ވާހަކަ

ކޮންމެ ހިނދެއް - 43

1

ސިޑިން ފައިބައިގެން އަންނަ އާވާ ފެނިފައި ނައިޝީ ހުރި ކިޔާނެ ބަހެއް ނޭނގިފައެވެ. ފަހަތުން އައި މާހިލް އާވާގެ އުނގަނޑުގައި އަތްއަޅުވާލާ ސަމާސާ ކޮށްލި މަންޒަރު ފެނުމުން ނައިޝީގެ ދެއަތް މުށްކެވިގެން ދިޔައެވެ. 


ނައިޝީއަށް ނަޒަރެއް ދީފައިވެސް އާވާ އަޅައެއްނުލިއެވެ. ބަދަލުގައި އޭނާ އިތުރަށް މާހިލް އާ ގާތްވެލިއެވެ. މާހިލްގެ ކަނދުރާގައި އަތް އަޅުވާލާފައި ފުންމާލުމާއެކު މާހިލްގެ ދެއަތް މައްޗަށް އާވާ އުފުލައިލިއެވެ. ހިނިތުންވެ ހުރެ މާހިލް އާވާ ބެހެއްޓީ ނައިޝީ ކުރިމަތީގައެވެ.

އާވާ ހަށަން ބަނދެލަމުން ނައިޝީގެ ކުރިމަތީގައި ހުއްޓުނެވެ. އެއަށްފަހު މަލާމާތުގެ ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވިއެވެ.

"ނާދިޔާ….!! އޫޕްސް… ސޮރީ ނައިޝީ…" އާވާ ނައިޝީއަށް އިވޭވަރަށް ކިޔައިލިއެވެ.

"މިއަދު ހާދަ ރީތި ހެދުމެއްގަ ހުރި ދުވަހެއް. ކަލެ އާ ގުޅެނީ ތިކަހަލަ ހެދުން. ގަޔަށް އެއްޗެއް ނުލާ ހުއްޓަސް އަހަރެންގެ ފިރިމީހާ ގުޑާވެސްނުލާނެ… ދެން ކީއްކުރަންކުރާ ބޭކާރު މަސައްކަތެއް" އާވާ ވާހަކަދައްކަމުން ދިޔައެވެ.

"މާހިލް….!! ކޮބާ ކަލޭ މަށާއެކު ހެދި ޑީލް…؟" އާވާއަށް ދޭނެ ޖަވާބެއް ނައިޝީއަށް ނޭނގުނެވެ. އެހެންކަމުން އޭނާގެ ސުވާލު އަމާޒުކުރީ ސޯފާގައި އިށީންދެގެން ޓީވީއަށް ނަޒަރު ހުއްޓާލައިގެން އިން މާހިލްއަށެވެ.

"މަށޭ މިވާހަކަ ދައްކަނީ ކަލެ އާ. މާހިލް ނޫޅެ ކަލެޔާ ވާހަކަދައްކާހިތަކުން މޮޔަވެގެނެއް" އާވާ ވާހަކަދެއްކިއެވެ.

"އަހަރެންނަކީ އެހާ ފަސޭހައިން ބަލި ޤަބޫލުކުރާނެ މީހެއްނޫން. އަދިވެސް އަހަރެންނަށް ކަލޭ މިގެއިން ބޭރު ކުރެވިދާނެ. ކަލޭމެން ހީކުރީ އަހަރެންގެ ފަސްފަހަތުން މަކަރާ ހީލަތް ހަދައިގެން އޮޅުވާލެވިދާނެކަމަށްތަ؟ ވަރަށް ވަގުތުދީފިން. ކަލޭމެންނަށް ދެން އިތުރު އެއްވެސް ޗޮއިސްއެއްނެތް. އަހަރެން ހަމަ މިހާރު މިވަގުތު އެ ވީޑިޔޯ ވައިރަލް ކޮށްލާނަން" މާހިލް ބަހެއް ނުކިޔުމުން ނައިޝީ ބަހުގެ ހަމަލާތައް ރައްދުކުރީ އާވާ އަށެވެ.

"އަވަހަށްކުރޭ… ކަލޭ ކޮންމެކަމެއް ކޮންމެ ގޮތަކަށް ކުރިޔަސް އަހަރެން މިގެއަކުންވެސް މާހިލްގެ ދިރިއުޅުމަކުންވެސް ނުނެރެވޭނެ. މަކަރާ ހީލަތަކީ ހަމައެކަނި ކަލޭ ދަންނަ އެއްޗެއް ނޫނޭ" އާވާ ޖަވާބުދިނެވެ.

މާހިލްގެ ކުރިމަތިން ހިނގާފައި ގޮސް ޓީވީ ރެކްމަތީގައި ޗާޖަރަށް ޖަހާފައި އޮތް ފޯނު ނައިޝީ ނެގިއެވެ. ނުލަފާ ފާޑަކަށް ހީލާފައި އާވާގެ ކުރިމަތީގައި ހުއްޓުނެވެ.

"މި ފޯނުން ކޮށްލާ ކުޑަކުޑަ ކަމަކުން ކަލޭގެ މުޅި ދިރިއުޅުން ބަރުބާދުވެގެން ދާނެ" އާވާގެ މޫނުމަތީގައި ފޯނު ހުރަސްކޮށްލަމުން ނައިޝީ ވާހަކަދެއްކިއެވެ.

"އަވަސްކުރޭ… އަދި އަހަރެން ބުނާ ދެތިން ނަމްބަރަކަށް ވަކިން ފޮނުވާލައްޗެ އިނގޭ…" އާވާ ނައިޝީއަށް އިންޗިއެއްވެސް ދޫކުރަން ބޭނުމެއްނުވިއެވެ.

ނައިޝީ ފޯނު ހުޅުވައިލިއެވެ. އޭނާގެ މޫނުމަތިން ޚައިރާންކަން ފާޅުވާން ފެށިއެވެ. އާވާ ހީލައިގެން ހުއްޓެވެ. ނައިޝީ ބަލައިލުމާއެކު ހިނގާލާފައި ގޮސް މާހިލް އިން ސޯފާގެ އަތްގަނޑު މަތީގައި އިށީނެވެ.

"ކޮބާ ވެއްޖެތަ…؟" އާވާ އަހައިލިއެވެ. ނައިޝީ އެދެމީހުންނަށް ނަޒަރެއްދިނެވެ.

"ކިހިނެއްވެފަ މި ފޯނަށް މިއޮތީ… ކާކު މިފޯނާ ކުޅުނީ…. " ލިބިފައިވާ ޚައިރާންކަމުގެ ތެރެއިން ނައިޝީ ބުނެލިއެވެ.

"ކިހިނެއްވީ…؟ ކުއްލިއަކަށް ފޯނު މުޅިން އާ ފޯނަކަށް ބަދަލުވީތަ…؟ އަޅެ ހާދަ ދެރައޭ… ދެން ކިހިނެއްހަދާނީ…؟ ނާދިޔާ ބޭނުންވެއްޖިއްޔާ އަހަރެމެން ދެމީހުން އެތަންކޮޅުތައް އަލުން ކުޅެދީފާނަން. ދޯ މާހިލް…" އާވާ ވާހަކަދެއްކިއެވެ.

އާވާގެ ވާހަކަތައް ހުރިގޮތުން މާހިލް ކައިރިއަށް ހިނިއައެވެ. އާވާގެ އަތްތިލައަށް ފިތާލުމަށްފަހު މައިދޮރާއި ދިމާލަށް ހިނގައިގަތީ ޝާނިމްގެ މެސެޖެއް ފޯނަށް އައުމުންނެވެ.

"ކަލޭމެން އެންމެން ފުލުހުންނާ ހަވާލުކުރާނަން. އަހަރެންނަށް ނޭނގި އަހަރެންގެ ފޯނަށް ކަލޭމެންނަށް އަތްލެވިގެންނުވާނެ. ހަނދާންކުރާތި…!" ފިޔަވަޅުތަކަށް ބާރުލާފައި ނައިޝީ އައިސް ހުއްޓުނީ އާވާގެ ކުރިމަތީގައެވެ.

"ކަލެއަށް ފަސޭހަކުރަންވެގެން ޝާނިމްސަރ އެއައީ ޕޮލިސް ގޮވައިގެން. މައްސަލަ ހުށައަޅަންވީނުން" ދޮރުން ވަދެގެން އައި ދެ އަންހެން ފުލުހުންނާއި ފިރިހެން ފުލުހަކަށް އިޝާރާތްކޮށްލަމުން އާވާ ބުނެލިއެވެ. ނައިޝީ އެދިމާލަށް އެނބުރިލިއެވެ. ކުއްލިއަކަށް ކުރިމަތިން ފުލުހުން ފެނުމާއެކު ނައިޝީ އިންތިހާއަށް ބިރުގަނެއްޖެއެވެ. ހިންދިރުވާލަމުން އަތުގައި އޮތް ފޯނު ލައިގެން ހުރި ޖީންސުބުރީގެ ފަހަތު ޖީބަށް ކޮށްޕާލައިފިއެވެ.

"އަ…އަޅުގަނޑު މައްސަލައެއް ރިޕޯޓްކުރަން ބޭނުން" ދެ އަންހެން އޮފިސަރުން ކުރިމަތީގައި ހުއްޓުމުން ނައިޝީ އުނދަގުލުން ވާހަކަދެއްކިއެވެ. އެތަނުން އެއް އޮފިސަރަކު ކޯޓުއަމުރު ނަގާ ނައިޝީއަށް ދިއްކޮށްލިއެވެ. ތުރުއަޅަމުން ދިޔަ ދެއަތުން ހިފާ ނައިޝީ އެގަނޑު ކިޔައިލިއެވެ. އޭނާ ހައްޔަރުކޮށްގެން ގެންދާ ވަގުތު ޖެހުނީކަން އިނގުނުހިނދު ދެފައިން ވާގިދޫވި ކަހަލައެވެ. އެހިނދުކޮޅުގައި އޭނާ ބަލިވެއްޖެކަން ޤަބޫލުކުރެވިއްޖެއެވެ.

"އަހަ…އަހަރެން…މާހިލް…" ނައިޝީގެ ދެލޮލުން ކަރުނަތައް ފައިބައިގަތެވެ. ފުލުހުން ފެނުމުން ހިތުގައި އުފެދުނު ބިރުވެރިކަމެއްގެ ސަބަބުން އަދިވެސް ހިތްދަނީ ރޯމަހެއް ތެޅޭހެން ތެޅެމުންނެވެ.

"އަން… ތިދާއިރު ޖަލުގަ މިވެސް ބަހައްޓައިގެން އިނދޭ… މިކަހަލަ މުޑުދާރު އެއްޗެހިތަކެއް އަހަރެމެން ދިރިއުޅޭ ތަނެއްގަ ބަހައްޓާކަށް އަހަރެމެން ބޭނުމެއްނޫން" ނައިޝީގެ ފޮށި ދަމަމުން އައިސް ހުއްޓުނު އަމާޔާ ވާހަކަދެއްކިއެވެ. އަދި ނައިޝީއާއި ދިމާލަށް ފޮށި ކޮށްޕާލިއެވެ.

"ދެން ކަލޭ ދޭ. ޖަލުގަ އޮވެ ތެޅިތެޅި ކަލޭ މަރުވެގެންދާނީ. އެއްއިރަކުވެސް ކަލެޔަކީ ބާރެއް އޮތް މީހެއްނޫން. އަދި ވަރަށް އުފާވެރި ހަބަރެއްދެންތަ؟ މާހިލްގެ ދަރިއަކަށް އަހަރެން ބަނޑުބޮޑު. ހެއްދެވިފަރާތް ނޫން އެހެން އެއްވެސް ފަރާތަކަށް އަހަރެމެން ދުރުކުރުމުގެ ބާރެއް ލިބިފައެއްނުވޭ" އާވާ ވާހަކަދެއްކިއެވެ.

އަންހެން ފުލުހަކު ނައިޝީގެ ދެއަތުގައި ބިޑި އެޅުވުމާއެކު ނައިޝީ ކަރުނަވީ ދެލޮލުން އާވާއަށް ބަލައިލިއެވެ.

"އަހަރެންނަށް އެހީތެރިވި ދެވަނަ އިންސާނަކުވެސް އެބައުޅޭ. ތިގޭގަ. ކިޔާން… ކޮބާ އޭނަ؟ އޭނަވެސް ޖެހޭނީ އަހަރެންދާތަނަކަށް ދާން" ނައިޝީ ވާހަކަދެއްކިއެވެ.

އާވާއަށް ޚައިރާންކަމެއް ނުލިބުނެވެ. ކުރިންވެސް ކިޔާނަށް އޭނާއަށް ޝައްކުވިއެވެ. މިއަދު އަދި އެކަން އޭނާއަށް ޔަޤީންވެއްޖެއެވެ.

"ވަރަށް ސަލާން އިނގޭ… ޖަލުގެ ތޭރިތަކުގެ ތެރޭގައި އޮވެ ތިމާއަށް މިދުނިޔޭގައި ވަގުތު ބޭކާރުކުރެވުނު ގޮތާއިމެދު ވިސްނާ ފިކުރުކޮށް މަރުވުމުގެ ކުރިން ރަނގަޅު ތަޢުބާއަކުން ތަޢުބާވެވޭތޯ މަސައްކަތްކުރާތި. މީހުންނަށް ހިތްހެޔޮކޮށް ހަސަދަވެރިކަމާއި ބަދަލު ހިފުމުގެ ރޫހު ތިހިތުން ނެރެ ޞާލިހް މީހަކަށްވެވޭތޯ ބަލާތި. ކޮންމެކޮންމެ މީހަކު އަހަރެން ފަދައިން ކަލެއަށް އިތުރު ފުރުސަތުތަކެއް ނުދޭނެ" ދޮރުން ނިކުނިކުމެ ހުރި ނައިޝީއަށް މާހިލްގެ އެބަސްތައް އިވުނެވެ. މިފަހަރު އެބަސްތައް އޭނާގެ އެއްކަންފަތުން އަހާފައި އަނެއް ކަންފަތުން ބޭރުކޮށްލާ ހިޔާލެއް ނުކުރިއެވެ. ސިކުނޑީގެ ކޮންމެސް ހިސާބެއްގައި ހަރުލައްވައިފިއެވެ. އެފަދަ އަންހެނަކަށްވުމަށް މަސައްކަތްކުރުމަށް ހިތް ބުނެލައިފިއެވެ.

ނާސިހް ކޮޓަރިން ނިކުތްއިރު ދިގު ސޯފާގައި އާރިޔަންއާއި އަނުމް އިންތަން ފެނުނެވެ. ލަސްފިޔަވަޅުތަކެއް އަޅަމުން ނާސިހް ގޮސް ހުއްޓުނީ އަނުމް ކައިރީގައެވެ. އަނުމްގެ ބޮލުގައި ފިރުމާލަމުން ކައިރީގައި އިށީނދެއްޖެއެވެ. އަނުމްއަށް އިހުސާސްތައް ހިފަހައްޓައެއް ނުލެވުނެވެ. ނާސިހްގެ ކޮނޑުގައި ބޯއެޅުމާއެކު އޭނާއަށް ރޮވިއްޖެއެވެ.

"ބައްޕަ ބުނި ފަދައިން އަޅުގަނޑު އާރިޔަން އާ ދުރަށް ގޮއްސިން. އާރިޔަންގެ މަންމައާއި އާރިޔަން ދުރުކުރަން އަޅުގަނޑު ދުވަހަކުވެސް މަސައްކަތެއް ނުކުރާނަން" އަނުމް ވާހަކަދައްކަމުން ދިޔައެވެ. އަނުމް ރޯއަޑު އިވުމުން ކައިރީގައި އިން އާރިޔަންގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. ދެއަތުން ދެލޯ ކައިރި ފޮހެލަމުން އާރިޔަން ހިތްވަރުކުރެވޭތޯ މަސައްކަތްކުރަމުން ދިޔައެވެ. ފަލަކްނާޒަކީ މަންމައަށް ވީތީ އެމަންމައަށް ހިތްބުރަ ކުރެވެންވެސް ނެތެވެ.

"ދަރިފުޅާ…!! ބައްޕައަށް މަޢާފްކުރޭ. ދަރިފުޅުގެ ހިތުގެ އެދުން ބައްޕައަށް ހާޞިލްކޮށެއް ނުދެވުނު. މިއަދުގެ ފަހުން އަހަރެމެންގެ ދެބަފައިން ދުނިޔޭގައި ތިބޭނީ ދެބަފައިންނަށްޓަކައި. ދުވަހަކުވެސް މި ބައްޕަ ދަރިފުޅު ދޫކޮށެއްނުލާނަން" ނާސިހަށް ރޮވިއްޖެއެވެ. އެމަންޒަރު ބަލަން އާރިޔަންއަށް ކެތެއްނުވިއެވެ. އޭނާ ތެދުވެގެން ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.

ދޮރުގައި ބެލް އަޅަންފެށި އަޑު އިވުނީ ކައި ނިމިގެން ރިޒާ ޓީވީ ހުޅުވައިގެން ސިޓިންރޫމުގައި އިންދައެވެ. ތެދުވެގެން ދޮރާއި ދިމާލަށް ދިޔައިރު ވަކިން ހުރި ސޯފާގައި ޒެރީންވެސް އައިސް އިށީނދެއްޖެއެވެ. ރިޒާގެ ހުއްދައާއެކު ފުލުހުންގެ ދެ އޮފިސަރުން ވަނުމާއެކު ޒެރީންއަށް ފުންމައިގެން ގޮނޑިން ތެދުވެވިއްޖެއެވެ.

"ކިޔާނަށް ގޮވައިބަލަ" ރިޒާ ޒެރީނަށް ބުންޏެވެ. ހިތްބިރުގަނެފައިވާ ހާލު ޒެރީން ކިޔާން ބަލާ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ.

އިރުކޮޅަކުން ޒެރީންގެ ފަހަތުން ކިޔާން އައިސް ހުއްޓުނެވެ. ސިޓިންރޫމުގައި ބަޔަކު ވާހަކަދައްކާ އަޑު އިވުމުން ބަދިގޭގައި އުޅުނު ޙާޖަރު ބަލައިލިއެވެ. ފުލުހުން ތިބިތަން ފެނުމުން އަތް ދޮވެލައިގެން ސިޓިންރޫމަށް ނިކުތެވެ.

"ކިޔާން…!! މިބޭފުޅުން މިބުނަނީ ތެދެއްތަ؟" ދެއަތް ފުރަގަހަށް ލައިގެން ހުރެ ރިޒާ ކިޔާނަށް ބަލައިލަމުން އެހިއެވެ.

"އެއީ ދޮގެއް. މަގޭ ދަރިއަކީ އެހާ ނުބައި ކުއްޖެއްނޫން" ޒެރީން ވާހަކަދެއްކިއެވެ.

"މަށަށް ވާހަކަދެއްކުނީ ޒެރީން އާ ތަ؟… ޒެރީންއަށް ކިހިނެއް އިނގުނީ މިބޭފުޅުން މަށާ ދެއްކި ވާހަކަތައް. އަޖައިބެއްނު" ރިޒާ ހިތްހަމަނުޖެހުނެވެ.

ރިޒާއަތަށް ފުލުހުން ދިން ކޯޓްއަމުރު ރިޒާ ތަނުގައި ތިބި އެންމެންނަށް އިވޭވަރަށް ކިޔައިލިއެވެ. ދުރުގައި ހުރި ޙާޖަރަށް އަނގަމަތީގައި އަތް އެޅުނެވެ. މާހިލްއާއި އާވާއާއި ދުރުކުރަން ކިޔާން އެފަދަ ދަށުދަރަޖައިގެ އަމަލެއް ހިންގަފާނެ ކަމަކަށް ޙާޖަރު ހިތަށްވެސް ނާރައެވެ.

"ބޭބޭ! އަޅުގަނޑަށް މަޢާފްކުރޭ. އަޅުގަނޑު އެވީ ބޭނުންވިވަރުން އެކަހަލަ ކަމެއް ކުރެވުނީ" އެންމެންގެ ކުރިމަތީގައި ކިޔާން އިޢުތިރާފުވިއެވެ. ވީދެރައިން ރިޒާއަށް ބަހެއް ނުކިޔުނެވެ. އިތުރަށް އެއްޗެއް ނުވެސް ބުނެވުނެވެ. ފުލުހުން ކިޔާން ބިޑި އަޅުވައިގެން ދާން ފެށުމުން ޒެރީން ރޮއެގަތެވެ. ކިޔާންގެ ޓީޝާޓުގައި ހިފައިގަނެގެން ހުރެ ކިޔާން ނުގެންދިޔުމަށް އެދި އާދޭސްކުރަމުން ދިޔައެވެ.

"ބޭބޭ… !! މަގޭ ދަރި. މަގޭ ހުރި ހަމައެކަނި ދަރި… އޭނަ ގެނެސްދީ.. އެމީހުން އޭނައަށް ވަރަށް އަނިޔާކުރާނެ. ހެޔޮނުވާނެ ކިޔާން ގެނެސްދީ" ޒެރީން ރިޒާގެ އަތުގައި އެލިގަތެވެ.

"ތިކަމެއް މަށަކަށް ނުވާނެ. އެކަމުގައި ކިޔާންއަށް ޒެރީން ވާނީ އެހީވެފަކަން ޔަޤީން. އަހަރެން ރަހިމުގެ ގުޅުން ކަނޑަން ބޭނުމެއްނޫން. އެކަމަކު ދެން މިގޭ އަހަރެންގެ ހިޔާވަހިކަމުގެ ދަށުގައި ޒެރީން ހުންނަން އަހަރެން ބޭނުމެއްނޫން. އަހަރެން ޒެރީން ފުރުމުގެ ކަންތައްތައް ހަމަޖައްސައިދޭނަން. ރަށަށްދާން ތައްޔާރުވޭ" ރިޒާ ވާހަކަދެއްކިއެވެ.

"ޒެރީން ތި މަސައްކަތްކުރީ އަހަރެންގެ ދަރިފުޅު އަހަރެންގެ މުޅި ޒިންދަގީ ދުއްވާލަން. އެކަން އަހަރެން ހަނދާނުން ފޮހެލަން މަސައްކަތް ނުކޮށްފިއްޔާ ރަނގަޅުވާނީ" ޒެރީން ދުރުކޮށްލަމުން ރިޒާ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ.


"ތިދެމައިންނަށް ދުވަހަކުވެސް އަހަރެންގެ ހިތް ދެން ހެވެއްނުވާނެ. ތިއީ މަގޭ ދަރިދެކެ ލޯތްބަކުން އުޅުނު އިންސާނެއްނޫން. އަމިއްލަ އެދުމުން ފޯވެފައި ތިބި ބައެއް" ޒެރީން އެގެއަށް އައި އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ޙާޖަރު ހުރީ ބަހެއްނުކިޔާ ކެތްކޮށްގެނެވެ. މިއަދު އޭނާގެ ކެތްތެރިކަން ކޮޅުންލައިފިއެވެ.

"ކަލޭމެން ކިތަންމެ މަސައްކަތެއް ކުރިކަމުގައި ވިޔަސް އަހަރެންގެ ދަރިފުޅުގެ ދިރިއުޅުން ހަލާކުކޮށެއް ނުލެވޭނެ. އަހަރެންގެ ދަރިފުޅުގެ ދިރިއުޅުން އެއް ހަރުފަތް ކުރިއަށް ޖެހިލައިފި. މާހިލްގެ ދަރިއަކަށް އަހަރެންގެ ދަރިފުޅު އިނީ ބަލިވެ. ކުރިން އެހަބަރު ކަލޭމެންނަށް ނުދިނީވެސް އިނގޭ އެކުއްޖާފުޅަށް ކުރާނީ ބަދު ދުޢާކަން" ޙާޖަރު ހިތުގައިވާ ހުރިހާ އެއްޗެއް ޒެރީންއަށް ގޮވައިގަތެވެ.

ކޮޓަރިއަށް ވަނުމުގެ ބަދަލުގައި ޙާޖަރު ބަދިގެއަށް ވަދެ ކަބަޑުމަތީގައި އޮތް ފޯނު ނަގައިގެން އާވާއަށް ގުޅާފައި އެހަބަރު ދިނެވެ. އަދި އެހާ ކުއްލިގޮތަކަށް އާވާ އެގެއަށް އައި ސަބަބު އޭނާއަށް ވިސްނިއްޖެ ކަމުގައި ބުނެލިއެވެ.

އަމިއްލަ ކޮޓަރިއަށް ވަދެވުމާއެކު އާވާއަށް ހަށީފުރާ ނޭވައެއް ލެވުނެވެ. ކޮޓަރިތެރޭގައި ކުޑަކުއްޖެއް ފަދައިން އެނބުރެވެން ފެށުނީ ހިތަށް ލިބުނު ހިތްހަމަޖެހިމެއްގެ ސަބަބުންނެވެ. ފަހަތުގައި މާހިލް ހެވިފައި ހުއްޓެވެ. އާވާ އުރާލާ ލޯބިކޮށްލާހިތްވިއެވެ. އެނދުމައްޗަށް އާވާ ވެއްޓިގަތުމާއެކު މަގަތުން މާހިލް ގޮސް އިށީނެވެ. އެއާއެކު އާވާ ތެދުވެ މާހިލްގެ ކޮނޑުގައި ބޯއަޅައިލިއެވެ.

"އެވީ..! އަހަރެންގެ ހިތަށް މިހާރު ވަރަށް ހިތްހަމަޖެހުން ލިބިއްޖެ. ދުވަހަކުވެސް ނުވާވަރަށް ބޮލަށްވެސް ފަސޭހަވެއްޖެ. އަހަރެމެންގެ ދިރިއުޅުމަށް އެއްވެސް ހުރަހެއްނެތް" އާވާގެ އަތުގައި ފިރުމަމުން މާހިލް ވާހަކަދެއްކިއެވެ.

"އަދިވެސް ބިރުގަނޭ. އެކަމަކު ﷲ އިރާދަކުރެއްވިއްޔާ އަހަރެމެންގެ މި ވަރުގަދަ ގުޅުމަށް ދުވަހަކުވެސް ހީނަރުކަމެއް ނާންނާނެ" އާވާ ވާހަކަދެއްކިއެވެ.

ކައިރީގައި އޮތް ފޯނު ވައިބްރޭޓްވާން ފެށުމުން އާވާ ބަލައިލިއެވެ. އަނުމްގެ ނަން އަރާއޮތްތަން ފެނުމުން އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ.

"އަނުމް…" މާހިލްއަށް ފޯނު ދައްކައިލަމުން އާވާ ބުނެލިއެވެ.

"އެވީ ވާހަކަދައްކާލަން މަޑުކުރޭ. މިއަދު ރޭގަނޑުގެ ކެއުން ތައްޔާރުކުރަނީ މަށާ ޝާން އާ ދެމީހުން. ނިމިގެން ގޮވާނަން އިނގޭ" އާވާގެ ނިތުގައި ބޮސްދީފައި މާހިލް ކޮޓަރިން ނިކުތެވެ.

އެތައް ދުވަހަކަށްފަހު އެކުވެރިޔާއާއި ވާހަކަދައްކަން ލިބުމުން އާވާއަށް އިތުރު ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. ބުރަކަށި ދަށަށް ބާލީހެއް ލައްވާލައިގެން އިނދެ ހެޑްބޯޑުގައި ލެގިލިއެވެ. އެއަށްފަހު މިސްވެފައި އިން އަނުމްގެ ނަންބަރަށް ގުޅައިލިއެވެ.

އަނުމްގެ ރުއިމުގެ އަޑު ކަންފަތުގައި ޖެހުމާއެކު އާވާއަށް ހަށިގަނޑު ސީދާކޮށްލެވިއްޖެއެވެ. އެއްފަހަރާ އެތައް ސުވާލުތަކެއް ހިތުގައި އުފެދިގެން ހިނގައްޖެއެވެ.

"އަނޫ…!! އެހާ ދުވަސްފަހުން ތިގޮތަށް ރޯހިތުންތަ ތިގުޅީ… އަހަރެން ދޭން އޮތީ ވަރަށް އުފާވެރި ހަބަރެއް. އެކަމު އަނޫ ތިހެން ރޮންޏާ އަހަރެންނަށް ވާހަކައެއްނުދެއްކޭނެ" އާވާ ވާހަކަދެއްކިއެވެ.

"ދެން ބުނެބަލަ ކިހިނެއްތަވީ…؟ އާރިޔަން އާ ދެކުދިން މައްސަލައެއް ޖެހުނީތަ؟" އަނުމް ހަމަޖެހުނުކަން އިނގުމުން އާވާ އަހައިލިއެވެ. އާރިޔަންއާއި ލޯބީގެގޮތުން ގުޅުނު ދުވަހުން ފެށިގެން އެވަގުތާއި ހަމައަށް ހިނގި ހުރިހާކަމެއް އަނުމް އާވާއަށް ކިޔައިދިނެވެ. ޝައުޤުވެރިކަމާއެކު އަޑުއަހަން އިނުމަށްފަހު އާވާ ލޯތްބާއެކު އަނުމްއަށް ގޮވައިލިއެވެ.

"އަނޫ…!! ކޮންމެ ކަމަކަށްވެސް ވަގުތެއް ކަނޑައެޅިފައިވޭ. ކަމެއް ދިމާވާއިރަށް ތިހެން ފިނޑިވާކަށް ނުވާނެ. ކޮންމެކަމެއްވެސް ވާނީ ރަނގަޅަށް. އަބަދުވެސް ވިސްނަންވާނީ ރަނގަޅަށް. އަހަރެމެންނަށް އޮތީ ކެތްތެރިކަމާއެކު ހެއްދެވިފަރާތަށް ދެންނެވުން. އަނޫއަށް އިނގޭތަ އަހަރެންނަށް އަރައިމިގަނެވުނީ ކިހާ ބޮޑު ކަމަކުންކަން… މިކަހަލަ ކަމެއް އަނޫއަށް ކުރިމަތިވިނަމަ އަހަރެންނަށް ޔަޤީން އަނޫ ޑިޕްރެޝަނަށްވެސް ދާނެކަން" އާވާ ވާހަކަދައްކަމުން ދިޔައެވެ.

"އެވީއަށް ކިހިނެއްވީ..؟" އެކޮޅުން އަނުމް ބުނެލި އަޑު އިވުނެވެ.

އާވާ އަނުމްއަށް އޭނާއަށް ދިމާވި ހުރިހާ ކަމެއްގެ ވާހަކަތައް ފަށައިގެން ނިމެންދެން ކިޔައިދިނެވެ. އޭނާއަށް ވަރަށް ގިނައިން ރޮވުނު ކަމަށާއި، ނަމަވެސް ހިތްވަރާއެކު އޭނާ ހެއްދެވިފަރާތަށް ދެންނެވިކަމަށް ބުންޏެވެ. މިހާރު އޭނާއަށް ކާމިޔާބު ލިބިއްޖެކަމަށް ބުންޏެވެ.

"އަނޫ ދެން ހިތާމަނުކުރޭ. ނާސިހްބެ ކަންތައްއެކުރީ މިވަގުތު އެންމެ ރަނގަޅަށް" އާވާ ބުނެލިއެވެ.

"އަނޫ ބޭނުންތަ ވަރަށް އުފާވެރި ހަބަރެއް އަހަން" އާވާ އަހައިލިއެވެ.

"އަހަރެން މަންމައަކަށް ވަނީ…" އާވާ ބުނެލިއެވެ.

އަނުމްއަށް ހެވިއްޖެއެވެ. އޭނާ ވަރަށް އުފާވެއްޖެކަމަށް ބުނެ މިހާރު އާވާ ދެކިލަން ބޭނުންވާ ވާހަކަ ބުންޏެވެ. ވަގުތުން ވީޑިޔޯ ކޯލް ހަދަން ބުނެލިއެވެ.

"ސާބަސް. އަދި ބަނޑެއްނެތް. އަދި ނޭނގެ ކިތައް ދުވަސްކަމެއްވެސް. މާބަނޑު މިހުންނަށް ދިމާވާ އެއްވެސް ކަމެއް ދިމައެއްނުވޭ" އާވާ ވާހަކަދެއްކިއެވެ.

އިޝާނަމާދަށްފަހު ނާސިހް ކޮޓަރިން ނިކުތްއިރު އަނުމް ބަދިގެތެރޭގައި ކާން ހަދަން ހުއްޓެވެ. އާރިޔަން ފެންނާކަށް ނެތެވެ. ނާސިހް މޭޒު ކައިރިއަށް ގޮސް ގޮނޑި ދަމާލާފައި އިށީނެވެ. އަނުމްގެ މޫނަށް ނަޒަރެއްދިނީ ނުބަލަން ވަރަށް ކެތްކޮށްފައެވެ. ވަގުތުން ނާސިހްގެ ނަޒަރު ބަދަލުކޮށްލިއެވެ. އަނުމްގެ މޫނުމަތި ވަނީ ގިނައިރު ރުއިމުގެ ސަބަބުން ދުޅަވެފައެވެ. މޫނުމަތީގައި ދިރުމެއްނެތް ކަހަލައެވެ.

"ބައްޕަ ކޯޗެއް ކާނީ؟ ބަތްތަ އަޅަންވީ" އަނުމް އަހައިލިއެވެ.

"ބަތް" ނާސިހް ބުނެލިއެވެ.

"އަލަމް ކެއިތަ…؟" ނާސިހް އަހައިލިއެވެ.

"ލައްބަ. އަލަމްކޮގެ މަންމަ އަލަމްކޮއަށް ކާންނުދޭތަ ވަރަށް ގިނަދުވަސްވެއްޖޭ ކިޔާފަ ވަރަށް ޝަކުވާކުރި" އަނުމް ބުނެލިއެވެ.

"މިހާރު އެބައޮތް ނިދާފަ…ކޮބާ އާރިޔަން…؟" ކާމޭޒު ކައިރިން އާރިޔަން ނުފެނުމުން ނާސިހް އެހިއެވެ.

"ކާން ހެދުމުގެ ކުރިން އަޅުގަނޑު ގުޅާލިން. ބުނީ ނުކާނަމޭ" އަނުމް ބުނެލިއެވެ. އިތުރު ވާހަކައެއް ނުދައްކާ ނާސިހް ހިމޭންކަމާއެކު ކެއުން ކުރިއަށް ގެންދިޔައެވެ.

ކައިނިމިގެން ނާސިހް އިނީ ސިޓިންގްރޫމް ސޯފާގައި ޓީވީ ހުޅުވައިގެންނެވެ. އާރިޔަން ކޮޓަރިއަށް ވަންއިރު ފަލަކްނާޒް އެނދުގައި އޮތެވެ. އެއްފައި މައްޗަށް އަނެއް ފައި އަރުވައިގެން އެއްވަރަކަށް ތަޅުވަމުން ދިޔައިރު އޭނާގެ ނަޒަރު ހުއްޓިފައިވަނީ މަތިން އެނބުރެމުންދިޔަ ފަންކާއަށެވެ.

"މަންމާ…" އާރިޔަން ފަލަކްނާޒް ކައިރީގައި ހުއްޓިފައި ގޮވައިލިއެވެ. ފަލަކްނާޒްގެ ހިލަމެއް ނުވުމުން ކައިރީގައި އިށީނދެފައި ފަލަކްނާޒްގެ އަތްތިލަ އޭނާގެ އަތްތިލައިގެ ތެރެއަށްލާ ހިފަހައްޓައިލިއެވެ.

"މަންމާ…! އުމުރުން މިހާ ދުވަސްވިއިރު ދުވަހަކުވެސް މަންމަ ނުބުނާ ގޮތަކަށް ފިޔަވިއްސެއްވެސް ނާޅަން. ހަޔާތުގައި އަންހެންކުއްޖެއް ކަމުގޮސްގެން ލޯބިވީ ކުއްޖަކީ ހަމައެކަނި އަނުމް. މަންމައަށް ނޭނގޭ ދުރު ކުއްޖެއްވެސްނޫން. މަންމައާއި ނާސިހް ބައްޕަ ދެމެދުގަ ދެކެވުނު ވާހަކަތައް އަޅުގަނޑާ އަނުމް އަޑުއެހިން. މިހާރު އަނުމް އަޅުގަނޑާ ގުޅެން ބޭނުމެއްނުވޭ. އަޅުގަނޑު މަންމައަށްޓަކައި އަޅުގަނޑުގެ ލޯބި ޤުރުބާންކޮށްފިން. މަންމަ ދައްކާ މީހަކާ ކައިވެނިކުރަން ތައްޔާރު" ފަހު ޖުމްލައާއެކު އާރިޔަން ރޮވިއްޖެއެވެ.

"ކުށެއް ކުރެވިފައިވާނަމަ އަޅުގަނޑަށް މަޢާފްކުރާތި މަންމާ" އާރިޔަން ތެދުވެގެން ހިނގައިގަތެވެ. ދޮރުމަތީގައި ނާސިހް ހުރިކަން އާރިޔަންއަށް އިނގުމުން އިތުރަށް ހިތުގައި ޖެހިއްޖެއެވެ.

ނާސިހް ކޮޓަރިއަށް ވަންއިރު ފަލަކްނާޒް އެނދުގައި އިށީނދެގެންއިނެވެ. އިސްއޮބާލައިގެން އިންއިރު ފަލަކްނާޒްގެ މޫނެއް ނާސިހަށް ނުފެނެއެވެ. އެހެންކަމުން އެނދުގެ އަނެއްފަރާތުން ނާސިހް އިށީނެވެ. ހިމޭނުން އިރުކޮޅަކު އިނުމަށްފަހު ފަލަކްނާޒަށް ބަލައިލިއެވެ.

"ފަލަކްނާޒް އުފާކުރޭ… އާރިޔަން ބުނި ފަދައިން އަވަހަށް އޭނަ ކައިވެނިކުރާނެ ކުއްޖަކު ހޯދާ. ބަފައެއްގެ ހައިސިއްޔަތުން އާރިޔަންއަށް ކޮށްދޭންޖެހޭ ހުރިހާ ކަމެއް އަހަރެން ކޮށްދޭނަން. އާރިޔަންގެ އުމުރުން ދުވަސްވެ މުސްކުޅިވެގެން ދިޔަސް އެސޮރު ވާނީ އަހަރެންގެ އެންމެ ދޮށީ ދަރިފުޅަށް. ދުވަހަކުވެސް އެޙަޤީޤަތް ބަދަލެއް ނުވާނެ" ނާސިހް ވާހަކަދެއްކިއެވެ.

ހިމޭންކަމާއެކު ރޮމުންދިޔަ ފަލަކްނާޒްގެ އަޑު ބާރުވަމުން ގޮސް ނާސިހްގެ ކަންފަތާއި ހަމައަށް އެއަޑު ދަތުރުކޮށްފިއެވެ. ބޯމައްޗަށް އަތް ނަގައިގެން ދެލޯ މަރައިގެން އޮތް ނާސިހަށް ފަލަކްނާޒް ރޮމުންދާކަން އިނގޭއިރުވެސް ކެތްތެރިކަމާއެކު ދެލޯ މަރާލައިގެން އޮތެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟