ރީތިވާމޭޒުގެ ގޮނޑީގައި އިން އީވާގެ ވަށައިގެން ހޭލަމޭލަވަމުން ދިޔައީ މިރޭގެ ރަސްމިއްޔާތަށް އޭނަ ޒީނަތްތެރިކުރަން އައިސް އުޅުނު މާލޭގެ ނަން މަޝްހޫރު ސެލޫންއެއްގެ ބިއުޓީޝަނުންނެވެ. އެކުންދިންގެ ފިހިގަނޑުތަކުގެ ހުނަރުން އީވާގެ ބުރުސޫރައަށް އިތުރު ދިރުމެއް ގެނެސްދެމުން ދިޔައެވެ. އީވާގެ އެދެމުގެ މަތިން ގޮތްބޮޑު މޭކަޕެއްގެ ބަދަލުގައި ވީހާވެސް ސާދާ މޭކަޕެއް ކުރުމަށް އެކުދިން ސަމާލުކަން ދިނެވެ. އެކުދިންގެ މަސައްކަތުން އަވަދިވުމުން އީވާގެ ރީތި ކަމަށް ތައުރީފުގެ ބަސްތައް އޮއްސާލިއެވެ. އެއާއެކު ލޯގަނޑުން ފެންނަމުން ދިޔަ އަމިއްލަ ސޫރައަށް ފަރުވާތެރިކަމާއެކު ނަޒަރު ހިންގާލެވުނެވެ. ތެދެކެވެ. ހައިރާންވާހާ ފަރިކަމެއް ލިބިފައިވާ ކަހަލައެވެ.
ކޮށްފައިވާ ލުއި މޭކަޕުގެ ސަބަބުން އެދޮން މޫނުން ފެންނަނީ ޗާލުކަމެވެ. ތުންފަތުގައި ޖައްސާފައިވާ މަޑު ފިޔާތޮށިކުލައިން އެރީތި ތުންފަތަށް ވެރިވާ ހިނިތުންވުންތަކަށް ދިރުން ގެނެސްދޭނެކަން ގައިމެވެ. ލޮލުގައި ފަވާލެވިފި އަނދުނުގެ ތެރޭން މުށިކުލައިގެ ދެލޯ ވިދަމުން ދިޔަ އެވެ. ފަތްމިންޏެއްގެ ފުރިހަމަކަން އީވާއަށް ލިބިފައި ވެއެވެ.
''މާޝާﷲ!'' ގަޑިއެއްހާ އިރުގެ ދިގުމިނަށް ދެމިގެން ދިޔަ މަސައްކަތް ނިންމާލަމުން ގްރޫޕްގެ ބޮޑު މީހަކަށް އުޅުނު ޔަޝްފާ ބުންޏެވެ. ޔަޝްފާއަކީ މިހާރު ރާއްޖޭގައި އަރަމުން އަންނަ ޒުވާން ބިއުޓީޝަނުންގެ ތެރެއިން އެކަކެވެ. އީވާ ފަދަ ޝާހީ އާއިލާއެއްގެ ހުރިހަމައެކަނި އަންހެންކުއްޖަކު ޒީނަތްތެރިކުރުމުގެ ފުރުސަތު ލިބުމުން އެކަމުގެ ހިތްހަމަޖެހުން އޭނަގެ މޫނުމަތިން ފެނެއެވެ. އޭނަގެ މަސައްކަތާ މެދު ވަރަށް ބޮޑަށް ފަހުރުވެރިވިއެވެ. ޝުކުރުވެރިކަމުގެ ބެލުމެއް އޭނައަށް އެހީވެދިން ކުދިންނާ ބަދަލުކޮށްލިއެވެ.
''ފިނިޝިންގް ޓަޗެސް...'' އީވާގެ ބުރުގާގެ ޑިޒައިން ބަދަލުކޮށްލަމުން، އަތުގައި އޮތް ޕިން ބުރުގާގައި ޖަހަމުން ޔަޝްފާ ބުނެލިއެވެ. އަދި އީވާއަށް ހިނިތުންވެލިއެވެ. ޚިޔާލުތަކުގެ ތެރޭގައި ބަނދެވެމުން ދިޔަ އީވާވެސް ގަދަކަމުން ހިނިތުންވެލަން މަސައްކަތްކުރިއެވެ. އެއަށްފަހު ހިތުގެ ނުތަނަވަސްކަން ސިއްރުކުރަން މަސައްކަތްކުރަމުން އެތާނގައި ތިބި ކުދިންނަށް ޝުކުރު އަދާކޮށްލިއެވެ. ހަޤީޤަތުގައި އޭނަ އިނީ އެކަނިވެލަން ބޭނުންވެފައެވެ. ނޭގެ ހާސްކަމަކުން މީހާގެ ހަމަޖެހުން ވަނީ ގެއްލިފައެވެ.
ކުރަން އައި މަސައްކަތް ނިމުމާއެކު ގެނައި ސާމާނުތައް ހިފައިގެން، ޔަޝްފާގެ ފަހަތުން އެންމެން ނިކުންނަން ހިނގައިގަތެވެ. އޭގެ ކުރިން އީވާއަށް މަރުޚަބާގެ މެސެޖެއް ރައްދުކުރިއެވެ. އެއަށް ދޭނެ ވަކި ޖަވާބެއް ނޭގުމުން އީވާ ހަމައެކަނި ހިނިތުންވުމަކުން ފުއްދާލީއެވެ.
ލެއްޕިގެން ދިޔަ ދޮރާއެކު އީވާ ކޮޓަރީގައި އެކަނި ވިއެވެ. އެހިނދު އުދާސްކަމުގެ ނޭވާއެއް އީވާއަށް ދޫކޮށްލެވުނެވެ. ފެންނަ ކޮންމެ މީހަކު މުބާރަކުބާދީ އަރިސްކުރަމުން ދިޔަ އިރު އޭނަގެ ހިތުގެ ހާލު އެއްވެސް މީހަކަށް ރޭކާނުލައެވެ. ހިތުގެ އިހުސާސްތައް ގައިދުކުރަން މަސައްކަތްކުރަމުން މީހާ ހަމައަކަށް އަޅުވަން އީވާ މަސައްކަތްކުރިއެވެ. އަދި އޭނަގެ ނަފުސަށް ވިސްނައިދޭން އުޅުނެވެ. މަޖުބޫރީ ހާލަތުގެ ސަބަބުން މިނޫން އިތުރު ގޮތެއް އޭނައަކަށް ނެތެވެ. ވަކިން ހާއްސަކޮށް މިހިސާބަށް އާދެވުމަށް ފަހު ފުރަގަސް ދީފައި އިންކާރުކުރެވޭކަށް ވެސް ނެތެވެ. އޭރުން އާއިލާއަށް ކުރިމަތިލާން ޖެހިދާނެ ބަދުނާމަކާ މެދު އޭނަ ހާސްވެއެވެ. ބިރުގަނެއެވެ. ޖެހިލުންވެއެވެ. މައިންބަފައިންނަށް ލިބިދާނެ ހިތާމަތަކާ މެދު ނުތަނަވަސް ވެއެވެ. ވަކިން ހާއްސަކޮށް ލޯބިވާ މާމަގެ ހިތުގައި ޖެހޭ ފަދަ ކަމެއް ކުރަން ހަމަހިލާ އޭނައަކަށް ނުކުރޭނެއެވެ. މަޖުބޫރުގެ ކަސްތޮޅުތަކުން ހިލިހިލާ ޖެހިގެން ދިއުމާއެކު އުދާސްކަމުގެ ނޭވާއެއް އީވާއަށް ބޭރުކޮށްލެވުނެވެ. މިހަފުލާއިން އޭނައަށް އުފާވެރިކަމެއް ލިބޭކަށް ނެތެވެ. އޭނަގެ ފިނޑިކަމާ ހުރެ އެކަން ފާޅުކުރެވޭކަށް ވެސް ނެތެވެ. ހާދަ ދެރައެވެ. ތަޤުދީރުގެ ނިޔާއާ މެދު ރުހިޤަބޫލުވުން ނޫން ގޮތެއް އޭނައަށް ނެތެވެ. އެހެނަސް ހިތަށް ވެރިވެފައިވާ މާޔޫސްކަން ހަނދާން ނައްތާލެވޭނެ ގޮތެއް ނުވިއެވެ.
ކޮޓަރީގެ ހަތަރުފާރުތެރެއަށް ވެރިވެފައި އޮތް ހަމަހިމޭންކަން އައިސް އޭނަ ވަށާލުމާއެކު ނޭވާ ހާސްކުރުވާހެން ހީވާން ފެށިއެވެ. އީވާއަށް ގޮނޑިން ތެދުވެވުނެވެ. އެއާއެކު އޭނަ ލައިގެން ހުރި ރަނާއި ހުދުކުލައިން ޖަރީކުރެވިފައިވި މެކްސީގެ ބޮޑުބައެއް ބިންމައްޗަށް ފެތުރިގެން ދިޔައެވެ. ލޫޅާފަތި ހަށިގަނޑުގެ ވަނާތަކަށް މެކްސީ ވަނީ ހިފާލާފައެވެ. އަރައިގެން ހުރި އުސްކަށީގެ ފައިވާނުން އަޑުލައްވަމުން ގޮސް ބެލްކަނިއަށް ނިކުމެވެން ހުރި ދޮރު ހުޅުވާލިއެވެ. އެހިނދު އޭނައާއި ބައްދަލުކުރީ ލުއިލުއި ވަރިރޯޅިއެކެވެ. އޭގެ ބީހިލުމުން ޖިސްމުގެ ހައިޖާނަށް ކުޑަވެސް ލުޔެއް ލިބުނެވެ. ހާސްވެފައިވި ނޭވާތައް ހަމައަކަށް އަޅުވާލަދިނެވެ.
ވިނަތަކުން ބަރާވެފައިވި ބެލްކަނީގެ ރެއިލިންގައި ދެއަތް އަޅުވާލަމުން ވަށައިގެންވި މާހައުލަށް އީވާ ނަޒަރު ހިންގާލިއެވެ. ބޮކިފަތިތަކުން ގޭގެ ބަގީޗާ ވަނީ ހުޅުދާންވެފައެވެ. ހައިބަތު ހުރި ގޭޓުން އެތެރެއަށް ވަންނަމުން ދިޔަ ކާރުތަކުން ހަފުލާއަށް މެހެމާނުންތައް އަންނަން ފަށައިފިކަން ދޭހަކޮށްދެއެވެ. ވަށައިގެން މުޅިންހެން ފެންނަނީ ހަލަބޮލިކަމެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. މިރޭ އޮތް ހަފުލާއަކީ ކޮންމެ މީހެއްގެ ސަމާލުކަން އަތުލައިގަންނާނެ ފަދަ ޝާހީ ހަފުލާއެއް ވިއްޔާއެވެ. ހެޔޮއެދޭ މީހުންނަށްވުރެން ގިނަވާނީ ކަންބަލައި ފާޑުކިޔަން އަންނަ މީހުންނެވެ.
*****
''ކޮބާ، ނިމުނީތަ؟...'' ހަފުލާއަށް އަންނަމުން ދިޔަ މެހެމާނުންގެ އިސްތިޤުބާލުގައި ހުރި އުމުރުން ދުވަސްވީ އަންހެން މީހާއަށް ނިކުންނަން ދިޔަ ޔަޝްފާ ފެނުމާއެކު އަވަސްއަވަހަށް ޔަޝްފާ ގާތަށް ޖެހިލިއެވެ. ޕާކިސްތާނު ވައްޓަފާޅީގެ ހެދުމުގައި ބޮޑު ބުރުގާ އަޅާފައި ހުރި ޝާހީ އަންހެން މީހާއަށް ބަލައިލި ޔަޝްފާ ހިނިތުންވެލިއެވެ. އޭނަގެ ފަހަތުގަ ތިބި އަންހެންކުދިނީން ވެސް އެއަންހެންމީހާއަށް އަދަބުއިހުތިރާމު އަދާކުރިއެވެ. އެއަމަލުތަކުންވެސް ކުރިމަތީ އެހުރީ އާދައިގެ މީހެއް ނޫންކަން ހާމަކޮށްދެއެވެ.
''ލައްބަ...'' ހާޖަރާއަށް ބަލައިލި ޔަޝްފާ އަދަބުވެރިކަމާއެކު ބުނެލިއެވެ. ''އަޅުގަނޑުމެން ދެން ދަނީ، މިފަދަ ބޮޑު ރަސްމިއްޔާތަކަށް ދަޢުވަތު ދެއްވީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ...''
''ނޫން، ނޫން، ތިހާއަވަހަށް ގޮސްގެން ނުވާނެ، ވަގުތުކުޑަތަންވެފައި ވަނިކޮށް ބުނުމުން އައިސް ދިނީތީ ޝުކުރިއްޔާ... ހީނާ!، މިކުދިންކޮޅު ގޮވައިގެން ދޭބަލަ ފިނިބުއިމެއް ވިޔަސް ދޭން...'' ހާޖަރާ އަތުން އިޝާރާތެއް ކޮށްލިތަނާ އައިނައިތަނެއް ނޭގި ފެނުނީ މެދުއުމުރުގެ ބިދޭސީ މަސައްކަތްތެރިއަކު އައިސް ހާޖާރާގެ ގާތަށް ހުއްޓުނުތަނެވެ. ހީވީ އެމީހާ ހާޖަރާ ކޮންމެ ފަދަ އިޝާރާތަކަށްވެސް ސަމާލުވެގެން ހުރި ހެންނެވެ.
''ދޭބަލަ މީނައާ އެކު އެދިމާއަށް، އެއްޗެއް ކައިގެން ނޫނީ ގޮސްގެން ނުވާނެ!'' ކެއުމަށް ތައްޔާރުކުރެވިފައިވި ބުފޭއަށް އިޝާރާތްކޮށްލަމުން ހާޖަރާ ބުންޏެވެ. އިތުރަށް ވާހަކަ ގިނަ ކުރާކަށް ހާޖަރާ ނުހެދިއެވެ. ހީނާގެ އަތްމައްޗަށް ޔަޝްފާމެން ދޫކޮށްލަމުން ހާޖަރާ އެއްފަރާތަކަށް ޖެހިލީ ހަފްލާގެ އިންތިޒާމުތައް ކުރިއަށް ދަނީ ރަގަޅަށްތޯ ބެލުމަށެވެ. ހުރިހާކަމެއްވެސް ފުރިހަމައަށް ދާން އޭނަ ބޭނުމެވެ. އިންތިޒާމުތަކަށް ފާޑުކިޔަމުން ދިޔައީ ވެސް އެހެންވެއެވެ. އެހުރިހާކަމެއްގައި އުޅުނުއިރުވެސް އިރުއިރުކޮޅާ އަތުކުރީ އޮތް ހުދު ރަނުގެ ގަޑިއަށް ހާޖަރާ ނަޒަރު ހިންގާލައެވެ. ވަގުތު ކުޑަތަން ވާން ފެށުމުން އޭނަ އަވަސްވެގަތީ ފިރިހެންދަރިފުޅު ކަރީމް ހޯދުމަށެވެ. ޚާއްސަ މެހެމާނުންގެ އިސްތިޤުބާލަށް ދާއިރު އެކަނި ދިއުން ހުތުރު ކަމަށް ވާނެތީއެވެ.
*****
''ކަރީމް!...'' ވިޔަފާރީގެ ވާހަކައެއްގައި ހުރި ކަރީމްގެ ގާތަށް ހުއްޓިލަމުން ބުރަކަށީގައި ހާޖަރާ ފިރުމާލިއެވެ. މަންމައަށް ބަލައިލި ކަރީމް، އޭނަގެ އެކުވެރިންނާ ހިނިތުންވުމެއް ބަދަލުކޮށްލަމުން މަންމައާއެކު އެއްފަރާތަކަށް ޖެހިލިއެވެ.
''ކޮބާތަ ލައިލާ؟، އޭނަ ގާތު ބުނެބަލަ އީވާ ގޮވައިގެން އަންނާށޭ، މިހާރު އާރާބްމެން އަންނަން އުޅޭނެ...'' އަނެއްކާވެސް އަތުކުރީ ގަޑިއަށް ނަޒަރެއް ދެމުން އަވަސްއަވަހަށް ހާޖަރާ ވާހަކަދެއްކިއެވެ. އޭނަ ވަށައިގެން ވި މާހައުލަށް އަވަސް ނަޒަރެއް ހިންގާލީ ކަރީމްގެ އަނބިމީހާ ފެނޭތޯއެވެ. ޒާތަކަށް ތުންފަތް ދަމާލެވުނީ ނޯކަރުންނަށް އެހީވެދޭން ހުރި ލައިލާ ފެނުމުންނެވެ. ހިތްހަމަނުޖެހުމުގެ އަސަރު ހާޖަރާގެ މޫނުމަތިން ރީއްޗަށް ފާޅުވިއެވެ. އެކަން ކަރީމްއަށް ސިއްރުކުރާކަށްވެސް ހާޖަރާ ބޭނުމެއް ނުވިއެވެ. އެއްއިރެއްގައިވެސް ލައިލާއާއި ކަރީމްގެ ގުޅުމަށް ހާޖަރާގެ ރުހުމެއް ނެތެވެ. ލައިލާ ފަޤީރު އާއިލާއަކުން އައިސްފައިވާތީއެވެ. އެގުޅުމާ ދެކޮޅަށް އޭނަ ނިކުމެ ހުރީ ހަށިފޮޅާލައިގެން ވިޔަސް ކާމިޔާބު ހޯދާށެވެ. ނަމަވެސް، އާހިރުގައި އެކައިވެންނަށް ޤަބޫލުވާން ޖެހުނީ އޭނަގެ ފިރިކަލުން އަލީގެ ނުފޫޒުގެ ސަބަބުންނެވެ. ފިރިމީހާގެ ނިންމުމާ ދެކޮޅުހަދަން ޖެހިލުންވުމުންނެވެ. ކެންސަރުބަލީގައި ދުނިޔެއަޅާ ދިއުމުގެ ކުރިން އަލީ ވަނީ ކަރީމްގެ އުފަލަށް އިސްކަން ދިނުމަށް ހާޖަރާއަށް ވަސިއްޔަތްކޮށްފައެވެ. ހާޖަރާގެ ވިސްނުން ހުރިގޮތް އަލީއަށް ރަނގަޅަށް އެނގޭތީ އޭނަ ނެތް ދުނިޔެއެއްގައިވެސް ލައިލާއާ މެދު އިހާނެތިކޮށް ކަންތައްކޮށްފާނެކަމުގެ ބިރު އެހިތުގައި އޮތީތީއެވެ. ފިރިމީހާ ނިޔާވުމަށްފަހު އާއިލާގެ ބޮންތީގައި މިހާރު ހުރީ ހާޖަރާއެވެ. ކަންކަން ނިންމައި ފަހު ބަސްބުނުމުގެ ހައްގު އޮތްނަނީ އޭނަގެ އަތްމަތީގައެވެ. އޭނަގެ ހިތުގައި ލައިލާއާ މެދު އޮތްނަ ނުރުހުންތެރިކަން ސިއްރުކުރުން ހާޖަރާއަށް ނުހަނު އުނދަގުލެވެ. ހިތުގައިވާ ފޫއްސެއްގެ ސަބަބުންނެވެ. ކަރީމްގެ އަނބިމީހާއަށް ވުމުގެ ހައިސިއްޔަތު ލައިލާގެ ނެތުމުންނެވެ.
''ކަރީމް!، ގޮސް އޭނަ ހުއްޓުވާ!، އެމައްސައްކަތްކުރަން މިގޭގަ މަދުނުވާނެހާ ނޯކަރުން އެބަތިބި... ގޮސް ބުނޭ އޭނަ ގާތު އީވާ ގޮވައިގެން އަންނާށޭ...'' ނުރުހުމާއެކު ކަރީމްއަށް ބަލައިލި ހާޖަރާ ވާހަކަދެއްކިއެވެ. ގޭގެ އިސްވެރިން ނޯކަރުންނާ މަސްހުނިވުމަކީ ހާޖަރާ އެންމެ ފޫހިވާ ކަންތަކެވެ. ބޮޑާކަމާއި ކިބުރުވެރިކަމުން މީހުން ވަކި މިންގަނޑުތަކަށް ބަހައި، ތަފާތުކުރުމަކީ ހާޖަރާގެ ކަށީގައި ހިފާފައިވާ ބަދަލުވުމެއް ނެތް ވިޔާނުދާ ސިފައެކެވެ.
''މަންމާ، އެއީ އެވަރުކަމެއް ނޫނެއްނު، އަތްގާތްކޮށްލަ ދިނުމުން ކޮބާތަ މައްސަލައަކީ؟'' ލައިލާގެ ދިފާއުގައި ކަރީމް ވާހަކަދެއްކުމުން އެކަމާ ވަކިން ބޮޑަށް ހާޖަރާ ހިތްހަމަނުޖެހުނެވެ. އެއީ އަބަދުގެ އާދައެވެ. ލައިލާއަށް ރަނގަޅަށް އެއްވެސްކަމެއް ކުރެވޭކަމަކަށް ނުވާނެއެވެ. ކުރާ ކޮންމެ ކަމަކަށް ހާޖަރާ ފާޑުކިޔާނެއެވެ. އެކަމާ ގިނަ ފަހަރު ކަރީމް އަޅާނުލަނީ މަންމަގެ އުމުރުން ދުވަސްވުމުން ކަށީގައި ހިފާފައި ހުންނަކަމެއް ކަމުގައި ދެކިގެންނެވެ. ނަމަވެސް ބައެއްފަހަރު ލައިލާ ދެރަކޮށްލާ ގޮތުން އެއްޗެއް ނުބުނެ ހުންނަން ކަރީމްއަށް އުނދަގޫވެއެވެ. ލައިލާވެސް އޮތްތަނީ ކަންކަމުގައި މަންމައާއި ދެބަސްނުވާން ކަރީމް ގާތު އެދިފައެވެ. މަންމަގެ މިޖާޒު ވިސްނޭތީއެވެ. އެމަންމަ އޭނަދެކެވާ ނުރުހުންތެރިކަން ލައިލާއަށް އިހުސާސްވާތީއެވެ. އޭނަގެ ހިތުގައި މަންމައަށް ހިތްބުރަކަމެއް އަދި ޝަކުވާއެއް ނެތެވެ. ނުވެސް އޮތްނާނެއެވެ. އޭނަ އަބަދުމެ މަސައްކަތްކުރާނީ އެމަންމަގެ ރުހުން ލިބޭތޯއެވެ. އެއުއްމީދު އަބަދުމެ އެހިތުގައި ވެއެވެ.
ލައިލާދެކެ ވާ ލޯތްބެއްގެ ސަބަބުން، ލައިލާގެ ހިތުގައިޖެހޭ ކަމެއް މެދުވެރިވާން ބޭނުންނުވާތީ ހަނުހުންނަން ކަރީމްއަށް އުނދަގޫ ވެއެވެ. އީވާ ވިހައިގެން އުޅުނު ދުވަސްކޮޅު ލައިލާއާއި ކުޑަދަރިފުޅު ގޮވައިގެން އެހެންތަނަކަށް ބަދަލުވުމުގެ ވިސްނުންވެސް އޭނަ ގެންގުޅުނެވެ. ނަމަވެސް މުސްކުޅިވެފައިވި މައިންބަފައިން ދޫކޮށްފައިދާން ހަމަހިލާ ލައިލާ އެއްބަހެއް ނުވިއެވެ. މައިންބަފައިންގެ ހިތުގައިޖެހޭނެވަރު ވިސްނައިދީ ކަރީމްގެ ނިންމުން ބަދަލުކުރުމަށް ލައިލާ ބާރުއެޅިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މަންމަގެ ކޫސަނި ޝަކުވާތަކަށް އާދަވާން ކަރީމް މަސައްކަތްކުރިއެވެ. މަންމަގެ އުނިސިފަތަކާއެކުވެސް މަންމަދެކެ ވާ ލޯތްބަށްޓަކައި ހުރިހާކަމަށް ހޭނެން މަސައްކަތްކުރިއެވެ.
''ބޮޑުކަމެއް އެއީ!، އޭނަ އެއީ ކަރީމްގެ އަނބިމީހާ!، އޭނަ އެހެން އުޅުމުން ކަރީމްގެ ޤަދަރަށް އުނިކަމެއް އައިސްދާނެ... މަންމަ ބުނާހެން ކަންތައްކުރޭ، ކޮންމެހެން ލައިލާ ދެކެ ރުޅިއައިސްގެނެއް ނޫން މިހެން މިބުނަނީ، އާއިލާ ޤަދަރާމެދު ވިސްނަން ޖެހޭނެތާ......'' މަތި އޮމާންކޮށްލަން ހާޖަރާ ބުންޏެވެ. އެއަށްފަހު އެތަނުން ދާން ހިނގައިގަތީ އޭނަގެ އެކުވެރިޔަކު ގޮވާލުމުންނެވެ. ދަމުންދަމުން ލައިލާއާ ދިމާއަށް ކަޅިއަޅާލިއެވެ.
މަންމަ ދިޔަ ދިމާއަށް ބަލަން ހުރި ކަރީމްއަށް ދެފަރާތަށް ބޯހޫރާލުމަށްފަހު ހިނގައިގަތީ ލައިލާގެ ގާތަށް ދިއުމަށެވެ. މަންމަގެ ވާހަކަދެއްކުމުގެ ރާގަކަށް ކަރީމް މާބޮޑަށް ސަމާލުކަމެއް ނުދިނެވެ. އެއީ މަންމަގެ އާދައަށް ވީތީއެވެ. އެކަންކަމަކީ މިހާރު ދިރިއުޅުމުގެ ބާބަކަށް ވެފައިވާތީއެވެ. ވިސްނައިދޭން ކިތަންމެ މަސައްކަތެއް ކުރިޔަސް މަންމަގެ ބޯހަރުކަމުގެ ސަބަބުން ކުރިއެރުން ނުލިބޭނެކަން އެނގޭތީއާއި ލައިލާގެ ވާހަކަތަކުން ކަރީމްއަށް ވަނީ ހިމޭންކަން އިހްތިޔާރުކުރަން ޖެހިފައެވެ.
*****
''ހާދަ ބުރަކޮށް ތިއުޅެނީ...'' ލައިލާގެ ފުރަގަހުން ހުއްޓެމުން ކަރީމް ބުންޏެވެ. އެއަޑަށް ލައިލާ ދިޔައީ ސިއްސައިގެންނެވެ. ދެވަނަ ސިކުންތުގައި އޭނަގެ ނަޒަރު ކަރީމްއާއި ބައްދަލުވުމުން ހިނިތުންވުމެއް ތުންފަތުގައި ދުވެލިއެވެ. ދެމަފިރިންގެ ދެމެދުގައިވާ ފުރިހަމަ ލޯބި ބަސްމޮށުންތެރިކަމަކަށް ބޭނުންނުވާ އިބާރާތްތަކުން ހާމަކޮށްދިނެވެ.
''މި ނިމުނީ، ހީނާ ތަންކޮޅެއް ބުރަކޮށް އުޅެތީ އެހީއެއް ވެދިނީ، މަންމަ ކޮބާތަ؟'' ވަށައިގެން ހޯދާލަމުން ލައިލާ ސުވާލުކުރިއެވެ.
''ގޮއްސި މޫނިސާއްތަމެން ގާތަށް، ލައިލާ ތިކަމެއްގައި އުޅެނިކޮށް ފެނިގެން ތުން ދިގުކޮށްގެން ހުރީ...'' ސަމާސާ ރާގަކަށް ކަރީމް ވާހަކަދެއްކިއެވެ. އެޖުމްލައިން ނުތަނަވަސްކަން ލައިލާގެ މޫނަށް ވެރިވިއެވެ. ހާޖަރާ ހިތްހަމަނުޖެހޭ ކަމެއް ކުރެވުނީތީއެވެ. ހާޖަރާ ރުހޭ ފަދައިން ހުރިހާ ކަމެއްކުރަން ލައިލާ އަބަދުމެ ފަރުވާ ބަހައްޓައެވެ.
''ކަންބޮޑުނުވެބަލަ، އެއީ މަންމަގެ ސްޓައިލެއްނު...'' ލައިލާގެ އަތުގައި ހިފާލަމުން ކަރީމް އޯގާތެރި އަޑަކުން ބުންޏެވެ.
''އެކަމަކު...''
''ދެން އެކަމާ އަޅާނުލާ، މަންމަ އިރުކޮޅަކުން ހަނދާން ނެތިދާނެ، މިހާރުވެސް އެއުޅެނީ އާރަބްމެން އަންނަންވާނެ އިރަކަށް ތައްޔާރުވާން...'' ހިނިތުންވުމެއް ބަދަލުކޮށްލަމުން ކަރީމް ބުންޏެވެ. އޭނަ ބޭނުންވީ ލައިލާގެ ނުތަނަވަސްކަމަށް ނިމުމެއް ގެނެސްދޭށެވެ. އެހެންނޫންނަމަ އެހެން އެއްވެސްކަމަކާ މެދު ލައިލާއަށް ފިކުރު ހިންގާނުލެވޭނެއެވެ.
''އެބުނާހެން ވަގުތު ކައިރިވަނީ ދޯ...'' ލައިލާއަށް ވެސް ވިސްނާލެވުނެވެ.
''ދޭބަލަ އީވް ގޮވައިގެން އަންނަން، އަހަރެން މަޑުކުރާނަން މަންމަ ގާތު...'' ކަރީމް އެދުނެވެ.
''ހޫމްމްމް، ކިހިނެއްތަ ޓައިއަށް ހަދައިގެން ތިއުޅެނީ؟، ތިހިރީ އެއްފަރާތަކަށް ގޮސްފައެއްނު...'' ކޯޓުފަޓުލޫނުގައި ހުރި ކަރީމްގެ ކަރުގައި އޮތް ޓައި ރަނގަޅުކޮށްލަދެމުން ލައިލާ ބުނެލިއެވެ. އެއަށްފަހު އޭނަ ހަލުވި ފިޔަވަޅުތަކެއްގައި މިސްރާބުޖެހީ ސިޑިއާ ދިމާއަށެވެ. ލައިލާ ދިޔަ ދިމާއަށް ބަލަން ހުރި ކަރީމްއަށް އޭނަގެ ކަރުގައި އޮތް ޓައިގައި އަތްޖައްސާލެވުނެވެ. އޭރު އެތުންފަތުގައި ވަނީ މާނަ ފުން ހިނިތުންވުމެކެވެ.
*****
އީވާގެ ކޮޓަރީގެ ދޮރުގައި ޓަކިދެމުން ލައިލާ އެތެރެއަށް ވަނެވެ. ހައިރާންކަން ލިބުނީ އެއްވެސް މީހަކު ކޮޓަރީގައި ނެތުމުންނެވެ. ހިތުގައި ސުވާލުތައް އުފެދިގެން އައުމުން އީވާގެ ނަމުން އޭނައަށް ގޮވާލެވުނެވެ. ފާޚަނާގައި ވީއޭ ހިތާ ފާޚަނާގެ ދޮރު ހުލުވާލަން އޭނަ އުޅުނެވެ. އޭގެ ކުރިން ޖެހިލި ރޯޅިއާއެކު ބެލްކަނީގެ ދޮރު ފޮތިގަނޑުތައް ހަރަކާތްކޮށްލި މަންޒަރު ފެނުމުން ފިޔަވަޅުތަކުގެ މިސްރާބު އެދިމާއަށް ބަދަލުކޮށްލިފައެވެ.
ބެލްކަނީގެ ދޮރު ކައިރިއަށް ހުއްޓުމާއެކު ރެއިލިންގައި ބާރަށް ހިފަހައްޓައިގެން ހުރި އީވާ އޭނައަށް ފެނުނެވެ. ފުރަގަސްދީގެން ހުރުމުން އެމޫނުމަތީގެ ޝުޢޫރުތައް ދެނެގަންނަން އުނދަގޫވިއެވެ. ލައިލާ، އީވާއަށް ބަލަން ހުރެފައި ގޮވާލިއެވެ. މިފަހަރުވެސް އީވާއަކަށް އަޑެއް ނީވުނެވެ. ލައިލާއަށް ލިބިގެން ދިޔައީ ހައިރާންކަމެވެ. ދިގު ފިޔަވަޅުތަކެއްގައި އޭނަ ހިނގައިގަތީ އީވާގެ ގާތަށް ދިއުމަށެވެ. ފަހަކަށް އައިސް އީވާ ފެންނަނީ ނެގި މަޑުވެފައި ހުންނަ ތަނެވެ. ފިކުރުބޮޑުވެފައިވާ ތަނެވެ. އޭގެ ފަހަތުގައިވާ ސަބަބު ހޯދަން ލައިލާ ބޭނުން ވެއެވެ. ދަރިފުޅުގެ ނުތަނަވަސްކަމަށް ލުޔެއް ހޯދައިދޭން ބޭނުން ވާތީއެވެ.
''ދަރިފުޅާ... މަންމަ ގޮވާ އަޑެއް ނީވުނުތަ؟...'' ލޯތްބާއެކު އީވާގެ ބުރަކަށީގައި ފިރުމާލަމުން ލައިލާ ސުވާލުކުރިއެވެ. އޯގާތެރިކަމުން ފުރިގެންވި އެހަރަކާތުންވެސް އީވާ ދިޔައީ ސިއްސައިގެންނެވެ. ޚިޔާލުތަކުގެ ވާފަށް ކެނޑިގެން ދިޔަ ހިނދު ދެލޯބޮޑުކޮށްލަމުން މަންމައަށް ބަލާލެވުނީ ގަނޑުވެފައެވެ.
''ކޮން ކަމަކަށްތަ މާ ވަރަކަށް ގެއްލިފައި ތި ހުންނަނީ؟... މަންމަ ގޮވާގޮވާވެސް އަޑެއް ނީވުނުދޯ؟...'' އީވާގެ މޫނަށް އަރާފައިބަމުން ދިޔަ ކުލަވަރުތަކަށް ސަމާލުކަން ދެމުން ލައިލާ ސަމާސާރާގަކަށް އެހިއެވެ. އީވާގެ މޫނުމަތިން އޭނައަށް ވާހަކަތަކެއް ކިޔައިދޭން އުޅޭހެން ލައިލާއަށް ހީވިއެވެ. މެޔަށް ފިނިވެ ހިތުގެ ތެޅުން އަވަސްވެގެން ދިޔައެވެ. އޭނައަށް ވަގުތުން އީވާގެ އަތުގައި ހިފާލެވުނެވެ.
''ދަރިފުޅަށް ކަމެއް ވެއްޖެހެން މަންމައަށް ހީވަނީ، މިއަދު މަންމައަށް ދަރިފުޅު ފެންނަނީ ވަރަށް ބޮޑަށް މާޔޫސްވެފައި ހުންނަތަން... މަންމައަށް ކިޔައިދީބަލަ، ކަމެއް ވީތަ، ހޮސްޕިޓަލުގައި ކަމެއް ވީތަ އަނެއްކާ؟، މީހަކު އެއްޗެކޭ ބުނީތަ؟'' ކަންބޮޑުވުމުގެ ރާގަކަށް އެތައް ސުވާލެއް ލައިލާއަށް އަމުނާލެވުނެވެ. މަންމައަށް ބަލަން ހުރި އީވާ އަވަސްއަވަހަށް ނުތަނަވަސްކަމުގެ ހިނިގަނޑެއް ޖަހާލިއެވެ. އަދި މަންމައަށް އޭނަގެ ހިތުގެ ހާލު ސިއްރުކުރަން މަސައްކަތްކުރިއެވެ.
''މަންމާ، އަހަރެން ހަމަ ރަނގަޅޭ، އެއްވެސް ކަމެއް ނުވެވެސް ފިކުރުތަކުގެ ތެރެއަށް ގެއްލިދާނެއެއްނު، ހޮސްޕިޓަލުގައި ވެސް ކަމެއް ދިމައެއް ނުވޭ، އެކަމަކު ކިޔެވުމަށް ދާން އުޅޭތީ ވަރަށް ދެރަވެފަ އެންމެންވެސް ތިބީ...'' އީވާ މަސްނޫއީ ހިނިތުންވުމެއް ތުންފަތުގައި ކުރަހާލަމުން ބުނެލިއެވެ.
އީވާއަކީ ރާއްޖޭގެ މަޝްހޫރު ހޯޕް ހޮސްޕިޓަލުގައި އެތެރެހަށީގެ ހާއްސަ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ޒުވާން ޑޮކްޓަރެކެވެ. އަހަރުތަކެއް ވަންދެން ބަލިމީހުންނަށް ފަރުވާކުރަން އުޅުމަށްފަހު އޭނަ ދާދި ފަހުން ވަނީ ހިތުގެ ހާއްސަ ބަލިތަކުގެ ޑޮކްޓަރަކަށް ވާން އިތުރަން ކިޔެވުމަށާއި ތަމްރީނުތަކަށް ހާއްސަވާން ގަސްދުކޮށްފައެވެ. އެކަމަށް އަންނަ މަހުގައި ލަންޑަނަށް އޭނަ ފުރާނެއެވެ. ހާޖަރާ ފިޔަވައި އީވާގެ އެނިންމުމަށް ހުރިހާ އެންމެންގެ ފަރާތުންވެސް ހޫނު މަރުޚަބާއެއް ލިބުނެވެ. އެންމެނާ ޚިލާފަށް ހާޖަރާ ބޭނުންވަނީ ވީހާވެސް އަވަހަކަށް އީވާ ކައިވެންޏެއް ކުރާށެވެ. އާއިލާއެއް ބިނާ ކުރާށެވެ. މިހާރުވެސް އުމުރުން އަށާވީސް އަހަރުވީއެވެ. ކުދިން ހޯދާ އުމުރު ފަހަނައަޅާއި ދަނީއެވެ. ހާޖަރާގެ ހުންނަ ބޯދާ ފިކުރުތަކުން މިނިވަންކަމާއެކު އީވާގެ ޒުވާން އުމުރު ބޭކާރުކޮށްލަން ހާޖަރާ ބޭނުމެއް ނުވެއެވެ. މާމަ ދަރިފުޅުގެ ދިރިއުޅުމަށް ހަޖަރާ ވަރަށް ބޮޑަށް ނުފޫޒު ފޯރުވައެވެ.
ކަރީމް ވަރަށް ބޮޑަށް ވިސްނައިދީގެން އެއްމެފަހުން ހާޖަރާ ވަނީ އީވާގެ ހުވަފެނުގައި ކުލަޖެއްސުމުގެ ފުރުސަތު ދީފައެވެ. އެކަމަކު ޝަރުތެއްގެ މަތިންނެވެ. ކިޔަވަން ފުރުމުގެ ކުރިން އީވާގެ ކައިވެނީ އިއުލާންކުރަން ހާޖަރާ ބޭނުން ވިއެވެ. މިރޭގެ ރަސްމިއްޔާތަކީ އެކަމުގެ އުފަލުގައި ބާއްވާ ހާއްސަ މެހެފިލެކެވެ. މާލޭގެ ނަން ހިނގާ މީހުންނަށް ދައުވަތު ދެވިފައިވަނީވެސް އެހެންވެއެވެ.
އީވާއާއި ކައިވެނިކުރަން ހާޖަރާގެ މިންގަނޑުތަކަށް ފެތޭ ހުރީ ހަމަ އެންމެ ޒުވާނެކެވެ. އެއީ ވިޔަފާރީގެ މާހައުލުން ކަރީމްއާއި ގުޅުން ބަދަހިވެ ގާތް އެކުވެރިކަމެއް އުފެދުނު އާރަބްގެ ހުރިހަމައެކަނި ފިރިހެން ދަރިފުޅު ޖާދިންއެވެ. ހުރިހާ ގޮތަކުން ބެލިޔަސް ޖާދިންއާ އަޅާކިޔޭނެ ޒުވާނަކު މާލޭގައި ހުރިކަމަކަށް ހާޖަރާ ނުދެކެއެވެ. ޒުވާން އުމުރުގައި އެހުރީ ބައްޕަގެ ވިޔަފާރިޔާ ހަވާލުވެގެންނެވެ. ކާމިޔަބީގެ ބޮންތިއަށް އަރާހުރި ހަރުދާ ޒުވާނެކެވެ. ފިރިހެންވަންތަވެފައި އެހާމެ ރީއްޗެވެ. އަންހެންކުދިންގެ ހިތްތައް ވިރުވާލަފާނެފަދަ ސިފަތަކުގެ މިލްކުވެރިއެކެވެ. ހަމައެއާއެކު ޖާދިން އަދި އީވާއާ ދެމެދުގައިވާ އެކުވެރިކަމުން ލާމަސީލު ޖޯޑަކަށް ވާނެކަމުގެ ފުރިހަމަ ޔަޤީންކަން ހާޖަރާގެ ހިތުގައި ވެއެވެ. އެހާބޮޑަށް ޖާދިންއަށް ރުހުންދެވުނީވެސް އެހެންވެއެވެ. އެކަނިވެންޏާއެކު ދެއާއިލާގެ ގުޅުން އިތުރަށް ބަދިވުމަކީ ހާޖަރާ ދެކޭ ހުވަފެނެކެވެ.
''ދަރިފުޅާ، މަންމަ ގާތު ސިއްރުނުކޮށްބުނެބަލަ، މަންމައަށް ހީވަނީ ދަރިފުޅު ކަމަކާމެދު ވަރަށް ބޮޑަށް ނުތަނަވަސްވެފައި ވާހެން، ބުނީމައެއްނު މަންމައަށް ހައްލު ހޯދައިދެވޭނީ، ތިހެން ކަންތައް ސިއްރުކުރުމުން ނޭދެވޭ ނަތީޖާއެއް ނިކުމެދާނެ...'' އީވާގެ ހިނިތުންވުމުގެ ފަހަތުގައި ވަންހަނާވެފައިވި ހާސްކަން ލައިލާއަށް ފާހަގަކުރެވުނެވެ. ކިތަންމެ ކުޅަދާނައަކަސް މަޔަކަށް ދަރިފުޅުގެ އުދާސްތައް ސިއްރު ނުކުރެވޭނެކަން އީވާއަށް ނޭގެނީ ހެއްޔެވެ؟ ހިތަށް ވެރިވެގެން އައި ސުވާލުތަކުން ލައިލާ ހާސްކުރުވިއެވެ. މީހާގެ ހަމަޖެހުން ގެއްލިއްޖެއެވެ.
''ބައްޕަ ބުނާހެން މަންމަ މާބޮޑަށޭ ފިކުރުބޮޑުވަނީ، އަހަރެން ރަނގަޅޭ... އަހަރެން ބުނީތީ ޤަބޫލުކޮށްބަލަ...'' މަންމަގެ ތޫނު ދެލޮލުން ސަލާމަތްވެ ސަލާމަތުގެ އައްސޭރިއަކަށް ދާން އީވާ އަވަސްވެގަތެވެ. އޭނަ ކޮޓަރިއަށް ވަންނަން އުޅުނު ވަގުތު ހުއްޓެވުނީ ސީރިޔަސްކަމުގެ ރާގަކަށް މަންމަ ކޮށްލި ސުވާލެއްގެ ސަބަބުންނެވެ. އެއާއެކު އޭނަގެ ދެފައިގައި ހީވީ ހިލިހިލާޖެހިގެން ދިޔަ ހެންނެވެ. އިތުރަށް ހަރަކާތެއް ނުކުރެވުނެވެ. މެޔަށް ފިނިވެގެން ގޮސް ނޭވާގެ ހިނގުންވެސް އަވަސްވިއެވެ. މޫނަށް ވެރިވި ހާސްކަން ފޮރުވަން މަސައްކަތްކުރާ ހާލު އޭނަ ގާތަށް އައިސް ހުއްޓުނު މަންމައަށް އިސްއުފުލާ އީވާއަށް ބަލާލެވުނެވެ. މަންމަގެ ސުވާލަށް ދޭނެ ޖަވާބެއް ނޭގި އީވާގެ ހިތުގެ ތެޅުން އަވަސްވާން ފެށިއެވެ.
(ނުނިމޭ)