ވާހަކަ

ކޮންމެ ހިނދެއް - ފަހުބައި

1

ސަތާރަރަމަސް ފަސް

**

ކޮޓަރި ތެރެއިން އިވެމުންދަނީ ތުއްތު ކުއްޖެއްގެ ހުނުމުގެ އަޑެވެ. ފަސްމަހުގެ ބަނޑަކާއެކު ސިޑިން އަރައިގެންދިޔަ އަމާޔާ ކޮޓަރިއަށް ވަނުމުގެ ބަދަލުގައި މިސްރާބުޖެހީ ހުޅުވާފައި ހުރި އާވާގެ ކޮޓަރިއާއި ދިމާލަށެވެ. ދޮރުމައްޗަށް ހުއްޓުނުއިރު ކޮށީގައި އިން ތުއްތު މައުވާ ބާރު ސްޕީޑުގައި ދުއްވާފައި ދޮރާއި ދިމާލަށް އަންނަނީއެވެ. ދޮރުމަތިން އަމާޔާ ފެނުމާއެކު އަނގަ ތަންމިނަށް ހުޅުވާފައި މައުވާ ހޭންފެށިއެވެ. މައުވާއަކީ ފެންނަ ކޮންމެ މީހަކާއި ރައްޓެހި ކުއްޖެކެވެ.

"މާޔާދޮންތަ އައިކަން އިނގުނީ އޭ މައުއަށް" އެނދުގައި މައުވާގެ ހަރަކާތްތަކަށް ބަލަން އިން އާވާ ބުނެލިއެވެ. އަމާޔާ ހީލާފައި މައުވާ ނަގާ މޫނުގައި ބޮސްދީފިއެވެ.

"މާޔާ… ތިބަނޑާއެކު މައު ތިއުރަނީ…" އެނދުން ފައިބައިގެން އައި އާވާ ވާހަކަދެއްކިއެވެ. މައުވާ ލިބުނުފަހުން އާވާގެ ހަށިގަނޑުގައި ވަނީ ކުޑަކޮށް މަސްޖަހާފައެވެ. އިތުރަށް މޫނު ވަށްވެފައި ހަށިގަނޑުގެ ކުލަ އައްޔެވެ.

"މަށަށް ހެޔޮ ނުވަމަހަށް އަޅާފައި ހުއްޓަސް. މަށަކަށް ނުހުރެވޭނެ މައު ނޫރައެއް" އަމާޔާ އައިސް އެނދުގައި އިށީނެވެ.

"އެކަމަކު ބަލަންޖެހޭނެއްނު. ފަސްމަސް ވިޔަސް ތިބަނޑު ހީވަނީ ނުވަމަހުގެ ބޮޑު ބަނޑެއްހެން. އެންމެ ދަރިއެއްނޫން ތިއުފުއްލަނީ. ތިން ދަރިން. މާޔާ! ޕްލީޒް ބީ ކެއަރފުލް. ކަމެއްވިއްޔާ ދެރަވާނީ ހަމައެކަނި ޝާނިމްސަރ އެއްނޫން" އާވާ ވާހަކަދައްކަމުން ދޮރު ކައިރީގައި ހުރި މައުވާގެ ކޮށި އެތެރެއަށް ޖައްސައިލިއެވެ.

"އެއްކަލަ އެވީ…!! އަބަދު އެއްވާހަކައެއް… ކީއްވެތަ މައުގެ މަންމި އެއްވާހަކައެއް މިދައްކަނީ. މާޔާދޮންތިއަށް ހެވޭ ބާރަ ދަރިން ބަނޑުގައި އޮތަސް…. ކިހިނެއްތަ މައު އާ ދުރުގައި ހުންނާނީ… ދޯ ދޫނީ… މަންމި ކައިރީގައި ބުނޭ އެހެން ނުކިޔާށޭ އަބަދު" މައުވާގެ ބަނޑުގައި ބޮސްދެމުން އަމާޔާ ވާހަކަދައްކަމުން ދިޔައިރު ހިނިގަނޑާއެކު މައުވާ އަމާޔާގެ ބުރުގާ މަތިން ކަންފަތުގެ ދެފަރާތުގައި ހިފާލައެވެ. އާވާ ދުރުގައި ހެވިފައި ހުއްޓެވެ.

ރަތްފޮތިކޮޅަކުން އަނުމްގެ ދެލޯ ބަނދެލާފައި ހުރިއިރު އޭނާގެ ދެކޮނޑުގައި ހިފައިގެން އާރިޔަން މަޑުމަޑުން ކޮޓަރިއަށް ވަނެވެ. އަދި ފައިން ދޮރުލެއްޕިއެވެ. ލައިޓްތައް ނިއްވައިލުމަށްފަހު އާރިޔަން ހުއްޓުނީ އަނުމްގެ ކުރިމަތީގައެވެ.

"ރެޑީތަ؟ ނައްޓަނީ" އާރިޔަން ބުނެލިއެވެ. އަނުމް ބޯޖަހައިލުމާއެކު އާރިޔަން ފޮތިކޮޅު ނައްޓައިލިއެވެ.

ކޮޓަރިތެރެ ފެނުމާއެކު އަނުމްއަށް އަނގަމަތީގައި އަތް އެޅުނެވެ. ކޮޓަރީގެ މެދުގައި ހިތެއްގެ ބައްޓަމަށް އުއްބައްތިތައް ހުރިއިރު މެދުގައި ހުރި ކުޑަމޭޒެއް މަތީގައިވަނީ ރަތްކުލައިގެ ވިދާ ފޮތިގަނޑެއް އަޅާފައެވެ. އޭގެމަތީގައި ހިތެއްގެ ބައްޓަމަށް ހުރި ޗޮކްލެޓް ކޭކެއް ހުއްޓެވެ. އަނުމް ކޭކު ކައިރީގައި ގޮސް އިށިންއިރު އާރިޔަން ބަލަހައްޓައިގެން ހުއްޓެވެ. އަދި މަޑުމަޑުން އައިސް އަނުމް ކައިރީގައި އިށީނދެ އަނުމްގެ ހަށިގަނޑުގައި ބައްދައިލިއެވެ.

"ހިތަށް އެރީ ވެޑިންއަށް ހަ މަސްވީމަ އަނޫ ވަރަށް ހެޕީކޮށްލާނަމޭ. އިނގޭތަ! ތިކޭކަކީ އޮފީސް ކުއްޖެއްގެ އެހީތެރިކަމާއެކު އަހަރެން އަމިއްލައަށް ތައްޔާރުކުރި ކޭކެއް. ހަމައެކަނި އަނޫއަށްޓަކައި" އާރިޔަން ވާހަކަދެއްކިއެވެ.

"ވަރަށް ވަރަށް ލޯބި" އަނުމް ބުނެލިއެވެ.

ދެމަފިރިން އެކުގައި ކޭކު ކެއުމަށްފަހު އަނުމްގެ ހަށިގަނޑު އާރިޔަންގެ އަތްމައްޗަށް އުފުލައިލިއެވެ. ލަދުރަކި ނަޒަރެއް އާރިޔަންއަށް ދީގެން އޮތް އަނުމް ލަސްލަހުން އެސްފިޔަތައް ތިރިކޮށްލިއެވެ. ބާލީސްމަތީގައި އަނުމް ބާއްވައިލުމަށްފަހު އާރިޔަން ޖައްސައިލީ އަނުމްއާއި ޖެހިގެންނެވެ. ކޮޓަރިއަށް ވެރިވެފައިވާ އުއްބައްތިތަކުގެ ރަން އަލީގައި އަނުމްގެ މޫނުން ފެންނަނީ އަޖައިބެއްފަދަ ކުލަވަރެކެވެ. ހިނދަކަށްފަހު ހިނދެއް އާރިޔަންގެ ހިތް މޮޔަވަމުން ދިޔައެވެ. އަނުމްއާއި ގާތްވެވޭ ކޮންމެފަހަރަކު އޭނާއަށް އިހުސާސްވަނީ އަލަށް ގާތްވެވޭ ކަހަލަ އިހުސާސެކެވެ.

"އަނޫ ހަނދާން އެބަހުރިތަ؟ ކައިވެނީގެ ފުރަތަމަ ރޭގައި އަހަރެން ކައިރީގައި ބުނި ވާހަކަ" އަނުމްގެ މަޑުމަޑު އަތްތިލައިގައި ހިފައިލަމުން އާރިޔަން ބުނެލިއެވެ.

"ތިހެން ބުނީމަ ނޭނގުނު. އެރޭގަ ބައިވަރު ވާހަކަ ދެއްކީމެއްނު" އަނުމް ބުނެލިއެވެ.

"އަހަރެން ބުނިން އަހަރެންނަކީ ވަރަށް ދަރިން ބޭނުންވާ މީހެކޭ" އާރިޔަން ބުނެލިއެވެ. އަނުމްގެ މޫނަށް ޖަންބު ކުލަ އަރައިގެން ދިޔައެވެ.

"އަނޫ ބުނީ ހަ މަހެއްހާ ދުވަސް ފަހުންނޭ. ހަ މަސްމިވީ" އަނުމް ބަލައިލި ވަގުތު ދެބުމަ އަރުވައިލަމުން އާރިޔަން ބުނެލިއެވެ.

"ހާދަ ކެތްމަދުވެފަ" އާރިޔަންއާ ވީ ދިމާލަށް އެނބުރިލަމުން އަނުމް ބުނެލިއެވެ.

"އިނގެއްނު އަނޫއާ ޖެހުނީމަ މަށަކީ ކެތްމަދު މީހެއްކަން" އަނުމްގެ ބުރުގަލުގައި ޖަހާފައިހުރި ޕިންތައް ނައްޓުވަމުން އާރިޔަން ވާހަކަދެއްކިއެވެ.

"ވެއިޓް… އެންމެ ފުރަތަމަ އަހަރެން ބޭނުމީ އެންމެ ދަރިއެއް…" އާރިޔަންގެ އަތުގައި ހިފަހައްޓަމުން ސަމާސާ ރާގަކަށް އަނުމް ބުނެލިއެވެ. އާރިޔަންއަށް ހެވުނެވެ.

ކޮޓަރި ތެރެއަށް ވެރިވެފައިވާ ފަނޑު އަލިކަމުގެ ތެރޭގައި އާރިޔަންއާއި އަނުމްގެ ހަށިގަނޑު އެއްވެގެން ދިޔައީ ދެމަފިރިންގެ ލޯބީގައި އެތައް ކުލައެއް ޖައްސަމުންނެވެ. އުމުރުދުވަހުގައި އެކީގައިވުމަށް ދެހިތުން ދެހިތަށް އެތައް ވަޢުދުތަކާއި އަޙުދުތައް ވަމުންނެވެ.

ގޯތިތެރޭގައި ހެދިފައި ހުރި ބޮޑު ގަސްދޮށުގައި އެލުވާފައި ހުރި އުނދޯއްޔެއްގައި މާހިލް އޮތެވެ. އެހިސާބުން ފެށިގެން ގޭ މައިދޮރާއި ހަމައަށް ދިގުކޮށް ރާނާފައިވާ ތަޅުމުގައި ކޮށި ދުއްވަން މައުވާ އުޅުނެވެ. މާހިލްގެ ތުންފަތަށް ވެރިވެފައިވާ ހިނިތުންވުން އޭނާގެ ހިތްހަމަޖެހިފައިވާވަރު ހާމަވެއެވެ. ކުޑަކުޑަ ދަރިފުޅު އޭނާގެ މުޅި ދިރިއުޅުން ފުރިހަމަކޮށްދީފިއެވެ. އޭނާގެ އާއިލާ ފުރިހަމަކޮށްދީފިއެވެ.

އެއްކޮޅުން އަނެއްކޮޅަށް ކޮށި ދުއްވަމުންދިޔަ މަޢުވާ ބައްޕައާއި އެކު ސަކަރާތުގައި ފޫހިކަމެއްނެތި އިނެވެ. ތަބަކަށް ޖޫސްތައްޓެއް ލައިގެން އައި އާވާ މާހިލްއަތަށް ޖޫސްތަށި ދިއްކޮށްލިއެވެ. ހިނިތުންވުމަކާއެކު މާހިލް އެތަށީގައި ހިފިއެވެ. ކޯވަރެއް ބޯލުމަށްފަހު އާވާ އަތަށް ދިއްކޮށްލިއެވެ. އެއްފަރާތުގައި ހުރި ކުޑަ މޭޒުމަތީ ބަހައްޓާފައި އާވާ ކުޑަދަރިފުޅަށް ނަޒަރެއްދިނެވެ. އެއާއެކު މައުވާ ތެޅިގަތެވެ. އަޑުޖައްސާލާފައި ހިނިގަނޑެއް ޖަހައިލުމުން ދެމަފިރިންނަށް އެކުގައި ހެވިއްޖެއެވެ. ފުރަގަހަށް ހުރި އާވާގެ އަތުގައި މާހިލް ހިފައިލުމުން އެނބުރި ބަލައިލިއެވެ.

އުނގުމަތީގައި އާވާ ބައިންދާލައިފައި މާހިލް ލޯބިވެތި ނަޒަރެއް އާވާއާއި ބަދަލުކޮށްލިއެވެ. އެއަތުގައި ބޮސްދީފައި މާހިލް ހީލިއެވެ.

"އެވީ…!! ހެއްދެވިފަރާތުން އަހަރެންނަށް ދެއްވި ބޮޑު ނިޢުމަތެއް ތިއީ. ތިއޯގާތެރިކަމާއި ވަފާތެރިކަން އަބަދުވެސް އަހަރެންނަށް ދެއްޗެ. އަހަރެންގެ ދީނުގެ ދެބައިކުޅަ އެއްބައި ފުރިހަމަކޮށްދިނީ އެވީގެ ތި އީމާންތެރިކަން. އެ ކުޑަކުޑަ ދަރިފުޅު އަހަރެން ޖަންނަތުގައި ފައިތިލަ ސާބިތުކުރުމަށް އެހީތެރިވެދޭނެ. އެވީ އަބަދުވެސް ހަނދާންކުރައްޗެ! އަހަރެންގެ ހަޔާތުގައި ފާއިތުވެގެންމިދާ 'ކޮންމެ ހިނދެއް' ގުޅިފައިވަނީ ތިދެމައިންނާ. އަހަރެންގެ ކޮންމެ ނޭވައެއް ކޮންމެ ވިންދެއްގައިވަނީ ތިދެމައިން. ތިދެމައިންނާ ނުލާ އަހަރެންގެ ދިރިއުޅުމަށް އަންނާނީ ބޮޑު އުނިކަމެއްކަން ޔަޤީން" މާހިލްގެ ވާހަކަތަކުން އާވާގެ ހިތަށް ލިބުނު އުފާވެރިކަން އިންތިހާއެވެ. ހިނިތުންވުމަކާއެކު މާހިލްގެ ނިތުގައި އޭނާ ނިތް ޖައްސައިލިއެވެ. ޖެހެމުންދިޔަ ފިނިފިނި ވައިރޯޅީގެ ތެރޭގައި ދެމަފިރިންގެ މޫނު އިންތިހާދަރަޖައަށް ކައިރިވެފައި ވަނިކޮށް ސިހުން ގެނުވީ މައުވާ ދުއްވާފައި އައި ކޮށި އާވާގެ ފައިގައި ޖެހި މަތަވުމުންނެވެ. ދެމަފިރިން ސިހިގެންދިޔަ ގޮތުން މައުވާ ކައިރިއަށް ހިނިއައެވެ. އެކަކު އަނެކަކުގެ މޫނަށް ބަލައިލާފާއި އާވާއާއި މާހިލްވެސް ހީލިއެވެ. ކުޑަދަރިފުޅު ނަގާފައި މޫނުގައި ބޮސްދިން މަންޒަރު ދެމަފިރިންގެ ހަޔާތުގެ ޑައިރީގައި ލިޔެވި، ރައްކާކުރެވިއްޖެއެވެ.

-ނިމުނީ-

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟