ނުރުހުންތެރިކަން އުކުލެވިގެންވި ނަޒަރަކުން އެކުވެރިންނަށް ހާޖަރާ ބަލައިލިއެވެ. ކަތުރުކަށިގަނޑަށް އަރައިގެން ދިޔަ ވާން ކަމާއެކު، އޭނަ ބޮމުން ދިޔަ ހިމަ ދިގު ޖޫސްތަށީގައި ހިފާލެވުނީ ނިކަން ބާރަށެވެ. އަތަށް ތަށި ތަޅައިގެން ނުދިޔައީ ވެސް ހަމަ ކިރިޔާއެވެ. ރުޅިގަދަވެ ކަންފަތުން ދުންއަރާހާ ވެއްޖެއެވެ.
އިންޒާރު އެކުލެވިގެންވި ހާޖަރާގެ ބެލުމާއެކު އެންމެންގެ ދުލުގައި ތަޅެއްލެވުނު ކަހަލައެވެ. ކުށްވެރިކަމުގެ އިހުސާސްތަކާއެކު އިސްތިރިކޮށްލެވުނީ ހާޖަރާއާއި ހަތަރުކަޅި ހަމަކުރަން އުނދަގޫވުމުންނެވެ. އެކަމުން ވެސް އެކުވެރިންގެ މެދުގައި ހާޖަރާއާ މެދު އޮތްނަ ޖެހިލުންވުން ހާމަކޮށްދިނެވެ. ހާޖަރާއާއި އެއްސަފެއްގައި ފައިތިލަ ސާބިތުކޮށްނުލެވޭނެކަމުގެ ހެއްކަކަށް އެކަން ވެސް ފުދެއެވެ. ހިތަށް ކިބުރުވެރިކަމުގެ ލިސާންތައް ވެރިވިޔަސް، އައިސްފައި ހުރި ރުޅިވެރިކަމާ ހުރެ ހާޖަރާއަށް ބުމަކައިރިކޮށްލެވުނެވެ. މޫނަށް ގޮތެއް ހަދާލެވުނެވެ.
''ކޮބާތަ މައްސަލައަކީ؟ އަނބިމީހާގެ އާއިލާއަށް މަދަދުވެރިވާން ޖެހޭނެދޯ؟ އެމީހުން ހާލުގައި ޖެހެން ދުލެއް ނުކުރެވޭނެތާ! އެއީ ރަނގަޅުކަމެއް ވެސް ނޫނެއްނު! އެވަރު ވިސްނައިދީފައި ކަރީމް ތަރުބިއްޔަތުކޮށްފައި ހުރީ، އެއީ ވެސް މިހާރު ކަރީމްގެ އާއިލާގެ ބަޔެއްނު... އަނެއްކޮޅުން ލައިލާއާއި އޭނަގެ އާއިލާއަކީ ވެސް ނުލާހިކު ރަނގަޅު ބައެއް...'' ދަރިފުޅުގެ ދިފާއުގައި ހާޖަރާ ވާހަކަދެއްކިއެވެ. ހިތުގައި ލައިލާއާއި އޭނަގެ އާއިލާގެ މައްޗަށް އޮތްނަ ނަފުރަތު ސިއްރުކުރަމުން، އެކުވެރިންގެ ލޮލުގައި އަނދުންއަޅުވަން ހާޖަރާ މަސައްކަތް ކުރިއެވެ.
''އާނ، ތިބުނީ ހަމަ ރަނގަޅު ވާހަކައެއް، ހާޖަރާދެކެ މީހުން ހަސަދަވެރިވާތީ އެކަހަލަ ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަނީ، އަނބިމީހާގެ އާއިލާއަށް ހަރަދުކުރުމުން އޭގައި އޮތް މައްސަލައަކީ ކޮބާ؟ މީހުން ވަރަށް ބޭނުންވާނެ ފިތުނަ އުފެދޭ ކަހަލަ ވާހަކަ ފަތުރަން، އެހެންނޫނަސް ލައިލާއަކީ ނުލާހިކު ރަނގަޅު މީހެއް، އެހެންނޫންނަމަ ލައިލާ ބަލައިގަންނަން ހާޖަރާއަށް އުނދަގޫ ވީސް، މެދުފަންތީގެ އާއިލާއަކުން އައިސްފައިވާ މީހެއް ބަލައިގަތުމަކީ ވެސް ފަސޭހަކަމެއް ނޫން ވިއްޔާ، ނަމަވެސް އެކަން ސާބިތުކޮށްދިނުމުން އެނގެނީ ހާޖަރާގެ ހިތްހެޔޮކަން، ތީ ހަމަ ހިތްހެޔޮކަމުގެ ލާމަސީލު ނަމޫނާއެއް!'' ވާހަކައިގެ މިސްރާބު ބަދަލުކޮށްލަން ފޮނި ވާހަކަތަކެއް ދެކެވެން ފެށުނެވެ. މަޤުސަދަކަށްވީ ހާޖަރާގެ ހިތުގައި އޮތް ހިތްހަމަނުޖެހުމާއި ރުޅިވެރިކަމުގެ ހުޅުގަނޑު ފެތުރިގެން ދިއުމުގެ ފުރުސަތު ނުދިނުމެވެ. ވިސްނުން އެހެން ދިމާއަކަށް އަނބުރާލުމެވެ. ހާޖަރާގެ ހިތްހެޔޮކަމާއި އޯގާތެރިކަމުގެ ވާހަކަދައްކައިގެން ހާޖަރާގެ ރުހުން ލިބޭތޯ އެންމެން ވެސް ބެލިއެވެ.
''އާނ، މިވީހާ ދުވަހު ލައިލާ ބަލައިގަތުމަކީ ފަސޭހަކަމެއް ނޫން، ޅީދަރިފުޅުގެ މަޤާމު ދިނުމަކީ ވެސް ފަސޭހަކަމެއް ނޫން، އެކަމަކު އެންމެނަށް ވެސް އެކަން ވާނެކަން ހާޖަރާ ވަނީ ސާބިތުކޮށްދީފައި...'' އަނެކަކު އިތުރުކޮށްލިއެވެ. ލައިލާގެ ސަބަބުން ހާޖަރާވި ބަދުނާމާއި އެކުގައި ވެސް، ލައިލާ ބަލައިގަތުން އެއީ އޭނަގެ ހިތުގެ ސާފުކަން އަންގައިދިންކަމެއްކަމަށް ބުނުމުން ހާޖަރާ ވަކިން ބޮޑަށް ފަހުރުވެރިވިއެވެ. އެއީ ހަޤީޤަތަކަށް ނުވިޔަސް މެއެވެ.
އެކުވެރިންގެ ފަރާތުން އޮހެމުން އައި ތައުރީފުގެ ބަސްތަކުން ފޮނިކަމާއި ބޮޑާކަން އޭނަގެ ހިތަށް ވެރިވިއެވެ. ލައިލާއާ މެދު އޭނަ ދެކެމުން އަންނަ ނަޒަރިއްޔާތު އެކުވެރިންނަށް ސިއްރުވެފައި އޮތުމުން، އެހިތުގެ ހަޤީޤީ ނިޔަތާ މެދު ސުވާލު އުފެއްދުމުގެ ފުރުސަތެއް އެކަކަށް ވެސް ނުލިބުނެވެ. އެއީވެސް ހާޖަރާއަށް ލިބުނު ހިތްހަމަޖެހުމެކެވެ. ދުނިޔޭގެ ލޯތަކަށް އޭނަގެ ހިތްނުބައިކަން ސިއްރުކުރަން ހާޖަރާ ބޭނުންވެއެވެ. މީހުންނަށް ނުފެންނަ ހިސާބުގައި ހިތުގެ ނަފުރަތުގެ ރޯޅިތައް ލައިލާއަށް އަމާޒުކުރަނީ އެހެންވެއެވެ. ހާޖަރާއަކީ މަކަރުވެރި އަދި ރޭވުންތެރި އަންހެނެކެވެ. ފިރިމީހާ ނިޔާވުމުގެ ކުރިން ވަސިއްޔަތް ނުކުރިނަމަ ކަރީމްގެ ދިރިއުޅުމުން ލައިލާ އެއްފަރާތްކޮށްލިތާ ކޮން ދުވަހެއް ހެއްޔެވެ! ނަމަވެސް، އެމުސީބާތާއެކު ދިރިއުޅެން އާދަވާން އޭނައަށް ވަނީ މަޖުބޫރުވެފައެވެ. ހިތުގައި ވިކައިލި ޚިޔާލުތަކުން ފޫހިކަން ހާޖަރާގެ ހިތަށް ވެރިވިއެވެ. ނުރުހުންތެރިކަމާއެކު ތުންދަމާލެވުނީ އެހެންވެއެވެ.
*****
ހަލަބޮލި މާހައުލުގެ ސަބަބުން އީވާއަށް ލިބެމުން ދިޔައީ ހާސްކަމެވެ. ނޭވާލާން އޭނައަށް ދަތިވާހެން ހީވިއެވެ. މެޔަށް ވަމުން ދިޔަ އުނދަގޫތަކުން މިންޖުވުމެއް ނެތް ކަހަލައެވެ. ޖާދިންއާއެކު މީހުންނާ ބައްދަލުކުރަން ޖެހުމުން އެކަން ވެސް އޭނައަށް ބޮޑުކަމަކަށް ވިއެވެ. ދެކޮޅު ހެދެން ނެތުމުން އެހުރިހާކަމެއް ޤަބޫލުކުރަން އޭނައަށް ޖެހުނެވެ. ދެއްކުންތެރިކަމުގެ ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވަމުން އުފާވެރިކަން މޫނުމައްޗަށް ގެނައެވެ. އޭގެ ސަބަބުން ވަރުބަލިކަން ވެސް އިހުސާސްކުރެވުނެވެ. މިހެން އަދި ކިތައް ދުވަސް ދާނެ ހެއްޔެވެ؟ ކިތައް ތަމްސީލު ކުޅެން ޖެހޭނެ ހެއްޔެވެ؟ އެސުވާލުތައް ތަކުރާރުކޮށް ހިތުގައި ވިކަމުން ދިޔަ އެވެ. ހިތުގެ ހަމަޖެހުން ނެތިގެން ގޮސްފިއެވެ.
ސަލާމަތުގެ އައްސޭރިއަކަށް ދާން ބޭނުންވެފައި ހުރި އީވާއަށް އެފުރުސަތު ފަހިވެގެން ދިޔައީ ޖާދިން ކޮންމެވެސް ބަޔަކާއެކު ވާހަކައެއްގައި ބައިވެރިވާން ފެށި ހިސާބުންނެވެ. ދެކެވެމުން ދިޔައީ ކޮންމެވެސް ވިޔަފާރިއެއްގެ ވާހަކައެކެވެ. އެކަމާ ވެސް އީވާ ހުރީ ފޫހިވެފައެވެ. ވިޔަފާރީގެ މަސްރަހަކީ އޭނަ އެންމެ ފޫހިވާ ކަންތަކެވެ. އެއްވެސް ކަހަލަ ޝައުޤުވެރިކަމެއް ނުހުރެއެވެ. އެވާހަކަތަކުން އާ ފުރި ނިދިއަން ހެން ވެސް ހީވިއެވެ.
''ޖާދު، އަހަރެން އެބަ އަންނަން އިނގޭ...'' ދިއުމުގެ ހުއްދައަކަށް އީވާ އެދުމުން، އީވާއަށް ބަލައިލި ޖާދިން ހިނިތުންވެލިއެވެ. އެއީ ދިއުމުގެ ހުއްދައެއް ކަމުގައި ދެކެމުން، އީވާ އަވަސްވެގަތީ މެހެމާނުންތަކުން ފުރިފައި އޮތް ހަލަބޮލި މާހައުލާ ދުރަށް ދިއުމަށެވެ. ސިކުނޑީގެ ހާސްކަމަށް ލުޔެއް ހޯދައިދޭށެވެ.
އަވަސް ފިޔަވަޅުތަކެއްގައި ސިޑީގެ ހަރުފަތްތައް ގިރާކޮށްލަމުން އީވާ އެރީ ގޭގެ ދެވަނަ ފަންގިފިލާއަށެވެ. އެއަށްފަހު ހާމަފެންޑާއަށް ނިކުމެވެން ހުންނަ ބިއްލޫރި ދޮރު ހުޅުވާލަމުން، ހާމަފެންޑާއަށް ނިކުތެވެ.
*****
ސާދަވިލޭރޭގެ ފުރިހަމަ ހަނދުވަރު އެޅިފައިވުމުން އަލިކަމަކަށް ބޭނުމެއް ނުވެއެވެ. ޖާގައިގެ ގޮތުން ހާމަފެންޑާ ބޮޑު ވިޔަސް އެތާނގައި ގިނަ އަދަދެއްގެ ބަގީޗާ ގަސްތަކާއި މާގަސްތަކުގެ ޓުކުރިތައް ބެހެއްޓިފައި ވެއެވެ. އެހެންވުމުން ހިނގާ ދާއިރާ ދައްކަނީ ހަނިކޮށެވެ. ހާމަފެންޑާގެ މެދާއި ހިސާބުގައި ކުޑަ ތަނެއް ހިޔާކޮށްފައި ހުރެއެވެ. އެތާނގައި އުނދޯއްޔެއްގެ އިތުރުން ސޯފާތަކެއް ބެހެއްޓިފައި ވެއެވެ. މެދުގައި ބިއްލޫރިން ފަރުމާކުރެވިފައިވާ މޭޒެއް ވެސް ހުއްޓެވެ. ވާރެއާއި ކެރީގެ އަސަރު ކުރިމަތިވެއްޖެނަމަ ވަށައިގެން ވައްޓާލެވޭނެހެން ދެފުށްފެންނަ ސަތަރިގަނޑެއް ވެސް ހަރުކުރެވިފައި ވެއެވެ.
ފެތުރިފައި އޮތް ހަދުވަރުގެ އަލީގެ ތެރޭން މާހައުލުގައި ދިރުމެއް އެކުލެވިފައި ވިއެވެ.
އީވާއަށް އެންމެ ކަމުދިޔައީ މާހައުލުގައި އޮތް ހަމަހިމޭންކަމެވެ. ރެއިލިންގް ކައިރިއަށް ހުއްޓެމުން އޭނަ ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި ހާމައަށް އޮތް އުޑަން ނަޒަރު ހުއްޓާލިއެވެ. ހަނދުގެ ދަރުބާރުގައި ވިދާބަބުޅަމުން ދިޔަ ތަރިތަކާއި ޖެހެމުން ދިޔަ ފިނި ރޯޅިތަކުން ސިކުނޑީގެ ހާސްކަމަށް ލުޔެއް ހޯދައިދިނެވެ. މީގެ އިރުކޮޅެއް ކުރިން ކުރެވެމުން ދިޔަ އުނދަގޫތަކާއި ދުރުވެވެމުން ދިޔަ އެވެ. އެގޮތުގެ މަތީން އިރުކޮޅެއް ފާއިތުވެގެން ދިޔައެވެ.
އިސްތިރިކޮށްލި ވަގުތު އީވާގެ ލޮލުގައި އޭނަގެ އިނގިލީގައި އޮތް އަނގޮޓި އަޅައިގަތެވެ. އެއާއެކު އަނެއްކާ ވެސް ހަޤީޤަތާ ކުރިމަތިލާން ޖެހިއްޖެއެވެ. ކިތަންމެ ވަރަކަށް ފިލަން މަސައްކަތް ކުރިޔަސް ދެނެއް އެކަމެއް ނުވާނެއެވެ. އިނގިލީގައި އެއޮތް އަނގޮޓިއަކީ އޭނަ ވި ވަޢުދުގެ ހެއްކެކެވެ. އަނެއްކާ ވެސް މޮޅިވެރިކަން ހިތަށް ސަވާރުވެގެން ދިޔައެވެ. އީވާއަށް އަނގޮޓިގައި ފިރުމާލެވުނެވެ. ޖަޒުބާތުގެ އޮއެވަރުގެ ތެރޭގައި އީވާގެ ނަފުސު ބެހިގެން ދިޔަ އެވެ.
''ދެއާރ ޔޫ އާރ!، އީވް ނުފެނިގެން ހޯދާތާ ކޮން އިރެއް، މީހުން ގިނަ ކަމުން އެކަނިވެލަން ދޯ މިތަނަށް ތިއައީ...'' ކުއްލިޔަކަށް އިވުނީ ޖާދިންގެ ބަރު ފިރިހެންވަންތަ އަޑެވެ. ހަމަހިމޭން މާހައުލުގެ ތެރޭން ކުއްލިޔަކަށް އެއަޑު އިވުމުން އީވާއަށް ތެޅި ގަނެވުނެވެ. ލޮލުން ފައިބަން އުޅުނު ކަރުނަ ތިކިތައް އަވަސްއަވަހަށް ފޮހެލަމުން އެތެރެއަށް ނޭފަތް ދަމާލިއެވެ. ކަރުނައިގެ ދިލަކަށް ފިލުވާލަން ހަލުވިކޮށް އެސްފިޔަތައް ތަޅުވާލިއެވެ.
''ވަރަށް ރީތި ހަނދުވަރެއް ދީފައި އޮތް ރެޔެއްދޯ؟...'' ޖާދިން އައިސް އީވާގެ ގާތަށް ހުއްޓުނެވެ. އަދި ހާމައަށް އޮތް އުޑަށް ނަޒަރު ހިންގާލިއެވެ. ޖާދިންއަށް ބަލައިލި އީވާއަށް އެމޫނުމަތިން މަޢުނަވީ އުފާވެރިކަން ފެނުނެވެ.
''އާނ...'' އީވާގެ ޖަވާބު ކުރެވެ.
''އީވްއަށް އެނގޭތަ؟، މިރޭ އަހަރެން ވަރަށް އުފާވެއްޖެ، އަހަރެންގެ ހިތުގެ ހާލު އީވްއަށް އަންގައިދިނުމުން އެރޭ ޖަވާބު ނުލިބުމުން ހީވީ ކުރެވުނީ މޮޔަކަމަކޭ، ދެމީހުންގެ އެކުވެރިކަމަށް ވެސް ނިމުމެއް އައީއޭ، އެކަމަކު ކައިވެންޏަށް އީވް އެއްބަސްވުމުން އެހުރިހާ ހާސްކަމަކަށް ނިމުން އައިސްފި، އީވްގެ ހިތުގައި އަހަންނަށްޓަކައި އޮތް އިހުސާސްތައް ވެސް ދަސްވެއްޖެ، އެދުވަހު ޖަވާބު ނުދެވުނީ ލަދުރަކިކަމުންކަން ވެސް އެނގިއްޖެ... އަހަރެން ވެސް ހާދަ މޮޔައޭ ދޯ، އަންހެންކުއްޖަކަށް ހިތުގެ ހާލު އަންގާއިރު އެކުއްޖާ ވެސް ލަދުގަންނާނެ ކަމާމެދު ވިސްނައެއް ނުލެވުނު... ހެހެހެ...'' ހަނދާއި ވަކިވެގެން އައި ޖާދިންގެ ތޫނު ނަޒަރު ހުއްޓުނީ އީވާގެ މޫނަށެވެ. ހަނދުވަރުގެ އަލީގައި އެދޮން މޫނު ފެންނަމުން ދިޔަ ގޮތުން އޭނަގެ ހިތުގެ ތެޅުން އަވަސްކުރުވިއެވެ. ހަމައެއާއެކު ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއްގެ އިހުސާސް ވެސް ކުރެވުނެވެ.
އީވާދެކެ ޖާދިންއަށް ލޯބި ވެވުނީ ކިހިނެއް ކޮން އިރަކު ކަމެއް ބުނަން ނޭގެއެވެ. ނަމަވެސް ހިތާއި ނަފުސަށް އަންނަމުން ދިޔަ ބަދަލުތަކުގެ ހިލަން އޭނައަށް ވާން ފެށީ އީވާ ފެނުމުން އެހިތަށް ލިބޭ އުފާވެރިކަމުންނެވެ. އެހިނިތުންވުމުން އޭނަގެ ހިތުގެ ނާރުތަކާއި ކުޅެލާ ގޮތުންނެވެ. އެރީތި ސޫރަ އަބަދުމެ ދެކިލަން ހިތް އެދޭތީއެވެ. އެހުރިހާ ބަދަލުތަކެއްގެ ސަބަބު ވިސްނައިގެނެވުނު އިރު އޭނައަށް އީވާ ދެކެ ލޯބި ވެވިއްޖެއެވެ. ދީވާނާ ވެވިއްޖެއެވެ. އެހިތުގެ ހާލު އަންގަން އޭނަ ބޭނުން ވިއެވެ. އެހެނަސް ފަސްޖެހެވުނެވެ. ކުރެވޭ ކަމަކުން އެދެމެދުގައިވި އެކުވެރިކަން ކިލަނބުވެދާނެތީއެވެ. ކުންޏެއް ޖެހިދާނެތީއެވެ. އެޚިޔާލުތަކުން އޭނަ ފަސްޖެހެވުނެވެ. ހިތުގެ އިހުސާސްތައް ސިއްރުކުރަން މަސައްކަތްކުރިއެވެ. ވޭން އެޅިކަމުގައި ވިޔަސް މެއެވެ. އެއުދާހެއްގެ ތެރޭގައި ވަނިކޮށް އުއްމީދުގެ ހުޅުކޮޅު ހިތުގައި ރޯވެގެން ދިޔަ އެވެ. އޭނައާއި އީވާގެ ގުޅުމަށް ހާޖަރާމާމަ ޝައުޤުވެރިކަން ފާޅުކުރި ހިސާބުން ފެށިގެންނެވެ. ކައިވެނީގެ ޚިޔާލުވެސް ދެއާއިލާގެ ދެމެދުގައި ބަދަލުކުރެވުނެވެ. އެއާއެކު އީވާ އޭނައާ މެދު ދެކެމުން އައީ ކިހިނެއްކަން އެނގުން މުހިންމު ކަމަށް ވިއެވެ. ހިތުގެ ހާލު އޭނަ ބަޔާންކުރީ އެހެންވެއެވެ. ކައިވެންޏަކާ ހަމައަށް ދިއުމުގެ ކުރިން އީވާގެ ހިތް އޮތްގޮތް އެނގެން ބޭނުން ވީތީއެވެ. އެދުވަހު އީވާގެ ފަރާތުން އޭނަ އުއްމީދުކުރި ފަދަ ޖަވާބެއް ނުލިބުނެވެ. އެކަމާ އޭނަ ހާދަ މާޔޫސް ވިއެވެ. ދެރަވިއެވެ. ހިތުގައި އުފެދިގެން އައީ ވަރުގަދަ ތޫފާނެކެވެ. އޭގެ ވޭން މުޅި ޖިސްމަށް ފެތުރުނެވެ. ނަމަވެސް މިހާރު އެތޫފާން ހިނދިއްޖެއެވެ. ހިތުގެ ގިލަންވެރިކަމަށް ޝިފާއެއް ލިބިއްޖެއެވެ. ކައިވެންޏަށް އީވާ އެއްބަސްވުމުން އޭނަ ބޭނުންވި ސުވާލަށް ޖަވާބު ލިބިއްޖެއެވެ. މުޅި ވުޖޫދުގައި ފިޔަޖަހަމުން ދަނީ އުފާވެރިކަމެވެ. އީވާ ހާސިލުވާނެކަމުގެ އުއްމީދުތައް ޔަޤީން ކުރެވުނީތީއެވެ.
''އީވް...'' އީވާއާއި ގާތަށް ފިޔަވަޅެއް އަޅާލަމުން ޖާދިން ގޮވާލިއެވެ. ޖާދިންގެ އެހަރަކާތުން އީވާގެ މެޔަށް ފިނިވިއެވެ. ބޭއިހްތިޔާރުގައި ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. ޖާދިން އެދެމެދުގައި އޮތް ދާއިރާ ހަނިކުރަން ފެށުމުން އީވާ ބިރުގަންނަން ފެށިއެވެ. ހިތަށް ވަމު ދިޔަ އުނދަގޫތަކުން މޮޔަކަމެއް ކުރެވިދާނެތީ ހާސްވާން ފެށިއެވެ. ދުރަށް ގޮސްފިނަމަ ޖާދިންގެ ހިތުގައި ޝައްކު އުފެދިދާނެއެވެ. އޭރުން ނިކުމެދާނީ ކޮންކަހަލަ ނަތީޖާއެއްކަމެއް ނޭގެއެވެ. ފަހަރެއްގައި ވެސް ޖާދިންގެ ހިތުގައި ޖައްސަން އޭނަ ބޭނުމެއް ނޫނެވެ. ނަމަވެސް، އޭނަގެ އިހުސާސްތަކާ މެދު އަމަލުކުރަންވީ ކިހިނެއް ހެއްޔެވެ؟ ފުރަގަސްދޭންވީ ހެއްޔެވެ؟ އެއީ ކޮންކަހަލަ އިންސާފެއް ހެއްޔެވެ؟ ހިތުގައި ލޭކޮށިގެން ދިޔަޔަސް ވަރިހަމަ ވެގެން ހުންނަންވީ ހެއްޔެވެ؟ އޭނަގެ އުފާތައް ޤުރުބާން ކުރަންވީ ހެއްޔެވެ؟
''ކޮންމެކަމެއް ވެސް އަހަންނާ ހިއްސާ ކުރައްޗޭ، އެއްވެސްކަމެއް ސިއްރުނުކުރާތި، މަޖުބޫރުން އެއްވެސް ކަމެއް ކުރާކަށް އަހަރެން ބޭނުމެއް ނޫން... މީގެ ފަހުން އަހަރުމެން ދެމެދުގައި ލޯބި އިތުރުވެގެން ދާން އަހަރެން ބޭނުން...'' އީވާގެ އަތުގައި ހިފާލަމުން ޖާދިން ބުނެލިއެވެ. އެދެމެދުގައި ސިއްރުތަކެއް ވާން ބޭނުންނުވާކަން ޖާދިންގެ އަޑުން ހާމަކޮށްދިނެވެ.
''ހޫމްމްމް...'' ހާސްވެފައި ހުރި އީވާއަށް ޖާދިންގެ މޫނަށް ބަލައިލެވުނެވެ. އެދެލޮލުން އޭނައަށް ފެނުނީ ނިމުމެއް ނުވާ ލޯތްބެވެ. އޭނަ ދެކެ އެފަދަ މަތިވެރި ލޯތްބެއް ޖާދިން ވަނީ ކީއްވެގެން ހެއްޔެވެ؟ ހިތް ބިރުގަންނަން ފެށީ ނޭގި ނަމަވެސް ޖާދިންގެ ހިތަށް އަނިޔާއެއް ދެވިދާނެތީއެވެ.
''އަހަރެން ވެސް ބޭނުން ވާހަކައެއް ބުނަން...'' ފުންނޭވާއެއް ދޫކޮށްލަމުން އީވާ ބުނެލިއެވެ.
''އަވަހަށް ބުނޭ، މިހުރީ އަޑުއަހަން...'' ޝައުޤުވެރިކަން ފާޅުކުރަމުން ދާޖިން ވާހަކަދެއްކިއެވެ. އީވާގެ އަތުން ދޫކޮށްލުމުގެ ޚިޔާލެއް އޭނަގެ ނެތެވެ.
އީވާއަށް ވިސްނާލެވުނެވެ. އަދި ހަށިފުރާނޭވާއެއް ދޫކޮށްލިއެވެ.
''އަހަރެން...'' އީވާއަށް ބުނެވުނީ އެހިސާބަށެވެ. ދެން ދުލެއް ހަރަކާތެއް ނުކުރިއެވެ. ކަޅި ޖަހާލުމެއް ނެތި ޖާދިން އޭނައަށް ބަލަމުން ދިޔަކަން އީވާއަށް ފާހަނގަ ވިއެވެ.
''ތެންކިއު...'' ހުއްޓުންއަރާފައި ހުރުމަށް ފަހު އީވާ ބުނެލިއެވެ.
''ކޮންކަމަކަށްތަ؟...'' ޖާދިން އެއް ބުމައަރުވާލިއެވެ.
''ހުރިހާ ކަމަކަށްވެސް، އަހަރެން ދެކެ ތިހާ ބޮޑަށް ލޯބިވާތީ، އަހަރެންނާ މެދު އޯގާތެރިވާތީ، ކަމަކަށް މަޖުބޫރު ނުކުރާނެތީ، އަދި އަހަރެންގެ ހުވަފެންތަށް ހަޤީޤަތަކަށް ހަދަން މާމައަށް ވިސްނައިދިނީތީ... ޖާދު ވާހަކަދެއްކީމަ މާމަ ހަޤީޤަތުގަ އެއްބަސް ވީ ވެސް...'' އިސްތިރިކޮށްލަމުން އީވާ ބުނެލިއެވެ. އޭނައަށް އެހިތުގެ ހާލު ޖާދިންއަށް ހާމައެއް ނުކުރެވުނެވެ. ފަސްޖެހެވުނެވެ.
''އަހަރެންގެ އުފާތައް މިހާރު ގުޅިފައި ވަނީ އީވްއާ، ދެމީހުންގެ ހުވަފެންތައް ވެސް އޮތްނަން ވާނީ ގުޅިފައި، އިތުބާރު އުފެދޭނީ އެކަކު އަނެކަކަށް އެއްބާރުލުން ދީގެން، ފަހަރެއްގައި ވެސް އީވްގެ މިނިވަންކަމަށް އަހަރެން ހުރަހެއް ނާޅާނަން، ބޭނުން ކޮންމެ ކަމެއް ކުރުމުގެ ފުރުސަތު ހޯދަދޭނަން، އީވްގެ ހުވަފެންތައް ހަޤީޤަތަކަށްވުމުން އެކަމުން އަހަންނަށް ވެސް އުފާވެރިކަން ލިބޭނެ... ކިޔެވުން ނިމެންދަން އިންތިޒާރު ކުރާނަން، އިންތިޒާރުގެ ނިމުން ފޮނިވާނެއޭ މީހުން ބުނެ އުޅެއެއްނު!'' ޝަހާދަތް އިނގިލި އީވާގެ ދޮތްދޮޅީގައި އަޅުވާލަމުން ޖާދިން ވާހަކަދެއްކިއެވެ. ޖާދިންގެ ހަރަކާތުން އިސްއުފުލަން އީވާއަށް މަޖުބޫރުވިއެވެ. ދެޒުވާނުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔަ ހިނދު އީވާގެ ހިތުގައި ހައިޖާންގަނޑެއް އުފެދިގެން ދިޔައެވެ. އެއުދާސްކަން ކަރުނައިގެ ސިފައިގައި ބޭރުވެގެން ދިޔައީ ކުއްލިޔަކަށެވެ. ނަފުސުގެ މައްޗަށް އޮތް ކޮންޓްރޯލް ދޫވެގެން ދިޔައެވެ. ޖާދިންގެ ވާހަކަތަކުން އީވާގެ ހިތަށް އަސަރުކުރީއެވެ.
އީވާގެ ލޮލުން ވިދާބަބުޅަން ފެށި ކަރުނަތަކުން ޖާދިންގެ މެޔަށް ބާރުވެގެން ދިޔަ އެވެ. ކަންބޮޑުވުން އެމޫނުމައްޗަށް ވެރިވެއްޖެއެވެ. ހިތް އަވަސްވެ މީހާ ނުތަނަވަސް ވެއްޖެއެވެ.
''އީވް...'' ކަންބޮޑުވުމާއި ލޯބިން ފުރިގެންވި އަޑަކުން ޖާދިން ގޮވާލިއެވެ. އީވާގެ ލޮލުގެ ހިމަކޮޅުން ލާފައި ފައިބަން އުޅުނު ކަރުނަތައް ފޮހެލަމުން އެދިގު މޫނުގައި ޖާދިންއަށް ހިފަހައްޓާލެވުނެވެ. އޭނަގެ ދެލޮލުގައި ވަނީ އިންތިހާ ދަރަޖައިގެ ހާސްކަމެވެ. އީވާގެ ލޮލުން ފައިބަމުން އައި ކަރުނަތަކުގެ ހަޤީޤަތް އެނގެން އޭނަ ބޭނުން ވިއެވެ. އެއާއެކު، ވަގުތުން ސުވާލުކޮށްލެވުނެވެ.
އީވާއަށް ޖަވާބެއް ނުދެވުނެވެ. އޭނައަށް ޖާދިންގެ މޭގައި މޫނު ފޮރުވާލެވުނީއެވެ. ސުވާލު އުފެދިފައި ހުރި ޖާދިން އޭނަގެ ބާރުގަދަ ދެއަތުން އީވާގެ ތުނި ހަށިގަނޑު ވަށާލިއެވެ. އަދި އޭނަގެ ރައްކާތެރިކަމާއި އޯގާތެރިކަމުގެ ތެރޭގައި އީވާ ގައިދުކޮށްލިއެވެ.
އިރުކޮޅަކަށް އެދަނޑިވަޅު ދެމިގެން ދިޔަ އެވެ. މީހާ ހަމައަކަށް އެޅުމުން ޖާދިންގެ އަތުގެ ތެރޭން މިނިވަން ވެގަތެވެ. އޭރު ކުރެވުނު ކަންތައް ހަނދާންވެ އޭނަ ލަދުގަންނަ ގޮތް ވެއްޖެއެވެ. ޖާދިންގެ ހިތުގައި ސުވާލުތައް ވާނެކަން އެނގޭތީ ޖަވާބު ދޭނެ ގޮތަކާ މެދު އީވާއަށް ވިސްނާލެވުނެވެ.
''ޖާދުގެ ވާހަކަތަކުން ޖަޒުބާތީ ވެވުނީއޭ، ތި ދަރަޖައަށް ކީއްވެތަ އަހަރެން ދެކެ ލޯބި ވަނީ؟'' ހުނުމެއްގެ ތެރޭން އީވާ އެހިއެވެ. ހަޤީޤަތުގައި ވެސް އެސުވާލުގެ ޖަވާބު އެނގެން އޭނަ ބޭނުން ވިއެވެ.
''ހެހެހެ...'' އީވާއަށް ބަލަން ހުރި ޖާދިންއަށް ހިނިތުންވެވުނެވެ. އީވާގެ އުދާސްކަން ފިލައި ދިޔަތަން ފެނި އޭނަގެ ހިތަށް ރާހަތެއް ލިބުނުކަން ގައިމެވެ.
''ދެން ބުނެބަލަ...'' ޖަވާބު އެނގެން ބޭނުންވުމުން އީވާއަށް ސުވާލު ތަކުރާރުކޮށްލެވުނެވެ. ކެތްތެރިކަން ކުޑަވެފައިވާކަން އޭނަގެ އަޑުން އެނގެއެވެ.
''އީވް ހުންނަ ގޮތް ލޯބިކަމުން... ހެޕީ؟'' ބޮލުގެ ފުއްކިބައިގައި އަތްތިލަ ހިންގާލަމުން ޖާދިން ބުންޏެވެ. ހަޤީޤަތުގައި އިވާގެ ސުވާލަށް ޖަވާބުދޭން އޭނައަށް ނޭގުނީއެވެ.
*****
އެއް ހަފްތާ ފަސް...
ހުކުރު ދުވަހުގެ ހެނދުނެވެ. ހާޖަރާ މަރުދީގެން ހައްދާ ބަގީޗާގައި ގަސްތައް އިންދުމުގައި އޭނަ އުޅުއެވެ. އޭރު ހީނާ ވެސް ހާޖަރާގެ ހިޔަނިހެން ގާތުގައި އުޅެއެވެ. ގޯތީގެ ގޮތުން ބިން ބޮޑުކަމުން ހާޖަރާ ބޭނުންވާ ކަހަލަ ބޮޑު ބަގީޗާއެއް ހެއްދުމުގެ ފުރުސަތު އޭނައަށް ލިބިފައި ވެއެވެ. ފިނިފެންމާ، ޗަންޕާޕޫލުމާ، ހުވަނދުމާ، އަސުރުމާ، ލިލީ، ޓިއުލިފް، ބޯގަންވިލާ އިން ފެށިގެން ގޮސް ނުހައްދާ ވައްތަރެއްގެ މާގަހެއް ނެތެވެ. ގޭގެ ގޭޓު މައްޗަށް އަރުވާފައި އޮތްނަ ރަތާއި ފިޔާތޮށިކުލައިގެ ބޯގަންވިލާ ގަސް އޮތްނަނީ މާތަކުން ބަރާވެފައެވެ. ދެފަރާތަށް ބަހާލާފައި އޮތްނަ މާބަގީޗާގައި މާފޮޅިފައި އޮތްނައިރު މުޅި މާހައުލު ގުލްޝަންވެފައި އޮތްނަނީ ހުވަނދުގެ ވަހުންނެވެ. ޕޯޓިކޯއާއި ކުރިމައްޗަށް ވާހެން އޮތްނަ ޕޮންޑާއި ފެންއަރުވާވަޑާން ހިސޯރުކޮށްފައިވަނީ ނީލޯފަރުމާތަކުންނެވެ. އެބަގީޗާއަކީ އެގޭގެ ދިރުމެވެ.
ދެބުރިއަށް ނަގާފައިވާ ގޭގެ އިމާރާތުންނާއި ފަރުމާތަކުން އިހުޒަމާނުގެ ޝާހީކަން ރަމްޒުކޮށްދެއެވެ. ރޯސްވުޑްގެ މައި ދޮރާއި، އުސް ކުޑަދޮރުތަކުން ފެށިގެން ގޮސް ސަންގުމަރުމަރުގެ ހުދުކަން އެކުލެވިފައިވާ މާރބްލްސްތަކުން ވެސް ފެންނަނީ މުއްސަނދިކަމުގެ ކުލަވަރުތަކެވެ. ފަރުނީޗަރުތަކުން ވެސް ގޭގެ ހައިބަތު ރަމްޒުކޮށްދެއެވެ. މައިގެއާއި އިންވެގެން ނޯކަރުން ތިބުމަށް ހާއްސަ ކުޑަ ތަނެއް ވެސް ވަކިން އިމާރާތްކޮށްފައި ހުރެއެވެ.
''މާމާ...'' ގަސް އިންދަން އުޅުނު ހާޖަރާއަށް ފަސްއެނބުރި ބަލައިލެވުނީ އީވާގެ އަޑަށެވެ. އޭރު އީވާ އައިސް ހާޖަރާގެ ގާތަށް ހުއްޓެނީއެވެ.
''ހޮސްޕިޓަލަށް ނުދާ ދުވަހަކީތަ؟'' އީވާ ލައިގެން ހުރި ކްރީމް ކުލައިގެ އަތްދިގު ކުރުތާއަށާއި ކަޅުކުލައިގެ ލެގިންސްއަށް ބަލާލަމުން ހާޖަރާ ބުނެލިއެވެ. އަޅާފައި ހުރި ބުރުގާއިން ވެސް ބޭރަށް ދާން ތައްޔާރުވެގެން ހުރި ހެނެއް ހިޔެއް ނުވެއެވެ. އެހެން ހުރެގެން އީވާ ހޮސްޕިޓަލަށް ނުދާނެއޭ ހާޖަރާގެ ހިތަށް އެރިއެވެ.
''މިއަދު މީ ހުކުރުދުވަހޭ، މާމާ ހަނދާން ނެތުނީތޯ؟'' ހުނުމެއްގެ އަޑާއެކު އީވާ ބުނެލިއެވެ. އެއާއެކު ހާޖަރާއަށް ވިސްނާލެވުނެވެ. ދުވަސްތައް ހަލުވިކަމާއެކު ދިއުމުން އޭނައަށް ނޭގުނީއެވެ.
''ކޮންކަހަލަ ގަހެއްތޯ ތި އިންދަނީ...'' ހާޖަރާ ގާތަށް ޖެހިލަމުން އީވާ ބުނެލިއެވެ. އީވާ އުޅުނު ގޮތުން ކަމަކު އެދެން ބޭނުންވެފައި ހުރިކަން ހާޖަރާއަށް ނަގައިގަނެވުނެވެ. ޓުކުރީގައި އިންދާލި ގަސް ވަށާ ފަސްލަމުން އީވާއަށް ހާޖަރާ ބަލާލިއެވެ.
''ކުރީ ދުވަހު ތަހުމީނާ ގެނެސްދިން ގަސްކޮޅެއް މީ، ކޮންމެވެސް ފަރަންޖީ ނަމެއްކީ، މިހާރު ހަނދާނެއް ނެތް...'' ހާޖަރާ ބުންޏެވެ. ''މާމައަށް ހާދަ ހީވެޔޭ ކަމަކު އެދެން ބޭނުންވެފައި ހުރިހެން، ލަސްނުކޮށް ބުނެބަލަ...''
''ހެހެހެ...'' ހާޖަރާގެ ހުޝިޔާރުކަން ފެނި އީވާއަށް ހެވުނެވެ.
''ހޫނ، ބުނާނެ ކަމެއް ނެތް... ފުރާދުވަސް ކައިރިވާތީ ތިއުޅެނީ މާމަ ރުއްސަން ވެގެން...'' ކުއްލިޔަކަށް ކަމެއް މަތިން ހަނދާންވުމާއެކު ހާޖަރާ ބުނެލިއެވެ. މިއަދު ހުކުރު ދުވަހަށް ވެއްޖެއްޔާ އީވާ ފުރަން ބާކީ އޮތީ ތިން ދުވަހެވެ. އެއާއެކު ހާޖަރާ ތުން ދިގުކޮށްލިއެވެ. އަދިވެސް އީވާ ދާން މުޅިއަކުން އޭނަގެ ހިތެއް ނުރުހެއެވެ.
''މާމަ އެއްބަސް ވީމެއް ނޫންތޯ، އަޅުގަނޑު ބޭނުންވަނީ މާމަގެ ހެޔޮދުޢާތައް ލިބިގެން ދާންށޭ...'' ތިރިގޮނޑިއެއްގައި އިން ހާޖަރާގެ ގާތަށް ތިރިވެލަމުން، ހާޖަރާގެ ގައިގައި ބައްދާލަން އީވާ އުޅުނެވެ.
''ހޫނ، ތިވަރު ނުވިޔަސް ހެވޭ... ތިހެން ހަދަނިކޮށް ހެދުމުގައި މާމަގެ އަތުގައި ހުރި ފަސްތައް ހޭކިދާނެ...'' އީވާ ގާތު ހާޖަރާ ބުނެލިއެވެ. މާމަ ދަރިފުޅު އޭނަގެ ރުހުން ހޯދަން ކުރަމުން ދިޔަ މަސައްކަތުން ތުން ދިގުކޮށްގެން އިތުރަށް ހުރެވޭ ގޮތެއް ނުވިއެވެ.
''މާމަގެ ހެޔޮ ދުޢާތައް އަބަދު ވެސް ވާނެ ދަރިފުޅާ އެކުގައި، ކިޔެވުން ނިމުނުހާ އަވަހަކަށް ވާނެ ކައިވެނި ކުރަން، އިތުރަށް ދެން ޒުވާނެއް ނުވާނެ ވިއްޔާ... ދަރިފުޅަށް އެނގޭތަ ދަރިފުޅުގެ ކާފައާ މާމަ ކައިވެނި ކުރީ އުމުރުން އެންމެ އަށާރަ އަހަރުގައި، އޭރު ތިކަހަލަ ބޮޑު ހުވަފެންތަކެއް މާމަ ނުދެކެން، ކައިވެންޏަށް ފަހު ބެލީ ފިރިމީހާގެ ވާޖިބުތައް އަދާކުރެވޭތޯ، އެތައް އަހަރަކަށް ފަހު ކުރި ދިގު އިންތިޒާރަށް ނިމުން އައީ ދަރިފުޅުގެ ބައްޕަ ލިބުނު ފަހުން، އޭރު ވެސް މިހާރު ވެސް މާމަގެ ސަމާލުކަން އޮތީ އާއިލާއަށް ހުސްވެފައި، އީވާ ވެސް އެހެން ވާންޖެހޭނެ، ކާމިޔާބާއި ހުރިހާއެއްޗަކަށް ވުރެ އާއިލާ އިސްކުރެވެން ޖެހޭނެ... ވަޒީފާގައި އުޅުނަސް އާއިލާއަށް ވަގުތު ދެވެން ޖެހޭނެ... މާމަ ދަރިފުޅަށް އިތުބާރުކުރަން، ޖާދިން ވެސް އެހުރީ ދަރިފުޅަށް މިނިވަންކަން ދޭން ތައްޔާރަށް، މާމަ ގާތު ޖާދިންއާއި ކަރީމް ދެއްކި ވާހަކައަށް ފަހުގައި ކިޔަވަން ފޮނުވަން އެއްބަސްވެވުނީ ވެސް، ދަރިފުޅު ޖެހޭނެ ޖާދިންއަށް ހެޔޮލަފާ އަންބަކަށް ވާން، މާމައަށް ވި ޝަރުތު ހަނދާން ނައްތާނުލާތި...'' ހާޖަރާ ބުންޏެވެ.
''ލައްބަ...'' އެއްވެސްކަމެއްގައި އޭނަގެ އާރެއްބާރެއް ނެތް ފަދައިން އީވާއަށް ބުނެވުނެވެ.
'ކޮބާތަ ރައުހާ؟، އޭނަގެ ހާލަކީ ކޮބާތަ؟'' ހާޖަރާ އެހިއެވެ. ''އެމަންޖެ ވެސް ކިޔެވުން ނިންމާފަ ރާއްޖެ އަންނާކަށް ބޭނުމެއް ނުވި، ކިޔެވިކިޔެވުމުން ޤައުމަށް ފައިދާ ނުކުރަންޏާ ކޮބާތަ ފައިދާ އަކީ، އަދި މާމައަށް އަޑު އިވިފައޭ އޮތީ، ލަންޑަނުން ކޮންމެވެސް ނަސާރާ ދީނުގެ މީހަކާ ހިތާވެގެންނޯ އުޅެނީ، ޑޮކްޓަރެކޭ ބުނި އަޑު ވެސް އެހިން... އެއީ ތެދެއްތަ؟''
''މާމަވެސް ރޫމާސްތައް އަޑުއަހަންތޯ؟'' ހާޖަރާގެ ކަންފަތާ ހަމައަށް އައިސްފައިވި ވާހަކަތަކުން އީވާ ގާތަށް ހިނިއައެވެ. ހަޤީޤަތެއް ނެތަސް ވާހަކަ ފަތުރަން މީހުން ނިކަން ކުޅަދާނަ ވާނެއެވެ.
''މިހާރު މިއުޅޭ ކުދިންގެ ވިސްނުން ހުންނަ ގޮތް އެއީ، މައިންބަފައިންނާ ދުރުގައި އުޅުން، ބޭރު މީހުންނާ ރައްޓެހިވުން... ރައުހާ ވެސް އޭނަގެ މައިންބަފައިންނާ މެދު ނުވިސްނާ.. އަދި އެއް ވާހަކަ، ދަރިފުޅަށް އެނގެއެއްނު ސަކީނާ؟ އޭނަގެ ދަރިވެސް ކޮންމެ ވެސް ބޭރު މީހަކާ ހެދި މޮޔަވެގެންނޯ އުޅެނީ، މިހާރުގެ ކުދިންގެ މިޒާޖު ކަންނޭގެ އެއީ...'' އަތުގައި އޮތް އަންގީ ނައްޓާލަމުން ހާޖަރާ ބުންޏެވެ.
''މާމައަށް އަޑު އިވިގެން ތިއުޅެނީ ގޯސްކޮށްނޭ، ރައުހާ ރައްޓެހިވެގެން އުޅެނީ ނަސާރާ ދީނުގެ ކުއްޖަކާއެއް ނޫނޭ، އެއީ ޕާކިސްތާނު ޒުވާނެކޭ، އޭނަގެ އާއިލާ އުޅެނީ ލަންޑަންގަ، އޭނަގެ ނަމަކީ ފަރުހާން... ރައުހާގެ އާއިލާ ވެސް އެގުޅުމާ އެއްބަސް...'' ހާޖަރާއަށް އަރާފައި އޮތް އޮޅުން ރަނގަޅުކޮށްދެމުން އީވާ ބުނެލިއެވެ.
''އޭނަގެ ދިފާއުގައި ވާހަކަދައްކާނެ ކަމެއް ނެތް، ދިވެހިން އިންނަން ޖެހޭނީ ދިވެހިންނާ، ބޭރު މީހަކާ އެއް ނޫން!...'' ހާޖަރާ އޭނަގެ ގޮތުގައި ހިފެހެއްޓިއެވެ.
''ހުކުރުދުވަސް ވީމަ މެންދުރުގެ ކެއުމަށް ވާނެ ޖާދިންއަށް ދަޢުވަތު ދޭން... ދަރިފުޅު ޖާދިންއަށް ގުޅާބަލަ...'' އަތް ދޮންނަން ފެން އިސްކުރު ކައިރިއަށް ޖެހިލި ހާޖަރާ ވާހަކަ ދެއްކިއެވެ. ހާޖަރާއަށް އަތްގާތްކޮށްލަދޭން ހީނާ އުޅުނެވެ.
މާމަގެ ޖުމްލައާއެކު އީވާގެ މޫނު މިލައިގެން ދިޔަ އެވެ.
(ނުނިމޭ)