރީނަށް އަހައިލިއެވެ.

"ނޭނގެ ގޮސް އޭނަ ކައިރީގަ އަހަންވީނުން. ކަލޭމެން މަގަޔާވާ މީހެއްނު އެއީ…" ސަބްރީން ތުން އަނބުރާލާފައި ހިނގައިގަތެވެ.

ގޭތެރެއަށް ވަދެގެން ދަމުން އުނޭޝް ބަލައިލީ ސޯފާގައި އިން ޙާއިޝާއަށެވެ. މަންމަ ބަލަން އިނުމުން ފަސްދީ ކޮޓަރިއަށް ވަންނަން އޭނާއަށް ނުކެރުނެވެ. އެހެންކަމުން ސޯފާގައި އިށީނެވެ.

"މެންދުރުކާން ނައީ ކީއްވެ؟" ޙާއިޝާ އަހައިލިއެވެ.

"ނާދެވުނީ. އެކަމަކު ކެއިން" އުނޭޝް ބުނެލިއެވެ.

ޒިކުރުފޮތެއް ހިފައިގެން އިން ޙާއިޝާ އިތުރުބަހެއް ނުކިޔައެވެ. އުނޭޝް އިރުކޮޅަކާ ޙާއިޝާއާއި ދިމާލަށް ބަލައިލައެވެ. އެކަން ޙާއިޝާއަށް ފާހަގަވެސް ވެއްޖެއެވެ.

"ކީކޭ ކިޔަން ތިއުޅެނީ؟" ފޮތް ލައްޕާލާފައި އުނޭޝްއަށް ބަލައިލަމުން ޙާއިޝާ އެހިއެވެ.

"މަންމާ! ވަރަށް އަވަހަށް ކައިވެނިކުރަން އަޅުގަނޑު އެބަ ވިސްނަން. ފަހަރެއްގަ މިއަންނަ ހަފްތާތެރޭގަ" އުނޭޝް ބުނެލިއެވެ.

"ދެން؟ އަހަރެން ކީއްކުރާނީ؟ އަހަރެން ކައިރީގަ ބުނުމުގެ ބޭނުމަކީ ކޮބާ؟" ރުންކުރުވެފައި ޙާއިޝާ ބުނެލިއެވެ.

"ކައިވެންޏަށްފަހު އަޅުގަނޑު ގަސްދުކުރަނީ ތަމަން މިގޭގަ އަޅުގަނޑުގެ ކޮޓަރީގަ ބަހައްޓަން" އުނޭޝް އޭނާ ބޭނުންވާގޮތް ހާމަކުރިއެވެ.

ޙާއިޝާ އިތުރަށް އެއްޗެއް ބުނަން ބޭނުންނުވިއެވެ. އޭނާ އިންތަނުން ތެދުވެ ހިނގައިގަތެވެ. އުނޭޝްއަށް ވިސްނައިދިނުމަކީ ބޭކާރުކަމެއްކަން އޭނާއަށް އިނގޭއެވެ.

ހަތްމަހުގެ ބަނޑާއެކު ބާރު ހިނގުމުގައި ގެއިން ބޭރަށް ނިކުންނަންދިޔަ އިރާނިޔާ ފެނި ދޮރުން އެތެރެއަށް ވަދެގެން އައި އަދްޔަން މަޑުޖެހިލިއެވެ. އިރާނިޔާ އަތުގައި އޮތް އަތްދަބަސް އޭނައަށް ފެނުނީ މާލަހުންނެވެ. އިރާނިޔާއަށް ރޮވިފައި ހުރިކަންވެސް އޭނާއަށް ފާހަގިވިއެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟