"އާރިޔަން… ކީއްކުރަން ތިއުޅެނީ؟" ހިނދަކަށްފަހު ހިނދެއް އާރިޔަންގެ މޫނު އައީ އަނުމްގެ މޫނާ ގާތްވަމުންނެވެ. އަނުމްގެ އަވަސްވެފައިވާ ހިތުގެ ވިންދުގެ އަޑު އޭނާއަށް އިވެމުންދިޔައެވެ. ކަންބޮވުން އޭނާގެ ހަފަރާތުން ވަށާލައިފި އެވެ. އާރިޔަން ދުރަށްލާކަށްވެސް އޭނާ ބޭނުމެއްނުވިއެވެ.
"އާރިޔަން…" އަނުމްގެ ދެލޯ މެރިގެން ދިޔައިރު އާރިޔަންގެ މޫނު ވަނީ ނުރައްކާތެރި ދަރަޖައަކަށް އޭނާގެ މޫނާ ގާތުގައެވެ.
ތަނަށް ވެރިވެގެން ދިޔަ ހަމަހިމޭންކަމުގެ ތެރޭގައި އާރިޔަންއަށް އަނުމް ގޮވާލި އަޑު އިވުނަސް އޭނާގެ ހިތާއި ސިކުނޑި އެދެމުން ދިޔައީ އެހެން ކަމަކަށެވެ. އޭނާ އެތެރެހަށީގައިވާ އުދާސްވެރިކަމަށް މިވަގުތު އޮތް ހަމައެކަނި ފަރުވާއަކީ އަނުމްއެވެ. އަނުމް މިރޭ އެކޮޓަރިއަށް ނައި ނަމަވެސް އާރިޔަން ހުރީ އަނުމްގެ ކޮޓަރިއަށް ދާގޮތަށެވެ.
"އާރިޔަން…!! ތިއީ ރަނގަޅުގޮތެއް ނޫން… އަހަރެން ވާހަކައެއް…" އަނުމްއަށް ބުނެވުނީ އެވަރަށެވެ. އާރިޔަންގެ ހޫނު ނޭވާތަކުގެ ތެރޭގައި އަނުމްގެ މުޅި ނަފްސު ކަސްތޮޅު އަޅުވާލައިފިއެވެ. ސިކުންތަކަށްފަހު ސިކުންތެއް ފާއިތުވަމުން ދިޔައިރު ކުރެވެމުން ދިޔަ މުޅިން އާ އިހުސާސްތަކެއްގެ ސަބަބުން އަނުމްއަށް އާރިޔަންގެ ބޮލުގެ ކަނދުރާއާއި ހަމައިގާ އަތްތިލަ ޖައްސާ ގާތަށް ދަމައިލެވިއްޖެއެވެ. އަނުމްގެ އެ އަމަލު އާރިޔަންއަށް ހިތްވަރަކަށް ވެގެން ދިޔައެވެ.
ވަރުބަލިވެ ނޭވާ ނުހިފެހެއްޓޭ ހިސާބަށް ދެވުމާއެކު ދެ ޒުވާނުން މަޑުމަޑުން ދުރުވެލިއެވެ. އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބެވުނުއިރު ބަސްމޮށުންތެރިކަމަކާއި ނުލާ އެތައް ވާހަކައެއް ދައްކަމުން ދިޔައެވެ. އަނުމްގެ ދެލޮލަށް އަމާޒުވެފައިވާ އާރިޔަންގެ ދެލޮލުން އަނުމްއަށް އެތައް ވާހަކައެއް ކިޔައިދީފިއެވެ.
"އާ…އާރިޔަން… އަހަރެން…." އަނުމް ވާހަކަދެއްކޭތޯ މަސައްކަތް ކުރިއެވެ. އާރިޔަން ވަގުތުން އަނުމްއަށް ފުރަގަސްދިނެވެ.
"ސޮރީ… އަމް ސޮރީ…. އެކުރެވުނީ އަހަރެން ކުރަން ބޭނުންވި ކަމެއްނޫން. އަހަރެންނަށް އިހުސާސްތައް ނުހިފެހެއްޓުނީ…. އަމް ސޮރީ…" އަނުމްއަށް އަނގަ މަތީގައި އަތް އަޅާލެވުނެވެ. އެހާ އަވަހަށް އާރިޔަން އެކަން ކުށްވެރި އެކުރީ ކީއްވެގެން ހެއްޔެވެ؟ އެކަމުން އާރިޔަންއަށް ހިތްހަމަޖެހުމެއް ނުލިބުނީ ހެއްޔެވެ؟ ނުވަތަ މަޖުބޫރީ ކައިވެންޏެއް ކުރިމަތީގައި އޮތުމުން ހިތަށް ލިބެމުންދިޔަ ނުތަނަވަސްކަން ފިލުވާލަން އަނުމް ހަތިޔާރަކަށް ހެދީ ހެއްޔެވެ؟
އަނުމްއަށް ރޮވިއްޖެއެވެ. އޭނާ ލަސްލަހުން އާރިޔަން އާ ދުރަށް ފިޔަވަޅު އަޅަމުން ދިޔައެވެ. އާރިޔަން ބޭނުންވާގޮތެއް އޭނާއަށް ނޭނގުނެވެ. ބޭނުންނަމަ އެ ކައިވެންޏަށް ދެކޮޅު ހެދިދާނެ ނޫންހެއްޔެވެ؟
"އާރިޔަން… ތިކައިވެނި ނުކުރޭ… ޕްލީޒް…." އަނުމް ބުނެލައިފިއެވެ. އޭނާގެ އަޑުގައިވި ވޭނާ ކެކުޅުން އާރިޔަންއަށް އިހުސާސް ކުރެވި ދެފައިގެ ކަކުލުހުޅުން ވާގި ދޫވެ އޭނާ ޓައިލްސް ތަކުގެ މައްޗަށް ތިރިވެއްޖެއެވެ.
"ޕްލީޒް އާރިޔަން…." އަނުމް ދެވަނަ ފަހަރަށް ބުނެލިއެވެ. އާރިޔަންގެ ފުށުން ޖަވާބެއް ނުލިބުމުން އަނުމް އެކޮޓަރިން ނިކުމެ އޭނާގެ ކޮޓަރިއާއި ދިމާލަށް ދުއްވައިގަތެވެ. އަނުމްއަށް ނޭނގުނީ އެވަގުތުގައި އާރިޔަންގެ ހިތް ވިރިގެން ފައިބަމުންދާ ކަމެވެ. އާރިޔަންގެ ހިތުގައި ހެދިފައިވާ ޒަހަމްތަކުގައި ލޮނުމިރުސް ލެވެމުންދާ ކަމެވެ.
ފަތިސްނަމާދަށްފަހު ގޯތިތެރޭގައި އޮތް ހުސް ޖާގައިގާ މާހިލްއާއި ޝާނިމް ޖޮގިން ޖެއްސިއެވެ. އަމާޔާ ބަދިގޭގައި އުޅުނުއިރު އާވާ އަދި ކޮޓަރިން ނުނިކުމެއެވެ. އެއްފަރާތުގައި ވަކިން ހަދާފައިވާ ބޮޑު ކުޑައިގެ ދަށުގައި މާހިލްއާއި ޝާނިމް ޖައްސާލި މަންޒަރު އައިސް އަލަމާރިން އެއްޗެއް ނަގަން ކައިރިވެލި އަމާޔާއަށް ފެނުނެވެ. އޭނާ ދެ ތައްޓަށް ކޮފީ އަޅައިގެން އެދިމާލަށް ހިނގައިގަތެވެ.
"ކޮބާ އެވީ…!" އަމާޔާ އެކަނި އައުމުން މާހިލް އަހައިލި އެވެ.
"މާހިލްސަރ ކައިރީގަ ތިހެން އަހަން އުޅެނިކޮށް ތިއެހީ" އަމާޔާ ބުނެލިއެވެ.
"ކޯޗެއް އަހަން" މާހިލް ބުނެލިއެވެ.
"އެވީ ނުފެންނާތީ. ތިރިއަކަށް ނާދޭ އަދި" އަމާޔާ ބުނެލިއެވެ.
މާހިލް މޫނުމަތިން ހައިރާންކަން ފެނުނެވެ. އޭނާ ތިރިއަށް ފޭބިއިރު އާވާ ފާހާނާއިގަ އުޅުނެވެ.
"އެބަ އަންނަން ބަލާލައިފަ. ބިރުގަނެއްޖެ ތިރިއަށް ނުފައިބައޭ ބުނީމަ" މާހިލް އެތެރެއަށް ވަންނަން ހިނގައިގަތެވެ.
އެތެރެއަށް ދޮރު ހުޅުވިގެން ދިޔުމާއެކު މާހިލްގެ ދެލޯ މުޅި ކޮޓަރި ތެރެއަށް އަވަސް އަވަހަށް ހިންގައިލިއެވެ. އޭނާގެ ނަޒަރު ހުއްޓުނީ ޑްރެސިންޓޭބަލް ކައިރީގައި ފުނާ ހިފައިގެން އިނދެ އިސްތަށިގަނޑުގައި ފުނާ އަޅަމުންދިޔަ އާވާ އަށެވެ. ހެޔޮ ހާލުގައި އާވާ އިންތަން ފެނުމުން މާހިލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނާގެ ހިތުގައި ހަފަރާތުން ވަށާލެވުނު ނުތަނަވަސްކަން ހިނދުކޮޅެއްގެ ތެރޭގައި ފިލައިގެން ދިޔައެވެ.
"އެވީ….!! ހާދަ އިރެކޭ… ތިރިއަށް ނުފޭބީމަ ކަމެއް ވީކަމަށް ހީކޮށްފަ މިއައީ" މާހިލް ވާހަކަދައްކަމުން ކުރިއަށް ހިނގައިގަތެވެ.
"ހިނގާދާން. ވަރަށް ލަސްވެއްޖެ ދޯ. މާހިލް ނިކުތްފަހުން ފޯނެއް އައީ ދާމްގެ. ދޮންތަ މިހާރުވެސް ފަތިސް ނަމާދަށްފަހު ނިދާތޯ ޗެކްކޮށްލަންށޯ މިގުޅީ… ހެހެހެ… ފަހުން ފޯނާ ކުޅެން އޮށްވަ ނިދުނީ" އާވާ ވާހަކަދެއްކިއެވެ. މާހިލް ހީލަމުން އެހެން ދިމާލަކަށް ބަލައިލި ވަގުތު އާވާގެ މޫނުމައްޗަށް ހިތާމައިގެ ފަރުދާއެއް ވައްޓާލި ކަހަލައެވެ.
"ހިނގާ ދާން…" އާވާ ބުރުގާ އަޅައި ނިމުމުން މާހިލް ބުނެލިއެވެ.
އާވާއާއި އަމާޔާ ހެނދުނުގެ ނާސްތާ ކުރީ ޝާނިމްއާއި މާހިލް ނާސްތާކޮށް ނިމުނު ފަހުންނެވެ. އެދެމީހުން މިހާރު ވާނީ ލައިބްރަރީއަށް ހާއްސަކޮށްފައިވާ ބައިގައި އޮފީސް މަސައްކަތް ކުރުމުގައެވެ. އެވަގުތުތަކުގައި އާވާވެސް އަމާޔާވެސް މަސައްކަތްކުރަނީ އެތަނަށް ނުވަދެވޭތޯއެވެ. އެހެނީ ދުވާލުގެ ބޮޑުބައި އެ ދެމީހުން ހޭދަކުރަނީ އެތާ ތެރޭގައެވެ.
އެއް ސުފުރާމަތީގައި ސައިބޯން އިނަސް އާވާ ބަސްމަދުވެފައި އިންކަން އަމާޔާއަށް ފާހަގަވިއެވެ. ބިސްގަނޑެއް ކާން އާވާ ފެށިފަހުން މިހާރު ތިރީހަކަށް މިނިޓް ވެގެން ހިނގައްޖެއެވެ. އަދިވެސް އިނީ އުލުގެ ކޮޅުން އެ ހާވާލަ ހަވާލައެވެ. ކައިރީގައި އަމާޔާ އިންހެންވެސް އާވާއަށް ހިއެއް ނުވެއެވެ. އާވާއަށް ބަދަލުތަކެއް އައިސްފައިވާކަން އަމާޔާއަށް މިހާރު ވިސްނިއްޖެއެވެ. އޭނާއަށް ވިސްނާލަން ނޭނގުނީ އެ ބަދަލުގެ ފަހަތުގައިވާ ސަބަބެވެ.
ތަށި ހިފައިގެން ޒިންކު ކައިރިއަށް ގޮސް ދޮވެގެން އައިސް އަމާޔާ އަލުން ކުރިން އިންތަނުގައި އިށިން އިރުވެސް އާވާ ހަމަ އެގޮތުގައި އިނެވެ. ތައްޓަށް ފެން އަޅައިގެން އިނދެ އަމާޔާ އެބޮމުން ދިޔައީ އާވާގެ މޫނަށް ބަލަހައްޓައިގެން އިނދެ ލަސްލަހުންނެވެ. އެހުރިހާއިރުވެސް އާވާގެ ނަޒަރު ހުއްޓިފައިވަނީ ބިސްގަނޑު ލާފައިވާ ތައްޓަށެވެ.
"އެވީ…!!" އަމާޔާ ގޮވައިލިއެވެ. އާވާއަށް އަޑެއް ނީވުނެވެ.
"އެވީ….!!" ދެވަނަ ފަހަރަށް އަމާޔާ ގޮވައިލީ ތަންކޮޅެއް ބާރަށެވެ.
އާވާއަށް ތެޅިގަނެވުނެވެ. އޭނާއަށް ހީވީ ފުން ހުވަފެނެއްގައި އޮވެފައި ވަރަށް އުނދަގުލުން ދެލޯ ހުޅުވާލެވުނު ހެންނެވެ.
"މާޔާ…!! އެއްޗެއް ބުނިންތަ؟ ނިމުނީ ދޯ…. ލަސްވެފަ ދޯ ތިހިރީ" އަމާޔާ ބަލަހައްޓައިގެން ހުރިގޮތުން އާވާ ބުނެލިއެވެ.
"ކޮން ދުނިޔެއްގަ. ތެދަށް އިނގޭ ބުނާނީ. އެއްވެސް ކަމެއް ނުވެއޭ ބުންޏަސް އަހަރެންނަށް ގަބޫލެއްނުކުރެވޭނެ" އަމާޔާ ވާހަކަދެއްކިއެވެ.
"ހެހެހެ… މާބޮޑުކަމެއްނުވޭ… ހިތަށް އަރަނީ ހުވަފެނަކީވެސް ހާދަ ފާޑެއްގެ އެއްޗެކޭ. ކިތަންމެ ހިތްނޭދޭ ހުވަފެނެއްވެސް ފެނިދާނޭ" ތަށި ހިފައިގެން ޒިންކު ކައިރިއަށް ދަމުން އާވާ ބުނެލިއެވެ.
"ހޫމް… ދެން ތި ހުވަފެނުގަ ކިހިނެކޭވީ" އަމާޔާ އަހައިލިއެވެ.
"އެއީ އަހަރެންގެ ހަޔާތުން އަހަރެންނަށް ފެނުނު އެންމެ ބިރުވެރި ހުވަފެން. ހިތުން ފިލުވާލަން އުޅެއުޅެ ފިލުވައެއް ނުލެވުނު" އާވާ ބުނެލިއެވެ.
"ޖިންނި ހުވަފެނެއްތަ؟" އަމާޔާ އަހައިލިއެވެ.
"ނޫން. އެކަމަކު ޖިންނިއަކަށް ވުރެވެސް ނުރައްކާތެރި" ތަށި ހަރުގައި އަޅުވާލާފައި ފެންފުޅިން ބިއްލޫރި ތައްޓަށް ފެންއަޅަމުން އާވާ ބުނެލިއެވެ. ފެންބޮއެ ނިމިގެން އާވާ ކުރިން އިށިން ގޮނޑީގައި އިށީނެވެ. އަދި އަމާޔާގެ މޫނަށް ބަލައިލި އެވެ.
"ކުޑަކުޑަ ހިނދުކޮޅެއް. އެކަމަކު ބިރުވެރި މަންޒަރެއް" އާވާ ބުނެލިއެވެ.
"ދެން ނުތަޅުވާ ބުނެބަލަ" އަމާޔާ ބުނެލިއެވެ.
"މާހިލް… މާހިލް އުޅުނީ އަހަރެން މަރާލަން. އަހަރެން މަރުވިކަމެއް މަރުނުވާ ކަމެއް ނޭނގޭ. އޭނާ އަހަރެންގެ ކަރުގައި ހިފާ އިމާރާތަކުން ތިރިއަށް ވައްޓާލަން ބޭރަށް ވަރަށް ބޮޑަށް އަރިކޮށްގެން ހުރީ. އަހަރެން ރޮމުން ހަޅޭއްލަވަމުން ދިޔައީ. މާހިލްގެ އެއްފަރާތުން އަންހެންކުއްޖެއްވެސް އަހަރެން ދުށިން. އެކަމަކު މިހާރު އެކުއްޖާގެ މޫނެއް ހަނދާނެއްނުވޭ…" އާވާ ކިޔައިދިނެވެ. އަދިވެސް އޭނާގެ ދެއަތުން ހުރީ ހީބިހި ނަގައިފައެވެ.
"ކިހާއިރަކު ފެނުނީ…؟ މީހުން ބުނޭ ވަކި ގަޑިތަކެއްގަ ފެންނަ ހުވަފެން ސީދާވާނޭ" އަމާޔާ ބުނެލިއެވެ.
"ނޯ މާޔާ… ހުވަފެން ސީދާވަނީ ފެންނަ ގަޑިއެއްގެ ސަބަބަކުން ނޫން. އަހަރެން ހަނދާނެއްނުވޭ އެއީ ކޮންގަޑިއެއް ކަމެއް. އިނގޭ އެއްޗަކީ މާހިލްއާ ކައިވެނިކޮށްގެން މިގެއަށް އައިފަހުން އަހަރެންނަށް ވަރަށް އެހެންކަހަލަގެ ހުވަފެން ފެންނަކަން" އާވާ ބުނެލިއެވެ.
"ދެން މާބޮޑަށް ނުވިސްނާ. ހުވަފެނަކީ ބިލާހެއް" އާވާ ހިތްހަމަޖައްސައި ދިނުމަށްޓަކައި އަމާޔާ ބުނެލިއެވެ.
"ވިސްނާކަށް ބޭނުމެއްނޫން. އެކަމަކު ހިތަކުން ނުފިލާ. މިސާލަކަށް މާޔާއަށް މިކަހަލަ ހުވަފެންތައް ފެންނަނަމަ ހަމަޖެހިގެން ހުރެވޭނެތަ؟ ހުވާ މާޔާ އަހަރެން ވަރަށް ހިތްބިރުގަނޭ. ހިތަށް އަރަނީ ވަރަށް ބޮޑުކަމެއްވާށޭ އެއުޅެނީ" އާވާ ވާހަކަދެއްކިއެވެ.
"އެވީ…! އައި އަންޑަސްޓޭންޑް. އެކަމަކު ރަނގަޅޭ ހިތަށް އެރުވީމަ ހުރިހާކަމެއްވެސް ދާނީ ރަނގަޅަށް" އަމާޔާ ބުނެލިއެވެ.
މެންދުރުފަހު މާހިލް ކޮޓަރިން ބޭރަށް ނިކުތްއިރު އާވާއަށް ނިދިފައި އޮތެވެ. ޝާނިމްވެސް ފެންނާކަށް ނެތެވެ. ބަދިގެއިން ކޮފީ ހިފައިގެން ނިކުމެ މާހިލް ވަނީ ޓޮމީއަށް ހާއްސަކޮށްފައިވާ ކޮޓަރިއަށެވެ. އޭނާ ފެނުމާއެކު ފެންބޯން އޮތް ޓޮމީ ބަލައިލިއެވެ. އަދި ހަމަ އެހާ އަވަހަށް ދުވެލާފައި މާހިލް ކައިރިއަށް އައެވެ. އެއް އަތުން ޓޮމީ އުރާލައިގެން އަނެއް އަތުން ކޮފީތަށި ހިފައިގެން އައިސް މާހިލް އިށީނީ ސޯފާގައެވެ. އަދި ޓީވީ ހުޅުވާލުމަށްފަހު ކޯވީޑް 19 އާއި ގުޅިގެން ގެނެސްދެމުން ދިޔަ ޕްރެސް ކޮންފަރެންސްއަށް ލިއެވެ. ކައިރީގައި ޓޮމީ ބާއްވައިގެން ޓީވީއަށް ޝައުގުވެރިކަން ހުއްޓާލައިގެން އިންދާ އޭނާ ސިހުނީ ބޮލުގެ އިސްތަށިގަނޑުގައި މީހަކު ފިރުމާލުމުންނެވެ. ބަލައިލިއިރު ހެވިފައި އާވާ ހުއްޓެވެ.
"ނިދާފައި އޮތީމަ ނުގޮވާ ނިކުތީ. އަދިވެސް ހޮޑުލަވާތަ؟" އާވާ އަތުގައި ހިފައިގެން ޓޮމީ އޮތް ފަޅި ނޫން އަނެއް ފަޅީގައި ބައިންދަމުން މާހިލް އަހައިލިއެވެ.
"މިހާރު ރަނގަޅުހެން ހީވަނީ. އަސްލު ފުރަތަމަ މޭނުބައި ކުރަންފެށީމަ ހީކުރީ ޕްރެގްވީކަމަށް. ނެގެޓިވްކަން އިނގުނީމަ ވަރަށް ދެރަވި. އަސްލު އެހެން ހީކުރީވެސް މިފަހަރުގެ ސައިކަލްވެސް މިސްވެފަ އިނީމަ. އަދިނުވޭ ވިއްޔާ މިހެން. މިފަހަރު ކީއްވެތަ މިހެން މިވީ" އާވާ ވާހަކަދެއްކިއެވެ.
"މޭނުބައި ތިކުރަނީ އެއީ ގޭސްހެން ހީވަނީ. ތި ޕީރިއަޑް ކަންތައް ވެދާނެއްނު އެވީ ކަންތައްތަކާ މާބޮޑަށް ވިސްނަނީ ކަމަށްވެސް. ދެން އެއްޗެއް ބުނަން އިނގޭނީ ޑޮކްޓަރަކަށް. ހިނގާ ދައްކަމާ ޑޮކްޓަރަށް" މާހިލް ބުނެލިއެވެ.
"ދައްކަން މަށަށްވެސް ފެންނަނީ. އެކަމަކު މާލެ މިވަގުތު އޮތް ހާލަތުން. މިއަންނަ ވީކް ގަ ދައްކާނީ ދޯ. އެކަމަކު ވަރަށް ބޮޑަށް ދަށްބަނޑުގަ ރިއްސާ" އާވާ ވާހަކަދެއްކިއެވެ.
"އެވީ ތަންކޮޅެއް ބޮޑަށް ރެސްޓްކުރަން ފެންނަނީ. ބޭކާރު ވިސްނުންތައް ވެސް މިކުޑަކުޑަ ސިކުނޑިން ނެރެބަލަ" އާވާގެ ބޮލުގައި އިނގިލިން ޖައްސާ ފިއްތާލަމުން މާހިލް ބުނެލިއެވެ. އާވާ ހީލަމުން މާހިލްގެ ގައިގައި ބައްދައިލިއެވެ. އޭނާ ކުޑަކޮށް ދުރުވެލީ އަނެއްފަރާތުގައި އޮތް ޓޮމީ ބަލަހައްޓައިގެން އޮތްތަން ފެނުމުންނެވެ.
ދެމަފިރިން އެކުގައި ސޯފާއިން ތެދުވެގެން ކޮޓަރިއާއި ދިމާލަށް ހިނގައިގަތްތަނާ ބޭރު ދޮރު ބެލްއަޅަން ފެށި އަޑު އިވުނެވެ. އާވާގެ ހިތުގައި ނުތަނަވަސްކަމެއް ހިނގާލީ އެއީ ނާދިޔާ އޭ ހިތަށް އަރާފައެވެ. އާވާ ދޮރުހުޅުވަން ދާން އުޅުމުން މާހިލް އެކަން މަނާކޮށް އާވާ ސޯފާގައި ބައިންދާފައި ދޮރާއި ދިމާލަށް ހިނގައިގަތެވެ.
އެތެރެއަށް ހުޅުވިގެން ދިޔަ ދޮރާއެކު ކުރިމަތީގައި ތިބި ޒެރީންއާއި ކިޔާން ފެނުމުން މާހިލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. މާހިލް ބޮޑަށް ދޮރު ހުޅުވާލުމުން ޒެރީންއާއި ކިޔާން އެތެރެއަށް ވަނެވެ. އެދެމައިން މާހިލްއަށް ހިނިތުންވުމެއް ދިނަސް އަނގައިން ނުބުނެއެވެ.
"އެވީ… ދަރިފުޅާ…!" ޒެރީން ގޮވައިލި އަޑަށް ޓީވީއަށް ބަލަހައްޓައިގެން އިން އާވާ ސިހުނެވެ. ބަލައިލިއިރު ޒެރީން އައިސް އަރާ ހަމަކޮށްފިއެވެ.
"ނުބުނާތި ކޮން ދަތުރެއްހޭ… މިތާ ކައިރި ފިހާރައަކަށް އައިއްސަ ދަމުން ހިތަށް އެރީ މިގެއަށް ވަދެލާނަމޭ. ދަރިފުޅު ކައިވެނިކޮށްގެން ވަކިވިފަހުން އަދި މިގެއަށް ނާދެވޭތީއާ ވެސް އެއްކޮށް" ޒެރީން އާވާގެ މޫނުގައި ފިރުމާލަމުން ބުނެލިއެވެ.
"ވަރަށް އުފާވެއްޖެ. އެއްޗެއް ބޯލައިގެންނު ދާންވާނީ" އާވާ ބުނެލިއެވެ.
"މިއަދު މިހިރީ ރޯދައަށް. ކިހިނެއްތަ ކަންތައްތައް؟" ޒެރީން އަހައިލިއެވެ.
"ވަރަށް ރަނގަޅު. އަލްހަމްދުލިﷲ" އާވާ ބުނެލިއެވެ.
މާހިލް ވަކިން ގޮސް ލައިބްރަރީ ބަޔަށް ވަން މަންޒަރު ފެނުމުން އާވާ ކަންބޮޑުވިއެވެ. އެކަމަކު މާހިލްއަށް އެމީހުންގެ ދުރުކަން އިހުސާސް ކުރެވޭތީ ކައިރީގައި ހުންނަން ނުކެރުނީ ކަމުގައި އާވާ ނިންމިއެވެ. ވަކިން ހުރި ސޯފާގައި ކިޔާން އިނަސް އާވާ އެންމެފަހަރަކުވެސް ކިޔާންއަށް ބަލައިނުލައެވެ. އެހެންނަމަވެސް ކިޔާންގެ ނަޒަރު އާވާގެ މޫނުން ސިކުންތަކަށްވެސް ނުނެއްޓެއެވެ.
ކިޔާން ޒެރީންގެ މޫނަށް ބަލައިލި ވަގުތު ލޮލުގެ އިޝާރާތުން ޒެރީން ވާހަކަތަކެއް ދައްކައިފިއެވެ. ކިޔާން ބޯޖަހާލުމަށްފަހު އާވާއަށް ބަލައިލިއެވެ.
"އެވީ…!" ކިޔާން އާވާއަށް ގޮވައިލިއެވެ. އާވާ ބަލައިލިއެވެ.
"އަހަރެންނަށް ކަންތައްކުރެވުނު ގޮތުން ވަރަށް ލަދުގަނޭ މިހާރު. ދެރަވެސްވޭ. އަހަރެން މިއައީ އެވީ ކައިރީގައި ސޮރީ ބުނަންވެގެން. ދެން ދުވަހަކުވެސް އަހަރެން އެކަހަލަ ކަމެއް ނުކުރާނަން. އަހަރެން ބޭނުންވަނީ އެންމެކުރިންވެސް އޮތް އެކުވެރިކަން. އެނޫން އެއްވެސް އެއްޗެއް އަހަރެން ބޭނުމެއްނޫން" ކިޔާން ވާހަކަދެއްކިއެވެ. އާވާ އިނީ ގަބޫލުނުކުރެވިފައެވެ. ހަޤީޤަތުގައިވެސް ކުރެވުނު ކަންތަކާ ކިޔާން ދެރަވެފައި އިން ކަން އެ މޫނަށް ބަލައިލިޔަސް އާވާއަށް އިނގެއެވެ.
"އެވަރުކަމެއް ނޫން. އެޕޮލޮޖީ އެކްސެޕްޓެޑް. އުފާވެއްޖެ ކިޔާންއަށް ވިސްނުނީމަ" އާވާ ބުނެލިއެވެ.
"ވަރަށް އުފާވެއްޖެ މިއަދު. ތިދެކުދިން އަނެއްކާވެސް ދެ އެކުވެރިންނަށްވީމަ. އެވީ! ދެން މިވަގުތު މިދަނީ އިނގޭ. ގޭ އެއްވެސް މީހަކަށް ނޭނގޭނެ މިގެއަށް އައިކަމެއް" ޒެރީން ބުނެލިއެވެ.
"ހިނގާދާން. އެކަމަކު ވަރަށް ބޮޑަށް ފާހާނާއަށް ދާން ބޭނުންވެފަ މީނީ…" ތެދުވެލަމުން ކިޔާން ބުނެލިއެވެ.
"ދޭ މައްޗަށް. ކަނާތް ފަރާތުން ފުރަތަމައަށް އެއީ އަހަރެމެން ކޮޓަރި" އާވާ ކިޔާންއަށް ކޮޓަރި ދައްކައިލިއެވެ.
ކިޔާން ސިޑިން އަރައިގެން ދާން ފެށުމުން އަނެއްކާވެސް އާވާއާއި ޒެރީން ވާހަކަދައްކަން ފެށިއެވެ. ކިޔާން ވަޒީފާއަކަށް ދާން އުޅޭ ވާހަކައާއި ލޯބީގެގޮތުން ކުއްޖަކާ ގުޅިގެން އުޅޭ ވާހަކަވެސް ޒެރީން އާވާ ކައިރީގައި ބުންޏެވެ. އަދި ކިޔާން ވަރަށް އަވަހަށް ކައިވެންޏެއް ކުރަން ތައްޔާރުވަމުންދާ ވާހަކަވެސް ބުންޏެވެ. މާގިނައިރެއް ނުވެ ކިޔާން ސިޑިން ފައިބައިގެން އަންނަތަން ފެނުނެވެ. އާވާއާއި އަރާ ހަމަވެފައި ކިޔާން އާވާއަށް ތަފާތު ބެލުމަކުން ބަލައިލިއެވެ.
"ދަނީ އިނގޭ. މަދުމަދުން ގުޅާލާފައި ހާލު ބަލާލާނަން އިނގޭ. އެވީގެ ތިކައިވެނީގައި ބަރަކާތް ލައްވާށި…" ކިޔާން ބުނެލިއެވެ. އާވާ ހިނިތުންވެލިއެވެ.
"ދިޔުމުގެ ކުރިން އަދި ވަރަށް ބޮޑު ވާހަކައެއް ބުނަންތަ. ހިތަށް އެރީ އެވީގެ މައެއްގެ ހައިސިއްޔަތުން ބުނެލާނަމޭ" ޒެރީން ބުނެލިއެވެ. އާވާ ޝައުގުވެރިކަމާއެކު ޒެރީންއަށް ބަލައިލިއެވެ.
"އެހާ އަވަހަށް ދަރިއަކު ނުހޯދާތި. އެވީގެ ތި ރީތިކަން ގެއްލިދާނެ. އަދި މީ މަޖާކުރަންވީ ދުވަސްކޮޅެއްނު" ޒެރީން އާވާއަށް އެކަނި އިވޭ ވަރަށް ބުނެލިއެވެ. ބުނާނެ އެއްޗެއް ނޭނގިފައި އާވާ ބަލަހައްޓައިގެން ހުއްޓާ ޒެރީން އާވާގެ ގައިގައި ބައްދާލުމަށްފަހު ހިނގައިގަނެއްޖެއެވެ.
ހަފްތާއެއް ފާއިތުވެގެން ދިޔައިރުވެސް އާރިޔަން އަނުމް ކުރިމައްޗަށް ނާރައެވެ. އޭނާގެ ކެއިންބުއިމުގެ ހުރިހާ ކަމެއް ހަމަޖައްސަނީ ފުލުހުންގެ މަރުކަޒުންނެވެ. އަނުމްއަށް އެކަން އިނގި އޭނާގެ އުޅުމަށް ބަދަލުތަކެއް އަންނަމުން ދިޔައެވެ. ކެއިން ބުއިމާއި މުޅިންހެން ދުރުވެއްޖެއެވެ. ރަނގަޅަށް ނުނިދޭތީ އޭނާގެ ބޮލުގައި ވަނީ ނުފިލާ ރިހުމެއް އުފެދިފައެވެ. ގޭތެރޭގައިވެސް ރަނގަޅަށް މަސައްކަތެއް ނުކުރެވެއެވެ. ސިޓިންގްރޫމަށް ނިކުމެވިޖިއްޔާ ހުރެވެނީ އާރިޔަންގެ ކޮޓަރިއާއި ދިމާލަށް ބަލަހައްޓައިގެންނެވެ. އާރިޔަންގެ ކޮޓަރި މަރާމާތުކުރަން ބަޔަކާ ހަވާލުކޮށްގެން އުޅޭތާ ދެ ދުވަސް ވެއްޖެއެވެ. އެމީހުން ކޮޓަރި ތެރޭގައި ހަރަކާތްތެރި ވާއިރުވެސް އަނުމް އާރިޔަން ފެނޭތޯ ހޯދާ ބަލައެވެ. އޭނާއަށް އަދި ކާމިޔާބުވެފައެއް ނުވެއެވެ. ފޯނަށް ގުޅިޔަސް އާރިޔަން ފޯނަށް ޖަވާބެއް ނުދެއެވެ.
ދެ ދުވަސް ވަންދެން ގެއަށް ނައިސް ހުރުމަށްފަހު އާރިޔަން ގެއަށް އައީ އެއްދުވަހު އިރުއޮށްސުނު ވަގުތުގައެވެ. އެގަޑީގަ އަނުމް ކޮޓަރިން ބޭރަށް ނުނިކުންނާނެކަން އާރިޔަންއަށް ރަނގަޅަށް އިނގޭތީ އޭނާ ގެއަށް އަންނަން ބޭނުންވި ގަޑިއަކީ އެއީއެވެ. އެރެޔަކީ އޭނާއާއި އިންނަން ޙަމްނާ ރަންކިޔަންވެސް ހަމަޖެހިފައިވާ ރެއެވެ. އަނުމްގެ ކޮޓަރިއާއި ދިމާލަށް ބަލަމުން ގޮސް އޭނާ ހުއްޓުނީ ފަލަކްނާޒް ކޮޓަރި ދޮރުމަތީގައެވެ.
އެއްފަހަރު ޓަކި ޖަހާލުމާއެކު ފަލަކްނާޒް ދޮރު ހުޅުވައިފިއެވެ. އޭނާ އިނީ އަލަމްއަށް ފިލާވަޅު ދަސްކޮށްދޭން އެނދުމަތީގައެވެ. އާރިޔަން ފެނުމުން ފަލަކްނާޒްގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ.
"އާޔަން…. މަންމައަށް ހީވި މިރޭ އަންނާނޭ… ހެކިވެރިންނަށް މަންމަ ހޯދި ދެ ފިރިހެނުން މިރޭ އަށެއް ޖަހާއިރަށް ދާނެ އެގެއަށް" ފަލަކްނާޒް ބުނެލިއެވެ. އޭނާ ވާހަކަދައްކަމުން ގޮސް އެނދުގައި އިށީނުމާއެކު އާރިޔަން ފަހަތުގައި ހުރެ ގޮސް ފަލަކްނާޒް ކައިރީގައި ޓައިލްސްތަކުގެ މަތީގައި އިށީނދެއްޖެއެވެ.
"މާދަމާއަށް ކޮޓަރި ނިމޭނެ. އާޔަން ނުޖެހޭނެ އެއްވެސް ބިލަކާ ހަވާލުވާން. ނާސިހް ބުނި ތިމަންނަ ހުރިހާ ބިލަކާ ހަވާލުވެއްޖައީމޭ" ފަލަކްނާޒް ވާހަކަދެއްކިއެވެ. އާރިޔަން އިންގޮތުން އޭނާ މަ ގަޔާވާހެން ހީނުވާތީ ގަސްދުގައި އާރިޔަން ވާހަކަދައްކަން ފުރުސަތު ނުދޭން އުޅޭ ކަހަލައެވެ.
"ދޮންބެ ކީއްވެ މާ ދެރަވެފަ ތީނީ. ދޮންތި ނެތީމަތަ؟" އަލަމް އަހައިލިއެވެ.
"އަލަމް އަކާ ބެހޭކަމެއް ނުވެއެއްނު. ދޭބަލަ އޭނދަ ގޮނޑިއަށް މަންމަ ކިޔާދިންތަން އަމިއްލައަށް ދަސްކޮށްލަން" އަލަމްގެ ފަން އިސްތަށިކޮޅާ ކުޅެލަމުން ފަލަކްނާޒް ބުނެލިއެވެ. އަލަމް ހީލާފައި މަންމަގެ ބަސްއަހައިގެން އެނދުން ފޭބިއެވެ.
އަލަމް ގޮސް ގޮނޑީގައި ހަމަޖެހިލުމާއެކު ފަލަކްނާޒްގެ ނަޒަރު އާރިޔަންއަށް ހުއްޓުނެވެ.
"ކީކޭ ބުނަން ބޭނުންވެގެން ތިގޮތަށް ބަލަހައްޓައިގެން ތިއިންނަނީ" ފަލަކްނާޒް އަހައިލިއެވެ.
"މަންމާ!! މި ކައިވެނިކުރަން އަހަރެން ބޭނުމެއްނޫން. އަހަރެންގެ ހިތަށް ތިގޮތަށް އަނިޔާ ނުދީ" އާރިޔަން ބުނެލިއެވެ.
"މޮޅެތި ވާހަކަތައް ދައްކާނެކަމެއް ނެތް. މި ކައިވެނިކޮށްގެން ރަނގަޅު ގޮތް މެދުވެރިވާނީ މަށަކަށް ނޫން. އާރިޔަންއަށް" ފަލަކްނާޒް ތެދުވެގެން ގޮސް އަލަމާރި ކައިރީގައި ހުއްޓި ފަތް ޖަހާފައިވާ އެއްޗެހި ބަހައްޓާފައި ހުރިތަނުން އަލަމްގެ ޕިޖާމާ ނަގަމުން ބުނެލިއެވެ.
"ކޮބާތަ އަހަރެންގެ ކުށަކީ؟ މަންމަ ކީއްވެތަ އަހަރެންނަށް ކައިވެންޏެއް ކުރަން މަޖުބޫރު ތިކުރަނީ" އާރިޔަން ކޮޅަށް ތެދުވެ އަހައިލިއެވެ. ދުރުގައި އިން އަލަމްގެ ނަޒަރު އިރުކޮޅަކާ އެދިމާލަށް ހުއްޓެއެވެ.
"މިހާރު އާރިޔަން ކޮންކަމެއް ބޭނުންވެގެން ފާޑުފާޑުގެ ވާހަކަ ތިދައްކަނީ. އެގެއަށް ގޮސް އެމީހުންނާ ބައްދަލުކޮށް ރަންކިޔާ ވަގުތު އައިސް ޖެހުނީމަތަ އިންކާރުކުރަން އިނގުނީ؟ ތިއުޅެނީ އަހަރެން ލަދެއްގަ ބައްދާލާނެ ގޮތެއް ނޭނގިގެންތަ؟" ފަލަކްނާޒް ވާހަކަދެއްކިއެވެ.
"އަހަރެން އެ އަންހެންކުއްޖާއަށް ކުޑަވެސް ޝައުގުވެރިކަމެއް ނެތް. އަހަރެން ލޯތްބެއްނުވޭ. ނުވެސް ވެވޭނެ" އާރިޔަން ބުނެލިއެވެ.
"މަށަށް މިހާރު އިނގޭ ވެގެންތިއުޅޭ ގޮތް. މިގޭ ރަންނަމާރި ކޮންމެސް އެއްޗެއް ކިޔައިފި. އެ އަނުމް ކޮން ޖާދުލެއް ޖައްސައިގެން ތިއުޅެނީ އާރިޔަންއަށް. މުސީބާތެއް ކަހަލަ ދައިތަގަނޑެއް. އަހަރެން ހިތަށް އަރާ ކަރުގައި ހިފާ އެއްފަހަރުން މަރާލަންވީއޭ…." ފަލަކްނާޒް ހަޅެއްލަވައިގަތެވެ. އާރިޔަންއަށް ދެލޯ މަރާބާރުކޮށްލެވުނީ ދެލޮލަށް ޖަމާވަމުން އައި ކަރުނަތައް ހިފަހައްޓާލުމަށެވެ. އަނުމް އާ ބެހޭގޮތުން އެފަދަ ބަދު ބަސްތައް އެއްވެސް އިންސާނެއްގެ ދުލުން ބޭރުވާކަށް އޭނާއެއް ނޭދޭއެވެ.
"މަންމާ…! އަނުމް މަންމައަށް ކޮން ދެރައެއްތަ ދިނީ؟ އަހަރެން މި ކައިވެންޏަށް އިންކާރު މިކުރަނީ އަނުމް އާ އެއްވެސް ގުޅުމެއް އޮވެގެނެއްނޫން. އަހަރެންގެ ހަޔާތަށް ދުވަހަކުވެސް އަނުމް ނުގެންނާނަން. ހަމައެކަނި އަހަރެން މި ކައިވެނިން ސަލާމަތްކޮށްދީ. އަހަރެންނަށް ނުއުފުއްލެވޭވަރުގެ ބޮޑެތި ޒިންމާ އަހަރެންގެ ބޮލުގަ ނާޅުވާ" އާރިޔަން ވާހަކަދެއްކިއެވެ.
"ބޭކާރުވާހަކަ ނުދައްކާ. އާރިޔަން ޖެހޭނީ މިކައިވެނި ކުރަން. އެހެންނޫނީ އާރިޔަންއަށް ފެންނާނީ އަހަރެންގެ ފުރާނަ ނެތް މަސްގަނޑު" ފަލަކްނާޒް ބުނެލިއެވެ
"އެހެންވިއްޔާ މަންމަވެސް އަޑުއަހާ. އަހަރެން މި ކައިވެންޏެއް ނުކުރާނަން. އަހަރެން މިއީ ތި މަންމަގެ ދަރި. މި ކައިވެނި އަހަރެން ލައްވާ ކުރުވަން ދެން އެންމެ ބާރެއް މަންމަ އެޅިޔަސް މިގޭ ތެރެއަށް ވައްދަންޖެހޭނީ އަހަރެންގެ ފުރާނަ ނެތް މަސްގަނޑު" އާރިޔަން ފަލަކްނާޒްގެ މޫނަށް ބަލައިވެސްނުލާ ކޮޓަރިން ނިކުމެގެން ދިޔައެވެ. ފަލަކްނާޒަށް ހުރެވުނީ އަނގައިން ބަސްހުއްޓިފައެވެ. އާރިޔަން ބުނެފައި އެދިޔަ ބަސްތައް އަދިވެސް ހީވަނީ އޭނާގެ ކަންފަތުގެ ހިނދުރީގައި ހަރުލާފައި ހުރި ހެންނެވެ.
(ނުނިމޭ)