މާހިލް ސިޑިން އަރައިގެން ގޮސް ކޮޓަރިއަށް ވަނެވެ. އޭނާއަށް ބޭނުންވާނެ ބައެއް ސާމާނު ހިފައިގެން ގޮސް ގެސްޓްރޫމަށް ވަނެވެ. ކުރަން އުޅުނު ކަންތައްތައް ކާމިޔާބުވާނެ ކަމުގެ ފެހި ސިގްނަލްތައް ލިބެން ފެށުމުން ނައިޝީގެ ތުންފަތްމަތިން ފާޅުވަމުން ދަނީ ފަތަހައިގެ ހިނިތުންވުމެވެ.
ޝާނިމްއަށް ބަލައިލާފައިވެސް އަމާޔާ އަޅައެއްނުލިއެވެ. ކުރަން ހުރި މަސައްކަތާއިގެން އޭނާ ދިޔައީ ކުރިއަށެވެ. ދެ ފޮށްޓަށް އެއްޗެހިއަޅާ އަލަމާރި އެއްކޮށް ހުސްކޮށްލިއެވެ.
"ވަޓްސް ރޯންގް" އެންމެފަހުން ޝާނިމް އަހައިލިއެވެ.
"އަހަރެން ބޭނުމެއްނޫން މިގޭގަ އުޅޭކަށް. މިއީ މީހަކު އުޅެން ހެޔޮވާވަރުގެ ތަނެއްނޫން" އަމާޔާ ބުނެލިއެވެ.
"ކިހިނެއްވީ…؟" ޝާނިމް ކުރިއަށް ޖެހިލަމުން އަހައިލިއެވެ.
"އަހަރެންނަކަށް ހިއެއްނުވޭ ޝާންއަށް ނޭނގިހެން ތިހެން ތިއަހަނީ" އަމާޔާ ބުނެލިއެވެ. މިފަހަރު ޝާނިމްއަށް އެއްޗެއް ވިސްނިއްޖެއެވެ. އަމާޔާއަށް ކަމެއް އިނގުނީއެވެ. އޭނާ އަމާޔާ ގާތަށް ޖެހިލާ އަމާޔާގެ ދެކޮނޑުގައި ހިފައިލިއެވެ. އެހިނދު ކަރުނަތައް ބަރާވެފައިވާ ދެލޮލުން ޝާނިމްއާއި ހަތަރުކަޅި ހަމަކޮށްލިއެވެ.
"މާޔާ ތިވިސްނަނީ ނުބައިކޮށް. މާހިލްއަކީ ގޯސްމީހެއްނޫން. އޭނަ އެއުޅެނީ…" ޝާނިމް ވާހަކަދެއްކިއެވެ.
"އޭނަ އެ އުޅެނީ…. ބުނެބަލަ… ނުބުނެވުނެއްނު. މިވަގުތު އަހަރެން މިހުރީ ވަރަށް ރުޅިގަދަވެފަ އިނގޭ. މާހިލް ދިފާއުކުރަން މިވަގުތު ކޮންމެ އެއްޗެއް ބުންޏަސް އަހަރެން ޤަބޫލެއްނުކުރާނަން" ޝާނިމްގެ އަތް ފޮޅާލާފައި އަމާޔާ އެނދުގައި އިށީނެވެ.
"އަހަރެންނަށް އަބަދުވެސް ފެނުނީ މާހިލް އަންހެނުންނާ ދުރުން އުޅޭ މަންޒަރު. މޫނުމަތި ހުންނަނީ އެހާ މާތްކޮށް. އަހަރެން ހީކުރީ މީހާގެ އިމާންތެރިކަމެއްވެސް ހުންނާނެ ކަމަށް. އެކަމަކު އެއީ ދެއްކުންތެރިކަމުން ފުރިފައިވާ އިންސާނެއް" އަމާޔާ އެއްޗެހި ކިޔަމުން ދިޔައެވެ. ޝާނިމް އަމާޔާ ކައިރީގައި އިށީނދެފައި އަމާޔާގެ ދެއަތުގައި ހިފައިލިއެވެ.
އޭނާ ގެއަށް އައިގޮތަށް ބައްދަލުކުރީ މާހިލް އާއެވެ. މާހިލްއަށް ދިމާވެގެން އެއުޅޭ ކަންތައް އޭނާއަށް މާހިލްގެ ދުލުން ކިޔައިދީފިއެވެ. އޭނާ މާހިލްއަށްޓަކައި ހަމްދަރުދީވިއެވެ. ގެއްލިފައިވާ އެކުވެރިޔާގެ އެ އުފާވެރިކަން އަނބުރާ ގެންނަން ބޭނުންވިއެވެ. އެކުވެރިޔާގެ ވާހަކަތައް އިތުރު މީހަކަށް ކިޔައިދޭން އޭނާ ބޭނުމެއްނުވެއެވެ. އެއީ އަމާޔާއަށް ވިޔަސް ހެވެވެ.
"މާޔާއަށް އެއްވެސް ޙަޤީޤަތެއް ނޭނގޭ. އެނގިއްޖިއްޔާ މާޔާ ހަމްދަރުދީވާނެ މާހިލްއަށް" ޝާނިމް ބުނެލިއެވެ.
"އަހަރެން މާހިލްއަށް ޙަމްދަރުދީ ނުވާނަން. އަހަރެން ހަމްދަރުދީ ވާނީ އެކުށެއްނެތް އާވާއަށް. ޝާން ނުދަންޏާ މިތާ ހުރޭ. އަހަރެން ހިނގައިދާނަން. މިގޭގަ އުޅޭ މީހުން ހިލޭ އަންހެނުން ކޮޓަރިއަށް ވައްދައިގެން ފާފަކުރާކަން އެނގި އެކަމަށް ހިތްވަރުދޭން ހުންނާކަށް އަހަރެން ބޭނުމެއްނޫން" އަމާޔާ އެނދުން ތެދުވެގެން އައިސް ފޮށީގައި ހިފައިފިއެވެ.
"މާޔާ…! އަދި ތިއީ ރަނގަޅު ވިސްނުމެއްނޫން… މާޔާއަށް އެއްވެސް ޙަޤީޤަތެއް ނޭނގޭއިރު…."
"ދެން ކޮބައިތަ ޙަޤީޤަތަކީ…؟ ކީއްވެ އެއްވެސް އެއްޗެއް އަހަރެންނަށް ކިޔައިނުދެނީ…" އަމާޔާ ވާހަކަދެއްކިއެވެ.
"ޝާން….!! މާޔާއަށް ހުރިހާ ޙަޤީޤަތެއް ކިޔައިދީ" ފަހަތުން އިވުނު މާހިލްގެ އަޑަށް ދެކުދިން އެކު ފަހަތަށް ބަލައިލިއެވެ. ކޮޓަރި ދޮރު ނުލެއްޕޭކަން ޝާނިމް ހަނދާންވީ އެހިސާބުންނެވެ. މާހިލްއަށް ބަލާލައިފައިވެސް އަމާޔާ ނަޒަރު ބަދަލުކޮށްލިއެވެ.
މާގިނައިރެއް ނުވަނީސް ކިޔާނާއި އެކުގައި ގެއަށް ވަން އިސްކޮޅުން ދިގު އަންހެންމީހާ ފެނިފައި ސޯފާގައި އިން ޙާޖަރު ކޮޅަށް ތެދުވިއެވެ. ދެމީހުން އެކަކު އަނެކަކަށް ފެނުމާއެކު ދެމީހުންގެ ތުންފަތަށް ވެރިވީ ހިނިތުންވުން އެއީ ޒަމާންވީ ދެ އެކުވެރިކަން ދޭހަކޮށްދިނެވެ.
"ވަރަށް އުފާވެއްޖެ މިހާ ދުވަސްކޮށްފައިވެސް ޝައިބާއާ ބައްދަލުވީމަ. އަހަރެން ގުޅާލީމަ އެހާ އަވަހަށް ފޯނަށް ޖަވާބުދީފި" ޙާޖަރު ވާހަކަދެއްކިއެވެ.
"ޙައްޖަ ނޫނީ އަހަރެން އެހާ ގާތްކޮށް ދެކޭ އެކުވެރިއެއް ނުހުންނާނެ. ޔުއަރ ލައިކް އަ ސިސްޓަރ… ހިނގާ އަވަހަށް. ކޮބާ އެމަންޖެ" ނުޝާއިބާ ޙާޖަރުގެ ކޮނޑުގައި ހިފާ ގަޔާއި ކައިރިކޮށްލިއެވެ.
ނުޝައިބާއާއި ޙާޖަރު އެކީގައި އާމާގެ ކޮޓަރިއަށް ވަން މަންޒަރު ބަލަން ހުރި ކިޔާން ސޯފާގައި އިން ޒެރީން ކައިރީގައި އިށީނެވެ.
"އެއީ ކޮންކަމަކާބެހޭ ޑޮކްޓަރެއްތަ މަންމާ" ކިޔާން އަހައިލިއެވެ.
"އެއީ ވިމެންސް ކްލިނިކްގަ މީހުން ބަލާ ހަމައެކަނި އަންހެނުންގެ ހާއްސަ ޑޮކްޓަރ ނުޝައިބާ. މަންމަގެ ރައްޓިއްސެއްވެސް ވަރަށް ފަހުން ދެއްކި އޭނައަށް" ޒެރީން ވާހަކަދެއްކިއެވެ.
"އެވީ ކީއްވެ އަންހެނުންގެ ޑޮކްޓަރަކަށް ދައްކަނީ" ކިޔާން އަހައިލިއެވެ.
"ނޭނގެ. ބަލިވީމައެއްނު. ނުބައި ހަބަރެއް ނުލިބުނިއްޔާ ރަނގަޅު" ޒެރީން ބުނެލިއެވެ.
ޙާޖަރު ކައިރީގައި ބަހައްޓައިގެން ނުޝައިބާ އެނދުގައި އިން އާވާއާއި އެކި ސުވާލުތައް ކުރަމުން ދިޔައެވެ. އާވާއަށް މިހާރު ދިމާވާ ހުރިހާ ކަންތަކެއް އޮޅުންފިލުވުމަށްފަހު ނުޝައިބާ ބަލައިލީ ޙާޖަރުގެ މޫނަށެވެ.
"ޓެސްޓަތަކެއް ހަދަން އެބަޖެހޭ. އަހަރެން މިދަނީ ލޭ ނަގައިގެން. ކޮބައިތަ މި މަންޖެގެ ފިރިމީހާ؟" ބޭސްސިޓީ ލިޔަމުން ނުޝައިބާ އަހައިލިއެވެ.
"އެބައުޅޭ. މިވަގުތު ގޭގަ ނެތީ ބުރަކޮށް އުޅުއްވާތީ މިދުވަސްކޮޅު" ޙާޖަރު ޖަވާބުދިނެވެ.
"މިއަދު އިރުއޮށްސޭހާއިރު އަހަރެން ގުޅާނަން އިނގޭ ޙައްޖައަށް. އަހަރެން ރިޕޯޓްތައް ނަގާފައި ގުޅާނީ. ދެން ދަނީ. އިޝާފަހުން ކުއްޖަކު އަތަށް ދީފަ ހުރިހާ ރިޕޯޓްތަކެއް ފޮނުވާނަން. އަހަރެން ކިޔައިދޭނަން ދެން ކަންތައްކުރަންވީ ގޮތް. މިވަގުތަށް އެންމެ ރަނގަޅުވާނީ ރެސްޓްކޮށް ރަނގަޅު އެއްޗެހި ކެއިމަ" އާވާގެ ބޮލުގައި ފިރުމާލަމުން ނުޝައިބާ ވާހަކަދެއްކިއެވެ.
ނުޝައިބާއާއި ޙާޖަރު އެކީގައި ކޮޓަރިން ނިކުތްތަނާ ރިޒާ އައިސް ކޮޓަރިއަށް ވަދެއްޖެއެވެ. ރިޒާ ފަހަތުން ޒެރީންވެސް ވަނެވެ.
"ދަރިފުޅު ކިހިނެއް މިހާރު؟" އާވާގެ އަތުގައި ހިފައިލަމުން ރިޒާ އަހައިލިއެވެ. އޭރު އެނދުގެ އަނެއްފަޅިން ޒެރީންވެސް އިށީނދެއްޖެއެވެ.
"ރަނގަޅު. މަންމަ ތަންކޮޅެއް ބޮޑުކޮށްލައިގެން އެއުޅެނީ. މިއީ އެހާވަރު ކަމެއްވެސް ނޫނެއްނު" އާވާ ވާހަކަދެއްކިއެވެ.
"މަންމައެއްނު ތި ކިއީވެސް. ހުރިހާ މަންމައިންވެސް އުޅޭނީ އެހެން" ރިޒާ ބުންޏެވެ.
"ބައްޕާ!! ބޭރުން ގެއަށް ދުރުވާއިރު އަޅުގަނޑަށް އޫރީދޫ ސިމެއް ގެނެސްދެވިދާނެތަ؟" އާވާ ވާހަކަދެއްކިއެވެ.
"ކޮބާ މިހާރު ދަރިފުޅު ބޭނުންކުރާ ސިމް" ރިޒާ އަހައިލިއެވެ.
"އެބައޮތް. އެއީ ދިރާގު ސިމެއްނު" އާވާ ބުންޏެވެ.
"މައްސަލައެއްނެތް. ދެން އަރާމުކޮށްލާ" އާވާގެ އިސްތަށިގަނޑުގައި ފިރުމާލަމުން ރިޒާ ބުނެލިއެވެ.
ގޯތިތެރޭގައި ހުރި ކުޑައިގެ ދަށުގައި ހުރި ދެމީހުންގެ ޖާގައިގެ ބެންޗުގައި އިން އަމާޔާ އިނީ ޝާނިމް ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހާށެވެ. އޭނާގެ މޫނު މައްޗަށް އަރާ ފައިބަމުންދާ ކުލަތަކުން ޝާނިމް ދައްކަމުން ދިޔަ ވާހަކަތަކުގެ ސީރިޔަސްކަން ހާމަވަމުން ދިޔައެވެ.
"ތިއީ ޙަޤީޤަތެއް ކަމުގައި ވަންޏާ މާހިލްސަރ އަށް އެނޫން ޗޮއިސްއެއް ނެތީތަ؟ އެވީ މިގެއިން ފޮނުވާލުންތަ ހައްލަކީ؟" އަމާޔާ އަހައިލިއެވެ.
"އެއީ ވަރަށް ނުރައްކާތެރި އަންހެނެއް. މިކަމުން މާހިލްއަށް އަރައިގަނެވޭނީ މިއަދު އަހަރެމެންގެ ދެމީހުންގެވެސް އެއްބާރުލުން ލިބިގެން. މާހިލްގެ އާއިލާއަކީ މިވަގުތު އަހަރެމެންނެއް ނޫންތަ؟" ޝާނިމް ވާހަކަދެއްކިއެވެ.
"މަށަށް ވިސްނިއްޖެ. ބަލަން ހުންނާތި ތި އަންހެނާއަށް އަހަރެން ޖައްސާ ހާލު. އަމިއްލައަށް ފެނިގެން މާހިލްސަރ ގެ ދިރިއުޅުމުން ދުރަށްދާވަރު ކުރާނަން" އަމާޔާ ދަތްކުނޑި ވިކައިގަތެވެ.
ސިޓިންރޫމުގައި އަލަމްއާއެކު ކެރަމް ކުޅެން އިން އަނުމް ބަލައިލީ ކޮޓަރިން ފަލަކްނާޒް ނިކުތްތަން ފެނުމުންނެވެ. ފަލަކްނާޒްގެ ފެނުނުއިރު ހީވަނީ އެތައް ދުވަހަކު ބަލިވެ އޮތުމަށްފަހު ތެދުވެ އުޅޭ މީހެއް ހެންނެވެ. ތިންދުވަހު ކޮޓަރިން ނުނިކުމެ އޮތުމަށްފަހު މިއަދު އެނިކުތީ ބަނޑުހައިވެގެން ކެތްނުވާވަރު ވުމުންނެވެ.
"އަލަމްކޮ މި ބުރު އެކަނި ނިންމާލާ އިނގޭ. ދޮންތަ މިއަންނަނީ" އަނުމް ވަނީ ފަލަކްނާޒް ފަހަތުން ބަދިގެއަށެވެ.
"ކޮޓަރިއަށް ވެއްދި ކާއެއްޗެހި ކެއިންތަ؟" ފަލަކްނާޒް ބަލައިލީ އަނުމް ވާހަކަދެއްކި އަޑަށެވެ.
ފަލަކްނާޒް ބަހެއް ނުކިއެވެ. އަނުމް އާ ޒުވާބުކުރާނެހާ ހިތްވަރު މިއަދު އޭނާގެ ނެތެވެ. ބަލައިލި ގޮތުންވެސް އަނުމްގެ ހިތުގައި ހަމްދަރުދީ އުފެދިގެން ދިޔައެވެ.
"ނުކަންދޯ. ބޭސްކާގަޑި ޖެހެނީނު. ޖޫސްތައްޓެއް ހަދައިދޭންވީތަ؟" އަނުމް އަހައިލިއެވެ.
"އަހަރެން ބޭނުމެއްނޫން" ފަލަކްނާޒް ބުނެލިއެވެ. ފެން ހޫނުކުރާ ޖަގަށް ފެން އަޅައިގެން ގޮސް އޭނާ ހުއްޓުނީ ކަބަޑްސެޓް ކައިރީގައެވެ.
"ތިހެން ކަންތައްކުރީމަ ކިހިނެއް ރަނގަޅުވާނީ؟ މިހާރުވެސް މީހާއަށް ކިރިޔާ ކޮޅަށް ތިހުރެވެނީ" އަނުމް ވާހަކަދެއްކިއެވެ.
"އެއީ ކަލެއާ ބެހޭކަމެއް ނޫން. ކަލޭ މަށާ ދުރުގަ ހުރޭ" ކުރަކިވެފައިވާ އަޑަކުން ފަލަކްނާޒް ވާހަކަދެއްކިއެވެ.
މާޔޫސްކަން ވެރިވެފައިވާ ހާލު އަނުމް ސިޓިންރޫމަށް ދާން އެނބުރި ވަގުތު މޫނު ޖެހުނީ އާރިޔަންގެ މޭމަތީގައެވެ. އަނުމް ހުރިގޮތުން ވެސް ކަމެއްވެއްޖެކަން އާރިޔަން ދެނެގަތެވެ.
"އާރިޔަން މަންމަ. ބައްޕަ އަތުން ނުދެންޏާ ކަނީކީ ނޫން. ދެން ކިހިނެއް ރަނގަޅުވާނީ" ފަލަކްނާޒަށް ނީވޭވަރަށް އަނުމް ބުނެލިއެވެ.
އާރިޔަން ބަދިގެ ތެރޭގައި ފުރަގަހަށް ހުރި ފަލަކްނާޒަށް ބަލައިލިއެވެ. އޭނާގެ ހަށިގަނޑު ނިކަމެތިވެފައިވާވަރު ފަހަތުން ބަލައިލުމުންވެސް ފާހަގަވެއެވެ.
"މަންމާ…! އާދެބަލަ މިތާ އިށިންނަން. ކޯޗެއް ތައްޔާރުކޮށްދޭންވީ. ނޫޑްލްސް ހަދައިދޭންވީތަ؟" ފަލަކްނާޒްގެ ފަހަތުން ކޮނޑުގައި ދެފަރާތުން ހިފައިލަމުން އާރިޔަން ލޯތްބާއެކު ބުނެލިއެވެ. ފަލަކްނާޒް ބަހެއް ނުކިޔާ ނޫން ފާޑަކަށް އާރިޔަންގެ އަތުތެރެއިން ދުރަށް ދިޔައެވެ.
"މަންމާ…!! ހެޔޮނުވާނެ ތިހެން ގޮތްދޫނުކޮށް އުޅެން ނަހަދަބަލަ. މަންމައަށް ކަމެއްވިއްޔާ އަހަރެމެން ކިހާ ދެރަވާނެ" ދެވަނަ ފަހަރަށް އާރިޔަން ފަލަކްނާޒްގެ ދެއަތުގައި ހިފައިލިއެވެ. މިފަހަރު ފަލަކްނާޒް އާރިޔަން ދުރުކުރަން މަސައްކަތެއް ނުކުރެއެވެ. އާރިޔަން ފަލަކްނާޒް ގޮވައިގެން ދިޔައީ ގޮނޑީގައި ބައިންދާށެވެ. އޭނާ ހުއްޓުނީ ދޮރުމަތީގައި ހުރި އަނުމް ފެނިފައެވެ. އާރިޔަން އަނުމްއަށް ބަލައިލާފައި ދެން ބަލައިލީ ފަލަކްނާޒަށެވެ.
"އަނުމް އިހަށް ދާންވީނުން މިތަނުން" ރުޅިއަންނަކަމަށް ހަދާފައި އަނުމްއަށް އާރިޔަން ބުނެލިއެވެ. އަނުމް އަވަސް އަވަހަށް ބޭރަށް ދެމިގަތެވެ.
ފަލަކްނާޒް ގޮނޑީގައި ބައިންދާފައި އާރިޔަން ފުރިޖު ކައިރީގައި ހުރެ ފޯނުން އަނުމްއަށް ލޯބި މެސެޖެއް ކޮށްލިއެވެ. އެއަށްފަހު ޖޫސްތައްޓެއް ގިރާފައި ފަލަކްނާޒް ކައިރީގައި އިށީނެވެ. އާރިޔަން އަތުން ފަލަކްނާޒަށް ޖޫސްތަށި ބޯންދިނެވެ. އެއަށްފަހު ފަލަކްނާޒަށް މީރުވާނޭ ގޮތަށް ނޫޑްލްސް ކައްކައިދިނެވެ. ކާންދީފައި ކޮޓަރިއަށް ގެންގޮސް މޫނާއި ހަތަރެސްފައި ދޮށްވާ އިސްތަށިގަނޑުގައި ފުނާ އަޅުވައިދިނެވެ. އެނދުގައި ބޭއްވުމުގެ ކުރިން ބޭސްދިނެވެ.
ނުޝައިބާގެ މެސެޖް ލިބުމާއެކު ޙާޖަރު ދުވެފައި ގޮސް އާވާގެ ކޮޓަރިއަށް ވަނެވެ. މޭޒު ކައިރީގައި ކޮފީތައްޓެއް ހިފައިގެން އިން ރިޒާ ބަލައިލިއެވެ. އެންމެފަހުން އޭނާވެސް ޙާޖަރު ފަހަތުން ހިނގައިގަތީ އާވާއަށް ކަމެއްވީ ކަމަށް ހީކޮށްފައެވެ.
ފާހާނާއިން ވުޟޫކޮށްގެން ނިކުތް އާވާއަށް ކުއްލި ސިހުމެއް ލިބުނީ ޙާޖަރު އައިސް އޭނާގެ ހަށިގަނޑުގައި އޮޅުލައިގަތުމުންނެވެ. އާވާއަށް ޚައިރާންކަމެއް ލިބި ފުރަތަމަ ބަހެއްވެސް ނުކިޔުނެވެ. ޙާޖަރުގެ ފަހަތުން އައިސް ވަން ރިޒާއަށް ވެސް ބަހެއް ނުކިޔާ ހުރެވުނީ ފެންނަމުންދިޔަ މަންޒަރަކުންނެވެ.
"މަންމާ…!!" ޚައިރާންވެފައި ހުރި އާވާ ޙާޖަރަށް ގޮވައިލިއެވެ.
"ދަރިފުޅާ… މަންމަ މިއަދު ހާދަ އުފަލެއްވެއްޖޭ. އަލްޙާމްދުލިﷲ…. ރިޒާ ތިދޮރު ލައްޕާލާފަ ދުރުވެބަލަ މިކޮޅަށް" އާވާ ގޮވައިގެން އައިސް އެނދުގައި ބައިންދަމުން ޙާޖަރު ބުނެލިއެވެ.
"ދަރިފުޅާ…! ދަރިފުޅު ތީނީ ބަލިވެ. އަހަރެމެންގެ އެވީ ބަނޑުބޮޑު ރިޒާ. ދެންމެ ނުޝައިބާ ގުޅާފަ ހުރިހާ އެއްޗެއް އެކިޔައިދިނީ" ލިބުނު އުފަލެއްގެ ބޮޑުކަމުން ރިޒާ މޫނުގައި ޙަމްދު އެޅިއެވެ.
ޙާޖަރު ދައްކަމުންދިޔަ ވާހަކަތައް ޤަބޫލުކުރަން ދަތިވެފައި އިން އާވާގެ ދެލޮލުން އުފާވެރިކަމުގެ ކަރުނައެއް ފައިބައިގެން ދިޔައެވެ. އޭނާ ބަނޑުބޮޑު ނުވާންވީ އެއްވެސް ސަބަބެއް ނެތޭ ހިތަށް އެރިއެވެ. ވަގުތުން އެ އުފާވެރި ޚަބަރު މާހިލް އާ ހިއްސާކުރަން އޭނާގެ ހިތްއެދުނެވެ.
"މަންމާ…! ހަމަ ތެދެއްތަ މަންމާ… މާހިލް ވަރަށް އުފާވާނެ. ހަމަ މިހާރު މާހިލްއަށް މި ހަބަރު ދޭން އަޅުގަނޑު ބޭނުން" އާވާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ.
"އަވަހަށް ގުޅާ ދަރިފުޅާ. މާހިލްއަށް އެންމެ ފުރަތަމަ އަންގަންޖެހޭނީ" އާވާގެ އިސްތަށިގަނޑުގައި ފިރުމާލަމުން ރިޒާ ބުނެލިއެވެ. އާވާ ވަގުތުން ފޯނު ނަގާފައި މާހިލްއަށް ގުޅިއެވެ. އާ ނަންބަރަކުން ގުޅުމުން ކަންނޭނގެއެވެ. މާހިލް ފޯނަށް ޖަވާބު ނުދިނެވެ. އާވާ ދެފަހަރަކު ގުޅިއެވެ. މާހިލް ފޯނު ނުނެގިއެވެ.
"ފޯނެއް ނުނަގާ. އިރުކޮޅަކުން ގުޅާނެ ކަންނޭނގެ" އާވާ ބުނެލިއެވެ. އަދިވެސް އޭނާގެ ދެލޯ ކައިރީގައި ވަނީ ކަރުނަ ފޭދިފައެވެ. ހިތަށް ވަނީ އިންތިހާ ދަރަޖައިގެ އުފާވެރިކަން ލިބިފައެވެ. އޭނާގެ ހަށިގަނޑުގައި ވިންދުޖަހަމުން އެދަނީ އެދެމީހުންގެ ލޯބީގެ ނިޝާނެވެ. ދެމަފިރިންވެސް ކުރި ދިގު އިންތިޒާރުގެ ނިމުމެވެ.
"ޝައިބާ ބުނި އޭނަގެ ދަރި ނަތާޝާވެސް ފުރަތަމަ ފަހަރަށް ބަނޑުބޮޑުވެގެން މާބޮޑު ރެސްޓެއްނެތި އެހެން އުޅެންފެށީމަ އެބޯޓްވީއޭ. މަންމަ ބޭނުމެއްނޫން ދަރިފުޅަށް އެހެން ވާކަށް" ޙާޖަރު ވާހަކަދެއްކިއެވެ.
"ޙައްޖަވެސް ދައްކާ ވާހަކަ ދޯ. ހުރިހާ މީހުންނަށް އެއްގޮތެއްނުވާނެއްނު" ރިޒާ ވާހަކަދެއްކިއެވެ.
"އަޅުގަނޑު ކަންތައްކުރާނީ މަންމައާއި ބައްޕަ ބުނާ ގޮތަކަށް. އެކަމަކު ދެން މާގިނަދުވަހު މާހިލް ކައިރިއަށް ނުގޮސް މިގޭގަ އިންނަން އަޅުގަނޑު ބޭނުމެއްނޫން. އަޅުގަނޑު ބޭނުމީ ވީހާވެސް އަވަހަކަށް މާހިލް ކައިރިއަށް ދާން" މައުސޫމް ގޮތަކަށް އާވާ ބުނެލިއެވެ. ޙާޖަރާއި ރިޒާ އެކަކު އަނެކަކާ ބަލައިލަމުން ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. އެދެމަފިރިން ލޯމަތިން އެންމެ ސިކުންތަކަށްވެސް އެދަރިފުޅު ގެއްލެން ނޭދެއެވެ. އެކަމަކު އެގޮތަށް ކަންތައްތައް ނުވާނެކަންވެސް އިނގެއެވެ.
ބަދިގެއަށް މާހިލް ވަނީ ކޮފީއެއް ބަލައެވެ. ކުއްލިއަކަށް މީހަކު ފަހަތުން އޭނާގެ ހަށިގަނޑުގައި ބައްދައިގަތެވެ. އެއީ ކާކުގެ އަމަލެއްކަން މާހިލްއަށް އިނގުނެވެ. އޭނާ ވަގުތުން ނައިޝީގެ އަތް ނައްޓުވާލިއެވެ. ރުޅިވެރި ނަޒަރަކުން ނައިޝީއަށް ބަލައިލިއެވެ.
"ލަދެއް ހަޔާތެއްވެސް ނެތް އަންހެނެއްކަން އިނގޭ. ކަލޭ މަގޭ ހަށިގަނޑުގަ އިނގިލި ކުރިވެސް ޖައްސައިނުލާތި. ކަލޭ ތިކުޅެން އުޅޭ ކުޅިގަނޑަށް ވަރަށް އަވަހަށް ނިމުން އަންނާނެ" މާހިލް ނައިޝީއަށް ބުނެލިއެވެ.
"މިސާލަކަށް ކިހިނެއް ނިމުން އަންނާނީ… ބުނެބަލަ. އަދިވެސް ޖަވާބެއްނުދޭތީ އަސްލު ކޮޓަރިން ބޭރުގަ މިހެން މިއުޅެވެނީ" ކަބަޑްމަތީގައި އަރާ އިށިންނަމުން ނައިޝީ ބުނެލިއެވެ.
"ބުނަންތަ ރަނގަޅު ވާހަކައެއް. ކަލެއަށް އެއްކަމެއްވެސް ނުވާނެ. ކަލޭ މިގެއިން ނެރެން އެބައާދޭ… އެދުވަހަކުން ކަލޭ މިގެއިން ނެރޭނީ ރައްޔިތުން ކުރިމަތީގަ" މާހިލް ބުނެލިއެވެ. މާހިލް ދެއްކި ވާހަކަތަކާމެދު ފުރަތަމަ ފަހަރަށް ނައިޝީ ވިސްނައިލިއެވެ.
"އަދި ބުނަންތަ ތެދެއް. އަހަރެން ކަލޭ ބުނި އެއްވެސް އެދުމެއް ފުއްދާކަށް ނެތިން. ތިކަހަލަ މުޑުދާރު އަންހެނަކަށް ދުވަހަކުވެސް އަހަރެންގެ ނިޔަފައްޗެއް ޖެހެންވެސް ނޭދެން. އަޑުއިވިއްޖެތަ…؟ ނައު ގެޓް ލޮސްޓް…" މާހިލް އަޑުހަރުކޮށް ވާހަކަދެއްކިއެވެ.
ނައިޝީ ދިޔުމުން މާހިލް ބަދިގެއިން ނިކުންނަން ހިނގައިގަތެވެ. އޭނާ ކުރަންއުޅުނު ކަންތައްމަތިންވެސް ފޫހިވިއެވެ. ނައިޝީ އޭނާގެ މުޅި މޫޑު ހަރާބުކޮށްފިއެވެ. ދުރުދުރުގައި ފިޔަވަޅު އަޅަމުން ގެސްޓްރޫމަށް ވަންނަން ދިޔަ މާހިލް މަޑުޖެހުނީ ފަހަތުން ގޮވަމުން އައި އަމާޔާގެ އަޑު އިވުމުންނެވެ.
"އެވީ ބުނި އެހެން ނަންބަރަކުން އެބަގުޅަމޭ. ރޭގަވެސް ގުޅީމޭ ފޯނަށް ޖަވާބެއްނުދެއޭ" މާހިލްގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެއްޖެއެވެ. ޖީބުގައި އޮތް ފޯނު ނަގާފައި އާވާ ގުޅުމުގެ ކުރިން ރޭގައި ގުޅާފައި އިން ނަންބަރަށް ގުޅައިލިއެވެ.
"މާހިލް….." އާވާގެ އަޑު ކަންފަތުގައި ޖެހުމާއެކު މާހިލްއަށް ދެލޯ މަރާލެވިއްޖެއެވެ. ހިތަށް ލިބުނު ހިތްހަމަޖެހުމުގައި އޭނާގެ ދެލޮލުން ކަރުނަ ފާއްދާލައިފިއެވެ.
"އަހަރެން ގެންދޭ. ދެން އެންމެ މިނެޓަކުވެސް މިތަނުގަ ހުންނަން ބޭނުމެއްނޫން" އާވާ ބުނަމުން ދިޔައެވެ.
"ސޫން މައި ލަވް… މިއަދު.. އެހެންނޫނީ މާދަމާ އެވީ ގެންނާނަން" މާހިލް ބުނެލިއެވެ.
"އަހަރެން މާހިލްއަށް ވަރަށް އުފާވެރި ހަބަރެއްދޭން ބޭނުން. އަހަރެން މިރޭ ދާނަން. އެއްކޮށް. މާހިލް ހުންނަ ތަނެއްގަ އަހަރެންނަށްވެސް ހުރެވޭނެއްނު. ޕްލީޒް ނޫނެކޭ ނުބުނައްޗޭ… މިވަގުތު އަހަރެންނަށް ބޭނުންވަނީ ހިތްހަމަޖެހުން. އަހަރެންގެ ހިތްހަމަޖެހުން އޮތީ މާހިލް ފެންނަ ހިސާބުގަ ހުރީމަ" މާހިލް އެއްބަސްވިއެވެ.
އަމާޔާ ބަދިގެއަށް ވަނީ އިޝާނަމާދުގެ ފަހުންނެވެ. އޭނާ ބޭނުންވަނީ މާހިލްއާއި ޝާނިމްއަށް ހޫނުކޮށް ސްޕްގެޓީ ކާންދޭށެވެ. ފިޔާ ކޮށަން ގޮނޑީގައި ހަމަޖެހިލިތަނާ ނައިޝީ އައިސް ބަދިގެއަށް ވަދެއްޖެއެވެ. އަމާޔާއަށް ނައިޝީ ފެނުމުން މޫނުމަތީގައި ވަޅި އަޅާއިފާނަމޭ ހިތަށް އެރިއެވެ.
"އަހަރެން މިއައީ މާހިލްއަށް އެއްޗެއް ކައްކަދޭންވެގެން. އޭނަ ހުރީ އަހަރެން އަތުން އެއްޗެއް ކެއްކީމަ ކާން ކެތްމަދުވެފަ" އައިސްއަލަމާރި ހުޅުވާލަމުން ނައިޝީ ވާހަކަދެއްކިއެވެ. އަމާޔާ ހަމަ ބަހެއްވެސް ނުކިޔާ އިނެވެ.
"އިނގޭތަ! ރޭގަ އަހަރެމެން ހާދަ މަޖަލޭ. ކޯޓްތައް ހުޅުވިހައި އަވަހަކަށް އަހަރެމެން އަލުން ކައިވެނި ކުރާނަން" ހެވި ދިލިފައި ހުރެ ނައިޝީ ވާހަކަދައްކަމުން ދިޔައެވެ.
"އާނ ރޭގަ މާހިލްސަރ އާއި އެވީ ފޯނުގަ ތިބެ އެކަކު އަނެކަކާއެކު ވަރަށް މަޖާކުރި. އަހަރެންވިއްޔާ ފޯނުން އެދެމީހުން ބައްދަލުކޮށްދިނީ" އަމާޔާ ވާހަކަދެއްކިއެވެ. ވަގުތުން ނައިޝީ ހިމޭންވިއެވެ.
ކޮށި ފިޔާއެތި ހިފައިގެން ގޮސް އަމާޔާ ހުއްޓުނީ ނައިޝީ ކުރިމަތީގައެވެ. އަމާޔާގެ ތުންފަތަށް ވެރިވެފައިވި މަލާމާތުގެ ހިނިތުންވުން ފެނި ނައިޝީ ރަކިވިއެވެ.
"ކީކޭ..؟ މާހިލްއަށް ތިމަންނަ އަތުން ކައްކައިދޭށޭ… ހެހެހެ އިނޭގަތަ އެކަންކުރަން. އަހަރެން ހީކުރީ މީހުންގެ ދިރިއުޅުން ހަލާކުކުރަން އެކަނިކަމަށް އިނގެނީ… ލަދެއްވެސް ނުގަނޭތަ؟ ވަންނާނެ ގެއެއް ނެތަސް އަހަރެން ތިވައްތަރަކަށް ނުތެޅޭނަން" އަމާޔާ ވާހަކަދައްކަމުން ދިޔައެވެ.
"އަމާޔާ ކޮންމެ އެއްޗެއް ކިޔަސް އަހަރެން ކުރަންއުޅޭ ކަންތައް ކޮށްފަ ނޫނީ އެންމެ ފިޔަވަޅެއްވެސް ފަހަތަށް ނާޅާނަން" ނައިޝީ ބުނެލިއެވެ.
"އެކަމަކު ތިކަހަލަ މުޑުދާރު ހަޑިއެއް ހާވައިގެން އަހަރެންނަމަ ބަދަލެއް ފުރިހަމަކުރަން ނޫޅޭނަން. ތިއީ އަންހެނެއްވެސް ނޫނެއްނު. އަހަރެން ބޭނުމެއްނޫން ތިކަހަލަ އަންހެނެއް އަހަރެން ކުރިމަތީގަ ހުންނާކަށް. ހަމަމިހާރު އަހަރެންގެ ކުރިމަތިން ދުރަށްދޭ. އެހެންނޫނީ މި ފިޔާއެތި ލޮލަށް އަޅާ ދެލޯ ރަތްކޮށްލާނަން" އަމާޔާ ހަޅޭއްލަވައިގަތެވެ. ނައިޝީ ދެތިން ފިޔަވަޅު ފަހަތަށް ޖެހިލުމަށްފަހު ބަދިގެއިން ނިކުންނަން ދުއްވައިގަތެވެ. ޙަޤީޤަތުގައިވެސް އަމާޔާގެ ބޮޑުބޮޑު ދެލޯ ފެނި ނައިޝީ ޖެހިލުންވިއެވެ.
އާވާ ގެއަށް އައިސްވަނީ އަމާޔާ އަދި ޝާނިމް އާ އެކީގައެވެ. ދޮރުން ވަންގޮތަށް އާވާ ދުއްވައިގަތީ ގެސްޓްރޫމާ ދިމާލަށެވެ. ފަހަތުން އާވާގެ ފޮށި ދަމަމުން ޝާނިމް ވަދެފައި ބަލައިލީ އަމާޔާ ސޯފާގައި އިށީނުމުންނެވެ.
"ޝާން ދޭ ކޮޓަރިއަށް. އަހަރެންގެ މިޝަންއެއް އެބައިން މިރޭ" ޝާނިމް ބަލައިލުމުން އަމާޔާ ބުނެލިއެވެ. އޭނާ ބަލައިލީ އިރާކޮޅުގެ ވަގުތެއްގައި މާހިލް ހަވާލުކުރި ވަކިން އޮތް ތަޅުދަނޑިއަށެވެ.
ދޮރުހުޅުވާލި މާހިލްއަށް ކުރިމަތީގައި ހުރި އާވާ ފެނުމުން އޮޅުލައިގަތެވެ. އާވާ އުރާލުމާއެކު އޭނާގެ ހަށިގަނޑާއިލާ ފިއްތާލިއެވެ. ހުޅުވިފައިހުރި ދޮރު ފައިން ލެއްޕުމަށްފަހު އާވާއާއި އެކު އެނދުމައްޗަށް ވެއްޓިގަތެވެ. އާވާއަށް ބަހެއް ކިޔާނެ ފުރުސަތެއްނުދީ އާވާގެ ހަށިގަނޑުގައި އޮޅުލަމުން ދިޔައެވެ. އޭނާގެ ކޮންމެ ހަރަކާތަކުން ދޭހަވަނީ އޭނާގެ ކެތްތެރިކަން ކޮޅުންލާފައިވާ ކަމެވެ.
"މާހިލް…. މާޙިލް އަހަރެން ޕްރެގް…" އެތައް ދުވަހަކަށްފަހު ހިތަށް ކުރެވެމުންދިޔަ އިހުސާސްތަކުގެ ތެރެއިން މާހިލްއަށް އާވާގެ އަޑު އިވިގެން ދިޔައެވެ. އޭނާގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. އާވާގެ ހަށިގަނޑުން ދޫކޮށްލުމަށްފަހު އާވާގެ މޫނަށް ބަލައިލިއެވެ. އެވަގުތު އާވާގެ ތުންފަތް މައްޗަށް ވެރިވެފައިވާ ހިނިތުންވުމުންނާއި ދެލޮލުން ވެއްޓެން ތައްޔާރުވެފައިވާ ކަރުނަތިކި މާހިލްއަށް އެކަމުގެ ޔަޤީންކަން ދިނެވެ. އޭނާއަށް އެއްވެސް ހުރަހަކާ ނުލާ އާވާގެ ތުނިތުނި ބަނޑުގައި އަތް ޖައްސައިލެވުނުވެ.
(ނުނިމޭ)