ވާހަކަ

ކޮންމެ ހިނދެއް - 38

2

"އާރިޔަން…" އަނުމްއާއި ވާހަކަދައްކަން އެނދުގައި އިށީނދެގެން އިން އާރިޔަން ސިހިފައި ދޮރާއި ދިމާލަށް ބަލައިލިއެވެ. މާކުރިންވެސް ފަލަކްނާޒް އަންނާނެކަން އާރިޔަން އިނގެއެވެ. އަނުމް އެނދުން ތެދުވީ ފަލަކްނާޒްގެ ފުރަގަހުން އައިސް ހުއްޓުނު ނާސިހް ފެނިފައެވެ.

"ކިހިނެއްވީ މަންމާ…؟" އާރިޔަން އަހައިލިއެވެ.

ފަލަކްނާޒް ދެލޯ އަޅައިގެން ހުރީ އާރިޔަން ކައިރީގައި ހުރި އަނުމްއަށެވެ.

ފަލަކްނާޒް ކައިރީގައި ހުރި ނާސިހް ފެނުމުން އާރިޔަންއަށް އިތުރަށް އެއްޗެއް ބުނަން ނުކެރުނެވެ. އެހެންކަމުން އަނުމް އެކޭ އެއްފަދައިން އޭނާ އިސްޖަހައިލިއެވެ.

"އާރިޔަން ކީއްވެގެންތަ އަހަރެން ތިގޮތަށް ލަދު ތިގަންނަވަނީ؟ ކުޑަކޮށްވެސް އެއްޗެކޭ ހިތަށް ނާރާތަ. ބަލަ މަށަކީ އާރިޔަން ނުވަމަހާ ނުވަ ދުވަސް ވަންދެން ބަނޑުގައި ގެންގުޅުނު އަމައެއް ނޫންތަ؟" އާރިޔަން ހީކުރި ގޮތާއި ޚިލާފަށް ފަލަކްނާޒް ވާހަކަދެއްކީ މަޑުމައިތިރިކޮށެވެ.

"ހެޔޮނުވާނެ މަންމާ! ތިގޮތްދޫނުކުރުން ދޫކޮށްބަލަ. އަހަރެން ބުނިން ތިކައިވެނި ކޮށްގެން އަހަރެންނަށް އެއްވެސް އުފަލެއް ނުލިބޭނޭ" އާރިޔަން ވާހަކަދެއްކިއެވެ.

"ދެން އެމީހުންނަށް އަހަރެން ދައްކާނީ ކޮން މޫނެއް؟" ފަލަކްނާޒް ބުނެލިއެވެ.

"އެއްވެސް މޫނެއް ދައްކާނެކަމެއް ނެތް. އަހަރެން ތިކަންތައް ހައްލުކޮށްފިން" ނާސިހް ބުނެލިއެވެ. ފަލަކްނާޒް ގަބޫލުނުކުރެވި ނާސިހްގެ މޫނަށް ބަލައިލިއެވެ.

"މަންމާ! އަހަރެން ކައިވެނިކުރަން ބޭނުންވަނީ އަނުމް އާ. އަހަރެން ލޯބިވަނީ ހަމައެކަނި އަނުމްދެކެ. ބައްޕަ ބޭނުންވިޔަސް ދުވަހަކުވެސް އަހަރެންނަށް އަނުމް އާ މެދު ކޮއްކޮއެއްގެ ނަޒަރުން ނުދެކެވޭ" އާރިޔަން ވާހަކަދެއްކިއެވެ. ނާސިހް ބަހެއްވެސް ނުކިޔާ ފަލަކްނާޒްގެ ފަހަތުގައި ދެއަތް ފުރަގަހަށް ލައިގެން ކޮޅަށް ހުއްޓެވެ.

"ހަބަރުދާރު! ދުވަހަކުވެސް އަހަރެން ތިކައިވެންޏަކަށް ގަބޫލެއްނުވާނަން. އަހަރެންގެ ފުރާނަ ދިޔަސް ހެޔޮ" ފަލަކްނާޒް ފަހުގެ އިއްވުން އިއްވާލިއެވެ. އާރިޔަން އިތުރަށް އެއްޗެއް ބުނުމުގެ ކުރިން ފަލަކްނާޒް ކޮޓަރިން ނިކުމެގެން ދިޔައެވެ.

އަނުމްއަށް އިސްއުފުލާލަން ނުކެރުނީ ނާސިހް ހުރެގެން ކަން އޭނާއަށް އިނގުނެވެ. އާރިޔަންވެސް ބަސް ނުކިޔާ ހުއްޓެވެ. އިރުކޮޅަކުން ނާސިހް ކުރިއަށް ޖެހިލާފައި އަނުމް ކުރިމަތީގައި ހުއްޓުނެވެ. އަނުމްގެ ދަތްދޮޅީ ދަށަށް އިނގިލި ލައްވާލާފައި އުފުލާލިއެވެ. އަނުމް ނާސިހަށް ބަލައިލަމުން ގަދަކަމުން ހިނިތުންވެލިއެވެ.

"ދަރިފުޅު ބޭނުންވަނީ ކޮންގޮތެއް؟" ނާސިހް އަހައިލިއެވެ. އަނުމް ބަލައިލީ އާރިޔަންއަށެވެ. އެއަށްފަހު ނާސިހަށެވެ.

"ބައްޕާ! އަޅުގަނޑު އާރިޔަން ބޭނުން. ކައިވެނިކުރަންވެސް ބޭނުން" އަނުމް ބުނެލިއެވެ. އާރިޔަންގެ ތުންފަތަށް ވެރިވެގެން ދިޔައީ ހިނިތުންވުމެކެވެ.

"އާރިޔަން…! ތިދެކުދިންގެ ގުޅުމަށް ބައްޕަ ރުހެން. ކައިވެނިކުރަން ތައްޔާރުކުރޭ. ބައްޕަ ވަލީދޭނަން" ނާސިހް ބުނެލިއެވެ.

އެނދުމަތީގައި މާހިލްގެ އަތްމަތީގައި އޮތް އާވާގެ ތުންފަތް މަތީގައިވީ ލަދުރަކި ހިނިތުންވުމެކެވެ. މާހިލްއާއި އެހާ ގާތަށް އޭނާއަށް އެ އާދެވުނީ ހާދަ ދުވަހެއްގެ އިންތިޒާރަކަށް ފަހުއެވެ. މާހިލް އޭނާއަށް ބޭނުންވެފައިވާ މިންވަރު މިރޭ އޭނާއަށް އެނގިގެން ހިނގައްޖެއެވެ. ދެމަފިރިން އެކުގައި ލޯބީގެ އެތައް ވަގުތެއް ހޭދަކުރަމުން ދިޔައިރު ބޯމަތިވަމުން އަންނަ ކަޅު ވިލާގަނޑުގެ ހިލަމެއްވެސް ނުވެއެވެ.

ސައިޑްކަބަޑް މަތީގައި އޮތް މާހިލްގެ ފޯނަށް މެސެޖެއް އައި އަޑު އިވުނީ އާވާގެ ހަށިގަނޑުގައި ބައްދާލައިގެން ދެލޯ މަރާލައިގެން އޮށްވައެވެ. ސިހިފައި ދެލޯ ހުޅުވާލުމާއެކު އޭނާއަށް ފުރަތަމަވެސް ބަލައިލެވުނީ ފޯނާ ދިމާލަށެވެ.

"އެވާނީ އޭނާގެ މެސެޖެއް ކަމަށް" މާހިލް ބުންޏެވެ.

"ބަލައިބަލަ ކީކޭތޯ އޮތީ" އާވާ ބުނެލިއެވެ. އަދި ތެދުވެގެން ގޮސް ނިދާ ހެދުން ބަދަލުކޮށް އޭނާގެ ހަށިގަނޑު ނިވާކުރިއެވެ.

ހެޑްބޯޑުގައި ލެގިލުމަށްފަހު މެއާއި ހަމައަށް ކުއިލްޓް ޖައްސާލާފައި މާހިލް ފޯނު ނެގިއެވެ. އޭރު އާވާ އައިސް މާހިލްގެ މަގަތުން އިށީނދެއްޖެއެވެ.

"ތި ނައިޝީގެ އުނދަގޫ މާބޮޑު ވަންޏާ މަށަށް ފެންނަނީ ފުލުހުންނަށް ރިޕޯޓްކުރަން" އާވާ ބުނެލިއެވެ. އޭރު މާހިލް ފޯނަށް ބަލަހައްޓާއިގެން އިނެވެ.

ކުއްލިއަކަށް މާހިލްގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔަ މަންޒަރު އާވާއަށް ފެނުނެވެ. މާހިލްއަށް ފުންމައިގެން އެނދުން ތެދުވެވިއްޖެއެވެ. އިސާހިތަކު އޭނާގެ މޫނުމަތިން ދާތިކިތައް ބޮކި ދިއްލަން ފަށައިފިއެވެ. ހަދާނެގޮތެއް ނޭނގި އޭނާގެ އެތެރެހަށީގެ ލޭ ކެކެން ފަށައިފިއެވެ. ދެއަތް މުށްކެވިގެން ދިޔައެވެ. މިވަގުތު އޭނާގެ ކުރިމަތީގައި ނައިޝީ ހުރިނަމަ ކަރުގައި ހިފާ މަރާލަންވެސް އޭނާ ފަސްނުޖެހުނީހެވެ.

"ކިހިނެއްވީ؟ ކޯޗެއް ފޮނުވާފަ އިނީ..؟ ދައްކަބަލަ ބަލައިލަން" އާވާ މާހިލް އަތުން ފޯނު ނަގާފައި ބަލައިލިއެވެ. އާވާއަށް ވެސް މާހިލް ވީ ވަރެވެ. އޭނާ ހުރިތަނަށް ގަނޑުވިއެވެ. ފޯނު އަތުން ދޫވެ ބިންމައްޗަށް ވެއްޓުނުއިރުވެސް ދެމީހުން ކުރެ އެކަކަށްވެސް ނޭނގުނެވެ. އެނދާއި ދިމާލުން ތިރީގައި އާވާއަށް އިށީނދެވުނުއިރު ދެލޮލުން ކަރުތައް ފައިބައިގަނެއްޖެއެވެ. ކޮންފަދަ ބޮޑު ލަދެއް ހެއްޔެވެ؟ އިރުކޮޅެއްގެ ހިމޭންކަމަށްފަހު ދެމީހުންށަވެސް ސިހުން ގެނުވީ ޓައިލްސްތަކުގެ މަތީގައި އޮތް މާހިލްގެ ފޯނު ވައިބްރޭޓް ވަމުންދިޔަ އަޑަށެވެ. މާހިލްއަށް ފުރަތަމަވެސް ބަލައިލެވުނީ އެނދުގެ ބެޑްޝީޓް އަތަށް ބޮނޑިކޮށްލައިގެން އިނދެ ގިސްލާފައި ރޮމުންދިޔަ އާވާއަށެވެ.

"އެވީ…!! އެވީ…." މާހިލް އަވަސް އަވަހަށް އާވާގެ ކައިރީގައި އިށީނެވެ.

"އެވީ ނުރޮއި. ހުއްޓާލާ… އަހަރެން އެވީ ސަލާމަތްކޮށްދޭނަން. ކޮންމެފަދަ ގުރުބާނީއެއް ވާންޖެހުނު ނަމަވެސް އަހަރެން އެވީގެ އަބުރާ އިއްޒަތް ވެއްޔާ މޮޑެވިގެންދިޔަ ނުދޭނަން" މާހިލް އާވާ ގެނެސް އޭނާގެ މެއާއިލާ ބޮނޑިކޮށްލިއެވެ.

"އެގުޅަނީ އޭނަ. މާހިލް ފޯނު ނަގާބަލަ. އޭނާ ކިޔާ އެއްޗެއް އަޑުއަހާބަލަ. ވާހަކަދައްކައިގެން ނަމަވެސް ކޮންމެސް ގޮތެއްވޭތޯ ބަލައިބަލަ. އެހެންނޫނީ އަހަރެން މޮޔަވެދާނެ" އާވާ ރޮމުން ބުނަމުން ދިޔައެވެ. މާހިލް އާވާ ދުރުކޮށްލާފައި ފޯނު ނަގާފައި ކަންފަތުގައި ޖެހިއެވެ.

"ވީޑިޔޯތައް ފެނުނީމަ ގޮތެއްވިތަ؟ އިތުރު ބުރެއް އަޅާލާހިތްވިތަ؟" މާހިލް ފޯނު ނެގުމާއެކު އެންމެ ފުރަތަމަވެސް އިވިގެން ދިޔައީ ނައިޝީގެ އަޑެވެ.

"ހައު ޑެއަރ ޔޫ…. ބިޗް…." އެކޮޅުން ވާހަކަދައްކަނީ އަންހެނަކަށް ވިޔަސް މިފަހަރު މާހިލް ބަސް ބުނުމުގެ ކުރިން ވިސްނާލަން ބޭނުން ނުވިއެވެ.

"ނުދާނަން. އަހަރެން ކަލެއާ ބައްދަލެއް ނުކުރާނަން…." މާހިލް ބުނެލި އަޑު އާވާއަށް އިވިގެން މާހިލް އާ ދިމާލަށް ބަލައިލިއެވެ.

"ނޫން މާހިލް ދޭ… މިވަގުތު…. މިވަގުތު އޭނަ ބުނާ ކަމެއް ކުރޭ. އެހެންނޫނީ އަހަރެމެންގެ މުޅި ދިރިއުޅުން…." ފުންމައިގެން ތެދުވެ އާވާ ހިފެހެއްޓީ މާހިލް ފޯނު ކަންފަތުގައި ޖަހައިގެން ހުރި އަތުގައެވެ. މާހިލް އާވާއަށް ބަލައިލިއެވެ. ދުވަހަކުވެސް އެފަދަ މަޖުބޫރީ ހާލަތެއްގައި އާވާ ހުއްޓާ މާހިލްއަށް ފެނިފައެއް ނުވެއެވެ. އެވަރަށް އާވާ ރޯ މަންޒަރު ފެނުމުން މާހިލްގެ ހިތުގައި ރިއްސައިގަތެވެ.

"ކިހާ ރަނގަޅު ކުއްޖެއް. އެބުނީ ފިރިމީހާ ކައިރީގައި ހިލޭ އަންހެނެއް ކައިރިއަށް ދާށޭ… އަވަހަށް އާދޭ… އަހަރެން މީނީ އިންތިޒާރުގަ. މާހިލްއަށް އިތުރު ޗޮއިސްއެއް ނެތް" ނައިޝީ ވާހަކަދެއްކިއެވެ.

"ދާންވީ ތަން ބުނޭ" މާހިލް ބުނެލިއެވެ.

އިރުކޮޅަކުން ފޯނު ކަނޑާލާފައި މާހިލް ބަލައިލީ ކައިރީގައި ހުރި އާވާއަށެވެ. އޭރުވެސް އާވާ ދިޔައީ ރޮމުންނެވެ.

"އެވީ…!! އަހަރެން ޕްރޮމިސް މިވީ. އަހަރެން އެވީއަށް އެއްވެސް ކަމެއްވިޔަ ނުދޭނަން. އަހަރެންގެ އިއްޒަތާ އަބުރު މުޅި ދުނިޔޭގެ ކުރިމަތީގައި ވެއްޓިގެން ދިޔަސް އެވީގެ ނަން ހަރާބުވިޔަކަ ނުދޭނަން. އަހަރެން މިއަންނަނީ ވަރަށް އަވަހަށް… ދެރަވެސްވޭ މިގަޑީގަ އެވީ އެކަނި ބައިންދާފަ ދާންވެސް. ހަމަ ވަރަށް ކުޑަ އިރުކޮޅެއްގެ ތެރޭގައި އަންނާނަން" މާހިލް އާވާގެ ދެލޯ ކައިރި ލޯތްބާއެކު ފޮހެދިނެވެ. ތުރުތުރު އަޅަމުންދިޔަ އާވާގެ ތުންފަތުގައި ބޮސްދިނެވެ. އާވާގެ ބޮލުގައި ފިރުމާލަމުން އޭނާ ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.

މާހިލް ދިޔުމުން އާވާ ކޮޅަށް ތެދުވިއެވެ. ދެކޮޅަށް ހިނގަން ފެށިއިރު އޭނާ ނޭވާ ހާސްވަމުން ދިޔައެވެ. އަންހެނަކަށްވެ ހުރެ އަންހެނެއްގެ ދިރިއުޅުން ހަލާކުކޮށްލަން މަސައްކަތްކުރާނީ ހާދަ ގޮތެއް ނެތީމައެވެ. އާވާ ވިސްނަމުން ދިޔައެވެ. އެ ވީޑިޔޯތައް ނަގަން އޭނާއަށް އެހީވީ ކާކު ހެއްޔެވެ؟ ޔަގީނުންވެސް މިތަނަށް އެއްވެސް މީހަކު ނާދެއެވެ. ކިޔާން އައެވެ. ކުއްލިއަކަށް އާވާ ހަނދާންވެއްޖެއެވެ. ކިޔާން އެގެއަށް އައިސް ފާހާނާ ބޭނުންކުރުމަށް އޭނާގެ ކޮޓަރިއަށް ވަނެވެ. އެކަމަކު ކިޔާން އެކަހަލަ ކަމެއް ކޮށްފާނެ ހެއްޔެވެ؟ އާއެނކެވެ. އެއީ ހަމަ ކިޔާން ކުރި ކަމެކެވެ. ޝައްކެއްވެސް ނެތެވެ. އާވާ މޮޔައެއްހެން އެނދުގައި އޮތް ބެޑްޝީޓްގެ އޮޅިފައިވާ ހިސާބު ހޯދަން ފެށީ އޭނާގެ ފޯނު ހޯދުމަށެވެ. މިހާރުން މިހާރަށް ކިޔާނަށް ގުޅަން އޭނާ ބޭނުންވިއެވެ. ކިޔާން އާ ސުވާކުކުރަން ބޭނުންވިއެވެ. ވަގުތުގެ ނާޒުކުކަމުން އޭނނާއަށް ފޯނު ނުފެނުނެވެ. ޑްރެސިންޓޭބަލް މަތީގައި ފޯނު ޗާޖަރަށް ޖަހާފައި ބޭއްވުނުކަންވެސް އޭނާ ހަނދާނެއް ނެތެވެ.

މާހިލް ދި ފަހުން ސާޅީސް ފަސް މިނިޓް ވެއްޖެއެވެ. ބެލްކަނީގައި ހުރި އާވާ މަގުމައްޗަށް ނަޒަރު ހުއްޓާލައިގެން ހުރިއިރު އަދިވެސް އޭނާގެ ދެލޮލުން ކަރުނަ ހުހެއް ނުވެއެވެ. ޖައްވުތެރޭގައި ހިފާލާފައިވާ ފިނިކަމެއްގެ ސަބަބުން އޭނާއަށް އެތަނުގައި ކެތެއް ނުވިއެވެ. ކޮޓަރިއަށް ވަދެ އެނދުގައި އިށިންތާ މާގިނައިރެއް ނުވެ ދޮރު ހުޅުވާލާފައި މާހިލް ވަދެފިއެވެ. އާވާ ދުވެފައި ގޮސް މާހިލްގެ ހަށިގަނޑުގައި ހިފައިގަނެއްޖެއެވެ.

"ކީކޭ ބުނީ…؟ ކިހިނެއް އޭނާ ހެދީ….؟ ބުނިތަ ވީޑިޔޯތައް ނައްތާލާނަމޭ…" ހުރިހާ ސުވާލެއް އެއްފަހަރާ އާވާ ކޮށްލިއެވެ. މާހިލްއަށް ޖަވާބެއް ނުދެވުނެވެ. ހުރި ދިމާލުން ތިރީގައި އޭނާއަށް ކުރުކަކޫ ޖެހިއްޖެއެވެ. ނައިޝީ ޑިމާންޑް ކުރި ކަންތައް އާވާ ކައިރީގައި ބުނާނެ ގޮތެއް އޭނާއަށް ނޭނގުނެވެ.

"މާހިލް… މާހިލް… ކިހިނެއްވީ…؟ އޭނަ އެއްބަސްނުވިތަ؟ އަހަރެމެން ދެމަފިރިން ފަޟީޙަތްވާނީތަ…؟ ބުނެބަލަ؟ ކޮންމެސް އެއްޗެއް ބުނެބަލަ؟ ތިރީގައި އިން މާހިލްގެ މޫނުގެ ދެފަރާތުގައި ހިފައިގެން އިނދެ އާވާ ވާހަކަދައްކަމުން ދިޔައެވެ.

އެގޮތުގައި އިނދެ ހިނދުކޮޅަކު ރޯލުމަށްފަހު މާހިލް އޭނާގެ އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލިއެވެ. އަދި ރަތްވެފައިވާ ދެލޮލުން އާވާއަށް ބަލައިލި އެވެ.

"އެވީ…؟ އޭނަ ހުރީ ހުރިހާ ވީޑިޔޯތަކެއް ނައްތާލަން ތައްޔާރަށް…" މާހިލް ބުނެލިއެވެ. ވަގުތުން އާވާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ.

"އެކަމަކު…." މާހިލް ބުނެލިއެވެ. އާވާގެ ތުންފަތްމަތީގައިވި ހިނިތުންވުން ފިލައިގެން ދިޔައެވެ.

"އެކަމަކު ކިހިނެއްވި…؟ ބޮޑު އަގެއް ކިއީތަ؟" އާވާ އަހައިލިއެވެ.

"އާނ. ވަރަށް ބޮޑު ކަމެއް ކިއީ… ދުނިޔެއާއި ދުނިޔޭގަވާހާ އެއްޗަކަށް ވުރެ ބޮޑަށް އަހަރެންނަށް މުހިންމު އެއްޗެއް ގެއްލުވާލަން ޖެހެނީ… އެކަމެއް އަހަރެންނަކަށް ނުވާނެ" މާހިލް ބުނެލިއެވެ.

"މާނައަކީ…؟ ބުނެބަލަ. އަހަރެން ވަރަށް ބިރުގަނޭ އެބަ" އާވާ މާހިލްގެ ދެއަތުގައި ހިފާ ތަޅުވާލިއެވެ.

"އޭނަ…. އޭނަ ބޭނުންވަނީ އަހަރެން އެވީ ދޫކޮށްލަން. މިގެއިން އެވީ ދާން. އޭނަ މިގޭގަ ބަހައްޓަން"" މާހިލް ވާހަކަދެއްކިއެވެ. އާވާއަށް އިތުރަށް ބަހެއް ނުކިޔުނެވެ. ވިސްނުންތަކަށް ގެއްލިފައި އިންނަ މީހަކު ފަދައިން އެއްދިމާލަކަށް ބަލަހައްޓައިގެން އޭނާއަށް އިނދެވުނެވެ.

"އެވީ ބުނެބަލަ؟ އަހަރެން ކިހިނެއް މިކަން ކުރާނީ..؟ އަހަރެންނަށް ނުވާނެ މިކަމެއް. އަހަރެން މިއައީ އޭނާ އާ ދިމާލަށް އަހަރެންނަށް ނުވާނޭ ބުނެފަ…" މާހިލް ވާހަކަދެއްކިއެވެ.

"ވާނެ. މާހިލްއަށް ވާނެ. މާހިލް ޖެހޭނީ އަހަރެން ދޫކޮށްލަން" އެ އިންގޮތަށް އިނދެ އާވާ ވާހަކަދެއްކިއެވެ. ބުނި އެއްޗެއް ޤަބޫލުނުކުރެވި މާހިލްއަށް އާވާގެ މޫނަށް ބަލައިލެވިއްޖެއެވެ.

"އެވީ! ކީކޭ ތިކިޔަނީ. އަހަރެން ކިހިނެއް އެހެން ކަންތައްކުރާނީ…؟ މާހިލް އަހައިލިއެވެ.

"އެއްވެސް އިންސާނަކަށް އެ އިންސާނަކަށް ނުއުފުއްލެވޭ ވަރުގެ ބުރައެއް އެކަލާނގެ ނުޖައްސަވާނެ. އެހެންވީމަ މިއަދު މާހިލް އާ ކުރިމަތި ތިވީ ކަންތައްތަކަކީ އެއްގޮތަކަށްވެސް ނުވާނެ ކަމެކޭ ހީނުކުރޭ" އާވާ ވާހަކަދެއްކިއެވެ.

"އެވީ އިނގޭ ތިކަން. އެކަމަކު އެވީ އާ ނުލާ އަހަރެން ކިހިނެއް އުޅޭނީ؟ އެވީއަށް އުޅެވިދާނެތަ…؟" އަނެއްކާވެސް މާހިލްގެ އަޑު ކުރެހިއްޖެއެވެ.

"އެ އިރަކަށް އެކަލާނގެ މިންވަރު ކުރެއްވި ގޮތަކަށް އުޅެން އަހަރެން ދަސްކޮށްފިން. އެއްވެސް ކަމެއް އަބަދު އެއްގޮތަކަށް ދެމިއެއް ނޯންނާނެ" އާވާ ވާހަކަދެއްކިއެވެ.

"ކޮންކަހަލަ ވާހަކައެއް އެވީ ތިދައްކަނީ؟ އެވީ އަހަރެންދެކެ ލޯބިނުވަނީތަ؟" މާހިލް އަހައިލިއެވެ

"ތިހެން ނުބުނޭ. އަހަރެން މާހިލްދެކެ ވަރަށް ލޯބިވޭ. ދުވަހަކުވެސް ތިނޫން މީހަކުދެކެ ލޯބިވެވޭނެ ކަމެއް ނޭނގޭ. މިއީ މިއަދު ހުރިގޮތް. އާޚިރަތުގެ ގިންޏަށް ވުރެ ދުނިޔޭގެ ލަދު ބޮޑުވާނޭ މީހުން ބުނާ އަޑު މާހިލް ނާހަންތަ؟" މާހިލްގެ މޫނުގެ ދެފަރާތުގައި ހިފާ އޭނާގެ ދެލޮލާއި މާހިލްގެ ދެލޯ އަމާޒުކޮށްލަމުން އާވާ ބުނެލިއެވެ.

"ދުނިޔޭގެ ލަދުން ސަލާމަތްވާން އަހަރެމެންނަށް އޮތް ގޮތަކީ އެކަކު އަނެކަކާ ވަކިވުންތަ އެވީ؟ ނޫން ދޯ. ކޮންމެސް އެހެން ގޮތެއް މިކަމުގައި އޮންނަންވާނެ. ހިނގާ އަހަރެމެން އެގޮތެއް ހޯދަން" މާހިލް އާވާގެ ދެއަތް މަތީގައި އޭނާގެ ދެއަތް އަޅަމުން ވާހަކަދެއްކިއެވެ.

"އެއީ ކޮންގޮތެއް" އާވާ އަހައިލިއެވެ. އެގޮތަށް މާހިލް އާ ވަކިވެގެން ދާކަށް ހުދު އާވާ ވެސް ބޭނުމެއްނުވެއެވެ.

"ގަޑިން ތިނެއްޖަހާ ބޮޑުވެއްޖެ. ހިނގާ އެކުގަ ނަމާދުކޮށްލަމާ. އިސާހިތަކު އަހަރެމެންނަށް ގޮތެއް ފެނިދާނެ. ހެއްދެވިފަރާތުން އަހަރެމެންނަށް ގޮތެއް ދައްކަވާނެ" މާހިލް އާވާގެ ދެކޮނޑުގައި ހިފާ ނަގާފައި އާވާގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެދެމުން ވާހަކަދެއްކިއެވެ.

ދުނިޔެއަކީ އަބަދު އެއްގޮތަކަށް އޮންނާނެ ތަނެއް ނޫނެވެ. އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެއެވެ. އަޑިގަނޑަށް އެރުމަށްފަހު އެކަމުން އަރައިގަންނަން އެއްވެސް މަސައްކަތެއް ނުކޮށް ހުރެގެން ދުވަހަކުވެސް އުސްގަނޑު ނުފެންނާނެއެވެ. އުސްގަނޑާއި ހަމައަށް ފޯރާނީ ހިންމަތާއެކު މަސައްކަތްކޮށްގެންނެވެ. އުންމީދުގެ ހުޅުކޮޅު އަތުޖެހޭނީ ހިތްވަރު ހުރެގެންނެވެ. އެއްވެސް އިންސާނަކު ދުނިޔޭގައި ހުއްޓާ ގޮތެއް ހުހެއް ނުވާނެއެވެ. އެއްދޮރު ބަންދުވިއްޔާ އެހެން ދޮރެއް އަބަދުވެސް ހުންނާނީ ހުޅުވިފައެވެ. އެކަލާނގެ އަންގަވާފައިވަނީ މުސީބާތުގެ ވަގުތުގައި ކެތްތެރިވުމަށެވެ. ފިޔަވަޅަކަށްފަހު ފިޔަވަޅެއް ވިސްނައިގެން އެޅުމަށެވެ.

އެނދުމަތީގައި ހުރި ފިޔާތޮށި ކުލައިގެ ބްރީފްކޭހަށް ހެދުންތައް އަޅަމުން ދިޔަ އާވާގެ ހަރަކާތްތަކުގައި ވަނީ ލަސްކަމެކެވެ. އޭނާގެ މޫނުމަތިން އުފާވެރިކަމެއް ފެންނަން ނެތްއިރު ދެލޯ ވަނީ ރޮއެރޮއެ ދުޅަވެފައެވެ ދެފައިގެ ކަކުލުގައި އުޅަނބޮށި ލައްކޮށްލައިގެން އެނދުގައި އިން މާހިލް އިރުކޮޅަކާ ދެއަތުން އޭނާގެ ލޯ ފޮހެލައެވެ. ދުވަހުގެ ބޮޑުބައި ފާއިތުވެ ގޮސް މިހާރު ވަނީ ހަވީރުގެ ފިންޏަށް ދުނިޔެ މަރުހަބާ ކިޔަން ތައްޔާރުވެފައެވެ.

ފޮށި ބަންދުކުރުމަށްފަހު މާހިލް ކައިރީގައި އާވާ އިށީނެވެ. މާހިލްގެ ފަރާތުން އިޝާރާތެއް ނުވުމުން އާވާ ހިތުގައި ޖެހުނެވެ. މާހިލްގެ މޫނުގެ އެއްފަރާތުގައި އަތްއަޅާފައި އޭނާއާއި ވީ ދިމާލަށް އަނބުރާލިއެވެ. މާހިލްގެ ދެލޮލުން އާވާއަށް ފެނުނީ ނިމުމެއްނެތް ހިތާމައިގެ ކުލަވަރެވެ.

"ނިމުނީތަ…؟ ދާންވީ ދޯ" އެތެރެއަށް ނޭފަތް ދަމާލާފައި މާހިލް ވާހަކަދެއްކިއެވެ. މާހިލް ތެދުވެގެން ހިގައިގަންނަން އުޅުނު ވަގުތު އާވާ މާހިލްގެ އަތުގައި ހިފެހެއްޓިއެވެ.

"ދިޔުމުގެ ކުރިން އަހަރެން އެދޭ ކަމެއް ކޮށްދީފާނަންތަ؟" މާހިލް ބަލައިލުމާއެކު އާވާ ބުނެލިއެވެ.

"ކޮންކަމެއް ބޭނުމީ…؟" މާހިލް ބުނެލިއެވެ.

"ބައްދާލަން ބޭނުމީ… ވަން ލާސްޓް ޓައިމް…" އާވާ ބުނެލިއެވެ. މާހިލް އެނބުރިލުމަށްފަހު އާވާ އޭނާގެ މޭގައި ބޮނޑިކޮށްލިއެވެ. ދުވަހަކުވެސް ދޫކޮށްލަން ނޭދޭ ފަދައިން އޭނާ އާވާގެ ހަށިގަނޑަށް ބާރުކުރަމުން ދިޔައެވެ.

"އަދިވެސް ބާރަށް" އާވާ ބުނެލިއެވެ. މާހިލް އެއަށް ވުރެ ވެސް ބާރުކޮށްލިއެވެ.

މާހިލް އާވާ ދުރުކޮށްލާފައި އެ މޫނަށް ބަލައިލިއެވެ. އާވާގެ ދެލޮލުން ފައިބައިގެން ދިޔަ ކަރުނަތިކި އާވާގެ ކޯތާފަތް ހުރަސްކުރި ވަގުތު މާހިލް ތުންފަތް ޖައްސައިލިއެވެ.

"ވަރަށް މިސްވާނެ" މާހިލް ބުނެލިއެވެ.

"އަހަރެންވެސް. އެކަމަކު އަސްލު އެއީއެއްނޫން އަހަރެން އެދެން އުޅުނު ކަމަކީ؟" އާވާ ވާހަކަދެއްކިއެވެ.

"ދެން ކޮންކަމަކު. އަވަހަށް ބުނޭ" މާހިލް ބުނެލިއެވެ.

"އަހަރެން ބޭނުންވަނީ އެ ޖަނަވާރު އަންހެނާއަށް ގުޅޭނެ ފޯނު ނަންބަރު. އަހަރެން ހަޔާތުގައި އެއްފަހަރު އަދި ފަހުފަހަރު އޭނަ އާ ބައްދަލުކޮށްލަން ބޭނުން" އާވާ ވާހަކަދެއްކިއެވެ.

"އޯކޭ. އެވީއަށް ނަންބަރަށް މެސެޖް ކޮށްލާނަން. އެކަމަކު ބައްދަލުކުރަން ދިޔުމުގެ ކުރިން އަހަރެން ކައިރީގަ ބުނެލަންވާނެ. އޭރުން އަހަރެންނަށް އެވީއަށް ވާނުވާ ބެލޭނީ. އޭނަ އެވީއަށް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ" މާހިލް ވާހަކަދެއްކިއެވެ.

"ހޫމް.. ބުނާނަން އިނގޭ. އެ އަންހެނާއަށް އަހަރެންނަށް އެއްވެސް ގޮތެއް ނެހެދޭނެ. އަހަރެންގެ ވެރި ރައްބު އެކަހަލަ މީހުންގެ ކިބައިން އަހަރެން ރައްކާތެރި ކުރައްވާނެ. އެކަލާނގެއަށް އަހަރެން އަބަދުވެސް އިތުބާރުކުރާނަން" ޔަޤީންކަމާއެކު އާވާ ވާހަކަދެއްކިއެވެ.

ކާރުގެ ޑިކީއަށް ފޮށި އެރުވުމަށްފަހު މާހިލް ގޮސް ކާރަށް އެރިއެވެ. އޭރު އާވާ ޝީޓުގައި ހަމަޖެހިލާފައި ބެލްޓް އަޅައިފިއެވެ. މާހިލް ދުއްވާލުމާއެކު ވިސްނުންތަކަށް އާވާ ގެއްލިއްޖެއެވެ. ދުއްވަން އިން މާހިލްއަށް އާވާ ބަލައިލީ މާހިލް އަނގައިން އެއްވެސް ބަހެއް ނުކިޔާ އިނުމުންނެވެ.

"ކިތައް ދުވަސް އޭނަ ދިނީ…" އާވާ އަހައިލިއެވެ.

"ތިންދުވަސް. މިއަދު މިއީ ތިންވަނަ ދުވަސް" މާހިލް ބުނެލިއެވެ.

"މި ހިތަށް އަރަނީ މަންމައާއި ބައްޕަ ކައިރީގައި ކީކޭބާއޭ ބުނާނީ. ހާދަ ސުވާލެއް އެމީހުން ކުރާނޭ" އާވާ ވާހަކަދެއްކިއެވެ.

"އަހަރެން ބުނާގޮތަށް ބުނޭ. އަހަރެމެން ކުރިމަތި ލައިގެން މިއުޅޭ ކަންތަކުން ކާމިޔާބު ލިބޭނީ ދިރިއުޅުން ސަލާމަތް ކުރުމަށްޓަކައި ދޮގުހަދަން ޖެހިއްޖެ ހާލަތެއްގައި ދޮގުވެސް ހަދައިގެން" މާހިލް ބުނެލިއެވެ.

ކުއްލިއަކަށް މާހިލް ކާރު މަޑުކޮށްލިއެވެ. އާވާ މާހިލްގެ މޫނަށް ބަލައިލިއެވެ.

"ގެއަށް އާދެވުނީ…." މާހިލް ބުނެލިއެވެ. އާވާ ކުރިމައްޗަށް ބަލައިލިއެވެ. ތެދެކެވެ. ގެއަށް އާދެވިއްޖެއެވެ. ވާހަކައިގައި އިނުމުން އޭނާއަށް ނޭނގުނީއެވެ. މާހިލް އާ ވަކިވާ ވަގުތު ޖެހުނީއެވެ. އާވާ މާހިލްގެ މޫނަށް ބަލައިލިއިރު ދެލޯ ވަނީ ކަރުނުން ބަރާވެފައެވެ.

"އަހަރެންނަށް ނުގުޅޭނެތީ އެންމެ ދެރަވަނީ. އެކަމަކު ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށް. ރަނގަޅަށް ކައިގެން ހުންނާތި އިނގޭ. މާބޮޑަށް ފިކުރު ނުކުރާތި. މާޔާމެން އައިމަ އަހަރެންގެ ސަލާމް ބުނެދޭތި" އާވާ ވާހަކަދެއްކިއެވެ. މާހިލް ބޯޖަހައިލިއެވެ.

"އެވީ… ހަޔާތުގަ ފުރަތަމަ ފަހަރަށް އަހަރެން މިތައްޔާރުވަނީ ވަރުގަދަ ހަނގުރާމައަކަށް. އެވެސް އަންހެނަކާ އެކު. އަހަރެންނަށް ހެޔޮގޮތް ވުމަށް އެދި ދުޢާ ކޮށްދެއްޗޭ…." މާހިލް ވާހަކަދެއްކިއެވެ.

"އަބަދުވެސް…" އާވާ ބުނެލިއެވެ. މާހިލް އާވާގެ ދެއަތް ތިލައިގައި ހިފާ ފިތާލިއެވެ. ދެ އަތުގައި ބޮސްދިނެވެ. ފަހު ވަގުތު އެކަކު އަނެކަކުދެކެ ވާ ލޯބި ކަޅު ބިއްލޫރި ޖެހި ކާރުގެ އެތެރޭގައި ސާބިތުކުރިއެވެ. ދެ ތުންފަތުން ލޯބީގެ ހަދިޔާ ބަދަލުކުރިއެވެ. ވަރަށް ހިތްދަތި ވަގުތުކޮޅެކެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟