''ކޮބާ، ހުރިހާ ކަމެއް ނިމިއްޖެތަ؟...'' ޓަކިދީފައި އެތެރެއަށް ވަންތަން ފެނުނީ މަންމައެވެ. މަންމައާއި އޭނަގެ ނަޒަރު ބައްދަލުވުމުން އީވާ ބޯޖަހާލިއެވެ. އަދި ޒިބު ދަމާލެވުނު ފޮށި ދައްކާލިއެވެ.
''އެއްޗެހި ޕެކްކޮށް ނިމުނީ... ރީތިވެލައިގެން މި ނިކުންނަނީ...'' އީވާ ބުންޏެވެ. ރީތިވާ މޭޒާ ދިމާއަށް ހިނގައިގަންނަމުން އުނަގަނޑާ ހަމައަށް އަންނަ ފަން އިސްތަށިގަނޑުގައި ހުޅިއެއް ޖަހާލިއެވެ. އަދި ލައިގެން ހުރި މަޑު ފިޔާތޮށިކުލައިގެ މިޑީއާއި ހުދުކުލައިގެ ލެގިންސްއާއި ގުޅުވައިގެން ނާގާފައި އޮތް ބުރުގާއިން އިސްތަށިގަނޑު ނިވާކޮށްލިއެވެ. ލޯގަނޑު ކުރިމައްޗަށް ހުއްޓި ހުރެ ބުރުގާ އަޅަން ފެށިއެވެ.
''ބައްޕަ އަދިވެސް ރަނގަޅެއް ނުވޭ، ބޭސް ދިނީމަ މިހާރު އޮތީ ނިދިފަ، ހުން ވެސް ފިނި ނުވާހެން މަންމައަށް ހީވަނީ...'' އެނދުގައި އިށީން ލައިލާގެ އަޑުގައި ކަންބޮޑުވުން ވިއެވެ. ބުރުގާ ރީތި ޑިޒައިނަކަށް އަޅަމުން، ޕިންތައް ހަރުކުރަން އުޅުނު އީވާ، މޫނުބަލާ ލޯގަނޑުން މަންމައަށް ނަޒަރެއް ދިނެވެ. މަންމަގެ ނުތަނަވަސްކަން ފާހަގަ ކުރެވުމުން އޭނަ ފަސްއެނބުރިލިއެވެ.
''މަންމާ، އެއީ އާދައިގެ ރޯގާއެކޭ، ހެދި ޓެސްޓްތައް ވެސް ނޯމަލް، އިރާދަކުރެއްވިއްޔާ ހުރިހާކަމެއް ވެސް ރަނގަޅުވާނެ... ދުވަސްކޮޅަކަށް އަރާމުކޮށްލީމަ ބައްޕަ ރަނގަޅުވާނެޔޭ...'' މަންމައަށް ހިނިތުންވެލަމުން އީވާ ބުނެލިއެވެ. އެއީ އަބަދުމެ މަންމަގެ އާދައެވެ. ކުޑަ ކަންކަމާ ހާސްވެ ފިކުރުބޮޑުވުމެވެ. ނަސޭހަތްދިނަސް މަންމަގެ އެހާސްކަމަށް ނިމުމެއް ނާންނާނެއެވެ. ތަފާތު ވާހަކަތައް ދައްކައިގެން މެނުވީ އެހިތަކަށް ހަމަޖެހުމެއް ވެސް ނުލިބޭނެއެވެ.
''މަންމަ ކަންބޮޑުވާންޏާ ދިއުމުގެ ކުރިން ބައްޕަގެ ޚަބަރެއް ބަލާނަން، މަންމަ ތިހެން ދެރަވެފަ ހުރީމަ އަހަރެން ފުރާހިތެއް ވެސް ނުވޭ...'' ތައްޔާރުވެ ނިމުމުން، އޭނަ އައިސް މަންމަގެ މަގަތުގައި އިށީނެވެ. އަދި ފިނިވެފައިވި އެއަތްތިލައިގައި ހިފާލިއެވެ.
''އެހެން ކަމަކު ނުދާނެ، ދަރިފުޅު ދާން ވާނެ... މަންމަ ދެން އެކަމާ ނުވިސްނާނަން، ދަރިފުޅުގެ ބަހަށް އިތުބާރުކުރެވޭ ވިއްޔާ...'' އީވާއަށް ބަލައިލި ލައިލާއަށް އަވަސްއަވަހަށް ބުނެވުނެވެ. އީވާގެ ދެލޮލުން އޭނައަށް ފެނުނު ސީރިޔަސްކަމުން އީވާ ބުނި ފަދައިން ކަންތައް ކޮށްފާނެ ކަމާމެދު އޭނަ ޖެހިލުން ވިއެވެ. އޭނަގެ ބަހުގެ ތެދުކަން ޔަޤީންކޮށްދޭން ލައިލާ ބޯޖަހާލިއެވެ. ހަމަޖެހުމުގެ އަސަރު އީވާގެ މޫނުމަތިން ފެނުނީ ދެނެވެ.
މަންމަގެ ގައިގައި ބައްދާލަމުން އީވާ ފުންނޭވާއެއް ދޫކޮށްލިއެވެ. ދުވަސްކޮޅަކަށް ވިޔަސް މައިންބަފައިންނާ ވަކިވެގެން ދާން ޖެހޭތީ އެކަމުގެ މޮޅިވެރިކަމުގެ ސައިލު އައިސް އޭނަ ވަށާލީ އެދަނޑިވަޅުގައެވެ. ޖަޒުބާތުގެ އޮއެވަރުގެ ތެރޭގައި ހިތް ބެހިގެން ދިޔައެވެ. އޭނަގެ ބުރަކަށީގައި މަންމަ ފިރުމާލުމުން ރޮވިދާނެހެން ވެސް އީވާއަށް ހީވިއެވެ. ހިތަށް ވެރިވި މާޔޫސްކަން ދިރުވާލަން މަސައްކަތްކުރާ ހާލު މަންމައާއި ދުރަށް ޖެހިލެވުނެވެ. އަދި ޖަޒުބާތުތަކުގެ ތެރޭން ހިނިތުންވާން މަސައްކަތްކުރިއެވެ.
ލައިލާގެ ހިތުގައި ވެސް ވީ އެފަދަ ޝުއޫރުތަކެވެ. ދަރިފުޅާ ނަޒަރު ބައްދަލުކޮށްލި ހިނދު އޭނަގެ ދެލޮލުން ކަރުނަތައް ނީރާލަން އުޅުނެވެ. އޭނައަށް އަވަސްއަވަހަށް މޫނު އަނެއް ފަރާތަށް އަނބުރާލެވުނީ އީވާއަށް އޭނަގެ ލޮލުގައިވި ކަރުނަތައް ސިއްރުކުރާށެވެ. ކިތަންމެ މަދު ދުވަސްކޮޅަކަށް ވިޔަސް ދަރިފުޅާ ވަކިވާން ޖެހުމުން އެހިތަށް މާޔޫސްކަން ވެރިވިއެވެ. އެކަނިވެރިކަން ވެސް ވެރިވިއެވެ.
''މަންމަމެންނަށް ނުދެވޭނެތީ ދަރިފުޅު ގޮވައިގެން އެއާރޕޯޓަށް ދާން ޖާދިންއަށް ގުޅިން، ބުނި އިރުކޮޅަކުން އަންނާނަމޭ...'' ލޮލުން ފައިބަން އުޅުނު ކަރުނަތައް ފޮހެލަމުން ލައިލާ ބުނެލިއެވެ. އޭނަ އީވާއަށް ބަލައިލި ހިނދު އެތުންފަތުގައި ހިނިތުންވުން ފަނނޑުވެގެން ދިޔައެވެ.
''އިނގޭ ދަރުފުޅު ދެރަވާނެކަން، އެކަމަކު ބައްޕަ ބަލިއިރު ކިހިނެއް ބައްޕަ އެކަނިކޮށްލާފަ މަންމަ ދާނީ ވެސް...'' އީވާގެ މޫނުން ފެނުނު އިހުސާސްތަކާ ލައިލާއަށް ގުޅުވާލެވުނީ އެންމެ ކަމަކާއެވެ. އިތުރު ކަމަކަށް އޭނައަށް ފިކުރު ހިންގައެއް ނުލެވުނެވެ. އީވާގެ މޮޅިވެރިކަމުން ކިޔައިދޭން އުޅުނު ވާހަކަތައް ވެސް ލައިލާއަށް ފާހަގައެއް ނުކުރެވުނެވެ.
''ދަރިފުޅު އާދޭ... މަންމަ ތިރީގައި މަޑުކުރާނަން، މާމަ ވެސް އެބަހުރި ދަރިފުޅުގެ އިންތިޒާރުގައި... ދަބަސްތައް ނަގަން އިރުކޮޅަކުން ރިޝީ ފޮނުވާނަން...'' މާހައުލަށް އުދާސްކަން ވެރިވާހެން އިހުސާސްވުމާއެކު ލައިލާ ބޭނުންވީ ކޮޓަރިން ދާށެވެ. ޖަޒުބާތުގައި ބަނދެވިއްޖެނަމަ، އީވާ ދިއުމުން އެހިތަށް އުތުރު ފަޅުކަމެއް ވެރިވެގެން ދާނެއެވެ.
''އިރުކޮޅަކުން އެބަދަން، ފުރަތަމަ ބައްޕަ ގާތަށް ގޮސްލަން ބޭނުންވަނީ...'' އީވާ ބުންޏެވެ. ކޮޓަރިން ނިކުންނަން ދިޔަ މަންމައަށް ބަލަން އޭނައަށް އިނދެވުނެވެ. މަންމަ ނިކުމެގެން ދިއުމުން ހިތަށް މާޔޫސްކަން ވެރިވިއެވެ. އުމުރުގެ މިހާތަނަށް އާދެވުނު އިރުގައި ވެސް އާއިލާއަށް އަލްވަދާއު ކިޔަން ޖެހުމުން ހިތަށް ވެރިވާ އުދާސްކަމަށް އަދިވެސް އީވާ ނުހޭނެއެވެ. ޚިޔާލުތަކުގެ ތެރޭގައި ބަނދެވިގެން ދެއެވެ. އެގޮތުގެ މަތިން އިރުކޮޅެއް ފާއިތުވެގެން ދިޔައެވެ. އެނދުން ތެދުވެލަމުން ކޮޓަރިއަށް ދިން ފުން ނަޒަރާއެކު ހީވީ ވަދާއުގެ ސަލާން ބަދަލުކޮށްލި ހެންނެވެ. ރީތިވާ މޭޒު މަތީ އޮތް އަތްދަބަސް ނަގައި ކޮނޑުގައި އަޅުވާލަމުން އީވާ ހިނގައިގަތީ ކޮޓަރިން ނިކުތުމަށެވެ.
ތިރިއަށް ފޭބުމުގެ ކުރިން އޭނަ ދިޔައީ ބައްޕައާ ބައްދަލުކުރާށެވެ. ބޯރަޖާގަނޑުގެ ދަށުގައި ފުން ނިންޖެއްގައި އޮތް ބައްޕަގެ މަގަތުގައި އެނދުގައި އިށީންނަމުން އީވާ ހިނިތުންވެލިއެވެ. އަދި އޭނަގެ އަތުގެ ނުފުށް ބައްޕަގެ ނިތުގައި ޖައްސާލެވުނީ ހުން ހުރިތޯ ބެލުމަށެވެ. ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ ހުމުގެ އަސަރު އިހުސާސް ނުކުރެވުމުންނެވެ.
އީވާގެ ފިނި އަތްތިލައިގެ އަސަރާއެކު ކަރީމް ލޯހުޅުވާލަން މަސައްކަތްކުރިއެވެ. ދެބަދޭތެރޭގައި އޮތް ކަމުގައި ވިޔަސް ގާތުގައި އިން އީވާ އޭނައަށް ސިފަކުރެވުނެވެ. ތުންފަތަށް ވެރިވި ހިނިތުންވުމާއެކު އީވާގެ ކޯތާފަތުގައި އަތްޖައްސާލެވުނެވެ. ނަމަވެސް، ބޭހުގެ ބާރުގެ ދަށަށް ނަފުސު ދޫވެގެން ދިއުމުން އަނެއްކާ ވެސް ލޯމަރާލެވުނެވެ.
''ރެސްޓް!...'' ބައްޕަގެ އަތްތިލަ ގެންގޮސް މޭމަތީގައި ބޭއްވުމުގެ ކުރިން އެއަތްތިލައަށް އީވާ ބޮސްދިނެވެ. ބައްޕަގެ މޫނުގައިވި ހަމަޖެހެމުގެ ކުލަވަރުތަކުން އީވާގެ ހިނިތުންވުން ފުންވިއެވެ. ކުރިއަށްވުރެން ބައްޕަގެ ހާލަތު ރަނގަޅު ވެފައިވާކަން ޔަޤީންކުރެވި ހިތްހަމަޖެހުނެވެ.
''ދަނީ!...'' ބައްޕަގެ އަތުގައި މަޑުމަޑުން ފިރުމާލުމަށްފަހު، ނިތުގައި އީވާއަށް ބޮސްދެވުނެވެ.
*****
ބޯމަތިވަމުން ދިޔަ ތޫފާން މިއިން ދުވަހަކު އަލިވެގެން ހިނގައިދާނެކަމުގެ ނިޝާނެއް ނުފެނެއެވެ. ގަދަ ވަޔާއެކު ވާރޭވެހެމުން ދިޔަ އިރު އަލިގަދަ ވިދުވަރުތަކާއެކު ހޮނު ގުގުރީގެ އަޑުން މާހައުލަށް ނާމާންކަމާއި ބިރުވެރިކަން ގެނެސްދެމުން ދިޔަ އެވެ. ފަޒާގެ ތެރޭގައި ރަސްކަން ކުރަމުން ދިޔައީ ތެތްފިނިކަމެވެ.
އީވާ ތިރިއަށް ފޭބި އިރު އޭނަގެ އިންތިޒާރުގައި އެންމެން ތިއްބެވެ. އޭރު ޖާދިން ވެސް އައިސް ފިއެވެ. ރިޝީ ގޮސް ޖާދިންގެ ކާރަށް ލަގެޖްތައް އަރުވަން އުޅުނު މަންޒަރު ވެސް ފެނުނެވެ.
އީވާ މިސްރާބު ޖެހީ ބޮޑުކޮޓަރީގެ ސޯފާގައި އިން ހާޖަރާގެ ގާތަށެވެ. އީވާ ފެންނަ އިރަށް ހާޖަރާ ކޮޅަށް ތެދުވެއްޖެއެވެ. އެމޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފެނެއެވެ.
''ވަރަށް ވިއްސާރަ ދުވަހެއް، ޖާދިން ކައިރީ ވެސް އެތައް ފަހަރަކު ބުނެވިއްޖެ ބަލައިގެން ދުއްވާށޭ، މާމަ ހާދަ ބިރެއް އެބަގަނައޭ މިކަހަލަ ދުވަހެއްގައި ދަރިފުޅު ފުރަން ޖެހޭތީ...'' އީވާގެ އަތުގައި ހިފަމުން އޭނަގެ ހިތުގެ ކަންބޮޑުވުންތައް ހާޖަރާ ބަންޑުންކޮށްލިއެވެ. މާމަގެ ޖުމްލަ އަޑުއިވުމާއެކު، އީވާ ނިކަން ބާރަށް މާމަގެ ގައިގައި ބައްދާލިއެވެ.
''އިރާދަކުރެއްވިއްޔާ ހުރިހާކަމެއް ވެސް ރަނގަޅުވާނެޔޭ...'' ހިނިތުންވުމަކާއެކު އީވާ ބުނެލިއެވެ.
''މާމައަށް ނޭވާ ނުލެވޭހާ ބާރަށޭ ބައްދާލައިގެން ތިހިރީ!...'' އީވާގެ ބުރަކަށީގައި މަޑުމަޑުން ފިރުމާލަމުން ސަމާސާ ރާގަކަށް ހާޖަރާ ބުނެލިއެވެ. ހުނުމެއްގެ އަޑާއެކު މާމަގެ ގައިން އީވާ ދޫކޮށްލައިފިއެވެ.
''މަދުވެގެން ހަފްތާއަކު ތިންފަހަރު މާމައަށް ގުޅަން ޖެހޭނެ، މިހާރު ދަރިފުޅު ދަސްކޮށްދިން ގޮތަށް ފޯނު ބޭނުންކުރަން ވެސް އެބަ އެނގޭ...'' އުފަންދުވަހު ހަދިޔާއެއްގެ ގޮތުގައި އީވާ ދިން އެންމެ ފަހުގެ އައިފޯނު ދައްކާލަމުން ހާޖަރާ ބުނެލިއެވެ. ޓެކްނަލޮޖީއަށް ވެސް އަހުލުވެރިވާން ހާޖަރާ ފޯރި ހުރެއެވެ.
''ލައްބަ...'' އީވާ އެއްބަސް ވިއެވެ.
''ހަމައެކަނި މާމައަށް ނޫން ގުޅާނީ، އެންމެނަށް ގުޅަން ވާނެ، ހާއްސަގޮތެއްގައި ޖާދިންއަށް، ދުރުގައި އުޅުނަސް ތިދެމެދުގައިވާ ގުޅުން ބަދަހިކޮށް ލޯބި އިތުރުވާން ޖެހޭނެ...'' އީވާއާއި ޖާދިންއަށް ބަލައިލަމުން ހާޖަރާ ބުނެލިއެވެ. އެވަގުތު އީވާގެ ނަޒަރު ގޮސް ޖާދިންގެ މޫނަށް ހުއްޓުނެވެ. އޭނައާއި ވަކިވާތީ އެދެލޮލުން ހިތާމައިގެ ކުލަވަރުތައް އީވާއަށް ފުނުނެވެ. އަވަސްއަވަހަށް އިސްއޮބާލެވުނީ އެއިހުސާސްތަކާ މެދު ދެކެންވީ ގޮތެއް ނޭގުމުންނެވެ.
''ދާން ވީތަ؟...'' ޖާދިންގެ އަޑު އިވުނެވެ.
''ލަސްކުރާނެކަމެއް ނެތް، މޫސުން އިތުރަށް ގޯސް ނުވަނީސް އެއާރޕޯޓަށް ދެވޭތޯ ބަލަން ވާނެ، އެއާރޕޯޓަށް ދެވުމުން މާމައަށް ގުޅައްޗޭ، އަދި އެކޮޅަށް ދެވުނުހާ އަވަހަކަށް ވެސް ގުޅައްޗޭ، ރައުހާއަށް ގުޅާފަ ބުނިން ދޯ ބަލާ އަންނާށޭ...'' ހުރިހާ ކަމެއް އޮޅުންފިލުވަން ފުލުފުލުގައި ހާޖަރާ ސުވާލުކުރިއެވެ. ލައިލާއަށް އޭނަގެ ދަރިފުޅާ ވާހަކަދެއްކުމުގެ ފުރުސަތެއް ވެސް ހާޖަރާގެ ސަބަބުން ނުލިބުނެވެ. އެއްޗެއް ބުނަން ލައިލާ ތުންފަތް ހަރަކާތްކޮށްލަން އުޅެތަނާ ހާޖަރާ ވާހަކަދައްކަން ފަށައެވެ.
''ލައްބާ މާމާ، ރައުހާއަށް އަޅުގަނޑު އެންގިން އެކޮޅަށް ދެވޭނީ ކިހާއިރަކުކަން...'' ގޭގެ މައިދޮރާއި ހަމައަށް ދެވުމުން އީވާ ބުނެލިއެވެ. މާމަގެ ގައިގައި ބައްދާލުމަށްފަހު މަންމަގެ ގައިގައި ވެސް ބައްދާލިއެވެ. އަދި ލައިލާގެ ކޯތާފަތުގައި ބޮސްދީފިއެވެ. އީވާގެ އެހަރަކާތުން ލައިލާއަށް ހެވިއްޖެއެވެ.
ޖާދިން ގޮސް އީވާ އަރަން ކާރުގެ ކުރީ ސީޓުގެ ދޮރު ހުޅުވާލަ ދިނެވެ. އަތުގެ އިޝަރާތުން މާމައާއި މަންމައާ ވަދާއީ ސަލާން ބަދަލުކުރަމުން އީވާއަށް ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނެވެ. ކާރަށް އަރައި ހަމަޖެހިލަމުން ތެތްފިނިކަން ސަވާރުވެފައިވި ކާރުގެ ލޫވާގައި އޭނަ އަތްތިލަ ހިންގާލިއެވެ. ދޮރުކުރިމަތީ ތިބި މާމައާއި މަންމައަށް ބަލައިލަމުން ހިނިތުންވެލިއެވެ.
ޖާދިން ކާރު ދުއްވާލުމުން އީވާގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުގެ މާޔޫސްކަން ވެރިވެއްޖެއެވެ. ގޭޓުން ކާރު ނެރެން އުޅުނު ޖާދިންއަށް އެމަންޒަރު ފެނުނެވެ. އުނގުތެރޭގައި އޮތް އީވާގެ އަތުގައި ހިފާލަމުން ޖާދިން ހިނިތުންވެލިއެވެ. ޖާދިންގެ އެހިތްވަރު ދިނުމުގެ ހަރަކާތުން އީވާގެ ހިތަށް ފިނިކަމެއް ހާސިލުވިއެވެ. އޭނަ ވެސް ޖާދިންއަށް ހިނިތުންވެލިއެވެ.
އެއާރޕޯޓަށް ދިޔަ މަގުމަތީގައި އީވާއާއި ޖާދިންއާ ދެމެދު މާ ގިނަ ވާހަކަތަކެއް ނުދެކެވެއެވެ. އެދެމެދަށް ވެރިވެފައި އޮތީ ހިމޭންކަމެވެ. އެތައް ފަހަރަކު އީވާއަށް ބަލައިލަމުން އިސްނަގަން ޖާދިން އުޅުނެވެ. ނަމަވެސް އެދެލޮލުން ފެންނަމުން ދިޔަ ހިތާމައިގެ ކުލަވަރުތަކުން އޭނަ ޚިޔާރުކުރީ ހިމޭންކަމެވެ. އީވާއަށް ވަގުތު ދޭން ބޭނުންވާތީއެވެ. ވަކިވާން ޖެހޭތީ އެކަމުގެ ހިތާމަވެރިކަމާ ދުރުވާން އީވާއަށް ފުރުސަތު ދޭން ބޭނުން ވާތީއެވެ.
ފަސްވަމުން ދިޔަ އިމާރާތްތަކަށް ބަލަން އިވާ އިނެވެ. ލޫވާރ ފުސްވާއިރަށް އަނެއްކާ ވެސް އަތްތިލަ ހިންގާލައި ތެތްތިފިކަން ކަނޑުވާލައެވެ. ކާރުތެރޭގައި އޮތް ހިމޭންކަމާ މެދު އޭނަ އިނީ ހިތްހަމަޖެހިފައެވެ. ޖާދިން ވާހަކަ ނުދައްކާތީ ސިކުނޑިއަށް ލުޔެއް ލިބިފައި ވިއެވެ. ކުޑަދޮރުގެ ލޫވާގައި މޫނު ޖައްސާލަމުން ވާރޭ ވެހެމުން ދިޔަ ހިތްގައިމު މަންޒަރަށް ބަލަން އީވާ އިނެވެ.
*****
އެއާރޕޯޓަށް ދެވުމާއެކު މާމަގެ ހިތްހަމަޖައްސާލަދޭން ހާޖަރާއަށް އިވާ ގުޅިއެވެ. އެއާއެކު ބޯޓަށް އަރަމުން ވެސް އޭނައަށް ޚަބަރުދަބަރު އޮޅުން ފިލުވައިދޭން ހާޖަރާ އެދުނެވެ. އެކަމާ އީވާ އެއްބަސް ވިއެވެ.
''އެއްޗެއް ކާން ބޭނުންތަ؟، އަދި އެބަ އޮތެއްނު ތިރީސް މިނެޓް...'' ފޯނުކޯލް ނިންމާލުމާއެކު އީވާއާއި ޖާދިން ވާހަކަދެއްކީ އޭނަގެ އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުންނެވެ. އީވާ ވެސް އެއްޗެއް ކާން ބޭނުންވެފައި ހުރުމުން ދެކޮޅެއް ނުހެދިއެވެ. އީވާގެ ފޮށިތައް ލާފައި ހުރި ޓްރޯލީ ދުއްވާލަމުން ޖާދިންގެ މިސްރާބު ހުރީ އެތާ ހުރި ކެފޭއަކަށް ވަނުމަށެވެ. ޖާދިންގެ ފަހަތުން އީވާ ވެސް ހިނގައިގަތެވެ.
ގެނައި ހޫނު ކޮފީން އާވި އަރަމުން ދިޔަ އެވެ. ވާރޭގެ ފިނި މާހައުލަށް ކޮފީގެ ލުއި މީރު ވަސް ފެތުރިގެން ދިއުމުން މަސްތުކަމެއް އެކުލެވިފައިވާ ކަހަލައެވެ. ކޮފީގެ ރަހަ ބަލައިލި އީވާއަށް ޖާދިންގެ މޫނަށް ބަލައިލެވުނެވެ. އީވާގެ ފަރާތުން ފެންނަމުން ދިޔަ މައުސޫމްކަމުން ޖާދިންގެ ހިނިތުންވުން ފުން ވިއެވެ. އެހިތުގައި އީވާއަށް ޓަކައިވި ލޯބި އުތުރިއަރައިގެން ދިޔަ ހިނދު، މޭގައި ރިއްސަން ފެށީ ކުއްލިޔަކަށެވެ. އީވާއާއި ވަކިވާން ޖެހޭ ވަގުތު ކައިރިވަމުން ދާތީއެވެ. ޖާދިންއަށް އައި ބަދަލުތައް ފާހަގަ ކުރެވުމާއެކު މޭޒުމަތީ އޮތް ޖާދިންގެ އަތުގައި އީވާއަށް ހިފާލެވުނެވެ. އޭނަގެ ހިތުގައި ލޯބި ނެތަސް އޯގާތެރިކަން ވިއެވެ. އެކުވެރިކަމުގެ އިހުސާސްތައް ވެއެވެ.
''ދިސް އިޒް ނޮޓް އެ ގުޑްބާއި، މޯރ ލައިކް އެ ސީ ޔޫ ލޭޓަރ...'' ޖާދިންއާއި ހަތަރުކަޅި ހަމަކުރަމުން އީވާ ބުނެލިއެވެ. ޖާދިން ބޯޖަހާލީ އެކަމާ އެއްބަސްވުމުގެ ގޮތުންނެވެ.
''މިއީ އެކޮޅަށް ފިނިމޫސުން ނިމޭ ދުވަސްކޮޅު ދޯ، ބަލައިގެން އުޅެއްޗޭ...'' އޯގާތެރިކަން އެކުލެވިފައިވާ އަޑަކުން ޖާދިން ބުންޏެވެ. ''ގަޑިން ގަޑިއަށް ކައިގެން އުޅޭނީ، ސްޓްރެސްއާއި ވެސް ދުރުވާން ޖެހޭނެ، ގަވައިދުން ކަސްރަތުކުރަން ވެސް ޖެހޭނެ...''
*****
އެތެރެއަށް ވަންނަން ޖެހޭ ވަގުތު އައިސް ކައިރިވެއްޖެއެވެ. ޓްރޯލީ ދުއްވަމުން އެތެރެއަށް ދާން އުޅުނު އީވާގެ އަތުގައި ޖާދިންއަށް ހިފާލެވުނީ ކުއްލިޔަކަށެވެ. ލިބުނު ހައިރާންކަމާއެކު އީވާއަށް ބަލައިލެވުނެވެ. ޖާދިން ހީވަނީ އޭނަގެ ހިތާއި ސިކުނޑިއާ ދެބަސްވުމަކަށް އައިސްފައިވާ ހެންނެވެ. ނޭގޭ ބިރުވެރިކަމެއް ވެސް އެހިތުގައި ވިންދު ޖަހަމުން ދިޔަ އެވެ. އީވާގެ އަތުން ދޫކޮށްލަން ފަސްޖެހެވުނީ އެހެން ވެއެވެ. ގެއްލިދާނެކަމުގެ ބިރަށެވެ. އެއީ ކޮންފަދަ މޮޔަ ވިސްނުމެކޭ ހިތަށް ވެރިވި ވަގުތު ޖާދިންއަށް ދެފަރާތަށް ބޯހޫރާލެވުނެވެ. އީވާ އެނބުރި އަންނާނީ ހަމަ އޭނަ ގާތަށެވެ. ލޯބިވާނީ އޭނަ ދެކެއެވެ. ވަސްވާސްތަކާއި ދުރުވާން އޭނަ ޖެހޭނެއެވެ.
''ސޮރީ!...'' ހިތުގެ ހައިޖާނުގެ މައްޗަށް ބާރުފޯރުވަން މަސައްކަތްކުރަމުން ޖާދިން ބުނެލިއެވެ. އަދި އީވާގެ އަތުން ދޫކޮށްލަމުން، ކަނދުރާގައި އަތްތިލަ ހިންގާލިއެވެ.
ޖާދިންއަށް ބަލަން އީވާއަށް ހުރެވުނެވެ. އެހިތުގެ ހާލު އޭނައަށް އިހުސާސްކުރެވުނެވެ. ދެރަވީ ޖާދިންއާ ހިލާފަށް ވަކިވެ ދިއުމަށް އޭނަގެ ހިތް ކެތްތެރިކަން ކުޑަވެފައިވީތީއެވެ. އާއިލާއާއި ވަކިވެދިއުން ފިޔަވައި އިތުރު މާޔޫސްކަމެއް އޭނަގެ ހިތުގައި ނެތެވެ. މިނިވަންކަން އިހުސާސްކުރަން އޭނަ ވަނީ ކެތްތެރިކަން ކުޑަ ވެފައެވެ. ފިޔަތައް ވަކިވެ ދިއުމުގެ ކުރިން ހިތްހަމަޖެހުމާއެކު އާސްމާނުގައި ފަހު ފަހަރަށް އުދުހިލަން އީވާ ބޭނުން ވިއެވެ. ދިރިއުޅުމާމެދު ފުންކޮށް ވިސްނާލަން ވެސް މެއެވެ. ފިކުރުތަކާ ދުރުވެލަން ވެސް މެއެވެ. ފަސްޖެހުމެއް ނެތި ޖާދިންގެ އަތުގައި ހިފަން އެދުވަހަކުން އޭނައަށް ފަސޭހަވެދާނެ ހެއްޔެވެ؟
ހިމޭންކަމުގެ ސުކޫތެއް ފާއިތުވެގެން ދިޔަ އެވެ.
''ތެންކިއު...'' ޖާދިންގެ މޭގައި މޫނު ޖައްސާލަމުން އީވާ ބުންޏެވެ. އެއީ ހިތުގެ ފުންމިނުން އީވާ ބުނި ޖުމްލައެކެވެ. އީވާގެ ހަށިގަނޑުގައި ޖާދިން ބައްދާލިއެވެ. އެވަގުތުކޮޅު އިތުރަށް ދިގުވެގެންދާން އޭނަ ބޭނުންވިއެވެ.
''ދެން އަވަހަށް ދޭ، އެހެން ނޫނީ އަހަރެން ބޭނުންވާނީ އީވް ހިފަހައްޓަން، ފްލައިޓް ޖެއްސިހާ އަވަހަށް އަހަންނަށް ގުޅައްޗޭ...'' އީވާގެ ހަށިގަނޑުން ދޫކޮށްލަމުން ޖާދިން ބުނެލިއެވެ. ''އަހަންނަށް ދެވުނުހާ އަވަހަކުން އީވްއާ ބައްދަލުކޮށްލަން ދާނަން.......... ނައު ގޯ!، މޭކް ޔޯރ ޑްރީމްސް ކަމް ޓްރޫ!، އީވްގެ އިންތިޒާރުގައި އަހަރެން ހުންނާނަން...''
ދަތްތައް ފެންނަވަރަށް ހިނިތުންވެލަމުން ޖާދިން އަތުން އިޝަރާތްކޮށްލީ އެތެރެއަށް ވަނުމަށެވެ. އީވާ ބޯޖަހާލަމުން ޖާދިންއަށް ފަސްދިނެވެ. އެވަގުތު ޖާދިންގެ ހިނިތުންވުން ގެއްލިގެން ދިޔައެވެ. ލަގޮނޑިއަށް ތޫނު ރިހުމެއް ސަވާރު ވެއްޖެއެވެ.
ފަސްއެނބުރި ބެލުމެއް ނެތި އީވާ ކުރިއަށް ހިނގައިގަތެވެ. ކުރިމަތިން އޭނައަށް ފެންނަމުން ދިޔައީ ދުވަސްކޮޅެއްގެ ހިތްހަމަޖެހުމެކެވެ. މިނިވަންކަމެކެވެ. ޖާދިންގެ އަންބަކަށް ވުމަށް އަދި ގިދު ރާސްތާއެއް ކަނޑައްތުކުރަން އެބަޖެހެއެވެ. އެހާ ދުވަހުން އޭނަގެ ނުކިޔަމަންތެރި ހިތަށް ވިސްނައިދޭން އޭނަ މަސައްކަތްކުރާނެއެވެ.
*****
މަތިންދާބޯޓު ފުރުމަށް ތައްޔާރުވަމުން ދިޔަ ވަގުތެވެ. ކޮންމެވެސް ވަރަކަށް ވިއްސާރަ އޮތީ އަލިކޮށްލާފައެވެ. ސީޓުގެ ތެރޭގައި ހަމަޖެހިލަމުން ފްލައިޓްގެ ކުޑަދޮރުން އީވާ ބޭރު ބަލައިލިއެވެ. ހިމަދޮފު ވާރޭގެ އަސަރު ފެންނަމުން ދިޔަ އެވެ.
އީވާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ބޯޓުގެ އިންޖީނު ސްޓާޓްކޮށްލި ވަގުތު ކަށިއިނގިލީގައި އޮތް އަނގޮޓިއަށް އޭނަ ބަލައިލިއެވެ. އިރުކޮޅެއް ވަންދެން ދެފިކުރެއްގައި އިނދެފައި އިނގިއްޖާއި އަނގޮޓި ވަކިކޮށްލިއެވެ. ކައިވެންޏާއި ޖާދިންގެ ޚިޔާލުތަކުން ދުވަސްކޮޅަކަށް ދުރުވެލަން ބޭނުންވި ކަހަލައެވެ. އަތްދަބަސް ތެރެއަށް އަނގޮޓި ލަމުން އީވާ އަނެއްކާ ވެސް ކުޑަދޮރުން ބޭރު ބަލައިލިއެވެ.
ބާރު އަޑުފަށްގަނޑާއެކު ޖައްވުގެ ތެރެއަށް މަތިންދާބޯޓު އުދުއްސައިގަތެވެ. އަމިއްލަ ވަތަނާއި އާއިލާއާއި ދުރަށްދާކަމުގެ އިހުސާސްތައް ހިތުގެ ތެރެއަށް ގެނބިގެން ދިޔަ އެވެ. ނަމަވެސް ދެވެން އޮތް މަންޒިލާ މެދު ވިސްނަމުން ހިތަށް ވިސްނައިދިނެވެ.
ވިއްސާރަ ވިލާތަކުގެ ތެރޭން އުދުހެމުން ގޮސް މަތިންދާބޯޓު އޭގެ މަންޒިލަށް ދަތުރު ފަށައިފިއެވެ.
(ނުނިމޭ)