"ހާދަ ލޯބިކޮށް ތިބުނީ…" ލަދުރަކި ހިނިތުންވުމަކާއެކު އަނުމް އެސްފިޔަތައް ތިރިކޮށްލުމާއެކު އާރިޔަންއަށް ހެވިއްޖެއެވެ. އަނުމްގެ މޫނާއި މޫނު ގާތްކޮށްލާފައި އަނުމްގެ ނޭފަތުކޮޅުގައި އާރިޔަން ބޮސްދިނެވެ.
ކޮޓަރީގައި ދެކޮޅަށް ހިނގަން ހުރި ނާސިހަށް އެތެރެއަށް ވަން ފަލަކްނާޒް ފެނުމާއެކު ހުއްޓުނެވެ. ރުޅިވެރިކަމާއެކު ފަލަކްނާޒަށް ބަލަހައްޓައިގެން ހުރިއިރު އެތެރެހަށީގައި ކެކިއަރަމުން ދިޔަ ރުޅިގަނޑު މައިތިރިކުރެވޭތޯ ފުންކޮށް ނޭވާތަކެއް ކަމުން ދިޔައެވެ.
"ނާސިހް ނުޖެހޭ ތިގޮތަށް އަހަރެންނާ ވާހަކަދައްކަން…." ފަލަކްނާޒް ހަޅޭއްލަވައިގަތެވެ.
"ހުއްޓާލާ… ކަލޭގެ ތި ދުލުން އެންމެ ލަފްޒެއް ބުނާއަޑު އަހަންވެސް އަހަރެން ބޭނުމެއްނޫން. ފަލަކްނާޒް ހިތަށް ނާރުވާތި އަހަރެން ބައެއްފަހަރު ހިމޭނުން ހުންނަނީ ކަލޭދެކެ ބިރުންނޭ. އަހަރެން ކުޑަވެސް ޖެހިލުމެއްނުވޭ. އަހަރެން ބުނަން ބޭނުންވަނީ އެންމެ އެއްޗެއް. އަހަރެންގެ އަނުމް އާ ގުޅުވައިގެން ދެން އެންމެ ލަފްޒެއް ބުންޏަސް ތި އަނގައިގެ ތެރޭގައި އެންމެ ދަތެއްވެސް ނުބަހައްޓާނަން" ފަލަކްނާޒް މޫނަށް އިނގިލިން އިޝާރާތްކޮށް ނާސިހް ވާހަކަދެއްކިއެވެ. ފަލަކްނާޒް ޖެހިލުންވިއެވެ. އެހެންވިޔަސް ނާސިހަށް ދޫކުރުމުގެ ވިސްނުމެއް އޭނާގެ ނެތެވެ.
"ހެޔޮ ތަޅާ މެރިޔަސް. އެ އަނުމް މަގޭ އާރިޔަން އާ ގުޅެން އަހަރެން ބޭނުމެއްނޫން" ފަލަކްނާޒް ނާސިހަށް ދެލޯ އަޅާލަމުން ބުނެލިއެވެ.
"އާރިޔަން އަނުމް އާ އިންނަން ބޭނުންވެގެން އަހަރެންގެ ހުއްދައަކަށް އެދިއްޖިއްޔާ އަހަރެންގެ ދަރިފުޅަށް ވަލީ ދޭނަން. ކަލެއަކަށް އަހަރެން ނުހިފެހެއްޓޭނެ. އަހަރެން އެދޭ ގޮތަކީވެސް އަނުމް ކައިވެންޏަށްފަހު އަހަރެންގެ ލޯމަތީގައި ހުންނަން" ނާސިހް ބުނެލިއެވެ.
"ޗި… ތިއީ ދުވަހަކުވެސް ވާނެ ކަމެއްނޫން. އަހަރެން ތިކަން ވިޔަކަ ނުދޭނަން" ފަލަކްނާޒް ބުނެލިއެވެ.
"ބޮޑުވެފަ ހުރި ޒުވާން ފިރިހެން ދަރިއެއްގެ ހިތް މަތީގައި ކަރުދާސް އަޅަން ކަލޭ ތިއީ ކާކު؟ އެކަން އާރިޔަން ކުރާނެ. އާރިޔަން ލައްވާ އެކަން ކުރުވާނީވެސް އަހަރެން" ނާސިހް ބުނެލިއެވެ.
"އަހަރެންނާ އާރިޔަން އާ ދެމެދަށް ވަންނަން ނާސިހަކަށް ނުޖެހޭނެ. ތިޖައްސަނީ މަޔަކާ ދަރިޔަކާ" ފަލަކްނާޒް ބުނެލިއެވެ.
"ތިމާގެ ދަރިންގެ ފަރާތުން ކަމެއް ރަނގަޅުކުރަން ތިމާ ބޭނުންވެއްޖެނަމަ ނޫނީ އެ ދަރިންގެ ފަރާތުން މަޔަކަށް ދޭންވާ އިހުތިރާމާ ލޯތްބާ އެ ދަރިންގެ ފަރާތުން ބޭނުންވާނަމަ އެންމެ ފުރަތަމަ ތިމާގެ ފިރިމީހާއަށް އިހުތިރާމް އަދާކުރަން ދަސްކުރޭ. އެއަށްފަހު އެހެން ކަމަކަށް އުންމީދުކުރޭ. މަރަކީ މީހާ ދައުވަތު ދިނީމަ އަންނަ އެއްޗެއް ނޫން. ވަގުތު ޖެހުނީމަ ކިތަންމެ ބާރުގަދަ މީހެއް ނަމަވެސް ޖެހޭނީ ދެއަތް ފޮޅާލާފައި ދާން. ފިރިމީހާ ރުހިގެންވާ ހާލު މަރުވެއްޖެ އަންހެނެއް ސުވަރުގެ ދެއްވާނެ ކަމުގެ އުފާވެރި ހަބަރު އެކަލާނގެ ވަނީ ދެއްވާފަ. އަހަރެން ބުނަން ބޭނުންވަނީ އަހަރެން މިހުރީ ކަލެ އާ މެދު ރުހިގެނެއްނޫނޭ… މިބުނި އެއްޗެއްގެ މާނަ އަމިއްލަ ސިކުނޑިން ވިސްނާފަ އިތުރަށް ޖަދަލުކުރަން އާދޭ…" ނާސިހް ކޮޓަރިން ނިކުމެގެން ދިޔުމުން ހަށިގަނޑަށް އިތުރު ހަރަކާތެއް ގެންނަން ނޭނގިފައި ފަލަކްނާޒް ހުއްޓެވެ. ނާސިހް އެދެއްކީ ތެދު ވާހަކަތަކެއް ކަން އިނގޭ އިރުވެސް އެކަން ޤަބޫލުކުރަން އޭނާ ބޭނުމެއްނުވިއެވެ.
އާދުވަހަކަށް އިރު ފެނުން ތޮޅިލިއިރު މާހިލް އިނީ ގޯތި ތެރޭގައި ހުރި ޖޯލީގައެވެ. މިވީ ހަފްތާއެއްހާ ދުވަސް ތެރޭގައި އޭނާގެ އުޅުމަށާއި މިޒާޖަށް ވަނީ ހީނުކުރާހާ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އާވާގެ ދުރުކަން އޭނާ ހިތް ހަލާކުކޮށްލާފައި ވާއިރު ޝައިތާނާ ވަނީ އޭނާގެ ނަފްސުގެ މައްޗަށް ބާރު ހޯދާފައެވެ. ނަމާދަކަށް ނާރާ ތަނުގައި ޤުރުއާން ފޮތަކަށް ބަލައިވެސް ނުލައެވެ. ހިތަށް ވެސް ނާރަނީއެވެ. އޭނާއަށް މިހާރު ހުންނަނީ ދުވަސް ދިގުވެފައެވެ. ހިތުގައި އަބަދުވެސް ހުންނަނީ ނުތަނަވަސްކަމެއް ހަރުލާފައެވެ. އަބަދުވެސް އިންތިޒާރުކުރެވެނީ ހިތާމަވެރި ހަބަރަކަށެވެ. މުޅި މޫނު މަތީގައި ވަނީ ތުނބުޅީގެ އިސްތަށިތައް ގިނަވެފައެވެ. އެއްވެސް ކަމެއް ކުރާކަށް ހިތްވަރެއް ނުހުރެއެވެ.
ގޯތިތެރޭގައި އޭނާގެ ކާރު ޕާކް ކުރުމަށް ހިޔާކޮށްފައިވާ ގަރާޖުގެ ފުރާޅު މައްޗަށް ކޮތަރެއް އައިސް ޖެއްސުމާއެކު އޭގެއަށް މާހިލްގެ ނަޒަރު ހުއްޓުނެވެ. ގަދަ ފިޔާތޮށި ކުލައިގެ ރީތި ކޮތަރެކެވެ. އެހެން ކޮތަރުތަކާއި ބަލާފައި ބިޔައެވެ. އެ ކޮތަރާއި ތަންކޮޅެއް ދުރުގައި މުށި ކުލައަކަށްދާ ކޮތަރެއް އައިސް ޖެއްސީވެސް މާހިލް އެދިމާލަށް ބަލަހައްޓައިގެން އިންދައެވެ. އެއީ ޖެހިގެން ހުންނަ ގޭ ބަޔަކު ގެންގުޅޭ ކޮތަރު ބައިގަނޑުން އެންމެ ރީތިކަމަށް އެމީހުން ބުނާ ދެކޮތަރެވެ. ކުޑައިރުކޮޅަކުން ފެނުނު މަންޒަރަކުން މާހިލްގެ ޝައުގުވެރިކަން އިންތިހާއަށް ބޮޑުވެގެން ދިޔައެވެ. ފަހުން ޖެއްސި ކޮތަރު ކުރިން އައިސް އިން ކޮތަރާއި ކޮރަމުން ކަހަލަ ގޮތަކަށް ކައިރިވަމުން ދިޔައެވެ. އިރުކޮޅަކުން ދެ ކޮތަރު ތުނބުން ލޯބިކުރަން ފެށިއެވެ. ކަޅިޖަހާވެސްނުލާ މާހިލް ބަލަހައްޓައިގެން އިނެވެ. ވެދާނެއެވެ. އެ ދެކޮތަރުގެ ދުނިޔޭގައި ޖެހުނު މައްސަލަތައް ހައްލު އެކުރަނީ ހާދަ ލޯބިންނެވެ. މާހިލް ހިތަށް އަރަމުން ދިޔައެވެ. އެގޮތުގައި އެތައް ވަގުތެއް ދެކޮތަރު ހޭދަކުރިއެވެ.
މާހިލް ހިތަށް އެރިއެވެ. އޭނާއާއި އާވާ ވެސް އެ ދެކޮތަރު ފަދައިން ދިރިއުޅުމެއް ފެށިއެވެ. އެކަކު އަނެކަކުގެ ހުއްދަ ނެތި ވައިރޯޅިއަކަށް ވެސް އެ ދެމެދަށް ނުވަދެވެއެވެ. އާވާ ބުނާ ގޮތުގައި މާހިލް އަކީ އަބަދުވެސް އޭނާއަށް ހިޔާ އަޅައިދޭ ބޮޑު ގަހެއް ފަދައެވެ. އެގަސް ކައިރީގައި ހުއްޓާ އޭނާ ދުވަހަކުވެސް ދުރުގައި ހުންނަ ގަހެއްގެ ހިޔާވައްސަކަށް ބޭނުމެއްނުވާނެއެވެ. އެއީ ދެ ހަށިގަނޑު އެއް ފުރާނައެއް ކަމަށް އެއްދުވަހަކު މާހިލްވެސް ވަނީ އާވާ ކައިރީގައި ބުނެފައެވެ. ކައިވެނިކުރީ ހިނދުކޮޅެއް އެކީގައި ހޭދަކޮށްލާފައި ވަކިވާކަށް ނޫނެވެ. ވީއިރު އެދެމެދަށް ވެރިވެފައި މިވަނީ ކޮން ދުރުކަމެއް ހެއްޔެވެ؟ މިދުރުކަން ފިލުވާލެވޭނީވެސް މާހިލްއަށެވެ. އާވާ ހުރީ ވަރަށް ބޮޑު އޮޅުންބޮޅުންގަނޑެއްގެ ތެރޭގައެވެ. ކަމުގެ ޙަޤީޤަތް އިނގެނީ މާހިލްއަށެވެ. އެ އޮޅުންގަނޑުގެ ތެރެއިން އާވާ ނެރެވޭނީވެސް ހަމައެކަނި މާހިލްއަށެވެ. މިއަދު އާވާއަށް އެއްވެސް ޙަޤީޤަތެއް ކިޔާނުދެވި އުޅެނިކޮށް މުޅި އުމުރަށް ގެއްލިދާނެއެވެ. ޖަވާހިރެއްފަދަ އޭނާގެ ލޯބިވާ ކޮކާ މުށުން ދޫވެގެން ހިނގައިދާނެއެވެ. ފިނޑިއަކަށް ވެގެން ހުރެފިނަމަ އެކަމުގެ ފިނޑިންގެ ތާޖު މުޅި އުމުރުށް ބޮލުގަ އެޅިދާނެއެވެ.
"އެވީ!! އަހަރެން އެވީ ގެއްލުނަކަ ނުދޭނަން. އަހަރެން ކިޔައިދޭނަން. އިޝީ އެއީ ކާކު ކަން ބުނެދޭނަން. އަހަރެންނަށް އެވީ އާ ނުލާ ނޫޅެވޭނެ. އަހަރެން މިއަންނަނީ…" ދުވެފައި ކަހަލަ ގޮތަކަށް ގޭތެރެއަށް ވަދެގެން މާހިލް ދިޔައެވެ.
އެވީ….!! އެވީ…!!" މާހިލް ގޭތެރެއަށް ވަދެގެން ދަމުން އަޑު ހަރުކޮށް ގޮވަމުން ދިޔައެވެ.
ބަދިގެ ތެރޭގައި ހެނދުނުގެ ސައި ތައްޔާރުކުރަން ހުރި އާވާ ކަންފަތުގައި މާހިލްގެ އަޑު ޖެހުމާއެކު ކުއްލި ސިހުމެއް ލިބިގެން ދިޔައެވެ. ވާނީވެސް އެހެންތާއެވެ. މީގެކުރިން މާހިލް ދުވަހަކުވެސް އެހާ ބާރަށް އޭނާއަށް ގޮވާފައެއް ނެތެވެ. ބަދިގޭ ދޮރާއި ދިމާލަށް އާވާއަށް ދެވުނީ ދުވެފައި ކަހަލަ ގޮތަކަށެވެ.
"އެވީ…!!" ބަދިގޭ ދޮރުމަތީގައި ހުރި އާވާ ފެނުމާއެކު މާހިލްއަށް އޮޅުލައިގަނެވުނެވެ. އާވާއަށް ޚައިރާންކަމެއް ލިބިގެން ދިޔައެވެ.
"އެވީ… ކީއްތިކުރަނީ… އަހަރެން ވަރަށް ބޮޑު ވާހަކައެއް ދައްކަން ބޭނުން" އާވާ އޭނާގެ ހަށިގަނޑާ ދުރުކޮށްލަމުން މާހިލް ބުނެލިއެވެ.
"މި.. ސައި ހަދަނީ…" އާވާ ބުނެލިއެވެ.
"ސައި ހަދާނީ ފަހުން. އިހަށް އަހަރެންނަށް ވަގުތުކޮޅެއް ދީބަލަ. އަހަރެން މިދައްކާ ވާހަކަ އަޑުއަހާބަލަ…" އާވާ ދެއަތުގައި ހިފައިގެން ހުރެ މާހިލް ވާހަކަދެއްކިއެވެ. ޚައިރާންވެފައި ހުރެ މާހިލް އާ އެކު އާވާ ހިނގައިގަތެވެ.
ކާ މޭޒު ކައިރިން ގޮނޑިއެއް ދުރުކޮށްލާފައި އާވާ ބޭންދިއެވެ. އެއަށްފަހު މާހިލް އިށީނީ ތިރީގައެވެ. އުނގުމަތީގައި އޮތް އާވާގެ ދެއަތް ތިލައިގައި ހިފަމުން އާވާގެ ދެލޮލާއޮ އޭނާގެ ލޯ އަމާޒުކޮށްލިއެވެ.
"އެވީ…!!! އިޝް… އިޝީ އެއީ އެއްވެސް މީހެއްނޫން" މާހިލް ބުނެލިއެވެ.
"އެހެން ބުނަންތަ އަހަރެން ތިގެނައީ" އާވާ ބުނެލިއެވެ.
"އެވީ…! އަހަރެން މިއުޅެނީ ހުރިހާ ޙަޤީޤަތެއް އެވީއަށް ކިޔައިދޭން. ވިސްނައްޗޭ. އަހަރެންނަށް އިތުބާރު ކުރައްޗޭ. އިޝީއަކީ އޭނާގެ އަސްލުނަމެއް ނޫން. އޭނާއަށް ކިޔަނީ ނައިޝީ" މާހިލް ވާހަކަދެއްކިއެވެ.
"އެއީ މާހިލްގެ ކާކު…؟" އާވާ އަހައިލިއެވެ.
"އެއީ މީގެ އަހަރުތަކެއް ކުރިން އަހަރެންގެ ލޯބިވެރިޔެއްގެ މަގާމުގައި ހުރި އަންހެނެއް. މާޒީގައި އަހަރެންނަށް އުޅެވިފައިވަނީ ވަރަށް ހުތުރު ދިރިއުޅުމެއް. އެ އަންހެނާގެ ދިރިއުޅުން އަހަރެންނަށް ވަނީ ހަލާކުކުރެވިފައި. އޭނަ އެ އުޅެނީ އެކަމުގެ ބަދަލުހިފަން" މާހިލް ވާހަކަދެއްކިއެވެ.
"އެކަމަކު… މިހާރު އޭގެ ބަދަލު ހިފައިގެން އޭނައަށް ވަނީ ކޮން ފައިދާއެއް؟ މާހިލް ތެދެއްތަ ތިބުނަނީ..؟" އާވާ އަހައިލިއެވެ.
"ތިއީ އަހަރެންގެ ހަލާލު އަނބެއްކަން ޔަގީންވާ ފަދައިން އަހަރެންނަށް ޔަގީންވާ ކަމެއްގެ ވާހަކަ މިބުނީ. އަހަރެމެންގެ ދިރިއުޅުމަށް އޮތް ބޮޑު ހުރަހެއް އެއީ" މާހިލް ބުނެލިއެވެ.
"ކީއްވެ ތިވާހަކަތައް ކުރިން ނުބުނީ. އަހަރެން މާހިލްއަށް އެއްވެސް ޝައްކެއްކުރަން ބޭނުމެއްނޫން. މާހިލް އޭނަ އާ ބައްދަލުކުރަންތަ؟" އާވާ އަހައިލިއެވެ.
"ދޮގެއް ނަހަދާނަން. ބައްދަލުކުރިން. އަހަރެން ބޭނުވެގެނެއްނޫން. މަޖުބޫރުވެގެން" މާހިލް ބުނެލިއެވެ.
"އަންހެނަކު ހަމަ އެއްޗެއް ބުނެލާއިރަށް ހަމަ އެހާ ބިރުގަނޭތަ މާހިލް. ކޮންއިރަކު ތިހާ ފިނޑިވީ" އާވާ އަހައިލިއެވެ.
"އަހަރެން ފިނޑިއަކަށް ހެދީ އެވީ ދެކެ ވެވުނު ލޯބި. އެއީ އެވީ ތި ހިތަށް އަރާވަރަށް ވުރެވެސް ނުރައްކާތެރި އަންހެނެއް. އޭނަ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ. އަހަރެން ބޭނުމެއްނޫން އެވީ އަހަރެންގެ އަތުން ބީވާކަށް" އާވާގެ ދެއަތުގައި ބޮސްދެމުން މާހިލް ވާހަކަދެއްކިއެވެ.
"އަހަރެން އޭނަ އާ ބައްދަލުކުރަން ބޭނުން. ވިސްނަދޭން ބޭނުން. މާހިލް ބުނެފާނަންތަ އަހަރެން ބައްދަލުކުރަން ބޭނުންވާ ވާހަކަ" އާވާ ވާހަކަދެއްކިއެވެ.
"ބުނެފާނަން. އެކަމަކު ތިކަން ވާނެހެން ހިއެއްނުވޭ" މާހިލް ބުންޏެވެ.
"މާތްﷲ ހެޔޮގޮތް އިރާދަކުރެއްވި އަޅަކު ބަލިކޮށްލެވޭނެ އެއްވެސް އިންސާނަކު މިދުނިޔޭގައި ނުހުންނާނެ. އެކަލާނގެ އަށް ވުރެ ބާރުގަދަ އެހެން އެއްވެސް ފަރާތެއްނުވޭ. މާހިލް ކޮންކަމަކާ ހާސްވަނީ. ތިވާހަކަތައް ބުންޏަސް އަހަރެން ހާހެއްނުވޭ. އަހަރެމެން ދެމަފިރިން ދެމެދުގައިވާ މިވާ ޠާހިރު ލޯތްބަށް އަބަދުވެސް އަހަރެން އިތުބާރުކުރާނަން. ދުނިޔެއަށް ނޭވާލާހާ ހިނދެއްގައި އެ އިތުބާރު ދެމިއޮންނާނެ" އާވާ ވާހަކަދެއްކިއެވެ.
"ކުޑަ ހިނދުކޮޅަކަށް އަހަރެން ދުނިޔެމަތިން ފޫހިވެ ހެއްދެވި ފަރާތުގެ ރަޙްމަތުން އުންމީދު ކަނޑާލެވިއްޖެ. ދެން އެހެންވިޔަކަ ނުދޭނަން. އަހަރެންގެ މައްޗަށް ޝާއިތާނާ ގަދަވިޔަކަ ނުދޭނަން. ޝައިތާނާ ހުންނާނީ އަބަދުވެސް އަހަރެންގެ ދުޝްމިނެއްގެ ގޮތުގައި" މާހިލް ވާހަކަދެއްކިއެވެ.
"އަހަރެންގެ ފިރިމީހާ ދީނީ ކަންތައްތަކާ ދުރުވެފައި ހުރިކަން އަހަރެންނަށް އިނގޭ. އަހަރެން ހާދަ ދުޢާއެއް ކުރީމޭ" އާވާ ބުންޏެވެ.
"އެވީ..! އެވީ އަހަރެންނާ އެހީވާނަންތަ ނައިޝީ ބަލިކޮށްލަން. އަހަރެމެންގެ ދިރިއުޅުމާ ކުރިމަތިވާ ކޮންމެ މުސީބާތަކާ ދެމީހުން އެއްކޮށް ކުރިމަތިލާން" މާހިލް ވާހަކަދެއްކިއެވެ. އާވާ ބޯޖަހައިލިއެވެ.
"އަދި އެއްވާހަކަ. އެވީ އަހަރެން ކައިރީގައި ވަޢުދުވޭ ދުވަހަކުވެސް ދެވަނަ އަންބެއްގެ ވާހަކަނުދައްކާނަން ކަމަށް. އިތުރު އަންހެނަކަށް އަހަރެން ބޭނުމެއްނުވޭ. އެވީ އަހަރެންނަށް ފުދޭ. ތިނޫން އެހެން އަންހެނެއް މިދުނިޔެއިން އަހަރެންނަށް ހަރާން. އެފަދަ ހާލަތަކަށް އަހަރެންގެ ދިރިއުޅުން ދިޔައިއްޔާ ދެވަނަ އަންބަކާ މެދު އަހަރެން ވިސްނާނަން" މާހިލް ވާހަކަދެއްކިއެވެ.
"އަހަރެން ވައުދުވަން. ދުވަހަކުވެސް ތިނޫން ލޯތްބެއް ބޭނުމެއްނޫން. އެގޮތަށް ރުޅިއިސްކުރެވުނީތީ އަހަރެންނަށް މަޢާފްކުރޭ…" އާވާ ބުނެލިއެވެ.
މާހިލް އާވާގެ އުނގުގައި ބޯއަޅާލިއެވެ. އޭނާގެ ހިތަށް ދުވަހަކުވެސް ނުލިބޭހާ ހިތްހަމަޖެހުން ލިބިއްޖެއެވެ. އޭނާ މަގު ގެއްލި ދުނިޔެއަށް ގިނަވާން ތައްޔާރުވެފައި ވަނިކޮށް ހެއްދެވި ފަރާތުން އޭނާ ސަލާމަތުގެ އައްސޭރިއަށް ގެނެސްދިނީތީ އެކަލާނގެއަށް ފަށްފަށުން ޙަމްދާއި ޝުކުރު ކުރިއެވެ. މާހިލްގެ އިސްތަށިގަނޑުގައި އާވާ ފިރުމަމުން ދިޔައިރު އޭނާގެ ލޮލުން އުފާވެރިކަމުގެ ކަރުނައެއް ވެއްޓި މާހިލްގެ އިސްތަށިގަނޑުގެ ތެރެއަށް ހިނދިގެން ދިޔައެވެ.
ކައިރި ފިހާރައަކުން ތަރުކާރީ ގަނެގެން ގޭތެރެއަށް ވަން އަނުމް އޭނައާއި ދާދި އެކުގައި ވަން އަންހެންކުއްޖާއަށް ބަލައިލިއެވެ. އަނުމް ހިނިތުންވުމެއް ދިނަސް އެ އަންހެންކުއްޖާ ހީނުލިއެވެ. އެ އަންހެންކުއްޖާ ލިފްޓަށް އެރުމުން އަނުމް މިސްރާބުޖެހީ ސިޑިއާއި ދިމާލަށެވެ.
އެޕާޓްމަންޓް ދޮރުމަތީގައި ހަމްނާ ހުރިތަން ފެނުމުން އަނުމް ޚައިރާންވިއެވެ. އެގެއަށް އައި ކުއްޖެއްހެން ހީވުމުން އަނުމް ދޮރުނުހުޅުވާ މަޑުކޮށްލައިގެން ހުއްޓެވެ. އަނުމް ބަލަހައްޓައިގެން ހުރިގޮތުން ޙަމްނާ ބަލައިލީ ފޫހި ވައްތަރަކަށެވެ.
"ވަޓް….؟ ކޯޗެއް ފެންނަނީތަ؟" ޙަމްނާ ބުނެލިއެވެ.
"މިގެއަށް އައި ކުއްޖެއްތަ؟" އަނުމް އަހައިލިއެވެ.
"އާނ. އާރިޔަން ކައިރިއަށް. ތިއީ މިގޭ ކުއްޖެއްތަ؟ އޯވް… މިގޭ މެއިޑް ދޯ" ޙަމްނާ ބުންޏެވެ.
"ތިއީ…؟" އާރިޔަން.. ތިއީ އާރިޔަންގެ…." އަނުމް އަހައިލިއެވެ.
"އިންނަން އުޅޭ ކުއްޖާ. ނޭނގޭތަ؟" ޙަމްނާ އަހައިލިއެވެ.
"ހިނގާ އެތެރެއަށް…" އަނުމް އަތުގައި އޮތް ތަޅުދަނޑިން ގޭދޮރު ހުޅުވާލާފައި ވަނެވެ. އެވަގުތު އެއީ ފަލަކްނާޒް ކޮޓަރިން ނިކުތް ވަގުތެވެ. ޙަމްނާ ފެނުމާއެކު ފަލަކްނާޒްގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ.
"އަސްތާ ދަރިފުޅުތަ؟ އަންގާވެސް ނުލަމެއްނު. ސައިބޮއެގެންތަ ތިއައީ" ފަލަކްނާޒް އެދިޔަ ބާރުމިނުގައި ޙަމްނާގެ ހަށިގަނޑުގައި ބައްދައިލިއެވެ.
"އާރިޔަން ފޯނެއް ނުނަގާ. ނުފެންނަތާ އެހާ ދުވަސްވެއްޖެ. އެހެންވެ މިއައީ" ޙަމްނާ ބުނެލިއެވެ.
"އެހެންތަ. މިދުވަސްކޮޅު ވަރަށް ބުރަކޮށް އެ އުޅެނީ. އެބައުޅޭ ކޮޓަރީގަ. ދޭބަލަ. މަންމަ ސައިހަދާފަ ގޮވާލާނަން" ފަލަކްނާޒް ބުނެލިއެވެ.
ފެންނަމުންދާ މަންޒަރު ނުފެންނަކަމަށް ހަދާފައި ބަދިގޭގައި އުޅުނު އަނުމްއަށް ނަޒަރެއްދެމުން ފަލަކްނާޒް ތުންފަތަށް ވިހަ ހިނިތުންވުމެއް ވެރިކޮށްލިއެވެ.
ޓަކިވެސް ޖަހައިނުލާ ޙަމްނާ ކޮޓަރިއަށް ވަންއިރު އާރިޔަން ލެޕްޓޮޕް ހިފައިގެން އެނދުގައި އިނެވެ. ޙަމްނާ ފެނުމާއެކު އާރިޔަން ފުންމައިގެން ތެދުވިއެވެ. ވަގުތުން އޭނާގެ މުޅި މޫޑު ގެއްލުނެވެ.
"ކަލޭ.. ކަލެއަށް ކާކު މިގެ ދެއްކީ..؟" އާރިޔަން ބުންޏެވެ.
"އަހަރެންނަށް މިގެ ނޭނގެންޏާ ދެން ކާކަށް އިނގޭނީ. މިއައީ އާރިޔަން ނުފެންނާތީ ހަމަ ދެކިލާހިތުން ކެތްނުވެގެން" ޙަމްނާ ބުންޏެވެ. އާރިޔަންގެ އެނދަށް އަރާ ދެފައި ވަށްކޮށްލިއިރު ހީވީ އެއީ އޭނާގެ އަމިއްލަ އެނދު ހެންނެވެ.
"ކީއްވެ ތިތެދުވީ؟ އާދެބަލަ އިށިންނަން. އަހަރެން ކައެއް ނުލާނަމޭ" އާރިޔަން ބުނެލިއެވެ.
"ކޮންހައިސިއްޔަތަކުން ކަލޭ މިތަނަށް ވަދެ މަގޭ އެނދަށް އަރާ ތިއިންނަނީ" އާރިޔަންގެ އަޑުގައިވީ ހިތްހަމަނުޖެހުމާއި ރުޅިވެރިކަމެވެ.
"އާރިޔަންގެ ވާންއުޅޭ އަނބިމީހާގެ ހައިސިއްޔަތުން" ޙަމްނާ ބުނެލިއެވެ.
"އަހަރެން ކަލެ އާ އިންނާކަށް ނޫޅެން. އަހަރެން ކަލެ އާ އިންނަން އެއް އިރެއްގައިވެސް ނޫޅެން" އާރިޔަން ބުނެލިއެވެ.
"އެހެންވެތަ ރަންކިޔަން މީހުން ފޮނުވީ" ޙަމްނާ އަހައިލިއެވެ. ބާލީސް މަތީގައި އެއް އަރިއަކަށް އޮށޯވެ ނުލަފާ ވައްތަރަކަށް އާރިޔަންއަށް ބަލައިލިއެވެ.
"ކާކު ރަންކިއީ. އަހަރެން ނުދެނަހުރިން" އާރިޔަން ބުނެލިއެވެ.
"ދެން ސަމާސާ ނުކޮށްބަލަ…. ދެންމެ އަހަރެން މިގެއަށް ވަންއިރު މިގޭ މެއިޑު ދުށިން. ފޯނުކޮށްލާފަ ބުނެބަލަ ކޮފީއެއް މިރޫމަށް ގެނެސްދީބަލާށޭ" ޙަމްނާ ބުނެލިއެވެ.
އާރިޔަން ވިސްނާލިއެވެ. ޙަމްނާ މެއިޑު ކަމަށް އެހީކުރަނީ އަނުމް ކަން އޭނާއަށް ހީވެއްޖެއެވެ. އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. އޭނާގެ ސިކުނޑީގައި މޮޅު ރޭވުމެއް ރާވާލާން ނެގީ މަދު ސިކުންތުކޮޅެކެވެ.
"ތިއީ އެއްވެސް ކަމެއް ނޫން. އެއްޗެއް ނުދީ އަހަރެންވެސް ނުވޭ ޙަމް ފޮނުވާލާހިތެއް" އާރިޔަން ބުނެލިއެވެ. އަދި ފޯނު ނަގާފައި އަނުމްގެ ފޯނަށް ގުޅައިލިއެވެ.
ޑްރެސިންޓޭބަލް ކައިރީގައި ހުރި ގޮނޑި ދަމާލާފައި އާރިޔަން އިށިންނަމުން ޙަމްނާއަށް ބަލައިލިއެވެ. ޙަމްނާ ހީވީ އުދުއްސައިގަތް ހެންނެވެ. އާރިޔަންގެ ފަރާތުން އެކަހަލަ އިޝާރާތަކަށް އޭނާ ބަލައިތާ ކިހާ އިރެއް ހެއްޔެވެ؟
"ބައެއް ގަޑީގަ އާރިޔަން ވަރަށް ބޯހަރު" ޙަމްނާ ބުނެލިއެވެ.
"އެހެންތަ. އަދިތަ ޙަމްއަށް ތިއެނގުނީ؟" އާރިޔަން އަހައިލިއެވެ.
ދެމީހުންގެ ނަޒަރު ހުއްޓުނީ ދޮރު ހުޅުވާލާފައި ވަން އަނުމް ފެނުމުންނެވެ. ޙަމްނާ އެނދުން ތެދުވީ ހިތްހަމަނުޖެހިފައެވެ. އަނުމް އެގޮތަށް ހުއްދައެއް ނެތި ކޮޓަރިއަށް ވަނުމުން ޙަމްނާ ހިތްހަމަނުޖެހުނެވެ. އާރިޔަން އާއެކު އެހާ ލޯބިން ދެއްކި ވާހަކަތައް މެދުކަނޑާލަން ޖެހުނީތީ ޙަމްނާ އަނުމްދެކެ އިންތިހާއަށް ރުޅިގަދަވިއެވެ.
އަނުމްގެ ސޫރަ ފެނުމާއެކު އާރިޔަންގެ ހިތް ފުރިގެން އައެވެ.
"ދެން ފަހަރަކުން ދޮރުގަ ޓަކިޖަހާލާފައި ވަންނަން ހަނދާން ބަހައްޓާތި. ރީތި ގޮތްތަކެއްވެސް ނޭނގޭތަ؟" ޙަމްނާ ހިތްހަމަނުޖެހިފައި ބުނެލިއެވެ. އަނުމް ޙަމްނާއަށް ބަލައިލާފައިވެސް އެއްޗެއް ނުބުނެ ނަޒަރު ސީދާކޮށްލީ އާރިޔަން އަށެވެ.
"އޭތް.. ފާޑަކަށް އާރިޔަންއަށް ބަލާނެ ކަމެއް ނެތް. ތި ކޮފީތަށި ދޭންވީ.." ޙަމްނާ ބުނެލިއެވެ.
އަނުމް ހިނގައިގަތެވެ. ނަމަވެސް ޙަމްނާ އާ ދިމާލަކަށް ނޫނެވެ. އާރިޔަން ކުރިމަތީގައި ހުއްޓުމަށްފަހު އެ ކޮފީތަށި އާރިޔަން އަތަށް ދިނެވެ. ޙަމްނާއަށް އެމަންޒަރުން ވިސްނަންވީ އެއްޗެއް ނޭނގުނެވެ. އޭނާއަށް ފާޑަކަށް ބަލަހައްޓައިގެން ހުރެވުނީއެވެ.
"ތެންކްސް" އަނުމްއަށް ޝުކުރުއަދާކުރުމަށްފަހު އާރިޔަން ކޮފީތަށި ޑްރެސިންޓޭބަލް މަތީގައި ބެހެއްޓިއެވެ. އެއަށްފަހު އައިސް ހުއްޓުނީ އަނުމްގެ ފުރަގަހުގައެވެ. އަނުމްއަށް ބަލައިނުލެވިގެން އުޅެނިކޮށް އާރިޔަން އަނުމްގެ ހަށިގަނޑުގައި ފުރަގަހުން ބައްދައިލިއެވެ. ޤަބޫލުނުކުރެވި ފުރަތަމަ އަނުމް ދެލޯ ބޮޑުވެގެން ދިޔައެވެ. އެހެނަސް ދެވަނަ ސިކުންތުގައި އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ.
"އަނުމް…! އަހަރެންނާ އިންނާނަންތަ؟ މުޅި އުމުރަށް އަހަރެންގެ ރާނީއަށް ވެގެން ހުރެދޭނަންތަ؟ މުސްތަގުބަލުގަ އަހަރެންނަށް ލިބޭ ދަރިންގެ މަންމައަށް ވެދޭނަންތަ؟ މާތްﷲ ގަންދީހުވާ މިކުރީ. ދުވަހަކުވެސް ތިއަތުން ދުލެއް ނުކުރާނަން" އާރިޔަން ބުނެލިއެވެ. ވަގުތުން އަނުމް ބޯޖަހައިލިއެވެ. އޭނާގެ ދެލޮލުން ވަނީ ކަރުނަ ނީރާލާފައެވެ. އާރިޔަންއަށް ލިބުނު ހިތްހަމަޖެހުމުގައި އަނުމްގެ ކޯތާފަތުގައި ބޮސްދިނެވެ. އާރިޔަން ވަގުތުން އޭނާގެ ވާއަތުގެ ކުޑަ އިނގިލީގައި އަޅާފައި އިން ރިހި އަނގޮޓި ނަގާފައި އަނުމްގެ ވާއަތުގެ ކަށި އިނގިލީގައި އެޅުވިއެވެ.
މަންޒަރު ބަލަން ހުރި ޙަމްނާއަށް ހީވީ އޭނާގެ ކުރިމަތީގައި ރޮމޭންޓިކް ފިލްމެއްގެ މަންޒަރުތަކެއް ޕްލޭވަމުން ދިޔަހެންނެވެ. އެމަންޒަރުތައް އޭނާއަށް ޤަބޫލެއްނުކުރެވުނެވެ. ދެފަޔަށް ބާރުލާފައި ގޮސް ހުއްޓުނީ އާރިޔަންއާއި އަނުމްގެ ކުރިމަތީގައެވެ.
"ތިއީ ކޮން ސަމާސާއެއް؟ ކަލޭ ލަދެއްވެސް ނުގަނޭތަ؟ ބަލަ އަހަރެން މިހިރީ އޭނަ އާ އިންނަން ރަންކިޔާފައޭ…" ޙަމްނާގެ ރުޅިވެރި ބަސްތައް އަމާޒުވީ އަނުމްއަށެވެ.
"އަނުމް…! އަހަރެން ކުރިމަތީގައި މިހުރި ގޮތްކުޑަ އަންހެނާ އާ މެދު ގޮތެއް ދެން ނިންމާނީ އަނުމް" އާރިޔަން ބުނެލިއެވެ. އެހެން ބުނުމަށްފަހު އާރިޔަން ގޮސް އެނދުގައި އިށީނެވެ.
"އެހެރީ ވަން ދޮރު. ހަމަ މިހާރު މިގެއިން ނިކުމޭ" އަނުމް ޙަމްނާ އަށް ހަތަރުކަޅި ހަމަކުރަމުން ބުނެލިއެވެ.
"އައްޗީ.. ކަލޭ ތީ ކާކު މިތަނުން އަހަރެން ނެރެން" ޙަމްނާ ބުނެލިއެވެ.
"މި ތިންރޫމް އެޕާޓްމަންޓް ކުއްޔަށް ހިފާފައި ހުންނަނީ އަހަރެންގެ ބައްޕަ. އާރިޔަންއަކީ އަހަރެންގެ ދޮންމަންމަގެ ދަރިއެއް" އަނުމް އޮޅުންފިލުވައިދިނެވެ.
ޙަމްނާ ޤަބޫލުނުކުރެވިފައި ހުރުމުން އާރިޔަން ކަރުކެހިލިއެވެ.
"އަނުމް އެބުނީނު. އަވަހަށް މިގެއިންދޭ. ގޮސް ކަލެ އާ ގުޅޭ މީހަކު ހޯދައިގެން އިނދޭ. އެންމެފުރަތަމަ ދުވަހުވެސް އަހަރެން ބުނީމެއްނު އަހަރެން ލޯބިވާ ކުއްޖެއް ހުރެއޭ. އެކުއްޖަކީ ދެންމެ އަހަރެން އިންނަން އެހި ކުއްޖާ، އަނުމް. ކުޑައިރުން ފެށިގެންވެސް އަހަރެން ލޯބިވަނީ އަނުމްދެކެ" އާރިޔަން ވާހަކަދެއްކިއެވެ.
"ނޫން… މިއީ ވަރަށްބޮޑު އޮޅުވާލުމެއް….." ޙަމްނާ ދުއްވައިގަތެވެ.
"ކޮބާ ސައިހެދިފަ އެހުރީ. ހިނގާ ދަރިފުޅުމެން…." ކޮޓަރިން ނިކުތް ޙަމްނާ ފެނުމުން ބަދިގެއިން ނިކުތް ފަލަކްނާޒް ބުނެލިއެވެ.
"އަހަރެންގެ މަންމަ ކައިރިއަށް ގޮސް އަހަރެންގެ ކައިވެންޏަށް އެދި އާދޭސްކުރީ މި މަންޒަރުތައް އަހަރެންނަށް ދައްކަންތަ؟ މިއީ ރޭވުމެއްދޯ…؟" ޙަމްނާ ފަލަކްނާޒާއި ދިމާލަށް ބުނެލިއެވެ. އޭނާ އެކިޔާ އެއްޗެއް ފަލަކްނާޒަށް ފަހުމް ނުވިއެވެ.
"ކިހިނެއްވީ…؟ އާރިޔަން އެއްޗެއް ބުނީތަ؟" ފަލަކްނާޒް އަހައިލިއެވެ.
"ނޭނގެ. ބަލާލަބަލަ އޭނާ ކުޅޭ ކުޅިވަރު އަމިއްލަ ލޮލުން" ޙަމްނާ ބުނެލިއެވެ. ފަލަކްނާޒަށް އިތުރަށް އެއްޗެއް ބުނުމުގެ ކުރިން ޙަމްނާ ދުއްވައިގަނެފިއެވެ.
ދޮރުން ނިކުމެގެން ދިޔަ ޙަމްނާ އެތެރެއަށް ވަދެގެން އައި ނާސިހްގެ ގައިގައި ލައިގަތުމުންވެސް އަޅައެއް ނުލިއެވެ. ނާސިހް ފަހަތަށް އެއްފަހަރު ބަލައިލުމަށްފަހު ދެން ބަލައިލީ އާރިޔަންގެ ކޮޓަރިއާއި ދިމާލަށް ދިޔަ ފަލަކްނާޒަށެވެ.
"އާރިޔަން…" އަނުމްއާއި ވާހަކަދައްކަން އެނދުގައި އިށީނދެގެން އިން އާރިޔަން ސިހިފައި ދޮރާއި ދިމާލަށް ބަލައިލިއެވެ. މާކުރިންވެސް ފަލަކްނާޒް އަންނާނެކަން އާރިޔަން އިނގެއެވެ. އަނުމް އެނދުން ތެދުވީ ފަލަކްނާޒްގެ ފުރަގަހުން އައިސް ހުއްޓުނު ނާސިހް ފެނިފައެވެ.
"ކިހިނެއްވީ މަންމާ…؟" އާރިޔަން އަހައިލިއެވެ.
ފަލަކްނާޒް ދެލޯ އަޅައިގެން ހުރީ އާރިޔަން ކައިރީގައި ހުރި އަނުމްއަށެވެ.
(ނުނިމޭ)