އެވަގުތު އާވާގެ ތުންފަތް މައްޗަށް ވެރިވެފައިވާ ހިނިތުންވުމުންނާއި ދެލޮލުން ވެއްޓެން ތައްޔާރުވެފައިވާ ކަރުނަތިކި މާހިލްއަށް އެކަމުގެ ޔަޤީންކަން ދިނެވެ. އޭނާއަށް އެއްވެސް ހުރަހަކާ ނުލާ އާވާގެ ތުނިތުނި ބަނޑުގައި އަތް ޖައްސައިލެވުނުވެ.
"އާނ… މާހިލް ބައްޕައަކަށް ވަނީ…" މާހިލްގެ މޫނުގައި ލޯތްބާއެކު ފިރުމާލަމުން ބުނެލިއެވެ.
"ކް..ކިހިނެއް އެވީއަށް އިނގުނީ؟ ޔަޤީންތަ….؟ ޓެސްޓް ހެދިންތަ….؟" މާހިލް އަހައިލިއެވެ. އާވާ މާހިލްގެ އަތުގެ ތެރެއިން ތެދުވެ އެނދުގެ ހެޑްބޯޑުގައި ލެގިލިއެވެ. އަދި އެނދުގެ އެއްފަރާތުގައި އޮތް އޭނާގެ އަތްދަބަސް ނަގާ ހުޅުވާލާފައި ކްލިނިކުން ހަދާފައިވާ ޓެސްޓްގެ ނަތީޖާ މާހިލްއަތަށް ދިއްކޮށްލިއެވެ. ކެތްމަދުވެފައިވާ ހާލު މާހިލް އެގަނޑަށް ބަލައިލިއެވެ. ކަޅުކުލައިގެ ގަދަ ދެލިން 'ޕޮޒިޓިވް' ކަމަށް ލިޔެފައިވާ ޖުމްލަ ފެނުމާއެކު އޭނާގެ ހިތަށް ބަޔާންކުރަންދަތި ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. ދެލޮލުން ކަރުނަ ނީރާލިއެވެ. ހެއްދެވިފަރާތަށް ޝުކުރުކުރިއެވެ. އެއީ އެތައް ދުވަހެއް ވަންދެން އޭނާ ކުރި ދިގު އިންތިޒާރުގެ ނިމުމެވެ.
"އެވީ…!! އަހަރެންގެ އުމުރުން ސާޅީސްވާން އުޅެނީ. އަހަރެން ހީކުރީ ދަރިއެއްގެ ނަސީބު އަހަރެންނަށް ދެން ނުލިބިކަމަށް މަރުވެދާނީ… އެކަމަކު… ހެއްދެވިފަރާތުން އަހަރެންގެ ދުޢާ އިޖާބަކުރައްވައިފި. އަހަރެން ވަރަށް އުފާވެއްޖެ. އަހަރެންނަށް ކުރިން ލިބުނު ދަރިފުޅު މިއަދު ދުނިޔޭގައި ހުރިނަމަ އެދަރިފުޅުވެސް މިއަދު ހާދަ އުފަލެއްވާނޭ…" މާހިލްއަށް ކަރުނައިގެ ތެރެއިން ހިނިތުންވެވިއްޖެއެވެ. އާވާ މާހިލްގެ މޭގައި ބޯއަޅައިލިއެވެ.
"އެވީ…!! އެދަރިފުޅު މިދުނިޔެއިން ދިޔައީ އަހަރެންގެ ލޮލަށް ނުފެނި. އެކަން އިނގުނީމަ އަހަރެން ހާދަ ހިތާމައެއްކުރީމޭ" ބުރުގާ މަތިން އާވާގެ ބޮލުގައި ފިރުމަމުންދިޔަ މާހިލް ވާހަކަދައްކަމުން ދިޔައެވެ. ދޭތެރެއަކުން އަޑު ކުރެހިލާނެއެވެ.
"އެއީވެސް ނިޢުމަތެއް މާހިލް. ބީވެ ގޮސްފައިވާ އެއްޗަކާ މެދު ހިތާމަނުކޮށް ލިބިފައި ހުރި ނިޢުމަތްތަކަށް ޝުކުރުކުރުން އަހަރެމެންނަށް އޮތީ" އާވާ ވާހަކަދެއްކިއެވެ.
މާހިލް އަނެއްކާވެސް ލޯތްބާއެކު އާވާ ބާލީސްމަތީގައި ބާއްވާލިއެވެ. އާވާގެ ބުރުގަލަށް ޖަހާފައިވާ ޕިންތައް ނައްޓުވާ ބުރުގާ އާވާގެ އިސްތަށިގަނޑާ ވަކިކޮށްލިއެވެ. އާވާގެ މޫނުގައި ބޮސްދިނެވެ. ލަދުވެތި ހިނިތުންވުމެއް ވެރިކުރުވަމުން މާހިލްގެ މޭދަށުގައި އާވާ ބޮނޑިވެގަތެވެ.
"މިވަގުތު އެވީ ވަރަށް ބޭނުންވެފަ މިއޮތީ. އެކަމަކު… އެހާ ސޭފްއެއް ނުވާނެ ކަންނޭނގެ" މާހިލް ބުނެލިއެވެ. އާވާ ހީލަމުން ބޯޖަހައިލިއެވެ.
"އެހެންވީމަ އެވީ ކޮށްދޭންވީ ކަމަކީ ފުލީ ރެސްޓްކުރަންވީ. އަދި ޝާންއާއި މާޔާއަށް ވެސް މި ޚަބަރު ދޭންވާނެއްނު" އާވާ ބޯޖަހައިލިއެވެ.
ގޭތެރެއަށް ވެރިވެފައިވަނީ މަރުފަދަ ހަމަހިމޭންކަމެކެވެ. ސޯފާގައި އިން އަމާޔާ ތެދުވެ ހިންދެމިލިއެވެ. ލައިގެން ހުރި ހެދުން ރީތިކޮށްލަމުން އަތުގައި ފޯނު ދިއްލާލައިފައި ގަޑި ބަލައިލިއެވެ. މެންދަމު ތިނެއް ޖަހައިފިއެވެ. ކުޑަކަމުދާން ބޭނުންވެފައި ހުރުމުން އޭނާ ސިޑިން އަރައިގެން އެންމެ ފުރަތަމަ ދިޔައީ ކޮޓަރިއަށެވެ. އެނދުމަތީގައި ލެޕް ހުޅުވައިގެން އިން ޝާނިމް ފެނިފައި އަމާޔާ ހީލިއެވެ.
"މިޝަން ކާމިޔާބުވިތަ"؟ އަމާޔާ ފެނުމުން ޝާނިމް އަހައިލިއެވެ.
"ޝާންގެ އެހީތެރިކަމާއި ނުލާ އެކަން ފުރިހަމަވެދާނެތަ؟" އަމާޔާ ބުންޏެވެ.
"ހިނގާ އުޅެމާ އެކަމާ" ޝާނިމް ބުނެލިއެވެ.
އަމާޔާ ބޯޖަހައިލަމުން ފާހާނާއަށް ވަނެވެ.
ދެމަފިރިން ސިއްރު ފިޔަވަޅުތަކެއް އަޅަމުން ގޮސް ހުއްޓުނީ ނައިޝީ އޮތް ކޮޓަރި ދޮރުމަތީގައެވެ. އެކަކު އަނެކަކަށް ބަލައިލުމަށްފަހު އަމާޔާ އަތުގައި އޮތް ތަޅުދަނޑި ނެގިއެވެ. ތަނަށް ވެރިވެފައިވާ އަނދިރިކަމުގައި ތަޅަށް ތަޅުދަނޑިލެއްވޭ ގޮތެއް ނުވިއެވެ. އޭނާ ހުރީ މާބޮޑަށްވެސް ހިތްއަވަސްވެފައެވެ.
"ގެނޭ މަގޭ އަތަށް. މާޔާ ފޯނުން އަލިކުރޭ" ވައި އަޑުން ޝާނިމް އަމާޔާއަށް ބުނެލިއެވެ. އަމާޔާ ޝާނިމް ބުނި ފަދައިން ކަންތައް ކުރިއެވެ.
އިސާހިތަކު ތަޅުހުޅުވިގެން ދިޔައެވެ. ސިއްރު ފިޔަވަޅުތަކެއް އަޅަމުން ދެމަފިރިން އެކުގައި ހުޅުވިފައިވާ ދޮރުން އެތެރެއަށް ފިޔަވަޅެއް އެޅިއެވެ. އެންމެފުރަތަމަވެސް ދެމަފިރިންގެ ކަންފަތުގައި ޖެހުނީ ގަދައަށް ނިދާފައި އޮތް ނައިޝީގެ ބާރު ނޭވާގެ އަޑެވެ.
ފޯނުން އަލިކޮށްގެން ހުރެ ކުރިއަށް ހިނގާފައި ދިޔަ އަމާޔާ ހޯދަން އުޅުނުއެތި ވަރަށް ފަސޭހައިން ފެނިއްޖެއެވެ. ނައިޝީގެ ފޯނު އޮތީ އޭނާ ބޯއަޅައިގެން އޮތް ބާލީސް ކައިރީގައެވެ.
ދުރުގައި ހުރި ޝާނިމް އަތަށް އަމާޔާ އެންމެ ފުރަތަމަ ދިނީ ނައިޝީގެ ފޯނެވެ. އެއަށްފަހު ކާރޓެއިން ފަހަތަށްލާ ފޮރުވާފައި ހުރި ލެޕްޓޮޕް ދަބަސް ދިނެވެ. އެއަށްފަހު މުޅި ކޮޓަރި ހޯދާ ބެލިއެވެ. ނޫކުލައިގެ ޕެންޑްރައިވްއެއް ދިނުމުން ޝާނިމް އެއަށް ވަރަށް ރަނގަޅަށް ބަލައިލިއެވެ. އެއީ މާހިލްގެ އެއްޗެއް ކަމަށް ޝާނިމް ބުނުމުން އަމާޔާ އެ ނެގި ތަނުގައި ގެންގޮސް ބޭއްވިއެވެ.
"ހިއެއްނުވޭ އޭނަގެ އެއްޗެއް ދެން އިތުރަށް ލިބިދާނެހެނެއް" ޝާނިމް ކައިރިއަށް އައިސް ހުއްޓެމުން އަމާޔާ ކިރިޔާ ޝާނިމްއަށް އިވޭ ވަރަށް ވާހަކަދެއްކިއެވެ.
ކޮޓަރިއަށް ވަދެ ހަމަޖެހިލުމަށްފަހު ޝާނިމް އެނދުގައި އިށީނެވެ. ލެޕްޓޮޕްގެ އިތުރުން އަލަމާރިން ނެގި ކުޑަ ދަބަހެއް ހިފައިގެން އައިސް އެނދުގައި އިށީނެވެ. އަމާޔާ ފަރުވާތެރިކަމާއެކު ޝާނިމްގެ ހަރަކާތްތަކަށް ބަލަން އިނެވެ. ޝައުގުވެރިކަމާއެކު ޝާނިމްއަށް ވަގުތުދީގެން އަމާޔާ އިނެވެ. ވަގުތު ގިނަވާން ފެށުމުން އަމާޔާ ތިރިއަށް ފޭބިއެވެ. ދެން އައީ ޝާނިމްއަށް ހޫނު ކޮފީތައްޓެއް ހިފައިގެންނެވެ.
ކުރަން އުޅުނު މަސައްކަތް ޝާނިމްއަށް ނިންމާލެވުނީ ވަރަށް ގިނައިރު މަސައްކަތްކޮށްގެންނެވެ. ފަތިސް ނަމާދަށް ގޮވަން ހުރީ ކުޑަ ވަގުތުކޮޅެކެވެ. ކައިރީގައި އިން އަމާޔާއަށް ބަލައިލާފައި ޝާނިމް ހިނިތުންވެލިއެވެ.
"ޑަން…" ޝާނިމް ބުނެލިއެވެ.
"މާހިލްއާއި އެވީ މިހާރު ހުރީ ސޭފް ޒޯންގަ" ޝާނިމް ބުނެލިއެވެ.
"ކިހިނެއް އިނގެނީ ތި ފޯނާ ލެޕްޓޮޕްގަ އޭނާގެ މުހިންމު ޑޮކިޔުމެންޓެއް ނުހުންނާނެ ކަމެއް" އަމާޔާ ކަންބޮޑުވިއެވެ.
"ހުއްޓަސް އަހަރެމެންނަށް ކޮންކަމެއް؟ މިހާރު މިގޭގަ އެހެން ގަދަކޮށްލާފަ އޭނާއަށް ނުހުރެވޭނެ" ޝާނިމް ބުނެލިއެވެ.
"ތި ހިތްހަމަޖެހުން އަހަރެންނަށްވެސް ލިބިއްޖެ. އަހަރެންނަށް ހަމަ ޔަޤީން ބެކަޕެއްއޭނަ އަތުގަ ނެތްކަން. އިއްޔެގަ މީހަކާ އޭނަ ފޯނުން ވާހަކަދެއްކި އަޑު އަހާފައި އަހަރެން މާހިލްސަރ ކައިރީގައި އެކޮޓަރީގެ ތަޅުދަނޑި ދޭށޭ ބުނީވެސް" އަމާޔާ ޔަޤީންކަމާއެކު ބުނެލިއެވެ.
"މާޔާ ކުރަންވީ ކަމަކީ މި އެއްޗެހި ގެންގޮސް އެކޮޓަރީގެ މި އެއްޗެހި ހުރި ތަންތަނުގަ ބަހައްޓަންވީ…" އަމާޔާ އަވަސްވެގަތެވެ.
އަރާމު ނިދީގައި ނިދާފައި ތިބި އާވާއާއި މާހިލްއަށް ހޭލެވުނީ ފަސްގަޑި ބައިވާން އުޅެނިކޮށެވެ. ފާހާނާއަށް ވަދެ ދަތްއުނގުޅާ ވުޟޫކޮށްގެން ނިކުމެ މާހިލް އާވާއަށް ގޮވިއެވެ. ދެމަފިރިން އެކުގައި ނަމާދުކޮށްގެން އެނދުގައި އިށީނެވެ.
"އެވީ މަޑުކޮށްލާ އިނގޭ. މިއަންނަނީ.." މާހިލް ބުނެލިއެވެ.
"އަހަރެން ދާނަން" އާވާ ބުނެލިއެވެ.
"މިގޭގަ އުޅޭ ސަފަރުކަތްދައަށް އަދި އެވީ ފެންނާކަށް އަހަރެން ބޭނުމެއްނޫން. އެވީ މަޑުކޮށްލާ… އަހަރެންނަށް ރޭގަ ވަރަށް ރީތި ހުވަފެނެއް ފެނުނު. އައިއްސަ ކިޔައިދޭނަން. އެވީ ބަސްއަހައިގެން އިނދޭ" އާވާގެ ކޮލުގައި ފިރުމާލަމުން މާހިލް ބުނެލިއެވެ.
"ތިހެން ނުބުންޏަސް އަހަރެން މިތަނުގަ އިނދެފާނަން" ހީލަމުން އާވާ ބުނެލިއެވެ. މާހިލް ހީލިއެވެ.
މާހިލް ކޮޓަރިން ބޭރަށް ނިކުތްއިރު ސިޓިންރޫމް އޮތީ ހިމޭންކޮށެވެ. އިރުއަރަން ތައްޔާރުވެފައި އޮތުމުން ފަނޑު އަލިކަމެއް ވެރިވެފައި އޮތެވެ. ބަދިގެއަށް ވަދެ ބިސްގަނޑެއް އެޅިއެވެ. އަލަމާރިން ނެގި ޖޫސްޕެކެޓުން ބިއްލޫރި ތައްޓަކަށް ޖޫސް އެޅީއެވެ. އިތުރަށް ކޮފީ ތައްޓެއް ހަދައިގެން މާހިލް ބަދިގެއިން ނިކުތެވެ.
ކޮޓަރިއަށް ވަންއިރު ފޯނުން ވާހަކަދައްކަން އާވާ އިނެވެ. މާހިލް ފެނުމުން ހިނިތުންވެލާފައި ފޯނު ކަނޑައިލިއެވެ. އެއަށްފަހު ޙަޖަރާއި ރިޒާގެ ސަލާން މާހިލްއަށް ރައްދުކޮށްލިއެވެ.
"އެވީއަށް އަދި ވަރަށް ޝޮކިންގ ނިއުސްއެއް ދީފާނަން" އެނދުމަތީގައި އިން އާވާ އަތަށް ޖޫސްތަށި ދެމުން މާހިލް ބުނެލިއެވެ.
"އެވީއަށް ހެޔޮއެދޭ އެވީދެކެ ލޯބިވާ އަވަށްޓެރިޔާ އަކީ ކާކުކަން އިނގޭތަ؟" މާހިލް އަހައިލިއެވެ.
"ނާދިޔާތަ…؟ އަހަރެން ހޯދަން މިގެއަށް އައިތަ…؟" އާވާ ޖޫސްތަށިން އެތިފޮދެއް ބޯލަމުން އާވާ އަހައިލިއެވެ.
"ހެހެހެ… ނާދިޔާއެއް ނޫން. ނައިޝީ…" މާހިލް ބުނެލިއެވެ. ލިބުނު ޝޮކްގައި އާވާ ކޮށިނޭރީ ކިރިޔާއެވެ.
"ވަޓް…؟ ހަމަ ތެދެއްތަ ތިބުނަނީ…" އާވާ އަހައިލިއެވެ.
"މޫނު ބުރުގާ އަޅާ މާ މާތް މީހަކަށްވެގެން އެވީ ފަހަތުން އަޅުވާލައިގެން އުޅުނީ ހަބަރުތައް ހޯދާށާ އޭނާގެ ރޭވުން ކާމިޔާބުކުރާނެ ގޮތެއް ހޯދަން. އޭނާ އެވީގެ މައުސޫމު ކަމުގެ ފައިދާ ނެގީ" މާހިލް ވާހަކަދެއްކިއެވެ.
"މާތްރަސްކަލާނގެއާއި ވަކީލު. ހާދަ މަކަރުވެރި މީހެކޭ ދޯ…" އާވާއަށް ބުނެވުނެވެ. އާވާ އެހެން ބުނިގޮތުން މާހިލްއަށް ހެވުނެވެ.
"މާޔާ ނުބުނިނަމަ އަހަރެންނަށް ނޭނގުނީސް. އެދެމީހުން ވަރަށް ފައިޓްކުރޭ. އަހަރެން އުޅެނީ އެ އަންހެނާ ކުރިމައްޗަށް ނާރާ" މާހިލް ވާހަކަދެއްކިއެވެ. އޭރުވެސް އާވާ އިނީ ތުންފަތުގައި ދަތްއަޅާލައިގެން ނައިޝީގެ މަކަރުވެރިކަމާމެދު ވިސްނާށެވެ.
"އެވީ ފެނުމުން އަހަރެންގެ ހުރިހާ ޓެންޝަނެއް ފިލައިގެން ހިނގައްޖެ" މާހިލް ބުނެލިއެވެ.
"އަދި ނުދެއެއްނު. އަދިވެސް އަހަރެންގެ ހިތަށް ހަމަޖެހުމެއް ނުލިބޭ. އޭނަ އަތުގަ އެވީޑިޔޯތައް ހުރިހާ ހިނދެއްގައި އަހަރެންނަށް ހަމަޖެހުމެއް ނުލިބޭނެ. އެކަމަކު ދެން އަހަރެން ރޯކަށް ބޭނުމެއްނޫން" އާވާ ވާހަކަދެއްކިއެވެ.
އަރާމު ނިދީގައި އޮތް ނައިޝީއަށް ހޭލެވުނުއިރު ނުވައެއްޖަހާ ބޮޑުވެއްޖެއެވެ. ފާހާނާއަށް ވަންއިރު އޭނާ ފޯނަށް ބަލައިނުލައެވެ. ފެންވަރާ ނިމިގެން ކުރު ސޯޓްކޮޅަކާއި ޓީޝާޓްކޮޅެއް ލައިގެން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. އިރުކޮޅަކުން ފަހަތަށް އެނބުރި ބަލައިލުމަށްފަހު ހިނިތުންވެލިއެވެ. އަލުން އައިސް ފޯނު ހިފައިގެން ކޮޓަރިން ނިކުތެވެ. ބަނޑުހައިވެފައި ހުރުމުން އެނމެފުރަތަމަވެސް އޭނާ މިސްރާބުޖެހީ ބަދިގެއާއި ދިމާލަށެވެ.
އަމާޔާ ބަދިގެ ތެރޭގައި ހުރުމުން އެތެރެއަށް ވަންނަން ނައިޝީ ފަސްޖެހުނެވެ. ދޮރުކައިރީގައި ވިސްނާލަން ހުރުމަށްފަހު އޭނާ ބަދިގެއަށް ވަނީ މާބޮޑަށް ހައިވެފައި ހުރުމުންނެވެ.
"އެންމެން ސައި ބުއީތަ؟" ނައިޝީ ވަދެފައި އަހައިލިއެވެ. އަމާޔާ ބަހެއްވެސް ނުކިޔާ އިނެވެ. އިތުރު މީހަކު ބަދިގޭގައި ހުރިހެންވެސް އޭނާއަށް ހިއެއް ނުވެއެވެ. ނައިޝީ ފެނުމުން އޭނާގެ އެތެރެހަށީގެ ލޭތައް ކެކިގަތެވެ. ކުރަން ހުރި މަސައްކަތުގެ ސްޕީޑް އަވަސްވެލިއެވެ.
"ކޮފީ ހުސްވީތަ؟ އައިސްއަލަމާރީގަވެސް އެއްޗެއް ނެތް. މިގޭގަ ހުރި ކާއެއްޗެހި ހުސްވީތަ؟" އަމާޔާ ކުރިމަތީގައި އައިސް ހުއްޓެމުން ނައިޝީ އަހައިލިއެވެ.
"ކަލޭ ތީ ކާކު އަހަރެންގެ ކުރިމަތީގައި ހުރެ އަހަރެންނާ ބޭކާރު ސުވާލުކުރަން. ކަލޭ ތިއީ އަހަރެންގެ ފިރިމީހާތަ؟" އަމާޔާ އަހައިލިއެވެ.
"ބުނަންތަ އަމާޔާ ވާހަކައެއް. ތިހާ ގަދަވެފައި ވާހަކަދައްކާއިރު ކަލެ ތިއީ މާހިލް އާ އެއްވެސް ގުޅުމެއް އޮވެގެން މިގޭގައި ބަހައްޓާފައި ހުރި މީހެއްނޫން. އެހެންވީމާ ކަލެއަށް ބޭނުންހާ އެއްޗެއް އަހަރެންނަށް ނެހެދޭނެ" ނައިޝީ ގަދަވެލިއެވެ.
"ޔަޤީނުންވެސް ތިގޮތަށް މަތިންބައިން ޖެހިގެނެއްނޫން އަހަރެން މިއުޅެނީކީ… ކީކޭ ކަލޭ ކައިރީގަ މަ ބުނީ. މަގޭ ކުރިމައްޗަށް އައިސްގެން ނުވާނޭ މަކަރުވެރި އަންހެނާ" އަމާޔާ ގޮނޑިން ތެދުވިއެވެ.
"މާހިލް ހުރީ އަހަރެންގެ ކޮޅަށް. ކަލެއަށް ދައްކާލާނަން އެކަން" ނައިޝީ ބަދިގެއިން ނިކުމެގެން ދިޔައެވެ.
ކޮޓަރީގައި ހުރެ ނަމާދުކޮށް ނިމުނު ނާސިހް އެނދުގައި އިން ފަލަކްނާޒަށް ބަލައިލިއެވެ. ފާއިތުވެދިޔަ ދެތިން ދުވަހު ފަލަކްނާޒްގެ ހުންގަނޑު ވަނީ ވިހެލާފައެވެ. އެހެންނަމަވެސް އަދިވެސް ހަށިގަނޑުގެ ވަރުދެރައެވެ. އެހުރިހާ ކަމަކާއެކު އޭނާގެ އަނގަވެސް ވަނީ މައިތިރިވެފައެވެ. ނާސިހް ހީކޮށްގެން ހުރީ ފަލަކްނާޒްގެ ވިސްނުން ބަދަލުވެފައިވާ ކަމަށެވެ. އޭނާގެ ހެޔޮކަމާއި އޯގާތެރިކަމުގެ ސަބަބުން ފަލަކްނާޒްގެ ހިތް ބަދަލުކުރެވިފައިވާ ކަމަށެވެ.
"ބޭސްކާގަޑި ޖެހެނީނު. ބަލި ރަނގަޅުވިޔަސް ޑޯޒް ހަމަވަންދެން ބޭސްކާންވާނެ" ފަލަކްނާޒްގެ ކޮނޑުގައި އަތް އަޅުވައިލަމުން ނާސިހް ބުނެލިއެވެ. ފަލަކްނާޒް ބޯޖަހައިލިއެވެ. ސައިޑްކަބަޑް މަތީގައި މަތިޖަހާފައި ހުރި ކުރުނބާ ފެންފޮދު ނާސިހް ނެގިއެވެ. އެއަށްފަހު ފަލަކްނާޒްގެ ތުނބުގައި ޖެއްސުވިއެވެ. ބިއްލޫރިތަށީގައި ހިފައިގެން އިން ނާސިހްގެ އަތްމަތީގައި އަތްއަޅަމުން ފަލަކްނާޒް ކޯވަރެއް ބޯލިއެވެ. ހިނިތުންވެލަމުން ނާސިހަށް ބަލައިލިއެވެ.
"ބޭސްގުޅަކާން އަދި އެބައޮތް ދިހަވަރަކަށް މިނިޓް" ނާސިހް ބުނެލިއެވެ.
ފަލަކްނާޒް ހީލާފައި ބޭސްކާޑަށް ބަލައިލާފައި އެ ނެގިއެވެ.
"މިރޭ މި ހުސްވާނެ. މިހާރު ރަނގަޅު ވަރަށް ބޮޑުތަން. އަހަރެން އެއްކޮށް ރަނގަޅުވީމަ ކަމެއް ކޮށްދޭނަންތަ؟" ފަލަކްނާޒް ވާހަކަދެއްކިއެވެ.
"މިހާރުވެސް މިކޮށްދެނީނު. ނާޒް ތިއީ އަހަރެންގެ އަނބިމީހާ. އަހަރެންގެ ތިން ދަރިންގެ މަންމަ. ނާޒް ބުނާ ކަންތައްނުކޮށްދީ ދެން ކާކު ބުނާ ކަންތަކެއް އަހަރެން ކޮށްދޭންވީ" ނާސިހް ވާހަކަދެއްކިއެވެ.
"އަހަރެން ބޭނުން އާރިޔަންގެ ކައިވެނި ހަމަޖައްސަން. އަނުމް އަކާ ނޫން. އާރިޔަން އަނުމް އާ އިންނަން އަހަރެންނަށް ނުރުހެވޭ" ފަލަކްނާޒް ބުނެލިއެވެ. ވަގުތުން ނާސިހްގެ ތުންފަތްމަތީގައިވި ހިނިތުންވުން ފިލައިގެން ދިޔައެވެ. އެހާ ހިތުގައިވެސް ޖެހިއްޖެއެވެ. އަދިވެސް ފަލަކްނާޒް ހުރީ ގޮތުގައިކަން އިނގުމުން ހިތަށް މާޔޫސްކަން ވެރިވެއްޖެއެވެ.
"ނާޒް…!! އަދިވެސް ތިވިސްނުން ދޫކޮށްލަން ނުވޭތަ؟ އާރިޔަންގެ ދިރިއުޅުމަށް ގެންނާނެ ކުއްޖަކު އިނގޭނީ އެސޮރަކަށްނު. ކީއްކުރަން ނާޒް އެކަމުގެ ތެރެއަށް ތިވަންނަނީ" ނާސިހް މަޑުމައިތިރިކަމާއެކު ވާހަކަދެއްކިއެވެ.
"އަހަރެންވެސް ކޮންމެހެން އާރިޔަންގެ ދިރިއުޅުމުގެ ތެރެއަށް ވަންނާކަށް ބޭނުމެއްނޫން. އަނުމް ނޫން އެހެން ކޮންމެކުއްޖަކާ އިނަސް އަހަރެންގެ އެއްވެސް މައްސަލައެއްނެތް" ފަލަކްނާޒް ވާހަކަދެއްކިއެވެ.
"އަނުމް އަކީ އަހަރެންގެ ދަރިއެއް. އަހަރެން ފަލަކްނާޒާއި އިންއިރު އެކުއްޖާއަށް އަލިފާނެއް ފެނެއް ވަކިނުވޭ. ޒުވާން އުމުރަށް އެޅިފައި އެހުރިއިރު ދުވަހަކުވެސް އަހަރެން ކައިރީގައި ފަލަކްނާޒަށް ދެރަވާގޮތަށް އެއްވެސް ވާހަކައެއް ދައްކާފައެއްނެތް. އަހަރެން ކައިރީގައި ބުނެފާނަންތަ ފަލަކްނާޒް އަނުމްދެކެ ތިހާ ރުޅިއަންނަ ސަބަބެއް" ނާސިހް ވާހަކަދެއްކިއެވެ.
ފަލަކްނާޒް އެނދުގައި އިށީނދެގެން ދެފައި ތިރިއަށް އެލުވާލައިގެން އެއްފައި އަނެއް ފަޔާއި ގަތާލައިގެން އިނެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ އެއް ދިމާލަކަށެވެ. ދެއަތުން އެނދުގެ ދެފަރާތު ބެޑްޝީޓް ދެއަތަށް ބޮނޑިކޮށްލައިގެން އިނެވެ. ދެލޮލަށް ބޮނޑިވެފައިވާ ކަރުނަތިކި ލަސްލަހުން ތިރިއަށް ވެއްޓިގެން ދިޔައެވެ.
"ނާޒް…! އަހަރެން މިރޭ ޖަވާބެއް ބޭނުން. ކީއްވެގެންތަ އަނުމްއަށް ތިހާވަރަށް ނަފްރަތުކުރަނީ" ނާސިހް ވާހަކަދެއްކިއެވެ.
"ނާޒް… އަހަރެން މިވާހަކަދައްކަނީ ނާޒާއޭ" ފަލަކްނާޒްގެ ދެއަތުގައި ހިފާ ތަޅުވައިގަންނަމުން ނާސިހް ބުނެލިއެވެ. ފަލަކްނާޒް ފުންމައިގެން އެނދުން ތެދުވިއެވެ. ދުރުދުރުގައި ފިޔަވަޅު އަޅަމުން ގޮސް އަލަމާރި ކައިރީގައި ބަހައްޓާފައި ހުރި ލަކުޑި ބޮޑު ފޮށްޓެއް ހުޅުވާލިއެވެ. އޭގެތެރެއިން ޒަމާންވީ މުށިކުލައިގެ ފައިލެއް ނެގިއެވެ. ފައިލުގައި ކަރުދާސްތައް އެގޮތް މިގޮތަށް އަޅާފައި ހުރުމުން ބައެއް ކަރުދާސްތައް ކޮޅުން މެޅިފައި ހުއްޓެވެ. ނާސިހް ޚައިރާންކަމާއެކު ފަލަކްނާޒްގެ ހަރަކާތްތަކަށް ބަލަން އިނެވެ. ފައިލުގަ ހުރި ހުރިހާ ކަރުދާސްތައް ތިރިއަށް އަޅައިލުމަށްފަހު ތިރީގައި އިށީނދެ ކަރުދާސްތައް ހާވަން ފެށިއެވެ.
"ނާޒް…! ތިއީ ކޮންކަމެއް؟ ކޯޗެއް ތިހޯދަނީ" ނާސިހް އަހައިލިއެވެ.
ތިރީގައި އުކާލެވިފައި ހުރި ކަރުދާސްތަކުގެ ތެރެއިން ކަރުދާސްގަނޑެއް ހިފައިގެން ފަލަކްނާޒް ތެދުވިއެވެ. އެއަށްފަހު އެކަރުދާސްގަނޑަށް ރަނގަޅަށް ބަލައިލިއެވެ. ގިނަދުވަސްވެފައި ވުމުން ކަރުދާސްގަނޑު ވަނީ ކޮންމެސްވަރަކަށް ހަލާކުވާން ފަށައިފައެވެ. ލޮލުން ވެއްޓުނު ކަރުނަތިކި އެއްއަތުން ފޮހެލާފައި ފަލަކްނާޒް ހިނގައިގަތީ އެނދު ކައިރީގައި ކޮޅަށް ހުރި ނާސިހާއި ދިމާލަށެވެ.
"މި ބަލައިބަލަ. އޭރުން އިނގޭނެ ނާސިހްގެ ދަރިފުޅާ މެދު އަހަރެންގެ ހިތުގައި ފޫހިކަން އޮތީ ކީއްވެގެންކަން" ފަލަކްނާޒް ބުނެލިއެވެ. ނާސިހް އެކަރުދާސްގަނޑުގައި ހިފިއެވެ. ޑްރެސިންޓޭބަލް މަތީގައި އޮތް ނަންބަރު އައިނު ލޮލަށް ހެޔޮވަރު ކޮށްލާފައި ކަރުދާސްގަނޑަށް ބަލައިލުމުގެ ކުރިން ފަލަކްނާޒަށް ނަޒަރެއްދިނެވެ.
ނާސިހްގެ މޫނުމަތިން ޚައިރާންކަން ފާޅުވަމުން ދިޔައެވެ. ކަރުދާސްގަނޑަށް ބަލައިލާފައި ފަލަކްނާޒަށް ބަލަހައްޓައިގެން އިރުކޮޅަކު ހުއްޓެވެ. ދެން ފެނުނީ ފަލަކްނާޒާއި ދިމާލަށް ކަރުދާސްގަނޑު ވީދާލާފައި ބުރުވާލި މަންޒަރެވެ.
"އަހަރެންނަކަށް ނުވިސްނުނު. ކޮންމެސް އެހެންކަމެއް ތިއުޅެނީ. މީގެ އަހަރުތަކެއް ކުރިން ފަލަކްނާޒް ބަލިވެ އިނދެގެން އައްޑޫ ހޮސްޕިޓަލަކުން ހަދާފައި އިން ޓެސްޓެއްގެ ނަތީޖާ. އޭގެއިން އެބައިނގޭ ފަލަކްނާޒް ބަނޑުބޮޑުވިކަން. އެކަމަކާއި އަނުމް އަކާ ކޮންކަމެއް؟" ނާސިހް ވާހަކަދެއްކިއެވެ.
"ނާސިހް ހަނދާންނެތުނީތަ؟ ނޫނީ ހަނދާންނެތްކަމަށް ހެދެނީތަ؟ އެއީ އަހަރެމެންގެ އެންމެ ފުރަތަމަ ދަރިފުޅު. އައްޑޫ އިން މާލެ އައިރު އަހަރެންގެ ބަނޑަށް ދެމަސް. ސްކޭން ހަދަން ދިޔައީ ދެމީހުން އެކީގައެއްނޫންތަ؟ ބަނޑަށް ހަތަރުމަސް ވެގެން ހެދި ސްކޭންގައި އިނގުނީ އަހަރެމެންނަށް ލިބެން އުޅެނީ އަންހެން ދަރިއެއްކަން. އެދުވަހު އުފަލުން އަހަރެންގެ ހަށިގަނޑުގައި ބައްދާލައިގެން ހުރެ ނާސިހް ނުރޮންތަ؟ އެކަމަކު… ކިހިނެއްވީ…؟ އަހަރެންގެ ބަނޑަށް ހަ މަހުގައި އެދަރިފުޅު ބަނޑަށް މަރުވީ. ކީއްވެގެން؟ އެ އަނުމްގެ އަނގަ ވިހަވެގެން… އޭގެފަހުން އަހަރެން އަނުމްއަށް ނަފްރަތު ކުރަނީ. އަހަރެންގެ ހުރިހާ އުފަލަކަށް ހުރަސްއަޅަން މިދުނިޔޭގައި ހުރި އަންހެނެއް އެއީ…" ފަލަކްނާޒް އޭނާގެ ހުރިހާ އިހްސާސްތަކެއް އެއްފަހަރާ ބަންޑުންކޮށްލިއެވެ.
"ސާބަސް ފަލަކްނާޒަށް. އަހަރެން ހަމަ ޚައިރާންވެއްޖެ. ބަލަ ފަލަކްނާޒް ތިދެއްކި ވާހަކަތަކަކީ އަހަރެން ހަނދާނުގަ ހުރި ކަންތައްތަކެއް. އަހަރެން ހަނދާނުގަ އެބަހުރި އެއީ މަތިވެރި މާތްﷲ ގެ އިރާދަފުޅުކަން. އެވަރު ފަލަކްނާޒަށް ނުވިސްނޭތަ؟ ހަމަ އެހާ ގަމާރީތަ؟ އެކަލާނގެ އިރާދަފުޅުން ހިނގާ ކަންތައްތައްތަކާއި ހިނގާފައިވާ ކަންތައްތައް ކުށެއްނެތް މައުސޫމް އަންހެންކުއްޖަކާ ގުޅުވައި ވާހަކަދައްކަން ތިގޮތަށް ކޮޅަށް ހުންނާނެ ބާރު ލިބިފައިވީތީ ޝުކުރުކޮށްބަލަ. ފަލަކްނާޒް ހުންގަނޑެއް ޖެހިގެން މިހުރިހާ ދުވަހު އުޅުނީ އެއީ ވެސް އަނުމްގެ ކަމެއްތަ؟ ފަލަކްނާޒް އަތުން އެދަރިފުޅު ގެންދެވި ފަރާތުންނޭ އޭގެފަހުން ފިރިހެން ދަރިއަކު ދެއްވާފައި އެހެރީ. އަހަރެންނަށް ފަސްވަގުތު ނާޅާ ފަލަކްނާޒް ނަމާދުކުރާ މަންޒަރު ފެނޭ. އަދި މިއެނގުނީ އެއީ އެއްވެސް އެއްޗެއް އިނގިގެން ކުރާ ކަމެއް ނޫންކަން…" ނާސިހް ހުރިހާ އެއްޗެއް ކިޔަމުން ދިޔައިރުވެސް ފަލަކްނާޒް އިސްޖަހާލައިގެން ހުއްޓެވެ. އިރުކޮޅަކާ ލޯކައިރި ފޮހެލައެވެ.
"ބުނަންތަ ރަނގަޅު ވާހަކައެއް ނާޒް؟ ނާޒް ބަލިވެ އުޅޭތީ އެއްޗެއް ނުބުނަން އަހަރެން ވަރަށް މަސައްކަތްކޮށްފިން. އެކަމަކުދެން އަހަރެން މަޑުން ނުހުންނާނަން. އަހަރެން ފަލަކްނާޒާ ކައިވެނިކުރީ އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅަށް ވަރަށް ރަނގަޅު މައެއް ކަމުގައި ފަލަކްނާޒް ވާނެކަމަށް ހީކޮށްފައި. އެކުއްޖާގެ އުމުރުން ދިހަ އަހަރު ނުވަނީސް ބަދިގޭ މަސައްކަތްކުރާ މަންޒަރު އަހަރެންގެ ދެލޮލުން ދުށީން. އެކަނިވެރިކަމުގައި އެކުއްޖާ ދިރިއުޅެން އެހާ ކުޑައިރު ދަސްކޮށްފި. ދުވަހަކުވެސް މީހަކަށް ގެއްލުމެއްދޭން ދެރައެއްދޭން އަހަރެންގެ ދަރިފުޅު ނުވިސްނާނެ. ރަނގަޅު ތަރުބިއްޔަތެއްދީ އެކުއްޖާ ދީނަށް ހާނުވާނެ އެއްވެސް މައެއް ނެތް. އެކުއްޖާގެ އެހުރި ސިފައަކީ އެކުއްޖާ އަމިއްލައަށް ހޯދާފައިވާ ސިފަތަކެއް. އަހަރެން އަހަރެންގެ ދަރިފުޅާމެދު ފަހްރުވެރިވަން" ނާސިހް ވާހަކަދެއްކިއެވެ. ދުވަހަކުވެސް މީހެއްގެ ކުރިމަތީގައި ކަރުނައަޅާފައިނުވާ ނާސިހް މިއަދު ގިސްލާފައި ރޮއެފިއެވެ. އަޅައިގެން ހުރި އައިނަށް ފުސްވާން ފެށުމުން އައިނު ނަގާފައި ދެލޯ ކައިރި ފޮހެލިއެވެ. އެނދުމަތީގައި އައިނު ބާއްވާފައި ރަތްވެފައިވާ ދެލޮލުން ފަލަކްނާޒަށް ބަލައިލިއެވެ.
"އަހަރެން މިއަދު ގޮތެއް މި ނިންމީ. މިކަހަލަ ދުވަހެއް ދުވަހަކުވެސް ދެކެން ޖެހިދާނެކަމަށް އަހަރެން ހިއެއް ނުކުރަން. އެކަމަކު މިކަން މިގޮތަށް ކޮށްގެން ނޫނީ ފަލަކްނާޒްގެ ތިނުބައި ދުލުން އަހަރެންގެ ދަރިފުޅު ސަލާމަތެއްނުކުރެވޭނެ. ފަލަކްނާޒާއި އަނުމް އާ ދޭތެރެއިން އަހަރެން މިނެގީ އަނުމް. އެއީ މައެއް ނެތް ނިކަމެތި ކުއްޖެއް. އަހަރެންގެ މި ނިންމުމުގެ ސަބަބުން ފަލަކްނާޒް އަހަރެން ކައިރިން މިނިވަންވާން ބޭނުންނަމަ އެފުރުސަތު ދީފިން. ﷲ އިރާދަކުރެއްވިއްޔާ އަހަރެންގެ ދަރިފުޅު އާރިޔަންގެ ދިރިއުޅުމަށް ދެން ނުވަންނާނެ. އެދަރިފުޅު އަހަރެންގެ ބަސްޤަބޫލުކުރާނެ. އެތަން ފަލަކްނާޒަށް އަހަރެން ދައްކާނަން" ނާސިހް ވާހަކަދެއްކިއެވެ. އޭނާ ފާހާނާއަށް ވަދެ ދޮރުލެއްޕިއިރުވެސް ފަލަކްނާޒް އިސްއުފުލާ ނުލައެވެ.
ސިޑިން ފައިބައިގެން އަންނަ އާވާ ފެނިފައި ނައިޝީ ހުރި ކިޔާނެ ބަހެއް ނޭނގިފައެވެ. ފަހަތުން އައި މާހިލް އާވާގެ އުނގަނޑުގައި އަތްއަޅުވާލާ ސަމާސާ ކޮށްލި މަންޒަރު ފެނުމުން ނައިޝީގެ ދެއަތް މުށްކެވިގެން ދިޔައެވެ.
(ނުނިމޭ)