ވާހަކަ

ކޮންމެ ހިނދެއް - 39

2

އަބަދުވެސް…" އާވާ ބުނެލިއެވެ. މާހިލް އާވާގެ ދެއަތް ތިލައިގައި ހިފާ ފިތާލިއެވެ. ދެ އަތުގައި ބޮސްދިނެވެ. ފަހު ވަގުތު އެކަކު އަނެކަކުދެކެ ވާ ލޯބި ކަޅު ބިއްލޫރި ޖެހި ކާރުގެ އެތެރޭގައި ސާބިތުކުރިއެވެ. ދެ ތުންފަތުން ލޯބީގެ ހަދިޔާ ބަދަލުކުރިއެވެ. ވަރަށް ހިތްދަތި ވަގުތުކޮޅެކެވެ.

ފޮށި ދަމަމުން ގެއާއި ދިމާލަށް ދިޔަ އާވާ ފަހު ފަހަރަށް އެނބުރި މާހިލްއަށް ބަލައިލިއެވެ. މާހިލް ބަލަހައްޓައިގެން އިންއިރު މާހިލްގެ ދެލޮލުގައިވީ ކަރުނަ އާވާއަށް ނުފެނެއެވެ. މާހިލް ނަޒަރު ބަދަލުކޮށްލީ އާވާ ދޮރުން އެތެރެއަށް ވަނީމައެވެ.

"އެވީ…! އައި ޕްރޮމިސް އަހަރެން ވަރަށް އަވަހަށް އެވީ ގެއަށް ގެންނާނަން" މާހިލް ހިތާހިތުން ބުނެލިއެވެ.

ޖީބުގައި އޮތް ފޯނު ނަގާފައި ނައިޝީގެ ނަންބަރު ޖަހާފައި ގުޅައިލިއެވެ. ކަންފަތުގައި ފޯނު ޖަހާލާފައި ފުން ނޭވާއެއް ދޫކޮށްލިއެވެ.

"ކަލޭ ބޭނުންވި ކަންތައްވެއްޖެ. އަހަރެން ކަލެ އާ ހަމަ މިހާރު މިވަގުތު ބައްދަލުކުރަން ބޭނުން. އަހަރެން ކުރިމަތީގައި ކަލޭ ޖެހޭނީ އެ ވީޑިއޯތައް ނައްތާލަން" މާހިލް ވާހަކަދެއްކިއެވެ.

ބެލް ޖަހައިލުމާއެކު ބަދިގޭގައި ތަށި ދޮންނަން ހުރި ޙާޖަރު ސިޓިންގްރޫމާއި ދިމާލަށް ބަލައިލިއެވެ. އެއްވެސް މީހަކު ދޮރު ހުޅުވަން ނުދިޔުމުން ސިޓިންގްރޫމުގައި އެއްވެސް މީހަކު ނެތްކަން އިނގުނެވެ. ފުރިޖު މަތީގައި ހުރި ޓިޝޫ ފޮށިން ޓިޝޫއެއް ނަގާ އަތް ފުހެމުން ދޮރާއި ދިމާލަށް ހިނގައިގަތެވެ.

"ކޮބައިތަ މިގޭ މީހުން؟" ހުރިހާ ދިމާލެއް ބަލައިލަމުން ޙާޖަރު ބުނެލިއެވެ.

ދޮރު ހުޅުވާލުމާއެކު ބޭރުގައި ހުރި އާވާ ޙާޖަރަށް ފެނިއްޖެއެވެ. އެހާ ކުއްލިގޮތަކަށް އާވާ ފެނުމުން ޙާޖަރުގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. ނަމަވެސް އާވާ ކައިރީގައި ހުރި ބަހައްޓާފައި ހުރި ފޮށި ފެނުމާއެކު ޙާޖަރުގެ ތުންފަތަށް ވެރިވީ ހިނިތުންވުން ފިލައިގެން ހިނގައްޖެއެވެ. އާވާގެ މޫނުމަތިން ފެންނަން ހުރި އަސަރުން ކަންތައްގަނޑެއް ގޯސްވެއްޖެކަން ވިސްނުނެވެ.

"ދަރިފުޅާ…!!" ޙާޖަރަށް ރަނގަޅަށް ވާހަކަނުދެއްކެނީސް އާވާ ޙާޖަރުގެ ހަށިގަނޑުގައި ބައްދައިގަނެއްޖެއެވެ.

"ހުރިހާ ކަމެއް ރަނގަޅުތަ؟ ކީއްވެ ފޮށި ހިފައިގެން ތިއައީ؟ މާހިލް ކޮބާ…"؟ ޙާޖަރު ހުރިހާ ސުވާލެއް އެއްފަހަރާ ކުރިއެވެ.

"މަންމާ… އަހަރެންނާ މިވަގުތު އެއްވެސް ސުވާލެއް ނުކޮށްފާނަންތަ؟ އަހަރެން ދުވަސްކޮޅަކަށް މިގޭގަ މަންމަމެން ކައިރީގައި ހުންނަން ބޭނުން. އަހަރެން ވަގުތު ބޭނުން" އާވާ ވާހަކަދެއްކިއެވެ.

ކޮޓަރިން ނިކުތް ޒެރީންއަށް ފެންނަން ހުރީ ހަމައެކަނި ދޮރުމަތީގައި ހުރި ޙާޖަރެވެ. އާވާ ފެނުނީ ތަންކޮޅެއް ކުރިއަށް ހިނގައިގަތްފަހުންނެވެ. އާވާ މޫނުމަތި ފެނުމާއެކު ކަންތައްތައް ރަނގަޅުނޫންކަން ޒެރީންއަށް އިނގުނެވެ. އާވާއާއި މެދު ހަމްދަރުދީ ވުމުގެ ބަދަލުގައި ޒެރީންގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ.

"މާހިލް އާ މައްސަލަ ޖެހުނީތަ؟" ފަހަތުން ޒެރީންގެ އަޑު އިވުމާއެކު ޙާޖަރާއި އާވާ އާ އެކީގައި ބަލައިލިއެވެ.

"ނޫން… މަންމާ.. ދާމް ލައްވާ އަޅުގަނޑުގެ ފޮށި ކޮޓަރިއަށް ވައްދައިދޭންވީނުން" އާވާ ވާހަކަދެއްކިއެވެ. ޙާޖަރު ބޯޖަހައިލުމާއެކު އާވާ ކުރިއަށް ހިނގައިގަތެވެ. ކޮޓަރީ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަނުމުގެ ބަދަލުގައި އާވާ ހުއްޓި ފަހަތް ބަލައިލިއެވެ.

"ކިޔާން އެބައުޅޭތަ؟" އާވާ އަހައިލީ ޒެރީން ކުރެންނެވެ.

"އެބައުޅޭ ކޮޓަރީގަ. ދާރިމް އާ ދެކުދިން ގޭމެއް ކުޅެން ތިބި" ޒެރީން ޖަވާބުދިނެވެ. އާވާ މިސްރާބުޖެހީ ދާރިމްގެ ކޮޓަރިއާއި ދިމާލަށެވެ.

އާވާ ކޮޓަރިއަށް ވަންތަން ފެނުމާއެކު ބަލައިލިއެވެ. އާވާ ފެނުމާއެކު ކިޔާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

"އެވީ…!" ކިޔާން ކިޔައިލިއެވެ.

"ދާމް… ދޮންތަގެ ފޮށި ކޮޓަރިއަށް ގެންގޮސްދޭންވީނުން" ކިޔާންއަށް ބަލައިލުމެއްނެތި އާވާ ވާހަކަދެއްކީ ދާރިމް އާއެވެ.

ދާރިމް ކޮޓަރިން ނިކުތުމާއެކު އާވާ އެކޮޓަރި ދޮރުލެއްޕިއެވެ. ކިޔާންއަށް ބަލައިލި ވަގުތު ކޮޓަރި ހުޅުވާލާފައި ޒެރީން ބޯދިއްކޮށްލިއެވެ.

"އަޅުގަނޑު ކިޔާން އާ ވަކިން ވާހަކަދައްކާލަން ބޭނުން" އާވާ ބުނެލިއެވެ. އެއްޗެއް ނުބުނެ ޒެރީން ދޮރުލެއްޕިއެވެ.

ކިޔާން ކޮޅަށް ތެދުވެ އާވާ ކައިރިއަށް ފިޔަވަޅެއް އަޅައިލިއެވެ. އަދިވެސް އޭނާގެ ތުންފަތްމަތިން ފެންނަން ހުރީ ހިނިތުންވުމެކެވެ.

"އެވީ ޗުއްޓީ ހަދާލަން މިގެއަށް އައީތަ؟" ކިޔާން ބުނެލިއެވެ.

"އެއީ ކިޔާން ބޭނުންވާ ގޮތެއްނު. މާހިލް އަހަރެން ދޫކޮށްލައިފި. އެހެންވެ ގެއަށް އެއްކޮށް އައީ" އާވާ ބުނެލިއެވެ. ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އާވާ ބުނި އެއްޗަކާ ގުޅިގެން ކިޔާންއަށް ދެރަވާކަމަށް ނުހެދުނެވެ. އޭނާގެ ހިތަށް ލިބުނު ހިތްހަމަޖެހުމުގައި އުދުއްސައިގަންނަން ހިތްއެދުނެވެ.

"އަހަރެން ވާހަކައެއް އަހާލަންތަ؟" އާވާ އަހައިލިއެވެ.

"އަހަރެން ވަރަށް ދެރަވެއްޖެ. އަހާބަލަ" ކިޔާން ބުނެލިއެވެ.

"ނައިޝީ ކިހާވަރެއްދިން؟" އާވާ އަހައިލިއެވެ.

"ވަޓް….؟ ވަޓް ޔޫ މީން…؟" ކިޔާން ބުނެލިއެވެ.

"ކިޔާން…! ނޭނގޭކަމަށް ނަހަދާ. އަހަރެން ބޯ ހުންނަނީ ހަމައެކަނި ފުނާ އަޅާކަށްނޫން. އަހަރެންނަށް މިހާލު ޖެއްސީ ކިޔާން. ކިޔާން އެދުވަހު ކޮޓަރިއަށް ވަނީ ފާހާނާއަކަށްނޫން. އަހަރެން ބަދުނާމުކުރާނެ ގޮތެއް ހޯދަން" އާވާ ވާހަކަދައްކަމުން ދިޔައެވެ. ކުރި ހުރިހާކަމެއް އެހާ އަވަހަށް ފަޅާއަރަމުންދާތީ ކިޔާން ހުރީ ހާސްވާގޮތް ވެފައެވެ.

"އެވީ…! އަހަރެން މިހުރިހާ ދުވަހު ދެކެމުން އައީ ތިއީ އަހަރެންގެ އެންމެގާތް އެކުވެރިޔާ ކަމަށް. އެކަމަކު ތިޒާތުގެ ހަޑި މުޑުދާރު ވާހަކަ އަހަރެންނާ ގުޅުވައިގެން ދައްކާކަމަށް ވަންޏާ މިއެކުވެރިކަން މިހާ ހިސާބުން ނިމުނީ" ކިޔާން ވާހަކަދެއްކިއެވެ. އާވާ ހިމޭންކަމާއެކު ކިޔާންގެ މޫނަށް ބަލަހައްޓައިގެން ހުރެފަ ކޮޓަރިން ނިކުމެ ބާރަކަށް ދޮރުލެއްޕިއެވެ.

ހިތްހަމަނުޖެހިފައި ހުރި އާވާ އެހެން މީހަކަށް ބަލައިލުމެއްނެތި ކޮޓަރިއަށް ވަދެ ދޮރުލެއްޕި މަންޒަރު ފެނުމުން ޙާޖަރާއި ޒެރީން އެކަކު އަނެކަކަށް ބަލައިލިއެވެ.

"އަނެއްކާ ކިހިނެއްވެގެން މިއުޅެނީ…؟" ޙާޖަރު އަހައިލިއެވެ. ޒެރީން ބަހެއްނުކިޔާ ޙާޖަރަށް ނަޒަރެއް ދިނުމަށްފަހު ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ.

އާރިޔަން ގެއަށް ވަދެފައި ދިމަދިމާ ހޯދައިލީ އެއްވެސް މީހެއްގެ ހިލަމެއް ނުވާތީއެވެ. ކޮނޑުގައި އޮތް ދަބަސް ހިފައިގެން ކޮޓަރިއަށް ވަނުމަށްފަހު އޭނާ އެންމެ ފުރަތަމަ ނަމާދުކޮށްލިއެވެ. އޮފީހުގައި ބުރަކޮށް މަސައްކަތްކުރަން ޖެހުމުން އޭނާއަށް މެންދުރު ނަމާދު ވަނީ ނުކުރެވިފައެވެ.

ދޮވެފައި ހުރި ހެދުންތައް ހިފައިގެން އަނުމް އާރިޔަންގެ ކޮޓަރިއަށް ވަންއިރު އާރިޔަން ނަމާދުގައި ހުއްޓާ ފެނުމުން ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އާރިޔަންއަށް އުނދަގު ނުވާނެހެން އަނުމް އަޑެއްވެސް ލައްވާނުލާ އެނދުގައި އިނދެގެން އާރިޔަންގެ ހެދުންތައް ކޮނޑުގައި އަޅުވަމުން ދިޔައެވެ އަލަމާރިއަށް ހުރިހާ އެއްޗެއް ލުމަށްފަހު މަޑުމަޑުން ދޮރުލައްޕާފައި އަނުމް ނިކުތެވެ.

މެންދުރަށް ތައްޔާރުކުރި ކާއެއްޗެހި މޭޒުމައްޗަށް އެރުވުމަށްފަހު އެންމެފަހު އެއްޗަކަށް އައިސްއަލަމާރިން ނެގި ފެންފުޅި މޭޒުމަތީގައި ބެހެއްޓިއެވެ. ފޯނު ނަގާފައި އާރިޔަންއަށް ގުޅަން އުޅުނު ވަގުތު އާރިޔަން ގުޅިއެވެ. އަނުމްއަށް އެއްޗެއް ބުނެވުމުގެ ކުރިން އާރިޔަން ކަމަކަށް އެދުނެވެ. ފޯނު ކަންފަތާއި ދުރުކޮށްލާފައި މޭޒުމަތީގައި ބޭއްވިއެވެ. އެއަށްފަހު ކާއެއްޗެހިތަކުގެ މަތި ޖަހާފައި ކާބައިން ނިކުތެވެ.

އާރިޔަން މަޑުކޮށްލައިގެން ހުރީ އަނުމްގެ ކޮޓަރީ ކުޑަދޮރު ކައިރީގައެވެ. ފަހަތުގައި އަނުމް ހުރިހެން ހީވެގެން އާރިޔަން އެނބުރި ބަލައިލިއެވެ.

"މިގަޑީގަ ކޮޓަރީގަ ހުރިކަމަށް އައީ. ހުޅުވާލާފަ ހުރީމަ ވަނީ" އާރިޔަން ބުނެލިއެވެ.

"ބަދިގޭގަ އުޅުނީ. އާރިޔަން ނަމާދަށް ހުއްޓަ ދިޔައިން ތިކޮޓަރިއަށް" އަނުމް ބުނެލިއެވެ.

"އަހަރެން ވަރަށް މުހިންމު ވާހަކައެއް ދައްކަން އަނުމް މިގެނައީ" އާރިޔަން ބުނެލިއެވެ.

"އާދޭ އިށިންނަން" އެނދަށް އިޝާރާތް ކޮށްލަމުން އަނުމް ބުނެލިއެވެ.

އާރިޔަން އެނދުގައި އިށީނުމަށްފަހު އަނުމް ކައިރީގައި އޭނާ ކައިރީގައި އިށީންނަން އެދުނެވެ. އަނުމް އިށީނީ އާރިޔަންއާއި ޖެހިގެން އަދި އެކަކަށް އިނދެވޭނެ ޖާގަ ދޫކޮށްފައެވެ.

"ކައިވެނީގެ ކަންތައްތައް ނިންމަންވީތަ؟" އާރިޔަން އަހައިލިއެވެ.

އަނުމް އެއްޗެއް ނުބުނެ ވިސްނައިލިއެވެ. އޭނާ އާރިޔަންއާއި މިވަގުތު ކައިވެނިކޮށްފިނަމަ އެދުރުކުރެވުނީ މަޔަކާ ދަރިއެކެވެ. އެކަމުގެ އަސަރުކުރާނީ ހަމައެކަނި އާރިޔަންއާ ފަލަކްނާޒަށް އެކަންޏެއް ނޫނެވެ. އާއިލާއެއްވެސް ރޫޅާލެވުނީއެވެ. ދެމަފިރިއެއްގެ ކައިވެންޏަށްވެސް ބުރޫ އެރުވުނީއެވެ.

"އޭތް….! ޔާރައްބީ ކޮން ވިސްނުމެއްގަ" އަނުމްގެ މޫނުމަތީގައި ފުއްޓަތްކެއް ޖަހައިލަމުން އާރިޔަން ބުނެލިއެވެ.

"ނުވިސްނަން" އަނުމް ބުނެލިއެވެ.

"ދެން އެހެންވިއްޔާ ކީކޭ އަނުމް ބުނާނީ" އާރިޔަން އަހައިލިއެވެ.

"އަހަރެން ކައިވެނިކުރަން ބޭނުންވަނީ އާރިޔަން މަންމަ އަހަރެމެންގެ ގުޅުމަށް ރުހުންދިން އިރަކުން. އެއް އަހަރު ދެ އަހަރު ނޫނީ ފަސްއަހަރު… ކިތަންމެ ދުވަހެއް ވިޔަސް ހެޔޮ" އަނުމް ވާހަކަދެއްކިއެވެ.

"އަނުމް ބޭނުންނުވަނީތަ ކައިވެނިކުރަން" އާރިޔަން އަހައިލިއެވެ.

"އަނުމް ބޭނުންވަނީ…" އަނުމް އާރިޔަންގެ އަނގަމަތީގައި އަތް އެޅިއެވެ.

"ނޫން… ތިހެން ނުބުނޭ. އަހަރެން ދުނިޔެއިން ފިރިހެނަކު ހަޔާތުގެ ބައިވެރިއަކަށް ބޭނުންވަންޏާ ބޭނުމީ އާރިޔަން" އަނުމް ބުނެލިއެވެ.

"އަހަރެން މިހާރުން މިހާރަށްވެސް ބޭނުންވަނީ ކައިވެނިކުރަން. މަންމަ ދުވަހަކުވެސް މިގުޅުމަށް ރުހުން ނުދޭނެ. އަނުމް ތިހެން ހުރެ މުސްކުޅިވެ ގައި ބާރުދެރަވިޔަސް މަންމަ ހުންނާނީ ހަމަ ގޮތުގަ" އާރިޔަން ވާހަކަދެއްކިއެވެ.

"ތިއީ އާރިޔަންއަށް ހީވާގޮތް. އެއީ ވަގުތީ ކަމެއް" އަނުމް ބުނެލިއެވެ.

"އަހަރެން މަންމަގެ ރުހުމާ ދެކޮޅަށްވެސް އަނުމް އާ އިންނަން ތައްޔާރަށް މިހުރީ. ނާސިހް ބައްޕަ އޯކޭއެއްނު. ޕްލީޒް ސޭ ޔެސް…" އާރިޔަން ވާހަކަދެއްކިއެވެ.

"ނޫން.. ސޮރީ… އަހަރެން އާރިޔަން އާ ކައިވެނިކޮށްގެން އާރިޔަންގެ މަންމަގެ ބަދު ދުޢާ ނުހޯދާނަން. ﷲ އިރާދަކުރެއްވިއްޔާ އަހަރެން މިކުރާ އިންތިޒާރުގެ ނިމުން ފޮނިވާނެ" އަނުމް ވާހަކަދެއްކިއެވެ.

"އުމުރުން ދިހަ އަހަރުން ފެށިގެން މިހާތަނަށްވެސް އިންތިޒާރުކުރީ ތި ލޯބި ކާމިޔާބުވާނެ ދުވަހަކަށް. އަންބަކަށް ވާނެ ދުވަހަކަށް އަހަރެންނަށް އަދިވެސް އިންތިޒާކުރެވޭނެ" އަނުމްގެ އަތްތިލައަށް ފިތާލަމުން އާރިޔަން ބުނެލިއެވެ.

ތެންކިޔު އާރިޔަން" އަނުމް އާރިޔަންގެ ކޮނޑުގައި ބޯއަޅައިލިއެވެ.

"އަހަރެން ކުރާ އެހެން އިންތިޒާރެއްވެސް އެބައޮތް. އެކަމަކަށް މަންމަގެ ރުހުން ބޭނުންނުވާނެ. އެކަން ކޮށްދެވޭނެ ހަމައެކަނި މީހަކީ އަނުމް" އާރިޔަން ބުނެލިއެވެ.

"އެއީ ކޮންކަމެއް…؟ އަވަހަށް ބުނޭ" އަނުމް ބުނެލިއެވެ.

އާރިޔަން ދެއަތުން އަނުމްގެ މޫނުގެ ދެފަރާތުގައި ހިފަހައްޓައިލިއެވެ.

"ތި ދުލުން އެންމެފަހަރަކު ނަމަވެސް އަހަރެންދެކެ ލޯބިވެޔޭ ބުނެބަލަ" އަނުމްގެ ދެލޮލަށް ބަލަން އިނދެ އާރިޔަން ބުނެލިއެވެ.

"އެ ޖުމްލަ އަޑުއަހާލާ ހިތުން އަހަރެން ހިތް މޮޔަވާވަރުވޭ" އާރިޔަން ބުނެލިއެވެ. އަނުމް ލަސްލަހުން އެސްފިޔަތައް ތިރިކޮށްލިއެވެ.

ކުއްލިއަކަށް އަނުމް އާރިޔަންގެ ދެއަތް ނައްޓުވާލާފައި ހެމުން ކޮޓަރިން ނިކުންނަން ދުއްވައިގަތެވެ.

"ފަހުން ބުނާނަން" ކޮޓަރީ ދޮރާއި ހަމައިގައި ހުއްޓިލާފައި އަނުމް ބުނެލިއެވެ. އެއަށްފަހު ނިކުމެގެން ދިޔައެވެ. އާރިޔަންއަށް ހެވުނެވެ.

މެންދުރުނަމާދު ކޮށްގެން ކޮޓަރިން ނިކުންނަން އުޅުނު އާވާ ދޮރާއި ދިމާލަށް ބަލައިލީ ދޮރުގައި މީހަކު ޓަކިޖަހާލިހެން ހީވެގެންނެވެ. އަލަމާރި މަތީގައި މުސައްލަ ބާއްވާފައި އާވާ ދޮރުހުޅުވާލިއެވެ. ދޮރުމަތީގައި ހުރި ޙާޖަރާއި ރިޒާ ފެނުމުން އާވާ ހީލިއެވެ.

"ދަރިފުޅު ބިޒީތަ…؟" ޙާޖަރު އަހައިލިއެވެ.

"ނޫން… އާދޭ އެތެރެއަށް" އާވާ ދޮރު ބޮޑަށް ހުޅުވައިލިއެވެ.

"ކޮޓަރިއަށް ވަންގޮތަށް ހަބަރެއްނުވާތީ ބަލައިލަން އައީ. ހިނގާ ކާން" ޙާޖަރު ބުނެލިއެވެ.

"މާހިލްއަށް ބައްޕަ ވަރަށް ގުޅައިފިން. ފޯނެއް ނުނަގާ. ވެގެންތިއުޅޭ ކަމެއް ނޭނގޭ. ބައްޕަ އުންމީދުކުރަން ހުރިހާ ކަމެއް ރަނގަޅުކަމަށް" ރިޒާ ވާހަކަދެއްކިއެވެ.

"ހުރިހާކަމެއްވެސް ރަނގަޅު. އެކަމަކު އަޅުގަނޑަށް ރަނގަޅީ ދެން ބައްޕަ މާހިލްއަށް ގުޅަން ނޫޅުނިއްޔާ" އާވާ ވާހަކަދެއްކިއެވެ.

"ހިނގާ ދާން…" ޙާޖަރު ބަހެއް ނުބުނެ މޫނަށް ބަލަހައްޓައިގެން އިނުމުން އާވާ ބުނެލިއެވެ. ތެދުވެގެން ހިނގައިގަތްތަނާ އާވާގެ އަތުގައި ޙާޖަރު ހިފެހެއްޓިއެވެ.

"ރިޒާ ދުރުވަންވީނުންތޯ. އަޅުގަނޑު މިދަނީ…" ރިޒާއަށް ނަޒަރެއް ދެމުން ޙާޖަރު ބުނެލިއެވެ. ރިޒާއަށް ވިސްނުނެވެ. ޙާޖަރު ބޭނުންވަނީ އާވާ އާއި އެކަނި ވާހަކަދައްކާލާށެވެ. ހުދު ރިޒާވެސް ބޭނުންވާ ގޮތަކީ އެއީއެވެ. މާހިލް އާ މެދު ރިޒާގެ ހިތުގައި އަދިވެސް ވަނީ ޔަޤީންކަމެވެ.

ރިޒާ ނިކުތުމުން ޙާޖަރު އެނދުން ތެދުވެގެން ދޮރާއި ދިމާލަށް ހިނގައިގަތެވެ. ޙާޖަރު ކުރަންއުޅޭ ކަމެއް ނޭނގޭތީ އާވާ ހުރީ ކަންބޮޑުވެފައެވެ. އޭނާއަށް ރަނގަޅީ މިވަގުތު އެއްވެސް މީހަކު އޭނާއާއި އިތުރު ސުވާލެއް ނުކޮށްފިއްޔާއެވެ. މީހުންނަށް ދޮގު ހެދުމަކީ އޭނާގެ ޠޮބީޢަތުގައިވާ ކަމެއް ނޫނެވެ.

"މަންމާ…" ޙާޖަރު ކައިރިއަށް އައުމުން އާވާ ގޮވައިލިއެވެ.

"އިރުކޮޅަކު މިތަނުގައި މަންމަ ކައިރީގައި އިށީނދެބަލަ" އާވާ އަތުގައި ހިފައިގެން ގޮސް އެނދުގައި ބައިންދަމުން ޙާޖަރު ވާހަކަދެއްކިއެވެ. އާވާ އިށީނެވެ.

"މަންމައަށް އިނގޭ ދަރިފުޅުގެ އެންމެގާތް އެކުވެރިޔާއަކީ އަނުމްކަން. ހަމަ އެގޮތަށް މަންމައަށް އިނގޭ އަނުމްއަށް ވުރެ ވެސް ބޮޑަށް ދަރިފުޅާ މަންމަ އާ ދެމެދުގަ އޮތް ގުޅުން ރަނގަޅުކަން" ޙާޖަރު ވާހަކަދެއްކިއެވެ.

"އާނ… އަބަދުވެސް މަންމަ އަޅުގަނޑާ އެންމެ ގާތް ވާނީ" އާވާ ބުނެލިއެވެ.

"އެހެންވިއްޔާ ތެދަށް ބުނެބަލަ. ކޮބާތަ މައްސައަކީ؟ ކީއްވެ ދަރިފުޅު ފޮށި ހިފައިގެން ތިއައީ؟ ކީއްވެ ދަރިފުޅާއެކު މާހިލް ނައީ؟ ކީއްވެތަ ބައްޕަ ގުޅީމަ މާހިލް ފޯނަށް ޖަވާބުނުދެނީ…؟ ހިތުގައި އުފެދިފައިވާ ހުރިހާ ސުވާލެއް ޙާޖަރު ކުރިއެވެ.

އާވާ ބަހެއް ނުކިޔާ އިނެވެ. އޭނާ ދޮގުހަދަން ބޭނުންނުވާތީ އިސްޖަހާލައިގެން އިނެވެ. އޭނާ ކަންތައްކުރަން ބޭނުންވަނީ މާހިލް އޭނާ ކައިރީ ބުނެފައިވާ ގޮތަށެވެ.

"އެންމެރަނގަޅު. މަންމައަށް އިނގޭ އެވީ ދޮގު ނަހަދާނެކަން. އެހެންވެ ބަހެއްނުކިޔާ އިސްޖަހައިގެން ތިއިންނަނީ. މަންމަ މަޖުބޫރެއް ނުކުރާނަން. އެކަމަކު އަދި އެންމެ ސުވާލެއްގެ ޖަވާބު މަންމަ ބޭނުން. މި މަންމައަށް ހަމަޖެހުމެއް ލިބެން ދަރިފުޅު އެދެންޏާ މަންމައަށް ތެދު ޖަވާބެއްދޭތި" ޙާޖަރު ވާހަކަދެއްކިއެވެ. އާވާ ހަތަރުކަޅި ހަމަކޮށް ޙާޖަރަށް ބަލައިލިއެވެ.

"ދަރިފުޅު އަދިވެސް ތިއީ މާހިލްގެ އަންބެއްތަ؟" ޙާޖަރު އަހައިލިއެވެ. އިރުކޮޅަކު ޙާޖަރުގެ މޫނަށް ބަލަން އިނދެފައި އާވާ މަޑުމަޑުން ބޯޖަހައިލިއެވެ. ހިތަށް ލިބުނު ހަމަޖެހުމުގައި ޙާޖަރަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. މޭގައި އަތްއަޅާލާފައި ހިތާހިތުން ހެއްދެވިފަރާތަށް ޝުކުރުކޮށްލިއެވެ.

"ދެން ހިނގާކާން ދާން" ޙާޖަރު ތެދުވެ ހިނގައިގަތެވެ.

"މަންމާ…" އާވާ ހިފެހެއްޓީ ޙާޖަރުގެ އަތުގައެވެ.

"މާހިލް ވަރަށް އަވަހަށް އަޅުގަނޑު ބަލާ އަންނާނެ. މަންމަ އަޅުގަނޑުގެ މި ދިރިއުޅުން ސަލާމަތްކޮށްދެއްވުމަށް އެދި ދުޢާ ކޮށްދެއްޗެ" އާވާ ވާހަކަދެއްކިއެވެ. ޙާޖަރު ލޯތްބާއެކު އާވާގެ މޫނުގައި ފިރުމާލިއެވެ.

ސޯފާގައި އިން މާހިލް އިރުކޮޅާކާއި އަތުކުރީގައި އޮތް ގަޑިއަށް ބަލައިލައެވެ. ހިމޭންކަން ވެރިވެފައިވާ ގޭތެރެއިން އެއްވެސް އަޑެއް ނީވެއެވެ. މާހިލްގެ މޫނުމަތި ވަނީ މިލާފައެވެ. އާވާ ނެތްކަމުގެ އިހުސާސް ގޭތެރޭގެ ކޮންމެ އެއްޗެއް ކުރަމުން ދިޔައެވެ. މާޔޫސް ކަމާއެކު މާހިލްގެ މޫނަށް ބަލަހައްޓައިގެން ޓޮމީވެސް ސޯފާއަށް އަރާ އޮތެވެ. ކައިރީގައި އޮތް ފޯނު ރިންގުވާން ފެށުމާއެކު މާހިލް ބަލައިލިއެވެ. އެއަށްފަހު ދެން އޭނާ ބަލައިލީ ގޭތެރެ ދޮރާއި ދިމާލަށެވެ. އެދޮރުން ބޭރުގައި ހުރީ އޭނާ މިދުނިޔެއިންވެސް އެންމެ ފޫހިވާ އިންސާނާއެވެ. ހިތް ނޭދުނަސް އެއިންސާނާ އެގޭ ހަތަރުފާރުން އެތެރެއަށް ވައްދަން އެބަޖެހެއެވެ. އޭނާ ތެދުވެގެން ދޮރާއި ދިމާލަށް ހިނގައިގަތީ ފޯނަށް ޖަވާބުނުދީއެވެ.

ދޮރު ހުޅުވާލުމުން ނައިޝީ އެތެރެއަށް ވަނީ ފޮށި ދަމަމުންނެވެ. މާހިލްއަށް ބަލައިލުމެއްނެތި އޭނާ ސިޑިން އަރައިގެން ދިޔައެވެ. މާހިލް ބަލަހައްޓައިގެން ހުއްޓާ އޭނާ ސިޑިން ފައިބައިގެން އަންނަތަން ފެނުނެވެ. އަތުގައި ފޮށްޓެއްނެތެވެ.

"ލަދެއްވެސް ނުގަނޭތަ؟ މީހެއްގެ ގެދޮރަށޭ ތި ގަދަވެގަތީ. އަންހެނަކަށްވެސް ނުވެވުނެއްނު" ނައިޝީ ކުރިމަތީގައި ހުއްޓުމާއެކު މާހިލް ބުނެލިއެވެ.

"ހެހެހެ… ކޮންއިރަކުން މަށާ އިންނާނީ…؟" ނައިޝީ އަހައިލިއެވެ.

"ހުވަފެނުން ބަލާލާ…" މާހިލް ބުނެލިއެވެ. ނައިޝީގެ ތުންފަތްމަތީގައިވި ހިނިތުންވުން ފިލައިގެން ދިޔައެވެ.

މާހިލްގެ މޫނަށް ބަލަންހުރެ ނައިޝީ އޭނާގެ ފޯނު ހުޅުވައިލިއެވެ. އެއަށްފަހު އެ ވީޑިޔޯތައް ޕްލޭކުރިއެވެ. އަޑުވެސް ފުލްކޮށްލިއެވެ. މާހިލް ތެޅިގަތެވެ. އެ ވީޑިޔޯގައި ފެންނަމުން އެދާ ފިރިހެނާ އާ މެދު އޭނާގެ ހިތުގައި ކުޑަވެސް ކަންބޮޑުވުމެއްނެތެވެ. އެހެންނަމަވެސް ދެން ފެންނަން އެހުރީ އޭނާގެ މުޅި ދުނިޔެއެވެ.

"އާވާ އަހަރެންގެ ދިރިއުޅުމުން ބޭރުކޮށްފިން. ކަލޭ ބުނި ވަޢުދުފުއްދާ" މާހިލް ބުނެލިއެވެ.

"ހަނދާންވޭތަ؟ މީގެ އަހަރުތަކެއްކުރިން. އަހަރެންގެ ނިޔަނެތިކަމުގެ ފައިދާ މާހިލް ނެގިގޮތް. އަހަރެންގެ ހަމަ މިކަހަލަ ވީޑިޔޯތަކެއް. އޭރުގަ އަހަރެންގެ އިހުސާސްތައް، އަހަރެން ތެޅުނުތެޅުން އަހަރެން ހިތަށްކުރާނެ އަސަރު މާހިލްއަށް އިހުސާސްވޭތަ؟ އޭރުގަ އަހަރެންގެ ފިރިއެއްވެސް ހުރި. ހަނދާންވޭތަ؟" ނައިޝީ ވާހަކަދެއްކިއެވެ.

"ކުރިކަމެއްކުރީ އަހަރެން. އެކަމުގަ އާވާގެ ކޮންކުށެއް އޮތީ…؟" މާހިލް ބުނެލިއެވެ.

"ތެދެއް ބުނަންތަ؟ އަހަރެންވެސް ދެރަވޭ. އެއީ ވަރަށް މައުސޫމް އަންހެންކުއްޖެއް. އެކުއްޖާއަށް ދެރައެއް ދިނުން އަހަރެން ކުރާހިތްވާ ކަމެއްނޫން. މިހެން އަހަރެން ކަންތައްކުރަން ޖެހުނީ ހަމަ މާހިލްގެ ސަބަބުން" ނައިޝީ ވާހަކަދެއްކިއެވެ.

"އަހަރެން ބައިވަރު އެދުންތަކެއް އެބަހުރި" ނައިޝީ މާހިލް އާ ހަތަރުކަޅި ހަމަކޮށްލިއެވެ.

"އަހަރެންގެ ފަރާތުން މާހިލް ހޯދި އުފާތައް އަހަރެންވެސް ބޭނުން" ނައިޝީ ބުނެލިއެވެ.

"އަހަރެން ވިސްނާލަން ބޭނުން" މާހިލް ބުނެލިއެވެ.

"ވަގުތު ދެވޭނީ މިރޭގެ ނިޔަލަށް"

"އަހަރެންގެ ކައިރިން އިތުރު އެއްވެސް ކަމަކަށް އެދިގެން ނުވާނެ"

"ހެހެހެ… އެކަންތައް ނޫން އެހެން އެއްވެސް ކަމެއް ބޭނުމެއްނޫން" ނައިޝީ ބުނެލިއެވެ.

މާހިލް ސިޑިން އަރައިގެން ގޮސް ކޮޓަރިއަށް ވަނެވެ. އޭނާއަށް ބޭނުންވާނެ ބައެއް ސާމާނު ހިފައިގެން ގޮސް ގެސްޓްރޫމަށް ވަނެވެ. ކުރަން އުޅުނު ކަންތައްތައް ކާމިޔާބުވާނެ ކަމުގެ ފެހި ސިގްނަލްތައް ލިބެން ފެށުމުން ނައިޝީގެ ތުންފަތްމަތިން ފާޅުވަމުން ދަނީ ފަތަހައިގެ ހިނިތުންވުމެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟