ހިމޭންކަމާއެކު ރޮމުންދިޔަ ފަލަކްނާޒްގެ އަޑު ބާރުވަމުން ގޮސް ނާސިހްގެ ކަންފަތާއި ހަމައަށް އެއަޑު ދަތުރުކޮށްފިއެވެ. ބޯމައްޗަށް އަތް ނަގައިގެން ދެލޯ މަރައިގެން އޮތް ނާސިހަށް ފަލަކްނާޒް ރޮމުންދާކަން އިނގޭއިރުވެސް ކެތްތެރިކަމާއެކު ދެލޯ މަރާލައިގެން އޮތެވެ.
ކްލިނިކުން ނިކުތް ގޮތަށް ދެމަފިރިން އެކީގައި އެރީ ކާރަށެވެ. ހުންގާނުގައި ހިފައިލުމަށްފަހު މާހިލް އާވާގެ މޫނަށް ލޯތްބާއެކު ބަލައިލިއެވެ. އާވާ މާހިލްއަށް ބަލައިލީ މާހިލް އޭނާއަށް ބަލާހެން ހީވެގެންނެވެ. މާހިލްގެ ދެލޯ ފެންކަޅި ވެފައިވި މަންޒަރު ފެނުމުން އާވާ ހިނިތުންވެލިއެވެ. އެކަރުނަތަކުގެ ފަހަތުގައިވާ އުފާވެރިކަން އޭނާއަށް އިހުސާސްވެއެވެ.
"އެވީގެ އެތެރެހަށީގައި ވިންދުޖަހަމުންދާ އަހަރެމެންގެ ދަރިފުޅުގެ ހިތުގެވިންދު އިވުނު ހިސާބުން ފެށިގެން އަހަރެންނަށް މިވާގޮތެއް ބުނެދޭންވެސް ނޭނގޭ" އާވާ އަތަށް ފިތާލަމުން މާހިލް ބުނެލިއެވެ.
"މާތްﷲ އަހަރެމެންގެ ކުޑަކުޑަ ދަރިފުޅަށް ރައްކާތެރިކަން ދެއްވާ އެސްފީނާއިން ރައްކާތެރި ކުރައްވާށި.." މާހިލް ބުނެލިއެވެ.
"އެވީ…!! ޑޮކްޓަރ އެދިން އިރުޝާދާ އެއްގޮތަށް ކަންތައްތައް ކުރެވޭތޯ މަސައްކަތްކުރާތި އިނގޭ. ދަރިފުޅަށް ދުޅަހެޔޮ ސިއްހަތެއް ލިބޭނީ އެދަރިފުޅުގެ މަންމަވެސް ދުޅަހެޔޮ ކަންމަތީގައި ހުރެގެން" މާހިލް ވާހަކަދެއްކިއެވެ.
"މަސައްކަތްކުރާނަން. އެކަމަކު ވަރަށް ބިރުގަނޭ. ވަރަށް ހޮޑުލެވޭނެތަ؟ ވަރަށް ބޮޑަށް ފައި ދުޅަވާނެތަ؟ މިހެން މިއެހީ ތި އޮފީހުގަ މަސައްކަތް ކުރިއިރު އުޅުނު ބަނޑުބޮޑު ކުއްޖާއަށް ވާގޮތްގޮތް ވަރަށް ކައިރިން ދުށިން. އަނެއްކާ މަންމަވެސް ވަރަށް އެކަހަލަ ވާހަކަދައްކާނެ. ބުނި ދާމް ލިބެން އުޅުނުއިރު މަންމަ ވަރަށް ބަލިވި ވާހަކަ" އާވާ ވާހަކަދެއްކިއެވެ.
"ހުރިހާ އަންހެނުންނަށް އެއްގޮތެއް ނުވާނެއްނު. އެވީއަށް އެއްވެސް ވޭނެއް އަޅަން ބޭނުމެއްނޫން. އަހަރެން ބޭނުންވަނީ އެވީގެ ބަދަލުގައި ތިހުރިހާ ވޭނެއް މަށަށް ލިބެން" މާހިލް ބުނެލިއެވެ.
"ހަމަ ތެދެއް މިބުނީ. ފިރިހެނުންނަށް ދަރިން ދުނިޔެއަށް އުފަން ކުރުމުގެ ބާރު ލިބިފައިވާނަމަ އެވީގެ ބަނޑުން ތިދަރިފުޅު ނަގާ މިހާރު އަހަރެންގެ ބަނޑަށް ލައިފީމުސް" މާހިލް ބުނެލިއެވެ.
"އޭރުން މާހިލްއަށް ކިޔާނީ މަންމައެއްނު. އަހަރެން ވާނީ ބައްޕައަށްނު" އާވާ ބުނެލިއެވެ. މާހިލް ވާހަކަދެއްކި ގޮތުން އާވާއަށް ހެވިއްޖެއެވެ.
އާދައިގެމަތިން ފަތިސްނަމާދަށް ފަހު އަނުމް ބަދިގެއަށް ވަދެއްޖެއެވެ. މަސައްކަތަށް ފެށުމުގެ ކުރިން ސިކުނޑި ތާޒާކޮށްލުމަށްޓަކައި ހޫނު ކޮފީތައްޓެއް ހިފައިގެން ގޮސް މޭޒު ކައިރީގައި އިށީނެވެ. އެއްފަރާތުގައި އޮތް ފޯނު ނަގާފައި އެއަށް ބަލައިލިއެވެ. އެހިނދު އޭނާގެ މޫނުމަތި މާޔޫސްވެރިކަމުން ފަވާލައިފިއެވެ. ކޯލް ލޮގަށް ބަލައިލާފައި އާރިޔަންގެ ނަން އަރާފައިވާ ކޮންމެ ތަނެއްގައި އިނގިލިން ފިރުމާލިއެވެ. އޭނާގެ ފޯނަށް އާރިޔަންގެ ކޯލެއް ނުލިބޭތާ ސައުވީސް ގަޑިއިރަށް ވުރެ ގިނައިރު ވެއްޖެއެވެ. އިއްޔެއާއި ރެއާއި އެއްކޮށް ލޮލަށްވެސް ނުފެނެއެވެ. ކޮންފަދަ މަޖުބޫރީއެއް ހެއްޔެވެ؟ ވަކިވާން ދަތިވާވަރަށް އޭނާއަށް އާރިޔަންދެކެ ލޯބިވެވުނީ ކީއްވެގެން ހެއްޔެވެ؟
ހޫނު ކޮފީތަށީގައި ތުންޖަހާ ކޯވަރެއް ބޯލިއެވެ. އޭރުވެސް އޭނާގެ ނަޒަރު ހުއްޓިފައިވަނީ ފޯނަށެވެ. އާރިޔަންގެ އަޑުއަހާލާހިތުން އެންމެފަހަރަކު ނަމަވެސް ގުޅާލަން އޭނާގެ ހިތް ބުނަމުން ދިޔައެވެ. ގުޅާލުމަކުން މައްސަލައެއްނެތްތާއޭ ހިތާ އެނަމަށް ފިތާލިއެވެ. އެހިނދު ބަދިގޭ ދޮރުމަތިން ހިޔަންޏެއް ވިތަން ފެނުމުން ފޯނު ކަނޑައިލިއެވެ. އެގަޑީގައި އަންނާނީ އާރިޔަންއޭ ހިތާ އޭނާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. އެހެންނަމަވެސް ބަދިގެއަށް ވަދެގެން އައީ އާރިޔަނެއް ނޫނެވެ. ފަލަކްނާޒް ވަންތަން ފެނުމުން އަނުމްއަށް ހިންދިރުވާލެވުނެވެ. އިސާހިތަކު އަނުމް ޖެހިލުންވެއްޖެއެވެ. ނާސިހްއާއި ފަލަކްނާޒާ ދެމެދު ދެކެވުނު ވާހަކަތައް ހަނދާންވެފައި އަވަހަށް އެތަނުން ދާން ބޭނުންވިއެވެ.
ކޮފީ ހުސްކުރި ތަށި ޒިންކަށް ލާފައި ބަދިގެއިން ނިކުންނަން އުޅުނު ވަގުތު އޭނާ ހުއްޓިއްޖެއެވެ. މީގެ އަހަރުތަކެއް ކުރިން ފަލަކްނާޒަށް ލިބެން އުޅުނު އަންހެންދަރިފުޅު މިދުނިޔެއަށް އުފަންނުވަނީސް މަރުވެގެން ދިޔައީ އޭނާގެ ސަބަބުންކަން އިނގުމުން އެންމެ ފިޔަވަޅެއްވެސް ކުރިއަށް ނޭޅުނެވެ. އޭނާ އެކަމަށްޓަކައި މަޢާފަށް އެދެން ބޭނުންވިއެވެ. އޭނާ ފަހަތަށް އެނބުރި ފަލަކްނާޒަށް ބަލައިލިއެވެ. އޭރު ފަލަކްނާޒް ފުރިޖު ހުޅުވައިގެން ގުދަށް އޮތެވެ. ހީވާގޮތުން ކޮންމެސް އެއްޗެއް ހޯދަނީއެވެ. ފަލަކްނާޒާއި ދިމާއަށް ދިޔުމަށް އޭނާ އެއްފިޔަވަޅު ކުރިއަށް އެޅިއެވެ. މިފަހަރު ފަލަކްނާޒް ހަޅޭއްލަވައިގަތަސް އޭނާ މަޢާފަށް އެދޭނެއެވެ.
ފަލަކްނާޒްގެ ހަށިގަނޑު ސީދާކޮށްލިއިރު ދާދި ކައިރީގައި މަޑުކޮށްލައިގެން ހުރި އަނުމް ފެނި ޚައިރާންވިއެވެ. އެއްފަހަރު އަނުމްގެ މޫނަށް ބަލައިލާފައިވެސް ދެވަނަ ސިކުންތުގައި މޫނު އަނބުރައިލިއެވެ.
"މް…މަންމާ…." ހަޔާތުގައި ފުރަތަމަ ފަހަރަށް އަނުމްގެ ދުލުން ފަލަކްނާޒަށް މަންމަގެ ނަމުން ގޮވައިލިއެވެ. ފަލަކްނާޒަށް ހީވީ އޭނާގެ ހަށިގަނޑުގައި ދައުރުވަމުން ދިޔަ ލެއަށްވެސް ގޮތްވިހެންނެވެ. އޭނާގެ ދެލޯ ކަރުނުން ބަރާވެއްޖެއެވެ. އަނުމްއަށް ފުރަގަސްދިނީ އެމަންޒަރު ދައްކަން ބޭނުންނުވާތީއެވެ.
"ތިބުނަން އުޅޭ އެއްޗެއް އަވަހަށް ބުނޭ" ހިތަށް ކުރަމުންދިޔަ އިހުސާސްތައް ވަންހަނާ ކުރަމުން ފަލަކްނާޒް ބުނެލިއެވެ.
"އަޅުގަނޑަށް މިހާރު ހުރިހާ އެއްޗެއް ވިސްނިއްޖެ. އަޅުގަނޑުގެ ފަރާތުން ވެދިޔަ ހުރިހާ ކަމަކަށް މަޢާފަށްއެދެން ބޭނުންވަނީ. މިހާތަނަށް ކުރެވިފައިވާ ކަމަކަށް ބުނެވިފައިވާ ބަހަކަސް، މަޢާފްކޮށްދީ… " އަނުމް ވާހަކަދެއްކިއެވެ.
ފަލަކްނާޒް ބަހެއް ނުކިޔައެވެ. އޭނާގެ މޭގެތެރޭގައިވާ ހިތް ރޮމުން ދިޔައެވެ. ނާސިހާއި އާރިޔަންގެ ވާހަކަތައް އޭނާގެ މުޅި ހިތް ބަދަލުކޮށްލައިފިއެވެ. އޭނާގެ ނަފްސު ބަލިކަށި ކޮށްލައިފިއެވެ. މިހުރިހާ ދުވަހު އަނުމް އާ ހަރުކަށިކަން ދެއްކިފައިވާތި އެކަން އެހާ ފަސޭހައިން ބަދަލުކުރަން ފަލަކްނާޒް ބޭނުމެއްނުވިއެވެ. އެގޮތަށް އަނުމް ދޫކޮށްލަންވެސް ފަލަކްނާޒް ބޭނުމެއްނުވިއެވެ.
"ދެން އެކަން އެނިމުނީނު. އެވާހަކަތައް ދެން ދައްކަނީ ކީއްކުރަން" ފަލަކްނާޒް ބުނެލިއެވެ.
އަނުމްގެ ހަބަރެއްނުވާތާ ގިނައިރު ވުމުން ފަލަކްނާޒް އެނބުރި ބަލައިލިއެވެ. އޭރު ބަދިގޭ ދޮރުން އަނުމް ނިކުންނަނީއެވެ.
"އަނުމް…" ފަލަކްނާޒް ގޮވައިލިއެވެ. އަނުމް ހުއްޓި ފަހަތަށް ބަލައިލިއެވެ.
"އެކުގައި މަސައްކަތްކުރީމަ ބައްޕަ ފިހާރަ ހުޅުވަން ދާންވާއިރަށް ސައި ތައްޔާރުކޮށް ނިމޭނީ" ފަލަކްނާޒް ބުނެލިއެވެ.
ދުރުދުރުން ވިޔަސް ފަލަކްނާޒް އެބުނި އެއްޗެއްގެ މާނަ އަނުމްއަށް ފަހުމްވިއެވެ. އޭނާގެ ތުންފަތްމަތީގައި ފަނޑު ހިނިތުންވުމެއް ދުވެލިއެވެ.
ސޯފާގައި އާވާ އޮތްއިރު ކުރިމަތީގައި ޓީވީ ހުޅުވާފައި ހުއްޓެވެ. އަމާޔާ ބަދިގޭގައި އުޅުނުއިރު ޝާނިމްއާއި މާހިލް ވީ ގޭތެރޭގައި އެމީހުން ހުޅުވި ކުޑަ އޮފީހުގައެވެ. ޓީވީ އަޑުމަޑުކޮށްލުމަށްފަހު އާވާ ތެދުވެ ހިންދެމިލިއެވެ. ކޮޓަރިއަށްދާން ބޭނުންވެގެން ސޯފާއިން ތެދުވެ ލައިގެން ހުރި ހެދުމަށް ދަމައިލިއެވެ. މަޑުމަޑުން ސިޑިން އަރައިގެން ގޮސް ދެން އައީ ލެޕްޓޮޕް ހިފައިގެންނެވެ. ނޫހަށް އޭނާ ނުލިޔާތާ ދުވަސްތަކެއް ވެއްޖެއެވެ. އޭނާ މިއަދު ބޭނުންވަނީ އަގުހުރި ލިޔުމެއް ކިޔުންތެރިންނަށް ދޫކޮށްލާށެވެ.
ސޯފާގައި އިށީނދެ ހަމަޖެހިލުމަށްފަހު ކުރިމަތީގައި ހުރި ކުޑަ މޭޒު މައްޗަށް ދެފައި އަރުވާލާފައި އުނގުމަތީގައި ކުޝަނެއް ބޭއްވިއެވެ. އެއަށްފަހު ލެޕްޓޮޕް ކުޝަން މަތީގައި ހަމަޖައްސައިލުމަށްފަހު ލިޔަން ފެށިއެވެ.
"ކައިވެނި ލަސްކުރުމަކީ އިސްލާމް ދީނުގައި ނަހީ ކުރައްވާފައިވާ ކަމެކެވެ. އަންހެނަކާ ފިރިހެނަކު ކައިވެންޏެއް ކުރަން އުޅޭ ވާހަކަ މީހުން ގާތުގައި ބުނެ، އެހެން މީހުންނަށް އެކަން ހިސާބުން އަވަހަށް ކައިވެނި ކުރެވޭތޯ ބަލަން ވާނެއެވެ. ކައިވެންޏަކީ އިސްލާމް ދީނުގައި އެކަމަށްޓަކައި ބޮޑު އަހަންމިއްޔަތެއް ދެއްވާފައިވާ މަތިވެރި އަޅުކަމެކެވެ. މުސްލިމު އަންހެނަކާ ފިރިހެނަކު ކައިވެނި ކުރުމަށްފަހު، އެކައިވެނީގެ އުފާ ހެޔޮގޮތުގައި ލިބިގަތުމަށާއި، އެކަކު އަނެކަކުގެ އަބުރު ހިފެހެއްޓުމަށް އިސްލާމްދީން ބާރުއަޅައެވެ. ކައިވެނި އަވަސް ކުރުމަށް އިސްލާމްދީން ބާރުއަޅާ އެންމެ ބޮޑު އެއް ސަބަބަކީ ފާފަތަކުން ދުރުހެލި ވުމަށާއި ހެޔޮގޮތުގައި ޞާލިޙް ދަރިފަސްކޮޅެއް އާލާކުރުމެވެ." އާވާ ލެޕްޓޮޕް ދުރުކޮށްލީ އޭނާގެ މެއަށް ނުބައިގޮތެއް ވާހެން ހީވާން ފެށުމުންނެވެ. ކުއްލިއަކަށް މޭބޮޑުވެ ހޮޑުލެވެންއުޅޭ ކަހަލަ އިހުސާސެއް ކުރެވެން ފެށިއެވެ. ކޮޓަރިއާއި ހަމައަށް ނުދެވޭނެކަން އިނގޭތީ އޭނާ މިސްރާބުޖެހީ ބަދިގެއާއި ދިމާލަށެވެ.
ބަދިގޭ ދޮރަށް އެރުމާއެކު އަމާޔާ ކައްކަން ހުރި ގަރުދިޔައިގެ ވަސްގަނޑު އޭނާގެ ނޭފަތުގައި ޖެހިއްޖެއެވެ. އެއާއެކު އޭނާ އޯކަށްދެމެން ފެށިއެވެ. އަމާޔާ އާވާއަށް ބަލައިލީ ސިހިފައެވެ.
"އެވީ….!!' އަމާޔާ ގޮވައިލިއެވެ. އޭރު އާވާ އޮތީ ޒިންކާ ދިމާލަށް ގުދުވެގެންނެވެ.
އާވާގެ ބުރަކަށީގައި ފިރުމަމުންދިޔަ އަމާޔާ ހިފައިގެން އައި ފެންތަށި އާވާގެ ތުނބުގައި ޖެއްސުވިއެވެ. އޭރު އާވާގެ ދެލޮލުން ފެން ފައިބަމުން ދިޔައެވެ.
"ކީއްވެތަ ހޮޑަށް އެއްވެސް އެއްޗެއް ނައީ… މެއަށް ވަރަށް ބާރުވެފައި ހުރީ" އާވާ އަހައިލިއެވެ.
"ނާންނާނެއްނު. ހެނދުނުވެސް ހަމައެކަނި ޖޫސްތަށި ވިއްޔާ ބޯލީ. ގޮހޮރުގަ ހުރި އެއްޗެއްނު އަންނާނީ" އަމާޔާ ބުނެލިއެވެ.
"އެކަމަކު ގަރުދިޔައިން ހާދަ ނުބައި ވަހެކޭ އެދުވީ. ކުރިން މިވަހެއް ނުދުވާ" އާވާ ބުނެލިއެވެ.
"މިހާރު ހާލަތު ބަދަލުވެއްޖެއްނު. ދުވަސްތަކެއް ފާއިތުވެ މިތަނުގައި އޮތް ބޭބީ ނިކުންނަންދެން ހުރިހާ ކަމެއް އެވީއަށް ތަފާތުވާނެ" އާވާގެ ބަނޑުގައި އަތް ޖައްސައިލަމުން އަމާޔާ ވާހަކަދެއްކިއެވެ.
"އެފެށުނީތަ މާބަނޑު މީހުންނަށް ވާގޮތްވާން" މައުސޫމް ގޮތަކަށް އާވާ އަހައިލިއެވެ. އަމާޔާ ބޯޖަހައިލިއެވެ.
މެންދުރު ނަމާދަށްފަހު ނާސިހް ކޮޓަރިން ނިކުތީ މާބޮޑަށް ބަނޑުހައިވާކަމުގެ އިހުސާސް ކުރެވެން ފެށުމުންނެވެ. ބަދިގޭގައި މީހަކު އުޅޭކަން އިނގުނީ އެތެރެއިން އަޑުއަޑު އިވެމުންދާތީއެވެ. އެއީ އަނުމްކަން އިނގި އޭނާ ސޯފާގައި ޖައްސާލިއެވެ. ބެލްކަނީގައި ބޯޅައެއް ހިފައިގެން ހުރި އަލަމް ނާސިހަށް ބަލައިލާފައި އިރުކޮޅަކުން އައިސް ނާސިހްގެ އުނގަށް އަރައިފިއެވެ.
"ބައްޕީ…! އަލަމްކޮ މިއަދު މިއުޅެނީ ވަރަށް ފޫހިވެގެން" އަލަމް ޝަކުވާކޮށްލިއެވެ.
"ބައްޕި ބުނަމެއްނު އަލަމްކޮ ފޫހިވީމަ ކުރަހާ ފޮތުގަ ކުރަހާފަ ކުލަޖައްސާށޭ.. އަބަދު ނުވާނެއްނު ކުޅޭކަށްވެސް. ކުޑަކޮށް ކިޔަވަންވެސް ވާނެއްނު" ނާސިހް ލޯތްބާއެކު ވާހަކަދެއްކިއެވެ.
"މިއަދު އެއްކޮށް އަލަމް ކިޔެވީ. ކުލަވެސް ޖެއްސިން. އިންގްލިޝް ވެސް ދަސްކުރިން. މަންމަވެސް ބެލި. އަދި ބުނި ގޮސް ދޮންތިއަށް ކިޔައިދޭށޭ" އަލަމް ވާހަކަދެއްކިއެވެ.
"އެހެން މަންމަ ބުނިތަ؟… ކީއްވެތަ ދޮންބެއަށް ކިޔައިދޭށޭ ނުބުނީ؟" ނާސިހް އަހައިލިއެވެ.
"ދޮންބެ އަލަމް އާ މިހާރު ވަރަށް ރުޅި. ބޯޅަވެސް ނުކުޅޭ…" އަލަމް ބުނެލިއެވެ. ނާސިހަށް ވިސްނުނެވެ. މިދުވަސްކޮޅު އާރިޔަންއަށް އައިސްގެން އުޅޭ ބަދަލު އެންމެބޮޑަށް ވިސްނޭނީވެސް އޭނާއަށެވެ.
"އެއީ ދޮންބެ ބަލިކަމުން" ނާސިހް ބުނެލިއެވެ. އަލަމް ހީލިއެވެ.
"ދޭބަލަ ދޮންތި ކާންހަދާ ނިމުނުތޯ ބަލާލަން" އަލަމްގެ ފަން އިސްތަށިކޮޅު ރީތިކޮށްލަމުން ނާސިހް ބުނެލިއެވެ.
"ދޮންތި ކޮޓަރީގަވީ. މަންމަ ވީ ބަދިގޭގަ" ނާސިހްގެ އުނގުން ފުންމާލައިގެން އަލަމް ބޯޅައާއި ދިމާލަށް ދުއްވައިގަތެވެ. ނާސިހަށް އިނދެވުނީ ބަދިގޭ ދޮރާއި ދިމާލަށް ބަލަހައްޓައިގެންނެވެ. އެޚިޔާލުގައި އިންދާ ކޮޓަރިން އަނުމް ނިކުތެވެ.
"ބައްޕަ! މާބޮޑަށް ލަސްވީދޯ. ކާންހަދަން މިދަނީ" ބުރުގާ ރީތިކުރަމުން އަނުމް ބަދިގެއާއި ދިމާލަށް ހިނގައިގަތެވެ.
"ކޮބާ…!! އަވަހަށް އާދޭ ކާންހަދާފަ މިހިރީ. ނާސިހް! އަންނަމުން އަލަމް ގޮވައިގެން އަންނައްޗެ. މިއަންނަނީ އާރިޔަން ގޮވައިގެން" އެއްވެސް މީހެއްގެ މޫނަށް ބެލުމެއްނެތި އަނުމްގެ ކުރިމަތިން ހުރަސްކޮށް ހިނގައިގަތެވެ. ބަހެއްނުކިޔާ އަނުމްއާއި ނާސިހް ޚައިރާންކަމާއެކު އެކަކު އަނެކަކަށް ނަޒަރެއް ބަދަލުކޮށްލިއެވެ. ނާސިހް ކޮނޑު އަރުވާލީ މިވަނީ ކީއްހެއްޔޭ އަހާލާ ކަހަލަ ގޮތަކަށެވެ.
"އަދިވެސް ތިބީތަ. އަވަހަށް އާދޭ… އަނުމް ނަމާދުކޮށްގެންތަ ތި ނިކުތީ؟" ހަލުވިކަމާއެކު ބަދިގެއާއި ދިމާލަށް ދިޔަ ފަލަކްނާޒް އަނުމްއަށް ސިކުންތަކަށް ނަޒަރެއްދެމުން އަހައިލިއެވެ.
ހުރިހާ މީހުން ކާބަޔަށް ވަނީ ފަލަކްނާޒް ފަހަތުންނެވެ. އަނުމް މޭޒު މައްޗަށް ނަޒަރު ހިންގައިލިއެވެ. މެންދުރުގެ ކެއުމަށް އޭނާ ތައްޔާރުކުރީ ބަތާއި ރިހާކުރުދިޔައެވެ. ނަމަވެސް މިހާރު މޭޒުމަތިން އިތުރު ބާވަތްތައް ފެންނަން ހުއްޓެވެ. ލޮނުމިރުސްގަނޑެއް ވެސް ހުއްޓެވެ.
"އަނުމް އާދޭ އަވަހަށް" މޭޒުމައްޗަށް ބަލަހައްޓައިގެން ހުރި އަނުމް ސިހިފައި ފަލަކްނާޒް މޫނަށް ބަލައިލިއެވެ. ފަހަތުން އައި އާރިޔަން އަނުމް އާއި އަރާހަމަވެފައި އަނުމްއަށް ބަލައިލިއެވެ. ދެކުދިންގެ ނަޒަރު ބައްދަލުވުމާއެކު ބަސްމޮށުންތެރިކަމަކާއިނުލާ ދެމެދުގައި އެތައް ވާހަކަތަކެއް ދައްކައިފިއެވެ. އަނުމްގެ މޫނުން ނަޒަރު ބަދަލުކޮށްލާފައި އާރިޔަން ގޮސް އަލަމްއާއި ނާސިހްއާ ދެމެދުގައި ހުސްކޮށް ހުރި ގޮނޑީގައި އިށީނދެއްޖެއެވެ.
"ނާސިހް ބަތްތަ ބޭނުމީ. ގަރުދިޔަކޮޅެއް ހުރީމަ އަހަރެން ހުނިރޮށިވެސް ފިހުނިން" ޚައިރާންކަން އެކުލެވިގެންވި ބެލުމަކުން ނާސިހް ފަލަކްނާޒްގެ މޫނަށް ބަލައިލިއެވެ. އޭނާ ނޫނެކޭ ބުނެ އިންކާރު ކުރާނީވެސް ކިހިނެއް ހެއްޔެވެ؟ އެކެއުމަކީ އޭނާއަށް އެންމެ މީރު ކެއުމެވެ. އެތައް ދުވަހަކަށްފަހު ލޯބިވާ އަނބިމީހާގެ އަތުން އެ ކެއުން ތައްޔާރުކޮށްދިނީމާ އޭނާ ފުރަގަސްދޭނެ ހެއްޔެވެ؟
"ތިއެންމެން ކެއިމަ އަހަރެމެން ކާނީ. ދޯ އަނުމް" ކައިރީގައި ހުރި އަނުމްއަށް ދޯ ދެމުން ފަލަކްނާޒް ބުނެލިއެވެ. މިފަހަރު ޤަބޫލުނުކުރެވިގެން ފަލަކްނާޒަށް ބަލައިލީ ނާސިހެއް ނޫނެވެ. އާރިޔަންއެވެ. ފަލަކްނާޒްގެ ތުންފަތްމަތީގައިވި ހިނިތުންވުން އާރިޔަންގެ ހިތަށް ހަމަޖެހުން ގެނެސްދީފިއެވެ.
"ދަރިފުޅު ކޯޗެއް ކާންބޭނުމީ…؟" އަލަމްއަށް ފަލަކްނާޒް ބުނެލިއެވެ.
"އަލަމްކޮ ކާނީ ދޮންބެ ކާއެއްޗެއް މިއަދު. އެއީ ދޮންބެ ބަލިކޮށް އުޅުނީމަ އަލަމްކޮ ދެރަވެގެން" އާރިޔަން އަލަމްއަށް ބަލައިލަމުން އަލަމްގެ އިސްތަށިކޮޅުގައި ފިރުމައިލިއެވެ.
އެތަނުގައި ހަމައެކަނި ވާހަކަދައްކަމުން ދަނީ ފަލަކްނާޒް އެކަންޏެވެ. އެވަގުތު އެކަން ވާނީވެސް އެހެންކަން އޭނާއަށް އިނގޭ ކަހަލައެވެ. އެތައް ދުވަހަކަށްފަހު އޭނާއަށް ހެޔޮގޮތް ވިސްނިއްޖެއެވެ. އެއްވެސް ސަބަބަކާނުލާ ކުށެއްނެތް އަންހެންކުއްޖަކަށް އޭނާ ކުރަމުން އައި ނަފްރަތު ފިލައިގެން ހިނގައްޖެއެވެ. އޭނާ އެކަން އަދި އެއްވެސް މީހަކަށް ނާންގައެވެ. މިހާރު އޭނާ ބޭނުންވަނީ އާއިލާއާއެކު އުފާވެރި ދިރިއުޅުމެއް އުޅޭށެވެ. ނާސިހަކީ އޭނާގެ ފުރަތަމަ ލޯތްބެވެ. އޭނާ ނާސިހާ ކައިވެނިކުރީ މައިންބަފައިންގެވެސް ނުގަބޫލުގައެވެ. ވީއިރު ނާސިހާ ދުރުވުމަކީ އޭނާއަށް ކުރެވޭވަރުގެ ކަމެއް ނޫނެވެ.
"އަހަރެން… އަހަރެން ބޭނުން ވަރަށް މުހިންމު ވާހަކައެއް ބުނަން" ފަލަކްނާޒް ވާހަކަދެއްކި އަޑަށް އެންމެންގެ ނަޒަރު އޭނާއަށް ހުއްޓުނެވެ.
"އާރިޔަން އަހަރެން ބުނާ މީހަކާ ކައިވެނިކުރަން އެއްބަސްވެއްޖެ. އަހަރެން އެކަމާ އުޅެން ބޭނުން." ފަލަކްނާޒް ބުނެލިއެވެ. ބޭއިޚްތިޔާރުގައި އާރިޔަންގެ ނަޒަރު އަނުމްއަށް ހުއްޓުނެވެ. އެވަގުތު އަނުމްގެ ލޮލުގައިވި ހިތާމައާއި ވޭނީ އާދޭސް އާރިޔަންއަށް ސިއްރެއް ނުވިއެވެ. އިންތިހާއަށް ހިތުގައި ރިއްސައިގަނެއްޖެއެވެ.
"އާރިޔަންގެ އެންމެފަހު ނިންމުންތަ އެއީ" ފަލަކްނާޒް އާރިޔަންއަށް އަހައިލިއެވެ. އާރިޔަން އިސްއުފުލާލަމުން އަނެއްކާވެސް އަނުމްއަށް ނަޒަރެއްދިނެވެ. އެހިނދު މޫނު ދެއަތަކަށް ހޫރާލަމުން އާރިޔަންއަށް އިޝާރާތެއް އަނުމް ދީފިއެވެ. އެދެކުދިންގެ އެ ހަރަކާތް ފަލަކްނާޒަށްވެސް އަދި ނާސިހަށްވެސް ފެނުނެވެ.
"އަ…އަޅުގަނޑު ޤަބޫލު" އާރިޔަން ބުނެލިއެވެ. އަނުމްއަށް ދެލޯމަރާ ބާރުކޮށްލެވުނެވެ.
"އެހެންވިއްޔާ މި ހަފްތާތެރޭގައި މިގެއަށް ރަންކިޔުއްވަން މީހުން ފޮނުވާ. އަނުމް ތައްޔާރުވާތި" ފަލަކްނާޒް ވާހަކަދެއްކިއެވެ. ފަލަކްނާޒް ބުނި އެއްޗެއް ޤަބުލުނުކުރެވި އާރިޔަންއަށް ފަލަކްނާޒަށް ބަލަހައްޓައިގެން އިނދެވުނެވެ. ނާސިހާ އަނުމްވެސް އެކަކު އަނެކަކަށް ބަލައިލާފައި ފަލަކްނާޒަށް ބަލައިލިއެވެ. ވާނުވާނޭނގި އަލަމްވެސް ހީލައިގެން އިނެވެ.
"ކީއްވެތަ އެންމެން މާފާޑަކަށް އަހަރެންނަށް ތިބަލަނީ. އަނެއްކާ ގޯސް އެއްޗެއްތަ މިބުނެވުނީ" ފަލަކްނާޒް އަހައިލިއެވެ.
"މަންމާ…! ކީކޭ ތިބުނީ؟" އާރިޔަން އަހައިލިއެވެ.
"މިބުނީ… އާޔަން ކައިވެނިކުރަން ބޭނުންވަނީ އަނުމްއަކާ ނޫންތަ؟ އަނެއްކާ ވިސްނުން ބަދަލުވީތަ؟" ފަލަކްނާޒް އަހައިލިއެވެ. އާރިޔަންއަށް އިތުރަށް ކެތެއްނުވިއެވެ. ތެދުވެގެން ގޮސް ފަލަކްނާޒްގެ ހަށިގަނޑުގައި ބައްދައިލިއެވެ. ރަނގަޅަށްވެސް އޭނާއަށް ރޮވިއްޖެއެވެ.
"ދަރިފުޅުގެ އުފާތަކަށް މަންމައަށް ހުރަސްއެޅުނީ ނުވިސްނުނީމަ. ވަގުތުޖެހުމާއެކު ހުރިހާކަމެއް ބަދަލުވެއްޖެ. ރަނގަޅުގޮތް މަންމައަށް ވިސްނިއްޖެ. މަންމައަށް މަޢާފްކުރޭ. އަނުމް…! ދަރިފުޅުވެސް މަންމައަށް މަޢާފްކުރޭ. މަންމަ ބޭނުމެއްނޫން މިކުޑަކުޑަ އާއިލާ ރޫޅިގެންދާކަށް" އަނުމްއަށް ރޮވިއްޖެއެވެ. އޭނާއަށް ހަޔާތުގައި ފުރަތަމަ ފަހަރަށް މައެއްގެ އިހުސާސް ކުރެވިއްޖެއެވެ. އޭނާގެ ދެކޮނޑުގައި ފަލަކްނާޒް ހިފަހައްޓައިލުމާއެކު ފަލަކްނާޒްގެ ހަށިގަނޑުގައި ބައްދައިލެވިއްޖެއެވެ. ނާސިހް ފެންކަޅިވެފައިވާ ހާލު ހެއްދެވިފަރާތަށް ޙަމްދު ކުރިއެވެ. އާއިލާ ރޫޅިގެން ނުދަނީސް ފަލަކްނާޒަށް ހެޔޮވިސްނުން ދެއްވި އިލާހަށް ވަގުތުން ސަޖިދައެއް ޖަހަން ބޭނުންވިއެވެ.
"ތިއީ މަންމަގެ ހުރި ހަމައެކަނި އަންހެންދަރިފުޅު. ދަރިފުޅަށް ދެރަގޮތެއްވާން ދުވަހަކުވެސް މަންމަ ނޭދޭނަން" އަނުމްގެ ދެލޯ ކައިރި ފޮހެލުމަށްފަހު ނިތުގައި ބޮސްދެމުން ފަލަކްނާޒް ބުނެލިއެވެ. ކަރުނައިގެ ތެރެއިން އަނުމްއަށް ހިނިތުންވެވިއްޖެއެވެ.
(ނުނިމޭ)