ވާހަކަ

ދެކިލަން އެދޭތީ - 04

މާމަގެ ޖުމްލައިން އީވާގެ ތަބީއަތު ބަދަލުވާން ނެގީ ފަޅި ސިކުންތުކޮޅެކެވެ. އަނގޮޓި ބަދަލުކުރުމުގެ ރަސްމިއްޔާތަށް ފަހު އޭނަ އުޅެނީ ޖާދިންއަށް ފިލައިގެންނެވެ. ހޮސްޕިޓަލުގައި ބިޒީ ވަނީ ކަމުގެ ބަހަނާ ދައްކާފައެވެ. ފުރަން ޖެހޭ ދުވަސް ކައިރިވުމުން ހޮސްޕިޓަލުގައި ހަމައަކަށް އަޅުވަންޖެހޭ ކަންތަކުގެ އުޒުރުން އަމިއްލަ މުހުތާދު ހާސިލުކުރިއެވެ. ނަސީބު ދިމާކުރި ގޮތުން ޖާދިން ވެސް އޮފީސް ކަމެއްގައި މިދުވަސްކޮޅު އުޅެނީ އަވަދިނެތިއެވެ. އޭގެ ސަބަބުން އީވާ ދައްކަމުން ދިޔަ އުޒުރުތަކާ މެދު ޖާދިންގެ ހިތުގައި ޝައްކެއް ނުއުފެދުނެވެ.

''މިއަދު މެންދުރަށް ޖެހޭނެ ރަނގަޅު އެއްޗެއް ކައްކަން'' އޮތްދޮވެ ނިންމާލަމުން ހީނާއަށް ބަލައިލި ހާޖަރާ ވާހަކަދައްކަމުން މެންދުރަށް ތައްޔާރު ކުރަންވީ ކާއެއްޗެހިތަކުގެ އިރުޝާދު ދިނެވެ. އެއާއެކު އަދަބުވެރިކަމާއެކު ހީނާ ބޯޖަހާލިއެވެ. އެއަށްފަހު އޭނަ އަވަސްވެގަތީ ގޭގެ ބޮޑު ކައްކާއާ ހަމައަށް މައުލޫމާތު ފޯރުކޮށްދިނުމަށެވެ.

ހީނާއަކީ ނޯކަރުންގެ ހުރިހާ ކަމަކާ ހަވާލުވެހުންނަ ބޮޑު މީހާއެވެ. ހާޖަރާ އެދޭ ގޮތަކަށް ކަންތައް ކުރަން އޭނަ އަބަދުމެ އިސްކަން ދެއެވެ. އެހިތުގައި ހާޖަރާއާ މެދު އޮތްނަ ބިރުވެރިކަމާއި ޖެހިލުންވުމާ ހެދިއެވެ. ނުރުހޭ ކަމަށް ވެއްޖެނަމަ ވެދާނެ ގޮތެއް ހިތަށް ވެސް ގެންނަން ދައްޗެވެ. ކަން އެހެން އޮތުމުން ހުރިހާ އެންމެނަށް ހީނާ ވަނީ ތަމްރީނު ދީފައެވެ. ގޭތެރެ ސާފުކުރުމާއި، ސުފުރާމަތި ތައްޔާރު ކުރުމުން ފެށިގެން ގޮސް ހާޖަރާގެ ދެލޮލުގެ ނޫރު ފަދަ ބަގީޗާއަށް ފެންދިނުމުގައި ވެސް ހާއްސަ ގޮތްތަކެއް ގެންގުޅެން ޖެހެއެވެ. އެއިން ކަމެއް ފުރިހަމަ ނުވެއްޖެނަމަ ހާޖަރާގެ ރުޅިވެރިކަމާ ކުރިމަތިލާން ޖެހޭނެއެވެ. ހާޖަރާގެ އުސޫލުތަކާ ހިލާފުވާ މީހެއްގެ ވަޒީފާ ވެސް ވަގުތުން ގެއްލޭނެއެވެ.

''ކިހިނެއްވަފަ ތިހުންނަނީ؟، ޖާދިންއަށް ގުޅާބަލަ...'' ހީނާ ދިއުމާއެކު ހާޖަރާ ބަލައިލީ އީވާއަށެވެ. ފުން ޚިޔާލަކަށް ގެއްލިފައި ހުރިތަން ފެނި އޭނައަށް ހައިރާންކަން ލިބުނެވެ.

''ލައްބަ...'' މާމަގެ އަޑަށް އީވާ ސިހުނެވެ. މާމަގެ ދެލޮލުން ފެނުނު ޝުއޫރުތަކުން އީވާއަށް ތެޅިގަނެވުނެވެ. އަވަސްއަވަހަށް ފޯނު ނަގައި ޖާދިންގެ ނަންބަރަށް ޑައިލްކޮށްލިއެވެ. އަދި ކަންފަތުގައި ޖައްސާލިއެވެ. ހާޖަރާ ދާން ހިނގައިގަތީ ދެނެވެ. ޖާދިންއާއި އީވާއަށް ވަގުތު ދެމުންނެވެ.

ފޯނު ރިންގްވަމުން ދިޔަ އިރު އީވާއަށް އޭނަގެ ނިޔަފަތީގައި ދަތް އަޅާލެވުނެވެ. ހިތާހިތާ އެދެވެވުން ދިޔައީ ޖާދިން ފޯނަށް ޖަވާބު ނުދިނުމަށެވެ. ނަމަވެސް ތުން ދަމާލެވުނީ ތިންވަނަ ރިންގާއެކު ޖާދިން ފޯނަށް ޖަވާބު ދިނުމުންނެވެ. ޖާދިން ހުރި މާހައުލުގެ ހަލަބޮލިކަމާއި އިވެމުން ދިޔަ މިއުޒިކުގެ އަޑުން އެހުރީ ޖިމްގައި ކަން އީވާއަށް ނަގައިގަނެވުނެވެ. ވާހަކަ ކުރިއަށް ގެންދަންވީ ގޮތެއް ނޭގިފައި އީވާއަށް ހުރެވުނެވެ.

''އީވާ؟...'' އިރުކޮޅެއް ފާއިތުވެ ދިޔައިރު ވެސް އީވާ ވާހަކަނުދެއްކުމުން ޖާދިންއަށް ބުނެވުނެވެ. އަތުގައި އޮތް ހުދުކުލައިގެ ކުޑަ ތުވާލިކޮޅުން މޫނުގައި ހުރި ދަލުގެ އަސަރު ފިލުވާލިއެވެ. އެއަށްފަހު ޖިމް ދަބަސް ތެރޭން ނެގި ފެންފުޅިން ކޯވަރެއް ބޯލިއެވެ. ގިނައިރު ކަސްރަތު ކުރުމުގެ ސަބަބުން ޖާދިން ލައިގެން ހުރި އަޅިކުލައިގެ ކޮނޑުކެނޑި ޓީޝާޓުގެ ކަރުން ފެށިގެން ގޮސް މޭމައްޗާ ހަމައަށް ވަނީ ދަލުން ފޯވެފައެވެ. ހިސާބެއްގެ ވަރުބަލިކަން ވެސް މޫނުމަތިން ފެނެއެވެ. ކަސްރަތީ ހަށިގަނޑަށް ހިފާލާފައި އޮތް ޖިމް ޓީޝާޓާއި ސޯޓުގައި ހުރިއިރު އެބާރުގަދަ މުލައްދަނޑިއާއި ހަށިގަނޑުގެ މަސްތަކުގެ ރީތިކަން ފެނި އަންހެންކުދިންގެ ތޫނު ނަޒަރުތަކުގެ ޝިކާރައަކަށް ޖާދިން ވެފައި ވެއެވެ. އެޖިމަށް އަންނަ ގިނަ އަންހެންކުދިންނަކީ ޖާދިން ދުށުމަށް އަންނަ ކުދިންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ޖާދިން ކައިވެނި ކުރަން އުޅޭ ޚަބަރުން ހިތްދަތި ވިޔަސް އުއްމީދު ގެއްލުވާލާކަށް އެކަކު ވެސް ބޭނުން ނުވާ ކަހަލައެވެ. ޖާދިންއަށް ފަރިދައްކަމުން ދިޔައީ ސަމާލުކަން ހުއްޓޭތޯއެވެ. ނަމަވެސް އެކުދިންނަށް ނޭގުނު ހަޤީޤަތަކީ ޖާދިންގެ ސަމާލުކަން މާކުރިން ވެސް އެހެން އަންހެންކުއްޖަކު އަތުލައިފި ކަމެވެ. ދެން އިތުރު ފަރާތަކަށް އެހިތުން ޖާގައެއް ނެތް ކަމެވެ.

''ޖިމްގަތަ؟...'' އީވާއަށް ބުނެވުނެވެ. ކުރެވުނީ މޮޔަ ސުވާލެއްކަން ރޭކާލުމުން އޭނައަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. މާހައުލުން އިވެމުން ދިޔަ އަޑުތަކުން ވެސް ޖާދިން އެހުރީ ޖިމްގައިކަން އެނގޭހާ ވެއެވެ. ހަމައެއާއެކު ހުކުރުދުވަހުގެ ހެނދުނު އިތުރު ތަނެއްގައި ޖާދިން ނުހުންނާނެއެވެ.

''އާނ، މި ނިމުނީ މިހާރު، ކަމަކުތަ ތިގުޅީ...'' ފެންފުޅީގެ މަތި ޖަހަމުން ޖާދިން ބުންޏެވެ. އެއަށްފަހު ފެންފުޅި ދަބަހަށް ލަމުން ކޮނޑުގައި ޖިމް ދަބަސް އަޅުވާލިއެވެ. ފޯނުގައި ހުރެ އޭނަ މިސްރާބު ޖެހީ ޖިމުން ނިކުތުމަށެވެ.

''ހުކުރަށް ފަހު އާދެވިދާނެތަ؟... މާމަ ބުނެގެން މެންދުރު ކެއުމަށް ދަޢުވަތު ދޭން މިގުޅާލީ...'' އީވާ ބުންޏެވެ. އެޖުމްލައިން ޖާދިންގެ ހިތަށް މާޔޫސްކަން ވެރިވިއެވެ. މާމަގެ ބަދަލުގައި ޚުދު އީވާ އޭނައަށް ދައުވަތު ދިންނަމައޭ ހިތަށް އެރިއެވެ. މޮޔަ ހިތުގެ ގޮވާލުމާ މެދު ޖާދިންއަށް ހިނިތުންވެވުނެވެ. ކޮންމެހެން ވިޔަސް، އީވާއާއި ބައްދަލުވެ ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ލިބޭނެތީ އޭނަ ހިތްހަމަޖައްސާލިއެވެ.

''ޔަޤީނެއްނު... އީވް ބުނީމަ އަހަރެން ނައިސް ހުންނާނަންތަ؟ އެހެން ނޫނަސް މިއަދު އީވް އޮފް ދުވަސް ވީމަ ޑޭޓަކަށް ދާން ވިސްނަމުން ދިޔައީ، ދެން މެންދުރު ބައްދަލުކޮށްފަ މިރޭ ވެސް ބައްދަލުކޮށްލެވޭނެތާ، ސޮރީ އިނގޭ ފާއިތުވި ދުވަސްކޮޅުގައި އީވްއަށް ވަގުތު ނުދެވުނީތީ... ބިޒީކޮށް އުޅުނީމަ އެހެން އެވީ، ދެން ތަކުރާރު ވިޔަކަ ނުދޭނަން...'' މަޢާފަށް އެދެމުން ޖާދިން ބުނެލިއެވެ. އޭނަގެ ރާގުން އީވާއާއި ބައްދަލުކުރަން ކެތްތެރިކަން ކުޑަވެފައި ހުރިކަން އެނގެއެވެ.

އިތުރަށް ފޯނުކޯލް ދިގުކުރަން ބޭނުން ނުވާތީ އީވާ އުޅުނީ ވާހަކަ ކުރުކޮށްލާށެވެ. ހަޤީޤަތުގައި ޖާދިންއާއި ދައްކާނެ އިތުރު ވާހަކައަށް އޭނަގެ ޚިޔާލަށް ނައެވެ. ނަފުސަށް ހިމޭންކަން ވެރިވީއެވެ.

''ދެން ބާއްވަނީ އިނގޭ، ކުޑަ ކަމެއްގަ މިއުޅެނީ...'' އީވާ އަވަސްއަވަހަށް ބުނެލިއެވެ. އޭރު ޖާދިން ވެސް އޭނަގެ ކާރަށް އަރަނީއެވެ. މެންދުރުން އީވާއާއި ބައްދަލުވާނެތީ ލޯބިވާ ވާހަކަ ބުނެލަމުން އޭނަ ވެސް ފޯނު ކަނޑާލިއެވެ.

ކަންފަތާ ވަކިކޮށްލެވުނު ފޯނަށް ބަލަން އީވާއަށް އިރުކޮޅެއް ވަންދެން ހުރެވުނެވެ. ދެކެވުނު ވާހަކައާ މެދު ވިސްނުން ހިންގާލެވުނީ ދެނެވެ.

''އަޅޭ، މާމަ ދިން ދަޢުވަތެކޭ ނުބުނެވުނުނަމަ...'' މުށްކަވާލެވުނު އަތްތިލައިން އޭނަގެ ނިތްކުރީގައި މަޑުމަޑުން އީވާއަށް ޖަހާލެވުނެވެ. އެމޭރުމުން ވާހަކަތަކުގެ ކުރި ފަޅުވާނަމަ ލަސްތަކެއް ނުވެ ޖާދިންއަށް ޝައްކެއް ވެދާނެއެވެ. އެދުވަސް އައިސް އޭނައާއި ކުރިމަތިލައިފިނަމަ ހަޤީޤަތް ސިއްރުކުރަން ހަދާނީ ވެސް ކިހިނެއް ހެއްޔެވެ؟

އީވާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އަމިއްލަ ހިތާއި އިރުކޮޅެއް ވަންދެން މަޝްވަރާކުރަން ހުރުމަށްފަހު އެތެރެއަށް ވަންނަން އޭނަ ހިނގައިގަތެވެ. ތަމްސީލެއްގައި ދުވަސް ހޭދަކުރަން ޖެހިފައިވާ އިރު އެކަމުގެ ހުނަރު އިތުރުކުރަން އެބަޖެހެއެވެ.

*****

މެންދުރެވެ. އިރުގެ ރަތްދަކައަވިން ދުނިޔެ ވަނީ ހޫނު ވެފައެވެ. ވައިރޯޅިއެއްގެ ހިލަން ވެސް ނުވާއިރު އިރުގެ ހޫނުކަމުން ހަންގަނޑު ފިއްސާލާހާވެއެވެ. ހުކުރު ނަމާދު ނިމުމާއެކު މާލާގެ މަގުތައް ހަލަބޮލިވެގެން ދިޔައެވެ. މީހުންތަކުން މަގުތައް ފުރިބާރުވެ ދުއްވާތަކެތީގެ އަޑުފަށްގަނޑު މުޅި މާހައުލުގައި ގުގުމަން ފަށައިފިއެވެ.

ޖާދިން އަންނަން ވާނެ އިރަށް ސުފުރާމަތި ތައްޔާރުކުރަން ނޯކަރުންނަށް އިރުޝާދު ދޭން ހާޖަރާ އުޅެއެވެ. ހާޖަރާ ކަމަކަށް ބޭނުންވެދާނެތީ ލައިލާ ވެސް އެތާނގައި ހުއްޓެވެ. ނަމަވެސް، ލައިލާ ފެންނަ ކަމަށް ވެސް ހާޖަރާ ނުހެދިއެވެ. އެތައް އަހަރެއް ވެގެން ދިޔަކަމުގައި ވިޔަސް އެހިތުގައި އޮތްނަ ނަފުރަތުގެ ދިލަ ހޫނުކަމަށް ނިމުމެއް ނުވާ ކަހަލައެވެ. ލައިލާ ފެނުމުން ވެސް ހިތަށް ފޫހިކަން ވެރިވެގެން ދަނީ އެހެން ވެއެވެ.

ސުފުރާމަތީގައި އަތުރާލެވިފައިވި ކާއެއްޗެހީގެ ވަސްގަނޑު ކާކޮޓަރީގައި ހިފާލާފައި ވިއިރު ކުޅި ދިޔާވާހާ ވެއެވެ. ބިރިޔާނީއާއި، ފިހުނު ކުކުޅާއި، ސެލެޑްގެ އިތުރުން ފޮނި އެއްޗެހީގެ ދެބާވަތެއް ވެއެވެ. ބުއިމަށް ވެސް އަނބާއި، އޮރެންޖްގެ އިތުރުން ކަރާ ޖޫސް ތައްޔާރުކުރެވިފައިވިއެވެ. މޭޒުމަތީގެ ފަޅުކަން ފިލުވާފައިވި އުލާއި ސަމުސަލާއި ތަށިތަކުން ވެސް ޒަމާނީ ކުލަތައް ފާހަނގަ ވެއެވެ.

ސުފުރާއަށް ފަރުވާތެރިކަމާއެކު ބަލައިލި ހާޖަރާގެ މޫނުން ހިތްހަމަނުޖެހުން ފާޅުވެގެން ދިޔައީ ކުއްލިޔަކަށެވެ. ކަމަކާ މެދު ހާޖަރާ ނުރުހިއްޖެކަން ރޭކާލުމައެކު ހީނާގެ އަތްފައި ފިނިވެ ނިތުން ފިނިދަލެއް ހިއްލާލައިފިއެވެ. ސުފުރާއަށް އަވަސް ނަޒަރެއް ދެވުނީ ހާޖަރާ ހިތްހަމަނުޖެހުނު ކަމެއް ހޯދައި ހައްލުކުރުމަށެވެ.

''ކެއުމުގެ ބާވަތްތައް މިހާ މަދީ ކީއްވެތަ؟، އޭރުންވެސް ބުނިން ދޯ ގިނަ ބާވަތެއް ހުންނަން ޖެހޭނެޔޭ... ދެން މި ކިހިނެއް ހަދާފަ ހުރި ސެލެޑެއްތަ!'' ސުފުރާމައްޗަށް އަރުވާފައި ހުރި އެއްޗެހީގެ ރަހަބަލަމުން ދިޔަ ހާޖަރާ ހަޅޭއްފަޅޭއް ޖަހަގައިގަތެވެ. އޭނައަށް އެތާނގައި ހުރި ތަރުކާރީ ސެލެޑު ކަމަކު ނުދިޔައެވެ. ރުޅިވެރިކަމާއެކު އޭނަ ބަލައިލީ ހީނާ އަށެވެ.

''ހަމަ މިހާރު މީތި މިތަނުން ނަގާ!، ޖާދިން އައުމުގެ ކުރިން އެހެން އިތުރު ބާވަތްތަކެއް މިތަނަށް އަރުވާތީ! އަދި ބުނަން!، މިހެދި މީހަކު ދެން މީގެ ފަހުން މިގެއިން މަށަށް ފެނިގެން ނުވާނެ!'' އަތުގެ އިޝާރާތުން އެއްޗެހި ގެންދިއުމަށް ހާޖަރާ އިޝާރާތްކުރިއެވެ. ބޮޑާކަން އޭނަގެ އަޑުގައި ވެއެވެ. މޫނުމައްޗަށް އަރާފައިވި ކުލަވަރުތަކުން ހާޖަރާ ފެންނަ މީހަކު ވެސް ބިރުން ގޮސް ރޫރޫއަޅާނެކަން ގައިމެވެ. އެމަންޒަރު ބަލަން ހުރި ލައިލާ ވެސް ޖެހިލުން ވިއެވެ.

''ލައްބަ ސާހިބާ...'' ހީނާ އަވަސްއަވަހަށް ބުނެލިއެވެ. އެއަށްފަހު ސެލެޑް ހިފައިގެން ވައިސޫރީގެ ބާރު މިނުގައި ގޮސް ބަދިގެއަށް ވަދެއްޖެއެވެ.

''އެއްވެސް ކަމެއް ރަނގަޅަކަށް ނުކުރެވޭނެ މިމީހުނަށް!'' ނުރުހުމާއެކު ހާޖަރާ ބުނެލިއެވެ. އޭނަ ލައިލާއަށް ވެސް ބަލައިލި ރުޅި އައިސްފައި ހުރެއެވެ. ހީވީ ލައިލާ ވެސް ކުށްވެރިވިހެންނެވެ.

''ހާދަ މީރު ވަސް އެބަ ދުވަޔޭ...'' ރުޅިގަދަވެފައި ހުރި ހާޖަރާގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައީ ޖާދިންގެ އަޑަށެވެ. އޭނަގެ ނަޒަރު ކާކޮޓަރީގެ ދޮރާ ހަމައަށް ދަތުރުކުރި ހިނދު ރުޅިވެރިކަން ފިލައި މޫނު މައްޗަށް އުފާވެރިކަން ވެރިވެއްޖެއެވެ. ޖާދިންގެ ފަހަތުން އައިސް ހުއްޓުނު ކަރީމްއަށް ބަލައިލަމުން ހާޖަރާ ހިނިތުންވެލިއެވެ.

''ދަރިފުޅުގެ އިންތިޒާރުގައި މި ހުރީ، އަވަހަށް އިށީންނަން ވީނު...'' ޖާދިންގެ ގާތަށް ހުއްޓުނު ހާޖަރާ ބުނެލިއެވެ. އޭނަ ޖާދިންގެ އަތުގައި ހިފާލަމުން ގެންގޮސް ކާމޭޒުދޮށުން ގޮނޑިއެއްގައި ބޭންދިއެވެ. އެމަންޒަރު ބަލަން ހުރި ކަރީމް ގާތަށް ހިނިއައެވެ. ޖާދިންދެކެ މަންމަ ވާ ލޯބި އޭނައަށް ފެނުނެވެ. މަންމަގެ ހިތުގައިވާ އުއްމީދުތައް ވެސް މެއެވެ.

''މަންމަ މިހާރު އަޅުގަނޑު މަތިން ހަނދާން ނެތުނީދޯ؟'' ހާޖަރާއަށް ބަލައިލަމުން ކަރީމް މޮޅިވެރި ރާގަކަށް ބުނެލިއެވެ. އޭނަ ބޭނުންވީ ހާޖަރާގެ ސަމާލުކަން ހޯދަންށެވެ.

''ދަރިފުޅުގެ އިންތިޒާރުގައި އެހެރީ ލައިލާއެއް ނޫންތަ؟... އެހެންނޫނަސް މިހާރު ޖާދިން ވަރަށް ހާއްސަ ވެއްޖެޔޭ، މިވެސް މިހާރު މިއާއިލާގެ ކުއްޖެކޭ...'' ހިނިތުންވުމަކާއެކު ހާޖަރާ ބުނެލިއެވެ. ޖާދިން ގޮނޑީގައި އިށީނުމުން ކަރީމްގެ ގާތަށް ޖެހިލަމުން ބުރަކަށީގައި ފިރުމާލިއެވެ. ހީވީ ކަރީމް ރުއްސަން އުޅުނު ހެންނެވެ. އެއާއެކު އެންމެންގެ ހުނުމުގެ އަޑު ކާކޮޓަރީގައި ގުގުމާލިއެވެ.

އީވާއަށް ކާކޮޓަރިއަށް އާދެވުނު އިރު އެންމެން ވެސް ކާމޭޒުދޮށުގައި އިށީނދެއްޖެއެވެ. ފަހަރަކު މީހެއްގެ މޫނަށް ނަޒަރު ހިންގާލަމުން އީވާ ހިނިތުންވެލިއެވެ. އޭނަ މިސްރާބުޖެހީ އޭނަ އާންމުގޮތެއްގައި އިންނަ ގޮނޑީގައި އިށީނުމަށެވެ. ބައްޕަ ގާތުގައެވެ. ނަމަވެސް އޭގެ ކުރިން އޭނައާއި މާމަ ބަދަލުކޮށްލި ނަޒަރާއެކު ހުއްޓެވުނެވެ. މާމަ ލޮލުގެ އިޝާރާތުން އެންގީ ޖާދިން ގާތު އިށީނުމަށެވެ. ދެކޮޅުހެދެވޭ ގޮތެއް ނުވިއެވެ. އެކަމުގައިވެސް އަމިއްލަ އިހްތިޔާރެއް ނެތް ފަދައިން ލުއި ފިޔަވަޅުތަކެއްގައި ގޮސް ޖާދިންއާއި ޖެހިގެން ހުރި ގޮނޑީގައި އީވާ އިށީނެވެ.

މެންދުރުގެ ކެއުން ފެށިގެން ކުރިއަށް ދިޔަ އެވެ. ކާއެއްޗެހި މީރުވެގެން ޖާދިން ތައުރީފު ކުރިއެވެ. އެއާއެކު ހާޖަރާގެ ތުންފަތުގައިވި ހިނިތުންވުން ފުން ވިއެވެ. އޭނަ ބަސްމާއާއި އާރަބްގެ ހާލު ވެސް އޮލުން ފިލުވިއެވެ.

''ބައްޕަ އެބައުޅޭ މަންމަ ގޮވައިގެން އިންޑިއާއަށް ދާން...'' ޖޫސްތަށިން ކޯވަރެއް ބޯލަމުން، ހާޖަރާގެ ސުވާލުތަކަށް ޖާދިން ޖަވާބު ދިނެވެ.

''އަނެއްކާ ކިހިނެއް ވީތަ؟...'' ހާޖަރާގެ ސަމާލުކަން ޖާދިންއަށް ހުއްޓުނެވެ. އަތުގައި އޮތް އުލާއި ސަމުސާ އެބެހެއްޓުމަށް ހާއްސަކުރެވިފައި އޮތް ފޮތިކޮޅުމަތީ ބާއްވަމުން ޖާދިންއަށް އޭނަ ބަލައިލިއެވެ.

''މަންމަ ޗުއްޓީއަކަށް ދާން ބޭނުންވާތީ، މާމައަށް އެނގެއެއް ނޫންތޯ މަންމަ ޝޮޕިންގްކުރުމަށާއި ޗުއްޓީއަށް ދިއުމަށް ބޭނުންވާ ވަރު...'' ހުނުމަކާއެކު ޖާދިން ބުނެލިއެވެ. އެކަމާ ހާޖަރާ ވެސް އެއްބަސް ވެލިއެވެ.

''މާމައަށް ކަމެއް ފާހަނގަ ވެގެންނޭ ދަރިފުޅު މިއަދު ގެނައީ...'' ހާޖަރާގެ ޖުމްލައިން އީވާ ކޮށި ނޭރީ ކިރިޔާއެވެ. ހަފަމުން ދިޔަ ބަތް ސުވާ ދިރުވާލެވުނީ ނިކަން އުނދަގުލުންނެވެ. އަވަސްވެފައިވި ހިތަކާއެކު ފެންތަށި ތުނބުގައި ޖައްސާލަމުން އެއްނޭވާއިން ހުސްކޮށްލެވުނެވެ. މާމައަށް އޭނަ ބަލައިލި އިރު ހިތަށް ނުތަނަވަސްކަން ވެރިވެއްޖެއެވެ. މާމަގެ ޖުމްލައިގެ މާނަ ނަގަންވީ ގޮތެއް ނޭގި މީހާ ފިނިވާން ފެށިއެވެ. މާމައަށް ޝައްކުވީ ހެއްޔެވެ؟

''ކޮން ކަމެއްތޯ؟'' އީވާގެ ހިތުގައި އޮތް ސުވާލު ބޭރުވެގެން ދިޔައީ ޖާދިންގެ ދުލުންނެވެ. އޭރު ޖާދިން ވެސް އިނީ ހާޖަރާއަށް ބަލަހައްޓައިގެންނެވެ.

''ދަރިފުޅާއި އީވާ ވަރަށް އަވަދިނެތިއެއްނު މިދިޔަ ހަފްތާގައި އުޅުނީ، ބައްދަލުވާނެ ފުރުސަތެއް ވެސް ނުލިބިއެއްނު، މާމައަށް އެކަން ފާހަގަ ވީމަ ޖާދިން މިއަދު ގެނައީ ވެސް، ތިހާ ޅައުމުރުގަ ކަންކަމާ ބިޒީވާކަށް ނުވާނެ، އާއިލާއަށް ވަގުތު ދޭން ވާނެ، ހާއްސަކޮށް ކައިވެންޏެއް ކުރަން އުޅޭއިރު އީވާއަށް ވަގުތު ދޭން ވާނެ...'' ހާޖަރާ ނަސޭހަތް ދިނެވެ.

ހިތްހަމަޖެހުމުގެ ނޭވާއެއް އީވާއަށް ދޫކޮށްލެވުނީ ސިކުނޑި ހާސްކުރުވި ފަދަ ވަހުމެއް މާމަގެ ހިތުގައި އުފަންވެފައި ނެތްކަން ޔަޤީން ވީތީއެވެ. ފިނިވެފައިވި ދެއަތް ތިލަ ގެނެސް ޖޯޑުކޮށްލަމުން ހިތް ހަމައަކަށް އަޅުވަން އޭނަ މަސައްކަތްކުރިއެވެ. މިހާވަރުން ދަންޏާ އޭނައަށް ހިފަހައްޓާލެވޭނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟

''މާމަ ތިބުނުއްވީ ތެދު ވާހަކައެއް، މީގެ ފަހުން އަޅުގަނޑަށް ވެވުނު ވަރަކުން އީވްއަށް ވަގުތު ހުސްކުރާނަން...'' ޖާދިން ޔަޤީންކަން ދިނެވެ. އެކަމާ ހަޖާރާ އުފާވިއެއްކަމަކު، އޭނަގެ ހިތުގައި އޮތް ޚިޔާލު އަނެއްކާ ވެސް ފެންމަތިކޮށްލިއެވެ.

''މާމަ އޭރު ވެސް ބުނިހެން ކައިވެނިކޮށްގެން އީވާ ދާނެނަމަ ކިހާ ރަނގަޅު ވީސް، އޭރަށް ޖާދިންއަށް ވެސް އެކުގައި ދެވޭނެތާ، ދެކުދިން އެކުގައި އެކޮޅުގައި ދުވަސްތައް ހޭދަކުރެވޭނެތާ...'' ހާޖަރާ ބުނެލިއެވެ. އޭނަގެ ޖުމްލައިން ކާމެޒު ދޮށަށް ހިމޭންކަން ވެރިވިއެވެ. ޖާދިންއަށް ބަލައިލެވުނީ އީވާއަށެވެ. މާމަގެ އެސުވާލަށް ޖަވާބު ދޭން ނޭގުމުންނެވެ. އީވާ ވެސް އިނީ ހިމޭންވެފައެވެ. އެކަމަށް ވާހަކަދައްކަން އޭނަ ބޭނުން ނުވާ ކަހަލައެވެ.

ޖާދިންއާއި އީވާއަށް ފަރުވާތެރިކަމާއެކު ބަލައިލި ކަރީމް ވާހަކަދައްކަން ފެށިއެވެ. ޖަދިންއާއި އީވާގެ ނިންމުން ދިފާއުކޮށްފައެވެ.

''މަންމާ، ކިހިނެއްތަ ޖާދިން އެކޮޅުގަ މަޑުކުރާނީ، މިކޮޅުގަ ވިޔަފާރި ބަލަހައްޓަން ޖެހޭނެ އެއްނު، އަނެއްކާ މިހާރު ރިސޯޓު ވިޔަފާރި ވަރަށް ވާދަވެރި، ހުރިހާ ކުންފުންޏަކުން ތިބެނީ އަނެއް ކުންފުންޏެއްގެ މައްޗަށް ކުރި ހޯދަން ތައްޔާރަށް، ޖާދިން ވެސް ސީއީއޯއަކަށް ވިތާ ގިނަ ދުވަހެއް ނުވޭ، ދެން ކިހިނެއްތަ ވިޔަފާރި ދޫކޮށްފަ ގޮސް އީވާ ގާތު ހުންނާނީ... ދެން އީވާއަށް ވެސް ފަސޭހަ ވާނީ ކިޔެވުން ނިންމާފަ ކުރިއަށް ދިޔައީމައެއްނު، ކިޔަވާއިރު އެކަމަށް މުޅިން ވަގުތު ހުސްކުރަން ވާނެ... އަނެއްކާ ކައިވެންޏަށް ފަހު ދެމަފިރިން ދެތަނެއްގައި އުޅުމުން ވަގުތު ނުދެވިދާނެ، އެހުރިހާކަމަކަށް ވިސްނާފައޭ ކިޔެވުން ނިމެންދެން މަޑުކުރަން އީވާ ވެސް އަދި ޖާދިން ވެސް އެދެނީ...''

ކަރީމް ބުނެލިއެވެ. އޭނަގެ ވާހަކަތަކުގައި ކުރިފަޅައިގެން ދިއުމުގެ ކޮޅުމަތި ނުފެނުމުން އެވާހަކަ އިތުރަށް ކުރިއަށް ގެންދިއުމުގެ ޚިޔާލު ހާޖަރާ ދޫކޮށްލީ ހިތާއި ދެކޮޅަށެވެ. ހިތުގައިވި ޒީލަގަދަކަމާ ހުރެ އޭނައަށް އެކަން ކުރުން ވީ އުނދަގޫ ކަމަކަށެވެ.

*****

މެންދުރުގެ ކެއުމަށް ފަހު އީވާ ނިކުތީ ބަގީޗާއަށެވެ. މެންދުރުގެ ހޫނު ގަދަ އަވި އައިސް ހަންގަނޑު ފިއްސާލަން އުޅުމުން ގަސްތަކުގެ މަދަދުވެރިކަމަށް އެދެވުނެވެ. މެދު ގޯތީގައި ހުންނަ އަނބުގަހުން ބޮޑު ސަރަހައްދަކަށް ހިޔާދީފައި އޮތެވެ. އެދިމާލުގައި އިހުޒަމާނުގެ އުނދޯޔެއް ވެސް ހުރެއެވެ. އުނދޯލި މައްޗަށް ވާހެން އަރުވާފައި އޮތް ޗަންޕާޕޫލުގަސް ވަނީ މާތަކުން ބަރާވެފައެވެ. ބައެއް މާތައް އޮފިތަކުން ވަކިވެ އުނދޯލިމައްޗަށް ވެސް ފައިބާފައި ހުއްޓެވެ.

މަލުގެ ލުއިލުއި މީރުވަހުން ސިކުނޑި ތާޒާކޮށްދިނެވެ. އުނދޯލީގައި އިށީންނަމުން ދީފައި އޮތް ކޮކާއައްވަށް އީވާ ނަޒަރު ހިންގާލިއެވެ. ހިތާއި ސިކުނޑިއާ އޭނަ މަޝްވަރާތަކެއް ކުރަމުން ދިޔައެވެ. ދިރިއުޅުމުގައި ކަންތައް ކުރަންވީ ގޮތަކާ މެދުގައެވެ. އޭނަ އެންމެ ބޮޑަށް ބިރުގަންނަނީ ހަޤީޤަތް ހާމަވެދާނެތީއެވެ. އޭރުން ކަންތައް ވެދާނެ ގޮތް ޚިޔާލަށް ވެސް ގެންނަން ދައްޗެވެ. އުދާސީ ފަލްސަފާއާ މެދުގައި ވިންނަން އިނދެވުނެވެ. އެގޮތުގެ މަތީން އިރުކޮޅެއް ފާއިތުވިތަނާ އެދިމާއަށް އަންނަ ޖާދިން އޭނައަށް ފެނުނެވެ. އާދައިގެ މަތީން އެތުންފަތުގައިވަނީ ރީތި ހިނިތުންވުމެކެވެ. ހިތާމައަކީ އެހިނިތުންވުމުން އޭނަގެ ދިލަ ހިތަށް ރާހަތެއް ނުލިބޭތީއެވެ.

''ސޮރީ އިނގޭ...'' އީވާގެ ގާތުގައި އުނދޯލީގައި އިށީންނަމުން ޖާދިން ބުންޏެވެ.

''ކޮންކަމަކާތަ؟'' އީވާއަށް އަހާލެވުނެވެ. ޖާދިން ބޭނުންކޮށްގެން ހުރި ލުއި ސެންޓްވަސް ނޭފަތުގައި ޖެހުމުން ބޭއިހްތިޔާރުގައި އެތެރެއަށް ނޭފަތް ދަމާލެވުނެވެ. ސިކުނޑި ވެސް ތާޒާވެގެން ދިޔަ ކަހަލައެވެ.

''އީވްއާ ބައްދަލު ނުކުރެވުނީތީ...'' ޖާދިން ހީކުރީ އީވާ އިނީ މާޔޫސްވެފައި ކަމަށެވެ. އެމޫނުގެ ކުލަވަރުތައް އޭނައަށް ދިރާސާކުރެވުނީ އެފަދަ ގޮތަކަށެވެ. ''ދެން ބިޒީ ވިޔަސް އީވްއަށް ވަގުތު ހުސްކުރާނަން...''

''އިޓްސް އޯކޭ...'' އީވާ ޖުމްލަތައް ކުރެވެ.

''މާމަ އޭރު ދެއްކި ވާހަކައާ މެދު ފިކުރު ބޮޑު ނުވައްޗޭ، އަހަރެން ވެސް ބޭނުވީ އީވް އެދޭ ގޮތަށް ކަންތައް ކުރަން...'' ކާމޭޒު ދޮށުގައި ހާޖަރާ ދެއްކި ވާހަކައާ ގުޅުވާލަމުން ޖާދިން ބުންޏެވެ. އީވާ ބޯޖަހާލިއެވެ.

''ފުރާ ދުވަސް ވެސް ކައިރިވަނީދޯ؟...'' އީވާއަށް ބަލައިލަމުން ޖާދިން ބުނެލިއެވެ. އަޑުގައި މަޑުމޮޅިކަން އެކުލެވިފައި ވިއެވެ. އީވާއާއި ވަކިވާން ބޭނުން ނުވާކަން ޖާދިންގެ ދެލޮލުގައިވި ޝުއޫރުތަކުން ހާމަކޮށްދެއެވެ. ނަމަވެސް، އަމިއްލަ އެދުން އިސްކުރާކަށް އޭނަ ބޭނުމެއް ނޫނެވެ. އީވާގެ ހުވަފެންތައް ހަޤީޤަތަކަށް ވުމުގެ އެއްވެސް ދޮރެއް އޭނަ ބަންދެއް ނުކުރާނެއެވެ. އެއަށް ވުރެން ބޮޑަށް އީވާ ދެކެ އޭނަ ލޯބި ވެއެވެ.

''މަދު ދުވަސްކޮޅެއް ބާކީ އޮތީ...'' އީވާ ބުނެލިއެވެ. އޭނައަށް މިހާރު އިންތިޒާރުކުރެވެނީ ފުރައިގެން ދެވޭނެ ދުވަހަކަށެވެ. ރާއްޖޭގެ މާހައުލާ ދުރަށް ދާން ބޭނުން ވާތީއެވެ. އޭރުން އޭނަގެ ހަޔާތުގެ ރާސްތާއާ މެދު ފުންކޮށް ވިސްނުމުގެ ފުރުސަތު އޭނައަށް ފަހިވެގެން ދާނެއެވެ. ކުރިއަށް ދާންވީ މަޤުސަދު ވެސް ސާފުކޮށްލެވޭނެއެވެ. މިނިވަންކަމާއެކު ފިކުރުތަކާ ދުރުގައި ދުވަސްތައް ހޭދަކޮށްލެވޭނެއެވެ.

''ހުރިހާ ކަމެއް އޯކޭވެއްޖެތަ؟...'' ޖާދިން އެހިއެވެ. އެއްވެސްކަމެއްގައި އީވާއަށް އުނދަގުލެއް ވޭތޯ ޔަޤީންކުރަން އޭނަ ބޭނުން ވިއެވެ. ޔުނިވާރސިޓީގެ ކަންތަކާއި ރައުހާގެ އެޕާރޓްމެންޓްގެ ކަންތައް ވެސް އޭނަ އޮޅުން ފިލުވިއެވެ.

ޖާދިން ބަންޑުންކޮށްލި ހުރިހާ ސުވާލުތަކަށް އީވާ ޖަވާބުދާރީ ވިއެވެ.

''އީވް ފުރުމުގެ ކުރިން އަހަރެން ކަމަކު އެދެން ބޭނުން...'' ވާހަކައިގެ ތެރޭން ޖާދިން ބުނެލިއެވެ. އެކަމަށް އީވާގެ ސަމާލުކަން ހުއްޓުނެވެ. ހިތުގައި އުފެދިގެން އައި ސުވާލުތަކާއެކު ހިތް އަވަސްވެއްޖެއެވެ. ޖާދިން އެދެން އެއުޅެނީ ކޮން ކަމަކަށް ހެއްޔެވެ؟

''އީވް ފުރަން ދެން އަހަރެން ބޭނުން އެކުގައި ވަގުތު ހޭދަކޮށްލަން... މާދަމާއަކީ ހޮސްޕިޓަލަށް ނިކުންނަން ޖެހޭ ފަހު ދުވަސް ދޯ؟... އެހެންވީމާ މާދަމާ ރޭ އަހަރެން އަންނާނަން އީވް ބަލާ، އަހަރެން ބޭނުން ފުރުމުގެ ކުރިން ރޮމޭންޓިކް ޑޭޓަކަށް ދާން އަދި އީވް ބޭނުންވާ ކަމެއް ވާނަމަ އެކަމެއް ފުރިހަމަކޮށްދޭން ވެސް...'' ޖާދިން ބުނެލިއެވެ.

*****

ދުވަސްތައް ފާއިތުވަމުން ގޮސް އީވާ ފުރަން އޮތް ދުވަސް ވެސް އައިސްފިއެވެ. ފޮށިތަންމަތި ތައްޔާރުކުރެވުމާއެކު، ފޮށީގެ ޒިބު ދަމާލަމުން އީވާ ހިންދެމިލިއެވެ. ހަމަޖެހުމުގެ އަސަރު އޭނަގެ މޫނުމަތިން ފެނެއެވެ. ޚިޔާލުތަކެއްގައި ތެރޭގައި ވަނިކޮށް ގަދަޔަށް ގުގުރައިގަތް އަޑަށް އޭނަ ސިހޭ ގޮތް ވިއެވެ. އެވަގުތަކީ ކޮޓަރީގެ ދޮރުގައި މީހަކު ޓަކިދިން ވަގުތު ވެސް މެއެވެ.

(ނުނިމޭ)