ވާހަކަ

ދެކިލަން އެދޭތީ - 02

ސީރިޔަސްކަން އެކުލެވިގެންވި މަންމަގެ ނަޒަރު އޭނައަށް އަމާޒުވެފައިވާ ތަން ފެނި އީވާގެ ހަތަރެސްފައި ފިނިވާންފެށިއެވެ. ވަށަގައިގެންވި މާހައުލުގެ ފިނިކަމުގެ ތެރޭންވެސް ނިތުގައި ފިނި ދަލެއް ހިއްލަން ފެށިއެވެ. މަންމައަށް އޭނައަށް އަންނަމުން ދިޔަ ބަދަލުތައް ފާހަގަ ވެދާނެތީ އިތުރަށް ކަންބޮޑުވާން ފެށިއެވެ. މަންމައާއި ހަތަރުކަޅި ހަމަކުރާނެ ހިތްވަރު ނެތުމުން އީވާއަށް އިސްތިރިކޮށްލެވުނެވެ. ތުންފަތުގައި ދަތް އަޅާލެވުނެވެ.

މަންމަގެ ސުވާލަށް ޖަވާބު ދޭން ހަދަން ޖެހޭނީ ދޮގެވެ. ދޮގު ހެދުމަކީ އީވާ އެންމެ ކުރަން ފޫހިވާ ކަންތަކެވެ. އެކަމުން ރަނގަޅު ނަތީޖާއެއް ނުނިކުންނާނެތީއެވެ. ދޮގު ހަދައިފިއްޔާމު އެދޮގު ހިފަހައްޓަން އިތުރު ކަންތައްތަކެއް ވެސް ކުރަން ޖެހޭނެއެވެ. ހަމައެއާއެކު މަންމަގެ ކުރިމަތީގައި ހަޤީޤަތް އޮޅުވާލަން ޖެހުމުން ހިތަށް ވަކިން ބޮޑަށް އުނދަގޫވާން ފެށިއެވެ. ޖެހިލުން ވަނީ މަންމައަށް އޭނަގެ ނުތަނަވަސްކަމުގެ ފަހަތުގައިވާ ސަބަބު އެނގިދާނެތީއެވެ. އެހެންކަންތައް ވެއްޖެނަމަ ވެދާނެ ގޮތެއް ޚިޔާލަށް ވެސް ގެންނަން ދައްޗެވެ. އާއިލާގެ ޤަދަރާއި އިއްޒަތަށްޓަކައި އޭނައަށް ޓަކައި، މާމަ ހޯދައިދީފައިވާ ރާސްތާއިން ކުރިއަށް ދިއުން ނޫން އިތުރު ގޮތެއް ނެތެވެ. އޭނަގެ ފުށުން އެއްވެސް މީހަކަށް މާޔޫސްކަމެއް ލިބެން އީވާ ބޭނުމެއް ނޫނެވެ. ވަކިން ހާއްސަ ގޮތެއްގައި މާމަގެ ރުޅިވެރިކަން މަންމައަށް އަމާޒުވާކަށް ވެސް މެއެވެ.

''މަންމަ ކުރި ސުވާލަށް ޖަވާބުދީބަލަ، ދަރިފުޅު ޖާދިންދެކެ ލޯބިވޭތަ؟ ކައިވެންޏާ ހަމައަށް ދާން ޤަސްދުތިކުރަނީ ގަޔާ ވާތީތަ؟ ނޫނީ މާމަގެ ނިންމުމެއް ވީމަ އިހުތިރާމްކުރަން ބޭނުންވާތީތަ؟'' އަމިއްލަ ދަރިފުޅަށް ވިޔަސް އެދަރިފުޅުގެ މައްޗަށް ބޮޑަށް އޮތްނަނީ ހާޖަރާގެ ނުފޫޒެވެ. އެހެންވުމުން ހިތުގައި އޮތް ސުވާލުތަކުގެ ޖަވާބު އެނގެން ލައިލާ ބޭނުން ވިއެވެ. ޖާދިންއާއި އީވާގެ ގުޅުމާމެދު އީވާ އުފާވޭތޯ ޔަޤީންކުރަން އޭނަ ބޭނުމެވެ. އެހެންނޫންނަމަ ދަރިފުޅަށް އެދެވެނީ އަނިޔާއެކެވެ. އުފަލާއި ހިތްހަމަޖެހުން ލިބުމެއް ނުވާ ކައިވެންޏެއްގައި އުމުރުދުވަހު ބަނދެވިގެން ހިނގައިދާނެއެވެ. އާއިލާގެ އުފަލަށްޓަކައި ތިމާގެ އުފާވެރިކަން ޤުރުބާންކުރަން މަޖުބޫރުވެދާނެއެވެ. އެކިއެކި ޚިޔާލުތަކުން ލައިލާގެ ހިތުގެ ހަމަޖެހުން ގެއްލިގެން ދިޔައެވެ. އޭނައަށް އީވާގެ އަތުގައި ހިފާލެވުނީ ސުވާލުތަކަށް ޖަވާބުދޭށޭ ބުނާ ފަދައަކުންނެވެ.

''ދަރިފުޅާ...'' އޯގާތެރިކަން އެކުލެވިގެންވާ އަޑަކުން ލައިލާ ގޮވާލިއެވެ. އަދި އޭނައަށް އީވާގެ ހިތުގައިވާ އެއްޗެއް ބުނެދިނުމަށް އެދުނެވެ. ސިއްރުކުރުމެއް ނެތިއެވެ.

''ހެހެހެ، މަންމަ ވެސް ދައްކާ ވާހަކަ! ލޯބިނުވާނަމަ އަހަރެން ވެސް ކައިވެންޏަކާ ހަމައަށް ދިއުމަކަށް ގަސްދެއް ނުކުރާނަމެއްނު... ޖާދިންއަކީ އަހަންނަށް އެންމެ ރަނގަޅު ބައިވެރިޔާ...'' އީވާއަށް އެންމެފަހުން މަޖުބޫރުވީ ދޮގު ހަދާށެވެ. މަންމަގެ ހިތަށް ތަސައްލީއެއް ގެނެސްދޭށެވެ. ހިތުގައިވި ޝައްކު މުލުން ލުހެލާށެވެ.

އީވާގެ ޖުމްލައިން ބޮޑަށް ހީވީ އޭނަގެ ނުކިޔަނަމަންތެރި ހިތަށް ވިސްނައިދޭން މަސައްކަތްކުރާ ހެންނެވެ. ޖާދިންއަކީ ނުލާހިކު ހަރުދަނާ ޒުވާނެކެވެ. ހިތްތައް އަތުލުމުގެ ކުޅާދާނަކަން ލިބިފައިވާ ސިފަތަކެއްގެ ވެރިއެކެވެ. ސަކަ މިޒާޖެއް ލިބިފައި ވެއެވެ. އެއީ އަންހެންކުދިންގެ ހިތްތައް ފަތަހަކުރުމުގެ ކުޅަދާނަކަން ލިބިފައިވާ ޖާދޫތަކެވެ. ނަމަވެސް، އޭނަގެ ހިތަށް އެއިން އެއްވެސް ސިފައަކުން ގުޑުމެއް ނުގެނެވުނެވެ. އެކުވެރިކަމުގެ ނަޒަރަކުން ނޫން ގޮތަކަށް ޖާދިންއާއި މެދު ނުދެކެވުނެވެ. ޖާދިން އޭނަ ދެކެ ގަޔާވާ މިންވަރު ކޮންމެ ބައްދަލުވުމަކުން ޖާދިން ސާބިތުކޮށްދެއެވެ. އެހިތުގެ ހާލު އޭނައަށް އަންގައިދެއެވެ. އެހެނަސް އޭނަގެ ބާސްނާހާ ހިތަކަށް މިހާތަނަށް ވިސްނައެއް ނުދެވުނެވެ. ޖާދިން ދެކެ ލޯތްބެއް ނުވެވުނެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ ބައިވެރިޔަކަށް އެދޭ ހުރިހާ ސިފަތަކެއް ޖާދިންއަށް ލިބިފައި ވެއެވެ. ދެންވެސް އޭނައަށް ފަސްޖެހެވެނީ ކީއްވެގެން ހެއްޔެވެ؟ ވާހަކަތަކާއި ފިލްމުތަކުން ގެނެސްދީފައިވާ ގޮތްގޮތަށް އޭނަގެ ހިތް ބަދަލުނުވަނީ ކީއްވެގެން ހެއްޔެވެ؟ އަމިއްލަ އިހުސާސްތައް އޭނާއަށް ވެފައިވަނީ ހައްލުކުރަން ދަތި އަރަތަކަށެވެ. ކިތަންމެ ވަރަކަށް ހިތާ ސުވާލުކުރިޔަސް ޖަވާބެއް ނުލިބެއެވެ. މާޔޫސްކަން ލިބުން ނޫންކަމެއް ނުވެއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟

''މަންމާ، އަހަރެން ބޭނުމޭ ޖާދިންއާ ކައިވެނި ކުރަން...'' ހިތްވަރުކޮށްލަމުން އިސްއުފުލާލި އީވާ، އޭނަގެ މަންމައާއި ހަތަރުކަޅި ހަމަކޮށްލީ ޖުމްލައިގެ ތެދުކަން ހާމަކޮށްދިނުމުގެ ބޭނުމެވެ. ތުންފަތަށް ވެރިކުރުވި ހިނިތުންވުމުން މަންމަގެ ކަންބޮޑުވުންތަކަށް ނިމުމެއް ގެންނަން އީވާ ބޭނުން ވިއެވެ.

''ދަރިފުޅު ބުނާހެން މަންމަ ހަމަ ފިކުރުބޮޑީދޯ... ދަރިފުޅު އުފަލުގައިވާތަން ދެކެން މަންމަ ބޭނުވީ، އެހެންވެ އެސުވާލުކޮށްލެވުނީ، މިހާރު ކުރެވުނީ މޮޔަކަމެއްކަން ވިސްނިއްޖެ... ދެން ހިނގާ އަވަހަށް ތިރިއަށް ދަމާ، މާމަ އެބަހުރި ދަރިފުޅުގެ އިންތިޒާރުގައި، ޖާދިންވެސް އަންނާނެ އިރުކޮޅަކުން...'' އީވާއަށް ބަލަން ހުރި ލައިލާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އީވާގެ ވާހަކަތަކަށް އިތުބާރުކޮށް ހިތުގެ ވަހުމްތަކާ ދުރުވެލަން އޭނަ ގަސްދުކުރިއެވެ. އޭނަ ގާތު އީވާ ދޮގު ނަހަދާނެކަމުގެ ޔަޤީންކަން ހިތުގައި އޮތީތީއެވެ. ދަރިފުޅަށް އިތުބާރުކުރެވުނީތީއެވެ. ދަރިފުޅުގެ ހާސްކަން އެންމެފަހުން ލައިލާއަށް ގުޅުވާލީ ކިޔެވުމަށް އާއިލާއާއި ޖާދިން ދޫކޮށް ދާން ޖެހޭނެތީ އެކަމުގެ އުދާހާއެވެ. އެޚިޔާލާއެކު ލައިލާއަށް ދެފަރާތަށް ބޯހޫރާލެވުނީ، ހިތަށް ވެރިވި ވަހުމުތަކުގެ ކޫސަނި ކަމުންނެވެ.

*****

މަންމައާއެކު ސިޑީގެ ހަރުފަތަށް ގިރާކުރަމުން ދިޔަ އީވާއަށް މަންމަގެ މޫނަށް ބަލައިލެވުނެވެ. އެމޫނުމަތިން އޭނައަށް ފެނުނީ ހިތްހަމަޖެހުމުގެ އަސަރުތަކެވެ. އެހިނދު އީވާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އޭނަގެ ވާހަކަތައް މަންމަ ޤަބޫލުކޮށްފިކަން ޔަޤީންކުރެވުނެވެ. ސިޑިން ފައިބަމުން ސަންގުމަރުމަރު ހުދުކަން އެކުލެވިފައިވި މާރބްލްސްގެ މައްޗަށް ފަތުރާފައި އޮތް ރަތްކުލައިގެ ދޫލައިގެ މަތީގައި ފައިތިލަ ސާބިތުކޮށްލެވުނެވެ. އެއަށްފަހު ވަށައިގެންވި މާހައުލަށް އީވާ ފުން ނަޒަރެއް ދިނެވެ. ބަލައިލާ ކޮންމެ ދިމާއަކުން ވެސް ހަފްލާއަށް ތައްޔާރުވެފައިވާ މިންވަރުގެ ފުރިހަމަކަން ހާމަކޮށްދެއެވެ. ބޮޑުކޮޓަރީގެ އުސްތަނބުތަކުން ފެށިގެން ގޮސް ދަށުފަންގިފިލާގައި އަޅުވާފައިވި ސައިލުތަކާއި، މަލުގެ ދިގު ހާރާއި، ބޮކިފަތީގެ ކުލަތައް އެކުވެ ފެންނަނީ ނިކަން ހިތްގައިމުކޮށެވެ. ހަމައެއާއެކު މުޅި މާހައުލު އެއްވަސް ކޮށްލާފައިވަނީ ޒީނަތްތެރިކުރަން ބޭނުންކުރެވިފައިވި މާތަކުގެ ގުލްދަސްތާތަކުންނެވެ. އެމެފިލްގެ މެހެމާނުން ކަމުގައިވާ ވިޔަފާރިވެރިންނާއި ނުފޫޒު ގަދަ މީހުންތައް ހޭލަމޭލަވަމުން ދިޔަ މަންޒަރު ފެނެއެވެ. އެކަމުން ވެސް ހަފްލާގެ ޝާހީކަން އަންގައިދެއެވެ.

މެހެމާނުންނާ ނަޒަރު ބައްދަލުވުމާ ކޮންމެ ފަހަރަކު އީވާ ހިނިތުންވެލައެވެ. އަދަބުއިހުތިރާމް އަދާކޮށްލައެވެ. މީހުންތަކުގެ ތެރޭން މާމައާއި ބައްޕަ ފެނުމުން އީވާގެ ހިތުގައި އޮތް އަޒުމު ވަރުގަދަ ކުރިއެވެ. ޖާދިންއާއި އެކު ހަޔާތެއް ފެށުމެވެ. އެއަށްފަހު ލޯބި ދަސްކުރުމެވެ.

ފަތުރާލެވިފައިވި ރަތްކުލައިގެ ދޫލައިގެ މަތިން ހިނގަމުން ގޮސް ބޮޑުކޮޓަރީގެ މެދަށްވާހެން ދަށުފަންގިލާގައި ހަރުކުރެވިފައިވި ރަންކުލައިގެ ބޮޑު މަންދީލައިގެ ދަށުގައި އިވާއަށް މަޑުކޮށްލެވުނެވެ. އެވަގުތަކީ ގޭގެ ޕޯޓިކޯއަށް ކަޅުކުލައިގެ ކާރެއް މަޑުކޮށްލި ވަގުތު ވެސް މެއެވެ. އީވާއަށް އެދިމާއަށް ބަލަން ހުރެވުނެވެ. މަންމަ ވެސް މެހެމާނުންގެ އިސްތިޤުބާލަށް މައިދޮރާއި ދިމާއަށް ދިޔަ މަންޒަރު ފެނުނެއްކަމަކު، އީވާއަށް ހުރި ފިޔަވަޅުމަތީ ގަނޑުވެފައި ހުރެވުނީއެވެ. ދެން ނިއުޅިގެންދާނެ ހަޤީޤަތާ މެދު ވިސްނަންށެވެ.

*****

ޕޯޓިކޯއަށް ކާރު މަޑުކޮށްލުމާއެކު ދޮރުފާރަވެރިޔާ ގޮސް ކާރުގެ ދޮރު ހުޅުވާލަ ދިނެވެ. ކާރުން ފައިބަން ފުރަތަމަ އަމާޒު ހިފީ މެދު އުމުރުގެ އަންހެނެކެވެ. އޭނަ އަރައިގެން ހުރި އުސްކަށީގެ ފައިވާން ބިންމަތީގައި ސާބިތުކޮށްލަމުން ކާރުން ބޭރަށް ބޯދިއްކޮށްލިއެވެ. އެއަށްފަހު ކާރުން ފައިބަމުން، ކަނާއަތުން ހިފަހައްޓައިގެން ހުރި ހެދުމުގެ ފަސްބައިން ދޫކޮށްލިއެވެ. އެއާއެކު އޭނަ ލައިގެން ހުރި ފެހި ކުލައިގެ ޑިޒައިނާ ހެދުން ބިންމަތީގައި ފެތުރިގެން ދިޔައެވެ. ހެދުމުގައިވާ އެސްތަކުން ދަޅައަރައެވެ. ކޮށްފައިވާ ގޮތްބޮޑު މޭކަޕާއި ބުޅި އިސްތަށިގަނޑަށް ގެނެވިފައިވި ސްޓައިލުން ފެޝަނަށް މަރުދޭ މީހެއްކަން އަންގައިދެއެވެ. ހާޖަރާއާއި އޭނަގެ ނަޒަރު ބައްދަލުވުމުން ހިނިތުންވެލައިފިއެވެ.

''ބަސްމާ!...'' ބަސްމާގެ ގައިގައި ބައްދާލަމުން ހާޖަރާ ބުންޏެވެ. އޭނަގެ އަޑުގައިވަނީ އުފާވެރިކަމެވެ. ބަސްމާ ވެސް ހާޖަރާއާއި ސަލާން ބަދަލުކޮށްލީ އުފާވެރިކަމާއެކުގައެވެ.

ބަސްމާގެ ފަހަތުން އޭނަގެ ފިރިމީހާ އާރަބް ވެސް ފޭބިއެވެ. އާރަބްއަކީ މެދު މިނުގެ އިސްކޮޅެއްގެ ވެރިއެކެވެ. ލިބިފައިވަނީ ބައިމަތި ފުޅާ ހަށިގަނޑެކެވެ. ބޮލުގައި ނުރައަށްވުރެން ގިނައީ ކަޅު އިސްތައްޓެވެ. އުމުރުން މައްޗަށް ގޮސްފައި ވިއެއްކަމަކު އަދިވެސް މޫނުމަތިން ތާޒާކަން ފާޅުވެއެވެ. ލާފައިވި ކަޅުކުލައިގެ ސޫޓްގެ ސަބަބުން މީހާގެ ހައިބަތާއި ޝަހުސިއްޔަތުގެ ވަރުގަދަކަން ހާމަކޮށްދެއެވެ.

ފިރިމީހާއަށް ބަސްމާ ބަލައިލީ ފަހުރުވެރިކަމާއެކުގައެވެ. އަދިވެސް އެފިރިހެންވަންތަކަމަށް ބަދަލެއް ނާންނާތީ ބަސްމާ ވަރަށް ބޮޑަށް ހިތްހަމަޖެހެއެވެ.

''އާރަބް!...'' ސަލާމަތް އަތްދިއްކޮށްލަމުން ހާޖަރާ ބުނެލިއެވެ. އަވަސްއަވަހަށް ހާޖަރާގެ އަތުގައި އާރަބް ހިފިއެވެ. އަދި ހިނިތުންވެލިއެވެ.

''ކޮން އިރެއް އާރަބްމެން އަންނާނެ އިރެއްގެ އިންތިޒާރުގައި ތިބޭތާ، އަވަހަށް އެތެރެއަށް ވަންނަން ވީއެއްނު...'' ހާޖަރާ ދައުވަތު ދިނެވެ. ކާރުގެ ކުރީ ސީޓުން ފޭބި ޖާދިންއަށް ވެސް ހާޖަރާ ބަލައިލީ ހިނިތުންވުމަކާއެކުގައެވެ. ޖާދިންއަށްޓަކައި ހާޖަރާގެ ހިތުގައި ދަރިކުލުނު ވަނީ އުފެދިފައެވެ. އެކަން ހާޖަރާގެ ބަހާއި އަމަލުން ސާބިތުކޮށްދިނެވެ.

ހުރިހާ އެންމެންގެ ފަހަތުން ޖާދިން ވެސް ކަޅުފަޓުލޫނުގެ ޖީބަށް އަތްޖަހާލައިގެން އެތެރެއަށް ވަންނަން ހިނގައިގަތެވެ. ޖާދިން އަކީ އިސްކޮޅުން ދިގު ޒުވާނެކެވެ. ހަށިގަނޑުގެ ދުޅަހެޔޮކަމަށް އޭނަ އިސްކަންދޭކަމާއި ކަސްރަތުކުރުމަށް ލޯބިކުރާކަން މަސްތައް ވަރުގަގަވެފައިވި ހަށިގަނޑުން ހާމަކޮށްދެއެވެ. ހުދުކުލައިގެ ގަމީސް އެބައިމަތިފުޅާ ހަށިގަނޑަށް ހިފާލާފައި ވާއިރު ރަސްމީކޮށް ހުރުމުން ހިތްގައިމުކަމަށް ދައްކައެވެ. ރީތިކޮށް ފުނާއަޅާފައިވި ފަން އިސްތަށިގަނޑާއި ތުނި ކުރުވިފައިވި ތުނބުޅިން އޭނަގެ ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ. ލަސްހިނގުމެއްގައި ދިޔަ އިރު ޖާދިން ފެނި އެރީތިކަމުން މެޔަށް ތީރު ނުހެރޭ ޒުވާން އަންހެން ކުއްޖެއް ނެތެވެ. މަޖުނޫނުތަކެއް ފަދައިން ޖާދިންއަށް ބަލަން ތިބީ އާގަމަ އަރާފައެވެ.

އޭނައަށް އަންހެންކުދިންގެ ނަޒަރުތައް ހުއްޓިފައި ވިޔަސް ޖާދިންގެ ނަޒަރު ހުއްޓިފައިވީ ހަމަ އެންމެ އަންހެންކުއްޖަކަށެވެ. އީވާ އަށެވެ. އޭނައަށް އީވާ ފެންނައިރަށް ތުންފަތަށްވެރިވި ހިނިތުންވުމާއެކު އެހަތަރެސްކަން މޫނަށް ދިރުން ގެނެސްދިނީ ކޮލަށް އެޑިގެން ދިޔަ އަޑިކޮޅުގެ ސަބަބުންނެވެ. އީވާ ފެނި އެމޫނަށް ވެރިވި އުފާވެރިކަމާއި ލޯބި ސިއްރެއް ނުކުރެވުނެވެ. އޭނަ އުފާވެފައި ހުރި މިންވަރު އެއްވެސް ލަފުޒަކުން ބަޔާން ކުރެވޭނެހެނެއް ހިޔެއް ނުވެއެވެ. އީވާ ހާސިލުވުމަށް ދެކެމުން އައި ހުވަފެންތަކުގައި ކުލަ ޖެހިގެންދާނެ ކަމުގެ އުއްމީދާއެކު ޖިސްމަށް ވެރިވެގެން ދިޔައީ އުފާވެރިކަމުގެ ޖޯޝެވެ. އެއިހުސާސްތައް އެތޫނުފިލި ދެލޮލުން ރަމްޒުކޮށްދިނެވެ.

ޖާދިން ބޭނުންވީ އީވާގެ ގާތަށް ދާށެވެ. ނަމަވެސް އެކަމަށް ހުރަސް އެޅުނީ ހަފުލާއަށް އައިސް ތިބި ސަރުކާރުގެ ބޮޑެތި މީހުންނަށް އޭނަ ތަޢާރަފުކޮށްދޭން ބައްޕަ ބޭނުން ވުމުން، ބައްޕައަށް ވަގުތުކޮޅެއް ހުސްކޮށްލަން ޖެހުނީތީއެވެ. އޭރު ހާޖަރާ ވެސް ނިކަން ހެވިދިއްލިފައި ދަނބިދަރިފުޅު އިޝްތިހާރުކުރުމާއިގެން އުޅުނެވެ. މަންމައަށް ލިބިފައިވި ޖޯޝު ފެނި ކަރީމް ގާތަށް ވެސް ހިނިއައެވެ. ލައިލާއާއި ބަސްމާ ވެސް ކޮންމެ ވެސް ވާހަކައެއްގައި ތިއްބެވެ.

އެއުފާވެރި މެހެފިލްގައި އެކަނިވެރިވެ މާޔޫސް ވެފައިވީ ހަމައެކަނި އީވާ އެވެ. ދުރުގައި އެންމެނަށް ބަލަން އީވާއަށް ހުރެވުނެވެ. އެހެން ހުއްޓާ ސިއްސައިގެން ދިޔައީ އޭނަގެ އަތުގައި އޮތް ހުދުކުލައިގެ ކްލަޗްގެ ތެރޭގައި އޮތް ފޯނު ރިންގްވާން ފެށުމެވެ. ލިބުނު ހައިރާންކަމާއެކު އަވަސްއަވަހަށް އޭނަ ފޯނު ނެގިއެވެ.

ފޯނުގެ ސްކްރީނަށް ނަޒަރު ހިންގާލި ވަގުތު އަރާފައި އިން ނަން ފެނި އިރުކޮޅެއް ވަންދެން ބަލަން ހުރެވުނެވެ. އެއަށްފަހު އޭނަ ފޯނަށް ޖަވަބު ދިނުމަށް ހިނގައިގަތީ މެހެމާނުންނާ ދުރަށެވެ.

''ހަލޯ...'' ފޯނުނަގައި ކަންފަތުގައި ޖައްސާލުމާއެކު އިވުނީ އެކުވެރިޔާ ރައުހާގެ އަޑެވެ. ރައުހާ ގުޅަނީ ކީއްވެގެންކަން އީވާއަށް ނަގައިގަނެވުނެވެ. އެފޯނުކޯލަށް ޖަވާބު ނުދީފިއްޔާ ފަހުން ރައުހާ އެތައް ޝަކުވާއެއް ކުރާނެއެވެ. އެހެންވުމުން ހައްލެއްކަމުގައި ފެނުނީ ޖަވާބު ދިނުމެވެ.

''ހޫމްމްމް...'' އީވާއަށް ބުނެވުނެވެ.

''އަޅޭ، ހާދަ މޫޑީވެފަ ހުރިހެން ހީވެޔޭ، އެންމެފަހުން އެއްބަސްވީ ދޯ...'' އީވާގެ އަޑުން އެކަނިވެސް އެހިތުގެ ހާލު ރައުހާއަށް ނަގައިގަނެވިއްޖެއެވެ. އެކުވެރިޔާގެ އުދާސްތަކަށް ލުޔެއް ހޯދައިދޭން ކުރެވޭނެކަމެއް ނެތޭ ހިތަށް އެރުމުން ވަކިން ބޮޑަށް މާޔޫސްވިއެވެ. އީވާގެ ހިތުގެ ހާލު އޭނައަށް އިހުސާސްކުރެވޭތީއެވެ. އެންމެ ކުޑަމިނުން އެކުވެރިޔާގެ މަދަދުވެރިކަމަށް ބޭނުންވި ވަގުތު ގާތުގައި ހުރޭވެކަށް ވެސް ނެތެވެ. އޭނަ އެހެރީ އީވާއާއި އެތައް ހާސް މޭލެއްގެ ދުރުމިނުގައި ވިއްޔާއެވެ.

''އާނ، މީ ދެން އެންމެ ރަނގަޅު ގޮތްހެން ހީވަނީ، ޖާދު އަހަރެން ދެކެ ވަރަށް ލޯބިވޭ، އެހެންވީމަ އެކުގައި އުޅެވޭނެކަން ޔަޤީން، ބައެއްފަހަރު ޖެހޭނެ ދިރިއުޅުމުގަ މިކަހަލަ ނިންމުންތައް ވެސް ނިންމަން، ފަހުން ރަނގަޅުވާނެކަން ޔަޤީން...'' އޭނަގެ ނިންމުން ދިފާއުކުރަމުން އީވާ ބުންޏެވެ. އެކަމަށް ރައުހާ ފާޑެއްނުކިޔެވެ. އީވާއަށް ހައިރާންކަން ލިބުނީ އެކަމާ ރައުހާ ވެސް އެއްބަސް ވީމައެވެ. ކީއްވެގެންކަމެއް ނޭގެއެވެ. ރައުހާގެ އެޖަވާބުން އީވާއަށް އިތުރު އުދާސްކަމެއް ލިބުނެވެ. އޭނަ އުއްމީދުކުރީ އެނިންމުމާ ދެކޮޅަށް ރައުހާ އެއްޗެއް ބުނާނެ ކަމަށެވެ. ލޯބިނުވާކަން ޖާދިން ގާތު ހާމަކުރުމަށް އެދޭނެ ކަމަށެވެ. އެކައިވެންޏާ މެދު އޭނަ ނުރުހޭކަން ހާމަކުރަން ބުނާނެ ކަމަށެވެ. އެހެނަސް ކަންތައް ވީ ދިމާ އޭގެ އިދިކޮޅަށެވެ.

''ފެމިލީ އެހާ ބޭނުންކަމަކަށް ދެކޮޅެއް ވެސް ނެހޭދެނެތާ، އަހަރެން އެންމެ ދެރަވަނީ ތިކަމުން އީވްއަށް އުފަލެއް ނުލިބިދާނެތީ، ޖާދުއަކީ ވަރަށް ރަނގަޅު ޒުވާނެއް، އިތުބާރުކުރެވޭ މީހެއް، އީވްދެކެ ލޯބިވޭ، އުފަލުގައި ބަހައްޓަދޭނެކަން ޔަޤީން! އުންމީދަކީ ޖާދުއާ މެދު އީވް ދެކެމުން އަންނަ ނަޒަރިއްޔާތު ބަދަލުވުން... ބައެއްފަހަރު އެކުގައި އުޅުމުން ވެސް ލޯބި ވެވޭނެ...'' އީވާގެ ނިންމުމުން ނިކުމެދާނެ ރަނގަޅު ނަތީޖާއަކާ މެދު ވިސްނަން ރައުހާ ބުންޏެވެ. އޭނަ މަސައްކަތްކުރީ އެކުވެރިޔާގެ ހިތަށް ތަސައްލީއެއް ހޯދައިދެވޭތޯއެވެ.

''އާނ، ދެން އެވާހަކަ ބާއްވަބަލަ... އަހަރެން އަންނަން ވާއިރަށް ތައްޔާރު އެބަވަންތަ؟... ގިނަ ދުވަހެއް ނެތެއްނު...'' ހުނުމަކާއެކު އީވާ ބުނެލިއެވެ. އޭނަ ބޭނުންވީ މައުޟޫޢު ބަދަލުކޮށްލާށެވެ. އެކަން ފާހަގަވި ރައުހާ ވެސް ދެން އިތުރު އެވާހަކައެއް ނުދެއްކިއެވެ.

''ހާދަ ދުރުދުރުން ތިއުޅެނީ...'' ވާހަކައިގައި ހުރި އީވާ ސިހިގެން ދިޔައީ ދާދި ކައިރިން ފިރިހެންވަންތަ އަޑެއް އިވުމުންނެވެ. ފަސްއެނބުރި ބަލައިލެވުނު އިރު އޭނަގެ ގާތުގައި ހުރީ ޖާދިންއެވެ. ހިތްތަކަށް ފިނިކަން ގެނެސްދޭނެ ހިނިތުންވުން އޭނައަށް ހަދިޔާކޮށްގެންނެވެ.

''ފަހުން އެބަ ގުޅަން...'' ރައުހާ ގާތު ބުނެލަމުން އީވާ ފޯނު ކަނޑާލިއެވެ. އަދި ޖާދިންއަށް ބަލައިލިއެވެ.

''ރައު ތަ؟...'' އަތުގައިވި ހިމަދިގު ޖޫސްތަށިން އެއްތަށި އީވާއަށް ދިއްކޮށްލަމުން ޖާދިން އެހިއެވެ.

''އާނ، ބުނީ ޔުނިވާރސިޓީގެ ކަންތައް ފައިނަލް ކުރުމާ ހޮސްޕިޓަލްގެ ކަންތައް ހަމައަކަށް އެޅުވުމުގައި ބިޒީކޮށް އުޅެތީއޭ ނާދެވުނީ...'' ޖާދިން ދިއްކޮށްލި ތަށީގައި ހިފަމުން އީވާ ބުނެލިއެވެ. އެހާ ގާތުގައި ޖާދިން ހުރުމުން އީވާއަށް އުނދަގޫ ވިޔަސް، ބަހާއި އަމަލުން އެކަން ސިއްރުކުރަން އޭނަ މަސައްކަތްކުރިއެވެ.

އީވާއާއި ރައުހާ އާއި ބައްދަލުވީ ޑޮކްޓަރީކަން ކިޔަވަން ކޮލެޖްގައި އުޅުނު ދުވަސްވަރުގައެވެ. އޭރު ކިޔެވި ކްލާހުގައި ދިވެހި ދަރިވަރަކަށް އުޅުނީ ހަމައެކަނި ރައުހާއެވެ. އެއީ އެދެމެދުގައި އެކުވެރިކަން ބަދަހިވާން މެދުވެރިވި މައިގަނޑު ސަބެބެވެ. ކިޔެވުން ނިމި އީވާ މާލެ އައިއިރު ރައުހާ މަޑުކުރީ ލަންޑަނުގައެވެ. ލަންޑަނުގެ ރަނގަޅު ހޮސްޕިޓަލަކުން ވަޒީފާ ލިބުމުން ދިރިއުޅުން އެތަނަށް ބަދަލުކޮށްލީއެވެ. އެތައް އަހަރެއް ވީއިރުވެސް އެދެމެދުގައިވާ ގުޅުމަށް ބަދަލެއް ނާދެއެވެ. ދިރިއުޅުމުގެ ހުރިހާ ކަމެއް އެދެމެދުގައި ހިއްސާކުރެވެއެވެ. އެކަކު އަނެކަކުގެ ޚިޔާލު ހޯދައެވެ. ސްޕެޝަލިސްޓުންނަށް ވާން ކިޔެވުން އަލުން ފަށާއިރު އެކުގައި ފަށަންވެސް ވަނީ ނިންމާފައެވެ.

''ޔޫ ލުކް ބިއުޓިފުލް!...''

ސިއްރެއް ބުނާހެން އީވާގެ ކަންފަތާއި ތުންފަތް ކައިރިކޮށްލަމުން ޖާދިން ބުނެލިއެވެ. އެދެމެދުގައިވި ދާއިރާގެ ހަނިކަމުންނާއި ޖާދިންގެ ހޫނު ނޭވާތައް ކޯތާފަތަށް އެޅުމުން ހިތްއަވަސްވުމުންގެ ބަދަލުގައި އީވާގެ މެޔަށް ވީ އުނދަގުލެވެ. ދުރަށް ދާން ބޭނުން ވިޔަސް، ޖާދިންގެ ހަޔާތުގެ ބައިވެރިޔަކަށް ވާނެތީ އެގާތްކަމަށް ހޭނެން އޭނައަށް ވަނީ މަޖުބޫރުވެފައެވެ. ހަރަކާތެއްކޮށްލުމެއް ނެތި ޗާބީ ދީފައި ހުރި ބުދެއްގެ އުސޫލުން އީވާއަށް ހުރެވުނެވެ. އެންމެ ބޮޑުކަމަށްކަން ވެސް ހިނިތުންވެލުން ނޫންކަމެއް އޭނައަކަށް ނުކުރެވުނެވެ.

*****

''ކޮބާ، ރަޝިޔާ ދަތުރު ދިޔައީ ކިހިނެއްތަ؟، އެކަމާ ސުވާލެއްކޮށްލާނެ ފުރުސަތެއް ވެސް މިކަންތައް ލައްވާލީމަ ނުލިބުނު...'' އާރަބްއާއެކު އެކަނިވުމުން ކަރީމްއަށް އަހާލެވުނެވެ. އެދެމެދުގައި ގިނައިން ދެކެވެނީ ވިޔަފާރީގެ ވާހަކަތަކެވެ. ދެމީހުން ވެސް ތިބީ ޒަމާންވީ އެކުވެރިކަމުގެ ގުޅުން އާއިލީ ގުޅުމަށް ބަދަލުކުރެވޭނެތީ ނިކަން އުފާވެފައެވެ.

''ހަމަ ރަނގަޅަށް ދިޔައީ، ބަސްމާއަށް ވިޔަފާރިކޮށްލަން ލިބުނު ރަނުގެ ފުރުސަތެއް އެއީ، ވަރަށް ސާމާނު ގެނައި، މާދަން އަންނާނެ ކަންނޭގެ ހަދިޔާތައް ހިފައިގެން...'' ސަމާސާ ރާގަކަށް އާރަބް ބުންޏެވެ.

ހާޖަރާ ހޯލްޑިންގްސް އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާގައި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ކުންފުންޏެވެ. ދާދި ފަހުން އާރަބްގެ ކުންފުންޏާއި ގުޅިގެން ވަނީ ރިސޯޓު ހިންގުމުގެ ދާއިރާއަށް ވެސް ކުންފުނީގެ ފިޔަގަނޑު ބޮޑުކޮށްފައެވެ. ރިސޯޓް ހިންގުމުގެ ހުނަރު ލިބިފައި ހުރުމުން އާރަބްގެ އެހީތެރިކަން ކަރީމްއަށް ވަރަށް ބޮޑަށް ލިބެއެވެ. އޭނަގެ ކުންފުނި ކާމިޔާބުވުމުގެ ހަޤީޤީ ހިއްސާދާރަކަށް ވުމުން ކަރީމްއަށް ކޮންމެ ގޮތަކުން ވެސް މަދަދުވެރިވާން އާރަބް ބޭނުން ވެއެވެ.

ކަރީމްއާއި އާރަބްގެ އެކުވެރިކަން ބަދަހިވެގެން އައީ ވިޔަފާރިވެރިންގެ ސެމިނާ އެއްގެ ތެރެއިންނެވެ. އޭރު އާރަބްގެ ކުންފުނިއަށް ދިޔައީ މާލީ ގޮތުން ގެއްލުންތައް ލިބެމުންނެވެ. އެހާލަތުގައި ވަނިކޮށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލީ ކަރީމްއެވެ. ކަރީމްއަށް އާރަބްގެ ވިޔަފާރީގެ ވިސްނުން ކަމުދިޔައީއެވެ. އެތައް ބައްދަލުވުމަކަށްފަހު އާރަބްއަށް އެހީވާން ކަރީމް ނިންމިއެވެ. ކަރީމްގެ ފަރާތުން ލިބުނު އިންވެސްޓްމެންޓަކުން ކުންފުނި ކޮޅަށް ޖެހުމުގައި އާރަބް ކުރި ހޯދިއެވެ. އެދެމެދުގައި ވެވުނު އެއްބަސްވުމުން ދެފަރާތަށް ވެސް ބޮޑު ފައިދާއެއް ލިބުނެވެ. ރިސޯޓު ހިންގުމުގެ ދާއިރާގައި ކުރިއަރަމުން ގޮސް މިހާރު އެއީ ވިޔަފާރީގެ މަސްރަހުގައި ނުފޫޒު ގަދަ ކުންފުންޏެކެވެ. އެކަމަށް އަބަދުވެސް އާރަބް ޝުކުރުވެރިވެއެވެ.

*****

އަނގޮޓި ބަދަލުކުރުމުގެ ރަސްމިއްޔާތަކީ ހާޖަރާ ބޭނުންވެގެން ކުރެވުނު އިންތިޒާމެކެވެ. ހާޖަރާއަކީ އެ ދުވަސްވަރެއްގައި ވައިގައި ހިފާލާ ހުޅަނގުގެ ވައްޓަފާޅިތައް ތަންފީޒުކުރަން ފޯރި ހުންނަ މީހެކެވެ. އޭނަގެ ވިސްނުން ބޯދާއީ ހަމަ އެންމެ ކަމަކުންނެވެ. މީހުން ތަފާތު ކުރުމުގައެވެ. މުއްސަނދިކަމާއި ފަޤީރުކަން އަޅުވާ ކިޔުމުގައެވެ. ނިކަމެއްޗަކު ވިއްޔާ ދެރަކޮށްލުން އެއީ ހާޖަރާގެ މިޒާޖެވެ. މީހާ ކިތަންމެ ތަހުޒީބު ވިޔަސް އެވިޔާނުދާ އާދަ ދޫކޮށްލާކަން ނޫޅޭއެވެ.

އަނގޮޓި ބަދަލުކުރެވުމުން އީވާއަށް އޭނަގެ ކަށިއިނގިލީގައި އޮތް އަލިމަސްޖެހި ރަނުގެ އަނގޮޓިއަށް ބަލަން ހުރެވުނެވެ. އެއީ އޭނަ ވި އިޤްރާރުގެ ހެއްކެވެ. ގާތުގައި ހުރި ޖާދިން އޭނަގެ އުނަގަނޑުގައި އަތް ޖައްސާލައި ކައިރިކޮށްލުމުން، އީވާ ގަދަކަމުން ހިނިތުންވެލިއެވެ. އަދި ޖާދިންގެ މޫނަށް ބަލައިލިއެވެ. އެވަގުތު ދެޒުވާނުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައެވެ. އެޖާދުވީ ދެލޮލުން އީވާއަށް ފެނުނީ ފުން ލޯތްބެވެ. ބަދަލުވުމެއް ނެތް އިހުސާސްތަކެވެ. އޭގެ ސަބަބުން ހިތަށް ތޫނު ކަށިތަކެއް ހެރިގެން ދިޔަހެން އީވާއަށް ހީވިއެވެ.

އަތްތިލަ ބަޑީގެ އަޑުން މުޅި މާހައުލު ގުގުމާލިއެވެ. އެންމެން އެއުފަލުގައި ބައިވެރިވަމުން ދިޔަޔަސް އީވާއަކަށް އުފާވެރިކަމެއް އަދި ހިތްހަމަޖެހުމެއް ނުލިބުނެވެ. ހިތުގެ އިހުސާސްތައް ވަންހަނާ ކުރަމުން މޫނުމަތިން އުފާވެރިކަން ދައްކަން އޭނަ މަސައްކަތްކުރިއެވެ. އާއިލާއަށްޓަކައެވެ. އޭނަގެ ގާތުގައި ހުރި ޖާދިންއަށްޓަކައެވެ. ޖާދިން އޭނަ ދެކެ ވާ ލޯތްބަށް ޓަކައެވެ. އޭގެ ސަބަބުން ނޭވާހާސްކުރުވާހެން އީވާއަށް ހީވިއެވެ. ފުންނޭވަތަކެއް ދޫކުރިޔަސް ހީވަނީ މޭގައި މީހަކު ހިފައި ބާރުކުރާހެންނެވެ. އުދާސްކަން މެނުވީ އިތުރު އެއްވެސް އެއްޗެއް ނުލިބުނެވެ.

*****

''މަރުޚަބާ، ހާދަ އުފާވެރި ދުވަހެކޭދޯ، އެންމެފަހުން ހާޖަރާގެ ހުވަފެން ހަޤީޤަތަކަށް ވަނީދޯ، ޖާދިން ފަދަ ދެވަނަ ބައިވެރިޔަކު އީވާއަކަށް ނުލިބޭނެ، ހާޖަރާގެ ހޮވުން ވަރަށް ފުރިހަމަ...'' ހާޖަރާ ހުރީ އޭނަގެ އެކުވެރިންނާއެކުގައެވެ. ސަޅިބައިސާކަނޑާށެވެ.

''އަހަރުމެން މިހިރަ ފަލަވެގެން ގޮސް ހަނާވާން ކައިރިވަނީ، ހަކުރާއި، ލެޔާއި މައްޗަށް ނުދާއެއްޗެއް ނެތް، އެކަމަކު ހާޖަރާ ތިހުންނަނީ ހާދަ ރީތިކޮށޭ، ބަލާފަ މީހަކު ނުބުނާނެ ހަތްދިހައިން މައްޗަށް ގޮސްފިޔޭ...'' އަނެކަކު ބުނެލިއެވެ.

ހާޖަރާއަކީ އޭނަގެ ސިއްހަތަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭ މީހެކެވެ. ފައިދާ ހުރި ކާއެއްޗެހި ކެއުމުގެ އިތުރުން މުސްކުޅި އުމުރުފުރައިގެ މީހުންނަށް ހާއްސަ ކަސުރަތު ކްލާހަކަށް ވެސް އޭނަ ދެއެވެ. މޫނުމަތީގެ ރީތިކަމަށް ވެސް އެހާ އިސްކަން ދެއެވެ. ޝާހީ އާއިލާއެއްގެ ބޮޑު މީހާއަށްވުމުން ތިމާގެ ސިފައާއި ސޫރައިގެ އިތުރުން ހަށިގަނޑުން ވެސް ހައިބަތު ދައްކަން ހާޖަރާ ބޭނުން ވެއެވެ. މުސްކުޅިވުމަކީ އެއްވެސްކަމަކަށް އޮތް އުޒުރެއްކަމުގައި އޭނަ ނުދެކެއެވެ.

''އެނގޭތަ، މިއުޅޭ ސަކީނާގެ މާމަ ދަރިފުޅު ކޮންމެވެސް ބިދޭސީއަކާ އިންނަން ހަދައިގެން ހަސީނާ އެބައުޅޭ ރަތަށް އަރައިގެން، އަދި މަށަށް އަޑު އިވުނީ އެއީ މެދު ފަންތީގެ އާއިލާއެއްގެ ކުއްޖެކޯ... އޭނައާ އިންނަން ފައިވިއްދާފަޔޯ އޭނަ ހުރީ ވެސް!...'' ހާޖަރާއާއި އޭނަގެ އެކުވެރިން އެއްތަން ވެއްޖެއްޔާ އޮތްނަނީ މީހުންގެ ނެތިމޮށުމެވެ. ފިނިހޮޅުއަށީގައި އެނޫން ވާހަކައެއް ނުދެކެވެއެވެ.

''އާނ، މަވެސް އަޑު އެހީމޭ، މިހާރު މިއުޅޭ ކުދިންނަށް އެކަހަލަ މީހުން ކަމުދަނީ ކަމަށް ވެސް ވެދާނެ ތޯއްޗެއް، މިހެންވެޔޭ ބޭރަށް ކިޔަވަން ނުފޮނުވަންވީ، ކިޔެވުމަށްވުރެން އެތާ އުޅޭ ބިދޭސީން ހޯދަން ވިއްޔާ ފޯރި ހުންނަނީ!''

''އަދި އެއްވާހަކަ އަޑު އިވުނޭ، ލައިލާގެ އާއިލާއަށް ކަރީމް ވަރަށް ހަރަދު ކުރެޔޯ، އެއީ ތެދެއްތަ؟'' މައްސަލަ ގޯސްވީ ތުހުމަތުގެ އިނގިލި އޭނަގެ އާއިލާއަށް އަމާޒުކުރެވުނު ހިސާބުނެވެ. އެއާއެކު ހާޖަރާގެ ތަބީއަތު ބަދަލުވެއްޖެއެވެ. ކަރުގައި ކައްޓެއް ތާށިވިކަހަލައެވެ. މޫނު ކުނިކޮށްލަމުން ނުރުހުމާއެކު އެކުވެރިންނަށް ބަލައިލިއެވެ.

(ނުނިމޭ)