ވާހަކަ

އަންނަންދެން ހުންނާނަން ލޯބިން ތިޔަ އިންތިޒާރުގައި : 01

9

ފުރަތަމަ ބައި

ކަޅުކުލައިގެ ދަބަސް ކޮނޑުގައި އަޅުވައިގެން ގޭތެރެއަށް ވަން އަދްޔަންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ހާއިޝާ އޭނާގެ ބޮޑު ފިރިހެން ދަރިފުޅު އުނޭޝްގެ ގެ ކޮޓަރިއާއި ދިމާލަށް ދުވެފައި ދިޔަ މަންޒަރު ފެނިފައެވެ. ދޮރުފަތެއްގައި އެއްޗަކުން ތަޅަމުން ދިޔަ ކަހަލަ އަޑެއް އޭނާގެ ކަންފަތުގައި ޖެހުނީ ކުއްލިއަކަށެވެ. މުޅި ގޭތެރެއަށް ވެރިވެފައިވާ ހިމޭންކަމުގެ ތެރެއިން އެ އަޑު ކަންފަތުގައި ޖެހުމުން އޭނާ އެދިމާލަށް ހިނގައިގަތެވެ. ކޮނޑުގައި އޮތް ދަބަސް ސޯފާމައްޗަށް ދޫކޮށްލާފައި އޭނާގެ ފިޔަވަޅުތައް އަވަސްކޮށްލީ ބޭބެގެ ކޮޓަރިއާއި ދިމާލަށެވެ. އެވަގުތު ބަދިގެއިން ނިކުތް ލަންކާ އަންހެނަކަށް އިޝާރާތުން އޭނާގެ ދަބަސް ދައްކައިލިއެވެ. ކަންތައް ކުރަންވީގޮތް އެ އަންހެންމީހާއަށް އިނގުނު ކަހަލައެވެ. އަދްޔަންގެ ދަބަސް ހިފައިގެން ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. އެމީހާގެ މޫނުމަތިންވެސް ފެންނަނީ ހާސްކަމާއި ކަންބޮޑުވުމެވެ.

"މަންމާ…!!" އުނޭޝްގެ ކޮޓަރީ ދޮރުގައި ތަޅަމުންދިޔަ އަންހެންކުއްޖެއްގެ ބުރަކަށީގައި ފިރުމަމުންދިޔަ ހާއިޝާގެ ދެލޮލުން ކަރުނަ އަދްޔަންއަށް ފެނުނީ އެދެމައިންނާ ދާދި ގާތަށް އޭނާއަށް ދެވުނު ފަހުންނެވެ.

"މަންމާ…! ކިހިނެއްވީ..؟ ފަހަރި…! ދޮންބެއަށް ކަމެއްވީތަ؟" ހާއިޝާގެ ކޮނޑުގައި އަތް ޖައްސައިލަމުން އަދްޔަން އަހައިލިއެވެ.

"ދަރިފުޅާ…! ދޮންބެއަށް ގޮވައިބަލަ. ބުނެބަލަ މިތަން ހުޅުވާށޭ… ކޮންމެ ގޮތަކަށް ކަންތައްވިޔަސް މި މަންޖެގެ ބަނޑުގައި މިއޮތީ އޭނަގެ ދަރިއެއްނޫންތަ…؟ އިރާނިޔާ ދަރިފުޅާ.. ﷲ އަށްޓަކައި ހިނގާ މަންމައާއެކު…" ދޮރުފަތުގައި މޫނު ޖައްސައިލައިގެން ރޯންހުރި އިރާނިޔާ އަތުގައި ހިފާ ދޮރާއި ދުރުކުރަމުން ހާއިޝާ ބުނަމުން ދިޔައެވެ. އިރާނިޔާ ރޮމުން ދިޔަވަރު ފެނިފައި އަދްޔަންގެ ހިތަށްވެސް ވަނީ އަސަރުކޮށްފައެވެ.

ފިނިފެން ތައްޓެއް އަދްޔަންގެ ކުރިމަތީގައި ބަހައްޓާފައި ހާއިޝާ އިށީނީ އޭނާގެ ކުރިމަތީގައި ހުރި ގޮނޑީގައެވެ. ދެއަތްތިލަ ގުޅުވާލައިގެން ގެނެސް މޭޒުމަތީގައި ބާއްވާލައިގެން އިސްޖެހިފައި އިން އަދްޔަން މަންމައަށް ބަލައިލިއެވެ. އަދިވެސް ހާއިޝާގެ މޫނުމަތީގައިވީ ހިތާމައިގެ އަސަރެވެ.

"ކޮބާ ދޮންބެދައްތަ މިހާރު؟" އަދްޔަން އަހައިލިއެވެ.

"ވަރަށް ރޮއިފަ ނިދައިފި. މިއަދު ރަނގަޅަށް ކެއީއެއްވެސް ނޫން" ހާއިޝާގެ އަޑު ކުރެހިގެން ދިޔައެވެ. އޭނާގެ އަޑުންވެސް އިރާނިޔާއާއި މެދު އޭނާ ކަންބޮޑުވެފައިވާ މިންވަރު ހާމަވެއެވެ.

"އަޅުގަނޑު ހެނދުނު ދިޔައިރު ވަރަށް ރަނގަޅަށް ހުރީ. ކުއްލިއަކަށް ކިހިނެއްވީ؟ އަނެއްކާ އެވާހަކަ ގޭތެރޭގެ ދެކެވުނީތަ؟" އަދްޔަން އަހައިލިއެވެ.

"މަންމަ ވަރަށް ކިޔާވަރުން މިތާ ޖޫސްތައްޓެއް ބޯން އިނީ. މަންމަ ކަމްލާއަށް އެއްޗެއް ކިޔައިދޭންވެގެން ފުރަގަސްޖެހިތަނާ ކުއްލިއަކަށް ދުއްވައިގަތްތަން ފެނުނީ. މަންމަ އެހާ ބާރަށް ފަހަތުން ދިޔައިރު އެދޮރުގައި ތަޅަމުން އުނޭޝްއަށް ގޮވަމުން ދިޔައީ" ދެލޯ ކައިރި ފޮހެލަމުން ހާއިޝާ ވާހަކަދެއްކިއެވެ. ދުވަސްވެފައިވާ މަންމަގެ ދެލޮލުން ކަރުނަ ފެނުމާއެކު އަދްޔަން ހިމޭންވެއްޖެއެވެ. ދެކެން ބޭނުންވާ މަންޒަރެއްނޫނަސް ބޭބެގެ ފަރުވާކުޑަ އަމަލުތަކެއްގެ ސަބަބުން އެދުވަސް އޭނާ ދެކެން ޖެހިއްޖެއެވެ.

"އަހަރެންނަށް ތި ތިންކުދިންނަށް ނުކޮށްދެވެނީ ކޮންކަމެއް؟ ދެވުނީ އެންމެ ރަނގަޅު ތަރުބިއްޔަތެއްނޫންތަ؟ ފައުޒީ ނިޔާވެގެން ވެއްޓުނީވެސް ތި ތިންކުދިންގެ ހައްޤުގައި މަސައްކަތްކުރަމުން ދަނިކޮށް. ހަށިގަނޑު ނިކަމެތިވެ ބަލި އެންމެބޮޑު ވިއިރުވެސް މަސައްކަތްކުރީ ކަލޭމެންގެ ތިންކުދިންގެ ދިރިއުޅުން އާރާސްތުކުރުމަށް ކުރެވެން ހުރި މަސައްކަތެއް އޮތިއްޔާ އެކަމެއްކުރަން. ނަތީޖާވެސް ނެރުނު. ދިރިއުޅެން ބޮޑު ގެއެއް އިމާރާތްކޮށްދިން. އޭނާއަށް ލިބުނު މުދަލާ ފައިސާ ތިންކުދިންގެ މައްޗަށް އެއްވަރަށް ބެހި. ރަށުގެ ދެކުނުފަރާތު އެއޮށްބޮޑު ރުށްދަނޑު އެއޮތީ އުނޭޝްގެ ނަމުގަ. ދެ ކަންނެލި ދޯނި އެ އޮތީ އަދްޔަންގެ ނަމުގަ. އެކުއްޖަކު ބޭނުންވާ ރޮނގަކުން ކިޔެވުމުގެ ފުރުސަތު ހޯދައިދިން. ދެން އަހަރެމެންގެ ދެމަފިރިންގެ ފަރާތުން ތަރުބިއްޔަތުގެ ކޮން ފިއްޔެއް އުނިވެގެން އުނޭޝް އެހެން ކަންތައްކުރަނީ" ކުރިމަތީގައި އިން މަންމަ ރޯމަންޒަރު ފެނި އަދްޔަން އިނީ އިސްއުފުލާ ބަލައިލަންވެސް ނުކެރިފައެވެ. އެ މަންމަ ރޮއްވުމަކީ އޭނާ ކުރާހިތްވާ ކަމެއްނޫނެވެ. ދުވަހަކު ކުރަން ހިތަށް ވެސް އަރާނެ ކަމެއް ނޫނެވެ.

ފައުޒީއަކީ އުމުރުން އެންމެ ސަތާރަ އަހަރުން ފެށިގެން އެ އަތޮޅުގައި އެންމެ ނަން މަޝްހޫރު ވިޔަފާރިވެރިޔާ މާލިކްގެ ދަށުން ވަފާތެރިކަމާއެކު މަސައްކަތްކުރި މާލިކްގެ މުވައްޒިފެކެވެ. ފައުޒީގެ ހިތްހެޔޮކަމާއި ހަރުދަނާކަމުގެ ސަބަބުން މާލިކްގެ އެންމެ އިސްމީހެއްގެ ގޮތުގައި ފައުޒީ ހަމަޖެހިގެން ދިޔައެވެ. ހާއިޝާއާއި ފައުޒީ ދިމާވެ ކައިވެންޏާ ހަމައަށް ދިޔައީ މާލިކާއެކު ވިޔަފާރި ދަތުރެއްގައި އަތޮޅު އެހެން ރަށަކަށް ކުރެވުނު ދަތުރެއްގެ ތެރެއިންނެވެ. ހާއިޝާއަކީ މައިންބަފައިން ދުނިޔޭގައި ނެތް ނިކަމެތި އަންހެންކުއްޖަކަށް ވީތީ އެކައިވެންޏަށް ހުރަހަކަށް ވާނެ އެއްވެސް މީހެއްނެތެވެ. އުފަން ރަށަށް ހާއިޝާ ގޮވައިގެން އައީ އޭނާގެ އަންބެއްގެ ދަރަޖަ ދީގެންނެވެ.

ކައިވެންޏަށް މާގިނަ ދުވަހެއް ނުވަނީސް އުނޭޝް ލިބިއްޖެއެވެ. ފައުޒީގެ ބަލީގެ އެންމެ ފުރަތަމަ އަލާމާތްތައް ފެންނަން ފެށީ އުނޭޝްއަށް ދެ އަހަރުވާން ގާތްވެފައި ވަނިކޮށެވެ. އެފަހަރު މާލިކްގެ ހާއްސަ ހުއްދައެއްގެ ދަށުން ފައުޒީ މާލެ ގެންގޮސް ޓެސްޓްތައް ހެދުނެވެ. އޭރު ޓެސްޓުތަކުން ފައުޒީގެ ހަށިގަނޑުން މާބޮޑު ބައްޔެއް ނުފެނުނެވެ. އެނބުރި ރަށަސް އައިސް އާއިލާއާއެކު އުފާވެރި ދުވަސްތަކެއް ހޭދަކުރަމުން ދިޔައެވެ. ފަން ޖިފުޓިއެއް ފަދައިން ހުރި ގެ ކޮޅަށް ޖެހުމުގައި މާލިކް ފައުޒީއަށް އެހީތެރިވަމުން ދިޔައެވެ. އެކަންތަކުގެ ތެރެއިން މާލިކްގެ އެންމެ ގާތް އެކުވެރިޔާއަށް ފައުޒީ ވެއްޖެއެވެ. މާލިކްގެ ވިޔަފާރީގެ ދެބައިކުޅަ އެއްބައި ފައުޒީއަށް ހެޔޮހިތުން ދީފިއެވެ. ދުވަހަކުވެސް ކައިވެންޏެއް ކޮށްފައިނުވާ މާލިކް ހާއިޝާއާއި އުނޭޝް ދެކުނީ އޭނާގެ އާއިލާ މެންބަރުންގެ ފަދައިންނެވެ.

އަދްޔަން ލިބުނީ އުނޭޝްއަށް ތިންއަހަރު ވީތަނާއެވެ. އުފަލާއި އަރާމުގައި ދުވަސްތައް ވޭތުކުރަމުން ފައުޒީ ދިޔައީ މާތްﷲ އޭނާއަށް ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވަމުންނެވެ. އަންހެންދަރިއެއް ބޭނުންވެގެން ހާއިޝާ ދިޔައީ ފައުޒީ ކައިރީގައި އެތައް ޝަކުވާއެއް ކުރަމުންނެވެ. ފައުޒީގެ އޯގާތެރި ބަސްތަކުން ހާއިޝާ ހިތްހަމަޖައްސައިދެމުން ދިޔައިރު އޭނާ އިނީ ޔަޝްފީއަށް ބަލިވެކަމެއް ނޭނގެއެވެ. އަދްޔަންއާއި ޔަޝްފީއާއި ދެމެދުގައި ވަނީ އަހަރެއްގެ ތަފާތެވެ.

މާލިކާއެކު ވިޔަފާރީގެ މަސައްކަތުގައި އުޅެމުން ދަނިކޮށް ފައުޒީ އަނބުރައިގަނެގެން މަރުކަޒަށް ގެންދިޔަ ހަބަރު ހާއިޝާއަށް ލިބުނީ ކުޑަދިފުޅު ޔަޝްފީގެ ކަންތަކުގައި ބުރަކޮށް ގޭތެރޭގައި އުޅެނިކޮށްވެވެ. އެވަގުތަކީ އުނޭޝްއާއި އަދްޔަން މަދަރުސާގައިވީ ވަގުތެވެ. ޔަޝްފީ އުރާލައިގެން ހާއިޝާ މަރުކަޒަށް ދިޔައިރު ފައުޒީ އޮތީ ހޭލައެވެ. ހާއިޝާއަށް ދިނީ ހިނިތުންވުމެކެވެ. ހަށިގަނޑުގައި ކިތަންމެ ވޭނެއް އެޅިޔަސް ލޯބިވާ އަނބިމީހާއަށް އެކަން އަންގަން ބޭނުމެއްނުވިއެވެ. ހާއިޝާއަށް އެއްކަމެއްވެސް ސިއްރެއް ނުވިއެވެ. ފިރިމީހާގެ ބަލިހާލަތު ހިނިތުންވެފައިވާ މޫނުގެ ފަހަތުން އޭނާއަށް ފެނުނެވެ.

ފައުޒީ ގެއަށް ދޫކޮށްލުމުން ހާއިޝާ ނަޞޭޙަތްދިނީ ހަށިގަނޑަށް އަރާމު ދިނުމަށެވެ. ކުޑަދުވަސްކޮޅަކަށް ނަމަވެސް މާލިކާ ވާހަކަދައްކައިގެން ޗުއްޓީއެއް ހޯދުމަށެވެ. ކައިވެންޏަށް އެހާ ދުވަސްވިއިރު އެފަހަރު ނޫނީ އަނބިމީހާގެ މޫނުމަތިން ކަންބޮޑުވުމެއް ފެނިފައިނުވާތީ ފައުޒީ އަނބިމީހާ ބުނި ފަދައިން ކަންތައްތައް ކުރުމަށް އެއްބަސްވިއެވެ. އެވަގުތުކޮޅުގައި އަނބިމީހާގެ ހިތުގައި އޭނާއަށް ދެވިފައިވާ ޤަދަރާއި ލޯބި އޭނާއަށް އިހުސާސް ކުރެވުނެވެ.

ކުޑަދުވަސްކޮޅަކަށް ފައުޒީ ޗުއްޓީއަށް އެދުމުން ބަދަލުގައި މާލިކު ފައުޒީގެ މަސައްކަތްތައް ލުއިކޮށްދިނެވެ. ދަރިންނާއި އަނބިމީހާގެ ކައިރީގައި ގިނަވަގުތު ހޭދަކުރެވޭ ގޮތް ހަމަޖައްސައިދިނެވެ. ނަތީޖާއަކަށްވީ ފައުޒީގެ ސިއްހަތަށް އެދެވޭ ބަދަލުތަކެއް އަންނަން ފެށުމެވެ. ސިއްހީ މައްސަލަތައް މަދުވެ އަނަރޫފަވެފައިވާ ހަށިގަނޑުގައި މަސްޖަހަން ފެށިއެވެ.

ކޮންމެ ހިތާމަވެރިކަމެއްގެ ފަހަތުގައި އުފާވެރިކަމެއް ފޮރުވިފައިވާނޭ ބުނާ ފަދައިން އުފާވެރިކަމެއްގެ ނިމުން ހިތާމައަކުން ނިމިގެން ހިނގައިދާނޭވެސް ބައެއް މީހުން ބުނެއުޅެއެވެ. ހާއިޝާއާއި ފައުޒީގެ ތިން ދަރިން ޒުވާން އުމުރަށް އަޅައިގެން އައިރު ދެމަފިރިންގެ މޫނުމަތިން އުމުރުން ދުވަސްވީކަމުގެ ނިޝާންތައް ފެންނަން ފަށައިފިއެވެ. ހަށިގަނޑުގެ ބާރުދެރަވެ ހަށިގަނޑުގެ މަސްތަކަށް ރޫ އަރައިފިއެވެ.

ހަށިގަނޑުގައި ބާރުހުރި ދުވަސްތަކުގައި ފައުޒީއާއި ކުރިމަތިވި ސިއްހީ މައްސަލަތައް އަނެއްކާވެސް ކުރި ހޯދައިފިއެވެ. ބަލިކަށިވެ ދެލޮލުގެ ފެނުމަށްވެސް ބުރޫ އަރައިފިއެވެ. ކެއްސުން އިތުރުވެ ދުވާލެއް ރޭގަނޑެއް ވަކިނުވާ ދަރަޖައަށް ހުމެއް އަންނަން ފަށައިފިއެވެ. މިފަހަރުވެސް ފައުޒީ މާލެ ގެނެސް ޑޮކްޓަރަށް ދެއްކުމުގެ ކަންތަކުގައި އެންމެ އިސްރޯލެއް އަދާކުރީ މާލިކެވެ. އޭރު އެދެމަފިރިން ކައިރީގައި ހުރި ހަމައެކަނި ކުޑަދަރިފުޅު ޔަޝްފީއެވެ. އުނޭޝްއާއި އަދްޔަން މަތީ ތަޢުލީމް ހާސިލުކުރުމަށް ރާއްޖެއިން ބޭރުގައި ދުވަސްތައް ގުނަމުން ދިޔައެވެ.

ޑޮކްޓަރުން ދިން ބިރުވެރި އިންޒާރު އަޑުއިވުނު ހިނދު ހާއިޝާއަށް ހީވީ އޭނާގެ ބޮލަށް އުޑު ވެއްޓުނު ހެންނެވެ. އޭނާގެ ދިރިއުޅުމުގައި ނިމުމުގެ ސިއްކަ ޖެހުނީހެން ހީވެ ދުނިޔެއަށް ބިކަވެދާނެ ކަމުގެ ބިރު ހީވިއެވެ. ދަރިންނާއި އެކުގައި އެކަނިވެރިވެދާނެ ކަމުގެ ބިރުހީވެ ލޮލުން ކަރުނަ އޮހިގަތެވެ. ހާއިޝާއަށް ވީގޮތް ފެނި ފައުޒީ އިންތިހާއަށް ދެރަވެއްޖެއެވެ. އޭނާގެ ނިމުން ގާތްވެއްޖެކަން އެނގި ފަހު ދުވަސްތަކުގައި އަނބިމީހާ ހިތްހަމަޖައްސައިގެން ގެންގުޅެން ބޭނުންވިއެވެ. ބޮޑު ދެ ދަރިންގެ މުސްތަގުބަލަށްޓަކައި އެކުދިންނަށް އޭނާގެ ބަލިހާލަތު ސއްރުކޮށްދިނުމަށް އެދުނެވެ.

މޭގެ ކެންސަރުގެ ހަތަރުވަނަ ސްޓޭޖުގައި ފައުޒީ ދުނިޔެ ދޫކުރި ޚަބަރާއެކު ހާއިޝާ ބަސްހުއްޓި ހިމޭންވިއެވެ. ފަހު ވަގުތު ފިރިމީހާއާ ވާހަކަދައްކާލަންވެސް އޭނާއަށް ފުރުސަތު ނުލިބުނެވެ. މާލިކްގެ މަސް ފެކްޓްރީ މަސައްކަތުގައި އުޅެނިކޮށް ކުއްލިއަކަށް ފައުޒީ ވެއްޓުނީއެވެ. މާލިކްގެ ހަރަދުގައި އުނޭޝްއާއި އަދްޔަން ބައްޕަގެ މޫނު ބެލުމަށް ގެނެވުނެވެ. މަންމަގެ ހާލަތު ފެނި ދެކުދިން އެނބުރި ކިޔަވަންދާން ދެކޮޅު ހެދިއެވެ. އެހެންނަމަވެސް މާލިކް އެދެކުދިންނަށް ވިސްނައިދިނެވެ. ބައްޕަގެ ހުވަފެންތައް ޙަޤީޤަތަކަށް ހެދުމުގެ މުހިންމުކަން އަންގައިދިނެވެ. ދެކުދިން ނެތްކަމުގައި ވިޔަސް އަންހެންކޮއްކޮއާއި މަންމަގެ ޒިންމާ ނަގާނެކަމުގައި މާލިކް ބުނެދިނެވެ.

މާލިކް ބުނި ފަދައިން ހާއިޝާއާއި ޔަޝްފީގެ ހުރިހާ ހަރަދެއް އޭނާ ބަލަހައްޓައިދިނެވެ. އަދްޔަންއާއި އުނޭޝްގެ ކިޔެވުމުގެ ހުރިހާ ހަރަދެއް ބެހެއްޓިއެވެ. އެދެކުދިން އޭނާގެ ބިޒްނަސް ޕާޓްނަރުންނަށް ހަދަން ނިންމިއެވެ. ރަށުގައި ހުރި އެންމެ ފެންވަރު ރަނގަޅު ގެއަށް އެގެ ހަދައިދިނެވެ. ދެ ބުރިއަށް ގެ ހިއްލައިލިއެވެ. އެންމެ މަތި އެއްކޮށް ކުއްޔަށް ދޫކޮށްލިއެވެ. އެބައިން ލިބޭ ހުރިހާ ފައިސާއެއް ޔަޝްފީގެ ނަމުގައި އެކައުންޓެއް ހުޅުވާ އެއަށް ޖަމާކުރާގޮތް ހެދިއެވެ. މާލިކްގެ ބެލުމުގެ ދަށުގައިވާ ފައުޒީގެ ރުއް ދަނޑާއި ދެ ކަންނެލި ދޯނި ދެ ފިރިހެން ދަރިންގެ ނަމަށް ބަދަލުކޮށް ލިޔުންތައް ޙާއިޝާއާއި ހަވާލުކުރިއެވެ. ދިރިއުޅޭ ގެއަށް މަސައްކަތްކުރާނެ ނޯކަރުން ލުމުން ހާއިޝާ އެގޮތް ބޭނުންނުވިއެވެ. މާލިކް އެދުމުން އެންމެފަހުން މަސައްކަތްކޮށްދޭނެ އެންމެ ކުއްޖަކު އެގޭގައި ބަހައްޓަން ހާއިޝާ ނިންމިއެވެ.

ކިޔެވުން ފުރިހަމަ ކުރުމަށްފަހު އުނޭޝް މާލިކާއި އެކު ފައުޒީގެ މަސައްކަތްތައް ފުރިހަމަކުރަން ފެށިއެވެ. އަދްޔަން ބޭނުންވީ އަދި ދުވަސްކޮޅަކު މަޑުކުރާށެވެ. ބާސްކެޓަކީ އޭނާ އެންމެ ކުޅޭހިތްވާ ކުޅިވަރަށް ވާތީ އޭނާ ބޭނުންވީ އެކުޅިވަރަށް ވަގުތު ހުސްކުރާށެވެ. ޔަޝްފީ ޑޮކްޓަރުކަން ކިޔަވަން ފޮނުވީ މާލިކެވެ. ހާއިޝާ ދެކޮޅުހެދި ނަމަވެސް އޮސްޓްރޭލިޔާގައި ދިރިއުޅޭ މާލިކްގެ އެއްބަނޑު ކޮއްކޮ ކައިރީގައި ހުރެ ޔަޝްފީ ކިޔެވުން ފުރިހަމަކުރަމުންދާކަން އިނގުމުން ހިތަށް ހަމަޖެހުން ލިބުނެވެ. ކެތްތެރިކަމެއްނެތި އެދަރިފުޅު އަންނާނެ ދުވަހަކަށް އޭނާ އެދަނީ އިންތިޒާރު ކުރަމުންނެވެ. ފިރިމީހާގެ ހިތްދަތި ވަކިވުމަށްފަހު އެންމެ ދަރިއެއްވެސް އޭނާގެ ލޮލަށް ނުފެންނަ ހިސާބުގައި ހުރުމަކީ އޭނާއަށް ވޭނެކެވެ.

ޚިޔާލުތަކުގެ ފުން ކަނޑަކަށް ޣަރަޤުވެފައި އިން ހާއިޝާ ސިހިގެން ދިޔައީ އިރާނިޔާގެ ހަޅޭކުގެ އަޑުންނެވެ. އޭނާ ކުރިމައްޗަށް ބަލައިލިއިރު ކުރިން އިންތަނުގައި އަދްޔަން ނެތެވެ. ވަގުތުން ކޮޓަރިއާއި ދިމާލަށް އޭނާ ދުއްވައިގަތެވެ. ކޮޓަރިއަށް ވަންއިރު އެނދުގައި އިރާނިޔާ ދެކަކުލުގައި ބޯއަޅާލައިގެން އިނެވެ. ކައިރީގައި އިށީން ހާއިޝާ އިރާނިޔާގެ ބުރަކަށީގައި ފިރުމަމުން ދިޔައެވެ. އެ އޯގާތެރިކަން އިތުރަށް އިރާނިޔާއަށް ބަލައެއްނުގަނެވުނެވެ. މައެއްގެ ސިފައިގައި އޭނާގެ ހަޔާތުގައި ފެންނަން ހުރި ހަމައެކަނި މީހަކީ ހާއިޝާއެވެ. އިރާނިޔާއަށް ހާއިޝާގެ ހަށިގަނޑުގައި ބައްދައިގަނެވުނީ ހިތަށް ކެތްނުވުމުންނެވެ. އަދްޔަންއަށް އެކޮޓަރިއަށް ވަދެވުނީ އެދެމައިން އެކަކު އަނެކަކު ހަށިގަނޑުގައި ބައްދައިގެން ރޮމުން ދަނިކޮށެވެ. އެވަގުތު އަދްޔަންއަށް ހާއިޝާ އިރާނިޔާދެކެ ލޯބިވާވަރު އަންދާޒާ ކޮށްލެވުނެވެ. ދުވަހަކުވެސް ޔަޝްފީއާއި އިރާނިޔާ ތަފާތުކޮށްފައެއް ނުވެއެވެ. އޭނާ އިރާނިޔާ އެންމެފުރަތަމަ ދުވަހުވެސް ބަލައިގަތީ ދަރިފުޅުގެ އަނބިމީހާގެ ގޮތުގައެއް ނޫނެވެ. އަމިއްލަ ދަރިއެއް ފަދައިންނެވެ.

"ދަރިފުޅާ!! ދެން ނުރޮއި… ރާނީ ވިސްނަންޖެހޭނީ މިހާރު އަމިއްލަ މީހާއަށް އެކަންޏެއްނޫނޭ. ދަރިފުޅުގެ ބަނޑުގައި ތިއޮތް ދަރިފުޅާ މެދުވެސް ވިސްނަބަލަ" އިރާނިޔާގެ ބުރަކަށީގައި ފިރުމަމުންދިޔަ ހާއިޝާ ވާހަކަދައްކަމުން ދިޔައެވެ. މަންޒަރު ބަލަން ކޮޅަށް ހުރި އަދްޔަން މަޑުމަޑުން އެނދުގެ އަނެއް ފަރާތުން އިށީނދެއްޖެއެވެ.

"މަންމާ!! ކީއްވެތަ އުނޭ އެގޮތަށް ކަންތައް އެކުރަނީ. އަޅުގަނޑަށް ކުރެވުނީ ކޮންކުށެއް؟" ގިސްލެވެމުން ދިޔަ އިރާނިޔާ ވާހަކަދެއްކިއެވެ.

"ދުނިޔޭގައި އުޅޭއިރު ކަންތައްތަކާ ދިމާވާނެ ދަރިފުޅާ. ދުވަހަކުވެސް މި މަންމަ ރާނީ ދޫކޮށެއް ނުލާނަން" ހާއިޝާ ވިސްނައިދެމުން ދިޔައެވެ.

ހާއިޝާގެ އެތައް ނަޞޭޙަތަކަށްފަހު އިރާނިޔާ ހަމައަކަށް އެޅުނެވެ. އެނދުގެ ހެޑްބޯޑުގައި ލެގިލައިގެން އިންއިރު އިނީ އެއްދިމާލަކަށް ބަލަހައްޓައިގެންނެވެ. ލޯކައިރިން އަދިވެސް ކަރުނައިގެ އަސަރު ފާޅުވާން ހުއްޓެވެ. ދޮން މޫނުމަތި ވަނީ ރަތްވެ ދުޅަވެފައެވެ. ނޫޑްކުލައިގެ ތުންފަތުގައި އަދިވެސް ތުރުތުރެއް ހުއްޓެވެ.

"ދޮންބެދައްތަ އޯކޭތަ؟" އިރުކޮޅެއްގެ ހިމޭންކަމަށްފަހު އަދްޔަން ވާހަކަދެއްކިއެވެ. ކައިރީގައި މީހަކު އިންކަންވެސް އިރާނިޔާއަށް އިނގުނީ އަދްޔަން ވާހަކަދެއްކި އަޑު އިވުމުންނެވެ. އަޑު އައި ދިމާލަށް ބަލައިލާފައި އަދްޔަންއަށް ފަނޑު ހިނިތުންވުމެއް ދިނެވެ. އަދި ބޯޖަހައިލިއެވެ.

"ވާހަކައެއް އަހާލަންތަ؟" އަދްޔަން އަހައިލިއެވެ.

އެއްވެސް އަސަރެއްނެތް ގޮތަކަށް އިރާނިޔާ ބޯޖަހައިލީ އަދްޔަންއަށް ބަލައިނުލާ އިނދެއެވެ.

"ދޮންބެ އާ އެކުއްޖާގެ ކަމެއްތަ؟" އަދްޔަން އަހައިލިއެވެ.

"އުނޭ ބޭނުންވަނީ އޭނަ ޔާ އިންނަން. އަހަރެން ކައިރީގައި ހަމަ ބުނެލީޔޯ. ޤަބޫލަސް ނުޤަބޫލަސް އެކަން ކުރާނަމޯ. އޭނަދެކެ ލޯބިވެޔޯ" އޭނާގެ ފޯނަށް އުނޭޝް ފޮނުވި މެސެޖް އިންގޮތަށް އިރާނިޔާ ކިޔައިދީފިއެވެ. އެ އަޑު ކޮޓަރިއަށް ކާއެއްޗެހި ތަބަކެއ ހިފައިގެން އައިސް ވަން ހާއިޝާއަށް އިވުނެވެ.

"މިހާރު އެހިސާބަށް ކަންތައް ދިޔައީތަ…؟" އިރާނިޔާއާއި އަދްޔަން އެކުގައި ބަލައިލީ އަޑު އައި ދިމާލަށެވެ.

"އަހަރެން ހިތަށް އަރާ އެސޮރަށް ދިން ތަރުބިއްޔަތުން ކޮންކަމެއްބާއޭ އުނިވީ. ކީއްކުރާނީ. އެތިބީ ބޮޑެތިވެފަ. މައިންބަފައިންގެ ބަސް އެއީ މިހާރު ދަރިންނަށް މުހިންމު އެއްޗެއްނޫން. އަހަރެންގެ ރުހުމެއް ނުދޭނަން އެކަމަކަށް" ހާއިޝާ ވާހަކަދައްކަމުން އައިސް އިރާނިޔާގެ ކުރިމަތީގައި އިށީނދެއްޖެއެވެ. ގެނައި ކާއެއްޗެހި ތަށިން ރޮށިކޮޅަކާ ތަރުކާރީކޮޅެއް އިރާނިޔާގެ އަނގައަށް ލަވައިދިނެވެ.

"އަހަރެން ހިތަށް އަރާ އުނޭޝްއަށް އަހަރެންނާ ކުރިމަތިލާން ނުކެރިގެން އެއުޅެނީ ކީއްވެގެންބާއޭ" ލޮލުން ވެއްޓުނު ކަރުނަތިކި އެއް އަތުން ފޮހެލަމުން ހާއިޝާ ވާހަކަދެއްކިއެވެ. ހިމޭންކަމާއެކު ކަމުންދިޔަ އިރާނިޔާ ބަހެއްވެސް ނުކިޔާ އިނެވެ. ރޮށިކޮޅު ހަފަމުން ދިޔައިރުވެސް އިރުކޮޅަކާ ލޯކައިރިން ކަރުނަ ފޮހެލައެވެ.

"އަހަރެން މިހާރު ހިތަށްއަރާ ފައުޒީ ދުނިޔޭގައި ނެތްކަން ހަމަ ނަސީބޭ. މިދުވަސްތައް ދެކެން އޭނައަށް ޖެހުނުނަމަ އެބަލީގައި ނިޔާވެގެން ދިޔުމުގެ ކުރިން ހިތްފަޅައިގެން ގޮސް މިދުނިޔެ ދޫކޮށް ދިޔައީސް" ޖުމްލައިގެ ފަހަތުން ހާއިޝާގެ އަޑު ކުރެހިގެން ދިޔައެވެ. ދުލުން ފައުޒީގެ ނަންގަނެވޭ ކޮންމެފަހަރަކު އޭނާގެ ހިތަށް އެހާ އަސަރުކުރެއެވެ.

"މަންމާ…! އަޅުގަނޑު ދޮންބެއާއި ވާހަކަދައްކާނަން" އަދްޔަން ބުނެލިއެވެ.

"ބޭކާރުކަމެއް" އިރާނިޔާ ބުނެލިއެވެ. ހާއިޝާއާއި އަދްޔަންއަށް އެކީގައި އިރާނިޔާގެ މޫނަށް ބަލައިލިއެވެ.

"އުނޭ ހުރީ އެ އަންހެންކުއްޖާއާއި ހެދި މޮޔަވެފަ" އިރާނިޔާ ބުނެލިއެވެ.

"އެއީ ކާކުތަ..؟ މިރަށު ކުއްޖެއްތަ؟ އޭނައަށް އިނގޭތަ އުނޭޝަކީ މީހެއްގެ ފިރިއެއްކަން" ހާއިޝާ ހުރިހާ ސުވާލެއް އެއްފަހަރާ ކޮށްލިއެވެ.

"އެ އަންހެންކުއްޖާ ކައިރީގައި އުނޭޝް އޭނާގެ އަންބެއް ހުންނަކަން ނުބުނެ އުޅުނިއްޔާ އެކުއްޖާއަށްވެސް މަކަރެއްނު އެހެދުނީ. އެހެންވީމަ ބުނާނެތާ. އޭނަ އެހާ ލޯބިވާ ކުއްޖަކަށް އެއްވެސް ކަމެއް އޮޅުވައެއްނުލާނެއްނު" އިރާނިޔާ ވާހަކަދެއްކިއެވެ.

ދުވަހުގެ ހަވީރު ވަގުތެވެ. ހަވީރު ފިނިޖެހިފައިވާ ގަޑިއެވެ. ގޭ ދޮރާށި ދޮށަށް އިރާނިޔާ ނިކުތީ ގެއިން އެއްގޮތަކަށްވެސް ނުނިކުންނަތާ ތިން ދުވަސްކޮށްފައެވެ. ގޭ ކައިރީ މަގުމަތީގައި ހުރި ތިން ޖޯލީގެ ޖޯލިފަތީގައި އިރާނިޔާ އިށީނެވެ. އެގޭ ކައިރީގައި ހުރި އެހެން ގެތަކުން ހަވީރު ފިންޏަށް މީހުން ނިކުމެ ތިއްބެވެ. ބައެއް ގެތައް ކައިރީގައި ހުރި އަށިގަނޑު މަތީގައިވެސް މަޖާ ވާހަކަދެއްކުމުގައި އަންހެން ގުރޫޕެއް ތިއްބެވެ. ކުޑަކުދިން މަގުމަތީގައި ކުޅުމުގެ ސަކަރާތުގައި ތިއްބެވެ. އެގެ ހުންނަނީ ބަނދަރުމަތީ ސަރަހައްދުގައި ކަމުން ކަނޑުންނަގާ ފިނި ވައިރޯޅި އެއްވެސް ހުރަހަކާއިނުލާ ބީހިލަނީ މޫނުގައެވެ. ތަންކޮޅެއް ދުރުގައި ބާސްކެޓް ކޯޓުގައި ކުޅެންތިބި ފިރިހެން ގުރޫޕަށް އިރާނިޔާގެ ނަޒަރު ހުއްޓުނެވެ. ކޯޓު ތެރޭގައި އަދްޔަންވެސް ހުއްޓެވެ. ކައިރީގައި އަންހެން ގުރޫޕެއްވެސް ވޮލީ ކުޅެން ތިއްބެވެ. އެމަންޒަރުތައް ބަލަން ބަނދަރުމަތީގައި ބެންޗެއްގައި މަޑުކޮށްލައިގެން އިން ޒަމްހާގެ ނަޒަރު އިރާނިޔާއަށް ހުއްޓުނެވެ. ތުންފަތަށް ވެރިވި ހިނިތުންވުމާއެކު ވަގުތުން އޭނާ އެދިމާލަށް ހިނގައިގަތެވެ.

މާދުރުން ޒަމްހާ އަންނަތަން ފެނުމާއެކު އިރާނިޔާގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވެއްޖެއެވެ. ޒަމްހާއަކީ އޭނާގެ އެންމެގާތް ރަހްމަތްތެރިޔާއެވެ. އުނޭޝްއާ ކައިވެނިކޮށްގެން އެރަށަށް ދިރިއުޅުން ބަދަލުކުރި ހިސާބުން ފެށިގެން އޭނާއަށް އެންމެ ގާތް ރަހްމަތްތެރިކަމެއް އުފެދުނީ ޒަމްހާއާއެވެ. ޒަމްހާއަކީ އެރަށު ހޮސްޕިޓަލުގައި މަސައްކަތްކުރާ ނަރުހެކެވެ.

"ރާނީ…" އިރާނިޔާއާއި ފުދޭވަރަކަށް ގާތަށް ދެވުމުން ވަގުތު އިތުރަށް ކުޑަކޮށްލުމަށްޓަކައި ޒަމްހާ ދުއްވައިގަތީ އިރާނިޔާއަށް ގޮވައިލަމުންނެވެ.

"ޒަމް ދުވަހަކުވެސް ބޮޑެއްނުވާނެ" ކައިރީގައި އައިސް އިށީނުމާއެކު އިރާނިޔާ ޒަމްހާއަށް ބުނެލިއެވެ.

"އޯ ރާނީ… އަހަރެންގެ ވާހަކައެއްނޫނޭ… ހަފްތާއެއްހާ ދުވަސްކޮށްފަ ތި ފެނުނީ… ބަނޑުވެސް މިހާރު ހީވޭ ބޮޑުހެން… ރަނގަޅުތަ ކަންތައްތައް؟" ޒަމްހާ ވާހަކަތައް އަމުނާލިއެވެ. އެއީ އަބަދުވެސް ޒަމްހާގެ އާދައެވެ. އެންމެފުރަތަމަ ބުރުން އޭނާ ހިތުގައި އުފެދިފައިވާ ހުރިހާ ސުވާލުތަކެއް ކުރާނެއެވެ. އެހެން މީހަކަށް ވާހަކަދައްކަން ފުރުސަތެއްވެސް ނުދޭނެއެވެ.

"ކީއްވެ މާދެރަވެފަ ތި ބަލައިލީ" ޒަމްހާ ކުރި ސުވާލަށް އިރާނިޔާއަށް ޖަވާބެއް ނުދެވުނެވެ. ފިރިމީހާ ކަންތައްކުރާ ގޮތުގެ ވާހަކަ އެންމެގާތް ރަހްމަތްތެރިޔާއަށް އޭނާ ވަނީ ސިއްރުކޮށްފައެވެ.

"އަހަރެން އަނެއްހެން ގޯހެއްނޫން. ޒަމް މިހާރު ގެއަށް ވަދެވެސްނުލާ ވިއްޔާ. ވަރަށް މިސްވި. ގުޅީމަ ފޯނަށް ޖަވާބުވެސް ދެނީއެއްނޫން" ހިތަށްކުރި އަސަރު އެއްފަރާތްކޮށް އެކުވެރިޔާއަށް އުފާވެރި ހިނިތުންވުމެއް ދެމުން އިރާނިޔާ ވާހަކަދެއްކިއެވެ.

"ރާނީއަށްވެސް އިނގެއެއްނު މިދުވަސްކޮޅު މިރަށުގައި ޑެންގޫހުން ފެތުރޭކަން. ހޮސްޕިޓަލުން ނުނިކުމެ މިއުޅެންޖެހެނީ. ގެއަށް އާދެވުމާއެކު މަށަށް ފެންނަނީ އެނދު. ހުވާ މިބުނީ ވަރުބަލިވެފަ ހުންނަ ވަރުން ބަރާބަރަށް ނަމާދުވެސް ނުކުރެވޭ. މިހާރު ބައްޕަ އެކަންތައް ފާހަގަކޮށް އެބައި ރަނގަޅުކުރަންވެސް ބުނެފި" ޒަމްހާ ވާހަކަދެއްކިއެވެ.

"ދެން ތިބުނީ ތިގެއަށް ނާންނަ ވާހަކަ. ކިހިނެއްތަ ދާން ކެރޭނީ. ރާނީގެ ފިރިމީހާގެ ސްޓައިލް އަހަންނަކަށް ކަމަކުނުދޭ. ވަރަށް ސީރިޔަސް ގޮތެއް ހުންނަނީ. ކުރިންވެސް އަހަރެން ރާނީ ކައިރީގަ ބުނީމެއްނު" ޒަމްހާ ވާހަކަދެއްކިއެވެ.

"އެއީ ހަންޑިއެއްނޫން. އެއްވެސް މީހަކު ކައެއްނުލާނެ. އެއީ އޭނަ ހުންނަ ގޮތް. ވަރަށް ރަނގަޅުވާނެ" އިރާނިޔާ ފިރިމީހާ ދިފާއުކޮށް ވާހަކަދެއްކިއެވެ.

އޭނާގެ އަޑުގައިވާ ނުތަނަވަސްކަން ޒަމްހާއަށް ސިއްރެއްނުވިއެވެ. އެދެމެދުގައި މައްސަލަތަކެއް އުޅެއޭ އޭނާގެ ހިތް ބުނެއެވެ. އެހެންވިޔަސް އެކުވެރިޔާ އެކަމާއި ގުޅިގެން އެއްވެސް ވާހަކައެއް ނުދައްކާތީ ކުރިން އެވާހަކަތައް ދައްކަން އޭނާ ބޭނުންނުވަނީއެވެ.

"ތިވާހަކައެއްނޫނޭ.. އަހަރެން އެއްޗެއް އަހާލަންތަ؟" ޒަމްހާގެ އަތުގައި ހިފައިލަމުން އިރާނިޔާ އަހައިލިއެވެ.

"އެއްކަލަ ޝެނަލް މެންގެއަށް ވަރަށް ފަހުން އައެއްނު އަންހެންކުއްޖެއް. މަ މިހާރު ނަމެއް ހަނދާނެއްނެތް. އެކުއްޖާ އަދިވެސް މިކޮޅުގަ އެބައުޅޭތަ؟" އެއްޗެއް ހަނދާންކުރާ ކަހަލަ ގޮތަކަށް މޫނަށް ގޮތެއް ހަދައިލަމުން އިރާނިޔާ އަހައިލިއެވެ.

"ހޫމް.. ތަމަންނީ އޭނައަށް ކިޔަނީ. އެއީ ޝެނަލްގެ މަންމަގެ އެކުވެރިއެއްގެ ދަރިއެކޯ. އެގޭ ކުއްޖެއް ބަލިވެގެން ޝެނަލް އާ އެކުގައި ހޮސްޕިޓަލަށް އައިސް އުޅޭ. ވަރަށް ފޮނިގޮތެއް ހުރޭ. އަހަރެމެން ރަށްފުށު މީހުންނަކާ ނުވެސް ގުޅޭ" ފޫހިގޮތަކަށް ޒަމްހާ ވާހަކަދެއްކިއެވެ.

"އެހެންތަ؟ މަ އަދި ނުއެއްދެކެން އޭނައައެއް. މަންމަ ބުނި އެއްޗަކުން މިއަހާލީ" އިރާނިޔާ ވާހަކަދެއްކިއެވެ. އޭނާގެ ވާހަކަތަކުގެ މަޤްސަދަކީ ކޮބައިކަން އިނގެނީ އެކަނި އޭނައަށެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟