ދެވަނަ ބައި
"ހޫމް.. ތަމަންނީ އޭނައަށް ކިޔަނީ. އެއީ ޝެނަލްގެ މަންމަގެ އެކުވެރިއެއްގެ ދަރިއެކޯ. އެގޭ ކުއްޖެއް ބަލިވެގެން ޝެނަލް އާ އެކުގައި ހޮސްޕިޓަލަށް އައިސް އުޅޭ. ވަރަށް ފޮނިގޮތެއް ހުރޭ. އަހަރެމެން ރަށްފުށު މީހުންނަކާ ނުވެސް ގުޅޭ" ފޫހިގޮތަކަށް ޒަމްހާ ވާހަކަދެއްކިއެވެ.
"އެހެންތަ؟ މަ އަދި ނުއެއްދެކެން އޭނައެއް. މަންމަ ބުނި އެއްޗަކުން މިއަހާލީ" އިރާނިޔާ ވާހަކަދެއްކިއެވެ.
"އޭތް ނެތޭ އިނދެވޭކަށް. މިރޭ ދަންވަރު ޑިއުޓީ އިނީ. ހާއިޝާއްތައަށް ސަލާންބުނާތި އިނގޭ.. ފަހުން ބަލާނަން އާދެވޭތޯ. ގުޅާތި އިނގޭ" ޒަމްހާ ތެދުވެގެން ދިޔައީ އިރާނިޔާގެ އަތުގައިހިފާ ކުޑަކޮށް ބައްދާލާފައެވެ.
ޖޯލީގައި ގިނައިރު އިށީނދެގެން އިނުމުގެ ސަބަބުން ތެދުވަން އިރާނިޔާއަށް އުނދަގުވިއެވެ. ފައި އެލުވާލައިގެން އިނުމުގެ ސަބަބުން ފައިތިލަ ހުރީ ކުރިއަށްވުރެ ބޮޑަށް ދުޅަވެފައެވެ. ދޮރާށި ހުޅުވާލާފައި އެތެރެއަށް ވަންއިރު ކުޅެ ނިންމާފައި ގެއާއި ދިމާލަށް އައި އަދްޔަން އޭނައަށް ނުފެނެއެވެ.
ގޭ ކައިރީގައި ހުރި ފިހާރައަކުން ކުޑަ ފެންފުޅިއެއް ގަނެގެން ނިކުތް އަދްޔަން ފުޅި ކަނޑާލައިފައި މޫނާއި އިސްތަށިގަނޑާ ދިމާކޮށް ފެން އަޅަމުން ކުރިއަށް ހިނގާފައި ދިޔައެވެ. ކުއްލިއަކަށް މަގުން ނިކުތް ބައިސްކަލެއް އަދްޔަންއާއި މުޑި އެރިއެވެ. އެއާއެކު އޭނާގެ އަތުގައި އޮތް ފެންފުޅި ތިރިއަށް ވެއްޓިއްޖެއެވެ. ކަންފަތުގައި ޖެހުނު އަހާލަން ހިތްގައިމު އަންހެންވަންތަ އަޑު އޭނާއަށް އިވިގެން ދިޔައީ ލުއި މިޔުޒިކެއް ފަދައިންނެވެ. އަވަސް އަވަހަށް ކުރިމައްޗަށް ނަޒަރު ހިންގައިލިއިރު އަންހެންކުއްޖެއް ތެދުވަން މަސައްކަތް ކުރަމުން ދިޔައެވެ. ކަޅު ކުލައިގެ ކަކުލުން ތިރިއަށް ހުރި ހެދުމުގައި އިން އަންހެންކުއްޖާގެ މޫނު އޭނާއަށް ނުފެނެއެވެ.
"ސޮރީ… ތަދުވިތަ؟" އަދްޔަން މަސައްކަތްކުރީ އަންހެންކުއްޖާއަށް އެހީތެރިވެ ދިނުމަށެވެ. އޭނާ އަތް ދިއްކޮށްލިޔަސް ޝެނަލް ތެދުވީ އަމިއްލަ އަށެވެ. ހެދުމުން ހިރަފުސްތައް ފޮޅަމުން ޝެނަލްގެ ނަޒަރު އަދްޔަންއަށް ހުއްޓައިލިއެވެ. އޭނައާއި ދިމާލަށް އަދްޔަން ބަލަން ހުރިގޮތުން އޭނާ ލަދުގަންނަ ގޮތްވިއެވެ. ދުވަހަކުވެސް ފިރިހެން ކުއްޖެއް އެގޮތަށް ބަލައިގެން އޭނާ ލަދުގަނެފައެއް ނުވެއެވެ. އެވަގުތުވެސް އަދްޔަންގެ ނަޒަރު އޭނާއަށް ތަފާތުވިއެވެ.
"އަ…އަޅުގަނޑަށްވެސް ތަންކޮޅެއް ބާރަށް ދުއްވާފަ އާދެވުނީ. ސޮރީ…" އަދްޔަން ކުށްވެރިކޮށްފަ ވާހަކަދައްކަން ޝެނަލް ބޭނުމެއް ނުވިއެވެ. އަދިވެސް އަދްޔަން ބަލަން ހުރިކަން އިނގޭތީ އޭނާ މަސައްކަތްކުރީ އަވަހަށް އެތަނުން ދިޔުމަށެވެ. ވެއްޓިފައި އޮތް ބައިސްކަލް ނެގޭތޯ އޭނާ މަސައްކަތް ކުރަމުން ދިޔައެވެ. ބައިސްކަލުން ޝެނަލް އަތް ދޫކޮށްލީ އަދްޔަން ހިފިކަން އިނގުމުންނެވެ. އެހިނދު އޭނާ ތެދުވަން އުޅުމުގެ ތެރޭގައި އަދްޔަންގެ ބޮލުގައި އޭނާގެ ބޯޖެހި ބޮލަށް ނުބައި ތަދެއް އަރައިގެން ދިޔައެވެ.
"އައުޗް…." ވީތަދުން އޭނާއަށް ބުނެވުނެވެ.
"ސޮރީ…! މިއަދު ހުސް އަނިޔާ މިދެވެނީ… ބަލާ އަތުންވެސް ލޭ އައިއްސަ އެހެރީ" ޝެނަލްގެ ބައިސްކަލު ނަގާ ހަރުޖައްސައިލަމުން އަދްޔަން ވާހަކަދެއްކިއެވެ.
"އޯކޭވާނެ. ގެއަށް ދެވުނީމަ ބޭސްއަޅާނީ. ޝުކުރިއްޔާ…" ބައިސްކަލަށް އަރައިގެން ޝެނަލް ދާ މަންޒަރަށް ބަލަން އަދްޔަން ހުރީ ގެއްލިފައެވެ. ކޮންފަދަ ރީތިކަމެއް ހެއްޔެވެ؟ ހިމަތޮޅި ހަށިގަނޑެކެވެ. ދޮން ކުލައެކެވެ. މާބޮޑު މޭކަޕެއް ނެތެވެ. ވޭވީ އިސްތަށިގަނޑެކެވެ. އަދްޔަން އެންމެ އަޅައިގަތީ އަނގައިގެ ކަނާތްފަރާތު ތިރީގައި އިން ބޮޑު ކަޅުތިލައިގައެވެ.
"ނަންވެސް ނުބުނެ އެދިޔައީ…" ހިތާހިތުން އަދްޔަން ބުނެލިއެވެ.
"ހަސަންބެއަށް ފެނިއްޖޭ މިތާ އެޅުވި ފިލްމު. އެއީ މިރަށު ނޫކޮކާ ބައްސާމުގެ އަންހެން ދަރި. ހަސަންބެއަކަށް ނެނގޭ އެމަންޖެގެ ނަމެއް" މުންޑު ކޮށިކޮށް އައްސަމުން އަދްޔަން ކައިރިން ލާފައި ދިޔަ ހަސަނު ހިނިގަނޑަކާއެކު ވާހަކަދެއްކިއެވެ. ހަސަނަކީ ކޮންމެ ދުވަހަކު އެގެއަށް މަސް ގެންނަން ހަވާލުކޮށްފައިވާ މީހާއެވެ. އެގޭ މަހަށްދާ އެއްދޯނީގެ ކެޔޮޅެވެ. ހަސަނު ދެއްކި ވާހަކަތަކަށް އަދްޔަން ދެކޮޅެއް ނަހަދައެވެ. އެ އަންހެންކުއްޖާގެ ފުރަތަމަ ފެނިލުމާއެކު އޭނާގެ ހިތަށް ގޮތްތަކެއް ވެއްޖެއެވެ. އަދިވެސް އެސޫރަ ކައިރިން ދެކިލަން ބޭނުންވިއެވެ.
ގޭތެރެއަށް ވަންގޮތަށް ޝެނަލް މިސްރާބުޖެހީ ކޮޓަރިއާއި ދިމާލަށެވެ. ތުންފަތަށް ވެރިވެފައިވާ ހިނިތުންވުން ފިލައިގެން ދިޔައީ ސިޓިންގްރޫމު ސޯފާގައި އިން ސަބްރީން ފެނިފައެވެ. ނުފެންނަ ކަމަށް ހަދާފައި ކޮޓަރިއާއި ދިމާލަށް ހިނގައިގަތް ވަގުތު ހުއްޓެން ޖެހުނީ ސަބްރީން ގޮވާލުމުންނެވެ.
"ލައްބަ މަންމާ…!" ސަބްރީންއަށް ބަލައިލަމުން ޝެނަލް ބުނެލިއެވެ. ޝެނަލް އަކީ ވަރަށް ބަސްމަގު ރީތިކުއްޖެކެވެ. ސަބްރީން އިނގޭ މީހެއްވިއްޔާ ޝެނަލްއަކީ ސަބްރީންގެ ދަރިއެއް ކަމަށް ޤަބޫލެއްނުކުރާނެއެވެ. ސަބަބަކީ ސަބްރީނާއި ޝެނަލް ހާސްބައި ތަފާތެވެ.
"ކިހާއިރަކު ދިޔަ މީހެއް ތީ. ކޮންތާކު އުޅެއުޅެފަ ތިއައީ؟" ސަބްރީން އެހިއެވެ.
"ދިޔައީ ޒީކްމެން ގެއަށް އެއްޗެއް ލާން. ޒީކްގެ މަންމަ ސައިހަދާފައި ގޮވައިލީމަ ސައިބޮއެގެން އަންނަންވީމަ ލަސްވީ" ޝެނަލް ޖަވާބުދިނެވެ. ސަބްރީންއަށް ފާހަގަނުވީ ޝެނަލް އެއް އަތް ފަހަތަށްލާފައި އޮތްކަމެވެ.
"މަންމަ ނުބުނަންތަ މިދުވަސްކޮޅު ތަނަކަށް ދަންޏާ ތަމަންނީ ގޮވައިގެން ދާށޭ. ދަރިފުޅު ތިހެން އެކަނި ދަންޏާ އެމަންޖެ ކިހާ ފޫއްސެއްވާނެ" ސަބްރީން އައިސް ޝެނަލްއާއި ދާދި ގާތުގައި ހުއްޓުނެވެ.
"އަވަހަށް ދާންވެގެން. މިހާރު ކޮބާތަ ތަމަން؟" ޝެނަލް އަހައިލިއެވެ.
"ވެއްޖެ ކޮޓަރީގަ" ސަބްރީން ބުނެލިއެވެ.
"މަންމާ އަޅުގަނޑު ކޮޓަރިއަށް ދަނީ. މިދަނީ ނަމާދުކޮށްލަން ވެގެން" ޝެނަލް ބޭނުންވީ އެތަނުން އަވަހަށް ދާށެވެ. ބައިސްކަލުން ވެއްޓި ހަށިގަނޑުގައި ޒަހަމެއް ހުރިކަން ސަބްރީނަށް އެނގިއްޖެނަމަ ކުރިއަށް މިއޮތް ފަސް އަހަރުގައިވެސް އޭނާ ބައިސްކަލަށް އެރިޔަ ނުދޭނެއެވެ.
ސަބްރީނަކީ އުމުރާއި ބަލާފައި ވަރަށް ޅަކޮށް ހުންނަ މީހެކެވެ. ލައިއުޅެނީވެސް ކުރުތާއާއި ޖީންސެވެ. ބުރުގާ އެޅިފަހުން އަދިވާނީ މަހެއްހާ ދުވަހެވެ. ފިރިމީހާ ބައްސާމަކީ ބޯޓްދަތުރުކުރަން އުޅުނު މީހެކެވެ. އެ އާއިލާއަކީވެސް ތަނަވަސް އާއިލާއެކެވެ. ރަށުގައި ފިހާރައެއް ހިންގާއިރު ދުވަހުގެ ގިނަވަގުތު ބައްސާމް ހޭދަކުރަނީ ފިހާރައިގައެވެ. ގެއާއި މާ ދުރުގައި ފިހާރަ ހުންނައިރު ބައްސާމް ގެއަށް އަންނަނީ ކާ ގަޑިތަކުގައި އެކަންޏެވެ. ޝެނަލް އަކީ އެދެމަފިރިންގެ ހަމައެކަނި ދަރިފުޅެވެ. ޝެނަލްއަށް ފަހު އެދެމަފިރިން ދަރިއަކު ހޯދަން ކުރި މަސައްކަތް ކާމިޔާބުވެފައެއް ނުވެއެވެ. އެއްބަނޑު އިތުރު ކުއްޖަކު ނުހުންނާތީ ޝެނަލް އަބަދުވެސް ޝަކުވާ ކުރެއެވެ.
ސަބްރީންގެ ކުޑައިރުގެ އެންމެ ގާތް އެކުވެރިޔާ މެލޭޝިޔާގެ ރައްޔިތެއް ކަމުގައިވާ ސޯއިމާ އަކީ ރާއްޖެ މީހަކާއި ކައިވެނިކޮށްގެން ދިވެހިރާއްޖޭގައި ދިރއުޅޭ އަންހެނެކެވެ. ސަބްރީންއާއި އެކުވެރިކަން އުފެދުނީ އޭރު ސަބްރީންގެ ބައްޕަ ފަރާތު ކާފައާއި މާމައާއި އެކުގައި ރާއްޖެއިން ބޭރަށް ކުރި ދަތުރެއްގެ ތެރެއިން ސޯއިމާއާއި އެއް ގެއެއްގައި ހުންނަން ޖެހުމުންނެވެ. ޒުވާން އުމުރަށް އެޅިގެން އައިރު ސޯއިމާއަށް ރާއްޖެއިން މީހަކުދެކެ ލޯބިވެވި ކައިވެނިކުރަން ނިންމި ނިންމުމުގެ ސަބަބުން އެންމެ ބޮޑަށް އުފާކުރި އެކަކަކީ ސަބްރީންއެވެ. އެ ރަހްމަތްތެރިޔާއަކީ އޭނާއަށް ދުވަހަކުވެސް ނުގެއްލޭނެ ރަހްމަތްތެރިއެއްކަން މިހާރު އޭނާއަށް އިނގެއެވެ.
ޝެނަލްގެ އެކަނިވެރިކަން ފެނި ތަމަންނީ އެރަށަށް ފޮނުވައި ދިނުމަށް ސޯއިމާ ކައިރިން އެދުނީ ސަބްރީންއެވެ. ތަމަންނީ އެރަށުގައި ހުންނަތާ މިހާރު ދޮޅުމަސް ވެއްޖެއެވެ. ތަމަންނީގެ ހިތުގައިވެސް އެރަށަށް ލޯބި ޖެހިއްޖެއެވެ. ވާނީވެސް އެހެންތާއެވެ. ދުވަހަކުވެސް ފިރިހެން ސޫއަކަށް ހިތް ކިޔާފައިނުވާ ތަމަންނީއަށް އުނޭޝް ފެނި އުނޭޝްއާއި ދިމާލަށް ތީރު އުކަން ފެށިއްޖެއެވެ. އޭނާ އުކަމުންދިޔަ ތީރުތަކަށް އުނޭޝްގެ ސަމާލުކަން ލިބުނު ހިސާބުން ފެށިގެން އެދެމެދުގައި ނަމެއް ނޭނގޭ ގުޅުމެއް އުފެދިގެން ދިޔައެވެ.
ރޭގަނޑުގެ ކެއުން އޮތް ގަޑިއަށް އެންމެން މޭޒު ކައިރިއަށް ޖަމާވިއިރުވެސް ނާންނަނީ ހަމައެކަނި އުނޭޝްއެވެ. އެއީ ކީއްވެގެންކަން ހާއިޝާއަށް އިނގެއެވެ. ދެތިން ފަހަރު އިރާނިޔާ އުނޭޝްގެ ފޯނަށް ގުޅައިވެސްފިއެވެ. އެއްވެސް ޖަވާބެއް ނައެވެ. ގޭތެރޭގައި ކިތަންމެ މައްސަލަ ބޮޑުވިޔަސް ކާ ގަޑިތަކުގައި އާއިލާ އެއްކޮށް މޭޒުކައިރިން ފެންނަން ޙާއިޝާ ބޭނުންވެއެވެ. ފައުޒީ ދުނިޔޭގައިވެސް އެކަމަކީ ވަރަށް އިސްކަމެއް ދީގެން ކުރާ ކަމެކެވެ. މިއަދު އަދި ފައުޒީ ނެތްއިރު ފައުޒީގެ އެ ނިންމުން ދަމަހައްޓަން އޭނާ އިސްކަމެއް ދެއެވެ.
"މަންމަ މިއަންނަނީ އުނޭޝް ގޮވައިގެން. ދަރިފުޅުމެން ބޭނުމިއްޔާ ކާންފަށާ" ޙާއިޝާ ހިނގައިގަތެވެ.
ދިޔަ ބާރުމިނުގައި ޙާއިޝާއަށް ދޮރުފަތުގައި ޖެހުނީ ތަންކޮޅެއް ބާރަށެވެ. އެކަން ވިސްނުމުން ދެވަނަ އެތިފަހަރު އޭނާ ކުރިއަށް ވުރެ މަޑުކޮށްލިއެވެ. އެތެރެއިން ހަބަރެއް ނުވުމުން ޙާއިޝާ އުނޭޝަން ގޮވަންފެށިއެވެ. މާގިނަ އިރު ނުވަނީސް އުނޭޝް ދޮރު ހުޅުވައިފިއެވެ. ކުރިމަތީގައި ހުރި ބޮޑު ފިރިހެން ދަރިފުޅު ފެނުމުން ފުރަތަމަ ޙާއިޝާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އެއީ އަބަދުވެސް އޭނާއަށް ވާގޮތެވެ. އުނޭޝްގެ ސިފަ ފައުޒީގެ ސިފައާއި ތަފާތު އެންމެ ތަންކޮޅެއްވެސް ނެތެވެ. ފައުޒީގެ އެ އިސްކޮޅެވެ. ފައުޒީ ހާ ހިއްކެވެ. އިސްތަށިގަނޑުވެސް ބުޅިއެވެ. ލަގޮނޑި ނިކުމެފައި ހުންނައިރު ގޭތެރޭގައި އުޅެންޏާ އަބަދު ލާފައި ހުންނަނީ ކަކުލަށް ވުރެ ތިރިއަށް ހުންނަވަރުގެ ސޯޓެވެ. އުނޭޝްދެކެ ކިތަންމެ ހިތްހަމަނުޖެހިފައި ހުއްޓަސް އެދަރިފުޅު ލޮލަށް ފެނުމުން އޭނާގެ ހިތް މަޑު ކަފަކޮޅަކަށް ބަދަލުވެގެން ދެއެވެ. ފައުޒީމަތިން ހަނދާންވެ ދެލޮލުން ކަރުނަ ނީރާލައެވެ.
"އަހަރެން ވަންނަންތަ؟" ޙާއިޝާ އަހައިލިއެވެ.
"މަންމަ… ވަންނަންވީނުން. ކީއްވެ ތިހެން ތިއެހީ…" އުނޭޝް ބުނެލިއެވެ.
"މިއީ ހަމައެކަނި އުނޭޝްގެ ކޮޓަރިއެއްނު. އެހެންވެންނު ސައުވީސް ގަޑިއިރު ތަޅުލައިގެން މިތަނަށް އެހެން މީހަކު ވަނަނުދީ ހިފަހައްޓާނީ" ޙާއިޝާ ވާހަކަދެއްކިއެވެ. ވާހަކަދެއްކުމުގެ ރާގުގައި މަޑުމައިތިރިކަން އެކުލެވިފައި ވިޔަސް އެ އަޑުގައި އެކުލެވިގެންވި ޝަކުވާ އުނޭޝްއަށް ފާހަގަވިއެވެ.
"އަ…އަޅުގަނޑު ބޮލުގައި ރިއްސާތީ އޮތީ. ނިދިފަ އޮތީ މަންމަ ގޮވިއިރު" އުނޭޝް ބުނެލިއެވެ.
"އަހަރެން މިއައީ އުނޭޝް ބަލާ. ކާން ހަދައިފިން. ކާން ހިނގާ. މިގޭގައި އަހަރެން ކައްކާ ކާއެއްޗެހި އިސްރާފުކޮށް އުކާލަން ޖެހިއްޖިއްޔާ ދުވަހަކުވެސް އަހަރެން ނުކައްކާނަން" ޙާއިޝާ ވާހަކަދެއްކިއެވެ. އުނޭޝް އެއްޗެއް ބުނުމުގެ ކުރިން ޙާއިޝާ ނިކުމެގެން ދިޔައެވެ. އިތުރަށް އެއްޗެއް ނުބުނެ އަލަމާރި ހުޅުވާލާފައި ނެގި ޓީޝާޓެއް ލަމުން އުނޭޝް ކޮޓަރިން ނިކުތެވެ.
މޭޒު ކައިރީގައި އިން އިރާނިޔާއަށް އުނޭޝްއަށް ބަލަހައްޓައިގެން އިނދެވުނެވެ. ފިރިމީހާ އޭނާގެ ދެލޮލަށް ފެނުނީ ހާދަ އިރެއް ފަހުންނެވެ. އޭނާ ގޮނޑިން ތެދުވީ ފިރިމީހާ ކާން އައުމުން ޚިދުމަތް ކޮށްދިނުމަށެވެ. އުނޭޝް އިށީނުމުން ތަށި ކައިރިކޮށްދީ ރޮށި ކޮށައިދިނެވެ. ޖޫސްއަޅައިދީ ކައިރިކޮށްދިނެވެ.
"މަންމާ އަހަރެން ކާނީ ބަތް" އުނޭޝް ބުނެލިއެވެ.
"ރާނީ! އޭނައަށް ބަތް އަޅައިދީ" ޙާއިޝާ ބުނެލިއެވެ. ވަގުތުން އިރާނިޔާ ކޮށާފައި ހުރި ރޮށިތަށި ނަގާފައި އުނޭޝްއަށް ބަތް އަޅައިދިނެވެ. ރިހަ އަޅާފައި އިރާނިޔާ އުނޭޝްގެ މޫނަށް ބަލައިލީ މޮޑެދެންވީހޭ އަހާލާ ކަހަލަ ގޮތަކަށެވެ.
"އަހަރެން މޮޑެފާނަން" އުނޭޝް ބުނެލިއެވެ. އިރާނިޔާ އައިސް އޭނާގެ މަގާމުގައި އިށީނެވެ. އެދެމީހުންގެ ހަރަކާތްތަކަށް ބަލަހައްޓައިގެން އަދްޔަން އިނެވެ. އެންމެން ކާންފެށުމާއެކު އަދްޔަން އުނޭޝްއަށް ބަލައިލިއެވެ.
"ދޮންބޭ…!" އަދްޔަން ގޮވައިލިއެވެ. އުނޭޝް ފަރުވާކުޑަ ގޮތަކަށް ބަލައިލިއެވެ.
"މާލިކުބޭ އަހަރެންގެ ފޯނަށް ގުޅި ދޮންބެ މިއަދު އޮފީހަށް ނާންނާތީ" އަދްޔަން ވާހަކަދެއްކިއެވެ.
"ބޮލުގައި ރިއްސާތީ. މާދަމާ ނިކުންނާނީ" އުނޭޝް ބުނެލިއެވެ.
ދެން ފާއިތުވެގެންދިޔަ ވަގުތުތަކުގައި ތަނުގައި އެއްވެސް ވާހަކައެއް ނުދެކެވެއެވެ. ހިމޭންކަމާއެކު އެންމެން ކަމުން ދިޔައެވެ. ފަހަރަކު މީހަކު އުނޭޝްގެ މޫނަށް ބަލައިލައެވެ. ކޮންމެ މީހެއްގެ ހިތުގައިވެސް ސުވާލު އުފެދިފައިވާ ކަހަލައެވެ. ކައިގެން އެންމެ ފުރަތަމަ ތެދުވީވެސް އުނޭޝްއެވެ. ކޮޓަރިއަށް ދާން ހިނގައިގަތްތަނާ ޙާއިޝާ ގޮވައިލިއެވެ.
"މަންމަ ކައިރީގައި މަޑުކޮށްލުންވެސް މިހާރު ދަރިފުޅަށް ބޮޑުކަމެއްތަ؟" ޙާއިޝާ ބުނެލިއެވެ. އޭރު ތަށިތައް ނެގުމުގައި ކަމްލާ އުޅުނެވެ. އިރާނިޔާވެސް އެ މަސައްކަތުގައި ބައިވެރިވަމުން ދިޔައިރު އޭނާގެ އެއް ކަންފަތް ހުރީ ދެމައިން ދައްކާ ވާހަކަތަކަށް ދީފައެވެ. ޒިންކު ކައިރީގައި އަތް ދޮންނަން ހުރި އަދްޔަންވެސް އައިސް އިށީނީ ޙާއިޝާގެ އަނެއްފަރާތުންނެވެ.
"އުނޭޝް…! ކޮބާ މައްސަލައަކީ؟ ކިހިނެއްވެގެން އައި ބަދަލެއްތަ ތިއީ… ދަރިފުޅުމެންނަށް މަންމައާއި ބައްޕައަށް ނުކޮށްދެވި އޮތީ ކޮންކަމެއް" ޙާއިޝާ ވާހަކަދެއްކިއެވެ. އުނޭޝް ވަހާކައެއް ނުދެއްކިއެވެ. އިސްޖަހާލައިގެން އިނީއެވެ.
"ޖަވާބުދީބަލަ؟ އުނޭޝްއަކާނު މި ވާހަކަދައްކަނީ؟" ޙާއިޝާ ބުނެލިއެވެ.
"އަޅުގަނޑު ގޯސްކަމެއް ކޮށްފިތޯ؟ މަންމަ ލަދުގަނެ ދެރަވަންޖެހޭވަރުގެ އެއްވެސް ކަމެއް ނުކުރަން" އުނޭޝް ބުނެލިއެވެ.
"އިތުރު ކައިވެންޏެއް ކުރަން ތި ވިސްނަނީ ކީއްވެ؟ އެސުވާލުގެ ޖަވާބު ދެވިދާނެތަ؟" ޙާއިޝާ ސުވާލުކުރިއެވެ. އުނޭޝް ހީވަނީ ހޫނު ގޮނޑިއަށް ގެނެސް ބޭންދިފައި އިން ހެންނެވެ.
"އެއީ ސުންނަތުން ސާބިތުވާކަމެއް. އެއީ މައްސަލައެއްތަ؟ މީހަކާ ރައްޓެހިވެގެން އުޅޭކަން ނޫނެއްނު މިއުޅެނީ؟ ކައިވެނިކުރަން މިއުޅެނީ. އެއީ ކިހާ ރަނގަޅުކަމެއް" އުނޭޝް ވާހަކަދެއްކިއެވެ.
"އެހެންވިއްޔާ މަށަށް ކިޔައިދީފާނަންތަ ސުންނަތުން ސާބިތުވާ ހުރިހާ ކަންތައްތަކެއް" ދަރިފުޅުގެ މޫނަށް ބަލަހައްޓައިގެން އިނދެ ޙާއިޝާ ސުވާލުކުރިއެވެ.
އުނޭޝް ޖަވާބުނުދިނެވެ. އޭނާއަށް ދޭނެ ޖަވާބެއް ނުވިސްނުނީއެވެ. ދިރިއުޅުމުގައި އަމިއްލައަށް ކަންތައްތައް ނިންމި ކަމުގައިވިޔަސް މަންމަގެ ކުރިމަތީގައި ޒުވާބުކުރާ ވައްތަރަށް ވާހަކަދެއްކުމަކީ އޭނާ އެއް އިރެއްގައިވެސް ކޮށްއުޅޭ ކަމެއް ނޫނެވެ.
"އުނޭޝްއަކަށް ޖަވާބު ނުދެވުނެއްނު. ދިރިއުޅުމަށް އިތުރު އަންހެނަކު ގެންނަންވީމަ އެކަންތައް އުނޭޝް ތި ދޫކޮށްލީ ސުންނަތުގެ ތެރެއަށް. ސުންނަތުގައި ހިމެނޭ ކަންތައްތަކަށް އަހަރެން ދެކޮޅެއް ނަހަދަން. އެކަމަކު އުނޭޝްއަށް އެކަންތައް އެކަނި އިނގުނީތީ އަހަރެން ހަމަ ޚައިރާންވަން. އަހަރެންގެ ކޮންމެ ދަރިއެއްވެސް ބޮޑުކޮށްފައި ހުންނާނީ ރަނގަޅު ތަރުބިއްޔަތެއްދީގެން. ދީނަށް ހާނުވާފަ. ރަނގަޅު ކަންތައްތަކާއި ނުބައި ކަންތައް އޮޅުންފިލުވައިދިނިން" ޙާއިޝާ ވާހަކަދެއްކިއެވެ.
"މަންމާ..! ކޮބާތަ އަޅުގަނޑުގެ މައްސަލައަކީ؟ އަހަރެން އެހެން މީހަކާ އިންނަން ބޭނުންވުން އެއީ އެހާބޮޑު މައްސަލައެއްތަ؟" އުނޭޝް ވާހަކަދެއްކިއެވެ. އޭނާއަށް އޭނާ ކުރަން އުޅޭ ކަމަކުން އެއްވެސް މައްސަލައެއް ނުފެނެއެވެ.
"ކޮންތާކު އުޅޭ ކުއްޖެއް އެއީ؟ މިރަށު ކުއްޖެއްތަ؟" ޙާއިޝާ އަހައިލިއެވެ.
"އެއީ ރާއްޖެ ކުއްޖެއްނޫން. ބޭރު ކުއްޖެއް" އުނޭޝް މަޑުމަޑުން ބުނެލިއެވެ.
"ޔާރައްބީ!! ޔަހޫދީއެއްތަ…؟" ޙާއިޝާ ރޮއެގަތެވެ.
"ސާބަސް މަންމާ… އެއީ ރާއްޖެ މީހަކާ ބޭރު އަންހެނެއްގެ ދަރިއެއް. ދިރިއުޅެނީ ރާއްޖޭގަ" އުނޭޝް އޮޅުންފިލުވައިދިނެވެ.
"ހެވެއްނު. ތަނަކުން ފެންނަހާ އަންހެނެއް ތިމާގެ ދިރިއުޅުމަށް ގެންނަން ޖެހޭތަ؟ އުނޭޝް ހަނދާންކުރާތި. ތިކުރަން އުޅޭ ކައިވެންޏަށް އަހަރެންގެ ރުހުމެއް ނުލިބޭނެ. އުނޭޝްގެ އަނބިމީހާގެ ގޮތުގައި އަހަރެން ޤަބޫލުކުރާނީ އަބަދުވެސް އިރާނިޔާ. އެކަން ހަނދާންނައްތާނުލާތި" ޙާއިޝާ ތެދުވެގެން ހިނގައިގަތެވެ. އުނޭޝްގެ ނަޒަރު ހިނދުކޮޅަކަށް އުނދުން ކައިރީގައި ހުރި އިރާނިޔާއަށް ހުއްޓުނެވެ. އޭނާގެ ދެލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަމުންދާ މަންޒަރު ފެނުމުންވެސް އުނޭޝްއަށް ކަމަކަށް ނުވިއެވެ. އޭނާ ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.
އަދްޔަން ފަހަތަށް ބަލައިލިއިރު ދެލޯ ކައިރި ފޮހެލަމުން އިރާނިޔާ އަނެއް ފަރާތަށް އެނބުރެނީއެވެ. އޭނާއަށް ރޮވިފައި ހުރިކަން އިނގުމުން އަދްޔަން ހިންދިރުވާލިއެވެ. އޭނާއަކީ ފިރިހެނެއް ކަމުގައި ވިއިރުވެސް އެފަދަ ވަގުތެއްގައި އަންހެނެއްގެ ހިތުގައި ޖެހޭނެވަރު އޭނާއަށް އަންދާޒާ ކޮށްލެވިއްޖެއެވެ. ވަގުތުން އިރާނިޔާގެ މޫޑު ބަދަލުކޮށްލަން އޭނާ ބޭނުންވިއެވެ.
"ދޮންބެދައްތައަށް އިނގޭތަ އެއީ ކާކުކަން. އަހަރެން ކައިރީ ބުނެބަލަ. މިރަށުން ފައިބައިގެންދާވަރު ކުރާނަން" އިރާނިޔާ ކައިރީގައި ހުއްޓިލަމުން އަދްޔަން ބުނެލިއެވެ.
"އަދޫއަށް ކޮންކަމެއް ކުރެވޭނީ" ފަނޑު ހިނިތުންވުމަކާއެކު އިރާނިޔާ ބުނެލިއެވެ.
"ބުނީމަތާ އިނގޭނީ. ނިކަން ބުނެބަލަ. ކޮންތާކު އުޅޭ މީހެއް އެއީ؟" އަދްޔަން އެހިއެވެ.
"މިގެއާއި ވަރަށް ދުރުގަ. ތަމަންނީ އޭނައަށް ކިޔަނީ. މިރަށުގަ އެބައުޅެޔޭ ޒަމް ބުނި" އިރާނިޔާ ވާހަކަދެއްކިއެވެ.
"ހޫމް… މިހާރުން މިހާރަށް ތިމަންނީ މިރަށުން ބޭލުމުގެ މަސައްކަތް މިފެށީ…" އަދްޔަން ސީރިޔަސްކަން މޫނު މައްޗަށް ގެންނަމުން ބުނެލިއެވެ.
"ހެހެހެ… ތިމަންނީއެއް ނޫން. ތަމަންނީ ކިޔަނީ.." ހީލަމުން އިރާނިޔާ ބުނެލިއެވެ.
ނިދާ ވަގުތު ފަހަނައަޅާ ދިޔައިރުވެސް ޝެނަލް އިނީ އެނދުގެ ހެޑް ބޯޑުގައި ލެގިލައިގެންނެވެ. ލައިގެން އިން ސާފު ހުދުކުލައިގެ ޓީޝާޓް އޭނާގެ ދޮން ހަށިގަނޑާ ނުލާހިކު ގުޅެއެވެ. ކޮޓަރިތެރެ މާބޮޑަށް ފިނިވާހެން ހީވާން ފެށުމުން އޭސީ އެންމެ މަޑުކޮށްލިއެވެ. އަލުން އެނދަށް އެރީ ފޮތް ހަރުގަނޑުން ވާހަކަފޮތެއް ހިފައިގެންނެވެ. އަތް ކަހާލަން ކުރެވުނު ހަރަކާތެއްގެ ތެރެއިން އޭނާއަށް އަތުގައި ހަލާކުވެގެން ރަތްބޭސް ހާކާފައިވާ ތަންކޮޅު ފެނިއްޖެއެވެ. ވާހަކަފޮތް ދުރުގައި ބޭއްވުމަށްފަހު އެތަނުގައި މަޑުމަޑުން އިނގިލި ބީއްސާލިއެވެ. އިޚްތިޔާރަކާނުލާ އޭނާއަށް ހިނިތުންވެވިއްޖެއެވެ. އަދްޔަންގެ ފުރިހަމަ ތަސްވީރު އޭނާގެ ހިނިތުންވުމާއި ހަމައަށް ފޯރައިފިއެވެ. ދުވަހަކުވެސް ފެނިފައިނުވާ އެޒުވާނާގެ ތަސްވީރު ހިތުގައި ކުރަހާ ލެވިއްޖެއެވެ. ބާލީސްމަތީގައި އަރިއަކަށް އޮށޯވެވުނު އިރުވެސް އޭނާގެ ހިނިތުންވުން ފަނޑުނުވެއެވެ. އަދި އެއްފަހަރު އެ ސޫރަ ދެކިލަން އޭނާގެ ހިތްއެދެން ފަށައިފިއެވެ.
ޚިޔާލުތަކުގައި އޮވެފައި އޭނާ ކޮޓަރިން ނިކުންނަން ވިސްނީ ބަދިގެއަށް ދިޔުމަށެވެ. އޭރު ގަޑިން ބާރަޖަހަން ދެތިން މިނިޓް ހުއްޓެވެ. އިސްތަށިގަނޑުގައި ދޫކޮށް ހުޅިއެއް ޖަހާލައިގެން ކޮޓަރިން ނިކުމެގެން ދިޔަ ޝެނަލްއަށް ހުއްޓެވުނީ ތަމަންނީގެ ކޮޓަރި ތެރެއިން ސަބްރީން ފެނުނުހެން ހީވުމުންނެވެ. އިތުރަށް ޔަޤީން ކޮށްލުމަށްޓަކައި އެކޮޓަރިއަށް ބޯދިއްކޮށްލާފައި ބަލައިލިއެވެ. އޭރު ތަމަންނީގެ އެނދުގައި އިށީނދެގެން ސަބްރީން އިނީ ދޮރާއި ފުރަގަސްވާ ގޮތަށެވެ. އޭނާއަށް ޚައިރާންކަމެއް ލިބުނެވެ. މިފަދަ ވަގުތެއްގައި ތަމަންނީގެ ކޮޓަރީގައި މަންމަ އޭނީ ކޮން އޮލަ ވާހަކައެއްގައި ހެއްޔެވެ؟ މިހާރަކަށް އައިސް އޭނާއަށް ސަބްރީންގެ އެކަހަލަ މަންޒަރުތައް ވަރަށް ގިނައިން ފެނެއެވެ. އޭނާއަށް ވުރެ ބޮޑަށް ތަމަންނީއާއި މަންމައާއި ދެމެދު އޮތް ގުޅުން ރަނގަޅުހެން ހީވެއެވެ. ޔަޤީނެވެ. މަންމަ ކޮންމެސް ކަމެއް ސިއްރު އެބަކުރެއެވެ. ވިސްނުމެއްގައި ހުރެފައި ޝެނަލް ދޮރު ބޮޑަށް ހުޅުވާލާފައި އެތެރެއަށް ވަނެވެ.
(ނުނިމޭ)